ރާއްޖޭގެ ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވި މަޝްހޫރު ބްލޮގަރ، އައްޑޫސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި ގޮތެއްގައި މަރައިލި ޚަބަރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ، ކުއްލި ސިހުމަކާއި ހިތާމައާ އެކުގައެވެ. މިޢަމަލަކީ، އަނިޔާވެރިކަމާއި، ރަޙުމްކުޑަކަމުގެ ދަށު ދަރައިޖައިގެ ޢަމަލެކެވެ. އަދި މިޢަމަލު، އެންމެ ހަރުކަށި އިބާރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ކުށްވެރި ކުރަމެވެ. މިޖަރީމާ ހިންގި ފަރާތްތައް، ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް، ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރެވޭނެއެވެ.

ދިވެހި ޒުވާނަކަށް މިފަދަ އަނިޔާވެރި ކަމެއް ދިމާވުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިޔާއަށް ލިބުނު އުނި ކަމެކެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ޑިމޮކްރެސީއަށާއި މިނިވަން މީޑިޔާއަށް ދިން ހަމަލާއެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ގެންދަވަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ. މި ފަދަ މައްސަލަތަކުގެ ތަހުގީގަށް ބެނުންވާ ފުލުހުންގެ އޮޕަރޭޓިންގ ޕްރޮސީޖަރ މުޠާލިޔާ ކުރުމުގެ މަސައްކަތް ސަރުކާރުން މި ވަގުތު ގެންދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށް މިގެންދަނީ ރާއްޖޭގެ ނޫސްވެރިންނަށާއި އާންމު ފަރުދުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރްޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

ފުން ހިތާމައިގެ މިދަނޑިވަޅުގައި، މަރްޙޫމް ޔާމީން ރަޝީދުގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢްޒިޔާ ދަންނަވަމެވެ. މާތްﷲ، މަރްޙޫމް ޔާމީން ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.