بســم اللّـه الرّحمـن الرّحيــم

އެންމެހައި ޙަމްދާއި ރިވެތި ޘަނާ ޙައްޤުވެވޮޑިގެންވަނީ، މާތްاللّـه سبحـانـه وتعـالى އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

މާއެނބޫދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި އަޅުގަނޑާއެކީ މި ދަތުރުގައި، މި ޖަލްސާގައި، ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މާއެނބޫދޫއަށް އައުމުން ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގެ ލޯބި ތިޔަ ލޮބުވެތި ރައްޔިތުން ގެންދަވައިފި. އާދެ، މާއެނބޫދޫން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއް، ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް. އަދި ހުށަހަޅުއްވައިދެއްވި ތުއްތުކުދިން، ސްކޫލް ކުދިން ހުށަހަޅައިދިން އިޚްލާޞްތެރި ޝުޢޫރުތަކުން ފުރިގެންވާ ލަވައަކީވެސް ހަމައެހާމެ އަޑުއަހާލަން ފަސޭހަ، ހަމަ އުފާކުރުން ޙައްޤު ލަވައެކޭވެސް ދަންނަވާލަން. އެކަމަށްޓަކައި މާއެނބޫދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

މާއެނބޫދޫން ތިޔަ ވިދާޅުވި މެހުމާންދާރީގެ ތެރޭގައި، މިލަވަ ހައްދަވައިދެއްވިކަމަށް އަޅުގަނޑަށް ގަބޫލުކުރެވިފައި މިއޮތީ، ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢާމިރު. އަދި ޢާމިރުގެ ޅިޔަނެއް ދޮގެއްތޯ؟ ލަވަ ވިދާޅުވުމުގައިވެސް ޢާމިރުގެ ޙިއްސާ އެބައޮތް. ލަވަ ހުށަހަޅައިދިނީ ހަމަގައިމުވެސް، ތިޔައެންމެ ލޮބުވެތި ރައްޔިތުންގެ ލޮބުވެތި ކުދިންކޮޅެއް. އެހެންވީމާ، ރަށެއްގެ ރައްޔިތުންގެ ފަރާތުން މި އިޚްލާޞްތެރި ޝުޢޫރުތަކެއް އަންނަކަމަށްވަންޏާ، މުޅި ރައްޔިތުންގެ ޝުޢޫރު ލާމެހިފައިވަނީ މި ޅެމުން. ނޫނީވިއްޔާ މި ލަވައިން ހުށަހަޅައިދިން ޝުޢޫރުތަކުގެ މައްޗަށް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމަކީ މިރަށަށް އައިސް، މިކަހަލަ އިޙުސާސެއް ކުރެވުނީމާ އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ދިވެހީން މިއަދު މިކަމާ ދޭތެރޭގައި ވިސްނައިލުން ކިހިނެއްވާނެބާއޭ! ޢުމްރާނީ ތަރައްޤީއާއި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަކީ ޝައްކެއްވެސްނެތްގޮތުގައި، ދިރުން ހުރި ކޮންމެތަނަކަށް ބޭނުންވާނެ ޚިދުމަތްތަކެއް.

އެކަމަކު އެއާއެކީ އެ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމާއި، ރައްޔިތުންގެ އުންމީދާއި، ރައްޔިތުންގެ އިޙުސާސްތަކާ، މިއާ ދޭތެރޭގައި އަޅުގަނޑުމެން ސިޔާސީ މީހުން އެބަ ވިސްނައިލަންޖެހޭކަންނޭނގެ. މަގާމުގައި ތިބޭ މީހުންވެސް ބޭނުންވަނީ، ރައްޔިތުންގެ މި އިޚްލާޞްތެރި ޝުޢޫރުތައް ހޯދަން. މަޤާމަށް ބޭނުންވާ ބޭފުޅުންވެސް ބޭނުންފުޅުވާނީ، މި އިޚްލާޞްތެރި ޝުޢޫރުތަކާއި އަދި ޘަނާގެ ބަސްތަކުން އެބޭފުޅުންނަށް ވެދުންކުރެވޭތަން ދެކެވަޑައިގަންނަވަން. މި ތުއްތުކުދިންކޮޅުގެ ފަރާތުން، މި ކުޑަކުދިންކޮޅުގެ ފަރާތުން މިއައި ބައިތުތަކުގެ ތެރޭގައި ޝައްކެއްވެސްނެތްގޮތުގައި، ވަރަށްގިނަ ވާހަކަތަކެއް އައި. އަޅުގަނޑަށް ފެނުނު ދެތިން މެސެޖެއް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑަށް ފަހުމްކުރެވުނުގޮތް ގޯސްކަމަށްވަންޏާ، މާއެނބޫދޫގެ ރައްޔިތުން އަޅުގަނޑަށް ރަނގަޅުކޮށްދެއްވާނެ. ހަމަގައިމުވެސް އަޅުގަނޑަށް ފެނިގެންދިޔައީ، އުފާވެރި ކުދިންތަކެއް. ވަރަށް އުފާވެރި ކުދިންތަކެއް. އެ އުފާވެރިކަމާއެކީ އެކުދިންގެ އުއްމީދުތައް ދޫކޮށްލާފައި، ނޫނީވިއްޔާ ކުރިއަށްދާ މިންވަރު، އެއީ އަޅުގަނޑުމެން އަޑުއަހާ މީހުން ވަޒަންކުރަން އެކުދިން ދޫކޮށްލީ. ދެން ފެނިގެން މި ދިޔައީ މިއީ ކުޑަކުޑަ ކުދިންކޮޅަކަށްވާތީ، އެ ކުދިންނަކީ މަޢުޞޫމް ކުދިންތަކެއްކަން. އަޅުގަނޑު މިވާހަކަވެސް މި ދަންނަވަނީ ހަމަ ސަބަބެއް އޮވެގެން. ދެން އެއާއެކީ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންނަކީ އަބަދުވެސް އިންސާނުންނަށްވާއިރު، މި ހުރިހާ ނިޢުމަތްތަކެއް ﷲ އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާއިރުވެސް، އަޅުގަނޑުމެން އެކަމަކަށް ފަސޭހަކަމާއެކީ ބަލައިނުގަނެވޭ، ނޫނީ ޢަމަލުން ދެއްކުމުގައި އަޅުގަނޑުމެންގެ ބުރަކިޖެހޭ ކަންތައްތަކެއް ހިމެނޭ ކަމެއް.

އެކުދިންގެ ފަރާތުން އިވެމުންދިޔައީ، ފާޅުކުރަމުންދިޔަ ޝުޢޫރުތަކުގެ ތެރޭގައި އައީ، ޝުކުރުވެރިކަން. މިއީ އަޅުގަނޑުމެންނަކަށް އެހާ ފަސޭހަ ކަމެއްނޫން. މިހުރިހާ ނިޢުމަތްތައް ލިބިގެންދާއިރުވެސް ގިނަފަހަރު ހަނދާނެއް ނުހުރޭ. އުފާވެރިކަމާއި، އުންމީދުތަކާއި، ހިނިތުންވުމާއި، ލޯތްބާއި، ކުލުނާއެކީ، އަޅުގަނޑަށް ފެނިގެން މިދިޔައީ، މާއެނބޫދޫގެ ރައްޔިތުން، މިކުދިންގެ ތެރެއިން ތިޔަ ދައްކުވައިދެއްވީ ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުންގެ ޝުޢޫރު. ތަނަށް ބޭނުންވާ މަޞްލަޙަތާއި ހަމަޖެހުމާއި އަމާންކަމާއެކީ، ތަރައްޤީ ބޭނުންވާ ވާހަކަ. ޝުކުރުވެރިވަނީ ތަރައްޤީ އަންނާތީ. ޝުކުރުވެރިވަނީ މާއެނބޫދޫގެ ނަރުދަމާގެ ނިޒާމު މިއަދު ނިމިގެން، ހުޅުވައިދޭން ޤައުމުގެ ރައީސް އައިސް، މާއެނބޫދޫގެ ރައްޔިތުންނާ ބައްދަލުކޮށް، މި އުފާވެރި މުނާސަބަތުގައި މާއެނބޫދޫގެ ރައްޔިތުންނާ ބައްދަލުކުރާތީ. ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާތީ.

ހަމައެއާއެކީ، މާއެނބޫދޫގައި ފުދިގެން ގޮސްފައިހުރި ކަންތައްތަކުގެ ވާހަކަ މާއެނބޫދޫގެ ކައުންސިލްގެ ރައީސް ފިކުރީގެ ވާހަކައިގައިވެސް އެ ވިދާޅުވީ. އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ ބޭފުޅުން، ޢާމިރު، ޠާރިޤުގެ ވާހަކައިގައިވެސް އެވިދާޅުވީ، މިތަނަށް އައިސްފައި ހުރި ކަންތައްތަކުގެ ވާހަކަ. ބަނދަރު ހެދިފައި މިއޮތީ. އަދި މިނޫންވެސް އެހެން ކަންތައްތަކުގެ ވާހަކަ މި ބޭބޭފުޅުން މި ވިދާޅުވީ. އަދި އޭގެކުރީގައި މާއެނބޫދޫ، މިކަހަލަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުން ކުޑަކޮށް އެއްފަރާތަށް ޖައްސާލައިފައި އޮތް ވާހަކަފުޅުތައް އެބޭފުޅުން ވިދާޅުވީ. މިއީ އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން.

ސަރުކާރުން، ކޮންމެ ސަރުކާރަކުންވެސް ބަލާނީ، ބަލަންވާނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދޭން. އެއާއެކީވެސް ސަރުކާރުން ކަންތައްތައް ކުރާއިރު އިސްކަންދެވޭ ގޮތްތަކެއްވެސް ހުރޭކަންނޭނގެ. އިސްކަންދެވޭ ގޮތްތަކެއް ހަމަގައިމުވެސް ރައްޔިތުން އިޙްސާސްކުރޭ. ބައެއްފަހަރު، ޗާޓުން ބޭރުގައިވާ ވާހަކަވެސް، އަޅުގަނޑުމެންނަށް އިވިފައި ހުންނަ ވާހަކަތައް މިއީ. އަދި ޗާޓުގައި ނުހިމެނޭ ވާހަކަތައްވެސް، އަޅުގަނޑުމެންނަށް އިވިފައި ހުންނަ ވާހަކަ މިއީ. އަޅުގަނޑުމެން މި ބަލަނީ ކޮންމެހެން އަޅުގަނޑުމެންގެ ފިކުރު އޮތްތޯ ނެތްތޯއެއް ނޫން. ރައްޔިތުން ކަމަށްވަންޏާ އެއީ ހަމަ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއްވެސް ލިބެން ބޭނުންވާނެ ރައްޔިތުން.

އަޅުގަނޑު މިއަދު ސިޔާސީ ލީޑަރުންނަށް ދަންނަވާލަން ބޭނުންވަނީ، ދެންމެ ޢާމިރުގެ ވާހަކަފުޅުގައި އަދި އޭގެކުރިން ޠާރިޤުގެ ވާހަކަފުޅުގައި އިޝާރާތް އެ ކުރެއްވި ކަންތައްތައް. ރާއްޖެއަށް މި ޒަޢާމަތުގައި، މި 4 އަހަރުގެ ތެރޭގައި އަންނަ ތަރައްޤީ ފެނިވަޑައިނުގަންނަވާ ވާހަކަ. އަޑުފުޅު އިވިވަޑައިނުގަންނަވާ ވާހަކަ. އެހެންނަމަވެސް، އެބޭފުޅުންވެސް ހޯއްދަވަން ބޭނުންފުޅުވަނީ، ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިޚްލާޞްތެރިކަން ކަމަށްވަންޏާ، ހަމަގައިމުވެސް މިއަދު މިތަނުގައި ބަނދަރުމަތީގައި މި ކުޑަކުދިން ހުށަހަޅާލަދިން، ލަވަ އެބަޖެހޭކަންނޭނގެ އަޑުއައްސަވައިލައްވަން. އަޑު އައްސަވައިލައްވައިފިއްޔާ ވަރަށް ގިނަ އެއްޗެހިތަކެއް، އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި އެލަވައިގައި އެކުދީންގެ އުންމީދުތައް ހިމެނިފައި ހުރިގޮތަށް، އެބޭބޭފުޅުންގެ މަސައްކަތްވެސް މިޞްރާބު ކުރައްވަން އެބަޖެހޭކަންނޭނގެ. މިޞްރާބު މިއަދު ބަދަލުކުރައްވަން އެބަޖެހޭކަންނޭނގެ.

އަޅުގަނޑުވެސް ވަރަށް ގިނައިން ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހަމު. އަޑުއަހާތާ ވަރަށް ދުވަސްވެސްވެއްޖެ. އަދި ހަމަ އެހެންމެ، ސިޔާސީ ބޭފުޅުންގެ ޒަޢާމަތްތަކުގައި ރައްޔިތުންނާ ކައިރިން ޚިދުމަތް ދެވޭތޯ މަސައްކަތް ކުރުމުގައި އަޅުގަނޑުވެސް މީގެ ކުރިންވެސް އުޅެފީމު. ސިޔާސީ ބޭފުޅުން މި ދައްކަވާ ވާހަކަފުޅުގެ ތެރޭގައި، އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް މިއަދުވެސް އަޅުގަނޑަކަށް ފާހަގައެއްނުކުރެވޭ، އަޑެއްނީވޭ، އަޅުގަނޑުމެން ކުރާ ބޮޑެތި ބިޔަ މަޝްރޫޢުތައް އެއީ ރައްޔިތުން ބޭނުންނުވާ މަޝްރޫޢުތަކެއް ކަމަށް ވިދާޅުވާ ވާހަކައެއް. އެ ވާހަކައެއް އަޅުގަނޑެއް އަޑެއްނާހަން. އެ މަޝްރޫޢުތަކުގެ ވާހަކަ ނުދައްކަވާ ސަބަބެއްވެސް އޮންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ، އެ މަޝްރޫޢުތަކުގެ ވާހަކަ ނުދައްކަވަނީ
އެ މަޝްރޫޢުތަކުގެ ވާހަކަ ދެކެވިއްޖެ ކަމަށްވަންޏާ، ހަމަގައިމުވެސް އެ މަޝްރޫޢުތައް ފޯރުވިގެން މި އަންނަނީ ރައްޔިތުންނާ ހަމައަށް ކޮން ޒަޢާމަތެއްގައިކަން، ރައްޔިތުންގެ ހަނދާނަށް އަބަދު އަންނާނެތީ، އެކަން ކުރައްވަން ބޭނުންފުޅުނުވަނީ.

އެހެންވީމާ، އެއީ މަޝްރޫޢުތަކެއް ނުހިނގާތީއެއްވެސް ނޫން. މަޝްރޫޢުތައް ހިނގާތަން ނުފެންނާތީކީވެސް ނޫން. އަދި އެބޭފުޅުން، އަޅުގަނޑުމެންގެ ރަށްރަށަށް ޒިޔާރަތް ކުރަނީ އެކިއެކި ބޮޑެތި މަޝްރޫޢުތައް ހުޅުވައިދޭން. ނޫނީވިއްޔާ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ނިންމާފައި، އެކަންކަމުގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން. އެބޭބޭފުޅުން ވިދާޅުވެގެން، އެބޭބޭފުޅުންގެ ފަހުލަވާނުން ނުކުމެ ތަންކޮޅެއް ދުރުގައި އުޅޭނެ ބޯޑުތައް ހިފައިގެން. އެހެންވީމާ، ބޯޑުގައި ލިޔެފައި އޮންނަ އެއްޗެއް އަޅުގަނޑަކަށް ނުއެއްފެނޭ. އެކަމަކު އަޅުގަނޑުމެން މިދަނީ ރަށަކަށް ނަރުދަމާގެ ނިޒާމު އިފްތިތާޙު ކޮށްދޭން ކަމަށްވަންޏާ، ފެނުގެ ނިޒާމުގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ކަމަށްވަންޏާ، ނޫނީވިއްޔާ ވައިގެ ބަނދަރެއް ހުޅުވައިދޭން ކަމަށްވަންޏާ، ހަމަގައިމުވެސް އެބޯޑުތަކުގައި އެ ބަނދަރު ބޭނުމެއްނެތޭ، އެ ނަރުދަމާ ބޭނުމެއް ނެތޭ، ފެނުގެ ނިޒާމު ބޭނުމެއްނެތޭ އޮންނާނެއެކޭ، އަޅުގަނޑު ހިތަކަށް ހަމަ އިޙްސާސެއް ނުކުރެވޭ. އަޅުގަނޑުގެ ހިތަކަށް އިޙްސާސެއް ނުކުރެވޭ. އެހެންވީމާ، އެ ވާހަކައެއް ނޯންނާނެކަން އެނގޭ.

އެހެންވީމާ، އަޅުގަނޑު ހިތަށް އަރަނީ، އެބޭފުޅުންނަށް އެބޭފުޅުންގެ ލީޑަރުން ވިދާޅުވެފައި މި އޮންނަނީ، ރައީސް ޔާމީން ޖަލްސާ ކުރާއިރު، ކަލޭމެންނަކަށް ޖަލްސާ ހޯލަކަށް ނުދެވޭނެއޭ. އެހެންވީމާ ޖަލްސާ ކުރާ ތަނަށް ވަދެގެން ނުވާނެއޭ. ޖަލްސާކުރާ ތަނަށް ވަދެއްޖިއްޔާ ކަލޭމެން އަޑުއަހަން ބޭނުންނުވާ ވަރަށް ގިނަ ވާހަކަތައް ދައްކާނެއޭ. އެހެންނަމަވެސް، ކަލޭމެންނަކީ ރައީސް ޔާމީން ދިޔައިމާ ލިބޭ ޚިދުމަތްތައް ބަލައިގަންނަ ބަޔަކަށްވާތީ، އެ ޚިދުމަތްތައް ބަލައިގަންނަކަން ދެއްކުމަށްޓަކައި ބޯޑުތައް ހިފައިގެން ތަންކޮޅެއް ދުރުގައި ތިބޭށޭ. ޖަލްސާ ހޯލަށް ނުވަންނާށޭ. އެހެންވީމާ، އެގޮތުން އެބޭފުޅުން ކުރައްވާ ކަމެއްކަމަށް އަޅުގަނޑަށް މިކަންވެސް ސިފަވެގެން މިދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ އިދިކޮޅަށް މަސައްކަތް ކުރައްވާ ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް، އެބޭފުޅުން އެ ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަ އަޅުގަނޑުމެން ހަމަ ކޮންމެ ރަށަކަށް އައިމާވެސް އަޅުގަނޑުމެންނަށް އިވޭނެ. ރަށްރަށަށް ބޭނުންވާ އެތައްކަމެއް ފުދިގެންދާއިރުވެސް އަދިވެސް ރައްޔިތުން ބޭނުންވާ ކަންކަންވެސް ހުންނާނެ. އަޅުގަނޑު ހަމަ ހެޔޮހިތުން އެކަންކަން ގަބޫލުކުރަން. އަޅުގަނޑުވެސް ރައްޔިތުންނާ ހަމައަށް އައީ، ރައްޔިތުންގެ އެންމެ އިސް ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރަން. ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް، ކުރީގައި ކުރި ވަރަށްވުރެ ރަނގަޅަށް، ކުރީގައި ކުރި ވަރަށްވުރެ އަވަހަށް، އަދި ރައްޔިތުންގެ އުންމީދުތަކާއި އަޅުގަނޑުމެންގެ ޚިދުމަތްތަކާ ގުޅުވައިދީ، ރައްޔިތުން މިހާރު ތިބި ހިސާބުން އެތައް ގުނައެއް ކުރިއަށްދާން ބޭނުންވާތީ. އެކަމަށް އެދޭތީ. އަޅުގަނޑު ދެކިލަން ބޭނުންވޭ، އަޅުގަނޑުގެ ޒަޢާމަތު ނިމުމުގެ ކުރިން، މާލޭން ފެށިގެން ހުޅުމާލެއާ ހަމައަށް، ނޫނީވިއްޔާ ހުޅުލެއާ ހަމައަށް ކަނޑުގައި ހިނގާލާފައި ދާ ދިވެހި ރައްޔިތުން، އަޅުގަނޑު ދެކެން ބޭނުންވޭ. އެހެން ބޭފުޅުން އެވާހަކަފުޅު ދެއްކެވި. އެކަމަކު ލިޔުއްވި ސުރުޚީތައް، ހަވާގައި ވާކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ޖައްވުގައި ވާކަމަށް. އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޒަޢާމަތް ނިމިގެންދާއިރު، ހަމަ މާލޭން ހިނގާލާފައި ދާ މީހުން ކަނޑު ހުރަސްކޮށްލާފައި، ހުޅުލެއާ ހަމައަށް ދިޔުމަކީ، މިއީ ކޮންފަދަ ނިޢުމަތެއްތޯ!

އެހެންވީމާ، މިކަހަލަ ވާހަކަ ރާއްޖޭގައި މިހާރު ހިނގާކަމުގެ، އެ ޙަޤީޤަތުގެ އުފާވެރި ޚަބަރު ދެއްވާކަށް އިދިކޮޅު ބޭފުޅުން ބޭނުންފުޅެއްނުވާނެ. އެކަމަކު އަޅުގަނޑުމެން ދެކޭނަމު. އަޅުގަނޑުމެން ދެކޭނަން އިރާދަކުރެއްވިއްޔާ، އަލަތު ކައިވެނިތައް ފަށާ ޒުވާނުން. ޝިޔާމް ޒުވާނުން އިނގޭތޯ! އަލަތު ކައިވެނިތައް ފަށާ ޒުވާނުންނަށް މި ބުރިޖް ޚާއްޞަވެގެން މިދަނީ، ތިން ހަތަރު ދުވަހެއް ވަންދެން، ހަމަގައިމުވެސް އެމީހުން އެ ފަށާ އުފާވެރި ދިރިއުޅުމަށް، އެފަށާ އުފާވެރި ޕާރޓްނަރޝިޕަށް، އުއްމީދުން ފުރިގެންވާ، އަދި ތާރީޚީ ކަމަކަށް އެކަން ހެދުމަށްޓަކައި، އަޅުގަނޑުމެން ބުރިޖްގެ ފުރަތަމަ ތިން ހަތަރު ދުވަސް މި ޚާއްޞަކޮށްލަނީ. ހަމަ ޙަޤީޤަތުގައިވެސް ބުރިޖްގެ އަޞްލު ބޭނުމަށްވުރެ ކުރިން މި ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމަށް އިސްކަމެއް ދިނުމަށްޓަކައި. އަޅުގަނޑު ޒުވާނުންގެ ކަންކަމަށް އިސްކަންދެނީ، މި ދެންނެވި ކަހަލަ ބައިވަރު ސަބަބު ހުރެގެން. ޒުވާނުންނަކީ އެންމެ ރަނގަޅަށް ކަންކަން އޮޅުންފިލުވަން ފަސޭހަކަމާއެކީ، އޮޅުންފިލުވުމުގެ ފަންނާއި ހުނަރު ލިބިފައި ތިބި މީހުން. މިއީކީ އެއްގޮތަކަށްވެސް ދޮށީ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާ ބަދުބަހެއް ނޫން. ދޮށީ ރައްޔިތުންނަކީ، އިސް ރަށްވެހިންނަކީ އަބަދުވެސް ސުލްޙައާއި މަސްލަޙަތަށް ލޯބިކުރައްވާ ބޭފުޅުން. އެހެންވީމާ، މުސްލިމަކަށް ދެވަނަފަހަރަށް ޝަހާދަތް ލައިދޭންނުޖެހޭ އުސޫލުން، އިސް ރަށްވެހީން އަރިހުގައި އަޅުގަނޑު ނުޖެހޭނެ، ތަނުގެ މަޞްލަޙަތު ގެއްލޭތީ، މަޞްލަޙަތާ ބެހޭގޮތުން އިތުރު މަސައްކަތެއް ކޮށްދެއްވާކަށް ދަންނަވާކަށް. އިސް ރަށްވެހީންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. އަޅުގަނޑަށްވުރެ ބޮޑަށް އެކަމަށް މިރަށްރަށުގައި ދިރިއުޅުއްވާ އިސް ރަށްވެހީން ބޭނުންފުޅުވާނެ، ތިޔަބޭފުޅުންގެ ވެށި ސަލާމަތުން އޮންނަން. ތިޔަބޭފުޅުންނަކީ ފަސޭހަކަމާއި އަމާންކަމާއެކީ މި ރަށްރަށުގައި ތިއްބެވި ބޭފުޅުން، ޚިދުމަތް ކުރެއްވި ބޭފުޅުން. ޙަޔާތުގެ ދެންއޮތް ބައިވެސް ހަމަ އުފާވެރިކަމާއެކީ ހޭދަކޮށްލަން، އަމާންކަމާއެކީ ހިނގާބިނގާވެ އުޅުއްވުމުގެ ޙައްޤު ތިޔަބޭފުޅުންނަށް އޮންނާތީ، އެކަމަށް ތިޔަބޭފުޅުން އެދިވަޑައިގަންނަވާނީ. އެހެންވީމާ، މިކަމަކަށް އަޅުގަނޑު ނުޖެހޭ އިސްރަށްވެހީންގެ އަރިހުގައި ނަސޭހަތްދޭކަށެއް.

އެކަމަކު ޒުވާނުންނަށް، ޒުވާނުންނަކީ އަބަދުވެސް ތަނެއްގެ ޙާލަތު ބަދަލުކުރުމުގެ އެންމެ ވަރުގަދަ އިންޤިލާބީ ބާރު އޮންނަ މީހުން. އެކަމުގެ ބާރު ނާޖާއިޒުކޮށް ހިއްޕަވައިފި ބޭބޭފުޅުން. އެހެންވީމާ، މިއަދުވެސް އަޅުގަނޑު ޒުވާނުންނަށް ނަސޭހަތްތެރިވަނީ، މަހާޖައްރާފާ މިހިސާބަށް އަންނައިރުވެސް، މަހާޖައްރާފާއަކީ ވަރަށް ދިގު ދަތުރުތަކެއް ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް ދިގު ދަތުރުތަކެއް ކުރަންޖެހޭ މަހާޖައްރާފާއެއް. އެކަމަކު މަހާޖައްރާފާގެ ޚިދުމަތް ބޭނުންފުޅުވާ ރައްޔިތުން ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެބަ ތިއްބެވި. އަދި އެ ދިމަދިމައިގައި ރައްޔިތުންގެ އެކި ކުލަކުލަ ސިޔާސީގޮތުން ޖެހިފައި ހުރިކަންވެސް އަޅުގަނޑަށް އެނގޭ. އެކަމަކު މި ޖައްރާފާ އޮޕަރޭޓް މި ކުރަނީ، ހަމަ ވަރަށް ވަރުގަދަ އިމްބިއުޓް ސިމްއަކުން. އެ ސިމްއަށް އެނގޭނެ، ސިޔާސީގޮތުން ހަލަބޮލި ކަނޑުތައް ހުރަސްކޮށްފައި އަންނަ ކަމަށްވަންޏާ، އެ ޖައްރާފާ ދަތުރު ތަންކޮޅެއް ލަސްވަނީ. އެހެންވީމާ، މި ސިމް ރީޑްކުރާނެ އެވަރު. މި ސިމް ރީޑްކުރާއިރު، މި ދެންނެވި ގޮތަށް ސިޔާސީގޮތުން ހަލަބޮލިކަން ނެތް ކަނޑުތައް ހުރަސްކޮށްފައި އަންނަން ޖައްރާފާއަށް ފަސޭހަ. އެއީ ޖައްރާފާ އެ އަންނަ ހިސާބަކަށް އައިސްގެން ދޮގެއްތޯ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންތައްތައް ވެގެންދަނީ. އެހެންވީމާ، ސީނުކަރައިގައި ވަރަށް ވަރުގަދަޔަށް ތައްޔާރުކުރެވިފައި އޮތް އެއްޗެއް. ހަމަ ދުނިޔޭގައި ހަމަ އެންމެ ވަރުގަދަ ފެންވަރުގައި ތައްޔާރު ކުރެވިފައި އޮތް އެއްޗަކަށްވީމަ، މިޒަމާނުގެ ޓެކްނޮލޮޖީ މީގައި ހިމެނިގެން އެބައާދޭ.

އެހެންވީމާ، އަޅުގަނޑުމެން ސިޔާސީގޮތުން ކަނޑުތައް އަމާންކުރުމާއެކީ، ޖައްރާފާ މިޞްރާބުޖަހަން ފަސޭހަވާނެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން. އެކަމަކު މިއީ ތިޔަބޭފުޅުންގެ އުންމީދުތައް ދޮގެއްތޯ! މި އުންމީދުތައް ފުދިގެންދާނެ. މި އުންމީދުތައް ފުދިގެންދާނެ. އެކަމަކު އުންމީދުތައް ފުދޭއިރު، މިހާތަނަށް މިރަށްރަށުގައި ކުރެވިފައި ހުރި ކަންތައްތަކާ ދޭތެރޭގައި ވިސްނައިވަޑައިގަންނަވާއިރު، ހަމަ އެކަންކަންވެސް ޙަޤީޤަތަކަށް ވެގެންދިޔަގޮތާ ދޭތެރޭގައި ވިސްނައިވަޑައިގަންނަވާށޭ. އަޅުގަނޑަކާ ޖަދަލެއް ނުކުރައްވާ ސިޔާސީ ބޭފުޅުންނެއް، ރަށްރަށަށް މިދޭ ޚިދުމަތުގެ ވާހަކައިން. އެކަންކަމަކާ އަޅުގަނޑަކާ ޖަދަލެއް ނުކުރައްވާ. އަދި ރަށްރަށުގެ ރައްޔިތުންގެ އިޚްލާޞްތެރި ހިތުގެ އެންމެ ފުންމިނުން އަންނަ ޝުޢޫރުތައް، އެބޭފުޅުން އަޑުއައްސަވާ. އެވާހަކައެއްވެސް ނުދައްކަވާ. އެކަމަކު އަޅުގަނޑު ނެތިން، ޠާރިޤުގެ ވާހަކަފުޅަކުންނެއް އެއްވެސް ވާހަކައެއް ނަގާކަށްވެސް. އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނާއެކީ މި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުންނަށް ލަދުވެތި ކަންތައްތައް ހުރޭ، ޕޯޑިއަމްގެ ކައިރިއަށް ވަޑައިގެން، ކުރީގައި ދެއްކެވިފައި ހުރި ވާހަކައާއި، ކުރީގައި ކަން ކުރެއްވިފައި ހުރިގޮތުން އިތުރަށް އެ ވާހަކަތައް ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅުއްވަން ލަދުވެތިކަމެއް ހުރޭ. އިޢުތިރާޒު ކުރައްވާ ކަމެއް ހުރޭ. ދަތިފުޅުވާ ކަންކަމެއް ހުރޭ.

އެހެންވީމާ، ސިޔާސީ މީހުންނަކީ، ވަރަށް ގިނަ ފަހަރަށް ރައްޔިތުން ގަބޫލުކުރާނެ، އެފަހަރަކު ކަންއޮތްގޮތަށް ފަސޭހަކޮށް އެމީހުންގެ ބަހުރުވަޔާއި، އެމީހުން ދައްކާ ވާހަކަ ބަދަލުކޮށްލާ ބަޔެކޭ. އާދެ، އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވެގެންދާއިރު، މި އަންނަ ކަހަލަ ބަދަލުތައް، ސިޔާސީ މީހުންނަށް އަބަދުވެސް އާދޭ. އެކަމަކު އެ ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރައްވާ، އެ ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރާ، ދައްކާ ވާހަކައާއި، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ކަންކަމާއި، ރައްޔިތުންގެ ބޮޑެތި ކަންކަން ޙިމާޔަތްކުރުމުގައި ފަސޭހައެއްނުވާނެކަން ރައީސް ޔާމީނަކަށް، ނޫނީ އަޅުގަނޑާއެކީ އެންމެ އިސްކޮށް މަސައްކަތް މި ކުރައްވަނީ އެމް.ޑީ.އޭ.ގެ ލީޑަރު އަޅުގަނޑުގެ އަޚު ޝިޔާމް. އަޅުގަނޑުމެންނަކީ ސިޔާސީގޮތުން އަބަދު އަބަދު އިރުން ހުޅަނގަށް، ކައްޗާދުއްވާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ދާގޮތަކަށް އަޅުގަނޑުމެން އަމާންކަމުގެ އައްސޭރިއަށް ވާސިލުވާން ބޭނުންވާ ބައެއް. އެހެންވީމާ، މިއޮޑި ދުވަނީ ސީދަލަށްކަން އެނގިވަޑައިގަންނަވާ. މިއޮޑީގެ ފަޅުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށްވަންޏާ އަމާން ބަނދަރާ ހަމައަށް ދާކަން އެނގިވަޑައިގަންނަވާ. އެހެން ސިޔާސީ ބޭފުޅުން މިއަދު މި ވާހަކައެއް ނުދައްކަވާނެ ޕޯޑިއަމަކު. އެއީ އެބޭފުޅުން މީގެ ކުރީގައި ދައްކަވާފައި ހުރި ވާހަކަތައް ބަދަލުވާކަހަލަ ވާހަކަ އެބޭފުޅުން ދައްކަވަން ޖެހޭނީ.

އަޅުގަނޑުމެން ރަށްރަށް ތަރައްޤީކުރާ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން ޚިޔާލަށް ގެންނަން އެބަޖެހޭ، މީގެކުރިންވެސް ތަރައްޤީވި. އަޅުގަނޑުމެން ދެއްކީމު ތަރައްޤީ އައި ދުވަސްތަކެއްގެ ވާހަކަ. އޭރު އިދިކޮޅަށް ތިއްބެވި އެމް.ޑީ.ޕީ. ބޭފުޅުން އެއާ ދެކޮޅަށް ވާހަކަފުޅު ދެއްކެވި. އެކަމަކު އިސާހިތަކު އެބޭފުޅުންނަށް މިއޮޑީގެ ހުންގާނު ލިބުނު ހިސާބުން، ހުނ! މުޅި ކަންތައް އެއްފުށުން އަނެއްފުށަށް ޖަހައި ހިނގައްޖެ. ދެން އަނެއްކާވެސް ވެރިކަން ދިޔައިމާ، އަޅުގަނޑުމެންގެ ތެރެއިން އައި އިސްޠިލާޙެއް، އާ ބަހެއް މިއީ، [ފަނާކުރުވަނިވި] ތިން އަހަރުގެ ވާހަކަ. ހަމައެއާއެކީ، އަތުވެއްޖެ [ބިނާކުރުވަނިވި ރަން ތިރީސް އަހަރެއް]ގެ ވާހަކަވެސް. އެހެންވީމާ، މިއަދަކު ނެތް މިދެ ވާހަކައިންކުރެ ވާހަކައެއް ދެއްކޭކަށް. އެޕޯޑިއަމް ކައިރިއަށް އަރާ އިދިކޮޅު ބޭފުޅުން މިވާހަކަ ދައްކަވަންޏާ ލަދުވެތިކަމާއެކީ ރައްޔިތުންގެ ކުރިމަތީ އެބޭފުޅުން ހުއްޓިވަޑައިގަންނަވަންޖެހޭނީ.

އެހެންވީމާ، ކޮބައިތޯ ފަނާކުރި ފިކުރަކީ؟ ކޮބައިތޯ ބިނާކުރި ފިކުރަކީ؟ މިހާރު ބުނެލަން ތަފާތު. ރޮނގެއްވެސް ދަމާލަން އުނދަގޫ. ހަމަ އެއާއެކީ އެ ޚިދުމަތް ކުރުމުގައި، ތިމަންނަމެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އޮޑިން ފުއްމާނުލާނެ ކަމަށް ވިދާޅުވި ބޭފުޅުން، އޮޑިން ފުއްމާލައިގެން މިހާރު ޣަރަޤުވާއިރުވެސް، ދެން ދަތިފުޅުވާނެ ދޮގެއްތޯ، ޕޯޑިއަމްތަކަށް ވަޑައިގެން އަނެއްކާވެސް އެއާ ޚިލާފު ވާހަކަފުޅުތައް ދައްކަވަން. އެހެންވީމާ، އެބޭފުޅުންވެސް އެ ވާހަކައެއް ނުދައްކަވާނެ.

އަބަދުވެސް އަޅުގަނޑަށް އަމާޒުވާނީ، އަބަދުވެސް އަޅުގަނޑަށް އަމާޒުވާ ވާހަކައަކީ، އިންޞާފު، އެއް އުސޫލަކުން ހަމަހަމަކަމާއެކީ ހުރިހާ ރައްޔިތުންގެ މެދުގައި ޤާއިމުކުރަން ކުރާ މަސައްކަތުން، އެ މަސައްކަތުން މަންފާތަކެއް، ނާޖާއިޒު މަންފާތަކެއް ލިބޭނެކަމަށް، ލިބެންވާނެ ކަމަށް، އަބަދުވެސް ގަބޫލުކުރާ އެއްވަނަ ދަރަޖައިގެ ރައްޔިތުން ތިބޭކަމަށް ވަކާލަތު ކުރައްވާ ބޭފުޅުންގެ ވާހަކަކޮޅެއްގެ ވާހަކަ. އެ ޝަކުވާ އަޅުގަނޑަށް އަބަދުވެސް އަންނާނީ. އެކަމަކު ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކީ، އެއް އިންޞާފަކުން، އެއް ތަރާދަކުން ކިރާ ކަމަށްވަންޏާ، އެ ގަބޫލުނުކުރެވޭ ބޭބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާނެ. އެހެންވީމާ، އެއްގޮތަކަށްވެސް ބޭނުންފުޅެއްނުވާނެ، ތަރައްޤީގެ ވާހަކަ ދައްކަވާކަށް. ރައްޔިތުންގެ އުންމީދާއި އިޙްސާސްތަކުގައި ކުލަޖެހެމުންދަނީ ކިހާވަރަކަށްތޯ، އެ ވާހަކައެއް ނުދައްކަވާނެ. އަބަދުވެސް ދައްކާނީ، ބޭރުގެ ފަރަންޖީ ވަފުދެއް އަޔަސް، އަދި އެހެން ބަޔަކު އަޔަސް، އަދި މިތަނަށް އަޅުގަނޑުމެންނަށް ހެޔޮއެދިގެން، އެހީތެރިކަން ފޯރުކޮށްދޭން އަންނަ ބަޔަކު އަޔަސް، އަބަދުވެސް ދިވެހިރާއްޖޭގެ ފަތިފުށް އިއްވަމުންދާއިރު، އެބޭފުޅުން އިއްވައިދޭއިރު، އަބަދުވެސް ދައްކާނީ، މިކަންކަން ރާއްޖޭގައި ހުރީމާ، މިކަންކަން އިޞްލާޙު ނުވަނީސް، މި ރަށްރަށަކަށް އަންނަންވާ ތަރައްޤީއެއްގައި ކަލޭމެން ބައިވެރިވާނެ ކަމެއްނެތޭ. އެކަމަކު ޕޯޑިއަމެއް ލިބިއްޖެ ކަމަށްވަންޏާ، އެންމެ ވަރުގަދަޔަށް ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެކަމާއި، ރައްޔިތުންނަށް ކަންކަން ކުރެވޭނީ ތިމަންނަމެނަށް ކަމަށް ވިދާޅުވާ ބޭފުޅުން، އެންމެ ވަރުގަދަ ޞިނާޢަތް ދިވެހިރާއްޖޭގައި ހަލާކުކޮށްލަން ވަކާލާތު ކުރުމާއި، އެކިއެކި ފަންޑުތަކުން ލިބޭ ބޭރުގެ އެހީ ދިވެހިރާއްޖެއަށް އައުމަށް ހުރަސްއެޅުމާއި، މިނޫން އަޑެއް އަޅުގަނޑުމެންނަކަށް ނީވޭނެ. ޓްވީޓްތަކުން، ސޯޝަލް މީޑިޔާއިން، ޚަބަރުތަކުން، ފަލަ ޞުރުޚީ، އެއްވަނަ ޞަފްޙާ، އަބަދުވެސް ނަގާފައި ހުރީ މިކަހަލަ ޚަބަރުތަކުން.

އެހެންވީމާ، މިބޭފުޅުން މިކުރައްވާ ކަންތަކެއް، ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށް ދެކޮޅެއްނުޖެއްސޭ. އަޅުގަނޑަކަށް ހަމަ އެ ވާހަކަ އަޑުއަހައިއަހައި، އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަކަށް ތިލަވާވަރަކަށް، ފަހުމްވާވަރަކަށް، އެކަމެއް އަޅުގަނޑަކަށް ގަބޫލެއްނުކުރެވުނު. އަބަދުވެސް އަޅުގަނޑަށް މައްސަލައެއްގެ ގޮތުގައި މި ފެންނަނީ، ކުރީގައި ކުރަމުން އައި ސިޔާސީ ޗަރުކޭސް މިހާރު ރާއްޖޭގެ އިސްވެރިންގެ ތެރޭގައި ކުރުމަށް ހުރަސްތަކެއް ހުރިކަން، އެބޭފުޅުން ގަބޫލުކުރައްވާތީ، އެ މައްސަލަހެން އަޅުގަނޑަށް ހީވަނީ މައްސަލައަކަށް ވެގެން މިއުޅެނީ. އެހެންވީމާ، އަޅުގަނޑުމެން ޤާނޫނުތަކުންވެސް، އިމްތިޔާޒުތަކުންވެސް، ހުރިހާ ކަމަކުން އެބަޖެހޭ އިސްތިސްނާތަކެއް އަންނަން.

އެހެންވީމާ، ރާއްޖޭގައި އެބަ ގަބޫލުކުރޭ، ރާއްޖޭގައި ޤާނޫނު އެމީހުންނާ ފައިހަމަކުރަން ނުޖެހޭ މީހުން ތިބި ކަމަށް. އަދި ސިޔާސީ އިސް މީހުންގެ ތެރޭގައި، މި ދެންނެވި ކަހަލަ އިމިއުނިޓީތަކެއް، ނޫނީވިއްޔާ އެބޭފުޅުންނާ ހަމައަށް ޤާނޫނު އަންނަން ނުޖެހޭކަމަށް ގަބޫލުކުރައްވާ ބޭފުޅުންތަކަކަށް، މިހާރު އިޙްސާސް ކުރައްވަންޖެހޭ ކަންތައްތަކެއް އިޙްސާސް ކުރައްވާތީ، އެކި ވިސްނުމުގައި ޚިޔާލު ބަދަލުވެގެން، މި ސަރުކާރާ ދޭތެރޭގައި، ނޫނީވިއްޔާ އަޅުގަނޑާ ދޭތެރޭގައި މި އަންނަ މައްސަލަތަކެއް އަންނަ ކަމަށް އަޅުގަނޑަށް ގަބުލުކުރެވެނީ. އެކަމަކު މީގެ ޙަޤީޤަތަކީ ދިވެހި ރައްޔިތުންގެ ލޯމަތީގައި، ދާދި އިހަށްދުވަހާ ހަމައަށް، ހަމަ ކޮންމެ ދުވަހަކު އެއްފަހަރު، އެއް ޑްރާމާ، އަނެއް ދުވަހު އަނެއް ޑްރަމާ، ކުޅެމުން އަންނަތާ އެތައް ޒަމާނެއްވީ ކަންތައްތައް. އެންމެފަހާ ޖެހެންދެން އޮތް އެންމެ ސްޓޭބަލް ސަރުކާރުގެ ފަހު ދުވަސްކޮޅުން ފެށިގެން މި ޑްރާމާތައް އަޅުގަނޑުމެންނަށް ފެނޭ. އެ ޑްރާމާތަކުގެ އަލީގައި، އަޅުގަނޑު ދަންނަވާ ވާހަކައެއް މި ދަންނަވަނީ.

އެހެންވީމާ، މިއަދުވެސް ވާންޖެހޭ ގޮތަކީ، ބައެއްކަހަލަ ބޮޑެތި ކުށްތަކަށް، ބައެއްކަހަލަ ބޮޑެތި ޙައްޤުތަކަށް އަރައިގަތީމާވެސް، އެ އަޅުގަނޑުމެން ދޫކޮށްލަންވީ. އެއްވެސްކަހަލަ ވިސްނުމެއްނެތި އަޅުގަނޑުމެން ދޫކޮށްލަންވީ. ހަމަ މިއަދު ޖާއިޒް ކަމަކަށް އެބަވޭ، މިއަދު އެންމެ ރަނގަޅު ކަމަކަށް އެބަވޭ، އެންމެ ވަރުގަދަ މަޖިލިސް، ރައްޔިތުންގެ ހުރިހާ ކަމެއް ނިންމެން އޮންނަ މަޖިލިސް، މި މަޖިލީހުގެ ތެރޭގައިވެސް އަޅުގަނޑުމެން އެންމެންގެ މައްޗަށް އަދި އަޅުގަނޑުމެން އެންމެންގެ މައްޗަށް ބަދުނާމު އަންނަ ރިޝްވަތާއި ފަސާދައިގެ ވާހަކައިން ބަދުނާމު އައިސް، އެޝަކުވާއާއި އެ ކުށްވެރިކުރުން ކުރާއިރުވެސް، އެ ކުށްވެރިކުރުން ކުރާ ބޭފުޅުން މިކަންކަމުގެ އެހީތެރިކަމުގައި، ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ، ހަމަ އެންމެ ރަނގަޅު ކަމެއް. އޭގެ ތެރެއިން ފައިސާ ދައުރުވެއްޖެ. އޭގެތެރޭގައި ނާޖާއިޒު ނުފޫޒުތަކެއް ވަދެއްޖެ. އެއީ ރައްޔިތުންގެ މެންބަރުން ތިއްބެވީކީ އެގޮތަކަށް ނޫން. ރައްޔިތުންގެ މެންބަރުން ތިއްބެވީ އޭރު އެއަށްވުރެ މާވަރުގަދަ ތާއީދެއް ސަރުކާރަށް ދީގެން. އެބޭފުޅުން ހޮވުމަށްޓަކައި ރައްޔިތުން ދިނީ މި ސަރުކާރު އައުމާއެކީ، ޖެހިގެން އައި އަހަރު ދިނީ އެއަށްވުރެ މާ ވަރުގަދަ ތާއީދެއް.

އެހެންވީމާ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ނަގައިގެން ތިބި ބަޔަކީ ޕީ.ޕީ.އެމް. އާއި އެމް.ޑީ.އޭ. އަދި އަޅުގަނޑުމެން ގޮނޑިތަކެއް ދައްކާފައި ދިނީމާ، ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ލިބިގެންވެސް އެ އުޅެނީ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް މުޢާހަދާގެ ދަށުން އަޅުގަނޑުމެން ކޮށްދިން ކަމެއް. އެހެންވީމާ، އެއީ އެ ދާއިރާތަކަށް، އަޅުގަނޑުމެން ވާދަނުކޮށް
އެ ގޮނޑިތަކަށް ޖުމްހޫރީ ޕާޓީން ކުރިމަތިލެއްވި ބޭފުޅުންނަށް ވޯޓުދޭށޭ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ރައްޔިތުންގެ ކައިރީގައި ބުނީ. ބުނީ ކިހިނެއްތޯ؟ ހަމައެކަނި އެގްރިމެންޓަކުން ނޫން. މިތަންތަނަށް އަޅުގަނޑުމެންގެ މީހުން ނުކުތީމާ، އެކަން މަނާކުރަން އަޅުގަނޑުމެންގެ ޕާޓީގެ ނައިބު ރައީސްވެސް އެތަން މިތަނަށް ދަތުރުކުރެއްވި. އެހާވަރަށް އަޅުގަނޑުމެން މަސައްކަތް ކޮށްދިނީ. އަޅުގަނޑުމެން ދެއްކި ކެންޑިޑޭޓުން، އާދެ، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ގޮނޑިތައް ހޯދައިދޭން.

އެހެންވީމާ، އެކަމުގެ ޝުކުރުވެރިކަމާއެކީ ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް، ބޮޑު ރެލީއެއްގައި ދެއްކެވި ވާހަކަފުޅު ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު މިއަދު އެ ވާހަކަތައް ހަނދާންކޮށްދޭކަށް ނުޖެހޭނެކަންނޭނގެ. އެކަމަކު އެކަހަލަ ވާހަކަފުޅު އެބޭބޭފުޅުންނަށް ދެއްކެވިފައި ހުރީމާ، ދެން މިއަދު ވަޑައިގެން މިކަހަލަ ޕޯޑިއަމްތަކުގައި ރައްޔިތުންގެ ކުރިމަތީ ތިއްބަވައިގެން ވިދާޅުވަނީ އާނ، އެންމެ ފަސޭހަގޮތަކީ އެބޭފުޅުން ދެއްކެވި ވާހަކަ އަނބުރާ ގެންދެވުމެއް ނޫން. މިއަދުގެ ޙާލަތު ބަދަލުވިއްޔޭ. އެހެންވީމާ، މިއަދުގެ ޙާލަތު ބަދަލުވީމާ، ފިކުރު ބަދަލުވީއޭ. ހުރިހާ އެންމެން ކަންކަމާ ދުރަށް ޖެހިފައި، ޙާލަތު ބަދަލުވީމާ، އެނބުރި އަނެއްކާވެސް ކަންކަމަށް މި އަންނަނީ ކޮންކަމެއް ކުރަންތޯ؟ ރައްޔިތުންނަށް މަޞްލަޙަތާއެކީ ކަންކަން ކޮށްދޭކަށެއް ނޫން. އެ ރައްޔިތުންގެ މަޞްލަޙަތު އޮތް ކަމެއް އެބޭބޭފުޅުން ޒަޢާމަތްތައް ރެނދަލި ކުރައްވަމުން ގެންދެވިއިރަކު އަޅުގަނޑުމެންނަކަށް ނުފެނުނު. އަޅުގަނޑުމެންނަށް ފެނުނީ ނާމާންކަން. އަޅުގަނޑުމެންނަށް ފެނުނީ މީހުންނަށް އަނިޔާކުރަމުން ދިޔަތަން. އަޅުގަނޑުމެންނަށް ފެނުނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލިތަން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެތަންމިތަނުގައި ހުޅުޖެހިތަން. އަޅުގަނޑުމެންނަށް ފެންނަމުން ދިޔައީ، ފެނިގެންދިޔައީ، ރާއްޖޭގައި މިއޮތް ރީތި އަޅުގަނޑުމެންގެ ދިވެހި ފޭރާން ވީދިގެން ދިޔަތަން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޢިލްމުވެރިންނަށްވެސް ޤަދަރުނުކުރި ދައުރެއް ދިޔަތަން. އެހެންވީމާ، މިދެންނެވި ކަހަލަ ނާތަހުޒީބު ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ދައްކާފައި، އަލްވަދާޢުކީ ދައުރެއް މިހާރު، އަދިވެސް އިސްކޮށް މަސައްކަތް މި ކުރައްވަނީ ހަމަ އެބޭބޭފުޅުން. އެއިން ބޭފުޅެއްގެ ނަން ދަންނަވާކަށް އަޅުގަނޑު ނެތިން. އެކަމަކު އެބޭފުޅުންނާއެކީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް، މައިކަށްޓަށް ބަދަލު ނާންނަ ކަމަށްވަންޏާ، މައިކަށިން، އަރިކަށިން ފަށާފައި ހުންނަ އެހެން ކަށިތަކަކަށް އަންނާނެ ބަދަލެއް ނާންނާނެ. މައިކަށި ބިނދޭ ހިސާބުން އެހެން ކަށިތަކުގެ ބޭނުމެއް ނުހިފޭނެ.

އެހެންވީމާ، ކުލަޔަކަށް، ސޫރަޔަކަށް، ވަހަކަށް އެއްވެސް ބަދަލެއް ނާދޭ. އެ ބޭފުޅުންގެ ވިސްނުމަކަށް، އެބޭފުޅުންގެ ފިކުރަކަށް ބަދަލެއް ނާދޭ. އެފިކުރަށް އަޅުގަނޑުމެން މީގެކުރިން ނަންނަން ދީފީމު. އެ ނަންނަން ދެއްވި އެންމެ އިސް ބޭފުޅުން މިހާރު އެބޭބޭފުޅުންނާއެކީ މަސައްކަތް ކުރައްވާ ވާހަކަ މި ދެންނެވީ. އެހެންވީމާ، ލަދުވެތިވާނެ މިކަހަލަ ޕޯޑިއަމްތަކުގައި ޙަޤީޤީ ވާހަކަ ދިވެހި ރައްޔިތުންނާ ދައްކަވަން. އަދި އަޅުގަނޑުމެންނާއެކީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއެކީ މިކަހަލަ ވާހަކަ ދައްކަވަން. ޓީ.ވީ ކުރިމަތީގައި، ރައްޔިތުންގެ ކުރިމަތީގައި، ވަކާލާތު ކުރައްވާކަށްވެސް ފަސޭހަފުޅު ކަމަކަށްނުވާނެ. އެކަމަކު އިންސާނުންނަކީ ގޮތް ހުސްވާނެ ބައެއްނޫން. ބުއްދީގެ ނިޢުމަތަކީ އެފަހަރަކު ބޭނުންކުރަން ބޭނުންވިގޮތަކަށް ބޭނުންކުރެވިދާނެ އެއްޗެއް. އެހެންވީމާ، އަބަދުވެސް ކޮންމެވެސް ހަމައެއް އަޅާނެ، ކޮންމެވެސް ޙުއްޖަތެއް ދައްކާނެ.

އެންމެ ފަސޭހަކަމަކީ މިދެންނެވި ގޮތަށް ސިޔާސީ ބޭފުޅުން ވިދާޅުވާންވީ، ޙާލަތު ބަދަލުވިއްޔޭ! ތިމަންނަމެން ހީކުރިކަހަލަ ވެރިކަމެއް ނޫނޭ މިއޮތީ. އެ ހީކުރިކަހަލަ ވެރިކަމަކަށް ނުވަނީ ކީއްވެގެންތޯ؟ ބުރިޖް އަޅާތީކީވެސް ނޫން. މާއެނބޫދޫއަށް ބޭނުންވާ ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްދިނީމައެއްވެސް ނޫން. ދ. އަތޮޅު ކުޑަހުވަދޫގައި އެއަރޕޯޓެއް އެޅިގެނެއްވެސް ނޫން. މީހުންގެ ޖީބުގެ ތަނަވަސްކަން އިތުރުވާތީކީވެސް ނޫން. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވާތީކީވެސް ނޫން. ރާއްޖެ ކުރިއަރާތީކީވެސް ނޫން. އެހެންވީމާ، ދެން ކޮންކަމަކާތޯ ފިކުރު ބަދަލުވާންވީ؟

ދެން ވެދާނެކަންނޭނގެ، ފަހަރެއްގައި އެބޭފުޅުން ހީފުޅުކުރައްވާ ކަހަލަ ރީތި މީހަކަށް އަޅުގަނޑު ނުވަނީ. އެކަމަކު އަޅުގަނޑު މިއީކީ ރީތީގެ މުބާރާތެއްގައި ބައިވެރިވެގެން އުޅޭ މީހެއް ނޫން. އަޅުގަނޑު މިއައީ ރައްޔިތުންނަށް ޚިދުމަތް ދޭން. އެހެންވީމާ، މި ޚިދުމަތުގެ ދާއިރާއިން އަޅުގަނޑު ކުރާ ކަމެއްގައި، މިވެނި ކަމެއް ގޯސްކޮންނޭ ކުރަނީ ވިދާޅުވާ ބޭފުޅުން އަޅުގަނޑަކަށް ނުފެނޭ. އަބަދުވެސް ދައްކަވަން އޮންނަ ވާހަކައަކީ، ރިޝްވަތާއި ފަސާދައިގެ ވާހަކަ. އެކަމަކު އެވާހަކަވެސް ދީބާޖާއެއްގެ ގޮތަށް ފެށިގެން، މި ފަށަން އުޅޭ ދިގު ވާހަކަ، އެއަށްވުރެން ކުރިން ނިންމާލަން މިޖެހެނީ. ފުލުސްޓޮޕަކުން ނިންމާލަން ޖެހެނީ. ރައްޔިތުންގެ މަޖިލީހުގެ ތެރޭ އެ ކުރެއްވީ ކީއްހެއްޔޭ! ހަމަ ރިޝްވަތާއި ފަސާދަ ބޭނުންކުރައްވައިގެން ދައުލަތެއް ވައްޓާލަން މަސައްކަތް ކުރެއްވީ. އެހެންވީމާ، ނެތެއްނޫންތޯ އެވާހަކަވެސް ދެއްކޭކަށް ދެން. އެހެންވީމަ މިކަހަލަ ހާލެއްގައި އަޅުގަނޑުމެންގެ ސިޔާސީ އިދިކޮޅު ބޭފުޅުން މިތިބީ. އެއިން އެއްވެސް ބޭފުޅަކަށް ޤައުމު އިތުރަށް ތަރައްޤީކުރަން ބޭނުންވާ އާ އެއްވެސް މަޝްރޫޢެއްގެ ވާހަކައެއް ވިދާޅެއްނުވެވޭނެ. ފަންސަވީސް ބުރީގެ ޢިމާރާތުގައިވެސް، ފަންސަވީސް ބުރި ވިދާޅުވާކަށް ބޭނުންފުޅެއްނުވާނެ. އެއީ، އެހާ އުސްތަނެއް ބައްލަވަންވެސް ދަތިފުޅުވަނީ. އެކަމަކު އެތަން އެއަށްވުރެން ޚަރަދު ކުޑަކޮށް ހެއްދެވޭނެ ކަމަށް ވިދާޅުވި. ދެން އަޅުގަނޑުގެ ޖަވާބަކަށް ވާނީ، ނޫނީ އަޅުގަނޑުގެ ޕާޓީގެ ލާނެތް މެންބަރުން ދެއްވާ ޖަވާބަކީ، އެހާ އަގުހެޔޮކޮށް ހެދެންޏާ، މާއެނބޫދޫގައިވެސް ހުންނަންވާނެ ނޫންހޭ، ޞިއްޙީ މަރުކަޒެއް ފަންސަވީސްބުރީގައި.

والسّلام عليــكم ورحـمــة اللّـه وبـركاتـه.