بســم اللّـه الرّحمـن الرّحيــم 


ޔޫ.އޭ.އީގައި، އެމިރޭޓްސްގައި މަސައްކަތް ކުރައްވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން، އަދި މިތަނުގައި ކިޔަވައިވިދާޅުވާން އުޅުއްވާ ދިވެހި ލޮބުވެތި ރައްޔިތުން؛


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، މިރޭ ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ލިބޭ މި ފުރުޞަތަކީ، އަޅުގަނޑަށް ވަރަށް އުފާވެރިކަމެއް ލިބިދޭ ފުރުޞަތެއް. ދެންމެ އެމްބެސެޑަރ ނިޔާޒުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތުން، ވަރަށް ދުރުން ދަތުރުކުރައްވާފައި ވަޑައިގެންނެވި ބޭފުޅުންވެސް މިތާނގައި އެބަ ތިއްބެވި. އަދި އެއަށްވުރެވެސް އުފާވާކަމަކީ، ޝައުޤުވެރިކަމާއެކީގައި އަޅުގަނޑާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާކަން ދައްކައިދޭކަމެއް. އަދި އެއަށްވުރެވެސް އުފާވާކަމަކީ، ދެންމެ ސަފީރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ ދިވެހިރާއްޖެ ވަރަށް ރަނގަޅަށް ތަމްސިލުކޮށްދޭ ސަފީރުންތަކެއްގެ ގޮތުގައި ތިޔަބޭފުޅުންގެ ހަރަކާތްތައް ހުރިކަމަށް. އެއީ ވަރަށް ވާދަވެރި ވަޒީފާގެ ފުރުޞަތުތަކެއްގައި މަސައްކަތްކުރައްވާ ދިވެހިންކޮޅެއް މި އުޅުއްވަނީ. އެހެންނަމަވެސް، ހަމައެއާއެކީގައި ތިޔަބޭފުޅުންގެ އެމްޕްލޮޔަރުންގެ ފަރާތުން މި ލިބެނީ ހަމަ ތަޢުރީފުގެ ބަސްތައް.


ދެން އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ބައްދަލުކޮށްލާފައި ފުރަތަމަ، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު މި ދަންނަވަނީ އަޅުގަނޑާ ބައްދަލުކޮށްލައްވަން ތިޔަބޭފުޅުން ވަޑައިގަތީމާ.

 

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނާ އެމިރޭޓްސްއާ ދޭތެރޭގައި މިއަންނަ އަހަރަކީ 40 ވަނަ އަހަރު ސިޔާސީގުޅުން އުފެދިގެން ހިނގާތާ. އެހެންނަމަވެސް އަޅުގަނޑުގެ މި ދަތުރާއެކީ، މި ދަތުރުކުރަން މަސައްކަތްކުރާތާ ދުވަސްކޮޅެއްވެސް ވެއްޖެ. އެހެންނަމަވެސް، އަރަބި ދުނިޔޭގައި ކަންތައްތައް ކުރަންޖެހޭ ގޮތަކީ އަމިއްލަ ގުޅުން އުފައްދައިގެން ޤައުމުތަކުގެ ވެރިންނާ އަމިއްލަ ގުޅުން އުފެއްދޭނެ ކޮންމެވެސްކަހަލަ ވަސީލަތެއްގެ ތެރެއިން ދަތުރެއް ކޮށްފިކަމަށްވަންޏާ ލިބޭ ފައިދާތަށް މާބޮޑު. ހަމަ ރައީސަކު އައިސްފައި، ޒިޔާރަތްކޮށްފައި ދާދިއުމަށްވުރެން. އެހެންވީމާ، އެ މަސައްކަތުގައި އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ތައްޔާރުވަމުން އައީ. އައިސް އިރާދަކުރެއްވިއްޔާ މި ދަތުރަކީ ހަމަ ވަރަށް އުފާވެރި، ވަރަށް ރަނގަޅު ނަތީޖާތަކެއް ނުކުތް ދަތުރަކަށް އެބަވެގެންދޭ.


އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރާއްޖެއަށްހުރި ގޮންޖެހުންތަކާއެކީ އަޅުގަނޑުމެންގެ ސަފީރުންގެ ގޮތުގައި ތިޔަހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާއިރު، ޔޫ.އޭ.އީ.ގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ފިލާވަޅުތަކެއް އެބަހުއްޓޭ. އެންމެ ފުރަތަމަ ކަމަކީ، އެއްގޮތަކަށްވެސް މިތަނުގެ ސިޔާސީ އެއްވެސް ކަމަކާ ބެހެން އަޅުގަނޑުމެން މަސައްކަތްކުރާކަށް ނުވާނެ. އެއީ މިތަނުގެ ދާޚިލީ ކަމެއް. އަޅުގަނޑުމެން އެއަށް ފާޑުކިޔައި އަދި ޓްވީޓަރގައި، ސޯޝަލްމީޑިއާގައި، އެއްވެސް ވަސީލަތެއްގައި އެކަހަލަކަމެއް ނުކުރުމަކީ ވަރަށް އެދެވިގެންވާ ކަމެއް. އެހެންނަމަވެސް، ކިޔަވާ ކުދިންނަކީ ކިޔަވާކުދިން ކަމަށްވެފައި، މަސައްކަތުގައި އުޅޭ ޒުވާނުންނަކީ ޒުވާނުން ކަމަށްވާތީ ހަމަ ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް ހަރަކާތްތެރިވެވޭ. އެކަމަކު ޤައުމުތަކުގައި އެބަހުރޭ ނިޒާމުތައް، ނޫނީވިއްޔާ އެތަންތަނުގައި މަސައްކަތްކުރާ މީހުން ދެނެގަންނާނެ ގޮތްތައް ހުރޭ. އެހެންވީމާ، ރަނގަޅު ސަފީރުންގެ ގޮތުގައި މިހާތަނަށް މަސައްކަތް ކޮށްދެއްވާފައި ހުރީމާ، އެ ރީތިނަމާއި ޝަރަފު ދިވެހިރާއްޖެއަށް ހޯއްދަވައި ދެއްވުމަކީ އަޅުގަނޑު ހަމަ ވަރަށް އުފާވާ ކަމެއް. އަދި ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާކަށްވެސް ނުޖެހޭނެ، ތިޔަބޭފުޅުން މިތާ ތިއްބެވުމަށް އިތުރަށް ލިބިގެންދާނެ ހިތްވަރަކަށް ވެގެންދާނެ.


ހަމަ މިގޮތަށް ވާހަކަދައްކާ ދެވަނަ ނުކުތާއެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް މިއަދު ފޭސް މިވާ ޗެލެންޖްތަކުގެ ތެރޭގައި، ހުރި ކަންކަމުގެ ތެރޭގައި އެބަހުރި ދިވެހިރާއްޖޭގެ ޙަޤީޤަތާ ޚިލާފަށް ނޫނީވިއްޔާ، ދިވެހިރާއްޖޭގެ ކަންކަން ހުންނަވަރަށްވުރެ ބޮޑަށް ޕްރޮޕޯޝަނުން ނައްޓާލައިގެން ދެކެވޭ ވާހަކަ. އޭގައި، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ސިޔާސީ މީހުން، ޑިޕްލޮމެޓުން އައިސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާނެ. އެކަމަކު އެންމެ ރަނގަޅު މެސެޖެއް ދެވޭ ބަޔަކަށް ވާނީ، އެ ޤައުމެއްގައި ދިރިއުޅޭ އާދައިގެ އާންމު ރައްޔިތުން. އާދައިގެއޭ މި ދެންނެވީ، ސިޔާސީގޮތުން ދައުލަތެއް ދިފާޢުކުރަން ނުޖެހޭ، އަދި އޭނާ އަދާކުރަމުންދާ ވަޒީފާއެއްގެ ގޮތުން އެއްވެސްކަހަލަ ގޮތަކަށް ދައުލަތް ދިފާޢުކޮށް އެއްޗެއް ބުނަންނުޖެހޭ މީހަކު. އެމީހާގެ ދުލުން ނޫނެކޭ ދިވެހިރާއްޖެއަކީ ތިކަހަލަ ތަނެއްނޫނޭ، ހަމަ ހަޤީޤަތުގައިވެސް ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެކޭ، އަދި ދިވެހިރާއްޖޭގެ ކަންކަން ހުންނަ ގޮތްކަމަށް ބޭރުގެ ބައެއް ފަރާތްތަކުގައި އެ ދައްކާ ވާހަކައަކީ އެއްގޮތަކަށްވެސް އޭގައި އަސާސެއް، ނޫނީ އެވަރުގެ ޙަޤީޤަތެއް ހިމެނޭ ވާހަކައެއް ނޫނޭ. އެގޮތަށް ސަރުކާރަށް ނޫނީވިއްޔާ ސަރުކާރުގެ ސިޔާސަތުތައް ޑިފެންޑްކުރަން ނުޖެހޭ މަސައްކަތްކުރައްވާ ބޭފުޅުން އަދި ކިޔަވާ ކުދިންވެސް ތިޔަކުދިންނާ، ތިޔަބޭކަލުންނާ ބައްދަލުވާ ފަރާތްތަކަށް މި ވާހަކަ ދައްކައިދޭ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ތަޞައްވުރު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދާނެ.


އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ބޯޑަރުތަކަކީ ހަމަ ވަރަށް ހުޅުވައިލެވިފައިހުރި ބޯޑަރުތަކެއް. އެހެންވީމާ، ފަސޭހަކަމާއެކީ ވިޔާނުދާކަމެއް ކުރަން ޚިޔާލުކުރާ ބަޔަކަށް ވެއްޖިއްޔާ ކަންކަން ކުރެވިދާނެ ފުރުޞަތުތަކެއް ތަނަވަސް ވެދާނެގޮތަކަށް އުފެދިފައި އޮތް ރަށްތަކެއް، އަޅުގަނޑުމެންގެ ރަށްތަކަކީ. އަޅުގަނޑުމެން މިއަދުގެ ދުނިޔޭގައި އެންމެ ވަރުގަދަޔަށް ދިވެހިރާއްޖެއާ ދޭތެރޭގައި ބަދުނާމުވަމުން އަންނަ އެންމެބޮޑު ކަމަކަށް މި އޮންނަނީ، ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާފައި ހުރި ޚިޔާލުގެ މީހުން އުޅޭ ވާހަކައާއި، އަދި އެމީހުންގެ ފަރާތުން ސީރިޔާއަށާއި އަދި މިނޫންވެސް އެހެން ތަންތަނަށް ދިވެހީން އެބަ ދިވެހިރާއްޖެއިން ރެކްރޫޓްކޮށްގެން ބޭރަށްގެންދާ ވާހަކަ. މިއީ އޭގެޒާތުގައި ސަރުކާރަށްވެސް ޖަވާބުދޭކަށް މާފަސޭހަ ވާހަކައަކަށްނުވޭ. އެއީ ސަރުކާރުން މަސައްކަތްކުރަނީ މިކަހަލަ ކަންކަމުގައި ދިވެހީން ބައިވެރިވިޔަ ނުދޭން.


އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީ ވިސްނުމުގެ ގޮތުން، ވާހަކަ ދެއްކުމުގެ ގޮތުން، ޚިޔާލުފާޅުކުރުމުގެ ގޮތުން، ދަތުރުފަތުރު ކުރުމުގެ ގޮތުން، މިކަހަލަ ބައެއް ޤައުމުތަކުގައި އަޅުގަނޑުމެން މިހާރު މިތިބަ ޤައުމުކަހަލަ ބައެއް ޤައުމުތަކުގައި ހަދާފައި އޮންނަކަހަލަ ޤާނޫނާއި އަދި ސެންސަރޝިޕްގެ ގޮތުން އެ ކުރާ ބައެއްކަހަލަ ކަންތައް ދިވެހިރާއްޖޭގައި ކުރަން އަޅުގަނޑުމެން ހިތަށް ނުވެސްއަރާނެ. އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވާނެ، އެ ހުރިހާ ކަންތަކެއް މޮނީޓަރކޮށް، އަދި އެ ކަންކަމާ ދޭތެރޭގައި ފިޔަވަޅުއަޅައި، މިކަން ކުރުމަކީ އަޅުގަނޑުމެންގެ ޠަބީޢަތުގައިވެސް ހުންނަ ކަމަކަށް ނުވާނެ. އަދި މިހާރު އަމުދުން ދިވެހިރާއްޖޭގައި މިކަހަލަ ކަންކަން މި އެކްސްޓްރީމަށް ގެންގޮސްފައި، ކަންކަން ކުރުމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ވެގެނެއްނުދާނެ.


ދިވެހިރާއްޖެއާ ބެހޭގޮތުން މިދެކެވޭ ވާހަކައިގެ ދިފާޢުގައި މި ރަށްރަށުގައި މިސާލަކަށް އެމިރޭޓްސްއަކީ މި ހަނގުރާމައިގައި އެންމެ ކުރީގައި އުޅޭ ބައެއް. މި ހަނގުރާމައަކީ އިސްލާމްދީނުގެ ނަމުގައި މިކުރެވޭ ޓެރަރިޒަމްގެ އެކިއެކި ކަންތައްތައް ކުށްވެރިކުރުމުގައި ސަޢުދީ ޢަރަބިއްޔާއާއި އެމިރޭޓްސްއަކީ ހަމަ އެންމެ ކުރީގައި އިސްލާމްދީނުގެ ދިފާޢުގައި، އިސްލާމްދީނަކީ ޓޮލަރެންސް އޮތް، އެއްގޮތަކަށްވެސް މިކަހަލަ ވިޔާނުދާ އަދި އިންސާނިއްޔަތަށް ގެއްލުންދޭފަދަ ކަންތައްތަކަކަށް ގޮވާލާ ދީނެއް ނޫންކަން އެންމެބޮޑަށް ހާމަކޮށްދޭން އެންމެ ބޮޑަށް ބަޔާންކޮށްދޭން، ނުކުމެތިބި ދެ ސަފީރު ޤައުމުގެ ތެރޭގައި ހިމެނޭނެ، ސަޢުދީ ޢަރަބިއްޔާއާއި އެމިރޭޓްސް. މި ކޯޒްގައި ދިވެހިރާއްޖެވެސް ބައިވެރިވެގެން މިއުޅެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންކަހަލަ ކުޑަކުޑަ ރާއްޖެއަކަށް ޓެރަރިޒަމްގެ ޙަމަލާއެއް އައިސްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުވެގެންދާނެގޮތް. އެންމެ ފުރަތަމަ އެންމެ ބޮޑު އިމްޕެކްޓެއް، ބްރަންޓެއް ނަގާނީ އަޅުގަނޑުމެންގެ ސިނާޢަތު. ޓުއަރިޒަމް އިންޑަސްޓްރީ. އޭގެ މައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް، އާމްދަނީ ހޯދުމުގެ ކަންތައްތައް ބިނާވެފައި މިއޮތީ. އެހެންވީމާ، ދިވެހިރާއްޖޭގައި ފަސޭހައެއްނުވާނެ، އެކަހަލަ ލޮޅުމެއް އަންނަ އެއްވެސްކަހަލަ ޝޮކެއް އެބްޒޯބް ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކަށް ނުވާނެ. އެހެންވީމާ، ސަރުކާރުން އޮޅުންފިލުވައިދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކެއް ކުރި ނަމަވެސް، ހަމަ އަޅުގަނޑުމެންގެ ދިވެހި ދަރިންގެ ފަރާތުން، ސިޔާސީ ބޭނުމެއްގައި ދިވެހިރާއްޖެ މިހާބޮޑަށް ބަދުނާމުވެގެންދާ ވާހަކަތައް އަބަދުއަބަދު އެ ދެކެވެނީ. އެހެންވީމާ، ދޭތެރެދޭތެރެއިން އެކިއެކި ކަރަކަރައިން މިޝަންތައް އަންނާނެ، ހުޅަނގުގެ އެއްވަނަ ދުނިޔޭގެ ޤައުމުތައް އަންނާނެ، ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ ކަންކަން ހުރީ މިހެންތޯ ބަލަން.


އެހެންވީމާ، މިތަންތަނުގައި ދިރިއުޅޭ، މިތަންތަނުގައި އެއްވެސް ވަގުތެއް ހޭދަކުރުމަށް ވަޒީފާގައި، ނޫނީ ކިޔެވުމުގެ ޒަރީޢާއިން ނަމަވެސް ފުރުޞަތު ލިބޭ ކުދިންނަށް ތިޔަކުދިންނާ މި މުޢާމަލާތް ކުރެވޭއިރު، ދިވެހިރާއްޖޭގެ ކަންކަން އޮންނަގޮތް ރަނގަޅަށް ކިޔައިދެވިއްޖެ ކަމަށްވަންޏާ، ނޫނެކޭ ތިޔަބުނާކަހަލަ ހައްދުފަހަނައަޅާފައި ހުރި ވިސްނުންތަކެއް ހުންނަތަނެއް ނޫނޭ، ދިވެހިރާއްޖެއަކީ ހަމަ ވަރަށް މިނިވަންކަމާއެކީ އިސްލާމްދީނަށް ލޯބިކުރާ، އެހެންނަމަވެސް ހަމަ މޮޑަރޭޓް މެދު މިންގަނޑެއްގައި އިސްލާމްދީން ހިފަހައްޓައިގެން އުޅޭ އެއްވެސް ކަމެއް ހައްދުފަހަނައަޅައިގެން ކަމެއްކުރާ ބައެއް ނޫން. އެހެންނަމަވެސް، މިވާހަކަ މިހެން ބުންޏަސް ކޮންމެ ތަނެއްގައިވެސް އުޅޭނެ އެކިއެކި އެލިމެންޓް. އެކި ވަރަށް ވިސްނައި އެކި ކަންކަމުގައި ރޮނގު ހުރަސްކޮށްފައި ދާމީހުން އުޅޭނެ. އެއީކީ މުޅި ދައުލަތެއް، ނޫނީ މުޅި ތަނެއްގެ ރައްޔިތެއް ރެޕްރެޒެންޓްކޮށްދޭ ބަޔަކަށް ނުވާނެ. އަދި އެބައެއްގެ ޢަމަލުތަކަށް ބިނާކޮށް، މުޅި ރާއްޖޭގެ ރައްޔިތުން ކުށްވެރިވާ ޙާލަތްތަކުގައި، އެއީ ސަފީރުންގެ ގޮތުގައި ހަމަ ތިޔަކުދީން، ތިޔަބޭފުޅުން ދިވެހިރާއްޖޭގެ ނަމުގައި އިސްވެ ދިފާޢުކޮށް ވަކާލާތުކުރެވޭނެ ޖާގަ.


އެހެންވީމާ، މިކަން ކޮށްދެވިއްޖެ ކަމަށްވަންޏާ އެއީ އަޅުގަނޑުމެން އެންމެންނަށް މުޅި ދިވެހިރާއްޖެއަށް ކުރެވޭ ވަރަށްބޮޑު ރަނގަޅު ކަމަކަށް ވެގެންދާނެ. އަދި ތިޔަބޭފުޅުންގެ ފެމިލީތަކަށްވެސް ކުރެވޭ ރަނގަޅު ކަމަކަށް ވެގެންދާނެ. އަޅުގަނޑުމެންނަށް، ސަރުކާރަށް ކުރެވޭ މަސައްކަތްތަކެއް ހުންނާނެ. އެހެންނަމަވެސް، ހަމަ އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމަކީ ވަރަށް ފަސޭހަ ކަމެއް. ވަރަށް މިނިވަން ކަމެއް. ދައުލަތަކަށް ނުބެލެހެއްޓޭނެ، ދައުލަތަކަށް ބަލަހައްޓާކަށް ފަސޭހައެއްވެސް ނޫން، އެކިއެކި ކަންކަމުގައި ދިވެހި ރައްޔިތުން ރާއްޖެއިން ބޭރަށް ޒިޔާރަތްކޮށްފައި އަދި އެތަންތަނުން ފުރައިގެން އެހެން ދިމަދިމާއަށް އެންޑް އޮފް ވުމަކީ ދިވެހި ސަރުކާރަށް އެހާ ފަސޭހައިން މޮނީޓަރ ކުރެވޭ ކަންކަމެއް ނޫން. އަދި މީހަކު ކަނޑައެޅިގެން ވަކިކަމެއް ކުރަން ބޭނުންކަމެއް ކަމަށްވަންޏާ، ކޮންމެވެސްގޮތަކުން އެކަން ހާސިލުވޭތޯ އޭނައަށް ކުރެވެން އޮތް ހުރިހާ ކަމެއް، ހުރިހާ މަސައްކަތެއް ކުރާނެ. އެހެންނަމަވެސް މިކަމުގެ ނަތީޖާއިން މުޅި ދިވެހި ހުރިހާ ރައްޔިތުން ޕަނިޝް ވެގެނެއް ނުވާނެ.


މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިކަހަލަ ވިޔާނުދާ ވަކިވަކި މީސްމީހުންގެ ޢަމަލުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތް މުޅި ދިވެހިރާއްޖެ ޕަނިޝް ވެގެން އެބަދޭ. ބިލީވް އިޓް އޯރ ނޮޓް. ގަބޫލު ކުރިޔަސް، ގަބޫލު ކުރަން އެހާ ދަތިވިކަމުގައި ވީނަމަވެސް. މިއީ ޙަޤީޤަތް. މިއީ ޙަޤީޤަތް. މިކަންކަމާ ގުޅިގެން އެކިއެކި ތަންތަނުން އެކިއެކި ޤަރާރުތައް ފާސްކޮށް، ދިވެހިރާއްޖެއަށް ދަތިކުރަން އަދި އެކަން ނުކުރި ނަމަވެސް، އެކަން ދޭހަވާގޮތަށް ޤަރާރުތައް ނެރެ މިކަންކަން މިކުރަނީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާ މަސައްކަތެއްގެ ނަތީޖާ. ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރަކުންނެއް އެހާވަރަކަށް އަޅުގަނޑުމެންނަކަށް ފަސޭހައެއްނޫން، އަޅުގަނޑުމެންގެ ދާޚިލީ ހުރިހާ ކަންކަމަކަށް ބޭރުގެ ފަރާތްތަކުން، ކުރީގައި އަތް ބާނަމުންދިޔަ މިންވަރަށް އަތް ބާނައިގެން ކަންކަން ކުރަން ޖާގަދޭކަށް އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން. އެހެންވީމާ، އެ ހިތްހަމަނުޖެހުމާއެކީ އަޅުގަނޑުމެންގެ ތެރެއިން މިހެން އިވޭ ވާހަކަތަކަށް އިޖާބަ ދިނުމުގެ ގޮތުން މިކުރާ ޒިޔާރަތްތަކުގައި، ޒިޔާރަތްކޮށްފައި، ނޫނީ ޒިޔާރަތް ނުކޮށް އެބައެއްގެ އަމިއްލަ ފިކުރަށް ބިނާކޮށް ތަންތަނުގައި ޤަރާރު ފާސްކުރުމަކީ ފަސޭހަ ކަމެއް. އެހެންވީމާ، އެއްވަނަ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޕާރލިމެންޓް ތަކުގައި، ނޫނީވިއްޔާ އެހެންވެސް ލެވެލްތަކުގައި މިކަހަލަ ޤަރާރު ފާސްކުރާނެ. ދެން މި ޤަރާރު ފާސްކުރީމާ، އެ ޤަރާރާ އެއްގޮތަށް ހުރިހާ ކަމެއް އެމީހުން އެއްފަހަރާ ތަންފީޒު ކުރާނެއެކޭ ނޫން. އެކަމަކު އެ ނުކުންނަނީ ވަރަށް ނޭދެވޭ މެސެޖްތަކެއް. އެ ނުކުންނަނީ ހަމަ އެހެން ޤައުމުތަކަށްވެސް ވަރަށް ނޭދެވޭ މެސެޖްތަކެއް.


އެހެންވީމާ، އަޅުގަނޑުމެންގެ ރައްޔިތުން އެކި ޤައުމުތަކަށް ގޮސް، އަޅުގަނޑުމެންނަށް އުޅެވޭ ގޮތުން، އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް އިތުރަށް އުނދަގޫވާ ކަންތައްތައް އެބަހުރޭ. އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ޤައުމުތަކަށް އަބަދު އަބަދުކަހަލަ ގޮތަކަށް ދިވެހި ރައްޔިތުން ބޭހަށް ދަތުރުކުރަން އެބަޖެހޭ. އެކަމަކު އަޅުގަނޑުމެންގެ ބައެއް މީހުންނަށް މަދުން ނަމަވެސް ކަންތައްތައް ކުރެވޭގޮތުން، އެ ޤައުމުތަކުގައި ކަންތައްތައް ކުރެވޭގޮތުން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން، ނޫނީވިއްޔާ އެހެންވެސް ވިޔާނުދާ ކަމެއްގައި ބައިވެރިވާ ބައިވެރިވުމެއްގެ ތެރޭގައި މުޅި ދިވެހި ހުރިހާ އެންމެން ދެން އިތުރު ސްކްރޫޓިނީއަށް މި ސަބްޖެކްޓްވަނީ. އިމިގްރޭޝަން ތެރޭގައި ދަތި ކިތަންމެ ޤައުމެއް އެބަހުރި. އަދި ދިރިއުޅެމުންދާއިރު، ރަށެއްގައި ދިރިއުޅެމުންދާއިރު ދަތިވާ ކިތަންމެ ކަންކަމެއް ހުރޭ. އެއީ އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެންގެ މަދު ރައްޔިތުން ނަމަވެސް ބޭރަށް ދަތުރުކޮށް، ޒިޔާރަތްކޮށް އެތަންތަނުގައި އުޅެންވާގޮތް ނޫން ގޮތްގޮތަށް އުޅެވުނީމާ، މުޅި ދިވެހިރާއްޖެއަށް ލިބިގެންދާ ގެއްލުން. އަޅުގަނޑު ދަންނަވާލާކަށްވެސް ނުޖެހޭނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ ތިޔަބޭފުޅުންނާ ބައްދަލުވީމާ މި ވާހަކަ ދަންނަވާލާނަމޭ.


ދެން މިވާހަކަ މިގޮތަށް ދަންނަވަންޖެހޭ ސަބަބަކީ، ދެންމެ ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް މިހާރު މިކުރެވޭ މަސައްކަތުގެ ތެރޭގައި އެމިރޭޓްސްއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ސިޔާސީ ގުޅުން އޮންނަތާ މި އަންނަ އަހަރަށް 40 އަހަރު ފުރިގެން މިދަނީ. އެހެންނަމަވެސް، އެންމެ މަތީ ވެރިންގެ ލެވެލްގައި ދަތުރުފަތުރު ކުރުމާއި ރަށްޓެހިކަމާ، މިކަންކަމުގެ ތެރެއިން އަޅުގަނޑުމެންގެ އިޤްތިޞާދަށް ބޭނުންވާ ކަންތައްތަކަށް ފަސޭހަކަމާއެކީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ބައެއްކަހަލަ ބޮޑެތި އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ރާއްޖެއަށް ގެންދިޔުމާ، މިކަންކަމުގައި ފަސޭހަވެގެން މިދަނީ އަޅުގަނޑުމެން އައިސްފައި ހަމަ ދެކެފަރިތަވުމާއެކީ އެންމެ އިސް މީހުންނާ އޮންނަ ގުޅުން އެއީ ޕަރސަނަލް ލެވެލްއަކަށް އެ ޗޭންޖް ކުރެވިގެން އަންނަ ބަދަލުތައް މި އަންނަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނަސީބު ވަރަށް ރަނގަޅު. އަޅުގަނޑުމެންނާ ސަޢޫދީ ސަރުކާރާ ދޭތެރޭގައި ހަމަ އެކަހަލަ އަމިއްލަ ގާތް ގުޅުންތަކެއް މި އުފެދިގެން ދިޔައީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ. ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ މި ދަތުރާއެކީ، އެމިރޭޓްސްއާ ދޭތެރޭގައި އަޅުގަނޑުމެންނަށް ހަމަ މިކަހަލަ ބޮންޑޭޖް ބޮންޑްތަކެއް އުފެދިގެން މިދިޔައީ.


އަޅުގަނޑުމެން މިވަގުތު ކުރާ މަސައްކަތުގައި، އަޅުގަނޑަށް ޔަޤީން، މިތާ ތިއްބެވި ހަމަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް މަދެއްނޫން. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މުހިންމުވެގެން މިއުޅެނީ ހަމައެކަނި ވެރިކަމުގެ ނިޒާމު އޮންނަންވީ ކޮންގޮތަކަށްކަމެއް ނޫން. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ދަތިވެގެން މިއުޅެނީ، އެމީހުންނަށް ބޭނުންވެފައިހުރި އަސާސީ ބައިވަރު ކަންތައްތަކެއް ނުފުދިގެންދާތި. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހަމަ ވިސްނާލިޔަސް އެނގޭނެ، މިއަދު އަޅުގަނޑުމެން މިތާ ތިބެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ މިނިމަމް، އެހެންނަމަވެސް ދިވެހި ދައުލަތުގެ އެވަރުގެ ފުދުންތެރިކަން ނެތީމާ، ނޫނީވިއްޔާ އަޅުގަނޑުމެންނަށް އެކަންކަމަށް ދެވިފައިހުރި ސަމާލުކަން ކުޑަވެގެން ނަމަވެސް، ކޮންމެވެސް ސަބަބަކާ ހެދި ނަމަވެސް، އަޅުގަނޑުމެންގެ ރަށްރަށުގައި ނަރުދަމާ ނިޒާމެއް ނެތް. ފެން އެހުރީ މުޅިން ތަޣައްޔަރުވެފައި، ގިނަ ރަށްރަށުގައި. ސާފު ބޯފެން ބޭނުންކުރެވޭނެ ގޮތެއް ނެތް. ހަމަ ތާނގީގައި، ނޫނީވިއްޔާ އެކިކަހަލަ ހަން ކަހަލަ އެއްޗެހީގައި ފެން ރައްކާކުރަމުން މިގެންދަނީ. ދެން އޭގައި ދިމާވާ ހައިޖިން މައްސަލަތައް އަޅުގަނޑުމެން ހަމަ އެންމެންނަށްވެސް އެނގޭ. ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލަތައް. މި ހުންނަނީ ޙަޤީޤީ މައްސަލަތައް. ބޯހިޔަވަހިކަން ކަހަލަ ކަންތައްތައް.


މިތާ ހާޒިރުވެ އިން ކޮންމެ ދިވެހި ޒުވާން ކުއްޖަކަށް އެނގޭނެ، ތިމަންނާ މާދަމާވެސް ޒަވާޖީ ޙަޔާތެއް ފަށައިފި ކަމަށްވަންޏާ، އެންމެ ފުރަތަމަ ބަލަންޖެހޭނެ ކަމަކީ، ލާހިކު އަގެއްގައި އަތްފޯރާވަރަށް ޚަރަދުކުރެވޭ މިންވަރެއްގައި މާލޭގައި، ނޫނީ އުޅޭ ތަނެއްގައި ގެދޮރުވެރިވުމުގެ ފުރުޞަތު އެބައޮތްތޯ. ކޮންމެ ކުއްޖަކު ވިސްނަންޖެހޭ ކަމެއް. ފިކުރުކުރަންޖެހޭ ކަމެއް. ކިޔެވުމުގެ ޙަޔާތުގައި އުޅޭއިރު، މަންމައާއި ބައްޕަގެ ކޮންފަޓްގައި އުޅޭއިރު، މިކަހަލަ ކަންކަމާ ދޭތެރޭގައި ނުވިސްނަފާނެ. އެކަމަކު މަންމައާއި ބައްޕަގެ ކޮންފަޓުން ދާދި އަވަހަށް ކޮންމެ ކުއްޖަކުވެސް އަމިއްލަ ކުއްޖަކަށްވެގެން ނުކުމެ މަސައްކަތްކޮށް، ޒަވާޖީ ޙަޔާތެއް ފަށާ ހިސާބުން އިސާހިތަކު ދުނިޔޭގެ ޙަޤީޤީ ޗެލެންޖްތަކާ ފޭސްކުރަން މިޖެހެނީ. ދިރިއުޅުމުގެ ހުރި ދަތިތަކާ ފޭސްކުރަން މިޖެހެނީ. އެ ފޭސްކުރާއިރު އެންމެބޮޑަށް ކޮންމެ ކުއްޖަކަށްވެސް އެދެވޭނީ ސަރުކާރުގެ ފަރާތުން ކޮންމެވެސް ކަހަލަ ގޮތްތަކެއް ހޯދައިދޭނޭ. އަހަރުމެން ކިޔަވަން އުޅޭ ރަށްރަށުން ކިޔަވަން އުޅެފައި ދާއިރު އަހަރުމެންނަށް މި ވިސްނެނީ ހަމައެކަނި ޝެލްޓަރއެއް ނޫނޭ، ހައުސިންގ ލޯނު އެކަންޏެއް ނޫނޭ، އެތަންތަނުން ލިބެނީ. އެންމެ ކުޑަމިނުން އެތަންތަނުގައި ގެންގުޅޭ ހައުސްހޯލްޑް ކްލަޔަންޓްސް ހޯދަންވެސް އެބަހުރޭ، އެކި ސްކީމްތަކުން ލޯނުގެ އެހީތެރިކަން ލިބޭ ޤައުމުތައް އެބަހުރޭ.


މިކަހަލަ ކޮންވީނިއަންސާއި ކޮންފަޓްގެ ތެރޭގައި އުޅެފައި، ދިވެހި ކުދީން، ނަސީބު ރަނގަޅު ކުދީން ކިޔަވަން އުޅެފައި އެމީހުން މިދަނީ ރާއްޖެއަށް. ރާއްޖެއަށް ގޮސްފައި ރާއްޖޭގައި މިކަހަލަ ކަންކަން ނެތީމާ، މި ނުކުންނަ އަންހެޕިނަސްގެ ތެރޭގައި އެކިކަހަލަ މައްސަލަ މި ދިމާވަނީ. އެކަމަކު ކޮންމެ ކުއްޖަކުވެސް ޚިޔާލަށް ގެންނަންޖެހެނީ ރާއްޖެއަށް ލިބޭ ވަސީލަތްތަކަކީ ކޮބައިތޯ، ރާއްޖޭގެ ޙާލަތު އޮތީ ކިހާހިސާބެއްގައިތޯ، ހަމަ މިކޮޓަރި ތެރޭގައި ދެ ޖެނަރޭޝަންގެ ބޭފުޅުން އެބަތިއްބެވި. ތަންކޮޅެއް ކުރީގެ ޖެނެރޭޝަންގެ ބޭފުޅުންވެސް އެބަތިއްބެވި. މިހާރުގެ ޖެނަރޭޝަންގެ ކުދިން ގިނައީ. އެހެންވީމާ، އަޅުގަނޑުމެންނަށް އެހާރާއި މިހާރުގެ ތަފާތު، ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން ފަސޭހަ. އަޅުގަނޑު ނުބުންޏަސް، ތިޔަބޭފުޅުންގެ ތެރޭގައި ތިޔަ ވާހަކަ ކިޔައިދެވޭވަރުގެ ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، މާ ދުރަށް ދާކަށްވެސްނޫން. އެކަމަކު މާލޭގައި ކަންތައްތަކެއް ފުރިހަމަވެގެންދާ ވާހަކަ ދައްކާއިރު، މާލޭގައި ދިރިއުޅުމުގެ ޙާލަތު ހުރިގޮތް އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ. އަޅުގަނޑުމެންގެ ކިޔެވެލީގެ ދައުރު މިއަށްވުރެ ތަންކޮޅެއް ކުރިން. އެކަމަކު އަޅުގަނޑުމެން ކިޔަވަން އުޅުނުއިރުވެސް ހަމަ މަގުމަތީގައި ފެންގަނޑުތައް އޮންނާތީ، ހަމަ ކަކޫތާ ފެނުގައި މަދަރުސާއަށް ދާދުވަސްތަށް ގިނަވާނެ. މިއަދުގެ ކޮންވީނިއަންސް. މިހާރު ކޮންގެއެއްގެ ވަޅަށްތޯ ދާނި ގަންބައިގެން ފެން ނަގަނީ؟ މި އަންނަނީ ކޮންވީނިއަންސަށް.


މިއާއެކީ މިއަދުގެ ޗެލެންޖަކީ ރާއްޖޭގެ ރައްޔިތުންގެ ގިނަބައެއް ދިރިއުޅެނީ ރާއްޖެތެރޭގައި. ރާއްޖޭގައި ހުރި ރަށްރަށުގައި. އެތަންތަނަށް ބޭނުންވެގެން މިއުޅެނީ ސާފު ފެން ލިބޭނެގޮތެއް. ހަމައެކަނި ބޯފެނެއް ނޫން. ފެންވަރާ ފެން، ގޭގައި ކެއްކުމަށް ބޭނުންކުރާ ފެން، އެއްޗެހި ދޮވުމަށް ބޭނުންކުރާ ފެން. މިއިން ކޮންމެ ފެނެއް މިހާރު އެހުރީ، ކޮންޓަރމިނޭޓް ވެފައި. ތަޣައްޔަރުވެފައި. ސަރުކާރުގެ އިސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ހިމެނިފައި މިއޮތީ އަޅުގަނޑުމެންގެ ވަޢުދެއްގެ ގޮތުގައި ދަންނަވައިގެން އަޅުގަނޑުމެން ފުއްދައިދެވޭތޯ މިބަލަނީ، އަޅުގަނޑުމެންގެ ރިޔާސީ 5 އަހަރުގެ ދައުރު މިއަންނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް، ފެނާއި ނަރުދަމާގެ ފަސޭހަކަން އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަމޭ. އޭގެ މާނައަކީ، އެއްގޮތަކަށްވެސް ރާއްޖޭގައި މީހުން ދިރިއުޅެމުން ގެންދަނީ 183 ރަށުގައި ކަމުގައިވާއިރު، 183 ރަށުގައި 75 ޕަސެންޓް ރަށުގެ ވާހަކައެއް ނޫން. އާބާދީގެ ކޮންސަންޓްރޭޝަނަށް ބަލާފައި، އާބާދީގެ 75 ޕަސެންޓް މީހުންނަށް ސޭފް ޑްރިންކިންގ ވޯޓަރއާއި ނަރުދަމާގެ ފަސޭހަކަން އެކްސެސިބްލް ވާނެ. ހަމައެގޮތަށް، މާލެއަކު ނޫން، ރާއްޖޭގެ އެކިރަށްރަށުގައި މިހާރު ހަމަ ހައުސިންގ ސްކީމްތައް ތަޢާރުފުވެގެން މަސައްކަތް ފެށިގެން އެދަނީ.


ސަރުކާރުން މިއުޅެނީ ވަރަށް އެމްބިޝަސް ޕްރޮގްރާމެއް ހަމައެކަނި ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތައް އަސާސީވެގެން މިއުޅެނީކީ މި 4 އަހަރަކު ނޫން. އަސާސީ ޚިދުމަތެއް އަސާސީވާނެ މީގެކުރިންވެސް. އެކަމަކު އެއަށް އެޑްރެސް ކުރެވޭތޯ މި ސަރުކާރުން އެބަ ބަލާ. އަދި އެއާއެކީގައި އެއަށްވުރެ އެމްބިޝަސް ޕްރޮގްރާމެއްގައި ސަރުކާރުން މިއުޅެނީ. އެއަށްވުރެން އެމްބިޝަސް ޕްރޮގްރާމެކޭ ބުނުމުގެ ބޭނުމަކީ، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން މިއަށްވުރެ ފުދުންތެރި ޤައުމަކަށްވޭތޯ، އަހަރުމެންގެ ޙާލަތަށްވުރެން ފުދުންތެރި ޤައުމަކަށްވޭތޯ ކުރެވޭ މަސައްކަތް. މިއަދު އެމިރޭޓްސްއަށް އައިސް މިދައްކާ ވާހަކައިގެ ތެރޭގައި އަހަރުމެންގެ ރާއްޖޭގައި މާލޭގައި މިއޮތް ބައިނަލްއަޤްވާމީ ސީޕޯޓެއް ގޮތަށް މި ބޭނުންކުރާ ސީޕޯޓް. ކޮންޖަސްޓެޑް. ވަރަށް ކްރައުޑެޑް. އެތަނުގެ ޚިދުމަތެއް ޙަޤީޤަތުގައި ނުލިބޭ. އަހަރުމެން ފުޅާވާންވާ މިންވަރާ ކައިރިއަކަށްވެސް ފުޅާނުވެވޭ. ދެން ބޯޓްފަހަރުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް މިތާ އެބަތިއްބެވިތާ. ކީއްވެގެންތޯ ރާއްޖޭގައިވެސް ހަމަ ޖަބެލް ޢަލީއެއް ނޯންނަންވީ؟ ފްރީ ޕޯޓަކާއި، ފްރީ ޒޯނަކާއި، މުދާ ބްރެކްބަލް ކުރުމާއި، މުދާ އެއް ޤައުމުން އަނެއް ޤައުމަށް ބަދަލުކުރުމާއި، ރާއްޖެއަކީ ޖިއޮގްރަފީއަށް ބަލާކަމަށްވަންޏާ އިންޑިއަން އޯޝަންގައި ހަމަ ވަރަށް ރަނގަޅު ހިސާބެއްގައި ސްޓްރެޓިޖިކަލީ ވަރަށް ރަނގަޅު ހިސާބެއްގައި ލޮކޭޓްވެފައި އޮތް ބައެއް. އެކަމަކު ރާއްޖޭގެ ތަނަވަސްކަމާއި، ރާއްޖޭގައި މިކަހަލަ އެމްބިޝަސް ޕްރޮޖެކްޓްތަކެއް ފެށުމުގެ ވިސްނުމާ، މިކަހަލަ އެތައް ކަމަކުން ނަމަވެސް ރާއްޖޭގައި އެކަންނުވެ މިދަނީ. އެކަމަކު މިހާރު އަހަރުމެންގެ ޕޯޓަކީ އަހަރެމެންގެ އަމިއްލަ ބޭނުންތަކަށްވެސް އޯވަރ ކްރައުޑެޑް ޕޯޓަކަށް ވެފައި އެއޮތީ.


ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އަހަރުމެންނަށް ލިބޭ ހުރިހާ އާމްދަނީއެއް ލިބެނީ ޓޫރިޒަމުންކަމަށް ވާއިރު، ޓޫރިޒަމްގެ ރަށްތައް އިތުރަށް އެބަ ހެދެންޖެހޭ. ރަށްތައް އިތުރަށް ހެދިގެން ދިވެހި ޒުވާނުންނަށް އިތުރު ވަޒީފާތައްވެސް ހޯދައިދެވެން މިއަންނަނީ. މުޅި ރާއްޖޭގެ އެކި ހިސާބަށް ޓޫރިޒަމް ފަތުރަން މިކުރާ މަސައްކަތަކީވެސް، އަޞްލު މި ސަރުކާރުގެ ވިސްނުމުގައި މުޅި ރާއްޖޭގެ އެކި ހިސާބަށް ޓޫރިޒަމް ފެތުރިގެން ޙަޤީޤަތުގައި، އެރަށްރަށުގައި އެސަރަޙައްދުގެ ކުދިންނަށް ކޮންމެހެން މާލެއަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި އަންނަންނުޖެހި، އެ ސަރަޙައްދުގައި ތިބެގެން ވަޒީފާ ހޯދުމުގެ ފުރުޞަތު ލިބޭނީ. ސަރުކާރުން ކުރާ މަސައްކަތަކުން ސަރުކާރުގެ ވަޒީފާތަކަކުންނެއް، ހަމައެކަނި ދިވެހިރާއްޖޭގައި ދިރިއުޅެމުންމިދާ ހުރިހާ ޒުވާނުންނަކަށް ވަޒީފާއެއް ހަމަޖެހިގެނެއް ނުދާނެ.


އެހެންވީމާ، ވަޒީފާތައް އުފެދުމަކީ އިކޮނޮމިކް އެކްޓިވިޓީގެ ފަންކްޝަނެއް އެއީ. އެހެންވީމާ، އިޤްތިޞާދީ މަސައްކަތްތައް އިތުރުވުމަކީ، އިތުރުކުރުމަކީ ސަރުކާރުން އެއަށް ޕޮލިސީއާއި ޑިރެކްޝަން ދޭނެ. އެކަމަކު އިޤްތިޞާދީ ޙަރަކާތަކީ އޭގެ ޒާތުގައި އަމިއްލަ ވިޔަފާރިވެރިން ރާއްޖޭގައިވިޔަސް ރާއްޖެއިން ބޭރުގައިވިޔަސް ކުރާ މަސައްކަތް. އެ މަސައްކަތަށް ހިތްވަރު ދިނުން، އެ މަސައްކަތަށް ފަހި ވެށްޓެއް ޤާއިމުކުރުމާއި މައްސަލަތައް ދިމާވީމާ ހައްލުކުރެވޭނެ ގޮތްތައްވުމާއި އަދި ބޭރުގެ އިންވެސްޓަރުންނާއި ދިވެހިރާއްޖޭގެވެސް ބޮޑެތި އިންވެސްޓަރުން ޝައުޤުވެރިވާވަރުގެ ވެށްޓެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ އެއީ ހަމަގައިމުވެސް ސަރުކާރަށް ކުރެވޭނެ ކަމެއް. އެކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ.


އެހެންވީމާ، ސަރުކާރުން ފަރުދުންނާ ހަމައިގައި ކޮށްދެން މިއުޅޭ މަސައްކަތުގެ ތެރޭގައި ހަމަ މިއުޅެނީ ހަމައެކަނި އަސާސީ ކަންތައްތަކެއް ފޯރުކޮށްދޭކަށްނޫން. ކޮންމެ މީހެއްގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެގެން ދިޔުން އެއީ މިކުރެވޭ މަސައްކަތަކީ. ދެމަފިރިއެއްގެ މުސާރައާއި، ދެމަފިރިން މަސައްކަތްކޮށްގެން އަލަށް މަސައްކަތްކުރާ، އަލަށް ކައިވެންޏެއްގެ ގުޅުމުން ގުޅިފައި ތިބި ދެމަފިރިއަކު މަސައްކަތްކުރާއިރު، ދެމަފިރިންގެ މުސާރައަކީ މިސާލަކަށް، ދެމަފިރިންގެ މުސާރަ އެއްކޮށްލީމާ މި ލިބެނީ ވިއްސަކަށްހާސް ރުފިޔާޔޯ. ގޭގެ ކުއްޔަށް، ގާތްގަނޑަކަށް ފްލެޓެއްގެ ކުއްޔަށް ބާރަވަރަކަށްހާސް ރުފިޔާ ދައްކާފައި، ކަރަންޓް ބިލް، ފޯނުބިލް ދައްކާފައި، ދެން މާބޮޑު އެއްޗެއް ސޭވެއް ނުކުރެވޭނެ. އެހެންވީމާ، ސަރުކާރުން އެބަޖެހޭ ކޮންމެވެސް ގޮތްތަކެއް ހޯދައިދޭން. ހައުސިންގް ލޯނު، ނޫނީވިއްޔާ އަގުހެޔޮކޮށް ފްލެޓް ލިބޭނޭ އުސޫލުތަކެއް ހަމަޖައްސަން އެބަޖެހޭ. އެއީ އެއްބައި. އެއީ ޒަރޫރީ ބޭނުންތަކަށް އެޑްރެސް ކުރުން. އެކަމަކު އެއަށްވުރެން ބޮޑަށް އޭގެ ޕޮޒިޓިވް ސައިޑަކީ ޙަޤީޤަތުގައި އެމީހުންނަށް ލިބޭ އާމްދަނީ އިތުރުކުރުން. މުޅި ދިވެހިރާއްޖެއަކީ އެއަށްވުރެން މިހާރު ފުދުންތެރި އާމްދަނީ ލިބޭ ތަނަކަށް ވެގެންދިއުން.


އަހަރުމެން ސަރުކާރާ ހަވާލުވީއިރު، ކުއްޖަކަށް، ބޮލަކަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖެހޭވަރު އުޅެނީ ގާތްގަނޑަކަށް ހަތަރުހާސް އެމެރިކާ ޑޮލަރު. މިއަދު އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މިކުރެވިފައި ހުރި މަސައްކަތްތަކުގެ ނަތީޖާއަކީ، މި އަދަދު އެބަ ކައިރިކުރޭ ދިހަހާސް އެމެރިކާ ޑޮލަރާ. އޭގެ މާނައަކީ ތަނަވަސްކަން އެބަ އުފެދެއޭ. އޭގެ މާނައަކީ ކޮންމެހެން ކޮންމެ ކުއްޖެއްގެ ބޮލަކަށް ދިހަހާސް ރުފިޔާ ލިބެއެކޭއެއްނޫން. އެކަމަކު ޤައުމުގެ އެވަރުގެ އިޤްތިޞާދީ ހަކަތަ އެބަހުއްޓޭ. ބަހާލަން ޖެހިއްޖިއްޔާ، ބަހައިފި ކަމަށްވަންޏާ، ބޮލަކަށްޖެހޭ މިންވަރު މިވަރު ކޮށްދެމޭ. އެއީ ސްޓޭންޑަޑް އޮފް ލިވިންގ މަތިވެގެންދާ މިންވަރު. އެހެންވީމާ، އެއްފަޅިން މިކުރެވޭ މަސައްކަތުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުން. ދެން ހަމަ ހުރިހާ ކުދިންނަށްވެސް އެނގޭނެ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި މިކަން ކުރުމަކީ ޗެލެންޖެއް. އެއް ބައްރަކަށް އޮތް މާސިންގާ ބިންގަނޑެއް ނޫން ދިވެހިރާއްޖޭގައި މިއޮތީ. ދިވެހިރާއްޖޭގައި މިއޮތީ މީހުން ދިރިއުޅޭ ރަށްރަށަށްވުރެން ދެރަށް ދުރުކުރާ ކަނޑުގެ ބޮޑު ސަރަޙައްދު އޮންނަ ޖަޒީރާ ޤައުމުތަކެއް އަހަރުމެން މިއީ. އެކަމަކު މިއިން ކޮންމެ ރަށަކަށްވެސް މީހުން ދިރިއުޅޭހާ ހިނދަކު ބަނދަރު ހެދެންޖެހޭ. ޞިއްޙީ މަރުކަޒު ހެދެންޖެހޭ. ތަޢުލީމީ ފުރުޞަތު އޮންނަންޖެހޭ. ވަޒީފާ ލިބޭނޭގޮތް ހޯދަންޖެހޭ. އަދި މިނޫން އެހެން ކަންތައްތައްވެސް ކުރަން އެބަޖެހޭ.


އެހެންވީމާ، މި ވިސްނުމުގައި މިއީ އެހާފަސޭހައިން ހައްލުކުރެވޭނެ ކަމަކަށް ނުވާތީ، މިވިސްނުމުގައި މާލޭގައި ދިރިއުޅޭ ހަމަ ދިވެހި ހުރިހާ ރައްޔިތުންނަށާއި އަދި ރަށްރަށުން މާލެއަށް ޒިޔާރަތްކުރަން، ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ޒުވާނުންނަށް، ޒުވާނުންގެ ސިޓީއެއް އުފައްދައިދިނުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުން މި ގެންދަނީ. މި ހުންނަނީ ޗެލެންޖްތައް. އެކަމަކު މިއީ އެޗީވް ކުރެވޭނެ ކަންތައްތައް އިރާދަކުރެއްވިއްޔާ. އެކަމަކު މިކަންކަން އެޗީވް ކުރުމުގައި ދިމާވާ ދަތިތަކަށް ފުރަތަމަ އެޑްރެސްކޮށްފައި މިވާހަކަ ދައްކަމުން މި ބުނަނީ. މިކަންކަން ޙައްލުކޮށްދޭން މިކަންކަމަށް މަސައްކަތްކުރާއިރު މިކަންކަން ހުއްޓުވުމަށް، ނޫނީވިއްޔާ މިކަންކަމަށް ދަތިވާ ކަންތައްތައް މިއީ އެއްވަނަ ދުނިޔޭގެ ޤައުމުތަކުން، މިސާލަކަށް ދިވެހިރާއްޖެއާ ދެކޮޅަށް ޤަރާރުތައް ފާސްކުރުން. ދިވެހިރާއްޖެއަށް ދަތުރުކުރާ، ޒިޔާރަތްކުރާ މެހުމާނުންނަށް ކިތައް ޤައުމުންތޯ ޓްރެވަލް އެޑްވައިޒަރީސް އެ ނެރެނީ ކޯޝަން ކޮށްފައި. ދިވެހިރާއްޖެއަށް ޒިޔާރާތް ކުރުމަކީ، ނޫނިއްޔާ ދިވެހިރާއްޖެއަށް ދަތުރު ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫނޭ. ސޭފެއް ނޫނޭ. އެކަމަކު ﷲގެ ރަޙުމަތްފުޅުން ދިވެހިރާއްޖޭގައި ސޭފް ނުވެގެން މިއުޅެނީ ކޮންކަމެއްތޯ؟ އަޅުގަނޑުމެން ދެކޭކަށް ބޭނުމެއް ނުވާނެ، އަޅުގަނޑުމެންގެ ރެސްޓޯރަންޓްތަކުގައި ބޮން ގޮއްވާލާ ތަނެއް. އެކަމަކު އެ ފެންވަރަށް އެބަ ޕޯރޓްރޭ ކޮށްދެވޭ މި ނުކުންނަ ޓްރެވަލް އެޑްވައިޒަރީތައް.


އެކަމަކު ތެދެއްމެ، ރާއްޖޭގައިވެސް ހަމަ ރަޙުމުކުޑަކޮށް މީހުންނަށް އަނިޔާކުރާ މީހުން އެބައުޅޭ. ހަމަލާދޭ މީހުން އެބައުޅޭ. މަރުވާ ހިސާބަށް ކަންތައްތައް ގެންދާ، މަރާ ހިސާބަށް ގެންދާ މީހުންވެސް އެބައުޅޭ. އެކަމަކު މި ސިފަކޮށްދީގެން ދިވެހިރާއްޖެއަކީ އެހާ ނުރައްކާތެރި ކަމަކަށް ސިޔާސީގޮތުން ބަޔަކު ހަދަން މަސައްކަތްކުރާ ކަމަށްވަންޏާ، ސަރުކާރުން މިކުރާ މަސައްކަތްތައް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދޭން ކުރާ މަސައްކަތަށް ހަމަ މަޑުޖެހުންތަކެއް އަންނާނެ. އެއީ އިންވެސްޓަރުން ދިވެހިރާއްޖެއަށް އަންނައިރު އެމީހުން އެކަންކަމާ ދޭތެރޭގައި ވިސްނާނެ. އިންވެސްޓަރުން ޗޫޒްކުރަނީ، ތަނެއް ޗޫޒްކުރަނީ ދެކަމަކަށް ބަލާފައި. މައިގަނޑު ދެކަމަކަށް ބަލާފައި. އެއްކަމަކީ ކިހާވަރެއްގެ ރިޓަރން ރޭޓެއް އެމީހުންނަށް ލިބޭނެތޯ އެމީހުން މި އިންވެސްޓް ކުރާ ފައިސާއިން. ކިހާ ފައިދާހުރި މަސައްކަތެއްތޯ. އޭގެ މާނައަކީ، އެއީ އިޤްތިޞާދީ ގޮތުން. ދެވަނަކަމަކީ، އެއްވެސް ކަމެއް ކުރަން ތިމަންނަ ދާނީ އެތަނަކީ ސްޓޭބަލް ތަނަކަށް ވަންޏާއޭ. ސްޓެބިލިޓީއަކީ އެތަނުގައި ހަމަޖެހުން އޮތުން. ހަމަޖެހުން އޮތުމަކީ ހަމައެކަނި އެތަން ނުރައްކަލުން ސަލާމަތްވެފައި އޮތުމެއްނޫން. ނުރައްކަލުން ސަލާމަތްވެފައި އޮތުމަކީ ޝައްކެއްވެސްނެތްގޮތުގައި، މީގެ އެންމެ ބޮޑު ކަންތައް. އެކަމަކު ދެވަނަ ކަމަކީ، ހަމަޖެހޭ ސިޔާސަތުތަކެއް ދިގުމުއްދަތަކަށް، ވިޔަފާރިވެރިންނަށް ފަހިވާގޮތަކަށް އޮންނާނެވަރުގެ ޤައުމެއްތޯ އެ ޤައުމަކީ. ނޫނީ އެވަރުގެ ސަރުކާރެއްތޯ އެތާ އެއޮތީ. މައިގަނޑު މިކަހަލަ ދެ ކަމަކަށް މި ބަލަނީ. އިންވެސްޓަރަކު ރާއްޖެއިން ބޭރަށް، ބޭރުން އިންވެސްޓަރަކު ރާއްޖެއައިސް އިންވެސްޓް ކުރަން.


ތިޔަ ހުރިހާ ކުދިންނަށްވެސް އެނގޭނެ، ދުބާއީ މިވަރުގެ ތަނަކަށްވެގެން ދާއިރު، މިވެސް ހަނަފަސް ސަހަރާއެއް. ވިސްނުމާއި، ޑެޑިކޭޝަނާއި، ކޮމިޓްމަންޓާއެކީ މި ހިސާބަށް ދެވިފައި މިއޮތީ. އަހަރުމެން ކޮންމެހެން ދުބާއީގެ ފެންވަރަށް އަންނާނެ ވާހަކަ ބުނަނީކީއެއް ނޫން. އެކަމަކު އެގޮތަށް އުންމީދު ނުކުރަންވީ ސަބަބެއްވެސް ނެތްދޯ! ދިވެހިރާއްޖެވެސް މިދަނީ ސިންގަޕޫރުގެ މޮޑެލްގެ ފަހަތުންނޭ ބުނީމަ އޭގެ މާނައަކީ، ސިންގަޕޫރާ އެއްވަރަކަށް ދިވެހިރާއްޖެ ތަނަވަސްކަން އިތުރުވާނެ ވާހަކައެއްވެސް ނޫން މި ދައްކަނީ. އެކަމަކު އެތަންތަނުގައި އެހެރަ، އެތަންތަނުގައި ސާބިތުކޮށްދީފައި އެހެރަ، ޑިވެލޮޕްމެންޓަލް މޮޑެލްތައް އަހަރުމެން އެމިއުލޭޓް ކުރަން. އެ ކޮޕީ ކުރަން. އެއާ އެއްގޮތަށް ކުރެވޭތޯ ކުރާ މަސައްކަތް. ހުރިހާ ކަމަކީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމުގެ އެއްވެސް ރައްޔިތަކަށް ޙައްޤެއް ނެތް އެހެން ހުރިހާ އެންމެންނަށް ލިބެން އޮތް ފައިދާތައް މަޙްރޫމު ކުރަން، މިކަހަލަ ވިޔާނުދާ ކަންތައްތައް ކުރާކަށެއް. މިއީ އަހަރުމެން އެންމެންވެސް ދިރިއުޅެން އޮތް ތަން. އަދި އަހަރުމެންގެ ދަރިންވެސް ބޮޑުކޮށް އެމީހުންނަށް އުފާވެރިކަމެއްވެސް ގެނެސްދެން އޮތް ތަން.


ރައްޔިތުން އެދޭ ކަންކަމަށް ބަލާކަމަށްވަންޏާ އެންމެ ކުޑަ ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތަކާ ހަމައަށްވެސް ސަރުކާރުން އެހީވާންޖެހޭ. ބޭސްފަރުވާގެ ހުރިހާކަމެއް ހިލޭ. އަދި ދެންވެސް ދިމާވާ ހުރިހާ ދަތިތައް ހިލޭ. މި ހުރިހާ ކަމެއް ކުރާއިރު އެކްސްޕެކްޓޭޝަން މި ހިސާބުގައި ހުންނައިރު އަހަރުމެންގެ ޚިޔާލަށް ގެންނަންވާނެ، އެހެންކަމަށްވަންޏާ އެކަންކަން ކުރެވޭކަހަލަ މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށް އަހަރުމެން ހުރިހާ އެންމެންގެ ޒިންމާއެއްކަން. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަށް އެންމެ ފުރަތަމަ ކުރިމަތިވާ ސުވާލުތަކުގެ ތެރޭގައި އަންނާނީ ކިހާ ހޮސްޕިޓަބަލް ތަނެއްހޭ؟ ކިހާވަރެއްގެ ތަނެއްހޭ؟ ކިހާ ހިތްގައިމު ތަނެއްހޭ؟ ކިހާވަރެއްގެ ހިތްގައިމު ކަމެއް އޮތް ތަނެއްހޭ؟ މިއިވޭ އަޑުތަކަކީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ވާހަކައެއްތޯ. އެންމެ ރަނގަޅު ސަފީރުންނަށްވާނީ ދިވެހި ދައުލަތުގެ އެމްބެސަޑަރުންނެއް ނޫން. އަޅުގަނޑުމެން ރަސްމީކޮށް އައިސް ދައްކާ ވާހަކަ ގަބޫލުކުރާލެއް އެހާ ފަސޭހައެއް ނުވާނެ. އެންމެ ރަނގަޅު ސަފީރުންނަށްވާނީ ހަމަ ތިޔަބޭފުޅުން ކަހަލަ މި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން. އެހެންވީމާ، ދިވެހިރާއްޖޭގައި ތިޔަވަރުގެ އެލަރމިންގ ކަންތައްތަކެއް ނެތްކަން ކިޔައިދިނުމަށް އެންމެ ޤާބިލު، ނޫނީ އެންމެ ކޮންފިޑެންޓް، ނޫނީ އެންމެ އޮތޯރިޓީއާއެކީ އެވާހަކަ ދެއްކޭނެ ބޭފުޅުންނަކީ މިރޭ މި ހަފްލާގައި މި ތިއްބެވި ކަހަލަ ބޭފުޅުންކޮޅެއް.


އެހެންވީމާ، ސަރުކާރުން ކުރާ މަސައްކަތްތަކަކީ ޝައްކެއްވެސްނެތްގޮތުގައި، މީގައި ބޮޑު ބައެއް. އެކަމަކު މިއާއެކީ ކޮމްޕްލިމެންޓްރީ މަސައްކަތްތަކެއް ހަމަ ތިޔަހުރިހާ ބޭފުޅުންނަށް ކުރެއްވޭނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ކިހާވަރެއްގެ ތަނެއްކަން އަދި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ކިހާ ހިތްގައިމު ތަނެއްކަން ބޮޑެތި އިންވެސްޓްމަންޓްތައް ހަދަން ކިހާވަރެއްގެ ތަނެއްކަން ކިޔައިދެވޭނެ، ހަމަ ތިއިން ކޮންމެ ބޭފުޅަކަށް. އަޅުގަނޑުމެންނަށް ކްރިޓިކަލްކޮށް، ނޫނީވިއްޔާ ފާޑުކިޔުމުގެ ގޮތުން ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ. އެކަމަކު އަޞްލުގައި ޙަޤީޤަތުގައި ފާޑުކިޔުން، ފާޑުކިޔުމަކަށްވެސް ވެގެންދާނީ، ކުރިއާއި މިހާރާ ކަންކަން ކުރެވޭގޮތާއި، ހާސިލުވާ މިންވަރާ އަޅައި ކިޔާލާފައި، އެބައިވެސް އެ ފާޑުކިޔާ ފަރާތްތަކުން ގެނެސްދީފިއްޔާ.


އެހެންވީމާ، މިކަންކަން ރަނގަޅަށް ކޮށްދެވޭ ކަމަށްވަންޏާ، ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ އެއްޗެހިތަކެއް ސާފުވެގެންދާނެ. އެންމެފަސޭހަ ކަމަކީ ކްރިޓިލައިޒް ކުރުން. އެހާ ފަސޭހަކަމަކަށް ނުވޭ ކްރިޓީ ކުރުންވެސް. ކްރިޓީ ކުރުން ފަސޭހަ ކަމަކަށް ނުވާގޮތަކީ، ކްރިޓިލައިޒް ކުރާ މީހުންނަކަށް ފަސޭހައެއްނުވާނެ ކްރެޑިޓް ޑިއުވާ ފަރާތްތަކަށް ކްރެޑިޓް ދޭކަށެއް. އެހެންވީމާ، ކްރިޓިކެއް ނުކުރާނެ. ކްރިޓިލައިޒް ކުރަން ވަރަށް ފަސޭހަ. އެކަމަކު އެ ކްރިޓިލައިޒް ކުރާ ފަރާތްތަކަށް، އެ ކުރެވޭ ކަންތަކުގައި އެއަށްވުރެން ރަނގަޅު ހައްލެއް ބުނެދެވޭ ކަމަށްވަންޏާ އެއީ ވަރަށް ރަނގަޅު ކްރިޓިޒަމަކަށް ވެގެންދާނެ. އެހެންވީމާ، މިކަހަލަ ކަންކަން ކުރުމުގައި އަޅުގަނޑުމެން ދިވެހީން އަބަދުވެސް ހަމަ ބޭނުން ވާހަކައެއް އަޅުގަނޑުމެންނަށް ދެއްކޭނެ. ބޭނުން މިނިވަންކަމެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް.


އެކަމަކު އަޅުގަނޑުމެންނަށް އެންމެބޮޑަށް އަމާޒުވެގެން މިއަންނަ މައްސަލަތައް އަޅުގަނޑުމެންނަށް މި އަންނަނީ މައިގަނޑު ދެކަމެއްގެ ތެރެއިން. އެއްކަމަކީ އަޅުގަނޑުމެންގެ ދީނާ ގުޅިފައި ހުރި ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ދޫކޮށްނުލެވޭނެ ބައެއް މުހިންމު ފަންޑަރމެންޓަލްސް ހުރި. މިސާލަކަށް ޔޫރަޕުން ގޮވާލާ، އެ ނިއު ރައިޓްސްގެ ތެރޭގައި މިހުންނަ ކަންކަމަކީ، އަޅުގަނޑުމެންނަކީ އިސްލާމުން ކަމަށްވާތީ، އަޅުގަނޑުމެންނަކަށް އެ އެކްސްޕެކްޓް ކޮށްގެން އެކަމާ އާނއެކޭ ކިޔައިގެން ހިނގޭނެ ބައެއް ނޫން. އެކަމަކު އެ ބަދުނާމުގައި ދެން މިއަންނަނީ ދިވެހިރާއްޖޭގައި އެހެންވީމަކާ ފްރީޑަމް އޮފް އެކްސްޕްރެޝަނެއް، ނޫނީވިއްޔާ އެބަޔަކު އުޅޭނެގޮތަކަށް އުޅުމުގެ މިނިވަންކަމެއް. އަޅުގަނޑުމެން ޔޫރަޕާއި ދުވަހަކުވެސް ޚިޔާލުގެގޮތުން މިކަހަލަ ކަންކަމުގައި، ފަރުދީ މިނިވަންކަމުގައި، ހައްދުފަހަނައަޅައިދިޔުމުގައި، ނޫނީވިއްޔާ ރޮނގު ހުރަސްކޮށްފައި ދިޔުމުގައި އަޅުގަނޑުމެންގެ ޚިޔާލަކަށްވެސް ނާންނާނެ، ޔޫރަޕްގައި އޮތް މިނިވަންކަން އިސްލާމީ ކުޑަކުޑަ ދައުލަތަކަށް، އެ މިނިވަންކަން އަންނާނެ ކަމަކަށް، އަޅުގަނޑުމެން ދުވަހަކުވެސް ޚިޔާލަކަށްވެސް ނާންނާނެ، އަޅުގަނޑުމެން ބޭނުންގޮތެއްވެސް ނޫން އެއީކީ.


ދެވަނަ ކަމަކަށް މި އަންނަނީ ދިވެހިރާއްޖެއަށް މަދުންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މި ހައްދުފަހަނަޅައިދިޔުމުގެ ބަދުނާމު މި އަންނަ ސަބަބަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ސީރިޔާއަށް ދަތުރުކުރާ މައްސަލަ. މިއީކީ ސަރުކާރުގެ އުފެއްދުމެއް ނޫން. ސަރުކާރަށް މަސައްކަތްތަކެއް ކުރެވޭނެ. އެކަމަކު މީގައި މުޅި ދިވެހި މުޖުތަމަޢުގެ ޒިންމާއެއްވެސް އެބައޮތް. އެހެންވީމާ، މި ސުވާލުތައް އައިމާ، އަޅުގަނޑުމެން ކޮންމެ ކުއްޖަކަށްވެސް ހަމަ ރާއްޖޭގައި މިކަންކަން އޮތްގޮތް ކިޔައިދެވިއްޖެ ކަމަށްވަންޏާ، އެ މެސެޖްވާނެ ވަރަށް ވަރުގަދަ މެސެޖަކަށް. ދިވެހިރާއްޖޭގެ ކަންކަން އޮތްގޮތް ސާފުކޮށްދިނުން. މިތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ދިވެހިރާއްޖެއަކީ އެ ޕޯޓްރޭ ކުރެވޭގޮތަށް އޮތް ތަނެއް ނޫންކަމާއި، އަމާންކަމާއި، ޞުލްޙަވެރިކަމާއެކީ ކަންތައްތައް ކުރާ ކަމަށް ބުނެވިއްޖެ ކަމަށްވަންޏާ، ތިޔަބޭފުޅުންނާ ދޭތެރޭގައި މިތަނުގެ ރައްޔިތުންވެސް އަދި ތިޔަބޭފުޅުންގެ އެމްޕްލޮޔަރުންވެސް ދެކޭގޮތް ރަނގަޅުވާނެ.


އެހެންވީމާ، އަނެއްކާވެސް އަޅުގަނޑުމެންގެ ތެރޭގައި ބަދުނާމުގެ މައްޗަށް ބަދުނާމު އަންނަން ފަށައިފި ކަމަށްވަންޏާ، މުޅި ދިވެހިންނާ ދޭތެރޭގައި މިކަހަލަ ރަށްރަށުގައިވެސް އުފެދިގެންދާނީ ނުބައި ޝުޢޫރުތަކެއް. ނުބައި ޚިޔާލުތަކެއް. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެން މި ނިންމާލާ ދަތުރުންވެސް ހަމަ ވަރަށް އުފާވެރި މެސެޖްތަކެއް މިހުރީ. ފުރަތަމަ ފެށުމަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅުއްވާ ހުރިހާ ބޭފުޅުންނަށް، އިރާދަކުރެއްވިއްޔާ ވިސާއަކާނުލައި މިތާ ވަދެއުޅުމުގެ ހުއްދަ އެ ލިބެނީ. ދެން އަޅުގަނޑުމެންގެ މަސައްކަތް އޮތީ. ހަމަ މަސައްކަތްކުރާ މީހުންނާއި، ދިވެހިރާއްޖެއިން ކެޝުއަލީ މިތަންތަނަށް ޓްރެވަލްކުރާ ފަރާތްތަކަށް ވިސާއަކާ ނުލައި އެމިރޭޓްސްއަށް އަރައި، ދިޔުމުގެ ހުއްދަ ލިބޭތޯ ކުރާ މަސައްކަތް. އެހެންވީމާ، މިހެން މި މަސައްކަތްތަކެއް ޕޮޒިޓިވްކޮށް ކުރެވޭ ވަގުތެއްގެ ތެރޭގައި އަޅުގަނޑުމެން ބަދުނާމުވެގެންދާއިރު، އޭގެ ދިފާއުގައި މިތަންތަނުގައި ދިރިއުޅުއްވާ ތިޔަބޭފުޅުން ކަހަލަ ބޭފުޅުން ވަކާލާތު ކޮށްދެއްވައިފި ކަމަށްވަންޏާ، އެއީ ޝައްކެއްވެސްނެތްގޮތުގައި މުޅި ދިވެހީންނަށް ލިބިގެންދާނެ ފައިދާއަކަށް ވެގެންދާނެ.


އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނީމާ، ތިޔަ ހުރިހާ ބޭފުޅުންނާ ވަރަށް ބޮޑަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ދެން ގަބޫލުކުރައްވާ، ކޮންމެ ބޭފުޅަކީވެސް ހަމަ ރާއްޖެއާ ބެހޭގޮތުން ރާއްޖެއަށް ޕޮޒިޓިވް އިމޭޖެއް ކްރިއޭޓް ކުރުމަށްޓަކައި ހަމަ ވަރަށް ވަރުގަދަ ސަފީރަކަށް ވެގެންދާނެ. އެމަސައްކަތް ތިޔަބޭފުޅުން ކޮށްދެއްވައިފި ކަމަށްވަންޏާ އެއީ ހަމަ އެކަނި ސަރުކާރަށް ކޮށްދެވޭ މަސައްކަތަކަށް ވެގެނެއްނުދާނެ. އެއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެއަށް. ދިވެހީން މަސައްކަތް ކުރަނީ ހަމައެކަނި އަބޫދާބީއާއި ދުބާއީއަކު ނޫން. ދިވެހިން މަސައްކަތް ކުރޭ އިންޑިޔާގައި. ދިވެހީން މަސައްކަތްކުރޭ މެލޭޝިޔާގައި. ދިވެހީން މަސައްކަތްކުރޭ އަދި އެއަށްވުރެ ދުރު ތަންތަނުގައިވެސް.


އެހެންވީމާ، ދިވެހިރައްޖެއާ ބެހޭގޮތުން މި އުފެދިގެން އުޅޭ ތަޞައްވުރު، ޙަޤީޤަތުގައި މި މަސައްކަތްކުރާ ފަރާތްތަކުގެ ފަރާތުން އެ ޕޮޒިޓިވް ކަމަކަށް ބަދަލުކޮށްލެވިއްޖެ ކަމަށްވަންޏާ، މީގެ ހަމަ ކޮމަން ބެނެފިޓް މިދަނީ ހަމަ ރިޕްލްވެގެން، ހުރިހާ ދިވެހީން މަސައްކަތްކުރާ ހުރިހާ ޤައުމަކަށް. އެއީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހީން އެކިއެކި ވަޒީފާތަކަށް ރާއްޖެ ނޫން އެހެން ދިމަދިމާއަށް ރެކްރޫޓް ކުރުމަށް ލިބިގެންދާނެ ފަހިކަމަކަށް ވެގެންދާނެ. ޚިޔާލުތަފާތުވާ ކޮންމެފަހަރަކު އެ އުނދަގޫ މުޅި ދިވެހި މުޖުތަމަޢު އުފުލަންޖެހޭގޮތަށް އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ސަބްޖެކްޓް ކުރުމަކީ، އެއްވެސް މީހަކަށް ލިބިފައި އޮންނަ ފަރުދީ ޙައްޤެއް ނޫން. އެހެންވީމާ، އެކަންކަމުން ދުރުވުމުގެ ބުރަ މަސައްކަތް ކުރެއްވޭނެ، މިތަންތަނުގައި ސަފީރުން ގޮތަށް ތިޔަ މަސައްކަތްކުރައްވާ ސަފީރުންނަކީ ނިޔާޒެއް ނޫން. އަޅުގަނޑުމެންގެ ސަފީރުންގެ ގޮތަށް މަސައްކަތް ކުރައްވާ ހުރިހާ ދިވެހި ރައްޔިތުންނަށް އެ ވަރަށް ސްޓްރޯންގ ޕޮޒިޓިވް މެސެޖްތަކެއް ދެވޭނެ. މިކަން ކޮށްދެއްވައިފި ކަމަށްވަންޏާ، ހަމަ ވަރަށް ޝުކުރުވެރިކަމާއެކީ އަޅުގަނޑުމެން ބަލައިގަންނާނަން. އަޅުގަނޑުމެން އެކަންޏެއް ނޫން. ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށްވެސް މިއިން ހަމަ ޕޮޒިޓިވް ފީޑްބެކެއް ނޫނީ ލިބިގެނެއް ނުދާނެ.


އަނެއްކާވެސް ހަމަ ޝުކުރު ދަންނަވާލަން. ވަރަށް ދުރުންވެސް ދަތުރު ކުރައްވާފައި ރޭގަނޑުގައި މިވަގުތު ޒިޔާރަތް ކުރެއްވީމާ ހަމަ ފަށްފަށުން ޝުކުރު ދަންނަވާފައި، ރަނގަޅު ސަފީރުންތަކަކަށް ވެވަޑައިގެން، ހަމަ ޙަޤީޤަތުގައިވެސް ތިޔަ ކުރައްވާ މަސައްކަތުގައި، ތިޔަބޭފުޅުންނަށް އަޅުގަނޑު އެދެނީ ހުރިހާވެސް ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ހަމަ ގިނަ ދުވަސްތަކެއް ވަންދެން މިތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހަމަ ފަހިވެގެންދާނެ.


ވަރަށް ބޮޑަށް ޝުކުރިއްޔާ!


والسّلام عليــكم.