މި ސަރުކާރުގެ ސިޔާސަތަކީ ދިވެހިންނަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދީ، ދިވެހިންނަށް ފުރުޞަތުތަށް ފަހިކޮށްދީ، އެމީހުންގެ އަގު ވަޒަންކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި، ވޭތުވެދިޔަ 4 އަހަރު މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް ކުރައްވާފައިވާ ބައެއް މުހިންމު މަސައްކަތްތަކާއި، ކުރިއަށް އޮތް އަހަރު ކުރައްވަން ރާއްވަވާފައި ހުރި ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންގެ އުއްމީދުތަކާ ގުޅިފައިހުރި ކަންކަމަށް އަލިއަޅުއްވައިލައްވަމުން، ކުށުގެ ރެކޯޑު އޮތުމަކީ އެތައް ޒުވާނުންނެއްގެ ވަޒީފާއަށް އޮތް ހުރަހަކަށްވާތީ، 5،752 ޒުވާނެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސިވިލް ސަރވިސްގެ ދެ ގިންތިއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، މިއަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، އަތޮޅު ތެރޭގައި ގެދޮރުގެ ބޭނުންތަކަށް ބޯފެން ބޭނުންކުރާ ފަރާތްތަކަށް މާލެއާ އެއްއަގަކަށް ބޯފެނުގެ އަގު ހަމަޖެހިގެންދާނެކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން އާބާދީގެ 92 އިންސައްތަ މީހުންނަށް ފެނުގެ އަގު، 57 އިންސައްތަ ތިރިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ނުވަ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދާއި، ދަޢުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ މުޢައްސަސާތަކުގެ އިސް ވެރިންނާއި، ސިވިލް ސަރވިސް މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެވަޑައިގަތެވެ.