بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحانه وتعالى އަށް حمد ކޮށް ޝުކުރުކުރަން. މިއުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާ محمّد رسول اللّــه صلى اللــّه عليه وسلّم އަށް صلوات އާއި سلام ލެއްވުން އެދި دعاء ކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.


އާދެ، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން؛


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، ޝައްކެއްވެސްނެތްގޮތުގައި މިރެޔަކީ ހުޅުމާލެއަށް ވަރަށް އުފާވެރިކަން ލިބިގެންދާ ރެއެއް. ހުޅުމާލެއަށް، ހުޅުމާލޭގެ އިޖުތިމާޢީ ތަރައްޤީއާއި، އިޖުތިމާޢީ ހަމަޖެހުމާ ގުޅޭ ވަރަށް ޚާއްޞަ ދެކަމެއް މިރޭ ހުޅުވިގެން މިދިޔައީ. އަދި މީގެ ފަސޭހަތައް ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުން، މިރެއިން ފެށިގެން އިޙްސާސް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.


އާދެ، ފުރަތަމަ ހުޅުވިގެން މިދިޔައީ ޕާކެއް. އަދި މިހާރު މި ހުޅުވެނީ އިޖުތިމާޢީ މަރުކަޒެއް. މި ދެތަނުގެ ތަފްސީލުތައް މި ރަސްމިއްޔާތުގައި އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. ތަފްސީލުތަކަކަށް ނުދާނަން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހިތަށްއަރައޭ، އަޅުގަނޑުމެން ޤައުމުގެ އެކި ކަންކަމުގައި، އެކި މަސްއޫލިއްޔަތު އުފުލާ މީހުން، ރައްޔިތުންނާއި މަސްއޫލިއްޔަތު އުފުލާ މީހުންނާ ދޭތެރޭގައި ގުޅުވައިދޭ ގުޅުވައިލުމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހެނީ ކޮންކަމެއްތޯ، ހަމަ ސުވާލުކޮށްލަން ރަނގަޅު ކަމެކޭ. މިކަހަލަ އުފާވެރި އިޙްތިފާލެއް ވަމުންދާއިރު، މި ސުވާލު ކޮށްލަން އެބަޖެހޭކަންނޭނގެ.


އަޅުގަނޑުގެ ކުރިން މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި، ތަފާތުގޮތަކަށް މި ނަޒަރިއްޔާއިން ވަރަށްގިނަ ވާހަކަފުޅުތަކެއް ދައްކަވައިފި. އަދި ހަމައެހެންމެ، އެއާއެކީ ވަރަށް އޯގާތެރި ބަސްތަކަކުން އަޅުގަނޑަށް ހަދިޔާކުރައްވައިފި. އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަޅުގަނޑު ހިތަށްއަރަނީ، ދިވެހިރާއްޖެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަމާތޯއޭ. އަދި އަޅުގަނޑުމެން މިކަހަލަ ބިން ނެތް ތަންތަނުން ބިން އުފައްދައިގެން މިކުރާ ކަންތައްތަކާ ދޭތެރޭގައި ވިސްނާލަމާތޯއޭ.


އަޅުގަނޑު ހަމަގައިމުވެސް މިހިސާބަށް އައިއިރު މިއައީ ކުޑަކުދިންތަކެއްގެ ތެރެއިން. އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑު ފަދައިން ހަމަ ކޮންމެ މީހަކަށް ހިތަށް ލިބޭ އެންމެ އުފާވެރި އިޙްސާސަކަށްވާނީ، ތުއްތުކުދިންގެ މޫނުމަތިން ހިނިތުންވެފައި ހުންނަތަން ފެނުމުން. މަޢުޞޫމް ކުދިން، މަންމައާއި ބައްޕަގެ ޝަރަފު. ކާފައާއި މާމަގެ އެންމެ ލޯބިވާ ކުދިން. އެހެންކަމަށްވަންޏާ، މިއީ ދޮގެއްތޯ! ދިވެހިރާއްޖޭގެ ރައްޔިތެއްގެ ތެރޭގައިވެސް ހިމެނޭނެ ޝުޢޫރަކަށްވާންވާނީ. ތުއްތުކުދިންގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމުން ދައްކައިދެނީ، އެކުދިންނަކީ މަޢުޞޫމް ބައެއް. އެކުދިން ވިސްނަންޖެހޭ ކަމެއްނެތް. އެކުދިންގެ އަބަދުވެސް އޮތީ އުފާވެރިކަމުގެ އިންތިޒާރު. އުފާވެރިކަމުގެ ދުވަސްތައް. އެކަންކަން އެކުދިންނާ ހަމައަށް ގެނެސްދޭނީ، ނޫނީ އެކުދިން އެކަންކަމުން ބީކޮށްލާފައި، ބީވެފައި، އަދި އެކުދިންނަށް ރަޙުމްކުޑަ މުޖުތަމަޢަކަށް އެކުދިން ބޮޑެތިކުރާނީ، މިއީ ކޮންބައެއް ކުރާ ކަމެއްތޯ، މިއަދު ކޮށްލަން ހަމަ ވަރަށް ރަނގަޅު ސުވާލެއް.


އެއްބަޔަކު މި މަސައްކަތް ކުރަނީ، މިކަހަލަ އުފާވެރި ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭތޯ. އަނެއްބަޔަކު މަސައްކަތް ކުރަނީ، ހިތާމަޔާއެކީ ދަންނަވަންޖެހެނީ، މިކަހަލަ އެއްވެސް ރައްޔިތަކަށް ބޭނުންވާ ކަމެއްގައި، ކުޑަވެސް މިންވަރެއްގެ ބައިވެރިވުމެއްނެތި، އަދި ކީއްތޯ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ، މުޖުތަމަޢު ވީރާނާވުމަށް މަގުފަހިކޮށްދޭ ކަންކަމުގެ ތެރޭގައި. އަދި މިކަހަލަ ކަންތައް ވަކިވަރަކަށްވުރެން ގިނަވެގެންދިޔައިމާ، އަޅުގަނޑުމެންނަށް ފެނޭ އެއަށްވުރެ ނުރައްކާތެރި ކަންތައްތައް.


އަޅުގަނޑުމެން، މި ދެތިންދުވަހު މާލޭގައި މި ހިނގައިދިޔަ ކަންތައްތަކަށް ބަލާކަމަށްވަންޏާ، ކިތަންމެ ރަނގަޅަކަށްވެސް މިކަންކަން އަޅުގަނޑުމެންނަށް މިހިރީ ފެންނަން. އަނެއްކާވެސް ރަޙުމްކުޑަ ޢަމަލުތައް އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެންގެ ތެރެއިން މިކަންކަން ކުށްވެރިކުރަނީ ރަސްމީ ސިފައެއްގައި ކިތައް މީހުންބާ! ނޫނީވިއްޔާ މުޅި މުޖުތަމަޢަށް ހަމަޖެހުން ގެނެސްދޭން މަސައްކަތް ކުރައްވާ ކަމަށް އެ ވިދާޅުވާ ބޭފުޅުން، ކީއްވެގެންބާ މިކަހަލަ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ؟ އަދި ކީއްވެގެންބާ އެބޭފުޅުން އެ ދައްކަވާ ސިޔާސީ ވާހަކަފުޅު ދައްކަވާއިރު، މިއިން އެއްވެސް ކަމެއް އެބޭފުޅުންގެ ޚިޔާލުފުޅަށް ނާންނަނީ! އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ އެ ޒަމާނާއި މި ޒަމާނާ ކޮންމެ ކަމެއްގައި އަޅައިކިޔާތަން. މިއީކީ އެއްވެސްގޮތަކަށް ކުރިން އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުން ޚިދުމަތް ނުކުރައްވާ ވާހަކަ ދެންނެވުމެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނާ މާޒީވެފައި ހުރި ދައުރުތަކުގައި ޚިދުމަތްތެރިންތަކެއް ދިވެހި ޖީލުތަކުން ދައްކުވައިދީފި.


އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! މީގެ ފަންސާހަކަށް އަހަރު ކުރިން، އަޅުގަނޑުމެންގެ ދިވެހި ދައުލަތަކީ ނޫނީ، ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑަށް އުކާލެވިފައި ހުރި ރަށްތަކެއް. އަދި އޭގެކުރީގެ ޤަރުނުތަކަށް ޖެހިލާކަމަށްވަންޏާ، 14، 15، 16، 17 ވަނަ ޤަރުނަށް ބަލާކަމަށްވަންޏާ، މިއީ އެހެން އެއްވެސް ބައެއްގެ ބޭނުންހިފަން ބޭނުންވާ ތަނެއްވެސް ނޫން. އަދި ބޭނުންނޫން ތަނެއްވެސް ނޫން. ހަމަ ޤުދްރަތީގޮތުން އިންޑިޔާ މާކަނޑުގެ ތެރެއަށް ރުކުރުވައިލެވިފައި ހުރި ރަށްތަކެއް. ރީތިކަމުން، ނަލަކަމުން، ޝައްކެއްވެސްނެތްގޮތުގައި، މިއަށްވުރެ ފަރި އެހެން ތަނެއް ނެތް. އެހެންނަމަވެސް، ކުރަންޖެހޭ ބޭނުމަށް ބަލާކަމަށްވަންޏާ، އެއްވެސް ބައެއް، ކަނޑުފޭރޭ މީހުންނާ ހަމައިންވެސް، ކަނޑުފޭރޭ މީހުންނަށް ވިސްނިކަމުގައިވިނަމަވެސް، ދިވެހިރާއްޖެއަށް އެއްވެސްކަހަލަ ޝައުޤުވެރިކަމެއްނެތް. ހަމަގައިމުވެސް އިސްތިޢުމާރީ ބޮޑެތި ބާރުތައް 14، 15، 16، 17 ވަނަ ޤަރުނުގެ ތެރޭގައި އަޅުގަނޑުމެން ހުރަސްކޮށް، އެއްދިމާލުން އަނެއް ދިމާލަށް ދަތުރުކުރިއިރު ދިވެހިރާއްޖެއާ ދޭތެރޭގައި، ދިވެހިރާއްޖެ ހިފައިގެން ތިބޭކަށް އެވަރުގެ ޝައުޤުވެރިކަމެއްނެތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ފެނިގެންދިޔަ، އެކި ހިސާބުގަނޑުން، ޚާއްޞަކޮށް، ދެކުނު އިންޑިއާގެ ޝަހަރުތަކުން އައިސް އެތަންތަނުގެ އަމީރުންނަށް ތިބި އެކިއެކި މީހުން ލަޝްކަރު ގޮވައިގެން އައިސް ދިވެހިރާއްޖެއަށް އެކިވަރުގެ ދުއްތުރާ ދިންކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު ދާއިމީ ވަޒަންވެރިވާން ބޭނުންވާ ބަޔަކު ނެތް. ވަރަށްމަދު ބަޔަކު ދާއިމީ ވަޒަންވެރިވާން ތިބީ. އެ ކުރި ކަންތައްތަކުގެ ތެރޭގައި އޭރުވެސް ރާއްޖޭގައި ކޮންމެވެސްކަހަލަ މުއްސަނދިކަމެއް އޮތީމާ، އެ މުއްސަނދިކަން ފޭރިގަތުމާއެކީ ތަންތަން ބްލަންޑަރ ކުރުމާއި، ޕިލާޖް ކުރުމާއި އަދި އެއަށްވުރެ އިންސާނިއްޔަތުކަން ކުޑަ ކަންތައްތައް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރުމާ، މިކަހަލަ ކަންތައްތަކެއް ދޭތެރެދޭތެރެއިން ކޮށްފައި، ފިލައިގެންދަނީ.


ހަމަ ގެރިއްލާ ހަނގުރާމަތަކެއް ގޮތަށް، މިކަހަލަ ކަންތައްތައްވެސް ވެގެންދިޔައީ. ހަމަ މަޢުޞޫމް ރައްޔިތެއް، ނުވެސް ދެނަހުރި ތިއްބައި ދަންވަރު، ނޫނީ ކޮންމެވެސް ގަޑިއަކު އަރައި، ރަށުގެ ބައެއް ތަންތަން ރޯކުރަނީ. ރަށުން މުދާ ގެންދަނީ. އަދި މުސްކުޅިންނަށާއި އަންހެނުންނަށް ކުރާނެ ގޯނާއެއް، ކުރާނެ ފުރައްސާރައެއް ކުރަނީ. އަޅުގަނޑު ހިތަށްއަރަނީ، މިއީ 14، 15، 16، 17 ވަނަ ޤަރުނުގައި ދިވެހި ސައިކީއަށް މި އަންނަމުންދާ ބަދަލުތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ޒިންމާދާރު މިއަދުގެ ވެރިން ވިސްނާވަޑައިގަންނަވާބާވައޭ. އެހެން މި ދަންނަވާލަންޖެހޭ ސަބަބަކީ، މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކަން ތިބޭއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ، ކޮންފަދަ ވަރުގަދަ، ކޮންފަދަ ބޮޑު ނިޢުމަތެއްގެ މަތީގައި ﷲ ލަހައްޓަވާފައި އޮތް ރައްޔިތެއްތޯ، ނޫނީވިއްޔާ ނަސްލެއްތޯ، ދިވެހި ނަސްލު މިއީ. މިހުރިހާ ކަމަކާއެކީވެސް އިސްތިޢުމާރީ ބޮޑެތި ބާރުތައް އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށް، ރަށްރަށް ހުރަސްކޮށް، އިރުން ހުޅަނގަށް، ހުޅަނގުން އިރަށް ދަތުރުކުރިއިރުވެސް ދިވެހިރާއްޖޭގައި ވަޒަންވެރިވީ ވަރަށްމަދު ފަހަރެއްގައި. މުޅި ތާރީޚުގައިވެސް ދެފަހަރަކު ވަޒަންވެރިވީ. އެހެންނަމަވެސް، ރާއްޖެއަށް ދިން ގެއްލުން ކުޑައެއްނޫން. ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ ބޭނުންތެރިކަމެއް އެމީހުންގެ ޚިޔާލަކަށް ނުގެނެވުނޭ. އެކަމަކު އެއީ ޙައިރާންވާންވީ ކަމެއް ނޫން.


މީގެ ފަންސާހަކަށް އަހަރު ކުރިއާ ހަމައަށް ޖެހިލާއިރު، ދިވެހިރާއްޖެއާ ބެހޭގޮތުން ދެކެވޭ ވާހަކައަކީ، ދުނިޔޭގައި ދިވެހިރާއްޖެ ދަސްވެފައި އޮންނަ ގޮތަކީ، ދިވެހިރާއްޖެއަކީ ފިޝިންގ ކޮމިއުނިޓީއެއް ގޮތަށް. މަސްވެރިންކޮޅެއް، ނިކަމެތި މަސްވެރިންކޮޅެއް އުޅޭ ދައުލަތެއް ކަމަށް. މާބޮޑު ކަންތައްތަކެއް ކުރާ ބައެއް ނޫން. ފުރަތަމަ އަޅުގަނޑުމެންގެ ދިދަ އ.ދ. ގައި އުފުލިގެން ދިޔައިމާ، އެއީ ދައުލަތެއް ކަމަށް ގަބޫލުކުރެވުނު. އޭރު ކޮންމެވެސްވަރަކަށް އެހެން ދައުލަތްތަކުން އަޅުގަނޑުމެން ގަބޫލުކުރި. އެހިސާބުން ރާއްޖެއަށް ވަޠަނީ ސިފަ، އަދި ޤައުމެއްގެ ސިފަ އަންނަން ފަށާފައި މިއޮތީ. އެއީ މީގެ 50، 60 އަހަރު ކުރި ކަމަށްވެދާނެ. އެކަމަކު އެއަށްވުރެ މާފަހުން ދޮގެއްތޯ، މިއަދު އަޅުގަނޑުމެން އެ ޞިނާޢަތަކާ ދޭތެރޭގައި އެންމެ ފަޚްރުވެރިވާ ޓުއަރިޒަމް ޞިނާޢަތާ ދޭތެރޭގައި، އޭރު ނަން ހިނގާ ދައުލަތަކުން މުޝީރެއް، އެކްސްޕަރޓެއް ގެނެސްފައި، ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ ޞިނާޢަތާ ދޭތެރޭގައި ކަރުދާހެއް ލިޔާށޭ ބުނީމާ، ކޮންސަލްޓަންސީ ޕޭޕަރެއް ލިޔާށޭ ބުނީމާ، އެ ކަރުދާހުގެ ނަތީޖާއަކީ ނިންމާލިއިރު 0. ދިވެހިރާއްޖޭގައި ވަސީލަތްތައް ނެތުމާއެކީ، އަދި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ތަކެއްޗަކީ ރާއްޖެއިން ބޭރުން އިމްޕޯޓްކޮށްގެން ގެންނަންޖެހޭ އެއްޗެހި ކަމަށްވެފައި، ރާއްޖޭގައި ބޭރު ފައިސާ ލިބެން ނެތުމާއެކީ، އަދި އެވަރަށް ނުވެސް ލިބޭނެތީ، ދިވެހިރާއްޖޭގައި ޓުއަރިޒަމް ކުރިއަށް ދިޔުމުގެ އެއްވެސްކަހަލަ އުންމީދެއް، ނިޝާނެއްވެސްނެތީ. މިއީ މީގެ ސާޅީހަކަށް، ފަންސާހަކަށް އަހަރު ކުރީގެ ވާހަކަ. ޓުއަރިޒަމް ފެށުމުގެ ކުރިން ޓުއަރިޒަމާ ދޭތެރޭގައި ބޭރުގެ މީހުން، ނޫނީވިއްޔާ ކޮންސަލްޓަންޓުން ދެކެނީ ކިހިނެއްތޯ ބެލުމަށް ދިވެހި ދައުލަތުން އޭރު ހަވާލުކުރެއްވި ނަން މަޝްހޫރު ޤައުމެއްގެ ކޮންސަލްޓަންޓަކު އައިސް ލިޔުނު ރިޕޯޓް މިއީ.


އެހެންވީމާ، މިއަދު އަޅުގަނޑުމެން ޚިޔާލަށް ގެންނަން މިޖެހެނީ، އަޅުގަނޑު މިދެންނެވި ގޮތަށް، 14 ވަނަ ޤަރުނު، 15، 16، 17 ވަނަ ޤަރުނުގެ ތެރޭގައި އަޅުގަނޑުމެން ކުރިމަތިލާފައި ހުރި ކަންކަން. ޝައްކެއްވެސްނެތްގޮތުގައި، ތާރީޚު ކިޔާ މީހުންނާއި، އަދި ކާފަ، މާމަ، ބައްޕަ، މަންމަ ދަރިންނަށް ކިޔައިދޭ ވާހަކަތައް ނަޤުލުވަމުން، އިޢާދަވަމުން އަންނައިރު، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ދިވެހި ޝަޚުސުގެ ތެރޭގައި ލަކުނުތަކެއް ޖެހިފައި ހުންނާނެ. ނުފިލާ ހުރި ލަކުނުތަކެއް ހުންނާނެ. މިއަދު ކުރަންޖެހޭ ސުވާލަކީ، މިހުރިހާ ކަމަކުން އަރައިގަންނަން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ނުޖެހޭބާވައޭ؟ އަޅުގަނޑުމެން މިއަދު މިތާ ހިތްފަސޭހަ ޕާކާ އެއްޗެހި މި ހުޅުވަނީ. އިޖުތިމާޢީ މަރުކަޒުތައް މި ހުޅުވަނީ. ކުދިން ކުޅޭނެ ތަންތަން މި ހުޅުވަނީ. މީގެކުރީގައި މާލެއަކީވެސް ބިމުން މީހުން ތޮއްޖެހިފައި އޮތް ތަނަކަށްވާތީ، މާލޭގައިވެސް ހުސް ތަންތަން ނުހުންނާނެ ކަމަށް ގަބޫލުކުރެވުނު ތަނެއް. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރީ އެހެނެއްނޫން. އިރާދަކުރެއްވިއްޔާ މަސައްކަތްކޮށްފި ކަމަށްވަންޏާ، ނުކުރެވޭ ކަމެއް ނޯންނާނެ ކަމަށް އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ވަޒީރުން ގަބޫލުކުރައްވަނީ.


އެހެންވީމާ، އަޅުގަނޑުމެން ބެލީ މި ދެންނެވި ކަހަލަ ގޮތަކަށް ބޮޑެތި ކަންތައްތައް ކުރެވޭތޯ. ބޮޑެތި ކަންތައްތައް ކުރާއިރު އަޅުގަނޑުމެން ދެންނެވީކީ ހަމައެކަނި ދިވެހިރާއްޖޭގައި ހުރި ބޮޑެތި ކަންކަމާއި ގޮންޖެހުންތަކާ ކުރިމަތިލާ ވާހަކަ، އޭގެ ލަފްޒީ މާނައަކު ނޫން. އޭގެ ލަފްޒީ މާނައަށްދާ ކަމަށްވަންޏާ، އަޅުގަނޑު މިއަދުވެސް އެންމެ ޚިޔާލަށް ގެންނަން، ހުރިހާ ބޭފުޅުންނަށްވެސް ޚިޔާލަށް ދޫކޮށްލަން ބޭނުންވާ ވާހަކައަކީ، މާލެއަކީ ތޮއްޖެހިފައި އޮތް، އާބާދީ ބޮޑު ޝަހަރެކޭ. މާލޭގައި މީހުން ވަޅުލާނެ ގަބުރުސްތާނެއް އޮތްތޯ ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ކުރިން ތިއްބެވި ވެރިން ކުރެން އައްސަވާށޭ. އެއްވެސް ވެރިޔަކު މި ސުވާލަށް ޖަވާބު ދެއްވާނެތޯ! އެބޭބޭފުޅުންގެ ދައުރު ނިންމަވާފައި ވަކިވެވަޑައިގެންނެވިއިރު އެއަށް އެބޭފުޅުން ގޮތެއް ނެރެދެއްވިތޯ! ނޯންނާނެ. ނޯންނާނެ.


އެހެންވީމާ، ރާއްޖޭގައި ހުރި ބޮޑެތި މައްސަލައަކީ، ހަމައެކަނި ދަތުރުފަތުރުގެ މައްސަލައާއި، ނިކަމެތިންގެ މައްސަލައާއި، އާސަންދަގެ މައްސަލައާއި، ކިޑްނީ ބަދަލުނުވުމުގެ މައްސަލައާއި، ކުދިންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގެ މައްސަލައާ، މި އެކަންޏެއް ނޫނެއްނޫންތޯ؟ ކޮލިޓެޓިވް ލައިފަކަށް ބަލާކަމަށްވަންޏާ، މިއަށްވުރެ މާގިނަ މައްސަލަތައް އެބަހުރި. ޒުވާނުންނަކީ އުޅޭ ބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ޒުވާނުންނަކީ މުޖުތަމަޢުގެ އެންމެ މުހިންމު ބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ޒުވާނުންނަށް ހުރި ދަތިތަކަކީ ކޮބައިތޯ؟ މިއަދު 1، 2، 3 ޖަހާފައި އަޅުގަނޑުމެންނަށް ލިޔަންކިޔަން އެބަ އެނގޭ. ކޮބައިތޯ ހުރި މައްސަލަތަކަކީ؟


އެހެންވީމާ، ޒުވާނުންނަށް ޙައްލުކޮށްދޭންޖެހޭ މައްސަލަތަކުގެ ތެރޭގައި، އެންމެ މުހިންމީ ވަޒީފާކަމާއި، އަދި ވަޒީފާއިން ލިބޭ ނަފަޔަކުން، އާމްދަނީއަކުން އެމީހުން ގެދޮރު ބިނާކުރުމާއި، އާއިލާއަކާއެކީ ދިރިއުޅުމާއި، އިތުރު ޒުވާނުން، ނޫނީވިއްޔާ އިތުރު ކުދިން އުފެއްދުމާ، މިހިރީ ދައުލަތަކަށް، ޤައުމިއްޔަތަކަށް ބޭނުންވާ ކަންކަންކަން އަޅުގަނޑުމެންނަށް މިއަދު ގަބޫލުކުރެވޭ. ކުރީގައިވެސް އަޅުގަނޑުމެންނަށް މި ޕެޝަންގައި، މި އިންޓެންސިޓީގައި މިކަންކަން ގަބޫލުކުރެވުނުނަމަ، މިކަންކަމަށް ހުންނާނީ މަގުފަހިކުރެވިފައި. މިކަންކަމަށް ހުންނާނީ ގޮތްތަކެއް ނެރެވިފައި. މި ޝަހަރު ބިނާވެގެން މިއުޅެނީ މިއަދަކު ނޫން. މިއަށްވުރެ ކުރިންވެސް އޮތް ތަނެއް ހުޅުމާލެއަކީ. މިއަށްވުރެ ކުރިންވެސް އޮތް ތަނެއް ތިލަފުށްޓަކީ. އެހެންނަމަވެސް، އަޅުގަނޑު މިދެންނެވި ކަހަލަ ކޮލިޓެޓިވް ސައިޑް އޮފް ލައިފް، އަޅުގަނޑުމެންގެ ޚިޔާލަކަށް އަޅުގަނޑުމެން ނުގެންނަމު. އާނ އެހެންތާވާނީ، މިއީ އެއްވެސް ބޭރުގެ އިސްތިޢުމާރީ ބާރަކުން ބޭނުންނުވެފައި އޮތް ދައުލަތެއް. އެކަމަކު މިތަނަށް އަރަންވެސްޖެހޭ. މިތަން ހަލާކުވެސް ކުރަންޖެހޭ.


އެހެންވީމާ، މިއަދު އަޅުގަނޑުމެން ކުރިއަށްދާން މި މަސައްކަތްކުރާ ޢަޒުމާއި ރޫޙުގައި އަޅުގަނޑުމެން ކުރިއަށް ދިޔައިމާ، އަޅުގަނޑު ގަބޫލުކުރަނީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން އަދި އިސްލާމީ ޢަރަބި ދައުލަތްތަކުން އަޅުގަނޑުމެންގެ ކުރިއެރުމާ ދޭތެރޭގައި އުފާފާޅުކުރާނެ ކަމަށް. ހަމައެއާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އިންސާނީ ޠަބީޢަތަކީ ވަރަށް ގޮތަކަށް އެނބުރޭވެސް އެއްޗެއް. އިންސާނީ ޠަބީޢަތުގެ ތެރޭގައި، އެއްބަޔަކު ކުރިއަށްދާ ކަމަށްވަންޏާ، ވާދަވެރި އެހެން ފަރާތްތަކުން ކަޅިޖަހައިނުލައި، ބަލަން ތިބޭނެކަންވެސް އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނެ. އެކަމަކު އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެން އެބަޔަކަށްޓަކައި އަޅުގަނޑުމެންގެ ޖީލު ދޫކޮށްލާފައި އެބަޔަކަށްޓަކައި ދިވެހިރާއްޖެ ހަވާލުކޮށްފައިދާ ބަޔަކަށް އަޅުގަނޑުމެން ދަސްކޮށްދޭންވީ ކޯއްޗެއްތޯ؟ އަޅުގަނޑުމެން ދަސްކޮށްދޭންވީ މިހާރު މި ހިނގާކަހަލަ ރަޙުމްކުޑަ، އަނިޔާވެރި ކަންތައްތަކަކީ އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ކަންތައްތޯ؟ ނޫނީވިއްޔާ އަޅުގަނޑުމެން އުފަލާއި ދިރުމާއި ހިތްހަމަޖެހުން ލިބެންވީ މިދެންނެވި ކަހަލަ ހަމަޖެހުމާއި، މުޖުތަމަޢަށް ބޭނުންވާ ކަންކަމުގެ ތެރެއިން ޕާކާއި، އިޖުތިމާޢީ މަރްކަޒުތަކާއި، ކުޅިވަރު ކުޅޭނެ ތަންތަނާއި، އަދި އެއާއެކީ ވަޒީފާގެ ފުރުޞަތު ހޯދުމާއި، މިކަންކަމަށްތޯ އަޅުގަނޑުމެން، އަޅުގަނޑުމެން އެންމެންގެ ނަޒަރު ހުއްޓާލަންވީ؟ ޤައުމަށް ހެޔޮއެދިގެން ކޮންމެ މީހަކުވެސް ވާހަކަ ދައްކަނީ. ޤައުމަށް ހެޔޮއެދިގެން ވާހަކަ ދައްކާ ކޮންމެ މީހަކަށް އަޅުގަނޑުގެ މިއަދުގެ ސުވާލަކަށްވާނީ މި ދެންނެވި ސުވާލު. ކީއްވެގެންތޯ އެބޭފުޅުން، ތުއްތުކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭނެ ހަމަ އެއްވެސް ކަމެއް ނުކުރައްވަނީ؟ ކުޑަކުދިން ގޮވައިގެން ކުޑަކުދިން ތިބޭ ސިޓިންގރޫމްތަކުގައި ދައްކަން އަހަން ކަމުނުދާ އެތައްކަމެއް އަޅުގަނޑުމެންނަށް ފެނި އިވި މިދަނީ. ހަމަ ޒިންމާދާރު ބޭފުޅުން. އަދި މިކަންކަމަށް އެހީތެރިވާން، އަދި މިކަންކަމަކީ ކުރެވެންވާނެ ކަންކަމުގައި ވަކާލާތު ކުރައްވަނީ ވަކި ޒިންމާދާރުކަން ކުޑަ ލީޑަރުންނެއްވެސް ނޫން.


އަޅުގަނޑަކީ ވަރަށްގިނަ ތަންތަން، ވަރަށްގިނަ ކަންކަން މި ފަހުގެ ތާރީޚުގެ ތެރޭގައި ސިޔާސީ ކަންކަން ފެނިފައި ހުރި މީހެއް. ވަރަށްގިނަ ކަންތައްތަކެއް ހިނގާފައި ހުރިގޮތް، އަދި އެ ހިނގާފައި ހުރި ކަންތައްތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނާ ހަމައަށް އޭގެ ޙަޤީޤަތްތައް ނައިސްހުރި ކިތަންމެ ކަމެއްގެ ހަމަ އެތެރެއާއި ބޭރުވެސް ކޮންމެވެސްވަރަކަށް އެނގޭ މީހެއް. އެހެންވީމާ، އަޅުގަނޑު ދެންނެވިން، އަޅުގަނޑު މިއައީ ދިވެހިރާއްޖޭގައި މައްސަލަތަކެއް ހުރިކަން އެނގިގެން، އެ މައްސަލަތަކަށް ޙައްލު ހޯދޭތޯ މަސައްކަތް ކުރާށޭ. އަޅުގަނޑުމެން ކެނޑިނޭޅި މިކުރާ މަސައްކަތަކީ މި މަސައްކަތް. އެކަމަކު މިހުރިހާ ކަމަކާއެކުގައިވެސް މިހުރިހާ ތަޖުރިބާއަކާއި، ފެނިފައި ހުރި ހުރިހާ އެއްޗަކާއެކީވެސް، އަޅުގަނޑުގެ ސިކުނޑި ގޮއްވާލާވަރުގެ ކަންކަން މިހާރު އެބަ ހިނގާ. އަޅުގަނޑާއެކީ މަސައްކަތް ކުރައްވާފައި، ކޮންމެވެސް ސަބަބަކާހުރެ ވަކިވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކު މި ވަޑައިގަންނަވަނީ އިދިކޮޅަށް. އަދި އަޅުގަނޑުމެން ދުވަހަކުވެސް ދެކެން ބޭނުންނުވާކަހަލަ ޝަރަފުވެރި ޢިއްޒަތްތެރި ބޭފުޅުންވެސް ހިދާޔަތާއި ކުރިއެރުން ހޯއްދަވަން މަސައްކަތް މި ކުރައްވަނީ، މި ދެންނެވި ކަހަލަ ފަނާކުރަނިވި ކަންތައްތަކެއްގެ ތާރީޚު އޮތް ބަޔަކާއެކީ މަސައްކަތް ކުރައްވައިގެން. މިއީ ހަމަގައިމުވެސް ވިސްނާވިސްނާވެސް އަޅުގަނޑުގެ ސިކުނޑިއަށް އޭގެ ޖަވާބެއްނައިސް، އަދި އަޅުގަނޑު ހަމަ ސިކުނޑި ގޮވާވަރުގެ ކަމަކަށްވެއްޖެ.


އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ ގައިޑްލައިނެއްގެ ތެރެއިންނޭ. އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ އޮންނަ އުސޫލުތަކެއްގެ ތެރެއިން. އެ އުސޫލުތަކުގެ ތެރޭގައި ފާޑުކިޔާ މީހުންނަށް ފާޑުކިޔަން ފަސޭހަވާނެ. އެކަމަކު ކަންކަން ހަވާލުވެގެން ތިބޭއިރު، އެ ފާޑުކިޔުން އެފަރާތްތަކަށް ރައްދު އެހެން ފަރާތްތަކުން ކޮށްފައި ހުރިއިރު، އެއަށް ޖަވާބުދާރީވެވިފައި ހުރީ ކިހާވަރަކަށްތޯވެސް މިއަދު ހަމަ ހިތާހިތާ ސުވާލުކޮށްލަންވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ނިޒާމުތަކަކީ އެއްވެސްގޮތަކަށް ފުރިހަމަ ނިޒާމުތަކެއް ނޫން. ނިޒާމުތައް ފުރިހަމަނުވަނީ ހަމައެކަނި ނިޒާމުތައް ލިޔެވިފައި، އެކުލަވައިލެވިފައި ހުރިގޮތް ފުރިހަމަނޫންވެގެނެއްވެސް ނޫން. ނިޒާމުތައް ފުރިހަމަނުވަނީ ނިޒާމުތައް ތަންފީޒު ކުރަން ތިބޭ މީހުންނަކީ އިންސާނުން ކަމަށްވާތީ. އިންސާނުންނަކީ އިންސާނުންގެ ހުރި އުނި ސިފަތަކަކާއެކީ މަސައްކަތްކުރާ ބައެއް. އެ އުނި ސިފަތައް ހުންނާނެ، ހުރިހާ އިންސާނުންގެވެސް. އެ އުނި ސިފަތައް ހުންނާނެ، އިންސާނުން ކޮންމެ މަތިވެރި ދަރަޖަޔަކާ ހަމަޔަށް ދިޔަނަމަވެސް. އެމީހުން ހަވާލުވާ ޒިންމާއިން އެ އުނި ސިފަތައް ފެނިގެންދާނެ. މިއުޅެނީކީ ކޮންމެހެން ހަމައެކަނި ޤާނޫނުގައި ހުރި މައްސަލަތަކެއް ހުރެގެނެއް ނޫން. މިއުޅެނީ ހަމައެކަނި ޑިމޮކްރަސީ ފުރިހަމަނުވެގެނެއްވެސް ނޫން. މިއުޅެނީ ހަމައެކަނި ޑިމޮކްރަސީއަކީ ވަކިބަޔަކު މާނަކުރާގޮތަށް ކުރެވެންޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރެވޭތީކީވެސް ނޫން.


މި ޑިމޮކްރަސީ މިގޮތަށް މާނަކުރެވޭއިރު، މި ޑިމޮކްރަސީ މިހާރު މާނަކުރައްވާ ބޭފުޅުން މިގޮތަށް މާނަ ނުކުރެއްވިއިރު، އަޅުގަނޑުމެން ހަމަ ތިބިން، އަޅުގަނޑުމެން ދުށިން، އޭރު ދެއްކުނު ވާހަކަތައް. އެކަމަކު ޑިމޮކްރަސީއަކީ ކޯއްޗެއްތޯ؟ ޑިމޮކްރަސީއަކީ އަޅުގަނޑުމެން ގިނަބަޔަކު ގަބޫލުކުރާ ޚިޔާލުތަކެއްގެ މައްޗަށް އެކުލަވައިލެވޭ ހިންގުމުގެ ނިޒާމެއް. ހިންގަން ތިބެނީ އިންސާނުން. އިންސާނުންގެ ތެރޭގައި ވަކި އިސްތިސްނާއެއްނެތި އިންސާނުންގެ ނިކަމެތިކަން ދައްކައިދޭ، ކޮންމެ ޒިންމާއަކާ ހަވާލުވިނަމަވެސް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މި ޒިންމާ އިންސާނުން އުފުލާއިރު ވަކިބަޔަކު ވަކި ދުވަސްވަރެއްގައި ކަންކަމާ ހަވާލުވެ ތިބީމައެއް ނޫން، ކަންކަން ގޯސްވެގެންދަނީކީއެއް. ދިވެހި ތާރީޚު އެކަންޏެއް ނޫން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލިޔަސް، އަދި އެއަށްވުރެ ދުރަށް ބަލައިލިޔަސް އަޅުގަނޑުމެންނަށް ފެނިގެންދޭ. ކޮރަޕްޝަންގެ ވާހަކަ ދެއްކިޔަސް މިކަން އޮތީ މިހެން ނޫންތޯ؟ އަދި ނުފޫޒުގެ ބޭނުންކުރުމާއި، ނާޖާއިޒުކޮށް ނުފޫޒު ބޭނުންކުރާ ކަމަށް ބަލާކަމަށްވަންޏާ، މި ފަހުން މި ހިނގައިދިޔަ ކަންތައްތަކަށް ކޯޗެކޭތޯ އަޅުގަނޑުމެން ކިޔާނީ؟ ފައިސާގެ ނާޖާއިޒު ނުފޫޒު ނުހިނގަނީތޯ؟ ރިޝްވަތު ނުހިނގަނީތޯ؟ މިއީ ފެންނަންހުރި ޙަޤީޤަތްތައް. މި ތަޙުޤީޤު ކުރީމާ، ތަޙުޤީޤު ނިމުނީމާ އެނގޭނީ، ކިހިނެއް ހިނގާފައި ހުރި ކަންކަންކަން. އެކަމަކު ޔަޤީނުންވެސް އެނގޭ އެއްޗަކީ މިހިރީ ހިނގާފައި ހުރި ކަންތައްތައްކަން.


މިހާރު މިއޮތް ދިވެހި ސަރުކާރުން މަސައްކަތް ކުރާނީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. އަޅުގަނޑުމެން އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް މި ދަންނަވަނީ ސަރުކާރު ޖަވާބުދާރީކުރުވުމަކީ ކުރަންޖެހޭ ކަމެކޭ. ސަރުކާރު ޖަވާބުދާރީކުރަންޖެހޭނެ. އެކަމަކު ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ސަބަބުން އެ ނުކުންނަ ރަނގަޅު ނަތީޖާއަށް އިޙްސާސް ކުރަން، ޙިއްޞާ ކުރަން ތިބި ބަޔަކީ ދިވެހި ރައްޔިތުން ކަމަށްވާއިރު، އެމީހުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެވޭކަހަލަ ގޮތަކަށް. އެ ޖަވާބުދާރީކުރުވުމުގެ ތެރޭގައި މުލައްދަނޑީގެ ބާރަށްވުރެ ވަރުގަދަ އެއްޗެއް ނޯންނާނެ ކަމަށް ގަބޫލުކުރެވެންޏާ އެއީ ގޯހެއް. އެކަން އެހެނެއްނުވާނެ. ދިވެހިރާއްޖޭގައި ބާރުގަދަވާނީ ދިވެހިރާއްޖޭގެ ޤާނޫނުތައް. ދިވެހިރާއްޖޭގައި ބާރުގަދަވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް. އެހެންވީމާ، ދިވެހިރާއްޖޭގައި ތަންފީޒުވެގެންދާނީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތައް. އެއްވެސް ގޮތަކަށް އެމީހަކަށް ހީވާގޮތަކަށް ވަރުގަދަކަން ދެއްކުމަކީ އެއީ އެހެން މީހުންނަށް ކުރެވޭ ބޭއިންޞާފެއް. އެކަން ކުރާކަށްނުވާނެ. ކޮންމެ މީހެއްގެވެސް ނިމުން އަންނާނެ. ވާހަކަ ދެއްކިދާނެ. ފާޑުކިއިދާނެ. ފުރައްސާރަ ކުރެވިދާނެ. އަދި މީހުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެ. އޭގެ ޙަޤީޤަތް ނުބަލައި، މިކުރެވެނީ މޮޅު ކަމެއް ކަމަށް ހީކޮށް، ހުރިހާ ވައްތަރެއްގެ ޢިލްމު އުނގެނިގެން ތިބި މީހުންނަށްވެސް މިކަހަލަ ހުރިހާ ކަމެއްވެސް ކުރެވޭނެ. އެކަމަކު އަޅުގަނޑަށް ޔަޤީން ކަށަވަރު، އެއިން ކޮންމެ މީހަކުވެސް ނިދާލަން އޮށޯންނައިރު ޝަހާދާގެ ކަލިމަތައް ކިޔާފައި ނިދާނީ. އެއީ ކަލަކު ވޮޑިގެންވާކަން އެމީހުންވެސް ގަބޫލުކުރާތީ. އަދި މިނޫން ދުވަހެއް، އެމީހުން ޖަވާބުދާރީވާނެ ދުވަހެއް އޮންނަކަން އެއިން ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާތީ. ނިދަންދާ މީހާގެ ޚިޔާލަކަށް ނާރާނެ، މާދަމާ ތެދުވެ ހިނގާބިގާވެ އުޅެވޭނެ ކަމަކަށް.


އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން މިކުރަނީ ކޮންކަމެއްތޯ؟ ސިޔާސީ ލީޑަރުންނާއި އަޅުގަނޑުމެންގެ ޢިލްމުވެރިން ދައްކަންވީ ޒުވާން ޖީލަކަށް، ޅަކުދިންނަށް ރިވެތި މިސާލުތަކެއް. އަނެއްކާވެސް މިދެންނެވި ގޮތަށް 16، 17 ވަނަ ޤަރުނުގެ ތެރޭގައި އަޅުގަނޑުމެންގެ މުޅި ދިވެހި މުޖުތަމަޢު އިޙްސާސްކޮށްފައި މިހިރަ ދަތިތަކުގެ ވާހަކައެއް ނޫން ދައްކަންވީކީ. ދަތިތައް އަޅުގަނޑުމެން އަމިއްލައަށް ކުރިމަތިކުރުވުމެއް ނޫން މީގެ ބޭނުމަކަށްވަނީ.


އަޅުގަނޑުމެންގެ ކުރިއެރުމާ ދޭތެރޭގައި ދުނިޔޭގެ އެތަންމިތަނުން އުފާވެރިކަން ފާހަގަކުރާއިރުވެސް، ހަމަމިއާއެކީ އަޅުގަނޑުމެންގެ ކުރިއެރުމަކާ ދޭތެރޭގައި އެހާ ހިތްހަމަނުޖެހޭ ޤައުމުތައްވެސް ތިބޭނެކަމަށް އަޅުގަނޑުމެން ވިސްނަންވާނެ. އަޅުގަނޑުމެންނަށް މިކުރެވެނީ ކީއްތޯ؟ ކޮންމެ ސިޔާސީ ލީޑަރަކުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލުގެ ވާހަކަ ދައްކަވާނެ. މޭޒުގެ އަނެއްފަރާތުގައި ތިއްބަވާއިރު މިނިވަންކަމާއި އިސްތިޤުލާލު، އެ ބޭފުޅުން އެ ދައްކަވާގޮތަށް ތަންފީޒު ކުރެއްވެނީ ކިހާވަރަކަށްތޯ؟ ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ބޭރުގެ ފަރާތްތަކަށް ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް މި ދަޢުވަތު ދެވެނީ؟ ކީއްކުރަންތޯ ޕޯޗްގީޒުންގެ އަޅުވެތިކަމުން އަޅުގަނޑުމެން ސަލާމަތްވެގެން މިތިބީ؟ އިނގިރޭސިންގެ އިސްތިޢުމާރުން އަޅުގަނޑުމެން ދުރަށް ގޮސް މިތިބީ ކީއްވެގެންތޯ؟ އަޅުގަނޑުމެން މިއަދުވެސް މި ފަހުގެ ތާރީޚުގެ އެންމެ ވަރުގަދަ ބަޠަލެއް ގޮތަށް، ޤައުމީ ބަޠަލެއްގެ ގޮތުގައި މި ދެކެނީ އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގެ ފަރާތުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވި އިބްރާޙިމް ނާސިރު. އެއީ އަޅުގަނޑުމެން އެންމެ ވަރުގަދަ ބަޠަލެއްގެ ކަމަށް މި ގަބޫލުކުރަނީ. އެއީ ކީއްވެގެންތޯ؟ އެއީ ފުރިހަމަ މިނިވަންކަން އަޅުގަނޑުމެންނަށް ބޮޑުތަކުރުފާނު ހޯއްދަވައި ދެއްވުމަށްފަހު، ދިވެހިރާއްޖޭގެ ފުރިހަމަ މިނިވަންކަން އަނެއްކާ މިފަހުގެ ތާރީޚުގައި ގެނެސްދެއްވި ބޭފުޅަކީ އިބްރާހީމް ނާސިރު ކަމުގައިވާތީ.


މިއަދު އަޅުގަނޑުމެންނަށް މިކުރެވެނީ ކީއްތޯ؟ އަޅުގަނޑުމެންގެ ލީޑަރުން ދުނިޔޭގެ އެތަންމިތަނުގައި އަރުވާލެވިގެން ތިއްބަވައިގެން އެކުރައްވަނީ ކީއްތޯ؟ އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ކަންކަމާ ދޭތެރޭގައި އެކި ހިސާބުގެ ސަފީރުން، ނޫނީ އެކި ހިސާބުގެ ބޭފުޅުން ފާޑުވިދާޅުވާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ހުރި ޤާނޫނުތައް އެބޭފުޅުންނަށް އެނގިވަޑައިގަންނަން ބޭނުންފުޅުވަންޏާ، އަޅުގަނޑުމެންގެ ބަންޑާރަ ނައިބާއި ލީގަލް ޓީމާއެކީ އިށީދެވަޑައިގެން، މުޠާލިޢާ ކުރައްވަންވީ ނޫންތޯ؟ އެއިން ކޮންމެ ޤައުމެއްގައި އޮތް ޤާނޫނަކަށް ދިވެހިރާއްޖޭގައި ޤާނޫނެއް އޮންނާނެ. އަދި ބައެއް ރަށްރަށުގައި ޤާނޫނު ލިޔެވިފައި ނުވެސްނެތް. ދިވެހިރާއްޖޭގައި ވާ ލިޔެފައި އޮތް ޤާނޫނުތަކެއް އެބަހުރި ނޫންތޯ. ޢަމަލުކުރާ އުސޫލުތަކެއް އެބަހުރި ނޫންތޯ. ހަމަ ދިވެހިރާއްޖޭގައިވެސް މިއޮތީ ޝަރުޢީ ނިޒާމު. ތިންބާރު ވަކިވެފައި އޮތް ނިޒާމެއް ދިވެހިރާއްޖޭގައިވެސް މިއޮތީ. އަދި ދިވެހިރާއްޖޭގައިވެސް ކޯޓާއި އިސްތިއުނާފުގެ ދެ މަރުޙަލާ އެބައޮތް.


އެހެންވީމާ، މި ރަޙުމްކުޑަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މިއަދުވެސް އަޅުގަނޑު ހަމަ ހަރުއަޑުން، ސާފުބަހުން ދަންނަވަން ބޭނުމީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޒަޢާމަތު ﷲ ދަމަހައްޓަވާ ކަމަށްވަންޏާ، މަރުގެ ޙުކުމް ތަންފީޒު ކުރާނަމޭ. އެއްވެސް މީހަކު މިކަމާ ދޭތެރޭގައި ސުވާލު ނުއުފައްދާ! އަޅުގަނޑުމެންނަށް މިހާރުވެސް އެބަފެނޭ، ބައެއް ލީޑަރުން އެބޭފުޅުންގެ ނަންފުޅު ހާމަނުކުރައްވާ ލިޔުއްވާ ތަން. މި ރައީސްވެސް މަރުގެ ޙުކުމް ތަންފީޒެއް ނުކުރާނެއޭ. ނޫން. އެއީ ރަނގަޅު ވާހަކައެއް ނޫން. މި ރައީސް މަރުގެ ޙުކުމް ތަންފީޒު ކުރާނެ. އެއީ މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ކުރަންޖެހޭ ކަންކަން. އަޅުގަނޑުމެން ބޭނުމެއް ނޫން، ދިވެހިރާއްޖޭގައި މިއޮތް މައުޞޫމް މުޖުތަމަޢު، ދިވެހި މުޖުތަމަޢު ޚަރާބުވެގެންދާކަށް. އިހަށްދުވަހު އެންމެފަހުން މަރުވި ކުއްޖާ މަރުވީ ކީއްވެގެންތޯ؟ އޭނައެއް ނޫނޭ ކުށްވެރިވަނީ. އޭނަ ލާފައި ހުރި ޓީޝާޓޭ ކުށްވެރިވަނީ. އޭނަ ލާފައިހުރި ޓީޝާޓުގައި އެހެން ކުއްޖަކު ހުރެގެން، އެއީ އެކުއްޖާ ކަމަށް ހީވެ، ކުއްޖެއްގެ ފުރާނައާއި މަސްގަނޑާ ވަކިވެގެން އެ ދިޔައީ. މިއީތޯ އަޅުގަނޑުމެން ތަހުޒީބީ ދުނިޔެއެއްގައި އުޅެންވީގޮތަކީ؟ ކީއްވެގެންތޯ އަޅުގަނޑުމެން ސިޔާސީ ލީޑަރުން އައިސް މިކަންކަން ހުއްޓުވާ ވާހަކަ ނުދައްކަނީ؟ އަޅުގަނޑުމެން އަބަދު ދައްކަންޖެހެނީ ދިވެހިރާއްޖޭގެ ޚަޒާނާ ބަހާނެ ގޮތުގެ ވާހަކަތޯ؟ އަޅުގަނޑުމެން އަބަދުވެސް ދައްކަންޖެހެނީ ދިވެހިރާއްޖޭގައި އެއް ރައީސަކަށްވުރެ ގިނަ ރައީސަކު އެއްފަހަރާ ތިބޭ ވާހަކަތޯ؟ އެހިސާބުގައި އުޅެފައި ފައިބައިގެންދިޔަ މީހުން އެތިބީ. އަދި އެހިސާބަށް އުންމީދު ކުރައްވާ ބޭފުޅުން، އެ އުންމީދުގެ ކުލަ ޖަހަންދެން ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރައްވާ! އެ އުންމީދުގައި ކުލަޖަހާނީ އެއްގޮތަކަށްވެސް ޤާނޫނުން ބޭރުން، ނޫނީ ހަވާސާގައި މަސައްކަތް ކުރައްވައިގެނެއް ނޫން. އެ އުންމީދުގެ ކުލަޖެހޭނީކީ ޤާނޫނީ މުއައްސަސާތަކަށް ގަދަކަމުން ވަދެގަނެގެން، ގަދަބާރުން ކަންކަން ކުރަން އުޅެގެނެއް ނޫން. ދިވެހި ދައުލަތުގައި ޤާނޫނުގައި ޙުކޫމަތް ހިނގާނެ. ދިވެހި ދައުލަތުގެ މުއައްސަސާތަކެއް އެބަހުރި.


އެހެންވީމާ، އެކަންކަން ހިންގަވާ، އަޅުގަނޑުމެން ކެރިގެން ކުރަމާ! އެކަން ކުރާއިރު އަޅުގަނޑުމެން އެއްބަސްވާންވީ ނޫންތޯ، ރިޝްވަތާއި ފަސާދައިގައި އުޅޭ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ޤާނޫނުން ޒިންމާދާރު ކުރުވުމަށް އަޅުގަނޑުމެން އެންމެން އެއްބަސްވަމާތޯ! މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ތި 4 އިދިކޮޅު ލީޑަރުން އެއްބަސްވެވަޑައިގެން އުޅުއްވާއިރު، ފުރަތަމަ މިއަށް އާނއެކޭ ވިދާޅުވޭ! މިއަށް ފުރަތަމަ އާނއެކޭ ވިދާޅުވެފައި، މީގެކުރީގެ ޒަމާންތަކުގައި ހިނގާފައި ހުރި މިކަހަލަ މައްސަލަތައް ޙައްލުކުރަން ތިމަންނަމެންވެސް މިތިބީ މޭޒުދޮށަށް އަންނާށޭ ވިދާޅުވޭ! އެ މައްސަލަތައް ޙައްލުކޮށްދެއްވާ! އަދި މި ދާދިފަހުން މިހިނގައިދިޔަ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތައްވެސް އަޅުގަނޑުމެންނާއެކީ ހިންގަވާ ޙައްލުކުރަން އުޅެމާ! އޭރަށް އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ޙައްލުވާގޮތަށް، ދެންހުރި މައްސަލަތައްވެސް ޙައްލުވާނެ. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ސިޔާސީ ލީޑަރުންގެ މަސައްކަތަކީ، މިކަހަލަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ބޭނުންވާ ކޮންމެވެސް ޚިދުމަތެއް ފޯރުކޮށްދިނުން.


ޝައްކެއްވެސްނެތްގޮތުގައި، ހުޅުމާލެއަކީ އުންމީދުތަކުން ފުރިފައި އޮތް ތަނެއް. ހުޅުމާލެއަކީ ޒުވާނުންގެ އުންމީދުތަކާ ގުޅިފައި އޮތް ތަން. ހުޅުމާލޭގެ ގެދޮރު ބިނާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢު. އެކަމަކު މިހެން ދެންނެވޭކަށްވެސް ނެތް. ސަރުކާރުން އެންމެ އިސްކަންނުދޭ މަޝްރޫޢެއްވެސް ނެތް. ހުރިހާ މަޝްރޫޢަކީވެސް ސަރުކާރުން އިސްކަންދޭ މަޝްރޫޢުތައް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފެށިގެން އެދަނީ އަޅުގަނޑަށް މިހާރުވެސް ކަށަވަރުވެފައި އޮތްގޮތުންވިއްޔާ، ފައިސާގެ ހުރިހާ ކަމެއް ހަމަޖައްސަން ގިނަ ވަގުތުތަކެއް ނަގައިފި. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައިވެސް 7000 ހައުސިންގ ފްލެޓަށްވުރެ ގިނަ އިމާރާތް މިތަނުގައި ކުރެވެން ފަށާނެ.


އެހެންވީމާ، ސަރުކާރުން މިކަހަލަ ހުރިހާ ކަންކަމެއް ކޮށްދިނުމުގެ ބޭނުމަކީ ރައްޔިތުންގެ އިންތިޒާރުތަކަށް، އުންމީދުތަކަށް ކުލަޖައްސައިދިނުން. އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙަވެރި އަމާން މުޖުތަމަޢެއް ދިވެހިރާއްޖޭގައި އޮތުން. އަޅުގަނޑުމެންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި ރަޙްމަތްތެރިކަމާއެކީ ހިނގާބިނގާ ނޫޅެވޭކަމަށްވަންޏާ، މުޖުތަމަޢުގެ ތެރޭގައި ޙަރަކާތްތެރިނުވެވޭ ކަމަށްވަންޏާ، މިހިރަކަހަލަ އިޖުތިމާޢީ މަރުކަޒުތަކުގެ ތެރޭގައި ބިލިއަޑް ބޯޑެއްގެ ފަހަތުގައި، އަޅުގަނޑުމެންނަށް އެކުވެރިކަމާއެކީ ކުޅެލަން ނުތިބެވޭ ކަމަށްވަންޏާ، ކީއްކުރަންތޯ މިހުރިހާ ކަމެއް އަޅުގަނޑުމެން ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ މިހުރިހާ ތަނަވަސްކަމެއް ހޯދުމުގެ ބޭނުމަކީ ކޮބައިތޯ؟ އެބައޮތްބާ ބޭނުމެއް؟ އަޅުގަނޑަކަށް ނުވިސްނޭ.


އެންމެފަހުގެ އިޤްތިޞާދީ ކޮންސެޕްޓަކަށް މިއޮންނަނީ ނެޓް ނެޝެނަލް ވެލްފެއަރ. ނެޓް ނެޝެނަލް ވެލްފެއަރ، އެ ކޮންސެޕްޓެއްގެ ގޮތުގައި އުޅޭތާވެސް މިހާރު ވިއްސަކަށް އަހަރުވެއްޖެ. އެކަމަކު ކޮލިޓީ އޮފް ލައިފް، ނޫނީވިއްޔާ އަދި އެއްވެސް ތަނެއްގައި ރައްޔިތެއް އުންމީދުކުރާ އެންމެފަހު މަރުޙަލާއަށް ދާން ބޭނުންކުރާ ކޮންސެޕްޓެއްގެ ގޮތަށް މިކޮންސެޕްޓް ތަޢާރުފްވެގެން މިއަންނަނީ، މީގެ ވިއްސަކަށް، ނޫނީ އެއަށްވުރެވެސް ކުޑަތަންކޮޅެއް ކުރިން ނޫންކަމެއްވެސް ނޭނގެ. އޭގެކުރިން އަޅުގަނޑުމެން އަބަދުވެސް މިނާ މިންގަނޑަކަށް މިގެންގުޅެނީ ޤައުމީ އުފެއްދުންތެރިކަން ބޮލަކަށްޖެހޭ މިންވަރު. މިއަދު އެ މުހިންމު. އެހެންނަމަވެސް އެއެއްނޫން. ޤައުމީ އުފެއްދުންތެރިކަން ބޮލަކަށްޖެހޭ މިންވަރު އަޅުގަނޑުމެންގެ ހުރެދާނެކަންނޭނގެ 8000 ޑޮލަރު ބޮލަކަށްޖެހޭވަރުވެސް. އިރާދަކުރެއްވިއްޔާ، މިދިޔަ އަހަރުތަކުގެ ތެރޭގައި މިއޮތް އަދަދު ޑަބަލްވެގެން އެދިޔައީ މިހާރުވެސް. އެކަމަކު އެއާ އެއްވަރަށް ޖަލުގެ ތޭރިތައް އިތުރުވެގެން ދާކަމަށްވަންޏާ މިއީ ކީއްކުރަން ކުރާ އުފެއްދުންތެރި ކަމެއްތޯ އިތުރުކުރަންވީ؟ މި އުފެއްދުންތެރިކަމުން ލިބޭ ކަންކަން މިދަނީ ތުއްތުކުއްޖާ ހިނިތުންކޮށްލުމުގެ ބަދަލުގައި ޖަލުގެ ތޭރިތަކަށްލާނެ ބޮޑެތި މީހުންތަކަކަށް ޖަލުގެ ތޭރިތައް އިތުރުކުރުން ނޫންތޯ؟


މިކަހަލަ ކަންކަމަށް ވިސްނާފައި އަދި މީހުންގެ ޕްރެޝަރާއި، ހާޓްއެޓޭކާއި، ބަލިތަކާ، މިކަހަލަ ކަންކަން އުފެދިގެން މިދަނީ މުޖުތަމަޢުގެ ތެރޭގައި ހުންނަ ނުތަނަވަސް ކަންތައްތައް ތަޙައްމަލް ނުކުރެވިގެން. އެހެންކަމަށްވާތީ، ނެޓް ނެޝެނަލް ވެލްފެއަރ ކިޔާ އެއްޗެއް، އެންމެފަހުގެ ކޮންސެޕްޓަކީ. އެއީ ކޮލިޓީ އޮފް ލައިފް. ކޮންމެ ބަޔަކުވެސް ބޭނުންވާނީ މުޖުތަމަޢެއްގައި އުފަލާއި، އަރާމާއި، ހިތްހަމަޖެހުމާއެކީ އުޅެވެން. މިއަދު ވެދާނެ، މީހެއްގެ ނަންކިޔާ ކަމަށްވަންޏާ، މިވެނި މީހަކީ ދިވެހިރާއްޖޭގެ ފެންވަރުންވެސް މަލްޓި މިލިއަނަރަކަށް ވެދާނެ. އެކަމަކު އޭނާގެ ދިރިއުޅުމުގައި ހަމަނުޖެހެންޏާ، ގޭގައި ސިޓިންގރޫމްގެ ތެރޭގައި، ނޫނީ ނިދާކޮޓަރިތެރޭގައި އޭނަގެ ހަމަޖެހުމެއް ނެތިއްޔާ، އަރާމެއް ނެތިއްޔާ، ކީއްކުރާ މިލިއަނެއްހާ ޑޮލަރެއްތޯ އެއީ؟ ކީއްކުރަން ގެންގުޅޭ އެއްޗެއްތޯ އެއީ؟ އަދި އޭނަގެ ތިބި ކުދިންކޮޅަކީ ޞާލިހު ރަނގަޅު ބަސްއަހާ ދަރިންކޮޅަކަށް ނުވާކަމަށްވަންޏާ، މިހުރިހާ މަލްޓިމިލިއަން ޑޮލަރުގެ ބޭނުމެއް އެބައޮތްތޯ؟ ހަމަގައިމުވެސް ޕްލާސްޓިކް ދަރިންނެއް ނުއުފެއްދޭނެ. ކީއްކުރާ ކަމެއްތޯ؟


އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށްވާނީ، މި ދެންނެވި ގޮތަށް ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރާއިރު، މައްސަލަތައް ޙައްލުވެގެންދާއިރު އަޅުގަނޑު ގަބޫލުކުރަނީ މައްސަލަތައް ޙައްލުވެގެންދާއިރު، މީހުންގެ ފުދުންތެރިކަމާއި، ތަނުގެ ތަނަވަސްކަމުގެ ތެރެއިންނޭ ގިނަ މައްސަލަތަކުގެ ޙައްލު ހޯދައިދެނީ. މީހުންނަށް ހަމަޖެހުން މިއަންނަނީ އާމްދަނީ ނުލިބޭ މީހުންނަށް، ވަޒީފާ ނެތް މީހުންނަށް ވަޒީފާ ލިބިގެން. ހަމައެކަނި އިމާރާތްތައް ކޮންކްރީޓް ޖަންގައްޔެއް ގޮތަށް އިތުރުވެގެން ދިޔުމަކީ މީހުންނަށް ހަމަޖެހުން އަންނަ ކަމެއް ނޫން. އެހެންވެގެން މި ސަރުކާރުގެ އަމާޒަކަށް ވެގެން މިއުޅެނީ، މިސަރުކާރުގެ 5 އަހަރު ނިމިގެންދާއިރަށް 94000 ޒުވާނުންނަށް އާ ވަޒީފާ ހޯދައިދޭން. އަޅުގަނޑުމެން މިއުޅެނީ އެއަދަދާ ދާދި ކައިރިގައި. ދާދި ކައިރިގައި މިއުޅެނީ އެއަދަދާ. އެހެންވީމާ، ދިވެހި ރައްޔިތުންނަށް މިއީ ހެޔޮއެދޭ ހުރިހާ އެންމެންވެސް ހުރިހާ ލީޑަރުން އެދިވަޑައިގަންނަވާ ކަމެއްކަމަށްވަންޏާ، ހަމަގައިމުވެސް ހެޔޮއެދޭ އެއްވެސް ލީޑަރަކު ދިވެހި ޒުވާނަކަށް ވަޒީފާއިން މަޙްރޫމްވާކަށް އެދިވަޑައެއްނުގަންނަވާނެ. އެހެންވީމާ، އެ 94000 ވަޒީފާ އުފައްދައިދިނުމަށް، އެއީ އެހެން މީހުންނަށް ނުކުރެވުނު ކަމެއް ކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ. އެކަންކުރަން އަޅުގަނޑަށް ވަގުތުކޮޅެއް ދޭންވީނޫންތޯ.


ދެން ކުރީގައި ނުކުރެއްވިފައި ހުރި އެތައް ބައިވަރު ކަމެއް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެކަންކަން ކުރަން، އެކަންކަން ކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ދޭންވީނޫންތޯ؟ ހަމަގައިމުވެސް އަޅުގަނޑުމެން ސަރުކާރާ ބެހޭގޮތަކުންނެއް ޤާނޫނާ ޚިލާފު ކަންތައްތައް ކޮށްގެން، އިސްލާމްދީނާ ޚިލާފު ކަންތައްތައް ކޮށްގެން، އެއްވެ ހަޅޭއްލަވާކަށްނުޖެހޭނެ. އެ ފުރުޞަތެއް ނުލިބޭނެ. އެއީ އެކަން އެއީ އަޅުގަނޑުމެންވެސް ގަބޫލުކުރާ ކަންކަމަށްނުވާތީ. އަޅުގަނޑުމެންގެ ދައުލަތުގައި ބާރުނެތީމައެއްނޫން. އެކަމަކު އަޅުގަނޑުމެންނަކީ ތަހުޒީބު މުޖުތަމަޢެއް ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި އަދި މީގެކުރިން ދިޔަ ހިތްދަތިކަމާއި އަނިޔާވެރިކަން ތަޙައްމަލުކުރަން ދެން އިތުރަށް އަޅުގަނޑުމެން ބޭނުންނުވާތީ، ދިވެހި ރައްޔިތުންވެސް، ދިވެހި މުޖުތަމަޢުވެސް އެބަޖެހޭ ހިތްހަމަޖެހުމާއެކީ ނޭވާލާން ދިވެހި ޖައްވަށް. އަޅުގަނޑުމެން އަބަދު އުޅެންވީކީ އަޅުގަނޑުމެންގެ ސައިކީގައި މި ޖެހިފައި ހުރި 14 ވަނަ ޤަރުނުން ފެށިގެން 17 ވަނަ ޤަރުނުގެ ނިޔަލަށް ޖެހިފައި މިހިރަ ބޮޑެތި ކަންކަމާ ގުޅިގެން މިހުރި ބޮޑެތި ސްކާރތަކާ އެކީއެއްނޫން އަޅުގަނޑުމެން އުޅެންޖެހޭނީކީއެއް. އަޅުގަނޑުމެން މި ނޭވާލަނީ އާ ޖީލެއް. އަޅުގަނޑުމެން މި ނޭވާލަނީ ތަހުޒީބީ މުޖްތަމަޢަކަށް. އުންމީދާއި މިނިވަންކަމުގެ ނޭވާ އަޅުގަނޑުމެން ލާން ބޭނުންވަނީ. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ މިދެންނެވި ގޮތަށް މި ރަޙުމްކުޑަ ޢަމަލުތައް ދިވެހި މުޖުތަމަޢުން ފޮހެލެވިގެން. އެހެންވީމާ، އެކަންކަން ކުރަންވީނޫންތޯ އަޅުގަނޑާއެކީ.


އަޅުގަނޑު މިނިވަންދުވަހު ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައިވެސް އަޅުގަނޑު ދެންނެވިން، ދިވެހި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ގެނެސްދިނުމުގައި ކީއްތޯވާނީ، މި ހުރިހާ ސިޔާސީ ލީޑަރުން، އަހަރެންގެ ޙިއްޞާއެއްވެސް ތިކަމުގައި އެބައޮތޭ. ތިއީ ހަމައެކަނި ރައީސް ޔާމީން ކޮށްދިންކަމެއް ނޫނޭ ވިދާޅުވެލައްވަންވީނޫންތޯ؟ އެ ފުރުޞަތު އަޅުގަނޑު މި ދެނީ ނޫންތޯ؟ އެހެންވީމާ، ހުޅުމާލެ ބިނާކުރަން މިކުރާ މަސައްކަތުގައިވެސް އިދިކޮޅު 4 ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ މިކަމުގައި ދިވެހި ރައްޔިތުންނަށް މި އަންނަ ހިތްހަމަޖެހުމާއި، އެމީހުންގެ މޫނަށް އެ ފޭދިގެންދާ އުފާވެރިކަން ގެނެސްދިނުމުގައި އަދި ވޯޓުފޮށްޓާ ހަމައަށް ވަޑައިގަންނަވަން މި ހުރިހާ ބޭފުޅުންވެސް އިންތިޒާރު ކުރައްވާތީ އަޅުގަނޑާއެކީ ބައިވެރިވެވަޑައިގަންނަވަންވީނޫންތޯ. އޭގެފަހުން 18 ތަންކޮޅެއް ކައިރިކޮށްލާފައި ހިންގަވާ، އަޅުގަނޑުމެން ޚިޔާލު ތަފާތުވެގެން ތަޅާފޮޅަމާ! އެކަމަކު މިހާރު ހިންގަވާ މި ޚިދުމަތުގައި ތިބެން.


އަޅުގަނޑުމެން ދިވެހި ރައްޔިތުން މިއީ މި ދުނިޔެމަތީގައި އޮތް ސުވަރުގެ ކަމުގައި އަޅުގަނޑުމެންނަށް ދެމިތިބެވޭނެ ދޮގެއްތޯ؟ އަޅުގަނޑުމެންނަކީ އުފާވެރި ބައެއް. އަޅުގަނޑުމެން ﷲ މިދެންނެވި ގޮތުގައި އަޅުގަނޑުމެން އުފައްދަވައި، މި ބޮޑު އިންޑިއާ ކަނޑުގެ ތެރެއަށް އުތުރުން ދެކުނަށް ބަލާކަމަށްވަންޏާ، އެތައްސަތޭކަ މޭލަށް އުކާލާފައި ހުރި ރަށްތަކެއް މިއީ. ކޮންމެވެސްވަރަކަށް ރަށްތައް ގިރައި ގެއްލުންވޭ. އެކަމަކު އެއްހާސް އެތައް އަހަރެއް ވެގެންދިޔައިރު، އަޅުގަނޑުމެން ހަމަ މިގޮތުގައި ތިބެއްޖައިމު ދޮގެއްތޯ؟ އަޅުގަނޑުމެންގެ ބޭނުން، ބޭނުންތެރިވެގެން ދިވެހިރާއްޖެ ބޭނުންވީ އިސްތިޢުމާރީ ބާރެއްވެސް ނެތް. އެކަމަކު އަޅުގަނޑުމެން މަޑުން ތިއްބަކާވެސް ނުދޭ. މިއަދު މިކުރަނީ، ގަދަބާރުން އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޢަޒުމާއެކީ ކުރިއަށްދާން ކުރާ މަސައްކަތް. މިއީ އެހެންމީހުން އަޅުގަނޑުމެންނަށް ހެޔޮއެދިގެން ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެންގެ ޤައުމަށް ހެޔޮއެދޭނީ އަޅުގަނޑުމެން. އެހެންބަޔަކު ނާންނާނެ ހެޔޮއެދޭކަށް. އެކަމަކު އަޅުގަނޑުމެންނަށް ފައިސާދޭނެ މީހުންވެދާނެ. އެކަމަކު މިތަން ތަރައްޤީ ކުރާނެގޮތް، އެ ޢަޒުމާއި، އެކެރުމާއި އަދި އެ އުކުޅުތައް ހުންނަންވާނީ އަޅުގަނޑުމެންގެ ތެރޭގައި.


ކީއްވެގެންތޯ އަޅުގަނޑުމެންގެ ޑިމޮކްރަސީގައި މިހިމެނޭ ގުނަވަންތައް، ނޫނީ ހިމެނޭ ނިޒާމުތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރާނެ ދިވެހިދަރިން އަޅުގަނޑުމެންނަކަށް ނުއުފެއްދޭނެތޯ؟ އަޅުގަނޑުމެންގެ ކުދިން އެ އަންނަނީ ޔުނިވަރސިޓީއިން ޑޮކްޓަރޭޓް ނަގައިގެން. އަދި ޔުނިވަރސިޓީގެ މަތީ ފާސްތައް ހޯދައިގެންވެސް އެ އަންނަނީ އަޅުގަނޑުމެންގެ ކުދިން. އެކަމަކު މަޤާމަކާ ޙަވާލުވުމުން އަޅުގަނޑުމެންގެ ތެރެއަކުނެތް އެވަރު ކުރެވޭކަށް.


މިއަދު ދިވެހިރާއްޖެއިން، މިއަދު ދިވެހި ސަރުކާރުން ބޭރުގެ އެކިއެކި ޖަމާޢަތްތައް ލައްވާ ކިތައް ރިޕޯޓް ލިޔޭތޯ؟ އަޅުގަނޑު މިއީ ސަރުކާރުގައި އެތައް ޒަމާނެއް ވަންދެން އުޅުނު މީހެއް. އޭރު އެއްވެސް ކަމެއް ނުކުރާނެ، ބޭރުގެ ފަރާތްތަކުގެ ރިޕޯޓް ލިޔެގެން ނޫނީ. މިހާރަކު ނުލިޔާނެ އަޅުގަނޑުމެން ރިޕޯޓެއް. އެއީ އަޅުގަނޑުގެ ތަޖުރިބާއަކީ ރިޕޯޓް ލިޔެ ނިމޭއިރު، އެ ކުރަންއުޅޭ ކަންތައް އޮންނާނީ މުއާލާތް ކެނޑިފައި. އެހެންވީމާ، 5 އަހަރުގެ މަޝްރޫޢާއި 3 އަހަރުގެ މަޝްރޫޢާއި 10 އަހަރުގެ މަޝްރޫޢު އެކުލަވައިލައި، ވަރަށްގިނަ ވާހަކަ އަޅުގަނޑުމެން ދައްކައި ނިމޭއިރު، 2 އަހަރު، 3 އަހަރު ވެގެންދާއިރު އަދި ރިޕޯޓެއް ނެހެދޭނެ. މިއަދުގެ ދުނިޔެއަކީ އެއަށްވުރެ މާ ބާރަށް ހަލުވިކަމާއެކީ ދަތުރުކުރާ ދުނިޔެއެއް. މިއީ މިސްޑް އޮޕޮޗުނީޓީ. އަޅުގަނޑުމެންނަކަށް ރިޕޯޓް ލިޔާކަށް ވަގުތެއް ނެތް. އަޅުގަނޑުމެންނަކީ ޢަމަލީ މަސައްކަތް ކުރަންޖެހޭ ބައެއް.


ކޮންބަޔަކަށްތޯ ނޭނގެނީ ޤައުމު ތަރައްޤީ ކުރަންޖެހޭކަން! ކޮންބަޔަކަށްތޯ ނޭނގެނީ ޒުވާނުންނަށް ވަޒީފާ ލިބެންޖެހޭކަން! ކޮންބަޔަކަށްތޯ ނޭނގެނީ ޖީބަށް ވަންނަ އާމްދަނީ އިތުރުކުރަންޖެހޭކަން! ކޮންބަޔަކަށްތޯ ނޭނގެނީ ޒުވާނުން، އެތައް ބައިވަރު ކުޑަކުދިންތަކެއް އުޅޭ ތަނެއްގައި މިކަހަލަ ބަގީޗާތައް އުފެދެންޖެހޭނެކަން! ކީއްވެގެންތޯ ނޭނގެންވީ ސަހަރާތައް ހުންނަންވާނެކަން! ކީއްވެގެންތޯ އަޅުގަނޑުމެންނަށް ނޭނގެނީ އަޅުގަނޑުމެންގެ ކުދިން ބޭރަށް ކިޔަވަންދާކަމަށްވަންޏާ، މިހާރު މިތާ މިހިރަ ނިޒާމީ ތަޢުލީމުގެ ފެންވަރު މަތިވާންޖެހޭނެކަމަށް! އަދި ކޮންމެ ޓީޗަރަކީ މަދުވެގެން ޑިޕްލޮމާ ފާހެއް އޮންނަންޖެހޭނެކަމަށް! އެއީ އަޅުގަނޑުމެން ބޭރުގެ ރިޕޯޓެއް ލިޔެގެންތޯ އަޅުގަނޑުމެންނަށް އެނގޭނީ! ބޭރުގެ ރިޕޯޓް ލިޔާކަމަށްވަންޏާ، އަނެއްކާވެސް އަޅުގަނޑުމެން ޓޫރިޒަމާ ދޭތެރޭގައި ލިޔުނުކަހަލަ ރިޕޯޓެއްކަންކޭނގެ ލިބޭނީ. ދިވެހިރާއްޖެއަކީ ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ބަޔަކަށްވާތީ، ދިވެހިރާއްޖޭގައި ޓޫރިޒަމްގެ އެއްވެސް އުންމީދެއް ނެތް. އެކަމަކު މިއަދު ރިޒްކާރޓްންވެސް ދިވެހިރާއްޖޭގައި އެބަހުރި. 7 ތަރީގެ ތަންތަން ދިވެހިރާއްޖޭގައި އެބަހުރި. ދިވެހިރާއްޖެއަކީ ޓޫރިޒަމްގެ ސިނާޢަތުގައި ނަމޫނާ ތަނެއް. މިއީ އުންމީދާއެކީ އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ އަޅުގަނޑުމެންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް. އެހެންވީމާ، މިކަން ކުރުމުގައި ހުރިހާ ސިޔާސީ ލީޑަރުންވެސް ބައިވެރިވާންވީ ނޫންތޯ؟ އޭރުންކަންނޭނގެ، އަޅުގަނޑުމެން ދެން ދާން އުންމީދުކުރާ މަރުޙަލާއާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭނީ.


އެހެންވީމާ، ހުޅުމާލެއަކީ މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ޒުވާނުންގެ އުންމީދުތަކާ ލާމެހިފައިވާ ތަނެއް. މުޅި ދިވެހިރާއްޖޭގެ ގުޅުން މިއޮތީ ހުޅުމާލޭގައި. ހުޅުމާލެއާއި މާލެއާވެސް ގުޅިގެން މިދަނީ. ހުޅުމާލެއާއި މާލެއާ ގުޅިގެންދާއިރު، އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ދެން ބޭނުންވަނީ އުފާވެރިކަމާއެކީ އުޅެވޭނެ އަމާން މުޖުތަމަޢެއް، އަޅުގަނޑުމެންގެ ތެރޭގައި ބިނާވެގެން ދިއުން.


މާތްﷲގެ ހެޔޮ ތައުފީޤު މިކަމުގައި މިންވަރު ކުރައްވާށި!


والسّلام عليــكم ورحـمــة اللّـه وبـركاتـه.