بســم اللّـه الرّحمـن الرّحيــم


الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.


މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް އަޒްލީން އަޙްމަދު، ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އެގްޒެކެޓިވް އޮފިސަރުން، ސީނިއަރ ސްޓާފުން، އެންމެހާ ފުލުހުން، ފުލުހުންގެ ޢާއިލާތައް، އަދި މިރޭގެ މި ޝަރަފުވެރި ޢިއްޒަތްތެރި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،


އާދެ، މި އުފާވެރި ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ލިބި، އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލެއް ކަމުގައި ދެކެނީ، ސިފައިންގެ ޚިދުމަތަށް 84 އަހަރު ފުރިގެންދާއިރު، އެ ޚިދުމަތުގައި އަގުހުރި ޚިދުމަތްތަކެއް، ނޫނީވިއްޔާ އެ ސަރވިސްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެންމެހާ ޢިއްޒަތްތެރިންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދެންނެވުން.


އެގޮތުން މިރޭ އެންމެ ފުރަތަމަ އަޅުގަނޑު ޝުކުރު ދަންނަވާނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރު، ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކޮށްދެއްވާފައިވާތީ، އެމަނިކުފާނުގެ ނަންފުޅަށް. އާދެ، އަޅުގަނޑުމެންނާއެކީ މިރޭ އެމަނިކުފާނު ވަޑައިގެން ނެތް. ވަރަށް އާލާސްކަންފުޅާ އުޅުއްވަނީ. އެހެންނަމަވެސް، ޢުމަރު ޒާހިރަކީ ވަރަށް މުރާލިކަމާއި ހީވާގިކަމާއެކީ ޤައުމީ ހުރިހާ ޚިދުމަތެއްގައި އަދިވެސް މަސައްކަތްތަކުގައި އުޅުއްވައިދެއްވާ ޢިއްޒަތްތެރި ބޭފުޅެއް. އެހެންވީމާ، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


ހަމައެހެންމެ މިރޭގެ މި އުފާވެރި ޖަލްސާގައި، ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅުން، 25 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅުންނަށް ދެންމެ އެ ލިބިވަޑައިގަތީ ފުލުހުންގެ ފަރާތުން އެޕްރިސިއޭޝަން އެވޯޑްތަކެއް. އާދެ، އެބޭފުޅުން ޚިދުމަތުގައި ދެގޮތެއްނުވެ، ފަނޑުވުމެއްނެތް ސާބިތުކަމާއެކީ ފުލުހުންގެ ޚިދުމަތުގައި ނަމޫނާ ދައްކަވައިދެއްވާފައިވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަން.


އެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުލުހަކަށްވުމަކީ ފަސޭހަކަމަކަށްނުވެޔޭ. އަދި ފުލުހެއްގެ ވަޒީފާގައި ދެމިހުރުމަކީ އެއަށްވުރެ އުނދަގޫ ކަމެކޭ. މާދަމާ ފުލުހެއްގެ ވަޒީފާ ހޯދުމަކީ އަދި އެއަށްވުރެ އުނދަގޫ ކަމެކޭ. ފުލުހުންގެ ވަޒީފާ، މީގެކުރީގައި، އެތަކެއް އަހަރުދުވަސް ކުރިން އޮންނަނީ ސްޓީރިއޯޓައިޕް ވެފައި. މޭޒު ކައިރީގައި ވަކިކަހަލަ މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ހަމަޖެހިފައި. މިއަދު ފުލުހުންގެ ވަޒީފާއަކީ އެކަހަލަ ސްޓީރިއޯޓައިޕް ވަޒީފާއެއް ނޫން. ފުލުހުންގެ ވަޒީފާއަކީ ވަރަށް ޓެކްޓިކަލް، ވަރަށް ހުނަރުވެރި މަސައްކަތްތަކެއް ކުރާ ވަޒީފާއެއް. އަދި ފުލުހުންގެ ވަޒީފާއަކީ ޝައްކެއްވެސްނެތްގޮތުގައި، އިންސާނިއްޔަތަށް އެންމެބޮޑު ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެންދާ މަސައްކަތެއް.


ފުލުހުން ކޮންމެ ދުވަހަކު ފުލުހުންގެ ޢާއިލާތަކާ ވަކިވެގެން އަންނަނީ، ކޮންމެފަދަ ނުރައްކަލަކަށްވެސް އެމީހުންގެ ހަށިތައް ހުށަހެޅިދާނެކަން އެނގި ތިބެ. ވަރުގަދަ މުޤައްދަސް ހުވައެއްގެ މަތީގައި ތިއްބަވާ ޝަރަފުވެރި ޢިއްޒަތްތެރިންތަކެއް. ފުލުހަކަށް ކަމެއްދަމެއް ބޮޑުވެގެން ދިމާވާއިރު، ފުލުހަކަށް ވިސްނާކަށް ނޭނގޭނެ، އަދި ޝައްކެއްވެސްނެތްގޮތުގައި ފުލުހުންގެ ލޮބުވެތި ޢާއިލާއަކަށް ކުޑަކޮށްވެސް ވިސްނާކަށް ނޭނގޭނެ، މި ހުށަހެޅެނީ ކިހާވަރެއްގެ ނުރައްކަލަކަށް ކަމެއް. ދިވެހިރާއްޖޭގައި ދިމާވާ ނުރައްކާތައް، ފަހަރުގައި ބޭރު ކަރަކަރައިގައި ދިމާވާ ނުރައްކާތަކަށްވުރެ ކުޑަވެދާނެ. އަދި ނުރައްކާތަކުގެ ފްރިކްއެންސީ، ނޫނީ ނުރައްކާތައް ދިމާވާލެއް މަދުވެސް ވެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ތާރީޚު ދައްކައިދީފައި ހުރީ ދިވެހިރާއްޖޭގައި މަދުން ނަމަވެސް ހަމަ އެންމެ ބޮޑެތި ނުރައްކާތަކާ ފުލުހުން ކުރިމަތިލާން ޖެހިފައި ހުރިކަން. އަދި ފުލުހުންގެ ފުރާނަތައް ޤުރްބާންވެފައި ހުރިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ.


އެހެންވީމާ، ފުލުހުންގެ ޚިދުމަތަކީ އެއްގޮތަކަށްވެސް ވަކިކަހަލަ މަސައްކަތަކަށް ބައްޓަންވެފައި އޮންނަ ޚިދުމަތަކަށް މިއަދަކު ނުވޭ. ވަރަށް ސޮފިސްޓިކޭޓަޑް މަސައްކަތް ފުލުހުން ކުރަން އެބަޖެހޭ. ހަމައެޔާއެކީ ދަންނަވާލަން ޖެހެނީ ފުލުހުންގެ މަސައްކަތަކީ، އެ މަސައްކަތާ ނުލައި އެއްވެސް މުޖުތަމަޢަކަށް، އެއްވެސް ކޮމިއުނިޓީއަކަށް، އެ ކޮމިއުނިޓީގެ މަޞްލަޙަތު ދެމެހެއްޓޭ މަސައްކަތަކަށްނުވެއޭ. ފުލުހުންގެ މަސައްކަތަކީ ކޮންމެ މުޖުތަމަޢަކަށްވެސް އެންމެ މުހިންމު އެއް މަސައްކަތް. އެހެންނަމަވެސް، ހިތާމަޔާއެކީ ފުލުހުންނަށް ހުރި ގޮންޖެހުންތަކުގެ މަތިން ޚިޔާލަށް އަންނައިރު، ހަމަ ކޮންމެ ފުލުހެއްގެވެސް ހިތަށްއަރާނީ، ތިމަންނަ ކުރާ މަސައްކަތް އެޕްރިޝިއޭޓް ކުރޭބާވައޭ. ތިމަންނަ ކުރާ މަސައްކަތުގެ އަގު ވަޒަންކުރެވޭބާވައޭ. އާދެ، އަޅުގަނޑުމެން ވަރަށްގިނަފަހަރު ދައްކަން، މިއީ ޝުކުރުވެރިކަމެއް ނެތް މަޤާމެކޭ. ނޫނީވިއްޔާ ވަޒީފާއެކޭ. އަ ތޭންކްލެސް ޖޮބް. މިއީ ވަރަށްގިނަފަހަރު ފުލުހުންގެ ޚިދުމަތުގެ މުޤާބިލުގައި ފުލުހުންގެ ހިތްތަކަށް އަޅުގަނޑުމެން މުޖުތަމަޢުގެ ތެރެއިން ވައްދައިދޭ ވަސްވާސް. އެހެންނަމަވެސް، އެއަށްވުރެ މާ ސާބިތުކަމާއެކީ، އެއަށްވުރެ މާ ވަރުގަދަ ޤައުމީ ޚިދުމަތެއްގެ މަތީގައި ތިއްބަވާ ފަހުލަވާނުންތަކެއް ފުލުހުންނަކީ.


ފުލުހުންގެ މަސައްކަތުގައި މިއަދު ހަމައެކަނި ފުލުހުން ހަނގާކުރަންޖެހެނީ، ނޫނީ ކޮމްބެޓް ކުރަންޖެހެނީ، ކުރިމަތިލާންޖެހެނީ ރާއްޖޭގައި ދާޚިލީ ދާއިރާއެއްގެ ތެރޭގައި ހިނގާ ކަންކަމަކާ ނޫން. ފުލުހުންގެ މަސައްކަތަކީ ސައިބަރ ކްރައިމާއި، ކްރޮސް ބޯޑަރ ޓެރަރިޒަމާއި، އަދި ކްރޮސް ބޯޑަރ ހުރިހާ ވައްތަރެއްގެ ބޮޑެތި ކުށްތައް ހިމެނޭ ކަންތައްތައް. މިކަންތައްތަކުގައި ފުލުހުން މަސައްކަތް ކުރަނީ، ފުލުހުންނަށް ލިބިފައި ހުރި ވަސީލަތްތަކާއި އަދި ދޭދޭ ޤައުމުތަކުގެ، އަޅުގަނޑުމެންގެ ރަޙްމަތްތެރި ޤައުމުތަކުގެ ފުލުހުންނާއި އަދި އިންޓަރ ޕޯލާވެސް ގުޅިގެން.


އެހެންވީމާ، ފުލުހުންގެ ސްކޯޕް އޮފް ވަރކް، ނޫނީވިއްޔާ ފުލުހުންގެ މަސައްކަތުގެ ފައިލް ހުޅުވިގެން މިދަނީ މުޅި ދުނިޔޭގައި ކުރިމަތިލާ މިކަހަލަ ހުރިހާ ވިޔާނުދާ ކަންތައްތަކާ. އެހެންވީމާ، ފުލުހުންގެ މަސައްކަތަކީ މިއަދަކު އެއްވެސް ގޮތަކަށް ސްޓީރިއޯޓައިޕް މަސައްކަތެއް ނޫން. ވަކި ގަޑިއަކަށް އޮފީހަށް ހާޒިރުވެފައި، ވަކި ގަޑިއެއްގައި އޮފީސް ނިންމާފައި ދާ މަސައްކަތެއް ނޫން. ފުލުހުންގެ މަސައްކަތަކީ ރައުންޑް ދަ ކްލޮކް، ތްރޫ އައުޓް ދަ އިޔަރ ކުރާ މަސައްކަތަކަށް ވެގެން މިދަނީ. އަދި ފުލުހުންގެ މަސައްކަތަކީ އެހާ ހުނަރުވެރި މަސައްކަތަކަށް ވެގެން މިދަނީ. އެހެންނަމަވެސް، މަދުން ނަމަވެސް މިހާރު ދިމާވާ ކަމަކީ، މިހާރު ފުލުހުންނަށް ނަގައިދެވޭ ފިލާވަޅުތަކުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް، މި ޒަމާނަކީ އިންޓަރނެޓާއި އަދި މަޢުލޫމާތު ފެތުރުމުގެ ކުރިއަށް ގޮސްފައި އޮތް ޒަމާނަކަށްވާތީ، އަދި އަޅުގަނޑުމެން ކޮންމެ މީހަކު ކުރާ މަސައްކަތަކީ، ޓީ.ވީތަކުން ކެނޑިނޭޅި، ޚަބަރުފަތުރާ ވަސީލަތްތަކުން ކެނޑިނޭޅި ދައްކާ މަސައްކަތްތަކަކަށްވާތީ، ވަރަށްގިނަފަހަރު ވާގޮތަކީ، ނޫނީ ބައެއްފަހަރު ވާގޮތަކީ، ގުޑް ޓެޓްޓިކްސް ގިވްސް ވޭ ޓު ގުޑް އޮޕްޓިކްސް. ވަރަށްގިނަފަހަރު އަޅުގަނޑުމެންނަށް ޓީ.ވީ އަށް ކަންތައްތައް އެބަ ކޮށްދެވޭ. އަޅުގަނޑުމެންގެ ޓެކްޓިކަލް މަސައްކަތް ކުރުމުގައި، އަޅުގަނޑުމެންނަށް ކަންކަން އެބަ އިހުމާލު ކުރެވޭ. އެއީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ކުރާ މަސައްކަތާއި، އަޅުގަނޑުމެންގެ ޕްރޮފެޝަނަލް މިންގަނޑު އަޅުގަނޑުމެން ދޫކޮށްލާފައި، އަޅުގަނޑުމެންގެ މިންގަނޑު ކިރާ ބަޔަކީ ޕަބްލިކް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ.


ކޮމިއުނިޓީއަށް ޚިދުމަތް ކުރުމަކީ އެއްގޮތަކަށްވެސް މިކަހަލަ ޓެކްޓިކަލް ވިސްނުމުގައި، ޓެކްޓިކަލް މަސައްކަތް ދޫކުރުމެއް ނޫން. މިހާރު ފުލުހުންނަށް ނަގައިދެވޭ ފިލާވަޅުތަކުގައި އަބަދުވެސް ހަނދާންކޮށްދެނީ، ފުލުހުންގެ ކޯޑް، ނޫނީ ފުލުހުންގެ ބޭސިކް ކޯޑްސްގެ ތެރޭގައި ގުޑް ޓެކްޓިކްސްއަކީ އަބަދުވެސް ހިމެނޭ އެއްޗެއް . އަދި ފުލުހުންގެ ޢިލްމީ ތަމްރީނުތަކުގެ ތެރޭގައި މިހާރު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެންމެ ބޮޑަށް ނަގައިދެވޭ މާއްދާތަކުގެ ތެރޭގައި ސޯޝިއޮލޮޖީ އެބަ ހިމެނޭ. މާސް ކޮމިއުނިކޭޝަން އެބަ ހިމެނޭ. އަދި ރަނގަޅަށް މީހުންނާ މުޢާމަލާތު ކުރުން އެބަ ހިމެނޭ. މިއީ މީގެކުރީގައި، މިސާލަކަށް، މީގެ ދިހަވަރަކަށް އަހަރު ކުރީގައި ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު، އަޅުގަނޑުމެންގެ ޚިޔާލަށްވެސް ނާންނަ ކަމެއް. ފުލުހުން ކުރިމަތިލާންދާއިރު ފުލުހުންނަކީ ކެތްތެރި ބަޔަކަށްވާން އެބަޖެހޭ. މައްސަލައިގައި ކުރިމަތިލާ މީހުންނަށްވުރެން ފުލުހުންގެ ރުޅި އިސްކޮށްގެންނެއްނުވޭ. ފުލުހުންނަކީ ޤާނޫނުން ފުލުހުންނަށް ލިބޭ ބާރު އަދި  އެ ޤާނޫނުން ޒިންމާދާރުކުރުވާ ފަރާތްވެސްމެ. އެހެންވީމާ، ފުލުހަކު ވެއްޓިގެންދާއިރު ލެނގިލަންވެސް އޮންނަ އެއްޗަކީ ޤާނޫނު. އަދި ފުލުހަކަށް ބާރު ލިބޭ ހަތިޔާރަކީވެސް ޤާނޫނު. އެހެންވީމާ، ފުލުހުން މުޖުތަމަޢުގެ ތެރޭގައި މަސައްކަތް ކުރުމަކީ، މުޖުތަމަޢުގެ އިޙްތިރާމް ހޯދުމަށްޓަކައި، ކޮމިއުނިޓީގެ ތެރޭގައި ފުލުހުން މަސައްކަތް ކުރާއިރު، ކޮމިއުނިޓީގެ ލީޑަރުންނާއި، މުޅި ކޮމިއުނިޓީއަށް ޚިދުމަތް ކުރުމަކީ، ފުލުހުންގެ ޢަޒުމަކަށްވާންޖެހޭ. މީގައި ޝައްކެއްވެސްނެތްގޮތުގައި ބޮޑެތި ގޮންޖެހުންތައް ހުންނާނެ. މި ގޮންޖެހުންތަކަށް އަޅުގަނޑުމެން ކިރިޔާވެސް ރިޢާޔަތްކޮށްލާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ!


މިދިޔަ އަހަރަކީ ﷲގެ ވާގިފުޅާއެކީ، ނިސްބަތުން ބޮޑެތި ކުށްތައް ރާއްޖޭގައި މަދު އަހަރެއް. އެހެންނަމަވެސް، ރާއްޖޭގައިވެސް ކުށްކުރާނެ. އަދި ރާއްޖޭގެ އާބާދީއަކީ ޒުވާން އާބާދީއަކަށްވާތީ، ދުނިޔޭގެ ޒުވާން އާބާދީތަކުން ކުރިމަތިލާ ހުރިހާ ކަމެއް ރާއްޖޭގައި އެބަ ހިނގާ. ރާއްޖެއަށް އޮތް އުނދަގުލަކީ ރާއްޖޭގެ ޢާއިލާތަކަކީ، އެއްބަޔަކު އަނެއް ބަޔަކު ވަރަށް ގާތް، ވަރަށް ދަންނަ ޢާއިލާތަކަކަށްވާތީ، އަންނަ ޕިއަރ ޕްރެޝަރ. ކުށެއްގައި، ތަޙުޤީޤުގައި، ތުހުމަތުގައި މީހަކު ބަންދުވިޔަސް، އަދި އަދަބެއް ލިބިގެން އަދަބުގައި އުޅޭއިރުވެސް، އަބަދުވެސް މި ދެންނެވި ޕްރެޝަރ އަޅުގަނޑުމެންނަށް އަންނާނެ. ފުލުހުންނަށް އަންނާނެ. މިއީ، ފުލުހުން އަބަދުމެ ކުރިމަތިލާންޖެހޭ ޗެލެންޖެއް.


ފުލުހުން މަސައްކަތް ކުރާއިރު، ފުލުހުން ގަބޫލުކުރަން އެބަޖެހޭ، ފުލުހުން ޚިދުމަތް ކުރަނީ މުޖުތަމަޢަށްކަން. އެހެންވީމާ، މުޖުތަމަޢު ތެރޭގައި ފުލުހުންގެ މަޤްބޫލުކަން ހޯދަން ފުލުހުން މަސައްކަތްތަކެއް ކުރަންވާނެ. އެހެންނަމަވެސް، އެއީ އެއްގޮތަކަށްވެސް ފުލުހުންގެ ރަނގަޅު އެތިކަލް ސްޓޭންޑަޑްތަކާއި މިންގަނޑުތައް ދޫކޮށްލާފައި، މި ދެންނެވި ގޮތަށް އެއްގޮތަކަށްވެސް ސްކެޕްޓިކްސް ޖާގަ ދޭންވީކީ އޮޕްޓިކްސްއަކަށް ނޫން. އެހެންވީމާ، ފުލުހުން ކުރާ މަސައްކަތްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި ވަރަށް ވަރުގަދަ ޤައުމީ މަސައްކަތްތަކަކަށް މިވަނީ. މިދިޔަ އަހަރަށް އެކަނި ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ! ފުލުހުންނަށް ހުށަހެޅި، ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، އަޅުގަނޑުގެ ތަފާސް ރަނގަޅު ކަމަށްވަންޏާ، ގާތްގަނޑަކަށް 4700 މައްސަލައިގެ ތެރޭގައި 50 ޕަސެންޓް މައްސަލައަކީ، ދެބައިކުޅަ އެއްބައި މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ. އެހެންވީމާ، މިއީ ޒުވާނުންގެ މައްސަލަ. މިއީ ނުރައްކާތެރި މައްސަލަ.


މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން އަބަދު ތިބޭނީ ހަމަޔަކު ނޫން، ޝައްކެއްވެސްނެތްގޮތުގައި. އެހެންވީމާ، މިކަންކަމަށް އެކަނި ވިސްނާލިޔަސް އެނގޭ، ފުލުހުންގެ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއްކަން. އެހެންނަމަވެސް، އެޔާއެކީ މުޖުތަމަޢަށް ހަމަޖެހުމާއި އަމާންކަން ދޭން އެންމެ އިސް ސަފުގައި އެންމެ ފުރަތަމަ މަސައްކަތްކުރާ ބަޔަކަށް މިވަނީ ފުލުހުން. އެހީތެރިކަމަށް އެދޭ ކޮންމެ ޙާލަތެއްގައި، ކޮންމެ ކްރައިސިސްއެއްގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތަކީ ރަނގަޅު ފުލުހެއް. އެހެންވީމާ، ފުލުހުން ކުރިމަތިލާ ނުރައްކާތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ އެތަކެއް ނުރައްކާ އެބަހުރި. އެކަމަކު އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ފުލުހުންނަށް ޕޮޒިޓިވް މެސެޖްތަކެއްވެސް ހަމަ މީގެތެރޭގައި އެބަހުރޭ. އަބަދުވެސް ސަރުކާރުތަކަށް ދިމާވާ އެންމެބޮޑު މައްސަލައަކީ، ފުލުހުންނަށް ބޭނުންވާ ރިސޯސް ފުލުހުންނަށް ހޯދައިދިނުން. ރިސޯސްއަކީ އެންމެ ބޮޑެތި ޤައުމުތަކުގައިވެސް އޭގައި ލިމިޓޭޝަންތަކެއް ހުންނަ އެއްޗެއް. ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް. އަދި ދިވެހިރާއްޖޭގެ ކަންތައްތައް މިހާ ހިސާބަށް އައިސް ހުރިއިރު، އަޅުގަނޑުމެންގެ ތެރޭގައި އަޅައިނުލެވި ހުރި ކަންތައްތަކެއް، އެކި ސަބަބުތަކާ، ހަމަ ޖާއިޒް ސަބަބުތަކާ ހެދި ނަމަވެސް، ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އަދި އެޔާއަކީ ޓެކްސްޕޭޔަރަކު ދައުލަތުގެ ޚަޒާނާތަކާއި، ކޮންމެ ފައިސާ ފޮއްޗަކާއި، ފުލުހުންގެ ޚިދުމަތާ ހަމަ އެއްވަރަށް ވާދަކުރާ، ނޫނީ އެއަށްވުރެ ކުރީގައި ވާދަކުރާ އެހެން ޚިދުމަތްތައްވެސް އެބަ ދޮރުގައި ޓަކިޖަހާ. ފިނޭންސް މިނިސްޓަރުގެ ދޮރުގައި ޓަކިޖަހާނެ. އެހެންވީމާ، ފުލުހުންނަށް އަބަދުވެސް ދައުލަތުގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތައް މި އޮންނަނީ ފުލުހުން އެދޭ މިންވަރަށް ކޮށްނުދެވިފައި. މި ހުރިހާ ކޮންސްޓްރެއިނެއްގެ ތެރެއިންވެސް ފުލުހުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކަށް މިވަނީ.


މިދިޔަ އަހަރު އެކަނި، މަސްތުވާތަކެއްޗަށް ބަލައިފި ކަމަށްވަންޏާ، ފުލުހުންގެ މަސައްކަތުން ގާތްގަނޑަކަށް 60 ކިލޯ ގްރާމް މަސްތުވާތަކެތި މިވަނީ ހޯދާފައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، ޒުވާން މުޖުތަމަޢަކަށް އަބަދުވެސް ފޭސްވާނެ ޗެލެންޖް. އަބަދުވެސް ފުލުހުން ފޭސްކުރަންޖެހޭ ޗެލެންޖްތަކުގެ ތެރޭގައި މިކަހަލަ ކުށްތައް އެބަ ހިމެނޭ. މި ކުށްތަކާއެކީ ތަޙުޤީޤު ކުރަމުންދާއިރު، އަޅުގަނޑުމެންނަށް ލިބޭ އުފާވެރި ޚަބަރަކީ، ކުރީގައި އެތަކެއް މަސްދުވަހަށް ދިގުލައިގެންދާ ތަޙުޤީޤުތައް، މިއަދު ފުލުހުންގެ ކުރިއެރުމަށް، ފުލުހުންގެ މަސައްކަތަށް އައިސް އޮތް ކުރިއެރުމާއެކީ، ފުލުހުންގެ ތަޙުޤީޤުތައް މިހާރު ޓާގެޓް ކުރެވިފައި އޮތީ 30 ދުވަހުގެ ތެރޭގައި ތަޙުޤީޤުތައް ނިންމަން. އެކަމަކު މީގައިވެސް ތަޙުޤީޤުތައް ނިންމުމުގައިވެސް ބޮޑެތި މައްސަލަތަކުގައި، ތަޙުޤީޤުތަކަކީ ވަކި ވަގުތަކަށް ނިންމަން ކިތަންމެވަރަކަށް މަސައްކަތްކުރި ނަމަވެސް، އޭގައިވެސް ދަތިތަކެއް ހުންނަ މައްސަލަތައް. އެ މައްސަލަތަކުގެ މިސާލު އަޅުގަނޑުމެންގެ ޚިޔާލަށް ނުގެންނަމާ ހިންގަވާ!


އެހެންނަމަވެސް، ފުލުހުންގެ ތެރޭގައި މި ދެވޭ ތަމްރީނުތަކާއި އަދި ފުލުހުންގެ ތެރޭގައި ފުލުހުންނަށް ލިބޭ ވަސީލަތްތައް ބޭނުންކުރެވިގެން، ފުލުހުންގެ މުއައްސަސާއިން މިއަދު މަސައްކަތް ކުރަނީ، ޕޮލިސް ފޯސްއަކީ މިޒަމާނުގެ ޕޮލިސް ފޯސްއަކަށް ހެދުމަށް. އެއީ ހަމައެކަނި ފުލުހުންނަށް ލިބޭ ތަމްރީނެއް ނޫން. އަދި ތަމްރީނުގެ ނަތީޖާއަކަށް ވެގެންދާނީ، ފުލުހުން ކުރިމަތިލާންޖެހޭ ކަންތައްތަކުގެ ނަތީޖާ، ކުރިއާ ޚިލާފަށް ރަނގަޅުކޮށް މުޖުތަމަޢު ގަބޫލުކުރެވޭގޮތަކަށް ދައްކައިދިނުން. އަބަދުވެސް ފުލުހުންނަށް އޮންނަ ޗެލެންޖަކީ، ފުލުހުންނަކީ ފުލުހުންގެ ޚިދުމަތް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުން. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައި އަދި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. ދިވެހި ފުލުހުންނަކީ ވަކި އިސްތިސްނާއެއް ނޫން. އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކަ އެއްގޮތަކަށްވެސް ހިތްދަތިކަމާއެކީ ބަލައިނުގަންނަވާތި. ފުލުހުންގެ ތެރޭގައި މި ތިބެނީ އިންސާނުން. ފުލުހުންގެ ތެރޭގައި މި ތިބެނީ ހަމަ ދިވެހި ލޯ ހިނގާ ދިވެހި ޒުވާނުން.


އެހެންވީމާ، އަޅުގަނޑު ހަމަ ދިވެހި މުޖުތަމަޢަށްވެސް ދަންނަވަން ބޭނުންވަނީ، މި ނޫ ޔުނީފޯމްލީމަ، އަޅުގަނޑުމެންގެ ދަރިންނަށް އެމީހުން ނުވަނީތޯއޭ؟ އެހެންވީމާ، ކަންކަމުގައި ފުލުހުންނާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އަޅުގަނޑުމެން މި ކުރިމަތިލަނީ އަޅުގަނޑުމެންގެ ދަރިންނާ. އަޅުގަނޑުމެންގެ އަޚުންނާ. އަޅުގަނޑުމެންގެ އުޚުތުންނާ. އެހެންވީމާ، ފުލުހުންގެ ތެރޭގައިވެސް، ހުރިހާ ތަނެއްގައިވެސް ހުންނަ އިންސާނީ އުނި ކަންތައްތަކާއި، އިންސާނީ ސިފަތައް ހުންނާނެ. ފުލުހުންގެ ތެރޭގައިވެސް މަދުން ނަމަވެސް ޤާނޫނާޚިލާފު ކަންތައްތައް ހިނގާފައި ހުންނާނެ. އެހެންވީމާ، ފުލުހުންގެ ކަންތައްތައް ބެލުމަށްޓަކައިވެސް ފުލުހުންގެ ތެރޭގައިވެސް ޕްރޮފެޝަނަލް ކޮމާންޑްތައް ބެލޭނެ ގޮތްތައް އިންތިޒާމު ކުރެވިފައި އެ ހުންނަނީ. ޕްރޮފެޝަނަލް ސްޓޭންޑަޑްތައް ބެލޭނެ. އަދި އޭގެއިތުރަށް ފުލުހުން ކުރާ ކަންތައްތައް ބެލުމަށްޓަކައި އިންޓެގްރިޓީ ކޮމިޝަނެއްވެސް އެއޮތީ އުފެދިފައި.


އެޔާއެކީވެސް އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވާނީ، އަޅުގަނޑުމެންގެ ޔޫޓޯޕިއަން ޚިޔާލަކަށްވާންވާނީ، ކޮންމެ ފުލުހަކީ މުޖުތަމަޢުގައި ރޯލް މޮޑެލްއަކަށްވުން. ވަޒީފާއަށް ލިބޭ އާމްދަނީއަށް ބަލާކަމަށްވަންޏާ، އެއްވެސް ފުލުހަކު ނޫ ޔުނީފޯމެއް ނާޅާނެ، ލިބޭ އާމްދަނީ ރަނގަޅުވެގެންނެއް. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން އޮތް ގޮތެއް ނޫން. އެކަމަކު އެ ޚިދުމަތުގެ ވަރުގަދަކަމާއި، އެ ޚިދުމަތް ރައްޔިތުން އެޕްރިޝިއޭޓް ކުރާ މިންވަރާ، މިކަންކަމަށް ބަލާފައި އަޅާ ޔުނީފޯމެއް، މި ނޫ ޔުނީފޯމަކީ. ނުރައްކަލާ ކުރިމަތިލާން އަޅާ ޔުނީފޯމެއް، މި ނޫ ޔުނީފޯމަކީ.


އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް، އަޚްލާޤީ އުނި ސިފަތައް ފެނިގެން ދިޔުމަކީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އަދި އެކަންކަން ރަނގަޅުވެސް ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު އެއްގޮތަކަށްވެސް މިކަން ކޮންޑޯން ކުރާތީކީ ނޫން. ޓޮލަރޭޓް ކުރާތީކީ ނޫން. އަޅުގަނޑަށް ޔަޤީން، ސީ.ޕީ އާއި އެގްޒެކެޓިވް ޓީމަކުންނެއް ކޮންޑޯމެއް ނުކުރައްވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައިވެސް މަދުން ނަމަވެސް މިކަހަލަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ، އަބަދުވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ކުލަޔާ އެއްކޮށް އަދި ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެކްސްޕެކްޓް ކުރާ މިނިމަމް ސްޓޭންޑަޑާ ހަމައިގައި، އަޅުގަނޑުމެންގެ އެތިކަލް ސްޓޭންޑަޑާއި، އަޅުގަނޑުމެންގެ ޕަރފޯމަންސް އަބަދުވެސް ބެހެއްޓޭތޯ. އެހެންވީމާ، މީގައި ހަމަ ޒީރޯ ޓޮލަރެންސަށް ޓޮޕް މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރަންވާނެ. އެންމެފަހުގައިވެސް ރައްޔިތުން އެކްސްޕެކްޓް ކުރަނީ، ފުލުހުންނަކީ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ރޯލް މޮޑެލުންތަކަކަށްވުމަށް.


އެހެންވީމާ، ފުލުހުންނާ ހަވާލުވެފައި މިއޮތީ ހަމަ ވަރަށް ލޮފްޓީ ވަރަށް ވަރުގަދަ މަސްއޫލިއްޔަތެއް. މިއީ ހަމައެކަނި ކުށްކުރުން މަދުކުރުމެއް ނޫން. އަދި ކުށްކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމެއް އެކަންޏެއްވެސް ނޫން. މިއަށްވުރެ ބޮޑެތި ޒިންމާތަކެއް ފުލުހުންނާ އެބަ އެސޯސިއޭޓްވޭ. އެބަ މަތިކުރެވޭ. ކޮންމެ ފުލުހަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނާއިރު ގަބޫލުކުރަންޖެހެނީ، ޙާލަތު އުނދަގޫވެގެންދާ ވަގުތެއްގައި، ދަތިވެގެންދާ ވަގުތެއްގައި ފުލުހަކު އެތަނުން ފެނިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ހިތަށް ފިނިކަމެއް އެބަ ލިބެންޖެހޭ. އަޅުގަނޑުމެންނަށް ޕީސް އޮފް މައިންޑް ގެނެސްދޭ ބަޔަކީ ފުލުހުން. ކްރައިސިސްއެއްގައި އެތަނަށް ޕީސް އޮފް މައިންޑް ގެނެސްދޭ ބަޔަކީ ފުލުހުން.


އެހެންވީމާ، މުޖުތަމަޢުގައި ހަމަޖެހުމާއި ސަލާމަތްކަން އޮތީ ފުލުހުންގެ އަތްމަތީގައި. އަދި ޤާނޫނު މަތިކޮށްފައިވެސް ވަނީ އެ އަމާނާތް ފުލުހުންގެ އިދާރާއާ. ނޫނީ ފުލުހުންގެ ޚިދުމަތާ. އެހެންވީމާ، ރައްޔިތުން ބަލައިގަންނަނީ، ފުލުހުންނަކީ ތަނުގެ މަޞްލަޙަތާ ގުޅިފައި، ނޫނީ ތަނުގެ މަޞްލަޙަތު އެންމެ ވަރުގަދައަށް ގެނެސްދޭ ބަޔަކީ ފުލުހުން ކަމުގައި. އަދި އެހީތެރިކަމަށް އެދޭ ޙާލަތަކަށް ރައްޔިތަކު ދާއިރު، އެ އެހީތެރިކަމުގައި އެންމެ ފުރަތަމަ އަތް ދިއްކޮށްލާ ފަރާތަކީ ފުލުހަކަށް މިވަނީ. އެހެންވީމާ، ކޮބައިތޯ މިއަށްވުރެ ވަކި ވަރުގަދަ ޚިދުމަތެއް؟ ދެން ޝައްކެއްވެސްނެތް، އަޅުގަނޑު ހާރޓް ޓްރާންސްޕްލާންޓެއްގައި ސަރޖިކަލް މޭޒެއްގައި އޮންނަ ކަމަށްވަންޏާ، އަޅުގަނޑަށް ޑޮކްޓަރު ވަރަށް މުހިންމުވާނެ. އެކަމަކު ހަމަ އެކަހަލަ އެއްވަރުގެ ޚިދުމަތްތަކެއް ފުލުހުންގެ ޚިދުމަތުން މި ދެވެނީ. ކޮންމެކަހަލަ ބޮޑު ނުރައްކަލެއް ދިމާވިނަމަވެސް، އެންމެ ފުރަތަމަ ރައްޔިތުންގެ ޙިމާޔަތަށް އަންނަ މީހުންގެ ތެރޭގައި މި އަންނަނީ ފުލުހުން.


އެހެންވީމާ، ފުލުހުންނަށް މިއަދު މި ކުރިމަތިވާ ކަންކަމުގެ ތެރޭގައި، މިއަދުގެ ފުލުހުން ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކައި ހުރިހާ ސަރުކާރުތަކުންވެސް ހުރިހާ އިރަކުވެސް ފުލުހުންގެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރާނެ. އެހެންނަމަވެސް، ވަރަށްގިނަ ތަމްރީނު ކޯސްތަކެއް ދެވިގެން މިދަނީ. އަނެއްކާވެސް އަޅުގަނޑުގެ ތަފާސަށް ޑިޕެންޑްކުރާ ކަމަށްވަންޏާ، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ގާތްގަނޑަކަށް 1651 ކުދިންނަށް، ތަމްރީނު ކޯސް މިއޮތީ ހިންގައިދެވިފައި. މިއީ ވަރަށްގިނަ ތަމްރީނު. ރާއްޖެއާއި ރާއްޖެއިން ބޭރުގައި. އެހެންވީމާ، މީގެ ބޭނުމަކަށްވަނީ، ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭގޮތަށް، އަދި ޤާނޫނުން ފުލުހުންނާ މަތިކޮށްފައި އެވާގޮތަށް އަދި އެ ޒިންމާވެސް އުފުލަންޖެހޭ މިންވަރަށް ފުލުހުން އެކަން ކޮށްދިނުމުގެ ޤާބިލުކަން ހޯދައިދިނުން. މިއީ ހަމައެކަނި ޢިލްމީ ޤާބިލުކަމެއް ނޫން. މިއީ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަންވެސްމެ. މިއީ މުވާޞަލާތު، ނޫނީވިއްޔާ މުޢާމަލާތް ކުރުމުގެ ޤާބިލުކަންވެސްމެ. އެހެންވެގެން މުޖުތަމަޢުގައި އެކިކަހަލަ ވިސްނުމުގައި އަދި އެކިކަހަލަ ޙާލަތުގައި އަދި އެކިކަހަލަ ޓެމްޕަރަމަންޓްގައި ބަޔަކު އުޅޭ ވަގުތެއްގައި އެމީހުންނާ މުޢާމަލާތް ކުރަން ފުލުހުން ދާއިރު، މި ދެންނެވި ގޮތަށް މިއަދު ޢިލްމީ ތަމްރީނުތަކުގެ ތެރޭގައި، ހުރިހާ ތަނެއްގައިވެސް އެ ތަމްރީނުގެ ކޮންޓެންޓްގެ އެންމެބޮޑު ބައެއްގެ ގޮތުގައި މި ހިމެނެނީ ސޯޝިއޮލޮޖީ. އެހެންވީމާ، އަޅުގަނޑުމެންގެ ފުލުހުންގެ ތެރޭގައިވެސް މިބައިގެ މުހިންމުކަން އަޅުގަނޑަށް ގަބޫލުކުރެވޭ.


އާދެ، ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ފުލުހުން ތިޔަ ކުރައްވާ މަސައްކަތުގައި އަބަދުވެސް ދިވެހި ސަރުކާރުގެ އެޕްރިސިއޭޝަން އޮވޭ. އެކަމަކުވެސް ފުލުހުން މިއަދު ޔުނީފޯމްގައި ތިއްބަވާފައި އަދި ފުލުހުންނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންތަކެއް، އެބޭފުޅުންގެ އަގު ވަޒަން، ދެންމެ އަޅުގަނޑުމެން މިކުރީ.


އަޅުގަނޑުމެންނަށް މިއަދު ކުރިމަތިލާންޖެހޭ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި މި ހިމެނެނީ އަޅުގަނޑު ހިތަށްއަރަނީ، މި މަޤާމުގައި ހުރެގެން އަޅުގަނޑަށް މި ވާހަކަ ދައްކަން ވަރަށް ފަސޭހަ. އާދެ، އަޅުގަނޑުމެން ފުލުހުން، އަޅުގަނޑުމެންގެ މިއަދުގެ ފުލުހުން، ނޫނީވިއްޔާ އިއްޔެގެ ފުލުހުން، އެކިގޮތްގޮތުން އެބޭފުޅުން ޚިދުމަތްކޮށްފައިވާ އެބޭފުޅުންގެ ވެރިން، އެއީ ޔުނީފޯމުގެ އެންމެ އިސްބޭފުޅުން ކަމުގައިވީނަމަވެސް، ރިޓަޔަރ ކުރައްވާފައި ތިއްބަވާ ކޮމިޝަނަރުން ކަމުގައިވީނަމަވެސް. އަދި އެއަށްވުރެ މަތީ މަޤާމުތަކުގައި، ސިޔާސީ ލީޑަރުންގެ ތެރޭގައި އެބޭފުޅުންގެ ޚިދުމަތް ދެއްވާފައިވާ ބޭފުޅުން ކަމުގައިވީނަމަވެސް. ފުލުހުންނަށް މިއަދު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެނީ، މި ދެންނެވި ފަންތީގެ ބޭފުޅުންގެ ފަރާތުން ޕޮލިސް ފޯސްއާ ކުރިމަތިލާން ގޮވާލާ ގޮވާލުމާއި، ޕޮލިސް ފޯސްއަށް އިހުމާލުވެ، ނޫނީ ޕޮލިސް ފޯސްއަށް ކަމޭނުހިތޭގޮތަށް ގޮވާލާ ގޮވާލުން. މިއީ މިއަދު ޔުނީފޯމުގައި ތިބޭ ބަޔަކަށް އަޑުއަހަން ފަސޭހަ ކަމަކަށްނުވާނެ. އިއްޔެ އެއީ އަޅުގަނޑުމެންގެ މާސްޓަރުން. މިއަދު މޭޒުގެ އަނެއްފަރާތަށް ދާންޖެހުނީމަ، މިކަހަލަ ޗެލެންޖްތައް ފުލުހުންނަށް އަޑުއިވުނީމަ، ފުލުހުންގެ ހިތަކަށް ފަސޭހައެއްނުވާނެ.


އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އަޅުގަނޑު ގަބޫލެއްނުވެސްކުރާނަން، ޑިމޮކްރަސީއަކީ ތަނެއްގައި ކުށް ގިނަކުރަން ދޭ ލައިސަންސެއް ކަމަކަށް. ޑިމޮކްރަސީއަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އުޅޭ ކޮންމެ ބައެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ހިމެނޭ ނިޒާމެއް. އެހެންވީމާ، ޑިމޮކްރަސީއަކީ އެއްގޮތަކަށްވެސް އެމީހަކު އުޅޭނެ ގޮތަކަށް އުޅުމެއް ނޫން. ރާއްޖޭގެ ކަންކަން ރަނގަޅަށްދާ ކަމަށްވަންޏާ، ރާއްޖޭގެ އަމުނުގެ ސަލާމަތްކަން ޤާއިމުކޮށްދެނީ ޤާނޫނުގެ ބާރު ހިންގީމަ. ނޫނީ ޤާނޫނީ ޙުކޫމަތް ދަމަހައްޓަން ކެރިގެން ދެމެހެއްޓީމަ. ރާއްޖޭގައި މިއަދު ފުލުހުންނަށް އިރާދަކުރެއްވިއްޔާ، ކުރީގައި ކުރަންޖެހޭވަރަށް މަގު ބެލެހެއްޓުމާ، މިކަންކަން ކުރަން ނުޖެހެނީ، މިދެންނެވި ހަމަޖެހުން އޮތީމަ. މިދެންނެވި ހަމަޖެހުން މިއަންނަނީ އެއްގޮތަކަށްވެސް ޑިމޮކްރަސީ ރާއްޖޭގައި ނެތިގެނެއްނޫން. މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ބައެއް ކަންތައްތަކާ ދޭތެރޭގައި، ބޭރުގެ ބައެއް ސަރުކާރުތަކުން ނުކުންނަ ރިޕޯޓްތަކާ ދޭތެރޭގައި އަޅުގަނޑުމެން ހިތާމަކުރަން.


އެހެންނަމަވެސް، މިއަދުވެސް ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރައްވާ ފުލުހުންނަށް ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ޤާނޫނުން އަޅުގަނޑުމެންނަށް ދޭ ޙައްޤުތަކާއި، އަޅުގަނޑުމެންގެ ޤާނޫނުން އަޅުގަނޑުމެންނަށް ދޭ މުސްތަޤިއްލު ކަމާއި، އަދި އ.ދ.ގެ ކޮންވެންޝަނުން، ޤައުމަކަށްވީތީ އަޅުގަނޑުމެންނަށް ލިބޭ ޙިމާޔަތް އަޅުގަނޑުމެންނަށް އެނގެޔޭ. އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތަކަކާ ބޭރުގެ އެއްވެސް ފަރާތަކުން ބެހޭކަށް ޖާގައެއް ނުދެވޭނެ. ބެހޭކަށް ޖާގައެއް ނުދެވޭނެ. ބެހުމަކީ ރަނގަޅު ކަމެއް ނޫން. އެއީ ކީއްވެގެންތޯ؟ ބޭރުގައި ހިނގާ ކަންކަމަކާ އަޅުގަނޑުމެންގެ ސަރުކާރަކުން، އަޅުގަނޑުމެންގެ ފުލުހުންނެއް ނުބެހޭނެ. އެހެންވީމާ، ކޮންމެ ޤައުމެއްވެސް ހިނގާނީ، އެ ޤައުމެއްގައި އޮންނަ އުޞޫލާއި، އެ ޤައުމެއްގައި އޮންނަ ޤާނޫނުއަސާސީއާއި، އަދި ޤާނޫނުއަސާސީން އުފައްދައިދީފައި ހުންނަ މުއައްސަސާތަކުން ގެނެސްދޭ ޙައްޤުތައް ކަށަވަރުކޮށްދޭ މިންގަނޑުތަކެއްގެ ތެރޭގައި. އެހެންވީމާ، ދިވެހިރާއްޖޭގައި އޮތް މިންގަނޑުތަކަކާއި ދުނިޔޭގެ އެހެން ތަނެއްގައި އޮތް މިންގަނޑުތަކަކާ އަޅައިކިޔަންޖެހޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.


އެހެންވީމާ، އަޅުގަނޑުމެން މި ހުރިހާ ގޮންޖެހުންތަކަކާއެކީ މަސައްކަތް ކުރާއިރު، އަޅުގަނޑުވެސް ގަބޫލުކުރަން ބޭނުންވަނީ، އަދި ފުލުހުންނަށްވެސް މިއަދު ދަންނަވާލަން ބޭނުންވަނީ، އެއްގޮތަކަށްވެސް އަމިއްލަ މާނަ ޑިމޮކްރަސީގައި ނުނަންގަވާ! ޑިމޮކްރަސީއަކީ ހަމަހަމަޔަށް މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ޤާބިލުކަން ހުންނަ ބައެއްގެ މައްޗަށް ހިންގަން އޮންނަ ނިޒާމެއް. އެއީކީ އެއްގޮތަކަށްވެސް އެއްކޮޅަށް ފައްސިޔަވެފައި އޮންނަ ކަމެއްނޫން. އެހެންވީމާ، ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި، އެއީކީ އެއްގޮތަކަށްވެސް ފުލުހުން އަބަދު 24 ގަޑިއިރު ނުކުމެ ޤާނޫނާ ޚިލާފަށް އުޅެންޖެހޭ ބަޔަކު ހަންމަތަކުރަން، ނޫނީވިއްޔާ މަތަކުރަން ނިންމާ ނިޒާމެއް ނޫން ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ އެއަށްވުރެ މާ ވަރުގަދައަށް، ކޮންސިއޭންޝަސްލީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ނިޒާމެއް. ކޮންމެ ބައެއްގެވެސް ޙައްޤުތަކެއް އޮންނާނެ. އެހެންވީމާ، ޙައްޤުތައް ކަށަވަރުކޮށްދޭ ބަޔަކަށް، ޤާނޫނީ އިމުން ކަނޑައަޅާ ޙައްޤުތައް ކަށަވަރުކޮށްދޭ ބަޔަކަށް މިވަނީ ފުލުހުން. އެހެންވީމާ، އެއަށްވުރެން ވަކި މަތިވެރި ޒިންމާއެއް، މަސްއޫލިއްޔަތެއް އޮވެދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.


ތަނެއްގައި އޮންނަ ހަމަޖެހުމަކީ، ފުލުހުންގެ އެފިޝަންސީ. ތަނެއްގައި މަޞްލަޙަތު ގެއްލިގެންދާ ކަމަށްވަންޏާ، އެއީ ފުލުހުންގެ ޒިންމާ އަދާކުރަންވާ މިންވަރަށް އަދާކުރެވޭކަމާ ދޭތެރޭގައި ސުވާލު އުފެދޭ ކަންކަން. އެހެން މިދަންނަވަނީ ޝައްކެއްވެސްނެތްގޮތުގައި، ފުލުހުންނަށް ޤާނޫނީ ބާރު ދިނުމާއެކީ، އަދި ފުލުހުން ޖަވާބުދާރީވާ ފުލުހުންގެ އިސް މީހުންނަށްވެސް، ފުލުހުންނަށް އެހީތެރިވުމަށް ޤާނޫނާ އެއްގޮތަށް ކަންތައްތައް ކުރަން އެހީތެރިވާ ޙާލަތުގައި. އެހެންވީމާ، ތަނެއްގައި މަޞްލަޙަތު ގެއްލިގެންދާ ކަމަށްވަންޏާ، އެ މަޞްލަޙަތު އަނބުރާ އިޢާދަކުރުމަކީ، ރުޖޫޢަ ކުރުމަކީ ފުލުހުންގެ ޒިންމާ.


އެހެންވީމާ، އެންމެ ފަސޭހައިން ފުލުހުންނަކީ ޙަރަކާތްތެރި، ޒިންމާދާރު ބައެއްތޯ ކަނޑައެޅެން އަންނަނީ، ތަނެއްގައި، ދައުލަތެއްގައި އަމާންކަން ޤާއިމުކުރެވިފައި އޮންނަ މިންވަރަކުން. އަދު އަޅުގަނޑުމެންގެ ޙާލަތު ނިޔާކުރާގޮތުން، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ތެރޭގައި އެ އަމާންކަން އެބައޮތް. ޝައްކެއްވެސްނެތްގޮތުގައި، އޭގެ ހުރިހާ ކްރެޑިޓެއް ދާނީ ފުލުހުންނަށް.


އެހެންވީމާ، މިރޭގެ މި އުފާވެރި މުނާސަބަތުގައިވެސް، އަޅުގަނޑު ތިޔަ ހުރިހާ ފުލުހުންނަށް، އަދި ފުލުހުންގެ ޚިދުމަތަށް، އަނބިއަނބިކަނބަލުން އަދި ފިރިކަލުން، ތިޔަބޭފުޅުންގެ ފިރިކަލުން، އަނބިކަނބަލުން ދޫކޮށްދެއްވި ކަމަށްޓަކައި ހުރިހާ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރުގަދަ ޤައުމީ މަސްއޫލިއްޔަތެއް. މިއަށްވުރެން ވަކި ވަރުގަދަ ޤައުމީ މަސްއޫލިއްޔަތެއް އޮވެދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. މިއަށްވުރެން ވަރުގަދަ ޤައުމީ މަސްއޫލިއްޔަތެއް އަޅުގަނޑުމެންނަށް ފެނިގެން ދެން ދާނީ، ރާއްޖޭގައި ހަނގުރާމައެއް އިޢުލާނުކުރާ ހިސާބުން. އެހެން ނޫންކަމަށްވަންޏާ، އެންމެ ވަރުގަދަ ޤައުމީ މަސްއޫލިއްޔަތު އަދާކުރާ ބައެއްގެ ގޮތުގައި އަބަދުވެސް ދިވެހި ފުލުހުން ހިމެނިގެންދާނެ.


އެހެންވީމާ، މި އުފާވެރި މުނާސަބަތުގައި، ފުލުހުންނާ މަތިކުރެވިފައި މިއޮތީ ވަރުގަދަ އަމާނާތެއްކަން، ތިޔަ އެންމެހައި ބޭފުޅުންނަށް ހަނދާންކޮށްދެމުން އަދި 84 އަހަރު ފުރިގެންދާއިރު، ތިޔަބޭފުޅުންނަށް ހަމަ ސެލިއުޓް ޙައްޤު ޚިދުމަތްތަކެއް ކޮށްދެވިފައި ހުރިކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަމަކު އެޔާއެކީވެސް ދަންނަވާލަންޖެހެނީ، މަދުން ނަމަވެސް މަގުން ކަސިޔާރުވެގެންދާ ފަރާތްތައް އަޅުގަނޑުމެންގެ ޔުނީފޯމުގައި ތިބެއޭ. އެހެންވީމާ، ހުރިހާ ފުލުހުން މަސައްކަތް ކުރައްވަންޖެހޭނީ، ޚާއްޞަކޮށް، އެގްޒެކެޓިވް ޓީމުން މަސައްކަތް ކުރައްވަންޖެހޭނީ، މިދެންނެވި ކަހަލަ ބަދު ބަސްތައް ފުލުހުންނަށް ރައްދުނުވާގޮތަކަށް ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެން ރުކުރުވައިލައިގެން ގެންދިޔުމަށް.


އަޅުގަނޑު އެދެނީ ދިވެހި ފުލުހުންނަށް ވަރަށް އުފާވެރި ފާގަތި ދުވަސްތަކެއް. އަދި ތިޔަބޭފުޅުންގެ ޢާއިލާއާއެކީ ގިނަ ވަގުތު ހޭދަކުރައްވާނެ އަމާން ވަގުތުތަކެއް، މާތްﷲ ދިވެހިރާއްޖެއަށް މިންވަރު ކުރައްވާށި! މިކަން އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނީ، އަޅުގަނޑުމެން ކުރާ މަސައްކަތުން. މީގެ އެންމެ އިސް ޒިންމާ އުފުލަންޖެހޭ ބަޔަކީ، ދިވެހިރާއްޖޭގައި މިއަދު ސިޔާސީ ލީޑަރުން ކަމަށް ނަން އުފުލާ މީހުން. ދިވެހިރާއްޖެ ހަލަބޮލި ކުރުމުގެ ހުރިހާ ބަދުނާމެއް އުފުލަންޖެހޭނީ، ޤާނޫނާޚިލާފަށް ދިވެހި މުޖުތަމަޢު ހަލަބޮލިކުރަން އުޅޭ ފަރާތްތައް.


އެމީހުންގެ މަސައްކަތަށް މާތްﷲގެ ބަރަކާތް މިންވަރު ނުކުރައްވާށި! އަދި އެމީހުންގެ މަސައްކަތުގައި، ފުލުހުން ކުރައްވަންޖެހޭ ކަމެއް ކުރެއްވުމުގައި، އެއްވެސް ގޮތަކަށް ފަސްޖެހިވަޑައިނުގެންނެވުމަށް، ތިޔަބޭފުޅުންނަށް އިރުޝާދު އަރުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. ތިޔަބޭފުޅުންނަށް އުފާފާގަތި ދުވަސްތަކެއް މާތްﷲ މިންވަރު ކުރައްވާށި!


والسّلام عليــكم ورحـمــة اللّـه وبـركاتـه.