بســم اللّـه الرّحمـن الرّحيــم


އަޅުގަނޑު މިފަހަރު ރިޔާޟަށް މިކުރާ ދަތުރުގައި، ރިޔާޟުގައި މިހިރަ ދިވެހިރާއްޖޭގެ ސަފާރާއަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. އަދި ހަމަ ދަންނަވާލަން ބޭނުންވޭ، ވަރަށް ކުޑަކުޑަ ސްޓާފަކާއެކީ ވަރަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވަމުން އެބަ ގެންދަވާ. އެހެންވީމާ، ހަމަ ސަފީރުގެ އޮފީހުގައި މަސައްކަތް ކުރައްވާ ހުރިހާ ސްޓާފުންނަށް އަދި އެމްބެސެޑަރ ޙަމީދަށް ވަރަށް އިޚުލާޞްތެރިކަމާއެކީ މިކަމަށް ޝުކުރު ދަންނަވަން.


އަޅުގަނޑުމެންގެ ވިސްނުން، ނޫނީވިއްޔާ އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތަކަކީ، އަޅުގަނޑު ފުރަތަމަ ރިޔާޟް، ނޫނީވިއްޔާ ސަޢޫދީ ޢަރަބިޔާއާ ހަމައިން ފަށާނަން. ދެންމެ މިނިސްޓަރާއި އަދި އެމްބެސެޑަރ ދެއްކެވި ވާހަކަފުޅުގައި، ހަމަ ހުރިހާ ވާހަކަތަކަށް އަޅުގަނޑު ތާއީދުކުރަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި، ސަފީރުގެ އޮފީހުން މިކުރާ މަސައްކަތްތަކުގެ ތެރޭގައި، ދެކަމެއް އެބަވޭ، އެންމެ އިސް ދެކަމެއްގެ ގޮތުގައި ފާހަގަކުރެވޭ. އެއްކަމަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް، އަޅުގަނޑުމެންގެ އަމިއްލަ ތަޢައްޞުބަށް ބަރޯސާނުވެ އެބަޖެހޭ ބުނެދެވެން އިނގޭތޯ. އެއްވެސް ސްޓާފަކީ މަސައްކަތް ކުރައްވާއިރު، ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ރަސްމީ ނިންމުންތައް، ނޫނީވިއްޔާ ސަރުކާރުގެ ރަސްމީ ވިސްނުންތަކުގައި، އޭގެ ހަވާސާގައި އަމިއްލަ ޚިޔާލެއް އޮވެގެން، އެއްވެސް ޑިޕްލޮމެޓަކަށް، އަދި އެއްވެސް ބަޔަކާ ވާހަކަ ދައްކަވާ ބޭފުޅުން ކަމަށްވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. ސަފީރުގެ އޮފީހުން ކުރާ މަސައްކަތް، ސަފީރުންނަކީ ސަރުކާރުގެ ވިސްނުން، އެ ތިބޭ ޤައުމެއްގައި ރައްޔިތުންނާ ހަމައަށް އަދި ބޭރުގައި ބައްދަލުވާ ޑިޕްލޮމެޓުންނާ ހަމައަށް ގެންގޮސްދެއްވާ ބޭފުޅުން.


އެހެންވީމާ، އެކި މައްސަލަތަކުގައި، އެއީ ހަމައެކަނި ޚާރިޖީ ދާއިރާގެ މައްސަލަތަކަށް، ދާޚިލީ މައްސަލަތައް ކަމަށްވިޔަސް، އަދި ޢަދުލު އިންސާފުގެ މައްސަލަ ކަމަށްވިޔަސް، އަދި ދީނީ މައްސަލަތައް ކަމަށްވިޔަސް، ކެޕިޓަލުން ނިންމާ ކަންކަން ދިފާޢުކޮށްދޭން އެބަޖެހޭ އިނގޭތޯ. އެއީ ހަމަ ސަފީރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ސަފީރާ ހަމައިން އަދި އެންމެ އާދައިގެ މުވައްޒަފާ ހަމައިން ކޮށްދެވެންޖެހޭ ކަމެއް. އެހެންވީމާ، އެކަމުގައި ތަފާތު ގޮތްގޮތަށް ކަންތައްތައް ހިނގާކަމަށްވަންޏާ، ސަރުކާރަށް ދަތިވާނެ. އެއީ ސަރުކާރަށް، ސަރުކާރުގެ ވަޒީރުންނަށް އަބަދުއަބަދު ރާއްޖެއިން ބޭރަށް ދަތުރުފުޅު ނުކުރެއްވޭތީއާއި، އަދި އަބަދުވެސް ބޭރު ޤައުމުތަކާ އަޅުގަނޑުމެންނާ އޮންނަ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި ޤާއިމުކުރާ ތަންތަން ސަފީރުގެ އޮފީސް އަދި ސަފާރާތަކަކީ. އެހެންވީމާ، އެވަގުތަކު ދައުލަތުގެ ވިސްނުން އޮތްގޮތަކަށް ސަފާރާތަކުން ކަންކަން ކުރައްވަންވާނީ ދޮގެއްތޯ.


ދެވަނަކަމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހުރި މައިގަނޑު ކަންތައްތަކުގެ އިތުރަށް، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް އެބަ ކުރަން، އަޅުގަނޑުމެންގެ ސަފީރުގެ އޮފީސް ހުންނަ، ސަފާރާ ހުންނަ ތަނެއްގައި ދިރިއުޅޭ ދިވެހިންނަށް ޚިދުމަތް ކުރުން. ކޮންސިއުލަރ މަސައްކަތް ވަރަށް މުހިންމު. އެހެންވީމާ، ދެންމެ ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިގޮތަށް، ޙައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ އެހީތެރިކަން އިންތިހާއަށް ދޭންވާނެ. އޭގެއިތުރުންވެސް، މަދީނާގައި ކިޔަވަން އެބަތިބި ވަރަށްގިނަ ދިވެހި ކުދިން. ދިވެހި ޠާލިބުން އެބަތިބި. އެހެންވީމާ، އެކުދިންނަށް ދިމާވާ ކަންތައްތަކުގައި އަޅުގަނޑުމެން އެހީތެރިވާންވާނެ. ކޮންސިއުލަރ މަސައްކަތް ވަރަށް މުހިންމު.


އަޅުގަނޑު ކުރީފަހަރު އައި ދަތުރެއްގައި، ޙައްޖު ދަތުރެއްގައި މަދީނާގައި ތިބި ކިޔަވާކުދިންނާ އަޅުގަނޑުމެން ބައްދަލުކުރިން. ވަރަށްގިނަ ދަތިތައް ހުރެގެން އެކުދިން ކަންތައްތައް ހުށަހެޅި. އޭގެތެރެއިން ހަމަ ވަރަށްގިނަ މައްސަލަތައް އަޅުގަނޑުމެން ސަޢޫދީ ސަރުކާރަށް ހުށަހަޅާފައި ހުންނާނީ. ދެން އެނގިވަޑައިގަންނަވާނެ، ސަރުކާރުތަކުގެ ތެރޭގައި މަސައްކަތް ކުރެވޭއިރު، ކަންތައްތަކަށް ވަގުތު ނަގާނެ. އެހެންނަމަވެސް، މިހާރު މިއޮތް ސަރުކާރާއި، ދިވެހިރާއްޖޭގެ ސަރުކާރާ ދޭތެރޭގައި އޮތް ގުޅުން ހަމަ ވަރަށް ރަނގަޅު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ގިނަ ކަންތައްތައް ފުދިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ކޮންސިއުލަރ މަސައްކަތްތަކުގެ ތެރޭގައި ޙައްޖު ޢުމްރާގެ އިތުރަށް، ކިޔަވަން ތިބޭ ކުދިންނަށް އަޅުގަނޑުމެން އެހީތެރިވާންވާނެ. އެހެންވީމާ، އެކަން ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް.


ދެން އޮތީ ޚާރިޖިއްޔާގެ ރަސްމީ މަސައްކަތްތަކުގެ ތެރޭގައި، މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ، ދިވެހިރާއްޖެ ތަރައްޤީގެ ވިސްނުމުގައި ދުވެލި ތަންކޮޅެއް ހަލުއިކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް އަބަދުވެސް ބޭނުންވޭ، ބޭރުގެ ވިޔަފާރިތައް ރާއްޖެއަށް އައިސް، އެ ވިޔަފާރިތަކުން ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ލިބިގެންދިޔުން. ވަޒީފާތައް އިތުރުވެގެންދިޔުން. އަދި ރަނގަޅު ރިޕޯޓެއް އެމީހުން ދިވެހިރާއްޖެއާ ދޭތެރޭގައި ގެންގުޅޭ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންގެ ސަފީރުގެ އޮފީހުން ކުރާވަރުގެ މަސައްކަތްތަކެއް އެ ކުރެވެނީ. އެމީހުން އެވަނީ ޙަޤީޤަތުގައި ސަފީރުންނަށް ދިވެހިރާއްޖެއާ ބެހޭ ވާހަކަތައް، އެ ޤައުމުތަކުގެ ވިޔަފާރިވެރިން ގާތުގައި، އެ ޤައުމުތަކުގެ އިސް ފަރާތްތަކާ ހަމައަށް މައްސަލަތައް، ނޫނީވިއްޔާ ކަންކަން އުފުލައިދިނުމުގައި. އަޅުގަނޑުމެންނަށް ރަސްމީ ދާއިރާގައި ކުރެވޭ އެންމެ ކުޑަކުޑަ ކަމަކުންވެސް، ނޫނީވިއްޔާ އެމީހުންގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހިނގާ ކަމެއްގެ ތެރެއިން އެންމެ ކަމެއް ހިތްހަމަނުޖެހިގެންދިޔަސް، މީގެ ނެގެޓިވް، ނޫނީވިއްޔާ އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫ ވާހަކަތައް އަންނަލެއް މާބޮޑު. ރާއްޖޭގެ ޞަނާޢަތްތަކަށް، އެންމެ ބޮޑަށް މަސައްކަތް ކުރަމުން މިދަނީ ޓޫރިޒަމުގެ ޞަނާޢަތް. މި ޓޫރިޒަމް ޞަނާޢަތަކީ ހަމަ ދުނިޔޭގެ ހުރިހާ ވިޔަފާރިވެރިންނަށް ހުޅުވައިލެވިފައި އޮތް ޞަނާޢަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، ހަމަ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ބޮޑެތި ވިޔަފާރިވެރިން އެބައުޅޭ. ދިވެހިރާއްޖޭގެ މި ޚިދުމަތުގެ ދާއިރާގައި ހަމަ ދުނިޔޭގެ ނަން މަޝްހޫރު ހުރިހާ ބޮޑެތި ހޮޓެލް ޗެއިންތައް ދިވެހިރާއްޖޭގައި އެބަ ހަރަކާތްތެރިވޭ.


އެހެންވީމާ، އެތަންތަނުގެ މެނޭޖްމަންޓުން އަނެއްކާ ރިޓްޒްކަރލްޓަން އޭ ބުނެފިކަމަށްވަންޏާ، އެތަނަށް ޓްރެވަލް ކުރާ، ނޫނީ އެތަނުގެ ކޮޓަރިއެއް ނަގާ ކްލަޔަންޓެއްގެ ނޫނީ ފަތުރުވެރިއެއްގެ އެކްސްޕެކްޓޭޝަންތަކެއް ހުންނާނެ. އެހެންވީމާ، އެ އެކްސްޕެކްޓޭޝަންތައް ފުރިހަމަކުރަން މަސައްކަތް ކޮށްދިނުމަށް އަޅުގަނޑުމެން އިސްކަން މިދެނީ ފުރަތަމަ ދިވެހި މުވައްޒަފުންނަށް، ދިވެހިންނަށް ވަޒީފާދޭން. މިހެން ހިނގާ ކަންކަމުގެ ތެރޭގައި، ކުރެވޭ މުޢާމަލާތުގެ ތެރޭގައި، އަދި ބައެއް ރަށްރަށް، މި ފަޅު ރަށްރަށް، ބޮޑެތި ރަށްރަށް، ބައެއް ތަންތަނުން ރުއް ނަގައި، ގަސް ނަގައި، އަދި ޑިވެލޮޕްކޮށްފައި، ބައެއް ތަންތަނުގައި ރުއްޖަހައި، މިކަންކަން ކުރާއިރު، މިކުރެވޭ މަސައްކަތުގެ ތެރޭގައިވެސް ކޯޓާ ހަމަޔަށް މައްސަލަ ގޮސްގެން ޙައްލުކުރާ ކުރުމުގެ ތެރޭގައި، މިވާގޮތަކީ ހަމަ ވަރަށް ބޮޑެތި އިންވެސްޓަރުންނާ ދޭތެރޭގައި ކުދިކުދި މައްސަލަ ޖެހިގެން އަޅުގަނޑުމެންގެ ދިވެހިރާއްޖެއާ ބެހޭގޮތުން އެމީހުން ގެންގުޅޭ ތަޞައްވުރު ބަދަލުވެގެން ދިޔުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ފަސޭހަ ކަމަކަށްނުވޭ. އަޅުގަނޑުމެންނަކީ ހުޅުވިފައި އޮތް އިޤުތިޞާދެއް ގެންގުޅޭ ބައެއް. އޭގެ މާނައަކީ ހުރިހާ އެއްޗެއް އިމްޕޯޓްކޮށްގެން އަދި ބޭރުގެ ވިޔަފާރިތަކަށް ބަރޯސާވެގެން އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖައްސަމުން މިގެންދަނީ. މިއީކީ އެއްގޮތަކަށްވެސް ދެރަ ކަމެއްނޫން. އެންމެ ސްމާޓްކަމަކީ އަސްލުގައި ނެތް އެއްޗަކުން އެއްޗެހި އުފައްދައިގެން ދިރިއުޅެން ދަސްކުރުން. އެއީ އެންމެ ސްމާޓްކޮށް ވިޔަފާރިކުރާ ގޮތަކީ.


އެހެންވީމާ، އަޅުގަނޑުމެން މިތަނުގައި މިކުރާ މަސައްކަތުގެ ތެރޭގައި، ސަފީރުގެ އޮފީހުގެ ހުރިހާ ފެންވަރެއްގެ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވާ، ދިވެހިރާއްޖޭގެ ވިޔަފާރީގައި ހުޅުވިފައި ހުރި ފުރުޞަތުތައް ހުރިކަމާއި، އަދި ވިޔަފާރީގެ ރިޓަރންއަށް ބަލާކަމަށްވަންޏާ، އާމްދަނީ އަނބުރާ ލިބޭގޮތަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ފަހި ވިޔަފާރީގެ ފުރުޞަތުތަކެއް އޮތް ތަނެއް ކަމާއި، ޓޫރިޒަމުގެ މި މިސާލު ނަންގަވައިފި ކަމަށްވަންޏާ، ހަމަ ތިޔަބޭފުޅުންނަށް ކިތަންމެ ވާހަކަފުޅުތަކެއް ދެއްކެވޭނެ. އެއީ ހަމަ ހުރިހާ ސަފީރުންނާ ހަމައިން ދެއްކެވޭނެ ވާހަކަފުޅުތަކެއް. އަދި ސަފީރުންގެ ތެރެއިން، އެކި ޤައުމުތަކުގެ ވިޔަފާރިވެރިންނަށް، މިރަށުގެ ވިޔަފާރިވެރިންނަށް އަޅުގަނޑުމެންގެ މި މެސެޖު އެބަ ކެރީ ކުރެވެންޖެހޭ.


ތިންވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކޮންމެ ސަފާރާއަކުންވެސް އަޅުގަނޑުމެން އެދޭ އެއްކަމެއް އޮވޭ. އަޅުގަނޑުމެންނަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ސަފީރުގެ އޮފީހެއް ޤާއިމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަކީ ހަމަ ރިސޯސްއަށް ބަލައިފި ކަމަށްވަންޏާ، އެވަރުގެ ރިސޯސްއެއް އޮތް ބަޔަކަށްނުވޭ. އެހެންވީމާ، ބޭރުގެ ސަފީރެއްގެ އޮފީހުގައި މަސައްކަތް ކުރަން ލިބިވަޑައިގަތުމަކީ، މުޅި ރައްޔިތުންނަށް، ރާއްޖޭގެ ދައުލަތަށް ޚިދުމަތް ކުރަން ލިބޭ، ވަރަށް ތަނަވަސް ޚިދުމަތެއް ކަމަށް، ނޫނީ ފުރުޞަތެއް ކަމަށް ގަބޫލުކުރައްވާ. އެއީ ތިޔަބޭފުޅުންނަށް، އަޅުގަނޑު ހަމަ މިސާލެއް މި ދަންނަވަނީ. އަޅުގަނޑުމެން ސަފީރުގެ އޮފީސްތަކެއް ނުހުންނާނެ، އެފްރިކާގެ އެއްވެސް ޤައުމެއްގައެއް. އެފްރިކާގެ އެއްވެސް ޤައުމަކީ، އަޅުގަނޑުމެންގެ ސަފީރުގެ އޮފީސް ހުރި ތަންތަނެއް ނޫން. އެކަމަކު ރިޔާޟުގައި އެފްރިކާގެ އެތައް ޤައުމެއްގެ ސަފީރުގެ އޮފީސް ހުންނާނެ. މިއީ އަޅުގަނޑުމެން ޓަޗްނުކޮށް ދޫކޮށްލާފައި އޮތް ބޮޑު ކޮންޓިނެންޓެއް، ބޮޑު ބައްރެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ސިޔާސީ މަސައްކަތުގައި، ޑިޕްލޮމެޓިކް މަސައްކަތުގައި އަދި ރާއްޖެއަށް އަމާޒުވާ ނުޙައްޤު އެކިއެކި ތުހުމަތުތަކުގައި، މި ހުރިހާ ސަފީރުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ.


އެހެންވީމާ، އެންމެ ބޮޑަށް ކުރެވޭ އެއް މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ސަފީރުގެ އޮފީސް، ނޫނީ ސަފާރާތައް ނެތް ތަންތަނުގެ ސަފީރުންނާ ގާތް ގުޅުމެއް އުފައްދަން އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ އިނގޭތޯ. އެހެންވީމާ، އެފްރިކާއަކީ މިގޮތަށް އަޅުގަނޑުމެންގެ ސަފީރުން ހަމަ ވަރަށް ހަރަކާތްތެރިވެވަޑައިގަންނަވަންޖެހޭ ކޮންޓިނެންޓެއް، އަޅުގަނޑުމެންގެ ސަފީރުގެ އޮފީސްތައް ނެތީމާ. މުހިންމު ބޮޑެތި ކަންކަމުގައި ދުނިޔޭގެ ބަސް، ނޫނީ ދުނިޔޭގެ ރައުޔު ނިންމާ، އެއީ ހަމަ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ތެރެއިން، ޖަމާޢަތްތަކުން، ޖަމުޢިއްޔާތަކުން. މިސާލަކަށް، 2019 ވަނަ އަހަރު، މީގެ 2 އަހަރެއްހާ ދުވަސް ފަހުން، އަޅުގަނޑުމެން މިއުޅެނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ނޮން ޕަރމަނަންޓް މެންބަރެއްގެ ގޮތަށް އަޅުގަނޑުމެންނަށް ހަރަކާތްތެރިވެވޭތޯ އެ ކެންޑިޑޭޗަރ އަޅުގަނޑުމެން ކޮއްޕަން ނޫނީ ކުރިއަށް ނެރެގެން މިއުޅެނީ. މި މަސައްކަތުގައި ހަމަ އ.ދ.ގެ ކޮންމެ ޤައުމަކަށްވެސް ދިވެހިރާއްޖެއަށް އެއް ވޯޓު ދެވޭނެ. ކިތަންމެ ބާރުގަދަ ޤައުމަކަށްވެސް ދެވޭނީ އެއް ވޯޓު. އެކަމަކު ނުފޫޒު ގަދަ، ބާރުގަދަ ޤައުމުތަކަށް އެ ލިބޭ އެއް ވޯޓުވެސް އަޅުގަނޑުމެންނަށް ނުލިބި، އެހެން ގޮތަކަށް ގެންދަން މަސައްކަތް ކުރެވިދާނެ. އެކަމަކު އެ މަސައްކަތް ކުރުމުގައި، އެމީހުންނަކަށް ފަސޭހައެއްނުވާނެ، މިހާރުވެސް ދުރާލާ އަޅުގަނޑުމެން މަސައްކަތް ކޮށްގެން، މި ދެންނެވި ގޮތަށް އެކި ޤައުމުތަކުގެ ސަފީރުންގެ ތެރެއިން އަޅުގަނޑުމެންގެ ކެޕިޓަލާ ރަޙުމަތްތެރިކަން ޑިވެލޮޕްކޮށްގެން، އެ ވޯޓުތައް ހޯދަން އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. މިހާރުވެސް އަޅުގަނޑުމެންނަކީ އެއޯސިސްގެ މިވަގުތުގެ ޗެއަރ. އެހެން ނޫންތޯ؟ ކުދި ޤައުމުތަކަށް މި ދިމާވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކުގައި.


ދުނިޔޭގައި، ދިވެހިރާއްޖެއަށް މުހިންމު އެކިއެކި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖެއިން އިސްނަގައިގެން ވަރަށްގިނަ މަސައްކަތްތައް އެބަކުރޭ. މަސްވެރިކަމުގެ ދާއިރާގައި، މިސާލަކަށް. އިންޑިއަން އޯޝަން ރިމް ކަންޓްރީޒްގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާގައި އަޅުގަނޑުމެންނަކީ ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރާ ބައެއް. އެ ސަބަބަކީވެސް ދިވެހިރާއްޖޭގައި މިއޮތީ ޓޫރިޒަމް ނަގާފައި، މައިގަނޑު މަސައްކަތަކަށް މަސްވެރިކަން. އަޅުގަނޑުމެންގެ ޤުދްރަތީ ރިސޯސްއަކަށް މިއޮތީ މަސްވެރިކަން. އެހެންވީމާ، މަސްވެރިކަމަށް އަންނަ ކޮންމެ ބަދަލެއް އައުމަކީ، އަޅުގަނޑުމެންނަކަށް ކަމުދާ ބަދަލަކަށްނުވޭ. މިސާލަކަށް، ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި މަނާކުރެވިފައި ހުންނަ ކަންކަން. އެކަމަކު އެބައެއްގެ ޞަނާޢަތަށް މަސްވެރިކަން އެހާ މުހިންމު ނޫން ޤައުމުތަކުގައި، އެމީހުން ލައިސަންސްތައް އެބަ ދޫކޮށްލައި، ވިއްކާލާ ބޭރުގެ އެކިއެކި ޕަރޗޭސަރުންނަށް ޕަރޗޭސް ކުރަން. އަޅުގަނޑުމެންގެ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރޭގައިވެސް މިކަން އެބަ ހިނގާ.


އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވެންޖެހޭ ހުރިހާ މަސައްކަތެއް، ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިއޮތީ އަޅުގަނޑުމެންގެ މި ރިސޯސް ސަލާމަތް ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ މަސްވެރިންގެ ހިމާޔަތުގައި ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި. އެހެންވީމާ، ފިޝަރީޒުގެ ދާއިރާގައި މިނިސްޓަރ ޝައިނީއާއި، ފިޝަރީޒުގެ އިސްބޭފުޅުން ކުރައްވާ މަސައްކަތްތަކެއް އަޅުގަނޑުމެން ފާހަގަކުރަން. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންނަށް ސެންސިޓިވް، އަޅުގަނޑުމެންނަށް މުހިންމު މައްސަލަތަކުގައި އަޅުގަނޑުމެންގެ ސަފީރުންގެ ދައުރު ވަރަށްބޮޑު.


ދެން ރިޔާޟުގައި ތިއްބަވާ ސަފީރުންވެސް އަދި ސަފީރުންގެ ދަށުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް، އެއްގޮތަކަށްވެސް ވިދާޅުވެގެން ނުވާނެ، ތިމަންނަމެންނަކަށް ދިވެހިރާއްޖޭގެ ކަންކަމެއް ނޭނގެއޭ، އިނގޭތޯ. އެހެންނެއް އަޅުގަނޑުމެންނަކަށް ނުބުނެވޭނެ ދޮގެއްތޯ. އަޅުގަނޑުމެންނަށް ކަމެއް ނޭނގޭކަމަށްވަންޏާ، އެކަން އޮންނަގޮތް އޮޅުންފިލުވުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިވަރުގެ ދައުލަތަކަށް، މުޅި ދައުލަތަށް، މުޅި ދިވެހިންނަށް ޚިދުމަތް ކުރުމުގައި، ހަމަ މިވަރުގެ ރަނގަޅު ފުރުޞަތެއް ލިބިވަޑައިގަންނަވާ ބޭފުޅުން މަދުވާނެ. އެއީ ވަރަށްގިނަ ތަފާތު ކަލްޗަރުތަކުގެ ބޭފުޅުންނާ ބައްދަލުވަނީ، ވަރަށްގިނަ ސަފީރުންނާ ބައްދަލުވަނީ. ސަފީރުންނަކީ ކޮންމެ ދައުލަތެއް ރެޕްރެޒެންޓް ކުރާ އެންމެ އިސް ފަރާތް. އެހެންވީމާ، ސަފީރުންގެ ބަހަކީ ކެޕިޓަލްގައި ވަރަށް ހިނގާ ކަމަކަށްވާނެ.


އެހެންވީމާ، ދިވެހިރާއްޖެއާ ދޭތެރޭގައި، އެފްރިކާގެ ޤައުމުތަކުގެ ސަފީރުންގެ ބަސް އަޅުގަނޑުމެންނަށް މިގޮތަށް ހަމްދަރުދީއާއެކީ ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން އ.ދ.ގައި މި ދެންނެވި ގޮތަށް ކުރާ މަސައްކަތްތަކުގައި، އަޅުގަނޑުމެންނަށްވާ ފައިދާތަކެއް ވާނެ. ހަމަ އެގޮތަށް، ޑަބްލިޔޫ.އެޗް.އޯ.ވެސް. މިހާރު ޑަބްލިޔޫ.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލެއް ހޮވުމުގައި، އެސެމްބްލީގެ މަސައްކަތް ހިނގަމުންދަނީ. އަޅުގަނޑުމެންވެސް އަޅުގަނޑުމެންނަށް ހުށަހެޅިފައި ހުރި ނަންތަކުގެ ތެރެއިން ތާއީދުކުރާ ނަންނަން އެބަ ގެންގުޅެން. ލޮބީ ކުރާނެ ހުރިހާ ޤައުމަކުންވެސް، އެ ޤައުމަކުން ކުރިމަތިލައްވާފައި ހުރި ކެންޑިޑޭޓެއް ހޮވުމަށްޓަކައި. އެކަމަކު ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކުން ކީއްވެގެންތޯ އަޅުގަނޑުމެންގެ ބަސް، ނޫނީ އަޅުގަނޑުމެންގެ އަޑު، ދުނިޔޭގައި އުފުލަން މި މަސައްކަތް ކުރަނީ. މިއީ ހަމަ ވަރަށް ޖާއިޒު ސުވާލެއް. މިއީ ހަމަ ކީއްވެގެން ކުރާ ކަމެއްތޯ، އަޅުގަނޑުމެންނަށް އެނގެންވެސްޖެހޭނެ. އަޅުގަނޑުމެންނަށް މިހާރުގެ ސަރުކާރަކަށް ކޮންމެ ކަމެއް އޮންނަ ގޮތަށް އޮވެގެން ދިޔުން ހެވެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަނީ ދުނިޔޭގެ ލީޑަރުންނަށް ކަންކަން ބަދަލުކުރެވޭނެއޭ. އިންސާނިއްޔަތަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނީ، ލީޑަރުން އެއްބަސްވެގެން، ލީޑަރުން އިސްނަގައިގެން ކަންތައްތައް ކުރީމާ. އޭގައި ހަމަގައިމުވެސް ދެކެވިފައި ހުރި ވާހަކަތަކާއި އެއްބަސްވުންތަކަށް ބަލާކަމަށްވަންޏާ، އިއްޔެ ނިމިގެން މިދިޔަ ޢަރަބި އިސްލާމިކް ސަމިޓް، ޔޫ.އެސް. ރައީސާއެކީ، މި ނިމިގެންދިޔަ ސަމިޓުގައި މުޅި ދުނިޔެއަށް އެންމެ އާންމުވެފައި އޮތް މުޞީބާތް، ނޫނީ އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމުގެ ހަރަކާތް.


އެހެންވީމާ، ޓެރަރިޒަމުގެ ހަރަކާތަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އިސްލާމީ ހުރިހާ ދައުލަތްތަކުން އެއޮތީ އެއްބަސްވެފައި. 55 ދައުލަތް އިއްޔެ އެތަނުގައި ތަމްސީލުކުރި. ހުރިހާ ޤައުމުތަކުން އެއޮތީ އެއްބަސްވެފައި. ދެން މީގައި، މި މައްސަލައިގައިވެސް އަޅުގަނޑު ބޭނުމެއް ނޫން، މީހެއްގެ އަމިއްލަ އިޢުތިޤާދު ދައުލަތުގެ ސިޔާސަތުގެ ކުރިއަށް ނެރޭކަށެއް. ކޮބައިތޯ އިސްލާމްދީނުގައި ޖިހާދަކީ؟ ޖިހާދު ނޫންގޮތަށް ކަންކަންވަނީ ކިހިނެއްތޯ؟ މިއީ ޢިލްމުވެރިންނަށް ދޫކޮށްލަންޖެހޭ ކަމެއް އިނގޭތޯ. އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ފިކުރަކުން އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ، މިވެނި ތަނެއްގައި އޮތީ ޖިހާދެކޭ. އެވެނި ތަނެއްގައި އޮތީ ޖިހާދެއް ނޫނޭ. އެއީ އެތަނެއްގައި އެއޮތީ މަދަނީ ހަނގުރާމައެކޭ. އެއީ އަޅުގަނޑުމެންނަކަށް ނިންމޭނެ ކަމެއްނޫން. މަދަނީ ކަންކަމުގައި އަޅުގަނޑުމެން މުޢާމަލާތް ކުރަނީ ޚާރިޖިއްޔާ ތެރެއިން. ޚާރިޖީ ސިޔާސަތުގައި އަޅުގަނޑުމެން ސީރިއާއާ ދޭތެރޭގައި މިއޮތީ، އެތަނުގައި އޮންނަ ދައުލަތާއި އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތީ އެއްބަސްވުންތަކެއް އެއްބަސްވެފައި. އެއީ، އ.ދ. ގެ ބޮޑު ފެމިލީގެ މެންބަރެއް.


އެހެންވީމާ، އެމީހުންނަށް ދިމާވެގެން އުޅޭ ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ދާޚިލީ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެން ގޮތްކިޔައި ހެދުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑުމެންނަށް އުނދަގޫ ދޮގެއްތޯ، އަޅުގަނޑުމެންގެ ކަންކަމުގައި އަޅުގަނޑުމެންގެ އަމިއްލަ ކަންކަމުގައި، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގައި އެހެން މީހުން ބަސްކީމާ އަޅުގަނޑުމެންނަށް އުނދަގޫވޭ ދޮގެއްތޯ. އެހެން ކަމަށްވަންޏާ، ސީރިއާގައި ހިނގާ ކަންކަމުގައި، އަޅުގަނޑުމެންގެ އަމިއްލަ އިޢުތިޤާދު، އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމަށް، ނޫނީ އަޅުގަނޑުމެންގެ އަމިއްލަ ފިކުރަށް ބަސްކިޔައިފައި، އެކަންކަމުގައި އަޅުގަނޑުމެން ބައިވެރިވުމަކީ ދެރަކަމެއް. އެއީ، ދައުލަތްތައް ދުނިޔޭގައި ހަރަކާތްތެރިވަނީ ދައުލަތްތައް، ދައުލަތްތަކުގެ ލެވެލްގައި. މިއަދު ސީރިއާގައި، ސީރިއާގެ ދައުލަތުގައި އިސްކޮށް އެ ހުންނެވީ ސީރިއާގައި އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން އެމީހުންނަށް ބަސްކިޔަން ހުރި ވަލިއްޔުލްއަމްރެއް. ޤާނޫނީ ހަމަތަކުގެ މަތިން އެކަން ނިމުމަކަށް އައިސް، އެތަނުގައި އަނެއްކާވެސް ބަސްކިޔާނެ އެހެން މީހަކު ރައްޔިތުން ދައްކަންދެން، އަޅުގަނޑުމެން ދައުލަތެއްގެ ނަމުގައި މުޢާމަލާތް ކުރާނީ ސީރިއާގެ ދައުލަތާ.


އެހެންވީމާ، ދިވެހިންގެ ތެރޭގައި އޮތް ފަރުދީ ވިސްނުމުގެ، ފިކުރުގެ ތަފާތު ހުރެގެން، އެއީ އަދި އަޅުގަނޑުމެންގެ ޢިލްމުވެރިން ކަމަށްވީނަމަވެސް، ހުރެގެން މިކަންކަން ދައުލަތުގެ ބަހުގެ މައްޗަށް، ނޫނީ ޚާރިޖީ ގުޅުމުގެ މައްޗަށް އިސްކޮށް، ޕްރަޔޯރިޓީ ނަގައިފިއްޔާ، އަހަންމިއްޔަތުކަން ނަގައިފި ކަމަށްވަންޏާ، މީގެ އުނދަގޫތައް އަޅުގަނޑުމެންނަށް ހުންނާނެ. މިހާރު ދިވެހިރާއްޖޭގައި ތަޙައްމަލު ކުރަމުން މިދަނީ މިކަހަލަ އުނދަގޫ. އަޅުގަނޑުމެންނަށް ޔޫރަޕުން، އެމެރިކާއިން ބޮޑަށް އެންމެބޮޑަށް ދަތިވެގެން މިދާ މައްސަލައަކީ، ހަމަ މި ދެންނެވި ކަހަލަ ކަންކަމުގައި އަޅުގަނޑުމެންނަށް އޭގެ ޒާތުގައި އަޅުގަނޑުމެން އެވަރުން ބެހެން ނުޖެހޭ ކަންކަމުގައި ފަރުދީގޮތުން އަޅުގަނޑުމެންގެ ދައުލަތުގެ މަޞްލަޙަތު ހަވާސާކޮށްފައި، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކުރެވޭ ކަންކަމުގެ ނުބައި ނަތީޖާ އަޅުގަނޑުމެންނަށް މިހާރު ބައްދަލުކޮށްގެން އެކަންކަމުން އަރައިނުގަނެވިގެން ދިވެހި ދައުލަތް މިއުޅެނީ. އެކަމަކު އަޅުގަނޑުމެން ދިވެހި ދައުލަތުން މިފަހަރުގެ ޒަޢާމަތާ މި ހަވާލުވީ، ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް އަޅުގަނޑުމެންގެ ތަރައްޤީއަށް، އިންސާނީ ތަރައްޤީއަށް، އަޅުގަނޑުމެންގެ ތަނަވަސްކަމަށް އަޅުގަނޑުމެންގެ ރަށްރަށުގައި އެހެރަ ނިކަމެތި ހާލަތުން، ރަށްރަށުގެ ރައްޔިތުން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަކަށް އަޅުގަނޑުމެން އާނ ބަސްބުނެގެން އެކަންކަން ކޮށްދޭނަމޭ ކިޔައިފައި. އެކަމަކު މިހާރު މިދިމާވަނީ ކިހިނެއްތޯ؟ މިހާރު އެކަންކަން އޮތްތާ އޮއްވައި، އަޅުގަނޑުމެން މުޅިން އެހެން ކަމެއްގައި، އަޅުގަނޑުމެންގެ މަސައްކަތްތަކާއި، ވަގުތު ހޭދަކުރަން މިޖެހެނީ.


އަބަދުވެސް ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދައުލަތް، ހުޅަނގުގެ އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް ފާހަގަކުރެވި، އެ ހަނގުރާމައިގެ ތެރޭގައި އަޅުގަނޑުމެން އުޅެން މިޖެހެނީ. މިއީ ކީއްކުރަން އަޅުގަނޑުމެން އަމިއްލައަށް ކުރާ ކަމެއްތޯ؟ އެހެންވީމާ، ފަރުދީގޮތުން، އަޅުގަނޑުމެންގެ އަމިއްލަ ފިކުރު މުޅި ދައުލަތުގެ ފިކުރިއްޔާތުގެ މައްޗަށް ނެރެވި މުޅި ދުނިޔޭގެ އޮޔާއި ވަޔާ ދެކޮޅަށް ހިނގަން ޖެހުނީމާ، މިކަހަލަ އުނދަގޫ އަޅުގަނޑުމެންނަށް އުފުލަން މިޖެހެނީ. އޭގެ ނަތީޖާއަކަށްވާނެ ކަންތައްތަކަކަށްވެސް ވިސްނާވަޑައިގަންނަވާ. މިދާގޮތަށް މިކަންކަންގޮސް އަޅުގަނޑުމެންނަށް އެކަންކަން ޙައްލުނުކުރެވިދާ ކަމަށްވަންޏާ މާދުރުގައި އޮންނާނެކަމެއްނޫން، އަޅުގަނޑުމެންގެ ދައުލަތުގެ އެކި ފެންވަރުގެ މީހުންނަށް، އެއީ ވެރިން ކަމުގައިވީނަމަވެސް، އާދައިގެ މީހުން ކަމުގައިވީނަމަވެސް، ރައްޔިތުންނަށް އެކި ދައުލަތްތަކަށް ދިޔުން މަނާވެސްވާނެ. ވިސާވެސް ނުލިބޭނެ. އުނދަގޫވެސްވާނެ. ދެން މިއީ ހަމަގައިމުވެސް، އަޅުގަނޑުމެން އޭގެ ނަތީޖާއާ ކުރިމަތިލާން ބޭނުންވާ ކަންކަމެއްނޫން. މިސާލަކަށް، އަޅުގަނޑުމެން ބޭހަށް ދަތުރުކުރާ ޤައުމުތަކުގައި، މިކަންކަން ބޮޑުވެގެންގޮސް، މިކަންކަން މައްސަލައަކަށް ވެގެންގޮސް، އެތަންތަނުގެ ސަރުކާރުން އެތަންތަނުގެ ދައުލަތުން އަޅުގަނޑުމެންނަށް އެކަހަލަ ފިޔަވަޅެއް އަޅަން ނިންމައިފި ކަމަށްވަންޏާ، ދެން ވަކި މި ސަރުކާރަކަށް ދިވެހި ދައުލަތަކަށްވެސް ކޮށްދެވޭނެ ކަންކަމެއް ނުހުންނާނެ ދޮގެއްތޯ!


އެހެންވީމާ، ޚާރިޖީ ސިޔާސަތަށް އިސްކަން މި ދެވެނީ، މިކަހަލަ މައްސަލަތައް ޙައްލުކުރުމަކީ، ޚާރިޖީ ސިޔާސަތުގެ ތެރެއިން ދޭދޭ ދައުލަތްތަކުގެ ތެރޭގައި ދައުލަތް ދައުލަތާ ދޭތެރޭގައި ހުންނަ ލެވެލްގައި ހުންނަ ކަންކަމަށް. މިކަންކަމުގައި ދައުލަތުގެ ވިސްނުމާއި، ދައުލަތުގެ މަޞްލަޙަތާއި، ދައުލަތުގެ ސިޔާސަތު އެއްފަރާތުގައި ބާއްވައިފައި، އަމިއްލަ ފިކުރާއި، އަމިއްލަ ވިސްނުމާއި، އަމިއްލަ އީމާން، ނޫނީ އަމިއްލައަށް ގަބޫލުކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް، ވަކިވަކި ފަރުދުން މިގޮތަށް މަސައްކަތްކުރީމާ ދަތިތައް ކުރިމަތިވާނެ. އަދި ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި އުޅުއްވާ ދިވެހި ރައްޔިތުން މިކަހަލަ ކަންތައްތައް ކުރެއްވީމާ، ހަމަ މީގެ އުނދަގޫ އެބަޖެހޭ. އެކަންކަން ޙައްލުކުރަން އަޅުގަނޑުމެންނަކަށް ފަސޭހައެއްވެސްނުވޭ.


އެއްބަޔަކު މި މަސައްކަތް ކުރަނީ، ސިޔާސީ ބޭނުމުގައި ނަމަވެސް، މި ދިވެހި ދައުލަތުން މިކުރާ ކަންކަމުގެ ތެރޭގައި މިދެންނެވި ހުރިހާ ނުރައްކަލަކާއެކީ، ދިވެހި ދައުލަތުން ކުރާ ކަންކަން ކަމުގައި ސިފަވާގޮތަށް، ދުނިޔޭގެ ޤައުމުތަކަށް ވިސްނައިދޭން ކުރާ މަސައްކަތްތައް މި ހިނގަނީ. ހިނގާއިރު އޭގެތެރޭގައި މަދުން ނަމަވެސް، އަޅުގަނޑުމެން ޢަމަލީގޮތުން އެބަ ބައިވެރިވޭ، އަޅުގަނޑުމެންގެ ފަރުދުން. ސީރިއާއަށް ދިވެހިން ދާ ކަމަކީ، އަޅުގަނޑުމެންނަށް ނޭނގޭ ކަމެއްނޫން. އެކަމަކު ދުނިޔޭގެ އެކިއެކި ޤައުމުތަކުން، އެ ބުނާ މިންވަރަށާއި އަދި އަޅުގަނޑުމެންނާ ހަމައަށް އެ ހުށަހެޅޭ މިންވަރަށް ބަލާއިރު، އެ އަންނަނީކީ ރަނގަޅު ވާހަކަތަކެއް ނޫން. އަދި ސީރިއާއަށް ދަތުރުކުރުމަކަށް ސަރުކާރުން ހިތްވަރެއްވެސް ނުދޭނެ.


އެހެންނަމަވެސް، ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ދިވެހި ރައްޔިތުން ހަމަ އެކިއެކި ޤައުމުތަކުން، މަދުމަދުން ނަމަވެސް، އެބަ ސީރިއާއަށް ދަތުރުކުރޭ. އެމީހުން ގަބޫލުކުރާގޮތުގައި އެމީހުން އެ ޖިހާދުގައި ބައިވެރިވާން ކުރާ ދަތުރެއް މިއީ. އެހެންނަމަވެސް، މިއަދުގެ ދުނިޔޭގައި ކަންކަން ހުރިގޮތަށް ބަލާއިރު، ޓެރަރިޒަމަކީ ހަމައެކަނި އިސްލާމީ ދައުލަތްތަކާ ހަމައިން، ނޫނީވިއްޔާ ކުދިކުދި ޤައުމުތަކާ ހަމައިން އުފުލަންޖެހޭ ނުރައްކަލެއް ނޫން. ދުނިޔޭގެ އެންމެބޮޑެތި ޤައުމުތަކަށްވެސް މިކަން އެއޮތީ މެދުވެރިވެފައި ދޮގެއްތޯ؟ އެމެރިކާއަކީ ޓާގެޓަކަށްވެގެން ހިނގައްޖެ ދޮގެއްތޯ؟ ފުރާންސް، ޕެރިސް، ސުޕެއިން ދެން މިހެން ކިޔާނެ ކަމެއްނެތް ދޮގެއްތޯ؟ އެތަންމިތަން، އިނގިރޭސިވިލާތް، އިންޑޮނީޝިއާ، ކުޑަވެގެންއައިސް ދިވެހިރާއްޖެ. އެހެންވީމާ، ނެތެއްނޫންތޯ؟


އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް، އަމިއްލަ ނަފުސަށް ވިސްނައިލައިފައި، އަޅުގަނޑުމެންގެ ދަރިއަކަށް، އަޅުގަނޑުމެންގެ ލޯބިވާ މީހަކަށް މިކަހަލަ ކަމެއް ޖެހިއްޖެ ކަމަށްވަންޏާ، ހިތަށް އަންނަ ދެރަ، އަޅުގަނޑުމެން ވިސްނައިލައިފި ކަމަށްވަންޏާ، މިކަހަލަ ކަންކަމުން ސަލާމަތުން ދިވެހިން ތިބުމަކީ، ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ދިވެހިން ތިއްބެވުމަކީ، މުޅި ދިވެހި އިންސާނިއްޔަތަށް ކޮށްދެވޭ ރަނގަޅު ކަމަކަށްވާނެ. އޭރުން ދައުލަތުގެ ރިސޯސަސްއަށާއި، ދައުލަތުގެ ވިސްނުމާއި، އަޅުގަނޑުމެން މިދެންނެވި ގޮތަށް ދައުލަތުން މުޅި ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް އަޅުގަނޑުމެންނަށް %100 އަޅުގަނޑުމެންގެ ވަގުތާއި، އަޅުގަނޑުމެންގެ ރިސޯސް ދެވޭނީ އެގޮތަށް މަސައްކަތް ކުރެވިގެން ދޮގެއްތޯ؟


އެހެންވީމާ، އަޅުގަނޑު އެދެން، ރިޔާޟުގައި މިހިރަ ސަފީރުގެ އޮފީހުގައި މަސައްކަތް ކުރައްވާ ހުރިހާ ފެންވަރަކުންވެސް ދިވެހިރާއްޖެއާ ބެހޭގޮތުން ހެޔޮބަހެއް ބުނުމަކީ، އަޅުގަނޑުމެން އެތައްހާސް ދިވެހިންނަކަށް ތިޔަބޭފުޅުންނަށް ކޮށްދެވޭ ޚިދުމަތަކަށްވާނެ. ދިވެހިރާއްޖެއިން މިހާރު މިކުރާ މަސައްކަތަކީ، އަދި ސިޔާސީ ވާދަވެރިން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިނަމަވެސް، އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލުކުރާ، ތަރައްޤީގެ އެއް މިންގަނޑަކީ، ދައުލަތަކަށް ލިބޭ އާމްދަނީ ބޯބޯމަތިން ބަހައިލީމާ، މީހަކަށް އާމްދަނީ ޖެހޭވަރަކީ، ކިހާވަރެއްތޯ؟ މިސާލަކަށް ޖީ.ޑީ.ޕީ. ޕަރ-ކެޕިޓާ، އޭގެ މާނައަކީ ކޮންމެ މީހަކަށް އެ އަދަދަށް ފައިސާ ލިބެއެކޭނޫން. އެކަމަކު އޭގެ މާނައަކީ، ދައުލަތުގެ ތަނަވަސްކަން އެބަހުއްޓޭ، އަހަރުދުވަހުގެ ތެރޭގައި ދައުލަތުގައި ހިމެނޭ ހުރިހާ ރައްޔިތުންގެ މައްޗަށް، ނިސްބަތުން ބަހައިލައިފި ކަމަށްވަންޏާ، އެ ފައިސާ ނެރުމުގެ ޤާބިލުކަން، ފުރުޞަތު އެބައޮތޭ.


އަޅުގަނޑުމެންގެ ސަރުކާރުގައި 3 އަހަރު މިވީ. އަޅުގަނޑުމެންގެ ސަރުކާރުގައި މިދިޔަ 3 އަހަރުގެ ތެރޭގައި ފަރުދެއްގެ މައްޗަށް މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ އުފެއްދުންތެރިކަން، ނޫނީވިއްޔާ އުފެއްދުންތެރި ކަމަށް ލިބޭ އާމްދަނީ ބޯބޯ މައްޗަށް ބަހައިލީމާ، ޖެހޭ އަދަދު 3000 ޑޮލަރަށްވުރެ މައްޗަށް އިރާދަކުރެއްވިއްޔާ އިތުރުކުރެވިއްޖެ. އެއީ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އިޤުތިޞާދުގެ ހަކަތަ މިއަދު ހުރިވަރު، ނޫނީވިއްޔާ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ސަރުކާރުން ހިންގައިދިޔަ މަޝްރޫޢުތަކަކީ، ފޫނެތްފަޔަށް ފެންއެޅުން ކަހަލަ ކަމަކަށްނުވާކަން ދަލީލުކޮށްދޭ ކަމަކީ މިއީ.


އަޅުގަނޑުމެން މީގެ ސާޅީހަކަށް އަހަރު ކުރިން އަޅުގަނޑުމެންގެ ޕަރ-ކެޕިޓާ އިންކަމް މިވަނީ ގާތްގަނޑަކަށް 200 ޑޮލަރަށްވުރެން ދަށުގައި. ރައީސް މައުމޫނުގެ ދިގު ޚިދުމަތުގެ ފަޚުރުވެރި އަހަރުތައް ނިންމަވައިލެއްވިއިރު، އަޅުގަނޑުމެން ގާތްގަނޑަކަށް 3500، 4000 އާ ހަމައަށް އަރާފައި. ނޫނީ ހަތަރުހާހަށްވުރެ ކުޑަތަންކޮޅެއް މަތީގައި އުޅެނީ. އޭގެފަހުން 2 އަހަރު 3 އަހަރު ވެގެންދިޔައީ. އޭގެފަހުން މިދެންނެވި 3 އަހަރުގެ ތެރޭގައި އަދަދު މިއޮތީ 3000 އަށްވުރެ މައްޗަށް ބޮލަކަށް ޖެހޭ ޑޮލަރު ގެންދެވިފައި.


ރައްޔިތުން ބޭނުންވާނީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ދަތިތައް ފިލުން. އެހެންވީމާ، އެކަން ކުރުމުގައި، ސަރުކާރަށް ފުރުޞަތު ހޯދައިދިނުމުގައި މިދެންނެވި ގޮތަށް އަމިއްލަ ޚިޔާލު ދޫކޮށްލައި އަދި ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބޭފުޅުން އަމިއްލަ ޚިޔާލުދޫކޮށްލައިފައި، ދައުލަތުން ކުރާ މަސައްކަތްތަކަކީ، ރައްޔިތުންގެ ލާބައަށް ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުންގެ ފައިދާއަށް ކުރެވޭ މަސައްކަތް ކަމަށްވަންޏާ، އެކަންކަން އާންމުކުރަންވީ. އެކަންކަން އިޢުލާނު ކުރަންވީ. އޭގެ ނަތީޖާ ކިޔައިދޭންވީ ދޮގެއްތޯ. އެ ކިޔައިދޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަކަށް ނޫން، ވިސްނައިދޭންވީކީ. އެ ހަމަ ވިސްނައިދޭންވީ އެހެން ދައުލަތްތަކުގެ ސަފީރުންނަށް އަދި ވިޔަފާރި ކުރާ އެހެން ދައުލަތްތަކުގެ ފަރާތްތަކަށް، އެހެން ދައުލަތްތަކުގެ އާންމު ފަރުދުންނަށް.


މިހާރުވެސް، ދައުލަތްތަކުގެ ސަފީރުން، ޢަރަބި އިސްލާމީ ދައުލަތްތައް، އެ ބޭފުޅުން މާ ހެޔޮބަސް އެބަ ވިދާޅުވޭކަންނޭނގެ، ދިވެހިރާއްޖޭގެ ތަރައްޤީ އެ ބޭފުޅުންނަށް ފެނިވަޑައިގެންފައި. އެހެންވީމާ، އަޅުގަނޑުމެން މިތަނުގައި ސަފާރާގައި ތިއްބަވާ ބޭފުޅުންނަށް ކޮށްދެވޭނެ ކަމަކީ، އެއްކަމަކަށް، ޢަރަބި ދައުލަތްތަކާއި، އެފްރިކާގެ ދައުލަތްތަކުގެ ސަފީރުންނާ ގާތް ގުޅުމެއް ބަހައްޓަވަންވީ. އަދި އެބޭފުޅުންގެ ތެރެއިން، އަޅުގަނޑުމެންގެ އެޖެންޑާ، އަޅުގަނޑުމެން މިކުރަން މިއުޅެނީ ކޮންކަހަލަ މަސައްކަތްތަކެއްކަން ކިޔައިދެއްވާ. އަޅުގަނޑުމެންނަށް ބޭނުންވާ މުހިންމު ކަންކަން، ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިއްވަން ބޭނުންވާ ސަބަބަކީ، އޭގެ ނުރައްކާ އަޅުގަނޑުމެންނަށް ހުރީ، އެކަން ނުކުރެވިއްޖެ ކަމަށްވަންޏާ އޭގެ ނުރައްކާހުރީ.


ޚިޔާލަށް ގެންނަވާ، ހަމަ ކުޑަކުޑަ މިސާލެއް އަޅުގަނޑު މިދަންނަވައިލަނީ. އިންޑިޔާ ކަނޑަކީ އާންމުކޮށް އިންޑިއާކަނޑުގައި ވަށައިގެން މިހިރަ ޤައުމުތަކުން، އާންމުގޮތެއްގައި ޕަރޗޭސް ކުރަން ހުޅުވައިލައިފި އުސޫލެއް އެމީހުން ގެންގުޅެފި ކަމަށްވަންޏާ، ދިވެހި މަސްވެރިންނަށް ވާނީ ކިހިނެއްތޯ؟ އަޅުގަނޑުމެން އާދައިގެ ނިކަމެތި ރައްޔިތުން ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ތިބި މީހުންނަށް ކޮން އާމްދަނީއެއްތޯ ލިބޭނީ. އެހެންވީމާ، އެކަހަލަ ކަންކަން ވިޔަނުދިނުމަށްޓަކައި ކުޑަ ޤައުމަކަށް ވީނަމަވެސް، އަޅުގަނޑުމެންގެ މުހިންމު މައްސަލަތަކުގައި ބަސްކިޔޭ ހިސާބުގައި ދައުލަތްތަކާ ހަމައިގައި، ފައި ހަމަކޮށްގެން ބަސްކިޔޭ ހިސާބަށް އަޅުގަނޑުމެން އަންނަން ބޭނުންވަނީ، މިކަހަލަ މަޞްލަޙަތުތައް ދިވެހި ރައްޔިތުންނަށްޓަކައި ހިމާޔަތް ކުރުމަށްޓަކައި.


އެހެންވީމާ، އ.ދ. ގެ ސެކިއުރިޓީ ކައުންސިލަށް ނޮން-ޕަރމަނަންޓް މެންބަރެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިމަތި މި ލީވެސް، އ.ދ. ގައި އަޅުގަނޑުމެންގެ ބަސް، ޔޫ.އެން.ޖީ. ގައި އިއްވާ، އާންމު ތަޤުރީރެއްގެ ބޭރުން، އެއަށްވުރެން އިތުރަށް އިއްވޭނެ ގޮތް ހެދުމަށްޓަކައި. އޭރުން އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ މަޞްލަޙަތު ބޭނުންވާ ކަންކަން ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެތީ. އެހެންވީމާ، ސަފީރުންނާއި، ސަފީރުގެ އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހިންނަށް ލިބޭނެ ކަންކަމަކީ މިއީ. އެހެންވީމާ، މިކަންކަން ތިޔަ ހުރިހާ ބޭފުޅުން ކޮށްދެއްވުމަކީ ހަމަ އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް.


އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެން ކުރާ މަސައްކަތް، އެ މަސައްކަތުގެ ދައުރު ﷲ ނިންމަވާ ގޮތަކަށް ނިންމަވާނެ. އެކަމަކު އާޚިރުގައިވެސް އިސްބަހަކަށް، ފަހު ބަހަކަށްވެސް ގަބޫލުކުރަންޖެހެނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ހަމަ ޒިންމާއެއް ކަމަށް އަޅުގަނޑުމެން ދެކެންވާނެ. ޝަރަފެއް ކަމަށް ދެކެންވާނެ. އަޅުގަނޑުމެންގެ ލޯތްބެއް ކަމަށް ހަދަންވާނެ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރަންވާނެ. އަޅުގަނޑުމެންނަކީ މުސާރައަށް މަސައްކަތްކުރާ މީހުން ކަމަށްވީނަމަވެސް، އަޅުގަނޑުމެން އެންމެން މިކުރަނީ ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި، ހަމަޖެހުމާއި، މަޞްލަޙަތާއި، ކުރިއެރުމާއި، ދިރިއުޅުމަށް ފަހި ކަންތައްތަކެއް ކަމަށްވަންޏާ، އެކަންކަން ދޮގެއްތޯ އަޅުގަނޑުމެން ކުރަންޖެހޭނީ؟


އެއްވެސް ދެމީހަކު ހިތްހަމަޖެހޭ ވެރިޔަކުނެތި ހިނގައިދާނެ. އެއްވެސް ދެމީހަކު ހިތްހަމަޖެހޭ މީހަކުނެތި ހިނގައިދާނެ. އެކަމަކު މުޅި ޤައުމުގެ މަޞްލަޙަތު ހިމާޔަތް ކުރުމަކީ ފަރުދީގޮތުންވެސް އަދި އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް ދޮގެއްތޯ. އެކަން ކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ފިކުރަކަށް ނޫން އިސްކަންދޭންޖެހޭނީ. ޚާއްޞަކޮށް، ރަސްމީ ޒިންމާ އަދާކުރައްވަން ސަފީރުގެ އޮފީސްތަކުގައި ތިއްބަވާ ބޭފުޅުން އަމިއްލަ ފިކުރު ދޫކޮށްލައްވަންޖެހޭނެ. ދައުލަތުގެ މަޞްލަޙަތު، ދައުލަތުން ނިންމާ ގޮތަކަށް ނިންމަނީ، ރައްޔިތުން އެ ބާރު ދައުލަތަށް ދީފައި އޮންނާތީ. އަދި ދުނިޔޭގައި ހިނގާ އޮޔާއި ވައި، ދައުލަތުން ދިރާސާކޮށްފައި، އެކަމުގައި އެންމެ ރަނގަޅަށް ހިމާޔަތް ކުރެވޭނީ ކޮންގޮތަކަށްތޯ ވިސްނައިފައި، ދައުލަތުގެ ސިޔާސަތު މި ނިންމަނީ.


މަރުގެ ޙުކުމް ތަންފީޒު ކުރުން، މިސާލަކަށް. އަޅުގަނޑުމެންނަށް ވަރަށް ފާޑުކިޔާ. އެކަމަކު ޢަރަބި އިސްލާމީ ދައުލަތްތަކަކުން އަޅުގަނޑުމެންނަށް ފާޑެއްނުކިޔާ. އެކަމަކު އެ މަޞްލަޙަތު އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހެނީ ހަމަ އިންސާނީ ކަރާމާތަށް ދިވެހި ދައުލަތުންދޭ އިސްކަމެއްގެ ސަބަބުން. އެއީ، އެއްގޮތަކަށްވެސް އެހެން ނަފުސެއް، އެހެން ފުރާނައެއް ބަދަލުގައި ނެގުމަކީ އަޅުގަނޑުމެން އުފާކުރާ ކަމަކަށްވާތީކީ ނޫން. އެކަމަކު އެކަން ޙައްލުނުވެދިޔައިމާ، އެކަންކަމަށް ފިޔަވަޅު ނޭޅި ދިޔައިމާ، އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން އެއްގޮތަކަށްވެސް ވިސްނާކަށް ބޭނުމެއް ނުވޭ އެއްވެސް ކަމެއް. ހަމަ ވަރަށް ރަޙުމުކުޑަ ޢަމަލުތައް ހިންގަމުން އެދިޔައީ. އެހެންނަމަވެސް، އެކަންކަމުގައި ފިޔަވަޅު އަޅަން ކެރުމަކީ މުޅި މަޞްލަޙަތުގައި ކުރާ ކަންކަން.


އެހެންވީމާ، މީގައި އަމިއްލަ ފިކުރުގައި ދައުލަތުގެ މަޞްލަޙަތާއި، ދައުލަތުން ނިންމާ ނިންމުން ދޫކޮށްލައިފައި، ހުޅަނގުން މިސާލަކަށް، ފުރާނައެއް ގެއްލުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ސަރުކާރުން ޤިޞާޞް ތަންފީޒު ކުރުމަކީ ހަމަ ފުރާނައެއް ގެއްލުވައިލުން. މިއަށް އަޅުގަނޑުމެން ތަބާވާ ކަމަށްވަންޏާ، އަޅުގަނޑުމެން ކޮން ހާލެއްގައިތޯ އުޅޭނީ؟ އެހެންވީމާ، އެކަހަލަ ކަންކަމުގައި އަމިއްލަ ފިކުރަށް މިދެންނެވީ ޖާގައެއް ނެތޭ. އެހެންވީމާ، އެކަން ސަފީރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ހަނދާން ބަހައްޓަވާ!


އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ޤާބިލުކަމަކާއި، ތެދުވެރިކަމަކާއެކީ ރައްޔިތުންނަށް ޚިދުމަތް ކުރުން. އެހެންވީމާ، ސަފީރުގެ އޮފީހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އެގޮތުގައި ސަފީރާއެކީ، އަދި އެންމެ އާދައިގެ މުވައްޒަފުވެސް ހިމެނޭގޮތަށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް.


ދެން، ތިޔަބޭފުޅުންނާ ބައްދަލުކޮށްލައި، ތިޔަބޭފުޅުންނާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އަޅުގަނޑަށް ލިބުނު ހަމަ އުފަލެއް، ޝަރަފެއްވެސްމެ.


ވަރަށް ބޮޑަށް ޝުކުރިއްޔާ!


والسّــلام عليــكم ورحـمــة اللّـه وبـركاتـه.