بســم اللّـه الرّحمـن الرّحيــم


އެންމެހައި ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަން.


ވިލިނގިލީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި އަޅުގަނޑުމެންގެ މި ދަތުރާ ދިމާކުރައްވައި އަޅުގަނޑުމެންނަށް ޝައުޤުވެރިކަން ބަހައްޓަވައިގެން ކައިރި ރަށްރަށުން ވަޑައިގެންނެވި އެންމެހައި ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛


الســّلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު ވާހަކަ ފަށަމުން، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އަދި އަޅުގަނޑާއެކީ ދަތުރުކުރެއްވި ޓީމުގެ ފަރާތުން ދަންނަވާލަން ބޭނުންވަނީ ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ޝުކުރިއްޔާއޭ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ބެހެއްޓެވި ޝައުޤުވެރިކަން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިރަށަށް ބަނދަރުކުރިއިރުން ފެށިގެން މިދަނީ ފެންނަމުން.

 

އަޅުގަނޑު ބޭނުންވަނީ އަޅުގަނޑާއެކީ މަސައްކަތް ކުރާނެ އިޚްލާޞްތެރި ހިތްތަކެއް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންނާއެކީ އަމާން ދިވެހިރާއްޖެއެއްގައި ދެމިތިބުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާވަރަށް މަސައްކަތް ކުރާނެ ކުޅަދާނަ އަދި އިޚްލާޞްތެރި ހިތްތަކަކާއެކީ މަސައްކަތް ކުރާނެ ބައެއް. އަޅުގަނޑު ބޭނުންވަނީ 2018 އަޅުގަނޑުމެންނާ ބައްދަލުކޮށް، ޑިމޮކްރަސީގެ ހަމަތަކުގެމަތިން އަނެއްކާވެސް އެބަޔަކުލާ ވޯޓަކާ ބައްދަލުކުރާ ނަތީޖާއެއް އަޅުގަނޑުމެން ތަޙައްމަލްކުރަންޖެހޭއިރު، އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދަމަހައްޓާނެ ވެރިޔަކު އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެންދިޔަ އެތަކެއް ދިވެހި އާދަކާދަތަކާއި އަދި އަޅުގަނޑުމެންގެ ތެރެއިން ބީވެގެންދިޔަ އިސްލާމީ އުސޫލުތަކުގެ މަތީގައި އަނބުރާ އަޅުގަނޑުމެންނަށް މިހާރު ތިބެވޭ ތިބެވުން ދާއިމީ ނިޢުމަތެއްގެ ގޮތުގައި ﷲ ދަމަހައްޓަވައި ދެއްވުން.

 

އާދެ، މިފަދަ ކަންކަމުގައި އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖޭގެ ހަމަޖެހުން. އަޅުގަނޑު ބޭނުންވަނީ ދޮށީ ރައްޔިތުންނާ އަޅާލާ ރައްޔިތެއް. އޯގާތެރި މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖުތަމަޢު ބިނާވެގެންދިޔުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ވަސީލަތް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ނަފާ ލިބޭ އަދި އެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުމަކީ ދިވެހި ރައްޔިތުންނަށް މަންފާކުރަނިވި ބޭނުންތަކެއްގެ ގޮތުގައި ވެގެންދިޔުމުގެ ހިންގުމާއި ހުނަރުހުރި ވެރިޔަކު ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ގެއްލިފައިވާ އާދަކާދަތައް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ގެއްލިފައިވާ އެތަކެއް ދިވެހި ރީތި ސިފަތައް އަނބުރާ އިޢާދަވާނެ ގޮތްތަކަކަށް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން އަޖުމަބަލާ ޓެސްޓުކޮށް އެތެރެފުށް، ބޭރުފުށް އެނގި، އަދި އެބޭބޭފުޅުން ކަންތައްތައް ކުރައްވާފައި ހުރިގޮތް އަޅުގަނޑުމެންނަށް ފެނިގެންދިޔައިމާ، އެފަދަ ބޭފުޅުން ދެން ދެވަނަ ފަހަރަކު ދިވެހިރައްޔިތުން ޣާފިލުކޮށްލައި އަދި އެކަމުގެ ތެރެއިން ނުކުންނަ ނުބައި ނަތީޖާއެއްގެ ހިތްދަތިކަމުގައި ތިބޭވަރަށް އަޅުގަނޑުމެން އަނެއްކާ އަނެއްފަހަރު ބަރުބާދުކޮށްލާވަރުގެ ވެރިއެއް ﷲ އަޅުގަނޑުމެންނަށް ދެން ދުވަހަކުވެސް މިންވަރު ނުކުރެއްވުން.

 

ދިވެހިންނަކީ ނަސީބުވެރި ބައެއް. ނަސީބަކީ އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރީމާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ އެއްޗެއް. ނަސީބަކީ އެއްގޮތަކަށްވެސް ދެންމެ ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަތްއުރާލައިގެން ގޭގައި ތިއްބާ އައިސް އަޅުގަނޑުމެންނާ ބައްދަލުކުރާނެ ހަދިޔާއެއް ނޫން. ނަސީބާއި އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކާއި އަޅުގަނޑުމެން ﷲގެ ޙަޟްރަތުން ވާގިއެދި މަސައްކަތްތަކެއް ކުރީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ކާމިޔާބުތަކާއި އަޅުގަނޑުމެން ބޭނުންވާ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. އަޅުގަނޑުމެން ކުރާނީ މަސައްކަތް. މަސައްކަތް ކުރަންވާނީ ހެޔޮގޮތުގައި. މަސައްކަތް ކުރަންވާނީ އިޚްލާޞްތެރިކަމާއެކީ. އިޚްލާޞްތެރި މިވަނީ އަޅުގަނޑުމެންގެ މިހާރުގެ ޖީލަކަށް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ހަމަޖެހުމާއި އަޅުގަނޑުމެން ދެމިތިބުމުގެ އަޞްލަކީ އަޅުގަނޑުމެން ބުނަން، މިއަދުގެ މި ސްޓޭޖްގައި ޤުރްއާން ކިޔެވި ތުއްތުކުއްޖާގެ މުސްތަޤްބަލެއް އެބައޮތް. އެ ތުއްތު ކުއްޖާގެ މަންމަޔާއި ބައްޕަ އެ ތުއްތުކުއްޖާ ބޮޑުކުރަންޖެހެނީ ރަނގަޅު ދިވެހިރައްޔިތެއްގެ ގޮތުގައި. އެކަމަކު އޭނައަށް ފެންނަނީ އަނިޔާވެރިކަމާއި ހަމަ ގެއްލިގެންދާ މުޖުތަމަޢެއް ކަމަށްވަންޏާ، އޭނަ އެ ބޮޑުވަނީ ހަމަ އެކަހަލަ އެއްވެސް އިންޞާފަކަށް ލޯބިނުކުރާ ރަޙުމެއް ޙަމްދަރުދީއެއް ނެތް، ހަމަ ޖަނަވާރެއްގެ ސިކުނޑިހުރި މީހެއްގެ ގޮތުގައި.

 

އަޅުގަނޑުމެން އިންސާނުންނާއި ހައިވާނުންނާ ތަފާތުވަނީ ސިކުނޑީގެ މިންވަރު ބޭނުންކުރާ މިންވަރުން. އެހެންނޫނީ އަޅުގަނޑުމެންނަކީވެސް ހަމަ މިނިމަސް ކާން ތައްޔާރަށް ތިބި ބައެއް. އެހެންނަމަވެސް، އަޅުގަނޑުމެން ކަންކަމަށް، ޙައްޤުތަކަށް އަރައިގަންނައިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އަޅުގަނޑުމެންނަށް މަނާތަކެއް ކިޔައިދޭ. މީހުންނަށް އިޙްތިރާމު ކުރުމާއި، މީހުންގެ އިޙްތިރާމަށް އަރައިގަންނައިރު އަޅުގަނޑުމެންގެ ސިކުނޑިތައް އަޅުގަނޑުމެންގެ ކައިރީގައި ބުނެދޭ، ނޫނެކޭ ތިޔަ ހިސާބުން ރޮނގުދަމާލާށޭ. ވޯޓު ފޮށްޓާ ހަމައަށްދާއިރު، އެ ލަނީ ކޮންމެ ވޯޓެއް ކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ ސިކުނޑިތައް އަޅުގަނޑުމެންނަށް މަގު ދައްކައިދޭންޖެހޭ. އެ މަގު ދައްކައިދެވޭނީ އިޚްލާޞްތެރިކަންމަތީގައި އަޅުގަނޑުމެންނަށް ތިބެން ދަސްވެއްޖިއްޔާ. އަޅުގަނޑުމެން އިޚްލާޞްތެރިވާން ދަސްކުރަންވީކީ ވޯޓުފޮށީގައި ވޯޓުލާން ރަނގަބީލްޖަހަން ފެށީމައެއް ނޫން. އަޅުގަނޑުމެން އިޚްލާޞްތެރިވާންވީ އަޅުގަނޑުމެންގެ ޖީލު، އަޅުގަނޑުމެންގެ ވަޠަން، އަޅުގަނޑުމެންގެ މި ރަށް، މި ރަށަށް ބޭނުންވާ ތަރައްޤީއާއި ކަންކަން ބޭނުންވާއިރު. އަޅުގަނޑުމެން އިޚްލާޞްތެރިވާންވީ އެކަހަލަ ކަންތައްތައް އަބަދުވެސް ލިބޭނެގޮތަކަށް. ލިބޭނެ ބަޔަކަށް، ނޫނީ ފުއްދައިދޭނެ ބަޔަކާ ދޭތެރޭ އިޚްލާސްތެރިވާންޖެހޭނީ. މާދަމައަކީވެސް އަޅުގަނޑުމެން އުޅެފައި އަނެއްކާވެސް ދުނިޔެ ދޫކޮށްލާފައި ފަސްގަނޑާ ގުޅެންއޮތް ދުވަސް. އެކަމަކު އަބަދުވެސް މިތަނުގެ ދިރުން ހުންނާނެ. އޭގެ އަނެއްދުވަސްވެސް އަޅުގަނޑުމެންގެ ޒުވާނުންނާ ބައްދަލުކުރާނީ ކޮންކަހަލަ މުސީބާތްތަކަކާކަމާ، އެއީކީ އަޅުގަނޑުމެންނަށް އެނގޭ ކަމެއްނޫން. އެހެންވީމާ، ކީއްކުރަންތޯ މި ހުރިހާ ރަޙުމަތެއް އަޅުގަނޑުމެން ދޫކޮށްލަންވީ؟ ކީއްކުރަންތޯ ދޫކޮށްލަންވީ؟

 

ކޮންމެ ރަށަކަށް އަންނައިރު އަޅުގަނޑުމެންނަށް އިވެނީ އެރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ ލިސްޓު. ރައީސަކު އައިސްފިއްޔާ ރައީސްގެ ކަންފަތަށް އެވާހަކަ އިއްވަންވާނެ. އެކަމަކު އެ ލިސްޓު ދިގުވެގެން އެދަނީ ހަމަގައިމުވެސް އޭގެ ކުރީގައި އެކަންކަމަށް ފަރުވާދެވިފައި ނެތީމަ. އަޅާލެވިފައި ނެތީމަ. އެހެންވީމާ، ކޮންމެ ރައީސަކުވެސް މަސައްކަތް ކުރާނެ އެ ލިސްޓުގައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ. ވިލިނގިލީގައި ފުދި އިތުރުވެފައި އެތައް ބައިވަރު ކަންތައްތަކެއް އެބަވޭ. އެތައް ބައިވަރު ކަންތައްތަކެއް އެބަހުރި. އެކަމަކުވެސް އިންސާނުންގެ ވިސްނުމަކީ، އިންސާނުންގެ ޠަބީޢަތުގައި ކަންކަން ނިންމާގޮތަކީ، އަބަދުވެސް ބޭނުންވެފައިހުރި ކަންތައްތަކެއް އަބަދުވެސް ދާނީ އިތުރުވަމުން.

 

އަޅުގަނޑު ކައިރީގައި ވިލިނގިއްޔަށް އައިމާ، ކޮލަމާފުށްޓަށް ދަތުރުކުރީމާ، އަދި ރާއްޖޭގެ އެހެން ދިމަދިމާއަށް އަޅުގަނޑު ޒިޔާރަތްކުރީމާ، ރައްޔިތުން ބޭނުންފުޅުވާ ކަންކަމަށް އަޅުގަނޑު ކައިރީގައި އެދިވަޑައިގަންނަވާނީ ކޮންމެވެސްކަހަލަ އުންމީދުތަކެއް އޮތީމަ. އެއީ އަޅުގަނޑުމެންގެ ސަރުކާރުގައި ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް ރައްޔިތުން ގަބޫލުކުރާ މިންވަރެއްގައި ކޮންމެވެސްވަރެއްގެ ކަންތައްތަކެއް ކޮށްދެވިއްޖެކަމަށް ތިޔަބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭތީ. އެހެންވީމާ، އަޅުގަނޑު ކައިރީ ކަންތައްތައް ވިދާޅުވާކަމަށްވަންޏާ، އަޅުގަނޑު ހަމަ އުފަލާއެކީ އެކަންކަން ބަލައިގަންނާނަން. ވިލިނގިއްޔަށް އަންނަ ހުރިހާ ތަރައްޤީއަކީ އެ ތަރައްޤީގައި ކޮންމެވެސްވަރަކަށް ދިލަޖެހިލަން އަޅުގަނޑު ބޭނުންވާ މީހެއް. އަޅުގަނޑު ކައިރީ އެކަންކަން ވިދާޅުވާކަމަށްވަންޏާ، އަޅުގަނޑަށް އެކަންކަން ތިޔަބޭފުޅުންނަށް ފުއްދައިދިނުމުގެ ފުރުޞަތު ދެއްވަންޖެހޭ. އަޅުގަނޑަށް އެފުރުޞަތު ދެއްވުމަކީ އަޅުގަނޑު އެދޭ ބަޔަކާއެކީ ތިޔަބޭފުޅުން ތަމްސީލުކޮށް، ސަރުކާރާއި ތިޔަބޭފުޅުންނާ ގާތްކޮށްދޭނެ މަގު ފަހިކޮށްދެއްވުން. އަޅުގަނޑު އެބަ ދަން މިހާރު މާލޭގައި ހަމަ ސިލްސިލާކޮށް ބައްދަލުކުރަމުން. ރަށްރަށުން ރަށްރަށުގެ އެކި ފެންވަރުގެ ބޭފުޅުންނާ. ރަށްރަށުގެ ނުފޫޒުގަދަ ބޭފުޅުންނާއި، ރަށްރަށުގެ ކަމުވޮށިގެންވާ މީހުންނާއި، ޒުވާނުންނާ އަޅުގަނޑު ބައްދަލުކުރަމުން އެބަގެންދަން. ހައްތަހާވެސް ޕީ.ޕީ.އެމް.ގެ ބޭފުޅުން. އެހެންނަމަވެސް، ބައެއް ދާއިރާތަކުގައި ނަސީބެއް ނެތް ޕީ.ޕީ.އެމް.ގެ މެންބަރަށް ޚިދުމަތް ކުރުމުގެ ފުރުޞަތެއް.

 

އަޅުގަނޑުމެން ވެރިކަމާ ހަމައަށް އައީ އެތައް ބަޔަކާ ގުޅިގެން. އެތައް ބަޔަކާއެކީ އިޚްލާޞްތެރި މަސައްކަތެއް ކުރާނަމޭހިތާ. އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި އަޅުގަނޑު އިޙްތިރާމު ކުރަމުން ގެންދިޔަ ބޭފުޅަކު، ދާދިފަހުން ޕޯޑިއަމެއްގެ ފަހަތުގައި ހުންނަވައި ވާހަކަ ދައްކަމުން ވިދާޅުވި، މި ރައީސަށް ތިމަންނަމެން އޭރު ތާއީދުކުރީ މި ރައީސަށް އިދިކޮޅު ފިކުރުތަކާއެކީވެސް މަސައްކަތް ކުރެވިދާނެ ކަމަށް ތިމަންނަމެންނަށް ގަބޫލުކުރެވޭތީއޭ. އަދި މިރައީސް ބުނަމުން ގެންދިޔައޭ، އިދިކޮޅު ފިކުރުތަކާއެކީ ރައީސް މަސައްކަތް ކުރާނަމޭ. ތެދުފުޅެއް. އަޅުގަނޑު ބުނަމުން ގެންދިޔައިން. އެކަމަކު އަޅުގަނޑެއް ނުބުނަން، އަޅުގަނޑު ގޮނޑިން އެއްލައިލަންދެން، އަޅުގަނޑު ކަފުން ކުރަންދެން، އަޅުގަނޑު ހަރަކާތްތެރިނުވެ ބަލަން މަޑުން ހުންނާނަމެކޭ. އެއީ އަޅުގަނޑު ބުނި ވާހަކައެއްނޫން. އަޅުގަނޑަށް މަސައްކަތް ކުރެވޭނެ، ހުރިހާ ފިކުރުތަކަކާއެކީވެސް. އެކަމަކު އެ ފިކުރުތައް މަސައްކަތް ކުރަންވާނީ ތަރުތީބުތަކަކާއެކީ، ނިޒާމުތަކަކާއެކީ. ރައްޔިތުންނަށް ގަބޫލުކުރެވޭ މިންގަނޑުތަކެއްގެ ތެރޭގައި. އެގޮތަށް މަސައްކަތްކުރާ ކަމަށްވަންޏާ އަޅުގަނޑުމެން އެންމެންގެ ކުރިމަތީގައި އެންމެ ބޮޑުމީހާވެސް، އެންމެ މުއްސަނދި މީހާވެސް އަދި އެންމެ ޙަސަބާއި ނަސަބުން ތަނަވަސްކަން ހުންނަމީހާ، ނޫނީ މުއްސަނދި މީހާވެސް އެންމެ ނިކަމެތި މީހާއަށްވެސް ހިނގާނެ އާންމު އުސޫލުތަކެއް ހުންނަންވާނެ. އެ އުސޫލުތަކާއެކީ ހުރިހާ ޚިޔާލެއްގެ މީހުންނަކާއެކީ ޚިޔާލު ތަފާތުވާއިރުވެސް އަޅުގަނޑަށް މަސައްކަތް ކުރެވޭނެ. ކީއްވެގެންތޯ އެއަށްވުރެ ގާތްމީހުންނާއެކީ އަޅުގަނޑަށް މަސައްކަތް ނުކުރެވޭނީ؟ އެންމެ ދުރު މީހުންނާއެކީވެސް އަޅުގަނޑުމެން މި މަސައްކަތްކުރަނީ، އެއް އަމާޒަކަށް ކަމަށްވަންޏާ އަޅުގަނޑު މިހުރީ މަސައްކަތްކުރަން ތައްޔާރަށް. އަޅުގަނޑުމެން މަސައްކަތްކުރަން ތައްޔާރަށް ހުރިކަން ހަމައެކަނި އަޅުގަނޑުގެ ވާހަކައަކުންނެއްނޫން. ކިތައްފަހަރުތޯ އިދިކޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސްކުރީ، އަޅުގަނޑުމެންނާއެކީ މޭޒުކައިރިއަށް ވަޑައިގަންނަވާށޭ. ތިހުރި އިޙްސާސްތައް އަޅުގަނޑުމެންނާއެކީ ފިލުވައިލަން. ޤާނޫނުއަސާސީގެ ދިފާޢުގައި ތިޔަކުރާ މަސައްކަތެއް ކުރަން އަންނާށޭ އަޅުގަނޑުމެންނާއެކީ ތިޔަ ވާހަކަދައްކަން. އޭރަށްތާ އަޅުގަނޑުމެންނަށްވެސް އެނގޭނީ އަޅުގަނޑުމެން މިބަލަނީ އެއް ޤާނޫނުއަސާސީއެއްގައި ހުރި މައްދާތަކެއްކަން. އެހެންވީމާ، އަޅުގަނޑުމެންނަށް އިދިކޮޅު މީހުންނާއެކީވެސް މަސައްކަތް ކުރެވޭނެ.

 

އަޅުގަނޑުމެން އަޅުގަނޑުމެންގެ ވެރިކަމާ ހަމައަށް އައީ މިދެންނެވި އެތައް ބަޔަކާ ގުޅިގެން. މިހާރު އަޅުގަނޑުމެން މި ބައްދަލުކުރާ ބައްދަލުކުރުމުން އަޅުގަނޑާ ހަމައަށް އަންނަ އެންމެބޮޑު ޝަކުވާއަކީ ތިމަންނަމެންގެ ވާހަކަތައް ސަރުކާރާ ހަމައަށް ގެންގޮސްދޭނެ އެއްވެސް މީހަކު ތިމަންނަމެންގެ ނެތޭ. ތިމަންނަމެންގެ ބަފައެއްނެތޭ. އެއީ އެދާއިރާގައި ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރާ މެންބަރަކީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރަކަށް ނުވާތީ. އެހެންވީމާ، ހަމަގައިމުވެސް އެދާއިރާތަކުގެ ރައްޔިތުންނަށް އޭގެ އުނދަގޫ އިޙްސާސް އެބަކުރެވޭ. އެހެންވީމާ، އަޅުގަނޑުމެން އެ ނިޒާމަށްވެސް ކޮންމެވެސްކަހަލަ ފަރުވާއެއް، ވަގުތީ ފަރުވާއެއް ދީފިން. މިއަދު އަޅުގަނޑު ވިލިނގިއްޔަށް އައިސް މިކުރާ ދަތުރުގައި، ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު އަޅުގަނޑަށް ހަމަ ވިލިނގިލިންވެސް އަންނަން އޮތް އެއް ޝަކުވާއަކީ މިއީ. މި ޝަކުވާ އަޅުގަނޑުވެސް ތިޔަބޭފުޅުންނާ އެބަކުރަން. މި ގޮނޑި މިފަހަރު އަޅުގަނޑުމެން ބޭނުން ކާމިޔާބުކުރަން. ވިލިނގިލީގެ ގޮނޑި، ކޮލަމާފުށި ހިމެނޭގޮތަށް ވިލިނގިލީ ދާއިރާގެ ގޮނޑީގައި އިންނަންވާނީ ޕީ.ޕީ.އެމް.ގެ މީހެއް. އެހެންވީމާ، އިޚްލާޞްތެރި މަސައްކަތް ފެށްޓެން އެބަޖެހޭ.

 

މިދަތުރުގެ އެންމެބޮޑު ބޭނުމަކީ ޙަޤީޤަތުގައި ވިލިނގިއްޔާއި ކޮލަމާފުށްޓަށް ދިޔުމުގެ އެންމެބޮޑު ބޭނުމެއް. މިއީ އަޅުގަނޑުމެންގެ ޕާޓީގެ ދަތުރެއް. މިއީ ރަސްމީ ދަތުރެއްނޫން. މި ދަތުރުގެ އެންމެބޮޑު ބޭނުމަކީ، ނޫނީ ހުރިހާވެސް ބޭނުމަކީ މިދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް އަދި މިދާއިރާގައި ހުރި ކަންކަން އެހުމާއެކީ، މި ދާއިރާއިން އަޅުގަނޑުމެންނަށް ތިޔަ އެދިވަޑައިގަންނަވާ ކަންތައްތައް ފުއްދައިދޭން އަޅުގަނޑަށް ފަސޭހަވެގެންއެބަދޭ، އަޅުގަނޑަށް އެ މަސައްކަތް ކުރާނެ ފުރުޞަތު ލިބިއްޖިއްޔާ. ވަގުތު ތަނަވަސްކޮށްދެއްވައިފި ކަމަށްވަންޏާ. އެކަމަކު މިދާއިރާއިން ނިކުމެވަޑައިގެންނެވި ބޭފުޅަކުވެސް އަޅުގަނޑުމެންގެ ޓިކެޓުގައި، އަޅުގަނޑުމެންގެ އިޚްލާޞްތެރިކަމާއި، އަޅުގަނޑުމެންގެ އޯގާތެރިކަމާއި، އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒު ކުރައްވަން ވިއްކައިގެން ނުކުމެވަޑައިގެންނެވި ބޭފުޅާވެސް ދައުރު ހަމަވުމުގެ ކުރިން ދިމާކުރެއްވީ ރައީސް އަޒްލް ކުރަން. އެހެންވީމާ، އިޚްލާޞްތެރި ހިތަކާއެކީ މަސައްކަތްކުރަން މި ޖެހެނީ.

 

އެހެންވީމާ، މިކަންކަމަށް އެބަޖެހޭ ބަދަލު އަންނަން. ރައީސާއި ރައީސްގެ ސަރުކާރުގައި ހިމެނޭ ހުރިހާ އެންމެން ޕާޓީގެ މެންބަރުން ހިމެނޭގޮތަށް މަސައްކަތް މިކުރަނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުއްދައިދޭން. ވިލިނގިލިން އަޅުގަނޑަށް މިއައީ ލިސްޓެއް. ކޮލަމާފުށިން އަޅުގަނޑަށް އަންނާނީ ލިސްޓެއް. ދެން ދާ ކޮންމެ ރަށަކުންވެސް އަޅުގަނޑަށް އަންނާނީ ލިސްޓެއް. އަޅުގަނޑު ބުނަމުން މިގެންދަނީ އަޅުގަނޑު މިއައީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތައް ފުއްދައިދެވޭތޯ ބަލަމުންނޭ. އަޅުގަނޑުވެސް ހުސް ވަޢުދުތަކެއްވެފައި އަޅުގަނޑަށް ފެންނަ ހުވަފެނަކީ ހަމައެކަނި ހުވަފެނެއްގެ ފެންވަރުގައި ކަންކަން ނިމިގެންދާ ކަމަށްވަންޏާ، އަޅުގަނޑު އައިސް ޒިޔާރަތް ކުރީމާ އަޅުގަނޑު ކައިރީ އިތުރު ކަންކަމަކު ތިޔަބޭފުޅުން ވިދާޅެއްނުވާނެ. ކޮންމެވެސް މިންވަރަކަށް މި ރައީސަށް ރައްޔިތުން ބޭނުންވާ ކަންތައް ފުއްދައިދެވި ޚިދުމަތް ކުރެވޭކަމަށް ގަބޫލުކުރައްވާތީ، އަޅުގަނޑަށް ދެން ރަށްރަށަށް ބޭނުންވެފައިހުރި އިތުރު ކަންތައް ތިޔަ އަންނަނީ. އިތުރު ކަންތައް އަންނަންޏާ، އިތުރު ކަންތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރު ފުރުޞަތު އަޅުގަނޑަށް ދޭންޖެހޭ. އަދި އިތުރު ކަންކަން ކުރުމަށް
އެ ބަޖެޓަށް ޖާގަހޯދަން ފައިސާ ހޯދަން އަޅުގަނޑާއެކީ އަޅުގަނޑުމެންގެ ސަރުކާރުން މިރަށަށް ބޭނުންވާ ތަރައްޤީ ގެންނަން މަސައްކަތްކޮށްދޭނެ މެންބަރަކު މިރަށުން އެބަ ދައްކަންޖެހޭ. މި ދާއިރާއިން ދައްކަން އެބަޖެހޭ. އެ މެންބަރަކީ އަނެއްކާވެސް ބަޖެޓަށް ވޯޓުނުދީ، ރައްޔިތުންގެ ތަރައްޤީއަށް ވޯޓުނުދޭ މީހެއް ކަމަށްވަންޏާ އަނެއްކާވެސް އަޅުގަނޑުމެންނަށް ހަމަ މިދާއިރާގައި ހުރި ކަންކަން އަޅުގަނޑުމެންނާ ހަމައަށް އަންނާނެގޮތެއް ނޯންނާނެ. ވިލިނގިލީގެ ޙާލަތު ވިލިނގިލިން ބަދަލުކުރައްވަން ބޭނުންފުޅުވާނެ. ކައުންސިލް އިންތިޚާބު އަޅުގަނޑުމެންނާ ފަސްދީފައި ހިނގައްޖެ. އެކަމަކު ދެނެގަންނަން ހުރި ފިލާވަޅުތަކެއް އެބަހުރި. އަޅުގަނޑުމެން ތަކުރާރުކޮށްގެންނުވާނެ ފިލާވަޅުތަކެއް އެއީ. އަޅުގަނޑުމެންނަށް އެބަޖެހޭ، އެ ފިލާވަޅުތައް ތަކުރާރުނުކޮށް އެކަންކުރަން.

 

ރައީސްކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އިޚްލާސްތެރި މަސައްކަތެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ﷲގެ މިންވަރުފުޅާއި ހެޔޮ ރަޙުމަތް މިކަމުގައި ހިމެނިގެން މިދަނީ، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި މަސައްކަތްކުރާ ބަޔަކަށްވާތީ. މި ދިވެހިރާއްޖެއަކީ ހަމަ ޙަޤީޤަތުގައިވެސް އިންޑިޔާ ކަނޑަށް އުކާލެވިފައިހުރި ރަންމުތްތަކެއް ކަހަލަ ރަށްތަކެއްތޯ؟ މިއީ އަޅުގަނޑުމެން އަބަދުވެސް ދިވެހިރާއްޖެއާ ބެހޭގޮތުން ދައްކާ ވާހަކަ. މި ދިވެހިރާއްޖެއަކީ ވަސީލަތް ނެތް ނިކަމެތި ފަޤީރު ޤައުމެއްގެ ގޮތުގައި އަބަދު އޮންނަންޖެހޭތޯ؟ މިއީ މިހާތަނަށް އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކަ. ނިކަމެތިކަމަކީ އަޅުގަނޑުމެން އަމިއްލައަށް ހޯދާ ކަންތައްތައް. އެކަމަކު އަބަދަކު ނިކަމެތިވެ ތިބޭކަށް ނުޖެހޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކީ މުރުއްވަތްތެރި ދިރިއުޅުމެއް އުޅެން ދަންނަ ބަޔަކަށްވާން އެބަޖެހޭ. ޚާއްޞަކޮށް، މިއަށް މިސާލު ދައްކަން ތިބީ ދައުލަތުގެ އިސް ސަފުގައި ތިބި މީހުން. އަޅުގަނޑުމެންގެ ނިކަމެތިކަމުން އަރައިގަންނާނީވެސް އަޅުގަނޑުމެންގެ މަސައްކަތުން. އަޅުގަނޑުމެންގެ ނިކަމެތިކަން ތަނަވަސްކަމަށް ބަދަލުކުރަންތިބީވެސް އަޅުގަނޑުމެންގެ މުރާލި ރައްޔިތުން. އެކަންކަމަށް ވިސްނާނެ ބަޔަކާއި އެކަންކަން ޙަޤީޤަތަށް ހަދާނެ ބަޔަކު އެބަހޯދަންޖެހޭ.

 

ތިޔަބޭފުޅުންގެ ހުވަފެނަކީ އަޅުގަނޑު ދެކެން ބޭނުންވާ ހުވަފެން. ތިޔަބޭފުޅުންގެ ހުވަފެނަކީ އަޅުގަނޑުގެ މަސައްކަތުން ޙަޤީޤަތަށް ހަދައިދޭން ބޭނުންވާ ކަންކަން. މިއަދު މި އިންޑިޔާ ކަނޑަށް މިޔޮށް ބިޔަ ރާޅުނަގާ ކަނޑަށް، ސިޔާސީގޮތުން ބިޔަ ރާޅުނަގާ ކަނޑަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ މުހިންމު ދައުލަތެއްކަން ގަބޫލުނުކުރާ ދުނިޔޭގެ ޤައުމެއް އެބައޮތްތޯ؟ ނެތޭ. މި ދިވެހިރާއްޖެއަކީ މީގެކުރީގައި ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ނެތް ތަނެއް. އެހެންނޫންތޯވާނީ. އަޅުގަނޑުމެން އަބަދުވެސް މި ކިޔަމުންދަނީ ކަނޑުގެ ލޮނުގަނޑު އުފުލެނީއޭ. ދެން ޤުދުރަތީގޮތުން ވާކަމެއްވާނެ. އަޅުގަނޑުމެން އެދޭ ކަމެއްނޫން. އެކަމަކު އަޅުގަނޑުމެން އެކަން ތަޙައްމަލު ކުރާނަން ﷲ އަށް ޙަމްދު ކުރަމުން. އެކަމަކު އެކަމުން އަރައިގަންނަންވެސް ކުރެވެންހުރި މަސައްކަތް ހުންނާނެ. އަޅުގަނޑުމެންގެ ކަނޑުގެ ރާޅުގަނޑު އުފުލޭނެ. އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އެއްވެސްކަހަލަ މުސްތަޤްބަލެއް ނެތް. ނިކަމެތި ފަޤީރު ބައެއް. އަބަދުވެސް ތިބެންވީ ކޮންމެވެސް ބައެއް ކައިރިއަށް ގޮސްގެން ކަމެއް ފުއްދައިދެވޭތޯ. ދެން އަޅުގަނޑުމެންގެ ހަމަ ރައީސުން މަސައްކަތް ކުރައްވާނެ. އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ގޮވައިގެން ކޮންމެވެސް އުސް ރަށަކުން ބިންކޮޅެއް ހޯދައިގެން އަޅުގަނޑުމެން ހިޖުރަކުރަން. ކޮބައިތޯ ދިވެހިވަންތަ ސިފަ؟ ދެން އެތަނަށްގޮސް އަޅުގަނޑުމެން އަމިއްލަ ވެރިކަމެއް ޤާއިމުކުރާނީ. އެހެންވެއްޖިއްޔާ ހިންގަވާ އަޅުގަނޑުމެންނާއެކީ ބަރުމާއަށް ދާން. އޭރަށް މިކަހަލަ ކަންތައް ކުރެވޭނެ.

 

އެހެންވީމާ، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް މިއަދު އެބަ ފެނިގެންދޭ، ދިވެހިރާއްޖެއަކީ ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަކީ އިންވެސްޓަރުން ބޮޑެތި ބިޔަ އިންވެސްޓަރުން މިލިއަނުން މިލިއަނުން ޑޮލަރު ހިފައިގެން އަންނަ ތަނަކަށް ވެއްޖެކަން. ދިވެހިރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ ޗާޓުގައި އޮތް ތަނެއްނޫން. ދިވެހިރާއްޖެއަކީ އިންވެސްޓްމަންޓްގެ ފުރުޞަތާއި އަދި ދިވެހިރާއްޖެއަކީ ކުރިއަރާ ޤައުމެއް ކަމަށް ގަބޫލުކުރާ އެތަކެއް މަހުޖަނުން ﷲގެ ރަޙުމަތުން މިހާރު ދުނިޔޭގެ އެކިކޮޅުކޮޅުގައި އެބަތިބި. އެކި ކަރަކަރައިގައި އެބަތިބި. އަޅުގަނޑުމެން މިވާހަކަ ދައްކައިފީމު، މިދިޔަ ދެ ދުވަހުގެ ތެރޭގައި. އަދި މިރޭ މި ޕޯޑިއަމްގައި ޖަލްސާ ތަޢާރަފު ކުރައްވަމުންވެސް ވިލިނގިލީގެ ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެ ވިދާޅުވީ ހަމައޭގެ އެއްވާހަކަ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ބުނި ވާހަކައެއްވެސް ނޫން. ހަމަ އެރޭ ޖަލްސާގައި އެދުވަހުގެ ޖަލްސާގައި، އެއަރޕޯޓް ހުޅުވުމުގެ ޖަލްސާގައި، 2018 ރައީސް ޔާމީނަށް ކާމިޔާބުވެއްޖެ ކަމަށްވަންޏާ، ވިލިނގިލީގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓެއް އަޅައިދޭނަމޭ. ފަހުން އެބޭފުޅުން ހަމަ އެވާހަކަ ބޭރުގެ އިންވެސްޓަރާއެކީ އަޅުގަނޑަށް އެކަން ކަށަވަރުކޮށްދެއްވި.

 

ހުވަދުއަތޮޅަކީ ބޮޑު އަތޮޅެއް. ހުވަދުއަތޮޅަކީ އެއް އެއަރޕޯޓުން ފުއްދައިލެވޭ އެއަރޕޯޓެއް ނޫން. އެއް އެއަރޕޯޓުން ފުއްދައިލެވޭވަރުގެ އަތޮޅެއްނޫން. ދަތުރުފަތުރުގެ ދުރުކަމަށް ބަލާއިރު، މިތަނުގައި އެއް އެއަރޕޯޓަށްވުރެ ގިނަ އެއަރޕޯޓް އޮންނަންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން. ރަށްތަކުގެ ތަނަވަސްކަން އެބަހުރި. އާބާދީގެ ބިޔަކަން ދިވެހިރާއްޖޭގެ ނިސްބަތުން އެބައޮތް. އެހެންވީމާ، ކީއްވެގެންތޯ ހުވަދުއަތޮޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް، ނޫނީވިއްޔާ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ނޯންނަންވީ؟ ހުވަދުއަތޮޅުގައި އެކަންވާނެ. އެކަމަކު އެކަންކުރަން ޝައުޤުވެރިކަން ހުންނަ މީހަކަށް އެ ފުރުޞަތު ހުވަދުއަތޮޅުގެ ރައްޔިތުން ދިނިއްޔާ އެކަންވާނީ ދޮގެއްތޯ؟ އަތޮޅުތެރޭގައި ވޯޓު ލިބުމުގައި ދަތިވެގެން މިދަނީ ދާއިރާތަކަށް ކަންތައް ކޮށްނުދޭތީތޯ؟ އެހެނެއްވެސްނޫން. އަޅުގަނޑުމެންނަށް މި ކުރެވޭ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ.


އިންތިޚާބަކާ ހަމައަށް އައީމާ، އެބަ ވިސްނަންޖެހޭ ޤައުމީ ނަޒަރަކުން. ޢާއިލާގެ މަތިންވެސް ވިސްނާއިރު، ޕީ.ޕީ.އެމް.ގެ ޢާއިލާއަކުން ވޯޓުލާއިރު އެބަވިސްނަންޖެހޭ ޕީ.ޕީ.އެމްގެ ކެނޑިޑޭޓަށް ވޯޓުލާން. އެއީ ލޯކަލް ކައުންސިލްވިޔަސް، ރައްޔިތުންގެ މަޖިލިސްވިޔަސް، އަދި ރައީސްގެ ވޯޓަށްވިޔަސް. ޢާއިލާއިން ޕީ.ޕީ.އެމް.ގެ ޢާއިލާއަކުން އެހެން ޕާޓީއަކުން ކުއްޖަކު ނުކުންނަކަމަށްވަންޏާ ޢާއިލާގެ ޒިންމާއަކީ އެކުއްޖާ މަގަށްއެޅުވުން. އެއީ ޤައުމީ ވާޖިބެއް. އެއީ މިޤައުމު މިދެންނެވި ގޮތަށް ސަލާމަތްތެރިކަމާއެކީ އިސްލާމްދީންމަތީގައި ތިބުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭކަމެއް އެއީ. ކޮންމެ ޢާއިލާއަކުން އެ ޢާއިލާއަކަށް ފެންނަގޮތަށް އެކަނި ކަންކޮށްފައި މިކަން ދޫކޮށްލީމަކާ އަޅުގަނޑުމެންނަކަށް ނުފުދޭ. ކޮންމެ ރަށެއްގައި ޕީ.ޕީ.އެމްގެ ޤުދުރަތީ ޢާއިލާތަކާއެކީ ޕީ.ޕީ.އެމްގެ ބޮޑު ޢާއިލާއެއް މިއޮތީ. އެހެންވީމާ، ޕީ.ޕީ.އެމް.ގެ ބޮޑު ޢާއިލާއިން މަސައްކަތް ކުރަންޖެހޭ، ޕީ.ޕީ.އެމުން ދައްކާ މީހުންނަށް ވޯޓް ހޯދައިދޭން. އެއީ ޤައުމީ މަސައްކަތެއްކުރާ ޕާޓީއަކީ ޕީ.ޕީ.އެމް ކަމުގައިވާތީ. އަދި ރާއްޖެ ތަރައްޤީކުރަން ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާކަމަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވަނީ. އެހެންވެގެން އެތައް ބައިވަރު ތަފާތު ކަންތައްތަކެއް މި އަންނަނީ.

 

މިއަދު މިދެންނެވި ގޮތަށް ދިވެހިރާއްޖެއަކީ ސަތޭކަ މިލިއަނުން، ދުއިސައްތަ މިލިއަނުން، ތިންސަތޭކަ މިލިއަން ޑޮލަރުން ބޭރުގެ މުއްސަނދިން އައިސް އިންވެސްޓް ކުރާ ތަނެއް. ހަމައެކަނި މި ދާއިރާއަށް ބަލައިފި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ރޭގައި އިޢުލާނު ވެގެންދިޔަ ހަތްސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޓޫރިޒަމްގެ ދާއިރާއަށް ހެދިފައި އޮތްކަމަށް. ވިލިނގިލީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެދިފައި، ހުވަދުއަތޮޅުގައި އިތުރު ރިޒޯޓްތަކެއް ތަރައްޤީކުރެވިގެން ދިޔައިމާ، ދެން އޭގެ ހުރިހާ ނަފައެއް މިއީ ހުވަދުއަތޮޅުގެ ރައްޔިތުންނަށް ހުރި ނަފާ. ވަޒީފާގެ ފުރުޞަތު، ތަމްރީނުގެ ފުރުޞަތު، ޓޫރިޒަމާ ގުޅިގެންހުރި އުފެއްދެންހުރި އިތުރު ޚިދުމަތްތަކުގެ ފުރުޞަތު. މިއީ މިދާއިރާގެ ތަނަވަސްކަން.

 

ދެންއޮތީ މަސްވެރިންގެ ވާހަކަ. މިރޭ ތަކުރާރުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު ވަޢުދުވިން، އަޅުގަނޑު ވަޢުދުވީ މިކަމާބެހޭ މި ދާއިރާގެ ހުރިހާ އިސްބޭފުޅުންނާ ވާހަކަ ދައްކާފައި. އަދި އެފައިސާ އަޅުގަނޑުމެން ބަޖެޓަށް ހޯދާފައި، ފަނަރަ މިލިއަން ޑޮލަރު ހޯދައިގެން އަޅުގަނޑު ވަޢުދުވީ، މިހާރު މަސްވެރިންގެ ހުރި ހުރިހާ ދަތިތައް، މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑު ޙައްލުކޮށްދޭނަމޭ. އެ ވަޢުދު އަޅުގަނޑު ފުއްދާނަން. އެއީ ހަމަގައިމުވެސް ވިލިނގިއްޔަށް ބަލާކަމަށްވަންޏާ ވިލިނގިއްޔަށް ލިބޭނެ އެންމެ އުފާވެރި އެއް ޚަބަރަށް ވެގެންދާނެ. މަގު ހެދިދާނެ. ބަނދަރު ބޮޑުކުރެވިދާނެ. ފެނާއި ނަރުދަމާ އިތުރުކުރެވިދާނެ. އެކަމަކު މީހާގެ ޖީބަށް އަންނަ ތަނަވަސްކަން މި އަންނަނީ އާމްދަނީ އިތުރުވެގެން. ވަޒީފާގެ ފުރުޞަތު އިތުރުވެގެން. ބާނާ މަސްކޮޅު ކިރޭނެގޮތް ކަށަވަރުވެގެން. ބާނާ މަސް އިތުރުކުރެވޭނެގޮތް ކަށަވަރުވެގެން. މަހަށް ރަނގަޅު އަގު ލިބިގެން. އަދި މަހަށް ވަގުތުންވަގުތަށް ފައިސާވެސް ލިބިގެން. އެހެންވީމާ، ތާޒާކަންމަތީ މަސް ރައްކާކުރަން ބޭނުންވާ އައިސް ލިބުމާއި އަދި މިނޫން އެހެން ހުރިހާ ކަންތައްތަކެއް ހިމެނޭގޮތަށް. އަދި މަސްވެރިންނަށް އެންމެދަތިވަނީ އެންވެރިކަން ނެތުމުން ކަމަށްވަންޏާ، އެކަމުގެ ޙައްލާއެކީ އަޅުގަނޑުމެން މިކަން ކޮށްދޭނަމޭ މި ބުނަނީ.

 

އެހެންވީމާ، މިދާއިރާގެ ރައްޔިތުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑުމެންނަށް ދަތިވެފައިހުރީ އެއްކަމެއް، ދެކަމެއް، ތިންކަމެއްނޫން. އެކަމަކު މިއަދު އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ، މި ސަރުކާރުން ގަބޫލުކުރަނީ އަޅުގަނޑުމެން މަސައްކަތްކުރާނަމޭ. އަޅުގަނޑުމެންނާ ނުބައްދަލު އަތްގުޅިނުކާވަރުގެ ކަންކަމުގައިވެސް އަޅުގަނޑުމެން ހިފާނަން. އެއީ އެކަން ރައްޔިތުންނަށްޓަކައި ކޮށްދެވޭތޯ ބެލުމަށްޓަކައި. އަޅުގަނޑުމެން ހުވަފެނުންވެސް ދުށް ކަންކަމެއް ނޫންކަމުގައި ކުރީގެ ރައީސުން ވިދާޅުވެފައިހުރީ މާލެއާއި ހުޅުލެއާ ދޭތެރޭ ބްރިޖް އެޅޭނެކަމަށް. އެއީ ވާނެކަމައް ނޫންކަމަށް، ހަމަގައިމުވެސް އެއްބޭފުޅަކަށްވުރެ ގިނަބޭފުޅުން އިޢުލާނު ކުރެއްވި. އެކަމަކު ރައްޔިތުންގެ ތަނަވަސްކަމަށް، ރައްޔިތުންގެ ފަސޭހައަށް އެކަންވެސް ﷲގެ ރަޙުމަތާއެކީ އެ ވެގެން ނިމިގެން ދަނީ. ތިޔަ އެއަރޕޯޓަކީވެސް ހަމަ އެހެން އޮތް ބިޔަ މަޝްރޫޢެއް. އެ އެއަރޕޯޓެއް ހެދިގެން ދިޔައިމާ އެއީ މާލޭ ސަރަޙައްދުގައި އޮތް އެއަރޕޯޓެއް ކަމުގައިނުވިޔަސް، އޭގެ ނަފާ، އޭގެ މުއްސަނދިކަން ބެހިގެން މިދަނީ މުޅި ރާއްޖެއަށް. ވަޒީފާގެ ފުރުޞަތު އިތުރުވެގެންދަނީ ހަމަ މުޅި ރާއްޖެއަށް. އަދި އެ އެއަރޕޯޓް ބޭނުންކޮށްގެން މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް ވައިގެ ދަތުރުފަތުރު އާއްމުވެގެން މިދަނީ. އެތަނުން އުފައްދާ ހަތަރު ފަސްހާސް ވަޒީފާއަކީ ދިވެހީންގެ ވަޒީފާ. އަދި އެއާ ގުޅިގެން އިތުރަށް ހުޅުވިގެންދާ ފަންސާހަކަށް ރިޒޯޓުން އުފައްދާ ފަންސާސްހާސް އާ އެނދަކީ، އެ އެނދުތަކަށް، ނޫނީ އަންނަ މެހްމާނުންނަށް ޒިޔާރަތްކުރާ މެހްމާނުންނަށް މެހްމާންދާރީ އަދާކުރުމުގެ ވަޒީފާގައި ތިބުމުގެ ފުރުޞަތު މި ލިބެނީ ދިވެހިރައްޔިތުންނަށް. އެހެންވީމާ، މިއީ އަޅުގަނޑުމެން ބޭނުންވާ ތަރައްޤީކަމަށް އަޅުގަނޑުމެން މި ކިޔަނީ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ލިބެން ނުހުންނަ ޞިއްޙީ ފަރުވާ މިހާރު ރާއްޖެއިން ލިބޭނެގޮތް އިންތިޒާމުވެގެން އެ ދިޔައީ.

 

އަޅުގަނޑުމެން ކަރަންޓްގެ ވާހަކަވެސް އެބަ ދައްކަން. އަޅުގަނޑު ހަމަގައިމުވެސް ރައްޔިތުންގެ މަންދޫބަކަށް ވުމަށްޓަކައި މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަޅުގަނޑު ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރިން. އަދި ރިޔާސީ ޕްރައިމަރީއާއި ރިޔާސީ އިންތިޚާބުގައި ރާއްޖޭގައި މީހުންއުޅޭ ރަށެއް މަދުވާނެ، އަޅުގަނޑު ޒިޔާރަތް ނުކުރާ. އެހެންވީމާ، މީގެ ދިހަވަރަކަށް ފަނަރަވަރަކަށް އަހަރުކުރިއަށް ޖެހިލާފައި އަޅުގަނޑަށް ފެނިފައިހުރި ތަޖުރިބާއަށް ވާހަކައެއް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ ޝަކުވާއަކީ އޭރު ރައްޔިތުން ކުރާ ޝަކުވާއަކީ، ވަރަށް ގިނަ ރަށްރަށުގައި ޚާއްޞަކޮށް، މެދުފަންތި ކުދި އާބާދީތައް ހުންނަ ތަންތަނުގައި ކަރަންޓް ދޭނީ ވަކި ގަޑިއަކަށް. ހަތަރު ގަޑިއިރު، ފަސް ގަޑިއިރު، ހަ ގަޑިއިރު. އެ ނިމުނީ އެހިސާބުން. ކީއްވެގެންތޯ އިތުރަށް ކަރަންޓް ނުދެވުނީ؟ މި ސުވާލުވެސް މި ޖަވާބުވެސް އަޅުގަނޑުމެން ރައްޔިތުންނަށްވެސް ވިސްނައިދޭން އެބަޖެހޭ. އޭރު އިންޖީނުގެތައް ހަތަރު ގަޑިއިރު، ފަސް ގަޑިއިރު، ހަ ގަޑިއިރު ހިންގާފައި ބަންދުކުރަނީ. ޝަޓްކުރާ ސަބަބަކީ އިންޖީނުގެތަކުންވާ ގެއްލުން ބޮޑުވީމަ. ރާއްޖޭގެ ހުރިހާ ރަށަކަށް، ކުދި ބޮޑު، އާބާދީ ކިތަންމެ ކުޑަ ރަށަކަށްވެސް ސައުވީސް ގަޑިއިރު ކަރަންޓް ހުންނަގޮތަށް ހަމަޖައްސައިދިނީ ކޮން ސަރުކާރަކުންތޯ؟ ދެން މިކަން އަޅުގަނޑު ނުކުރަންވީތޯ؟ އޭރު ހަ ގަޑިއިރު ހިންގައިގެން ގެއްލުންވާ ކަމަށްވަންޏާ، ސައުވީސް ގަޑިއިރު ހިންގައިފި ކަމަށްވަންޏާ، އޭރުގައިވާ ގެއްލުން ހަތަރު ގުނައަށް އިތުރަށް ގެއްލުންވެގެންދާނެ. އޭރު އިންޖީނު ބޭނުންކުރާތެޔޮ އޭރަށްވުރެ މިހާރު ތިން ހަތަރު ގުނަ ބޮޑުވެގެން އެދިޔައީ. ތެލުގެ އަގު ހެޔޮކުރާކަށް ނުފޫޒު ފޯރުވޭވަރުގެ ބައެއްނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑުމެންނަކީ އުފައްދާ ބައެއްނޫން. އޭގެ ވިޔަފާރީގައި އުޅޭ ބައެއްނޫން. ހަމައެކަނި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ބޭނުންތަކަށް ތެޔޮގަންނަ ބައެއް. ދެން މިކަން ހައްލުކުރަންވެސް ކުރެވެންހުރި ކަންތައް ހަމަ މި ސަރުކާރުން މި ކުރަނީ.

 

ކާޑު، ކާޑަކީވެސް ހަމަ މިހެން އޮތް އެއްޗެއް. ކާޑަކީ ރާއްޖޭގައި މީގެކުރިން ސަބްސިޑައިޒް ކޮށްގެން ހިންގަމުންދިޔަ އެއްޗެއް. މިހާރުވެސް ސަބްސިޑައިޒް އެބަ ކުރަމު. އެކަމަކު ކޮންމެ އަހަރަކު ދުއިސައްތަ މިލިއަން، ތިންސަތޭކަ މިލިއަން، އިތުރަށް ކާޑުން ސަބްސިޑައިޒް ކުރަން، ނޫނީވިއްޔާ ފޫނުބެއްދޭ އަގު އެސް.ޓީ.އޯ.އަށް ދިނުމަށްޓަކައި، މިކަން ކުރާކަމަށްވަންޏާ އެބަ ތިންސަތޭކަ ހަތަރުސަތޭކަ މިލިއަން ގެއްލޭ. މިއީ، ވިޔަފާރީގެ އެވަރުގެ ނަފާއެއް އޮތް ކަމެއްކަމަށްވަންޏާ، އަޅުގަނޑުމެން ހިތާ ސުވާލުކޮށްލަންވީނޫންތޯ، ދިވެހިރާއްޖޭގައި މިއަދު އެބަތިބި ހަމަ ވަރަށް ފެންވަރު ރަނގަޅު ވިޔަފާރިވެރިން. ރައްޔިތުންނަށް ޚިދުމަތެއްގެ ގޮތުންވެސް ކާޑު އެތެރެކޮށްލަންވީނޫންތޯ؟ އެތެރެކޮށް، އެ ވިޔަފާރީގައި އުޅެންވީނޫންތޯ؟ ކީއްވެގެންތޯ ނުކުރަނީ؟ އެއީ ކާޑުވިއްކާ އަގުން ކާޑުން ބޮޑު ގެއްލުންވާތީ. އެކަމަކުވެސް މުޅި މި ސަރަހައްދުގައި އެބަހުރި ކާޑު އުފައްދާ ޤައުމުތައް. މި ސަރަޙައްދުގައިވެސް ނިސްބަތުން އެންމެ އަގުހެޔޮކޮށް ކާޑު ލިބެނީ އަދިވެސް ދިވެހިރާއްޖޭގައި.

 

އަޅުގަނޑުމެންނަށް، ފައިސާ އުފައްދައިގެން މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެންނަށް ހުރި ޗޮއިސްތަކެއް އެބަހުރި. ކުރީގައިނެތް ހުސްނުވާ އާސަންދައެއް. ކުރީގައި އެއްހާސް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓަކުން ނިކަމެތިންގެ ބޭހެކަށް ހޭދައެއް ނުކުރަމު. އެހެންވީމާ، ކުރީގައި އަޅުގަނޑުމެން މިކަހަލަ އެއްޗެހި ސަބްސިޑައިޒް ކުރިން. ކުރީގައި އަޅުގަނޑުމެންނަށް އަތްގުޅިނުކާވަރުގެ ކަންކަމަކާ ކުރިމައްޗެއް ނުލަމު. އަޅުގަނޑުމެންނަކަށް ނުކެރޭ ބޮޑެތި އިންވެސްޓްމެންޓްތަކަށް ބޭރުން ފައިސާ ހޯދަންދާކަށެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަކަށް ބޮޑެތި އިންވެސްޓްމަންޓެއް ނާދޭ. ބޮޑެތި އިންވެސްޓްމަންޓް އައިމާ އޭގެފައިދާ އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވީމާ، މިހާރުގެ ޖީލަށާއި، އަންނަން އޮތް ޖީލަށް ތަނަވަސް އިޤްތިޞާދެއް ވާސިލުކޮށްދިނުމަށްޓަކައި މި މަސައްކަތް މިހާރު ތިބި ބަޔަކު ކުރަން އެބަޖެހޭ. ލާޒިމު އެބަވޭ. އެހެންނޫނިއްޔާ އަޅުގަނޑުމެން ހަމަ ތިބެންޖެހޭނީ އަޅުގަނޑުމެންނަށް ލިބޭ ފައިސާއަކުން އަޅުގަނޑުމެން ކުރިއަށްދާން.

 

ދެންމެ ޖަމީލް ޢުޘްމާނުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، މިއަދުގެ ދިވެހިރައްޔިތުންނަށް ޚާއްޞަކޮށް، ދިވެހި ޒުވާނުންނެއް އެގޮތް ފުދިގެނެއް ނުތިބޭނެ. އަޅުގަނޑަކަށްވެސް އެގޮތް ކަމަކުނުދޭ. އަޅުގަނޑުވެސް ބޭނުންވަނީ ރާއްޖެއަކީ ވަރުގަދަ ތަނަކަށްވާން. ރާއްޖެއަކީ އަޅުގަނޑުމެންގެ އަޑު އެހެންބަޔަކުވެސް އަޑުއަހާވަރުގެ ތަނަކަށް ރާއްޖެވެގެންދާން. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އުރަތްޕެއް ހުރެގެން. އަޅުގަނޑުމެނަށް ކަންތައްތަކެއް ކުރެވިގެން. އަދި އަޅުގަނޑުމެންގެ ޤައުމަކީ ބޭރުގެ ބޮޑެތި ފަރާތްތަކުން އައިސް އިންވެސްޓްކޮށް އަދި އަޅުގަނޑުމެންގެ ޤައުމުގެ ހިމާޔަތުގައި އަޑުއުފުލާނެ، ބޭރު ދުނިޔޭގައި ބާރުގަދަ، ނުފޫޒުގަދަ މީހުންގެ އިންޓްރަސްޓް، ނޫނީވިއްޔާ ވިޔަފާރި ދިވެހިރާއްޖޭގައިވެސް ހުރެގެން. އެކަން ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ. އެކަން ކުރާއިރު ދިވެހިރާއްޖޭގެ ބިން ވިއްކާ ވާހަކަ. ދިވެހިރާއްޖޭގެ ކަނޑު ވިއްކާ ވާހަކަ. ދިވެހިރާއްޖޭގައި މިކުރާ ޚިދުމަތްތައް މިއަށްވުރެ އަގުހެޔޮކޮށް. މިއި ބޭކާރު ވާހަކަ. މި ހުރިހާ ފުރުޞަތެއް މިހުރިހާ އެންމެންނަށް ލިބުނު. އެއިން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނުވި. ނޫނީ ކުރާނެ ހިތްވަރެއް ނެތް. ނޫނީ ޚިޔާލަށް ނާދޭ. އެހެންވީމާ، ދެން މިއަދު މިކަން ކުރަންވީމާ، އެކަންކަން އުނދަގޫވަނީ. އަޅުގަނޑުނެތިން އެވާހަކަ ދައްކާކަށް.

 

އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ކުރިމަތިލައިގެން މިހުރީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތަކެއް ފުއްދައިދޭށޭ. ދަތިވެފައިހުރި ކަންތައްތައް ހުރިކަން ޔަގީންވަނީ މިއިން ކޮންމެ ރަށަކަށް އައިމާ އަޅުގަނޑަށް ތިޔަކުރައްވާ އިލްތިމާސްގެ ލިސްޓް ދިގުވީމަ. އެހެންވީމާ، އަޅުގަނޑު އެކަންކަން ކޮށްދޭންޖެހޭ. އެކަންކަން ކުރާކަމަށްވަންޏާ އެކަންކަން ކުރެވޭނެގޮތް އަޅުގަނޑު މެދުވެރިކުރަންޖެހޭ. އެކަމަކު އެކަންކަން ކުރާގޮތް މެދުވެރިވެ، އަޅުގަނޑު ކުރާއިރު، އަޅުގަނޑު ލައްވައި އެކަން ކުރުވުމަކީ ތިޔަބޭފުޅުންނަށް ގެރެންޓީއާއެކީ އެކަން ކުރެވޭނެ ކަމަށް ތިޔަ އެންމެހައި ބޭފުޅުން ގަބޫލުކުރައްވާ ކަމަށްވަންޏާ، އަޅުގަނޑަށް އެފުރުޞަތު ލިބެންވެސްޖެހޭ ދޮގެއްތޯ؟ އެހެންނޫންތޯ؟ ހަމަގައިމުވެސް އަޅުގަނޑު ގޭގައި އޮވެގެނެއް މި މަސައްކަތެއް ނުކުރާނެ. އެހެންވީމާ، ރައްޔިތުންނަށް ދިމާވެފައި މިހިރަ ބޮޑެތި މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ހާދަ ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ޙައްލު ކުރެވިއްޖެއޭ.

 

ފެނާއި ނަރުދަމާގެ ވާހަކަ އަޅުގަނޑުމެން މިއަދު މިދައްކަނީ. އަޅުގަނޑުމެން ކުރީގައި މުޅިރާއްޖެއަށް އާއްމުވާނެ ވާހަކަތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމު. އެކަމަކު އަޅުގަނޑުމެން ކަށަވަރު ކުރީމު، އަޅުގަނޑުމެން އިޢުލާނު ކުރީމު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންވޭތޯ މި މަސައްކަތް މި ކުރަނީ. ރާއްޖޭގެ އާބާދީގެ ހަތްދިހަ ޕަސެންޓަށް، އޭގެ މާނައަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހަތްދިހަ ޕަސެންޓް ރަށުގެ ވާހަކައެއް ނޫން. ރާއްޖޭގެ އާބާދީގެ ހަތްދިހަ ޕަސެންޓަށް ސާފު ބޯފެން ލިބޭނެކަމަށް އަޅުގަނޑުމެން ކަށަވަރުކުރާނަމު. އެއީ އަޅުގަނޑުމެން މިހާރު މަސައްކަތްކޮށް، ފަންސާސް ޕަސެންޓަށްވުރެ މަތީގައި، ފަންސާސް ފަސް ޕަސެންޓް، ވަރަށްފަހުންވެސް އިޢުލާނު ކުރެވުނު، އަޅުގަނޑުމެން ހާސިލުކޮށްފައި އޮތްކަމެއް.

 

ދެން އޮތީ މުދައްރިސުންގެ ފެންވަރު މަތިކުރުން. އެއީ އަޅުގަނޑުމެންގެ ތުއްތުކުދިންގެ ތަޢުލީމީ ފެންވަރު މަތިކުރުން. ވަރަށްގިނަ ކަންތައް އެބަވޭ ދޮގެއްތޯ؟ ވަރަށްގިނަ ކަންތައް އެބަކުރެވޭ. އެކަމަކު މިކަންކަން ކުރުންމަތީ ދެމިތިބި، މިކަންކަން ކުރަން ބޭނުންވާ ފައިސާ ހޯދަން ބަޖެޓަށް ވޯޓުދޭނެ އިޚްލާޞްތެރި މަންދޫބުންތަކެއް އަޅުގަނޑުމެން ބޭނުންވޭ. މިދާއިރާގައި އެފުރުޞަތު މިއޮތީ. މިދާއިރާގެ ރައްޔިތުން ޕީ.ޕީ.އެމް.ދެކެ ލޯބިވަންޏާ އަދި ޕީ.ޕީ.އެމް.އަށްވުރެ އިސްވެ ޤައުމުގެ ޙާލަތު ރަނގަޅު ޙާލަތަކަށް ބަދަލުކުރަން، ނޫނީވިއްޔާ ރަނގަޅު ޙާލަތެއްގައި ދެމިއޮންނަން އެދޭކަމަށްވަންޏާ، އެބަޖެހޭ ޕީ.ޕީ.އެމް.ގެ މެންބަރަކު މިދާއިރާއަށް އަނެއްކާވެސް އިންތިޚާބުކޮށްފައި ދައްކަން. އިޚްލާޞްތެރި މަސައްކަތެއް ފަށްޓަންވީކީ ވޯޓުފޮށްޓާ ހަމައަށް ދާއިރަކުނޫން. މިހާރު ފަށްޓަންވީ. އެ މަސައްކަތާއެކީ 2018އާއެކީ އަޅުގަނޑުމެން ކަންތައްތަކެއް ކުރެވޭތޯ ބަލަން އެބަޖެހޭ. މިއީ އަޅުގަނޑުމެން ލޯބިވާ ޕާޓީ ކަމަށްވަންޏާ، މި ޕާޓީދެކެ އެންމެ ލޯބިވާންވާނީ އަޅުގަނޑުމެން ދޮގެއްތޯ؟ އެހެންވީމާ، މި ޕާޓީއަށް އޮތް ވެރިކަމެއް ދަމަހައްޓަން އެންމެ އިސްކޮށް މަސައްކަތް ކުރަންވާނީ އަޅުގަނޑުމެން. މިކަން ކޮށްދޭކަށް އަންނާނީ އެހެންބަޔަކުނޫން.

 

އެހެންވީމާ، މިކަން ކުރެވޭނީވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އިޚްލާޞްތެރިކަމާއެކީ ކުރާ މަސައްކަތަކަށްވީމަ. އެ މަސައްކަތުގައި ޢާއިލާގެ މީހަކު ބުނީމަ، ދަރިއަކު ބުނީމަ، އޭނަގެ ފިކުރު ތަފާތުވީމަ، މަންމައާއި ބައްޕަ ދަރިއަކަށް ކަމެއް ކޮށްދިނުމުގެ ގޮތުން ދީލާލާ ކަމަށްވަންޏާ އެއީ ޤައުމީ ވާޖިބަކަށް ހުރަސްއަޅަނީ. ޤައުމީ މަސްއޫލިއްޔަތަކަށް އެބަވޭ ރާއްޖެ ހިމާޔަތާއެކީ ރާއްޖެ އަމާން ބަނދަރަކަށް އަބަދުވެސް ރާއްޖޭގެ މިޞްރާބު އަމާން ބަނދަރަކަށް ޖަހަން. އަޅުގަނޑުމެން ދެކެފީމު މިނޫން ދުވަސް. އަޅުގަނޑުމެން ދެކެފީމު އަޅުގަނޑުމެން އުޅުނު ހިތްދަތިކަން. އަޅުގަނޑުމެން ދެކެފީމު އަޅުގަނޑުމެން އުޅުނު ނިކަމެތިކަމާއި ފަޤީރުކަން. އެހެންވީމާ، ދެން ކާކުތޯ އަނބުރާ އެ ޙާލަތަށް ރުޖޫޢަވާން ބޭނުންވާނީ؟ އެއީ ހަމަގައިމުވެސް އިންސާނީ ޠަބީޢަތުގައި އޮތް ކަމެއް ނޫން. އަބަދުވެސް ޙާލަތު ރަނގަޅު ކުރަން ބޭނުންވާނެ. އެހެންވީމާ، ވިލިނގިލިން، ގއ. އިން، ހުވަދުއަތޮޅުން، ކަންކަން އެބަހުރި ބޭނުންވާ. އަދި މުޅި ރާއްޖޭގައި ބޭނުންވާ ކަންތައްތައް މަދެއްނޫން. މިކަންކަން ކުރުމުގައި އަޅުގަނޑުމެން ކަންތައްތަކެއް ކުރަންއެބަޖެހޭ.

 

ދެންހުރީ ނިޒާމުތަކުގެ ވާހަކަ. އަޅުގަނޑުމެން ނިޒާމުތަކެއް ހަމަޖެއްސިން. ޤާނޫނުއަސާސީ ހެއްދެވި ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން އަބަދުއަބަދު އެބަ އަޑުއަހަމު. އެކަމަކު ޑިމޮކްރަސީއާއި ޑިމޮކްރަސީގެ ސިޔާސަތު އައިގޮތްވެސް އަޅުގަނޑުމެންނަށް ދެންމެ އިޢުލާނުވެގެން އެދިޔައީ. އެ ނިޒާމުތައް އުފަންކުރީ އަޅުގަނޑުމެން. ރައްޔިތުންގެ މަންދޫބުންނަށް ބާރުދީގެން އަޅުގަނޑުމެންގެ ވިސްނުމަށް އައި އެންމެ ރަނގަޅު ގޮތަކަށް ނިޒާމުތައް އަޅުގަނޑުމެން ބައްޓަންކުރީ. އެ ނިޒާމުތައް ހިންގުމަށްޓަކައި ރާއްޖޭގައި އޭރު ލިބެން ތިބި އެންމެ ޤާބިލު، އެންމެ ތަޢުލީމީ މީހުން އެތިބީ ލާފައި. އެއިން ކޮންމެ މީހަކު އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެނޫން އެހެންގޮތަކަށް އެކަން ސާބިތުކޮށްދެވެންދެން. އެއީ އަމާނާތެއް.

 

މިހާރު އެނިޒާމުތަކާއެކީ އެ އުސޫލުތަކުގެމަތިން ކަންތައްތައް ކުރީމަ އެކަންކަން ކަމަކުނުދޭ. ނިޒާމުތައްވެސް ކަމަކުނުދޭ. ޤާނޫނުއަސާސީވެސް ކަމަކުނުދޭ. އަޅުގަނޑުމެން އެންމެން މި ނުކުންނަނީ ޤާނޫނުއަސާސީގެ ދިފާޢުގައި. އަޅުގަނޑުމެން އެންމެން ނުކުންނަންޖެހޭނެ ޤާނޫނުއަސާސީގެ ދިފާޢުގައި. އެއަށްވުރެން ކުރިން ނުކުންނަމާތޯ ދިވެހިރާއްޖޭގެ ދިފާޢުގައި. އެ ނިޒާމު އަޅުގަނޑުމެންނަށް ކަމުހިނގައްޖެ 2008 ން ފެށިގެން މިއަދާ ހަމައަށް އެ ނިޒާމު އަޅުގަނޑުމެންނަށް ކަމުހިނގައްޖެ. އަދި އެނިޒާމު ހިނގިގޮތް އަޅުގަނޑުމެންނަށް ކަމުހިނގައްޖެ. އޭގެހުރި އުސޫލުތައް އަޅުގަނޑުމެން ގަބޫލުކޮށްފިމު. އެކަމަކު މިއަދު އެއިން އެކައްޗެއްވެސް ކަމަކުނުދޭ. ހަމަގައިމުވެސް އެ ފޮތުގައި ލިޔެފައި ހުރި އަކުރުތައް އެ ހުރީކީ ހަމަގައިމުވެސް ފުހެވިފައެއްނޫން. ނޫނިއްޔާ ކަތުރުފަނި އަޅާފައެއްވެސްނޫން. އަޅުގަނޑުމެންނަށް އިހަށްދުވަހު އިދިކޮޅު ބޭފުޅުން ބޮޑުކުރައްވާފައި ދެއްވި ޤާނޫނުއަސާސީގައިވެސް ހަމަ ލަފްޒުން، ޢިބާރާތުން، ފޮޅުވަތުން އަދި މާއްދާއިން އެ ޤާނޫނުއަސާސީގައި ހުރި އެއްޗެއް، އޭގެ ކުރިންވެސް 2008ގައި ފާސްކޮށްފައިވެސް އެހުރީ. އެ އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންކަން ކުރަން ކުރިމަތިލީ. އޭގެތެރޭގައި ޤާނޫނުން ބޭރުގައި، ޤާނޫނާ ޚިލާފަށް ބޮޑެތި ކަންތައްތައް ކުރާ މީހުންނަށް އެކުރާ ކަންތައްތަކުގެ އަދަބު ލިބުނީމަ މިހާރު އަޅުގަނޑުމެންނަށް ކަމަކުނުދޭ.

 

އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެކޭ، މިހާރުވެސް މިރަށުގައި ހުންނަ ފެނަކައިގެ އިންޖީނުގޭގެ ރުކަކުން ގޯތިތެރެއަށް ކާށްޓެއް ވެއްޓިގެން އެއަށް ކަންތައް ކުރިގޮތް ނާންގައި، ފެނަކައިގެ އޮފީހަށް ނާންގައި، އެ ކާށި އަމިއްލަ ބޭނުމެއް ކޮށްލައިފި ކަމަށްވަންޏާ އޭނަގެ ބުރަކަށިން ހަންނަގަން ދުވާނެ މީހުން އުޅޭނެ. އެއީ ރިޝްވަތު ހިފީމަ. ނޫނިއްޔާ ކޮރަޕްޝަނަށް މަގުފަހިވީމަ. އެކަމަކު މިއުސޫލު ނިކަމެތިންގެ މައްޗަށް އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވާއިރު، މިއުސޫލު ތަނަވަސް މީހުން، ބޮޑެތި މީހުން، ނުފޫޒުގަދަ މީހުންގެ މައްޗަށް ދަމަހައްޓާކަށް އަޅުގަނޑުމެންނަކަށް ކަމަކުނުދޭ. ދެ ދަރަޖައިގެ ރައްޔިތުން އުޅެން އަޅުގަނޑުމެން އަބަދުވެސް މިދިވެހިރާއްޖޭގައި ވަކާލާތު ކުރެވޭތަން މި އިވެނީ. މީހުންނަށް އަދަބު ލިބޭއިރު އެ މީހާ އެ ކުރީ ކުށެއް. އެކަމަކު އެ ކުށަށް ލިބުނު ޢުޤޫބާތް ތިމަންނަމެންނަށް ގަބޫލުކުރެވެނީ މާބޮޑުކަމަށޭ. އެކަމަކު ހަމަ އެ އުޤޫބާތް އެމީހާ ނޫން އެހެން މީހަކަށް ލިބިއްޖެ ކަމަށްވަންޏާ، އެ ޢުޤޫބާތް ރަނގަޅު.

 

ރިޝްވަތާއި ފަސާދައިގެ ކަންތައްތައްވެސް އޮތީ މިހާކަންހާވަރުގައި. މިއަދު އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫވެގެން މިއުޅެނީ މިދެންނެވި ކަހަލަ ކަންކަމުގައި. މިދެންނެވި ކަހަލަ ކަންކަމުގައި ޤާނޫނާއި އުސޫލުތަކުގެ ބޭރުން މަސައްކަތްކުރަން ނުފޫޒުގަދަ ފަރާތްތަކެއް ތެދުވީމަ. އެ ނުފޫޒުގަދަ ފަރާތް ތެދުވެ، ކުރި މަސައްކަތުގެ ތެރޭގައި މުޅި މަޖިލީސް ހައިޖާނުކޮށްލުމަކީވެސް ހަމަ އެންމެ ޖާއިޒު ކަމެއް. އަދި އެމަޖިލިސްތެރެއިން އުފެދޭ ހައިޖާނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވޯޓަކުން ޢަޒްލުކުރަން މަސައްކަތް ކުރުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގެން ކުރެއްވި. ދެން އެކަންކަމާ ބަޔަކު ތެދުވީމަ އެކަންކަމާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ. އަދި އެކަންކަމުގެ ތެރޭގައި ހިމެނެނީ ނާޖާއިޒް ނުފޫޒުގެ ތެރޭގައި ރިޝްވަތާއި ފަސާދަ ކަމުގައިވަންޏާ، އެއަށްވެސް ފިޔަވަޅު އަޅާނެ.

 

މިއަދު އަޅުގަނޑުމެންނަށް އަޑުއިވެނީ އެއީ ސިޔާސީ މީހުންވީމަ އެކަހަލަ ކަންތައްތައް ހިނގާނެ ކަމަށް. އެކަމަކު މީގެކުރީގައި އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވި ބޭފުޅަކު، އޭރު 18 އަހަރު ކަންނޭނގެ، ޖަލަށްވަނީ މިކަހަލަ ކަމެއްގެ ތެރޭގައި. އޭރު އެކަންކަން ކުރިއިރު އެއީ ހަމަ ބޮޑެތި ޢުޤޫބާތް ދޭންޖެހޭ، ބޮޑެތި އަދަބު ދޭންޖެހޭ ބޮޑެތި ކުށް އެއީ. މިއަދުވެސް ހިނގައިގެން މިއުޅެނީ ހަމަ އެއްކަމެއް. އެހެންވީމާ، ކީއްވެގެންތޯ އެކަން ކުރީމާ، އެކަންކުރާ މީހުންނަކީ ވަރުގަދަ ނުފޫޒުގަދަ މީހުންނަށްވީމަ، އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގައި އެބަޖެހޭ ސަރުކާރުން ވިސްނާލަން. އަޅުގަނޑުމެންގެ ސަރުކާރުން ދިވެހިރާއްޖޭގައި މި ޤާއިމުކުރަން އުޅޭ ޞުލްޙައާއި އަމާންކަން ޤާއިމެއްނުކުރެވޭނެ، މިދެންނެވި ގޮތަކަށް ދެ މިންގަނޑަކުން މީހުންނާ ދޭތެރޭގައި ކަންތައް ކުރަންޏަކާ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އެންމެންނަކީ އެއްއަމާޒަކަށް މަސައްކަތްކުރާ، އެއް އުންމީދުތަކެއް ހުންނަ، އެއް ހުވަފެންތަކެއް ދެކޭ ބައެއް ކަމުގައި އެބަ ވާންޖެހޭ. އެ ހުވަފެނަކީ ކޮބައިތޯ؟ އެ ހުވަފެނަކީ ދިވެހިރާއްޖެއަކީ ކައިރީގައި ހުރި އެހެން މީހުންނަށް ދުވަހަކުވެސް އަޅުގަނޑުމެންނާ ކައިރިކޮށްނުލެވޭވަރުގެ ތަނަވަސް، ވަރުގަދަ، އީމާންކަންގަދަ އަދި ޢަޒުމް ވަރުގަދަ ދިވެހި ސިފަތަކެއް ހުންނަ، ބޭރުގެ ނުފޫޒުތައް ނާންނަވަރުގެ އިންސްލޭޓަޑް ޤައުމަކަށް ދިވެހިރާއްޖެވުން. އެ މަސައްކަތެއް ކޮށްދޭކަށް ފަރަންޖީންނެއް ނާންނާނެ. އެ މަސައްކަތް ކުރަންތިބީ އަޅުގަނޑުމެން. އެހެންވީމާ، އެ މަސައްކަތް ކުރަން ތިޔަބޭފުޅުން 2013ގައި އަޅުގަނޑު އިޚްތިޔާރު ކުރެއްވީ. އެހެންވީމާ، އަޅުގަނޑު އެމަސައްކަތް ކުރަން ޖާގަ އެބަ ލިބެންޖެހޭ. އެ ޖާގަ އެބަ ދެއްވަންޖެހޭ ދިވެހިރާއްޖެ ދެކެ ލޯބިވާ ހަމަ ކޮންމެމީހަކުވެސް. އަދި ފިކުރު އިދިކޮޅުވި ނަމަވެސް، މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި މަސައްކަތް ކުރެވެންޖެހޭނެ. ހުރި ވާހަކަތައް ދެއްކެންވާނެ.

 

އަޅުގަނޑު އެދެނީ، ހަމަ ވިލިނގިލީގެ ހުރިހާ ރައްޔިތުންނަށް މުޅި ގއ. ގދ. އަތޮޅަށް އުފާފާގަތިކަމާއި ކުރިއެރުން. ތަނަވަސްކަން. ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުދިގެންދިޔުން. ރަށްރަށަށް ބޭނުންވާ ހުރިހާ ކަންކަމެއް ފުދިގެންދިޔުން. އަދި މިކަންކަން ކުރުމުގައި އަޅުގަނޑުމެނަށް މާލީ ތަނަވަސްކަން ﷲ މިންވަރު ކުރެއްވުން. ސިކުނޑިއާއި، ވިސްނުމާއި ކެރުމުގެ ގާބިލުކަންވެސް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ މައްޗަށް މެނުވީ ﷲގެ ތައުފީޤެއް މިންވަރެއް ނުކުރައްވާނެ. އެކަން އަޅުގަނޑުމެން ކަށަވަރު ކުރައްވާ. އަޅުގަނޑުމެން އިޚްލާޞްތެރިކަމެއްނެތި ކޮށްފި ކަމެއްގައި އެ ނުކުންނަ ނަތީޖާ އަޅުގަނޑުމެން އެދޭގޮތަކަށް އަޅުގަނޑުމެންނަކާ ބައްދަލެއްނުކުރާނެ. އެހެންވީމާ، ހުރިހާވެސް ކަމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި، އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޤައުމީ މަޞްލަޙަތު ހިމެނޭ ބޮޑުކަމެއް ކަމަށްވަންޏާ އިޚްލާޞްތެރިކަމާއެކީ އެކަންކުރުން.

 

އެހެންވީމާ، މިކަންކުރަން ވިލިނގިލިން މިފަހަރު މިއޮންނަ ބައި އިލެކްޝަނުގައި އަޅުގަނޑާއެކީ ތިޔަބޭފުޅުން އެބަޖެހޭ އަތުގުޅާލަދެއްވަން. އެ މަސައްކަތާއެކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 2018 ކާމިޔާބު ކުރާނީ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه