بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العــالمـين، والصّـلاة والسّـــلام على ســـيّدنا محـمّد، خـاتم الأنبيـاء والمرســـلين، وَعلـى آلـه وصحبـه أجمـعـين.

އާދެ، މިރޭގެ މި ޙަފްލާގެ ޢިއްޒަތްތެރި ޝަރަފުވެރިން، މަހާސިންތާގެ ކަނބަލުންގެ މަންދޫބުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، އަޅުގަނޑުމެންނަށް ދުނިޔެ ފެނިފައި މި އޮންނަނީ ފިރިހެނުންގެ ބާރު ވަރުގަދަ، ފިރިހެނުންގެ ހަކަތައާއި ބުންވަރު ދައްކައިދޭ ދުނިޔެއެއްގެ ގޮތުގައި. އަޅުގަނޑުމެން ހަނގުރާމަތައް ކުރަމު. އަޅުގަނޑުމެން ޤައުމުތައް ފަތަޙަކުރަމު. އަޅުގަނޑުމެން މީހުން މަރައި ހަދަމު. އަދި މިހުރިހާ ކަމެއްގައި، އެންމެ ބޮޑެތި އަނިޔާއާއި، އެންމެ ބޮޑެތި ގެއްލުންވެ، ޝިކާރަވެ ހަލާކުވެގެން މިދަނީ އަންހެނުންނާއި ތުއްތުކުދިން. އާދެ، އެއްވެސްކަހަލަ ރަޙުމެއްނެތްގޮތުގައި، އަދި އެއްވެސްކަހަލަ ބަލައިލުމެއްނެތި، އަޅުގަނޑުމެންގެ މާޗޯ ބާރު ދެއްކުމުގެ ބޭނުމުގައި، މިކަހަލަ ބޮޑެތި ރަޙުމްކުޑަ ހަނގުރާމަތައް ދުނިޔޭގައި ހުރިހާއިރެއްގައިވެސް ހިނގާފައި ހުރީ.

އާދެ، އަޅުގަނޑުމެން ވަރަށް ފަޚްރުވެރިކަމާއެކީ، އަޑަށް ބާރުލާފައި މިއަދު މި ބުނަނީ، އަޅުގަނޑުމެންގެ ދުނިޔެއަކީ ތަހުޒީބު ދުނިޔެއެކޭ. ޝައްކެއްވެސްނެތް. އަޅުގަނޑުމެން ހަނދަށް މީހުން ފޮނުވައިފީމު. އަޅުގަނޑުމެން ކަނޑުފެނުން ސާފު ބޯފެން އުފައްދައިފީމު. އަޅުގަނޑުމެން ބައްރުތައް ގުޅާލައިފީމު. އަދި އަޅުގަނޑުމެން އިންސާނީ ވަސީލަތް، ޚިޔާލަށް ނުގެނެވޭ މިންވަރަށް މައްޗަށް ޖައްސައިފީމު. އެހެންނަމަވެސް، ބަދަލެއްނުވާ ޙަޤީޤަތަކީ، ޙަޤީޤަތުގައިވެސް ފިރިހެނުންގެ ބާރު ދެއްކުމުގެ ގޮތުން އަދިވެސް އިހުނެކޭ އެއްގޮތަށް މިހާރުވެސް ކަންތައްތައް މި ހުންނަނީ. ކީއްވެގެންތޯ ދުނިޔޭގައި ހަނގުރާމަތައް މި ހިނގަނީ؟ އެއީ އ.ދ. އިން ފާސްކޮށްގެންތޯ؟ ޑިމޮކްރަސީގައި ރައްޔިތުންގެ ވޯޓެއް ނަގައިގެންތޯ؟ ނޫން. މިކަހަލަ އެއްވެސް ކަމެއްނޫން. ކީއްވެގެންތޯ ކަނބަލުންގެ ޙައްޤުތަކަށް އަރައިގަނެވޭއިރު، ކީއްވެގެންތޯ ޒުވާނުންނާއި ކުޑަކުދިން ޔަތީމުވެ ނިކަމެތިވެގެންދާއިރު، މިއިން އެއްވެސް ފަރާތެއްގެ ބަހެއް ނުހޯދެނީ؟ އެހެންވީމާ، އަޅުގަނޑުމެން ފިރިހެންވެރިންނަކީ ލައްކަ ބާރުގަދަ ބައެއްތާ! އަޅުގަނޑުމެންގެ އެވަރު ހިތްވަރެއް ނެތެއްނޫންތޯ؟ މިކަންކަމުގައި އެންމެ ބޮޑަށް ޕީނަލައިޒްވާ ބަޔަކީ، އެންމެބޮޑަށް އަނިޔާވާ ބަޔަކީ ކަނބަލުން. އެކަމަކު ކަނބަލުންގެ ބަހެއްނެތި، ކަނބަލުންގެ އިޙްސާސްތަކަށް ބަލައިލުމެއްނެތި، އެއްވެސްކަހަލަ ޝުޢޫރެއް އަޅުގަނޑުމެންގެ ތެރޭގައި އެކަމާ ދޭތެރޭގައި ވިސްނުމެއްނެތި، މިއިން ކޮންމެ ޖަރީމާއެއް ހިންގާއިރު، އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، ކަނބަލުންނަށް ޖާގަ އެބައޮތޭ.

އާދެ، ވަރަށްފަހުން ނޮބެލް ލޮރިއޭޓެއް، ނޮބެލް ޕްރައިޒް ހޯއްދަވާފައި ހުރި އަންހެން ބޭފުޅެއްގެ ބަސްފުޅު އަޅުގަނޑު ދަންނަވާލާނަން. އެކަމަކު މިއަދުގެ ދުނިޔޭގައި މަސައްކަތްތަކެއް އެބަ ކުރެވޭ. މިއަދުގެ ދުނިޔޭގައި ކުރެވޭ މަސައްކަތްތައް، އިހަށްރޭ ޖަލްސާގައި، މި މަހާސިންތާ ފަށްޓަވައިދެއްވުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި އުސްތާޛާ ޢާޒިމާ ޝަކޫރުގެ ވާހަކަފުޅުގައި، ވަރަށް ވަރުގަދައަށް އޭގެ ބައެއް ވާހަކަފުޅުތައް ވިދާޅުވެއްޖެ. އަޅުގަނޑުގެ މިރޭގެ ސްޕީޗްގައިވެސް ދީބާޖާއެއްގެ ގޮތުގައި، މުޤައްދިމާއެއްގެ ގޮތުގައި ހަމަ އެ ވާހަކަފުޅުތަކަށް ތާއީދުކުރަމުން، އެ ވާހަކަފުޅުތަކުން ބޮރޯކޮށްގެން ބައެއް ވާހަކަ ދަންނަވާލަން.

އެކަމަކު އަޅުގަނޑުގެވެސް ވާހަކައިގެ މައިގަނޑު މަޤްޞަދަކަށްވާނީ ކަނބަލުންނަށް ހިތްވަރުދިނުން. ކަނބަލުން ކުރައްވާ މަސައްކަތުގައި ދައުލަތުގެ ފަރާތުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ކަށަވަރު ބަސް މިރޭވެސް ތިޔަބޭފުޅުންނަށް ދަންނަވަމުން، އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ ދިވެހި ދައުލަތަށް މިހާރުވެސް އަދި ފަހުން އަންނަން އޮތް ދުވަސްތަކުގައިވެސް އޭގެ އުފާވެރިކަމާއި އަދި މީގެ ޕްރޮޑަކްޓިވްކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ކަށަވަރުކުރެވޭތީ އެވާހަކަވެސް ދަންނަވާލަމުން.

އާދެ، މި ދެންނެވި ގޮތަށް އަންހެން ކަނބަލުންނާ ދޭތެރޭގައި މިހާރު އަޅުގަނޑުމެން މި ބުނަނީ މޭލް ޑޮމިނޭޓަޑް ސޮސައިޓީއެއްގައި އާދެ، ފިރިހެނުންގެ ބާރު ވަރުގަދަ އަދި އަޅުގަނޑުމެންގެ ބާރަށްވުރެ ވަރުގަދަ ބާރެއް ނެތްކަމަށް އަޅުގަނޑުމެން ގަބޫލުކުރާއިރު، އަދި އެންމެ ރިސޯސްފުލް ބަޔަކީ ފިރިހެނުން ކަމުގައި ގަބޫލުކުރާ ދުނިޔެއެއްގައި މިއަދު މި ނޮބެލް ލޮރިއޭޓްސްގެ ވާހަކަފުޅުގައި މި ވިދާޅުވަނީ، އަންހެނުންނަކީ ހަމައެކަނި އުޅޭ ބައެއް ކަމަށް، ޓޮލަރޭޓް ކުރެވޭ ބައެއް ކަމަށް ގަބޫލުކުރަނީކީ ނޫނޭ. އަންހެނުންނަކީ ޙަޤީޤަތުގައިވެސް އެމީހުންގެ މަސައްކަތަށް، އެމީހުންގެ ޚިދުމަތަށް، އެމީހުންގެ ހުނަރަށް، އެމީހުންގެ ކުރިއެރުމަށް އެމީހުންނަކީ ވެލިއުކުރެވޭ ބައެކޭ. އާދެ، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭ ބައެކޭ. މިއީ ލައްކަ ބޮޑު ކުރިއެރުމެއް. މިއީ އ.ދ.ގެ ސީޑޯގެ ކޮންވެންޝަންގައި އެތައް ދައުލަތަކުން ބައިވެރިވުމަށްފަހު އައި ވަރަށްބޮޑު ކުރިއެރުމެއް.

އާދެ، މި ލޮރިއޭޓަކީ އަން ސަން ސޫޗީ. އެކަމަކު މާފުކުރައްވާތި! މިހުރިހާ ވާހަކައެއް އަޅުގަނޑުމެން ދައްކާއިރުވެސް، މި ހުންނަނީ ވަރަށް ވަރުގަދަ މުހިންމު ވާހަކަތައް. ކަނބަލުންގެ ވާހަކަފުޅުތައް ދައްކާއިރުވެސް. އެކަމަކު އެކަމަނާގެ އަމިއްލަފުޅު ޤައުމުގައި ރޮހިންޏާ މުސްލިމުންނަށް މި ދެމުންދިޔަ އަނިޔާއާއި، ތުއްތުކުދިންގެ ފުރާނަ ގެއްލިގެންދިޔުމާއި، އަދި އެކުދިންގެ މަންމައިން، ބައްޕައިން ވަކިވެ ޔަތީމުވެގެންދިޔައިރު ކުރެވުނު ހަމަ އެއްކަމެއްވެސް ނެތް. ދުނިޔޭގެ އެތައް ޤައުމަކުން ކުށްވެރިކުރީމަ، ދެން އެކަންކަން ނުކުރުމަށް އިލްތިމާސް ކުރެއްވި. އެހެންނަމަވެސް، އެއީކީއެއް ނޫން އަޅުގަނޑުގެ މައުޟޫޢަކީ. އަޅުގަނޑުގެ މައުޟޫޢަކީ ޙަޤީޤަތުގައިވެސް މިއަދު އަޅުގަނޑުމެން އެބަ ގަބޫލުކުރަން، މި ފިރިހެނުންގެ ދުނިޔޭގައިވެސް ކަނބަލުންނަކީ ބާރުވެރި، ޝަރަފުވެރި އަދި އެ ކަނބަލުންނަށް ޙައްޤު މަޤާމުދޭން މިހާރު އަޅުގަނޑުމެން ތައްޔާރާ ތިބި ބައެއް ކަމުގައި މިހާރު އެބަ ގަބޫލުކުރެވޭ.

އާދެ، ސީޑޯގައި ބައިވެރިވެގެން އުޅޭތާ އެތަކެއް އަހަރުވެއްޖެ. ދައުލަތްތަކުގެ މައްޗަށް ކަނބަލުންގެ ޙައްޤު ހޯދައިދިނުމަށް ޤާނޫނުތައް ފާސްކުރުމާއި، އަމުރު މަޢުރޫފު ހިންގުމާއި، އަދި ކަނބަލުންނަށް ފުރައްސާރަ ކުރުން އެއީ، މަސައްކަތުގެ މާޙައުލުގެ ތެރޭގައި، ވެށީގެ ތެރޭގައި ކަމުގައިވީނަމަވެސް، މަގުމަތީގައި ކަމުގައިވީނަމަވެސް، ގެވެށި އަނިޔާއަށް ބަލައިލި ކަމުގައިވީނަމަވެސް، މިއިން ކޮންމެ ކަމަކާ ދޭތެރޭގައި ޤާނޫނުތައް ފާސްކުރުމާއެކީ، ކަންކަން ފަސޭހަކޮށްދޭން، ކަންކަން ހަމަހަމަކުރުމަށް، ވަޒީފާގެ އެއްވަރު ފުރުޞަތުތައް ދިނުމަށް، އަދި މިހުރިހާ އޮޕަޗުނިޓީއެއް، ހުރިހާ ފުރުޞަތެއްގައި ހަމަހަމަކަން ޤާއިމުކުރުމަށް ބާރުއަޅާ އިމްތިޔާޒުތައް، މި ދެންނެވި ގޮތަށް، ނޫނީ ޑިސްކްރިމިނޭޝަން އާދެ، ތަފާތުކުރުންތައް ނައްތާލުމަށް ބާރުއަޅައި، އަޅުގަނޑުމެން ހުރިހާ ވެރިން މިތިބީ މި ދެންނެވި ކޮންވެންޝަންގައި ބައިވެރިވެގެން.

އެހެންނަމަވެސް، މިއަދުގެވެސް ޙަޤީޤަތް، އެތަކެއް އަހަރުފަހުން މިއަދުގެވެސް ޙަޤީޤަތުގެ ވާހަކަ އެރޭ މިނިސްޓަރ އުސްތާޛާ ޢާޒިމާ ޝަކޫރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އެކަމަކުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ސީޑޯ ކޮންވެންޝަނަށްފަހު، ޙަޤީޤަތުގައިވެސް އަންހެނުން މެއިންސްޓްރީމް ކުރުމުގެ ބައިވަރު މަސައްކަތްތައް މިހާރު އެބަ ކުރެވޭ. އަދި މި މަސައްކަތުގެ ކުރިންވެސް ޤާބިލުކަން ހުރި އަންހެނުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ދިވެހި ތާރީޚުގައި ރެނދަލި ކުރައްވާފައި ހުރި ރަނިކަނބަލުން އެބަ ތިއްބެވި. އާދެ، ތަޚުތުގައި ވެރިކަން ކުރައްވާފައި ތިއްބެވި ރަނިކަނބަލުން އެބަ ތިއްބެވި. އަދި ދެންމެ އަޅުގަނޑުމެންގެ ނައިބު ރައީސްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންނާ ހަނގުރާމަ ކުރަން އައިސް ތިބި، ނުފޮރުއްޕާން ކުރަން އައިސް ތިބި މީހުން ފަހާލަންވެސް ނުކުމެ މަސައްކަތް ކުރުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކަނބަލުންގެ ކިބައިގައި އެބަހުރި.

އާދެ، އަޅުގަނޑުމެންގެ މި ސަރަޙައްދުން އެންމެ ފުރަތަމަ އަންހެން ޕްރައިމް މިނިސްޓަރަކުވެސް ނެރެގެން މިއުޅެނީ. އާދެ، 1960 ގައި ސްރީމާވޯ ބަންޑާރަނައިކަ މިއީ ފުރަތަމަ ދުނިޔޭގެ އަންހެން ޕްރައިމް މިނިސްޓަރު. އަދި މިހާރުވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަންހެން ޝަޚްޞިއްޔަތުތައް މަދެއްނޫން. އެހެންނަމަވެސް، ބޭނުންވާ މިންވަރަށް، ނޫނީވިއްޔާ މި ދެންނެވި ގޮތަށް ފާހަގަކުރެވޭ މިންވަރަށް އަދިވެސް އަންހެން ބޭފުޅުން ނުފެންނަ ވާހަކަ ހުރިހާ ތަނެއްގައިވެސް މި ދެއްކެނީ. އެއީ ވަކި ސިޔާސީ މަޤާމުތަކަކު ނޫން. ކޯޕަރޭޓް ބޯޑްރޫމްތަކުގައި. ރައްޔިތުންގެ މަޖިލިސްތަކުގައި. ރައްޔިތުން އެ އަންހެން ބޭފުޅުންނާ ދޭތެރޭގައި، ކަނބަލުންނާ ދޭތެރޭގައި ކަންކަން ނިންމާ އެކިއެކި މަރުޙަލާތަކުގައި، މަޖިލިސްތަކުގައި، ކޮމިޓީތަކުގައި އަންހެނުންގެ ދައުރު ނެތް ވާހަކަ މި ދެއްކެނީ. ދުނިޔޭގެ އެކި ޤައުމުގައި މިކަން އެކިގޮތަށް ތަންފީޒު އެބަކުރޭ. ބައެއް ޤައުމުތަކުގައި މަސައްކަތް ކޮށްފައި އެބަހުރި. ޤާނޫނުތަކުން މިއަށް ޖާގަ ހޯދައިގެން މިކަން ކުރުން. އެހެން ޤައުމުތަކުގައި މަސައްކަތް ކޮށްފައި ހުރީ ކޮންމެވެސްކަހަލަ ޤަރާރެއްގެ ދަށުން ކަންތައް ކުރެވޭތޯ ބަލަން. އެހެންވީމާ، ދުނިޔޭގައި އެބަހުރި މިކަހަލަ މަސައްކަތްތައް. މިހާރުވެސް ދަނީ ކުރެވެމުން.

އާދެ، ކަނބަލުންގެ ތެރޭގައި ވަރުގަދަ ކަނބަލުން އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ. މިހާރުވެސް ހަތަރު ފަސް ދައުރެއް ނިމިގެންދާއިރުވެސް، ހަމަ އެންމެ ޓޮޕް ކުރައްވާ ކަނބަލެއްގެ ގޮތުގައި، ވަރލްޑް ލީޑަރއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ޖަރމަނީގެ ޗާންސެލަރ އެންޖަލާ މަރކެލް. ހަމައެއާއެކީ ދާދި އިހަށްދުވަހާ ޖެހެންދެން އަދިވެސް ހިލަރީ ކްލިންޓަން ހަމަ ބަބުޅަމުންދާކަން އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލުކުރަން. މިޝެލް އޮބާމާ، ޝައިޚް ޙަސީނާ، ދެން ފެޑް ރިޒަރވްގެ ގަވަރނަރ، ފެޑް ރިޒަރވްގެ އެންމެ އިސްބޭފުޅަކަށް އެހެރީ ޖެނެޓް ޔެންސަން. މިކަހަލަ އެތައް ބޭފުޅުންނެއް އެބަތިބި. އަދި އަޅުގަނޑުމެންގެ ސަރަޙައްދުގައިވެސް މިކަހަލަ ބޭބޭފުޅުން އެބަ ތިއްބެވި. އެކަމަކު މިއިން ކޮބައިތޯ އަޅުގަނޑުމެން ހޯދަންވީ ފިލާވަޅަކީ؟ މިއިން ހޯދަންވީ ފިލާވަޅު އަޅުގަނޑު ހަމަ ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، ދެންމެ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަޝްފާގެ ވާހަކަފުޅުން މަހާސިންތާގެ ބައިވެރިންނަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގެން ހިނގައްޖެކަން. އަދި އެކަމަނާގެ ސާބިތުކަމާއި، ދެއްކެވި ވާހަކަފުޅުގެ ވަރުގަދަކަމުން އަޅުގަނޑަށްވެސް އުންމީދުތަކެއް އާވެގެން އެބަދޭ. ސަބަބަކީ މި މަހާސިންތާއަކީ ޙަޤީޤަތުގައިވެސް ސިޔާސީ މަސައްކަތްތަކަކަށް އަންހެނުން ބާރުވެރިކުރުވުމުގެ ސިލްސިލާގެ ތެރެއިން ކުރެވޭ ކަމަކަށް ވެގެންދޭ.

އެހެންވީމާ، 2018 އަށް ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެންދާއިރު، މީގައި އަންހެނުންގެ ދައުރަކާއި އަދި އަޅުގަނޑުމެން ވިސްނައި އަޅުގަނޑުމެން ފިކުރުކުރާ މީހުން ވިސްނާނެގޮތް، އެ ހޯދުމަށްޓަކައި މަސައްކަތް ކުރާނެ ފަހުލަވާނުންތަކެއް މި މަހާސިންތާއިން ތައްޔާރުކުރެވިގެން ދިޔައީ. ގަބޫލުކުރެވެނީ ވަރަށްމޮޅު ލެކްޗަރ ސެޝަންތަކެއް ލިބިގެން ހިނގައްޖެ ކަމަށް. ގަބޫލުކުރެވެނީ ކަނބަލުން ވަރަށް ވަރުގަދައަށް ތައްޔާރުކުރެވިގެން ހިނގައްޖެ ކަމަށް. އަޝްފާގެ ވާހަކަފުޅު އަހާލީމަ، އަޅުގަނޑަށް އެ އިޙްސާސްތައް މިތާ އިނދެގެން ކުރެވުނު. މިކަހަލަ މަހާސިންތާއެއް ރޭވިގެން މި ކުރެވޭ މަސައްކަތްތަކުގައި އަޅުގަނޑުމެން ހޯދަން ބޭނުންވާ ނަތީޖާތަކެއް ހުންނާނެ. އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގެ އެއްކަމަކަށްނޫނީ މި މަހާސިންތާ ވެގެނެއްނުދާނެ. އާދެ، ދުނިޔޭގައި އަންހެނުންނަށް ބާރުވެރިކަން ހޯދައިދިނުމަށްޓަކައި މިކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގައި މިއީ މިކަހަލަ ފުރަތަމަ މަހާސިންތާ ކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވޭ. އެހެންވީމާ، މަހާސިންތާގައި ހުރިހާ ބައވެރިންނަށް ތިޔަ ޝަރަފު ލިބިވަޑައިގަތީމާ، ތިޔަ އުފާ، ނޫނީވިއްޔާ ތިޔަ ނަޞީބު ލިބިވަޑައިގަތީމަ، އެންމެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

އަދި ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަންޖެހެނީ، އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށް، ކަނބަލުން ބާރުވެރިކުރުވުމަށް މި ފެށިގެންދަނީ ސިލްސިލާ މަސައްކަތްތަކެކޭ. ވަރަށްގިނަ މަސައްކަތްތަކެއް، މީގެކުރީގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ކަނބަލުންނާއި، ފިރިހެން ބޭފުޅުންނާއި، ހަމަ މިކަހަލަ ސިލްސިލާ މަހާސިންތާތަކެއް، މީގެކުރީގައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ހަމަ ކުރެވިގެން ހިނގައްޖެ. އަދި އޭގެފަހުން ކަނބަލުންގެ ހުނަރު ދައްކައިލުމަށްޓަކައި ހަމަ ފިސާރި ކަނބަލުންގެ ހުނަރުވެރި މަޢުރަޒެއްވެސް ދިވެހިރާއްޖޭގައި ބޭއްވިގެން ހިނގައްޖެ މިދިޔަ އަހަރު. އާދެ، މި މަސައްކަތްތަކަކީ ޙަޤީޤަތުގައިވެސް އަދި ރޭގައި ނިމިގެންދިޔައީ ވަރަށް ވަރުގަދަ، މުޅި ރާއްޖެއަށް ހުޅުވައިލެވިގެންދިޔަ ކަނބަލުންގެ ބަށި މުބާރާތް ނިމިގެން އެދިޔައީ. އަޅުގަނޑަށް ހީވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ހިސާބުގަނޑުގައި ކަންނޭނގެ މި މުބާރާތުގެ ފެށުން އޮތީ. ވަރަށް ފޯރިގަދަކޮށް އެކި ފެންވަރުގައި ކުޅެވި، އެންމެފަހުން ރޭގައި މާލޭގައި މިކަން ކުރެވިގެން މިދިޔައީ. މީގެ ބޭނުމަކަށްވަނީ ކަނބަލުންނަކީ މިކަހަލަ ހުރިހާ ފަންނެއްގައި ހުނަރުވެރިކަން ދެއްކުމުގެ ޤާބިލުކަން ހުރި ބައެއްކަން ފުރަތަމަ ދެއްކުން.

ދެވަނަ ކަމަކަށް މިއޮތީ ކަނބަލުންނަކީ ވަކި މަސައްކަތެއް ކުރުމަށް ސްޓީރިއޯ ޓައިޕްވެފައި ތިބި ބައެއް ކަމަށް ގަބޫލުކުރާ ކުރުން މިހާރު ވެއްޖެ ދޫކޮށްލަން. ކަނބަލުންނަކީ ހަމަ ހުރިހާ މަސައްކަތެއް ކުރެވޭނެ، ހުރިހާ މަސައްކަތަކަށް ފައްކާ، ހުރިހާ މަސައްކަތަކަށް އިސްނެގުމުގެ ޙައްޤު، ހަމަ ފިރިހެނުންނެކޭ އެއްވަރަށް އޮތް ބައެއް ކަމަށް އަޅުގަނޑުމެންގެ ޒަޢާމަތުގައި އަޅުގަނޑުމެން އެބަ ގަބޫލުކުރަން. އެހެންވީމާ، ކަނބަލުންނަކީ ވަކިކަހަލަ މަސައްކަތެއް އެކަނި ނޫނީ ކޮށްގެން ނުވާނެ ކަމަކަށް ތިއްބެވި ބައެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން.

އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ޙަޤީޤަތުގައިވެސް ވަރުގަދަ ޤައުމީ މަސައްކަތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑުވެސް ވަރަށް ކައިރިން ދަންނަވަންޖެހޭ ޝުކުރެއް މިއީ. އެހެންނަމަވެސް، ކްރެޑިޓް ލިބެންވާ ފަރާތްތަކަށް ކްރެޑިޓް ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެކަން މަތިން ހަނދާންނައްތާލައިގެން ނުވާނެ. އަޅުގަނޑު ވާހަކަ ހަމަ ކުރިއަށް ގެންދާއިރުވެސް، މި ހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހުންނެވީ ފަސްޓްލޭޑީ މެޑަމް ފާޠިމަތު. އެހެންވީމާ، ފާތުންއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، ވަރަށް ވަރުގަދައަށް މަރުޙަބާ ދަންނަވަން. އެކަމަނާ އެ ކުރައްވާ މަސައްކަތުގައި އަދިވެސް ފޯރިއާއެކީ ކުރިއަށް ވަޑައިގަތުމަށް ހަމަ އަޅުގަނޑު ދަންނަވަން.

ހަމަ މިއާއެކީގައި ދަންނަވާލަން ބޭނުންވަނީ، ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި، ކާމިޔާބު ހިތްވަރުހުރި، ހިތްވަރުދޭ ފިރިޔަކުވެސް ހުންނަންޖެހެޔޭ. އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އަޅުގަނޑުމެން އިންސާނުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅޭ ބައެއް. އެހެންވީމާ، މިއީކީ އެއްވެސް ބަޔަކަށް އެއްވެސް ވަރުގަދަ މަސައްކަތެއް އެކަހެރިކޮށް ނުކުރެވޭކަން އަޅުގަނޑުމެން ދައްކައިދޭ ކަމެއް. އެހެންވީމާ، ކާމިޔާބު ފިރިއެއްގެ ފަހަތުގައި ވަރަށް ކާމިޔާބު، ވަރަށް ވަރުގަދަ އަންހެން ޝަޚްޞެއް، އަންހެން ކަނބަލެއް، އަނތްބެއް ހުންނާނެ. ހަމައެގޮތަށް އަނބިކަނބަލަކަށް، އަންހެނަކަށް، އަނތްބަކަށް މި މަސައްކަތް ކުރެވެނީ ފިރިމީހާ އެކަން ކުރަން ހިތްވަރުދޭތީ. އެހެންވީމާ، މިއީ ޕާޓްނަރޝިޕެއް ދޮގެއްތޯ. އަޅުގަނޑުމެން އެއްވެސް ކަމެއް އަމިއްލައަކަށް އެކަންޏެއް ނުކުރެވޭނެ. މިއީ ޕާޓްނަރޝިޕެއް. ދިވެހިރާއްޖޭގެ ކުރިއެރުމަކީ، ދިވެހިރާއްޖޭގެ ފުރުޞަތުތައް ހޯދުމަކީ، ދިވެހިރާއްޖޭގެ ނަސީބަކީ، ދިވެހިރާއްޖޭގެ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ވަސީލަތްތަކުން މަންފާ ލިބުމަކީ، އަދި ވޭންއަޅާ ކޮންމެ ކަމެއްގައި ވޭން އަޅަނީކީ ހަމައެކަނި ފިރިހެނުންގެ ހިތްތަކަކު ނޫން. ހަމަ މިކަމުގައި އެއްވަރަށް އަންހެން ބޭފުޅުންނަށް، ހަމަ މި ވޭނާއި، މިހުރިހާ ޝުޢޫރުތަކެއް އިހުސާސް ކުރައްވާ. ބަރުދާސްތު ކުރައްވާ. އެހެންވީމާ، މިއީ ޕާޓްނަރޝިޕެއް. މިކުރެވޭ މަސައްކަތަކީވެސް އަންހެނުންނާއި ފިރިހެނުންނާ ގުޅިގެން އަޅުގަނޑުމެން ޤައުމީ ވާޖިބެއްގެ ގޮތުގައި، ދެންމެ ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން ކުރާ މަސައްކަތަކީ މި ދެންނެވި މަސައްކަތް.

ދުނިޔޭގެ ލީޑަރުން، އަޅުގަނޑު މި ދަންނަވާލީ އެންމެ ފާހަގަކުރެވޭ ބައެއް އަންހެން ލީޑަރުން. އަދި ކޯޕަރޭޓް ސެކްޓަރގައި ލީޑަރުން އެބަ ތިއްބެވި. ވަރަށް ވަރުގަދަ ލީޑަރުން އެބަ ތިބި. އަޅުގަނޑުމެން ހީނުކުރާކަހަލަ. ފޯޗުން 500ގެ ލިސްޓްގައި އުޅޭ ކުންފުނިތަކުގެ، އެންމެ ވަރުގަދަ ކުންފުނިތަކުގެ ލީޑަރުންގެ ގޮތުގައި، ކޯޕަރޭޓް ލީޑަރސްގެ ގޮތުގައި އަންހެން ބޭފުޅުން އެބަ ތިއްބެވި. ކަނބަލުން އެބަ ތިއްބެވި. އެހެންވީމާ، ކަނބަލުންނަކީ ފިސާރި މަސައްކަތް ކުރެވޭ ކަނބަލުންތަކެއް ކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރަން. އަޅުގަނޑު މި ދެންނެވި ގޮތަކަށް، މި ދެންނެވި ކަހަލަ މާޗޯ އަދި ވަރަށް ފިރިހެނުން ޑޮމިނޭޓަޑް ސޮސައިޓީއެއްގައިވެސް އަންހެނުން ކުރި ހޯދާފައި ހުރި ދާއިރާތައް ބައިވަރު. ކުރީރޭ ވާހަކަފުޅު ދައްކަވަމުން، ރޭ ނޫން އިއްޔެރޭ ޢާޒިމާގެ ވާހަކަފުޅުގައި މީގެ ބައެއް ވާހަކަތައް ވިދާޅުވި. ދުނިޔޭގައި މިހާތަނަށް ކުރެވިފައި ހުރި ރިސަރޗް ދައްކާގޮތުން ވެއްޖިއްޔާ، ދުނިޔޭގައި އެބަހުރި އަންހެން ލީޑަރުން، ޤައުމުތަކުގެ ލީޑަރުން އެބަހުރި، އަންހެން ބޭފުޅުން ލީޑަރުކަން ކުރައްވާ. މިހާރުވެސް އެބަ ކުރައްވަމުން ގެންދަވާ. އަދި ޕާލަމަންޓްތަކުގައި، މުޅި ދުނިޔޭގެ ޕާލަމަންޓްތަކުގެ ނިސްބަތަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ. އެހެންނަމަވެސް، އަންހެން ބޭފުޅުންގެ ދައުރު އެބަ ފެނޭ. މުޅި ދުނިޔޭގައި ހުރިހާ ޕާލަމަންޓްތަކުގައި ތިއްބެވީ ނިސްބަތަށް ބަލައިފި ކަމަށް ވެއްޖިއްޔާ، އަންހެން ބޭފުޅުން ތިއްބެވީ 100 އަކުން 13 ބޭފުޅުން. މިއީ މަދު އަދަދެއް. މިއީ ކުޑަ އަދަދެއް. އެހެންނަމަވެސް ބައެއް ޤައުމުތައް އެބަހުރި. މިސާލަކަށް، ސްވިޑްން ކަހަލަ ޤައުމުތައް އެބަހުރި، 43 ޕަސެންޓް އަންހެން މެންބަރުން ތިއްބެވި.

އެހެންވީމާ، އަޅުގަނޑުމެންވެސް އެބަޖެހޭ މިކަހަލަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހާރު މިތިބަ މަރްޙަލާގައި، ފަހަރުގައި ފަސޭހަނުވެ ހިނގައިދާނެކަންނޭނގެ، ޤާނޫނަކުން ކަންކަން ކުރަން. އެހެންނަމަވެސް، ސީޑޯއިން، ސީޑޯގެ ކޮންވެންޝަން އެމްބްރޭސް ކުރުމާއެކީ، ނޫނީ އެއަށް ޕާޓީއަކަށް އަޅުގަނޑުމެން ވުމާއެކީ، އަންހެނުން މެއިންސްޓްރީމް ކުރުމަށް ޚާއްޞަގޮތެއްގައި އަންހެނުންނަށް މި އަންނަ އުނދަގޫތައް، އަންހެނުންނަށް ފިރިހެނުންގެ ފަރާތުން، ނޫނީވިއްޔާ ތަފާތުކުރުމުން މި ނުކުންނަ ނުބައި ނަތީޖާތައް ނައްތާލުމަށް އަޅުގަނޑުމެން އެންމެން މިތިބީ އަހުލުވެގެން. ސޮއިކޮށްގެން. އެހެންވީމާ، މުޅި ދައުލަތުގެ ބޮލުގައި އެޅިފައި އޮތް، ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމުގައި މިކަން މިއޮތީ.

އެހެންވީމާ، މިކުރެވޭ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ތަނުގައި އެކިގޮތަށް ކަންކަން އެބަ ކުރޭ. މިސާލަކަށް، ކޯޕަރޭޓް ވަރލްޑަށް ބަލާކަމަށްވަންޏާ، ވިޔަފާރިއާއި ޞިނާޢަތުގެ ދާއިރާއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ ގޮތުގައި މިއޮތީ އުތުރުކަރަ، އިންޑިއާ. އިންޑިއާގައި ވަކިވަރަކަށްވުރެން ވަރުގަދަ ކުންފުނިތަކުގައި އެތަނުގެ ކޯޕަރޭޓް ޤާނޫނުން، ކުންފުންޏާބެހޭ ޤާނޫނުން އެބަ ލާޒިމުކުރޭ ބޯޑުގައި، ކޮންމެ ބޯޑެއްގައި އެއް އަންހެން ބޭފުޅަކު އިންނަވަން. އެއް ކަނބަލަކު އިންނަވަން. މިއީ ވަކި ފެންވަރެއްގެ ވަރުގަދަ ކުންފުނިތަކުގައި. އެހެންވީމާ، އެ ފެންވަރުގެ ކުންފުނި، ދިވެހިރާއްޖެއަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އިނީޝިއޭޓިވްއަކީ، އޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެއަށްވުރެވެސް ކުރީގައި. އަޅުގަނޑުމެންގެ ސަރުކާރުގައި އަޅުގަނޑުމެން ނިންމައިގެން މިތިބީ. އަދި މިހާރު އިރާދަކުރެއްވިއްޔާ އެކަން ހާސިލުނުވާކަމެއްވެސް ނޭނގެ. ވަރަށް ކައިރީގައި އުޅެންޖެހޭނީ. އަޅުގަނޑުމެންގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި، ކޯޕަރޭޓް ބޯޑްރޫމްގައި ކޮންމެ 10 ބޭފުޅެއްގެ ތެރެއިން، ނޫނީވިއްޔާ ކޮންމެ 10 ބޯޑު މެންބަރުންގެ ތެރެއިން 4 ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް އަޅުގަނޑުމެން އެއޮތީ ކަނޑައަޅާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެބަ ހާސިލުވޭ.

އެހެންވީމާ، ޤާނޫނެއް ނެތް ކަމުގައިވީނަމަވެސް، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި މިކަހަލަ ކަންތައްތައް މި ކުރެވެނީ ސީޑޯގެ ކޮންވެންޝަނާއި، އަދި ކޮންވެންޝަނެއްގައި ކަމެއް ލިޔެވިފައި އޮތަސް، ޤަރާރެއް އޮތަސް، އެގްރީމަންޓެއް އޮތަސް، މީގައި ޙަޤީޤަތުގައި މިކަމަށް ޢަމަލީ ސިފަ އަންނާނީ ހިތާއި ރޫޙުން އެކަން ގަބޫލުކުރަންޏާ. އެކަން ކުރަން ބޭނުމިއްޔާ. އެހެންނޫނީ ޤާނޫނުތައް މަދެއްނޫން އަޅުގަނޑުމެންގެ ތެރޭގައި. ކަންކަން މަނާކުރުން، ކަންކަމަށް މަގުދައްކަން، އަދި ވަކި ކަމެއް ނުކުރަން، ވަކިކަމެއް ކުރުމަށް އިރުޝާދުދޭ ޤާނޫނުތައް މަދެއްވެސްނޫން. އެކަމަކު އެ ޤާނޫނުތަކުގައި ހުންނަ މަގުން ހިނގާއިރު، ޑިމޮކްރަސީއާ ޚިލާފަށް އަދި އިންސާނީ ޙައްޤުތަކަށް ގެއްލުން ލިބޭކަމަށް ވަކާލާތުކުރާ މީހުން އަދި އެއަށްވުރެ ގިނަ. އެހެންވީމާ، ޤާނޫނުގައި އެއްޗެއް ލިޔެވިފައި އޮތުން އެއީ އޭގެ ޒާތުގައި އެކަމެއް ކަށަވަރުކޮށްދޭ ކަމެއްނޫން. އެކަމެއް ކުރަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެން އެއްބަސްވާންޖެހޭނެ.

ދިވެހިރާއްޖޭގައިވެސް ގެވެށި އަނިޔާއާބެހޭ ޤާނޫނު ނެތީކީވެސް ނޫން ދޮގެއްތޯ. ދެން އެ ވާހަކަ ދައްކާކަށްވެސް ނޫން. އެކަމަކު ދުނިޔޭގެ ލީޑަރުންގެ ތެރޭގައި، މި ދެންނެވި ވަރުގަދަ ލީޑަރުން ތިއްބަވާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، މިއީ މި ރިސަރޗުން ކަށަވަރުކޮށްދޭ ކަމެއް. އަންހެން ލީޑަރުން ތިއްބަވާ ޤައުމުތަކުގައި، އެބޭފުޅުންގެ ޑިވެލޮޕްމަންޓް އެޖެންޑާއާއި، ދެން އެހެން ޤައުމުތަކުގައި، ނޫނީ ފިރިހެނުން ލީޑްކުރާ ދައުލަތްތަކުގެ ޑިވެލޮޕްމަންޓް އެޖެންޑާއާ ވަރަށް ތަފާތު. އަންހެން ބޭފުޅުން ސަމާލުކަން މިދެނީ ހިއުމެނިޓީޒަށް. އޭގެތެރޭގައި، ޚާއްޞަކޮށް ހިއުމަން ރިސޯސް ބިލްޑް ކުރުމަށް. އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް. އެއީ މިސާލަކަށް، ތަޢުލީމީ ދާއިރާއިން ޤާބިލު ޒުވާނުންތަކެއް އުފެއްދުމަށް. ތަޢުލީމީ ދާއިރާއިން ޤާބިލު ރައްޔިތުންތަކެއް އުފެއްދުމަށް. އަދި ޞިއްޙީ ދާއިރާއަށް ދެވޭ ސަމާލުކަން ހަމަ އެހާ ބޮޑުމެ. އަދި ހަވާސާވެފައި ތިބި ފަރާތްތަކުގެ ޙައްޤުތަކަށް ކޮންމެހެންވެސް ޤާނޫނުތަކެއް ހެދިފައި ހުންނަނީ. އެއީ، ދޮށީ އުމުރުގެ މީހުންނަށްވިޔަސް، އަދި ޑިވޯރސީސްއަށް ކަމަށްވީނަމަވެސް، ނޫނީވިއްޔާ ނުކުޅެދޭ މީހުންނަށް ކަމުގައިވީނަމަވެސް.

މި ދެންނެވި ހުރިހާ ކަންކަމަށް، މި ދެންނެވި ގޮތަށް ޤާނޫނުން ހިމާޔަތް ހޯދައިދިނުމަށް އަންހެން ލީޑަރުން ވެރިކަން ކުރައްވާ ޤައުމުތަކުގައި މި ހުންނަނީ. މީގެ ނަތީޖާއަކަށް ވެގެންދަނީ ޙަޤީޤަތުގައިވެސް ވަރަށް ޤާބިލު، ވަރަށް އެޑިއުކޭޓަޑް ޤައުމަކަށް، އެއް ދައުރަށްވުރެ ގިނަ ދައުރު އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި ކަމަށްވަންޏާ، އެ ބަދަލުކޮށްލައްވާ އެބަ. އެކަމަކު އެ އަންނަނީ ހިއުމެނިޓީޒްގެ ދާއިރާއިން. އެކަމަކު އަޅުގަނޑުމެން ފިރިހެންވެރިން ކުރީގައި އުޅޭ އެހެން ދާއިރާއެއް އެބައުޅޭ. އެއީ އަޞްލުގައި ދުނިޔޭގެ ލީޑަރސްއަށް، މުޅި ދުނިޔޭގެ ލީޑަރސްއަށް އަންހެން ބޭފުޅުންނަށް ނުވެވިގެން އުޅޭ ސަބަބަކީ އަދިވެސް. އަންހެން ބޭފުޅުން ވެރިކަމުގައި ތިއްބަވާ ދާއިރާތަކުގައި މި ދެންނެވި ގޮތަށް ހިއުމެނިޓީޒަށް މިހާބޮޑަށް އިސްކަމެއް ދެއްވުމަކީ ޝައްކެއްވެސްނެތްގޮތުގައި އެބޭފުޅުންގެ މިޒާޖާއި، އެބޭފުޅުންގެ ޚުލްޤު ހުންނަގޮތުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އެކަން ވާނީވެސް އެހެންކަމަށް. އެހެންވީމާ، އެ ދާއިރާތަކަށް ސަމާލުކަން އެ ދެއްވަނީ، އޭގެ ނަތީޖާއަކަށް ވެގެންދަނީ ޙަޤީޤަތުގައިވެސް ހަނގުރާމަ ކުރުމާއި، އަދި ދޭދޭ ޤައުމުތަކުގެ ތެރޭގައި ހުންނަ ޙައްޤުތައް، މައްސަލަތައް ޖެހިއްޖެ ކަމަށްވަންޏާ، ވާހަކަ ދެއްކުމަށް އިސްކަން ދިނުމާއި، މުޅި ތަނުގެ ޞުލްޙައާއި މަޞްލަޙަތަށް، ސްޓެބިލިޓީއަށް ދެއްވާ އަހަންމިއްޔަތު ބޮޑުވެގެންދަނީ.

އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ އަޅުގަނޑުމެން ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަކީ ހަމަޖެހޭ ބައެއް ކަމުގައިވުން، އަޅުގަނޑުމެން ޤައުމުގައި ތިބޭއިރު. ޤައުމުން ބޭރަށްދާއިރު، ބޭރަށްދާ ޤައުމަކީވެސް ހަމަޖެހޭ، ޞުލްޙަވެރި ބައެއް ކަމުގައި ވެގެންދާތަން އަޅުގަނޑުމެންނަށް ފެންނަން ބޭނުންވޭ. އަޅުގަނޑުމެންވެސް ޞުލްޙަވެރިވާންޖެހޭ. މަޞްލަޙަތު އޮންނަންޖެހޭ. އަޅުގަނޑުމެން ގަބޫލުކުރާ އަވަށްޓެރި ޤައުމުތަކުގައިވެސް ޞުލްޙައާއި މަސަލަސްކަން އެބަ އޮންނަންޖެހޭ. އަދި އަޅުގަނޑުމެން ކަހަލަ ކުދިކުދި ޤައުމުތަކަށް އެންމެ ބޭނުންވާ ސިފަޔަކީ، މުޅި ދުނިޔެއަކީވެސް ހަނގުރާމައިން ފްރީ، ހަނގުރާމަ ނެތް، ޞުލްޙަވެރި ތަނެއް ކަމަށްވުން. މިއީ ވަރަށް ޔޫޓޯޕިއަން ޚިޔާލެއް. ވަރަށް ޚިޔާލީ ޚިޔާލެއް. މިއީކީ ހާސިލުވާނެ ކަމެއްވެސް ނޫން. އެކަމަކު އެއީ އަޅުގަނޑުމެންގެ އުންމީދު. އެއީ މުޅި ދުނިޔޭގެވެސް އުންމީދު. އެހެންނަމަވެސް، މީގައި އިސް މޭސްތިރިންގެ ގޮތުގައި މި ތިއްބެވީ ޙަޤީޤަތުގައިވެސް އަންހެން ލީޑަރުން.

މި މަހާސިންތާގެ ބައިވެރިންނަށް އަޅުގަނޑު ހުރިހާވެސް ކާމިޔާބީއެއް އެދެމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ބައެއް ވާހަކަ އެބަހުރި. އަންހެން ބޭފުޅުން، ނޫނީވިއްޔާ އަންހެން ސިޔާސީ ލީޑަރުން، އެންމެ ވަރުގަދައަށް ޕޮލިޓިކްސްގައި އުޅުއްވާ ލީޑަރުން ދެއްވާ ނަޞޭޙަތެއް އެބައޮވޭ. އެއީ އަންހެން ބޭފުޅުންނަށް ދެއްވާ ނަޞޭޙަތެއް. އެންމެ ވަރުގަދަ ނަޞޭޙަތެއްގެ ގޮތަށް ފާހަގަވެފައި މި އޮންނަނީ އެންގޭޖްވާށޭ. ޤައުމު ބިނާކުރުމުގެ ކަންކަމުގައި ޤައުމަށް ބޮޑެތިވާ މައްސަލަތަކުގައި އެންގޭޖްވާށޭ. ދުރުގައި ނުތިބޭށޭ. އެންގޭޖްވާށޭ. އޭގެ ބަޔަކަށްވާށޭ. އެކަމާ އަޑުއުފުލާށޭ. ވާހަކަ ދައްކަން ކެރޭށޭ. އޯޑިއެންސެއްގައި ވާހަކަ ދައްކަން ފަރިތަކުރާށޭ. އެ ރިސްކް ނަގާށޭ. އެއްފަހަރު ކުށް ހަދާނޭ. ދެވަނަފަހަރު ކުށްޖެހޭނޭ. ތިންވަނަފަހަރު ކާމިޔާބުވާނޭ. އެކަމަކު ދުވަހަކުވެސް އެކަން ދޫނުކޮށްލައްޗޭ. އެހެންވީމާ، އެންމެ ވަރުގަދަ ނަޞޭޙަތަކަށް މި އޮންނަނީ ކެރޭށޭ. މަސައްކަތަށް ނުކުންނަން ކެރޭށޭ. އެ މަސައްކަތް ކުރާށޭ. އެންގޭޖްވާށޭ. ވާހަކަ ދައްކަން ކެރޭށޭ. ފިރިހެނުންގެ އޯޑިއެންސެއްގައި ވާހަކަ ދައްކަން ކެރޭށޭ. ޗެމްޕިއަން ކުރާށޭ، އެ ވަކާލާތުކުރާ ކޯޒްއެއް. މިއީ އެންމެ ވަރުގަދަ އެޑްވައިސްއަކަށް ދެއްވާފައި އޮންނަނީ.

ހަމައެއާއެކީ އޮންނަ ދެވަނަ އެޑްވައިސްއަކީ ކުރެވޭ މަސައްކަތުގައި އެއްވެސް މީހަކު، ޚާއްޞަކޮށް، މިކަން އަންނަނީ އަންހެން ބޭފުޅުންނަށް. އެކަމަކު މިއީ ހަމަ އީކްއަލީ އެޕްލިކެބަލް ފިރިހެނުންނަށްވެސް. އެއްވެސް މަސައްކަތެއް ކުރާއިރުގައި ޢަޒުމު ކަނޑަނާޅާށޭ، މިދަނީ ގްލޯރީ ހޯދާށޭ. މިދަނީ އެކަމުން ފަޚްރުވެރިކަން ހޯދާށޭ ނުވިސްނާށޭ. އެހެން ވެއްޖިއްޔާ އޭނަގެ އިޚްލާޞްތެރިކަމެއް ނޯންނާނެ، އޭނަ އެކުރާ މަސައްކަތުގައި. ކުރާ މަސައްކަތަކީ، އެ މަސައްކަތަށް ކަމޭހިތައިގެން، ނަތީޖާ ހާސިލުކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ދެކޭށޭ. މިއީވެސް ހަމަ އަންހެން ލީޑަރުން، އަންހެން ބޭފުޅުންނަށް ދެއްވާ ނަޞޭޙަތް. އަދި މިއީ ހަމަ ދުނިޔޭގައި ގިނަ ތަންތަނުގައި ގަބޫލުކުރާ ނަޞޭޙަތެއް. އެއްވެސް ކަމެއް ފަށާއިރު، ބިސްމި އަޅާފައި، ދެން ނާޅާށޭ ތިމަންނަ މިކުރަނީ މި ދާއިރާއިން ތިމަންނަ ވަނަ ހޯދަން ކުރާ ކަމެކޭ. އެއީ މަދަރުސާ ކުދިންނަށް އޮތް ކަމެއް. އެކަމަކު މި ދެންނެވި އިޖުތިމާޢީ މަސައްކަތްތަކުގައި، ސިޔާސީ މަސައްކަތްތަކުގައި އުޅޭއިރު، މަސައްކަތް ކުރަން ނުކުންނަނީ އެއްގޮތަކަށްވެސް، އެ މަސައްކަތުގައި އެންމެ ކުރީގައި ހުރި މީހާއަކަށް، އެކަން ޢަޒުމު ކަނޑައަޅައިގެނެއް ނޫން. މަސައްކަތް ކުރަން މި ނުކުންނަނީ ގޯލެއް، މަޤްޞަދެއް ހާސިލުކުރުމަށްޓަކައި. މި މަހާސިންތާގެ މަޤްޞަދަކީވެސް އެއީ. މި ނުކުންނަނީ ސެލްފް ގްލޯރީއަކަށް ނޫން. އަމިއްލަ މީހަކު މަޝްހޫރުވާކަށް ނޫން މި ނުކުންނަނީކީއެއް.

އެހެންވީމާ، އެކަން ޢަޒުމު ކަނޑައަޅައިގެން ކުރުމަކީ ގޯހެއް. މިއީ އަންހެން ލީޑަރުން، އަންހެން ބޭފުޅުންނަށް ދެއްވާ ނަޞޭޙަތެއް. މި މަހާސިންތާއިން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ، ނޫނީ އިންތިޒާމު ކުރައްވާ ބޭފުޅުން ހާސިލުކުރައްވަން ބޭނުންފުޅުވާނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުވެސް ހަމަ މި ދެންނެވި ކަހަލަ ކަންތައްތަކެއް ދަންނަވާލާނަން. ޝައްކެއްވެސްނެތް، މި ކުރެވޭ މަސައްކަތަކީ 2018 ގައި ރައީސް ޔާމީން އަދިވެސް އެއް ދައުރަށް ހޮވުމަށް ކުރާ މަސައްކަތް. ބުރަ މަސައްކަތްތަކެއް. އެހެންނަމަވެސް، ކުރެވޭނެ މަސައްކަތެއް. ރާއްޖޭގެ އެކި ހިސާބުން ކަނބަލުން ވަޑައިގެން ތިޔަ ތިއްބެވީ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން.

އެހެންވީމާ، ހަމަ ފުރަތަމައިނުންވެސް ވާހަކައިގެ މިހާފަހުންވެސް، އެހެންނަމަވެސް، އިސްކަން އެބަދެން، ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އޮތް އިޚްލާޞްތެރި ޝުޢޫރުތައް ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، ހަމަ ދަންނަވަން ބޭނުންވޭ. އެއީ ކަމަކަށް ޑެޑިކޭޓްވެގެން، ޚާއްޞަވެގެން އެ މަސައްކަތް އިޚްލާޞްތެރިކަމާއެކީ ކުރައްވަން ބޭނުންފުޅުވާތީ ބައިވެރިވެވަޑައިގަންނަވާނީ. ތަމްރީނުތަކެއް ލިބިވަޑައިގެންފި. އަދި ތިޔަބޭފުޅުން ކުރައްވަންވީ މަސައްކަތްތައް ކުރައްވާނެގޮތް ތިޔަބޭފުޅުންނަށް ދަސްފުޅުވެއްޖެ. މިކަން ދެންމެ ވާހަކަފުޅު ދެއްކެވި ތިޔަބޭފުޅުންގެ މަންދޫބާ އަޝްފާގެ ފަރާތުން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.

މިކަހަލަ މަހާސިންތާއަކުން ވަރަށްގިނަ ފިލާވަޅުތައް އަޅުގަނޑމެންނަށް އެނގޭނެ. ޚާއްޞަ ގޮތެއްގައި ހުރިހާ ލެކްޗަރަރުންވެސް، ނޫނީވިއްޔާ ހުރިހާ މޮޑިއުލްތަކެއް ނަންގަވައި ދެއްވާ ބޭފުޅުން، ސެޝަންތަކެއް ނަންގަވައިދެއްވާ ބޭފުޅުން އެތައް ބައިވަރު ތަފާސް ހިސާބުގެ މަޢުލޫމާތުތަކެއް ދެއްވާނެ. ފެނާއި ނަރުދަމާ ރާއްޖެއަށް ޢާންމުވެފައި ހުރިވަރު. ކަރަންޓް ޢާންމުވެފައި ހުރިވަރު. ދެން ރާއްޖެއަށް އަންނަ ތަރައްޤީ. އަންހެނުންގެ ޙައްޤުތަކަށް ކުރެވޭ މަސައްކަތް. ތަޢުލީމީ ދާއިރާއިން ހޯދާފައި ހުރި ކުރިއެރުން. ޞިއްޙީ ދާއިރާއިން ހޯދާފައި ހުރި ކުރިއެރުން. މިކަހަލަ ބައިވަރު ކަންތައްތައް ހުންނާނެ. އަދި ދިވެހިރާއްޖެ މީގެކުރީގައި ތަޙައްމަލު ކުރަމުންދިޔަ ދަތި ކަންތައްތަކުގެ ވާހަކަވެސް ހަމަ އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެހެން. އެކަމަކު މިއީ ލައްކަ ގިނަ ވާހަކަ. މިއީ ހަމަ ބޮޑު އެލްމަނެކަކަށް، ނޫނީވިއްޔާ ބޮޑު ޑިކްޝަނަރީއެއްގައި، ބަސްކޮށާރު، ބޮޑު ބަސްފޮތެއްގައި ލިޔެވޭހާ ވާހަކަ، ތިޔަބޭފުޅުންނަށް އިވިވަޑައިގެންފައި ހުރެދާނެ. އެކަމަކު މީގައި އެންމެ މުހިންމު ކަމަކީ، ފުރަތަމަ ކަމަކީ، އަޅުގަނޑު ދެންމެ ދަންނަވާލި ގޮތަށް، އަންހެން ލީޑަރުން ތިޔަބޭފުޅުންނަށް ދެއްވާ ނަޞޭޙަތަކީ އެންގޭޖްވާށޭ. ފަހަތަށްނުޖެހޭށޭ. ކުރާ ކަމެއްގައި ޕަރސީވިއަރ ކުރާށޭ. ކުރާ ކަމެއްގައި ޢަޒުމުގައި ފަހަތަށް ނުޖެހި އެ މަސައްކަތެއް ކުރާށޭ. ފިރިހެން އޯޑިއެންސެއްގެ ކުރިމަތީގައި ވާހަކަ ދައްކާލާށޭ. ކިތަންމެ ރަނގަޅަކަށްވެސް އަޝްފާ އެކަން ކޮށްދެއްވައިފި. އެހެންވީމާ، މި މަހާސިންތާއިން ކަންތައްތަކެއް ހާސިލުވެއްޖެކަން މިހާރުވެސް އަޅުގަނޑުމެންނަށް ދަލީލުވެގެން ހިނގައްޖެ. އެއީ ފުރަތަމަ ކަންތައް.

ދެވަނަ ކަމަކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚަޒާނާއެއްގެ މަޢުލޫމާތު ލިބިވަޑައިގަންނަވައިގެންދާއިރު، އެ މަޢުލޫމާތު ބޭނުންކުރައްވަންވީ ގޮތް އެއީ ވަރަށް މުހިންމު ކަމެއް. އެ މަޢުލޫމާތު ބޭނުންކުރައްވަންވީ ގޮތަކީ ވަރަށް މުހިންމު ކަމެއް. ދެން މީގައި ކުޑަކުޑަ ސަމާސާ ވާހަކައެއްވެސް ދަންނަވާލާނަން. އަޅުގަނޑަކީ ހަމަ ވަރަށްގިނަ ބޭފުޅުންގެ، ވަރަށްގިނަ ދިވެހި ރައްޔިތުންގެ މެސެޖް ލިބޭ މީހެއް. ހަމަ 3 މީޑިއަމުންވެސް. ވަޓްސްއަޕުން، ޓެލެގްރާމުން، އަދި ހަމަ ޢާންމު އެސް.އެމް.އެސް. އިން. އަދި ވައިބަރުންވެސް މެސެޖް ލިބޭ މީހެއް. ގަބޫލުކުރައްވާ! ރައީސަށް ވަރަށްގިނަ މެސެޖް އަންނާނެ. އެހެން ނޫންތޯ. ރައީސަށް ވަރަށްގިނަ މެސެޖް އަންނާނެ. ދެން އަޅުގަނޑަކީ ހަމަ ވަރަށްގިނަ މެސެޖަށް ޖަވާބުވެސް އަރުވާ މީހެއް. ސަމާސާ ވާހަކައަކީ، މިހާރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު އެ މެސެޖެއް ކިޔާފައި، އޭގެ ޖަވާބަށް ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމަށްވަންޏާ، މެސެޖް ބޭނުންކުރައްވާ، އެސް.އެމް.އެސް.އެއް ގޮތަށް. އެއީ ޝޯޓް މެސެޖެއް ގޮތަށް. އަޅުގަނޑަކަށް، ފޯނުގެ ދެ ސްކްރީން ފުރޭވަރަށް އެއްޗެހި ލިޔުއްވީމަކާ ނުއެއްކިޔޭނެ ދޮގެއްތޯ. އެއީ އަޅުގަނޑަށް އަންނަ މެސެޖްތައް ގިނަވީމަ.

އެހެންވީމާ، އެއްކަމަކީ އިފެކްޓިވްނަސް. އެ ފޮނުވާ މެސެޖެއް އިފެކްޓިވް ވާންޖެހޭ. ކުރުކޮށް، އަނެއް މީހާއަށް ވިސްނޭވަރަށް، އިމްޕެކްޓެއް ކްރިއޭޓް ކުރާވަރަށް، އެ މެސެޖެއް ދޭން އެނގެންވާނެ. ހަމަ އަޅުގަނޑު އޮފީހުގައި މަސައްކަތް ކުރާއިރުވެސް ހަމަ މިގޮތަށް އަންނަނީ. އަޅުގަނޑަށް އަންނާނެ ބައެއް މައްސަލަތަކުގައި ހަމަ ވަރަށް ބޮޑެތި ފޮތްފޮތް. އަޅުގަނޑު ހަމަ ބައެއް ބޭފުޅުންނަށް ދަންނަވާލަން، މިހާރު އަޅުގަނޑު، ޔުނިވަރސިޓީ ކުއްޖެއް ނޫނޭ މިއީކީ. އަޅުގަނޑު ފޮތް ކިޔާހިތެއްނުވެއޭ. އަޅުގަނޑު ބޭނުންވަނީ ހަމަ ވަރަށް ކުރުކޮށް ސަމަރައިޒް ކޮށްފައި، އަޅުގަނޑުގެ ޝައުޤުވެރިކަން، ނޫނީ އަޅުގަނޑު ކަމެއް ނިންމައިދިނުމަށްޓަކައި ބޭނުންވާ އޮޕްޝަންތަކަކާއެކީ، އެ މައްސަލައެއް އަޅުގަނޑަށް އަންނަން. އަޅުގަނޑު ކިހިނެއްތޯ 40 ޞަފްޙާ ކިޔަމުންދާނީ. އެހެންވީމާ، މެސެޖިންގއަކީ އަދި ކްރިސްޕް މެސެޖް ފޮނުވަން ދަސްވުމަކީ، އިފެކްޓިވް މެސެޖް ފޮނުވަން ދަސްވުމަކީ، މި މަހާސިންތާއިން ކުރަންޖެހޭ ކަމެއް. އެސް.އެމް.އެސް.ގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އެކަމަކު އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑު ދަންނަވާލާނަން މިސާލެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވާ މިސާލަކީ، އަޅުގަނޑު މި ވާހަކަ ދެންނެވީމަ ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭނެ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ލެކްޗަރަރުންވެސް ތިޔަބޭފުޅުންނަށް މި ވިދާޅުވެދެއްވާނެ. އަޅުގަނޑުމެން ރަށްރަށުގައި މަސައްކަތް ކުރާއިރު ވަރަށްގިނަ މީހުންނާ ވަރަށްގިނަ ވާހަކަ ދައްކަންޖެހޭނެ. އެކަމަކު މީހަކަށް ވިސްނޭގޮތަށް، މީހަކަށް ގަބޫލުކުރެވޭގޮތަށް އަދި އެ ދައްކާ ވާހަކައެއްގައި ޖަދަލުކޮށްގެން ކުރި ނުހޯދޭ މިންވަރަށް، އަޅުގަނޑުމެންގެ އަތުގައި، ފުރަތަމަ ކަމަކީ މަޢުލޫމާތު ހުންނަންވާނެ. ދެވަނަ ކަމަކީ އެ މެސެޖް ކޮންވޭ ކުރުމުގެ އިފެކްޓިވްނަސް، އެ އަޅުގަނޑުމެންގެ ތެރޭގައި ޤާބިލުކަން، އަނެއް މީހާ ޝައުޤުވެރިވާވަރަށް އެކަން ކޮށްދެވޭނެކަމުގެ ކަށަވަރުކަން އަޅުގަނޑުމެންގެ އަތުގައި ހުންނަންވާނެ.

އަޅުގަނޑުމެން އެންމެން އަޑުއަހާ ވާހަކައެއް މި ދަންނަވާލަނީ، ހަމަ މިސާލެއްގެ ގޮތުން. އަޅުގަނޑުމެން އެންމެން އަޑުއަހަމު، ރައީސް ނަޝީދުގެ ވެރިކަމުގައި، ދިވެހިރާއްޖޭގައި މިއޮތް ވައިގެ ބަނދަރު، ޖީ.އެމް.އާރާ ހަވާލުކުރި ވާހަކަ. ފުރަތަމަ 25 އަހަރަށް، އޮޓޮމެޓިކް އެކްސްޓެންޝަން 10 އަހަރަށް، 35 އަހަރަށް، ދެން ދިވެހި ދައުލަތަށް ލިބުނުކަމަށް މިވަނީ 70 ވަރަކަށް މިލިއަން ޑޮލަރުކަންނޭނގެ. އޭގެތެރެއިން ޚަޒާނާއަށް ވަނތް އަދަދު އަދި އެއަށްވުރެ މާ ކުޑަ. ދެން ދާދި އިހަށްދުވަހު އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތް ކޮށްގެން، ވަރަށް ޚަރަދުކޮށްގެން، އެ އެއަރޕޯޓް އަނބުރާ އަޅުގަނޑުމެން ހޯދީ. އެއަރޕޯޓް ހޯދި ވާހަކައެއް ނޫން ދައްކަން މިއުޅެނީކީ. އެކަން އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެކަން ކުރެވުނީމަ، އަޅުގަނޑުމެން އެ އެއަރޕޯޓްގައި މި އަންނަ ތަރައްޤީ މި ކުރަމުން މިދަނީ. އެކަމަކު އެކަން ކުރުމަށްޓަކައި 300 މިލިއަން އެމެރިކާ ޑޮލަރު އަޅުގަނޑުމެން އަތުން ހޭދަވި.

އެހެންވީމާ، ބަޔަކަށް ވިސްނައިދޭ ކަމަށްވަންޏާ، ޒުވާން ކުދިންނަށް، ހަމަ ޒުވާން ދެމަފިރިންނާ ވާހަކަ ދައްކަމުން ތިޔަބޭފުޅުން ވަޑައިގެން މި ދައްކަވަނީ، ވިސްނާށޭ މިހާރު ކަންކަން ކުރުމުގައި ހުރި ދަތިތައް ހުރި މިންވަރު ކަލޭމެންނަށް ގަބޫލުކުރެވޭހެއްޔޭ؟ މި ސަރުކާރުން ފުރަތަމަ މަސައްކަތް ފެށީވެސް ބަޖެޓް ޑެފިސިޓް، ނޫނީވިއްޔާ އެކި އަހަރުތަކުގެ އެކި ސަރުކާރުތަކުގެ ހުރި ޑެފިސިޓް ތިރީސްފަސްހާސް މިލިއަން އެމެރިކާ ޑޮލަރު ދަރަނިވެރިވެފައި އޮވެގެންނޭ. ނޫނީ އެއަށްވުރެ ބޮޑު އަދަދެއްވެސް ދަރަނިވެރިވެފައި އެބައޮތް. އަދި ނުވިތާކަށް އެއަރޕޯޓް އަނބުރާ ހޯދުމަށްޓަކައި 300 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ހޭދަކުރިއޭ. މިއީ ހާދަ ފައިސާއެކޭ. އެކަމަކު މި މެސެޖް މިއަށްވުރެ ވަރުގަދައަށް ދެއްވާ ކަމަށްވަންޏާ، ދެއްވާނެ ގޮތެއް އަޅުގަނޑު ހަމަ މިސާލެއް ދަންނަވާލާނަން.

މިދަނީ ޒުވާން ޢާއިލާއަކާ ބައްދަލުކުރަން. އެކަހަލަ ޒުވާނުންތަކެއް ބައިވަރު. ޒުވާނުންނަށް މިއަދު އެންމެބޮޑަށް ބޭނުންވާ ކަމުގެ ވާހަކަ ތިޔަބޭފުޅުން ގެންނަވާ ހިތްޕުޅަށް. އަންހެން ބޭފުޅުންނަށް ކައިވެންޏެއް ރޫޅުނީމަ، އެންމެ ބޮޑަށް ބޭނުންވާ ކަންތައް، އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ ކަންތައް، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! ގެދޮރުވެރިކަން. އެހެން ނޫންތޯ؟ ގެދޮރުވެރިކަން. އެހެންވީމާ، ޒުވާން ކަޕްލްއެއްގެ، ޒުވާން ދެމަފިރިއެއްގެ، ނޫނީ އަންހެން ބޭފުޅެއްގެ ޝައުޤުވެރިކަން، މިކަމުގައި ހަމަ މި އަދަދު ދީގެން ހޯއްދަވާ ކަމަށްވަންޏާ ވިދާޅުވާންވީ، ވިސްނާށޭ، މިކަމަށް ރައީސް ޔާމީން ޚަރަދުކުރިއޭ 300 މިލިއަން އެމެރިކާ ޑޮލަރު. ކަލޭމެން ދެމަފިރިން ތިޔައުޅެނީ ގެދޮރު ނެތިގެންނޫންހޭ. އަދި ގެދޮރު ލިބޭނެ ދުވަހެއްވެސް ނޭނގެޔޭ. މިފަހަރުވެސް ސަތޭކަ ފަސްދޮޅަހަކަށް ފްލެޓަށް، ދިހަހާސް، ފަނަރަހާސް މީހުން ކުރިމަތިލިއޭ. އެހެންވީމާ، ކިތަންމެ އިންޞާފުކޮށް ކުރިޔަސް، އެތައް ބަޔަކު އެބަތިއްބޭ ނުލިބޭ.

އެހެންވީމާ، ކަލޭމެން ވިސްނާށޭ، މިހާރު ސަރުކާރުން މަސައްކަތްތަކެއް އެބަ ކުރެޔޭ. ސަރުކާރުން މަސައްކަތްތަކެއް އެބަ ކުރެޔޭ، ހައުސިންގ ޔުނިޓްތަކެއް ހަދަން. މި 300 މިލިއަން އެމެރިކާ ޑޮލަރު ހައުސިންގ މަޝްރޫޢުތަކަށް ހޭދަކުރަން ލިބުނުނަމަ، ދެން އަޅުގަނޑުމެން ހިސާބުކުރަނީ، ތިރީސްހާސް އެމެރިކާ ޑޮލަރަށް، އަޅުގަނޑުމެން ބަލާ ބެލުމުގައި. ވަން ބެޑްރޫމް އެޕާޓްމަންޓެއް، ސްޓޫޑިއޯ އެޕާޓްމަންޓެއް ހެދޭ. އެހެންވީމާ، ސްޓޫޑިއޯ އެޕާޓްމަންޓެއް ހަދާ ކަމަށްވަންޏާ، މި ދައްކަނީ ދިހަހާސް މީހުންގެ އެޕާޓްމަންޓްގެ ވާހަކައެއް. ދިހަހާސް ހައުސިންގ ޔުނިޓްގެ ވާހަކައެއް މި ދައްކަނީ. 300 މިލިއަން ޑޮލަރު ކިޔާފައި، މި ދައްކަނީ ދިހަހާސް މީހުންގެ ހައުސިންގ ޔުނިޓްގެ ވާހަކައެއް. ދެން ކޮންމެ ދެމަފިރިއަކު ދެ ކުއްޖެއް ގޮވައިގެން އުޅޭކަމަށްވަންޏާ، މި ދައްކަނީ ދިވެހި ރައްޔިތުންގެ ތެރެއިން ސާޅީސްހާސް މީހުންނަށް ބޯހިޔާވަހިކަން ލިބޭ ވާހަކަ. މިއީ އިފެކްޓިވް މެސެޖިންގ.

އެހެންވީމާ، އެންމެބޮޑަށް ޝަކުވާކުރާ މައްސަލައަކީ ހައުސިންގ ކަމަށްވަންޏާ، ހައުސިންގގެ ޒުވާން އޯޑިއެންސަކަށް، ޒުވާން ކަޕްލްއެއް، ނޫނީވިއްޔާ ޒުވާން ގްރޫޕަކަށް ވިސްނައިދޭ ކަމަށްވަންޏާ ބުނޭ، ކަލޭމެން ވިސްނާށޭ މިކަން. ކަލޭމެންނަށް މިއަދު އެންމެބޮޑަށް ދަތިވެފައި މިއޮތީ މިކަން ނޫންހޭ. ނައިފަރުގައި 50 ހައުސިންގ ޔުނިޓް. ހުޅުދޫގައި 50 ހައުސިންގ ޔުނިޓް. ފޭދޫގައި 50 ހައުސިންގ ޔުނިޓް. އޭދަފުށީގައި 50 ހައުސިންގ ޔުނިޓް. މީދޫގައި 50 ހައުސިންގ ޔުނިޓް. މިހެން މިހެން މިދަނީ. އެކަމަކު މި 300 މިލިއަން ޑޮލަރުގެ ވާހަކަ ގެންނައިރު ވިދާޅުވޭ. މި ފައިސާ ދިވެހި ދައުލަތުން ތިޔަ ޒުވާން ދެމަފިރިންނަށް، އަލަށް ކައިވެންޏެއް، ނޫނީ އަލަށް ޒަވާޖީ ޙަޔާތް ފަށާ ދެމަފިރިއަކަށް، ނޫނީ ދެކުއްޖަކު ލިބިގެން ތިޔަހާލުގައި އުޅޭއިރު، މި ސަރުކާރުން ގާތްގަނޑަކަށް ސާޅީސްހާސް މީހުންގެ ބޯހިޔާވަހިކަން އެބަ ހޯދައިދެވޭ، މި ފައިސާ މިގޮތަށް ޚަރަދުކުރަން ލިބުނުނަމަ. މިއީ އިފެކްޓިވް މެސެޖިންގ.

އެހެންވީމާ، މިގޮތަށް މަސައްކަތް، ނޫނީވިއްޔާ ދެއްވާ މެސެޖްތައް ބަދަލުކޮށްލައްވަދެއްވާށޭ. ފެނާއި ނަރުދަމާއާއި، ނޫނީ ބަނދަރު ހަދަން ބޭނުންވެފައި ތިބޭ ބޮޑެތި ރަށްރަށަށް ގޮސްފައި، ރަށްރަށުގައި އެތައް ބައިވަރު ރައްޔިތުންގެ ޝަކުވާއެއްވަންޏާ، ހަމަ މީތި ބަދަލުކޮށްލައްވާ އެގޮތަށްވެސް. މިއީ މިހާރު ބަނދަރަށް ހޭދަކުރާ އަދަދަށް ބަލައިފި ކަމަށްވަންޏާ، މިއީ ގާތްގަނޑަކަށް 85 ރަށުގެ ބަނދަރު. ފެނާއި ނަރުދަމާއަށް ބަލައިފި ކަމަށްވަންޏާ، 91 އަށްވުރެ މަތީގައި ފެނާއި ނަރުދަމާގެ ނިޒާމު. ދިވެހި ރައްޔިތުންނަށް ދަތިވަނީ. މިކަމުގެ ވާހަކަ މި ދައްކަނީ. އެކަމަކު ކުރީގެ ސަރުކާރަކުން ކުރި ވިޔާނުދާ ވިޔަފާރީގެ މުޢާމަލާތެއްގެ ނަތީޖާއަކުން މި ސަރުކާރުން އެބަ ދިވެހި ރައްޔިތުން މިންޖުކޮށްދީފައި މިކަން ކޮށްދޭންޖެހޭ. މި ފައިސާ ހުރިނަމަ. މި ދެންނެވީ މިއީ އިފެކްޓިވް މެސެޖިންގއަކީ. ޙަޤީޤަތުގައި ޒުވާނުންނަށް އެއް ވާހަކަ. އެތައް ބައިވަރު ރައްޔިތުންނެއް މި ވާހަކަދައްކާ ކަމަށްވަންޏާ، މިސާލަކަށް، މަސްވެރިންގެ ގްރޫޕެއް މި ވާހަކަ ދައްކަންޏާ، މަސްވެރިންނަށް ބަނދަރުގެ މިސާލު ދައްކަވާ! ބޯފެން ބޭނުންވާ އެތައް ބަޔަކު ތިބޭ ކަމަށްވަންޏާ ބޯފެނުގެ މިސާލު ދައްކަވާ!

އެހެންވީމާ، މި އިފެކްޓިވް މެސެޖިންގއަކީ ޙަޤީޤަތުގައި އެންމެ މުހިންމު ކަންތައް. އެހެންވީމާ، މިގޮތަށް ސިޔާސީ މީހުންގެ ވާހަކަތައް އެބަޖެހޭ ބަދަލުވާން. އޭރަށް މީހުންގެ އިޙްސާސްތަކާއި، އެ ދައްކާ ވާހަކަ ދައްކާ މީހުންނާ ރިލޭޓް ކުރެވޭނީ. އެހެންވީމާ، 300 މިލިއަން ޑޮލަރު، who cares، ކޯއްޗެއް އެއީ؟ 1000 މިލިއަން ޑޮލަރު. ބޮޑު އަދަދެއް. އެކަމަކު ސާޅީސްހާސް މީހުންނަށް ގެދޮރު ލިބޭތަ؟ އެހިސާބަށް ދިޔައިމަ އާނ ބުނާނެ، އާނ ތިމަންނަގެ ޝައުޤުވެރިކަން އެބަހުއްޓޭ ދޮގެއްތޯ. އެހެންވީމާ، މިކަހަލަ މިކަހަލަ ކަންތައްތަކެއް މި މަހާސިންތާއިން އަޅުގަނޑުމެންނަށް ލިބިގެންދާންޖެހޭނެ.

ހަމައެއާއެކީ އަޅުގަނޑު ވާހަކަކޮޅު ކުރުކޮށްލަންވެސް ބޭނުންވޭ. ވާހަކަކޮޅު ނިންމާލަމުން އަނެއްކާވެސް ދަންނަވާނީ، ވިމެން ޕަވަރ ސަމިޓެއް، މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމެރިކާގައި ބޭއްވިގެން ހިނގައްޖެ. މިއީ އެންމެ ވަރުގަދަ އަންހެން ލީޑަރުން ވަޑައިގެން ބައިވެރިވެވަޑައިގެންނެވި ސަމިޓެއް. މި ސަމިޓުންވެސް އަންހެން ބޭފުޅުންނަށް ފިލާވަޅުތަކެއް ނަގައިދިން. އަޅުގަނޑު މި ދެންނެވި ކަހަލަ ބައެއް ފިލާވަޅު ނަގައިދިން. އެއާއެކީ މި އަންނަނީ އަންހެނުންގެ ބާރު. ފައިސާއާއި މާލީ ކަންކަމުގައި. އަންހެނުންގެ ބާރު ފައިސާއާއި މާލީ ކަންކަމުގައި. އަޅުގަނޑުމެން ސަމާސާ ވާހަކައެއްގެ ގޮތުގައި ދަންނަވަން. އަޅުގަނޑުމެން ރާއްޖެއިން ބޭރަށް އަންހެނުން ގޮވައިގެން ގޮސް އުޅޭއިރު، އަނބިމީހާ ވަރަށް ހަމަޖެހޭނޭ ކްރެޑިޓް ކާޑެއް ދީފައި، ދެން ބާޒާރަށް ފޮނުވައިލީމަ. ޝައްކެއްވެސްނެތް. އެއީ ހަމަ ދެން ސަމާސާއަށް ދަންނަވާ ވާހަކައެއް. އެއްގޮތަކަށްވެސް ނޯ ހާޓް ފީލިންގްސް އިނގޭތޯ. ވަރަށް ހިތްހަމަޖެހޭނޭ ކްރެޑިޓް ކާޑް ދީފައި އަންހެން މީހާ ބާޒާރަށް ފޮނުވައިލީމަ. ދިވެހިރާއްޖޭގައި މިކަން އޮތީ ކިހާވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެކަމަކު މި ދެންނެވި ވިމެން ޕަވަރ ސަމިޓްގައި، މިއަހަރު ބޭއްވުނު ވިމެން ޕަވަރ ސަމިޓްގައި، އަންހެނުންގެ ބާރުވެރިކަން، މުދަލާއި ފައިސާގައި ހުރި މިންވަރު އަޅުގަނޑު ދަންނަވާނަން. މުދަލާއި ފައިސާއަށް މި ބާރުވެރިކަން ހުރި މިންވަރު އަޅުގަނޑު ދަންނަވާލާނަން.

އަންހެން ބޭފުޅުން އެބަ ތިއްބެވި، މި ދެންނެވި ގޮތަށް ފޯޗުން 500 ކުންފުނިތައް މެނޭޖްކުރަން. ވަރަށް ވަރުގަދަ އަންހެން ބޭފުޅުން އެބަ ތިއްބެވި. ފައިސާ މެނޭޖް ކުރަން އެބަތިބި. މި ބޭފުޅުންގެ ކޮންކްލޫޝަންއަކީ، ނޫނީވިއްޔާ މި ދެންނެވި ސަމިޓުން ނިންމި ނިންމުމަކީ، އަންހެނުން ފައިސާ މެނޭޖް ކުރުމެއް ނޫނޭ މި އެއްޗަކީ. ފައިސާއިން ކަންތައް ކުރާނެ ޗޮއިސްވެސް މެނޭޖް ކުރުމޭ، ފައިސާގެ ބާރަކީ. އެއީ ކްރެޑިޓް ކާޑެއް ދީފި ކަމަށްވަންޏާ، އަޅުގަނޑުމެން ގަންނާނެ އެއްޗެހި ނިންމާނީ އަޅުގަނޑުމެން. ކްރެޑިޓް ކާޑު، ލާރިއަށް ބަދަލުކޮށްގެން އަޅުގަނޑުމެން ބޭނުންވަނީ ރައީސް ޔާމީންގެ ކެމްޕޭނަށް ޚަރަދުކުރަން ކަމަށްވަންޏާ، އެކަން ނިންމާނީވެސް ހަމަ އަޅުގަނޑުމެން. އެ ކާޑާއި އެ ފައިސާގެ ބާރުވެރިކަން އެއޮތީ އެ އަންހެން ބޭފުޅަކަށް، ކަނބަލަކަށް އެބޭފުޅަކު ބޭނުންކުރައްވާނެ ގޮތަކަށް ދީފައި.

އެހެންވީމާ، އެމެރިކާއަކީ ވަރަށް ކޮންސިއުމަރިސްޓް ސޮސައިޓީއެއް. ވަރަށް ވަރުގަދައަށް އެއްޗެހި ގަނެ ހޭދަކޮށް، އިޤްތިޞާދު ވަރުގަދައަށް މަސައްކަތްކުރާ ތަނެއް. މި ސަމިޓްގައި، 2020 އަންނައިރު އަންހެނުންގެ ބާރުވެރިކަން، ޝީ-އިކޮނޮމިކްސް، ޝެ-ކޮނޮމިކްސް އަންހެނުންގެ ބާރުވެރިކަން، އަންހެނުންގެ ބައިން ޕަވަރ، ނޫނީ ސްޕެންޑިންގ ޕަވަރ ހުންނަވަރު ދައްކައިދޭ ކަމެއް. 2020 އަންނައިރު މި ދައްކަނީ، އަޅުގަނޑު ހަމަ ފިގަރ ދަންނަވާލާނަން. ވިހިހާސް ބިލިއަން. 2020 އަންނައިރު އެމެރިކާގައި އެކަނި އަންހެނުންގެ ބައިން ޕަވަރ ވިހިހާސް ބިލިއަން އެމެރިކާ ޑޮލަރު. ވިހިހާސް ބިލިއަން އެމެރިކާ ޑޮލަރު. މި އަދަދަކީ އެސްޓްރޮނޮމިކަލް. އަޅުގަނޑުމެން ދިވެއްސަކު ހަނދަށްދާނެއޭ ބުނީމަ ހަމަ އަންނަ ޚިޔާލު މި އަންނަނީ، ވިހިހާސް ބިލިއަން އެމެރިކާ ޑޮލަރުގެ ވާހަކަ ދެއްކީމަ. އެކަމަކު މީގެ މެސެޖަކީ ކޮބައިތޯ؟ ވިހިހާސް ބިލިއަން އެމެރިކާ ޑޮލަރު އަންހެނުންގެ އަތުގައި، އެމެރިކާގައި ޕަރޗެސިންގ ޕަވަރ، ނޫނީ އެ ސްޕެންޑިންގ ޕަވަރ ހުރެއްޖެ ކަމަށްވަންޏާ، ފައިސާ މެނޭޖް ކުރުމަކީ ފައިސާގެ ޗޮއިސަސް މެނޭޖް ކުރުން. ފައިސާއިން ކުރެވޭނެ ކަންތައްތައް އިސްފަސް ކުރުން. ތަރުތީބު ކުރުން. އެކަމަކަށް ފައިސާ ހޭދަކުރުން. ހޭދަކުރާނެ މިންވަރު ކަނޑައެޅުން. އެހެންވީމާ، އަންހެނުންނަކީ ބާރުވެރި ބައެއް. އަންހެނުންނަކީ ބާރުވެރި ބައެއް. އެކަން މިއަދު ޝައްކުކުރާނެ ބަޔަކު ނޫޅެ.

އެހެންވީމާ، މި ޗޮއިސަސް ހަދާއިރު، ސިޔާސީ ކަންކަމަށް ހޭދަކުރުން، ތަޢުލީމާއި ހުނަރުވެރިކަމަށް ހޭދަކުރުން، މަޖާކުރުމަށް ހޭދަކުރުން، އަންނައުނު ގަތުމަށް ހޭދަކުރުން، ކެމްޕޭން ޖަގަހަތަކަށް ހޭދަކުރުން، ކެމްޕޭނަށް ހޭދަކުރުން. ޗޮއިސްއަކީ އެމީހެއްގެ އަތްމަތީގައި އޮތް ކަމެއް. އެހެންވީމާ، މިއީ އަންހެނުންގެ މުދަލާއި ފައިސާގެ ބާރުވެރިކަން ހުރި މިންވަރު. މި ދައްކަނީ ދުނިޔޭގައި އޮތް، ޝައްކެއްވެސްނެތް، އެންމެ ބޮޑު ޤައުމު. އެކަމަކު ހަމަ މިހެން ދޮގެއްތޯ ދުނިޔޭގައި ގިނަ ތަންތަން ހުންނާނީ؟ އެހެންވީމާ، މިކަހަލަ މެސެޖްތަކެއް މިހިރީ. އެހެންވީމާ، މިއަދުގެ ދުނިޔޭގައި، އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނާއެކީ އުޅޭ ފައިތިލަ ހަމަކުރާ ބައެއް، ޓޮލަރޭޓް ކުރާ ބައެއް، އުޅޭ ބައެއްކަން އެނގޭ ބައެއްނޫން. އަންހެނުންނަކީ އެމީހުންގެ ޚިދުމަތްތައް، ކަނބަލުންގެ ޚިދުމަތްތައް ވެލިއު ކުރެވޭ، އަޅުގަނޑުމެން އެ ޚިދުމަތްތަކުގެ އަގު ވަޒަންކުރާ ކަނބަލުންތަކެއް. ފިސާރި ކަނބަލުންތަކެއް.

އެހެންވީމާ، މި ސެމިނަރ ނިންމާފައި، ނޫނީ މި ވަރކްޝޮޕް ނިންމާފައި، މި ކޮންފަރެންސް ނިންމާފައި ތިޔަބޭފުޅުން ވަޑައިގަންނަވާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ވާހަކަތަކެކޭ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަދިޔާކުރަން ހުރީ. ޙިއްސާކުރަން ހުރީ. މި މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި އަންހެނުންނާއި ފިރިހެނުން ގުޅިގެން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް. އެކަމަކު މީގައި އިސްނަންގަވަން އަންހެން މަންދޫބުންތަކެއް، 300 އެތައް މަންދޫބުންނެއް، 400އާ ކައިރި މަންދޫބުންނެއް މި ބުރުގައި ތަމްރީނު ވެގެން ތިޔަދިޔައީ. އެހެންވީމާ، ވާހަކަ ދައްކާނެގޮތް، ދޭނެ މެސެޖްތައް، ދައްކަން ހުރި ވާހަކަތައް، މީގައި ބައިވަރު ކަންތައްތައް އެބަހުރި. އެކަމަކު އެންމެ މުހިންމު ކަމަކީ، ކޮންވިންސިންގ، އިފެކްޓިވް މެސެޖިންގ. އެންމެ ކޮންވިންސިންގ އެންމެ ވަރުގަދަ އެއް ވާހަކަ.

އެހެންވީމާ، ތިޔަބޭފުޅުން މިކަންކަމާ ދޭތެރޭގައި ވިސްނާލައްވާ! އަންހެނުންނަކީ ޙަޤީޤަތުގައިވެސް ބާރުވެރި ބައެއް. އަންހެން ލީޑަރސް ދުނިޔޭގެ އެތަންމިތަނުގައި އެބަ ތިއްބެވި. ސިޔާސީ ކަންކަމުގައި އެބަ ތިއްބެވި. ކޯޕަރޭޓް ބޯޑްރޫމްތަކުގައި އެބަ ތިއްބެވި. ކުންފުނިތައް ޙަޤީޤަތުގައި ހިންގަވަން އެބަ ތިއްބެވި. ޓީޗަރުން، ނަރުހުން އެބަތިބި. މިހެންގޮސް ވަކި ދާއިރާއެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާނެ ކަމެއްނެތް އިސްތިސްނާ ކުރާކަށް. އެހެންވީމާ، މި ދާއިރާތަކުން ޙަޤީޤަތުގައިވެސް ޚިދުމަތް ކުރައްވަނީ މުޅި އިންސާނިއްޔަތަށް. އެހެންވީމާ، ސިޔާސީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި، އަންހެނުން ކުރާ މަސައްކަތްތަކަށް އިތުރަށް ލިބިގެންދާނެ ކުރިއެރުމެއް.

އެހެންވީމާ، އެ ކުރިއެރުމުގެ މަހާސިންތާއެއްގެ ފުރަތަމަ ބުރު މި ނިމިގެންދިޔައީ. މި ކިޔަވައިދެވުނު މަޢުލޫމާތު، އެ ތިޔަބޭފުޅުން ފުރިހަމަގޮތުގައި ބޭނުންކުރެއްވުމަކީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ އަރިހުން އެދޭ ކަންތައް. ދެން އަނެއްކާވެސް ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ މި މަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވާތީ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

މި މަހާސިންތާއަށް އަޅުގަނޑު އެދެނީ ހުރިހާވެސް ކާމިޔާބީއެއް. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަށް ވާސިލުވުމުގައި ވަރަށް ވަރުގަދަ މަސައްކަތްތަކަކަށް ވެގެންދާނެ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ހަމަޖެހުމާއި ކުރިއެރުން ލިބިގެންދިޔުން. ޚާއްޞަކޮށް ކަނބަލުންނަށް ހަމަޖެހުން ލިބިގެންދިޔުން. ކުރިއެރުން ލިބިގެންދިޔުމަކީ އަޅުގަނޑުމެން އެދޭ ކަންތައް.

والســّلام عليــكم ورحـمــة اللّـه وبـركاتـه.