بســم اللّـه الرّحمـن الرّحيــم


الحمـدللّـه ربّ العالمـين. والصّـلاة والسّـلام على سيّدنا محـمّد، خاتم الأنبياء والمرسلين وَعلـى آلـه وصحبـه أجمـعـين.


އާދެ، މިއަދުގެ މި ބަރަކާތްތެރި ވަގުތު ފެށިގެން މި އަންނަނީ، އަޅުގަނޑުމެންގެ ޒުވާން ޖީލުތަކުގެ ތަރުބިޔަތުގެ މުދައްރިސުންނަށް މަރުޙަބާ ދަންނަވަމުން.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަންހެނުންގެ ދުވަހެއް ފާހަގަކޮށް، އަންހެނުންގެ ޚިދްމަތްތައް އިޖުތިމާޢީ ދާއިރާގައި، އިޤްތިޞާދީ ދާއިރާގައި، އަދި މުޅި ދައުލަތް ބިނާކުރުމުގައި، ދުނިޔޭގެ ހުރިހާ ތަނެއްގައި ފާހަގަކުރެވޭތާ 40 އަހަރު ފުރިގެން މިދަނީ. ސީޑޯ ކޮންވެންޝަން 1975 ގައި އެޑޮޕްޓް ކުރުމާއެކީ، އަންހެނުންގެ ޙައްޤުތަކާއި، އަދި އަންހެނުންނަށް ތަފާތުކުރުން، އެކި ދާއިރާތަކުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ދުނިޔޭގެ ހުރިހާ ލީޑަރުން މިވަނީ އެއްބަސްވެފައި. 40 އަހަރު ފުރިގެންދާއިރު، އެކަންކަމާ ދޭތެރޭގައި މިއަދުގެ ހާލަތު އޮތްގޮތާ ދޭތެރޭގައި އަޅުގަނޑުމެން ނަޒަރު ހިންގާލަން އެބަޖެހޭ.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، ކަނބަލުންގެ ހީވާގި މުރާލި މަސައްކަތަކީ ހަމައެކަނި އިޤްތިޞާދީ، އިޖުތިމާޢީ ދާއިރާގައި، އަޅުގަނޑުމެންނަށް ފެނިގެންދާ ކަންކަމެއް ނޫން. އަޅުގަނޑުމެންގެ ޖީލުތައް ބިނާކުރުމަށް އަޅުގަނޑުމެން މި ދޫކޮށްލަނީ، ތަރުބިޔަތުގެ އުނގުތަކަށް. އާދެ، މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ޤައުމީ މަޝްރޫޢެއް ހިނގަމުން މިދަނީ މީސްލްސް ނައްތައިލުމަށް. އަޅުގަނޑު ހިތަށްއަރާ ހަމަ މިއީ، ވަރަށް ސަމާސާކޮށް ކޮށްލާ ސުވާލެއް. ވަރަށް ލައިޓްހަރޓަޑްކޮށް ކޮށްލާ ސުވާލެއް. އަޅުގަނޑުމެންގެ ތެރެއިން ކިތައް ބައްޕައިންނަށް އެނގޭބާވައޭ، އެ ބައްޕައިންގެ ތުއްތުކުދިންނަށް، އެމް.އެމް.އާރް. ވެކްސިން ދީ ނިންމީ ކޮން ދުވަހެއްގައިތޯ؟ ނޫނީ އެކަންވަނީ ކުރެވިފައިތޯ؟ މިއީ، ކަނބަލުންގެ ޚިދްމަތް ފެށޭ ހިސާބަށް ވިސްނަވައިފި ކަމަށްވަންޏާ، ޚިދްމަތް ފެށޭ ހިސާބު.


އެއާއެކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ޓޫރިޒަމްގެ ޞިނާޢަތް ތަޢާރުފުވެގެން އަންނަންދެން، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، ނޫނީ ދިވެހިރާއްޖޭގެ ބެކްބޯން ޞިނާޢަތެއްގެ ގޮތުގައި މިއޮތީ މަސްވެރިކަން. އަޅުގަނޑުމެން މަސްހިއްކައި، ބޭރަށް މަސް ފައްލަވަކޮށްގެން ގެންދާ ވާހަކަ އަޑުއަހަމު. އެކަމަކު މިއަދު އެއަށްވުރެ ފަސޭހަގޮތަކަށް އެކަންކުރަން އަޅުގަނޑުމެން އިޚްތިޔާރު ކުރަނީ، ޖީ.ޑީ.ޕީ.ގެ ހިސާބުތަކުގެ ތެރޭގައި، މިއީ ރަސްމީ މަސައްކަތެއްގެ ގޮތުގައި، ނޫނީ ވަޒީފާއެއްގެ ގޮތުގައި ނުހިމެނޭތީ. ގޭގޭގެ ބަދިގޭގައި އަވަދިނެތި ރޭގަނޑު ދަންވަރު، މަސްވެރިން މަސްބާނައިގެން އައިމާ، މަސް ހިއްކާ، ގޭގައި ތިބި އަންހެންވެރިންގެ ޚިދްމަތުގެ މަތިން އަޅުގަނޑުމެން ހަނދާންހުރޭބާވައޭ. އަޅުގަނޑުމެން މިއަދުވެސް ހިސާބުތަކުން ބަލާކަމަށްވަންޏާ، މި ޚިދްމަތަކަށް ހިސާބު އަކުރެއް އައިސްފައެއް ނޯންނާނެ. އަދި ގޭގައި ކުރެވޭ ހުރިހާ މަސައްކަތްތަކަކަށް އަންހެން ބޭފުޅުން އެންގޭޖްވެގެން މި ކުރައްވާ މަސައްކަތަށް ޚިދްމަތުގެ ގޮތުން ބަލާއިރު، ދައުލަތުގެ ހިސާބުތަކަކަށް މި އަދަދުތަކެއް ވަދެފައެއް ނޯންނާނެ. އެހެންނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، މި ޚިދްމަތްތަކަކީ، ފާހަގަނުކުރެވޭ ޚިދްމަތްތަކެއް ނޫން. މި ޚިދްމަތްތަކަކީ، އޭގެޒާތުގައި، އެންމެބުރަ މަސައްކަތެއްކޮށްގެން ދިވެހިރާއްޖޭގެ އިޖުތިމާޢީ ކަންކަމާއި، އަދި ދުނިޔޭގައިވެސް އިޤްތިޞާދީ ހުރިހާ ކަންކަމެއްގެ އަސްލަށްވެގެން މިދަނީ، މި އަންހެން ކަނބަލުންގެ ނޫނީ އަންހެން ބޭފުޅުންގެ ހީވާގި މަސައްކަތް.


އެހެންވީމާ، މިއުފާވެރި ދުވަހުގެ މުނާސަބަތުގައި، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް އަދި ހުރިހާ ހީވާގި ކަނބަލުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދެންނެވުމަކީ، އަޅުގަނޑަށް ލިބިގެންދާ ވަރަށް ޚާއްޞަ އުފަލެއް. އަދި ހަމައެއާއެކީ، މި މަރުޙަބާގައި އަޅުގަނޑު ހަމަ ޝާމިލުކޮށްލަން، ބައިވެރިކުރަން މިއަދު ބޭނުންވޭ، އަންހެން ބޭބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ހިތްވަރުދެއްވާ، އަދި ކަނބަލުންނަށް އޯގާތެރިކޮށް ކަމޭހިއްތަވާ ހުރިހާ ފިރިހެން ބޭފުޅުންވެސް.


އާދެ، ދިވެހިރާއްޖޭގައި އަންހެނުންގެ ޚިދްމަތް ރަސްމީގޮތެއްގައި ފެށިގެން މި އަންނަނީ، ދައުލަތް ބިނާކުރުމުގައި ރަސްމީ ހިސާބުތަކަށް ވަދެގެން، އަދި ރަސްމީ މަސައްކަތެއްގެ ގޮތުގައި، ތަރުތީބެއްގެ މަތިން އިންތިޒާމު ކުރެވިގެން މި އަންނަނީ، ކިހާ ދުވަސްވަރެއްގެ ކުރިންތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ. ރަސްމީކޮށް ސްކޫލްތަކަށްގޮސް، ތަޢުލީމު ހާސިލުކުރަން ފަށާފައި މިވަނީ، މުޙައްމަދު އަމީނުގެ ވެރިކަމުގައި. އޭގެކުރިން އަންހެން ބޭފުޅުން، ކިޔަވައިވިދާޅުވެ އުޅުއްވަނީ، އަމިއްލަފުޅަށް ގޭގޭގައި. އެހެންނަމަވެސް، މަދަރުސާ ހެދިގެން، އަދި ގެއިން ބޭރުގައި، ތަޢުލީމު ހާސިލު ކުރުމުގެ މަސައްކަތް، ނޫނީވިއްޔާ ފުރުޞަތު ތަނަވަސްކޮށްދެއްވާފައި މިވަނީ މުޙައްމަދު އަމީން. އަދި ހަމަ އެއާއެކީ ރަސްމީ ނިޒާމެއްގެ ދަށުން އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތް ކުރެއްވުމުގެ ޝަރަފުވެސް ހާސިލުކުރައްވާފައި މިވަނީ މުޙައްމަދު އަމީން. އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުމަށް އެމަނިކުފާނު އެތައް މަސައްކަތެއް ވަނީ ކުރައްވާފައި. އޭރު އަޅުގަނޑުމެންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ބަލައިލާ ކަމަށްވަންޏާ، ދެ ގެއެއް އޮވޭ. ދެ ޗެމްބަރެއް އޮވޭ. ސެނެޓުގެ ތެރޭގައި އަންހެން ބޭފުޅުން، މުޙައްމަދު އަމީން ހިމަނުއްވާފައިވޭ.


އެހެންވީމާ، ރަސްމީ މަސައްކަތެއްގެ ގޮތުގައި، އަންހެން ކަނބަލުން، ނޫނީވިއްޔާ ކަނބަލުން މިކުރައްވާ މަސައްކަތް ލައިމްލައިޓަށް ގެންނަވައި، އަޅުގަނޑުމެންގެ ދައުލަތް ބިނާކުރުމުގައި، މި ހިއްސާ ހޯއްދަވައިދެއްވި ބޭފުޅަކީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ލީޑަރުންގެ ތެރެއިން މުޙައްމަދު އަމީންކަމާ ދޭތެރޭގައި އެއްވެސް މީހަކު ދެބަސްވާނެ ވާހަކައެއްނޫން. ގަބޫލުފުޅުކުރެއްވޭތޯ، މިއަދު ސީޑޯއަށް 40 އަހަރު ފުރިގެންދާއިރު، އަދި އަންހެނުންގެ އުނގެނުމާއި، އަންހެނުންނަށް މި ތަފާތުކުރާކުރުން ނައްތައިލުމަށް ކުރެވޭ މަސައްކަތާއި، ދާދި އިހަކަށްދުވަހަކު ދިވެހިރާއްޖޭގެ ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ތަންފީޒު ކުރެވިގެން ހިނގައިގަތީ. މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ، މިކަންކަން ފެށިގެން އައިސްފައި ހުރިގޮތާ ދޭތެރޭގައި. އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭތޯ، އަންހެން ބޭފުޅަކަށް، އެންމެފުރަތަމަ ރަސްމީ ވަޒީފާއެއް، ދިވެހި ދައުލަތުގެ ކާތިބާކަމުގެ މަގާމެއް ލިބިވަޑައިގެންފައި މިއޮތީ 1952 ވަނަ އަހަރު. މިއީ، މާދުރެއްވެސްނޫން. އެކަމަކު މިއަދުގެ ޖީލަށް ދުރު. އެހެންނަމަވެސް، ރަސްމީ ހައިސިއްޔަތެއް، އަންހެން ބޭފުޅުންނަށް ލިބިގެން އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ފެށިފައި މިއޮތީ 1952 އާ ހަމައިން. މިއަދުގެ ހާލަތަށް މިކަން އަޅުގަނޑުމެން ރިޢާޔަތްކުރާއިރު، އަޅުގަނޑުމެން ގަބޫލުކުރަން އެބަ، އަޅުގަނޑުމެންގެ ދަރިންގެ ތަރުބިޔަތާއި، ޖީލެއްގެ ތަރުބިޔަތާއި، އަދި ތަރުބަވީ ހުރިހާ މަސައްކަތެއްގެ މުރުޝިދުންގެ ގޮތުގައި، ތަޖުރިބާކާރުންގެ ގޮތުގައި މި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް.


އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަންހެން ބޭފުޅުންނަށް ޢިލްމު އުނގެނުމާއި، އަދި ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ، ޒިންމާދާރު ސަރުކާރެއްގެ ކޮނޑުގައި އެޅިފައި އޮންނަ މަސްއޫލިއްޔަތެއް. އަދި ހަމައެއާއެކީ، އަންހެން ބޭފުޅުންގެ މަސައްކަތްޕުޅުގައި، ހީވާގިކަމާއެކީ ހަމައެކަނި މި ކުރައްވަނީ، ގޭތެރޭގައި ކުރައްވާ މަސައްކަތެއް ނޫން. ގޭތެރޭގެ މަސައްކަތުގެ އިތުރަށް، އަންހެނުން ބާރުވެރިވުމަށާއި، އަދި ރަނގަޅު ޖީލެއް ބިނާކުރުމަށް، އަންހެން ބޭފުޅުން އަމިއްލަ ޒިންމާ އުފުއްލަވައިގެން ކުރައްވާ މަސައްކަތްތައް، އަޅުގަނޑުމެން މިއަދު ޚިޔާލަށް ގެންނަމާ ހިންގަވާ!


އަޅުގަނޑަށް ލިބިފައި އޮތް ތަފާސް، ކުށްކަމުގައި ނުވާނަމަ، މިއަދު ޤައުމީ ޔުނިވަރސިޓީގައި ކިޔަވާ ކުދިންގެ ތެރެއިން، އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީގައި %70 ކުދިންނަކީ އަންހެން ކުދިން. އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރައްވާ %56 އަކީ އަންހެން ބޭފުޅުން. އަދި ހަމައެއާއެކު، އޯ ލެވެލްއާއި، އޭ ލެވެލް އިމްތިޙާނުގައި މަތީ ދަރަޖަތައް ހާސިލުކޮށްފައި މިވަނީ އަންހެން ކުދިން. އެހެންވީމާ، ތަޢުލީމަށްދޭ އިސްކަމާއި، އަދި ތަޢުލީމު ހާސިލުކޮށްގެން، އަންހެން ބޭފުޅުން ދައުލަތް ބިނާކުރުމުގައި ޚާއްޞަ މަގާމުތަކަކާ ހަމައަށް ވާޞިލުވުމަށްޓަކައި، އަދި އަޅުގަނޑުމެންގެ މުޅި ދިވެހި އުންމަތަށް ރަނގަޅު ކަންތައްތަކެއް ކޮށްދިނުމުގައި، އެބޭފުޅުންގެ ވިސްނުމާއި ޢަޒުމު ހުރި މިންވަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.


އަދި ހަމަ އެއާއެކީ، މަސައްކަތުގެ އެކި ދާއިރާތަކުގައި ދައުލަތަށް ޚިދްމަތްކުރާ ޚިދްމަތްތެރިންގެ އަގު، އަޅުގަނޑުމެން މިއަދު ރެހެންދި އެވޯޑުގެ ތެރެއިން މި ވަޒަންކުރީ. އެކި ދާއިރާތަކުން ދިވެހި ދައުލަތަށް، ދިވެހިރާއްޖޭގެ މުޖުތަމަޢަށް ޚިދްމަތްކުރާ، ފާހަގަކުރެވޭފަދަ ޚިދްމަތްތަކެއް ކުރައްވާ އަންހެން ބޭފުޅުން އަޅުގަނޑުމެން މިއަދު މި ފާހަގަކުރީ. އާދެ، 4 ބޭފުޅަކަށް ދެންމެ އަޅުގަނޑުމެން ރެހެންދި އެވޯޑް މި އެރުވީ. ނަޒީރާ އިބްރާހީމް، އާމިނަތު މަޖީދާ، ސާމިޔާ ޒަކަރިއްޔާ، އިފްހާމް ޙުސައިން. މި 4 ކަނބަލުންނަކީ، ހީވާގިކަމާއި މުރާލިކަމާއެކީ، އަދި އެ ބޭފުޅުންގެ ގިންތިއަށް، ޖިންސަށް، އަންހެން ބޭފުޅުންނަށް ނަމޫނާ ދައްކަވައިދެއްވާ 4 ބޭފުޅުން ކަމުގައި އަޅުގަނޑުމެން މިއަހަރު މި ފާހަގަކުރަނީ.


ޝައްކެއްވެސްނެތްގޮތުގައި، މި ބޭފުޅުންގެ މި މިސާލު ނަމޫނާ ނަކަލުކޮށްގެން، އަޅުގަނޑުމެންގެ ދިވެހި އަންހެނުންނަށް، ކުރެވެންހުރި މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ މި ޒަޢާމަތުގައި، އަންހެން ބޭފުޅުން ހަމަ ވަޑައިގަންނަވަން ބޭނުންފުޅުވާ ދުރުމިނަކަށް ވަޑައިގަތުމުގެ ފުރުޞަތު، އަޅުގަނޑުމެންގެ ސަރުކާރުން ތަނަވަސްކޮށްދޭނެ ފުރުޞަތު އޮތް ކަންކަން. އަންހެން ބޭފުޅުންގެ ޙައްޤުތަކާ ބެހޭގޮތުން އަބަދުވެސް ވާހަކަދެކެވޭއިރު، އަޅުގަނޑުމެން އަޑުއަހަމު، އިމްތިޔާޒުތައް ނައްތާލާ ވާހަކަ. ހުރިހާ ވައްތަރެއްގެ ތަފާތުކުރުމެއް، ޑިސްކްރިމިނޭޝަނެއް ނައްތާލާ ވާހަކަ. ސީޑޯ ކޮންވެންޝަނަކީވެސް، މި ޑިސްކްރިމިނޭޝަނާ ގުޅޭގޮތުން އުފައްދާފައި އޮތް ކޮންވެންޝަނެއް. ދުނިޔޭގެ ލީޑަރުންނާ ހަމައިން މިކަން ގަބޫލުކުރޭ. ސިޔާސީ ހުރިހާ ލީޑަރުންނާ ހަމައިން މިކަން ގަބޫލުކުރޭ. ދެން މިކަން ތަންފީޒު ކުރުމުގައި، ދަތިތައް ހުރޭ. އެ ދަތިތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ވެށީގައި، ގަބޫލުކުރެވެމުން އައި ބޯދާ ފިކުރުތައް، ނޫނީ ބޯދާ ވިސްނުންތައް، މިއަދު އެބަ ޖާގަދޭންޖެހޭ، މިޒަމާނާ އެއްގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރަން.


އަޅުގަނޑުމެންގެ ތެރޭގައި، ވަރަށް އުނދަގޫ ވިސްނުމެއްގެ ތެރޭގައި އޮތީ އަންހެނުންގެ ދައުރު. އިސްލާމީ ޝަޚުޞިއްޔަތެއްގެ ތެރޭގައި، ނޫނީ އިސްލާމްދީނުގައި އަންހެނުންގެ ދައުރަކީ ކޮބައިކަން. އެކަމަކު އަޅުގަނޑުމެން ދާދި އިހަށްރޭ ފަށައިގެން މިގެންދާ މަޝްރޫޢުގެ، އާދެ، ތަރިކަ މަޝްރޫޢުގެ ފުރަތަމަ ދަރުސްގައިވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، އިސްލާމްދީނުގައި، އަންހެނުން ބާރުވެރިކުރުވުމަށް ދެއްވާ އަހަންމިއްޔަތު. އަދި އިސްލާމްދީނުގައި، ރަސޫލާގެ ތާރީޚާ ހަމައަށް ޖެހިލާކަމަށްވަންޏާ، އަންހެން ބޭފުޅުންގެ ދައުރަކީ، ކިހާ މުހިންމު، ކިހާ ވަރުގަދަ ދައުރެއްކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ހަމައެކަނި އަންހެނުންގެ ޙައްޤުތަކެއް ނޫން އިސްލާމްދީނުގައި އޮންނަނީ. އިސްލާމްދީނުގައި އަންހެނުންނަށް ބާރުދޭ، އަންހެނުން ކުރުމަށް ބާރުއަޅާ އެތައްކަމެއް ހުރިކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، އަންހެނުންގެ ދައުރާ ދޭތެރޭގައި، މިއަދު އަޅުގަނޑުމެން ސުވާލު އުފައްދާކަށްނުޖެހޭ. ކޮބައިތޯ ކުރެވޭނެކަމަކީ، ކޮބައިތޯ ނުކުރެވޭނެ ކަމަކީ؟ އަންހެން ބޭފުޅުންނަށް ހުރިހާކަމެއް އަޅުގަނޑުމެން ތަނަވަސްކޮށްދޭން، އަޅުގަނޑުމެންގެ ހިތްވަރު ހުންނަންވީ. އަންހެން ބޭފުޅުންނަށް ތަނަވަސްކޮށްދެވޭ ކޮންމެ ފުރުޞަތަކީ، އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ މުޖުތަމަޢު، އޭގެ ސަބަބުން އެތައް ފައިދާތަކެއް ހާސިލުކުރާނެ ކަންކަން.


އަންހެނުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި، ވަޒިފާ އަދާކުރަމުންދާއިރު ޝައްކެއްވެސްނެތް، ދިވެހިރާއްޖޭގައިވެސް ގޮންޖެހުންތަކެއް އެބަހުރި. އަދި ދިވެހިރާއްޖޭގައި ހުރި ގޮންޖެހުންތަކަށްވުރެން، މީގެކުރީގެ ޖަލްސާއެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެންނެވިން، ދުނިޔޭގައި މިކަން އޮތީ މިއަށްވުރެން އަދި މާ ނުބައިކޮށް. ދިވެހިރާއްޖޭގައި އަންހެނުންނަށް އޮތް ދައުރާ ދޭތެރޭގައި ވިސްނާކަމަށްވަންޏާ، އެބޭފުޅުން ކުރައްވާނެ މަސައްކަތެއް ކުރެއްވުމުގައި، މިސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަދި ތާއީދު އަދި ހިތްވަރު ދިނުން އަންހެން ބޭފުޅުންނާއެކީ ވާނެ.


އަންހެން ބޭފުޅުންނަށް މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންތައްތަކުގެ ތެރޭގައި އަދިވެސް ތަފާތުކުރުންތަކެއް އެބަހުރިކަން، އަޅުގަނޑުމެން ލަދުވެތިކަމާއެކީ ގަބޫލުކުރަންޖެހޭ. އަދި ހަމައެހެންމެ، އަންހެން ބޭފުޅުން މަސައްކަތުގެ ދާއިރާގައި އުޅުއްވާއިރު، ފުރައްސާރަ ކުރުން އަންހެން ބޭފުޅުންނާ ކުރިމަތިލާންޖެހޭކަންވެސް، ކުރިމަތިވާކަންވެސް، އަޅުގަނޑުމެން ހިތާމައާއި ލަދުވެތިކަމާއެކީ ގަބޫލުކުރަންޖެހޭ. މިކަންކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާންޖެހޭ އެބަ. ހަމައެކަނި ޤާނޫނެއްގައި ލިޔާ ކްލޯޒަކުންނެއް، ނޫނީވިއްޔާ މާއްދާއަކުންނެއް އަޅުގަނޑުމެންނަކަށް މިކަންކަމެއް ނައްތައެއްނުލެވޭނެ. އަޅުގަނޑުމެން ފިރިހެނުންގެ އެ ޢަޒުމު ހުންނަންވާނެ. އެ ހިތްވަރު ހުންނަންވާނެ. އެ ކެރުންތެރިކަން ހުންނަންވާނެ.


އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރަނގަޅު ޖީލެއް ބިނާކޮށްގެން، ތަރުބަވީ ތަޢުލީމެއް ކުދިންނަށް ދެވިގެން، އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާކުރަން ކުރާ މަސައްކަތް ކަމަށްވަންޏާ، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެން ކޮންމެ މީހަކު ފުރަތަމަ ސެލްފްސެންޓަޑް ސުވާލެއް ކޮށްލަންވީކަންނޭނގެ، އޭގެ ޖަވާބު ލިބޭތޯ؟ ހަމަގައިމުވެސް އަޅުގަނޑުމެން އެންމެ ލޯބިވަނީ އަޅުގަނޑުމެންގެ މަންމައިން ދެކެ. ހަމަގައިމުވެސް އަޅުގަނޑުމެން އޯވަރބެއަރރިންގލީ ކަމޭހިތަން، ނޫނީވިއްޔާ ޙައްޤުތަކަށް އިޙްތިރާމްކޮށް، ޙައްޤުތައް ޕްރޮޓެކްޓް ކޮށްދޭން އުޅެން އަޅުގަނޑުމެންގެ ކޮއްކޮއަކަށް، އަޅުގަނޑުމެންގެ ދައްތައަކަށް ބޭރުން އެއްވެސްކަހަލަ، ބޭރުންނޭ މި ދެންނެވީ ގެއިން ބޭރުން އެއްވެސްކަހަލަ ގެއްލުމެއް ލިބޭ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ އޯވަރލީ ޕްރޮޓެކްޓް ކުރަން، އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރޭ.


އެހެންވީމާ، ޖިންސުގައި މި އޮންނަ ކަންކަމާ ދޭތެރޭގައި، ކޮންމެ ޢާއިލާއެއްގައިވެސް ޢާއިލާގައި ތިބޭ ފިރިހެނުން، ޢާއިލާގައި ތިބޭ އަންހެނުންނާ ދޭތެރޭގައި ކަމޭހިތުމަކީ އިންސާނީ ކުލުނުގެ ތެރޭގައި ހިމެނިފައި އޮންނަ ކަންކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދުވެސް ހަމަ މި ދައްކަނީ ގެވެށި އަނިޔާގެ ވާހަކަ. އެހެންވީމާ، ދިވެހިރާއްޖޭގައިވެސް މަދުން ނޫން ނަމަވެސް، ގެވެށި އަނިޔާއަކީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެހެންވީމާ، މިކަންކަމަކީ ޝައްކެއްވެސްނެތްގޮތުގައި ޤާނޫނު ހަދައިގެން، އަދަބު ދެވިގެން އަދި މިނޫން ގޮތްގޮތުންވެސް ކޮންޓްރޯލް ކުރެވެންޖެހޭ ކަންކަން. މިކަންކަން ކޮންޓްރޯލް ކުރެވިގެން، އަންހެން ބޭފުޅުން
މި ދާން ބޭނުންވާ ހިސާބަށް އަންހެން ބޭފުޅުންނަށް ވާޞިލުވެވޭނީ.


ޝައްކެއްވެސްނެތްގޮތުގައި، ދާދި އިހަކަށްދުވަހަކު މި ނިމިގެންދިޔަ ހީވާގި ކަނބަލުންގެ މައުރަޒުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދީފި، އަންހެން ބޭފުޅުންގެ ކެރުން. ހީވާގިކަން، މުރާލިކަން، ހުނަރުތައް. ޤައުމީ މައުރަޒެއްގައި ބައިވެރިނުކުރާވަރަށް އައިޓަމްތައް ބައިވެރިކޮށްފި. ސައްބީހަކަށް ހާސް އައިޓަމް ވިއްކާށާއި ދައްކަން ބަހައްޓައިދީފި. 700 ބޭފުޅުން، ކަނބަލުން، ހީވާގި ކަނބަލުން މި މައުރަޒުގައި ބައިވެރިވި. އެހެންވީމާ ކަނބަލުންގެ ކެރުމާއި، ހީވާގިކަމާއި، މުރާލިކަމާއި އަދި ހުނަރުވެރިކަން ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް ދައްކައިދީފި. އެހެންވީމާ އަޅުގަނޑުމެން ދޭންވީ ހިތްވަރު. އަދި މައުރަޒު އިންތިޒާމު ކުރެއްވި ފަރާތަށް، މިއަދުވެސް އަޅުގަނޑު ޚާއްޞަ ޝުކުރެއް، ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހީމަށް ދަންނަވަން، މި މައުރަޒު އިންތިޒާމު ކޮށްދެއްވީތި. ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވަނީ، އެ މައުރަޒުގައި ބައިވެރިކޮށްފައި ހުރި ހުރިހާ ތަކެތި ވިއްކުމަށް.


އެ މައުރަޒުގެ ބޭނުމަކީ، އަންހެނުން ބާރުވެރިކުރުވުން. އިޤްތިޞާދީ ގޮތުން އަންހެނުންނަކީ ފުދުންތެރި ބަޔަކަށް ދާއިމީކޮށް ހަދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުން. އެހެންކަމަށްވަންޏާ އޭގެ ނަތީޖާ އެންމެ ރަނގަޅަށް ހާސިލުވެގެންދާނީ ރަނގަޅު މައުރަޒެއް ބޭއްވި، އަދި މައުރަޒުގައި ބައިވެރިކުރާ ތަކެއްޗަށް ބާޒާރު ލިބޭ މިންވަރުން، ނޫނީ ވިއްކޭނެ މިންވަރު، އެކަން ކަށަވަރު ކޮށްދެވިގެން. އަޅުގަނޑު އަތުގައި ތަފާސްނެތީ. އެހެންނަމަވެސް އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، މައުރަޒުގެ ވަރަށްގިނަ ތަކެތި ވަނީ ހަމަ މައުރަޒު އިންތިޒާމު ކުރި ފަރާތުން، ވިއްކައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައި. އަޅުގަނޑުމެން މި އުންމީދު ކުރަނީ ދިވެހި ދައުލަތުގެ ފަރާތުންވެސް އަދި މެޑަމް ފަސްޓްލޭޑީ ކުރައްވާ މަސައްކަތުންވެސް މީގެ ތަފާތު އިތުރު މައުރަޒުތައް، ހަމަ ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔުން. މިއިން އަޅުގަނޑުމެންގެ ތެރެއިން ހުނަރުތަކެއް އެބަފެނޭ. އަދި މިއިން ދިވެހިރާއްޖޭގެ ޞިނާޢަތު މޮޑަނައިޒް ކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.


ޝައްކެއްވެސްނެތްގޮތުގައި، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މުރާލިކަމާއި، ހީވާގިކަމާއި، ހުނަރުވެރިކަމަށް ބަލާކަމަށްވަންޏާ، އަންހެނުންގެ ދައުރު އޮތީ ހަމައެކަނި ތަޢުލީމާއި ތަމްރީނު ކުރުމުގެ ހިސާބަކު ނޫނޭ. އިޤްތިޞާދީ މަސައްކަތް ކުރުމުގައިވެސް އަންހެނުންގެ ދައުރު އޮތްކަން، އެ މައުރަޒުން އެކަނިވެސް އަޅުގަނޑުމެންނަށް ހަމަ އެމްޕްލީ ޑެމޮންސްޓްރޭޓް ކޮށްދީފި. އެރޭ ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުމެންގެ މުޖުތަމަޢަށް ބޭނުންވާ އެންމެ މުހިންމު ދެ ދާއިރާގެ، ދައުލަތުގެ އެންމެ މުހިންމު ދެ ދާއިރާގެ އެންމެބޮޑު އަޣުލަބިއްޔަތެއް މިއޮތީ އަންހެން ބޭފުޅުންގެ ޚިދުމަތުގައޭ. ޞިއްޙީ ދާއިރާއަށް ބެލިކަމަށްވަންޏާ މިކަންއޮތީ މިގޮތަށް. ތަމްރީނާއި ތަރުބިއްޔަތުގެ ދާއިރާއަށް ބަލާކަމަށްވަންޏާ، ޓީޗަރުން، މުދައްރިސުންގެ ދާއިރާއަށް ބަލާކަމަށްވަންޏާ މިކަންއޮތީ މިގޮތަށް. އަދި ދުނިޔޭގެ ރިސަރޗުން ދައްކާގޮތުން ވެއްޖިއްޔާ، އަންހެން ލީޑަރުން، އެއީ ޕާލަމެންޓްތަކުގައި ނަމަވެސް އަދި ހެޑް އޮފް ސްޓޭޓުންގެ ފެންވަރުގައި ނަމަވެސް، މިނިސްޓަރުންގެ ފެންވަރުގައި ނަމަވެސް، އަންހެން ލީޑަރުންނަށް ބާރުވެރިކަން ލިބި، ކަންކަން ނިމޭ ހިސާބަށް ދިޔައިމަ، ޕޮޒިޓިވް ޑިވެލޮޕްމެންޓްތަކެއް އައިސްފައި މިހިރީ އިޖުތިމާޢީ ދާއިރާތަކުގައި. ޞިއްޙަތާއި، ތަޢުލީމާއި އަދި މައްސަލަތައް ދެނެގަނެ، އަންހެނުންނަށް ދަތިވެފައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމުގައި، އެންމެ ބޮޑެތި ޕޮޒިޓިވް ޑިވެލޮޕްމެންޓްތައް އައިސްފައި ހުރީ، އެންމެފަހުން ހަދާފައި އޮތް ރިސަރޗްގައި ވެއްޖިއްޔާ، އަންހެން ލީޑަރުންނަށް ކަންކަން ނިންމުމުގެ ބާރާއި އިޚްތިޔާރު ލިބިފައި އޮތް ހިސާބުން.


ސީޑޯއަށް 40 އަހަރު ވެގެންދާއިރު، މިއަދުގެ ޙަޤީޤަތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަމާ! އަޅުގަނޑުމެންވެސް އަބަދުވެސް ކުރާ ޝަކުވާއަކީ، މަތީ ތަޢުލީމު ހާސިލު ކުރަމުންދާއިރު، ރާއްޖޭގައިވެސް އެންމެ ބާރުވެރި ހިސާބަށް އަންހެން ބޭފުޅުންގެ ޙިއްސާ އަޅުގަނޑުމެންނަކަށް ނުގެންދެވެޔޭ އަދިވެސް. އެހެންނަމަވެސް ސަރުކާރުން ހަމަ މެއިންސްޓްރީމް ޕޮޒިޓިވް މަސައްކަތްތަކެއް، އެފަރމެޓިވް މަސައްކަތްތަކެއް އެބަ ކުރަމުންދޭ، އަންހެނުން ބާރުވެރިކުރުވުމަށް. ލަނޑުދަނޑިތަކެއް، ކޯޕަރޭޓިވް ބޯޑްރޫމާ ހަމައިން އަޅުގަނޑުމެން ކަނޑައަޅައިފީމު. އަދި ހަމައެހެންމެ، ދައުލަތުގެ އެންމެ މަތީ މައްސަލަތައް ނިންމާ ހިސާބުގައި، އުސޫލީ މައްސަލަތައް އެކުލަވާލައި ނިންމައި، ތަންފީޒުކުރާ ހިސާބުގައި، ވަޒީރުންގެ މަޖިލީހެއް އޮންނައިރު، ވަޒީރުންގެ މަޖިލީހަށްވެސް އަޅުގަނޑުމެން އެކަންކަމަށް ރިޢާޔަތް އެބަ ކުރަން. އެކަމަކު ވަޒީރުންގެ މަޖިލީހާ ހަމައަށް ވަޑައިގަންނަވާއިރުވެސް އަޅުގަނޑުމެން މި ބަލަނީ، އަންހެން ބޭފުޅުންނާއެކީ ހަވާލުކުރެވޭ މަސްއޫލިއްޔަތާއި، މަސްއޫލިއްޔަތުގެ ޑިމާންޑް އެއީ ރައްޔިތުންގެ ފަރާތުން ކިހާވަރަކަށް އޮތް ކަމެއްތޯ؟ އެހެންވީމާ، އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ.


ޝައްކެއްވެސްނެތްގޮތުގައި، މިނިސްޓަރާއި މިނިސްޓަރުގެ ޓީމުން އަންހެން ބޭފުޅުންގެ ޙައްޤުތައް ހޯދައިދިނުމަށާއި ބާރުވެރިކުރުވުމަށް، ތަފާތު އެތަކެއް މަސައްކަތްތަކެއް އެބަ ކުރައްވާ. މިކަމަށްޓަކައި މިއަދުވެސް ޒެނީޝާ ޝަހީދު ޒަކީއަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އެކަމަނާ މިމަގާމަށް އިޚްތިޔާރު ކުރުމުގައި، އަޅުގަނޑުގެ ޚިޔާލުގައި މިކަން ނިންމިގޮތްވެސް މިއަދު ދަންނަވާލާނަން. ޒެނީޝާއަކީ ސަރުކާރުގެ މަގާމަކާ ގުޅިވަޑައިގެންނެވިއިރުވެސް، މިދެންނެވީ މިނިސްޓަރުކަމެއްނޫން، އޭގެކުރިން ފޮރިން މިނިސްޓްރީގައިވެސް އުޅުއްވި. އަމިއްލަފުޅަށް މިޙައްޤުތައް ހިމާޔަތް ކުރެއްވުމަށް ޖަމްޢިއްޔާއެއް ހައްދަވައިގެން، ޕެޝަނެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަވާ ބޭފުޅެއް. އަޅުގަނޑަށް ގަބޫލުކުރެވުނީ، މަގާމެއް މީހަކާ ހަވާލުކުރާއިރު ޝައްކެއްވެސްނެތްގޮތުގައި، ޒިންމާދާރުކަމާއި މަސްއޫލިއްޔަތަކީ އެއްކަމެއް. އެކަމަކު އެއާއެކީ އެކަމެއް ކުރުމުގެ ޕެޝަން، އެކަމެއް ކުރުމުގައި އޭނަގެ ހުރި އުންމީދުތަކާއި، ކެރުމާއި އަދި އަމިއްލައަށް އެކަން ކުރާހިތްވާ މިންވަރު ދައްކައިދީފައި ހުރި މީހަކަށް މަގާމު ހަވާލުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުގެ ވިސްނުމުގައި، އެކަން އެކަށީގެންވާ ގޮތަށް ކުރާނެ. އެގޮތުން މިމަގާމަށް ޒެނީޝާ ހަމަޖެއްސުމުގައި އަޅުގަނޑު ވިސްނީ، ޒެނީޝާ އަމިއްލަފުޅަށް ކުރައްވަމުން ގެންދެވި އާރކް ޖަމްޢިއްޔާގެ ތެރެއިން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު. ދެންހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޑިސަޕޮއިންޓެއް ނުވެއޭ އަޅުގަނޑުގެ ޗޮއިސްއާ ދޭތެރޭގައި.


އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ، އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް އެކަމަނާ ފަށްޓަވާފައި ހުރި މަސައްކަތްތައް، ރާއްޖޭގެ އެކި ހިސާބުގައި ފުޅާވެގެން ދިޔުމާއެކީ، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ލިބިގެން އަންހެނުންގެ ޙައްޤުތަކާއި އަދި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖޭގައި ފެތުރިގެން ދިޔުމަށް. ޝައްކެއްވެސްނެތްގޮތުގައި، ދުނިޔެއަށް ނަމޫނާއަކަށް، ދިވެހިރާއްޖޭގެ އަންހެނުންގެ ބާރުވެރިކަމާއި، ދިވެހިރާއްޖޭގެ އަންހެނުން އެކިއެކި މަގާމުތަކަށް ވަޑައިގަންނަވާ ވަޑައިގަތުން، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ވެއްޖިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، މުޅި ދުނިޔެއަށް ނަމޫނާއެއްގެ ގޮތުގައި ދެއްކުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް.


ދުނިޔޭގައި އަންހެނުންގެ ދައުރާ ދޭތެރޭގައި، ސިޔާސީ ދައުރުތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާކަމަށްވަންޏާ، ސީޑޯއަށް 40 އަހަރު ވެގެން ދިޔައިރު، އަޅުގަނޑުމެން މިކަން އޮތްގޮތް ބަލައިލަމާތޯ؟ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ސްޓަޑީއަކަށް ބަލާފައި، އަޅުގަނޑު މިދަންނަވާ ވާހަކަ މި ދަންނަވަނީ. ދުނިޔޭގައި ރައްޔިތުންގެ މަޖިލީސްތަކުގައި، މަންދޫބުންގެ ބަސް އިއްވާ މަރުޙަލާތަކުގައި، މީގެ 20 އަހަރު ކުރިއާ ހަމައަށް ޖެހިލާކަމަށްވަންޏާ، ގާތްގަނޑަކަށް 11 ޕަސެންޓް މިތިބީ އަންހެން ބޭފުޅުން. މިއަދު އެ އަދަދު މިވަނީ ޑަބަލްވެފައި. މިއަދު އެ އަދަދަކީ 22 ޕަސެންޓް. ދުނިޔޭގެ އެކި ޤައުމުތަކުގައި ވަޒީރުން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ އަންހެން ބޭފުޅުންގެ ދައުރާ ދޭތެރޭގައި ވިސްނާލާ ކަމަށްވަންޏާ، އަންހެން ބޭފުޅުންގެ އަދަދަކީ ސަތޭކައަކުން އަދި ހަމަ އެންމެ 17 ޕަސެންޓް.


އެހެންނަމަވެސް، ދިވެހިރާއްޖޭގައިވެސް މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ފުރުޞަތު އެބައޮތޭ. ހީވާގިކަމާއެކީ މަސައްކަތް ކުރައްވާށޭ. 1952 ވަނަ އަހަރު ކާތިބާކަމުގެ ފުރުޞަތު އޮވެފައި، މިއަދު ދިވެހިރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް  17 ޕަސެންޓަށްވުރެ މައްޗާ ހަމައަށް އަންހެން ބޭފުޅުންނަށް ވަޒީރުކަމަށް އެބަ ވަޑައިގެންނެވޭ. އަދި ކީއްތޯ؟ ހެޑް އޮފް ގަވަރމަންޓް، ހެޑް އޮފް ސްޓޭޓް، މިމަގާމާ ހަމައަށް، އާދެ، ޚިދުމަތް ކުރުމުގެ ކުރިބޯށްޓާ ހަމައަށް ވާޞިލުވެވަޑައިގެންފައި، 2015 ވަނަ އަހަރާ ހަމައަށް އައިއިރު ތިއްބެވި ބޭފުޅުންނަށް ބަލާކަމަށްވަންޏާ، 2015 ވަނަ އަހަރު، ހެޑް އޮފް ސްޓޭޓްގެ މަގާމަށް އަންހެން ބޭފުޅުންގެ ތެރެއިން ދުނިޔޭގެ އެކި ދިމަދިމާއަށް ބަލައިފި ކަމަށްވަންޏާ، 18 އަންހެން ބޭފުޅުން މިވަނީ ދުނިޔޭގެ އެކިޤައުމުތަކުގެ ވެރިކަން ކޮށްދެއްވާފައި.


އެހެންވިމާ، އަންހެން ބޭފުޅުންގެ ދައުރާ ދޭތެރޭގައި އަޅުގަނޑުމެން ސުވާލު އުފައްދާކަށް ނުޖެހޭ. ކެލިބަރއާއި ކޮލިޓީއާ ދޭތެރޭގައި އަޅުގަނޑުމެން ސުވާލު އުފައްދާކަށް ނުޖެހޭ. އަޅުގަނޑުމެން ހަމައެކަނި ސުވާލު އުފައްދާލަންޖެހޭ ކަމަކީ، އަޅުގަނޑު ހިތުން މިއީވެސް ހަމަ ވަރަށް ލައިޓްހަރޓަޑްކޮށް ދަންނަވާ ވާހަކައެއް. އަންހެނުންނާއި ކުޑަކުދިންނަށް އެންމެ ބޮޑު ނިކަމެތިކަމެއް، އެންމެ ބޮޑު އުނދަގުލެއް، ތުރާލެއް އުފުލަންޖެހޭ ކަންކަން، ހުރިހާ ކަމެއްވެސް ނިންމުމުގެ ބާރާއި އިޚްތިޔާރު މި އޮންނަނީ ފިރިހެނުންގެ އަތުގައި. ހަނގުރާމަ ކުރަންވެސް ނިންމަނީ ފިރިހެނުން. ހަނގުރާމަ ކުރަން ހުއްދައަށްވެސް މިދަނީ ފިރިހެނުން ޑޮމިނޭޓްކުރާ މަޖިލިސްތަކަށް. މަދަނިއްޔަތުތައް ހަލާކުކުރުމުގެ ބާރުވެސް މިއޮތީ ފިރިހެނުންގެ އަތްމަތީގައި. އަދި ތަހުޒީބާއި މަދަނިއްޔަތު ކުރިއަށް ގެންދިޔުމުގެ ބާރުވެސް މިއޮތީ ފިރިހެނުންގެ އަތްމަތީގައި. އެކަމަކު މި ހުރިހާ ކަމެއްގައިވެސް އެއްވެސް ކަހަލަ ދައުރެއް، ޚިޔާލެއް ހޯދުމުގެ އެއްވެސް ފުރުޞަތެއް ނުލިބޭ ބަޔަކީ އަންހެނުން. އެހެންވީމާ، ފިރިހެނުންނަކީ ފޯރާ، ކުޅަދާނަ ބައެއްތާ!


އަޅުގަނޑު މިއަދު އިލްތިމާސް ކޮށްލަން ބޭނުންވަނީ، ފަހު ވާހަކައެއްގެ ގޮތަށް، އަޅުގަނޑުމެން ފިރިހެނުންގެ ހުރި ފޯރާކަން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފިރިހެނެއްގެ ހުރި ފޯރާކަން ދައްކުވައިދޭނީ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާތޯ؟ އޭނާގެ ޢާއިލާގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަށް އަދި މުޖުތަމަޢުގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނާ ދޭތެރޭގައި އޭނާ ކަންކުރާގޮތުން. މި މޮޓޯ އަޅުގަނޑުމެން ގަބޫލުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެން ފިރިހެނުން، އަންހެން ބޭފުޅުން ކުރައްވާ މަސައްކަތުގައި، ދިވެހިރާއްޖޭގައި ހަމަ ޝައްކެއްވެސްނެތްގޮތުގައި އަންހެން ބޭފުޅުންނަށް ވާގިދޭ، އެހީތެރިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެ.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަންހެން ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތްތަކުގައި ކުރިއަށް ވަޑައިގަތުމުގެ ޖާގަ، ﷲ މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.


والسّلام عليــكم ورحـمــة اللّـه وبـركاتـه.