بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑުގެ ޕާޓީއާއި، އަޅުގަނޑުގެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުގެ އެންމެހާ ލޮބުވެތި މެންބަރުން. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާ، ވަޒީފާތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން، މި ޖަލްސާ އައްސަވަމުން، ބައްލަވަމުން ގެންދަވާ އަދި ދިވެހިރާއްޖެދެކެ ލޯބިވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން. 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، ނަގަމުން އައީ ކަޅު ވިލާގަނޑެއް. ބޯވަމުން، ހަތަރު އުދަރެސް ބައްދަމުން އައީ ވަރަށް ނުރައްކާތެރި ކަޅު ވިލާގަނޑެއް. ނުރައްކާތެރިކަމާއެކީ އިންޒާރާއި، ބިރުވެރިކަމުގެ ޑަނޑޫރާ ޖެހެމުންދިޔައީ. 4 އަހަރަކީ ފަސޭހަ 4 އަހަރެއް ނޫން. މުޅިންވެސް ރައްޔިތުންނަށް އިޚްލާޞްތެރި، ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ބޭނުންފުޅުވާ އޭރުގެ ލީޑަރުންނާއި، ފަހުގެ ލީޑަރުންނާއި، ދެން ވަޑައިގަންނަވަން ތިއްބެވި ލީޑަރުންގެ އިޙްސާންތެރިކަމާއެކީ، ރައްޔިތުންނަށް ހުށަހަޅުއްވައި ދެއްވަމުން ގެންދެވި ކަންތައްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، އަޅުގަނޑުގެ އުއްމީދާއި، އަޅުގަނޑުގެ ވިސްނުމުގެ ހަތަރު އުދަރެސް ބަނަވެގެން، ބެދެމުން އައި ތަން. މި ހުރިހާ މަގުތަކަށް ﷲގެ ޙަޟްރަތުން އަޅުގަނޑު ވާގިއެދުނިން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުގެ ހުރިހާ ޙަމްދަކާއި ޘަނާ އޮތީ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް.

އަދި މި އުފާވެރި 4 އަހަރު ނިމިގެންދާއިރު، އަޅުގަނޑުގެ މިއަދުގެ ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ އެންމެހާ ޢިއްޒަތްތެރި މެންބަރުން، މުއައްސަސާތަކުގެ އެންމެހާ އިސްވެރިން، ޚިދުމަތްތެރިން، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުގެ ފިކުރަށް ތާއީދު ކުރައްވައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ އެންމެހާ ޕާލަމެންޓޭރިއަނުން އަދި ޢާންމުކޮށް އަޅުގަނޑުމެންގެ ފިކުރަށް، ދިވެހިރާއްޖޭގެ ޞުލްޙައާއި މަޞްލަޙަތަށް ލޯބިކޮށް، ދިވެހިރާއްޖޭގެ ކުރިއެރުން އަންނަންވާނެ ކަމަށް ގަބޫލުކުރާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް މި 4 އަހަރު ފުރޭ މުނާސަބަތުގައި، ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރެއްވީތީ، އަދި މި މަޤާމުގައި އަޅުގަނޑު ދެމިހުރުމަށް ވެދެއްވި އެހީތެރިކަމަށް، ކޮންމެ ބޭފުޅަކަށް ފަރުދީގޮތުން އަދި ހުރިހާ ބޭފުޅުންނަށް ޖުމްލަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު، ޠާޢަޠާއެކު ވަރަށް މަރްޙަބާ ދަންނަވައި މުބާރަކްބާދީ ދަންނަވަން.

ރައްޔިތުން ގޮވައިގެން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން، ރައްޔިތުންގެ އެންމެ އިސް ޚާދިމެއްގެ ގޮތުން ޚިދުމަތް ކުރުމަކީ ޝައްކެއްވެސްނެތްގޮތުގައި ރައްޔިތަކަށް ލިބޭނެ އެންމެ މަތިވެރި، އެންމެ ވަރުގަދަ ޝަރަފް. ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަކީ ބޮޑު އަމާނާތެއް. ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމަކީ ރައްޔިތުންގެ މައްޗަށް ބަސްކިޔާއިރުވެސް ރައްޔިތުންގެ ޚާދިމެއްކަން އަބަދުމެއަބަދު ހިތުގައި، ހަނދާނުގައި ހުރުން. ރައްޔިތުންގެ ވެރިކަން ކުރުމަކީ، ނޫނީ ރައްޔިތެއްގެ މައްޗަށް އަމުރު މަޢުރޫފް ހިންގުމުގައި ފަހުބަސްބުނާ މީހެއްގެ މަޤާމުގައި ހުންނަ މީހެއްގެ ހިތަށް އަބަދުވެސް އަންނަންޖެހެނީ، ރައްޔިތުންނާއި ރައްޔިތުންނާ ގުޅިފައިވާ އުއްމީދުތަކެއްވާކަން. ރައްޔިތުން މާޒީން ހިތި ތަޖުރިބާތަކެއް ކޮށްފައިވާނަމަ، މުސްތަޤްބަލް އުޖާލާކުރަން ބޭނުންވާނެކަން. ރައްޔިތުންނަށް، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭން ޖެހޭނެކަން. ރައްޔިތުންނަށް ބާއްޖަވެރި ދިރިއުޅުމެއް ގެނެސްދޭންޖެހޭނެކަން. އަދި އެމީހެއްގެ އެޖެންޑާއިން، އެމީހެއްގެ ވިސްނުމުން، ހަމަ ކޮންމެ ފަރުދަކު، ކުޑަކުއްޖަކަށްވި ނަމަވެސް، ދޮށީ މީހަކަށްވި ނަމަވެސް، ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ޖާގަ އޮންނަންވާނެކަން. އެކަންކަން ރައްޔިތެއްގެ ވެރިކަން ކުރާ މީހަކު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ.

އަޅުގަނޑުމެންނަށް ޚިދުމަތްތެރި ރައީސުންތަކެއް އަޅުގަނޑުމެންނާ މާޒީވެވަޑައިގެން ހިނގައްޖެ. ބައެއް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި. އެހެން ބޭފުޅުން ﷲގެ ތަނަވަސް ރަޙްމަތަށް ދަތުރުކުރައްވައިފި. 21 ވަނަ ޤަރުނުގައި އަޅުގަނޑުމެން މިއަދު މި ހޭދަކުރަނީ. 21 ވަނަ ޤަރުނު އައިއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، އަޅުގަނޑުމެން، ޤާނޫނުއަސާސީން އަޅުގަނޑުމެންގެ މައްޗަށް މަތިކޮށްފައި ހުރި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްގެ ވާހަކަ. ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެންޖެހޭނެކަން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ހަނދާންކޮށްދިނުންތަކެއް.

21 ވަނަ ޤަރުނުގައި މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށީކީ މި ޒަޢާމަތަކު ނޫން. މީގެކުރީގެ ޒަޢާމަތްތަކުން. އެހެންނަމަވެސް، ތަފާތަކީ މި ޒަޢާމަތުގައި އެބަ ގަބޫލުކުރަން، ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި، ސާފު ބޯފެނާއި، ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ނިޒާމެއް ހަމަޖެހިގެން ގޮސްފައި، ޞިއްޙީ އެތަކެއް ކަންތައްތަކަށް އެއިން ފަރުވާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ކަމެއް ކަމަށް، ރައްޔިތުންގެ ޙައްޤެއް ކަމަށް މި ސަރުކާރުން ގަބޫލުކުރޭ. އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ހުރިހާ ވަޒީރުން މިކަން އެބަ ގަބޫލުކުރައްވާ. އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުން، އަޅުގަނޑުމެންގެ ހިތުން މި ޖާގަ އެބަ ހޯދާ. އަޅުގަނޑުމެންގެ ސަރުކާރު ގަބޫލުކުރަނީ، މިއީ ރައްޔިތުންނަށް އަޅުގަނޑުމެންގެ ވަސީލަތްތައް މަދުވެގެން ނުދެވި ފަރުޖައްސައިލެވޭނެ ކަންކަމެއް ނޫންކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ ރާއްޖޭގެ ކޮންމެ ދިމާއެއްގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމަކީ، މިއަދު ދިވެހި ހުރިހާ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އަމާޒުހިފާ ވަގުތެއްގައި އެންމެ މުހިންމު، އެންމެ އަސާސީ، އެންމެ ބޭނުންތެރި ކަންތައް ކަމުގައި.

އަޅުގަނޑުމެން މިކަމާ ފިކުރުތަކެއް ކުރީމު. އަޅުގަނޑުމެން ފިކުރު ކުރަންޖެހުނު ސަބަބަކީ އަޅުގަނޑުމެން އައީކީ އެއްގޮތަކަށްވެސް އުފާވެރިކަމާއި ތަނަވަސް ބަޖެޓެއް ހިފައިގެނެއް ނޫން. އެކި މުނާސަބަތުތަކުގައި އެކި ބޭބޭފުޅުންގެ ވާހަކަފުޅުން އަޑުއިވޭގޮތުން، އަދި އަޅުގަނޑުވެސް ތަކުރާރުކޮށް އެތައް ފަހަރަކު ދަންނަވާފައި އޮތްގޮތަށް، ތިރީސްހާސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަންޏަކާއެކީ އަޅުގަނޑުމެންނަށް ވާރުތަކުރި ވެރިކަމެއް މިއީ. މިއާއެކުވެސް ރައްޔިތުންނަށް މި ދެންނެވި ކަހަލަ އަސާސީ ޚިދުމަތްތަކުގެ މަތިން، އެކަން ކުރާނީ ކިހިނެއްތޯ، އަޅުގަނޑުމެން ސިކުނޑި ގާނަންޖެހުނު. ބޯ ގާނަން ޖެހުނު.

އެހެން ސަރުކާރުތަކާ ޚިލާފަށް، މިއަދު މި ޒަޢާމަތަށް 4 އަހަރު ފުރިގެންދާއިރު، މުޅިން އުފާވެރިކަމާއެކު ނޫނަސް، މި ފިޔަވަޅުމަތީ ހުއްޓި ހުންނައިރު، ރައްޔިތުންގެ ހިތްޕުޅަށް ކޮންމެވެސްވަރެއްގެ ތަސައްލީއެއް ގެނައުމަށްޓަކައި އަޅުގަނޑުގެ މިރޭގެ މި ވާހަކަކޮޅުގައި ވަރަށްގިނަ ތަފާސް ހިސާބު ހިމެނޭނެ. ސިކުނޑިފުޅަށް ބަރުކުރުމެއް ނޫން ބޭނުމަކީ. އެހެންނަމަވެސް، އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށް ތަރައްޤީ ފަހުމްވެވަޑައިނުގަންނަވާތީ، ފެނިވަޑައިނުގަންނަވާތީ، ތަފާސް ހިސާބުން ހަމަގައިމުވެސް އެބޭފުޅުންގެ ސިކުނޑިފުޅަށް ބަރުކޮށްލުމަކީ، އަޅުގަނޑަށް މިރޭ ލިބޭ އުފަލެއް ކަމުގައި އަޅުގަނޑު ދެކޭތީ.

އަޅުގަނޑުގެ މި ވާހަކަކޮޅު އަމާޒުވަނީ މުޅި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް. އަޅުގަނޑުގެ މި ވާހަކަ ސީދާކޮށް އަމާޒުވަނީ، ތަރައްޤީ ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރުންނަށް. މި ކުރު 4 އަހަރުގެ މުއްދަތުގެ ތެރޭގައި، އެކި ފެންވަރަށް ރައްކާތެރި ބޯފެން، 3 ދަރަޖައެއްގައި އާރު.އޯ ޕްލާންޓް ބަހައްޓައިގެން، ފެން ހާރވެސްޓް ކޮށްގެން އަދި ފުރިހަމަ ނަރުދަމާގެ ނިޒާމާއި، ގޭގައި ޓެޕެއް ހުޅުވައިލީމަ، ފެން ލިބޭ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ރާއްޖޭގައި މީހުން ދިރިއުޅޭ 183 ރަށެއްގެ ތެރެއިން 135 ރަށަށް މިހާރުވަނީ ރައްކާތެރި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދީ ނިންމާފައި. ހަމައެހެންމެ، ބޮޑެތި ރަށްރަށް ހިމަނައިގެން، 37 ރަށަކަށް ނަރުދަމާގެ ފުރިހަމަ ނިޒާމު އެވަނީ ޤާއިމުކޮށްދީފައި. އަދި މިއަހަރުގެ ބަޖެޓުން އިތުރު ކަންކަމަށް މި ޖާގަ ހޯދަނީ، ބޯފެނާއި ނަރުދަމާގެ ނިޒާމު، ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހެއްގެ ތެރެއިން 75 މީހުންގެ އާބާދީ އޮންނަ ހުރިހާ ތަނަކަށް އިރާދަކުރެއްވިއްޔާ ﷲގެ ވާގިފުޅާއެކީ މިކަންކަން ފުރިހަމަކޮށްދެވޭތޯ.

ބޯފެނާއި ނަރުދަމާ ހަމަޖެހިގެންދާއިރު، އަބަދުވެސް އަޅުގަނޑަށް އަމާޒުވެގެން އަންނަ ފާޑުކިޔުމަކީ، ކުރީގައި ކުރެވިފައި ނެތް ކަންތައްތަކެއް ކުރެވުނީމަ، އެކަމާ ދޭތެރޭގައި ފާޑުކިޔާ ކިޔުންތައް. ކަރަންޓާ ބެހޭގޮތުން އޭރަކު ނުދައްކާ، ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓް ޔަޤީންކުރެވުނު ވާހަކައެއް. އެހެންވީމާ، ކިހިނެއްތޯ އެ ރަށްރަށުގެ ކަރަންޓްގެ އަގާ ބެހޭގޮތުން ވާހަކަ ދައްކާނީ؟ ބައެއް ރަށްރަށުގައި ކަރަންޓެއް ނުވެސްހުރޭ. އަޅުގަނޑުމެންގެ މަސައްކަތުން ހުރިހާ ރަށަކަށް ޖެނެރޭޓަރުތައް ހަމަކޮށް، 24 ގަޑިއިރުގެ ކަރަންޓް ހަމަޖައްސައިދިނީމަ، މިހާރު އަޅުގަނޑުމެންނަށް މި އެނގުނީ ދިވެހި ރައްޔިތުން އަދި އިތުރަށް ތަހުޒީބާއި ތަރައްޤީއަށް ބޭނުންވެފައި ހުރި މިންވަރު. މިހާރު ގިނަ ރަށްތަކުގައި ބެހެއްޓިފައި ހުރި ޖެނެރޭޓަރުތައް ކުޑަވެއްޖެ.

ހަމައެގޮތަށް، ބޯފެނާއި ނަރުދަމާގެ ނިޒާމު ހަމަޖެހިގެން ދިޔައިމަ، ދެން އަޅުގަނޑުމެން ރައްޔިތުން ސަރުކާރާ ކުރާ ސުވާލަކީ ބޯފެނުގެ އަގު ހެޔޮކުރެވިދާނެތޯ؟ ކީއްވެގެންތޯ ކުރީގެ ސަރުކާރުތަކާ މި ސުވާލު ނުކުރީ؟ ސުވާލުކުރާކަށް އެ ޚިދުމަތެއް އޭރު ރައްޔިތުންނަކަށް ނުލިބޭ. ރައްޔިތުންގެ އަތްފޯރާފަށުގައި ހުރި ޚިދުމަތަކަށްނުވާތީ. ޚާއްޞަގޮތެއްގައި މާލޭގައި އެކަނިހުރި ޚިދުމަތަކަށް ވެގެންދާތީ. މިއަދު ރައްޔިތުން އަޅުގަނޑާ ކުރާ ސުވާލަކީ، ބޯފެނުގެ އަގު، މި ދެންނެވި ނިޒާމުގެ ދަށުން ދެވޭ ބޯފެނުގެ އަގު ހެޔޮކުރެވިދާނެތޯ؟ އާދެ، މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މިޞްރާބުޖެހީ، އަދި އަޅުގަނޑުމެން މި ހޭދަކުރަނީ، އަޅުގަނޑުގެ 5 ވަނަ އަހަރުގެ ފުރަތަމަ ދުވަސް. ނޫނީވިއްޔާ 4 އަހަރު ފުރިހަމަވެގެންދާ ދުވަސް.

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑު މިކަމާ ބެހޭގޮތުން، ބޯފެނާ ބެހޭގޮތުން ރައްޔިތުންނަށް ދަންނަވަން އޮންނާނީ، އުފާވެރިކަމުގެ ޚަބަރު. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، ގެދޮރުގެ ބޭނުންތަކަށް ބޯފެން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް، ރާއްޖޭގެ ރައްޔިތުންގެ ހުރިހާ ފަރާތްތަކަށް، މާލެއާ އެއް އަގަކަށް ގެދޮރުގައި ބޭނުންކުރާ ބޯފެން، އެ އަގު ހަމަޖެހިގެންދާނެއޭ. އަޅުގަނޑު ދަންނަވާލާނަން މީގެ ނަތީޖާ. މީގެ ނަތީޖާއަކީ ކޮންމެ 10 ގެޔަކުން 9 ގެ، ނޫނީވިއްޔާ ޔޫޒަރުންގެ 92 ޕަސެންޓަށް ފެނުގެ އަގު 57 ޕަސެންޓް ތިރިވެގެންދިޔައީ. އަދި އަނެއް 8 ޕަސެންޓް މީހުންނަށް ފެނުގެ އަގު ހެޔޮވެގެން މިދަނީ 10 ޕަސެންޓާއި 32 ޕަސެންޓާ ދޭތެރޭގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފެނުގެ އަގު، އާދެ، ގެދޮރުގައި ބޭނުންކުރާ ފެނުގެ އަގު، މިއީ ޞިނާޢަތްތަކުގައި ބޭނުންކުރާ ފެނުގެ ވާހަކައެއް ނޫން. ގެދޮރުގައި ބޭނުންކުރާ ފެނުގެ އަގު، މާލޭގައި ބޭނުންކުރާ ފެނުގެ އަގުތަކަށް ހަމަޖެހިގެން އައިމަ، މި ދެންނެވި އަގުހެޔޮވުން، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ރައްޔިތުން ޙިއްޞާ ކުރައްވާނެ.

އަޅުގަނޑުމެން އަބަދުވެސް ކޮންމެ ލީޑަރަކުވެސް އަޅުގަނޑުމެންނާ ދައްކަވާ ވާހަކަފުޅުގައި ވިދާޅުވާނެ، ކުޑަކުދިންނަކީ، ޒުވާނުންނަކީ މާދަމާގެ މުސްތަޤްބަލޭ. ކުޑަކުދިންނަކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފެނުން އެދޭ ފަދައިން، އެހާވަރަށް އަޅުގަނޑުމެން ލޯބިވާ ކުދިންނޭ. ހުރިހާ އުއްމީދުތަކެއް، ހުރިހާ އުޖާލާކަމެއް، ހުރިހާކަމެއް ގުޅިފައި މިހިރީ ކުޑަކުދިންނާ. ކުޑަކުދިންނާއި، ތަޢުލީމު ޢުމުރުގައި އުޅޭ ޒުވާނުންނާ އަޅުގަނޑުމެންގެ ހުރިހާ ކަމެއް ގުޅިފައި މިހިރީ. އަޅުގަނޑުމެންގެ ވަސީލަތްތަކާއި އަދި ރާއްޖެ ކުރިއަށްދާންވީ ގޮތާއި، އަމާނާތްތައް މި ހަވާލުކުރަނީ ކުޑަކުދިންނާއި ޒުވާނުންނާ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ދުޅަހެޔޮ ޞިއްޙަތަކާއެކީ، ކުޑަކުދިންނަށް އެންމެ މުހިންމުވެގެންދާނީ ތަޢުލީމީ ދާއިރާ.

ތަޢުލީމީ ދާއިރާގެ ތަފާތު ތަފާސް ހިސާބުތަކެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ތަޢުލީމީ ދާއިރާއާ ބެހޭގޮތުން އަޅުގަނޑު ދަންނަވާނަން. މިތަނުން ރިޕޯޓެއްގައި ފެނިގެން ހިނގައްޖެ. އަޅުގަނޑު ދެންނެވީ، ސަރުކާރަކަށް ނިސްބަތްކޮށްފައި، ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރަކަށް ނިސްބަތްކޮށްފައި އަޅުގަނޑު ދެންނެވީ، މުޒާހަރާތަކަށް ނުކުމެ 24 ގަޑިއިރު، 360 ދުވަސް، އާދެ، ޖެހިޖެހިގެން 3 އަހަރު ހޭދަކުރިނަމަވެސް، ތަޢުލީމަށް ދެވޭ ފުރްޞަތުތަކުގެ ތެރޭގައި، ރާއްޖޭގެ އެންމެ ސްކޫލެއްވެސް، ނޫނީވިއްޔާ އެންމެ ކްލާސްރޫމެއްވެސް އިތުރުވެފައެއް ނޯންނާނޭ. އެއީ ޙަޤީޤަތެއް. ގަބޫލުކުރައްވާ! އަޅުގަނޑުގެ މި 4 އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑު އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ވާދަކުރައްވާ ސިޔާސީ ބޭފުޅުންނަށް، އަދި އެބޭބޭފުޅުންނަށް، އަޅުގަނޑުގެ މި ބަސް ރައްދުވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި 4 އަހަރުގެ ޒަޢާމަތުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި ކްލާސްރޫމާއި، ލެބޯރެޓަރީއާއި، އަދި އެނޫންވެސް ތަޢުލީމަށް ބޭނުންވާ ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، މި 4 އަހަރުގެ ތެރޭގައި 770 ކްލާސްރޫމް އަޅުގަނޑުމެން އަޅައިފީމުއޭ.

އިސްލާމީ އުޞޫލުން ރާއްޖޭގައި ކަންކަން ހިނގާތީ ކަންބޮޑުވާ ބޭފުޅުން މަދެއްނޫން. ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ސިޔާސީ ލީޑަރުން. އަދި އެބޭފުޅުންނާއެކީ އެބޭފުޅުންގެ ހިތްވަރުން ހިތްވަރު ލިބިގެން މަސައްކަތް ކުރައްވާ ބޭފުޅުން. ބޮޑު އިއްތިޙާދު، ފުޅާ އިއްތިޙާދުގައި ތިއްބެވި ހުރިހާ ބޭފުޅުން. ހުރިހާ ބޭފުޅުންނަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ރާއްޖޭގެ ކަންކަން ނިންމާއިރު، މިނޫން ފަތުވާއެއް އޮވެދާނެތޯ، ސުވާލު އުފައްދަވާ ބޭފުޅުން. އަދި ދިވެހިރާއްޖޭގައި އިސްލާމުގެ މަންހަޖުން، ނޮން މުސްލިމް ތިންކިންގއަށް ޖާގަ ހޯއްދަވައިދެއްވާނެ ކަމަށް އޭރު ވިދާޅުވަމުން ގެންދެވި ރައީސެއްގެ ވާހަކަފުޅަށް އަޅުގަނޑު މި އިޝާރާތް ކުރަނީ. އެއީ އެ ދުވަސް. އެ ދުވަސް ﷲގެ ރަޙްމަތާއެކީ ރައްޔިތުންނަށް ދެން އިޢާދަނުވާނެ ގޮތަކަށް މާޒީ ކުރައްވާށި! އެއީ އަޅުގަނޑުމެން ބޭނުމެއްނޫން، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ލިބިދާނެތޯ، ނޫނީވިއްޔާ އެހެންކަހަލަ ޚިޔާލާތުތަކަކަށް ޖާގަ ލިބިދާނެތޯ، ވިސްނާކަށް އަޅުގަނޑުމެން އިސްލާމީ މި ކުޑަކުޑަ މުޖުތަމަޢު ހިތަށްވެސް ނުގެނެވޭނެ. އެއީ، އެއަށްވުރެ މާ ހިތްދަތިކަން އަޅުގަނޑުމެންނަށް ގެނެސްދޭ ކަމެއް.

ރާއްޖޭގައި އިސްލާމީ އުޞޫލުތަކުން ކަންކަން ކުރާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑު ނެތިން ހުރިހާ ވާހަކައެއް ދަންނަވާކަށް. މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުގައި 42 މިސްކިތް އިމާރާތްކޮށް ނިންމައި، 42 މިސްކިތުގައި އިރާދަކުރެއްވިއްޔާ އެންމެ މަތިވެރި އަޅުކަން ކުރެވެމުން އެދަނީ. އެއީ އިސްލާމީ ޙަޟާރާތަކަށް އެންމެ މުހިންމު ބިނާ. އަދި ހަމައެއާއެކު، މިހާރު ޤުރްއާނަށް ޝައުޤުވެރިކަން ހުންނަ ކުޑަކުދިން، އާދެ، ޙާފިޡުންވެސް، 24 ޙާފިޡުން މިވަނީ ބިނާކޮށް ނިމިފައި. އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ދަރިންނަކީ ހަމައެކަނި ޢިލްމީގޮތުން ކުރިއަށްދާންޖެހޭނެ ދަރިންނެއް ނޫންކަމަށް. ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް އިސްލާމީ ޢިލްމު އުނގަންނައިދޭނެ ޔުނިވަރސިޓީއެއް ބިނާވެ، އިސްލާމިކް ޔުނިވަރސިޓީ އޮފް ދިވެހިރާއްޖެ، ނޫނީ މޯލްޑިވްސް އުފެދިގެން، އެ ޔުނިވަރސިޓީގެ ފަހި ފުރްޞަތުތައް ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެން މިދަނީ. އަޅުގަނޑު އެދެނީ ޔުނިވަރސިޓީއަށް ހުރިހާވެސް ކުރިއެރުމެއް. އަދި ދިވެހި ރައްޔިތުންނަށް މި ޔުނިވަރސިޓީގެ ތެރެއިން ވަސީލަތްތައް މެދުވެރިކޮށް، އަޅުގަނޑުމެން މި ބޭނުންވާ ހިދާޔަތުގައި ދެމިތިބުމުގެ ފުރްޞަތުތައް ﷲ ތަނަވަސްކޮށްދެއްވުން.

ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން މީގެކުރިން ހުރީ ކިހިނެއްތޯ؟ ޒުވާނުން ދިޔައީ ބިކަވަމުން، ބީވަމުން، ބިތްޖެހެމުން. ޒުވާނުން ދިޔައީ، ޒުވާނުން ނެރެ، އެމީހުންނާ ހަވާލުކުރި މަސައްކަތުގެ ތެރޭގައި، އެ މަސައްކަތްތައް އަދާކުރަމުންދިޔައިރު، ޖަލުގެ ތޭރިތަކުން ޖާގަ ހޯދަމުން. އެއީ، ޒުވާނުންގެ އެ ދުވަހުގެ ރާސްތާ ހުރިގޮތް. ނޫނީ ޒުވާނުންގެ އެ ދުވަހުގެ ދަތުރު. އަޅުގަނޑުމެން ގަބޫލުކުރީ އަޅުގަނޑުމެންގެ ދައުލަތެއްގައި އިޤްތިޞާދު، ނޫނީ ދައުލަތް ހިންގުމުގެ ޑައިނަމޯއަކަށްވާނީ ޒުވާނުން ކަމަށް. ޒުވާނުން އެދުވަހު އެކުރި ކަންތައްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ވަޒީފާއަށް ނުކުމެ، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭން، ދައުލަތް ކުރިއަރުވަން މަސައްކަތް ކުރަން ތިބި އެންމެ ނޫކަށިފުރައިގެ އެތަކެއް ޒުވާނުން ޖަލުގެ ތޭރިތަކުން ޖާގަހޯދުން. މިއީ އަޅުގަނޑުމެންގެ މަންމައިން، ބައްޕައިން އެދޭނެ ގޮތަކަށްނުވާނެ. އެއީ، އެ ދުވަސް. އެއީ، އެ ފިކުރު. އެއީ، އެ ޚިޔާލު. އެއީ، އެހެން ރައީސެއް.

މިއަދުގެ ރައީސް ޒުވާނުންނަށް ހިތްވަރުދެނީ. ޒުވާނުން އަނބުރާ މުޖުތަމަޢަށް ނެރެން މަސައްކަތް ކުރަނީ. ޒުވާނުންނަށް އިތުބާރު ކުރަނީ. ޒުވާނުންނަކީ މީހުން ކަމަށް ހަދަން މަސައްކަތް ކުރަނީ. މީހަކު މީހަކަށްވާނީ މީހަކު މީހަކަށް ހެދުމުގެ ފުރްޞަތު އެމީހަކަށް ލިބިގެން އެކަން ކުރީމަ. ޒުވާނުންނަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޤަދަރު ލިބިގެންވާ އަދި އެމީހުންނާ ދޭތެރޭގައި އަޅުގަނޑުމެން އޯގާތެރިކަމާއެކީ، އެމީހުންނާ ދޭތެރޭގައި ހަމްދަރުދީ އަޅުގަނޑުމެން އުފައްދާ ބަޔަކަށްވެގެންވާނީ. އާދެ، ޒުވާނުންނަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު. އަޅުގަނޑުމެންގެ ކަންކަން ކުރިއަށް ނެރެން ތިބި މީހުން. އޭރު ޖަލުގެ ގޮޅިން ޖާގަތައް ހޯދީ.

މިއަދު އުފަލާއެކީ އަޅުގަނޑު ދަންނަވަންޖެހެނީ، މިއަދާ ހަމައަށް އައިއިރު، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، މި ދެންނެވި ޒުވާނުންގެ ތެރެއިން ޤައިދީންގެ ތެރެއިން 429 ޤައިދީން އެވަނީ މިންޖުކޮށް އަދި ވަޒީފާއެއްގެ ފުރްޞަތު ހޯދުމަށް އެމީހުން އެވަނީ މިނިވަންކުރެވިފައި. 429 ޤައިދީން އެވަނީ ދޫކޮށްލެވިފައި. ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުއްމީދުތަކެއް އެބަހުރި. ޒުވާނުންގެ ތެރޭގައި، މި ދެންނެވި ޤައިދީންގެ ތެރޭގައި ފަންނުވެރި ކުދިން އެބަތިބި. އާމްދަނީ ހޯދޭނެ ކުދިން އެބަތިބި. ޝައްކެއްވެސްނެތްގޮތުގައި، ޙަޔާތެއް ބާއްޖަވެރިކުރާނެ ކުދިން އެބަތިބި. ނޫނީވިއްޔާ ދިރިއުޅުމެއް ފަށާފައި ތިބި ކުދިން މީގެތެރޭގައި އެބަތިބި. މިއީ އެއްފަހަރާ އަޅުގަނޑުމެންގެ ސަރުކާރުން ޒުވާނުންނަށް ދެވޭނެ އެންމެ ރަނގަޅު އެއް މެސެޖް. 429 ޤައިދީން ވީއްލިގެން މި ދިޔައީ.

އަބަދުވެސް ޒުވާނުންނަކީ އެމީހުންގެ އުޅުމުގެ ތެރޭގައި ޠަބީޢަތުގައި ކަންކަން ތަޖުރިބާ ކުރާނެ މީހުން. ލާނެތް ކަންތައް ކުރާނެ މީހުން. ޤާނޫނުގައި އޮތީ ކީކޭތޯ އެހާބޮޑަށް އެނގޭނެ މީހުންނެއް ނޫން. ނޫނީވިއްޔާ ފަރުވާލެއްވެސް ބަހައްޓާނެ ބަޔަކަށްނުވާނެ. އެހެންވީމާ، ޒުވާނުންގެ ތެރޭގައި އަބަދުވެސް ކޮންމެވެސް ކުށެއް، ނޫނީ ކުށެއްގެ ތުހުމަތުގައި އުޅޭ ބަޔަކު އަބަދުވެސް އުޅޭނެ. ކުށެއްގެ ތުހުމަތު އޮތީމަ މިވާގޮތަކީ އެމީހުންނަކީ ދައުލަތުގެ ވަޒީފާއަކަށް ޝަރުޠު ފުރިހަމަވާ މީހަކަށްނުވޭ. އެމީހުންގެ ތެރޭގައި އޮވޭ ރެކޯޑެއް. އެ ރެކޯޑު ސާފެއްނުވޭ. އެ ރެކޯޑު ސާފުނުވާހާ ހިނދަކު އެމީހުންނަކަށް ދައުލަތުގެ ވަޒީފާއެއް އަދައެއްނުކުރެވޭ. އަޅުގަނޑުމެންގެ އުޞޫލުތައް ބިނާވެގެން އަދި އެތަކެއް ޒުވާނުން މަޙްރޫމްވެގެން މިދިޔައީ ވަޒީފާގެ ފުރްޞަތުން. ރާއްޖެއާ ދޭތެރޭގައި ކުރާ އުއްމީދު، އެމީހުންގެ ޙިއްޞާ އެމީހުންނަށް ނުދެވޭކަން އެމީހުން ގަބޫލުކުރޭ. އެމީހުންގެ ޙަޔާތުގެ ބައިވެރިޔާއަށް އެއްވެސްކަހަލަ ރަނގަޅު ކަމެއް ކޮށްނުދެވޭކަން އެމީހުން ގަބޫލުކުރޭ. އާދެ، އާމްދަނީ ހޯދޭނެގޮތެއް ނެތިގެންދިޔުމުން. މިއީ ޝައްކެއްވެސްނެތްގޮތުގައި، ކުޑަކުޑަ ނިޢުމަތަކުން ނޫން މި މަޙްރޫމްވެގެން މިދަނީ.

އަޅުގަނޑުމެން އިއްޔެގެ ނިޔަލަށް މި ދެންނެވި ގޮތަށް ރެކޯޑު ސާފުކޮށް އަދި މި ރެކޯޑު އޮންނަ އޮތުމަކީ ވަޒީފާ ހޯދުމަށް އޮތް ހުރަހެއް ކަމަށް އޮތް ހުރަސް ނައްތާލައި، އެއީ ހުރަހެއް ނޫންކަމަށް ހަދައި، އެތަކެއް ޒުވާނުން އަޅުގަނޑުމެން ވީއްލައިފީމު. އާދެ، ކުށުގެ ރެކޯޑެއް ނެތް ބަޔަކަށް އަޅުގަނޑު ހަދައިފީމު. އާދެ، އެކުދިންގެ އަދަދަކީ 5752 ކުދިން. މި 5752 ކުދިންނަކީ މިއަދުން މިއަދަށްވެސް ވަޒީފާގެ ފުރްޞަތަށް ޖާގަ ލިބޭނެ ކުދިން. ޖާގަ ހޯދާނެ ކުދިން. މިއީ ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑު ކުރާ އުއްމީދު. އެމީހުންނަކީ އަޅުގަނޑުމެން މި ބިނާކުރަން ބޭނުންވާ މުޖުތަމަޢުގެ ބައިވެރިންގެ ގޮތުގައި ހަދަން ކުރާ އުއްމީދު.

އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީ އަޅުގަނޑުމެން މި ގެންނަ ތަރައްޤީއަކީ، މި ތަރައްޤީގެ ރަހަނުލާ ހަމަ އެކަކުވެސް ހުރެގެން ނުވާނެ ތަރައްޤީއަކަށްވުން. ޒުވާނުން، ކުޑަކުދިން، އަންހެނުން، ފިރިހެނުން، މެދު ޢުމުރު، ދޮށީ ޢުމުރު، އިސް ރަށްވެހިން. މިއިން ހަމަ ކޮންމެ ގިންތިއަކީވެސް އަޅުގަނޑުމެން މި ގެންނަ ތަރައްޤީގެ ރަހަ، ރާޙަތު އެބަޔަކަށް ކުރާ ބަޔަކަށްވާންޖެހޭނެ. އެކަމަކު ޚިދުމަތްތެރި، ރައްޔިތުންދެކެ ލޯބިވެވަޑައިގަންނަވާ ރައީސުން ކަންތައް ކުރައްވާފައި ހުރިގޮތަށް ވިސްނާލާ ކަމަށްވަންޏާ، މިތާ ސްކްރީނުން ފެނިގެންދިޔަ ބޮޑުހުޅާއެކީ އޭރު ބިމާ ހަމަކޮށްލެވުނީ ދައުލަތުގެ ރައުސްމާލުގެ ތެރެއިން، ދައުލަތުގެ ބިނާތަކުގެ ތެރެއިން ތިންސަތޭކަ ސާޅީސް ފަސް މިލިއަން ރުފިޔާގެ އަގުބޮޑު އެސެޓްތައް، ދެ ދުވަހުގެ ތެރޭގައި، ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ބިމާ ހަމަކޮށްލެވުނީ. މި ދެންނެވީ ހަމައެކަނި މާލީ ގެއްލުމުގެ ވާހަކަ. މިކަމުގައި ބައިވެރިވި މި ހުރިހާ އެންމެންގެ މައްޗަށް ކުށުގެ ކަންތައްތައް އަދި އެމީހުންނަށް ޢުޤޫބާތް ދިނުމުގެ ކަންތައްތައް ނުވެސްނިމޭ. ޝައްކެއްވެސްނެތްގޮތުގައި، މީގެތެރޭގައިވެސް އަނެއްކާވެސް ޖަލުން ޖާގަ ހޯދާނީ ހަމަ މި ދެންނެވި ގޮތަށް ބިނާކުރަނިވި މަސައްކަތެއް ކޮށްދެވޭނެ ޒުވާނުންނަށް. އެއީވެސް ރައްޔިތުންދެކެ ލޯބިވާ ލީޑަރުން. އެކަމަކު ﷲގެ ރަޙްމަތާއެކީ އެ ދުވަސް މާޒީވެ ހިނގައްޖެ.

މިއަދު އަޅުގަނޑުމެންގެ ޒުވާނުންނަކީ، ޤައުމު ބައްޓަންކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރާ ބައެއް. ތިންސަތޭކަ ސާޅީސް ފަސް މިލިއަން، 48 ގަޑިއިރުގެ ތެރޭގައި ބިމާ ހަމައަށް ތިރިކޮށްލީ. ތަރައްޤީގެ މަޝްރޫޢުތައް ފެނިވަޑައިނުގަންނަވާ، ނޫނީ ތަރައްޤީގެ މަޝްރޫޢުގެ ވަހެއް ނުދުވާ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ތަފާސް ހިސާބު ބައްލަވާށޭ. ހަމަގައިމުވެސް މާލޭގެ ދެކުނުފަރާތަށް ވަޑައިގެންފީވިއްޔާ މިހާރަކު ކުރިން ދުވި ކުނިގޮނޑުގެ ތަޣައްޔަރު ވަހެއް ނުހުންނާނެ. އެއީ، ހަމަގައިމުވެސް އެބޭފުޅުންނަށް އެ ވަހެއް މިހާރު އިޙްސާސެއް ނުކުރެއްވޭނެ. އެބޭފުޅުންނަކީ ފަހަރުގައި ވެދާނެ އަނދިރި ކުރި ކާރުގައި އެއަރ ކޮންޑިޝަން ކުރައްވައިގެން ދުއްވާ ބޭފުޅުންވީމަ. ޢާންމު ރައްޔިތުންނަކީ މި އުނދަގޫ ތަޙައްމަލުކުރި މީހުން. އެހެންވީމާ، ތަރައްޤީގެ ވަސް މިހާރު ހަމަގައިމުވެސް އެބޭފުޅުން ވަސް ބައްލަވަން ބޭނުންފުޅުވަންޏާ ފެނިވަޑައިގަންނަވާނެ. ވަސް އެނގިވަޑައިގަންނަވާނެ.

ތިންސަތޭކަ ސާޅީސް ފަސް މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާފައި ހުރި ބިނާތަކެއް، 24 ގަޑިއިރުގެ ތެރޭގައި، 48 ގަޑިއިރުގެ ތެރޭގައި ރޯކޮށް ބިމާ ތިރިކޮށްލިއިރު، މީގެތެރެއިން ގެއްލިގެންދިޔައީ ކޯއްޗެއްތޯ؟ އަގުބޮޑު އެތައް ސާމާނެއް. ވަރި ކައިވެނީގެ ސެޓްފިކެޓްތައް، ގޯތިގެދޮރުގެ މިލްކުވެރިކަމުގެ ސެޓްފިކެޓްތައް. އަދި މިނޫންވެސް މިކަހަލަ އެތައް ކަމެއް. ފަހަރުގައި ވެދާނެ، އޭގެތެރެއިން ބައެއް މީހުންގެ މުސްލިމް ކަމުގެ ސެޓްފިކެޓްވެސް މީގެތެރޭގައި ވާކަމަށް. އެއީ އޭރު. އެކަމަކު މިއަދު ތަރައްޤީގެ އަޑުނީވޭ، ތަރައްޤީގެ ވަސް ނުދުވާކަމަށް ވިދާޅުވާ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލާނީ، ތަފާސް ހިސާބަށް ޒިޔާރަތް ކުރައްވާށޭ. މި 4 އަހަރު ދުވަސް އިރާދަކުރެއްވިއްޔާ ނިމިގެން މިދަނީ ތަރައްޤީގެ މަޝްރޫޢުތަކަށް، އާދެ، ކެޕިޓަލް މަޝްރޫޢުތަކަށް، މިއީކީ މަރާމާތު ކުރުމެއްނޫން. މިއީ ކެޕިޓަލް މަޝްރޫޢުތައް. ޕީ.އެސް.އައި.ޕީ އިން ޖާގަހޯދާ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ނޫނީ ޕްރޮޖެކްޓްތަކުގެ ތެރެއިން ޖާގަހޯދާ، ކުދިބޮޑު އެކިވަރުގެ މަޝްރޫޢުތަކުގެ ވާހަކަ މި ދަންނަވަނީ. މި 4 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ވިހިހާސް މިލިއަން ރުފިޔާ މިވަނީ މިކަމަށް ހޭދަކުރެވިފައި. ވިހިހާސް މިލިއަން ރުފިޔާ. އަދި އޭގެ ނަތީޖާއަކީ، އެއްހާސް އަށްސަތޭކަ މިފަދަ މަޝްރޫޢު، މުޅި ރާއްޖޭގައި ނިމިގެން ގޮސްފައި މިވަނީ. އެއްހާސް އަށްސަތޭކަ މަޝްރޫޢަކީ، ހަމަ ތިޔަ ހީފުޅުކުރައްވަނީ ރަނގަޅަށް. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ބަލާކަމަށްވަންޏާ، ކޮންމެ ރަށަކަށް އެވްރެޖްކޮށް 9 މަޝްރޫޢަށްވުރެ ގިނަ މަޝްރޫޢު.

އެހެންވީމާ، އަޅުގަނޑު ހަމަ މި ހުރިހާ ސިޔާސީ ލީޑަރުންނަށް ދަންނަވާނީ، ރާއްޖޭގެ އެކި ހިސާބަށް ޒިޔާރަތް ކުރައްވަން އެބަޖެހެޔޭ. މާލޭގައި ކުރިން ކުނިގޮނޑު އޮތްތަން މިހާރު ހަމަގައިމުވެސް މާލޭގެ ގޫގުލް ޗާޓަކުންނެއް ނުފެންނާނެ. މާލޭގެ މަލަމައްޗަށް އައިސްފައި އޮތް ބަދަލު، ކުރީގައި ގޫގުލް ޗާޓަކުން ނުފެންނާނެ. އެހެންވެގެންކަންނޭނގެ، އަޅުގަނޑުމެންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވިދާޅުވި، މިހާރު އެމެރިކާއިން އެބަ ލޯންޗް ކުރަންޖެހެޔޭ، އާ ސެޓަލައިޓެއް މާލެ މައްޗަށް. ދިވެހިރާއްޖެއާ ދިމާއަށް. އަޅުގަނޑު ހަމަ ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދަންނަވާނީ، ތިޔަބޭފުޅުން ކަމެއް ކޮށްދެއްވާ ކަމަށްވަންޏާ، މިފަދަ ސެޓެލައިޓެއް ލޯންޗް ކުރުމަށް އެބޭފުޅުން، އެބޭފުޅުންގެ ބައިވެރިންނާއެކީ މަސައްކަތް ކޮށްދެއްވާށޭ. އޭރަށް ހަމަގައިމުވެސް ތަރައްޤީ އަންނަވަރު ފެނިގެންދާނެ.

އަޅުގަނޑު ރާއްޖޭގެ އެކި ހިސާބަށް އެބަ ޒިޔާރަތް ކުރަން. އަޅުގަނޑު ޒިޔާރަތް ކުރަނީ ރައްޔިތުންގެ ހާލު ބަލަން. އަދި ރައްޔިތުންނަށް އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން ލިބޭ އުފަލުގައި ބައިވެރިވުމަށްޓަކައި. އަޅުގަނޑަށް އޮންނަނީ އެތަންތަނަށް ނުދެވިފައި. އަދި މިއިން ކޮންމެ މަޝްރޫޢެއް ފަށައިދޭން ދާކަމަށްވަންޏާ، އަޅުގަނޑަކަށް އޮފީހުގައި އިނދެގެން ރައްޔިތުންނަށް ޚިދުމަތް ކުރާނެ އެއްވެސް ވަގުތެއް ނުލިބޭނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު އަބަދުވެސް މިދަނީ ރައްޔިތުންނަށް މި ދެންނެވި ކަހަލަ އުފާވެރި ކަމެއް ފެށޭ ކަމަށްވަންޏާ، އެ އުފަލުގައި ބައިވެރިވާން. މިހެންދިޔަ ދަތުރެއްގައި ރާއްޖޭގައި އަޅުގަނޑުގެ އިސްތިޤްބާލުގައި އޮތް ސަފަކުން ޒުވާން މަންމަޔަކު، އޭނަގެ ކުޑަކުޑަ 7 އަހަރުގެ އަންހެން ދަރިފުޅު [ޢައިޝާ] ޢައިޝާ ކައިރީގައި ބުނަނީ، [ޢައިޝާއޭ މިއީ ޢައިޝާގެ ރައީސޭ. ޢައިޝާ އަވަހަށް ސަލާންކޮށްލާށޭ.] ވަރަށް ލޯބި ކުއްޖެއް. ޢައިޝާ އަޅުގަނޑާ ސަލާންކުރި. ޢައިޝާ ސަލާންކޮށްފައި އަޅުގަނޑު ކައިރީގައި އެހި،

 

"Are you my President?”
“Of course I am.”
“Why are you my President?”
“Because I care for you.
Care for the future of all of you little girls and little boys.
And I will not let you down. ”

ޢައިޝާ، ޢައިޝާއާއެކީ އެއުޅޭ ޖެނެރޭޝަންގެ ކުދިންނަށް އަދިވެސް އަޅުގަނޑު ބުނެލަން ބޭނުންވަނީ، އަޅުގަނޑުގެ ބަޒް ވަރޑަކީ ހޯޕް. އަޅުގަނޑުގެ ބަޒް ވަރޑަކީ އުއްމީދާއެކީ މަސައްކަތް ކުރުން. ހަމަ ޢައިޝާ ކައިރީގައިވެސް އަދި އޭނަގެ ޢުމުރުފުރާގެ އަންހެން، ފިރިހެން ކުދިން ކައިރީގައިވެސް އަޅުގަނޑު ބުނެލަން ބޭނުންވާ އިތުރު ވާހަކަވެސް އެބަހުރި. އަޅުގަނޑު އެދުވަހު ކަށަވަރުކޮށްދިނިން،

That I will never let her down.

ހަމައެއާއެކީ އަޅުގަނޑު އެކުދިން ކައިރީ ބުނެލަން ބޭނުންވޭ،

I hope that we are able to nurture your generation. And task you with leaders of tomorrow to safe guard our nation. It’s sovereignty and sanctity.

ޢައިޝާގެ ޢުމުރުފުރާގެ ހުރިހާ ކުދިން ކައިރީގައި އަޅުގަނޑު ބުނަން ބޭނުންވޭ،

To be proud being a Maldivian.

އާދެ، މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެންނަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެދެކެ ލޯބިވާ ބަޔަކު ނޫޅޭނެ.

That you would grow up one day. Today you may not understand or appreciate. But you would grow up one day to appreciate that peace and stability is crucial. Patriotism is foremost. Social harmony is our strength. And Islam is our savior.

މިއީ، އަޅުގަނޑުމެންގެ ތުއްތުކުދިންގެ ހިތުގައި ހަރުލައްވަން އަޅުގަނޑު ބޭނުންވާ މެސެޖަކީ.

އާދެ، އަޅުގަނޑުމެންގެ ސަރުކާރަށް 4 އަހަރު ވެގެންދާއިރު، މިއީ ވަޠަނީ ދުވަހެއް. މިއީ ޤައުމީ ޖޯޝްގެ ދުވަހެއް. މިއީ އުފާވެރިކަމުގެ ދުވަހެއް. މިއީ އުއްމީދުތަކެއްގެ ދުވަހެއް. މިއީ ކުރީގައި ކުރި މަސައްކަތުގެ ސްޓޮކް ނަގާ ދުވަހެއް. މިއީ އަލަށް އަމާޒުކުރާ މަޝްރޫޢުތަކާ ދޭތެރޭގައި ރައްޔިތުންނާ ޙިއްޞާކުރަން އޮތް ދުވަހެއް. ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދެވޭނެތޯ، އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ކުރާ ސުވާލުގެ ޖަވާބު ދޭންވެސްޖެހޭ ދުވަހެއް. އެކަމަކުވެސް އެ ހުރިހާ ޖަވާބެއް ނުދެވޭނެ. އެ ޖަވާބު ނުދެވޭ ސަބަބަކީ، އަދި 5 ވަނަ އަހަރާއެކީ އަޅުގަނޑުގެ އާ މެނިފެސްޓޯއެއް އަންނާނެ. ރައްޔިތުން މިހާރު މިތިބަ މަރްޙަލާއިން ދެން ކުރިއަށްދާނީ ކޮން މަރްޙަލާއަކަށްތޯ އަޅުގަނޑު ރައްޔިތުންގެ އަރިހުގައި ދަންނަވަންޖެހޭ. އަދި އެދުވަހުގެ ޝައުޤުވެރިކަމުގައި ރައްޔިތުން އެބަ ބައިތިއްބަންވެސްޖެހޭ.

ޝައްކެއްވެސްނެތްގޮތުގައި، ދައުލަތެއް މިހާ ވަރުގަދައަށް މަސައްކަތް ކުރާއިރު، ދައުލަތެއްގެ އެންމެބޮޑު ރައުސްމާލަކަށްވާނީ، ޓީމް ލީޑަރުން ގޮވައިގެން މަސައްކަތް ކުރާއިރު، އެ ޓީމްގައި މަސައްކަތްކުރާ މަސައްކަތްތެރިން. އާދެ، ދިވެހި ދައުލަތުގެ ސިވިލް ސަރވަންޓުން. ދިވެހި ދައުލަތުގެ ސިވިލް ސަރވަންޓެއްގެ އަޑު އަޅުގަނޑުމެންނަށް އިވިއްޖެ. އެމްބެސެޑަރެއްގެ ވާހަކަފުޅު އަޅުގަނޑުމެން އަޑުއަހައިފީމު. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިވިލް ސަރވިސްއާ ދޭތެރޭގައި އަޅުގަނޑުމެންގެ ފަހުގެ ރައީސުންނަށް ކަންތައް ކުރެވިފައި ހުރިގޮތާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކޮށްލަމާތޯއޭ. އެކަމަކު އެއީ އެ ދުވަސް ދޮގެއްތޯ. ސިވިލް ސަރވިސްގައި ތިންބައިކުޅަ އެއްބައި މުވައްޒަފުން މަދުވާންޖެހޭނެ ކަމަށް އިޢުލާނު ކުރެއްވި. ސިވިލް ސަރވިސްގެ މުސާރަތަކެއް ކުޑަކުރެއްވި. މުސާރަތަކެއް ހިފެހެއްޓުނު. ކޯޓުން މުސާރަތައް ދޭން އެންގީމަވެސް، އެ މުސާރަތަކެއް އިޢާދައެއް ނުކުރެވުނު. އެއީ، އެ ދުވަހުގެ ޙާލަތު. އަޅުގަނޑުމެންގެ ސަރުކާރުގައި، މި ޒަޢާމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި، އާދެ، ފުރަތަމަ އަހަރު ކަމަށް އަޅުގަނޑު މި ބަލަނީ 2014 ވަނަ އަހަރު. ފުރަތަމަ އަހަރުގެ ތެރޭގައި، ސިވިލް ސަރވިސްގެ އެންމެ މުހިންމު ގިންތި ކަމުގައި އަޅުގަނޑުމެން ދެކެނީ އަބަދުވެސް ތަރުބިއްޔަތާއި، ޞިއްޙަތުގެ ބައި. ޓީޗަރުން، ނާޒިރުން، ޑޮކްޓަރުން، ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިންގެ މުސާރައާއި ޢިނާޔަތްތައް ވަނީ އިތުރުކޮށްދެވިފައި. އަދި ހަމައެހެންމެ، ގެދޮރުގެ އުފާވެރިކަމުގެ ޚަބަރުވެސް އަޅުގަނޑު ވާނީ އެފަރާތްތަކަށް ދަންނަވާފައި.

މިއަދު އަޅުގަނޑުމެންގެ ސިވިލް ސަރވަންޓުންގެ ޙާލަތާ ދޭތެރޭގައި އަޅުގަނޑު ވިސްނާއިރު، މިއަދަކީ އަނެއްކާވެސް ސިވިލް ސަރވަންޓުންނަށް އުފާވެރި ޚަބަރެއް އަޅުގަނޑު ގެނެސްދޭންޖެހޭ ދުވަހެއް. އަޅުގަނޑުމެންގެ ސިވިލް ސަރވިސްގައި ސައްވީހަކަށްހާސް މުވައްޒަފުން އެބަތިބި. ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ދައުލަތަކަށް ބަލާއިރު، މިއީ ސައިޒަބްލް ބޮޑު އަދަދެއް. އެކަމަކު އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިވިލް ސަރވިސްގެ މުސާރަތައް ބޮޑުކުރުމަށް އެވަނީ ނިންމާފައި. ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ އެވަނީ ހިމަނާފައި. މި ބޮޑު ސިވިލް ސަރވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ ޙާލަތު ރަނގަޅުވެގެންދާނެ. ސިވިލް ސަރވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ ބޮޑުވެގެންދާނެ. އާދެ، ސިވިލް ސަރވިސްގައި މި ދެންނެވި ގިންތިތަކަށް މީގެކުރިންވެސް ވަނީ ވަރަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނެސްދީފައި. މިފަހަރު އާ އަހަރު ފެށުމާއެކީ، އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ، މީގައި ސިވިލް ސަރވިސްއާއި ފިނޭންސް މިނިސްޓްރީއާއެކީ ކުރެވޭ މަސައްކަތްތަކެއް މިއޮތީ. ގިންތިތައް ކަނޑައެޅުއްވުމުގެ މަސައްކަތް. ތިންބައިކުޅަ ދެބައި މީހުންގެ މުސާރަ މަތިވެގެން މިދަނީ.

އާދެ، އެންމެ ދަށު ގިންތިތަކުގައި ތިބި، ސިވިލް ސަރވިސްގެ އެންމެ ދަށު ގިންތިތަކުގައި ތިބި މީހުން، އަޅުގަނޑުމެންގެ އެންމެބޮޑު އަޅާލުންތެރިކަމެއް ބޭނުންވާ މީހުން، އެންމެކުޑަ މުސާރައިގައި ތިބި މީހުންގެ މުސާރަ، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސަތޭކައަކުން ތިރީސް ހަތެއް ބޮޑުވެގެންދާނެ. ތިރީސް ހަތް ޕަސެންޓް ބޮޑުވެގެންދާނެ. މި ދެންނެވި އަނެއް ބަޔަށް ސަތޭކައަކުން ފަންސަވީސް ޕަސެންޓް، ނޫނީ މުސާރައިގެ ހަތަރުބައިކުޅަ އެއްބައި އިތުރުވެގެންދާނެ. އާދެ، ޝައްކެއްވެސްނެތްގޮތުގައި، ސިވިލް ސަރވިސްގެ މުހިއްމުކަން، ސިވިލް ސަރވިސްގެ އަގު އަޅުގަނޑުމެންނަށް ވަޒަންކުރެވޭ.

ސިވިލް ސަރވިސް، ޒުވާނުން، ތަޢުލީމު، ހިއުމަން ރިސޯސް، އާބާދުކުރުން، މިއީ ހައްތަހާވެސް އެއް ވަޒަނަކަށް ފެތޭ، ނޫނީ އެކައްޗެއްގެ ކޮމްޕޮޒިޓް ބައިބައި. ފަންނުވެރިޔަކު، ޅެންވެރިޔަކު ވިދާޅުވަނީ، ތަޢުލީމު ކީއްވެގެންތޯ އަޅުގަނޑުމެންނަށް މުހިންމުވެގެންދަނީ؟
ތަޢުލީމު ނެތަމަ ތާކު ޒަމާނާ އެކުވެގެން
   ތަންދާނެއޭ ބުއްދީގެ މަގުން އެއްކިބާވެގެން

އެހެންވީމާ، މިއަދުވެސް މި ސަރުކާރުން އެންމެ އިސްކަމެއްދެނީ ތަޢުލީމީ ދާއިރާގައި ތިބި ކުދިންނަށް ޚިދްމަތް ކުރުމަށް. ތަޢުލީމީ މަންހަޖުތައް ރަނގަޅު ކުރުން. ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހެދުން. ކުދިންނަކީ ފެންވަރު ރަނގަޅު ކުދިންނަށް ހެދުން. ބޭރުގެ ޔުނިވަރސިޓީތަކަށްދާ ދަރިންނަކީ ދިވެހިރާއްޖެއަށް ފަޚްރާއި ޝަރަފު ގެނެވޭވަރުގެ މަތިވެރި މަޤާމުތަކެއް ހާސިލުކުރާ ކުދިންނަށް ހެދުން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޖުމްހޫރީ ދުވަހު، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ސްކޫލްތަކުގެ އިނާމު ޖަލްސާތަކުގައި މިފަދަ އެތައް ކުދިންނެއް. ތަޢުލީމު މުހިންމުވެގެންދަނީ ކީއްވެގެންތޯ؟ އެއީ ދިވެހިރާއްޖެއަކީ ޒުވާން އާބާދީއެއް. ތިންބައިކުޅަ ދެބަޔަކީ ޒުވާނުން. ތަޢުލީމު މުހިންމުވަނީ ކީއްވެގެންތޯ؟ ޒުވާނުންނަށް ތަޢުލީމީ ފުރްޞަތުތައް ހުޅުވައިދޭންޖެހެނީ ކީއްވެގެންތޯ؟ އެކޮޅުން ބްރިޖް. މިކޮޅުން އެއަރޕޯޓް. އެކޮޅުން ބަނދަރުތަކެއް. އަނެއްކޮޅުން އެހެންކަމެއް. ހައްތަހާވެސް މިހިރީ ތަރައްޤީގެ މަޝްރޫޢުތައް. އަދި އެންމެ ދެކުނުން. އަސްމާއްތަގެ ދަތުރު އަބަދުވެސް ފަށްޓަވާނީ މާފަންނު ހުޅަނގުކޮޅުން. 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް. ހުޅުމާލެއަށް ޖެހިލައިފި ކަމަށްވަންޏާ ޓްރީޓޮޕް ހޮސްޕިޓަލް. ޝައްކެއްވެސްނެތްގޮތުގައި، މިހިރީ ހައްތަހާވެސް ޢިލްމީ، ތަޢުލީމީ، ތަޖުރިބާހުރި ތަމްރީނުގެ ފުރްޞަތުތައް އެކުދިންނަށް ލިބެންޖެހޭ ދާއިރާތައް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަޅުގަނޑުމެން މިވަރަށް ވަޒީފާތައް އުފައްދަނީ އެއްގޮތަކަށްވެސް އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުންނަށް ޖާގަ ހޯދައިދޭކަށް ނޫން. މި ދެންނެވި ހުރިހާ މަސައްކަތެއް ކުރެވެނީ، އަޅުގަނޑުމެންގެ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް. އެހެންވީމާ، ތަޢުލީމު މުހިންމުވެގެންދަނީ. ތަމްރީނު މުހިންމުވެގެންދަނީ. ހިއުމަން ރިސޯސް މުހިންމުވެގެންދަނީ.

އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ނޫނީވިއްޔާ އަޅުގަނޑުމެންގެ މި ޒަޢާމަތް ފެށިގެންދިޔައިރު، ސްކޮލަރޝިޕަށް އަދި ކުދިންނަށް މަތީ ތަޢުލީމަށް ސްޓޫޑެންޓް ލޯނު ދެވެނީ ވަރަށް ކުޑަކުޑަ އަދަދަކަށް. ވަރަށް ކުޑަކުޑަ އަދަދަކަށް. އަޅުގަނޑުމެން މަސައްކަތް ކޮށްގެން، ފުރަތަމަ އަހަރުވެސް އަޅުގަނޑުމެން ބެލިން، އަށްސަތޭކަވަރަކަށް ކުދިންނަށް ސްކޮލަރޝިޕާއި ސްޓޫޑަންޓް ލޯނު ދެވޭތޯ. އެއީ ރާއްޖޭގައި ކިޔަވާ ކުދިންނާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް. މިހާ ބޮޑު އާބާދީއެއް، ޒުވާން ތަޢުލީމީ އާބާދީއެއް، ނޫނީ ތަޢުލީމަށް ފެންބޮވައިގެންފައި އޮތް އާބާދީއެއް އޮންނައިރު، އަޅުގަނޑުމެންގެ ހަކަތައެއް ނެތް، ހުރިހާ ކުދިންނަށް ރާއްޖެއިން ބޭރުން ކިޔަވައިދޭކަށް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހަކަތަ އެބަހުރި، އެފަދަ ކުދިންނަށް ގޮތްގޮތް ހޯދައިދިނުމަށް. އާދެ، އޭރު އަޅުގަނޑުމެން މަސައްކަތްކޮށްގެން، ގާތްގަނޑަކަށް އަށްސަތޭކަ ކުދިން، އެއްހާސް ކުދިންނަށް މި ދެންނެވި ގޮތަށް ސްކޮލަރޝިޕާއި ތަމްރީނުގެ ފުރްޞަތު، ނޫނީވިއްޔާ ސްޓޫޑަންޓް ލޯނު ހޯދައިދިނީމު.

މި ޓެމްޕޯ، މި މޮމެންޓަމް އަޅުގަނޑުމެން ހިފެހެއްޓީމު. މި އަހަރުވެސް މިދަނީ ހިފަހައްޓަމުން. އެކަމަކު މި ދެންނެވި ގޮތަށް، ކޮންމެ މީހަކީ، ކޮންމެ ފަރުދަކީ ތަރައްޤީގެ ރާޙަތު، އެމީހަކަށް ކުރާނެ މީހަކަށްވުމަކީ އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފާ. އެކަން ކޮށްދެވިއްޖެ ކަމަށްވަންޏާ، އެއީ އަޅުގަނޑަށް ލިބޭ އެންމެބޮޑު ޝަރަފު. އަދި އަޅުގަނޑުމެންގެ މި ފުޅާވަމުން އަންނަ އިޤްތިޞާދަށް މީގެ ހެޔޮ ފައިދާ، ހެޔޮ ނަފާ ލިބޭނެކަމާ ދޭތެރޭގައި ޝައްކެއްނުކުރަން.

އެހެންވީމާ، މި ދެންނެވި ސްޓޫޑަންޓް ލޯނާއި ސްކޮލަރޝިޕަށް ޚަރަދު ކުރަމުން މިއައި އެއްހާސް ކުދިންނަށް އަޅުގަނޑުމެންނަށް ޚަރަދުކުރެވެމުން މިއައީ. އެކަމަކު މިއަދު މި ދެންނެވި ގޮތަށް، މިއަދު މި ހުށަހެޅީ މި އަންނަ އަހަރުގެ ބަޖެޓުން، ހަމަ އިދިކޮޅު ހުރިހާ ބޭފުޅުން ފާޑު ވިދާޅުވެފައި ތިއްބަވާއިރުވެސް، އެބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވޭނެ، މި ދެންނެވި ގޮތަށް ސްކޮލަރޝިޕާއި ސްޓޫޑަންޓް ލޯނަށް އަޅުގަނޑުމެން ޖާގަހޯދިން މިފަހަރު މީގެ ތިންގުނައަށް. ތިންހާސް ތިންސަތޭކަ ފަންސަވީސް ކުދިންނަށް ސްކޮލަރޝިޕާއި ސްޓޫޑަންޓް ލޯނު ހޯދައިދިނުމުގެ ފުރްޞަތު އަޅުގަނޑު ހޯދިން. އެހެންވީމާ، އިދިކޮޅު ފަރާތްތަކަށް މި ބަޖެޓަކީ ކަމުދާ ބަޖެޓަކަށް ނުވާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ތަނަވަސްކަމާއި، ރައްޔިތުން ކުރިއަށްގެންދާ މަސައްކަތް، އެހެން ސަރުކާރަކުން ކޮށްފި ކަމަށްވަންޏާ، އެއީކީ ބަލައިގަނެވޭނެ ކަމެއްނޫން. މިހާރު ބޭފުޅުން ވިދާޅުވާގޮތަށް އެއީ ހަޖަމުކުރަން ފަސޭހަކަމެއްނޫން. އެހެންވީމާ، ހަމަ ރަނގަޅުވާނީ، ޖުއްލާބަކާއެކީ މި އަދަދުވެސް ދިރުވައިލެއްވިއްޔާ.

މި ޖަލްސާ ވޯމްއަޕްކޮށްދެއްވީ އަޅުގަނޑުމެންގެ ދިފާޢީ ވަޒީރު. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަމަނުގެ ހަމަޖެހުމަކީ ކިހާ މުހިންމު ކަމެއްކަން. އަމަނުގެ ހަމަޖެހުން އަންނަނީކީއެއް އެއްގޮތަކަށްވެސް ފަނޑިޔާރުން ގިނަކޮށްގެން، ކޯޓްރޫމްގައި ހިނގާ މައްސަލަތައް ގިނަވެގެނެއް ނޫން. ޖަލުގެ ގޮޅިތައް ގިނަވެގެނެއްވެސް ނޫން. ޖަލު ގޮޅިތައް ގިނަކުރުމަކީ އަޅުގަނޑުމެން އެންމެ ކޮށްގެން ނުވާނެ ކަންތައް. އަމަނުގެ ހަމަޖެހުމަކީ އަޅުގަނޑުމެންގެ ވިސްނުމުގެ ދުޅަހެޔޮކަން. އަޅުގަނޑުމެންގެ ތަރުބިއްޔަތުގެ އަސާސް ވަރުގަދަވުން. އިސްލާމީ އުޞޫލުތަކަށް އަޅުގަނޑުމެން ލޯބިކުރާ ކުރުން. ކުރާ އިޙްތިރާމު އިތުރުވެގެންދިޔުން. ބެލެންސްޑް ސިޓިޒަނެއް ހޯދަން ކުރާ މަސައްކަތް. ތަރުބިއްޔަތާއި ތަމްރީނު، ތަޢުލީމާއި ހުނަރުވެރިކަން. މިއީ އަޅުގަނޑުމެންގެ އަމަނުގެ ހަމަޖެހުމަކީ. މި މަންޒިލަށް ވާސިލުވެވޭތޯ އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެ. ކޮންމެ ރައީސަކު މަސައްކަތް ކުރަންޖެހޭނީ، މި މަންޒިލަށް ވާސިލުވުމަށްޓަކައި. އެންމެ ފަސޭހަގޮތަކީ، މިހާބޮޑު އާމްދަނީއެއް ލިބޭ ކަމަށްވަންޏާ، މިހާބޮޑު ބަޖެޓެއް ފާސްކުރާ ކަމަށްވަންޏާ، އެންމެ ފަސޭހަކަމަކަށްވެދާނެ، އެންމެ ފަސޭހަކަމަކަށް ވެގެންދާނީ، ކޮންމެ ފުޓްސަލް ދަނޑެއް އޮންނަ ކޮންމެ ރަށެއްގައި، ޖަލުގެ ގޮޅިއެއް ހެދުން. އެކަމަކު އެއީ އަޅުގަނޑުމެންގެ ސިޔާސަތަކަށްނުވޭ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވަނީ މީހުންނަށް ހަމަޖެހުން ގެނެސްދިނުން. މީހުންނަށް ކުރިއެރުން ގެނެސްދިނުން. މީހުންނަށް ފުރްޞަތު ހޯދައިދިނުން. މީހުންގެ އަގު ވަޒަންކުރުން. އަދި ކުރީގައި ބީވެ ބިކަވެފައި ތިބި މީހުންނަކީ މިއަދު އަޅުގަނޑުމެންގެ އިޙްތިރާމު ލިބޭ، މުޖުތަމަޢުން ޖާގަހޯދާ ބައެއްކަމުގެ ކަށަވަރުކަން، އެމީހުންނާ ޙިއްޞާކުރުން. އެމީހުންނަށް އޭގެ އުފާވެރިކަން ދިނުން.

އަޅުގަނޑުމެން ދެކެފީމު ދޮގެއްތޯ ރައީސުން، ސިފައިންނާއި ފުލުހުންނާ ދިމާއަށް އަލިފާން ބޯޅަ އުކަން ހިތްވަރު ދެއްވި ބޭފުޅުން. އަޅުގަނޑުމެން ދެކެފީމު ދޮގެއްތޯ ރައީސުން، އެއްގޮތަކަށްވެސް ޤާނޫނާ އެއްގޮތަށް ކަންތައް ކުރަން ކޮންމެހެން ނުޖެހޭނެކަމަށް ހިތްވަރު ދެއްވި ރައީސުން. އެބޭފުޅުންގެ ޒަޢާމަތްތައް ނިމިގެންދިޔައިރު، އެފަދަ ހުރިހާ ކުދިން ތިބީ ޖަލުގެ ގޮޅިން ހިތްފަސޭހަ ޖާގަ ހޯދައިގެން. އެހެންވީމާ، އެއީކީ އަދި ޒުވާނުންނަށް އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއްނޫން. އެ ކޮށްދެވުނީކީ ޒުވާނުންނަކަށް ފޭވަރއެއް ނޫން. އެކުދިން ނެރެން ކުރާ މަސައްކަތުގެ ތަފާސް ހިސާބު އަޅުގަނޑު މި ދަންނަވާލީ.

މި ސަރުކާރުން ޒުވާނުންނަށް ފުރްޞަތުތައް ތަނަވަސްކޮށްދީފައި އޮތްކަން މިއީ އަޅުގަނޑުމެން އުފަލާއެކީ ކޮންމެ ޖަލްސާއެއްގައި ދަންނަވާ ވާހަކައެއް. އަޅުގަނޑުމެން މިހާރު އަންދާޒާކުރާގޮތުން ވެއްޖިއްޔާ، މި 4 އަހަރު ނިމިގެން ގޮސް، މި އަންނަ އަހަރާ ހަމައަށް އަޅުގަނޑުމެން މިހާރު މިފޯރީ. އެއްލައްކަ އާ ވަޒީފާ، އެކި ހިސާބުގައި އަޅުގަނޑުމެންނަށް އުފެދިއްޖެ. އަދި އިހަކަށްދުވަހަކު ބޮޑު ތިލަދުންމަތީގައި، ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު އަޅުގަނޑުމެން ފެށްޓީ. އޭރު އަޅުގަނޑު އިޢުލާނު ކުރިން، އެ ސަރަޙައްދުގައި ސާދަހާސް ވަޒީފާ އިތުރުވެގެންދާނެ ކަމަށް. އެއީ، އެތަނުގައި ރިޒޯޓްތައް ހެދިގެން ދިޔައިމަ. ޓުއަރިޒަމް މިނިސްޓަރުގެ އަބަދުވެސް އަމާޒަކީ އަޅުގަނޑުމެންގެ މި 5 އަހަރުގެ ދައުރު ނިމިގެންދާއިރު، 50 ރިޒޯޓާ ހަމައަށް މި ޒަޢާމަތުގައި ރިޒޯޓްތައް ހުޅުވިގެންދިޔުން. މި އަދަދުތަކަށް ބަލާކަމަށްވަންޏާ، އެއްލައްކަ އެތައްހާސް ޒުވާނުންނަށް އާ ވަޒީފާތަކެއް ހުޅުވިގެންދިޔައީ. މިއީ ޖަލުގެ ގޮޅިތަކުން ޖާގަ ހޯދާނީތޯ؟ ނޫނީ މި ފުރްޞަތު ޒުވާނުންނަށް ދޭނީތޯ؟ މި ޗޮއިސް، ޒުވާނުން އިޚްތިޔާރު ކުރައްވަން އޮތީ. އަޅުގަނޑުމެން ހިތްވަރުދެނީ. އަޅުގަނޑުމެން އަތުގައި ހިފައިގެން މަގު ދައްކަނީ. އަޅުގަނޑުމެން އެ ކުދިންނާއެކީ ދާންވާ މިޞްރާބަކަށް، ދާންވާ ރާސްތާއަށް މި ދަތުރުކުރަނީ، ޒުވާނުންނަށް މި ދެންނެވި އެއްލައްކަ އެތައްހާސް ވަޒީފާއެއްގެ ފުރްޞަތު އެކުދިންނަށް ތަނަވަސްކޮށްދިނުމަށް. މިއީ އަޅުގަނޑުމެންގެ ވަޒީފާތައް.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑު ދެންނެވިން، ޕީ.އެސް.އައި.ޕީ.ގެ ޖުމްލަ މަޝްރޫޢު. އެއީ މުޅި ރާއްޖޭގެ އެކި ހިސާބަށް. މުޅި ރައްޔިތަކަށް ބަލާކަމަށްވަންޏާ، މުޅި ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތައް. ބަނދަރުގެ އަދަދު ބަލައިފި ކަމަށްވަންޏާ، 78 ބަނދަރު. ނަރުދަމާ، ބޯފެން ބަލައިފި ކަމަށްވަންޏާ، މުޅި ރަށެއްގެ ރައްޔިތުންނަށް 75 ޕަސެންޓް، ދިވެހިރާއްޖޭގެ އާބާދީއަށް ބަނދަރާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ. މި ހުންނަނީ ކަލެކްޓިވް ހަދިޔާ. ނޫނީވިއްޔާ މި ހުންނަނީ މުޅި ރައްޔިތަކަށް އަޅުގަނޑުމެން ދޭ ހަދިޔާ. މީގެއިތުރުން، މި ސަރުކާރުން މި ކުރެވޭ މަސައްކަތަކީ، މި ދެންނެވި ގޮތަށް، ޞިއްޙީ ދާއިރާއިން، މީގެކުރިން ލިބެން ނުހުންނަ ފަރުވާ ހޯދައިދިނުން، ރާއްޖޭގައި ތިބެގެން ރާއްޖޭގެ ރައްޔިތުންނަށް. ތަޢުލީމީ ދާއިރާއަށް މީގެކުރިން ދުވަހަކުވެސް އުނގެނޭނެކަމުގެ އުއްމީދު ނެތް ކަހަލަ ތަމްރީނުގެ ފުރްޞަތު ހޯދައިދިނުން.

މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ޒުވާނުން ވިޔަފާރި ފެށުމަށްޓަކައި ގެޓްސެޓް ލޯނުފަދަ ކަންކަން ތަޢާރުފުކޮށްދިނުން. މި ހުންނަނީ ފަރުދީގޮތުން ތަރައްޤީގެ ރާޙަތު، ކޮންމެ ޒުވާނަކަށް، ކޮންމެ ގެޔަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތް. މިއިން ކޮންމެ ކަމެއްގައި، މިއިން ކޮންމެ ކުއްޖަކަށް އުފަލާއެކީ ބުނެވޭނެ، ތިމަންނަ މިއަދު މިއީ ބީޓެކް ޕްރޮގްރާމްގައި އެންރޯލްވެގެން އުޅޭ ކުއްޖެކޭ. ތިމަންނައަކީ ފޮތުގެ ތަޢުލީމުން އެހާ މައްޗަށް ދެވޭނެ މީހެއްނޫންކަން ތިމަންނަ ގަބޫލުކުރަމޭ. އެހެންވީމާ، ތިމަންނަ ބީޓެކް ތަޢުލީމު މި ހާސިލުކުރަނީ، ކޮންމެވެސް ޞިނާޢަތެއްގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާށޭ. ނުކުޅެދޭ ކުދިންގެ ވާހަކަ އަޅުގަނޑުމެންނަށް ރިޕޯޓްގައި ފެނިގެން މިދިޔައީ، އިވިގެން މިދިޔައީ.

އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މުޅި ރާއްޖެއަށް ތަރައްޤީ ޢާންމުވެގެންދާއިރު، ރަށްރަށަށް ހުރިގޮތަށް ރައްޔިތުންނަށް ތަރައްޤީ ޢާންމުވެގެންދާއިރު، އަދި އެބައި ދޫކޮށްލާފައި، އަޅުގަނޑުގެ ސަރުކާރުން އަމާޒު ހިފީ މި ދެންނެވި ގޮތަށް، ވަކިވަކި ފަރުދުންނަށް، ކޮންމެ ފަރުދަކަށް، އޭނައަށް ގަބޫލުކުރެވޭވަރުގެ ތަރައްޤީއެއް އޭނައަށް ލިބޭނެގޮތަށް ހަމަޖައްސައިދޭން. އަޅުގަނޑުމެން މި ހިންގި ޕްރޮގްރާމްތަކުގެ ޖުމްލަ އަދަދެއް އަޅުގަނޑު ދަންނަވާލާނަން. ޖުމްލަ އަދަދަކަށް އަޅުގަނޑު ދަންނަވާލާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، މި ދެންނެވި ކަހަލަ މަޝްރޫޢުތައް. އާދެ، ދުވަހަކު މީގެކުރިން ރާއްޖެއިން ލިބެންނެތް ފަރުވާއަށް ވިސްނައިފި ކަމަށްވަންޏާ، އަދި ދުވަހަކު މީގެކުރިން ނުކުރާ ތަމްރީނު، ތަޢުލީމުގެ ދާއިރާއިން ނުލިބޭ ތަމްރީނު، ގެޓްސެޓް ލޯނުކަހަލަ އެއްޗިއްސަށް ބަލައިފިއްޔާ، ފަރުދުންނަށް ލިބޭ މި ދެންނެވި ކަހަލަ މަޝްރޫޢުތަކަށް ބަލައިފި ކަމަށްވަންޏާ، ފަރުދަކަށް އިންސައްތައަށް ބަލައިފި ކަމަށްވަންޏާ، 71 ޕަސެންޓް، ވަކިވަކި ފަރުދުންނަށް، މި ދެންނެވި ގޮތަށް ތަރައްޤީގެ ރާޙަތު، އިންޑިވިޖުއަލީ، ފަރުދެއްގެ ހައިސިއްޔަތުން މިހިރީ ފޯރާފައި. މިއީ އަދި މުޅި ރާއްޖޭގެ އާބާދީގައި ހަދާ މަގުތަކުގެ ވާހަކައެއް ނޫން މި ދައްކަނީކީ. ބަނދަރުތަކުގެ ވާހަކައެއް ނޫން މި ދައްކަނީކީ. ފެނާއި ނަރުދަމާގެ ވާހަކައެއް ނޫން މި ދައްކަނީ. މި ދައްކަނީ ސްކޫލްތަކުގެ ރަސްމީ ތަޢުލީމުގައި ތިބި ކުދިންގެ އަދަދުގެ ވާހަކައެއް ނޫން. މި ދައްކަނީ މަތީ ތަޢުލީމާއި ސްޓޫޑަންޓް ލޯނު ލިބުނު ކުދިންނާއި، މި ދެންނެވި ކަހަލަ މީގެކުރީގައި ދުވަހަކު ނުލިބޭ ފަރުވާތައް، ލިބިފައި ހުރި ފަރުވާތަކާއި، މި ޒަޢާމަތުގައި ތަޢާރުފުކުރި ފަރުވާތަކާއި އަދި ސްޓޫޑަންޓް ލޯނާ، މިކަހަލަ ކަންތައްތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އާބާދީގައި ކޮންމެ 10 ކުއްޖެއްގެ ތެރެއިން، ނޫނީ ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހަކަށް މިހިރީ މި ދެންނެވި ފަރުދީ ތަރައްޤީގެ ރާޙަތް ކޮށްފައި.

އެހެންވީމާ، އަޅުގަނޑަށް އަބަދުވެސް އަމާޒުވާ އެއް ސުވާލަކީ، ވަރަށް ޚުދު މުޚްތާރު ވެރިއެއްގެ ވާހަކަ. ކީއްވެގެންތޯ ޚުދު މުޚްތާރުވަނީ؟ ޤާނޫނު ހަމަހަމަކަމާއެކީ ތަންފީޒުކުރާތީތޯ؟ ހަމަގައިމުވެސް ޤާނޫނު ތަންފީޒު ކުރަނީ، ޤާނޫނީ ޢުޤޫބާތްތަކެއް ކޯޓުތަކުން ކަނޑައެޅީމަ. އެއީ އަޅުގަނޑުގެ މައްޗަށް ލާޒިމު ކަމެއް. ކީއްވެގެންތޯ އަޅުގަނޑު ޚުދު މުޚްތާރުވަނީ؟ ރާއްޖޭގައި މުޒާހަރާ ނުކުރާތީ. މި ދެންނެވި ހުރިހާ ކަމެއް ފުރިހަމަވެގެން ދިޔައިމަ، ފަރުދުންގެ ގޮތަށް 71 ޕަސެންޓް މީހުންނަށް، ނޫނީ އެ މުޒާހަރާއަށް ނުކުންނަނީ ފަސްހާސް މީހުންނޭ އަދި ދިހަހާސް މީހުން މުޒާހަރާއަށް ނުކުމެއްޖެ ކަމަށްވަންޏާ، އެ ރައްޔިތުންގެ ބަސް ގަބޫލުކޮށްގެން ރައީސަކުވާނޭ އިސްތިޢުފާދޭން. މަޤާމުން ދުރުވާންވާނޭ. މިހިރީ އެ ރައީސުންގެ ކޮންވިކްޝަން ހުރިވަރު. މިހިރީ އެ ރައީސުން ކުރިއަށް ވަޑައިގަންނަވަން ޢަޒުމް ހުރި މިންވަރު. އެހެން ވިދާޅުވި ރައީސުން އަޅުގަނޑުމެންނާ ދާދި އިހަށްދުވަހު މާޒީވީ.

މުޒާހަރާއަށް މިއަދު ފަސްހާސް މީހުން ނުނުކުންނަނީ ކީއްވެގެންތޯ؟ ތަކުރާރުކޮށް ލީޑަރުން އެބަ ވިދާޅުވޭ، ތިމަންނަ އެކަނި މި މަސައްކަތް ކުރިޔަސް މިކަމެއް ނުވާނޭ. ހުރިހާ ރައްޔިތުން ނުކުމެވަޑައިގަންނަވާށޭ. ސަލާމަތީ ބާރުތަކާ ކޮންފްރޮންޓް ކުރާށޭ. ބަލަ ކަމަރު ބަނދެވިގެންވެސް މިއަދަކު މުޒާހަރާއަކަށް ނުނުކުމެއޭ. ކީއްކުރަންތޯ ނުކުންނަންވީ؟ ނުކުންނަންވީ ސަބަބެއް އެބައޮތްތޯ؟ މި ދެންނެވިހެން މި ދެންނެވި ކަހަލަ ކުރިއެރުން، މި މުޒާހަރާތަކަށް ނުކުންނަން ތިބި ކޮންމެ 10 މީހުންގެ ތެރެއިން 7 މީހަކަށް މިހިރީ ޑިރެކްޓްލީ އޭގެ ބެނެފިޓް ލިބިފައި. އެހެންވީމާ، މިއީ ދޮގެއްތޯ އަޅުގަނޑުގެ ޚުދު މުޚްތާރު ކަމަކީ.

އެހެންވީމާ، މިގޮތަށް ތަފާސް ހިސާބު ދައްކާ ކަމަށްވަންޏާ، މުޒާހަރާ ކުރާނެ މީހުންނެއް ނުވާނެ. ކޮންކަމަކާތޯ މުޒާހަރާ ކުރަންވީ؟ ރާއްޖޭގައި އަލަށް ޢަރަބި އިސްލާމް ކިޔަވައިދޭތީތޯ؟ ސާޅީސް އެތައް މަދަރުސާއެއްގައި ޢަރަބި ތަޢުލީމު ހާސިލު ކުރެވޭތީތޯ؟ އިސްލާމީ ޔުނިވަރސިޓީއެއް ރާއްޖޭގައި ޤާއިމުކުރީމަތޯ؟ މާލޭގައި މީހުން ވަޅުލާނެ ސަހަރާ ފުރިގެން ދިޔައިމަ، ހުޅުމާލޭގައި ޤަބުރުސްތާނު އެޅީމަތޯ؟ މާލޭގައި ކުނިގޮނޑު ނައްތާލީމަތޯ؟ ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބްރިޖް އެޅީމަތޯ؟ މަތީ ތަޢުލީމު ހާސިލުކުރާނެ ކުދިންނަށް ސްޓޫޑަންޓް ލޯނު، ތިންހާސް އެތައް ކުދިންނަކަށް ދޭތީތޯ؟ ބޮލަކަށް ނިސްބަތުންޖެހޭ އާމްދަނީ ފަސްހާސް ޑޮލަރުން ދިހަހާސް ޑޮލަރަށް ބަދަލުވެގެންދާތީތޯ؟ މިއީތޯ، މިކަންކަމާތޯ މުޒާހަރާ ކުރަންވީ؟ ނޫނީ އަމާންކަމާއެކީ އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށްވެސް ރާއްޖޭގެ މަގުތަކުގައި ހިނގާލުމުގެ ޖާގަ ލިބޭތީ، މިއީ މުޒާހަރާ ކުރަންޖެހޭ ކަމެއްތޯ؟ ޢަދުލު އިންޞާފު ޤާއިމުކުރުމަށް މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރީމަ، މިހާރު އިވޭ އަޑަކީ އެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަނީއޭ. އަޅުގަނޑަށް އެނގޭ، އެ މުއައްސަސާތަކުގައި ތިއްބެވި އިސްބޭފުޅުންނާ ގުޅުއްވަނީ ކޮން ސިޔާސީ ލީޑަރުންނެއްކަންވެސް.

ބޭފުޅަކު ރައީސް ކަމުގައި ހުންނެވިއިރު ވިދާޅުވި، ތިމަންނަ އަތުގައި މިހިރީ ތަފާސް ހިސާބޭ. ތިމަންނައަށް ނޫންހޭ އެނގޭނީ، މީހުން އެކިވަރަށް ސަރުކާރުގެ މާލިއްޔަތަށް ޚިޔާނާތްތެރިވެފައި އޮތީ ކިހާވަރަކަށްކަން. އެކަމަކު އެކަން ނިމި، މުޅި ކަންތައް ޗޮކުންދިޔައީ. އެންމެ މީހެއްގެ މައްޗަކަށްވެސް ޝަރީޢަތް ހިންގާކަށް ނުކެރުނު. އެންމެ މީހެއްގެ މައްޗަށްވެސް ޝަރީޢަތެއް ނުހިންގުނު. މިއަދު އަޅުގަނޑުމެން ހެދި ރިޔާސީ ކޮމިޝަނުން އަޅުގަނޑުމެންނަށް ކަށަވަރު އެބަކޮށްދޭ، މިދިޔަ 35 އަހަރެއްހާ ދުވަހުގެ ތެރޭގައި، އަށާރަހާސް މިލިއަން ރުފިޔާއަށް، އަށާރަހާސް މިލިއަން ރުފިޔާއަށް، ދައުލަތުން އެކި ދުވަސްމަތިން އެބަހުރި، ރައްޔިތުން، އެކި ފެންވަރުގެ މީހުން ޚިޔާނާތްތެރިވެފައި. މިއަދުވެސް މިއުޅެނީ މި ދެންނެވި ކަހަލަ ބޮޑު ކަންނެލި، މި ދެންނެވި ކަހަލަ ޓެކްސްތަކުން މަޙްރޫމްވެގެން އަމިއްލައަށް. އެ ޓެކްސްތައް ނުދައްކާން އުޅޭ މީހުން މިއުޅެނީ. ރައްޔިތުންނަށް ޚިދުމަތް ކުރަނީ. ރައްޔިތުންނަށް ޚިދުމަތް ކުރާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ރައްޔިތުންނަށް މި އޮންނަ ފަރުދީ ވާޖިބު އަދާކުރުން. ޓެކްސް ދައްކަންވީ ނޫންތޯ؟ ޓެކްސް ދައްކަންވީ. އެކަމަކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ލީޑަރުން މި އުޅުއްވަނީ ޓެކްސް ނުދައްކަވާ. އެތަކެއް ސަތޭކަ މިލިއަން ޑޮލަރުގެ ވާހަކަ މި ދެއްކެނީ. އަދި ކުރެވިފައި ހުރި ކަންތައްތަކުން ތިންސަތޭކަ މިލިއަން، ނޫނީ 4.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅުގަނޑުމެން މަސައްކަތް މި ކުރަންޖެހެނީ އެއަރޕޯޓްވެސް އަނބުރާ ހޯދުމަށް.

މާދަމާރެޔަކީވެސް އިރާދަކުރެއްވިއްޔާ އުފާވެރި ރެއެއް. ފަރުދުންނަށް ސީދާކޮށްފައި ހުރި ރާޙަތުގެ ވާހަކަ ދައްކާއިރު، ފަރުދުންނަށް ސީދާކޮށްފައި ހުރި ރާޙަތުގެ ވާހަކަ ދައްކާއިރު، ހަމަ ކަނޑައެޅިގެން އަޅުގަނޑު މިރޭ މި ދޫކޮށްލަނީ އެހެން ރެއެއްގެ މައުޟޫޢަކަށް ހެދުމަށްޓަކައި. އެ ވާހަކަ ނުދެންނެވީ. ގަބޫލުކުރައްވާ! އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، ކަރަންޓްގެ ޚިދުމަތުގެ އަގަށްވެސް ހެޔޮބަދަލު އަންނާނެ. އެ ހިސާބުތައް މިހާރު އެވަނީ ނިމިފައި.

އަދި ހަމައެއާއެކީ މާދަންރެޔަކީ އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެންގެ ޓްރާންސްފޮމޭޝަން ކްރޫސަސްގެ ތެރޭގައި، މުޅި ރައްޔިތުންނަށް ރައްޔިތުންގެ އިޙްސާސްތަކާ އެންމެ ގުޅިފައިވާ މަޝްރޫޢު ފަށާ ރޭ. މި އަދަދުތައް ހިމަނައިފި ކަމަށްވަންޏާ، ކޮންމެ 10 މީހުންގެ ތެރެއިން 8، ނޫނީ 9 މީހުންނަށް ސީދާ މަންފާކުރާނެ. އެކަމަކު މާދަންރެޔަކީ މާދަންރޭ. މާދަންރޭ އޮންނަނީ ވަކި ޖަލްސާއަކަށްވާތީ، ގެދޮރުވެރިކަން ލިބިގެންދާނީ ކިތައް މީހުންނަކަށް ކަމަކަށް އަޅުގަނޑު ދަންނަވާކަށް ބޭނުމެއްނުވޭ މިރޭ. އެހެންނަމަވެސް، ކަށަވަރު ކުރައްވާ! މިއީ އިރާދަކުރެއްވިއްޔާ ޒުވާނުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭންޖެހޭތީ ރައީސް ކޮށްދޭން ބޭނުންވާ ކަންތައްތައް.

މާލެއާއި ހުޅުލެއާ ދޭތެރޭ ބްރިޖް އެޅިގެންދަނީ. އެތައްހާސް ޒުވާނުންނަކަށް ގެދޮރުވެރިކަން ހަމަޖެހިގެން މިދަނީ. އަދި މި ދެންނެވި ކަހަލަ ތަފާސް އެބަހުރި. އަޅުގަނޑު އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރި. އަދި އަޅުގަނޑު މި ފެށީ އަޅުގަނޑުގެ 5 ވަނަ އަހަރު. މި ދެންނެވި ގޮތަށް މުޅި ރާއްޖޭގެ އެކި ހިސާބަށް ބަލައިފި ކަމަށްވަންޏާ، ކޮންމެ ރަށެއްގައި އެވްރެޖްކޮށް 9 މަޝްރޫޢު، ކެޕިޓަލް މަޝްރޫޢު އެބަ ހިނގާ.

އަޅުގަނޑު ހަމަ މިތާ މިއޮތް އޯޑިއެންސަށް، މި ދަރުބާރުގައި މި ތިއްބެވި ދިވެހި ރައްޔިތުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ، ތިޔަބޭފުޅުންގެ ރައީސް މިއަދުވެސް، މިހުރިހާ ވާހަކައެއް ދެއްކީމަވެސް އަޅުގަނޑު އިމްތިޙާނު ކުރައްވާނީތޯއޭ؟ އަދިވެސް އަދިވެސް އަޅުގަނޑަށް ކުރިއަށް ދެވޭނެތޯ ގަބޫލުކުރައްވާނަންތޯއޭ؟ އަދިވެސް ކުރަންހުރި މަސައްކަތް މަދުނުވާކަމަށް، ހުސްނުވާކަމަށް ގަބޫލުކުރައްވާނަންތޯއޭ؟ ޝައްކެއްވެސްނެތްގޮތުގައި، އަދިވެސް ކުރަންހުރި މަސައްކަތް ހުރީ ކުރިއަށް. އަޅުގަނޑުމެންނަކަށް ހަމަޖެހުމެއް ނާދޭ. އަޅުގަނޑުމެންނަކަށް ފަސޭހަކަމެއް ނާދޭ. އަޅުގަނޑުމެންޖެހޭ މި ސަރަޙައްދުގައި އޮތް އެންމެ ތަނަވަސް ޤައުމަށްވާން. އަޅުގަނޑުމެން އެބަޖެހޭ އ.ދ. ގައިވެސް އަޅުގަނޑުމެންނަކީ ބަސްކިޔޭވަރުގެ ބަޔަކަށްވާން. އަޅުގަނޑުމެން އެބަ ކަށަވަރުކުރަންޖެހޭ، އަޅުގަނޑުމެންނަކީ އިސްތިޤްލާލަކާއި ސިޔާދަތެއް އޮތް ޤައުމަކަށްވާން. އަޅުގަނޑުމެން އެބަވާންޖެހޭ ހަމަ ތިމާވެށިފަދަ، އަޅުގަނޑުމެންނަށް މުހިއްމު މައްސަލަތަކުގައި އަޅުގަނޑުމެން އަޑުއުފުލާ ފަދައިން، އެހެން ހުރިހާ މައްސަލަތަކުގައިވެސް، ދުނިޔެއާއެކީ މަސައްކަތްކުރާ ބަޔަކަށްވާން. އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީމަ، ކޮމަންވެލްތުން ވަކިވިނަމަވެސް، ދެން އަޅުގަނޑުމެން މަސައްކަތްކުރާ މި ދެންނެވި ކަހަލަ ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކުގައި އަޅުގަނޑުމެންނަކީ ޙަރަކާތްތެރި، އަޑުހުރި ބައެއް ކަމުގައި ވާން އެބަޖެހޭ.

އަބަދުވެސް އަޅުގަނޑު ދަންނަވަނީ، މިއަދު މިހިރީ ރޭގަނޑުގެ ހިޔަނި. އަބަދުވެސް އަޅުގަނޑު ދަންނަވަނީ، އަޅުގަނޑުގެ ހަވީރުގެ ހިޔަނި އަޅުގަނޑަށް ފެންނާތީ. އެކަމަކުވެސް އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުގެ ޒުވާނުންނަށް، އަޅުގަނޑުގެ ރައްޔިތުންނަށް، ހުވަފެން ދެކެންވާނެ. އުއްމީދު ކުރަންވާނެ. ދިރުން ހުންނާނެ. އެހެންވެއްޖިއްޔާ ޙާލަތު ބަދަލުވާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ.

އެހެންވީމާ، އަދިވެސް އަޅުގަނޑު ދަންނަވާލާނީ ނިންމާލަމުންވެސް، އަޅުގަނޑު އިމްތިޙާނު ކުރައްވަނީތޯއޭ؟ އަޅުގަނޑު އިމްތިޙާނު ކުރައްވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ހަމަ ނަތީޖާއަށް އިންތިޒާރު ކުރައްވާށޭ.

އަޅުގަނޑު ވާގިއެދެނީ މާތްﷲގެ ޙަޟްރަތުން.

وما توفيقى إلّا بالله عليه توكّلت وإليه أنيب.
والسّلام عليــكم ورحـمــة اللّـه وبـركاتـه.