ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް މެކްކިނަން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކެނެޑާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކެނެޑާއަކީ ރާއްޖެއިން ވަރަށް މުހިއްމުކަމެއް ދޭ ޤައުމެއްކަމަށާއި، މިއަހަރަކީ ރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 36 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި، ފާއިތުވި 36 އަހަރުގެ ތެރޭގައި ކެނެޑާ ސަރުކާރުން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާކަމަށާއި، ކެނެޑާގެ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ކެނެޑާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ކުޅެމުންދާ ދައުރު ބަޔާންކުރައްވާ، އަދި ކުރިޔަށް އޮތްތާނގައިވެސް ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދެބޭފުޅުންވެސްވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކެނެޑާގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެނެޑާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އެކި ދާއިރާތަކުން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކެނެޑާގެ އާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ކެނެޑާގެ ސަފީރު ވިދާޅުވިއެވެ.

ކެނެޑާގެ އާ ސަފީރުގެ އަރިހުގައި، ޕޮލިޓިކަލް އެންޑް އިކޮނޮމިކް ކައުންސެލަރ މިސް ޖެނިފަރ ހާޓް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.