بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

ނިލަންދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި ކައިރިން، ދުރުން، މި ޖަލްސާއަށް ވަޑައިގެންނެވި ކައިރި އަތޮޅުތަކުގެ، މި އަތޮޅުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، އަޅުގަނޑު މިރަށަށް އައިމާ ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑާއި އަޅުގަނޑާ އެކުގައި ދަތުރުކުރެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅުގައި ތިޔަ އެންމެ ބޭފުޅުންނަށް، ކުޑަ ކުދިންނަށް، ބޮޑެތި މީހުންނަށް، ދޮށީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެއާއެކުވެސް، އަޅުގަނޑުގެ ޝައުޤުވެރިކަމުގައި ތިޔަ އެންމެ ބޭފުޅުން ތިއްބެވިއިރު، ބައެއް ބޭފުޅުންނާ ސަލާންނުކޮށް ދޫކޮށްލަން ޖެހުމުން، އެކަމުގައި ހިތްދަތިކަން އަޅުގަނޑު އިޙްސާސްކުރާ ވާހަކަ ދަންނަވަމުން، ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް އަނެއްކާވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، ތިޔަބޭފުޅުންވެސް ވަޑައިގެން ޖަލްސާގައި ތިއްބެވީމައާއެކީ.

އާދެ، އަޅުގަނޑުވެސް ކުރުކޮށް ވާހަކަ ގެންދެވޭތޯ ބަލާނަން، މޫސުން ތަންނުދޭތީއާވެސްއެކީ. ވަރަށް ގިނަ ބޭފުޅުން ވާހަކަ ދައްކަވަންވެސް އެބަ ތިއްބެވި. އެހެންނަމަވެސް، މިއަދުގެ މޫސުން އަޅުގަނޑުމެންނަކާ އެހާ ރަޙްމަތްތެރިކޮށެއް ނޫން މިއޮތީކީ.

އާދެ، ޑޮކްޓަރ ޚަލީލު ނިންމަވައިލެއްވި ހިސާބުން އަޅުގަނޑު ދަންނަވާނަން. ޙަޤީޤަތުގައި އިނގިރޭސިންނަކީ ވަރަށްގިނަ ކަންތައްތައް އީޖާދުކުރާ ބައެއް. ދުނިޔޭގައި ވަރަށްގިނަ ކަންކަން ފަށާނީ އެމީހުން. އެހެންނަމަވެސް، ވަކިހިސާބަކަށް ދިޔައިމާ، އެއަށްވުރެ މާ ކުދިކުދި ޤައުމުތައް، އެމީހުންކުރާ ކަންތައް، އެމީހުނަށްވުރެ މޮޅަށް އަބަދުވެސް ހުންނަނީ ކޮށްފައި. އެއީ، ހުރިހާ ކަމެއްގައިވެސް އެކަން އޮންނަ ގޮތް އިނގޭތޯ. އެ ދައުލަތަށް، އެއޮއް ބޮޑު އެމްޕަޔަރަށް މިހާރު އިރު އޮއްސިއްޖެ. އެހެންވީމާ، މާގިނަ ނަމޫނާ ފިލާވަޅުތަކެއް އަޅުގަނޑަކަށް ހީއެއްނުވޭ، އެމީހުން ކައިރިން އަޅުގަނޑުމެން ދަސްކުރަން ހުރިހެންނެއް.

މާފުކުރައްވާތި! ސަމާސާ ގޮތަކަށް އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން ދަސްކޮށްދޭ ވަރަށްގިނަ ފިލާވަޅުތައް އިނގިރޭސިން އެބަ ނަގަމުންދޭ. އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީ. އެމީހުން ޔޫނިއަން އިން ވަކިވީ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤާނޫނުތަކާ އެއްގޮތަށް ސުޕްރީމް ކޯޓުން ނިންމާ މައްސަލަ މައްސަލަ ނިންމީމަ، ޙައްޤުތައް ގެއްލިގެން ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން، ޔޫ.އެން.ގެ އެކިއެކި ވަރކިންގ ގްރޫޕްތަކުގެ ތެރޭގައި މަސައްކަތް ކުރައްވައިގެން ސިޔާސީ ކޮންމެވެސްކަހަލަ އަމުރެއް އަންނާނެ. އަޅުގަނޑުމެން ބުނާނީ، އަޅުގަނޑުމެން ތިޔަ އަމުރު ބަލައެއްނުގަންނާނަމޭ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ މުއައްސަސާތަކާއި، މުއައްސަސާތަކުން ނިންމާ ނިންމުންތައް ހަރުދަނާކަމާއެކީ، ސާބިތުކަމާއެކީ ދަމަހައްޓާށޭ.

އެހެންވީމާ، އަޅުގަނޑުމެން އެކަންކުރީ. ޖެހިގެން އައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހަމަ މިކަހަލަ މައްސަލައެއްގައި، އިނގިރޭސިންނާ ބެހޭގޮތުން އ.ދ.ގެ ވަރކިންގ ގްރޫޕުން ނިންމީމާ ބުނާނެ، ތިއީ ކޯއްޗެއް ދަންނަ ބައެއްހޭ؟ ތިތާކު ނެތޭ ތިމަންނަމެންގެ ޤާނޫނުތައް ދަންނަ ބައެއް. އެހެންވީމާ، ތިމަންނަމެން ތިއެއް ގަބޫލެއްނުކުރާނަމޭ. އެހެންވީމާ، އިނގިރޭސިންނަކީ ޙަޤީޤަތުގައި މިކަހަލަ ވަރަށް ގިނަ ކަންތައް، ދުނިޔޭގެ އެހެން ޤައުމުތަކުން ދަސްކުރަން އުޅޭ ބައެއް.

އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ހޭލުންތެރިކަމާއެކީ ދުނިޔޭގެ ސަފުގައި ފައިހަމަކުރަން މަސައްކަތްކުރާ ބައެއް. އެހެންވީމާ، ބޭރުގައި ހިނގާ ކަންތައްތަކަށް ފަރިތަ ކިތަންމެ ބޭފުޅުންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބޭ. ކަންކަން ނޭނގޭކަމަށްވަންޏާ، އެކަންކަން ދަސްކުރާ މީހުންވެސް އެބަތިބޭ. އަޅުގަނޑުމެން ފަށައިގެން މިއުޅެނީ ޙަޤީޤަތުގައިވެސް ވަރަށް ދިގު ރާސްތާގެ ދުރު ދަތުރެއް. ލޯންގް ހޯލް ޖަރނީއެއް ފަށައިގެން މިއުޅެނީ. އެއްގޮތަކަށްވެސް މިއީ، ބަހެއްގެ ދުރުމިނުގައި އޮތް ދެ ހުއްޓުމުގެ ތެރޭގައި ކުރާ ދަތުރެއް ނޫން. ނިޒާމުތަކެއް ތަޢާރުފްކޮށްފިން. އެންމެ ވަރުގަދަ ނިޒާމެއްގެ ގޮތުގައި މިއޮތް ޑިމޮކްރަސީ އަޅުގަނޑުމެން ރާއްޖެއަށް ތަޢާރުފްކޮށްފިން. ބާރުތަކެއް ވަކިކޮށްފިން. ފަރުދުންގެ ޙައްޤުތަކެއް ދީފިން. ދޮށީ ރައްޔިތުންނަށް، އިސް ރަށްވެހިންނަށް އަޅުގަނޑުމެން އިޙްތިރާމާއެކީ ކަންތައްތަކެއް ކުރަން ނިންމައިފީމު. އަދި ހަވާސާގައި ތިބި އެންމެ ނިޔަނެތި ކަނބަލުންނަށާއި، ކުޑަކުދިންގެ ޙައްޤުތަކެއް އަޅުގަނޑުމެން ކަށަވަރުކޮށްފިން.

ދުނިޔޭގެ އެހެން ތަންތަނުގައިވެސް މަދުންނޫނީ ނުފެންނަ މިންވަރަށް، ހަމަގައިމުވެސް ލިޔެފައި ހުރި ޤާނޫނުގައި މިކަންކަން މިހިރީ ކަށަވަރުކޮށްދީފައި. އަދި އެއާއެކީ މުއައްސަސާތަކެއް އުފައްދައި، މުއައްސަސާތަކެއްގެ ބާރުތަކެއް ކަނޑައަޅައިފިން. މިއީ، އަޅުގަނޑުމެން ފަށައިގެން މިއުޅޭ ދިގު ދަތުރު. އެކަމަކު މިދަތުރުގެ ތެރޭގައި، މިދަތުރުގައި ބައިވެރިވަނީ އެކި މީހުން އެކި މިންވަރަށް. ޚާއްޞަގޮތެއްގައި މުޅި ރައްޔިތުން މި ދަތުރުގައި ބައިވެރިވާއިރުވެސް، އަޅުގަނޑުމެންގެ ސިޔާސީ އިސް ބޭފުޅުންނަށް މި ދަތުރުގައި މާ ހިތްޕުޅުހަމައެއްނުޖެހޭ، ދަތުރު އެއްކޮށް ކައްޕިއާއެކީ ބަސް ދުއްވާކަށް، ބަހަށް އަރައިގެން ދާކަށް.

އެހެންވީމާ، އެކަހަލަ ވާހަކަތަކެއް އެންމެފަހުން އަޅުގަނޑު ވަކިވިއިރު މާއެނބޫދޫގައި ދައްކަމުން އައީ. މިއަދުވެސް އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ޚަލީލުގެ މިއަދުގެ މައުޟޫޢަކަށްވީ ޑިމޮކްރަސީގެ ވާހަކަ. އެހެންނަމަވެސް، އިނގިރޭސީންގެ ވާހަކަ ދެއްކެވި ހިސާބުން އިނގިރޭސީންގެ މޫސުން މިއޮތީ މިތަނަށްވެސް ވެރިވެފައި. އެ ވާހަކަ ކުރިއަށް ނުގެންދެވުނީ. އަޅުގަނޑުވެސް ދަންނަވަން މިއުޅެނީ، އަޅުގަނޑުމެން ފަށއިގެން މިއުޅޭ ދިގު ދަތުރަކީ ޙަޤީޤަތުގައި، ޑިމޮކްރަސީގައި މި ބުނާ އުޞޫލުތަކާ އެއްގޮތަށް ކަންކަން ކުރެވޭތޯއޭ. ޑިމޮކްރަސީގައި އޮންނަ އުސޫލާ އެއްގޮތަށް ކަންކަން ކުރާކަމަށްވަންޏާ، އެންމެ ފުރަތަމަ މިއޮންނަނީ އިސްލާމްދީނުގައިވެސް އޮތް މަތިވެރި މާތް އުޞޫލު. ޖިނާއީ ޢަދުލުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެކޭ. ކުށެއް ކޮށްފި ކަމަށްވަންޏާ، އެކުށުގެ ޙައްޤު އަދަބު އެބަ ހުރިހާ އެންމެނަށްވެސް ލިބެން އެބަޖެހޭ.

އަޅުގަނޑުމެންގެ ތެރޭގައި ވެގެން މިއުޅޭ ގޮތަކީ، މުއައްސަސާތަކެއް، ބާރުތަކެއް ދީފައި، އަދި 2008 ވަނަ އަހަރު ޤާނޫނުއަސާސީގެ އެންމެ ވަރުގަދަ، އެންމެ މުހިންމު ބާރުތައް ހިމެނޭގޮތުން ޙައްޤުތައް ކަށަވަރުކޮށްދޭ، އަދި ރައްޔިތުންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަމަށް ބުނާ ޤާނޫނުއަސާސީއަކަށްވާއިރު، އެ ޤާނޫނުއަސާސީ އޭގެ ޒާތުގައި ވަރުގަދަކަމާއެކީ، އޭގެ އިންޞާފުވެރިކަމާއެކީ ހިންގާކަށް އަޅުގަނޑުމެންގެ ވެރިން ހުއްދަ ދޭކަށް ބޭނުމެއްނުވޭ. އެއީ އަޅުގަނޑުމެންގެ އިދިކޮޅު ބޭފުޅުން، އިދިކޮޅު ލީޑަރުން އެކަންކަމަށް ފަސޭހަފުޅުނުވަނީ.

ދެން އޮތީ މިކަހަލަ ރަށްރަށަށް އައިމާ އަޅުގަނޑުމެންނާ މި ދިމާވާ ކަންކަން. އަޅުގަނޑު ފަށައިގެން މިއުޅެނީ ދިގު ދަތުރެކޭ އަޅުގަނޑު ދެންނެވީ، ކުރު މުއްދަތެއްގެ ތެރޭގައި، 5 އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި، މާލޭގައި މީހުން މަރުވީމާ ވަޅުލާނެ ސަހަރާއިން ފެށިގެން، މާލޭގެ ކުނި ނައްތާލަން ބޮޑުތަނެއް ހިއްކައި، ކުނި ނައްތާލުމުގެ ނިޒާމު ގެންދިޔުމާއި އަދި އެއާއެކީ، މާލެއާއި ހުޅުލެއާ ދޭތެރޭގައި ކަނޑުގައި ހިނގާލާނެ ފާލަމެއް އެޅުމާ، މިކަހަލަ ކަންކަމަކީ އަޅުގަނޑުމެންނަށް ހަޖަމުކުރަން ދަތި ކަންކަމަށް މިވަނީ. އަޅުގަނޑަށް ހަޖަމުކުރަން ދަތިވެގެން މިއުޅެނީ، މިކަހަލަ ކަންކަން ދާއިރު، އަޅުގަނޑުވެސް އައީ ހަމަ ވަރަށްފޯރިއާއި ޖޯޝާއެކީ، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަން. އެހެންނަމަވެސް، ހަމަ މޫސުން ތަންނުދޭތީއާއެކީ، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑު މިފެށި ޑިމޮކްރަސީގެ ދަތުރުވެސް އަޅުގަނޑު ޖެހޭނީ މިހާތަނުން ހުއްޓާލާށޭ.

އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ކައިރި މުސްތަޤްބަލުގައި މިއަށްވުރެން އުފާވެރި، މިއަށްވުރެން މޫސުން އަޅުގަނޑުމެންނާ ރައްޓެހި ވެށްޓެއްގައި ތިޔަބޭފުޅުންނާ ބައްދަލުކުރާނެ ވާހަކަ ދަންނަވަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.