بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކުރަން. އަދި އެކަލާނގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަން.


ކޮލަމާފުށީގެ ލޮބުވެތި، ޢިއްޒަތްތެރި ރައްޔިތުން. އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، މިރަށަށް އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން މި ކުރި ޒިޔާރަތުގައި ތިޔަބޭފުޅުންގެ ހިތްޕުޅުގެ އިޚްލާޞްތެރި ޝުޢޫރު އަޅުގަނޑުމެންނަށް ތިޔަ ހާމަކޮށްދެއްވި ފުރިހަމަކަން.


އާދެ، އަޅުގަނޑަށް އެނގޭ، މީގެކުރިންވެސް ކޮލަމާފުށްޓަށް އަޅުގަނޑު އައިސް އުޅުނީމު. ކޮލަމާފުށްޓަކީ ވަރަށް ފޯރިގަދަ ރަށެއް. އެއާއެކީ އަޅުގަނޑުވެސް ގަބޫލުކުރާހިތްވަނީ، ކޮލަމާފުށީގެ ވިސްނުން މިހާރު ވަރަށްބޮޑަށް ބަދަލުވެގެން ހިނގައްޖެކަން. ކޮލަމާފުށި، ތަރައްޤީއަށް ލޯބިކުރުމުގެ ގޮތުން ނަމަވެސް، އަޅުގަނޑުމެންގެ އަތުގައި އޮތް ރަށެއް ނޫން ކުރިއަކުން. އެހެންނަމަވެސް، ކޮލަމާފުށްޓަކީ މިހާރު ވޯޓުގެ ނަތީޖާތަކުން ދައްކައިދޭ ގޮތުން ވެއްޖިއްޔާ، ﷲގެ ރަޙްމަތާއެކީ، ހެޔޮމަގުގައި ހެޔޮ ވިސްނުމުގައި ފައިތިލަ ސާބިތުކުރާ، ތަރައްޤީއަށް ލޯބިކުރާ އަދި އިޚްލާޞްތެރިކަމާއެކީ ރާއްޖެއަށް އެކި ހިސާބަށް އަންނަ ތަރައްޤީއަށް ތާއީދުކުރާ ރައްޔިތެއް ދިރިއުޅުއްވާ ރަށެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވިގެން އެބަދޭ.


އާދެ، އެކަމަށްޓަކައި ކޮލަމާފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، ވަކިވަކި ބޭފުޅުންގެ ނަންފުޅުތައް ނުދެންނެވުނު ކަމުގައިވީނަމަވެސް، ކޮލަމާފުށީގެ ޔޫ.ކޭ ޓީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އެއީ ކޮލަމާފުށީގައި އަޅުގަނޑުމެންގެ ޕާޓީގެ ފިކުރާއި، އަޅުގަނޑުމެންގެ ވިސްނުމާއި އަދި އަޅުގަނޑުމެން ރައްޔިތުންނަށް މި ކޮށްދޭ ކަންތައްތައް، އެހެން ރައްޔިތުންނަށް، އެންމެ ރަނގަޅަށް ކަންކަން ނުވިސްނޭ ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ކުރައްވާ މަސައްކަތުގައި، ޔޫ.ކޭ ޓީމުން ހިތްވަރާއެކީ މި ކުރައްވާ މަސައްކަތް ފާހަގަކޮށް، ޓީމަށް އަދި ޓީމުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޝުޢާއު ކަމަށްވާތީ ޝުޢާއަށް، ޝުޢާއުގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.


އާދެ، ހަމައެއާއެކީ މާގިނަ ވަގުތެއްވެސް ނެތް. ވަރަށް ފޯރިގަދަ ރަށެއްވީމަ އަޅުގަނޑުވެސް ހަމަ ވާހަކަ ތަންކޮޅެއް ދިގުކޮށް ގެންދަން ކަމަށް ޚިޔާލުކުރީ. އެހެންނަމަވެސް، އަޅުގަނޑަށްވުރެ ފޯރިގަދަކޮށް އިސްވެ ވަރަށްގިނަ ބޭފުޅުން ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އަޅުގަނޑު ހަމަ ކުޑަކުޑަ ދެތިން ވާހަކައެއް ދަންނަވާލާނަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިއީ އަޅުގަނޑުމެންގެ ދަތުރެއްގެ ފެށުމޭ. އަދި ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮލަމާފުށްޓަށް ޒިޔާރަތް ކުރާނަން. ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ.


އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނީ، ޝައްކެއްވެސްނެތްގޮތުގައި މި ހުރިހާ އިޚްލާޞްތެރި ޝުޢޫރުތަކެއް އަޅުގަނޑުމެންގެ ދެމަފިރިންނަށް ތިޔަބޭފުޅުން އޮއްސަވާލަދެއްވީމަ، ތިޔަ ހުރިހާ ބޭފުޅުންނަށް ޖުމްލަގޮތެއްގައި ޝުކުރު ދަންނަވަމުން. ޚާއްޞަ ގޮތެއްގައި މިރަށުގެ ކައުންސިލްގެ ރައީސް އިބްރާހީމް ޢަލީމް އަދި ރައްޔިތުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ޙަބީބް ޒާހިރު ވަރަށް ވަރުގަދަ، ވަރަށް އިޚްލާޞްތެރި ވާހަކަފުޅުތަކެއް އެ ދެއްކެވީ. ދެން މިކަމުން އަޅުގަނޑުމެން ފިލާވަޅުތަކެއް ނަގަމާ ހިންގަވާ! އަޅުގަނޑު ހަމަ ދެތިން ވާހަކައެއް ދަންނަވާލާނަން، ޙަބީބް ޒާހިރުގެ ވާހަކަފުޅަށް ބިނާކޮށް ދެތިން ފިލާވަޅެއް އަޅުގަނޑުމެން ނެގޭތޯ ބަލަމާ ހިންގަވާށޭ.


ކޮލަމާފުށްޓަށް އަޅުގަނޑުމެން ފޭބި ހިސާބުން ކޮލަމާފުށިން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި އަދި އަޅުގަނޑުމެން ތަރައްޤީއަށް މިކުރާ މަސައްކަތް ކޮލަމާފުށިން ބަލައިގަތުން ރަމްޒުކޮށްދެއްވާ ގޮތަށް، އަޅުގަނޑަށް ފަސޭހަވާނެ މިރަށުގައި އިތުރު ބްރިޖެއް ނާޅައިވެސް ފުދިގެންދާނެ. ތަފާތު އެކި ކަންތައްތައް ކުރައްވާފައި ތިހިރީ. އެއީ ޝައްކެއްވެސްނެތްގޮތުގައި ރާއްޖެއަށް އަންނަ ތަރައްޤީ. އަޅުގަނޑުމެންގެ ވިސްނުންހުރިގޮތް ބަލައިގެންނެވުން. އަދި ހަމައެއާއެކީ މުޅި ކޮލަމާފުށި ހުޅުވައިލުމަށްޓަކައި ތިޔަ ދެއްވީ އަޅުގަނޑުމެން ދެމަފިރިންނަށް ތަޅުދަނޑި. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތުގެ ތަޅުދަނޑި އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތްޕުޅުގެ ތަޅުދަނޑި.


އަޅުގަނޑުމެން ދެންމެ އަޑުއެހީ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ މުޅި ރައްޔިތެއް ދިރިއުޅޭ މުޖުތަމަޢެއްގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތު، އެބައެއްގެ ތެރޭގައި ނުވާކަމަށްވަންޏާ، ދެން އެތަނަކަށް ތަރައްޤީއެއް ނާންނާނެ. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން އަންނާނީކީ އަވަށްޓެރި ޤައުމުތަކަކުންނެއް ނޫން. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން އަންނާނީ، އަވަށްޓެރި ޤައުމުތައް، ނުވަތަ ދުރު ކަރަކަރައިގެ އެކިފަރާތްތަކުގެ އެހީ ހޯދައިގެން ނަޞާރާ ފާދިރީންނާއި އަދި މިނޫންވެސް އެހެން ކަންތައްތައް ކުރާ ބައެއް ގޮވައިގެން އަންނާނީ އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން. މިއީކީ ނޫން އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމަކީ. އަޅުގަނޑުމެންގެ އުފެދުން މިއޮތީ ދިވެހިރާއްޖޭގައި. އަޅުގަނޑުމެންގެ ކާބަފައިން ވަރުގަދަ ޖިހާދުތަކެއް ކުރި. ކީއްކުރަންތޯ؟ އެއީ ދިވެހިރާއްޖެއިން އިސްލާމްދީން ބީވެގެންދިޔަނުދިނުމަށްޓަކައި އަދި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ ދިވެހިން ދިރިއުޅޭ އަޅުގަނޑުމެންގެ ޤައުމު ކަމަށް ހެދުމަށްޓަކައި. ކާބަފައިންގެ ޤުރްބާންތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެބަ. އެހެންވީމާ، މި މަސައްކަތް ކުރުމުގައި، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމުގެ ޚިޔާލު އަންނަންވާނީ އަޅުގަނޑުމެންގެ ތެރެއިން. އަދި އެ ޚިޔާލާއެކީ އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ވާހަކަ އަޅުގަނޑުމެން މި އަޑުއެހީ. ދެން ހަމަ އެއާއެކީ ކަންބަޅީގެ މިސާލުވެސް އެއައީ. އަޅުގަނޑު އޭގެ ތަފްޞީލަކަށް ނުދާނަން.


ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، ޙަބީބް ޒާހިރު ދެއްކެވި ވާހަކަފުޅުގައި އެ ވިދާޅުވި އިޚްލާޞްތެރިކަމުގެ ވާހަކަ. އިޚްލާޞްތެރިކަމާއެކީ އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، މި ދާއިރާގެ ބައި އިލެކްޝަނަކަށް މިހާރު މިއޮތީ ކުޑަތަންވެފައި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އައިމަ ވަރަށް ވަރުގަދަ މަރުޙަބާއެއް ތިޔަ ވިދާޅުވީ. އަދި އަޅުގަނޑުގެ ހިތުގެ އެންމެ އިޙްތިރާމް، ނޫނީ އެންމެ ލޯބިދެވޭ ކުލައަކަށްވަނީ ދަނބުކުލަ ކަމަށްވާތީ، ދަނބުކުލައިގެ ސާލެއްގެ ގޮތުގައި ހުރިހާ އަންހެން ބޭފުޅުން ތިޔަ ތިއްބެވީ ދަނބު ކުލައިގެ ބުރުގާ ތުރުކުރައްވައިގެން. ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، ދަނބުކުލައާ އެއްވަރަށް އަޅުގަނޑަށް ރީތިކުލައަކަށް މިހާރު މެޖެންޓާ، ނޫނީ އަޅުގަނޑުމެންގެ ޕާޓީގެ ކުލަ އެބަވެއޭ. އެކަމަކު މި ދެ ކުލައަކީވެސް ހަމަ އަޅުގަނޑުމެންގެ ދެ ކުލަ.


ދަންނަވާނަން، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި، ޑީ.އާރު.ޕީ.ގެ ތެރޭގައި މިޞްރާބު އެހެން ދިމާއަކަށް ދާން ފެށި. އަދި އެއާއެކީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އަޅުގަނޑުމެން ސާބިތުކޮށް، ފައިތިލަ ހަމަކޮށްގެން ތިބި މިޞްރާބުން މިޞްރާބު ކައްސާލާތަން އެބަ ފެނޭ. އަޅުގަނޑުމެންގެ ތެރެއަށް ޒުވާން ބޭފުޅުންކޮޅެއް ވަޑައިގެން، މުޅި އޮޑި ފަރަށްއަރާވަރަށް އޮޑި ދުއްވާތަން އެބަ ފެނޭ. އަޅުގަނޑުމެންގެ ހުންނެވީ ވަރަށް ޙިކުމަތްތެރި މާލިމީއެއް. އެހެންނަމަވެސް، ފަޅުވެރިންގެ ތެރެއިން ބޮޑުބަޔަކު މާލިމީއަށް އޮޅުވާލައިފި ކަމަށްވަންޏާ، ދެން ހަމަ އޮޑި ފަރަށްއެރުން ނޫންގޮތެއް ނޯންނާނެ. އެހިސާބުން ކަންތައްތައް އުނދަގޫވެގެން ދިޔައިމަ، އަޅުގަނޑުމެން ގަބޫލުކުރީ ދެން އަޅުގަނޑުމެންގެ މާލިމީއާއެކީ، މާލިމީއަށް ފަސޭހަފުޅު ފަޅުވެރިންތަކެއް ލައިގެން އޮޑި ނިޔާމަކަމާއެކީ ދަތުރުކުރުމަށްޓަކައި އަޅުގަނޑުމެން އޮޑިން ފޭބުމަށްވުރެ ބުއްދިވެރި ގޮތެއް ނޯންނާނޭ. އެހިސާބުން އަޅުގަނޑުމެން ޕަރޕްލް ކުލަ، ނޫނީވިއްޔާ ދަނބުކުލަ އެ ޚިޔާރުކުރީ. މިއަދު ދަނބު ކުލައިގެ އަޞްލު އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ޕާޓީއަށް މެޖެންޓާ ކުލަ، ނޫނީ ފިޔާތޮށި ކުލަ އިޚްތިޔާރު ކުރި އެންމެ އިސްމީހަކަށްވެސް ވާނީ ހަމަ އަޅުގަނޑު. ފިޔާތޮށި ކުލަ އިސްކުރުމުގެ އެންމެ އިސްމީހަކަށް ވާނީ އަޅުގަނޑު. އަޅުގަނޑުމެންގެ ޕާޓީގައި އިސްކޮށް ތިއްބެވި އެހެން ބޭފުޅުން، ޢިއްޒަތްތެރި ބޭފުޅުންނަށް ރީތިވީ ރަތްކުލަ. އެކަމަކު އަޅުގަނޑަށް ރީތިވީ ފިޔާތޮށިކުލަ.


އެހެންވީމާ، މި ދެ ކުލައަކީވެސް ހިތުގެ ލޯބި އަޅުގަނޑުގެ އޮތް ދެ ކުލަ. ދެން ޕަރޕްލް ކުލަ، ދަނބުކުލަ އަޅުގަނޑަށް ރީތިވެގެން އުޅޭގޮތް މި ދަންނަވަނީ. ދަނބުކުލަ އަޅުގަނޑަށް އޭރު ރަމްޒުކޮށްދިނީ، އަޅުގަނޑުމެން ތިބި ވަރުގަދަ ޢަޒުމެއް. އަޅުގަނޑުމެން އުފެއްދި ޕާޓީ އެކި ގޯޅިގޯޅި އަޅަމުން ގޮސް، ތެދުމަގު ނުފެނިދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެން ދަނބުކުލައެއް އުފެއްދީ، ދަނބުކުލަ އުފައްދައިގެން ދަނބުކުލައިގައި އަޅުގަނޑުމެންނަށް ތިބެވޭތޯ ބަލަން. ޢަޒުމަށް، ވިސްނުމަށް، ފިކުރަށް، ސިޔާސަތަށް ބަދަލެއްނައިސް ކެރިގެން މި ދަނބުކުލައިން އުފެއްދުނު ޕާޓީއެއް، ޙަޤީޤަތުގައި މެޖެންޓާ ޕާޓީއަކީ. އަދި މެޖެންޓާ ޕާޓީގައި އަޅުގަނޑުމެންނާއެކީ އުޅުއްވި އެހެން ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލައްވާފައި އެ ވަޑައިގަތީ އަނެއްކާވެސް ހަމަ މި ޕާޓީގައި އިސްކޮށް މަސައްކަތް ކުރަން، ދަނބުކުލައިގައި އޭރު ތިބި މީހުންނަށްވެސް ޖާގަ ދެއްވަމުން. އެހެންވީމާ، ދަނބުކުލައާއި އަޅުގަނޑުމެންގެ ޕާޓީއާ ގުޅިފައި، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ފިކުރާ ގުޅިފައި އޮންނަ ހިސާބު މި ދެންނެވީ. އެހެންވީމާ، މި ދަނބުކުލައަކީ، ޕަރޕްލް ކުލައަކީ އަޅުގަނޑުމެންނަށް ރީތި ކުލައަކަށްވާނެ. އެހެންނަމަވެސް އެއާއެކީ އަޅުގަނޑު ދަންނަވާނީ، މިހާރު އަޅުގަނޑަށް ހަމަ ފިޔާތޮށި ކުލަ، މެޖެންޓާ ކުލައޭ އެންމެ ރީތިވަނީ. މި ހުރިހާ ކަމެއް ކޮލަމާފުށިން ތިޔަ ދައްކަވަނީ.


ކޮލަމާފުށިން މިހުރިހާ ކަމެއް ދައްކަވާއިރު، ދެންއޮތީ އިޚްލާޞްތެރިކަން. އަޅުގަނޑުމެން ބައި އިލެކްޝަނަކަށް އަމާޒު މި ހިފަނީ. ދާދި ކައިރީގައި މި ދާއިރާގެ ބައި އިލެކްޝަން އޮންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ދަތުރުކުރާނީ، މި ދާއިރާގެ މި އޮތް ބޮޑު ރަށަށް، ވިލިނގިއްޔަށް. މި ބައި އިލެކްޝަންގައި ހުރިހާ މަސައްކަތަކީ އިޚްލާޞްތެރި މަސައްކަތް ކަމުގައި ހީކުރައްވާ. އަޅުގަނޑުމެން ސިޔާސީ މީހުން މިކަހަލަ ޕޯޑިއަމްތައް ފަހަތުގައި ލައްކަ ވާހަކަތައް ދައްކާނެ. އެފަހަރަކު ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ރައްޔިތުން ވާވައްދަންވެސް ވާހަކަ ދައްކާނެ. އެކަމަކު އަޅުގަނޑުމެންނަށް ނުދެއްކޭ ވާހަކައަކީ، އެކުރާ ކަމެއްގައި، ޚާއްޞަ ގޮތެއްގައި ބައެއްގެ ޙާލަތު ބަދަލުކުރާވަރުގެ ނިންމުމެއް ނިންމާއިރު، އެކަން ކުރަންވާނީ އިޚްލާޞްތެރިކަމާއެކީއޭ. އިޚްލާޞްތެރިކަމާއެކީ އެކަން ނުކުރެވޭ ކަމަށްވަންޏާ، އެ ގޮނޑި ގޮނޑި ހަވާލުވެގެން އަންނަ މީހުންގެވެސް އެ އިޚްލާޞްތެރިކަން އުފެދުމުގައިވެސް ނެތްކަމަށްވަންޏާ، މި ބައި އިލެކްޝަން ކަހަލަ އެތައް ބައި އިލެކްޝަނެއް އަޅުގަނޑުމެންނާ ކުރިމަތިލާނެ. މި ބައި އިލެކްޝަން އެކަނިތޯ؟ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ކިރިޔާ ސަރުކާރުގެ މަގާމުތަކުން އަޅުގަނޑުމެން ދޫކޮށްލަންނުޖެހޭ ހިސާބަށް އަޅުގަނޑުމެންގެ ތެރޭގައި ބޮޑުސިންގާ ބަޣާވާތެއް ހިނގައިގެން އެ ދިޔައީ. އެއީ މި ދެންނެވި އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ތެރޭގައި ނެތީމަ. އަޅުގަނޑުމެންގެ ޕާޓީގައި ތިއްބެވި މެންބަރުންތަކެއް ދޮގެއްތޯ އަޅުގަނޑުމެން ދޫކޮށްލައްވާފައި އެހެން ދިމާއަކަށް މިޞްރާބު ބަދަލުކުރެއްވީ. އެކަމަކު އެ ބޭބޭފުޅުންނަކީ އޭގެކުރީގައި ހަމަޖެހުމުގެ މަތީގައި ތިއްބެވިއިރު، މިހާރު ގުޅިވަޑައިގަންނަވައިގެން އެ އުޅުއްވާ ހުރިހާ ފަރާތްތަކަށް އެންމެ ވަރުގަދައަށް ފާޑު ވިދާޅުވި ބޭފުޅުން. އެންމެ ވަރުގަދައަށް ފާޑުވިދާޅުވި. ކޮންކަމެއްތޯ ނެތީ؟ ނެތީ މިއަދުވެސް އަޅުގަނޑުމެން ހަމަ ހިތްތަކުން ހޯދަން މިއުޅޭ އިޚްލާޞްތެރިކަން އޭރުވެސް ނެތީ. އިޚްލާޞްތެރިކަން ނެތްކަމަށްވަންޏާ އަމިއްލަ ދިރިއުޅުމުގައިވެސް އެމީހާއާ ދިމާވާނީ މިކަހަލަ ކަމެއް.


އެހެންވީމާ، ޙާލަތު ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު، މިތަނުންވެސް އަޅުގަނޑުމެން ބޭނުންވަނީ ޖަލްސާތަކަށް ވަޑައިގަންނަވާ ބޭފުޅުންނާއެކީ އެބޭފުޅުންގެ އިޚްލާޞްތެރި ހިތްޕުޅުތަކެއް. ވޯޓްފޮށްޓާ ހަމައަށް ވަޑައިގަންނަވަންވާނީ ސިކުނޑި ހިއްޕަވައިގެން. ވޯޓްފޮށްޓާ ހަމައަށް ވަޑައިގަންނަވާނީ އިޚްލާޞްތެރިކަމާއެކީ. އެ އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ނެތްކަމަށްވަންޏާ، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމަށް ކަންކަން މެދުވެރިކޮށްދޭނީ މުޅިން އެހެން ބައެއް. އެހެން ބަޔަކު ޙާލަތު ބަދަލުކުރުމުގެ ކަންކަން މެދުވެރިކޮށްދިނީމަ، ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ފަލާޙު އެ ވާހަކަފުޅު ދެއްކެވީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރާއްޖޭގެ ހުރިހާ ދިމާއަކަށް ތަރައްޤީ ގެނެވޭތޯ ކުރާ މަސައްކަތް. އަދި އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމީ އުޞޫލުގެ މަތީގައި ތިބުމުގެ އިތުރަށް، ރާއްޖޭގެ ދިވެހިވަންތަ ސިފަތަކެއްގެ މަތީގައިވެސް އަޅުގަނޑުމެންނަށް ތިބެވޭތޯ އަޅުގަނޑުމެން ބަލަނީ.


ވަރަށް ފަސޭހަކަމެއް އިނގޭތޯ. އަޅުގަނޑުމެންގެ ހުރިހާ މިކަހަލަ ސިފަތަކެއް ދޫކޮށްލާފައި، އެއްވެސް ކަމަކީ ހަރުދަނާކަމާއެކީ އަޅުގަނޑުމެން ދަމަހައްޓަން ބޭނުންނުވާ ކަމެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ފިކުރަށް މިއަށްވުރެ ބޮޑެތި ކަންތައްތަކާ ދިމާވީމަ ބަދަލު އަންނާނެ. އެއީ އެއްވެސް ކަމަކީ މުހިންމު ކަމަކަށްނުވޭ. ޢާއިލާއާ ގުޅުމަކީ މުހިންމު ކަމަކަށްނުވޭ. ބައްޕައާއި މަންމައަށް އިޙްތިރާމު ކުރުން، މުދައްރިސުންނަށް އިޙްތިރާމު ކުރުމަކީ މުހިންމު ކަމަކަށްނުވޭ. އަޅުގަނޑުމެން މިފަހަރު 2018 އަށް ވޯޓްލާ ތުއްތުކުދިންނަށް ދޮގެއްތޯ ދަސްކޮށްދިނީ، މީގެ އަހަރުތަކެއް ކުރިން، އިސްލާމް މުދައްރިސް މަދަރުސާގައި ނެތިއްޔާ، ދިވެހި މުދައްރިސް މަދަރުސާގައި ނެތިއްޔާ، އެކުދިން ބަލަބަލައި ތިއްބަ ކްލާސްރޫމް ބަންދުކުރަނީ. މުޅި މަދަރުސާ ބަންދުކުރަނީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަވެސް މިހާރު ބަންދުކުރަންވީ ކަންނޭނގެ. ވަޑައިގަންނަވަނީ ދޮގެއްތޯ އެތެރެއަށް.


بســم اللّـه الرّحمـن الرّحيــم


އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާނަން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު މިއޮތް ބައި އިލެކްޝަނުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ވިލިނގިލިންނާއި ކޮލަމާފުށިން ނަގައިދެއްވާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. ދެންމެ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އެ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބާ ހަމައަށްދާއިރުވެސް މިރަށުން ބޮޑު އަޣްލަބިއްޔަތެއް، 80 އަށްވުރެ މަތީގެ އަޣްލަބިއްޔަތެއް ދައްކަވާނަމޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައެއް އެބައޮތް. މިތާ މި ތިއްބެވީ އަޅުގަނޑުމެންގެ ސަރުކާރަށް، ޕީ.ޕީ.އެމް އަށް ތާއީދު ކުރައްވާ ބޭފުޅުން. އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ރަށުގައި ހަމަ އެއްވެސް ގެއެއް ނުބަހައްޓަވާށޭ، ޓަކި ނުދެއްވާ. އަޅުގަނޑުމެންގެ ފިކުރާއި ޚިޔާލު ތަފާތުވާ މީހުން ތިބިކަމުގައިވީނަމަވެސް، އެ މީހުންގެ ޚިޔާލު ތަފާތުވަނީ ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެބަ އެނގިލަންޖެހޭ އިނގޭތޯ. އެބަ އެނގިލަންޖެހޭ. އަދި އެމީހުންނާ ވާހަކަ ދައްކަންވެސް އެބަޖެހޭ.


އެހެންވީމާ، އެމް.ޑީ.ޕީ. އެއް، ޢަދާލަތެއް، އެހެން ޕާޓީއެއް ކިޔާނެކަމެއްނެތް. އަދި ޕާޓީއަކަށް ނުވަދެތިބިނަމަވެސް، އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ނުކުރެވޭ ކަމަށްވަންޏާ، އެކަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެންނަށް އެނގިގެން އެމީހުންނާ ގިނަފަހަރު މުޢާމަލާތް ކުރެވޭ ކަމަށްވަންޏާ، އަޅުގަނޑަށް ޔަޤީން، އެމީހުންގެ ޚިޔާލު ބަދަލުކުރެވޭނެ. މިރަށަކީވެސް އަދި ރާއްޖޭގެ ހުރިހާ ދިމާލަކީވެސް، ޚާއްޞަކޮށް، ކޮލަމާފުށި ވަކިން އެކަހެރިކޮށް އޮންނައިރުވެސް ކޮލަމާފުށްޓާ ދޭތެރޭގައި މިހާބޮޑު އަޅާލުންތެރިކަމެއް ހިނގަމުންދާއިރު، މިހާރު ފެނާއި ނަރުދަމާގެ ނިޒާމު ހަމަ އެއޮތީ ކޮނުމުގެ މަސައްކަތް ނިމިފައި. އެތައް މަޝްރޫޢުތަކެއްގެ ވާހަކަ އަޅުގަނޑުމެންނަށް މި ދެއްކުނީ. އިރާދަކުރެއްވިއްޔާ، ބަނދަރުގެ ވާހަކައާއެކީވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އުންމީދު އޮތް ވާހަކަތަކެއް މި އަންނަ އަހަރާ ހަމައަށް ދާންވާއިރަށް ދަންނަވާނަން. މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދެން ބަނދަރުގެ މަސައްކަތް ކުރެވޭނެ.


އެކަމަކު ދަންނަވާލަން ބޭނުންވަނީ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް ލިބިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ އަންނަންޖެހޭ، ކޮބައިތޯ ފިކުރު މި ބަދަލުވެގެން އުޅޭ ސަބަބަކީ. ބުއްދިވެރިންގެ ގޮތަކަށްވާނީ، އަދި އިސްލާމީ އުޞޫލަކަށްވެސް މިވަނީ ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް ފަހިވަމުންދާ ކަމަށްވަންޏާ، އެ ނިޢުމަތްތަކަށް ޝުކުރު ކުރުން. ބުއްދިވެރިންގެ ގޮތަކަށްވާނީ، އަތުގައި އޮތް އެއްޗެއް ދުލެއްނުކޮށްލާނެއޭ، ޖުވާ ކުޅޭ މީހަކު ނޫނިއްޔާ، ދެން މާދުރުން އޭގެ ދޭތި ތިނެތި ލިބިދާނެ ކަމުގެ އިންތިޒާރެއްގައެއް. އެހެން ހަދައިފި ކަމަށްވަންޏާ، ގިނަފަހަރު މިވާގޮތަކީ ހަމަ ދެ މީދާފެހި ބުޅަލަށްވީވަރު ވާނީ.


އެހެންވީމާ، އަޅުގަނޑުމެންނަށް ތަރައްޤީ އެބަ ފެނޭ. އަޅުގަނޑުމެންގެ ވިސްނުންތަކަށް ބަދަލެއް އެބައާދޭ. މުޅި ރާއްޖެ ތަރައްޤީވާ ތަނާއި، މުޅި ރާއްޖެ ތިޔާގިވާތަން އެބަ ފެނޭ. ރޭގައި ނޫންތޯ މި ދާއިރާގައި އަޅުގަނޑުމެންގެ ތެރެއިން އިޢުލާނުވެގެން އެ ދިޔައީ. މި ދާއިރާއަށް އެކަނި ބަލައިފި ކަމަށްވަންޏާ، މި ދާއިރާއަށް ގާތްގަނޑަކަށް އެއްހާސް މިލިއަން ޑޮލަރާ ކައިރީގެ ބޭރުގެ އިންވެސްޓްމަންޓް އެބައާދޭ. އޭގެތެރެއިން ހަތްލައްކަ ފަންސާސްހާސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މިހާރު އެހެރީ ހެދިފައި. ގއ. ގދ. މި ދެ އަތޮޅަކީ ރާއްޖޭގައި ހުރި ތަރައްޤީގެ ނާރެސްތަކަށް ބަލާކަމަށްވަންޏާ، ކިހިނެއްތޯ މި ދެ އަތޮޅު، ޤުދުރަތީ އެއް އަތޮޅު. މި ދެ އަތޮޅު ނައްޓާލާފައި ތަރައްޤީ އެހެން ދިމާއަކަށްދާނެ ގޮތެއް އޮންނާނެތޯ؟ ނޯންނާނެ ނޫންތޯ. އެހާ ބޮޑު، ރަށްތައް ގިނަ، އަޅުގަނޑުމެންގެ ތަރައްޤީގެ ނާރެހަކީ ޓުއަރިޒަމް ކަމަށްވާއިރު، ކިހިނެއްތޯ ގއ. ގދ. ދޫކޮށްލާފައި އެހެން ދިމާއަކަށްދާނީ؟ އެއަރޕޯޓަށް އެކަނި ބެލިކަމުގައިވީނަމަވެސް، ޓުއަރިޒަމްގެ ތަރައްޤީ މި އަންނަނީ ޙަޤީޤަތުގައި، ވައިގެ ބަނދަރުތަކެއްވެސް އެ ދާއިރާތަކުގައި އުފެދިގެން ދިޔައިމަ. އިރުން ހުޅަނގަށް، އުތުރުން ދެކުނަށް އަޅުގަނޑުމެން ވިސްނިކަމުގައިވިޔަސް، މި އަތޮޅުތެރޭގައި އެކަނި ދަތުރުކުރުމަށްޓަކައި ސްޕީޑް ލޯންޗްގައި ތިން ހަތަރުގަޑިއިރު އެބަނަގާ. އެހެންވީމާ، މިއަތޮޅަށް އެކަނިވެސް އެބަ ބޭނުންވޭ ގާތްގަނޑަކަށް އެންމެ މަދުވެގެންވެސް ތިން ހަތަރު އެއަރޕޯޓް. އެ އެއަރޕޯޓްތަކާއެކީ އިރާދަކުރެއްވިއްޔާ ހަމަ ޓުއަރިޒަމްގެ ތަރައްޤީ އިތުރުވެގެންދާނެ. ރޭގަ އަޅުގަނޑުމެން ދުށިން ދޮގެއްތޯ، މި ދާއިރާއަށް، މި ދާއިރާގެ ޒުވާނުންނަށް އެކަނި، ފުރަތަމަ ޒުވާނުން ތަމްރީނު ކުރުން، އެއްހާސް ފުރުޞަތު. އެއާއެކީ މި ހުޅުވޭ ރިޒޯޓްތަކަށް، ހަމަ މި ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދިނުމަށްޓަކައި 1000 ޖާގަ އެ ހުޅުވިގެންދިޔައީ. ހަމައެއާއެކީ މި ރަށް ކައިރީގައި މި ނިމެމުންދާ ރިޒޯޓަށް އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން އެބަދޭ.


ކޮލަމާފުށްޓަކީ މަސްވެރި ރަށެއް. މަސްވެރިންނަށް އަޅުގަނޑު އޮންނާނީ ވަޢުދެއްވެފައި. އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ވަރަށްބާރު ސްޕީޑްގައި އެދަނީ ހިނގަމުން. މަސްވެރިންނަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތައް މިއަހަރުގެ ނިޔަލަށް ޙައްލުކޮށްދޭނެ ކަމަށް އަޅުގަނޑު އޮންނާނީ ބުނެފައި. އަދި ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އެގޮތް މިގޮތް ހޯދައިގެން އަޅުގަނޑުމެން އެއޮތީ 15 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސާފައި ސަރުކާރުގެ އެތެރެއިން. އެހެންވީމާ، ބޭރުގެ ފައިސާ ލިބިދާނެކަމުގެ އިންތިޒާރުގައި ތިބޭ މަޝްރޫޢެއް ނޫން މިއީކީއެއް. ހުރިހާ އައިސް ޕްލާންޓްތަކަކީ ހިނގާ އައިސް ޕްލާންޓްތަކަކަށްވާނެ. އިތުރު ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތް އެބަ ހިނގާ. އަދި އަޖުމަ ބެލުމުގެ ގޮތުން ބޮޑެތި ދޯނިފަހަރުގައި އަމިއްލައަށް، އައިސް އުފައްދައިގެން އެކަން ކުރެވޭނެ މަޝްރޫޢު މިހާރު އެއޮތީ ފެށިފައި. އޭގެ އެކްސްޕަރޓެއް އަޅުގަނޑުމެން އެބަ ގެންނަން ދާދި އަވަހަށް. އެހެންވީމާ، އަމިއްލައަށް ބޮޑެތި ދޯނިފަހަރުތަކުގައި އައިސް އުފައްދައިގެން، ދޯނިފަހަރަށް ބޭނުންވާ އައިސް ހޯދަން އެހެން ދިމާއަކަށް ދާންނުޖެހި، ތިން ހަތަރު ދުވަހު ކަނޑުމަތީގައި އުޅެވޭނެ ފުރުޞަތު ހަމަޖެހިގެންދާނެ.


ހަމައެއާއެކީ އަޅުގަނޑުމެންގެ ދިވެހި މަސްވެރިކަމަށް އެންވެރިކަން ނުލިބޭތީ، އެންވެރިކަން އާލާކުރުމުގެ މަޝްރޫޢެއް، އާދެ، ބޭންގް އުފެއްދުމުގެ މަޝްރޫޢެއް އަޅުގަނޑުމެން އެބަ ފަށްޓަން. އެއަށް ސަރުކާރުން މިއަހަރުގެ ބަޖެޓުގައިވެސް ފައިސާ ޖަހާފައި އޮތީ. އެހެންވީމާ، އެ މަޝްރޫޢު ފަށާކަށް ދައްޗެއްނުވާނެ. މިހުރިހާ ކަމެއް މިދަނީ މި ދާއިރާއަކީ، މި ދެކުނުގެ ދާއިރާއަކީ މަސްވެރިކަމުގެވެސް ދާއިރާއެއް ކަމަށްވާތީ. ހަމައެކަނި ޓުއަރިޒަމްގެ ޞިނާޢަތަކީ، އަޅުގަނޑުމެން އެ ޞިނާޢަތުގެ މައްޗަށް އެކަނި ބަރޯސާވެ ތިބުމަށްވުރެ ބުއްދިވެރި ގޮތަކީ އެހެން ދާއިރާތައްވެސް ތަރައްޤީކޮށްގެން ގެންދިޔުން. އެހެންވީމާ، މަސްވެރިކަމަކީ، މި ޞިނާޢަތަކީ އަޅުގަނޑުމެން ދިވެހިންނަކަށް ދޫކޮށްލާފައި ތިބެވޭނެ ޞިނާޢަތެއް ނޫން. އެހެންވީމާ، މި ޞިނާޢަތުން އަންނަ ބަދަލުން ހަމަގައިމުވެސް ކޮލަމާފުށި، ވިލިނގިލި، އަދި ދެކުނުގެ މިހުރި އަތޮޅުތަކާއި ރަށްތައް، އެ ރަށްރަށުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި އުފާވެރިކަން ގެނެސްދޭނެ ކަންކަން.


މިއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ތަރައްޤީ ބޭނުންވާކަމަށްވަންޏާ، ތަރައްޤީއަށް އެބަ އިންތިޒާރު ކުރަންޖެހޭ. އަޅުގަނޑުމެން ތަރައްޤީ ބޭނުންވާކަމަށްވަންޏާ، ތަރައްޤީއަށް އެބަ އިންތިޒާރު ކުރަންޖެހޭ. އަދި އެ އިންތިޒާރުކުރާ ކުރުމުގެ ތެރޭގައި އަޅުގަނޑުމެން އަޖުމަ ބަލައިލުމުގެ ގޮތުން ނޫނީވިއްޔާ ތަފާތެއް އޮތްތޯ ހަމަ މިނެކިރައިލުމުގެ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ތަރައްޤީގެ ވާހަކަ އެންމެން ދައްކައިފި. ތަރައްޤީގެ ވާހަކަ ކުރިންވެސް ދެއްކި. އޭގެފަހުންވެސް ދެއްކި. ނިމިގެންދިޔައިރުވެސް ދެއްކި. މިއަދުވެސް މި ދައްކަނީ. ﷲގެ ރަޙްމަތާއެކީ ދިރިތިބި ބަޔަކު މާދަމާވެސް ދައްކާނެ. އެކަމަކު އަޖުމަ ބަލައިލުމުގެ ގޮތުން ހަމައެކަނި މިނެކިރުމުގެ ހިސާބާއި، ސިކުނޑީގެ ވިސްނުމުން ވިސްނާލަންވީ ތަރައްޤީ ގެނެވިފައި ހުރީ ކިހާވަރަކަށް، ކިހިނެއްތޯ؟


އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔައީ ޙަބީބް ޒާހިރުގެ ވާހަކަފުޅުގައި، މީސްކޮޅު މަދު، ވަސީލަތް ކުޑަ، ނިކަމެތި، ފަޤީރު އިންޑިއާ ކަނޑުގައި ހަމަ އުކާލާފައި ހުރި ޖަޒީރާ، އެހެންނަމަވެސް ރީތި ޤައުމުތަކެއް، މުތްތަކެއްފަދަ ރީތި ޤައުމުތަކެއް. އެހެންނަމަވެސް، އެއާއެކީ ޤުދުރަތީ މުއްސަނދިކަން އަޅުގަނޑުމެންގެ ތެރޭގައި ނެތީކީނޫނޭ. ސިކުނޑީގެ މުއްސަނދިކަމާއި، އަޅުގަނޑުމެންގެ ދަރިންނަށް ހާސިލުކޮށްދޭ ޢިލްމުގެ އަލީގައި އަޅުގަނޑުމެންނަށް ކޮށްދެވޭ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް އެބަ ކުރެވޭ. އަޅުގަނޑުމެންގެ މި މަންޒިލަކީ ހަމައެކަނި ޓުއަރިސްޓުން، މެހްމާނުން ޒިޔާރަތް ކުރަން އޮތް އެންމެ ހިތްއެދޭ، އެންމެ ހިތްގައިމު، އެންމެރީތި، އެންމެ އަމާން މަންޒިލް އެކަންޏެއް ނޫނޭ. އޭގެއިތުރަށް، ތަރައްޤީގެ އެކި މަޝްރޫޢުތަކާއި އަދި އެކިއެކި އިންވެސްޓްމަންޓްގެ ތަފާތު ފުރުޞަތުތައް އޮތް ޤައުމެއްކަން އެބަ ގަބޫލުކުރޭ. އެހެންވެގެން ދޮގެއްތޯ، އެކި ހިސާބުތަކުން އެ އަންނަނީ މިލިއަނުން މިލިއަނުން ޑޮލަރު ހިފައިގެން ރާއްޖެއަށް. އެހެން އަންނަކަމަށްވަންޏާ، އެ ޖާގަ ހުޅުވާލައި، އެ ފުރުޞަތުގެ ބޭނުންހިފަން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. އެކަން ދަސްކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ޤައުމުގެ ސަރުކާރު ބަދަލުވާގޮތާ ދޭތެރޭގައި ޙިކްމަތްތެރި ހަމަ ހުރިހާ އެންމެން ވިސްނަންވާނެ. އަތުގައި އޮތް ގުރައެއް މި ދޫކޮށްލަނީ، އެއަށްވުރެ ރީތި ތިން ހަތަރު ގުރާ ލިބިގެންދާނެ ކަމަށްވަންޏާ. އެހެން ނަމަވެސް، އެ ގުރާ ފަހައި ދިޔުމުގެ ހަކަތަ އަޅުގަނޑުމެންގެ ތެރޭގައި ނެތިއްޔާ، ދެން ކިހިނެއްތޯ އަތުގައި އޮތް ގުރާ ދޫކޮށްލައިގެން ރީތި ގުރައަކަށް ލޯބިކުރާ މީހަކަށް، އެ އުންމީދުގެ މަތީގައި ތިބެވޭނީ؟


އެހެންވީމާ، އަޅުގަނޑުމެންގެ އަތުގައި އޮތް ނިޢުމަތަކީ ﷲ އަށް ޙަމްދުކުރަމުން، އެނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަމުން، އެއާއެކީ އިޚްލާޞްތެރި ހިތަކާއެކީ ބަލައިގަންނާށޭ. އިޚްލާޞްތެރި ހިތަކާއެކީ ބަލައިގަތުމަކީ ހަމައެކަނި އެމީހެއްގެ ހިތުގެ ލަފަޔަށް ބިނާކޮށް ދޭ ވޯޓް ދެނެވޮޑިގެންވާނީ މާތްﷲ. ދެން އެމީހާ އެކަނި. އެހެންވީމާ، އިޚްލާޞްތެރިކަން، ކޮންމެ ވޯޓަކާ ހަމައަށް ވަޑައިގަންނަވާއިރު ދައްކަވާ. ލޯކަލް ކައުންސިލް އިންތިޚާބު ތިޔަބޭފުޅުން ދައްކަވައިދެއްވައިފީމު. ދެން އޮތީ ބައި އިލެކްޝަން. ބައި އިލެކްޝަނުން އެކަން ދައްކަވާ. ބައި އިލެކްޝަނުން އެކަން ދެއްކެވީމަ، ދެން އަޅުގަނޑަށް އެއްވެސްވަރެއްގެ ހިތްހަމަޖެހުމާއެކީ ހަމަ މިކަހަލަ ޕޯޑިއަމްތަކުގައި، ކޮލަމާފުށީގައި ވާހަކަ ދައްކާއިރު، ވިލިނގިލީގައި ވާހަކަ ދައްކާއިރު، އަޅުގަނޑަށް ދެންނެވޭނެ، އާނ! އެބޭފުޅުން ވިދާޅުވިގޮތަށް 2018 ގައިވެސް އެ ވިދާޅުވި ވޯޓު ދެއްވާނެކަން އަޅުގަނޑަށް ކަށަވަރުވެއޭ.


އަޅުގަނޑަކަށް ވަގުތެއް ތަނެއް ނުލިބޭ، ޖާގައެއް ނުލިބޭ. ވިއްސާރަވެސް ހުއްޓީ. ނަމާދުވަގުތު އަޅުގަނޑުމެންނާ ހަމައަށް މިއައީ. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލާނީ، އަޅުގަނޑު މަސައްކަތް މި ކުރަނީ އިޚްލާޞްތެރި ހިތަކާއެކީއޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދިވެހިރާއްޖެއަށް އަމާންކަމާއި، ޞުލްޙައާއި އަދި އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި އަޅުގަނޑުމެން ދެމިތިބުމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަކީ އެއް ދައުލަތެއްގެ ގޮތުގައި މުރުއްވަތްތެރި ދައުލަތަކަށްވުން. އަބަދު އަޅުގަނޑުމެންނަކީ ސަލާންޖަހާ ބަޔަކަށްވެގެން ނުދިޔުން. އެކަން ކުރެވޭނީ މުޅި ދައުލަތް މުއްސަނދިވެގެން. ދައުލަތް މުއްސަނދިވާއިރު ސަރުކާރު އެކަންޏެއް ނޫން. ކުންފުނިތަކެއް ނޫން. އަމިއްލަ ފަރުދުންނަށް ކުރެވޭނެ މަސައްކަތުގެ ފުރުޞަތުތައް އެބަ އޮންނަންޖެހޭ. އެ ފުރުޞަތުތަކުގެ ބޭނުން ދިވެހި ވިޔަފާރިވެރިން މިއަދު ހިއްޕަވާ. އެ ހުޅުވައިލެވޭ ވަޒީފާތަކަކީ ތިޔަބޭފުޅުންގެ ވަޒީފާތަކެއް ކަމަށް ހައްދަވާ. އެ ވަޒީފާތަކުގެ މަތީގައި ދެމިތިއްބެވުމަށް ތިޔަބޭފުޅުން އާދަކުރައްވާ.


والســّلام عليــكم ورحـمــة اللّـه وبـركاتـه.