ދިވެހި ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައި އޮތްކަމަކީ ބޯހިޔާވެހިކަން ހޯދުން ކަމަށާއި މި ސަރުކާރުގެ މަސައްކަތަކީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ކަންކަން ހައްލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ޔޫތު ސިޓީގައި ތަރައްޤީ ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ" އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، މާލެއަކީ ހުރިހާ ދިވެހިންގެ ރަށްކަން ފާހަގަކުރައްވާ ހިޔާ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަން ސޮފްހާއަކުން ޖާގަ ހޯދާނެ މަޝްރޫއެއްކަމަށާއި، ޒުވާނުންގެ އުއްމީދުގެ ޝަހަރު ކަމުގައިވާ ހުޅުމާލޭގައި މި ތަރައްޤީ ކުރާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަކީ މާލޭގެ ތޮށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެއްކަމުގައި ވިދާޅުވެފައެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤައުމެއް ކުރިޔަށް ގެންދިޔުމުގެ އާރާއި ބާރާއި ހަކަތަހުރި ބަޔަކީ ޒުވާނުން ކަމަށާއި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ، ދިވެހި ޒުވާނުންނާއި، އެންމެ ހާލުގައި އުޅޭ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުންކަން ފާހަގަކުރެއްވިއެވެ.
މިރޭ ހުޅުމާލެ ފޭސް 2 ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވި "ހިޔާ" މަޝްރޫޢަކީ އަށްޑިހަ ހާހެއްހާ ފަރާތަށް ކުރިމަތިވެފައިވާ ބޯ ހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދެވޭނެ ބޮޑު ބިޔަ މަޝްރޫޢެކެވެ.