بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ކުޑަހުވަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އެންމެހައި ޙުޡޫރުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.
އާދެ، ކުޑަހުވަދުއަށް ދ. އަތޮޅުގައި އެއަރޕޯޓް ހުޅުވުމަށްޓަކައި އަޅުގަނޑު މިއައި އައުމުގައި، ކުޑަހުވަދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން ތިޔަވިދާޅުވި ހޫނު އަދި ލޯބިން ފުރިގެންވާ މަރްޙަބާއަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އަޅުގަނޑު މިރަށަށް އައިސް، މި ނަލަ، ޒީނަތްތެރި އެއަރޕޯޓް ފެނުނީމާ އަޅުގަނޑު ހިތަށްއެރީ، ކުޑަހުވަދޫގެ މުޅި މަލަމަތި މިވަނީ ބަދަލުވެފައޭ. ކުޑަހުވަދޫގެ މަލަމަތި ބަދަލުވެގެންދާތަން މި ފެންނަނީ، އިޤްތިޞާދީ ފުދުންތެރި މަސައްކަތްތަކެއް ކުރެވިގެން. އަދި އޭގެ މަންފާ ޚާއްޞަގޮތެއްގައި، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި އާންމުގޮތެއްގައި ދ. އަތޮޅަށާއި، ރާއްޖޭގެ މުރާލި، ހީވާގި ޒުވާނުންނަށް، ވަޒީފާގެ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭ ފުރުޞަތެއްގެ ގޮތުގައި ފެނިގެން މިދަނީ.

އެހެންވީމާ، މިއަދުވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، މި ގެނެވޭ ޢުމްރާނީ ބަދަލުތަކާއި، އަދި ބިން ހިއްކައިގެން މި ކުރެވޭ މަސައްކަތުން، އަޅުގަނޑުމެންނަށް އަބަދުވެސް އެބަދޭ ފިލާވަޅެއް ނަގައިދެމުން. ބިން ހިއްކަނީ އޭގެޒާތުގައި، އެކަމަށް ބޭނުންތެރިވީމާ. އެހެންވީމާ، ރާއްޖެއަކީ، ކުޑަކުޑަ ޖަޒީރާތަކެއްގެ މައްޗަށް އަތުރާލެވިފައިވާ ޤައުމެއް ކަމުގައިވީނަމަވެސް، ރާއްޖެއަކީ ބިމުގެ ގޮތުން މުއްސަނދި ޤައުމެއްކަން، މިއަދު މިއޮތީ މިރަށުން އެކަނިވެސް ދައްކަވައިދެއްވާފައި. އާދެ، މި އެއަރޕޯޓާއި، އެއަރޕޯޓުގެ މި ފެސިލިޓީސް ހެދުމަށްޓަކައި އެކަނިވެސް މިވަނީ 63 ހެކްޓަރު ހިއްކައިދެއްވާފައި. އެހެންވީމާ، ރާއްޖޭގެ ބިމުގެ މުއްސަނދިކަން އޮތްތޯ، ނެތްތޯ، މިކަމާ ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގަނެތްކަން، ހަމައެކަނި މިރަށަށް ޒިޔާރަތް ކޮށްލުމުންވެސް ހުރިހާ މެހުމާނުންނަށް ގަބޫލުކުރެއްވޭނެ.

ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިކަހަލަ ބިމުގެ މުއްސަނދިކަން އިތުރުވެގެން ދިޔައިމާ، ރައްޔިތުންނަށް ލިބޭ ތަނަވަސްކަން. ބިމުގެ މުއްސަނދިކަން އިތުރުވެގެން ދިޔައިމާ، ހަމައެކަނި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަކަށެއް ނޫން، ބިމުގެ ތަނަވަސްކަން އިތުރުވެގެން މިދަނީ. އަޅުގަނޑުމެން ދ. އަތޮޅު މީދޫގައި ބިން ބޮޑުކުރީމާ، އެންމެބޮޑު އަސަރެއް މިކަމުން ކުރަނީ، ނޫނީވިއްޔާ އެންމެ ބޮޑު މަންފާއެއް ލިބިގެންދަނީ، ގެދޮރު ނެތް ރައްޔިތުންނަށް ގެދޮރުގެ އުފާވެރި ޚަބަރުތަކެއް ލިބިގެންދާ ދިޔުން.

ކުޑަހުވަދޫގައި ބިން ބޮޑު ކުރެވުނީމާ، އާދެ، ކުންފުނީގެ ފަރާތުން މި އެއަރޕޯޓް ހެދުމަށްޓަކައި 63 ހެކްޓަރު، ދިވެހި ސަރުކާރުގެ ފަރާތުން މި ޒަޢާމަތުގައި 40 އެތައް ހެކްޓަރެއް ކުޑަހުވަދޫގައި ހިއްކައި ނިމުނީމާ، ބިން ބޮޑު ކުރެވުނީމާ، މި ލިބިގެންދަނީ، މިދެންނެވި ކަހަލަ އުފާވެރި އެތައް މެސެޖެއް. އާދެ، އިޤްތިޞާދީ ގޮތުން ވަރުގަދަ މެސެޖްތަކެއް. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާ ކަންކަން މި ފެނިގެންދަނީ. އެހެންވީމާ، މިކަމަށްޓަކައި މިއަދުގެ މި އުފާވެރި ޙަފްލާއަށް އައިސް، ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުކޮށްލުމަށް މި ފުރުޞަތު ލިބުނީތީ، ﷲ އަށް ޙަމްދު ކުރަމުން، ތިޔަ އެންމެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

އަދި އެއާއެކީ، މިފަދަ ނަލަ އެއަރޕޯޓެއް، މިވަރުގެ ބޮޑު ޚިދުމަތެއް، އާދެ، ބޮޑު ހަދިޔާއެއް ކުޑަހުވަދޫގެ ރައްޔިތުންނަށް، ދ. އަތޮޅުގެ ރައްޔިތުންނަށް އާންމުކޮށް ދެއްވިކަމަށްޓަކައި ޑޮކްޓަރ އިބްރާހީމް މަނިކު، ސަންޖޭ މަނިކު، ޚަލީލް، ތިޔަބޭފުޅުންގެ ޓީމަށް، ދެ ކުންފުންޏަށް، ރިއޯލޯ ދާލު ހޯލްޑިންގސް، ތިޔަބޭފުޅުންގެ މެނޭޖްމަންޓަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ދިވެހި ދައުލަތުގެ ފަރާތުން ތިޔަބޭފުޅުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، މިފަދަ ވިޔަފާރިތައް ރާއްޖޭގައި ފުޅާވެގެން ދިޔުމަކީ އަޅުގަނޑުމެން މަރްޙަބާކިޔާ ކަމެކޭ. އަދި ކީއްތޯ! އެއީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް. އަޅުގަނޑުމެން އެންމެ އިސްކަން މިދެނީ ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ވަރުގަދަ އިޤްތިޞާދަކަށް ވެގެންދިޔުން. އަދި އިޤްތިޞާދު ވަރުގަދަވެގެން ދިޔުމުގެ ބޭނުމަކީ، ދެބަޔަކަށް ފައިދާވާގޮތަށް މިކަން ވެގެންދިޔުން. އާދެ، ބޮޑެތި އަދަދުގެ ފައިސާ އިންވެސްޓް ކުރާ ފަރާތްތަކަށް އެއިން މަންފާ ލިބޭނެ ކަންތައްތަކެއް، ނަތީޖާތަކެއް ލިބިގެން ދިޔުން. ރަނގަޅު ރިޓަރންއެއް ލިބިގެން ދިޔުން. އެއަރޕޯޓަށް އެކަނިވެސް ފަންސަވީހަކަށް މިލިއަން އެމެރިކާ ޑޮލަރު މިއޮތީ ހޭދަކުރައްވާފައި. ޝައްކެއްވެސްނެތްގޮތުގައި، ބޮޑު ބައެއް މިދަނީ ބިން ހިއްކުމުގެ އެހާބޮޑު މަސައްކަތެއް ކުރައްވާފައި އޮތީމާ.

އެހެންވީމާ، މިއާއެކީ، އިޤްތިޞާދީ ގޮތުން ތިޔަބޭފުޅުންނަށް ލިބެންވާ ރިޓަރން ލިބުމަކީ ސަރުކާރުން ހަމަ އެކަމަށް އިންތިޒާރުކުރާ، އުންމީދުކުރާ ކަމެއް. ސަރުކާރުގެ ވިސްނުމުގައި، އަޅުގަނޑުގެ އެންމެ ޝައުޤުވެރިކަން ހުރި ކަމަކީ ޙަޤީޤަތުގައިވެސް، މިދާއިރާގެ ރައްޔިތުންނަށް ވަޒީފާގެ އެތަކެއް ފުރުޞަތު ތަނަވަސްވެގެން އަންނާތީ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެންގެ ސަރުކާރުން އަބަދުވެސް މި ގަބޫލުކުރަނީ އޭގެ ބެނެފިޝިރީއަކަށް ވާންވާނީ، ނޫނީ އިޤްތިޞާދީ ކޮންމެ ހަރަކާތެއްގެ މަންފާ ލިބޭ ބަޔަކަށް ވާންވާނީ ދިވެހި ރައްޔިތުން. އެހެންވީމާ، ސަރުކާރުގެ ހުރިހާ ވިސްނުމެއްވެސް އިޤްތިޞާދުގެ ތަރައްޤީއަށް، ނޫނީ އިޤްތިޞާދީ މިޞްރާބަށް ހާސިލުކުރެވޭތޯ މި ބަލަން ބޭނުންވަނީ، ރާއްޖޭގެ ވަޒީފާ ނެތް އެތައް ބައިވަރު ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ލިބިގެން ދިޔުން.

އާދެ، އަޅުގަނޑުމެން ސަރުކާރަކުން އުންމީދު ކުރަމުން ދިޔައިރު، ރައްޔިތުންގެ އަރިހުގައި އަޅުގަނޑުމެންގެ ތަޞައްވުރެއް ކުރެހީމު. އޭގައި އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެން ދިޔުމޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތަށް، އެތަކެއް ހާސް ޒުވާނުންނެއް ވަކި ފެންވަރަކަށް މަތީ ތަޢުލީމު ހާސިލުކޮށްފައި، ނޫނީ އެވަރުގެ ނަސީބެއް ނުލިބޭ އެތައް ބައިވަރު ޒުވާނުންނެއް. އެހެންނަމަވެސް، ﷲގެ ރަޙްމަތުން ވަކިން ކުޑަ ރަޙްމަތެއް ލިބެންވާ ބައެއްނޫން އެއީކީވެސް. އެހުރިހާ ޒުވާނުން ބިކަވެގެން، ކުރާނެ މަސައްކަތެއް ނެތި، ދެން ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރުމަށް، އަދި އެފަރާތްތަކަށް ހިތްވަރުދީގެން ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރުވަމުންދިޔަ މަންޒަރުތަކެއް، ދިވެހިރާއްޖޭގެ މަގުމަތިން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. މިއީ، ޝައްކެއްވެސްނެތްގޮތުގައި ޒުވާނުން އެންމެ ބިނާކުރުވަނިވި ގޮތުގައި އެމީހުންގެ ހަކަތަ ބޭނުން ކުރެވެނީކީއެއްނޫން. މިއީ، އެންމެ ވިޔާނުދާ ކަންތައް.

އެހެންވީމާ، އަޅުގަނޑުމެން ޒުވާނުންނަށް ދެމުން އައި އުންމީދަކީ، މުޅި ދިވެހި ރައްޔިތުންނަށް ދެމުން އައި އުންމީދަކީ، މި ވިސްނުން އަޅުގަނޑުމެން ބަދަލުކުރަންވެއްޖެއޭ. މި ލޭންޑްސްކޭޕް އަޅުގަނޑުމެން ބަދަލުކުރަންވެއްޖެއޭ. އަޅުގަނޑުމެންގެ ޒުވާނުންނަކީ، ބޭނުންތެރި ބަޔަކަށް ހަދަން އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެއޭ. އެ ވިސްނުމުގައި ނުވަދިހަ ހަތަރުހާސް ވަޒީފާގެ ވާހަކަ އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެންގެ 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު. މިއަދު، ތަފާސުން ދައްކާ ގޮތުން ވެއްޖިއްޔާ ފަސްދޮޅަސް އެތައް ހާހެއް، އަޅުގަނޑަށް ލަފާކުރެވޭގޮތުން ވެއްޖިއްޔާ ހަތްދިހަ އެތައް ހާހެއް، މިހާރުވާނީ ވަޒީފާ އުފެދިފައި. އެއީކީ، އެއްގޮތަކަށްވެސް ސަރުކާރާއި، ސަރުކާރު ހިމެނޭ ކުންފުނިތައް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ތަޞައްވަރުގައި ކުރަހައިދީފައި އޮންނާނެ، އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި ހުޅުވަން ޚިޔާލުކުރާ އެއަރޕޯޓްގެ އަދަދު. މާފުކުރައްވާ! ހުޅުވަން ޚިޔާލުކުރާ ރިޒޯޓްތަކުގެ އަދަދު. އަދި އެ ރިޒޯޓްތަކުން އުފެދިގެންދާ ވަޒީފާގެ އަދަދު.

މިއަދު ހަމައެކަނި މި އިމާރާތައް ބަލައި، މި ޓަރމިނަލް ފެސިލިޓީއަށް ބަލާކަމަށްވަންޏާވެސް މިތާ މިވަނީ، މުޅި ތަން މެއިން މިކުރަނީ ދިވެހި ރައްޔިތުން. ޚާއްޞަގޮތެއްގައި ކޮންމެ 10 ކުއްޖެއްގެ ތެރެއިން 7 ކުއްޖަކު މިއީ ހަމަ ކުޑަހުވަދުއަށް ނިސްބަތްވާ ކުދިން. މުޅި ތަނުގައި މިތިބީ ދ. އަތޮޅުގެ ކުދިން. އެއަރޕޯޓާއި ޓަރމިނަލް ފެސިލިޓީއަކީ ވަޒީފާތަކެއް އުފެދޭނެ ތަނެއް. އެކަމަކު އެޔާއެކީ ދެން ވިސްނާވަޑައިގަންނަވާ! އަޅުގަނޑުމެންގެ ޝައުޤުވެރިކަން މިއޮތީ މި ނުވަދިހަ ހަތަރުހާސް ވަޒީފާ، ނޫނީ އެއަށްވުރެން ގިނަ ވަޒީފާތަކެއް ހޯދުމުގައި. އަޅުގަނޑުމެންގެ ޝައުޤުވެރިކަން މިއޮތީ، ހަމައެކަނި މާލޭގެ ކައިރިއަކަށް މި ވަޒީފާތައް ޖަމާކުރާކަށެއް ނޫން. އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން، އަތުރާލެވިފައިވާ ޖަޒީރާތަކެއް ކަމަށްވާތީ، އެ ތަނަވަސްކަން އެ މީސްމީހުން، ނޫނީ ދިވެހީން، އެ ހިސާބުގަނޑުގެ ދިވެހިންނަށް އެ ދިމާލުން ލިބޭ، އެ ހިސާބުތަކުން ލިބޭ ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން ދިޔުން. މި ވިސްނުމުގައި އަޅުގަނޑުމެން އެއަރޕޯޓްތަކެއްވެސް މި ހުޅުވަމުން ގެންދަނީ.

ޚިޔާލަށް ގެންނަވާ! ސަރުކާރުތަކުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްދެއްވައިފި. ރައްޔިތުންނަށް ބޭނުންވާ، ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވައިފި. އެހެންނަމަވެސް، ވަޒީފާގެ ފުރުޞަތާއި، އިޤްތިޞާދީ ތަނަވަސްކަން ރާއްޖޭގެ އެކި ހިސާބަށް ބެހިފައި އޮތްގޮތަށް ބަލާކަމަށްވަންޏާ، އިޤްތިޞާދީ ތަނަވަސްކަން ޚާއްޞަގޮތެއްގައި ކޮންސަންޓްރޭޓެޑް ވެފައި މިހުރީ ރިޒޯޓްތައް ހުރި ދިމަދިމާލުގައި. އަޅުގަނޑުމެންގެ ތަރައްޤީގެ ނާރެހަކީ ޙަޤީޤަތުގައިވެސް މިއީ. ޓޫރިޒަމް. ދެން މަސްވެރިކަން. މަސްވެރިކަމަކީ، އާންމު ރައްޔިތުންނަށް، އާންމު ރަށްރަށުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ހަމަ ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް. އެހެންނަމަވެސް އެންމެ ބޮޑު ފަސޭހަކަމެއް، އެންމެ ބޮޑު ކުރިއެރުމެއް ލިބިގެން، އެންމެ ގިނަ ޒުވާނުންގެ ޝައުޤުވެރިކަން ހުރި ދާއިރާއަކީ، ޞިނާޢަތަކީ، ޓޫރިޒަމްގެ ޞިނާޢަތް.

އެހެންވީމާ، ރާއްޖޭގެ އެކި ހިސާބަށް އެއަރޕޯޓް ދާއިރު، އަޅުގަނޑުމެން މިއަދު ޚިޔާލަށް ގެންނަންވަނީ، އެންމެ އާބާދީ ބޯ ސަރަޙައްދުތަކުގެ ތެރޭގައި އުތުރުގެ ސަރަޙައްދުތައް އެބަ ހިމެނޭ. ށ، ހއ، ހދ، އެބަ ހިމެނޭ. އަދި އެއާއެކީ ނ. އަތޮޅުވެސް އެބަ ހިމެނޭ. އެހެންނަމަވެސް ނިސްބަތުން ރަށްރަށް ރިޒޯޓަށް ހެދިފައިހުރި ތަންތަނަށް ބަލާކަމަށްވަންޏާ، މި ދާއިރާގެ ރިޒޯޓްތައް މަދު. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ވިސްނުމުގައި ށ. ގައިވެސް، އަދި ހދ. ގައި ކުޅުދުއްފުށީގައިވެސް އެއަރޕޯޓް ހުޅުވެން މި ޖެހެނީ. އެއަރޕޯޓާއެކީ ކައިރި ހިސާބުތަކުގައި ރިޒޯޓްތަކެއް ހުޅުވިގެންދާނެ. އަޅުގަނޑަށް މިއަދުވެސް މި ލިބޭ އުފަލަކީ، މި އެއަރޕޯޓް ހެދިގެންދާއިރު، އިތުރު މާބޮޑެތި މަސައްކަތްތަކެއް ނުކޮށް، އަނެއްކާވެސް ތަންކޮޅެއް ހިއްކާލައިގެން މިއަށްވުރެން އެއަރޕޯޓް އެކްސްޓެންޑް ކުރެވޭނެ ބޮޑުކުރެވޭނެ ޖާގަ އެބައޮތް. އެއީ މިހިސާބުގައި ހުރި އެނދުތައް އިތުރުވަމުން ދާކަމަށްވަންޏާ، އޭގެ ޒާތުގައި މިތަނަކީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. މިހާރުވެސް ޕްރައިވެޓް ޖެޓް އާދެވޭގޮތަށް ޖެޓް ޕާކިންގ ބޭ އެއްވެސް މި އެއަރޕޯޓްގައި އެބައޮތް. އަމި މިހާރުން މިހާރަށްވެސް، އޮޕަރޭޝަނަލް ކޮމިޝަންވެފައި ހުރި އެއްހާސް ފައްސަތޭކަ އެނދު މިދާއިރާގައި އެބައޮތް. އިރާދަކުރެއްވިއްޔާ، މި އަހަރާއި މި އަންނަ އަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް އެއްހާހަށްވުރެ އެނދު އިތުރުވެގެން ދާނެ. އެހެންވީމާ، އެބަ ލިބޭކަންނޭނގެ، ކްރިޓިކަލް މާސްއެއް، މި ދެންނެވި ގޮތަށް ހަމަ ސީދާ ފްލައިޓް ޖައްސަން. މި އެއަރޕޯޓުގެ ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، މިހިރީ ހަމަ އެންމެ ޒަމާނީ އަދި އެންމެ ހިތްގައިމު، މި ދެންނެވި ކަންކަމަށް ކޭޓަރކުރާވަރުގެ ވަސީލަތްތައް ޤާއިމުކޮށްފައި. އިތުރު މަސައްކަތްތަކެއް ކުރާކަށް ނުޖެހޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހަމަ މިކަމުގައިވެސް ހަމަ މި ވިސްނުމާއެކީ، ކުރިޔަށް ދިޔުމުގެ ވިސްނުމާއެކީ މަސައްކަތް ކުރައްވާތީ، ޑޮކްޓަރ މަނިކު، ސަންޖޭ މަނިކަށް، ތިޔަބޭފުޅުންގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަމޭ.

އާދެ، އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުގެ ސަރުކާރުގެ، މުޅި ސަރުކާރުގެ އަމާޒަކީވެސް އިޤްތިޞާދީ މަސައްކަތް ކުރުން. އިޤްތިޞާދީ މަސައްކަތުގެ ޕްރީރިކްއިޒިޓްއަކަށް ރާއްޖޭގެ ހަމަޖެހުންވުން. ރާއްޖޭގެ ރައްޔިތުންނަށް ކޮންފިޑެންސް އެބަ އޮންނަންޖެހޭ ރާއްޖޭގައި އިންވެސްޓް ކުރަން. އަޅުގަނޑުމެން މިހިސާބުތަކަށް އައިސް މިކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކައުންސިލްތަކުންނާއި، ރައްޔިތުން އެއްބާރުލައްވައިގެން ކޮށްދެއްވާތީ ޑޮކްޓަރ މަނިކަށްވެސް، ސަންޖޭ މަނިކަށްވެސް، އަދި އެހެން ބޭފުޅުންނަށްވެސް މި އިތުބާރު މި ލިބެނީ. އިންވެސްޓް ކުރުމަށް ޝައުޤުވެރިކަން މި އޮންނަނީ އެހެންވެގެން. މިކަންކަން ބިނާވެގެން މި އަންނަނީ ސަރުކާރުގެ ޕޮލިސީގެ މައްޗަށް. ސަރުކާރުގެ ޕޮލިސީއިން ތަނަވަސްކޮށްދޭ ކަންކަމަކީ، ނޫނީ ފަސޭހަކޮށްދޭ ކަންތައްތަކަކީ ވިޔަފާރިއާ ގާތް، ވިޔަފާރިއާ ރައްޓެހި މާޙައުލެއް، ވެށްޓެއް، އަދި ގަވާއިދުތަކާއި އުސޫލުތަކެއް ޤާއިމުކޮށްގެން ގެންދިޔުން. އެ މަސައްކަތް ކުރުމަށްޓަކައި ކުރީގައި ނުވާނެކަމަށް މީހުން ގަބޫލުކުރި ކިތަންމެ ކަންތައްތަކެއް އެހުރީ އަޅުގަނޑުމެން ޤާނޫނުގެ ތެރެއިންވެސް ކޮށްދީފައި. ބިން އަމިއްލަ ކުރުން. ނޫނީވިއްޔާ 99 އަހަރަށް ފްރީ ހޯލްޑް ރައިޓްސް ލިބުން. ޓެކްސް އެގްޒެމްޕްޝަންތަކާއި، ދިގު މުއްދަތުތަކާއި، މިކަހަލަ އެތައް ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން އެހުރީ ތަޢާރުފުކޮށްފައި. އަދި ކޯޕަރޭޓް ރެސިޑެންސީއާ، މިކަހަލަ އެތައްކަމެއް އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް އެހުރީ ކޮށްފައި. މިއީ، ހަމައެކަނި ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިކުރުވާކަށެއް ނޫން. ކޮންމެ ޤައުމެއްގައިވެސް ޤައުމުގެ އިޤްތިޞާދު ލީޑްކުރާނީ އެޤައުމުގައި ތިބި އޮންޓޮޕްރޮނަރސް. އެ ޤައުމުގައި ތިބި ކެޕިޓަލިސްޓުން.

އެހެންވީމާ، މީގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެބަޖެހޭ ސަރުކާރުން އެހީތެރިވާން. އެބަޖެހޭ ކަށަވަރު ކަންތައްތަކެއް، ކަށަވަރުތަކެއް ނޫނީވިއްޔާ އިތުބާރު ކުރެވޭގޮތަށް ނިޒާމު ބައްޓަންވެގެންދާނެ ކަމަށް އެބަ ގަބޫލުކުރެވެންޖެހޭ. އަދި މީގެތެރެއިން އެންމެ މުހިންމު އެއްކަމަކަށްވަނީ، އިންވެސްޓް ކުރީމާ އެ އިންވެސްޓްމަންޓް ދިގުމުއްދަތަކަށް ދެމިގެންދާނެކަމާއި، އަދި އިންވެސްޓްމަންޓް އަޕްސެޓްކުރާ، އިންޓަރަޕްޓްކުރާ އެއްވެސް ކަމެއް ނާންނާނެ ކަމުގެ ކަށަވަރުކަން. މީގައި ގިނަ ކަންތައްތަކެއް ހައްލުވެގެން މިދަނީ އަޅުގަނޑުމެންގެ ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއިން. ނޫނީވިއްޔާ ޑިސްޕިޔުޓް ރިޒޯލްވްޑް ކުރަން ކުރާ މަސައްކަތުގެ ތެރެއިން މިއަށް އޮންނަ އިތުބާރު.

އެހެންވީމާ، މިކަންކަމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ ކަންތައްތައް. އެކަމަކު މިހުރިހާ ކަމެއް އަޕްސެޓްކޮށްލާ، އޮފްސެޓްކޮށްލާ، ނޫނީވިއްޔާ މިހުރިހާ ކަމަކަށް ލޮޅުންއަރުވާ ކަމަކީ ދިވެހި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް. އެއީ ތަނުގެ ހަމަޖެހުން ނަގާލުން. އަޅުގަނޑުވެސް އައީކީ ސިޔާސީ ވާހަކަ ދައްކާކަށްނޫން. އެކަމަކު ބޮޑެތި އިންވެސްޓްމަންޓްތަކާއި މިކަހަލަ މަޝްރޫޢުތަކުން ލިބޭ މަންފާގެ ވާހަކަ ދައްކާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމު މިއަދު ފުރަމުންދާ މީހަކު މި ވާހަކަ ދަންނަވަން އެބަޖެހޭ. ކުޑަހުވަދޫގެ ރައްޔިތުންނާވެސް، ސިޔާސީގޮތުންވެސް އަދި އެނޫންގޮތަކުންވެސް ބައްދަލުކުރަން އަޅުގަނޑަށް ލިބޭ ތިންވަނަފަހަރު ކަމަށްވާތީއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ގެތަކަށް ޓަކިޖަހަމުން ވަޒީފާގެ ފުރުޞަތު އައިމަ، އެ ވަޒީފާގައި ދެމިތިބެވޭތޯ މަސައްކަތް ކުރައްވާށޭ. އެ އިންވެސްޓްމެންޓްތަކަށް ޖާގަ ދެއްވާށޭ! އެމަސައްކަތް ކުރައްވާ ބޭފުޅުންނަށް ތިޔަބޭފުޅުންގެ އިތުބާރާއި، މެހްމާންދާރީއާއި ލޯބި ދައްކުވައިދެއްވާށޭ! އެހެންވީމާ، މިތަންތަނަކީ ހަމަޖެހޭ، މަޝްރަހު ހަމަޖެހޭ ތަންތަނަށް ވާންއެބަޖެހޭ.

އަޅުގަނޑުމެން ބޭނުމެއްނުވާނެ، މި އެއަރޕޯޓަށް ދަތިވާގޮތަށް ކަންތައްތައް ކުރާކަށް. އަޅުގަނޑުމެން ބޭނުމެއްނުވާނެ، މިތާ ކައިރީގައި ހުޅުވޭ ރިޒޯޓްތަކަށް ދަތިވާގޮތަށް ކަންތައްތައް ކުރާކަށް. އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ. އެކަމަކު ހިތްހަމަނުޖެހޭ ކަންތައްތައް ބަދަލުވެގެން ގޮސްގެން ނުވާނެ، މި ދެންނެވި ކަހަލަ ބޮޑެތި މަސައްކަތްތައް އަޕްސެޓްކޮށްލާ، ލޮޅުންއަރުވާލާ، ހުއްޓުވާލާ، ނޫނީވިއްޔާ މުޅިން ނާއުއްމީދު ވާވަރުގެ މަސައްކަތަކަށް ބަދަލުވެގެނެއްނުވާނެ. އެހެންވީމާ، މިކަމަކީ ދިވެހި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް. އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރާނެ މިޞްރާބެއް ކަނޑައެޅުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. ފުދުންތެރި އިޤްތިޞާދެއް ގޮތުގައި ތިބޭނީތޯ، ނޫނީވިއްޔާ އަޅުގަނޑުމެން މަގުމަތީގައި ޝަކުވާކޮށްލަކޮށްލައި، އާމްދަނީ އިތުރުނުކޮށް ތިބޭނީތޯ؟ މި ޗޮއިސް އަޅުގަނޑުމެންގެ އަތުގައި އޮތީ. ޗޮއިސް އަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެންގެ އަމާޒު ވަރަށް ޔަޤީން.

އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ހުރިހާ ޒުވާނުންނަށް ވަޒީފާ އެބަ ލިބެން އެބަޖެހޭ. ނުވަދިހަ ހަތަރުހާހަކީ މަދު އަދަދެއް ދޮގެއްތޯ؟ ރާއްޖޭގެ ޓޫރިޒަމްގެ ޞިނާޢަތަށް އެކަނި ބަލާކަމަށްވަންޏާ ވެލާނާ އެއަރޕޯޓަށް އަޅުގަނޑުމެން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު އިންވެސްޓް މިކުރަނީ، މިޒަމާނުގެ އެންމެ ވަރުގަދަ އިޤްތިޞާދު މި ސަރަޙައްދުގައި އޮތް ތަނަކަށް. ދިވެހިރާއްޖެއަކީ ކުޑަތަނަކަށްވީނަމަވެސް ބަދަލުކުރެވޭނެ ކަމުގެ އުންމީދު އަޅުގަނޑުމެންގެ އޮތީމާ. މަގުޗާޓުތަކެއް، ވިސްނުންތަކެއް އަޅުގަނޑުމެންގެ ހުރީމާ. އަޅުގަނޑުމެންގެ ޞިނާޢަތަކީ ޓޫރިޒަމްގެ ޞިނާޢަތް. މިއާއެކީ އުފެދިގެން އެދަނީ އެތައް ބައިވަރު ލިންކޭޖް މަސައްކަތްތަކެއް. އެތައް ބައިވަރު އިންޑަސްޓްރީއެއް އުފެދިގެން އެބަދޭ. އެހެންވީމާ، މިއިން ކޮންމެ ދާއިރާއަކީ، ކޮންމެ ދާއިރާއަކުން އުފެދޭ ވަޒިފާއަކީ، ޝަރަފުވެރިކަމާއެކީ ދިވެހި ރައްޔިތެއްގެ ވަޒީފާކަން އަޅުގަނޑުމެން ކަށަވަރު އެބަކުރަންޖެހޭ.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތަށް އަޅުގަނޑުމެންގެ އެންމެ ބޮޑު ޗެލެންޖަކީ ޙަޤީޤަތުގައިވެސް މިދާއިރާތަކުގައި މަސައްކަތްކުރާނެ ދިވެހީން އުފެއްދުމަށް އޮތް ދަތިކަން. މިއީ ހަމައެކަނި ޓޫރިޒަމްގެ ޞިނާޢަތަކު ނޫން. އަޅުގަނޑުމެންނަށް މާސްކޮށް އެތައް ކަމެއް އެބަ ކުރެވެމުންދޭ. އަޅުގަނޑުމެން ހޮސްޕިޓަލްގެ ފެސިލިޓީސް އިތުރުވެގެން ދިޔައިމާ، އަޅުގަނޑުމެންނަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެނެސްތީޓިސްޓުން މިއީ، ހަމަ ދުނިޔޭގައި ވަރަށް މަދުންނޫނީ ނުލިބޭ. ޑޮކްޓަރ މަނިކުވެސް މިހާރު އެ ރިޓަޔަރ ކުރައްވަނީ. އަޅުގަނޑުމެންނަށް ލިބޭ ޚިދުމަތްތަކެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ ގިނަ އަދަދެއްގެ މީހުން މި ދާއިރާތަކަށް ތަމްރީނު ކުރަން.

އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒު މި އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޮޑަށް މިދަނީ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްޓަކައި. އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ އެއް އަހަރުން ކުރެވޭނެ ކަމެއްނޫން. އެހެންނަމަވެސް އެއީ ރޯލްއައުޓް ވެގެންދާއިރު، ތިން ހަތަރު އަހަރުން އަޅުގަނޑުމެންގެ މި އަމާޒަށް މިދާ ބާރުމިނުގައި އިޤްތިޞާދީ ތަރައްޤީ ދާއިރު، މިއަށް ބޭނުންވާ މީހުން ބިނާކުރުމަކީ އަޅުގަނޑުމެންނަށް ޗޮއިސްއެއް އޮތް ކަމެއްނޫން. އެއީ އަޅުގަނޑުމެން ކުރަން ލާޒިމު ކަމެއް. އެހެންނޫންކަމަށްވަންޏާ، އަނެއްކާވެސް މި ވަޒީފާތަކަކީ އަޅުގަނޑުމެންގެ އަތުގައިހުރި ވަޒީފާތަކަކަށް ނުވާނެ.

އަޅުގަނޑުގެ ވާހަކަ މިހާހިސާބުން، އިޤްތިޞާދީ ވާހަކަ، ނޫނީވިއްޔާ މި އެއަރޕޯޓާ ގުޅޭ ވާހަކަ ކުރުކޮށްލާނަން. އެކަމަކުވެސް ހަމަ މިވާހަކަވެސް ކުރުކޮށްލަމުން އަޅުގަނޑު ހަމަ ދަންނަވާނީ ޑޮކްޓަރ މަނިކަށް، ސަންޖޭ މަނިކަށް، ޚަލީލު ޓީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަމޭ. އަދި އަޅުގަނޑަށް ދެވެން އޮތް ހުރިހާ ހިތްވަރެއް އެބަ ދެން، ތިޔަބޭފުޅުން މިކަހަލަ އިންވެސްޓްމަންޓްތައް ރާއްޖޭގެ އެކި ހިސާބަށް އާންމުކުރައްވަމުން، ފަތުރުއްވަމުން ގެންދެވުމަށް. އަދި އެޔާއެކީ، ލަތީފު، ޚަލީލު، މިނިސްޓަރ ޒަމީރު، އަދި ދާއިރާގެ މެންބަރު ޢާމިރު، އަޅުގަނޑާ ދޭތެރޭގައި ވަރަށް އިޚްލާޞްތެރި ހެޔޮ ބަސްތަކެއް ހަދިޔާ ކުރައްވާފައިވާތީ، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރުވެސް ދަންނަވަން.

ކުޑަހުވަދޫގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުޑަހުވަދޫއަކީ މިއަދު ތިޔަބޭފުޅުން ގަބޫލުކުރައްވާ، ހަމަ ރާއްޖޭގައި އޮތް ހުރިހާ ރަށްތަކަކަށް ބަލާކަމަށްވަންޏާ، ސިޓީތައް ހިމަނައިގެން. ކުޑަހުވަދޫ، ސިޓީއަކަށް ނުވޭ އާބާދީ ކުޑަވީމާ. އެހެންނަމަވެސް ހެޔޮވަރު އާބާދީއެއް، ހަތަރުހާހާ ގާތްކުރާ އާބާދީއެއް އޮތްއިރު، އިންފްރާސްޓްރަކްޗަރ، ނޫނީވިއްޔާ ބޭނުންތަކަށް ހުންނަ އާންމު ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، ކުޑަހުވަދޫއަކީ އިރާދަކުރެއްވިއްޔާ އެންމެ ތަނަވަސް ރަށް. އަޅުގަނޑުމެން، މަތިން މި އެއަރޕޯޓަށް ޖައްސަމުން އައިއިރު އަޅުގަނޑުމެން ދުށިން މި އެއަރޕޯޓްގެ ނަލަކަން. އަދި އެއަރޕޯޓު އިތުރަށް ފުރިހަމަވެގެންގޮސް މިހިސާބުގައި ފެހިވެގެން ދިޔައިމާ، މި އެއަރޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ރީތި އެއަރޕޯޓަށްވާނެކަމާ ދޭތެރޭ އަޅުގަނޑު ޝައްކެއްނުކުރަން. ހަމަގައިމުވެސް ބަނދަރުމައްޗާއެކީ، މިއީ ހަމަ އެންމެ ރީތި ސަރަޙައްދު.

ކުޑަހުވަދުއަށް މި 4 އަހަރުގެ ތެރޭގައި ކުރެވިފައިހުރި އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތަކަށް ބަލާކަމަށްވަންޏާ ވަރަށް ގިނަ ކަންތައް މިހުރީ ފުދިފައި. ރާއްޖޭގައި މީހުން އުޅޭ މުނިސިޕަލްޓީއަކަށް، މީހުން އުޅޭ ތަނަކަށް، ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް ޤާއިމުވެފައި. އެންމެ އުނދަގޫ، ނޫނީ އެންމެފަހު ކަމެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި މި ހުންނަނީ، އެންމެ ފަސޭހައިން އަޅުގަނޑުމެން ކުރާ ކަންތަކަށް ޙައްލު ނުހޯދައި ދިޔުން. އެންމެ ފަސޭހައިން އިންސާނުން ކުރާ ކަމަކީ، ކުނި އުފެއްދުން. އެއީ އެންމެ ފަސޭހައިން ކުރާނެ ކަމަކީ. މިއަދު މިތަނުން ނުކުމެގެން ދާއިރު، އަޅުގަނޑު މި ކަރުދާސްކޮޅުވެސް މަގުމައްޗަށް ވައްޓާލާ ކަމަށްވަންޏާ، މިދަނީ ކުނި އުފައްދާފައި. އެކަމަކު އެ ކުނި މެނޭޖްކޮށް، ކުނި ނައްތާލުމުގެ ނިޒާމަކީ ދިވެހިރާއްޖެ މިހާހިސާބަށް އައިއިރު، މި ދިގު ރާސްތާ ކަޑައްތު ކުރިއިރު، ހަމަ ކުނިކޮށިތަކެއް، ނޫނީ ކުނިއަޅާނެ، އޭގެ ޠަބީޢީގޮތުންވެސް ކުނިއަޅާނެ ތަންތަން ނެތަސް ކުނިއަޅާނެ. އެހެންވެގެން ދޮގެއްތޯ، ތަންތަނުގައި އުފެދިފައި ހުންނަ ކުޅިތަކާއި އަދި މޫދަށްވެސް މީހުން ކުނިއަޅަނީ.

އެހެންވީމާ، ކުނިނައްތާލާ ނިޒާމުވަނީ އަޅުގަނޑުމެންގެ ހަނދާނުން ކައްސާލާފައި. އެހެންނަމަވެސް، ކުޑަހުވަދޫގައި މިހާރު މިވަނީ ކުޑަހުވަދޫގެ ދުވާލެއްގެ ރިކްއަރމަންޓަށް ބަލާފައި އިންސިނިރޭޓަރ، ނޫނީ އަންދާނެ ފެސިލިޓީވެސް ޤާއިމުކުރެވިފައި. މިހާރު އެ އިންސިނިރޭޓަރސް އެހުރީ ހަމަ އޭގެ ޒާތުގައި މަސައްކަތްކުރާ ހިސާބުގައި.

ކުޑަހުވަދޫގައި ވަރަށް ގިނަ މަސައްކަތްތައް މިހުރީ ކުރެވިފައި. ހަހާސް، ނޫނީވިއްޔާ ހަ ކިލޯ މީޓަރުގެ މަގު ހެދިފައި. ކުޑަހުވަދުއަށް ބޭނުންވާ ހަމަ ގިނަ ކަންތައްތައް މިހުރީ ކުރެވިފައި. އެހެންނަމަވެސް، އެއާއެކީ ރައްޔިތުން ކުރައްވަންޖެހޭ ކަމަކީ، މި ރީތިކަމާއެކީ މިތަނުގެ އިޤްތިޞާދީ މަސައްކަތްތަކަށް ފުރުޞަތު ހޯއްދަވަންޖެހޭ. ޖާގަ ހޯއްދަވަންޖެހޭ. މި މަސައްކަތުން ކުޑަހުވަދޫ އިތުރަށް ކުރިއަށް ދިޔުމުގެ ކަންތައްތައް ކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.

އެހެންވީމާ، ރާއްޖޭގައި ހުރި ރަށްތަކަށް ބަލާކަމަށްވަންޏާ، އެންމެ ވަސީލަތް ފުރިހަމައަށް މިވަގުތަށް އޮތް ރަށްތަކުގެ ތެރޭގައި، ހަމަ އެކެއް، ދޭއްގައި ކުޑަހުވަދޫ ހިމެނިގެންދާނެ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ ވަރުގަދަ ނަސީބެއް. އަދި ޢާމިރުގެ ވާހަކަފުޅުގައި ކޮންމެވެސްވަރަކަށް އިޝާރާތް ކުރެއްވި ފަދައިން، އަޅުގަނޑުގެ މި ސަރުކާރުގެ 4 އަހަރުގެ ޒަޢާމަތުގައި، ނޫނީވިއްޔާ 5 އަހަރުގެ ޒަޢާމަތް ނިމިގެންދާއިރު، ކުޑަހުވަދުއަށް އެކަނި އިރާދަކުރެއްވިއްޔާ، ތިންސަތޭކަ މިލިއަން ރުފިޔާ، ސަރުކާރުގެ ބަޖެޓުން އެކަނި ހޭދަވާނެ. މިހާރު ދުއިސައްތަ އަށްޑިހަޔާ ކައިރި އަދަދު މިއޮތީ ވެފައި. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިހުރި ކަންތަކާއެކީ، ތިންސަތޭކަ މިލިއަނާ ކައިރިކުރާ އަދަދު ކުޑަހުވަދުއަށް އެކަނި، ދ. އަތޮޅަކަށް ނޫން، ކުޑަހުވަދުއަށް އެކަނި ހޭދަވެގެންދާނެ. އަމިއްލަ އިންވެސްޓްމަންޓްތައް ހަމަ އެހާ ބައިވަރު. އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ، ހަމަ މި އަތޮޅުގެ ހަމަ ވަރަށް އިޙްތިރާމު ލިބިވަޑައިގެންފައިވާ، މީދޫ ދާއިރާގެ މެންބަރު އަޅުގަނޑުގެ އަޚް އަޙުމަދު ޝިޔާމްވެސް މިރަށަށް ބޭނުންވާ ބޯޓްޔާޑަކާއި، ސްވީޕިންގ ފެސިލިޓީއަކާ، މިހުރިހާ ކަމެއް މިހާރު ނިންމުމުގެ މަގުމަތީގައި އެހެންނޫންތޯ.

އެހެންވީމާ، ކުޑަހުވަދުއަކީ މަސްވެރި ރަށަކަށްވެސްވާތީއެކީ، މި ހުރިހާ ކަމެއް ފުރިހަމަވެގެން ދިޔައިމާ، ކުޑަހުވަދޫ، އޭގެޒާތުގައި ވަށައިގެންހުރި ރަށްތަކާއެކީ، ދ. އަތޮޅަކީ މީސްކޮޅު މަދު އަށެއްކަހާސް މީހުން ކަމުގައިވީނަމަވެސް، އިޤްތިޞާދީ ގޮތުން ބާރުއޮތް، ނޫނީވިއްޔާ ބާރުގެ ދުވެލި އެހެން މީހުންނަށް އިޙްސާސް ކުރެވޭވަރުގެ އަތޮޅަކަށް ބަދަލުވެގެން އެބަދޭ، މިހުރިހާ އިންފްރާސްޓްރަކްޗަރެއް އައިމާ. މިއާއެކީ ހުޅުވިގެން މިދަނީ ޓޫރިޒަމްގެ އެތައް ފުރުޞަތެއް ދޮގެއްތޯ؟

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ޖަވާބުދޭންޖެހޭ ސުވާލަކީ، ކޮށްލަންޖެހޭ ސުވާލަކީ، ޒުވާނުންވެސް ކުރައްވަންޖެހޭ ސުވާލަކީ، މިގޮތުގައި އަޅުގަނޑުމެން އިޤްތިޞާދާއެކީ، އަޅުގަނޑުމެންގެ ޖީބުގެ ފުންކަން އިތުރުކުރަމުން ގެންދާނީހޭ؟ އަށްހާސް، ދިހަހާސް ޑޮލަރު އާބާދީގައި މިހާރު ބޮލަކަށްޖެހޭ ނިސްބަތް ހުރެއްޖެ ކަމަށްވަންޏާ، ކީއްވެގެންހޭ މި އަދަދު ފަނަރަހާހަށް ދާންވީމާ، އެކަމާ އަޅުގަނޑުމެން ދެކޮޅު ހަދަންވީ؟

އަޅުގަނޑުގެ ވާދަވެރިންނަށްވެސް، ސިޔާސީ ވާދަވެރިންނަށްވެސް ދަންނަވަން އޮތީ، ދެން ތިޔަބޭފުޅުން ކަމެއް ކުރައްވާ ކަމަށްވަންޏާ، މިކަންކަން ކުރުމުގައި އަޅުގަނޑަށް ފުރުޞަތު ދެއްވާށޭ. މިކަންކަން ކުރުމުގައި އަޅުގަނޑަށް މަގު ދައްކަވައިދެއްވާށޭ. އެހެންނޫނީވިއްޔާ، މީގައި ވާގޮތަކީ މިއޮއްދަނީ އިޤްތިޞާދީ ބަހެއް، އަޅުގަނޑުމެންގެ ދޮރު ހުރަސްކޮށްފައި. ބަހަށް އަރަން ބޭނުންވާ މީހުން ބަހަށް އަރާނެ. ބަހަށް ނާރާ މީހުން ބަހައްޓާފައިވެސް ބަސްދާނެ.

އެހެންވީމާ، އަޅުގަނޑުމެން ނުތިބޭނަން ކުޅިބަލާކަށް. ރައްޔިތުން އެ ފުރުޞަތު ދީފިކަމަށްވަންޏާ، އަޅުގަނޑުމެންގެ ގޮތަކީ، ބަސް ދުއްވާނީވެސް އަޅުގަނޑުމެން. ބަހުގައި ތިބޭނީވެސް އަޅުގަނޑުމެން. ބަސްދާނެ މަންޒިލުވެސް ކަނޑައަޅާނީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ މި ބަސް ދަތުރުކުރާއިރު، މި ސަރަހައްދުގެ ދާންވީ ކުރިބޯށްޓާ ހަމައަށް އަޅުގަނޑުގެ ބަސް ދަތުރުކުރާނެ. އެކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާތި.

والسّلام عليــكم ورحـمــة اللّـه وبـركاتـه.