بســم اللّـه الرّحمـن الرّحيــم


الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.


ޢިއްޒަތްތެރި މެހްމާނުން، ޢިއްޒަތްތެރި ސަފީރުން، ފޮރިން މިނިސްޓަރ، އަދި މި މަހާސިންތާ އަޑު އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، ދުވަސްގަނޑަކަށްފަހު މިފަދަ މަހާސިންތާއެއް ބޭއްވިގެން ދިޔުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް އަދި ދިވެހިރާއްޖެއިން ދިވެހިރާއްޖޭގެ ޕޮޒިޝަން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހާމަކޮށްދިނުމަށް މިކުރާ މަސައްކަތުގައި ގިނަ ކަންތައްތަކެއް ހާސިލުވުމަށް ލިބޭ ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ. އެހެންކަމުން، މި މުހިންމު މަހާސިންތާ ހުޅުވުމުގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ޚާރިޖީ ވަޒީރަށާއި އަދި މި ފަންކްޝަން މިދަނީ ޓޫރިޒަމް މިނިސްޓްރީއާއި، ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކަމުގައިވާތީ، ޓޫރިޒަމް މިނިސްޓަރަށާއި، އަދި އިންޑަސްޓްރީގެ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އާދެ، މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ ޓީމަށް، އާދެ، ދުނިޔޭގައި ދިވެހިރާއްޖޭގެ ޕޮޒިޝަން ހާމަކުރައްވަމުން ގެންދަވާ ހީވާގި އެމްބެސެޑަރުންނަށް، ސަފީރުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މި މަހާސިންތާގެ ތީމް ބިނާވެފައި މިވަނީ ދިވެހިރާއްޖެއަށް މިވަގުތު އެންމެ މުހިންމު އެއް އަމާޒާ ދިމާއަށް ވާސިލުވުމަށް. އާދެ، ދިވެހިރާއްޖެއަކީ ރާއްޖެއިން ބޭރުގެ މެހްމާނުންނަށް ފަސޭހަ، ހިތްގައިމު މަންޒިލަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ މައްޗަށް. އާދެ، އަޅުގަނޑުމެންގެ ކޮންވެންޝަނަލް ޑިޕްލޮމަސީގެ ތެރެއިން ބޭރުން، އޭގެ ބޭރުން ކުރެވޭ މަސައްކަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑު އުފުލޭނެ އެހެން ޖާގަތައް، އެހެން ސްޓްރެޓިޖީތައް އަޅުގަނޑުމެން މިހާރު މިވަނީ ހޯދަން ޖެހިފައި. އެގޮތުން، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންނަށް، ޚާއްޞަކޮށް، 1 ވަނަ ދުނިޔޭގެ ފަތުރުވެރިންނަށް އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި މިހާރުވެސް މިވަނީ ގަބޫލުކުރެވިފައި. އެހެންކަމާއެކީ، މި މަހާސިންތާގެ ތީމަކީ، މިއަދުގެ ތީމަކީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް އެޕްޓް، މިކަމާ ވަރަށްގުޅޭ ތީމެއް ކަމުގައި އަޅުގަނޑު ދަންނަވަން.


އާދެ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންދާ ގޮތުގެ ބައެއް ވާހަކަ ޚާރިޖީ ވަޒީރު އެ އިޢުލާނު ކުރެއްވީ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާބެހޭ ކަރުދާހުގައި އަޅުގަނޑުމެން މިހާރުވާނީ ކަނޑައަޅާފައި. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންނަށް އިޙްތިރާމްކުރާ، އަޅުގަނޑުމެންގެ އިސްތިޤްލާލު ގަބޫލުކުރާ ހުރިހާ ދައުލަތްތަކާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ދައުލަތެއް. އަޅުގަނޑުމެންގެ ޙަސަދަވެރި ދައުލަތެއް ނޯންނާނެ. ދުނިޔޭގައި ހިނގާ ހުރިހާ ނިޒާމެއްގެ ތެރޭގައިވެސް މަސައްކަތްކުރާ ދައުލަތްތަކަކީ، އ.ދ.ގެ ހުރިހާ ދައުލަތްތަކަކީ، އަޅުގަނޑުމެންގެ ގާތް ރައްޓެހި ދައުލަތްތައް. އަޅުގަނޑުމެން ގަބޫލުކުރަނީ ކޮންމެ ދައުލަތެއްގެ އިސްތިޤްލާލާއި ކަރާމަތަށް އަނެއް ދައުލަތުން އިޙްތިރާމު ކުރަންޖެހޭނެ ކަމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެންވެސް އަދި ދުނިޔޭގެ އެހެން ދައުލަތްތައްވެސް ބައިވެރިވާ ޖަމުޢިއްޔާއަކީ، އެ ޖަމުޢިއްޔާގެ ކަންކަން ނިންމުމުގައި ރޫލް ބޭސްޑް އިންސްޓިޓިއުޝަންތަކަކަށް ވެގެންދިޔުން. ވަކި އިމްތިޔާޒުތަކެއްގެ ދަށުން ޤައުމުތަކާ ދޭތެރޭގައި ފިޔަވަޅު އެޅިގެން ދިޔުމަކީ، ދިވެހި ދައުލަތުން ގަބޫލުކުރާ ކަމެއްނޫން. ދިވެހި ދައުލަތުން ޖަމުޢިއްޔާއެއްގައި ބައިވެރިވާ ކަމަށްވަންޏާ، އެ ޖަމުޢިއްޔާގެ އުސޫލުތަކާއި އަދި އެ ޖަމުޢިއްޔާއިން ކަންކަން ނިންމުމުގައި ހުންނަ ހަރުދަނާ ކަންކަން، އުސޫލުތައް އަޅުގަނޑުމެންނަށް އެނގެން ބޭނުންވާނެ. އަދު ދިވެހިރާއްޖެއިން މި މަސައްކަތް ކުރަނީ މިކަހަލަ ޖަމުޢިއްޔާތަކުގައި އިތުރަށް ބައިވެރިވެގެން އަޅުގަނޑުމެންގެ އަޑު އުފުލޭނެގޮތެއް ހެދުމަށްޓަކައި. މި ސަބަބަށްޓަކައި އ.ދ.ގެ ނޮން ޕަރމަނަންޓް މެމްބަރޝިޕް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ.


އާދެ، ދިވެހި ދައުލަތަކީ ބޭރުގެ އެކިއެކި ދައުލަތްތަކާ ގުޅުން ބަދަހިކޮށް އަދި ހުރިހާ ދައުލަތްތަކަށް އިޙްތިރާމްކުރާ ދައުލަތަކަށްވާއިރު، އަޅުގަނޑުމެންގެ ދައުލަތުގެ ސިޔާސަތު، ބޭރު ދުނިޔެއަށް ހާމަވާން އެބަޖެހޭ. އަޅުގަނޑުމެންގެ ވިސްނުން، ބޭރު ދުނިޔެއަށް އެބަ އެނގެންޖެހޭ. ކުޑަ ޤައުމަކަށްވާތީ ހުންނަ ގޮންޖެހުންތަކެއް ހުންނާނެކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ އެކެއްގެ ހިތުގައިވެސް ޝައްކެއްނޯންނާނެ. އެއާއެކުވެސް އަޅުގަނޑުމެންގެ ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ އަޑުއިވޭނެ ގޮތްތައްވުމަކީ، ދިވެހި ހުރިހާ ސަފީރުންގެ ފަރާތްޕުޅުން އަޅުގަނޑު އެދޭ އެދުމެއް. އަޅުގަނޑުމެންގެ ދައުލަތުން ގަބޫލުކުރަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢެއްގައި ކުދި ބޮޑު، ތަފާތުތައް ހުރި، ވިސްނުމުގައާއި އަދި ފިލޯސަފީ އަދި ދީނީ ތަފާތުތައް ހުންނަ އެކި ދައުލަތްތައް އުޅޭއިރު، މި އ.ދ. އަކީ އެކި ފެންވަރުގެ، އެކި ގިންތީގެ، އެކި ފަންތީގެ ދައުލަތް ހިމެނޭ މުއައްސަސާއެއް. ކޮންމެ ދައުލަތެއްގެވެސް އެ ދައުލަތެއްގެ އަމިއްލަ މައްސަލަތައް ހުންނާނެ. ކޮންމެ ދައުލަތެއްގެވެސް އެ ދައުލަތުން ކަންކަން ޙައްލުކުރާނެ އުސޫލުތަކެއް ހުންނާނެ. މިއަދުގެ ދުނިޔޭގެ ކުރިއެރުމަކީ، އަދި ޑިމޮކްރަސީއެއް ހަރުދަނާވެގެން ދިޔުމަކީ، އެބަޔަކު ގަބޫލުކުރާ އުސޫލުތަކެއް އެބައެއްގެ ތެރޭގައި ތަންފީޒު ކުރެވޭނެކަން ކަށަވަރުވެގެން ދިޔުން. އަދި މިކަންކަން ކުރާއިރު، ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމުކުރާ ޙާލަތްތަކެއް ހުންނާނެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އަޅުގަނޑުމެން އިޙްތިރާމު ކުރާއިރުވެސް އަޅުގަނޑުމެންނަށް ދަތިވާ ކަންތައްތަކެއް ހުރެދާނެކަން ހުރިހާ ސަފީރުންވެސް ގަބޫލުކުރައްވަންވާނެ.


ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއް. އެހެންވީމާ، އިސްލާމީ ދައުލަތް ނޫން ދައުލަތްތަކަށް ފަސޭހަކަމާއެކީ ގަބޫލުކުރެވޭ އިޞްޠިލާޙުތަކާއި، ފަސޭހަކަމާއެކީ ގަބޫލުކުރެވޭ ކަންކަން، އިސްލާމީ ދައުލަތަކަށް އޮވެ، ގަބޫލުކުރުމުގައި އަޅުގަނޑުމެންނަށް ދަތިތަކެއް ހުންނާނެކަން، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޚިޔާލަށް ގެންނަންވާނެ. މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން އ.ދ. ގައި ބައިވެރިވެގެން މިއުޅެނީ އެކި ފަންތީގެ، އެކި ގިންތީގެ ތަނަވަސްކަމާއި ކުރިއަށް ދިއުމުގެ އެކި ވަސީލަތްތައް، ބާރާއި ބާރުވެރިކަން ނެތުމުގެ އެކި ފަންތީގެ ޤައުމުތައް ހިމެނޭ ބޮޑު ފެމިލީއެއްގައި. އަޅުގަނޑުމެން އެދެނީ ކަންކަން ނިންމުމުގައި، އެއްވެސް ބަޔަކު އަނެއް ބައެއްގެ ދާޚިލީ ކަންކަމާ ނުބެހުން. ކޮންމެ ބަޔަކީވެސް އެބަޔަކު އަމިއްލައަށް އެބަޔަކު ނިންމާ ކަންކަން ނިންމޭގޮތުގެ ފުރިހަމަ ސިޔާދަތީ ބާރު އޮންނަ ދައުލަތަކަށް ވެގެންދާ ދައުލަތްތަކެއް ހިމެނޭ އ.ދ. އަކަށް ވެގެންދިޔުން. އަދި އ.ދ.ގެ ބޭރުން އެކިއެކި ޖަމާޢަތްތައް ހެދިގެންދާއިރުވެސް، މި ޖަމާޢަތްތަކުގައި ހިމެނޭ ޤައުމުތަކުގެ ކަންތައްތައްވެސް ނިންމެންވާނީ، މި އުސޫލުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެއްވެސް ދައުލަތަކުން އެހެން ދައުލަތެއްގެ ދާޚިލީ ކަންކަމަށް ބާރުފޯރުވުމުގެ އެއްވެސްކަހަލަ އުސޫލެއް، އަސާސެއް އޮންނާނެ ކަމަކަށް ދިވެހި ދައުލަތަކުން ގަބޫލެއްނުކުރަން.


އަޅުގަނޑުމެން މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި މަހާސިންތާ ބޭއްވިގެން މިދަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން މަހާސިންތާއެއް އޮވެފައި، އަނެއްކާވެސް އާ ފެށުމަކާއެކީ، މިނިސްޓަރ ޑޮކްޓަރ ޢާޞިމް ކުރައްވާ މަސައްކަތްޕުޅުގައި. މި މަހާސިންތާގައި، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ! ކުޑަކުޑަ ޤައުމަކަށްވާއިރު، މި ދެންނެވި ކަހަލަ ސްކޯޕެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، ބޮޑެތި ގޮންޖެހުންތަކާއި އަދި ކުދި ޤައުމުތަކުގައި ހުންނަ ވަކިވަކި މައްސަލަ، އެއީ ބޮޑެތި މައްސަލަތަކަށް ޕެރިސްކޯޕުތަކުން ފެނިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަންވާނެ، ބޮޑެތި ޤައުމުތަކުގައި ހިނގާ ބޮޑެތި މައްސަލަތައް، ދުނިޔޭގެ ސަފުން ފާހަގަކުރެވިގެންނުދާކަން. މިކަންކަން އަޅުގަނޑުމެން ގަބޫލުކޮށް، މިކަންކަމަށް އެޑްރެސް ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު އެބަ ކުރަންޖެހޭ. މިހެން ދަންނަވާއިރުވެސް އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ، ރިއެކްޓިވް ޚާރިޖީ ސިޔާސަތެއް. އަޅުގަނޑުމެންނަކީ އިސްނަގައިގެން މިކަހަލަ ކަންކަމުގައި މާ ބޮޑެތި މަސައްކަތްތަކެއް ކުރެވޭވަރުގެ ޤާބިލު ބައެއް ނޫން. އެހެންނަމަވެސް، އިންސާނިއްޔަތަށް ގެއްލުން ލިބޭ ބޮޑެތި ކަންކަމުގައި، އިންސާނީ ޙައްޤުތައް މުޅި މުޖުތަމަޢުން، ނޫނީވިއްޔާ ރަށެއްގެ، ޤައުމެއްގެ ބޮޑު މުޖުތަމަޢަކުން ގެއްލިގެންދާ ކަމަށްވަންޏާ، އެކަމުގެ އަޑުއުފުލުމުގައި ދިވެހި ސަރުކާރުން މިހާތަނަކަށް ފަސްޖެހިފައެއް ނޯންނާނެ. މިގޮތުން، ފަލަސްޠީނު ރައްޔިތުންނަށް މި ދިމާވާ ހިތްދަތި ކަންކަމާ ބެހޭގޮތުން އަޑުއުފުލައި، އެޑްވޮކޭޓްކޮށް، އަޅުގަނޑުމެން ދިވެހި ސަރުކާރުން މިހާތަނަށް ވާނީ މަސައްކަތްތަކެއް ކޮށްފައި. މިނޫން އެހެން ކަންކަމުގައި، މި ދެންނެވިހެން އަޅުގަނޑުމެންނަކީ އިސްނަގައިގެން މިކަހަލަ ކަންތައްތަކުގައި މާބޮޑަށް ޝައުޤުވެރިކަމާއެކީ އުޅެފައިވާ ބައެއް ނޫން.


މިހުރިހާ ކަމެއް މިހެން އޮތްއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ ޑޮކްޓަރ ޢާޞިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މި ދެވުނު މަގުން ކިހާ ހިސާބަކަށް އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖެތޯ؟ ނޫނީވިއްޔާ އެއްވެސްކަހަލަ ކާމިޔާބީތަކެއް، އަޅުގަނޑުމެން ހިތްއެދޭފަދަ ނަތީޖާތަކެއް ލިބިއްޖެކަމާ ދޭތެރޭގައި އަޅުގަނޑުމެން އެބަޖެހޭ ހިތާހިތާ ސުވާލުކޮށްލަން. މި ފެށިގެންދާ މަހާސިންތާ ނިމިގެންދާއިރު، އަޅުގަނޑަށް ހަމަ ޔަޤީންކުރެވޭ، އަޅުގަނޑުމެން އިތުރަށް ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކެއް، ހަމަ ވަރަށް ބްރައިޓް އެމްބެސެޑަރުންގެ ޚިޔާލުފުޅުން، މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޚިޔާލުފުޅުން އަޅުގަނޑުމެންގެ ސަރުކާރަށް ލިބިގެންދާނެ.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑު ހަމަ ދަންނަވާނީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާތަނަށް ހިންގާފައިވާއިރު، ޚާރިޖީ ސިޔާސަތު ހިންގާފައިވަނީ ކާމިޔާބުކަމާއެކީއޭ. އެއީ ކުޑަ ޤައުމެއްގެ މި އޮންނަ ހުރިހާ ބޮޑެތި ގޮންޖެހުންތަކާއެކުވެސް އަދި ކުދިކުދި ޤައުމުތަކާ ދޭތެރޭގައި ބައެއް ބޮޑެތި ޤައުމުތަކުން ކަންކަން ކުރަމުންދާގޮތް. އަދި ބޮޑެތި ޤައުމުތަކުގައި ހުންނަ ބޮޑެތި މައްސަލަތައް އިހުމާލުވެގެންދާ ޙާލަތުގައިވެސް، މިހުރިހާ ކަންކަމަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު، ﷲގެ ރަޙްމަތްފުޅާއެކީ ކާމިޔާބުކަމާއެކީ ކުރިއަށް އެބަގެންދެވޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން.


އާދެ، އެހެން މި ދަންނަވާލީ، ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން 164 ޤައުމާއެކީ އަޅުގަނޑުމެން ގަބޫލުކުރާ މިއުޗުއަލް އަދި ރެސިޕްރޮކޭޓް ކުރާ އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް ގުޅުންތަކެއް މިހާރު މިވަނީ ޤާއިމުކުރެވިފައި. އަދި އަޅުގަނޑުމެންނަކީ އެތަކެއް ކުދި ޤައުމުތައް، އާދެ، ތިމާވެށީގެ ގޮތުން ނާޒުކު އެތައް ޤައުމުތަކެއް ހިމެނޭ އެއޯސިސް ހެޑްކުރާ، ނޫނީ ޗެއަރކުރާ ދައުލަތް ކަމުގައިވެސް އެބަ ހިމެނޭ. އަދި ދެންމެއަކު އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، ދުނިޔޭގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދައުރު، އަޅުގަނޑުމެން ދެފަހަރު ފުރިހަމަކޮށްފިން. ކޮންސިކިޔުޓިވް ދެ ދައުރު ފުރިހަމަކޮށް، އަދި މި އަންނަ ދައުރަށްވެސް އަޅުގަނޑުމެން ކުރިމަތި އެބަލަމު.


އާދެ، ހަމައެހެންމެ، ދިވެހިރާއްޖެއިން އެންމެ ނާޒުކު، އެންމެ ބޮޑެތި މައްސަލަތައް، ދުނިޔޭގެ ސަމާލުކަމަށް ވަނީ ގެނެވިފައި. މީގެތެރޭގައި، ގްލޯބަލް ވޯރމިންގ، ތިމާވެށްޓަށް އަންނަ ގެއްލުންތައް، ސީ ލެވެލް ރައިޒް. މިކަހަލަ އެތައް ކަމެއް ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި. އަދި އެކަންކަމާ ދޭތެރޭގައި ދައުލަތްތަކުގެ ވެރިން ވާހަކަފުޅު ދައްކަވައި، އެއްބަސްވުންތަކެއް، މުޢާހަދާތަކެއްގެ ސިފައިގައި ތަންފީޒު ކުރެވެން ފަށާފައި. އެހެންކަމުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، އަޅުގަނޑުމެންގެ ފޯކަސް އަންނަންޖެހޭ ކަންތައްތަކުގައި، އަޅުގަނޑުމެން އެއަށް ސަމާލުކަން ގެންނަން މަސައްކަތްކޮށް، އަދި އޭގެ ނަތީޖާތަކެއް އަޅުގަނޑުމެންނަށް ލިބިފައިވާ ޚާރިޖީ ސިޔާސަތެއް.


މިއާއެކީ ދިވެހި ދައުލަތަކީ ކުޑަ ޤައުމަކަށްވާއިރު، ކުޑަ ދައުލަތަކަށްވާއިރު، އަޅުގަނޑުމެން އެދޭ ކަންތައްތަކެއްވެސް ހުންނާނެ. މީގެތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، އެންމެ ވަރުގަދަ ކަމަކަށްވާނީ، އަޅުގަނޑުމެންގެ ދައުލަތުގެ މިނިވަންކަން، މުސްތަޤިއްލުކަން ދެމެހެއްޓުން. މި މަސައްކަތަކީ އެކަށީގެންވާ ވަރުގަދަ ނަތީޖާތަކަކާއެކީ އަޅުގަނޑުމެން މިހާތަނަށް އ.ދ. ގަޔާއި، އަދި އެހެން ޖަމްޢިއްޔާތަކުގައި އަޅުގަނޑުމެން އެސަރޓް ކޮށްފައިވާ ޕޮޒިޝަނެއް. އަޅުގަނޑުމެން ހިތްދަތިކަމާއެކު އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީ. އެއީވެސް އަޅުގަނޑުމެންގެ އިސްތިޤްލާލާއި މިނިވަންކަން އެސަރޓް ކުރުމުގެ އެކްސަރސައިޒެއްގެ ގޮތުން. އަޅުގަނޑުމެން ގަބޫލުކުރަނީ ކޮންމެ ޖަމުޢިއްޔާއަކީވެސް އުސޫލުތަކެއްގެ މައްޗަށް ހިނގާ، އަދި އުސޫލުތަކެއްގެ މައްޗަށް ފަރުވާ ލިބި، ފިޔަވަޅު އެޅޭ ޖަމުޢިއްޔާއަކަށް ވެގެންދިޔުން. އަޅުގަނޑުމެންނަކަށް ގަބޫލުކުރާކަށް އެހާ ފަސޭހައެއް ނޫން، ދައުލަތްތަކުގެ ސިޔާދަތީ ޙައްޤުތަކަށް އެރިގެންދާއިރު، އެކަންކަން އެދަނީ އުސޫލުތަކުން ބޭރުން، ޕްރައިވެޓް އެކްސްކްލޫސިވް ކްލަބެއްގައި ތިއްބަވާ މެންބަރުންގެ ބާރުގެ ދަށުން ކަމަށްވާކަށް އަޅުގަނޑުމެންނަކަށް ގަބޫލުކުރާކަށް އެހާ ފަސޭހައެއް ނޫން. އަދި އެއީކީ ކުޑަކުޑަ ޤައުމަކަށް އެކަމުގެ ސަލާމަތްކަން އޮތް ކަމެއްވެސް ނޫން. އަޅުގަނޑުމެންނަކީ ކުޑަ ނަމަވެސް އ.ދ.ގެ އެއްވަރު މެންބަރެއް. އެހެންވީމާ، އ.ދ.ގެ މި އުސޫލުތައް، މިހެން އުފެދޭ ހުރިހާ ޖަމާޢަތްތަކުން އެމްބްރޭސް ކުރުމަކީ، ހުރިހާ ޖަމާޢަތްތަކަކުންވެސް އެކަންކަމަށް ހިތްވަރުދޭންޖެހޭނެ ކަންކަން ކަން އަޅުގަނޑުމެން ގަބޫލުކުރަން.


މިކަންކަމާއެކު މި މަހާސިންތާއިން އެދޭ ކަންތައްތަކެއް، ނަތީޖާ ނެރެވެންޖެހޭ ކަންތައްތަކެއް، އަޅުގަނޑުގެ ޚިޔާލަށް އަންނާތީ، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ ޑެސްޓިނޭޝަނަކީ ހަމައެކަނި މޯލްޑިވްސް އޭޒް އަ ޕްރޮމޯޝަން ޑެސްޓިނޭޝަނެއް ނޫން. މިއީ ޝައްކެއްވެސްނެތްގޮތުގައި، މިއަދުގެ މަހާސިންތާގެ ތީމް. އެހެންނަމަވެސް، ސަފީރުން މިކުރައްވާ މަސައްކަތްޕުޅަކީ މުޅި ދިވެހިރާއްޖޭގެ އަޑު، ބޭރުގައި އަރޓިކިއުލޭޓް ކުރަން ކުރާ މަސައްކަތަކަށްވާތީ، އަޅުގަނޑުގެ ޚިޔާލަށް އަންނަ އެހެން ބައެއް ކަންތައްތައް ދަންނަވާލާނަން.


އަޅުގަނޑުމެން ދިވެހިރާއްޖެ، އިޤްތިޞާދީ ގޮތުން ޓްރާންސްފޯމް ކުރަމުން މިދަނީ ވަރަށް ހަލުއިމިނެއްގައި، ބާރުމިނެއްގައި. އަދި މިއާއެކީ އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ބޭނުންވާ މިންވަރު މިވަނީ ޙުދޫދުވެގެނެއް ނޫން. ވަރަށް ބޮޑެތި އެހީ އަޅުގަނޑުމެން ބޭނުންވޭ. އަދި ދުނިޔޭގައި އަޅުގަނޑުމެންގެ ޑިޕްލޮމަސީގެ ތެރެއިން މި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ލިބެމުންދިޔަ ކަމުގައިވީނަމަވެސް، އަދިވެސް އިތުރު އެހީ އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، މި މަހާސިންތާގައި ޑިސްކަސް ކުރެވޭ ތީމްތަކުގެ ތެރޭގައި، ސުރުޚީތަކުގެ ތެރޭގައި، މި ދެންނެވި ވާހަކައަށް ހުރިހާ ސަފީރުން ޚިޔާލު ބެހެއްޓެވުން.


އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ ދާދިފަހާ ޖެހެންދެން ދުނިޔޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮންނަ ޤައުމުތަކުގެ ތެރޭގައި ލިސްޓް ކުރެވިފައި އޮތް ޤައުމެއް. އެހެންނަމަވެސް، މިހާރު ދިވެހިރާއްޖެ މިވަނީ އެ ލިސްޓުން އުނިކުރެވިފައި. އަޅުގަނޑުމެންނަކީ މިހާރު ލީސްޓް ޑިވެލޮޕިންގ ޤައުމެއް ނޫން. އެހެންކަމާއެކީ އަޅުގަނޑުމެންނަށް ލީސްޓް ޑިވެލޮޕިންގ ދައުލަތްތަކަށް ލިބޭ ކޮންސެޝަންތައް، ޢިނާޔަތްތައް، ޚާއްޞަކޮށް، އިޤްތިޞާދީ، ތިޖާރީ ޢިނާޔަތްތައް މިވަނީ އުނިވެފައި. އަޅުގަނޑުމެންގެ ސަފީރުން ކޮށްދެއްވަންޖެހޭ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންނަކީ ޕަރ-ކެޕިޓާއަށް ބިނާކޮށް، ހަމަ އެންމެ ފެކްޓަރއަކަށް ބިނާކޮށް، ލީސްޓް ޑިވެލޮޕިންގ ކަންޓްރީއަކަށް ނުވިކަމުގައިވިނަމަވެސް، އަޅުގަނޑުމެންގެ ވަލްނަރަބިލިޓީއާއި، އަޅުގަނޑުމެންނަށް ހުރި ޗެލެންޖްތަކާއެކީ، އަޅުގަނޑުމެން އަބަދުވެސް އެޑްވޮކޭޓް އެބަ ކުރަންޖެހޭ، އަޅުގަނޑުމެންނަށް ޢިނާޔަތްތެރިކަން އިތުރުވާނެ ގޮތްތަކަށް ވާހަކަ ދައްކަން. އެހެންވީމާ، އަޅުގަނޑުމެންގެ މިވަގުތުގައި އޮތް އެންމެބޮޑު ގޮންޖެހުމަކަށް މިވަނީ މިދެންނެވި ކަހަލަ ކުރިން ލިބިފައި ހުރި ކޮންސެޝަންތައް، އަޅުގަނޑުމެންގެ ތެރޭގައި ރިޓެއިން ކުރެވޭނެ، ނޫނީ އަނބުރާ ގެނެވޭނެ ގޮތްތަކަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް، އަދި އަޅުގަނޑުމެންގެ ވާހަކަތައް ބައްޓަންކޮށްގެން ގެންދިޔުން. ޝައްކެއްވެސްނެތްގޮތުގައި، އިޤްތިޞާދީ ފައިދާ ލިބެން ހުރި ކޮންމެ ކަމެއްގައި، އަޅުގަނޑުމެން އިޤްތިޞާދީ ފައިދާ ހޯދަން މަސައްކަތް ކުރަންވާނެ. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް އޮތް އެންމެބޮޑު އެއް ޗެލެންޖް.


ހަމައެއާއެކީ، ދިވެހިރާއްޖެ އެބަ ޕޮޒިޝަންވާންޖެހޭ. ދިވެހިރާއްޖޭގެ އިމޭޖް އެބަ ޕޮޒިޝަންވާންޖެހޭ. މިއީ ދިވެހިރާއްޖޭގެ ވާހަކަ، ކުޑަ ޤައުމަކަށްވާއިރު، ވަރަށް ބޮޑަށް ހަލަބޮލިކަމާއެކީ ދުނިޔޭގެ މަސްރަޙުގެ ސަމާލުކަން ހޯދާފައިވާ ވަގުތެއް. އެހެންކަމާއެކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތާއި، ސިޔާސަތުގެ ސްޓްރެޓިޖީތައް، އެމްބެސެޑަރުންގެ މަސައްކަތްޕުޅު ބައްޓަންވެގެންދާންޖެހޭނީ، ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި، ބޭރުގެ ދުނިޔޭގައި ޕޮޒިޝަން ކުރުމަށް.


އާދެ، ދިވެހިރާއްޖެއާ ގުޅުވައިގެން މި ދެކެވޭ އެކްސްޓްރިމިޒަމްގެ ވާހަކަތައް، ނޫނީ ދީނީ ހައްދުފަހަނައަޅާ މީހުންގެ ހާއްޔެއް ކަމަށް، މި ދެކެވޭ ވާހަކަތަކަށް، ވަރަށް ބޯލްޑްލީ ޖަވާބުދާރީވާން އަޅުގަނޑުމެންނަށް އެބަޖެހޭ. އަޅުގަނޑުމެން ޕޮޒިޝަން ކުރުމުގެ މަސައްކަތުގެ ތެރޭގައި، ދިވެހި ދައުލަތަކީ، މޮޑަރޭޓް އިސްލާމީ ދައުލަތެއް ކަމުގައި ހާމަކޮށްދެވެން އެބަޖެހޭ. މިއީ ހަމަ ވަރަށް ވަރުގަދަ މިސާލުތަކާއެކީ ކޮށްދެއްވަންޖެހޭ މަސައްކަތެއް. ކުޑަ ޤައުމަކަށްވީމަ، ޝައްކެއްވެސްނެތްގޮތުގައި، ޕަރ-ކެޕިޓާ ޖިހާދިސްޓުން ގިނަވެދާނެ. އެކަމަކު އެއީ އިލިއުޝަނެއް. އެއީ ޑިސްޓްރެކްޝަނެއް. އެއީކީ ނޫން އެއްވެސް ކަމެއްގައި، އެއްވެސް ސައިންޓިފިކް ކަމެއްގައި މިސާލު ނަގާގޮތަކީ އެއީއެއް ނޫން. އަދި ޕަރ ކެޕިޓާ ހޯދުމުގައިވެސް މިސާލު ނަގާގޮތަކީ އެއީއެއް ނޫން. އެހެންވީމާ، ދިވެހިރާއްޖޭގައި އާބާދީގެ ބޮލަކަށްޖެހޭ މިވެނިވަރެއް، މިއީ ޖިހާދިސްޓުން ކަމަށް، ނޫނީ ސީރިއާގައި އުޅޭ ބައެއް ކަމަށް ބުނެގެން، އޭގެ ނާޖާއިޒު ފައިދާ ނަގާކަށް، އެއްވެސް ޤައުމަކަށް، އެއްވެސް ބަޔަކަށް ޖާގަދެވިގެން ނުވާނެ.


ދިވެހިރާއްޖެއަކީ މޮޑަރޭޓް ދައުލަތަކަށްވެފައި، އަދި ދިވެހިރާއްޖެއިން ކައުންޓަރ ޓެރަރިޒަމާއި، ދިވެހިރާއްޖެއިން ހައްދުފަހަނައަޅާފައިވާ ސިޔާސަތުތައް ކޮންޓްރޯލް ކުރުމަށް، ކޮމްބެޓް ކުރުމަށް ކުރާ މަސައްކަތްތައް ބައިވަރު. މިހާރުވެސް އޭގެ އެތަކެއް މަދަނީ ޙައްޤުތައްވެސް ހިފެހެއްޓުމުގެ މަސައްކަތްތައް ދައުލަތުން ކުރަމުން އެބަގެންދޭ. މި މަހާސިންތާގައި އަޅުގަނޑުމެން މިކަހަލަ ވާހަކަތައް ދައުލަތުގެ ފަރާތުން މަހާސިންތާގެ ސަފީރުންނަށް އަރުވާނަން. އެހެންވީމާ، ދިވެހިރާއްޖެއިން މިދެންނެވި ކަހަލަ ދީނީ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ވާހަކަ އެބަ ދެއްކެންޖެހޭ. ހަމަ މި ވާހަކަ، މި ކޮންޓެކްސްޓްގައި މިއަށްވުރެ ބޮޑަށް މިކަންކަން ހިނގާ ދައުލަތްތަކާ ބެހޭގޮތުން ނުދެކެވޭންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ، ދިވެހިރާއްޖެ ޕޮޒިޝަން އެބަވާންޖެހޭ. މިއީ ޓޫރިޒަމްގެ މަންޒިލަކަށް، އެންމެ ހިތްގައިމު މަންޒިލަކަށް ވެގެންދާއިރު، މިއީ މޮޑަރޭޓް އިސްލާމީ ދައުލަތެއް. މިއީކީ އެއްވެސްކަހަލަ ހައްދުފަހަނައަޅާފައި ހުރި ސިޔާސަތުތަކަށް ޖާގަދޭނެ ދައުލަތެއް ނޫން. އެހެންވީމާ، މި ޕޮޒިޝަން އަޅުގަނޑުމެން އެބަޖެހޭ ބައިނަލްއަޤްވާމީ ދުނިޔޭގައި ހާމަކޮށްދޭން.


ހަމައެއާއެކީ، ދިވެހިރާއްޖެއަކީ ޓޫރިޒަމްގެ ޑެސްޓިނޭޝަން އެކަންޏެއް ނޫންކަން އެބަޖެހޭ ބަޔާންވާން. ޝައްކެއްވެސްނެތްގޮތުގައި، މިއީ އެންމެ މަޤްބޫލު ޓޫރިޒަމްގެ ޑެސްޓިނޭޝަން. މިއާއެކީ އަޅުގަނޑުމެން އެހީ ހޯދަން ކުރާ މަސައްކަތުގައި، އަދި ބޭރުގެ ޕްރައިވެޓް އެންޓަރޕްރައިޒް ދިވެހިރާއްޖެއަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގައި މިހާރު މިވަނީ ހުޅުވައިލެވިފައި އޮތް ފޮރިން އިންވެސްޓްމަންޓް ޕޮލިސީއެއްކަން އަޅުގަނޑުމެން އެބަ ހާމަކޮށްދޭންޖެހޭ. މިއީ އެންމެ ލުކްރެޓިވް ވިޔަފާރިތަކަށް، އެ ދާއިރާތަކަށް ބަލާކަމަށްވަންޏާ، ހުޅުވައިލެވިފައި އޮތް ދާއިރާއެއް. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ ފަރާތްތަކަށް އެއްވެސް ޙިއްޞާއެއްނެތި އިންވެސްޓް ކުރާކަށް އެއްވެސް ހުރަހެއްނެތް. ހަމަ ދިވެހިންނަށް ލިބޭ ފުލް ކޮންސެޝަނަލް ޓްރީޓްމަންޓް، ހުރިހާ ބިދޭސީންނަކަށް މި ދާއިރާގައި އެބަ ލިބޭ.


އެހެންވީމާ، އެންމެ މަޤްބޫލު ޓޫރިޒަމް ޑެސްޓިނޭޝަން ކަމުގައިވާއިރު، އަދި އޭގެ ރިޓަރން އިންޑަސްޓްރީއަކަށް ބަލާކަމަށްވަންޏާ، އެންމެ ހައި ރިޓަރންއެއް، ރިވޯޑެއް އޮތް އިންޑަސްޓްރީއަކީ ޓޫރިޒަމްގެ ޞިނާޢަތް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޞިނާޢަތު މިވަނީ ދިވެހިންނެކޭ އެއް ފެންވަރަށް، އެއްވެސް ޕްރެޖުޑިސްއެއް، އެއްވެސް އިސްތިސްނާއެއްނެތި ބޭރުގެ ފަރާތްތަކަށް ހުޅުވައިލެވިފައި. އަދި މިހާރު އަޅުގަނޑުމެން ފޮރިން އިންވެސްޓްމަންޓް، މިދެންނެވި ގޮތަށް އޯޕަން ރެޖީމެއްގެ ގޮތުގައި އިޢުލާނު ކުރުމުގެ މަސައްކަތްތައް ނިމިގެންދާއިރު، ދާދި އަވަހަށް އަޅުގަނޑުމެން ޗައިނާއާއެކީ ފޮރިން ޓްރޭޑެއް، ފޮރިން އިންވެސްޓްމަންޓް، ނޫނީވިއްޔާ ފޮރިން ޓްރޭޑް، ފްރީ ޓްރޭޑް އެރޭންޖްމަންޓެއް އަޅުގަނޑުމެން ސޮއިކޮށް ނިމޭނެ. ޗައިނާ ކަހަލަ ބިޔަ ޤައުމަކާއެކީ ފްރީ ޓްރޭޑް އެރޭންޖްމަންޓެއް ނިމިގެންދާއިރު، މިއިން ހާމަކޮށްދެނީ ތިޖާރީގޮތުން އަދި އިންވެސްޓްމަންޓްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސަތު ހުޅުވިފައި އޮތް މިންވަރު. ފުރަތަމަފަހަރަށް ދިވެހިރާއްޖެއަކީ، ފައިނޭންޝަލް ރޭޓިންގ ހާސިލުކޮށްފައިވާ ޤައުމެއް. އަދި އެއާއެކީ އެކަންކަން އެދަނީ އިތުރަށް.


އެހެންވީމާ، ދިވެހިރާއްޖެ ދެން ޕޮޒިޝަންވާއިރު، ދިވެހިރާއްޖެއަކީ މިދެންނެވި ކަހަލަ ޞިނާޢަތްތަކަށް ހުޅުވައިލެވިފައި އޮތް، އަދި އޭގެ ރިޓަރން، ރަނގަޅު ރިޓަރން ލިބޭ ޤައުމެއް ކަމުގައި އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. އަދި އަޅުގަނޑުމެންގެ އެއް ޞިނާޢަތު، އެއް ޞިނާޢަތަކަށް ބޭސްކޮށް، ރާއްޖެއަށް ދަތުރުފަތުރުކުރާ ޓޫރިސްޓުންގެ އަދަދު، މިހާރަށްވުރެ 7 ގުނަ އިތުރުވެގެންދާ ކަމަށްވަންޏާ، ކުރު މުއްދަތެއްގެ ތެރޭގައި 7 ގުނަ އިތުރުވެގެންދާ ކަމަށްވަންޏާ، އެއިން އެބަ ދައްކައިދޭ އަޅުގަނޑުމެންގެ ކުރިއަށް ދިޔުމުގެ އެޕެޓައިޓް އޮތް މިންވަރު. ނޫނީވިއްޔާ އިންވެސްޓްމަންޓް އެބްޒޯބް ކުރުމުގެ އެޕެޓައިޓް އޮތް މިންވަރު އެބަ ދައްކައިދޭ. މިއީ ދިވެހިރާއްޖެ ބޭރުގައި މޮޑަރޭޓް އިސްލާމީ ދައުލަތަކަށްވުމުގެ އިތުރުން އަޅުގަނޑުމެން ޕޮޒިޝަން ކޮށްދޭންޖެހޭ އެއްކަމެއް. ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ދޭތެރޭގައި ސަފީރުންގެ ޚިޔާލުފުޅުތައް ހުންނަން އެބަޖެހޭ.


ހަމައެއާއެކީ ދިވެހިރާއްޖެއަކީ ޑިމޮކްރަޓައިޒް ކުރަމުންދާ އަދި ޒަމާނީ ޑިމޮކްރަސީއެއް އަށަގެންނެވުމުގެ މަސައްކަތް ކުރަމުންދާ ދައުލަތެއް ކަމަށް އެބަ ހާމަވާންޖެހޭ. އަޅުގަނޑުމެންނަށް މިހާރު އަމާޒުވާ ބައެއް ކަންތައްތަކުގެ ރައްދުދެވޭނީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ޚިޔާލު ގެންގުޅެވިގެން. ހުރިހާ ދައުލަތެއްގައިވެސް މައްސަލަ ހުންނާނެ. ދިވެހި ދައުލަތަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ، ފޮތްތަކުން އަޅުގަނޑުމެން ދަސްކޮށްފައި ހުރި ކަންކަން ތަންފީޒު ކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެންނަކީ، މި ސަރުކާރަކީ ހަމަގައިމުވެސް ރޫލް ބޭސްޑް ކަންތައްތަކަށް ތަބާވާ ތަނެއް. އެހެންވީމާ، ދިވެހިރާއްޖެ ޕޮޒިޝަން ވެގެންދާއިރު، ދިވެހިރާއްޖޭގެ ގަވަރނިންގ ސްޓްރަކްޗަރއަކީ ރޫލް ބޭސްޑް ގަވަރނިންގ ސްޓްރަކްޗަރ އޮތް ދައުލަތެއް ގޮތުގައި ޕޮޒިޝަން ވެގެން އެބަދާންޖެހޭ. ޤާނޫނު ތަންފީޒު ކުރުމުގެ އިސްތިސްނާއެއްނެތި، ހަމަހަމަކަން ގެންގުޅުމަކީ، ބައެއް ކްރިޓިކުން އަޅުގަނޑުމެންނާ ސުވާލު އަމާޒުކުރާ، ނޫނީ ފާޑުކިޔުން އަމާޒުކުރާ ކަމެއް. އެހެންނަމަވެސް، ޑިމޮކްރަސީއަކީ އަދި ގުޑް ގަވަރނަންސަކީ، މިދެންނެވި ގޮތަށް ރޫލް ބޭސްޑް ގަވަރނަންސަކީ، ޤާނޫނުގެ ޙުކޫމަތަށް އިޙްތިރާމުކުރާ، އަޕްހޯލްޑްކުރާ ދައުލަތެއް. އެކަން ތަންފީޒުކުރާ ދައުލަތަކަށް ވެގެންދިޔުން.


އެހެންވީމާ، ދިވެހިރާއްޖެ ޕޮޒިޝަން ވެގެންދާއިރު، ތިންވަނަ ކަމެއްގެ ގޮތުގައި އެބަ ޕޮޒިޝަންވާންޖެހޭ، ދިވެހި ދައުލަތް މޮޑަނައިޒް ކުރަން، ޑިމޮކްރަޓައިޒް ކުރަން ކުރެވޭ މަސައްކަތުގެ ތެރޭގައި، ޕްލޫރަލިސްޓިކް ސޮސައިޓީއެއް ގޮތަށް ދިވެހި ދައުލަތް ބަދަލުވެގެންދިޔައީ ދާދި ފަހުން. 2008 ވަނަ އަހަރުގެ އާ ޤާނޫނުއަސާސީއާއެކީ، މިދެންނެވި ގޮތަށް ފުރިހަމަވެގެންދިޔަ ޕްލޫރަލިސްޓިކް ދައުލަތަކަށް ދިވެހި ދައުލަތް ވެގެން މިދިޔައީ.


އެއާއެކީ ދިވެހި ދައުލަތުން މި ކުރެވޭ މަސައްކަތަކީ، ޕޮޒިޝަންވާން މިކުރާ މަސައްކަތަކީ، ދިވެހި ދައުލަތަކީ މި ދެންނެވި ގޮތަށް ގަވަރނަންސްގައި ރޫލް ބޭސްޑް ގަވަރނަންސް ނިޒާމެއް އޮންނަ ދައުލަތެއް ކަމުގައި ހާމަކޮށްދިނުން. ޑިމޮކްރަސީގައި އެންމެ ވަރުގަދަ އެއް އަސާސަކަށް ވަނީ ފަރުދުންނާ ހަމައަށް އަންނައިރު، ފަރުދުންގެ ޙައްޤުތައް ހިމާޔަތް ކުރުން. މިކަމުގައި ދިވެހިރާއްޖޭގައި އިންސާނީ ކަރާމާތަށް ދެވޭ އިޙްތިރާމާއި، ހިއުމަން ރައިޓްސް، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް ދެވޭ ކަންތައްތައް، އަޅުގަނޑުމެންގެ ސަފީރުންނަށް، ބޭރުގެ ސަފީރުންނަށް އަދި ބޭރުގެ ދައުލަތްތަކަށް އެބަ ހާމަކޮށްދެވެންޖެހޭ. ޝައްކެއްވެސްނެތްގޮތުގައި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކޮންޒެކެޓިވް ދެ ޓަރމް މެންބަރެއްގެ ގޮތުގައި އިނދެވޭނީ، ޝައްކެއްވެސްނެތްގޮތުގައި މިކަން ދަލީލުވެގެން ބޭރު ދުނިޔެއަށްދާތީ. އެހެންވެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ތިންވަނަ ދައުރަކަށްވެސް މި ކައުންސިލްގެ މެމްބަރޝިޕް ލިބޭތޯ.


ދިވެހިރާއްޖެއަށް މިވަގުތު ދަތިވެފައި ހުރި ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖެ ޕޮޒިޝަން ކުރަން މިކުރާ މަސައްކަތުގެ ތެރޭގައި، ދެން ސަފީރުންގެ ފަރާތްޕުޅުން އަޅުގަނޑު އެންމެ ބޮޑަށް އެދޭ ކަމަކީ، ދިވެހިރާއްޖެއަށް ތަރައްޤީއަށް ބޭނުންވާ، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެކިއެކި ކޮންސެޝަންސް، ނޫނީ ފައިސާ ލިބޭނެ ގޮތްތައް ހަމަޖެހިގެން ދިޔުން. މިއީކީ ހަމައެކަނި ވަރލްޑް ބޭންކަކުން ނޫން. މިހާރުވެސް އަޅުގަނޑުމެންނަށް ވަރލްޑް ބޭންކުން ކަމުގައިވީނަމަވެސް އަދި ޔޫރަޕްގެ އެކިއެކި ދައުލަތްތަކުން އުފައްދާފައި ހުރި ފަންޑުތަކުން ނަމަވެސް، އެއީ ތިމާވެށްޓަށް ކަމުގައިވީނަމަވެސް، ނޫނީވިއްޔާ ވޭސްޓް މެނޭޖްމަންޓަށް ކަމަށްވީނަމަވެސް، އަޅުގަނޑުމެންނަށް އެހީ އެބަ ލިބޭ. އެހެންނަމަވެސް، ސަފީރުންގެ މަސައްކަތްޕުޅުގައި ކާމިޔާބު ދައްކައިދޭ ވިޓްނަސްއަކަށް ވާނީ ޙަޤީޤަތުގައިވެސް ބޭރު ދައުލަތްތަކުން އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ލިބޭ މިންވަރު އިތުރުވެގެންދިޔުން. އެހެންވީމާ، އަޅުގަނޑުމެން މި ހަތަރު އަނގޮޅި ކަންމަތީގައި ތިބޭއިރު، އެއީ އެއްކޮޅުން މިހުރިހާ ގޮންޖެހުންތަކަކާއެކީ، ކުޑަކުޑަ ދައުލަތަކުން މި މަސައްކަތް ކުރަނީ، ދައުލަތުގެ އިޤްތިޞާދު ޓްރާންސްފޯމް ކުރުމާއި، ދައުލަތުގެ ރައްޔިތުންގެ ޕަރ-ކެޕިޓާ މުއްސަނދިކަން އިތުރުކުރުމަށް. އަދި މިކަންކަން ކުރެވިގެން މިދަނީ މި ދެންނެވި ގޮތަށް، ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖޭގައި އަށަގެންނެވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން. އެހެންވީމާ، މިއާއެކީ ހުންނަ ފުރުޞަތުތަކެއްވެސް ހުންނާނެ. އަދި ސަރުކާރަކުން މިކަމަށް ގްރެޕަލް ނޫނީ ބެޓްލް ކުރަންޖެހޭ ކަންތައްތަކެއްވެސް ހުންނާނެކަން އަޅުގަނޑުމެން ގަބޫލުކުރަން.


މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި، މި ދެންނެވި ގޮތަށް ބޭރުން ތަރައްޤީގެ އެހީ އަޅުގަނޑުމެން އެބަ ހޯދަން ބޭނުންވޭ. އަޅުގަނޑުމެން ޕޮޒިޝަން ކުރާއިރު، މާ ހިތްފަސޭހަ ކަމެއް ނޫން. އެހެންނަމަވެސް، ޙަޤީޤަތްތަކެއްވެސް އެބަހުރި. ދިވެހި ދައުލަތަކީ ކުޑަ ޖަޒީރާ ރަށްތަކެއް ހިމެނޭ ޤައުމަކަށްވެގެންދާތީ، އަޅުގަނޑުމެންނަކީ ތިމާވެށީގެ ގޮތުން ނާޒުކު ބައެއް. މި ސަބަބަށްޓަކައި މީގެ އަހަރުތަކެއް ކުރިން، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ، ދިވެހި ދައުލަތުގެ ފަރާތުން އެންމެމަތީ ފެންވަރުގައި ދެކެވެމުން އައީ. އަދި މި ސަބަބުތަކަށްޓަކައި މިހާރު މުޢާހަދާތަކެއް އެކުލެވިފައި މިވަނީ. ހަމަ މިހެން ދަންނަވާއިރު، ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވާއިރު، ސްމޯލް އައިލެންޑް ސެކިއުރިޓީގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭ. އެހެންނަމަވެސް، އެއާއެކީ އަޅުގަނޑު ދަންނަވާލާނީ، މިވަގުތުން މިވަގުތަށް އަޅުގަނޑުމެންނަށް އެހާ ރެލަވަންޓް، އެހާ ޕަރޓިނަންޓް ކަމަކަށްނުވާތީކަންނޭނގެ، އަޅުގަނޑުމެންނަށް އެ ވާހަކަ ނުދެއްކެނީ. އެކަމަކު އަބަދުވެސް އަޅުގަނޑުމެންނަކީ މި ދެންނެވި ހުރިހާ ކަމަކަށް އެކްސްޕޯޒްވެފައި އޮތް، ވަރަށް ވަލްނަރަބްލް ކުޑަކުޑަ ދައުލަތެއް.


މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެ ތިމާވެށީގެ ގޮތުން އޮތް ނާޒުކުކަން، އަޅުގަނޑުމެން އެބަ އިތުރަށް ހާމަކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަންޖެހޭ. މިއީ ތަރައްޤީގެ އެހީ ހޯދޭނެ އެއް ފުރުޞަތު. އަޅުގަނޑުމެންނަށް އޭޝިޔާ ސުނާމީއާ ކުރިމަތިލާން ޖެހުމަށްފަހު، އަޅުގަނޑުމެން ސޭފް އައިލެންޑް ކޮންސެޕްޓް ހަދައިގެން ދުނިޔެއަށް ވިއްކީމު. އަދި ދުނިޔޭގެ މަޤްބޫލުކަން މި ކޮންސެޕްޓަށް ވަނީ ލިބިފައި. މިހާރު އަޅުގަނޑުމެންނަކަށް މި ކޮންސެޕްޓްގެ ވާހަކަ ދައްކާ އަޑެއްނީވޭ. އެހެންނަމަވެސް، އެއާއެކީ، ނޫނީ އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި އަދި ކްލައިމެޓް އެޑޮޕްޓޭޝަންގެ އެތައް ބައިވަރު މަސައްކަތްތަކެއް އެބަ ކުރެވޭ. އަދި މިކަމަށް ބޭރުގެ އެހީތެރިކަންވެސް އެބަ ލިބޭ. އަޅުގަނޑުމެންނަށް ހުރި މައްސަލަތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، ޝޯ ޕްރޮޓެކްޝަނާއި، ވޭސްޓް ޑިސްޕޯސަލްއާ، މިކަހަލަ އެތައް ކަންތައްތަކަކީ ހަމަ މިއަދުވެސް ބޭރުގެ އެހީ އިތުރަށް ހޯދޭނެ ކަންކަން ކަން އަޅުގަނޑު ގަބޫލުކުރަން. މީގައި އެއްވެސް ގޮތަކަށް ދޭދޭ ޤައުމުތަކުގެ ތެރޭގައި ހުންނަ، ނޫނީވިއްޔާ އައިޑިއޮލޮޖީގެ ގޮތުން މި އުފެދޭ ކަހަލަ ހަނގުރާމަ، ނޫނީވިއްޔާ ޚިޔާލު ނުތަނަވަސްވުން އުފެދޭނެ އެއްވެސް ކަމެއް ނޫން މިއީ. މިއީ ޕޮލިޓިކްސް ނިއުޓްރަލް ކަންކަން. މިކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ޑިޕްލޮމަސީގެ ތެރެއިން އަޅުގަނޑުމެންނަށް ދެން އަޅުގަނޑުމެންގެ ޚިޔާލު، ބޭރުގެ ދުނިޔޭގައި ރަނގަޅު ކުރަންޖެހޭ އެހެން ކަންތައްތައް ހާސިލު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.


ސޭފް އައިލެންޑް ކޮންސެޕްޓްގެ ވާހަކަ އަޅުގަނޑުމެން ނުދެއްކި ނަމަވެސް، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގައި ހަމަ މި މައްސަލަ ދިމާވާތީ، ތިމާވެށީގެ މައްސަލަތަކާއި، ސީ ލެވެލް ރައިޒްއާ، މިހުރިހާ ކަމަކާއެކީވެސް އަދިވެސް އަޅުގަނޑުމެން މި އެޑެޕްޓޭޝަނާ ކުރިމަތިލާއިރު، ތަފާތު ސްޓްރެޓިޖީއެއް އަޅުގަނޑުމެން ބޭނުންކުރާ ކަމަކީ ދުނިޔެއަށް އަޅުގަނޑުމެންނަށް ވިއްކެންވާނެ ކަމެއް. މި ސަބަބަށްޓަކައި ކުދިކުދި ރަށްރަށުގައި މީހުން ދިރިއުޅުމުގެ ބަދަލުގައި، ހުޅުމާލޭގައި ހައުސިންގ ކޮމްޕްލެކްސްތަކެއް ހެދިގެން އެދަނީ. ހުޅުމާލޭގައި އެތައްހާސް ހައުސިންގ ޔުނިޓްތަކެއް ހެދުމުގެ ބޭނުމަކަށްވަނީ، މި ދެންނެވި ބޮޑު މައްސަލަ، މައްސަލައަށް އެޑަޕްޓޭޝަނެއް ހޯދުން. އަޅުގަނޑުމެންނަކަށް ހުރިހާ ރަށެއްގައި ވަށާ ތޮށިލާކަށެއް މިއީކީ ފަސޭހަކަމެއް ނޫން. މިހާރުވެސް މިނިސްޓަރ ޠާރިޤު ވިދާޅުވާގޮތުން ވެއްޖިއްޔާ، ނަވާރަހާސް ކިލޯ މީޓަރުގެ ބޭރުތޮށި މިވަނީ ދިވެހިރާއްޖޭގައި ލެވިފައި. ދުނިޔޭގެ އެއްވެސް ތަނެއްގައި އޮތްވަރެއް ނޫން މިއީކީއެއް.


އެހެންވީމާ، މިއާއެކީ މިކަން ކުރުމަކީ އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ދައުލަތަކަށް ކުޅަދާނަ ކަމެއްނޫން. އެހެންވީމާ، އެންމެ ފަސޭހަ ޙައްލެއް، ނޫނީވިއްޔާ އެންމެ ޕްރެގްމެޓިކް ޙައްލެއް އަންނާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަދި އޭގެ ސަބަބުން އިކޮނޮމީއަށް ބޭނުންވާ ކްރިޓިކަލް މާސްއެއް ޑިވެލޮޕްކޮށް، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް އަމާޒުކުރެވޭނެ ކަމަށް މި ބެލެވެނީ، މި ދެންނެވި ގޮތަށް އެއްފަސްކުރެވިގެން. އެކަމަކު މި އެއްފަސް މި ކުރެވެނީ ހުޅުމާލެއަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ދެވިގެން. އެހެންވީމާ، މިހާރުވެސް އެއޮތީ ފަނަރަހާސް ހައުސިންގ ޔުނިޓުގެ އިޢުލާނު ކުރެވި، އެވޯޑް ކުރެވިފައި. މީގެ ބޭނުމަކަށްވަނީ މި ދެންނެވި ގޮތަށް، މިހެން ހުންނަ ނާޒުކު ރަށްރަށުގައި ތިބޭ މީހުންނަށް ޙައްލެއް ހޯދައިދިނުން. މި ކޮންސެޕްޓަށް، ނޫނީ މި ހައުސިންގ ކޮންސެޕްޓް، މި ކޮންޓެކްސްޓްގައި ނަގައިފި ކަމަށްވަންޏާ، ހަމަ މި ނެގެނީ ސޭފް އައިލެންޑް ކޮންސެޕްޓް. މި ކޮންޓެކްސްޓްގައި ނެގިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ އެންވަޔަރަންމަންޓަލް ވަލްނަރަބިލިޓީއާއި، މި ކޮންޓެކްސްޓުން އަޅުގަނޑުމެންގެ ހައުސިންގއަށް އެހީތެރިކަން ލިބޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި މި ސަބަބުތައް ބަޔާންކޮށްދީ ޖަޕާން ސަރުކާރަށް މިހާރުވާނީ ކަރުދާހެއް ހުށަހަޅާފައި. އަޅުގަނޑުމެން ބޭނުންވަނީ، މިކަންކަމަށް ބޭނުންވާ ފައިސާ، ލޯ ކޮސްޓްގައި ލިބޭނެ ގޮތްތަކެއް ހަމަޖެހިގެންދިޔުން.


އަޅުގަނޑުމެން އިންތިޒާރެއް ނުކުރަން، މިއިން އެއްވެސް ކަމަކަށް ސަތޭކައިންސަތޭކަ ހިލޭ އެހީ ލިބިދާނެ ކަމަކަށް. އެހެންނަމަވެސް، ދިވެހި ދައުލަތުގައި އިރާދަކުރެއްވިއްޔާ މިއަދު ކެޕޭސިޓީ އެބަހުރި، މި ދެންނެވި ގޮތަށް ލޯ ކޮސްޓްގައި ބޮރޯކޮށްގެން މިކަންކަމަށް އެޑްރެސް ކުރަން. އެހެންވީމާ، ތިމާވެށްޓަށް ދިމާވެފައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، ކުރީގައި އަޅުގަނޑުމެން ދެއްކި ބައެއް ސްޓްރެޓިޖީތައް ބަދަލުކޮށްފައި، ބައެއް ކޮންސެޕްޓްތައް ދޫކޮށްލާފައި، އެހެން އިޞްޠިލާޙުތަކަކަށް އަޅުގަނޑުމެން މިހާރު މި އަންނަނީ. އޭގެތެރޭގައި، އެޑެޕްޓޭޝަންގެ ތެރެއިން އަޅުގަނޑަކަށް ހަމަ ނުވިސްނޭ، ހައުސިންގއަށް ބޭރުގައި ހަމްދަރުދީގެ ނަޒަރަކުން ނުބަލާންވީ ސަބަބެއް. އެހެންވީމާ، މިއަށް ލޯ ކޮސްޓް ފައިނޭންސް ލިބޭނެގޮތް ތަނަވަސްވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.


ސަފީރުންނަށް މި ވާހަކަ ދަންނަވާލާ ކަމަކީ، ސަފީރުންނަކީ އަޅުގަނޑުމެންގެ މި މަސައްކަތުގެ ކޯ ޓީމް. ފަނަރަވަރަކަށް ދައުލަތުގައި ސަފީރުން އެބަ ތިއްބެވި. އަދި އަޅުގަނޑުމެން 164 ޤައުމާއެކީ ޑިޕްލޮމެޓިކް ގުޅުން މިއޮތީ އުފައްދާފައި. އަދި އަޅުގަނޑުމެންގެ ނެޓްވަރކެއް އެބައޮތް. އޮނަރަރީ ކައުންސިލުންގެ ނެޓްވަރކެއް. ސަފީރުންނާއި އެހެން ސަފީރުންނާ ބައްދަލުވާނެ. ވަރަށްގިނަފަހަރު ސަފީރުންގެ ތެރެއިން އެހެން ދައުލަތްތަކާ ދޭތެރޭގައި، އެ ސަފީރުން ދެކޭގޮތް ކެޕިޓަލްސްއަށް މިދަނީ. އެއްގޮތަކަށްވެސް ކެޕިޓަލްސްއަކުން އެވަރު މަސައްކަތްތަކެއް ނުކުރޭ. އެހެންވީމާ، ސަފީރުންގެ މުހިންމުކަމަކީ މިއީ. އިންޑިއާގައި ތިއްބަވާ ސަފީރުން، ދިއްލީގައި ތިއްބަވާ ސަފީރުން، ކޮޅުނބުގައި ތިއްބަވާ ސަފީރުން، ޖަރުމަނުގައި ތިއްބަވާ ސަފީރުން އަދި އ.ދ. ގައި ތިއްބަވާ ސަފީރުންނަކީ، އަބަދުއަބަދު އެބޭފުޅުންގެ ޑެއިލީ ރޫޓިންގެ ތެރޭގައި އެތަކެއް ސަފީރުންނާ އިންޓަރެކްޓް ކުރައްވާ ސަފީރުން. އެހެންވީމާ، އަޅުގަނޑުމެން މިދެންނެވި ގޮތަށް ދިވެހިރާއްޖެ، ޕޮޒިޝަން ކުރަން ކުރާ މަސައްކަތާއި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ހާމަކޮށްދެވެން އެބަޖެހޭ. މިހާރުވެސް ހާމަކޮށްދެއްވާކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެކަމަކު އެއާއެކީ އިތުރު އެފަރޓެއް މި ލާންޖެހެނީ މި ދެންނެވި ކަންކަމަށްޓަކައި.


ފަހު ވާހަކައެއްގެ ގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ އަޑު އެބަ އިވެންޖެހެއޭ. އޭގެ މާނައަކީ ކޮންމެހެން ކޮންމެ ފޯރަމެއްގައި އަޅުގަނޑުމެން ވާހަކަ ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެން ކަންކަން ނިންމަނީ ކޮންކޮން ކަންތައްތަކަކަށް ރިޢާޔަތްކޮށް، އިންސާނީ ޙައްޤުގެ ކޮން ކަންތައްތަކަކަށް ރިޢާޔަތްކޮށްތޯ، އަޅުގަނޑުމެންގެ ޕޮލިސީ ޑިޒިޝަންސް ބޭސްޑް ވެގެންދަނީ. އެކަން އެބަޖެހޭ އެނގެން. އަޅުގަނޑުމެން ކުރާ ކަންތައްތައް މި ކުރެވެނީ، މުޅި ރައްޔިތުންގެ ޙައްޤުގައިކަން، އަދި އޭގެ ސަބަބުން އަޅުގަނޑުމެން އެ ހަމްދަރުދީ އެބަ ހޯދަން ބޭނުންވޭ. ކުދިކުދި ޤައުމުތަކުގެ ސިޔާސަތަށް ފާޑުކިޔުމަކީ ފަސޭހަކަމަކަށްވޭ. އެހެންނަމަވެސް، ކުދިކުދި ޤައުމުތަކުން އެ ސިޔާސަތު އޮންނަގޮތް، ނޫނީ އެ ސިޔާސަތު ބޭސްކުރެވެމުންދާ ތާރީޚެއްވެސް އެބަ ކިޔައިދެވެންޖެހޭ. އެ ކިޔައިދެވުނީމަ، ދުނިޔޭގެ އެހެން ތަނެއްގައި ޓެރަރިޒަމްގެ ކުށް ކަމަށް ކަނޑަނާޅާ އޮންނަ ކަމެއް، ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ކަނޑައެޅެނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް ހާމަ މިވަނީ. މީގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޓެރަރިޒަމް ޤާނޫނުން މީހުން ހިފައި ހައްޔަރުކުރުން، އެމީހުންގެ ރުހުމެއްނެތި، އެމީހުންނަށް ވާއެއްނުވާއެއް ނޭނގި، މިއީ މީގެތެރޭގައި އެންމެ މަޢުޞޫމް، މަދަރުސާއަށްދާ ތުއްތު ކުދިން ހިމެނޭގޮތަށް، ހިފާ ހައްޔަރުކޮށް، އެކުދިންނަށް ޖިންސީ ގޯނާއާއި، އަދި އެހެންވެސް ނުރައްކާތެރި ކަންތައްތައް ކުރިމަތިކުރުވާފައި ހުރިކަން ދިވެހިރާއްޖޭގައި މީގެ ދިހަވަރަކަށް، ފަނަރަވަރަކަށް އަހަރު ކުރިއާ ހަމައަށް ޖެހިލާއިރު، އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެންވެގެން ދިވެހިރާއްޖޭގައި މީހުންގެ ރުހުމެއްނެތި ހިފައި ހައްޔަރުކުރުން، އެގޮތަށް ކިޑްނެޕް ކުރެވިގެން މިދާ ދިޔުން، އަޅުގަނޑުމެންގެ ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ހަމަޖައްސަން ޖެހުނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެބަކިޔައިދެވެންޖެހޭ.


ޓެރަރިޒަމަކީ ކޮންމެ ފަހަރަކު ހޮޓަލެއް ގޮއްވާލުމެއް ނޫން. ބޭރުގެ މަދު ނަމަވެސް ދައުލަތްތަކުގައި، އެއްވެސްކަހަލަ ކަމެއްނުކޮށް މަގުމަތީގައި އުޅޭ މަޢުޞޫމް ކުދިން، ރޭގަނޑު ނިމި އަލިވެގެންދާއިރު މަރާލެވޭތަން އެބަ ފެނޭ. މިއީ ޙަޤީޤަތް. އެއިން ދައުލަތެއްގައި އެގޮތަށް ކުޑަ ކުއްޖަކު ހިފައި ހައްޔަރު ކުރުމަކީ ޓެރަރިޒަމްގެ ތެރެއަށް ނުލާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ޓެރަރިޒަމަކީ، ހަމައެކަނި ޑިޕްލޮމޭޓުން ވަދެ ތިބޭ ކެފޭއެއް ގޮއްވާލުމެއް ނޫން. އެހެންވީމާ، އެ ޤައުމެއްގެ ޕަރސްޕެކްޓިވް އިން، އެ ޤައުމެއްގެ ނަޒަރިއްޔާއިން އެ ޤައުމަކަށް ދަތިވެފައި ހުރި މި ދެންނެވި ކަހަލަ ނުރައްކާތެރި ކަންކަން ކުރުމުގެ، ޓެރަރިޒަމްގެ ނަތީޖާ ނުކުންނަފަދަ ކަންތައްތައް ކުރުމުން، އެކަންކަން ޓެރަރިޒަމް ޤާނޫނުގައި ލިޔެވިގެންދަނީ ކީއްވެގެންކަން، އަޅުގަނޑުމެންނަށް އެބަ ކިޔައިދެވެންޖެހޭ. އޭގެތެރޭގައި، ސިޔާސީ ވެރިން ކުރައްވާ އެފަދަ ކަންތައްތައްވެސް އިސްތިސްނާ ނުވަނީ މިދެންނެވި ސަބަބަށްޓަކައި. އަޅުގަނޑުމެންގެ ޤާނޫނުތަކުގައި، މިހެން ހުންނަ މާއްދާތައް ލިޔެފައި މި ހުންނަނީ، ވަކި ގިންތިއެއްގެ ބަޔަކު އެކަންކަން ކުރީމަ އިސްތިސްނާވާ ގޮތަކަށެއް ނޫން.


އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޯލްޑްކޮށް، ކީއްވެގެންކަން ދިވެހިރާއްޖޭގައި މި ދެންނެވި ގޮތަށް މީހުން އެބްރަޕްޓްކޮށް، މިކަމަކީ ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި އޮތީ މީގެ އަހަރުތަކެއް ކުރިން. އިހަށްދުވަހު ކަނޑައެޅުނު ކުށެއް ނޫން މިއީކީ. މީގެ އެތަކެއް އަހަރު ދުވަސް ކުރިން ކަނޑައެޅިފައި އޮތް ކުށެއް މިއީ. އަޅުގަނޑުމެންގެ ޤާނޫނުގައި އެކަން ތަންފީޒު ކުރެވެމުން މި އަންނަނީ. އެހެންވީމާ، މި އަޅުގަނޑުމެންނަށް ކިޔައިދެވެންޖެހޭ. ކޮންމެ ބަޔަކުވެސް ޤާނޫނުތަކެއް ހަދާނީ، އެ ބަޔަކަށް ދިމާވާ ބޮޑެތި ކަންކަމުގެ މަޞްލަޙަތު ހިމާޔަތް ކުރުމަށްޓަކައި. ރައްޔިތުންގެ ބޮޑު ބައެއްގެ މަޞްލަޙަތު ހިމާޔަތް ކުރުމަށްޓަކައި. އެއްވެސް ޤާނޫނަކީ އެއްވެސް ޤައުމެއްގެ ހުރިހާ ރައްޔިތުން، އެ ޤާނޫނަށް ލޯބިކުރާ، ނޫނީ އެ ޤާނޫނަށް މަރުޙަބާކިޔާ ޤާނޫނަކަށް ނުވާނެ. ދިވެހިރާއްޖެއަކީ އިސްތިސްނާއެއް ނޫން.


އެހެންވީމާ، އަޅުގަނޑުމެންގެ ޕޮޒިޝަންތައް އެބަ ކިޔައިދެވެންޖެހޭ. އަދި ހަމައެހެންމެ، ފޮރިން އިންވެސްޓްމަންޓް ރާއްޖެއަށް އެޓްރެކްޓް ކުރުމަށް، ޑިރެކްޓް ކުރުމަށް މިކުރެވޭ މަސައްކަތުގެ ތެރޭގައި، ބައެއް ބޮޑެތި އިންވެސްޓްމަންޓްތަކަށް މަދުމަދުން ނަމަވެސް، ސިޔާސީ ޙައްލުގެ ތެރެއިން ޙައްލު ހޯދަން ޖެހިފައި ހުރީ. އަދި އިންވެސްޓްމަންޓަށް ދެވިފައި ހުރި ލައިސަންސް ކެންސަލް ކުރަންޖެހުނީ ކީއްވެގެންކަންވެސް އަޅުގަނޑުމެންނަށް ކިޔައިދެވެންޖެހޭ. މިކަންކަމަކީ އަޅުގަނޑުމެންގެ ސަފީރުންނަށް މަޢުލޫމާތު ހޯއްދަވައިގެން ކޮށްދެވޭނެ ކަންކަން.


އެހެންވީމާ، ސަފީރުންގެ އެންމެބޮޑު ދައުރަކަށް މިވަނީ ދިވެހި ދައުލަތުން ކުރާ މަސައްކަތްތައް، އެ މަސައްކަތްތަކަށް ހަމްދަރުދީގެ އަޑުއަހާނެ ސަފީރުންތަކެއް ހޯދުން. އަދި ޚާއްޞަކޮށް، ހުޅަނގުގެ ސަފީރުންތަކެއް ހޯއްދެވުން. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި، މިކަމަކީ އަޅުގަނޑުމެން ކެނޑިނޭޅި ކުރާ މަސައްކަތަކަށް ވެއްޖިއްޔާ، މިކަމަކީ ހާސިލުކުރެވޭނެ މަސައްކަތެއް. އަދި ހަމައެޔާއެކީ މިއަދުގެ މި މަހާސިންތާ ނިމިގެންދާއިރު، އަޅުގަނޑުމެންނަށް ގަބޫލުކުރެވެންވާނެ، އެއްވަނަ ދުނިޔޭގެ ޤައުމުތަކާއި، ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ޤައުމަކާ އެއްގަލަށްއަރާ އެއްބަސްވާ އެތައް ބައިވަރު އިޝޫތަކެއް އެބަހުރި. އޭގެތެރޭގައި ކްރޮސް ބޯޑަރ ޓެރަރިޒަމް. ޓެރަރިޒަމް ކޮމްބެޓް ކުރަން ކުރާ މަސައްކަތް. ހައްދުފަހަނައަޅާ ދީނީ ކަންތައްތައް ކޮމްބެޓް ކުރަން، ނޫނީވިއްޔާ މިންގަނޑެއްގެ ތެރޭގައި ހިފަހައްޓަން ކުރާ މަސައްކަތް. މިހިރީ އަޅުގަނޑުމެން ކޮމަން ގްރައުންޑްސް ހުރި ކަންކަން. ތިމާވެށި. ތިމާވެށްޓަށް އަންނަ މައްސަލަތައް ޙައްލުކުރުމަށް ކުރާ ކަންތައްތަކަކީ، ޕޮލިޓިކަލީ އައިޑިއޮލޮޖިކަލީ ނިޔުޓްރަލް ކަންތައްތައް. މިއީ ކޮމަން ގްރައުންޑްސް ހުރި ކަންކަން. މިކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ބޭރުގެ އެހީ، އެއްވަނަ ދުނިޔޭގެ އެހީ އެހެން ކަންކަމުގައި ނުލިބޭއިރުވެސް، މިކަންކަމަށް އެބަ އެހީ ލިބޭ. އެހެންވީމާ، އަޅުގަނޑުމެން ކޮމަރޝަލް ޑިޕްލޮމަސީއާއި، މިދެންނެވި ކަހަލަ ކަންތައްތަކުގައި، ކޮމަން އިންޓްރަސްޓް ގްރައުންޑްސް ހުންނަ ކަންކަމުގެ ތެރެއިން ދެކެވޭ ވާހަކައިގެ ތެރެއިން އަޅުގަނޑަށް ގަބޫލުކުރެވެނީ، ބޭރު ދައުލަތްތަކުގެ ސަފީރުންގެ ސަމާލުކަން އަޅުގަނޑުމެންގެ އެހެން މައްސަލަތަކަށްވެސް ހަމްދަރުދީގެ ނަޒަރަކުން ހޯދޭނެ ކަމަށް.


އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދުގެ މި މަހާސިންތާ ނިމިގެންދާއިރު، އަޅުގަނޑު މިއަދު މި ބޭނުންވާ ބައެއް ކަންކަމުގެ ވަރަށް ބްރޯޑްބޭސްޑް ޑިސްކަޝަންތަކެއް ހިނގައި، އަދި ސަފީރުންގެ ތަޖުރިބާއާއެކީ، އަޅުގަނޑުމެން ދިވެހި ސަރުކާރުން އިތުރަށް ޕޮލިސީ ޑިރެކްޓް ކުރަންޖެހޭ ކަންކަމެއް އޮތިއްޔާ، އޭގެ މަޢުލޫމާތު ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.


އަޅުގަނޑު އެދެނީ މި މަހާސިންތާއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު މަހާސިންތާއަކަށް ވެގެންދިޔުން. އަދި މި މަހާސިންތާގެ ފަހު ކަރުދާހެއްގެ ގޮތުން، އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެންގެ ޕޮލިސީތައް ރީއޮރިއެންޓް ކުރަންޖެހޭ ކަންކަން ހުރި ކަމަށްވަންޏާ، އެ އަޅުގަނޑުމެންނާ ހަމައަށް ލިބިގެން ދިޔުމަކީ ސަފީރުންގެ ފަރާތްޕުޅުން އަޅުގަނޑު އެދޭ ކަމެއް.


އިރާދަކުރެއްވިއްޔާ މި މަހާސިންތާއަކީ ވަރަށް ކާމިޔާބު މަހާސިންތާއަކަށް ވެގެންދާނެ.


والسّلام عليــكم ورحـمــة اللّـه وبـركاتـه.