بســم اللّـه الرّحمـن الرّحيــم


الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.


އާދެ، މި އުފާވެރި، މި މުހިންމު އިޙްތިފާލުގައި ޢަސްކަރިއްޔާގެ ޚިދުމަތަށް 125 އަހަރު ފުރިގެންދާ މި އުފާވެރި ރަސްމިއްޔާތުގައި، އަޅުގަނޑުގެ އިސް އުފަލެއް ކަމުގައި ދެކެނީ، ޢަސްކަރިއްޔާގެ އެންމެ އިސްވެރިންނަށް، ދިފާޢީ ވަޒީރަށް އަދި ޢަސްކަރިއްޔާގެ އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ޢަސްކަރިއްޔާއާ ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް އަދި މިއަދު ޚިދުމަތުގައި ތިއްބެވި ޢަސްކަރިއްޔާގެ އެންމެހައި ސޯލްޖަރުންނަށް، ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ ދަންނަވައި ޝުކުރު ދެންނެވުން.


ހަމައެހެންމެ މިރޭގެ މި ޖަލްސާއަށް، ޢަސްކަރިއްޔާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާކަން ހާމަކޮށްދެއްވުމުގެ ގޮތުން ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުން، ތިޔަ އެންމެ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން.


ސިފައިންގެ ޚިދުމަތަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންގެ ޤައުމުގެ އެންމެ މަތިވެރި ޚިދުމަތް. ސިފައިންގެ ޚިދުމަތެއް ރަސްމީކޮށް އުފެދިގެން ގޮސްފައި، 125 އަހަރު ފުރިގެންދާއިރު، މިއީ ދައުލަތުގެ އެންމެދޮށީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އެއް މުއައްސަސާ. ސިފައިންގެ ޚިދުމަތަށް 125 އަހަރު ވެގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މިއަދުވެސް މި ގެންނަންޖެހެނީ މި ޚިދުމަތުގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިންގެ މަތިން. ޝައްކެއްވެސްނެތްގޮތުގައި، މިރޭގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިންގެ ފަޚްރުވެރި އަގު ވަޒަންކުރުމުގެ ގޮތުން ދެބޭފުޅެއްގެ ނަންފުޅު ގެނައުމުގެ ކުރިންވެސް މިފަދަ ޖަލްސާތަކުން އަޅުގަނޑުމެންނަށް ހިމޭންކަން ގެނެސްދެނީ، އަޅުގަނޑުމެންގެ ތެރެއިން ދިވެހި ދައުލަތަށް، ދިވެހި ދައުލަތުގެ ޙައްޤުގައި ޤުރްބާންވެގެން ގޮސްފައިވާ ސިފައިން. މިރޭގެ ޖަލްސާގައިވެސް އަޅުގަނޑުމެންނަށް ހިމޭންކަން ގެނެސްދެނީ، ޝަހީދު ޙުސައިން އާދަމްފަދަ ބަޠަލުންގެ ނަން އަޅުގަނޑުމެންގެ ހަނދާނަށް އަންނާތީ.


އަދި ހަމައެހެންމެ، 125 އަހަރު ފުރޭއިރު އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، ދިވެހި ދައުލަތަކީ ގާތްގަނޑަކަށް 14 ވަނަ ޤަރުނު، މީލާދީން 14 ވަނަ ޤަރުނުން ފެށިގެން ބޭރުގެ އެކިއެކި އަވަށްޓެރި ޤައުމުތަކުން އަދި އެކިއެކި ހިސާބުތަކުން އަބަދުމެ އަބަދުމެ ދިވެހި ދައުލަތާ ތޮޅެމުންދިޔަ ދައުލަތެއްކަން. ވާދަވެރިކަން، ޙަސަދަވެރިކަން އަދި ދިވެހި ދައުލަތަކީ އޭރު ދަތުރުފަތުރުގެ މެދުތެރޭގައި އޮންނަ ރަށަކަށްވެފައި، އަދި ދިވެހި ދައުލަތުގެ މުއްސަނދިކަމާއި ތަނަވަސްކަން ހުރީމަޔާއެކީ، މިއީ އަޅުގަނޑުމެންނަށް އަބަދުމެ، އަޅުގަނޑުމެންގެ ވެރިންނަށް އަބަދުމެ ދިމާވެފައި އޮތް އެންމެބޮޑު ގޮންޖެހުން. ހިތްދަތި ފިލާވަޅުތަކެއް ތާރީޚުން ވަނީ ނަގައިދީފައި. އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން މިޖެހެނީ ތާރީޚުގެ ތެރެއިން، 16 ވަނަ ޤަރުނުގެ ތެރޭގައި، އިސްތިޢުމާރީ ނުފޫޒެއްގެ ދަށުން ދިވެހި ދައުލަތަށް ދިމާވި އެންމެބޮޑު ނުރައްކާ. ޢަލިރަސްގެފާނު ޝަހީދުކުޅަ. އަދި އެއާއެކީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލާއި އިސްލާމްދީން އަޅުގަނޑުމެންގެ ދައުލަތާ ބީވެގެން 15 އަހަރަށްވުރެ ދިގު މުއްދަތަކަށްދިޔަ.


އެއާއެކީ އަޅުގަނޑުމެންނަށް ފެނިގެންދަނީ ހިތްވަރުގަދަ ޖިހާދީންތަކެއް. ރަސްމީގޮތެއްގައި ސިފައިންގެ ހަރަކާތެއް އޭރަކު ނެތް. އެހެންނަމަވެސް، ދައުލަތާއި ދީނާ ހިމާޔަތްކުރާނެ ފާރަވެރިންތަކެއް ތިބި. 125 އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މިކަހަލަ ކަންތައް އެބަ ގެންނަންޖެހޭ. ހަމައެއާއެކީ ތާރީޚުން ދައްކައިދޭ ހިތްދަތި ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އެންމެ ފަޚްރުވެރި ބަޠަލު، މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން، ހަމައެކަނި ހުންނެވި ދަރިކަލުން އިބްރާހީމް ކަލާފާނު ޝަހީދުކުޅަ ގޮތަކީ، އަޅުގަނޑުމެންގެ ތާރީޚުން ނަގައިދީފައި ހުރި އެންމެ ހިތްދަތި ފިލާވަޅުތައް. އޭގެފަހުން 200 ވަރަކަށް އަހަރު ފަހުން އަޅުގަނޑުމެންނާ އަނެއްކާވެސް ކުރިމަތިވަމުންދިޔައީ ހަމަ މިކަހަލަ ނުރައްކާތެރި އެކިއެކި ޢުދުވާންތައް. ސިފައިންގެ ޚިދުމަތަކީ، ދައުލަތް ދިފާޢު ކުރުމާއި، އިސްތިޤްލާލު ދިފާޢު ކުރުމާއި އަދި އަޅުގަނޑުމެންގެ ދީން ދިފާޢު ކުރުމުގައި، އެންމެކުރީ ސަފުގައި ހަރަކާތްތެރިވާ، އެންމެ ވަރުގަދަ ޤުރްބާނީތަކަށް ތައްޔާރުވެ، އަބަދުމެ ޕްރިޕެއަރޑްނަސްގައި އޮންނަ ލަޝްކަރަކަށްވާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނީ އަބަދުވެސް އަޅުގަނޑުމެންގެ ދައުލަތާ މިކަހަލަ އެކިއެކި ނުރައްކާތައް ކުރިމަތިވަމުންދާކަން.


މިހާރުގެ ތާރީޚަށް ދާދި އިހަށްދުވަހަށް ސޮއްސާލާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް 1988 ނޮވެންބަރު 3ގެ ޢުދުވާނަކީ ދުވަހަކުވެސް އަޅުގަނޑުމެންގެ ތާރީޚު ފޮތްތަކުން ފިލައިގެންދާނެ ކަމެއްނޫން. ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނާއި ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫން. މިކަހަލަ ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި ހުންނަނީ، މިކަހަލަ ކަންކަމަށް ދިވެހިރާއްޖެ މައްޗަށް ޝައުޤުވެރިކުރުވާ، މިކަހަލަ ޣައްދާރުވެރި ކޮންމެ ކަމެއްގެ ތެރޭގައި ދިވެހިން ބައިޢަތު ހިފައި އަދި ދިވެހިން އިސްނަގައިގެން ކޮށްފައި ހުރި ކަންތައްތައް. އަޅުގަނޑުމެންގެ މި މުއައްސަސާގެ ދިގު ތާރީޚުގައި ޝައްކެއްވެސްނެތްގޮތުގައި، ވަރުގަދަ ފަޚްރުވެރި ޚިދުމަތްތެރިންތަކެއް ޚިދުމަތް ކުރައްވައިފި. ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް މިއަދުވެސް މި އަންނަނީ މިހާރުގެ ޖިއޯޕޮލިޓިކްސްގެ ތެރޭގައި ޓަރބިއުލަންޓް ހަލަބޮލި މާހައުލެއްގެ ތެރޭގައި. މާހައުލު ހަލަބޮލިވެގެން ދަނީ ހަމައެކަނި އިންޑިއާ ކަނޑަކީ ބިޔަ ރާޅު ނަގާ ކަނޑަކަށްވާތީކީ ނޫން. މާހައުލު ހަލަބޮލިވެގެން މިދަނީ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ އެކަކު އަނެކެއްގެ އަދި ޚާއްޞަކޮށް ސިޔާސީ ލީޑަރުން ކަމުގައި މުޅި ދައުލަތަށާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދޭން އަޅުގަނޑުމެން ވަކާލާތުކުރާ މީހުންގެ ތެރޭގައި އޮންނަ ޒާތީ މަވެތިވަންތަ ސިފަތައް، މުޅި ދައުލަތުގެ މަޞްލަޙަތުގެ ކުރިއަށް ނެރެވޭތީ. އަޅުގަނޑުމެން މީގެ އެތަކެއް ޤަރުނު ކުރިންވެސް ނެގި ފިލާވަޅަކީ މިއީ. ތާރީޚަކީ އިޢާދަކުރެވޭ އެއްޗެކޭ ބުނެވޭ ބަސް، މިއަށްވުރެ ފާޅުކަންބޮޑު ގޮތެއްގައި އަޅުގަނޑު ހިތަކަށް ނުފެނޭ، އެއްވެސް ތަނަކުން ފެންނާނެ ކަމަކަށް.


އަޅުގަނޑުމެން ދިވެހިންނަކީ ތޫނު ދިވެހިން. އަޅުގަނޑުމެންގެ ތޫނުކަން ހުންނަ މިންވަރަކީ، ދިފާޢީ ތަމްރީނުދޭ ކޮލެޖްތަކަށް ސިފައިން ތަމްރީނަށް ފޮނުވުނު ކަމުގައިވިނަމަވެސް އަދި ޢިލްމީ އެކިއެކި ހުނަރުތައް ކިޔަވައިދެވޭ ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކަށް ދިޔަ ނަމަވެސް، އަޅުގަނޑުމެންގެ ކުދިން، ފާހަގަކުރެވޭ ރަން ވަނަތައް ހޯދާ. މިއީ ދެބަސްވެވޭނެ ވާހަކައެއް ނޫން. އެކަމަކުވެސް އަޅުގަނޑުމެންގެ ތޫނުފިލިކަން އަޅުގަނޑުމެންގެ ލޮލަށް ފޮއްސިކަން ގެނެސްދެނީ، މިދެންނެވި ގޮތަށް މަވެތިވަންތަ ސިފަތައް އަޅުގަނޑުމެންގެ ދައުލަތުގެ މަތިވެރި އަޚްލާޤުގެ ކުރިއަށް ނެރެވޭތީ. މިކަން ކުރުމުގައި ވަކި ފަރާތެއް އިސްތިސްނާއެއްނުވޭ. މިކަން ކުރުމުގައި އެންމެ މަތިވެރި ޝަރަފާއި، އެންމެ މަތިވެރި ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އަޅުގަނޑުމެންގެ ސަފުން މިއަދު ގުނާލަންޖެހޭތީ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ. އެހެންނަމަވެސް، ޢަސްކަރިއްޔާގެ ވަރުގަދަ ތަމްރީނާއެކީ، ޚިދުމަތްތެރި ބޭފުޅުން މިކަންކަމުގައި އަޅުގަނޑުމެން މިއަދުވެސް ފާހަގަކުރަންޖެހޭ.


އެހެންވީމާ، މިރޭގެ އެންމެ ޝަރަފުވެރި ދެބޭފުޅުންނާ ހަމަޔަށް އަޅުގަނޑުގެ ވާހަކަ މިހާރު މިގެންނަނީ. އަޅުގަނޑުމެންނަށް ދާދި ދެންމެއަކު ސްޓޭޖްމަތިން ފެނިގެން އެ ދިޔައީ ދިވެހި ދައުލަތަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި އަގުހުރި، ދިވެހި ޢަސްކަރިއްޔާގެ ފަޚްރުވެރި ދެބޭފުޅުން. ދެ ޝަޚްޞިއްޔަތު. އާދެ، އެބޭފުޅުންގެ ޚިދުމަތުގެ ރެކޯޑު އަޅުގަނޑުމެންނަށް ވަރަށްކުރުގޮތަކަށް، އިންޞާފުވެރިގޮތަކަށް ނޫން، ވަރަށްކުރުގޮތަކަށް އަޅުގަނޑުމެންނަށް ވީޑިއޯގެ ޒަރީޢާއިން ފެނިގެން އެދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފަހުގެ ތާރީޚުގައި ދިމާވި އެންމެބޮޑު ނުރައްކާތެރިކަން އަޅުގަނޑުމެންނަށް ފެނިގެންދިޔައިރު، މި ބޭބޭފުޅުންނަކީ ސިފައިންގެ ޢަސްކަރިއްޔާގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުން. އަދި އަޅުގަނޑުމެންނަށް އެންމެ އުނދަގޫވި ދުވަސްތަކުގައި މިބޭފުޅުންނަކީ ދާޚިލީ ހަމަޖެހުން ދިވެހިރާއްޖެއަށް ގެނައުމުގައި ނަމޫނާ ދެއްކެވި ބޭފުޅުން.


އާދެ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރުގެ ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެން ހަމަ ޚިޔާލަށް ގެންނަމާ ހިންގަވާ ކުރުގޮތަކަށް. ވީޑިއޯއިން އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ. މިއީ ހަމައެކަނި ޢަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ޚިދުމަތުގެ ދިގު ތާރީޚު އޮތީ ޢަސްކަރިއްޔާގެ ތެރޭގައި. އެހެންނަމަވެސް، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރުގެ 42 އަހަރަށްވުރެ ދިގު ޚިދުމަތް ދިވެހި ދައުލަތަށް ދެއްވާފައިވަނީ މަތިވެރި ދަރަޖައަކަށް. ޢަސްކަރިއްޔާއަށް ދެއްވި ޚިދުމަތުގެ އިތުރަށް، 15 ވަރަކަށް އަހަރު ވަޒީރެއްގެ ފެންވަރުގައި ދިވެހި ދައުލަތަށް ވަނީ އިޚްލާޞްތެރި، ތެދުވެރި، މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އަދި ހަމައެހެންމެ، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ ބޯޑުތަކުގައި މުޅި ދައުލަތް ހިމެނޭ ކަންކަމުގައި މަތިވެރި ދަރަޖައަކަށް އެމަނިކުފާނު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައި. އެހެންވީމާ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރު އާދަމަށް މި ޝަރަފު ދިވެހި ދައުލަތުގެ ފަރާތުން އަޅުގަނޑު މި އަރުވަނީ ނުލާހިކު ޠާޢަތާއެކީ. އަދި ވަރަށް ޙައްޤު ބޭފުޅެއް ގޮތަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. އެހެންވީމާ، ވަރަށް ބޮޑަށް މަރުޙަބާ، ޢަންބަރީ ޢަބްދުއްސައްތާރުގެ ދިގު އަދި ފަޚްރުވެރި ޚިދުމަތަށް.


މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ 34 އަހަރަށްވުރެ ދިގު ޚިދުމަތެއް ދިވެހި ދައުލަތަށް ފަޚްރުވެރިކަމާއެކީ އަދި އެފަދަ ދެވަނައެއް ނެތް ބޭފުޅެއްގެ ގޮތަށް ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އާދެ، ދިގު މުއްދަތު ދެއްވާފައި މިވަނީ ޢަސްކަރިއްޔާއަށް އަދި ޕޮލީސްއަށް. ޢަސްކަރިއްޔާގެ މަތީ މަޤާމުތަކާއި، ކޮމިޝަނަރ އޮފް ޕޮލީސްގެ މަޤާމުގައި 25 އަހަރުގެ ދިގު ރާސްތާއެއް ވަނީ ޚިދުމަތްތެރިކަމާއެކީ ހޭދަކޮށްދެއްވާފައި. އާދަމް ޒާހިރުގެ ޚިދުމަތުގެ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ދެންމެ ވީޑިއޯގައިވެސް ފެނިގެންދިޔަގޮތުގައި، ދިވެހިރާއްޖެ މި ފަހުގެ ތާރީޚުގައި ދުށް އެންމެ ވަރުގަދަ، އަޅުގަނޑުމެންނަށް އެންމެ ބޮޑެތި ނުރައްކާތައް ކުރިމަތިކުރުވި 1988 ނޮވެންބަރު 3 އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ.


އަޅުގަނޑުމެންނާއެކީ ހަމަ މިފަދަ އެހެން ޝަރަފުވެރިއަކު އެބަ އިންނެވި. މީގެ ކުރީގެ ޙަފްލާއެއްގައި ވަނީ ޓޫޓޫ މުޙައްމަދު ޒާހިރަށް ޝަރަފު އަރުވާފައި. މުޙައްމަދު ޒާހިރު، ޢަންބަރީ ޢަބްދުއްސައްތާރު، އާދަމް ޒާހިރު، މި ތިން ބޭފުޅުންނަކީ އޭރު ދިވެހި ޢަސްކަރިއްޔާގައި އެންމެ އިސްކޮށް ތިއްބެވި އަދި މިހާރުވެސް އެބޭފުޅުންގެ ޚިދުމަތުން ނަމޫނާ، އެހެން ހުރިހާ ބޭފުޅުން ނަންގަވަންޖެހޭ ވަރުގަދަ ތިން ފަހުލަވާނުން. މި ބޭފުޅުން ހާސިލު ކުރައްވާފައި އެވާ މިލިޓްރީ ޑިސިޕްލިން އަދި މިހާރުވެސް އެ ދައްކައިދޭ ރިވެތި، ރީތި ނަމޫނާއަކީ އަޅުގަނޑުމެންގެ ސިޔާސީ އެންމެ އިސް ސަފުގައި ޚިދުމަތް ކުރައްވާފައި ވަކިވެވަޑައިގެންނެވި ބޭފުޅުންނަށްވެސް ނުދެއްކެވުނު ކުލަގަދަ، ވަރުގަދަ ނަމޫނާ. އެހެންވީމާ، މި ތިން ޚިދުމަތްތެރިންނަކީ، ދިވެހި ދައުލަތަށް ވަރަށް ވަރުގަދަ، މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ތިން ބޭފުޅުން. އާދެ، އަޅުގަނޑުމެންގެ މިޒަމާނުގައި އަޅުގަނޑުމެންނަށް ފެނިގެންދާ ޚިދުމަތްތެރި ތިން ބޭފުޅުން.


މިދިޔަ ހަފްތާ ނިމިގެންދިޔައީ ބުރާސްފަތި ދުވަހު އޮތް، އަޅުގަނޑުމެންގެ ތަޢުލީމުގެ ދާއިރާގައި އެންމެ ފުންނާބު އުސް މުއައްސަސާ، ޤަރުނާ ހަމައަށް ދަތުރުކުރާތީ، 90 އަހަރު ފާހަގަކުރުމުގެ އުފާވެރި ޖަލްސާގައި. މި ތިން ބޭފުޅުންނަކީ އެ އުފާވެރި ޖަލްސާގައިވެސް ހިމެނިވަޑައިގެންނެވުނުނަމަ، މަޖީދީ މަޖީދީ ފަޚްރުވެރި ހިޔާ އަދި މަޖީދީ މަޖީދީގެ ރިވެތި ނަމުން ޒީނަތްތެރިވެވަޑައިގެންފައިވާ ތިން ބޭފުޅުން. މަދަރުސާގެ ދައުރުން ފެށިގެން، މަދަރުސާއަށް ޚިދުމަތް ކުރެއްވުމާއެކީ އެބޭފުޅުންނަށް އެ ލިބިވަޑައިގެންނެވި މަތިވެރި އަޚްލާޤާއި ޓްރޭނިންގެ ތެރޭގައި އޭގެފަހުން މިވަނީ ދިވެހި ދައުލަތަށް އެބޭފުޅުންގެ ޚިދުމަތުގެ ނަމޫނާ ދައްކަވައިދެއްވާފައި. އެހެންވީމާ، މަޖީދިއްޔާގެ އުފާވެރި 90 އަހަރު ފުރިގެންދިޔަ މުނާސަބަތުގައިވެސް މިބޭފުޅުންނަކީ މަޖީދިއްޔާގެ ފަޚްރުވެރި އެލުމްނައި ކަމުގައިވާތީ، މި ތިން ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.


އަދި ހަމައެއާއެކީ އަޅުގަނޑު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ ހަމައެކަނި ޢަސްކަރިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނޭ، ކުރިންވެސް ދެންނެވިން. މޭޖަރ ޖެނެރަލް (ރިޓަޔރޑް) އާދަމް ޒާހިރަކީ މުދައްރިސެއްވެސްމެ، ޓީޗަރެއްވެސްމެ. ބޭރުގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވާފައި، އެންމެ ފުރަތަމަ ވަޑައިގެން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ދައުލަތުގެ ޚިދުމަތެއްގައި ގުޅިވަޑައިގަތީ މަޖީދިއްޔާ ސްކޫލާ. އޭރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރެއް އަޅުގަނޑަކީ. އެހެންވީމާ، އަޅުގަނޑުގެ ޓީޗަރެއްގެ ގޮތުގައި އާދަމް ޒާހިރު އަރިހުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ވަނީ ލިބިފައި. އޭރު ދިވެހި ޑްރާމާތަކަށް، ޚާއްޞަކޮށް، ދިވެހި ތާރީޚުގައި ހުރި އެންމެ ވަރުގަދަ ޑްރާމާތަކަށް ކުދިން ތައްޔާރުކުރުމާ، އަމިއްލަ ގޭގައި މިހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދެވީ. އެހެންވީމާ، ހަމަ ވަރަށް ފޮންޑްލީ އާދަމް ޒާހިރުގެ ނަންފުޅު އަޅުގަނޑު މިހާރުވެސް ޚިޔާލަށް ގެނެސް މަރުޙަބާ ދަންނަވަން.


އަޅުގަނޑުމެން އުފާވެރި، މަތިވެރި، ވަރުގަދަ އިޙްތިފާލެއް ކުރަމުންދާއިރު، ކީއްވެގެންތޯ ނުކުރާންވީ؟ މިއީ ދިވެހި ދައުލަތުގެ އެންމެ ވަރުގަދަ ދިފާޢީ ބާރު. ދިވެހި ދައުލަތުގެ އެންމެ ވަރުގަދަ ދިފާޢީ ބާރަށް 125 އަހަރު ފުރިގެންދާއިރު، މި މަތިވެރި އުފާވެރި ޖަލްސާ ކުރަމުންދާއިރު، މިއަދު ހެނދުނު މި މުއައްސަސާ އަލިވިލިގެން ދިޔައިރު، މި މުއައްސަސާއަށާއި އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ގެނައީ ޙައިރާންކަމާއި ސިއްސުން. އަޅުގަނޑުމެން ތެރޭގައި ހަމަނުޖެހުން ޢާންމުވެފައި ނެތްކަމުގައިވީނަމަވެސް، މި ފެންނަ ކޮންމެ މިކަހަލަ، ކޮންމެ މިކަހަލަ ޖަރީމާއަކީ، ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ސިއްސުވާލާ ގެއްލުމެއް. އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ބްލޮގަރެއް، ޖާނަލިސްޓެއް މިއަދު ކަތިލައި، އޭނާގެ ފުރާނަ ޖިސްމާ ވަކިކޮށްލެވިފައި އޮތްތަން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ހުރިހާ ދިވެހިން، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން އެންމެން ކުށްވެރިކުރާ ކަމެއް. އެކަމަކު މިކަމުންވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ އަޅުގަނޑުމެންގެ ޟަޢީފުކަން. އަޅުގަނޑުމެންގެ ދިފާޢެއް ނެތްކަން. ފަރުދެއްގެ ހައިސިއްޔަތުން އަދި އުޅޭ ވެށީގައިވެސް އަޅުގަނޑުމެން ބޭނުންވާ ދިފާޢާއި، ބޭނުންވާ ކަށަވަރުކަން، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ދިނުމުގައި އަޅުގަނޑުމެންގެ މުއައްސަސާތައް މިއަދުވެސް މަޢާފަށް އެދެންޖެހޭ ސަބަބު. މިއީ އަޅުގަނޑުމެންގެ ތެރޭގައި ހަމަ ލިވިންގ އެގްޒާމްޕަލެއް. އެކަމަކު އެއްގޮތަކަށްވެސް އެއްވެސް މުއައްސަސާއަކަށް ކުށްވެރި ކުރުމުގެ އިނގިއްޔެއް އަޅުގަނޑު ނުނަގާނަން. އެއީ މުއައްސަސާތައް ކުށްވެރިއެއްނުވޭ. ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި މީގެ ދިހަވަރަކަށް އަހަރު ކުރިއްސުރެ، ކަންކަން ހިލުވަމުން، ޓަރބިއުލަންޓް ކުރުވަމުން، ހަލަބޮލި ކުރުވަމުން މިއައި އެކި ފެންވަރަށް ނަގާފައި ހުރި ރާޅު، ރާއްޖޭގެ އެކި ހިސާބަށް ފެތުރިފައި ހުރި މިންވަރާ ދޭތެރޭގައި، މިއަދު ސިޔާސީ ޕޯޑިއަމްތަކުގައި އަޅުގަނޑުމެން ވާހަކަ ނުދައްކަނީ ކީއްވެގެންތޯ؟ އެންމެ ފަސޭހަވާނީ މިކަންކަން ކުރަން ތިބޭ ބަޔަކަށް، ފާރަވެރިވާން ތިބޭ ބަޔަކާ ދޭތެރޭގައި ކުށްވެރިވުމުގެ، ނޫނީ އިލްޒާމްގެ އިނގިލި ދިއްކޮށްލުން. އެކަމަކު މަޞްލަޙަތާއި ޞުލްޙަ ޤާއިމުކުރުމަށްޓަކައި މަސައްކަތްތަކެއް އެންމެ އިސް ސަފުން އަބަދުމެ އަބަދު ކުރެވޭނަމަ، އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންނަށްވުރެން، ފަރުދީގޮތުން ކޮންމެ ވަކިވަކި މީހަކަށްވުރެ ބާރުހުރި، ބަރުދަންހުރި ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވަންޏާ، މިކަންކަމެއް އަޅުގަނޑުމެންނަކާ ކުރިމައްޗެއްނުލާނެ. އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ ލީޑަރުން މިކަން ކުށްވެރިކުރޭ.


އާދެ، މިއަދުގެ މި ރަޙުމްކުޑަ ޢަމަލު އަޅުގަނޑުމެން އެންމެން ކުށްވެރި ކުރަމު. އަޅުގަނޑުމެންނަށް ކުރެވޭނީ ތަޙުޤީޤު. ތަޙުޤީޤުކުރާ ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެންގެ ޚިޔާލަށް އާދޭ، މިހެން ތަޙުޤީޤުކޮށް، އަޅުގަނޑުމެންނަށް އޭގެ ފުރިހަމަ ނަތީޖާއަކާ ހަމައަށް ނުގެންދެވިފައި ހުރި ކަންކަން އެބަހުރި. އެކަންކަމާ ސަރުކާރުން ހިތާމަވެސް ކުރަން. އެހެންނަމަވެސް، މިއީކީ ދުނިޔޭގައި ހަމައެކަނި ދިވެހިރާއްޖެއަށް ދިމާވާ އުނިކަމެއް ނޫން. ދުނިޔޭގައި މިހެން ޙައްލުނުކުރެވި ހުރި މައްސަލަ އެބަހުރި. އެހެންނަމަވެސް، ރާއްޖޭގެ ކުޑަކަމާއި، މީސްކޮޅު މަދުކަމާއި، އެއްބަޔަކު އަނެއްބަޔަކު އުޅޭގޮތް ދަތުމާއި، ފަރިތަކަމާއެކީ ގިނަ ބަޔަކަށް ގަބޫލުކުރެވޭނެ، މިކަންކަން ރާއްޖޭގައި ޙައްލުވާންޖެހޭނެ ކަމަށް. އެހެންނަމަވެސް، ދަތިތަކެއް އެބަހުރޭ.


އަޅުގަނޑުމެން 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމައަށް ޖެހިލާއިރު، އަޅުގަނޑުމެންނާ ބައްދަލު އޭރުކުރީ ކޮންކަމެއްތޯ؟ އޭރު އަޅުގަނޑުމެންނާ ބައްދަލުކުރީ އަފްރާޝީމްގެ ޤާތިލުން. އަފްރާޝީމް ރަޙުމްކުޑަ ގޮތެއްގައި ކަތިލައި، ބިންމައްޗަށް ވައްޓާލާފައި އޮތްގޮތް. ދާދި އެއްގޮތަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިރިއުޅޭ ގޭގެ ސިޑި ކައިރިއަށް މިފަހަރު މިއޮތީ ޔާމީން ރަޝީދުވެސް ކަތިލާފައި ވައްޓާލާފައި. ހަމަ އެހާގިނަ ޚަންޖަރުގެ ޒަޚަމްތައް ކޮންމެ ހަށިގަނޑެއްގައި ހުރި. އޭރުވެސް މައްސަލަތައް ތަޙުޤީޤު ކުރެވޭ. އަދި އެ މައްސަލައަކީވެސް ތަޙުޤީޤުކޮށް ނިމިފައި އޮތް މައްސަލައެއް ނޫން. މިއަދުވެސް ހިތާމަކުރަންޖެހޭ ސަބަބަކީ، ކަންކަމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ޢާންމު ފޯރަމްތަކުގައި، ޢާންމު ޕްލެޓްފޯމްތަކުގައި ވިދާޅުވަމުން ގެންދަވާ، މީގެ ޙަޤީޤަތް އެނގިވަޑައިގަންނަވާ ބޭފުޅުން އެބަ ތިއްބެވި ކަމަށް. ވަގުތު ޖެހުނީމަ އެކަން ހާމަކުރައްވާނެ ކަމަށް. ވަގުތުޖެހޭނީ ކޮންއިރަކުންތޯ؟ ވަގުތުޖެހޭނެ އިރެއް އަޅުގަނޑުގެ ޚިޔާލަކަށް ނާދޭ. ކޮންމެ ކަމެއް ހުއްޓުވާ ކަމަށްވަންޏާ، ކޮންމެ ކަމެއް ހުއްޓުވާ ކަމަށްވަންޏާ، އެންމެ ރަނގަޅު ވަގުތަކީ، އެންމެ އަވަހަށް އެނގޭ މަޢުލޫމާތު، ތަޙުޤީޤުކުރާ އިދާރާތަކާ ހަވާލުކުރުން. އެކަމަކު އެ ޒިންމާއެއް އުފުލުނުކަމަކަށްނުވޭ. އެ ޒިންމާ ނުއުފުލޭ ތަނުގައި ބަދުނާމު އެޅިގެންދަނީ މުޅިން އެހެން ބައެއްގެ ކޮނޑުގައި. މިއީ ހިތާމަހުރި ކަމެއް. މިކަހަލަ މަރުތަކަކީ އަޅުގަނޑުމެން އޭގެ ޙަޤީޤަތާ ހަމައަށްދާންޖެހޭ، ވާސިލުވާންޖެހޭ ކަންކަން.


އޭގެފަހުން އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ ހަމަ މިގޮތަށް، މިހާ ހިތްދަތިކޮށް ރިޟުވާން، ހަމަ ވީނުވީގޮތެއް ނޭނގި ގެއްލުނުތަން. ދައުލަތުން އެތަކެއް މަސައްކަތެއް އެބަކުރޭ. ފުލުހުންގެ ތަޙުޤީޤީ އިދާރާގެ ޔުނިޓުތަކުން އެކި މަސައްކަތް އެބަކުރޭ. އެހެންނަމަވެސް، މިކަމުގައިވެސް ޙަޤީޤަތާ ހަމައަށް ވާސިލުވުމުގައި އަޅުގަނޑުމެން މިތިބީ އަދިވެސް ނުކުޅެދުމުގެ ތެރޭގައި. ވަސީލަތްތައް މަދުވީމަވެސްމެ. ބޭރުގެ ވަސީލަތްތައްވެސް އަޅުގަނޑުމެން މިކަންކަމުގައި ބޭނުންކޮށްފީމު. އަދި އޭގެފަހުން ހިނގައިދިޔަ ނުރައްކާތެރި ހާދިސާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރަމުންދިޔަ ލޯންޗް ގޮއްވާލިއިރުވެސް ނުރައްކާތެރި ކަންތައްތަކެއް އަޅުގަނޑުމެންނަށް މެދުވެރިވި. ﷲގެ ތަނަވަސް ރަޙްމަތުން ބޮޑު ގެއްލުމެއް ނުލިބުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މި ތަޙުޤީޤުގެވެސް ހުރިހާ މަޢުލޫމާތެއް އަދިވެސް ސާފެއްނުވޭ. މީގެ އެންމެ ނުބައި ރޭވުން ރޭވީ ކޮންބައެއްކަން އެބަ އެނގޭ. އަބަދުވެސް ވިޔާނުދާ މީހުން ކަންކަން ރާވާނެ. އެކަމަކު އެއަށްވުރެ މޮޅަށް ﷲ ކަންކަން ރާއްވަވާނެ. އަދި އެއަށްވުރެ މޮޅަށް ﷲ ކަންކަން ދެނެވޮޑިގެންވާނެ.


އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވީ، އަޅުގަނޑުމެން ކިތަންމެވަރަކަށް ކަންކަން ރޭވިނަމަވެސް، އަދި ދިވެހިރާއްޖޭގެ ވެރިކަމާ އަޅުގަނޑުމެންގެ ޒަޢާމަތުން ހަވާލުވެ ތިއްބަސް، އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި، އަޅުގަނޑުމެން މިތަނަށް އައީ ކޮން މަސްއޫލިއްޔަތެއް އުފުލަންކަން، ކޮން ޒިންމާއެއް އުފުލަންކަން، އަޅުގަނޑުގެ ހަނދާނުން ފަހަރުގައިވެސް ކައްސާނުލާ. އެ ޒިންމާ އަދާކުރުންމަތީ އަޅުގަނޑާއި އަޅުގަނޑާއެކީ ޚިދުމަތް ކުރައްވާ ކެބިނެޓްގެ ހުރިހާ ވަޒީރުން ތިއްބެވީ. އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކީ. ޔުނީފޯމުގައި ތިއްބަވާ ހުރިހާ ބޭފުޅުން، ޖެނެރަލް އޮފިސަރުން، އޮފިސަރުން އަދި ހުރިހާ ފެންވަރެއްގެ ސޯލްޖަރުން ތިބެންވާނީ، މި ޚިދުމަތުގައި، މި ޕްރިޕެއަރޑްނަސްގައި.


އާދެ، ޤައުމު ދިފާޢުކުރުމާއި، ރާއްޖޭގެ އިސްތިޤްލާލު ދެމެހެއްޓުމާއި، އަދި ރާއްޖޭގެ ދީން ކަމުގައިވިޔަސް، އިސްލާމްދީން ހިމާޔަތް ކުރުންމަތީގައި އަޅުގަނޑުމެން ތިބެންވާނީ. އެއީ ހަމައެކަނި އަޅުގަނޑުމެން ޔުނީފޯމުގެ ހުވާގައި ﷲ ގަންދީ ހުވާކުރެވިފައި އޮތީމާ އެކަންޏެއްވެސް ނޫން. އެއީ އަޅުގަނޑުމެންގެ ޝަރަފު. އަޅުގަނޑުމެންގެ ޔުނީފޯމުގެ ޕްރައިޑް. ޤައުމުގެ ޝަރަފަކީ އެއީ. މި ޤައުމު އަޅުގަނޑުމެންނާ ހަމައަށް މިއައީ 1400 ޤަރުނުން ފެށިގެން މި ދެންނެވި ކަހަލަ ހަލަބޮލިކަންމަތީގައި. އިންޑިއާ ކަނޑުގައި ނަގާ ކޮންމެ ރާޅެއް ބީއްސާލަނީ އަޅުގަނޑުމެންގެ އަމާން ގޮނޑުދޮށްތަކަށް. ހަމައެކަނި ތިމާވެށްޓަކަށް ނޫން ގެއްލުންވަނީ. އަޅުގަނޑުމެންގެ ނަފްސުތަކަށް، ޖިސްމުތަކަށް ގެއްލުންވެފައި ހުރިތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މުޅި ދިވެހި ދައުލަތުގެ ސައިކީއަށް އައިސްފައި ހުރި ބަދަލުތައް، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެނެވޭ. އެކަމަކު އަބަދުވެސް ގޮވެލިފަތި ގޮވާ އަޑު މި އިވެނީ ކުރިމަތިލުމަށް. ޑިރެކްޓް އެކްޝަންގެ ވާހަކަ މި ދެއްކެނީ. އަދި ޤާނޫނު ތަންފީޒުކުރާ މީހުންނާ ކުރިމަތިލާ ވާހަކަ މި ދެއްކެނީ. މަދަނީ ބަސްނޭހުމުގެ ބަދަލުގައި މި ދެއްކެނީ ނުކިޔަމަންތެރިކަމުގެ ވާހަކަ.


ކޮބައިތޯ މިއަދު މި ސިޔާސީ ލީޑަރުން ކީއްވެތޯ، މިކަހަލަ ރަޙުމްކުޑަ ޢަމަލުތައް ހިނގީމަ، މި ގޮވެލިފައްޗަށް ޒިންމާ އުފުލަން އެމީހުން ކީއްވެގެންތޯ ރެކެނީ؟ އަޅުގަނޑުމެންގެ މަސްރަޙް ހަލަބޮލިކުރުމާއި، ޤާނޫނަށް ތަބަޢަނުވުމަށް ތަކުރާރުކޮށް ކެނޑިނޭޅި ގޮވެމުންދާތާ މިހާރު މިވަނީ ފަނަރަވަރަކަށް އަހަރު. މިއަދު ޚިދުމަތުގެ އެންމެ ޝަރަފުވެރި ދެ ޢިއްޒަތްތެރިން ގަބޫލުފުޅު ކުރައްވާނެ، އެބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތު އުފުއްލެވިއިރު، ދިވެހިރާއްޖޭގެ ކަންކަން ހަލަބޮލިވަމުން އައި މިންވަރު. އަދި ދައުލަތުން އޭރު ކަންކަމަށް ފޯރާފައި ހުރި މިންވަރާއި، ކަންކަން މެނޭޖް ކުރެވުނު މިންވަރާއި އަދި އޭގެ ލެކް އޮފް އިޓް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭރު ޚިދުމަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ، އޭރުވެސް އަޅުގަނޑުމެން އަޅަންވާ ފިޔަވަޅުތައް، އަޅަންވާ މިނުގައި އަޅުގަނޑުމެންނަށް ނޭޅިއޮތީ.


ޤާނޫނު ދެމެހެއްޓުމަކީ އަބަދުވެސް މުޅި ދައުލަތުގެ މަޞްލަޙަތަށް، ހުރިހާ ފަރުދުންގެ މަޞްލަޙަތަށް އޮތް އެންމެ އިންސާފުވެރި ގޮތް. ގިންތިތަކަށް ބަހާފައި، ޝަރަފުވެރިންނަށް ބަހާފައި، ޢާއިލާއާއި ނަސްލުގެ މަތިވެރިކަމަށް ބަލާފައި ޤާނޫނު ތަންފީޛުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ. އަދި ބޭރުގެ ނުފޫޒުތަކުން އަޅުގަނޑުމެންނަށް މިކަންކަމަށް ހުރަސްއަޅާ ކަމަށްވަންޏާ، އެކަންކަމަށް އަޅުގަނޑުމެން ރިޢާޔަތް ކުރަންޏާވެސް ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ކަރާމާތާ ދޭތެރޭގައި އަޅުގަނޑުމެންގެ މި ޖީލާއި، އަންނަން އޮތް ޖީލުތަކުން ސުވާލު އުފައްދާނެ. ޤާނޫނު ތަންފީޒު ކުރުމަކީ މިދެންނެވި ހުރިހާ ކަމަކަށް ކުރަންޖެހޭ ކަންތައް. މިއަދުވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނަން އޮތީ ކީކޭތޯ؟ މިއަދުވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ރީއިޓެރޭޓް ކުރަން، ތަކުރާރުކޮށް ދަންނަވަން އޮތީ، މަރުގެ ޙުކުމް ތަންފީޒު ކުރާނަމޭ. މިހާރު އެބަ ދައްކުވައިދޭ، މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭ މިންވަރު އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ކިތައް ސިޔާސީ ލީޑަރުންތޯ، އަދި ޤައުމަށް ޚިދުމަތް ކުރެއްވި އެންމެ އިސް ސަފުގައި ތިއްބެވި ކިތައް ބޭފުޅުންތޯ، މިކަމާ ދެކޮޅު ހައްދަވާފައިވަނީ ފާޅުގައި.


އެހެންވީމާ، އަޅުގަނޑުމެންނަށް އިހުމާލުކޮށްލެވިފައި އޮތް އަޚްލާޤުގެ ތެރެއިން، އަޅުގަނޑުމެންނަށް އިހުމާލުކޮށްލެވިފައި އޮތް އިޖުތިމާޢީ ފޭރާން ވީރާނާވަމުން ދިޔައިރު، އިހުމާލު ކޮށްލެވިފައި ހުރި ކަންކަމުން އަޅުގަނޑުމެންނާ ހަމައަށް ވާސިލުވެފައި ހުރި ކަންކަމުގައި ހިތްދަތި ނޭދެވޭ ނަތީޖާތަކާ އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ. އަޅުގަނޑުމެން މިހާރު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މަރުގެ ޙުކުމް ތަންފީޒު ކުރާނެ ޗެމްބަރު އިމާރާތްކޮށް އެހެރީ ނިންމާފައި. އަޅުގަނޑަށް މިއަދު ހޯމް މިނިސްޓަރު ކަށަވަރުކަން ދެއްވި، މިކަމަށް ބޭނުންވާ އާލާތްތައް ހުރިހާ ގެޖެޓެއް ހަމަކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަސް ތިންމަސް ދުވަހުގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ ކަމަށް.


ރަޙުމްކުޑަ ހުރިހާ މުޖުރިމުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ޤާނޫނު އަރާ ހަމަކުރާނެއޭ. ﷲ އިރާދަކުރެއްވިއްޔާ، މިކަންކަމަކީ ތަޙުޤީޤު ކުރެވިގެން ޤާތިލުންނާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވިއްޖެ ކަމަށްވަންޏާ، އެމީހުންނަށް ޙައްޤު ޖަޒާ ލިބިގެންދާނެ. އެއީ މިއަދުވެސް އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ދަންނަވާލަން އޮތް ވާހަކަ. މިކަންކަމުގައި އަޅުގަނޑުމެންނަށް ކްރިޓިސައިޒް ކުރައްވާ! އަޅުގަނޑުމެން ކެތްތެރިވާނަން. އެއީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑުމެންނަކީވެސް ހަމަ ދިވެހި ކޮންމެ ރައްޔިތެއްފަދަ ފަރުދީ، އެއް ޙައްޤެއް އޮތް ބަޔަކަށްވާތީ. އެހެންނަމަވެސް، ޒިންމާތަކަކާއި މަސްއޫލިޔަތުތަކާ އުފުލަން، އެހެން މީހުންނަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ބަޔަކަށްވާތީ، އަޅުގަނޑުމެން މި ވާހަކަ މި ދައްކަން ޖެހެނީ.


އަޅުގަނޑުމެން ހަމައެކަނި ސަލާމަތުން ތިބެގެން ފުދޭކަށެއް ނެތް. ދިވެހި ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ކޮނޑުފުޅުތަކުގައި އެޅިފައި އޮތް ޒިންމާގެ ތެރޭގައި، ދިވެހި ދައުލަތް އަދި ދިވެހި ރައްޔިތުންނަށް، ވަޠަނުގައި ތިބޭއިރު، ފުރާނައާއި މުދަލުގެ ރައްކާތެރިކަމާއި ސަލާމަތްކަން އެއީ، އަޅުގަނޑުމެން ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތަކެއް. އެއީ، ޤާނޫނުއަސާސީގައި ކަޅާއި ހުދުން މި ވާހަކަ ލިޔެފައި އޮތީމައެއް ނޫން. އެއީ އެންމެ ކުރިއްސުރެ، ދުނިޔޭގެ ހުރިހާ ތަނެއްގައި އިޢާދަވަމުން އައި ޕްރެކްޓިސް. ދައުލަތެއްގައި އެޅިފައި އޮންނަ އެންމެބޮޑު ޒިންމާއެއްގެ ގޮތުގައި އަބަދުވެސް ހިމެނޭނީ މި ދެންނެވި ކަންތައް.


އެހެންވީމާ، މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ވެރިކަމަށް އައީކީ އެއްގޮތަކަށްވެސް ފަސޭހަ މަގަކުން ހިނގާފައެއް ނޫން. ޤައުމުގައި ހުރި ދުއްތުރާތަކާއި ނުރައްކާތަކާ، ހުރިހާ ކަމެއް، އަދި ޤައުމުގައި ހުރި ގޮންޖެހުންތައް އަޅުގަނޑުމެންނަށް އެނގިގެން. އެހެންނަމަވެސް، ﷲގެ ޙަޟްރަތުން ވާގިއެދި ތިބެ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ދެންނެވި ގޮންޖެހުންތަކާއި ތުރާތަކުން މި ދިވެހި ޖީލު ސަލާމަތްކޮށްދެވޭތޯ ކުރާ މަސައްކަތް. އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް، ފަހަރުގައިވެސް އަޅުގަނޑުމެން ޣާފިލެއްނުވަމު. އަދި ނުވެސްވާނަމު. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ މަސައްކަތް އަޅުގަނޑުމެން ކުރިޔަދެއްވާ! ދިވެހި ރައްޔިތުން ބޭނުންވަނީ ހަމައެކަނި އެމީހުންގެ ނަފްސާއި ފުރާނައިގެ ސަލާމަތްކަމެއް ނޫން. ދިވެހި ރައްޔިތުން ކުރިއަށްދާން ބޭނުންވާ އެތައް ކަންތައްތަކެއް އެބަހުރި. ދިވެހި ރައްޔިތުންގެ އުންމީދުތަކެއް އެބަހުރި. ދިވެހި ޒުވާނުންގެ އުންމީދުތަކެއް އެބަހުރި. މުޅި ދިވެހި ދައުލަތް ގޮވާ ގޮވުންތައް އެބަހުރި. ކޮންމެ ރަށެއް އެދޭ ކަންތައްތަކެއް މަދެއް ނޫން.


އެހެންވީމާ، މިކަންތައްތައް އަޅުގަނޑުގެ ސަރުކާރުން ކޮށްދެވޭތޯ ކެނޑިނޭޅި އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އެ މަސައްކަތް ކުރުމުގައި 24 ގަޑިއިރު އަޅުގަނޑަށް ދެއްވާ! އަޅުގަނޑުގެ ވަގުތުން ބޮޑުބައެއް ދާންވީކީ އެއްގޮތަކަށްވެސް ސިޔާސީގޮތުން މި ދެންނެވި ގޮތަށް ޤައުމު ހަލަބޮލިކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ވަގުތު އެކަމުގައި ނަގާލާކަށެއް ނޫން. ކީއްވެގެންތޯ އެއްފަހަރުވެސް އަޅުގަނޑުމެން ސުވާލު ނުކުރަންވީ، ކޮންމެ ސިޔާސީ ބޭފުޅަކު މަދަރުސާ ކުދިންނާއި، ނޫނީވިއްޔާ މިކަހަލަ ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވާއިރު، މޭޒުގެ ރަނގަޅުކޮޅުގައި، ނޫނީވިއްޔާ އިރުއަރަނީ ރަނގަޅު ކޮޅުންކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވެންޏާ، ވަރަށް ނިޔަނެތި، އަޚްލާޤީ ގޮތުން ވަރަށް ރިވެތި، ވަރަށް ރަނގަޅު ޢިބްރަތްތެރި ނަސޭހަތްތަކެއް ދެއްވާނެ. އެންމެ ފުރަތަމަ ޤައުމު. އަޅުގަނޑުމެން ކަންކަން ޕްރެކްޓިސް ކުރާއިރު، ކިހާވަރަކަށްތޯ މިކަންކަން ޕްރެކްޓިސް ކުރެވިފައި ހުރީ؟ އެންމެ ފުރަތަމަ ޤާނޫނަށް އިޙްތިރާމު ނުކުރުން. އެއަށްފަހު ޤާނޫނު ތަންފީޒުކުރާ މީހުންނާ ކުރިމަތިލުން. އޭގެފަހުން މަދަނީ ބަސްނޭހުމާއި، ޑިރެކްޓް އެކްޝަން. މިއީ ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަކީ.


އެހެންވީމާ، ފުލުހުންނާއި ސިފައިން، އާދެ، ޢަސްކަރިއްޔާއާއި، ސަލާމަތީ ބާރުތަކުގެ އަގު އިހުނަށްވުރެ ބޮޑަށް ވަޒަންކުރަނީ، މިކަހަލަ ކޮންމެ މުނާސަބަތެއްގައި، މިދެންނެވި ކަންކަން އަޅުގަނޑުމެންގެ ތެރެއިން ދުވަހަކުވެސް ނުފިލާތީ. އަބަދު އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަނީކީ ބޮޑުތަކުރުފާނުގެ ވާހަކައާއި، ޢަލިރަސްގެފާނު ޝަހީދުކުޅަ ގޮތާއި، ކަލާފާނު ޝަހީދުކުޅަ ގޮތާއި، ކޮރު ބަންޑާރައިންގެ ލޯ ކޮނެލިގޮތުގެ ވާހަކައާ، މިކަހަލަ ވާހަކަތަކެއް ނޫން. ތާރީޚުން ފިލާވަޅުތައް ކިތަންމެވަރަކަށްވެސް އަޅުގަނޑުމެންނަށް ލިއްބައިދޭ. އެކަމަކު ދުވަހަކުވެސް މި ހިތްދަތި، މި ނުރައްކާތެރި، މި ވިޔާނުދާ ތާރީޚު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ކަމަކަށް ދިވެހި ޖީލުތަކުން ދައްކައެއްނުދިން. 1988ގެ ނޮވެންބަރު 3 އެއީ ކޯއްޗެއްތޯ؟ ވެލާ ކަހަނބުފަތާބެހޭ ކަންތައްތަކެއްތޯ އެއީ؟ ކާކު ދެއްކި ވާހަކައެއްތޯ އެއީ؟ ކަހަނބު ފަތްކޮޅެއް އެކްސްޕޯޓް ނުކުރެވިގެން ކުރެވުނު ކަމެއްތޯ މިއީ؟ ގަބޫލެއްނުކުރާނެ. އެއްވެސް މީހަކު ގަބޫލެއްނުކުރާނެ.


އެހެންވީމާ، އަޅުގަނޑުމެންނަށް ގަބޫލުކުރެވެން އެބަޖެހޭ، އަޅުގަނޑުމެންގެ ޙަސަދަވެރިން އެކި ހިސާބުގައި އެބަ މަސައްކަތް ކުރޭ. ފިކުރީ ހަނގުރާމަތައް އެބަ ކުރެވޭ. މިއަދު ދައުލަތަކާ ޙަމަލާދޭނީކީ އެއްގޮތަކަށްވެސް ބޮޑު ބަޑިއަކުންނެއް ނޫން. މިއަދު ޙަމަލާ ދެވެނީ އެބައެއްގެ އައިޑިއޮލޮޖީ، އަޅުގަނޑުމެންގެ ތެރެއިން ގަބޫލުކުރާ ބަޔަކު، އެގޮތަކަށް ބަދަލުކޮށްލެވޭތޯ. އަޅުގަނޑުމެންނަށް މިއަދު އެންމެ ބޮޑަށް އުނދަގޫވެފައި ހުރި މައްސަލަތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ޓެރަރިޒަމްގެ ކަންތައްތައް އެބަ ފެނޭ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ހައްދުފަހަނައަޅާފައި ގޮސް ތިބި ބަޔަކު، ނޫނީ އެ އިޢުތިޤާދުގެ މީހުން އެކަން ގަބޫލުކުރާތީ، އެބަދޭ ބޭރުގެ ދައުލަތްތަކަށް، ޖިހާދުގެ ނަމުގައި މަސައްކަތް ކުރަން. މީގެ ގެއްލުން، ދިވެހި ރައްޔިތުންނަށްވަނީ ކުޑަކޮށެއް ނޫން. އެކަމަކު ހަމައެއާއެކީ އަޅުގަނޑުމެން މިއަދުވެސް ޚިޔާލަށް އެބަ ގެންނަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ކުޑަކަމެއް ނޫން، އަޅުގަނޑުމެންގެ ތެރޭގައި އުނދަގޫ ކަމެއް، ޙައްލުކުރަންޖެހޭ ކަމެއް. އަދި އެކަން ނުކޮށް ދޫކޮށްލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި މިއަދު ހެނދުނު މި ދިމާވިކަހަލަ ބޮޑެތި މާރާމާރީ، އަދި ބޮޑެތި، މިކަހަލަ ބޮޑެތި ޖިނާއީ ކުށްތައް އަޅުގަނޑުމެންނަށް ހަމަ ތަކުރާރުކޮށް ފެންނަމުންދާނެ.


އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރާ ބަޔަކު އެބަތިބި. އަދި ފާޅުގައި އެކަން އެބަކުރޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ދަތިވެފައި މިއޮތީ ހަމައެކަނި ޓެރަރިޒަމްގެ މައްސަލައެއް ނޫން. އަޅުގަނޑުމެންނަކީ އެ ދީނުގެ ހިދާޔަތުގެ މަތީގައި ތިބެން، ޤާނޫނުއަސާސީގައި ލިޔެ، ލޮލުން ބޮލުން އެކަން ކަށަވަރުކޮށްގެން، ޢަޤުދުކޮށްގެން ތިބި ބަޔަކީމު. އެހެންވީމާ، އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ، ދިވެހި ދައުލަތުގައި، ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ހުރިހާ މަދަނީ ޙައްޤުތަކެއް ލިބިގެން، އަޅުގަނޑުމެންގެ ދަރިން، އަނބިން، އަޚުން، އުޚުތުންގެ ގޮތުގައި ތިބޭ ބަޔަކު އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަ ކުރަން ޖާގަދެވިގެންވާނެ ކަމަކަށް. މިއީ އަޅައިނުލެވިދާ ކަމަށްވަންޏާ، ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަކަށްވާނީ. އެހެންވީމާ، މިއީ މިއަދުން މިއަދަށް މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ގޮތްތަކެއް ނިންމަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި މިއީ ނެތް ޚިޔާލެއް ނޫން. ފާޅުގައި ވައިރަލް މީޑިއާގައި، ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް މިކަން އެބަ ފެނޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ސަމާލުވެ، ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތެއް.


ދުނިޔޭގެ ޤައުމުތަކުގައި މަރުގެ ޙުކުމް ތަންފީޒު ކުރާތީ، އަދި ދިވެހިރާއްޖެ ފަދަ ކުޑަކުޑަ އަމާން ތަނެއްގައި، ފަސްދޮޅަހަކަށް އަހަރު ފަހުން މަރުގެ ޙުކުމް ތަންފީޒު ކުރާތީ، އަޅުގަނޑުގެ ސަރުކާރަށާއި އަޅުގަނޑަށް އަންނަ ފާޑުކިޔުންތައް މަދެއްނޫން. އަޅުގަނޑުގެ ސިޔާސީ ހަތުރުންގެ ތެރެއިން އަދި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން. އެހެންނަމަވެސް، ދުނިޔޭގައި އެކި ޤައުމުތަކުގައި، މީގެތެރޭގައި ތަރައްޤީވެފައި ހުރި ޤައުމުތައް، އެންމެ ތަރައްޤީވެފައި ހުރި ޤައުމުތައް ހިމެނޭގޮތަށް މަރުގެ ޙުކުމް އެބަ ތަންފީޒު ކުރެވޭ. ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި އެބައެއްގެ މަޞްލަޙަތު ނިޔާކުރާގޮތުން ޤާނޫނުތައް ހަދައި އެބަ ތަންފީޒު ކުރެވޭ. ސިންގަޕޫރުގައިވެސް މަސްތުވާތަކެތި، ބޮޑު އަދަދަކަށް އިމްޕޯޓްކޮށް ވިއްކާ ކަމަށްވަންޏާ، މަރުގެ ޙުކުމް އެބަ ތަންފީޒުކުރޭ. ހަމައެކަނި މަރަށް މަރެއްނޫން. މިދެންނެވި ކަންކަމުގައި މަރުގެ ޙުކުމް އެބަ ތަންފީޒު ކުރެވޭ. ޖަޕާނު ކަހަލަ ތަންތަނަށް ބަލާކަމަށްވަންޏާވެސް، ހަމަ މިދެންނެވި ގޮތަށް ޓެރަރިޒަމްގެ ޢަމަލުތަކުގައިވެސް މަރުގެ ޙުކުމް އެބަ ތަންފީޒު ކުރެވޭ. ހަމައެކަނި މަރަށް މަރެއްނޫން. އެމެރިކާ ފަދަ، އެންމެ ޑިމޮކްރަސީގެ ނަމުގައި އަޑުގަދަކޮށް، އަޑުހަރުކޮށް ވާހަކަ ދައްކާ ތަންތަނުގައި، މަރުގެ ޙުކުމް، މަރަން ތަންފީޒު ކުރުމުގެ އިތުރުން، މިނޫން އެހެން ކަންތައްތައްވެސް އެބަ ހިމެނޭ. ބައެއް ޤައުމުތަކުގައި ޖިނާއީ ބޮޑު އަދަބެއްގެ ގޮތުގައި ކުޑަކުދިންނާ ބެހުން، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް މަރުގެ ޙުކުމް އެބަ ތަންފީޒު ކުރެވޭ. ރާއްޖޭގައި މިކަންކަން ކުރީމާ، އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގުލީ. އެކަމަކު މިއީ ދުނިޔޭގެ ޙަޤީޤަތް.


އަޅުގަނޑުމެން މިކަންކަމާ ކުރިމަތިމިލަނީ އަޅުގަނޑުމެންގެ މުޅި ދިވެހި ދައުލަތް އަދި އަޅުގަނޑުމެންގެ ނަފްސުގެ ކަރާމާތާއި، އެންމެ އަގުބޮޑު އެއްޗަކީ ފުރާނައާއި ދިރިހުރުމުގެ ޙައްޤު ކަމުގައި އަޅުގަނޑުމެން ގަބޫލުކުރާތީ. އަޅުގަނޑުމެންގެ ދީނުގައާއި، ހުރިހާ ދީންތަކެއްގައި އެކަން އޮންނަނީ އެގޮތަށް. އެހެންވީމާ، އެއްވެސްކަހަލަ ރަޙުމެއްނެތި، އެހެން މީހެއްގެ ޙައްޤަށް އަރައިގަނެ، އެމީހެއްގެ ފުރާނައާއި ނަފްސާ ވަކިކޮށްލައިގެން ދާއިރު، އޭނާއަށް މަރުގެ އަދަބު ނުދެވޭންވީ ހަމަ އެއްވެސް ގޮތެއް، އަޅުގަނޑުގެ ވިސްނުމަކަށް ހަމަ އެއްގޮތަކަށްވެސް ނުގެނެވޭ. ހަމަ ފަހުމްކުރަން ދަތިވޭ. މުޅި ހުރިހާ އެންމެންގެ ސަލާމަތަށްޓަކައި، އަޅުގަނޑުމެންގެ ދިވެހި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހެނީ، މި ދެންނެވި ސަބަބަށްޓަކައި. އަދި ހަމައެހެންމެ މާތްވެގެންވާ އިސްލާމްދީނުގައި މިކަމަށް ޖާގަ އެބަ ދެއްވާ.


މަރުގެ ޙުކުމް ތަންފީޒު ކުރެވޭއިރު، އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، މިއީ ކްރިމިނޮލޮޖީގެ އެންމެ ވަރުގަދަ ޑިޓަރރިންގ އިފެކްޓަކަށްވާނީ، މިކަހަލަ ވަރުގަދަ ޙުކުމްތައް ތަންފީޒު ކުރެވިގެން. ޙުކުމްތައް ތަންފީޒު ކުރަނީ، އެއްގޮތަކަށްވެސް ދައުލަތުން އެ ޙުކުމްތައް ތަންފީޒު ކުރެވޭ މީހުންނާ ދޭތެރޭގައި ރަޙުމް ނެތިގެނެއް ނޫން. އަދި އެކަން ކުރުމުގައި އެއްވެސްކަހަލަ ހެޑޮނިސްޓިކް ޕްލެޝަރއެއް ލިބޭތީކީއެއް ނޫން. އެއީ އެންމެންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީ. މުޅި ދައުލަތުގެ މަޞްލަޙަތު ހިމެނިފައި އޮތީ، މި ދެންނެވި ގޮތަށް މަޞްލަޙަތާއި ޤާނޫނަށް ތަބާވާ، ބޮޑެތި ކުށްތަކަށް އަރައިގަތުމުން ދުރުގައި އޮތް ސަލާމަތް މުޖުތަމަޢެއް ތަރުބިއްޔަތު ކުރެވިގެން ކަމުގައިވާތީ. އެ ސަބަބަށްޓަކައި މި ޙުކުމް ތަންފީޒު ކުރަން އަޅުގަނޑަށް މި ޖެހެނީ.


އަޅުގަނޑުގެ ވާހަކަ ދިގުވެސް ވެއްޖެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލާނީ، ދިފާޢީ ބާރަށް 125 އަހަރު ފުރިގެންދާއިރު، އަދި އެކަމުގެ އުފަލުގައި އަޅުގަނޑުމެން މި މުނާސަބާ ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތަކާ ދޭތެރޭގައި އަބަދުވެސް ފާރަވެރިވެވަޑައިގެން ތިއްބަވާށޭ! އަބަދުވެސް ޔުނީފޯމުގައި ތިބޭއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭނީ މިދެންނެވި ކަހަލަ ކަންތައް. ޢަސްކަރިއްޔާގެ އިސްވެރިން، ދިފާޢީ ވަޒީރު، ތިޔަބޭފުޅުންނަށް ދުވަހުން ދުވަހަށް ބޭނުންވާނެ ވަރަށް މަތިވެރި މަޝްވަރާތައް ދެއްވަމުން ގެންދަވާނެ. މިރޭވެސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް އިވިގެންދިޔައީ އެކަހަލަ ނަސޭހަތްތައް. މިކަހަލަ ނަސޭހަތްތައް ތިޔަބޭފުޅުންގެ ކޮމާންޑަރުން އަބަދުވެސް ތިޔަބޭފުޅުންނަށް ދެއްވާނެ. ނަސޭހަތްތަކަށް ކިޔަމަންތެރިވެވަޑައިގަންނަވާ! މިހުރިހާ ނަސޭހަތެއްގެ ބޭނުމަކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ދައުލަތަކީ އަޅުގަނޑުމެން އެންމެންނަށްވުރެ މުހިންމު އެއްޗެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. ޙުސައިން އާދަމުގެ ހަށިގަނޑުން ބިންމައްޗަށްޖެހި އެންމެފަހު ލޭތިކިންވެސް ދައްކައިދެނީ މިކަން. އަޅުގަނޑުމެންގެ ޚިޔާލަށް މިކަން ގެނައިމާ، އަޅުގަނޑުމެން ހަމްބްލްވޭ. އަޅުގަނޑުމެން ސިހުންވޭ. އަޅުގަނޑުމެން ހިތަށްއަރާ، އަޅުގަނޑުމެން ހާދަ ބޮޑު ނިޢުމަތެއްގެ މަތީގައޭ މިތިބީ. އެޕްރިޝިއޭޓް ކުރެވޭނީ، ކަންކަން އަޅުގަނޑުމެންނަށް އެޕްރިޝިއޭޓް ކުރަން ދަސްވީމާ. ޑިޕްރައިވޭޝަންގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނީ، އަޅުގަނޑުމެން ކަމަކުން ޑިޕްރައިވް ވީމާ، ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ބޭނުންވާ އަސާސީ ބޮޑު ޙައްޤަކުން ޑިޕްރައިވް ވީމާ، އަޅުގަނޑުމެންނަށް އެނގޭނީ، ބައެއްގެ ޤުރްބާނީން އަޅުގަނޑުމެންނަށް ޙައްޤުތައް ކަށަވަރުކޮށްދީ، ދައުލަތެއްގެ ގޮތުގައި އިސްތިޤްލާލާއެކީ ދައުލަތެއް ބާއްވަން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެވޭނީ އެހިސާބަށް އަޅުގަނޑުމެން ދިޔައީމާ.


ކީއްކުރަންތޯ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލެންވީ، އަނެއްކާވެސް މިނިވަންކަމަކީ ކިހާވަރެއްގެ ރަޙްމަތެއްކަން އިޙްސާސް ކުރުމަށްޓަކައި؟ އެކަން އަޅުގަނޑުމެންގެ ތާރީޚުގައި، އަޅުގަނޑުމެންގެ ކާބަފައިން ކިތަންމެވަރަކަށްވެސް އިޙްސާސްކޮށްފި. އެހެންވީމާ، އަޅުގަނޑުމެން ނުޖެހޭ އެއްވެސް ކަމެއް އަޅުގަނޑުމެން ގޯ ތްރޫ ކުރާކަށް. ޑިޕްރައިއެއް ވީމާ، އެކަމެއްގެ ފިލާވަޅު އަޅުގަނޑުމެންނަށް ލިބުނީމާ، އެއިން ފިލާވަޅު ހޯދާކަށް އަޅުގަނޑުމެން އެކަން ކުރާކަށްނުޖެހޭ. ސަލާމަތްކަމާއެކީ، އަންނަން އޮތް ޖީލަށްވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖެ، އާދެ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން، އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައި އޮތް މިއަދުގެ ޒިންމާ. އެކަން ކުރެއްވުންމަތީގައި ދިވެހި ސިފައިން ތާއަބަދު މަސައްކަތް ކުރައްވާއިރު، އަޅުގަނޑުގެ ވާހަކަކޮޅުވެސް ނިންމާލާނީ، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ޝާޢިރެއް، އަޅުގަނޑުމެންގެ ތެރޭގައި ކުރީ ސަފުގައި މި އިންނެވީ. އަޅުގަނޑުމެން އެންމެން އަތް އުފުލައިލަނީ ﷲގެ ޙަޟްރަތުގައި، އަޅުގަނޑުމެންގެ ދިވެހި ދައުލަތާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އޮތް ޚާލިޞްކުރާ އިޚްލާޞްތެރި ޝުޢުރޫތަކާއެކީ.


އާދެ، އަޅުގަނޑުމެންގެ މަޝްހޫރު ޝާޢިރެއް، ވަރަށް ރިވެތިކޮށް މި ޢިބާރާތްކޮޅު ގެނެސްދެއްވަނީ. މިއީ އަޅުގަނޑުމެންގެ ހިތުގައި، އަޅުގަނޑުމެންގެ ޤައުމާ ދޭތެރޭގައި އަޅުގަނޑުމެންގެ އޮތް ލޯތްބާއި ކުލުނު ދައްކައިދޭ ކަމެއް.


[މި ޤައުމުގެ ކާބަފައިންގެ ލެޔާއި ކަށިތައް އެކުވެދިޔަ ވެއްޔާ
        މިއަށްވުރެ ވަކި ޢަޒީޒުތަނެއް ނުވާ މިއަޅާ އުފަންވި ހިޔާ

އިލާހީ މި ބިން ކުރައްވާށި އަމާން
     މި އަޅާގެ އުފަން ދިވެހިންގެ މި ބިން
          ތިބާ ޙަޟްރަތުން އޮހޭ މަދަދުން
              ފިލައި ނުމެދާ ދިވެހިންގެ މި ބިން]


މިއީ، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި، އަޅުގަނޑުމެންގެ ދިވެހި ދައުލަތާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުންމީދު. މިއީ، އަޅުގަނޑުމެން އަތް އުފުލައިލައިގެން ދިވެހި ދައުލަތަށް އަދި ދިވެހިންނަށް އަޅުގަނޑުމެން ކުރާ އުންމީދު.


ޑިމޮކްރަސީއަކީ ހަމައެކަނި ސިޔާސީ ޙައްޤުތައް ކަށަވަރުކުރާ އެއްޗެއް ނޫން. އޭގެއިތުރަށް ޑިމޮކްރަސީއަކީ އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ އަޅުގަނޑުމެންގެ އެސްޕިރޭޝަންސް ފުރިހަމަކޮށްދޭ ނިޒާމު. އޭގެތެރޭގައި، ކުރާ ކަންތައްތަކުގައި އަދި މުއައްސަސާތަކުގައި ޗެކް އެންޑް ބެލެންސް ހުންނާނެ. ޑިމޮކްރަސީއަކީ ވަކިބަޔަކު ވަކާލާތުކުރާ ހަމައެކަނި ވަކި ޙައްޤުތަކެއް ކަށަވަރުކުރުމެއް ނޫން. އެއީ ފާރ ފްރޮމް ޑިމޮކްރަސީ. ޑިމޮކްރަސީއާ ބެހޭގޮތުންވެސް އަދި މި ޙައްޤުތަކާ ބެހޭގޮތުންވެސް ހަމަ އަޅުގަނޑު ދަންނަވާލަން އޮތީ މިކަހަލަ ވާހަކައެއް.


ޑިމޮކްރަސީއާ ބެހޭގޮތުން އާދެ، މި ޙައްޤުތައް ބެލެންސްވެގެންދާގޮތް، ނޫނީ ޙައްޤުތައް ހޯދުމުގައި، މަސައްކަތް ކުރުމުގައި ނޯބަލް ލޯރިއެޓެއް އާދެ، ނޯބަލް ޕްރައިޒް ވިނަރއެއް. އޭނާގެ ތަޤްރީރުގައި ވިދާޅުވެފައި އޮތް ހަމައެކަނި ޢިބާރާތެއް އަޑުއައްސަވާލައްވާ!


A just peace includes not only civil and political rights. It must encompass economic securities and opportunities
 

ކަށަވަރުކޮށްދެނީ ހަމައެކަނި އެންމެ ކަމެއްނޫން.
A just peace includes not only civil and political rights. It must encompass economic securities and opportunities
 

މިއީ ދޮގެއްތޯ ދިވެހި ސިފައިންނާއި، ޚިދުމަތުގައި ތިބި ދިވެހި ފުލުހުން، ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަކީ މިއީ. އަޅުގަނޑުމެން މުދަލުގެ ރައްކާތެރިކަން ހޯދައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު ދަމަހައްޓައިދޭން އެބަޖެހޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ އުންމީދުތަކެއްވާނެ. އަޅުގަނޑުމެންގެ ޒުވާނުންނަކީ އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ ޒުވާނުންގެ ބޭނުންތަކެއް ހުންނާނެ. އަޅުގަނޑުމެންގެ ބޭނުންތަކެއް އެބަހުރޭ. އަޅުގަނޑުމެން އެބަ ބޭނުންވޭ، އަޅުގަނޑުމެންގެ ޒުވާނުންނަށް ރަނގަޅުގޮތް ހޯދައިދޭން. ހަމައެކަނި މަންމައާއި ބައްޕަ، ދަރިފުޅު ކިޔަވަން ފޮނުވީމާ، އެހިސާބުން ނިމުނީކީ ނޫން. އެއަށްވުރެ ދުރު އުންމީދު އެބައޮތް. އެކުދިންނަށް އޮތް އިކޮނޮމިކް އޮޕޮޗުނިޓީ ހޯދައިދިނުމުގެ އުންމީދު އެބައޮތް. މުޅި ތަނުގައި ސެކިއުރިޓީއާއި އަމާންކަމުގެ ކަށަވަރުކަން، އެބަ ދިވެހި ރައްޔިތުންނަށް، ފަރުދީގޮތުން އަދި ޖުމުލަވީގޮތެއްގައި އެބަ ލިބެންޖެހޭ.


އެހެންވީމާ، ޑިމޮކްރަސީއަކީ ހަމައެކަނި ޙައްޤެއް ނުލިބިގެން ވަކިތަނަކަށް އެއްވެ، ހަވަރު އެއްވާހެން އަބަދު އެއްވެ، އެ ޙައްޤު ހޯދަން މަސައްކަތް ކުރުމެއް ނޫން. ކުރިމަތިލާންވީ. އެއީކީ މައްސަލައެއް ނޫން. އެހެންނަމަވެސް، ރޮނގު ކްރޮސްކޮށްފި ކަމަށްވަންޏާ، ހުރަސްކޮށްފި ކަމަށްވަންޏާ، ޤާނޫނުއަރާ ހަމަކުރާނެކަން، މި ޒަޢާމަތުގައި ކަށަވަރުކޮށްދިނުމަކީ، ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑު ކުރަންޖެހޭ ކަމެއް.


އަޅުގަނޑު އެދެނީ، ދިވެހި ދައުލަތަށް ވަރަށް ފާގަތި، އުފާވެރި ދުވަސްތަކެއް. ދިވެހި ސިފައިން ތިޔަ ކުރައްވާ އަގުހުރި މަތިވެރި ޖިހާދުގައި ދެމިތިއްބެވުމުގައި އިރާދަކުރެއްވިއްޔާ މާތްﷲގެ ތައުފީޤު އަދި ހެޔޮގޮތް މިންވަރު ކުރައްވާށި!


والسّلام عليــكم ورحـمــة اللّـه وبـركاتـه.