بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛

السّلام عليكم ورحمة الله وبركاته.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަނީ ހިތުގެ ލޯތްބާއި ޠާޢަޠާއެކު. ޖުމްހޫރީ ދުވަހުގެ އިޙްސާސްތައް އަޅުގަނޑުމެން މިކުރަނީ، ޤައުމީ ޖޯޝާއި ފޯރީގައި، ޤައުމީ ވަޙްދަތުގެ މަތީގައި ތިބެގެން.

މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް އުފަލެއް ކަމަށް ދެކެނީ، މިރޭ އިނާމު ހާސިލު ކުރެއްވި ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރުން. ޚާއްޞަގޮތެއްގައި، ޤައުމީ ޚިދުމަތުގެ ޝަރަފުގެ އިނާމު ހާސިލު ކުރެއްވި އަލްފާޟިލް ޢަބްދުﷲ ޢަފީފަށާއި، ޑޮކްޓަރ މުޙަންމަދު އަޙްމަދަށް މަރުޙަބާ ދަންނަވައި ތަހުނިޔާ މި ކިޔަނީ، ތިޔަބޭފުޅުންގެ ޚިދުމަތުގެ އަގު ސަރުކާރުން ބަލައިގަންނަ ކަމުގައި ދަންނަވައި، ޝުކުރު ދަންނަވަމުން. ހަމައެއާއެކު، މިރޭ އިނާމު ހާސިލު ކުރެއްވި ބޭފުޅުންގެ ޚިދުމަތުންނާއި، އެފަދަ އެހެން މިސާލުތަކުން ހިތްވަރު ލިބިގަތުމަށާއި ނަމޫނާ ބަލައިގަތުމަށް، ދިވެހި ޒުވާނުންނަށާއި ކިޔަވާކުދިންނަށް ހިތްވަރުދެމުން، ހަމަ މިނޭވާގައި، މިރޭގެ އިނާމުތައް ހާސިލު ކުރެއްވި ބޭފުޅުން ކަނޑައެޅުއްވުމުގައި މަސައްކަތްކޮށްދެއްވި، ޤައުމީ އިނާމު ކޮމިޓީގެ މެންބަރުންނަށާއި، ޚާއްޞަ އިނާމު ކޮމިޓީގެ މެންބަރުންނަށް، އެބޭފުޅުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޖުމްހޫރިއްޔަތަކީ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށޭ، އަދި ރައްޔިތުންގެ ކިބައިގައި ދެމިއޮންނަ ވެރިކަމެއް. ދެމިއޮންނަ ނިޒާމެއް. ޖުމްހޫރިއްޔަތުގެ އުޞޫލުތަކުގެ މައްޗަށް ވެރިކަން ބައްޓަންކޮށްފައިވާ ޤައުމުތައް ދުނިޔޭގައި ވަރަށްގިނަ. އެހެންނަމަވެސް، މިފަދަ ޤައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަށް ބަލާއިރު، ހުރިހާ ކަމެއް އެއްގޮތަކަށް ހަމަޖައްސާފައިވާ 2 ޤައުމެއް ފެނުމަކީ ނާދިރުކަމެއް. އެއީ، ވެރިކަމުގެ ނިޒާމުތަކާއި ޑިމޮކްރަސީގެ އުޞޫލުތައް ކޮންމެ ޤައުމެއްގައިމެ ބައްޓަންކޮށް ތަރައްޤީ ކުރެވެނީ، އެ ޤައުމެއްގައި ހުރި ވިސްނުންތަކާއި ހަމަތަކުގެ މައްޗަށް ކަމުގައިވާތީ. އަދި އެ ޤައުމެއްގެ ދުސްތޫރީ ތާރީޚާއި ސިޔާސީ ތާރީޚުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ކަމުގައިވެސްވާތީ.

ދުސްތޫރީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، އަދި ދުނިޔޭގެ ތާރީޚު ހެކިދޭގޮތުން، ޤައުމެއް ކާމިޔާބުކަމާއެކު ކުރިއެރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ރުކުނަކީ، ދައުލަތުގެ ވަރުގަދަކަން. ދުނިޔެއަށް އެވަގުތަކު ޖެހޭ އޮޔާއި ވައިގައި، ޤައުމާއި ރައްޔިތުންނަށް ގެއްލުންނުވާނޭ ފަދަޔަކުން ކަންކަން ކުރުމަށް އެ ޤައުމެއްގައި ހުރި ޤާބިލުކަން. ދައުލަތުގެ ކަންކަން ތަރުތީބު ކުރެވިފައިވާ މިންވަރު، ނުވަތަ އެ ޤައުމެއްގައި ހުރި national strength އަދި resilience.

ދިވެހި ތާރީޚުގެ ޞަފްޙާތަކުން ސާބިތުވާގޮތުން، ލިޔެ އާންމުކުރެވިގެންވާ އުޞޫލުތަކެއްގެ މައްޗަށް، ދިވެހި ދައުލަތް ހިންގަން ފަށާފައިވަނީ 1932 ވަނަ އަހަރު. އޭގެފަހުން، ދިވެހިންވަނީ 7 ފަހަރަކަށް ޤާނޫނުއަސާސީ އަލުން ލިޔެ، އިތުރު 10 ފަހަރު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްފައި. 17 ފަހަރަށް ޤާނޫނުއަސާސީ ބަދަލުކޮށްފައި. 85 އަހަރުގެ ދުސްތޫރީ ޙަޔާތުގައި ވެރިކަން ހިންގުމުގެ ބާރުތައްވަނީ ރަސްރަސްކަލުންގެ ދަރުބާރުތަކުން، ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިއެއްގެ އިދާރީ އޮފީހަކަށް ބަދަލުކޮށްފައި. ރައްޔިތުންގެ މަޖިލިސް އެކިގޮތްގޮތަށް ބަދަލުވަމުންގޮސް، ޤާނޫނު ހެދުމުގެ ހުރިހާ ބާރުތަކެއް ލިބިފައިވާ މުޅިން އިންތިޚާބުކޮށްފައިވާ އެއް މަޖިލީހަކަށް ބަދަލުކޮށްފައި.

އެއް ޤާނޫނުއަސާސީން އަނެއް ޤާނޫނުއަސާސީއަށް ރާއްޖެ ހިޖުރަކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ކާބަފައިން އެއްކަމެއް ރައްކާތެރިކޮށްފައިވޭ. ބަދަލުނުކުރެވޭ ފަދަޔަކުން ޤާނޫނުތަކުން ޙިމާޔަތް ކޮށްފައިވޭ. އެއީ ދިވެހި ދައުލަތުގެ މުޤައްދަސްކަން. ދައުލަތަކީ އަމިއްލަ ބޭނުންތަކުން ރައްކާތެރިކުރެވިފައިވާ، އެއްވެސް ބީދައަކުން އަތްލެވިގެންނުވާނޭ އެއްޗެއް ކަމުގައި ލިޔެވިފައިވޭ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމުގެ އިމާރާތްތަކާ ދެކޮޅަށް ދެވޭ ޙަމަލާތައް ހަމަލޮލަށް ފެނުނުނަމަވެސް، ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް ދެވޭ ޙަމަލާތަކަކީ، އަބަދު ފެންނަން ހުންނަ ޙަމަލާތަކެއް ނޫން. ޢިމާރާތެއްގައި ހުޅުޖެހީމާ ހިފާ އަލިފާން ފެންނަން ހުއްޓަސް، ދައުލަތުގެ މުއައްސަސާއެއްގައި ފިކުރީގޮތުން ހުޅުޖެހުމުން ހިފާ އަލިފާން، އަބަދު ހަމަލޮލަށް ފެންނާކަށެއް ނުހުރޭ. އެހެންނަމަވެސް އެ އަލިފާނުން ވާ ގެއްލުން، ވަކި ކުޑައެއްނޫން. މިއަދުގެ ޙަޤީޤަތަކީ، ދައުލަތުގެ މުއައްސަސާތަކަށް ހަމަ ކޮންމެ ދުވަހަކުމެ އެކިކަހަލަ ޙަމަލާތައް ދެމުން އަންނަކަން. އެކި ސިފަސިފައިގައި، އެކި ނަންނަމުގައި ތާއަބަދު މި ޙަމަލާތައް ރައްދުވަމުންދާކަން.

ދުނިޔޭގެ ހަމަކޮންމެ ޤައުމެއްގައިވެސް ކަންހިނގާނޭ ފަދައިން، ދިވެހި ދުސްތޫރީ އޮނިގަނޑަކީވެސް ތަރައްޤީގެ ބަދަލުތައް އަންނަމުންދާ އޮނިގަނޑެއް. އަޅުގަނޑުމެން އެންމެންގެ ޒިންމާއަކަށްވާންވީ، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ވަރުގަދަކުރުން. އިއްޔެ ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް، މިއަދު އިތުރު މަސައްކަތް ކުރުން. އެއްވެސް ޙާލެއްގައި، ދުސްތޫރީ އޮނިގަނޑުގައި ހުރި ފުރިހަމަނުވާ ކަންކަމާއި، މުއައްސަސާތަކުގައި ހުރި ބަލިކަށިކަމާއި، އިޖުތިމާޢީ ފޭރާމުގައި އުފައްދަމުން ގެންދާ ބާތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން، ޤައުމިއްޔަތު އިތުރަށް ބަލިކަށިކުރުމެއް ނޫން. ބާގަނޑުތައް ބޮޑުކުރުމެއްވެސް ނޫން. މިފަދަ ކަންކަމަށް ޖާގަދޭން އަޅުގަނޑު މިހުރީ ތައްޔާރަކަށް ނޫން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މީގެ 8 ދުވަސް ކުރިން އަޅުގަނޑުމެން ފާހަގަކުރީ، ނަޞްރުގެ ދުވަސް. ނަޞްރުގެ ދުވަހަކީ އެތެރެއިން އުފެއްދި ޙަމަލާއެއްގައި ބޭރުގެ ބަޔަކު ބައިވެރިކޮށްގެން، ޤައުމު ހިފުމަށް ބަޔަކު ދިމާކުރި ދުވަސް. ވެރިކަމުގެ ބޭނުމުގައި، 19 ދިވެހި ދަރިންގެ ލޭ މި ޤައުމަށް އޮހޮރުވާލި ހިތާމަވެރި ދުވަސް. އެދުވަހުގެ ފަހުލަވާނުންނަކީ ދިވެހި ސިފައިންނާއި ޤައުމަށް ވަފާތެރިވި ދިވެހިދަރިން.

ދައުލަތުގެ މުޤައްދަސްކަން ހިފެހެއްޓުމަކީ ކޮންމެ އަގެއްގައިވެސް ކުރަންޖެހޭ ކަމެއްކަން އެނގިގެންދަނީ މިފަދަ ޙާދިސާތަކުން. މުޅި ދައުލަތުގެ ޙިމާޔަތުގައި އުފެއްދިފައިވާ ދައުލަތުގެ އެންމެ އިސް މުއައްސަސާތަކަކީ، ބޭރުގެ ފަރާތްތަކަށް އަތްނުލެވޭނޭ ފަދަޔަކުން، އަދި އެ މުއައްސަސާތަކުގެ އެތެރެއަށް ނުވަދެވޭނޭ ފަދަޔަކުން، ޙިމާޔަތް ކުރެވިފައި ހުންނަ ތަންތަން ކަމުގައި ހަމަޖައްސަންޖެހެނީ މިފަދަ ޙާދިސާތަކުން ލިބިދޭ ފިލާވަޅުތަކުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

މިއަދުގެ ދުނިޔޭގައި، އަޅުވެތިކުރުމުގެ ހިލިހިލާތައް ޤައުމެއްގައި އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ޙަމަލާތަކުގެ ތެރެއަކުން ނޫން. މިއާ ޚިލާފަށް، މިއަދުގެ ދުނިޔޭގައި އެއް ޤައުމެއް އަނެއް ޤައުމެއްގެ މައްޗަށް އަޅުވެތިކަމުގެ ދާތައް ފަތުރަނީ، އިޤްތިޞާދީ އެކިއެކި ދަންތުރައިގެ ތެރެއިން. ފިކުރީ ހަނގުރާމަތަކުގެ ތެރެއިން. މިއަދުގެ ދުނިޔޭގައި ޤައުމެއް އަޅުވެތިކުރެވޭނޭ އެންމެ ފަސޭހަ އެއްގޮތަކީ، އިޤްތިޞާދީ ގޮތުން ޤައުމެއް ބަލިކަށިކުރުން. އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެހެން ޤައުމުތަކަށް ބަރޯސާކުރުވުން.

އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިއަކީ، އެ ޤައުމެއްގެ އަމިއްލަ ވިޔަފާރިތަކުގެ ސިނާޢަތު. ނުވަތަ ޕްރައިވެޓް ސެކްޓަރ. ޤައުމުގެ ތަރައްޤީގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރަކީ އަޅައިކިޔޭވަރަށްވުރެ، މާ މުހިންމު ދައުރެއް. ޤައުމަށް ވަންނަ ފައިސާއާއި، ސަރުކާރުގެ އާމްދަނީއާއި، ވަޒީފާ އުފެއްދުމުގެ އެންމެ މުހިންމު ބައިވެރިންނަކީ އަމިއްލަ ވިޔަފާރިވެރިން. ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަށް ފަހި ސިޔާސަތުތަކެއް ކަނޑައެޅުމަކީ، މިއަދުގެ އިޤްތިޞާދީ ނިންމުންތަކުގެ އެންމެ މުހިންމު އެއް އަސާސް.

މިދެންނެވި ކަންކަން މިހެން ހުރުމުން، އެންމެ ފުރަތަމަ ދުވަހުއްސުރެ އަޅުގަނޑުގެ އަމާޒަކަށްވެފައިވަނީ، ޤައުމުގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުން. އަމިއްލަ ފައިމައްޗަށް ތެދުވުން.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމުގެ މިނިވަންކަމާއި، ދައުލަތް ބިނާކުރުމުގައި ވިސްނަންޖެހޭ އެންމެ މުހިންމު އަނެއްކަމަކީ، ޤައުމަށާއި އަޅުގަނޑުމެންގެ ޘަޤާފަތަށް ބީރައްޓެހި ފިކުރީ ހަނގުރާމަތަކަށް ފާރަވެރިވުން. އަދި މިފަދަ ފިކުރީ ހަނގުރާމަތަކުގެ ވިސްނުންތައް ޤައުމުގައި ފެތުރުމަށް ކުރެވޭ މަސައްކަތަށް ސަމާލުވެތިބުން.

އެ ޤައުމެއްގެ ޘަޤާފަތާ ބީރައްޓެހި އެކިއެކި ފިކުރުތައް، އެޤައުމެއްގައި ފަތުރައިގެން، ބޭރުގެ ބަޔަކު ފިކުރާވާ މީހުންނަށް ވެރިކަމަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، މަގުފަހިކޮށްދީފައި އެބަހުރި. އެތައް ޤަރުނެއްގެ ތަރައްޤީ ހިމެނިފައިވާ ޙަޟާރަތްތައް ސުންނާފަތިކޮށް، ތާރީޚުތައް ނެތިކޮށްފައި އެބަހުރި. މިބީދައިން ކަންހިނގާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ އަމާޒަކަށް ރާއްޖެއަށް ކުރިމަތިވުމަކީ ޙައިރާންކުރުވާ ކަމެއްނޫން. ދިވެހި ދައުލަތުން އިސްލާމްދީން ނޫން ދީނަކަށް ޖާގަނުދިނުމުގެ ސިޔާސަތުތައް ދަމަހައްޓާހައި ހިނދަކު، މިފަދަ މަސައްކަތްތަކުގެ އަމާޒަކަށް ދިވެހިރާއްޖެ ވެގެންދާނެ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ޤައުމު އާބާދުކޮށް، ދައުލަތް ބިނާކުރުމުގެ މަސައްކަތް ޤައުމުގެ އެތެރޭގައި ތިބެގެން ކުރަމުން ގެންދާފަދައިން، ޤައުމުން ބޭރުގައިވެސް މިގެންދަނީ ކުރަމުން. ރާއްޖޭގެ އެމްބަސީތަކާއި އޮފީސްތައް ޤާއިމުކުރެވިގެން، ދުނިޔޭގެ 15 ޤައުމެއްގައި ރާއްޖޭގެ ހައިބަތު ވަރުގަދަކުރުމުގެ މަސައްކަތްތައް ހަމަ ކޮންމެ ދުވަހަކު ކުރެވެމުންދޭ.

މި މަސައްކަތުގެ ތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި، ދިވެހިރާއްޖެއިން ވަނީ ވަރަށް ޝަރަފުވެރި ކާމިޔާބީތަކެއް ހޯދާފައި. އ.ދ.ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކާމިޔާބު 2 ދައުރު ފުރިހަމަކޮށްފައިވޭ. ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް، ބޮޑެތި ޤައުމުތަކާ އެއްސަފެއްގައި ފައިތިލަ ސާބިތުކުރެވޭނޭކަން ސާބިތުކޮށްދީފައިވޭ.

ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާގައި ދުނިޔޭގެ އެންމެ އިސްސަފުގައި ދިވެހިރާއްޖެ އޮވެގެން، ކުދިޤައުމުތަކުގެ މައްސަލަތައް ޙައްލުކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ، މުޅި ދުނިޔެއިން ބަލައިގަންނަ ކަންކަން. އެބައެއްގެ މުސްތަޤްބަލާމެދު ސުވާލު އުފެދިފައިވާ އެތައް މިލިއަން އިންސާނުންގެ ޙައްޤުގައި، 1992 ވަނަ އަހަރު ދުނިޔެއިން ބަލައިގަތް ރިއޯ ޑިކްލަރޭޝަނާއި، 1997 ވަނަ އަހަރު ފާސްކުރެވުނު ކިޔޯޓޯ ޕްރޮޓޮކޯލާއި، 2015 ވަނަ އަހަރު ދުނިޔޭގެ ކުދި އަދި ބޮޑެތި ޤައުމުތަކުން އެއްބަސްވި ޕެރިސް އެގްރީމަންޓުގެ ކާމިޔާބީތަކަކީ، ދިވެހިންގެ ލީޑަރޝިޕް މުޅިދުނިޔެއަށް ދައްކައިދިން މަސައްކަތްތަކެއް. ފަޚްރުވެރި މަސައްކަތްތަކެއް. މުޅި ދުނިޔެއިން ޤަބޫލުކުރާ މަސައްކަތްތަކެއްވެސްމެ.

ހަމައެއާއެކު، ރާއްޖެ މިއަދު ކުރިމަތިލާފައި މިވަނީ، ދިވެހި ޚާރިޖީ ސިޔާސަތުގައި ކުރިމަތިލީ އެންމެ ވަރުގަދަ އިންތިޚާބާ. ހަމައެހެންމެ އިމްތިޙާނާވެސްމެ. އާދެ، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމާ. ބައެއް ބޭފުޅުންގެ ނަޒަރުގައި މިއީ ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް
މާ އުސްގޮނޑިއަކަށް ވެދާނެ. ހާސިލު ނުކުރެވޭވަރުގެ ލަނޑުދަނޑިއަކަށްވެސް ވެދާނެ.

ލޮބުވެތި ދިވެހި ރައްޔިތުން؛

ދިވެހި ޤައުމު އާރާސްތުކޮށް، ދައުލަތް ވަރުގަދަކުރުމުގެ މަސައްކަތް ކުރުމުގައި، އަޅުގަނޑުގެ މުޅި އުންމީދަކީ އަދި އަމާޒަކީ ދިވެހިރާއްޖެއަކީ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިފައިވާ، ޤައުމެއްގެ ގޮތުގައި ބިނާވެގެންދިޔުން.

ޤައުމަށް ލިބޭ ފައިސާއިން އަޅުގަނޑުގެ ސަރުކާރަށް ވާރުތަވި ދަރަނި އަދާކުރަމުން، މިދިޔަ 4 އަހަރު ދުވަހުގެ މަސައްކަތުގެ މައްޗަށް، އެތައް ގުނައެއްގެ މަސައްކަތް ކުރިއަށް އެބަހުރި. މިއަމާޒަށް ވާސިލުވުމަށްޓަކައި ހުއްޓާނުލައި މަސައްކަތް ކުރަންޖެހޭ. ކޮންމެ އަހަރެއްގެ ބަޖެޓުގެ އަމާޒަކީ މިއީ. އަންނަ އަހަރުގެ ބަޖެޓުވެސް ބައްޓަންކުރެވޭނީ މި މިޞްރާބަށް. ޤައުމަށް ގެނެވޭ ހެޔޮބަދަލުތަކުގެ ފައިދާ ކޮންމެ ގެއަކަށް، ކޮންމެ ކުއްޖަކަށް އަދި ކޮންމެ ދުވަސްވީ މީހަކަށް ލިބިދެވޭނީ އޭރުން. މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރެވެނީވެސް ހަމަ މިގޮތަށް މަސައްކަތް ކުރެވިގެން.

މިކަމުގައި އަޅުގަނޑުގެ ވިސްނުމަކީ ދިވެހިންނަކީ، އަމިއްލަ މުސްތަޤްބަލު ނުވަތަ އަމިއްލަ Destiny އަމިއްލަ އަތުން ލިޔުމުގެ ފުރިހަމަ ޙައްޤު، އަދި ކީއްތޯ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ބައެއްކަމުގައިވުން. މިހުރިހާ ދުވަހު ވަކިކަމެއް ނުވެފައި ނުވަތަ ނުކުރެވިފައި އޮތުމަކީ، އެއީ އެކަމެއް މިއަދު ނުކުރާންވީ އަދި ނުކުރެވޭންވީ ސަބަބެއް ކަމަށް އަޅުގަނޑުމެން ހަދާކަށްނުޖެހޭ. ކާމިޔާބީއަކީ އެކަމަށް މަސައްކަތްކުރާ މީހާގެ ޙައްޤު ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.

އެމެރިކާގެ 26 ވަނަ ރައީސް، Theodore Roosevelt  1910  ވަނަ އަހަރު، އޭނާގެ Citizenship in a Republic، މި ޚިޠާބުގައި، މިމޭރުމުން ހިތްވަރުދެއްވާފައި ވާހަކަތަކެއްވެސް ދައްކަވާފައިވޭ. އަޅުގަނޑު އެ ކޯޓޭޝަން ސައިޓްކޮށްލާނަން.

It is not the critic who counts; not the man who points out how the strong man stumbles, or where the doer of deeds could have done them better. The credit belongs to the man who is actually in the arena, whose face is marred by dust and sweat and blood; who strives valiantly; who errs, who comes short again and again, because there is no effort without error and shortcoming; but who does actually strive to do the deeds; who knows great enthusiasms, the great devotions; who spends himself in a worthy cause; who at the best knows in the end the triumph of high achievement, and who at the worst, if he fails, at least fails while daring greatly, so that his place shall never be with those cold and timid souls who neither know victory nor defeat.

މިއީ ހަމަ ކޮންމެ ދިވެހި ދަރިއަކު، ކޮންމެ ޒުވާނަކު އަދި ކޮންމެ އަންހެނަކާއި ފިރިހެނަކު ހާސިލުކުރަން ޢިބްރަތްތަކެއް ނަގައިދޭ ބަސްފުޅުތަކެއް. ޢިބްރަތްތަކެއް ލިބިދޭ ބަސްފުޅުތަކެއް.

ލޮބުވެތި ދިވެހިރައްޔިތުން؛

ޤައުމަށް ތެދުވެރި އަދި ވަފާތެރި ދަރިންނާއެކު، ޤައުމު ބިނާކުރުމުގެ މަސައްކަތް ރެޔާއިދުވާލު ކުރާއިރު، އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް މަދެއްނޫން. ޤައުމު ބިނާކުރުމުގެ މަސައްކަތުން ހަމަ އެކަކުވެސް ބާކީވެގެނެއްނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލު ތަފާތުވުމަކީ، ޤައުމުގެ ހަނގުރާމައަކަށް ވިޔަނުދީ ޤައުމުގެ ތަރައްޤީގެ މަސައްކަތުގައި އެންމެން ބައިވެރިވާންވާނެ ކަންތައްތައް. ތަފާތު ވިސްނުންތަކުގައިވެސް ޤައުމީ އިންތައް ކަނޑައެޅެންވާނެ. ސިޔާސީ ވާދައިގެ ނަތީޖާއަކީ ދާޚިލީ ހަނގުރާމައަކަށް އެއްވެސްޙާލެއްގައި ވެގެނެއްނުވާނެ. ތަފާތު ވިސްނުމުގެ ތެރެއިން ޤައުމީ ފެންވަރުގެ ހަމަނުޖެހުމެއް ނުގެނައުމަށް ޢަޒުމް ކަނޑައަޅަންވާނެ. އަދި އެކަމަށް ފާޅުގައި އަޅުގަނޑުމެން އެންމެން މަސައްކަތްވެސް ކުރަންވާނެ.

ތަރައްޤީގައި އޮންނަންވާނީ ރައްޔިތުންގެ އެންމެންގެ ޙިއްޞާ. ތަރައްޤީގައި ރައްޔިތުންގެ ޙިއްޞާ އޮންނަންވާނެގޮތާ ބެހޭގޮތުން، 1959 ވަނަ އަހަރު އަޅުގަނޑުމެންގެ ތެރެއަށް ވަރަށް މަޝްހޫރު ބޭފުޅެއް، ސިންގަޕޫރުގެ ބާނީ، Mr. Lee Kwan Yew އޭނާގެ ފުރަތަމަ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ވިދާޅުވެފައިވާ ބަސްކޮޅުތައްވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ހަދިޔާކުރާނަން.

All the planning and effort, on the part of your Government will not produce the desired result, unless you, the people, will support and sustain the work of your Government. We shall do our duty to our people but our people must do their duty to themselves and their fellow citizens.

"ސަރުކާރުގެ ސިޔާސަތުތަކުން، ރައްޔިތުންނަށް ނަތީޖާ ނެރެދިނުމުގެ ޒިންމާ އުފުލާއިރު، މި ކުރިއެރުމަށް ވާސިލުވެވޭނީ ފަރުދުންގެ ކިބައިގައިވާ، މަސްއޫލިއްޔަތަކާއި ޒިންމާތައް އަދާކުރެވިގެން. ފަރުދީ ފެންވަރުގައި އަމިއްލަ ނަފްސަށް އަދާކުރަންޖެހޭ ޒިންމާއާއި، އެކަކު އަނެކަކުގެ މައްޗަށް އޮންނަ ވާޖިބުތައް އަދާކުރެވިގެން."

މިފަދަ މިސާލުތަކުން ފިލާވަޅު ލިބިގަނެގެން، އަޅުގަނޑުމެން އެންމެން ދާންވާނީ ކުރިއަށް. ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ފަހަތަށްނުޖެހި، ނުގުޑާފަދަ ޢަޒުމަކާއެކީ ބައިބައިވުމެއްނެތި އެންމެން އެކުގައި ޤައުމު ކުރިއަށް ގެންދަންވާނީ.

އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑު ވާގިއެދެނީ ކީރިތި ﷲގެ ޙަޟްރަތުން.

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި! ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް މިންވަރުކުރައްވާށި!

ﻭَﻣَﺎ ﺗَﻮْﻓِﻴﻘِﻲ ﺇِلاَّ ﺑِﺎﻟﻠَّﻪِ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ﻭَﺇِﻟَﻴْﻪِ ﺃُﻧِﻴﺐُ .

والســّلام عليــكم ورحـمــة اللّـه وبـركاتـه.