ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މި ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ޔޫތު ސިޓީގައި ތަރައްޤީ ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ހިޔާ" އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ ހުޅުމާލެ ފޭސް 2 ގައެވެ.

ހުޅުމާލެ ޔޫތު ސިޓީގައި ތަރައްޤީ ކުރާ މި މަޝްރޫޢުގެ ސަބަބުން އަށްޑިހަ ހާހެއްހާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޯ ހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދެވޭނެއެވެ. ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10,080 ޔުނިޓް އިމާރާތްކުރެވޭނެއެވެ. މި ޔުނިޓްތަކުގެ ތެރޭގައި 1 ކޮޓަރިއާއި، 2 ކޮޓަރިއާއި އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނެއެވެ.

މި މަޝްރޫޢުގައި ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ.

ހިޔާ މަޝްރޫޢަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި އަމަލީ މަސައްކަތް ފެށިފައިވާ 7000 ސޯޝަލް ހައުސިންގ އަދި 1530 މިޑް ޓު ހައިރޭންޖް ހައުސިންގެ އިތުރުން އަލަށް އެޅުމަށް ހަމަޖެހިފައިވާ ޔުނިޓްތަކެކެވެ.