بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މި އުފާވެރި ބައްދަލުވުމަށް މީދުއަށް އައިސް، މީދޫގެ ހުރިހާ ރައްޔިތުންނާއި، އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނާއެކީ ބައިވެރިވެ، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމުގެ ޝަރަފު އަޅުގަނޑަށް ލިބުނީތީ ﷲ އަށް ޙަމްދު ކުރަމުން، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަދި އެއާއެކީ މީދޫ، މަޑުއްވަރި، މި ރަށްރަށުން ތިހާ ވަރުގަދަ ތާއީދެއް އަޅުގަނޑަށް ދެއްވާނެ ކަމަށް ކެނޑިނޭޅި ވިދާޅުވަމުން ގެންދަވާތީ، ހަމަ ފުރިގެންވާ ޝުކުރަކުން ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދަކީ އަޅުގަނޑު މިކުރާ ސިޔާސީ މަސައްކަތްތަކުގައި ވަރަށް އުފާވެރި ދުވަހަކަށް ވެގެން ހިނގައްޖެއޭ.

އާދެ، މިއަދު އުފާވެރި ދުވަހަކަށްވެގެން މިދާ ސަބަބަކީ، މި ރ. އަތޮޅަކީ ރާއްޖޭގެ އާބާދީގެ 3 ވަނަ އަތޮޅު. އަދި އަޅުގަނޑު އެ ފިކުރަކަށް ނިސްބަތްވާ، ޕީ.ޕީ.އެމް.ގެ ފިކުރަށް ބަލާކަމަށްވަންޏާ، ދޮގަކަށްނުވާނެ. ނޫނީ، ޙަޤީޤަތާ ޚިލާފު ވާހަކައަކަށް ނުވާނެ. އަޅުގަނޑުމެންގެ ފިކުރަށް އެންމެ ލޯބިކުރާ، އެންމެ ބޮޑު އާބާދީއެއް އޮތް އަތޮޅަކަށް މި އަތޮޅު ވެގެންދާނެ. އެހެންވީމާ، އެ ސަބަބަށްޓަކައިވެސް ރ. އަތޮޅަށް އައުމުގެ ފުރުޞަތު ލިބުމަކީ، އަޅުގަނޑަށް ލިބޭ ނަސީބެއް ކަމުގައި އަޅުގަނޑު ދެކެން.

އަދި ހަމައެއާއެކީ، ރައްޔިތުން އެދި އިންތިޒާރު ކުރައްވަމުން ގެންދެވި އެތަކެއް ދުވަހެއްގެ އުނދަގޫ ތަޙައްމަލު ކުރައްވަމުން ގެންދެވި ކަންކަމެއް ނިމި، އެ މަޝްރޫޢުތައް ފެށިގެންދާ އުފަލުގައި ބައިވެރިވުމަކީ، ޝައްކެއްވެސްނެތްގޮތުގައި ތިޔަ އެންމެ ބޭފުޅުންނާއެކީ އަޅުގަނޑު ތިޔަބޭފުޅުންގެ އިހުސާސްތައް ހިއްސާކޮށްލަން ބޭނުންވާ ކަމަކަށްވާތީ، މި ދަތުރު އަޅުގަނޑު މިކުރީ.

އާދެ، އަޅުގަނޑުމެން މީދުއަށް މިއަދު އައިސް، މީދޫގެ ރައްޔިތުންނަށް ވަރަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ނިމިގެން މި ދިޔައީ. އޭގެ ކުރިން މަޑުއްވަރީގައި ހަމަ މިކަހަލަ މަޝްރޫޢުތަކެއް ނިމިގެންދިޔަކަން އަޅުގަނޑުމެން ފާހަގަކުރަން. ފައިނުގައި ހަމަ އެކަހަލަ މަޝްރޫޢުތަކެއް ނިމިގެން ދިޔައީ. ރައްޔިތުންނަށް ބޭނުންފުޅުވާ ހަމަ ބޮޑެތި ކަންތައްތަކެއް ނިމިގެން މި ދިޔައީ. އާދެ، އޭގެ ފަސޭހަތައް ރައްޔިތުން އިހުސާސް ކުރައްވަމުން ތިޔަ ގެންދަވަނީ. މިއަދު އަޅުގަނޑުމެން މިރަށަށް އައިސް، މިރަށުގައި އެންމެ ދަތިވެފައި އޮތް ކަމެއްގެ ގޮތުގައި މިއޮތް، ފެނާއި ނަރުދަމާގެ ނިޒާމު ފެށި، އަދި އޭގެ ފަސޭހަތައް ތިޔަ ހުރިހާ ރައްޔިތުންނަށް ލިބިވަޑައިގަތީ.

އަދި ހަމައެއާއެކީ، އަޅުގަނޑުމެންނަށް ލިބުނު އުފަލަކަށް ވެގެންދިޔައީ، ޢަޞުރު ނަމާދު އަޅުގަނޑުމެން މިއަދު މިކުރީ، ވަރަށް ދީލަތި ފަރާތެއްގެ އެހީއާއެކީ، ދިވެހިރާއްޖެއަށް މިހާރު ހަދިޔާ ކުރައްވަމުން ގެންދަވާ ގިނަ މިސްކިތްތަކެއް ހަދިޔާ ކުރައްވާ ކުރެއްވުމުގެ ތެރެއިން، މިރަށަށް ލިބުނު މިސްކިތެއްގައި. އަޅުގަނޑުމެން ނަމާދުކުރަން ތިބި، އާދެ، އަޅުގަނޑުމެންނާ ސަޢޫދީ ސަރުކާރާ ދޭތެރޭގައި މި ފަހުން އުފެދިފައި މިއޮތް ގާތް އުޚުއްވަތްތެރި ގުޅުމުގެ ތެރެއިން، ޝައްކެއްވެސްނެތްގޮތުގައި މި ދައުލަތަށް ސަޢޫދީ ރަސްގެފާނު މަލިކް ސަލްމާނުގެ ހިތްޕުޅު ހެޔޮކަން ދައްކުވައިދެއްވުމުގެ ގޮތުން، އަދި އިޙްސާންތެރި ކަމާއި، ދީލަތިކަމާއެކީ ކުރައްވަމުން ގެންދަވާ ހަދިޔާއެއް. އާދެ، ރާއްޖޭގެ އެކި ހިސާބުގައި ސަލްމާން ރަސްގެފާނުގެ މި ހަދިޔާ މިހާރު އެބަ އާރާސްތު ވަމުންދޭ. އާދެ، އެއީ ޝައްކެއްވެސްނެތްގޮތުގައި، މީދޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނަސީބެއް. މީދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހަދިޔާއެއް. އާދެ، ދިވެހި ދައުލަތުގެ ނަމުގައި މަލިކް ސަލްމާނަށް ހިފެހެއްޓުމެއްނެތް އިޚްލާޞްތެރި ޝުކުރު އަޅުގަނޑު ދަންނަވަން.

އަޅުގަނޑަށް އެނގޭ، މީދޫގެ ރައްޔިތުން މިހާރު ތިޔަ ތިއްބެވީ އުދުހިގަންނަން ތައްޔާރަށްކަން. ރ. އަތޮޅުގެ ރައްޔިތުން ތިޔަ ތިއްބެވީ، އުދުހިވަޑައިގަންނަވަން ތައްޔާރަށް ކަމަށް. އާދެ، ޖަލްސާ ހުށަހަޅައިދެއްވަމުން، އަދި މީދޫ ކައުންސިލުގެ ރައީސްގެ ވާހަކަފުޅުގައި، މިހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި މިކަންކަމަށް އަލިއަޅުވައިލައްވައި، ތިޔަ ވާހަކަފުޅު ދެއްކެވީ. އެކަމަކު ފަލާޙު، ދަންނަވަންތޯ، ޙުސައިން ޢަފީފް އެހެން ވިދާޅުވި ކަމުގައިވީނަމަވެސް، 60 އަހަރަކީ ދިގު ޙަޔާތެއް. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑެއް ބޭނުމެއްނުވާނެ، 60 އަހަރުގެ ޙަޔާތެއްގެ ތެރޭގައި ދެން ދިވެހިރާއްޖެ އަންނާނީ ކޮންކަމެއްގައިތޯ، ކޮންކަމެއްގެ އިންތިޒާރުގައިތޯ ތިބޭކަށް. އެއަރޕޯޓެއް މި ރ. އަތޮޅުގައި އެޅޭނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. އަދި އަޅުގަނޑުމެން މި ދަތުރުމަތީގައިވެސް އެވާހަކަ ދެއްކީމު ދޮގެއްތޯ! މިހާރު ޓޫރިޒަމްގެ ސިނާޢަތް އެންމެ ބޮޑަށް ފެތުރިފައި މިއޮތީ ރ. އަތޮޅުގައި. ރ. އަތޮޅުގައި މި ޞިނާޢަތު ފެތުރުމުގެ ބޭނުމަކީ، ނޫނީ މުޅި ރާއްޖެއަށް މި ޞިނާޢަތު އާންމުކޮށް ފެތުރުމުގެ ބޭނުމަކީ، އެއްގޮތަކަށްވެސް ދައުލަތަށް އިތުރު އާމްދަނީތައް ހޯދުމެއް ހަމަ އެކަންޏެއް ނޫން. އެއީ، ޝައްކެއްވެސްނެތްގޮތުގައި ވަރަށް މުހިންމު ކަމެއް.

އެއާއެކީ އެއަށްވުރެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު އަބަދުވެސް މި ދެކެނީ، އަޅުގަނޑާއެކީ އަޅުގަނޑުމެންގެ މި މަސައްކަތުގައި ވަރުބަލިކަމެއްނެތި އަޅުގަނޑަށް ހަކަތަދޭ ބަޔަކީ ޒުވާނުން. ދިވެހިރާއްޖޭގެ މުސްތަޤްބަލް. ދިވެހިރާއްޖޭގެ ކުރިމަގު. އެހެންވީމާ، ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުޞަތުތަކަކީ ޝައްކެއްވެސްނެތްގޮތުގައި މިކަހަލަ ޞިނާޢީ މަސައްކަތްތަކަކުން އެންމެ އަޅުގަނޑުމެންނަށް އުފާ ލިބޭނެ ކަމަކަށް ވެގެންދާނެ. ރ. އަތޮޅަކީ އެއަރޕޯޓް ހުރި އަތޮޅެއް. އެހެންނަމަވެސް، އަޅުގަނޑުގެ ވިސްނުމުގައި މިކަން މިހާރު އޮތީ ހަމަ ސަރުކާރުގައި ނިންމާފައިވެސްމެ. އެހެންވީމާ، މި އުފާވެރި ޚަބަރު އިޢުލާނުކުރާނަން. އަޅުގަނޑުމެން ނ. އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެބަ އަޅަމު. އެއީ، ދިވެހި ސަރުކާރުގެ ބަޖެޓަކުންނެއް ނޫން. ރާއްޖެއިން ބޭރުގެ ފަރާތެއްގެ ދީލަތި އެހީއާއެކީ އެޅެމުންދާ އެއަރޕޯޓެއް. ނ. މާފަރުގައި އެއަރޕޯޓް އެޅުމުގެ ހުރިހާ މަސައްކަތެއް އެވަނީ ނިމިފައި. އަޅުގަނޑުމެންނަށް ކަށަވަރުކަން އޮތީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ނިމޭނެކަމަށް. އެކަމަކީ ދެން އަނބުރާ ނުގެންދާވަރަށް ކަށަވަރުވެ ނިމިފައި އޮތް މަޝްރޫޢެއް. ހަމައެއާއެކީ، ރ. އަތޮޅުގެ މި ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ކޮންމެހެން ނުޖެހޭ، މާލޭގެ ބައިނަލްއަޤްވާމީ އެއަރޕޯޓުގައި ޖައްސާފައި، ނޫނީވިއްޔާ ވެލާނާ އެއަރޕޯޓުގައި ޖައްސާފައި މިރަށަށް އަންނާކަށް. އަޅުގަނޑުމެން އުންމީދު ކުރަންވާނީ އަބަދުވެސް ކުރިއަށް.

އަޅުގަނޑުމެން މިއަދަކު ނުދައްކަމު ދޮގެއްތޯ، އަޅުގަނޑުމެން މިއަދު ދައްކާ ވާހަކައެއް ނޫން، ފަޅު ގޮވާންކޮށްގެން ރާއްޖެ ހިންގާ ވާހަކައެއް. އަޅުގަނޑުމެން މިއަދު ދައްކާ ވާހަކައެއް ނޫން، ދެރަށާއި ލެޕްޓޮޕަކުން ދިވެހިރާއްޖެ ހިންގާ ވާހަކައެއް. މިއީ މާޒީވެފައި ހުރި ކަންތައްތައް. އެކަމަކުވެސް، ޚިޔާލުގައި އަދިވެސް އެބަހުރި، އޭރު ދެއްކިފައި ހުރި ބައެއް ވާހަކަތައް. އެކަންކަން އެބަ ސިކުނޑިއަށް އަޅުގަނޑުމެންގެ އާދޭ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް އެ ޚަބަރުތައް އެބަ ފަތުރުއްވާ. އޭގެތެރޭގައި ދެއްކެވި ވާހަކައަކަށް ފަލާޙުވެސް އެ އިޝާރާތް ކުރެއްވީ. އަޅުގަނޑަކަށް އެއީ އެހާ މުހިންމު ވާހަކައެއް ނޫން. އެހެންނަމަވެސް މިވާހަކަ މި ދަންނަވާލަނީ މިދެންނެވި ގޮތަށް، ޚިޔާލުފުޅަށް، ވިސްނުންފުޅަށް، މި ބޭބޭފުޅުންގެ ބަދަލެއް ނާންނަކަން ދަލީލުކޮށްދިނުމުގެ ގޮތުން. އޭރުވެސް އެ މަނިކުފާނާއެކީ މަސައްކަތް ކޮށްފާނެ ކަމަށް ހީފުޅުވާ ބޭބޭފުޅުންނަށް އެންމެ ވަރުގަދައަށް އަވާމެންދުރު ދެއްކެވި ކަމަކީ، ސިޔާސީގޮތުން ތިމަންނައަކީ އެއްގޮތަކަށްވެސް ތިޔަބޭފުޅުން ތިޔަ ކުރައްވާ ސިޔާސީ އުންމީދުތަކަށް ތިޔަބޭފުޅުންގެ ވެރިކަން ކުރައްވަން، ތިޔަބޭފުޅުން ކަނޑައަޅުއްވާ ސިޔާސީ ބޭފުޅަކަށް، ރައީސަކަށް، ވާންހުރި ހުރަހެއް ނޫނޭ. ތިމަންނަ ބޭނުންވަނީ މި ވެރިކަން ބަދަލުކޮށްފައި، އެއީ، ރައީސް މައުމޫނުގެ ވެރިކަން، ބަދަލުކޮށްފައި މިޑްޓަރމް އިލްކެޝަނެއް ބާއްވާށޭ. އެއީ ޓާރމުގެ ބައެއް ހިނގައި ދިޔުމުން އިލެކްޝަނެއް ބާއްވާށޭ.

ޝައްކެއްވެސްނެތްގޮތުގައި، އޭގެ އަވާގައި ޖެހުނު ބޭފުޅުންނަށް ހަމަ އެކަން އެނގިވަޑައިގަންނަވާނެ. މިއަދުވެސް އަޅުގަނޑުގެ ހިތް ބުނަނީ، އެ ރަހަ އެބޭފުޅުންގެ ކަރުފުޅުގައި ހަރުލައި ހުންނާނެއޭ. މިހާރު މި ދެއްކެނީވެސް އެކަހަލަ ވާހަކައެއް. މިހާރު މި ދައްކަވަނީވެސް ހަމަ އެވާހަކަ. އެހެންވީމާ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެން އުންމީދު މި ކުރަނީ އެއްގޮތަކަށްވެސް، ކުއްޅަވައް ފެކްޓްރީއެއް ހަދާ ވާހަކައެއްވެސް ނޫން. ގަރުދިޔަ ފެކްޓްރީ ހަދާ ވާހަކައެއްވެސް ނޫން. ފަޅު ގޮވާންކުރާ ވާހަކައެއްވެސް ނޫން. ނޫނީވިއްޔާ، ދެ ރަށާއި ލެޕްޓޮޕަކުން މިއޮއް ވަރުގަދަޔަށް ޚަރަދުކޮށް، ރައްޔިތުންގެ އުންމީދުތައް ފުއްދައިދޭން މަޝްރޫޢުތައް ރާވައި، މަޝްރޫޢުތަކަށް ފައިސާ ހޯދުމަށްޓަކައި ހަމައެކަނި ދެ ރިޒޯޓެއް ދޫކޮށްލައިގެން އެކަން ކުރެވޭނެ ކަމަކަށްވެސް އަޅުގަނޑުމެން ގަބޫލެއްނުކުރަން.

އަޅުގަނޑުމެން މިއަދު އުންމީދު މި ކުރަނީ، އަޅުގަނޑުމެން ގަބޫލުކުރަން، ރާއްޖޭގައި އޭރު ޤާއިމުކުރައްވަން މަސައްކަތް ކުރެއްވި ދަތުރުފަތުރުގެ ނިޒާމު އޮތީ ފެއިލްވެފައި ކަމަށް. އެކަމުން ހަމައެކަނި ވެގެންދިޔަ ކަމަކީ ދައުލަތުގެ މުއްސަނދިކަމުން އެންމެބޮޑަށް މުއްސަނދިކަން ހޯދައިދޭން ހުރި އެތައް ރަށަކާއި، އެތައް ބިމަކާ، އެ ދާންވީ ދިމާތަކަކަށްގޮސް ނިމިއްޖެ. އޭގެ ބަދަލުގައި އެގްރިމެންޓުގައި ކުރައްވާފައި އޮތް އެއްވެސް ކަމެއް އެ ފަރާތްތަކަކުން ކުރައްވާފައެއް ނެތް. މިއަދުގެ ސަރުކާރުން ކުރާ މަސައްކަތްތަކަކީ، ދަތުރުފަތުރުގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑުމެން އެއަށްވުރެ ލުއިފަސޭހަ، ރައްޔިތުންނަށް އެއަށްވުރެން ލުއިފަސޭހަ ގޮތަކަށް އެކަން ކޮށްދެވޭތޯ ބަލަނީ.

މިއަހަރުގެ ތެރޭގައި ފެށިގެން މިދަނީ މިއަހަރެއްވެސް ނޫން ދޮގެއްތޯ! މިއަންނަ މަހުގެ ތެރޭގައި ފެށިގެން މިދަނީ ކުޅުދުއްފުށީގައި އެއަރޕޯޓެއް، އަދި އިރާދަކުރެއްވިއްޔާ ށ. އަތޮޅުން ފުނަދޫގައިވެސް އެއަރޕޯޓެއް. އަދި ހަމަ އެއާއެކީ ތިޔަބޭފުޅުންވެސް ކުރައްވަންޖެހޭ މަސައްކަތެއް އޮންނަންވާނެ ދޮގެއްތޯ! 2018 އާ ހަމައަށް ދާއިރު. ޝައްކުނުކުރައްވާތި، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތަރައްޤީއާއި، މިއަތޮޅުގެ ތަރައްޤީއާއި އާބާދީއާއި އަދި މިއަތޮޅުގައި ހުރި ވަސީލަތްތަކަށް ބަލާކަމަށްވަންޏާ މި އަތޮޅަކީ، ރ. އަތޮޅަކީ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ޙައްޤު އަތޮޅެއް. އެހެންވީމާ، އެ އެއަރޕޯޓަކީ އިރާދަކުރެއްވިއްޔާ ހަމަ ރ. އަތޮޅުގައި ޤާއިމުވެގެންދާނެ އެއަރޕޯޓެއް. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އުންމީދު ކުރަނީ ހަމައެކަނި އެފެންވަރަކުންނެއް ނޫނޭ. އެ ވިސްނުމަކުންނެއް ނޫނޭ. އަޅުގަނޑުމެން އުންމީދު ކުރަނީ އެއަށްވުރެން ބޮޑެތި ކަންތައްތައް ކުރަން. އަޅުގަނޑުމެން އުންމީދުކުރާ ކަންތައްތަކުގެ ވާހަކަތައް، ފަލާޙުގެ ވާހަކަފުޅުގައިވެސް އަދި އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން، ޅެމުގެ ބަހުރުވައިން ނަމަވެސް އަޅުގަނޑަށް ހަމަ ހަދިޔާ ކުރައްވަމުން ގެންދެވި. ވަރަށް އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން، ހަދިޔާ ކުރެއްވި ބޭފުޅުންނަށް.

އެކަމަކު އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އައީ އުންމީދުތަކަކާ އެކީއޭ. އަޅުގަނޑުމެން އައީ ވަޢުދުތަކަކާ އެކީއޭ. އަޅުގަނޑުމެން އައީ އަޅުގަނޑުމެންގެ ހުވަފެނުގައި ކުލަ ޖެއްސޭތޯ، މަސައްކަތް ކުރާށޭ. އަޅުގަނޑުމެން އައީ ރައްޔިތުންނަށް ދަންނަވައިދޭން، ރައްޔިތުންގެ އުންމީދުތަކެއް ހުންނަންވާނެއޭ. އަޅުގަނޑުމެން އައީ ރައްޔިތުންނަށް ދަންނަވައިދޭން، ރައްޔިތުން އަބަދު ރައްޔިތުންގެ ޙާލަތު ބަދަލުނުކޮށް ތިބޭކަށް ވިސްނާކަށް ނުޖެހެއޭ. ރައްޔިތުންގެ ޙާލަތު ބަދަލުކުރަން ރައްޔިތުން މަސައްކަތް ކުރަންޖެހޭނެ. ރައްޔިތުންގެ ޙާލަތު ބަދަލުކުރަން ރައްޔިތުން ކުރާ އެންމެ ފުރިހަމަ މަސައްކަތަކީ، އެންމެ އިސް މަސައްކަތަކީ، ފަރުދީގޮތުންވެސް ވާޖިބުވާ މަސައްކަތެއްގެ ގޮތުގައި މިއޮތީ، ރައްޔިތުން ގޮވައިގެން ކަންކަމާ ކުރިއަށް ނުކުމެ އަދި ރައްޔިތުންނަށް ލީޑްކޮށްދޭވަރުގެ، ރައްޔިތުންގެ ބޭނުންތައް، އުންމީދުތައް ފޫބައްދައިދެވޭވަރުގެ ވެރިޔަކު ހޯދައިދިނުން. އެއީ ރައްޔިތުން ކުރައްވަންޖެހޭ ކަމަކީ.

އެހެންވީމާ، މިކަމަށް އަޅުގަނޑުމެންނަށް ޣާފިލުވެވޭކަށްނެތް. އަދި އަޅުގަނޑުމެން ކުޑަކޮށް މާޒީއަށްވެސް ޖެހިލަންޖެހޭނެ. އެކަމަކު މާޒީއަށް ޖެހިލުމުގެ ކުރިން، އުންމީދުތަކާ ގުޅޭގޮތުން އަޅުގަނޑުމެން ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެއީ ހެޔޮކަމުގެ މަގުން ކުރެވޭ ކަމެއްކަމަށްވަންޏާ، އެކަމުގައި ﷲގެ ދަރުމައާއި ﷲގެ މިންވަރުފުޅު ވާކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ އެއްވެސް މީހަކު، އެއްވެސް އިސްލާމަކު ދެބަސްވާނެ ވާހަކައެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން ކީއްވެގެންތޯ މަސައްކަތް ނުކުރަންވީ! އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި އުޅެފައިދިޔަ ސިޔާސަ ކުދިން، ރާއްޖެ ބަދުނާމު ކުރުމުގެ އެކިއެކި ވާހަކަތައް އެބަ ދައްކާ. އަޅުގަނޑުމެން އެއަށް އެބަ ޖަވާބު ދެން. އަޅުގަނޑުމެންނެއް މިހުރިހާ ބޭފުޅުންގެ ޓްވީޓްތަކެއް ކޮންމެހެން ނުކިޔަން. އެކަމަކު އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންނަކީ ކުޑަ ދައުލަތެއް ކަމުގައި ވީނަމަވެސް، އަޅުގަނޑުމެންނަކީ އދ. ގައިވެސް ހަމަ އެހެން ޤައުމުތަކެކޭ އެއްވަރުގެ ވޯޓުދިނުމުގެ ޙައްޤު އެއްވަރަށް އޮތް ދައުލަތެއް. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ކުޑަކަން، އަޅުގަނޑުމެންގެ އިސްކޮޅަށްވުރެ ބޮޑަށް މިނައިފިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް ދިމާވާ ޤުދުރަތީ ބޮޑެތި ކާރިސާތަކާއި އަދި ތިމާވެށީގެ ނާޒުކުކަމުން އަޅުގަނޑުމެންނަށް ލިބޭ ގެއްލުންތަކުގައި އެންމެ ހިތްދަތިކަން އިހުސާސްކުރާ ޖަޒީރާ ޤައުމަކަށް ވެގެންދާނެ. ވޭ މިހާރުވެސް. އެހެންވީމާ، އެކަމުގައި، އަޅުގަނޑުމެން އަޑު އުފުލުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްފީމު. މިހާރު ދުނިޔޭގެ ސަމާލުކަމަށް އެކަން އައިސްފި. އަދި އެއާއެކީ މި ދެންނެވި ގޮތަށް ޖަޒީރާ ޤައުމުތަކުގެ ފަރާތުން އަޑު އުފުލުމުގައި، ޖަޒީރާ ޤައުމުތަކުން އިސްކޮށްފި، ދިވެހިރާއްޖެއޭ ތިމަންނަމެންގެ ފަރާތުން އެންމެ ފަހުބަސް، އެންމެ އިސްބަސް، ބުނާނީ. އެހެންވީމާ، އެއްކަލަ ކުޑަކުޑަ ދިވެހިރާއްޖޭގެ ހިޔަނި، ހަވީރު 5 ޖަހާއިރުގައި އަޅުގަނޑުމެންގެ ހިޔަނި ފެންނަ އުސޫލުން މިހާރު އެބަ ފެނޭ އިރާދަކުރެއްވިއްޔާ. މިއީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ﷲގެ ރަޙްމަތާއި ބަރަކާތް މިންވަރު ކުރެއްވީމާ، އަޅުގަނޑުމެންނަށް ލިބޭ ނަސީބާއި ތައުފީޤު.

އެހެންވީމާ، އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއްމެ. އެކަމަކު އަޅުގަނޑުމެންނަކީ މުސްތަޤިއްލު ދައުލަތެއް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ސިފަތަކެއް ގެންގުޅޭ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ ބަސް ވިއްކަން އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެން ޙައްޤުބަސް ބުނަން ބޭނުންވޭ. އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންތައްތަކުގެ ޝަކުވާކުރަން އަޅުގަނޑުމެން ބޭނުންވޭ. އަދި އަޅުގަނޑުމެންނަށް ޙައްޤުވާ ކަންތައްތައް، އަޅުގަނޑުމެންނަށް ބީވެގެންދާތަން ބަލަހައްޓައިގެން އަޅުގަނޑުމެން ތިބޭކަށް ބޭނުމެއްނުވޭ. ބައިނަލްއަޤްވާމީ މުޖުތަމަޢެއްގެ ތެރޭގައި، ނޫނީ ބައިނަލްއަޤްވާމީ ބޮޑު ޢާއިލާއެއްގެ ތެރޭގައި، މަސައްކަތްކުރާ ކަމަށްވަންޏާ، ކުދި ބޮޑު ތަފާތު ހުންނާނެ. އިމްތިޔާޒުގެ ތަފާތުތައް ހުންނާނެ. ސިޔާސީ ބާރުވެރިކަމާއި، ފައިސާގެ ނުފޫޒުވެރިކަމުގެ ތަފާތުތައް ހުންނާނެ.

އެހެންނަމަވެސް، މުހިންމު ކަންކަމުގެ ވޯޓާހަމައަށް ދިޔައިމާ، އަދި މިކަންކަމުގައިވެސް އަޅުގަނޑުމެން ކުދިކުދި ޤައުމުތައް އެއީ އެކަހެރިކޮށްލެވޭނެ ޤައުމުތަކަކަށް ނުވޭ. އެހިސާބަކުން އަޅުގަނޑުމެންގެ އުންމީދުތަކެއް ނުފުދޭ. އަޅުގަނޑުމެން އެބަ އުންމީދު ކުރަން، އަދި އިރާދަކުރެއްވިއްޔާ ﷲ މިކަމުގައި އަޅުގަނޑުމެންނަށް ނަޞްރު މިންވަރު ކުރައްވާނެ. އދ.ގެ އެންމެ ބާރުގަދަ ގުނަވަނެއްގެ ގޮތުގައި މިއޮތީ ސެކިއުރިޓީ ކައުންސިލް. އަޑު އައްސަވާނެ، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ 5 މެންބަރުން ތިބޭނެ. އެ ދާއިމީ 5 މެންބަރުންގެ ވާހަކައެއް ނޫން މި ދައްކަނީ. އެއީ ތާރީޚީ އެގްރިމަންޓެއްގެ ދަށުން، ދުނިޔޭގެ ބާރުތައް، އޭރު ދުނިޔެ ބަހާލައިފައި އޮތް ނިސްބަތްތަކުން އިންތިޚާބުކޮށްފައި، ޢައްޔަނުކޮށްފައި، އަދި އެބައެއްގެ ޙައްޤުތައް ވަކި ނުކުރެވޭގޮތަށް އޮތް 5 ދައުލަތް. އެއީ ދުނިޔޭގެ އެންމެ ބާރުގަދަ 5 ދައުލަތް. އެއާއެކީ، ދެން މި އޮންނަ އެންމެ ބާރުގަދަ ތަނަކަށް މިއޮތީ، އދ.ގެ ސެކިއުރިޓީ ކައުންސިލް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ފޮނިކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެން ވާދަ އެބަކުރަން، އަޅުގަނޑުމެންގެ ބައްރުން، އޭޝިއާ ބައްރުން މިފަހަރު ސެކިއުރިޓީ ކައުންސިލަށް، 2019 ވަނަ އަހަރު ނޮން ޕަރމަނަންޓް މެންބަރެއްގެ ގޮތުގައި ކުރިމަތިލާ ޤައުމަކަށް ދިވެހި ދައުލަތް ވާން. މި މަސައްކަތް އަޅުގަނޑުމެން ފަށައިފީމު. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް ވާގިވެރިވެވަޑައިގެންނަވާނެ ކަމަށް، އެތައް ދައުލަތަކުން އަޅުގަނޑުމެންނަށް ކަށަވަރު ބަސް ދެއްވައިފި.

ކީއްވެގެންތޯ މިކަން ކުރަންޖެހެނީ؟ މިކަން ކުރަންޖެހޭ ސަބަބަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އަދިވެސް އަދި އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރާގޮތުގައިވެސް ޙަސަން 9 ވަނަ ރަސްގެފާނުގެ މާޒީ، އަޅުގަނޑުމެން އަދިވެސް މިހާރުވެސް ދުނިޔޭގައި ހޭދަކުރަމުން މިދަނީ. އަދި ތަންކޮޅެއް ފަހުގެ ތާރިޚަށް ޖެހޭކަމަށްވަންޏާ، ގޯދީ ރާޖާގެ ޙަޔާތްވެސް އަޅުގަނޑުމެން ހަމަ މިހާރުވެސް އަޅުގަނޑުމެން އެ ޙަޔާތުގެ ތެރޭގައި މި އުޅެވެނީ. އަދި ތާޖުއްދީނުގެ ދަރިން ކަމުގައިވީނަމަވެސް، ހަމަ އެކަން އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން އަދިވެސް މި ފެންނަނީ. ދައުލަތަކުން އުފައްދާ، ޤައުމަކުން އުފައްދާ ދަރިންގެ ތެރެއިން އިސް މީހުންތަކެއް، ޤައުމަށް އެންމެ ޣައްދާރުވާނެ މިންވަރަށް، އަޅުގަނޑުމެންގެ ތެރެއިން އުފައްދާފައި ތިބި ދަރިން އެބަ ޣައްދާރުވޭ. އެއީ އަޅުގަނޑުމެން ތާރީޚު ދައްކައިދިން އަޅުގަނޑުމެންގެ ހުތުރު. ނޫނީވިއްޔާ އަޅުގަނޑުމެންގެ ހުތުރު ފަތްފުށް. އެކަމަކު އެ ތާރީޚުން ޢިބުރަތް ހޯދައިގެން އެ ތާރީޚާއެކީ އަޅުގަނޑުމެން އުޅެން މި ޖެހެނީ.

އެހެންވީމާ، ވެރިކަމުގެ ލައްޒަތާއި ޢިއްޒަތުގެ ބޭނުމުގައި ދީން ބަދަލުކުރުމާއި، ބައެއްގެ އެހީތެރިކަމާއެކީ ރާއްޖޭގެ ވެރިކަން ކުރަން ބޭނުންވި މީހުން އަޅުގަނޑުމެންގެ ތަޚުތުގައި ރެދަލި ކުރައްވާފައި މީގެ ކުރިންވެސް އެބަހުރި. އަދި ހަމަ އެހެންމެ، ވެރިކަން ބޭނުންވެގެން އަނެއްކާވެސް ބޭރުގެ ކަރަކަރައިގެ އެހީ ހޯދައިގެން، ރާއްޖެއަށް ޢުދުވާނީ ހަމަލަތައް ތައްޔާރުކޮށް، ރާއްޖެއަށް ޢުދުވާނީ ޙަމަލަ ދިން ފަރާތްތައް، ރާއްޖޭގައި މަދެއްނޫން. އަޅުގަނޑުމެން މި ހަނދުބަލަން މިއުޅޭ ނޮވެންބަރު މަހުން 3 ވަނަ ދުވަހަކީ ހަމަ މިކަހަލަ ދުވަހެއް. އަދި އެދުވަހުގެ ތާރީޚު އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް އަބަދުވެސް ވިދާޅުވެދެއްވަނީ، ރައީސް މައުމޫން. އެއީ އެމަނިކުފާނުގެ ޒަޢާމަތުގައި ދިމާވި ހިތްދަތި، އަޅުގަނޑުމެންނަށް އުނދަގޫތަކެއް އުފުއްލަން ޖެހުނު ދުވަހަކަށްވެގެން ދިޔައިމާ. އަދި އެކަންކުރީ ކޮން ޢާއިލާއެއްކަންވެސް، އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް އޮޅުންފިލުވައިދެއްވާފައި އޮތީ ރައީސް މައުމޫން. މިފަހަރު ނޮވެންބަރު 3 އަންނައިރު، އަޅުގަނޑުމެންވެސް މި ހަނދާންތައް ކުރަން ބޭނުން. އެއީ، މިއީ އަޅުގަނޑުމެންގެ ތާރީޚުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ކަމެއް. މިއިކީ އަޅުގަނޑުމެންނަށް ޙަޤީޤަތް އޮޅުވައިލެވޭނެ ކަމެއްނޫން.

އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެންނަށް މިފެންނަނީ، ހަމަ މިދެންނެވި ކަހަލަ ސްކްރީނުތައް، މިދެންނެވި ކަހަލަ ވިސްނުންތައް، އެބޭފުޅުންގެ ސިކުނޑީގައި ހަރުލައި ހުރެގެން ކުރެވޭ މަސައްކަތްތައް. ދިވެހި ދައުލަތުގެ ފަތިފުށް ކިޔައި، އަދި ދިވެހި ދައުލަތުގެ ވެރިކަން ބަދަލުކުރުމަށް ބޭރުގެ ފަރާތްތަކުގެ މަދަދަށް އެދެނީ ހަމަ މިއަދުވެސް ހަމަ ދިވެހި ދަރީން. އެހެންވީމާ، ކޮބައިތޯ ނަޞާރާ ދީނަށް ވަނތް ޙަސަން 9 އެއްގެ ވާހަކަ ނުދައްކަންވީ ސަބަބެއް! ކޮބައިތޯ ގޯދީ ރާޖާގެ ވާހަކަ ނުދައްކަންވީ ސަބަބެއް! ކޮބައިތޯ ނޮވެންބަރު 3 ގެ ވާހަކަ މިއަދުވެސް ނުދައްކަންވީ ސަބަބެއް؟ ކީއްވެގެންތޯ މިވާހަކަތައް އަޅުގަނޑުމެން ނުދައްކަންވީ!

އެހެންވީމާ، މި ބޭބޭފުޅުންގެ ޓްވީޓްތަކަށާއި، މި ބޭފުޅުން ދެއްވާ މެސެޖްތަކަށް އަޅުގަނޑުމެން ޖަވާބުދޭން ބޭނުންވަނީ، ދިވެހިރާއްޖޭގެ ހައިބަތެއް ހުރި ހައިސިއްޔަތަކާ އެކީގައި. ﷲ އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. އަޅުގަނޑުމެން އެބޭފުޅުންނަށް ރައްދުދޭނީ، މިދެންނެވިހެން އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް އަޅުގަނޑުމެން ވެގެން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރާނަން. އަޅުގަނޑުމެން ގަބޫލުކުރާގޮތުން ވެއްޖިއްޔާ ދިވެހިރާއްޖެއަށް ޙައްޤުބަސް ބުނުމުގެ ފުރުޞަތު އެބައޮތް. އަޅުގަނޑުމެންގެ ދަރިންނަކީ ޤާބިލު ދަރިންތަކެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަޑު އުފުލަން ކެރެންވާނެ. އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް ވަކިބަޔަކާ ގުޅިގެން، ނޫނީ ވަކިބަޔަކާ ނުގުޅި ތިބެން ބޭނުންވާ ބައެއްވެސް ނޫން. އެކަމަކު ދިވެހިރާއްޖޭގެ ދައުލަތުގެ ސިފަތައް މިހާރު ގެއްލެމުންދާތީ، ދައުލަތުގެ ދިވެހި ސިފަތައް އަނބުރައި ދިވެހި ދައުލަތަށް ހޯދަން އެބަ ޖެހޭ.

އަޅުގަނޑު މިދާއިރާއަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކޮށް މިވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހިތަށް މޮޅިވެރިކަމާއެކީ ޚިޔާލަށް ގެންނަންޖެހޭ ވާހަކައެއް އެބަ ދަންނަވާލަންޖެހޭ. އަދި އެކަމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށްވެސް އަޅުގަނޑު އެބަ ގޮވައިލަންޖެހޭ. އަޅުގަނޑުމެން ދިވެހި ދައުލަތުން އަދި ދިވެހިރާއްޖެއަށް ހެޔޮއެދޭ ބަޔަކު، ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ ވިންދާއި، ޝުޢޫރާއި ޚިޔާލާއި، ވަކިގޮތަކަށް ވަސިއްޔަތްކޮށް ހޮވާ މީހަކު، އޭނަ ރައްޔިތުންނަށް ފުރަގަސްދީފައި ދާދިއުމުން އެއީ ކިހާވަރެއްގެ ޚިޔާނާތެއްތޯ، ކިހާވަރެއްގެ ބަޣާވާތެއްތޯ، އަޅުގަނޑުމެން ޚިޔާލަށް ގެންނަން އެބަޖެހޭ. މި ދާއިރާގެ ގޮނޑި ހުސްވިގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ.
މި ދާއިރާގެ ގޮނޑި ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރ. އަތޮޅަކީ، މި ދާއިރާއަކީ، މަޑުއްވަރި މީދޫ ދާއިރާއަކީ، ޚާއްޞަކޮށް، ޕީ.ޕީ.އެމް.ގެ ދާއިރާއެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެން ބޭފުޅަކު ދެއްކީ. އަޅުގަނޑުމެން ދެއްކި ބޭފުޅަކު ވަޑައިގެން ވިއްކެވީ އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ. އަޅުގަނޑުމެން ގަބޫލުކުރާ ސިފަތައް. އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ. އަޅުގަނޑުމެން ހުވަފެނުގައި ކުލަޖައްސަން ބޭނުންވި ހުވަފެންތައް. އަދި އަޅުގަނޑުމެން ޒުވާނުންނަށް ކަށަވަރުކޮށްދޭން ބޭނުންވީ، ހަމަޖެހުމާއި ދިވެހިރާއްޖެއަކީ ޞުލްޙައަށް ލޯބިކުރާ، އަދި ތަރައްޤީއަށް ވިސްނާ، މިއިން ކޮންމެ ރަށެއްގައި އުންމީދުތަކެއް ފުރިހަމަކޮށްދޭންޖެހޭ، ކޮންމެ ރަށެއްގައި ކުރަންހުރި ކަންތައްތައް ބައިވަރުކަން. މިކަންތައްތަކެއް އަޅުގަނޑުމެން ހާސިލުކުރަން އަޅުގަނޑުމެން އައީ. އަޅުގަނޑުމެން ވެރިކަމާ ހަވާލުވީ، ރައްޔިތުންނަށް މިދެންނެވި ކަހަލަ ވަޢުދުތަކާއެކީ މިކަންކަން ކޮށްދެވޭތޯ ބަލަން.

އެހެންވީމާ، މިކަންކަން ހިފައިގެން މިތަނަށް އައި އަޅުގަނޑުމެން ޕާޓީގެ ބޭފުޅަކަށް، ތިޔަބޭފުޅުން އެ ދެއްވި ތާއީދު ގެންދެވި ގޮތަށް އޭނާ މަސައްކަތް ކުރައްވައި، އަދި އެ އިޙްތިރާމަށް ކޮޅުފައިން ޖަހާފައި ނުކުމެގެން ދިޔުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްނޫން. މި ސަބަބަށްޓަކައި ޕާޓީގެ މެނިފެސްޓޯ އެކުލަވައިލަމުން ދިޔައިރު، އަޅުގަނޑުމެން ބޭނުންވީ، ރައްޔިތުންގެ މަޖިލީހަކީ މި ދެންނެވި ގޮތަށް ހައިބަތު ހުރި، ރައްޔިތުންގެ މަޖިލީހަކަށް ވެގެންދިޔުން. ރައްޔިތުންގެ މަޖިލީހަކީ، ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ކުޅުންތެރިން ބަދަލުކުރާހެން ބަދަލުކުރެވޭނެ މުއައްސަސާއަކަށް ވެގެންދާކަށް ނުޖެހޭ. ކީއްވެގެންތޯ؟ މިއަދު ޤާނޫނުއަސާސީއަށް ގެންނަ ކޮންމެފަދަ އިސްލާޙެއްވެސް މިގެންނަނީ ރައްޔިތުންގެ މަޖިލީހުން. މިއަދު ތިޔަބޭފުޅުން އެންމެ އާދައިގެ ބޭނުންތަކަށް ބޭނުންކުރައްވާ ދަތްއުނގުޅާ ބޭސްފުޅިއެއްވެސް އަތްފޯރާފަށުގައި ބަހައްޓަންޏާ، އެކަންވެސް ނިންމާނީ ރައްޔިތުންގެ މަޖިލީހުން. އަދި ޑިއުޓީ ބޮޑުކޮށްގެން، ނޫނީވިއްޔާ އެއަށް ގެންނަ އިތުރު ޓެކްސްތައް ގެނެސްގެން، އެއީ އަޅުގަނޑުމެންގެ ނިކަމެތިންނަށް އަތްނުފޯރާ ހިސާބުގައި ބާއްވަން ބޭނުންވާ ދަތްއުނގުޅާ ބޭސްފުޅިއެއް ކަމަށްވަންޏާ، އެބަދަލު ގެނައުމުގެ ބާރުވެސް މިއޮތީ ރައްޔިތުންގެ މަޖިލީހަށް. އެއީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި އޮތް ބާރެއް ނޫން. އަދި ގެދޮރުގެ މިލްކުވެރިކަން ބެހިގެންދާ ގޮތް، ނޫނީވިއްޔާ ގެދޮރު، ސަރުކާރުގެ ބިން ބެހިގެންދާގޮތް، ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްޤީ، ރާއްޖެއަށް އަންނަ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުން. ނޫނީ ރާއްޖޭގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ ކިހިނެއްތޯ؟ ރާއްޖޭގައި ފައްޅި އެޅުމުގެ ޖާގަ އެބައޮތްތޯ؟ ރާއްޖޭގައި ފައްޅިއާއި އަދި މިނޫންވެސް އެހެން ކަންތައްތައް ކުރުމުގެ ޖާގަ އެބައޮތްތޯ؟ މިއީ، އަޅުގަނޑުމެންގެ ރައީސަކު ކުރިން ކުރެއްވި ސުވާލު. އަޅުގަނޑުމެންނާ މަތިކުރެއްވި ސުވާލު. މި ހުރިހާ ކަމެއް ބަދަލުކުރުމުގެ ބާރު މިއޮތީ ރައްޔިތުންގެ މަޖިލީހަށް.

އެހެންވީމާ، އެ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ބޭނުމެއް ނުވާނެ، މިއަދުގެ ޖަލްސާގައިވެސް އެފެނުނު ކަހަލަ ސިޔާސީ ސިޔާސަ، ކަންތައްތައް ފެނިގެންދާކަށް. އަޅުގަނޑު ހަމަ ހިތަށްއަރާ، މަޖިލީހަށް މެންބަރުން، ތިޔަބޭފުޅުން ވަކީލުން އިންތިޚާބު ކުރައްވާއިރު، އެ ބޭބޭފުޅުން ތިޔަ ބޭފުޅުންނާ ބައްދަލުކުރައްވާއިރު، ނޫނީ ތިޔަބޭފުޅުން އެބޭފުޅުންގެ ފައިންޕުޅު ދެކެން މާލެއަށް ކުރައްވާ ޒިޔާރަތުގައި، ތިޔަބޭފުޅުން ސުވާލު ކުރައްވަބައްލަވާ! އެއީތޯ ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވަން އެބޭފުޅުން ވިދާޅުވިގޮތަކީ؟ މިހާ ހައިބަތު ބޮޑު، މިހާ ކަރާމާތްތެރި، މިހާ ވަރުގަދަ މަސައްކަތްކުރާ، މުޅި ދައުލަތާއި ޒުވާނުންގެ އުންމީދުތައް އެ މަޖިލީހަކަށް ގުޅިފައިވާ މަޖިލީހެއްގައި މިއަދު ކުރެވޭ މަސައްކަތަކީ ކޮބައިތޯ؟ އެހެންވީމާ، ގޮނޑި ދޫކޮށްލާފައި ދިޔުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވާތީ، އެވާހަކަ އޭރުވެސް މެނިފެސްޓޯގައި ލިޔުނީ. ރައްޔިތުންގެ މަޖިލީހަކީ މި ދެންނެވި ގޮތަށް ފުރާ ފުރިހަމަވެފައިވާ އަދި ގުޑުވައިނުލެވޭވަރުގެ ޢަޒުމް ވަރުގަދަ މެންބަރުންތަކެއް ތިބޭ މަޖިލީހަކަށްވާން އެބަޖެހޭ. އެއީ، ދައުލަތުގެ އެންމެ ވަރުގަދަ އެއް މުއައްސަސާ.

އެހެންވީމާ، މި ދެންނެވިކަހަލަ އުސޫލުތަކަކާއެކީ، އަދި މެނިފެސްޓޯގައި ހުރި ކަންތައްތަކަކާއި ރައްޔިތުންގެ އުންމީދުތަކެއް ފުއްދައިދޭނެ ކަމަށް ޕާޓީއެއްގެ ނިވަލުގައި އައި މީހަކު، އިންތިޚާބުވެގެން ރައްޔިތުންނަށްވީ ވަޢުދަށް، ނޫނީ ޢަހުދަށް ފުރަގަސްދިނީމާ އެއީ ބޮޑު ގޯހެއް. އަދި އެއަށްވުރެ ބޮޑު ގޯހަކީ، އެއްފަހަރާ އެތައް ބައިވަރު މެންބަރުންތަކެއް އެގޮތަށް ގެންދިޔަ ޚިޔާނާތްތެރި ޢަމަލަކީ، އަޅުގަނޑުގެ ފޮތުގައި ބަޣާވާތެއް ނޫންކަމަކަށް ނުވޭ. އެކަންކަން ކުރެއްވީ ކޮންކޮން ބޭފުޅުންނެއްތޯ؟ ދިވެހިރާއްޖޭގައި މިހާރު ނޭނގޭ ކަމެއް، ހަމަ އެއްވެސް މީހަކަށް ނޭނގޭ އެއްވެސް ކަމެއް ނޯންނާނެ. އެކަންކަން ކުރެއްވި ބޭފުޅުން އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީއަކީ، ރައްޔިތުންގެ ތާއީދު އެންމެބޮޑަށް ދިން ޕާޓީ. ރައްޔިތުން، މެންބަރުން ވަނުމަށްޓަކައި، އެންމެ ގިނަ ފޯމު ފުރިފައި އޮތް ޕާޓީއެއް އަޅުގަނޑުމެންގެ ޕާޓީއަކީ. އަދި ރައްޔިތުންގެ ފަރާތުން ޙައްޤުބަސް ބުނެ، ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް އަދި ދިވެހި ދައުލަތުގެ މިޞްރާބު ޖަހާނެ ދިމާ، އަމާޒު ހިފާނެގޮތް، ކަނޑައަޅައިދޭން އެންމެ ވަރުގަދަ މަޖިލީހެއްގެ ގޮތުގައި އަދި އެންމެ ވަރުގަދަޔަށް ވަކާލާތު ކުރެވޭ ތަނަކަށް މެންބަރުން ފޮނުވުމަށް، މުޅި ދިވެހިރާއްޖެއިން އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެ ބޮޑު ތާއީދެއް ދިނީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް. އެ އުފަލާއި، އެ ހިތްހަމަޖެހުމާއި، ރައްޔިތުންގެ ތާއީދާއެކީ އަޅުގަނޑުމެން މަސައްކަތްތަކެއް ފެށީ.

އެހެންވީމާ، އެ ލިބުނު ތާއީދު، ވޯޓަކުން ބޭރުން، އެނޫން އެހެންކަހަލަ ލައްޒަތާއި ހުށަހެޅުންތައް ހުށަހެޅިގެން، އެ މެންބަރުންތައް އަޅުގަނޑުމެންގެ ޕާޓީން ވަކިކޮށްގެން ގެންދިޔަ، އެކަންކަމުގައި އިސްކޮށްތިބި މީހުންނަކީ އަޅުގަނޑުމެންގެ ފިކުރަށް، އަޅުގަނޑުމެންގެ ޕާޓީއަށް، ދިވެހި ދައުލަތުގެ ހަމަޖެހުމާއި ދިވެހި ދައުލަތުގެ މަސްލަޙަތަށް، ކިހާވަރަކަށް ޣައްދާރުވެވުނު ބައެއްތޯ އަޅުގަނޑުމެން މިއަދު ކީއްވެތޯ ސުވާލު ނުކުރަންވީ؟ އަޅުގަނޑުމެން މި ސުވާލު ކުރަންޖެހޭ. އެއީ ދައުލަތެއް ހިންގުމަކީ ފަސޭހަކަމެއް ނޫން. ދައުލަތެއް ހިންގުމަކީ މިއަދު އެބަ އެނގޭ، ކޮމްޕިއުޓަރަކާއި ދެ ރިޒޯޓް ހިފައިގެނެއް، ބައެއް ފެކްޓްރީ އަޅައިގެން ކުރެވޭނެ ކަމެއް ނޫންކަން މިއަދު އެބަ އިހުސާސް ކުރެވޭ. އެއީ މިއަދު އަޅުގަނޑުމެންގެ ވިސްނުން ހުރީކީ މިދެންނެވި ހިސާބަކު ނޫން.

މިއަދު އަޅުގަނޑުމެންގެ ވިސްނުން މިހުރީ، މާލެއާއި ޒުވާނުންގެ އުންމީދުތަކާ ގުޅުވައިދޭ ޝަހަރާ ދޭތެރޭގައި ބްރިޖެއް އަޅަން. މިއަދު އަޅުގަނޑުމެންގެ ވިސްނުން މިހުރީ، ރ. އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އަޅަން. މިއަދު އަޅުގަނޑުމެންގެ ވިސްނުން މިހުރީ، އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅުގެ ހިތަދޫއާ ދޭތެރޭގައި، ނޫނީވިއްޔާ އައްޑުއަތޮޅުގެ ގަމާއި އައްޑުއަތޮޅުގެ ވިލިނގިއްޔާއި، އައްޑުއަތޮޅުގެ ހުޅުދޫމީދޫގެ ބައްރާ ދޭތެރޭގައި ބްރިޖެއް އަޅަން. އަޅުގަނޑުމެންގެ ވިސްނުން މިއަދު މިހުރީ، އަޅުގަނޑުމެންނަށް އާމްދަނީ މި ލިބޭ ދައުލަތުގެ މުއްސަނދިކަން ބަހައިލީމާ ލިބޭ އާމްދަނީ ތިންގުނަ ކުރުމުގެ ވިސްނުން. އަޅުގަނޑުމެން އެ ހިސާބަށް އެބަދަން. އަޅުގަނޑުމެން ވެރިކަމާ ހަމައަށް އައިއިރު، މިދެންނެވި އާމްދަނީގެ ނިސްބަތް މިއުޅެނީ ގާތްގަނޑަކަށް އެމެރިކާ ޑޮލަރުގެ ހަތަރުހާސް ޑޮލަރުގައި. މިއަދު އެ އަދަދަކީ ﷲގެ ރަޙްމަތާއެކީ ދިހަހާސް ޑޮލަރު. ދެން ކީއްވެގެންތޯ އަޅުގަނޑުމެން އިތުރު ޓަރމަކާއެކީ މިއަދަދު ވިހިހާސް ޑޮލަރަށް ޖައްސަން އަޅުގަނޑުމެންގެ ތެރެއިން ކޮން ރައްޔިތެއްތޯ ދެކޮޅުހަދާނީ؟

އަޅުގަނޑުމެންގެ ތަނަވަސްކަމަކީ، އަޅުގަނޑުމެންގެ ފަރުދުންގެ ތަނަވަސްކަމަކީ، ދައުލަތުގެ ތަނަވަސްކަމަކީ، އަޅުގަނޑުމެންގެ ފުދުންތެރިކަން. އަޅުގަނޑުމެން އެހެން ބަޔަކަށް ކަންކަމަށް އަބަދު އަބަދު ކިޔަންނުޖެހޭ ޝަރަފުވެރި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް ކުރެވޭ މަސައްކަތް. މި މަސައްކަތުގައި ކީއްވެގެންތޯ އަޅުގަނޑަށް ވޯޓު ނުދޭންވީ؟ މި މަސައްކަތުގައި ކީއްވެގެންތޯ ބައިވެރިނުވާންވީ؟ ކީއްވެގެންތޯ އިދިކޮޅުގައި އެ ތިއްބަވާ ބޭފުޅުން މިކަހަލަ ވާހަކަ ދައްކަވަން ކެރިވަޑައިނުގަންނަވަނީ؟ ކީއްވެގެންތޯ އިދިކޮޅުގައި ތިއްބަވާ ބޭފުޅުން މިހާރު މި އަންނަ ތަރައްޤީގެ މަޝްރޫޢުތަކަށް، އެ މަޝްރޫޢުތަކާ ބެހޭގޮތުން އެބޭފުޅުން ދެން އޭގެ މުޤާބިލުގައި، އޭގެ ބަދަލުގައި، ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަ ވިދާޅުނުވެވިގެން އެއުޅެނީ؟ އަދިވެސް ހަނދާނަށް އަންނަނީ، ފަޅު ގޮވާންކުރުން. އެހެންވެގެން، އޭރުގެ ހަނދާންތަކުގެ ތެރެއިން ހަމަ ހިރަފުސް ފޮޅާލާފައި، ޞަފްޙާ އެއްލައިލާފައި ބަލައިލާއިރު އެބަފެނޭ، މިޑްޓަރމް އިލެކްޝަނެއްގެ ވާހަކަ. އަނެއްކާވެސް އަޅުގަނޑުމެން މި ރުޖޫޢަވަނީ ހަމަ އެ މަފްހޫމަށް.

އެހެންވީމާ، މިއީކީއެއް އެއްގޮތަކަށްވެސް ޕީ.ޕީ.އެމަކަށް އޮޅުވައިލެވޭނެ ކަމެއްނޫން. ފަހަރުގައިވެސް، ފަޅި ސިކުންތަކަށްވެސް، އަޅުގަނޑުމެން ޣާފިލުވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ އުންމީދު މިވަނީ، ރައްޔިތުންނާއެކީ. އަޅުގަނޑުމެންގެ އުންމީދުތަކަކީ ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ހޯދައިދިނުން. އެހެންވީމާ، އަޅުގަނޑުމެން މިއަދު ޕީ.ޕީ.އެމް.ގެ އެންމެ ބައިބޮޑު އަތޮޅަށް އައިސް ވާހަކަ ދައްކާއިރު، ޕީ.ޕީ.އެމް.ގެ މި ހިނގައިދިޔަ ދިގު ރާސްތާ، ނޫނީވިއްޔާ ކުރު ރާސްތާގައި އަޅުގަނޑުމެން ހިނގައި މިދިޔަ އުނދަގޫ ދަތުރު އަޅުގަނޑުމެން ޚިޔާލަށް ގެންނަން އެބަޖެހޭ. ޚިޔާލަށް ގެންނައިރު އަޅުގަނޑު ކުރާ ސުވާލަކީ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވަކި ފިކުރެއް އެބައޮތްތޯއޭ؟ ކުރީގައި އަޅުގަނޑުމެން ހިތަށްއަރާ، ސިޔާސީ ވަކި ދެ ފިކުރެއް އޮތޭ. މިއަދު ޕީ.ޕީ.އެމް.ގެ އާންމު މެންބަރުން އެންމެ ގިނަ އަތޮޅު އަދި ޕީ.ޕީ.އެމް.އަށް އެންމެ ބޮޑު ތާއީދެއް ދެއްވާ އަތޮޅުގައި މި ސުވާލުކުރަންޖެހޭ ސަބަބަކީ، އިންތިޚާބުތައް އަޅުގަނޑުމެންނާ ކުރިމަތިލާތީ. މި ދާއިރާގެ އިންތިޚާބު މިއޮތީ ކުރިމަތިލާފައި. އަޅުގަނޑު ބޭނުންވޭ، މި ދާއިރާއިން ޕީ.ޕީ.އެމް.ގެ ކެނޑިޑޭޓެއް ހޮވެން. އަދި ވާދަކުރައްވާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ހަމަޖެހޭ އުސޫލެއްގެ މަތިން ކެނޑިޑޭޓަކު ދެއްކެވީމާ އެއްގޮތަކަށްވެސް ތިޔަބޭފުޅުން ޖާގަނުދެއްވާ. އަޅުގަނޑުމެންގެ މީހަކު އަމިއްލަ ހައިސިއްޔަތުން ނުކުމެ ވާދަކޮށް އަޅުގަނޑުމެންގެ ގޮނޑި އަޅުގަނޑުމެންގެ ތެރެއިން ގެއްލުވައިލަން، މިއަށް ޖާގަ ނުދެއްވާ! އަޅުގަނޑުމެންނަށް މިވާގޮތަކީ އަބަދުވެސް މަވެތި ސިފަތައް އިސްކުރެވެނީ. އަޅުގަނޑުމެންނަކަށް އެއްގޮތަކަށްވެސް މިއީ ކިހާވަރެއްގެ މުހިންމު ކަމެއްކަމެއް ޚިޔާލަށް ގެންނާކަށް ބޭނުމެއްނުވޭ. ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަމެއް، އެ އޮންނަ ނިޒާމުގެ ތެރެއިން ނުވެއްޖެ ކަމަށްވަންޏާ އަމިއްލަގޮތް އިޚްތިޔާރު ކުރާތަން އަޅުގަނޑުމެންނަށް މިފެންނަނީ. އެއީކީ އުސޫލެއް ނޫން.

މިހާރު އެންމެ ފުރަތަމަ އަޅުގަނޑުމެން ދައުލަތް ދެކެ ލޯބިވަންޏާ، އަޅުގަނޑުމެން ތިބި އުސޫލުގައި ހިފަހައްޓަން ބޭނުންވަންޏާ، އަޅުގަނޑުމެންގެ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް އެންމެ އިސްވާންޖެހޭނީ ޕާޓީ. ޕާޓީއަކީ ނަމުން ޕީ.ޕި.އެމް. އެކަމަކު ފިކުރާއި އުސޫލުން އެއީ އެންމެ ވަރުގަދަ އުސޫލުތައް ލިޔެވިފައި އަދި އެންމެ ވަރުގަދަޔަށް މަޞްލަޙަތާއި ޞުލްޙަވެރިކަމާއި، އަދި ރާއްޖޭގެ ތަރައްޤީއާއި ރާއްޖެ ކުރިއަށްދާން ބޭނުންވާވަރުގެ މަގުޗާޓު އެންމެ ފުރިހަމައަށް އެކުލަވައިލައިފައި އޮތް ދުސްތޫރެއް އޮތް ޕާޓީއަކީ ޕީ.ޕީ.އެމް. އަޅުގަނޑުމެންގެ ޕާޓީގައި ޝަރަފުވެރި ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑަކީ މިވަގުތު މުސްތަޝާރު. އަޅުގަނޑާއެކީ މިތަނުގައި ޕާޓީގެ ނައިބު ރައީސް އެބަ އިންނެވި. އަދި ޕާޓީގެ ޢިއްޒަތްތެރި މެންބަރުން އެބަތިއްބެވި ތިޔަބޭފުޅުން އިންތިޚާބު ކުރެއްވީމާ. މާދަމާވެސް އަޅުގަނޑުމެންނަކީ ޕާޓީގެ މެންބަރުންނެއް ނޫން، އަޅުގަނޑުމެންނަށް އިންތިޚާބުގައި އެ ތާއީދު ނުދެއްވައިފިއްޔާ.

އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީއަކީ މިކަހަލަ ވަރުގަދަ އުސޫލުތަކެއްގެ މަތީގައި އޮތް ޕާޓީއެއް. އަޅުގަނޑުމެންގެ ޕާޓީއަކީ ރިޔާސީ އިންތިޚާބަށްވެސް އަޅުގަނޑުމެންގެ ތެރޭގައި ކުރިމަތިލާން ތިބި އެތައް ބަޔަކު ތިބެއްޖެ ކަމަށްވަންޏާ، ރައްޔިތުންނާ ހަމައަށް ގޮސްގެން އެކަމުގައި ރައްޔިތުން އެންމެ އިސްކުރާ މީހަކަށް އެ ފުރުޞަތުދޭ ބައެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ދިވެހި ދައުލަތަކީ އަމާން، މަޞްލަޙަތަށް ލޯބިކުރާ، އިސްލާމްދީނަށް ލޯބިކުރާ، އަދި ބޭރުގެ ނުފޫޒުތަކުން އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރާވަރުގެ ދައުލަތަކަށް އަދި ޝަރަފުވެރި އަބުރުވެރި ދައުލަތެއްގެ ގޮތުގައި އަބަދުވެސް އޮވެވޭ ދައުލަތަކަށް ހެދުމަށްޓަކައި. މިކަން ކުރާއިރު، މި ދެންނެވި ނަޒަރިއްޔާއިން ވިސްނާއިރު، ތިޔަބޭފުޅުން ވިދާޅުވެދެއްވާ! އަޅުގަނޑު ކައިރީގައި، ރާއްޖޭގެ ސިޔާސީ ވަކި ފިކުރެއް އެބައޮތްތޯ؟ ނެތެއް ނޫންތޯ؟ ވަކި ފިކުރެއް ނެތޭ. އެއްބަޔަކާ ދިމާއަށް އެއްޗެހި ކިޔާ، އަބަދު ބަދުބަސް ބުނެ، މަލާމާތްކޮށް، އަދި ސިޔާސީގޮތުން ރައްދުދީ ހުރިހާ އެންމެން އެތިބީ، އެއް ދޯންޏަށް އަރާ. އެހެންވީމާ، އަދިވެސް ވަކިން ރައްޔިތުންގެ ޙައްޤުގައި ސާބިތުކަންމަތީގައި ޢަޒުމަށް ބަދަލެއް ނައިސް، މިޞްރާބު ނޯޅި، އަމާޒު ޔަޤީންކޮށް އޮތް ޕާޓީއަކީ ޕީ.ޕީ.އެމް. އެ ސަބަބަށްޓަކައި، މި ޕާޓީ ބަލިކުރުމަށްޓަކައި އެހެން ހުރިހާ އެންމެން އެއްގަލަށް އަރަނީ.

އެހެންވީމާ، މިއީ ޕީ.ޕީ.އެމް.ގެ އެންމެ ބައިބޯ އަތޮޅުގައި އިންތިޚާބުތަކެއް ކުރިމަތިވެ ބޯމަތިވެގެން އަންނައިރުގައި ތިޔަބޭފުޅުން ވިސްނަވަންޖެހޭ ކަމެއް. މި ދާއިރާގެ ގޮނޑި ޕީ.ޕީ.އެމް.އަށް ނުލިބުމަކީ އަޅުގަނޑު އިންތިހާއަށް ހިތާމަކުރާނެ ކަމެއް. އެހެންވީމާ، ރައްޔިތުންގެ އުންމީދުތަކެއް ތިޔަވަނީ އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓުން ކުރާ މަސައްކަތްތަކާ ލާމެހިފައި ކަމަށްވަންޏާ، މިކަމުގައި އަޅުގަނޑު އެދޭގޮތަށް މިކަން ކޮށްދެއްވުމަށް އަޅުގަނޑު އެދެން ހަމަ. އެއީ އަޅުގަނޑުމެންގެ ތަރައްޤީ ކަށަވަރުކުރެވޭނެ ކަމަކީ. އަދި އެއީ އަޅުގަނޑު މިދެންނެވި ކަހަލަ އަސާސްތަކެއް، ނޫނީވިއްޔާ އަޅުގަނޑު މިދެންނެވި ކަހަލަ ވަރުގަދަ ސިފަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެ، އަދި އެއަށް ބަދަލެއް ނުގެނެވޭނީ، މި ދެންނެވި ގޮތަށް ކަންތައް ކުރެވިގެން.

އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ފިކުރުގެ ވާހަކަ ދައްކާއިރު މި ދަންނަވަނީ، މި ފިކުރުތަކަށް ބަލާކަމަށްވަންޏާ އަޅުގަނޑުމެންގެ ޕާޓީގައި މިދިމާވި މައްސަލަތަކާއި، އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ތިބި އަޅުގަނޑުމެންގެ މެންބަރުން މިގޮތަށް އަޅުގަނޑުމެންގެ ތެރެއިން ކަހާލައިގެން، ލޭނު ދަލެއްގައި މަސް ގެންދާގޮތަށް ގެންދާ އުސޫލަކީ، އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. އެކަން ކުރެއްވި މެންބަރުން އެކަމާ ލަދުވެތިވާންޖެހޭނެ. އެކަން ކުރެއްވި މެންބަރުން ގަބޫލުކުރައްވަންޖެހޭނެ، އެ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން މާފަށް އެދިވަޑައިގަންނަވަން. އަދި އެ މެންބަރުން ރައްޔިތުންގެ ތާއީދު އަދިވެސް އޮތްތޯ ބައްލަވައިލައްވަން، އެ މެންބަރުން ވަޑައިގަންނަވަން އެބަޖެހޭ. މިހާ ހިސާބަށް ކަންތައް ދިޔައިމާ، ދައުލަތުގެ މަޞްލަޙަތު އެންމެ ބޮޑަށް ޙިމާޔަތް ކުރުމުގެ ފަހު ބާރު، ފަހު ބަސް ބުނާ ފަރާތަކީ، ސުޕްރީމް ކޯޓަށްވާތީ މިކަން ނިންމީ. ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކުގައި، އަޅުގަނޑުމެން ދިވެހި ރައްޔިތުން އެއާ ދޭތެރޭގައި ޖަދަލުކޮށް ވާހަކަ ދެއްކުމުގެ ބާރެއް އަޅުގަނޑުމެންނަކަށް ނޯވޭ. އެކަން ނުކުރާ ވާހަކައެއް ނޫން. އެކަން ކުރާނެ ދޮގެއްތޯ؟ އެކަން ކުރާނެ. އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަކުރާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެހެންވީމާ، ސުޕްރީމް ކޯޓުން ނިންމާ ޙުކުމަކަށް ބަދުބަސް ބުނާ މީހުން މަދެއްނުވާނެ. އެކަމަކު އެއީ އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ހަމަ. ތަހުޒީބު މުޖުތަމަޢެއްގައި ގަބޫލުކުރާ ހަމަތަކެއް ހުންނަންވާނެ.

2008 ވަނަ އަހަރު އެތަކެއް މަސައްކަތާއި އެތަކެއް އަހަރަކަށްފަހު، އަޅުގަނޑުމެން ޤާނޫނުއަސާސީއެއް ގެނައިރު ކީކޭތޯ، އަޅުގަނޑުމެންގެ ލީޑަރުން ބުނީ؟ އެހެންވީމާ، މި ދެންނެވީ ސިޔާސީ ވަކި ފިކުރެއް އެބައޮތްހޭ؟ އަޅުގަނޑުމެންގެ ލީޑަރުން ވިދާޅުވީ، އެންމެ ވަރުގަދަޔަށް އެ ޤަނޫނުއަސާސީ ގެންނަވަން މަސައްކަތް ކުރެއްވި ލީޑަރުން ވިދާޅުވީ، އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވީ، މިއީ މިއަދުގެ ދުނިޔެއަށް ނޭވާލުމަށްޓަކައި ކޮންމެހެން އަންނަންޖެހޭ އެންމެ ތަހުޒީބު އެންމެ މިޒަމާނުގެ ޤާނޫނުއަސާސީއޭ. ޝައްކެއްވެސްނެތް، އެއީ އެކަން އޮތީ އެގޮތަށް. ވަރަށް ތަހުޒީބު، ވަރަށް ވަރުގަދަ ޤާނޫނުއަސާސީއެއް. އިދިކޮޅަށް އޭރުވެސް މަސައްކަތް ކުރެއްވި ލީޑަރު ވިދާޅުވީ ކީކޭތޯ؟ މިއީ އިންޤިލާބުގެ ތެރެއިން ތިމަންނަމެން ހޯދި ޤާނޫނުއަސާސީއެކޭ. މާނައަކީ ލޭ އޮހޮރުވައިގެން، ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެން، ދުވަންޖެހުނު ކޮންމެ މޭލެއް ދުވެގެން، ތިމަންނަމެން ހޯދި ޤާނޫނުއަސާސީއެކޭ. ޤާނޫނުއަސާސީގެ ބާރުތަކެއް ވަކިކޮށްފައި އެބަހުރި. ރައްޔިތުން އެދޭގޮތް އެއީ. ޤާނޫނުއަސާސީގެ މުއައްސަސާތަކަކާއި، މުއައްސަސާތަކާ މަތިކޮށްފައި އޮތް ޒިންމާތަކެއް އެބަހުރި. ރައްޔިތުން އެދުނުގޮތް އެއީ އޭރު އެދިގެން ގެނައި ޤާނޫނުއަސާސީ. އަތުން ފައިން، ލޮލާއި ބޮލުން އެދިގެން އަޅުގަނޑުމެން ގެނައި ޤާނޫނުއަސާސީ. މިއަދު އެ ޤާނޫނުއަސާސީ ރަނގަޅުވެއްޖެތޯ؟ އެ ޤާނޫނުއަސާސީއަކީ މިވެނިގޮތަކަށް ގެނެވުނު ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ޤާނޫނުއަސާސީއޭ، އޭރު ވިދާޅުވަމުން ގެންދެވި ލީޑަރުންނަކަށް، މިއަދު އެ ޤާނޫނުއަސާސީން މަތިކޮށްފައި ހުރި ޒިންމާތައް، އެ މަސްއޫލިއްޔަތުތައް އުފުލާ މުއައްސަސާތަކާ ދޭތެރޭގައި އެ ބޭފުޅުން ވިދާޅުވަނީ ބަދުބަސް.

އެހެންވީމާ، މީގައި ސިޔާސީ ފިކުރުގެ ވިސްނުމެއްގެ ކަންފުޅެއްވެސް ނެތް. މިއުޅެނީ އެހެން ކޮންމެވެސް އަމިއްލަ މުހުތާދުތަކެއް ނުފުދިގެން އުޅޭ ވާހަކަތަކެއް މި އަންނަނީ. އެހެންވީމާ، ވަރަށް ރަނގަޅު ވެރިކަމުގެ ލައްޒަތުގެ ވާހަކަ ދެއްކުން. އެއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް ޖާއިޒު ވާހަކައަކަށް ވެގެންދޭ. އެހެންނޫނީ ދައްކަންވީ އުސޫލުތަކެއްގެ ވާހަކަ. އުސޫލުތަކެއްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ޤާނޫނުއަސާސީން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ޝަރުޢީ ދާއިރާއާ މަތިކޮށް، އެންމެފަހުގެ ނިޔާ އިއްވާ ތަނަކަށް ސުޕްރީމް ކޯޓު އޮތްއިރު އަޅުގަނޑުވެސް ގަބޫލުކުރަންޖެހޭ، ސުޕްރީމް ކޯޓުން ނިންމި ޙުކުމަކީ އަޅުގަނޑުގެ މައްޗަށް އަބަދާމެ އަބަދު އެ މުއްދަތު ހަމަވަންދެން ދެމިގެންދާނެ ޙުކުމެއްކަން.

އެހެންވީމާ، އަޅުގަނޑު މިރޭވެސް ދަންނަވާލަން ބޭނުންވަނީ، ކޮބައިތޯއޭ، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވަކި ފިކުރެއް އެބައޮތްތޯއޭ؟ ސިޔާސީ ފިކުރެއް ނެތް. މިއަދު އަޅުގަނޑު ސިޔާސީ ފިކުރު، ހަމަ އަޅުގަނޑު މިއަދު އަޅުގަނޑުގެ ވިސްނުމުން ހަމަ ދަމާލަން ބޭނުންވާ ރޮނގަކީ، ނޫނީވިއްޔާ ތަޢާރުފުކުރަން ބޭނުންވާ މަފްހޫމަކީ، އިޞްޠިލާޙަކީ ތަރައްޤީއާއި، ތަރައްޤީއަށް ހުރަސްއެޅުން. އެއީ ސިޔާސީ ވަކި ފިކުރެއް އޮތް ތަނެއް ނޫން މިއީކީއެއް. ސިޔާސީ ފިކުރު އޮތްނަމަ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު، ސިޔާސީ އެހެން ކޮންމެ ލީޑަރަކު، އެބޭބޭފުޅުންގެ ވެރިކަމާ ދޭތެރޭގައި ވިދާޅުވި ފާޑުވިދާޅުވުންތައް، މިއަދު އެބޭފުޅުންނަށް އެބޭފުޅުންގެ އަޑުފުޅުން، އެބޭފުޅުން ދެއްކެވި ވާހަކަފުޅުތައް އެބޭފުޅުންނަށް އިވިވަޑައިގަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ހިތެއް ނުބުނޭ، އެއިން ބޭފުޅަކު ގެއިން ބޭރަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެއެކޭ. މިކަން ޖެހޭނީ ތަންކޮޅެއް ގިނަގިނައިން ފަލާޙު ހަނދާން ކޮށްދެއްވަން. އޭރަށް އަޅުގަނޑަށް ހީވަނީ މިބޭފުޅުން ހަމަޖެހޭނެ ކަންނޭނގެ.

އެހެންވީމާ، ރާއްޖޭގައި މިހާރު މިއޮތީ ދެ ފިކުރެއް. އެއީ ރާއްޖެ ދާން ބޭނުންވާ އެންމެ އުސްމިނަށް ދާން ބޭނުންވާ ތަރައްޤީގެ މަގު އިޚްތިޔާރު ކުރާނީތޯ؟ ނޫނީވިއްޔާ ރާއްޖޭގައި ތިބި ހަތަރުއަނގޮޅި ކަންމަތީގައި ހަމަ ނުމިއެނުދިރި އަބަދުވެސް ތިބޭނީތޯ؟ ބަލި ދަރިޔަކު ގޮވައިގެން އުޅުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އެއީވެސް ﷲގެ ނިޢުމަތް. ﷲގެ ނިންމެވުން. އެހެންވީމާ، މި މަސައްކަތް ކުރާނެ. އެކަމަކު އަޅުގަނޑުމެންނަކީ އަބަދުވެސް އުންމީދާއި އަޅުގަނޑުމެންގެ ދިރިއުޅުމަށް އާރޯކަމާއި، ރާއްޖެއަށް ތަހުޒީބާއި، ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެންނަން މަސައްކަތް ކުރާނެ ބައެއް. އެހެންވީމާ، 60 އަހަރުގެ ތެރޭގައި، ޙުސައިން އަފީފް އަޅުގަނޑު ކައިރީ ވިދާޅުވި، އަޅުގަނޑެއް ނޫން އޭރު ހުންނާނީކީ ޝައްކެއްވެސްނެތް. ޤާނޫނުއަސާސީގެ ދެ ދައުރު މި ދެނީ. އެހެންނޫނަސް އަޅުގަނޑެއްވެސް ބޭނުމެއްނުވޭ، ދޮށީ އުމުރަށް ދިޔައިމާ އެއްގޮތަކަށްވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ކަމަކަށް. އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމާ،  60 އަހަރުގެ ތެރޭގައި ދެނެއް މި ދާއިރާއަކުން ވިދާޅުވާނެ ކަންތައްތަކެއް މަދެއްނުވާނެ. އޭރު އަޅުގަނޑުމެންގެ ވިސްނުން ހުންނާނީ ކޮންކަހަލަ ކަންތަކާ ދޭތެރޭގައިތޯ؟ އަޅުގަނޑު ހަމަ މިރޭ އޭގެވެސް މާ ތަފްޞީލެއް ދަންނަވާކަށް ނެތިން.

އެކަމަކު، އަޅުގަނޑު އަނެއްކާވެސް ރައްޔިތުންގެ އަރިހަށް މި އަންނަނީ، ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރަން މިއުޅެނީ، އަނެއްކާވެސް އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ އުންމީދުތަކެއްގައި ރައްޔިތުން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ވިސްނާ ވިސްނުންތަކެއްގެ ކުރެހުމަކާއެކީ. އެ ކުރެހުން، ރައްޔިތުން ބަލައިގަންނަވައިފި ކަމަށްވަންޏާ، އެ ކުރެހުމުގައި ކުލަޖެއްސުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް. އަޅުގަނޑު ކުރެހި ކުރެހުމުގައި ޒުވާނުންނަށް ޚާއްޞަކޮށްފައި އޮތް ދާއިރާގައި، ހަމަ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ފުދި ނިމުނީ. ދޮށީ ރައްޔިތުންނަށް އަޅުގަނޑު ކޮށްދޭން ބުނި ކަންތައްތައް އިރާދަކުރެއްވިއްޔާ، ދޮށީ ރައްޔިތުން ހިއްސާ ކުރައްވަމުން އެ ގެންދަވަނީ. އެހެންވީމާ، ކިތަންމެ އަގުބޮޑުވިޔަސް އަދި ކިތަންމެ ފާޑު ވިދާޅުވިޔަސް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ހަމަ މުސްކުޅި ބޭފުޅުންނަށާއި، ދޮށީ ރައްޔިތުންނަށާއި އަދި މިކަމަށް ފާޑުވިދާޅުވާ ހުރިހާ ބޭފުޅުންނަށް އެކަންކަން ވާނެ.

މިއަދު އަޅުގަނޑަށް އަންނަ ޝަކުވާއަކީ، ކަންކަން ނުވުމެއް ނޫން. މިއަދު އަޅުގަނޑަކަށް ނާދޭ އެއްވެސް ރަށެއްގެ އިންޖީނުގެ ނެތިގެނެއް. ކަރަންޓު ނެތިގެނެއް ނާދޭ. މިއަދު އަންނަ ޝަކުވާއަކީ ތިހިރީ ހުރިހާ އިންޖީނުތަކެއް ބެހެއްޓިފައޭ. ކުރީގައި އަޅުގަނޑުމެން ޚިޔާލުކުރަނީ ކިހިނެއްތޯ؟ 6 ގަޑިއިރު ކަރަންޓު ދީފައި ކަނޑާލާ ވާހަކަ ދައްކަނީ. މިއަދު އަޅުގަނޑުމެންގެ ދަރިންނެއް ފާނޫޒު އައްޔަކު، ބިގަރު އައްޔަކު ނުކިޔަވާނެ. މިއަދު ކިޔަވާނީ އިރާދަކުރެއްވިއްޔާ، ހަމަ ކަރަންޓު އަލީގައި. އެކަން ކަށަވަރުކޮށްދިނީ މި ޒަޢާމަތު. ހަމަ އެހެންމެ ދުރު ރަށްރަށުގައި، ކުދި އާބާދީތަކުގައި ސަރުކާރުގެ ބޭސްފިހާރައެއް ނެތީމާ ރައްޔިތުން ތަޙައްމަލު ކުރަމުން ގެންދިޔަ ބޮޑު އުނދަގޫ، އުފުލަމުންދިޔަ ބޮޑު ބުރަ، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ ނޫންތޯ؟

ކުރިން އަޅުގަނޑުމެން ބުނަމުން ދިޔައީ، ނޫނީވިއްޔާ އަޅުގަނޑުގެ ވާދަވެރިން ބުނަމުން ދިޔައީ، ބޭސްފިހާރަ ނެތޭ. މިއަދު އެވާހަކައެއް ނޫން އެ ދައްކަނީ. މިއަދު ދައްކާ ވާހަކައަކީ ބައެއްކަހަލަ ބޭސް ނެތޭ. ދެން ވިދާޅުވޭ، ދުނިޔޭގައި ތިބި އެންމެ ފަންނުވެރި މީހުން، އެންމެ މޮޅަށް ބޭސް އުފައްދާ މީހުން ބޭސް އުފެއްދިޔަސް، މި ބޭބޭފުޅުންގެ ސިކުނޑިޔަށް މިޖެހިގެން އުޅޭ ބަލި ފިލުވައިލެވޭނެ ބޭހެއް އަޅުގަނޑަށް އުފެއްދޭނެތޯ؟ އެކަމެއް ނުވާނެ އަޅުގަނޑަކަށް. އެހެންވީމާ، އެ ބޭސް ނުލިބޭ ވާހަކަ މިދައްކަނީ. އެބޭހަކީ އަދި ﷲ އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތަކަށް އިލްހާމް ކުރައްވާނެ ބޭހެއް. އެ ހިސާބުން އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އަމާން ދިވެހިރާއްޖެއަކާއެކީ އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާކުރާނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.