بســم اللّـه الرّحمـن الرّحيــم


ޙަމްދާއި ޝުކުރު ޙައްޤުވެގެންވަނީ ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް.
މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އިތުރު އަޞްޙާބުން ޝާމިލު ކުރަމުން.


އާދެ، ޝައްކެއްވެސްނެތްގޮތުގައި މިރެއަކީ ވަރަށް އުފާވެރި ރެއެއް. ދިވެހި ތާރީޚުގައި، ދިވެހި ކުޅިވަރުގެ ތާރީޚުގައި ވަރަށް އުފާވެރި ރެއެއް. އަދި އެއަށްވުރެ ބޮޑަށް ޓީ.ސީ. ސްޕޯޓްސް ކްލަބުގެ ތާރީޚުގައި ވަރަށް އުފާވެރި ރެއެއް. އަޅުގަނޑު ފުރަތަމައިނުން އަވަސްވެގަންނާނަން، ޓީ.ސީ. ސްޕޯޓްސް ކްލަބުން ބައިނަލްއަޤްވާމީ މުބާރާތަކުން ރަންވަނަ ދިވެހިރާއްޖެއަށް ގެނެސްދިންކަމަށްޓަކައި ޓީ.ސީ. ސްޕޯޓްސް ކްލަބުގެ ޓީމަށް، ކޯޗު ނިޒާމަށް އަދި ޓީ.ސީ. ސްޕޯޓްސް ކުލަބުގެ މެނޭޖްމަންޓަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން.


އާދެ، ކުޅިވަރުގެ ފެމިލީއަށް ގަބޫލުކުރެވެންވާނެ، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ، އަޅުގަނޑުމެން ވަނަތައް ހޯދަން ބޭނުންވާ ހުރިހާ ކުޅިވަރަކުންވެސް ހަމަ އެންމެމަތީ ވަނައާ ހަމައަށް ދިވެހިރާއްޖެ ދާން. ކުރިބޯށްޓާ ހަމައަށް ދާން. އެހެންވެގެން އަޅުގަނޑު ކުޅިވަރުގެ ޙަފްލާއެއްގައި ވާހަކަ ދައްކަމުން ދަންނަވާލީ، އަޅުގަނޑުގެ ޑިކްޝަނަރީގައި، އަޅުގަނޑުގެ ވޮކޭބްގައި ކުޅިވަރުގައި ބްރައުންޒް މެޑެލަކީ ހިމެނޭ އެއްޗެއް ނޫނޭ. އެންމެ ދަށްވެގެން ރިއްސަކަށް މަސައްކަތް ކުރަންވާނެއޭ. އައިޑިއަލީ މަސައްކަތް ކުރަންވާނީ ރަންވަނަ ހޯދާށޭ.


އެހެންވީމާ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަންގައާއި، އަދި ތަޢާރުފުގައި އެނގިގެން، ފެނިގެންދިޔަ ގޮތަށް، ދާދި އިހަކަށްދުވަހަކު ކުޑަކުދިންކޮޅެއް، މިހާރު ދެން ދަޅަތައް ފެންނަމުންދިޔަ ކަމުގައިވީނަމަވެސް، ކާނިގޯޅިތެރެއިން ނުކުތް ކުޑަކުދިންކޮޅެއް މިއީ. ފަށައިމިގަތީވެސް ފުޓްބޯޅައަކުންނެއް ނޫން. ބައިބަލާއާއި ވާ ދެމުމުގެ މަސައްކަތުގައި. އެހެންނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެންމެބޮޑަށް ލޯބި ލިބިފައި އޮންނަ ކުޅިވަރު، ފުޓްބޯޅައިގައި މި ރަންވަނަ ހާސިލުކޮށްފައި މިވަނީ.


ތެދެއްމެ، ކުޅިވަރު ކުޅޭ ކްލަބްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އަޅުގަނޑު ވަރަށްގިނަ ޗެލެންޖްތައް އޮފަރ ކުރަން. ދެން އެހެންވީމާ، މިރޭވެސް ނިޒާމާއި އަދި ކުޅިވަރު ކޮމިއުނިޓީ، އަޅުގަނޑުގެ ޗެލެންޖަކަށް އިންތިޒާރުކުރޭ. ޚާއްޞަކޮށް، ޓީ.ސީ.ގައި. ޔޫ ވިލް ބީ ސަޕްރައިޒްޑް. އަޅުގަނޑު ހަމަ ޗެލެންޖެއް މިރޭވެސް އޮފަރ ކުރާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު ހަމަ މިއަށްވުރެން ވަކިން އުފާވާ ކަމެއްނެތޭ. އަޅުގަނޑުގެ މެނިފެސްޓޯގައި، އަޅުގަނޑު މިކުރާ މަސައްކަތުގެ ތެރެއިން އެންމެ ޝާމިލްކަން ބޮޑު ގޮތެއްގައި މިގެންގުޅެނީ ޒުވާނުން. ޒުވާނުންނަށް ގޮތްތައް ހޯދައިދިނުން. އެއީ، ހަމައެކަނި ކުޅިވަރެއް ނޫން. ކުޅިވަރަކީ ހަމަ ޝައްކެއްވެސްނެތްގޮތުގައި އެންމެ މުހިންމު އިންގްރިޑިއަންޓް. އެއާއެކީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މުރާލިކަމާއެކީ އަދި ހީވާގިކަމާއެކީ، ޢާއިލާތަކެއް ބިނާކޮށް އަދި އަޅުގަނޑުމެން އަންނަން އޮތް ޖީލު، މިހާރުގެ ޖީލާއި ދެން އަންނަން އޮތް ޖީލަށްވެސް މި ރަނގަޅު މެސެޖުތައް ޒުވާނުންގެ ތެރެއިން ފޯރުކޮށްދިނުން.


ޙަޤީޤަތުގައި ހުރިހާ އެންމެންގެ އެންމެ ބޮޑު ލޯތްބެއް އޮންނަނީ ޒުވާނުންނަށް. ހުރިހާ އެންމެންގެ އެންމެބޮޑު ޝައުޤުވެރިކަމެއް މި އޮންނަނީ ކުޅިވަރަށް. އެހެންވީމާ، ކުޅިވަރުގެ ކޮމިއުނިޓީގެ ތެރެއިން ނޫންގޮތަކަށް، ޒުވާނުންގެ ރާސްތާގެ ތެރެއިން ނޫންގޮތަކަށް، ވަސީލަތުގެ ތެރެއިން ނޫންގޮތަކަށް، މި މެސެޖެއް ކޮމިއުނިކޭޓެއް ނުކުރެވޭނެ. އަޅުގަނޑުމެން ސިޔާސީ މީހުން އެކި ވާހަކަ ދައްކާނެ. އެކި ފޮތްފޮތުގައި އެކި ޗެޕްޓަރުތައް ލިޔާނަން. އެހެންނަމަވެސް ޢަމަލީގޮތުން މީތި ޓްރާންސްލޭޓްވެގެން އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައެއް ހަމަ ދާނީ، ޒުވާނުންނަކީ އެމްބެސަޑަރުން ކަމަށް ގަބޫލުކޮށްގެން. އަދި ކުޅިވަރު ކުޅޭ ޒުވާނުންނަކީ މި މެސެޖް އެންމެ ރަނގަޅަށް ކެރީ ކުރާނެ އެމްބެސެޑަރުން ކަމަށް ދެކިގެން.


އަޅުގަނޑު މިއީ ސިޔާސީ މީހެއް. އެހެންނަމަވެސް އަޅުގަނޑުވެސް މިދަންނަވަނީކީ ސިޔާސީ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެން، ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ އުފާފާގަތިކަންމަތީގައި އުޅެވޭނީ، އަޅުގަނޑުމެންނަކީ މަޞްލަޙަތަށް ލޯބިކުރާ، އަޅުގަނޑުމެން ކުރާ ކަމެއްގައި، ކުރިބޯށްޓާ ހަމައަށް ވާސިލުވާން ބޭނުންވާވަރުގެ ޢަޒުމެއް އޮތް ބަޔަކަށް ވެގެން. މިއަދު ކުޅިވަރު ކުޅޭ މީހުން، ހަމަގައިމުވެސް އަޅުގަނޑުގެ ވިސްނުމުގައި، ކުޅިވަރެއް ކުޅޭނީކީ ހަމައެކަނި ކުޅިވަރުގައި ބައިވެރިވާކަށް ނޫން. މުބާރާތެއްގައި ބައިވެރިވާނީ ހަމައެކަނި ބައިވެރިވާކަށް ނޫން. ބައިވެރިވެލާ ކަމަށްވަންޏާ އަޅުގަނޑުމެން ހަމަ ޓީ.ވީ.ގައި ތިބެގެން މުބާރާތުގައި ބައިވެރިވެގެން، ހިތްވަރުދީފައި އަތްތިލަބަޑި ތަޅާފައި، ހަމަ ކޮންމެވެސް ކްރައުޑަކާ އެކީގައި ހަމަ މަޖާކޮށްލީމަ ރަނގަޅުވާނެ.


ނިޒާމް ޓީ.ސީ.ގެ ތެރެއިން އަޅުގަނޑުމެންނަށް ދައްކައިދެއްވައިފި، އަޅުގަނޑުމެން ހާސިލުކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެންނަށް ވަނަތައް އެބަ ހާސިލުކުރެވޭކަން. އެއް ސީޒަން ނިމިގެން ދިޔައީ. ހަމަ މުޅި ސީޒަންގައި ދެވަނަ ހޯދައިގެން އެހެންނޫންތޯ؟ ދެން އޭގެފަހުން، އަޅުގަނޑުމެން ކުރި ޗެލެންޖެއްގައި ޓީ.ސީ.އިން ޝައްކެއްވެސްނެތްގޮތުގައި މިއޮތީ ދިވެހިރާއްޖެއަށް ރަންވަނަ ހޯދައިދީފައި. އެހެންވީމާ، މިއަށްވުރެން ވަކި އުފާވެރި، ކުޅިވަރުގެ ތެރެއިން ވަކި މިއަށްވުރެން ބޮޑު އުފަލެއް ލިބޭނޭ ދުވަހެއް އަޅުގަނޑަކަށް ހިއެއްނުވޭ ފެންނާނެހެނެއް. އެކަމަކު މިއީ ފެށުމެއްތާ! މި ފެށުމާއެކީ އަޅުގަނޑުމެން ކުޅިވަރުގެ ތެރެއިންވެސް ތަރައްޤީ ހޯދަން ބޭނުންވާނެ.


ދެން އަޅުގަނޑުވެސް ހަމަ ހަނދާންހުއްޓާ ދަންނަވާލަން ބޭނުންވޭ. ސަރުކާރުގެ ޔޫތު މެނިފެސްޓޯ ތަންފީޒު ކުރުމުގެ ތެރެއިން، ޚާއްޞަކޮށް، ކުޅިވަރާބެހޭ ޗެޕްޓަރ ތަންފީޒު ކުރުމަށް މިނިސްޓަރ އިރްތިޝާމާއި، އިރްތިޝާމުގެ ޓީމުން ކޮށްދެއްވާ މަސައްކަތް އަޅުގަނޑުވެސް ހަމަ އުފަލާއެކީ ބަލައިގަނެ، އެ ކަމަނާއަށް ޝުކުރު ދަންނަވަން.


އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، ކުޅިވަރާބެހޭ ވަރަށްގިނަ ކަންތައްތަކެއް، އާ ކަންތައްތަކެއް މި ސަރުކާރުގެ ތެރެއިން ވެގެން މިދަނީ. ހުރިހާ ތަފްޞީލަކަށް ދާކަށްނޫން. އެހެންނަމަވެސް ކުޅިވަރާބެހޭ ފުރަތަމަ ޤާނޫނެއްވެސް މިއޮތީ މި ސަރުކާރުގައި، މި ޒަޢާމަތުގައި އެކަށައަޅާފައި. އެ ޤާނޫނުގެ ތެރެއިން ސަރުކާރަށް ލާޒިމުވާ ކަންތައްތަކެއް، ކުޅިވަރު އެސޯސިއޭޝަންތަކަށް އަދި ކުޅިވަރު ކޮމިޝަނަރއެއް ޢައްޔަނުކޮށް، މިކަހަލަ އެތައް ކަންތައްތަކެއް އެބަދޭ. ދެން އަޅުގަނޑުމެން ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ކުޅިވަރުގެ ތަރައްޤީއަށް ހަމަ އެންމެބޮޑަށް މަސައްކަތް ކުރައްވާނެ ފަރާތަކަށްވާނީ ކުޅިވަރު ކޮމިޝަނަރ. މިހާރު އަދި ޔޫތު މިނިސްޓްރީއާ އެޓޭޗްވެފައި ހުރި ކަމުގައިވީނަމަވެސް. މުޅި ޓީމުން މަސައްކަތް ކުރާއިރު ސިޔާސީ، ސިޔާސީ ނޫން، މި ވާހަކަ ދައްކާނެ ކަމެއްނެތް. ކުޅިވަރަކީ ސިޔާސީ ކަމެއް ނޫން. އެހެންވީމާ، ކުޅިވަރުގެ ތެރެއިން އަންނާނީކީ ސިޔާސީ މެސެޖުތަކެއް ނޫން. ކުޅިވަރުގެ ތެރެއިން އަންނާނީ ހަމަޖެހުމާއި، ކުރާ މަސައްކަތެއް ޓީމު ވަރކާއެކީ، ކުރިބޯށްޓާ ހަމައަށް ދިއުން. މިއަށްވުރެން ސްޓްރޯންގް މެސެޖެއް، މިއަށްވުރެން އަރޓިކިއުލޭޓް މެސެޖެއް، ކުޅިވަރުގެ އެއްވެސް ސަފީރަކަށް، އެއްވެސް އެމްބެސެޑަރަކަށް، ކުޅިވަރު ކުޅޭ ކުދިންނަކަށް ނުދެވޭނެ.


އެހެންވީމާ، ޓީ.ސީ. މި ހާސިލުކުރި ރަންވަނަ ހޯދައިދިން ޓީމުގެ ކުޅުންތެރިން ކައިރީގައި މިއަދުވެސް އަޅުގަނޑު ހަމަ ބުނެލަން ބޭނުންވަނީ، އެންމެ މުހިންމު ކަމަކީ، އެންމެ މުހިންމު ކަމަކީ، ހަމަ ވަރުގަދައަށް ކޯޗުގެ އިރުޝާދާއެކީ ޓީމު ވަރކް މެނޭޖްކުރަން އެނގުން. ދެވަނަ ކަމަކަށް ވާންވާނީ، ދަނޑަށް އަރާއިރުވެސް ޢަޒުމް ކަނޑައަޅަންވާނީ ކުރިބޯށްޓާ ހަމައަށް ދާން. ކުރިބޯށްޓާ ހަމައަށް ދާން މަސައްކަތްކުރާ ކަމަށްވަންޏާ، އެކަން ހާސިލު ކުރެވޭނެކަން، ޓީ.ސީ. ސްޕޯޓްސް ކުލަބުގެ ކުދިން އަޅުގަނޑުމެންނަށް މިވަނީ ދައްކައިދީފައި.


ދެން އަޅުގަނޑުގެ ޗެލެންޖަކީ، ސަރުކާރުން ވަރަށްބޮޑެތި ހޭދަތައް މިކުރަނީ ޙަޤީޤަތުގައިވެސް ޒުވާނުން ކުރިއަރުވަން، ކުޅިވަރު ކުރިއަރުވަން. އަދި ޒުވާނުންނަށް އެންމެ މަޤުބޫލު ހަރަކާތަކަށް މިވަނީ ކުޅިވަރު ކަމުގައިވާތީ، ޒުވާނުންނަށް ޠަބީޢަތުގެ ގޮތުންވެސް އެންމެ ގުޅެނީ ކުޅިވަރު ކަމުގައިވާތީ ކުޅިވަރު ކުރިއަށް ގެންދަން.


ކުޅިވަރު ކުޅޭ ޒުވާނުންނަށް އެންމެބޮޑަށް ދަތިވެފައި ހުރި ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އެންމެ ބޮޑަށް ދަތިވާ ކަންތައްތަކަކީ ހަމަ ޙަޤީޤަތުގައިވެސް ފައިސާގެ ތަނަވަސްކަން. ދާއިމީގޮތެއްގައި ފައިސާގެ އެރޭންޖްމަންޓް ހަމަޖެއްސުމަކީ ފަސޭހަކަމަކަށް ނުވޭ. މީގައިވެސް މިވާގޮތަކީ އެހީތެރިވާ އެތައް ބައިވަރު އަމިއްލަ ފަރާތްތަކަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރުގެ ރަސްމީ ބަޖެޓާ، މި ހުރިހާ ވަސީލަތްތަކެއް ހުންނައިރުވެސް ކުޅޭ ކުޅިވަރުތައްވެސް ގިނަވުމާއި، އަދި ކުލަބުތައްވެސް ގިނަވުމާއި، އެސޯސިއޭޝަންތައް ގިނަވުމާއެކީ، މިކަންކަމުގައިވެސް އެބަ އާދޭ ލިމިޓޭޝަންތަކެއް. ޙުދޫދުތަކެއް، ނޫނީވިއްޔާ ހުރަސްތަކެއް އެބަ އާދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މަޖުބޫރުވީ، އަޅުގަނޑުމެން ދެންމެ މިތަނުގައިވެސް މިފާހަގަކުރެވިގެން ހިނގައްޖެ. ސަރުކާރުން ހަމަ ގޮތްތަކަކަށް ވިސްނާފައި، މި އަންނަނީ ޗެލެންޖް. ނިޒާމް! ގޮތްތަކަކަށް ވިސްނާފައި، ސަރުކާރުން ނިންމީ އެބަޖެހެޔޭ ފޯސްޓަރ ކުރަން. އެއްވަނަ ޑިވިޝަނާ ހަމައަށް އައިމަ، ޚާއްޞަކޮށް، ފުޓްބޯޅައަކީ އަޅުގަނޑުވެސް އެންމެ އަހަންމިއްޔަތު، ނޫނީ އެންމެ ސަމާލުކަންދޭ ކުޅިވަރަށްވާތީ، އެއްވަނަ ޑިވިޝަންގެ ފުޓްބޯޅަ ކުލަބުތައް ފޯސްޓަރ ކުރަން އެބަޖެހެޔޭ. ފޯސްޓަރ ކުރުމުގެ ބޭނުމަކަށްވަނީ، ޙަޤީޤަތުގައިވެސް އާމްދަނީ ލިބޭނެގޮތެއް ހޯދައިދިނުމާއި، ކުޅިވަރުގެ ރޮނގުގައި ކުދިން ދާން ބޭނުންވާ ކަމަށްވަންޏާ، އެއްވަނަ ޑިވިޝަނާ ހަމައަށް އަންނައިރު، އެކުދިންނަކީ ފެއިލްވާނެ ބަޔަކަށް ނުވުމަށާއި، އަދި އެއާއެކީ ވަރުގަދަ މެނޭޖްމަންޓަކާއި، ހިތްވަރުދޭނެ ކޯޕަރޭޓް ޑިސިޕްލިން ހުރި ބަޔަކު، ޒިންމާދާރުވާނެ ބަޔަކު ތިބުން. ކޯޕަރޭޓް ޑިސިޕްލިންގައި އެންމެ މުހިންމު ކަމަކީ ފައިސާ ފޮއްޗެއްގެ އަގަކީ ކޮބައިހެއްޔޭ؟ ފައިސާ ފޮއްޗެއް، ކަމަކަށް ހޭދަކުރާ ކަމަށްވަންޏާ، އޭގެ ރިޓަރން ލިބޭހެއްޔޭ؟ ވެލިއު އޮފް މަނީ ލިބޭހެއްޔޭ؟


އެހެންވީމާ، ޓީ.ސީ މިއަދު މިވަނީ ކުރިއަށް އޮތް ދެ އަހަރަށް އެމް.އޭ.ސީ.އެލް. އިން ސްޕޮންސަރ ކޮށްފައި. އެމް.އޭ.ސީ.އެލް.އަކީ މިވަގުތު ރާއްޖޭގެ ފަސްވަނަ. އެއީ އެހެންނޫނީ ވާގޮތަކީ މާބޮޑަށް ޓޭކަން ފޮރ ގްރާންޓަޑް. އަޅުގަނޑު އުންމީދުކުރީ ގިނަވެގެން ދެއަހަރު ވާނެކަމަށް. އެހެންނޫނީ ވާގޮތަކީ މެނޭޖްމަންޓާއި ކުލަބާ މާ ދޯޅުވީމަވެސް، މައްސަލަތަކެއް އުޅޭނެ. އެ ބްރޭކްކޮށްލާފައި ޗެލެންޖަކަށް އަންނާނީ، އަނެއްކާވެސް އެހެން މެނޭޖްމެންޓަކުން ކުޅިވަރާ ހަވާލުވެއްޖެ ކަމަށްވަންޏާ، އަބަދުވެސް މަސައްކަތް ކުރާނެ، ކުޅިވަރު ކުޅޭ ޓީމު މާބޮޑަށް މުސްކުޅި ނުވަނީސް ދެވަނަ މެނޭޖްމަންޓާއި، ތިންވަނަ މެނޭޖްމަންޓެއް އެކުދިންނާއެކީ އުޅެފި ކަމަށްވަންޏާ، އެއްބަޔަކަށްވުރެ ރަނގަޅަށް އަނެއްބަޔަކު މަސައްކަތް ކުރަން ބޭނުންވާނެ. އެހެންނޫންތޯ؟ އެހެންވީމާ، ދެން މިހާރު ތިޔައޮތީ 4 އަހަރަށް. ދެން ތިޔާ ދޭތެރޭގައި ގޮތެއް ވިސްނަންޖެހޭނެ. އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ޚާއްޞަކޮށް، ފުޓްބޯޅައިގައި މީގެ ގޮތްތަކެއް ނިންމަންޖެހޭނެ. 18 އަހަރުން ފެށިގެން ދަނޑަށް އަރާފައި، އަޅުގަނޑު ބަލަން ބޭނުންވަނީ ހަމަ ވަރަށް ފިޓް އެތުލީޓުންތަކެއް. ޕަރސިވިއަރެންސް ވަރުގަދަ އެތުލީޓުންތަކެއް ހަމަ އަޅުގަނޑުމެން ބޭނުންވޭ. މިކަން ކުރާއިރު، ފުޓްބޯޅަ ޚާއްޞަކޮށް، ދިވެހިންގެ ފިޒީގައި ދިވެހިންގެ ސްޓެމިނާރއަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް ގަބޫލުކުރެވެނީ ދެން ތިރީހަށްވުރެ މައްޗަށް ކުޅެވިދާނެކަންނޭނގެ. ލުވިސްފީގޯވެސް ކުޅުނުކަންނޭނގެ އެއަށްވުރެ ގިނަދުވަހު. އެކަމަކު ދިވެހި އެތުލީޓުންނަށް އަޅުގަނޑަށް ހީވަނީ ހަމަ ޓުވައިލައިޓަށް އެބަ ދޭކަންނޭނގެ 28، 29 އަހަރާ ހަމައަށްދާއިރު.


އެހެންވީމާ، މި ލިބޭ ދިހަވަރަކަށް އަހަރު ތެރޭގައި އެބަޖެހޭ، ތިން މެނޭޖްމަންޓެއްވަރު ފެންނަން. ތިން މެނޭޖްމަންޓަކީ ފޯސްޓަރ ކުރާ 3 މެނޭޖްމަންޓެއް. އެމް.އޭ.ސީ.އެލް. އަށްވުރެން ރަނގަޅަށް މިކަން ކޮށްދެވިދާނެތޯ، މިސާލަކަށް، އެސް.ޓީ.އޯ. ހަވާލުވެއްޖިއްޔާ. އެސް.ޓީ.އޯ. އަށްވުރެ ރަނގަޅަށް ޓީ.ސީ. ގެންދެވިދާނެތޯ، މިސާލަކަށް އެމް.ޓީ.ސީ.ސީ. ހަވާލުވެއްޖިއްޔާ. އެކަމަކު ޓީ.ސީ.އާއެކީ 4 އަހަރު، 5 އަހަރު، ނޫނީ 30 އަހަރު އެމް.އޭ.ސީ.އެލް. ޓައިވެއްޖެ ކަމަށްވަންޏާ، ތިންގްސް އާރ ޓޭކަން ފޮރ ގްރާންޓަޑް. އެއަކުންނެއް ނާންނާނެ ބޮޑު ބަދަލެއް. އެހެންވީމާ، އެ ފްރެޝްކަން އެބަ އަންނަންޖެހޭ އޭގެ ތެރެއަށް.


ދެން އަޅުގަނޑުގެ ޗެލެންޖަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައަށް، ދިވެހިރާއްޖޭގެ ކުޅިވަރަށް މިހުރިހާ ހޭދައެއް ކުރާއިރު، މީގައި އެބައޮތް އަޅުގަނޑުގެވެސް ޢަޒުމެއް. އަޅުގަނޑަކީވެސް ކުރާކަމެއް ހަމަ ކުރިބޯށްޓާ ހަމައަށް ދެވޭތޯ މަސައްކަތް ކުރާ މީހެއް. އެމްބިޝަނެއް އޮވެގެން މަސައްކަތް ކުރަނީ. ޓާގެޓެއް އޮވެގެން، ފޯކަސްއެއް އޮވެގެން. އެހެންވީމާ، ކުޅިވަރުގައި، މީގައި އޮތް ޗެލެންޖަކީވެސް އެފް.އޭ.އެމް.އާ ވާހަކަ ދައްކައިގެން އަދި ކުޅިވަރު ކުލަބްތަކާ ވާހަކަ ދައްކައިގެން މިހާރު މިއޮތީ އެއްބަސްވުމަކަށް އާދެވިފައި. އެއީ ޤައުމީ މުބާރާތްތަކުގައި ސިފައިންނާއި ފުލުހުންނަށްވެސް ވާދަކުރެވޭގޮތަށް. ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް އެތިބީ ދިވެހިރައްޔިތުން، އެތްލީޓުން، ޒުވާން މީހުން. ޑިސިޕްލިންތަކެއް ހުންނާނެ. ދެން އެ ޑިސިޕްލިންއާ އެއްވަރަށް ވާދަކުރަން ކުލަބުތަކުންވެސް ޖެހޭނީ ހަމަ އެތްލީޓުންވެސް އުފައްދަން. ޑިސިޕްލިންތަކެއް ހިފަހައްޓަން. ދެން އެކަން ކޮށްދޭނީ ކުލަބުގެ މެނޭޖްމަންޓުންނާއި، ކޯޗުންނާއި އަދި އެއާއެކީ ކުލަބު ފޯސްޓަރ ކުރާ ޓީ.ސީ. ކަމަށްވަންޏާ އެމް.އޭ.ސީ.އެލް. އިން. އޭގެ ބޭނުމަކަށްވާނީ ވާދަކުރުން.


ދެން ޗެލެންޖަކީ ޓީ.ސީ. މިއަދު އަޅުގަނޑުމެންނަށް ތިއޮތީ ރަން ވަނައެއް ގެނެސްދީފައި. ގޯލްޑް ގެނެސްދީފައި. ޝައްކެއްވެސްނެތްގޮތުގައި މަރްޙަބާއާއި ޝުކުރު ޙައްޤު. އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ބޭނުންވޭ މިހުރިހާ ހޭދައެއް ކުރާއިރު، ފުރަތަމަ އަހަރު މިދަނީ އަޅުގަނޑުމެންގެ ޓްރައިލް އަހަރެއްގެ ގޮތުގައި. ދެވަނަ އަހަރާއި ތިންވަނަ އަހަރާ މިދަނީ ތަމްރީނު އަމާޒަކާ ހަމައަށް. ތިންވަނަ އަހަރު ނިމޭއިރު އަޅުގަނޑު ބޭނުންވޭ ސާފް ޗެމްޕިއަނަކަށް ދިވެހިރާއްޖެ ފުޓްބޯޅައިގައި ވާން. ދެން އަޅުގަނޑުގެ ޗެލެންޖަކީ ޓީ.ސީ. އަށް ސާފު ޗެމްޕިއަންކަން ހޯދިދާނެ. އެކަމަކު އެ ޗެމްޕިއަންކަން ރިޓެއިން ކުރަންޖެހޭނެ. އެހެންވީމާ، ސަރުކާރުން މި ހުރިހާ ހޭދައެއްކޮށްގެން މި ހުރިހާ އެތްލީޓުންނާއި، އަދި ކޮމްޕެޓިޝަނެއް، ހުރިހާ ދާއިރާއެއްގައި ބިލްޑްކޮށްގެން މިކުރެވޭ މަސައްކަތަކަށްވާންވާނީ، މި ސަރަޙައްދުގައި އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއް ކަމުގައިވީނަމަވެސް ވަރަށް ސްކިލްފުލް، ވަރަށް ހުނަރުވެރި، ވަރުގަދަ ކުޅިވަރު ކުޅުންތެރިން އުފެއްދުން. އެބަ އުފައްދާ. އެހެންވީމާ އަޅުގަނޑުމެންނަށް އެ ހިސާބަށް ދެވެންވާނެ. އެ ހިސާބަށް ގޮސްފައި، ދެން އަޅުގަނޑުމެންނާ ކޮމްޕީޓް ކުރާނެ އެހެންބަޔަކު ނެތްވަރަށް އަޅުގަނޑުމެން އެ މަޤާމު ދަމަހައްޓަންވާނެ. މަޤާމެއް ހާސިލުކުރުމަކީ ފަސޭހަކަމެއް. މަޤާމު ދެމެހެއްޓުމަކީ ތަންކޮޅެއް ދަތިކަމެއް. އެހެންވީމާ، އެ ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ.


އަޅުގަނޑުގެ ޗެލެންޖަކީ ޓީ.ސީ.އަށް، އަޅުގަނޑު ކުރިންކުރި ދެ ޗެލެންޖް، ހަމަ ވަރަށް ވާދަވެރިކަމާއި ފޯރިއާއެކީ ޓީ.ސީ ހާސިލުކޮށްފި. މަރްޙަބާ ދަންނަވަން. އަޅުގަނޑުގެ ޗެލެންޖަކީ ނެޝެނަލް ޓީމު ސްކޮޑެއް، ދެން އެކުލަވައިލާއިރު، ސާފު ގޭމްސްއަށް ދާން އެކުލަވައިލާއިރު، އޭގެ 50 ޕަސެންޓް ޓީ.ސީ.ގެ ކުޅުންތެރިންނަށް ހައްދަވާ! އެހެންވީމާ، ނެޝެނަލް ސްކޮޑުގެ 50 ޕަސެންޓް ޓީ.ސީ.ގެ ކުޅުންތެރިންނަށް ހައްދަވައިފި ކަމަށްވަންޏާ، ޓި.ސީ. ތިދަނީ އެއް ސްޓެޕުން އަނެއް ސްޓެޕަކަށް ނޫން. ހަމަ އެއް ސްޓެޕުން ބޮޑު އަނެއް ސްޓެޕެއް ޖަމްޕް ތިކުރަނީ.


އެހެންވީމާ، ކާނި ގޯޅިން ޙަޤީޤަތުގައި ހައިވޭއެއްގެ މައްޗަށް ދެވޭވަރު އަޅުގަނޑު މި ޗެލެންޖް ކުރަނީ. އެކަމަކު މިވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެން މިއަންނަ އަހަރު، ނޫނީވިއްޔާ ތިންއަހަރު ފަހުން ވީޑިއޯގައި އަނެއްކާވެސް ފެންނާނީ އަޅުގަނޑު ދެއްކި ވާހަކަކަންނޭނގެ. އަޅުގަނޑު ގަބޫލުކުރަން، މި ޗެލެންޖަށް ޓީ.ސީ. ރައިޒް ކުރާނެކަން. އެކަމަކު އެއީ ދޮގެއްތޯ އަޅުގަނޑުމެންގެ ޑިޓަރމިނޭޝަނަކަށް، ޢަޒުމަކަށް ވާންވާނީ، އަޅުގަނޑުމެންގެ ޗެލެންޖެއް އޮންނަންވާނެ. ރައީސް ބުނެގެނެއް ނޫން ޗެލެންޖެއް އަންނަންވާނީ. ސްޕޯޓްސް މިނިސްޓަރު ބުނެގެނެއްނޫން ޗެލެންޖެއް އަންނަންވާނީ. ކުލަބުގައި ދިރުމެއް ހުރިއްޔާ، އުންމީދެއް އޮންނަންވާނެ. ހާސިލުކުރަން ބޭނުންވާ މަޤްޞަދެއް އޮންނަންވާނެ، ލަނޑުދަނޑިއެއް އޮންނަންވާނެ. އެހެންވީމާ، ނަތިންގް ޝޯޓް އޮފް ދަ ޕިނެކަލް. ކުރިބޯށްޓަށްވުރެ ކައިރިން އެއްވެސް އެއްޗެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ދިދަ ހާފް މާސްޓަކު ނޫން ހުންނަންވާނީ. ދިދަ ހުންނަންވާނީ ފުލް މާސްޓްގައި. އެހެންވީމާ، ދިދަ ތިރިކުރަންދާ މީހަކު ބައިދަނޑިއަށް އަރާފައި، އޭނައަށް މައްޗާ ހަމައަށް ވާސިލުނުވެވޭ ކަމަށްވަންޏާ، އޭނަޔާ ހަވާލުކުރެވުނު ޓާސްކް އޭނަ ފުރިހަމަކުރީކީ ނޫން ދޮގެއްތޯ؟


އެހެންވީމާ، ކުޅިވަރު ކުޅޭ ކަމަށްވަންޏާ، ޚާއްޞަކޮށް، އެއްވަނަ ޑިވިޝަންގައި ބައިވެރިވެގެން ޓީ.ސީ. މިހާރު ހޯދާފައި ހުރި ވަނަ ބެކްސްލައިޑް ކޮށްގެން ނުވާނެ. ފަހަތަށް ސޮއްސައިލައިގެން ނުވާނެ. ދެން ދާންވާނީ ހަމަ ކުރިޔަށް. ކުރިޔަށް ދަމުންދަމުން ގޮސްފައި އަޅުގަނޑު ހަމަ ދެންވެސް ދަންނަވާނަން، އަނެއްކާވެސް ޓީ.ސީ.އަކީ ކުރީގައި އަޅުގަނޑުމެންނަށް އަޑުއިވިފައި އޮންނަ ކަންތައްތައް ބަދަލުކޮށްލާ ބަޔަކަށްވާތީ، މިރޭ ނިޒާމުގެ ވާހަކުފުޅުގައިވެސް ވިދާޅުވެއްޖެ، ވިދުމެއް ހުންނަ އެއްޗެކޭ އަގުބޮޑު އެއްޗަކަށްވާނީ. އެހެންވީމާ، އެ ސޭއިންގވޭސް އެބަޖެހޭކަންނޭނގެ ބަދަލުކޮށްލަން. އެ ސޭއިންގވެސް ބަދަލުކޮށްލާފައި [އޯލް ދެޓް ގްލިޓަރޒް އިޒް ނޮޓް ގޯލްޑް] ބުނާގޮތަށް މިހާރު އަޅުގަނޑުމެން ބުނަންޖެހޭކަންނޭނގެ، ނިޒާމަށް ޚާއްޞަކޮށް ދަންނަވަންޖެހޭ، ޑޭވްވެސް ކުރިމަތީގައި އިންނެވީމަ. ވިދާ ކޮންމެ އެއްޗަކީ ރަނަކަށްވެސް ނުވޭ ދޮގެއްތޯ؟ ވަރަށް ވިދުވަރު ހުންނަ، ބަބުޅާ ވަރަށް ގިނަ އެއްޗެހި ހުރޭ. އެކަމަކު ކޮންމެހެން އެއީ ރަނަކަން ނުވޭ. އެކަމަކު އެ ރަނަށް ހެދުމަށްޓަކައި އެބަޖެހޭ މަސައްކަތް ކުރަން. އެހެންވީމާ، ނިޒާމުގެ ކޯޗިންގ ޓްރޭނިންގގެ ދަށުން މިކަން ކުރެވެންވާނެ.


ދެން އަޅުގަނޑު އެފް.އޭ.އެމް.އާ މަޝްވަރާކޮށްފިން. އަޅުގަނޑުމެން މިއުޅެނީ ޕެކޭޖެއް ނަގައިގެން. އަޅުގަނޑު ބުނެފިން. އެއްވަނަ ޑިވިޝަނާ ހަމައަށް އަންނަ ކުޅުންތެރިންނަށް، އަންނަ ޓީމުތަކަށް ރަސްމީ ކަންތައްތަކެއް ސަރުކާރުން ކޮށްދޭނަމޭ. އޭގެތެރޭގައި ހަމަ އިރާދަކުރެއްވިއްޔާ މި ރީޖަނަށްވުރެވެސް ބޭރުން ހުރި އެންމެ ވަރުގަދަ ފުޓްބޯލް ޓްރޭނިންގ ސްކޫލް މިތާ އެސްޓެބްލިޝް ކުރާނަމޭ. އަދި އެސްޓެބްލިޝް ކުރުމާއެކީ، ތިންވަނަ އަހަރާ ހަމައަށް ދާންވާއިރަށް، ނެޝަނަލް ޓޯނަމަންޓެއްގައި، ޤައުމީ މުބާރާތެއްގައި އެއްވެސް ކްލަބަކަށް ބައިވެރިވެވޭނީ، އެކްލަބުގެ ޓީމުގެ ކޮންމެވެސް ޕަސެންޓޭޖެއް، ކުޅުންތެރިންނަކީ ވަކި ނަންބަރ އޮފް މެއިން އަވަރޒް، މި ނެޝަނަލް ޓްރޭނިންގ ސްކޫލް ހާސިލުކުރާ ބަޔަކަށްވާންވާނެ.


އެހެންވީމާ، އެކަހަލަ ޑިސިޕްލިންތަކަކާއި، ސްކިލްތަކެއް އައިސްގެން އަޅުގަނޑު ބޭނުންވާ ހިސާބަށް ދިވެހި ފުޓްބޯޅަ ގެންދެވޭނީ. އިންޑިވިޖުއަލް ސްކިލްސް ބައިވަރު. އިންޑިވިޖުއަލް ސްކިލްސްތައް ބައިވަރު. އެހެންނަމަވެސް މެނޭޖްމަންޓާއި ޓީމު ވަރކާއި އަދި އެ ސްކިލްސް ހުނަރުވެރިކަމާއެކީ ދަނޑުގައި އޭޒް އަ ޓީމް ދައްކަވައިދިނުމަށްޓަކައި އެތައް ބައިވަރު ޑިސިޕްލިންއެއް ބޭނުންވޭ. އެހެންވީމާ، ފްރެޝް ލެގްސް އަބަދުވެސް ޕަރސިވެއަރ ކުރާނެ ކުދިންތަކެއް ބޭނުންވޭ. ފިޓް ވަރުގަދަ އެތްލީޓުންތަކެއް ބޭނުން.


އެހެންވީމާ، އަޅުގަނޑުމެންނަށް މާކުރީގެ އަހަރުތަކެއްގެ ތެރޭގައި މެރެޑޯނާ ފެނުނަސް، މިއަދުގެ ފުޓްބޯޅައިގައި ގަބޫލުކުރަންވާނެ، ސްޓޭޗަރ ހުންނަންޖެހޭ. ހައިޓް ހުންނަންޖެހޭ. ހާޑް ވަރުގަދަ އެތުލީޓަކަށް ވާންޖެހޭ. އެހެންވީމާ، ވަރަށް ސްކިލްފުލް މީހެއް، މިދެންނެވި ކަހަލަ ވަރުގަދަ ސްޓޭޗަރއެއް ނެތްކަމަށްވަންޏާ، ޓޫ ތްރީ އިޔަރސް ޕަރހެޕްސް، މެކްސިމަމް. އެކަމަކު އެއަށްވުރެން ދިގު ފުޓްބޯޅައެއް ކުޅޭ ކަމަށްވަންޏާ، ހާޑީ ވަރުގަދަ ބަޔަކަށް ވާންވާނެ.


އެހެންވީމާ، މިކަހަލަ ވިސްނުންތަކެއް އަޅުގަނޑުގެ ހުރީމާ، އަޅުގަނޑުވެސް މަސައްކަތް ކުރަނީ ޕްލޭނަކަށް. ޕްލޭނެއް ހާސިލު ކުރުމަށްޓަކައި، މަޤްޞަދެއް ހާސިލުކުރުމަށްޓަކައި. މި ސަބަބަށްޓަކައި ހަމަ ކުލަބްތަކަށްވެސް އެހީ މިވަނީ. ދިވެހި ފުޓްބޯޅަ މިހާރު މިއޮތް ހިސާބުން، އަޅުގަނޑުމެން ފުޓްބޯޅައިގައި މި ހިސާބުގައި އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އަބަދުވެސް މަސައްކަތް ކުރާނީ މިއަށްވުރެން މައްޗަށް ގެންދެވޭތޯ.


އެހެންވީމާ، އަޅުގަނޑުގެ ޢަޒުމަކަށް މިއޮތީ ވެފައި، އެފް.އޭ.އެމް.އާ އަޅުގަނޑު މަޝްވަރާކޮށްފައި، އަޅުގަނޑުގެ ނިންމުމަކަށް ވެފައި މިއޮތީ އިރާދަކުރެއްވިއްޔާ މިއަހަރުން ފެށިގެން ތިންވަނަ އަހަރު ނިމެންވާއިރު، ސާފު ޗެމްޕިއަންޝިޕް ދިވެހިރާއްޖެ ހޯދާނަމޭ. ހޯދާފައި، އެތަށްޓަކީ އަބަދުވެސް ދިވެހިރާއްޖޭގައި ހުންނާނެ ތަށްޓަކަށް ހަދަންޖެހޭނެ. އެހެންވީމާ، ޓީ.ސީ. ކޮށްދޭންޖެހޭ ކަމަކީ، އެ ނުކުންނަ ޤައުމީ ސްކޮޑުގައި ފިފްޓީ ޕަސެންޓަކީ، ޓީ.ސީ.ގެ އެތްލީޓުން ކަމަށް ހެދުން. ދެން އެ ހިސާބަށް ދާންވާއިރަށް ފިޓް އެތުލީޓުން. އެހެންނަމަވެސް އެ ހިސާބަށް ދާންވާއިރަށް، މިހާރު މެނޭޖްމަންޓްގައި، އޭރު އުމުރު ހަމަނުވި 18 އަހަރުގެ މީހުން، އަޅުގަނޑަށް ޔަޤީން 80 އަހަރާ ހަމައަށް ގޮސްފައި ތިބެންވާނީ.


އަޅުގަނޑު އެދެނީ ޓީ.ސީ.އަށް އަދި ދިވެހި ފުޓްބޯޅައަށް، ދިވެހި ކުޅިވަރުތަކަށް، ދިވެހި ޒުވާނުންނަށް ހުރިހާވެސް ކުރިއެރުމެއް. އެކަމަކު ނިންމާލަމުންވެސް ދަންނަވާނީ އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ ޢަޒުމެއް އޮވެގެން. އެ ޢަޒުމަކީ ކުޅިވަރު ކުޅެންވާނީ އެ ކުޅިވަރުން ހޯދޭ އެންމެމަތީ ކާމިޔާބު ހޯދަން. އެހެންވީމާ، ގޯލްޑެއް ތިހިރީ ގެނެވިފައި. ދެނެއް ހަމަގައިމުވެސް މި ކެބިންއަކު ބްރައުންޒެއް ނުބެހެއްޓޭނެ. މި ކެބިންއަކު ސިލްވަރ ބަހައްޓައިފި ކަމަށްވަންޏާ އިންކޮންގްރުއަންޓް. ވަރަށް ޢައިބު ކަމަކަށްވާނީ. އެހެންވީމާ، ގޯލްޑާއެކީ ހުންނަންވާނީ ގޯލްޑޭ. ވިދާ އެއްޗަކާއެކީ ހުންނަންވާނީވެސް ހަމަ ވިދާ އެއްޗެއް. ބަބުޅާ އެއްޗެއް ކައިރީގައި ހުންނަންވާނީ ބަބުޅާ އެއްޗެއް. އެހެންވީމާ، ދެނެއް ޓީ.ސީ.އަކަށް ބެކް ސްލައިޑެއް ނުކުރެވޭނެ. އެހެންވީމާ، ކާމިޔާބުގެ އުނދަގުލަކީވެސް މިއީ. ކާމިޔާބެއް ހާސިލުކޮށްފި ކަމަށްވަންޏާ، ދެން ހުރިހާ ފޭނުން، ޓީމުގެ އެންމެން އަދި ޚާއްޞަކޮށް، ރައީސް އެދޭނީ އެ ކާމިޔާބު ދަމަހައްޓަން. އެ ކާމިޔާބު ބެކްސްލައިޑް ކޮށްގެން، ފަހަތަށް ސޮއްސައިލައިގެން ނުވާނެ.


އެހެންވީމާ، ޓީ.ސީ.އަށް އަޅުގަނޑު ހަދިޔާ ކުރާނަން މިކަހަލަ ތަށި ބަހައްޓާނެ ކެބިނެޓެއް. އެ ކެބިނެޓްގައި ބްރައުންޒް، ސިލްވަރ ތަށްޓެއް ދެން ހުރެގެންނުވާނެ. އެހެންވީމާ، މިކާމިޔާބީއާއެކީ ޓީ.ސީ. ހަމަ ކުރިޔަށް ވަޑައިގަންނަވަންވާނެ. އަދި ދިވެހި ފުޓްބޯޅަ ކުރިޔަށް ދާންވާނީ އެ ޢަޒުމުގައި. އެހެންވީމާ، އަޅުގަނޑުގެ ކޮންޓްރިބިއުޝަނެއް، މިކަހަލަ ހުރިހާ ޓްރޮފީތައް ލާ ކެބިންއެއް ދޭނަން ތިޔަބޭފުޅުންނަށް. އެ ކެބިން ރަނގަޅަށް ބަލަހައްޓައި ދެއްވާ.


ޓީ.ސީ.ގެ ހުރިހާ ކުޅުންތެރިންނަށް، މެނޭޖްމަންޓަށް އަޅުގަނޑު އެދެނީ ހަމަ ވަރަށް އުފާވެރި، ފާގަތި، ކުޅިވަރުގެ ރަން މުސްތަޤްބަލެއް. އަދި ދިވެހި ޒުވާނުންނަށާއި، ދިވެހި ކުޅިވަރުތަކަށް ޚާއްޞަކޮށް، ފުޓްބޯޅައަށް އަޅުގަނޑު އެދެނީ އަޅުގަނޑު މިދެންނެވި ގޮތަށް،
މި ސަރަޙައްދުން ބޭރުން ރަންވަނަ ހޯދާ ބަޔަކީ ދިވެހި ފުޓްބޯޅަ ކަމަށް ވާންޖެހޭނެ.


ވަރަށްބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް.


والسّلام عليــكم ورحـمــة اللّـه.