بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

އާދެ، ދިވެހިރާއްޖޭގެ ރަން ދުވަސްތަކުގެ ފަޚްރުވެރި، ޝަރަފުވެރި އިސް ރަށްވެހިން.

 

އާދެ، ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އަޅުގަނޑަށް މި ލިބޭ ކޮންމެ ފުރްޞަތަކީ، އުފަލާއެކީ އަޅުގަނޑު ހޯދަން ބޭނުންވާ ފުރްޞަތެއް. އާދެ، ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ލިބޭ މި ފުރްޞަތަކީ ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑަށް ސާފުވެގެންދާ ފުރްޞަތެއް. ހަމައެހެންމެ، ތިޔަބޭފުޅުންގެ އޯގާތެރިކަމާއި، ހިތްޕުޅުހެޔޮކަމާއި، ދިވެހިރާއްޖޭގެ ކުރިމަގާ ދޭތެރޭގައި ކުރައްވާ އުންމީދުތަކާއި، އަދި އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކާ ދޭތެރޭގައި ތިޔަބޭފުޅުންގެ ހިތްޕުޅުގައި ހުރި ނުތަނަވަސްކަން ކޮންމެވެސް މިންވަރަކަށް އަޅުގަނޑަށް އޮޅުންފިލައިގެންދާ ކަންކަން.


އާދެ، މިއީ އަޅުގަނޑު ވަގުތު ހޯދައިގެން ތިޔަ އެންމެހާ ބޭފުޅުންނާ މިކަހަލަ އުފާވެރި ބައްދަލުވުމެއްގައި ބައްދަލުކުރާތާ ތިންވަނަ ފަހަރު. އާދެ، މިރޭވެސް އަޅުގަނޑުގެ ބޭނުމަކީ، ދިވެހިރާއްޖެއަށް މިއައި ހުރިހާ ކުރިމަގަކާއި، އަޅުގަނޑުމެންގެ ޒުވާން ޖީލެއް ބިނާކުރުމަށް ތިޔަބޭފުޅުން ކޮށްދެއްވި މަސައްކަތްޕުޅާއި، އަދި ދިވެހިރާއްޖެ، މަގުން ކައްސާލައިގެންދާ ކޮންމެ ފަހަރަކު، އެއީ ވަކި ކަމެއްގައެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ އަނބުރާ އަޅުގަނޑުމެންގެ އަތްމަތީގައި ބޭއްވުމަށްޓަކައި އިސް ރަށްވެހިން، ހުރިހާ ޖެނެރޭޝަންތަކެއްގެ، ޖީލުތަކެއްގެ އިސް ރަށްވެހިން ކޮށްދެއްވާފައި ހުރި މަސައްކަތްތަކުން، އެކަންކަމުން ނޫނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ދިވެހިރާއްޖެއެއްގެ ގޮތުގައި ނޯންނާނެކަން އަޅުގަނޑުމެން އެންމެންނަށް ކަށަވަރުވާތީ، މިހުރިހާ ކަމަކަށްޓަކައި ތިޔަ އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއް.

 

އަޅުގަނޑު ކުޑަކުޑަ މިސާލަކުން ފަށާނަން. މިއީ ހުޅަނގުގެ ޤައުމެއްގެ މިސާލެއް. އަޅުގަނޑުމެންގެ ޢަރަބި އިސްލާމީ ދައުލަތްތަކުގައިވެސް މި މިސާލު ނެތެކޭ ނުދަންނަވާނަން. އެހެންނަމަވެސް، އަޅުގަނޑު ކީ ފޮތުން މިއީ ހުޅަނގުގެ މިސާލެއް. ވަރަށް މުއްސަންޖެއް. ބޮޑު ކާރުޚާނާއެއް ހިންގާ މީހެއް. ޕީ.އެޗް.ޑީ ރިސަރޗް ހަދައި، ހުރިހާ ގޮތަކުންވެސް ވަރަށް ފުންނާބު އުސް ފަންނާނެއް. ދުނިޔޭގެ ތަނަވަސްކަމާއި، މުޖުތަމަޢުގެ އިޙްތިރާމާއި ޤަދަރު، އެހެން މީހަކަށް ނުލިބޭވަރަށް ލިބިފައިވާ ޢިއްޒަތްތެރިއެއް. އޭނައަކީ މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅު. ވަރަށް އާދައިގެ ޢާއިލާއަކުން އައި ކުއްޖެއް. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ އޭނަގެ މަސައްކަތުން އޭނައަކީ ހަމަ ދެވަނައެއްނުވާފަދަ ކާމިޔާބުތަކެއް ހާސިލުކޮށްފައިވާ މީހެއް. ބައްޕަ ނިޔާވީ. މަންމަ ދަރިފުޅާއެކީ ގެޔަށް އަންނަން ބޭނުންވީ. މީނަގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެންވެސް ގެޔަށް ވަންނަންޖެހެނީ ފައިވާން ބަހައްޓާފައި. އެހެންނަމަވެސް، އަމިއްލަ ޙަޔާތެއް ފަށައި، އަދި އެކަމުގެ މަތިން މުޅިން ހަނދާންނެތި އެތަކެއް އަހަރު ފަހުން، ބައްޕަ ދުނިޔެ ދޫކޮށްފައި ދިޔުމާއެކީ، މަންމަ ގެޔަށް ގެނެސް މީނައަށް ބަލަންޖެހުނީ. ނޫނީ އުފަލާއެކީ އެ ޒިންމާ އަދާކުރަން ފެށްޓީ. މީނަގެ ގެޔަކީ މަންމަގެ ގެ ކަމަށް މީނަ ގަބޫލުކުރީ. އެދުވަހުން ފެށިގެންވެސް އަނެއްކާ ކުރީގެ އެ ހަނދާންތައް އޭނަގެ ޚިޔާލަށް ގެނެސްފައި، މަންމަގެ ނަޞޭޙަތާއި، މަންމައަށް އޯގާތެރިކޮށް އަޅާލުންތެރިކަމާއެކީ މަންމައަށް އިޙްތިރާމު ކުރުމުގެ ގޮތުން އަނެއްކާވެސް ކޮންމެ ފަހަރަކު، ކިތަންމެ އަވަސްމިނެއްގައި ބޭރުގައި އުޅެފައި އައިސް ގެޔަށް ވަންނަން ޖެހުނު ކަމުގައިވީނަމަވެސް، ފައިވާން ބަހައްޓާފައި ގެޔަށް މި ވަންނަނީ. ވަރަށް ސާދާ، ވަރަށް ކުޑަކުޑަ މިސާލެއް. އެހެންނަމަވެސް، މިކަމުން އަޅުގަނޑުމެންގެ ޒުވާނުންނަށް މި ނަގައިދެނީ އިސް ރަށްވެހިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައި ހުންނަ ތަރުބިއްޔަތުގެ ފިލާވަޅުތައް.

 

ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު އަޙްމަދު ޝާކިރު، އިސް ރަށްވެހިންގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވި. ވަރަށްގިނަ ޢިބްރަތްތެރި ވާހަކަފުޅުތަކެއް އަޅުގަނޑުމެންނަށް ދޫކޮށްލައްވާފައި އެ ވަޑައިގަތީ. އާދެ، އެބޭފުޅާ އެ ވިދާޅުވީ ހަމަ ޙައްޤު ބަސްފުޅުތަކެއް. ކޮންމެ މޭޒެއްގެ ކައިރީގައި މި އިންނެވި ކޮންމެ ބޭފުޅަކީ، ހަމަ ޚަޒާނާއެއްފަދަ މުއްސަނދި ޚިޔާލުތަކަކާއި، މުއްސަނދި ތަޖުރިބާތަކެއް ޙިއްޞާ ކުރައްވާ ހަނދުމަފުޅު ހުންނާނެ ބޭފުޅުންތަކެއް. ރާއްޖޭގެ ތަރައްޤީއަށް، ރާއްޖޭގެ އެކިކަންކަމަށް ތިޔަބޭފުޅުންގެ ޙިއްޞާ ކުޑައެއްނޫން. އަދި ކީއްތޯ! މިއަދުވެސް ތިޔަބޭފުޅުންނަކީ ގޭގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ބައެއް ނޫން. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އަޅުގަނޑުމެންގެ މިއަދުގެ ޒުވާން ޖީލުގެ ޚިޔާލަށް ގެންނަންވީ އިސް ރަށްވެހިންގެ ބޭނުމަކީ ކޮބައިތޯ؟ މަންމައާއި ބައްޕައާ ތަރުބިއްޔަތުގެ ގޮތުން ބުނެދެނީ ކީކޭތޯ؟

 

ޝައްކެއްވެސްނެތް. ޒަމާނީ ތަޢުލީމާއި، ޒަމާނީ ވަސީލަތްތަކާއެކީ، މިއަދުގެ ކުދިންނަކީ ޢިލްމީގޮތުން މަންމައިންނާއި ބައްޕައިންނަށްވުރެ މާ ތަނަވަސް، މާ މުއްސަނދި ބަޔަކަށް ވެގެން ހިނގައިދާނެ. އެހެންނަމަވެސް، ތަޖުރިބާއާއި ދުނިޔެ ދެކެފައިވާ ކަންކަމަށް ބަލާއިރު، އަދި ނަޞޭޙަތް ދެވޭ ފެންވަރަށް ބަލާއިރު، ޝައްކެއްވެސްނެތްގޮތުގައި، އެކުދިން އަދި ދަސްކުރަންޖެހޭ ފިލާވަޅުތައް ލައްކަ ގިނަ. އެހެންވެގެން އަޅުގަނޑު މި ދެންނެވި މިސާލުން މި ފެށްޓީ. އަޅުގަނޑުމެންގެ މިރޭގެ މި ޖަލްސާ އައްސަވަން، އަދި މިތާނގައިވެސް އެބަ ތިއްބެވި ޒުވާނުންވެސް. އަޅުގަނޑު ދިވެހިރާއްޖޭގެ ޒުވާނުންނާ ބައްދަލުކުރަމުން އަބަދުވެސް ޒުވާނުންނަށް ދަންނަވާ ވާހަކައަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެލީގެ މޯޓަރަކީ ޒުވާނުންނޭ. މިރޭ އިސް ރަށްވެހިންނަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ދިވެހިރާއްޖޭގެ ރަން އަހަރުތަކުގެ ފަޚްރުވެރި، ޝަރަފުވެރި ބޭފުޅުންނަކީ މި ގިންތީގައި ތިއްބެވި އިސް ރަށްވެހިންނޭ. ދެ ގިންތިއަކަށް މި ދެވޭ މަޤާމަކީ، މަޤާމުގެ ގޮތުން އެއްވެސް ގޮތަކަށް އަރައިރުމެއް، ތަޢާރުޟެއް އުޅޭ ކަމެއްނޫން. ކޮންމެ ބައެއްގެ ދައުރު އެހާ މުހިންމު. ޒުވާނުންނާ ހަމައަށް ޖީލެއް މި ގެނެސްދެނީ އިސް ރަށްވެހިން. މަންމައިން ބައްޕައިން، ކާފައިން މާމައިން، އިސް ރަށްވެހިން. އިސް ރަށްވެހިންނަކީ ދުޅަހެޔޮ ޖީލެއް ގެނެސް އަދި މުޑުވައްކޮށް، ޒުވާން ރަނގަޅު ޖީލެއް، އަޅުގަނޑުމެންގެ ޤައުމު އާރާސްތުކުރާވަރުގެ ޖީލެއް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭ ބަޔަކީ އިސް ރަށްވެހިން.

 

ޝައްކެއްވެސްނެތް. ޤައުމު ބިނާކުރުމުގައި އިސް ރަށްވެހިންގެ ވާހަކަ އަޅުގަނޑުމެން ދައްކާ ކަމަށްވަންޏާ، ހަމައެކަނި ދިވެހިރާއްޖޭގައި ހުރި ބައެއް ކަންތައްތަކާ ދޭތެރޭގައި ހިންގަވާ ޚިޔާލުކޮށްލަމާ. ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ތެރޭގައި މިއޮތް، ގަދަ ކަނޑުގެ ތެރޭގައި އޮތް ކުދިކުދި ޖަޒީރާ ޤައުމެއް. ގަދަ ކަނޑެކޭ މި ދެންނެވީ އެންމެ ކުރީގެ ތާރީޚުތަކަށް އަޅުގަނޑު ހަމަ ޖެހިލަމުން. ދިވެހިރާއްޖޭގައި ކަނޑު ގަދަވެގެން އަންނަނީ، ހަމައެކަނި ނަގާ ރާޅާއި ބާނީގެ ބާރުގަދަކަމަކުންނެއް ނޫން. އިރުން ހުޅަނގަށް ދަތުރުކުރާ، ހުޅަނގުން އިރަށް ދަތުރުކުރާ ހުރިހާ އޮޑިފަހަރެއްގެ ނަގާ ބާނި ދިވެހިރާއްޖޭގެ ބީޗްތަކަށް، އާދެ، ގޮނޑުދޮށްތަކަށް ހުންނަނީ ބީއްސާލާފައި. އަދި އެއަށްވުރެ ވަރުގަދަ ބާނި ލާ ބޮޑެތި ރާޅު، ޙަޤީޤަތުގައި ހަނގުރާމަ ޤާފިލާތަކުގެ ގޮތުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައި ހުރީ މަދެއްކޮށް ނޫން. އެންމެ ދުރުން، ދުރު އިރުމަތިން އަޅުގަނޑުމެންނަށް ޒިޔާރަތްކޮށްފައި އެބަހުރި. އެންމެކައިރި އަވަށްޓެރި އުތުރުކަރަ ހިސާބުން އަޅުގަނޑުމެންނަށް ޒިޔާރަތްކުރީ މަދަކުންނެއްނޫން. އަދި ދުނިޔޭގެ އިސްތިޢުމާރީ ބާރުތައް އަޅުގަނޑުމެންގެ ސަރަޙައްދުގައި ތިބެގެން އަޅުގަނޑުމެންނާ ބައްދަލުކުރީކީ އެކުވެރިކަމާއެކީއެއް ނޫން. އެހެންވީމާ، ޝައްކެއްވެސްނެތް، އަޅުގަނޑުމެންގެ މި އުފާވެރި ކުޑަކުޑަ އިސްލާމް ދައުލަތް މިހާ ހިސާބަށް، މި ރަޙްމަތުގައި ﷲ ލެހެއްޓެވީ ސަބަބުތަކެއް އޮވެގެންކަމާ ދޭތެރޭގައި އެއްވެސް މީހެއްގެ ހިތުގައި ޝައްކުކުރާނެ ޖާގައެއް ނޯންނާނެ. މި ހުރިހާ ކަމަކާއެކު ކޮންމެފަހަރަކުވެސް އަޅުގަނޑުމެންނަށް އިސްލާމްދީން މަތީގައި ތިބުމާއި، ޤައުމިއްޔަތަކާއި، ދިވެހިވަންތަ ސިފަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަވައި، އެކަންކަން ކޮށްދެއްވީ ދިވެހި އިސް ރަށްވެހިން. ދިވެހިރާއްޖޭގެ ރައްޔިތުން. މިހެން ދެންނެވި ނަމަވެސް، އަޅުގަނޑުމެންގެ ތާރީޚަކީ އެއްގޮތަކަށްވެސް މުޅިން އުފާވެރިކަން، ނޫނީ މުޅިން ރަނގަޅު ފިލާވަޅުތަކެއް ނަގައިދީފައި އޮތް ތާރީޚެއްވެސް ނޫން. ތާރީޚުގެ ހުރިހާ ވާހަކައަކަށް ދާކަށެއް ނޫން.

 

މިރެޔަކީ އުފާވެރި ރެއެއް. އުފާވެރި މަޙެފިލެއްގައި އަޅުގަނޑުމެން މިތިބީ. އުފާވެރި ވާހަކަ ދައްކާނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އަބަދުވެސް އިސް ރަށްވެހިންގެ ތަޖުރިބާ، އިސް ރަށްވެހިން ދައްކަވަންހުރި ވާހަކަތަކާއެކީ، އަބަދުވެސް އަޅުގަނޑުމެންގެ ތާރީޚު މުރާޖަޢާ ކޮށްލުމަކީ އަޅުގަނޑުމެން ހަމަ ކުރަންޖެހޭ ކަންކަން.

 

އާދެ، ރާއްޖޭގެ އެއްޒަމާންދިޔަ، މިކަހަލަ ކަންކަމުން، ހިތްދަތިކަމުން އަޅުގަނޑުމެން އަޅުވެތިކަމަށް ފުރޮޅިގެންދިޔަ ވަގުތުދިޔަ. އަނދިރިޔަކަސް، އައްޔަކަސް އެންމެ ރަނގަޅު ކަމަށް ގަބޫލުކުރި އިރެއްގައި. އަޅުގަނޑުމެންގެ ތެރޭގައި ދައުލަތް ބަދަލުވެ، ޣައިރު މުސްލިމުންގެ އަތްމައްޗަށް ދިވެހި ދައުލަތްދިޔަ. މިކަމާއެކުގައިވެސް ހަމަ ދިވެހި ފަސްގަނޑުން ތެދުވީ ކުޅަދާނަ މުޖާހިދުންތަކެއް. އެހެންވީމާ، އަޅުގަނޑުމެންނާ ހަމައަށް ދިވެހިރާއްޖެ އައިސް މިއޮތީ ލައްކަ ގިނަ މުޖާހިދުން، ލައްކަ ގިނަ އިސް ރަށްވެހިންގެ ވަރުގަދަ ޖިހާދުތަކާއެކީ. މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒުވާން ޖީލަށް އަޅުގަނޑުމެން ކުރަންއޮތް ވަޞިއްޔަތަކީ، އަދި ދައްކަން އޮތް ވާހަކައަކީ، ނޫނީ ޗެލެންޖް ކުރަން، ޖަދަލުކުރުމުގެ މާނައަކު ނޫން. ޗެލެންޖް ކުރަން އޮތް ކަމަކީ ދިވެހިރާއްޖޭގެ މިހުރިހާ ދިވެހިވަންތަ ސިފަތައް. އާދެ، ދިވެހި ގަހަނާއިން ދިވެހި ހެދުމުން ޒީނަތްތެރިވުމަކީ ހުތުރު ކަމެއްނޫން. ވަރަށްރީތި ސިފަތަކެއް. ދިވެހި ސިފަތަކަކީ ރީތި ސިފަތަކެއް. މިއަދު ހުޅަނގުގެ ތަޢުލީމު ހޯދައިގެން އަންނަ ބައެއް ކުދިންނަށް، ޑިމޮކްރަސީގެ ނިދާގެ އަޑު އިވެމުންދާލެއް ބާރުކަމުން ފަހަރުގައި ލަދުވެތިވެދާނެ. އެހެންނަމަވެސް، ޤައުމިއްޔަތެއްގެ ސިފަތައް ހުންނަ ބަޔަކަށްވާއިރު، ދިވެހި ފޭރާމުން ޒީނަތްތެރިވުމަކީ، އެއަށްވުރެން ވަކި ޒީނަތްތެރިކަން އިތުރުވާނެ ކަމެއް އޮންނާނެހެނެއް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.

 

އެހެންވީމާ، މިއަދުގެ ޒުވާން ޖީލަށް އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ސުވާލަކީ މިއީ. އިސް ރަށްވެހިން، ކާބަފައިން ފެށިގެން އަޅުގަނޑުމެންނާ ހަމައަށް، އަޅުގަނޑުމެންގެ ޖީލާ ހަމައަށް ގެނެސްދީފައި މިއޮތީ ބޮޑު އަމާނާތެކޭ. ބޮޑު ތަރިކައެކޭ. އޭގެ ޒާތުގައި، އެ ރައްކާތެރިކުރުމުގެ ޒިންމާ މިއަދު އުފުލަންޖެހޭ ބަޔަކީ، އިސް ރަށްވެހިންގެ ލަފައާއި މަޝްވަރާއާއި ތަޖުރިބާއާއެކީ މިއަދުގެ ޒުވާނުންނޭ. އެހެންވީމާ، ޒުވާނުންނަށް މިއަދުގެ މުޖުތަމަޢުގައި ދެވިފައި އޮންނަ ޤަދަރު، ނޫނީ އަޅުގަނޑުގެ ހިތުގައި ދެވިފައި އޮންނަ ޤަދަރާއި، އިސް ރަށްވެހިންނަށް އަޅުގަނޑުގެ ހިތުގައި ދެވިފައި އޮތް ޤަދަރު، މަޤާމުގެ ގޮތުން ތަޢާރުޟެއްނުވޭ.

 

ޒުވާން ޖީލެއް މުޑުވައްކުރުމާއެކީ، އަޅުގަނޑުމެންނާ ހަމައަށް މި ގެނެސްދެއްވަނީ އިސް ރަށްވެހިން. ޤައުމެއް ބިނާކުރުމުގައި ހުރި ކަންކަމަށް ބަލާކަމަށްވަންޏާ، މިކަންކަން ކުރައްވާފައި މިހިރީ އިސް ރަށްވެހިން. މިއަދުގެ އިސް ރަށްވެހިން. އުސްތާޛު ޝާކިރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، މީގެ ދުވަސްތަކެއް ކުރިން، ހަމަ ގޮނޑުދޮށުގައި ވަރަށް ފޯރިގަދަކޮށް ދުވެވަޑައިގެން އުޅުއްވި ވާހަކަ. އެއީ އިންސާނީ ޠަބީޢަތު. އެކަމަކު މިއަދު އަޅުގަނޑުމެން ހަމަ އިސް ރަށްވެހިންގެ ގޮތުގައި ދެކޭ ބޭފުޅުންނަކީ، ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައި، ހަމަ އެހާމެ މުރާލިކަމާއެކީ ރާއްޖެ ބިނާކުރެއްވުމުގައި އަދި އަދާކުރައްވަމުން ގެންދެވި އެކި ވަޒީފާތަކުގައި، އެކިއެކި ޞިނާޢަތްތަކުގައި، ވިޔަފާރިތަކުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ، ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުން. އެހެންވީމާ، ޤައުމެއްގެ ހައިސިއްޔަތުން ވިސްނާކަމަށްވަންޏާ، އިސް ރަށްވެހިންގެ ދައުރާ ދޭތެރޭގައި، އެ ދައުރުގެ މުހިންމުކަމާ ދޭތެރޭގައި ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް.

 

މިއަދުގެ ޒުވާނުން، އަޅުގަނޑުމެން ޓީ.ވީ އިން މި ޖަލްސާ ބަލަމުންގެންދާ އަދި މިތަނުގައި ތިއްބެވި ބޭފުޅުންނާވެސް އަޅުގަނޑު ކޮށްލަން ބޭނުންވަނީ ހަމަ ފަރުދީގޮތުން ތިޔަބޭފުޅުން ކުރައްވަންޖެހޭ ސުވާލެއް. ހަމަގައިމުވެސް އިސް ރަށްވެހިންގެ މިފަދަ ބައްދަލުވުމަކަށް އައިސް އަޅުގަނޑު ހުއްޓޭއިރު، އަޅުގަނޑުގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް ދައުރުކުރޭ. އަޅުގަނޑުމެންގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ޤައުމު ބިނާކުރުމުގައި އެކަންޏެއް ނޫނޭ. ފަރުދީގޮތުން އަޅުގަނޑުމެން ކޮންމެ ކުއްޖަކާ ދިމާވެފައި ހުރި ކަންތައްތަކާ ދޭތެރޭގައި ވިސްނައިލައްވަބައްލަވާ! ދިވެހިރާއްޖެ ޝައްކެއްވެސްނެތްގޮތުގައި، މިއަދާ ހަމައަށް އައިއިރުވެސް ބޮޑެތި ޞިއްޙީ ވަބާތައް އަޅުގަނޑުމެންނާ ކުރިމަތިވި އެކިފަހަރުމަތިން. ކޮލެރާގެ ދުވަސްވަރެއް ދާނެ. ޝިގެއްލާގެ ދުވަސްވަރެއް ދާނެ. އެނޫން ދުވަސްވަރެއް ދާނެ. އަޅުގަނޑުމެންގެ ޢާއިލާގައި ހަމަ މިއަދު އެ ޒުވާން ކުދިންގެ ބޭބެއިން، ދައްތައިން، ޒުވާން ކުދިން ނޫނީ ހަރު އުމުރަށްދާ މީހުން، އެކަމަކު އެ ޒުވާން ކުދިން މިއަދު ހަނދާން ހުންނާނެކަންނޭނގެ. އެންމެ ޙާލު ދެރަވެގެން ދުނިޔޭގައި އޮންނާނެތޯ، ނޫންތޯ ސުވާލު އުފެދެމުންދާއިރު، ﷲގެ ރަޙްމަތާއެކީ އެކުދިން މިއަދު ދުނިޔޭގައި ތިބެން މެދުވެރިވި ސަބަބަކަށްވަނީ މި ދެންނެވި ކަހަލަ ޞިއްޙީ ޚިދުމަތްތެރިން.

 

މިއަދު އެކުދިންގެ ޚިޔާލަށް އަންނަ ކަމަށްވަންޏާ، އިސް ރަށްވެހިންގެ މަތިން، މި ދެންނެވި ގޮތަށް ފަރުދީ މަފްހޫމަކުން ވިސްނާލި ކަމުގައިވިނަމަވެސް، މިކަންކަން ހަނދާންނައްތައިލެވޭނެބާ؟ އަޅުގަނޑުމެންގެ ތެރޭގައި ޚިދުމަތް ކުރެއްވި ޞިއްޙީ ދާއިރާގެ ޑޮކްޓަރުން އަދި ޞިއްޙީ އެހީތެރިން، ކިހިނެއްތޯ އަޅުގަނޑުމެން ހަނދާންނައްތާލާނީ؟ ޒުވާން ޖީލެއް ބިނާކުރުމުގައި، މުދައްރިސުންގެ ދައުރު، ޓީޗަރުންގެ ދައުރު، އުސްތާޛުންގެ ދައުރު ކޮބައިތޯ؟ އަޅުގަނޑުމެންނަށް މިއަދު މިހާހިސާބަށް އާދެވޭނެތޯ؟ އަޅުގަނޑުމެން ކަންކަން ނިންމުމުގައި، އަޅުގަނޑުމެންގެ ބަސް އިއްވުމުގައި ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި އަޅުގަނޑުމެންގެ ޢިލްމީ ދަރިން މަސައްކަތް ކުރަމުން އެދަނީ. އެމީހުންގެ ފެށުމުގެ އަސާސަކީ ކޮބައިތޯ؟ އެމީހުންގެ ފެށުމުގެ އަސާސަކީ، މިރޭ މިތާ އެބަތިއްބެވި މީގެ ބޭފުޅުން. އުސްތާޛުން އެބަ ތިއްބެވި. އަދި އަޚްލާޤުގެ ފިލާވަޅު ނަގައިދެއްވި އެތައް ބައިވަރު ބޭފުޅުންނެއް މިތާ އެބަ ތިއްބެވި. އަމިއްލަ ކަންކަމާ ދޭތެރޭގައި، ނޫނީ ފަރުދީގޮތުން ވިސްނާލާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެނެވޭ މިކަހަލަ ކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ ދޮގެއްތޯ، ދައުލަތެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި މިއުޅެނީ ހަމައެކަނި ފޭރާން ހެޔޮ ދަރިންތަކެއް ގެނެވުމަކީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު ނަޞީބުކަން. އެންމެބޮޑު އުފާކަން. އެއާއެކީވެސް ޢުމްރާނީ ތަރައްޤީގެ އެތައް ކަންތައްތަކެއް އަޅުގަނޑުމެން އެބަ ކުރަންޖެހޭ.

 

އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވަމާ ހިންގަވާ! ދިވެހިރާއްޖެ މިއަދު އަޅުގަނޑުމެން މި ހުއްޓި ތިބި ތާރީޚުގެ ކަންމަތީގައި ތިބޭއިރު، ނޫނީ ހަތަރު އަނގޮޅި ކަންމަތީގައި ތިބޭއިރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވަމާ ހިންގަވާ! އަޅުގަނޑުމެންނަށް ކާބަފައިންގެ ފަރާތުން، ނޫނީ ކާބަފައިންނޭ ބުނާކަށްނުވާނެ. އިހަށްދުވަހާ ޖެހެންދެން މަސައްކަތް ކުރެއްވި މިއަދުގެ އިސް ރަށްވެހިންނާ ހަމައިން. އަޅުގަނޑުމެންގެ ހަނދާނަށް އެބަ އަންނަންޖެހޭ، 1965 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުން ވަކިވެ، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުގޮތް. އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅަކީ އަދި އެފޮތްތަކުން ލިބެންހުރި ފިލާވަޅުތަކާއި ތަޖުރިބާޔަކީ ކޮޅުންލާނެ ތަޖުރިބާއެއް ނޫން. އެއީ މިއަދުގެ ޓެކްނީޝަނުންނަށްވެސް، އާދެ، މިލިޓްރީ މީހުންނަށްވެސް އަދި މިއަދުގެ ސިކުނޑީގެ މަސައްކަތުން މަސައްކަތްކުރާ މީހުންނަށްވެސް އަދި މިކަހަލަ އުނދަގޫ ޙާލަތްތަކުގައި އެކި ފަރާތްތަކާ ނެގޯޝިއޭޓް ކުރާއިރުވެސް ބޭނުންކުރަން ލައްކަގިނަ ޢިބްރަތްތަކާއި ފިލާވަޅުތައް ނަގައިދީފައި ހުރި ދަރުސްތައް ހިމެނޭ ބޮޑު ފިލާވަޅު ފޮތެއް.

 

އަޅުގަނޑުމެންގެ ޚިޔާލަކަށް ނުގެނެވޭތޯ، ދިވެހިރާއްޖެ މިއަދު މިދަނީ ﷲގެ ރަޙްމަތާއެކީ 8 މިލިއަން ފަސިންޖަރުން އެކޮމޮޑޭޓް ކުރެވޭވަރުގެ މިޒަމާނުގެ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހަދަން. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއް ރަނގަޅަށް ދާކަމަށްވަންޏާ، އަންނަ އަހަރު ހުސްވުމުގެ ކުރިން މި އެއަރޕޯޓް އުފެދި، އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް ޤާއިމުވެ، އަޅުގަނޑުމެންގެ މަތިންދާބޯޓުގެ ދަތުރުފަތުރު، މި އެއަރޕޯޓު ބޭނުންހިފާނެ.

 

އާދެ، އަޅުގަނޑުމެންގެ ފަތުރުވެރިކަން އިތުރުވެގެންދިޔުމަކީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވެގެންދިޔުން. އެއީ ޝައްކެއްވެސްއޮތް ކަމެއް ނޫން. އެކަމަކު މީގެ އުފެދުން އޮތީ ކިހާ އާދައިގެ، ކިހާ ކުޑަކުޑަ ގޮތެއްގައިތޯ؟ އެ މަސައްކަތް ކުރެއްވީ އިސް ރަށްވެހިން. އޭގެތެރެއިން ގިނަ ބޭފުޅުން މިއަދު ދުނިޔެ ދޫކުރައްވައި ވަޑައިގެންފި. އެހެންނަމަވެސް، ހުޅުލޭގައި ހެދިފައި އޮތް އެއަރޕޯޓާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެންގެ ޖީލަށް، މި ދިވެހި ދައުލަތަށް، ދިވެހިރާއްޖެއަށް އިސް ރަށްވެހިން ކޮށްދެއްވާފައި އޮތް ޚިދުމަތް، ހަމައެކަނި މި މިސާލަށް ބަލައިލި ނަމަވެސް، ހަނދާންނައްތާލެވެން އެބައޮތްތޯ؟ އެއަށްވުރެ ތަންކޮޅެއް ކުރިއަށް ޖެހިލާކަމަށްވަންޏާ، އަޅުގަނޑުމެން ވަރަށް ގިނައިން އިޤްތިޞާދީ ވާހަކަ ދައްކަން. އަޅުގަނޑުމެން ވަރަށްގިނައިން ދައްކަން އަޅުގަނޑުމެންގެ ތަނަވަސްކަން، އަޅުގަނޑުމެންގެ އަތްމަތީގައި ގެންގުޅޭ ވާހަކަ ދައްކަމު. އެހެންނަމަވެސް، މާ ދުރުނޫން މާޒީއެއްގެ ތެރޭގައި އަޅުގަނޑުމެން ވޯރާ ވިޔަފާރިވެރިންގެ ވާހަކަވެސް އަޑުއަހަމުން ގެންދިޔައީ. ހަމަގައިމުވެސް މިތާ ތިއްބެވި އިސް ރަށްވެހިންނަކަށް މިއީކީ ބީރައްޓެހި ވާހަކައަކަށް ނުވާނެ. ވޯރާ ވިޔަފާރިވެރިންގެ ފަރާތުން ދިވެހިރާއްޖޭގެ އިޤްތިޞާދު މިނިވަންވެ، ދިވެހި ވިޔަފާރި އުފެދި އަދި ދިވެހި މަހަކީ ދިވެހި ފިހާރައަކަށް، ދިވެހިރާއްޖޭގެ ބޮޑު އިސްޓޯރަށް ކިރާ މަހެއްގެ ގޮތުގައި ހަމަޖެހިގެން ގޮސް، އެ ހޯދި ތަނަވަސްކަމުގެ މަތިން އަޅުގަނޑުމެން ހަނދާންނެތޭނެތޯ؟ އެހެންވީމާ، ކިހިނެއްތޯ މި މިސާލަށް ބެލިޔަސް، އިސް ރަށްވެހިންގެ މަތިން ހަނދާންނެތޭނީ؟

 

ޢުދުވާންތަކަށް ބަލައިލަމާ ހިންގަވާ! އަޅުގަނޑުމެންގެ މި ފަހުގެ ތާރީޚު. 1988 ވަނަ އަހަރުގެ ނޮވެންބަރުން 3ވީ ދުވަސް އަލިވިލިގެން އައީ އަޅުގަނޑުމެން ދުށް މި ޒަމާނުގެ އެންމެ ހިތްދަތި ދުވަސްތަކުގެ ތެރެއިން އެންމެ ވަރުގަދަ ދުވަހަށް. މި ޢުދުވާނަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، އޭރުގައި ހަރަކާތްތެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ މިއަދުގެ އިސް ރަށްވެހިން. ޢަސްކަރިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ބެލިކަމުގައިވީ ނަމަވެސް، އަދި ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ބެލިކަމުގައިވީނަމަވެސް، މިއީ މިއަދުގެ ޝަރަފުވެރި އިސް ރަށްވެހިން. އެ ދުވަހުގެ ޙާލަތު އެހެން ގޮތަކަށް ފުރޮޅިގެންދިޔަނަމަ، ކީއްވެގެންތޯ އަޅުގަނޑުމެން ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދުވަސްތަކާ ދޭތެރޭގައި މިއަދުވެސް ނުވިސްނަންވީ؟ ﷲގެ ރަޙްމަތާއެކީ އެދުވަހުގެ ޙާލަތު ފުރޮޅިގެންދިޔައީ އަޅުގަނޑުމެންނަށް އަމާންކަމާއެކީ އަޅުގަނޑުމެންނަށް ކާމިޔާބާއި ނަޞްރު ﷲ މިންވަރު ކުރައްވައިގެން.

 

އާދެ، އިސް ރަށްވެހިންގެ ޚިދުމަތަށް ބަލާއިރު، މި ދެންނެވި ކަންކަމަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް އެބައާދޭ، އިސް ރަށްވެހިންގެ ތެރޭގައި މިއަދު ތިއްބެވި ބޭފުޅުން. މަދު ބޭފުޅުންކޮޅެއް، އަޅުގަނޑު ހަމަ ނަމުން ދަންނަވާލަން ބޭނުންވޭ. އެއީ، މިރޭގެ މި ޖަލްސާގައި ހަމަ އެބޭފުޅުންނަށް ޝަރަފު އެރުވުމަށްޓަކައި. އެއްގޮތަކަށްވެސް މިއިން އުނިވެގެންދާ ނަމަކީ އެބޭފުޅަކާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ކަމެއް އޮވެގެނެއް ނޫން. ހަމަ ބައެއް ނަންނަން ދަންނަވާލުމުގެ ގޮތުން. ޚިދުމަތްތެރިން، ހަމަ މި ފެންވަރުގެ، މި ފަންތީގެ ޚިދުމަތްތެރިން ތިއްބަވާނެ. އެހެންނަމަވެސް، ބައެއް ބޭބޭފުޅުންގެ ނަން މި ދަންނަވާލަނީ. އަޅުގަނޑު މި ދެންނެވި ކަހަލަ ބައެއް ޤައުމު ބިނާކުރުމުގެ މިސާލުތަކާ ބެހޭގޮތުން ދަންނަވާލަނީ.

 

އާދެ، ފުރަތަމައިނުންވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ކުރީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެމަނިކުފާނުގެ ޚިދުމަތް. އެއާއެކީ އަޅުގަނޑުގެ ޚިޔާލަށް، އަޅުގަނޑުގެ ހަނދާނަށް އެބައާދޭ، މި ދެންނެވި އިނގިރޭސިންގެ އަތުން ދިވެހިރާއްޖެ މިނިވަންކަމާ ހަމައަށް އައިއިރު، އޭރުގެ އެންމެ ވަރުގަދަ މި ސަފުގައި މަސައްކަތް ކުރެއްވި އިސްބޭފުޅުންކޮޅެއް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދުނިޔެ ދޫކުރައްވައި ވަޑައިގެންތާ މިވީ ދެތިން އަހަރެއްހާ ދުވަސްކަންނޭނގެ. އެހެންނަމަވެސް، ހަމަ ވަރަށް ގާތުން، ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި އެއްބޭފުޅަކު މިއަދުވެސް އެބަ ހުންނެވި ހެޔޮޙާލުކޮޅުގައި. އެހެންނަމަވެސް، ވަރަށް ސީނިއަރ ސިޓިޒަނެއް، ވަރަށްދޮށީ ބޭފުޅެއް. ޞާޙިބުއްސަޢާދާ އިބްރާހީމް ރަޝީދު، ކަރަންކާގޭ އިބްރާހީމް ރަޝީދު. އަޅުގަނޑުމެންނާއެކީ މިރޭގެ މި ޙަފްލާގައިވެސް އޮނަރަބްލް ޢަބްދުﷲ ޖަމީލް، އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިން، އާދެ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރިން. އަދި ހަމައެއާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ، ޢަސްކަރިއްޔާގައި މި ދިމާވި ކަންކަމާއި، މިކަންކަމުގައި އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ، ހަމަ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރިއެއް. ޢަންބަރީ ޢަބްދުއްސައްތާރު. ހަމަ މި ދާއިރާއަށް ބަލާކަމަށްވަންޏާ، ރިޓަޔަރޑް މޭޖަރ ޖެނެރަލް ޓޫޓޫ މުޙައްމަދު ޒާހިރު. އާދެ، ހަމައެގޮތަށް އަޅުގަނޑުމެންގެ ޚިޔާލަށް އެބަ އަންނަންޖެހޭ އާދަމް ޒާހިރުވެސް. މިބޭބޭފުޅުންނަކީ ވަރަށްގިނަ ފިލާވަޅުތަކެއް ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚަށް ދޫކުރައްވާފައި ތިއްބެވި ބޭފުޅުން.

 

އެހެންވީމާ، އަޅުގަނޑު މި ދެންނެވި ކަހަލަ، ޤައުމު ބިނާކުރުމުގެ ބޮޑެތި މަސައްކަތްތަކަށް ބަލާކަމަށްވަންޏާ، މި ބޭބޭފުޅުންގެ މަތިން އަޅުގަނޑުމެން ހަނދާން އާކުރާ ކަމަށްވަންޏާ، ކިހިނެއްތޯ އިސް ރަށްވެހިންގެ ޚިދުމަތް އަޅުގަނޑުމެން ހަނދާންނައްތާލާނީ؟ އެހެންވީމާ، އަޅުގަނޑުމެން މިހެން މި ބާއްވާ ޖަލްސާއެއްގައި އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވާކަށް ނުއެއްޖެހޭ. ވަރަށް އުފާވެރި ވާޖިބެއް، އުސްތާޛު ޝާކިރު މީގެކުރިން އެ އަދާކުރެއްވީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ހަށީގައި ދިވެހި ލޭ ހިނގާހާ ހިނދަކު، އިސް ރަށްވެހިންގެ ޚިދުމަތުގެ މަތިންނެއް ހަމަގައިމުވެސް ދިވެހިވަންތަ، ޤައުމިއްޔަތަށް ލޯބިކުރާ ދިވެހި ކުދިންނެއް ހަނދާންނެތިގެން ނުދާނޭ. ޒުވާން ޖެނެރޭޝަނެއް، ޒުވާން ޖީލެއްވެސް ހަނދާންނެތިގެން ނުދާނެ. ހަމަގައިމުވެސް އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، އިސް ރަށްވެހިން އަޅުގަނޑުމެންނަށް ނަންގަވައިދެއްވަން ހުރި ފިލާވަޅުތައް މަދެއްނުވާނޭ. އިސް ރަށްވެހިން ޖާގަ ހޯއްދަވަންޖެހޭނީ ހަމައެކަނި ގޭގޭގައި ތިއްބަވައިގެނެއް ނޫން. އިސް ރަށްވެހިންގެ ޖާގަ އެބައޮތް ހުރިހާ ކަމެއްގައި. މިއީ ހަމައެކަނި ޒުވާނުންގެ ދިވެހިރާއްޖެއެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، މިއީ ޒުވާނުންގެވެސް ދިވެހިރާއްޖެ. އެކަމަކު ހަމަ އެއާއެކީ މިއީ އިސް ރަށްވެހިންގެ ދިވެހިރާއްޖެ. އިސް ރަށްވެހިންނަށް ކަންބޮޑުވާ ކަންތައްތައް އަޅުގަނޑުގެ ޚިޔާލަށް ކޮންމެވެސްވަރަކަށް އާދޭ. އެކަންކަމާ ދޭތެރޭގައި އިސް ރަށްވެހިން ވަރަށް ވިސްނާވަޑައިގަންނަވާ.

 

ވަރަށްފަހުން، ވަރަށްފަހޭ ދެންނެވިޔަސް، އެހާ ފަހެއްވެސް ނޫން. ދުނިޔޭގެ އެކި ޤައުމުތަކުގައި ސީނިއަރ ސިޓިޒަނުންގެ ދުވަހެއް ފާހަގަކުރޭ. އިސް ރަށްވެހިންގެ ދުވަހެއް ފާހަގަކުރޭ. އެމެރިކާގައި އެންމެ ފުރަތަމަ އިސް ރަށްވެހިންގެ ދުވަހެއް ފާހަގަކުރެއްވީ ރޮނަލްޑް ރޭގަން. އެ ދުވަސް ފާހަގަކުރައްވަމުން، އެ ދުވަސް އިޢުލާނު ކުރައްވަމުން، އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން ވިދާޅުވީ، ކީއްވެގެންތޯ އިސް ރަށްވެހިންގެ ދުވަހެއް ފާހަގަކުރަންޖެހެނީ؟ އޯގާތެރިކަމާއެކީ އަޅާލުން. އިސް ރަށްވެހިންގެ މަތިން ހަނދާންކުރުން. އެމެރިކާ ކަހަލަ ޤައުމަކަށް ބަލާކަމަށްވަންޏާ، އެކިއެކި ހަނގުރާމަ، އެކި ބައްރުތަކުގައި ކޮށްފައި ތިބި ވެޓެރަނުން އެބަތިބި. ދިވެހިރާއްޖޭގައިވެސް ހަމަ އެ ވެޓެރަނުން އެބަތިބި. މިހާރު އަޅުގަނޑުމެންނަށް މިއީ ފަހުން ހަނގުރާމައެއް ނެތަސް 1988ގެ ޢުދުވާނުން ސަލާމަތްވި، ދިވެހިރާއްޖެ ސަލާމަތް ކުރެއްވި އެތަކެއް ބޭފުޅުން މިއަދުވެސް ހެޔޮޙާލުކޮޅުގައި ދިވެހިރާއްޖޭގައި އެބަ ތިއްބެވި.

 

އެހެންވީމާ، އިސް ރަށްވެހިންގެ ދުވަހެއް ފާހަގަކުރާއިރު ބަލައިލަންޖެހޭ ކަންތައްތަކަކީ، ކީއްވެގެންތޯ މި މުޖުތަމަޢުގައި އިސް ރަށްވެހިންނަށް ޖާގަ ނުލިބެންވީ؟ ކީއްވެގެންތޯ އިސް ރަށްވެހިން، އެމީހުންގެ ގޮތުގައި އިޙްތިރާމާއި، ލޯތްބާއި، އޯގާތެރިކަމާއި، ކުލުނާއެކީ މި ދިވެހި މުޖުތަމަޢު ތެރޭގައި ނޫޅެވެންވީ؟ މިއީ އުފެދޭ ސުވާލު. އިސް ރަށްވެހިންގެ ދުވަހެއް ގެންނައިރު، އެމީހުންނަށް މެހްމާންދާރީ އަދާކުރުން، ކަމޭހިތުން، އެމީހުން ކޮށްދީފައި ހުރި ކަންތައްތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރުން. އަދި އެއިން ފިލާވަޅުތަކެއް ލިބުމާއެކީ ޝުކުރުވެރިވުން. މިކަހަލަ ކަންތައްތަކެއް ރޮނަލްޑް ރޭގަން ފާހަގަކުރެއްވީ. ޝައްކެއްވެސްނެތްގޮތުގައި، މިހާރުވެސް ހަމަ ހުރިހާ ބޭފުޅުން، މިކަހަލަ ކަންތައްތަކެއް އިސް ރަށްވެހިންނާ ދޭތެރޭގައި ފާހަގަކުރައްވާނެ.

 

އިސް ރަށްވެހިން އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ކަންބޮޑުވާ ކަމަކަށްވާނީ، އިސް ރަށްވެހިންގެ ޖަމާޢަތަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ މަސްރަޙާ ދޭތެރޭގައި ވިސްނާ ވިސްނުން. ދިވެހިރާއްޖޭގައި ކުށް ގިނަވެގެންދާ މިންވަރާ ދޭތެރޭގައި އިސް ރަށްވެހިންގެ ކަންބޮޑުވުން. ދިވެހިރާއްޖޭގައި އެއްވެސްކަހަލަ ބަލައިލުމެއްނެތި މަދު ބަޔަކު ނަމަވެސް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަން ކެރޭ މިންވަރު އިތުރުވެގެންދާ ދިޔުން. ދިވެހިރާއްޖޭގައި ރަޙުމްކުޑަ އެތަކެއް ކަންތައްތަކެއް ހިނގަމުންދާތަން އިސް ރަށްވެހިންނަށް ފެންނަ ފެނުން. ޞުލްޙަވެރި އަމާން އަދި މުޅި ހިސާބުގަނޑުގެ ސުވަރުގެ ގޮތަށް ޝަރަފުވެރި ނަމުން ނަން ދެވިފައި އޮތް ސުވަރުގެއަށް މިވަނީ ކީއްތޯ؟ އަދި މި ސުވަރުގެއިން ބިމުގެ ޖާގައާއި، މަންމައިން، ބައްޕައިންގެ ކުލުނު ހޯދާފައި ތިބި ދިވެހި ދަރިން ދިވެހިރާއްޖެ ފަޟީޙަތްކޮށް، ދިވެހިރާއްޖޭގެ ފަތިފުށް ކިޔަމުން، ދިވެހިރާއްޖޭގެ އެވެނި ކަމެއް ގޯސް، މިވެނި ކަމެއް ގޯސް، ދިވެހިރާއްޖެއަކީ އިސްލާމީގޮތުން ހައްދުފަހަނަޅާފައި ތިބި ބައެއް ތިބި ތަނެއް ކަމާއި، މި ތަނަށް ބޭރުގެ މެހްމާނުން ޒިޔާރަތް ކުރަން ހެޔޮވާވަރު ތަނެއް ނޫންކަމާ، މިކަހަލަ އެތައް ވާހަކައެއް މި ދައްކަނީ ހަމަ ތިމަންނަމެންގެ މުޑުވަކުން އުފެދުނު ދިވެހި ކުދިންތޯ؟ ޤައުމިއްޔަތުގެ ކުލުނެއް ކަންފުޅެއްވެސް ހުރި ދިވެހި ދަރިންތޯ؟ މި ސުވާލު ދިވެހި އިސް ރަށްވެހިންގެ ތެރޭގައި މިދަނީ. އަޅުގަނޑު ދިވެހި އިސް ރަށްވެހިންނަށް ދަންނަވަނީ، އަޅުގަނޑު ހަމަ ބަރާބަރަށް ތިޔަ ޚިޔާލުފުޅުގައި ތިޔަބޭފުޅުންނާއެކީ ޝާމިލުވަމޭ. އަދި އަޅުގަނޑުގެ ސަރުކާރުން މި މަސައްކަތް ކުރަނީވެސް މި ދެންނެވި ކަހަލަ އެތަކެއް ސުވާލަށް އެވަގުތަކު ދޭންޖެހޭ ޖަވާބެއް ދިނުމާއެކީ، އިސް ރަށްވެހިންގެ ހިތްޕުޅަށް ހަމަޖެހުން ގެނެސްދެވޭތޯ ކުރާ މަސައްކަތްތަކެއް.

 

ދިވެހިރާއްޖޭގައި ކުށްތައް އުފެދިގެން، ކުށްތައް ގިނަވެގެން މި ފަހަކަށްއައިސް މިދަނީ ކީއްވެގެންތޯ؟ މިކަންކަމާ ދޭތެރޭގައި ދާދިފަހުން އަޅުގަނޑުމެން ބަލައިލިން ކީއްތޯ މިވަނީ؟ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، ޢިލްމީ އެއްވެސް ކަހަލަ ދިރާސާއެއް ކުރެވި، ޢިލްމީ ނަޒަރިއްޔާއަކުން، މިކަންކަން އުފެދިގެން މި އަންނަނީ ކީއްވެގެންތޯ؟ އަދި އެކަންކަން ޙައްލުކުރެވޭނީ ކިހިނެއްތޯ؟ ޢިލްމީ ނަޒަރިއްޔާއަކުން، ތަޢުލީމުގެ ސްކޯޕެއްގެ ތެރެއަކު މި މަސައްކަތެއް ކުރެވިފައެއް ނެތް. އެހެންނަމަވެސް، ދާދިފަހުން އަޅުގަނޑު މިކަން ކޮމިޝަން ކުރިން ބޭފުޅުންކޮޅަކާ. 2008 ވަނަ އަހަރުން ފެށިގެން މި ހިނގާ 9 ވަރަކަށް އަހަރުގެ ތެރޭގައި ކަންތައްތައް ހިނގާފައި އޮތްގޮތާއި، ކުށްތައް ގިނަވެގެން މިދިޔައީ ކީއްވެގެންތޯ، މީގެ އެނަޓަމީ، ނޫނީ މިކަން ދިމާވަނީ ކީއްވެގެންތޯ ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައި ޕޭޕަރެއް، ރިސަރޗް ކަރުދާހެއް، ފޮތެއް ތައްޔާރުކުރައްވާފައި އެބައޮތް. އަދި އޭގައި ޙައްލުތަކެއްވެސް ހުށަހަޅުއްވާފައި އެބައޮތް. މިހާރު އެވަނީ އެ ރިޕޯޓް، ބޭފުޅުންކޮޅަކާ އަޅުގަނޑު ހަވާލުކޮށްފައި. އެބޭފުޅުންގެ ތަޙުލީލުގެ އަލީގައި، ދެން އަޅުގަނޑުމެން ސަރުކާރުން އިތުރަށް ކުރަންވީ ކީއްތޯ ބެލުމަށް.

 

އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، މި ހުރިހާ ކަމަކީ ދައުލަތަކަށް، މުޖުތަމަޢަކަށް ކުރެވިދާނެ ކަންކަން. އެހެންނަމަވެސް، ތަރުބިއްޔަތާއި، އަދި ކުދިންގެ މިޒާޖަށް މި ބަދަލު އަންނަ ސިފަތަކާއި، ވިސްނުންތަކަށް ބަލާކަމަށްވަންޏާ، އަދި މިވަރަކުން ނުފުދޭނޫންތޯ؟ އަޅުގަނޑުމެންނަށް މަގު ދައްކަން މިއަދު ތިއްބެވީ ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، ނޫނީ އެންމެ އިސްކަމެއް ދޭންޖެހޭ ސިފަޔަކަށްވެފައި މިއޮތީ، ނޫނީ މަސްދަރަކަށްވެފައި މިއޮތީ ޑިމޮކްރަސީ. އެކަމަކު އިސް ރަށްވެހިންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދި އަޅުގަނޑުގެ އަޑު އައްސަވަމުން ގެންދަވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އަޑުއައްސަވާށޭ، ޤައުމުގެ ހަމަޖެހުމާއި، ޞުލްޙައާއި، ޤައުމުދެކެ ލޯބިވުމަށްވުރެ ކުރިއަކަށް އެއްވެސް ކަމެއް ނާންނާނެ. ޤައުމުގެ ހަމަޖެހުމެއްނެތި، ހަމަޖެހުމެއް ހޯދުމެއްނެތި ކުރާ މަސައްކަތުގައި ޑިމޮކްރަސީ އަށައެއްނުގަންނާނެ. އެއީ ހަމަ ފެއިލްޑް، ނޫނީ ފެއިލްވާނެ ނިޒާމެއް ގޮތަށް ދުނިޔޭގެ އެތަން މިތަނުގައި ދައްކައިފި. ހުރިހާ ކަމަކަށްވުރެން އިސްކަމެއް ދޭންޖެހެނީ، މުޤައްދަސް ކަމެއްގެ ގޮތުގައި މި އޮންނަނީ އެތަނުގައި އޮންނަ ހަމަޖެހުން. އެތަނުގައި އޮންނަ ހަމަޖެހުމުގެ ތެރެއިން ޑިމޮކްރެޓިކް އެކިއެކި ލީޑަރުން އެ ދައްކަވާ ވާހަކަފުޅު ދައްކަވަންވާނީ. ކުށަށް އަރައިގަތުމަކަށް ގޮވައެއްނުލެވޭނެ. މިއީ ޑިމޮކްރަސީގެ ސިފައެއްނޫން. މުއައްސަސާތައް ހަލާކުކޮށްލާކަށް އަޑެއް ނުއުފުލޭނެ. މިއީ ޑިމޮކްރަސީގެ ސިފައެއްނޫން. ފަނޑިޔާރުގެއަކަށް، ޢަދުލު އިންޞާފުގެ ދާއިރާއަކަށް ފާޅުގައި ސިޔާސީ ލީޑަރުންނަކަށް ފާޑެއް ނުކިޔޭނެ. މިއީ ޑިމޮކްރަސީގެ ސިފައެއްނޫން. ސިފައިންނާއި ފުލުހުންނާ ޙަމަލާދޭން މަގުމައްޗަށް ނުކުންނާކަށް މީހުންނަށް ހިތްވަރުދީ ޢާންމު ތަންތަނުގައި ގޮވައެއްނުލެވޭނެ. މިއީކީ ޑިމޮކްރަސީގެ ސިފައެއްނޫން. މިއީ ދައުލަތެއް، މިއީ ޤައުމެއްގެ ރުކުރުވައިލެވިފައި ހުންނަ ސަފުތައް ހަލާކުކޮށްލަން ކުރެވޭ މަސައްކަތް. މިއީ އެނާކިސްޓް ވިސްނުން. މިއީ ތަނެއް ފަނާކުރާ ވިސްނުން. ޑިމޮކްރަސީގެ ހަމަތަކަކީ އުސޫލާއި، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ހާސިލުކުރުން. އެއީ ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ އެކެއްގެ ބަނޑުން ވިހޭ މަފްހޫމެއް ނޫން. ޑިމޮކްރަސީއަކީ އެންމެންނަށް އެއް ހަމައެއްގައި އެއްވަރަކަށް އެކުލެވޭ ނިޒާމެއް. އެ ނިޒާމުގައި އެކަކަށްވުރެ ވަރުގަދަ އަނެކަކު ނުހުންނާނެ.

 

އެހެންވީމާ، އެއްވެސް ސިޔާސީ ލީޑަރަކަށް، މިދެންނެވި ގޮތަކަށް މުއައްސަސާތައް ފަނާކުރާކަށް ގޮވައެއްނުލެވޭނެ. އަދި ދިވެހިރާއްޖޭގެ ފަތިފުށް، ބޭރުގައި ކިޔާކަށް، ޙައްޤު ނޫންގޮތެއްގައި އިޝްތިހާރު ކުރާކަށް ޖާގައެއް ނުލިބޭނެ. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ، މިރޭވެސް އިސް ރަށްވެހިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ދައުރު ނިމުނީކީ ނޫނޭ. ތިޔަބޭފުޅުންގެ ދައުރު މިހާރު، ރައީސް ޔާމީންގެ އެހީއާއެކީ، އަޅުގަނޑު އިތުރަށް މި ދަޢުވަތު އަރުވަނީ ތިޔަބޭފުޅުންގެ ދައުރު އަލުން ފަށްޓަވަން.

 

އާދެ، އެކި ތަންތަނުގައި، އެކި ޕްރޮގްރާމްތަކުގައި ތިޔަބޭފުޅުން އެބަޖެހޭ މިކަހަލަ ވާހަކަފުޅު ދައްކަވަން. ޒުވާނުންނަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑަށް ނަޞޭޙަތް ދެއްވަން އެބަޖެހޭ. އަދި މަގުން ކައްސާލައިގެން މި ދަންނަވާ އެކިއެކި ވިޔާނުދާ ވިސްނުންތަކަށް ތިޔަބޭފުޅުން އެބަޖެހޭ ނަޞޭޙަތްތެރިވާން. މިއީ އެންމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެންނަށް ފަހަރުގައި އަޅުގަނޑުމެންގެ އަޞްލު، ނޫނީ އަޅުގަނޑުމެން އައީ ކޮން ހިސާބަކަކުންކަން ނޭނގޭ ހިސާބަށް އެބަ ކަންތައްތައްދޭ.

 

މި ސަބަބަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ބޭފުޅުންކޮޅަކާ މަޝްވަރާ ކޮށްފައި، އަޅުގަނޑު ދިވެހިރާއްޖެއަށް ތަޢާރުފުކޮށްގެން މިހާރު އިރާދަކުރެއްވިއްޔާ އެކަން ހިނގަމުން އެދަނީ. ތަރިކައިގެ ނަމުގައި ޕްރޮގްރާމެއް އަޅުގަނޑު ފަށްޓައިފީމު. ވަރަށް ޢިލްމީ ބޭފުޅުންކޮޅެއް، މި މަސައްކަތް ކޮށްދެއްވަނީ. މިއީ އިސްލާމީ ޙަޟާރަތު އައިގޮތާއި، އިސްލާމީ ޙަޟާރަތުން އަޅުގަނޑުމެން ދަސްކުރަންހުރި ފިލާވަޅުތަކާއި އަދި ދިވެހިރާއްޖޭގެ މުޖުތަމަޢަށް މިއިން ބޭނުންކުރެވެން ހުރި ކަންކަމާއި، ދިވެހިރާއްޖޭގެ ތާރީޚާއި، ދިވެހިރާއްޖޭގެ ކާބަފައިންނާއި، މިއަދުގެ އިސް ރަށްވެހިން ދިވެހިރާއްޖެ، ރާއްޖެއެއްގެ ގޮތުގައި، ދައުލަތެއްގެ ގޮތުގައި، މިނިވަން ސަރުކާރެއްގެ ގޮތުގައި، މިނިވަން ދައުލަތެއްގެ ގޮތުގައި ހެޔޮ ވެރިކަމެއް ކުރާ، އެންމެން ބައިވެރިކުރާ ސަރުކާރެއް، މުއްސަނދިކަން އެންމެންގެ މެދުގައި ބެހިގެންދާ ސަރުކާރެއް މި އޮންނަނީ، ނޫނީވިއްޔާ ނިޒާމެއް މި އޮންނަނީ ކީއްވެގެންތޯ، ދިވެހި ކުދިންނަށް ވިސްނައިދިނުމަށްޓަކައި. މި ގޭގޭގެ ސިޓިންގރޫމާ ހަމައަށްދާ ދުވަސް އެއީ އަޅުގަނޑު އެންމެ އުފާވާ ދުވަސް. އަޅުގަނޑުމެންގެ ސުވާލު އަޅުގަނޑުމެންގެ ހިތަށް އަންނަނީ، އަޅުގަނޑުމެން ހަމަ ގޭގޭގައި ޓޮމް އެންޑް ޖެރީ ބަލަންޖެހޭބާވައޭ؟ މާފުކުރައްވާތި، އެއްވެސް ގޮތަކަށް ތަޢައްޞުބެއް އޮވެގެން ދައްކާ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ތަރިކައިގެ ޕްރޮގްރާމްގެ ތެރޭގައި މިކަހަލަ އެތައް ކަމެއް، ދިވެހި އެންމެ ތުއްތުކުއްޖާއިން ފެށިގެން ޒުވާނުންނަށް، ދޮށީ ބޭފުޅުންނާ ހަމައަށް ސިޓިންގރޫމްތަކަށް ފޯރުކޮށްދެވޭތޯ ޕީ.އެސް.އެމް.އާ ގުޅިގެން ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެއީ ދިވެހިންގެ އަޞްލަކީ ކޮބައިތޯ ދިވެހިންނަށް ވިސްނައިދިނުން. މި ޒުވާން ޖީލަށް ދިވެހި ކާބަފައިންގެ ޖޯޝުން އެމީހުންގެ ލޭތައްވެސް ތާޒާކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް. އެހެންވީމާ، މި މަސައްކަތުގައި އިސް ރަށްވެހިންނަށް ބައިވެރިވެވަޑައިގެންދެއްވޭނެ. މި ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. މި ދިވެހިރާއްޖެއަށް ދެރަގޮތެއް ވެއްޖެ ކަމަށްވަންޏާ، އެންމެ ފުރަތަމަ ކަރުނައަޅަން ތިބި ބަޔަކީ އިސް ރަށްވެހިން. ޚިޔާލާއި ފިކުރު ނެރެންޖެހެނީ އިސް ރަށްވެހިންގެ ތެރެއިން. ޒަމާނީ ވަސީލަތްތަކާއި، މި ޒަމާނުގެ ޢިލްމު ނިމި ހިނގައިދާނެ.

 

އަޅުގަނޑު ހަމަ މިސާލެއް ދަންނަވާލާފައި، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. ހަމަ އިސް ރަށްވެހިންގެ ޝަރަފުގައި ދަންނަވާ މިސާލެއް، މި މިސާލަކީ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެ ބައްދަލުކުރީ ބޮޑުތަދަކާ. ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮންނަ ވަކި ޖަޒީރާ ޤައުމެއް ކަމަށްވިނަމަވެސް، ބަނޑުހައިހޫނުކަމަކުން ވަކި ދިވެހިރާއްޖެ އިސްތިސްނާއެއްނުވޭ. އަޅުގަނޑުމެން ކާޑާއި ރާއްޖެއަށް ބޭނުންވާ ގިނަ ތަކެތި އޭރުވެސް ގެންނަނީ ސިލޯނުން އަދި އަވަށްޓެރި ޤައުމުތަކުން. އެ ވަގުތު ދިވެހި ދައުލަތުގެ ކައްޕިއަކަށް، މާލިމީއަކަށް ހުންނެވީ ވަރަށް ޢިލްމީ، ވަރަށް ތަޖުރިބާވެސް ހުރި އަދި އެހާމެ ކުޅަދާނަ ޝަޚްޞިއްޔަތެއް. މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު. އެހެން ނަމަވެސް، ދަތި ދުވަސްތަކެއް، ދައުލަތަށް ޙައްލުކުރެވޭނެ މައްސަލަތައްވެސް ޙައްލުކުރަން ދަތި، އެހާ އުނދަގޫ ދުވަސްތަކެއް. ތިޔަބޭފުޅުން ގަބޫލުކުރައްވާނަންތޯ، އޭރުގެ މުވާޞަލާތުގެ ކަންކަން ހުރިގޮތުން ދެވަނަ ބޮޑުހަނގުރާމަ ފެށުނުކަންވެސް ދިވެހި ދައުލަތަށް އެނގުނީ ފެށުނުތާ ދުވަސްކޮޅެއްވީފަހުން. އެއީ، އޭރުގެ މުވާޞަލާތުގެ ޙާލަތު ހުރިގޮތް. އެހެންވީމާ ވިސްނަވާ! އަޅުގަނޑުމެންގެ މި ކަނޑުގައި ޓޮރޮޕިޑޯ ސަބްމެރިންތައް ދަތުރުކުރަމުންދާއިރު، އަޅުގަނޑުމެން ކާޑު ގެނައުމާ، މިކަންކަން ކުރުމުގައި ހުރި އުނދަގޫ، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! އެހެންނަމަވެސް، އޭރުގެ ޙާލަތުން އަދި މިހާރުވެސް ތަޖުރިބާއާއި ނަގައިދީފައި ހުރި ފިލާވަޅުތަކުން ބަލާކަމަށްވަންޏާ، މި ޒަމާނަށް ދިވެހިރާއްޖެ ބައްޓަންކުރުމަށްޓަކައި އެތައް ބައިވަރު އާ ކަންތައްތަކެއް ތަޢާރުފު ކުރެއްވި ވަރުގަދަ މާލިމީއެއް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ. އެކަމަކު މި ދެންނެވި ތަދާއެކީ މުޅި ރާއްޖެއަށް ޢާންމުވެގެންދިޔައީ ތަދު. އުތުރުގެ ރަށްތަކަށް ޚާއްޞަކޮށް މި ތަދު އިތުރަށް ތަޙައްމަލު ކުރަން އުނދަގޫވެގެންދިޔަ. އަޅުގަނޑުމެން މި ތަދާ ގުޅިގެން ދެން އަޑުއެހީ އުތުރުގެ ބަޣާވާތުގެ ވާހަކަ ދޮގެއްތޯ؟ އުތުރުގެ ބަޣާވާތުގައި، އެއްދުވަހަކު މާލޭ ފަޅުތެރެއަށް އައިސް ވަނީ އެތަކެއް ސަތޭކަ އޮޑިދޯނިފަހަރު. ހުރިހާ ބޭފުޅުންގެ ވިސްނުން ހުއްޓުނީ. އެއްގޮތަކަށްވެސް އެމީހުން ވާހަކަ ދައްކައިގެން ޙައްލެއް ހޯދާކަށް ބޭނުމެއްނުވި. އެޔޮއް ވަރުގަދަ ކުޅަދާނަ މާލިމީއަށްވެސް ހަމަ ޖެހިވަޑައިގަތީ ފަސްޖެހެން. ދުނިޔޭގެ ތަޖުރިބާ، ޢިލްމީ ތަޖުރިބާ، އަދި ދިވެހިންގެ ތެރޭގައި އެ ޒަމާނުގައި ނުއުފެދޭވަރުގެ ވަރުގަދަ ޝަޚްޞިއްޔަތެއް މުޙައްމަދު އަމީނަކީ. އެކަމަކު ތަޖުރިބާގެ ފިލާވަޅެއްގެ ވާހަކަ ދަންނަވާލާފައި، އަޅުގަނޑު ވާހަކަ ނިންމާލާނަން.

 

އެމަނިކުފާނު ދަތުރުކުރެއްވީ، ދައުލަތް ހިންގުމާއި، ދައުލަތް ބިނާކުރުމާ، މިކަންކަމުގެ ތެރޭގައި. އެކަމަކު އޭނާގެ ބައްޕާފުޅު އަޙްމަދު ދޮށިމޭނާ ކިލެގެފާނު އުޅުއްވީ ވިޔަފާރީގެ ތެރޭގައި. އެހެންނަމަވެސް، ދުނިޔޭގެ ތަޖުރިބާ، ރާއްޖޭގެ ވެށި، ރާއްޖޭގެ ތަޖުރިބާ ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި. މުޙައްމަދު އަމީން މިކަން ޖެހިގެން، އެއްދުވަހު އޮފީހުން ގެޔަށް ވަޑައިގެންފައި، ހަމަ އެއްކޮޅުން އަނެއްކޮޅަށް މި ހިންގަވަނީ. ބައްޕާފުޅު ނޫނީ ބައްޕަ ކުރެއްވި ސުވާލަކީ، [ދަރިފުޅާއޭ ކީއްވެގެންހޭ ތިހާ ހާސްވެގެން ތިޔައުޅެނީ؟] ހަމަ ގޮތްހުސްވެގެން ވިދާޅުވީ، ތިމަންނައަކަށް މިކަން ޙައްލުކުރާނެގޮތެއް ނޭނގެއޭ. އޭރު މި ބަޣާވާތަކީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ މާލޭގައި ތިބި ބޭފުޅުންވާސް ގުޅިގެން ހިނގާފައި އޮތް ބަޣާވާތެއް. އަޅުގަނޑުމެންގެ މިކަހަލަ ކޮންމެ ކަމެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސްވަރަކަށް މިކަހަލަ ވިޔާނުދާ ކަންތައްތައް ކުރާ މީހުން އަބަދުވެސް ފެނިފައި ހުންނާނެ. މާލެތެރެވެސް އޮތީ ހަލަބޮލިވެފައި. ތަދެއް އަންނައިރު، މާލޭގައިވެސް ހަމަ އެ ތަދު އިޙްސާސް ކުރާނެ. އެހެންވީމާ، އޭރުގައި އޮތް ސަރުކާރަކީ އެންމެން އެންމެ ލޯބިވާ ސަރުކާރެއް ނޫން. ޝައްކެއްވެސްނެތް، މުޙައްމަދު އަމީނަކީ ކުޅަދާނަ ބޭފުޅެއް. ވަރަށް ޚިދުމަތްތެރި ބޭފުޅެއް. އެހެންނަމަވެސް، ބަނޑުހައިހޫނުކަން ތަޙައްމަލުކުރަން ޖެހުނީމަ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ހަނދާންނެތޭނެ. އަޅުގަނޑުމެން ދަތުރުކުރާ މިއަދުގެ ދިވެހިރާއްޖޭގައިވެސް މި ފިލާވަޅު އަޅުގަނޑުމެން އެބަ ދަސްކުރަންވެސްޖެހޭ. މުޙައްމަދު އަމީނަށް ގޮތްހުސްވީމަ، މުޙައްމަދު އަމީނުގެ ބައްޕާފުޅު މި ވިދާޅުވަނީ، [ދަރިފުޅާއޭ ފިރިހެނަކަށްވާށޭ، ނޫނީވިއްޔާ އިހަށް ވިސްނަބަލާށޭ!] މާލޭގެ އަވަށްތަކުން، ޚާއްޞަކޮށް، ހެންވޭރުން، އަތިރީގެ ހުންނަނީ ހެންވޭރުގައި ކަމުގައިވާތީއާއެކީ، ހެންވޭރުން އެންމެ ބަސްހިނގާ ވަރުގަދަ މީހުންކޮޅެއް ގެންނެވި. ފައިސާގެ އެހީތެރިކަމާއެކީ، އެމީހުންގެ ވިސްނުން ބަދަލުކޮށްލައްވާފައި، މިއައި އުތުރުގެ ބަޣާވާތާ ދެކޮޅަށް މުޅި މާލެ ކައްކުވާލާފައި، މާލޭގެ އެންމެން މި ބަޣާވާތަށް ޖާގަނުދޭން އަތިރިމައްޗަށް ނުކުތީ. މިއީ ތަޖުރިބާއިން ނަގައިދޭ ފިލާވަޅު. މިއީ ފޮތަކުން ހޯދާ ފިލާވަޅެއް ނޫން. ﷲގެ ރަޙްމަތާއަކީ އެކަންކަންދިޔަގޮތާ ދޭތެރޭގައި އިންޞާފުގެ ނަޒަރުން އެއްވެސް ވާހަކައެއް، އެއްވެސް ކަހަލަ ތަޢައްޞުބެއް ހުރެގެން އެއްޗެއް ދަންނަވާކަށްނެތީމު. އެހެންނަމަވެސް، އެކަން ޙައްލުވެގެންދިޔައީ. އެ ޙައްލުނުވިނަމަ، އެއީ އަޅުގަނޑުމެން ދުވަހަކުވެސް ތާރީޚުގެ ޞަފްޙާތަކުން ޖާގަ ހުސްވެގެންދާނެ ކަހަލަ ކަމަކަށް ވެގެނެއްނުދާނެ. ނޮވެންބަރު 3 ވެސް އަޅުގަނޑު ހިތަށްއަރަނީ ހަމަ މީގެ ކައިރީގައި ހަމަ ވާނީ ކުޑަކުޑަ އިވެންޓަކަށޭ. މިއީ ތަޖުރިބާގެ އަލީގައި ކުރެވޭނެ ކަމަކީ.

 

އެހެންވީމާ، ކީއްވެގެންތޯ، މިއަދުގެ އިސް ރަށްވެހިން އެހާ މާޔޫސްކަންމަތީގައި ތިއްބަވަންޖެހެނީ؟ އެއްގޮތަކަށްވެސް ނުޖެހޭ މާޔޫސްވާކަށް. އަޅުގަނޑުމެން މަސައްކަތް ކުރަނީ، އަޅުގަނޑުމެންނަކީވެސް ޝަރަފުވެރި، ކުޑަނަމަވެސް ޝަރަފުވެރި ޤައުމަކަށްވޭތޯ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރުމާއެކީ، އަދި ބޭރުގައިވެސް އަޅުގަނޑުމެން ބަސްކިޔަން ބޭނުންވާ ދައުލަތެއް. އަމިއްލަ ސިފަތަކެއް އޮތް. ޤައުމީ ވިސްނުމަކުން ވިސްނާ، އިސްލާމްދީން ނޫން ދީނަކަށް ޖާގަދޭން ބޭނުންނުވާ ބަޔަކު އުޅޭ ތަނެއް ދިވެހި ދައުލަތަކީ. އެހެންވީމާ، އިސް ރަށްވެހިން ކޮށްދެއްވަން ހުރި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާއި ސަރުކާރުން މިކުރާ މަސައްކަތުގައި، އިސް ރަށްވެހިންނަށް އޮތް ދައުރު ކުޑައެއްނޫނޭ. ނަޞޭޙަތާއި އުނގަންނައިދިނުމާއި، ބަސްބުނުމާއި، މަގަށް ސީދާކުރުމަކީ އިސް ރަށްވެހިންނަށް ކުރެއްވޭނެ ކަންކަން.

 

އެހެންވީމާ، އަޅުގަނޑާއެކީ މި މަސައްކަތް ކޮށްދެއްވާ! މިއީ އަޅުގަނޑުމެން މުޅި ދިވެހި ދައުލަތަށް، އަޅުގަނޑުމެންގެ މި ޖީލުން އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެބޮޑު ހަދިޔާއަކީ. އެންމެބޮޑު ޚިދުމަތަކީ، މި ދެންނެވި ޚިދުމަތް. އަނބުރާ ދިވެހިރާއްޖެ ހެޔޮމަގުގައި މިޞްރާބު ޖަހައި، މި އުނދަގޫ ނުރައްކާތެރި އިންޑިޔާ ކަނޑުން އަޅުގަނޑުމެން ޖާގަ ހޯދައިގެން، އަޅުގަނޑުމެންނަކީވެސް އެކަހެރި ޤައުމަކަށްވިނަމަވެސް، މުޅި ދުނިޔޭގެ މުޖުތަމަޢުގައި އުޅޭ ޤައުމަކަށް ހެދުން. އެއީ އަޅުގަނޑުމެންގެ ޖީލުތައް، އަންނަން އޮތް ޖީލުތަކަށް ބަދަލުވެގެންދާއިރު، އަޅުގަނޑުމެންނަށް އުފާވެރިކަން ހަމައެކަނި ގެނެސްދެވޭނީ މިގޮތަށް.

 

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! އިސް ރަށްވެހިންގެ މަތިން އަބަދުވެސް އަޅުގަނޑުމެން ހަނދާން ހުންނާނެ. އަބަދުވެސް ދިވެހި ރައްޔިތުން ހަނދާން ހުންނާނެ. އުފާވެރި ރެޔަކަށް ތިޔަ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން.

 

والســّلام عليــكم ورحـمــة اللّـه وبـركاتـه.