بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެވެރި اللـّه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތްނަބިއްޔާ محمّد رسول اللّـه صلّى اللّـه عليه وسلّم އަށް ޞަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.


ތުލުސްދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛


ތުލުސްދޫއަށް ލިބޭ އުފަލަކީ، އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް، އަޅުގަނޑުގެ ވަޒީރުންނަށް ލިބޭ އުފަލެއް. މާލެއަތޮޅުގެ ރައްޔިތުންނަށް ލިބޭ ކުރިއެރުމަކީ، އަޅުގަނޑުމެންގެ ސަރުކާރު ދެކޭގޮތުގައި، ސަރުކާރު، އެ އުފަލުގައި ބައިވެރިވާ ކަމެއް. ތުލުސްދޫގެ ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް އައި ދުވަސް މިއަދު މިއީ. ތުލުސްދޫގެ ބިން މިވަނީ، ތުލުސްދޫގެ ކުރީގައި އޮތް ބިމާ އެއްވަރުގެ އަދަދަކުން އިތުރުކުރެވިފައި.


އެހެންވީމާ، ތުލުސްދޫއަށް މިއައި ޢީދުގައި، ތިޔަބޭފުޅުންގެ ޢީދުގެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެން މިއައީ، ހަމަ ތިޔަބޭފުޅުންނާއެކީ މި އުފަލުގައި ބައިވެރިވާހިތުން. އަދި އަޅުގަނޑުމެން އައުމުން، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކީ، ތިޔަ އެންމެ ބޭފުޅުންނަށް ފަށްފަށުން ވަރަށް ޝުކުރު ދަންނަވަން.


އާދެ، ތުލުސްދޫއަށް ލިބޭ އުފަލަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ދިވެހިރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. އެ އުފަލުގައި އަޅުގަނޑުމެން އެންމެން ޝާމިލުވާންޖެހޭ ކަމެއް. ދުވަސްވީ މީހުންނަށް އަޅައިލުމާއި، ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ އިޙްތިރާމް ލިބިގެންވާ ބައެއް ކަމުގައި ހެދުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ނަތީޖާގައި، އެކަން ހާސިލުވެގެން ހިނގައްޖެ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން މި ނިޢުމަތަށް ޝުކުރުކޮށް އުފާކުރާ ކަމެއް. އަންހެންކަނބަލުންގެ އާދޭސްތަކާއި، ކެކުޅުންތަކަށް އަޅުގަނޑުމެންނަށް ނިމުމެއް ގެނެސްދެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދެއް ފުދިގެން އެ ދިޔައީ. ދިވެހިރާއްޖެ އެކި ހިސާބުން ތަރައްޤީވެގެން ދާކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭން ދެންނެވި ކަމެއް ފުރިހަމަވެގެން ދިޔައީ. ޒުވާނުން ބޭނުންވާ ކަންކަން ނިމިގެން ދާކަމަށްވަންޏާ، ޒުވާނުންގެ އުންމީދުތައް ފުރިހަމަވެގެން ދާކަމަށްވަންޏާ، އެއީ، އަޅުގަނޑާއި، އަޅުގަނޑުގެ ސަރުކާރާއި އަދި އަޅުގަނޑުގެ ޕާޓީގެ ވަޢުދު ފުދިގެންދިޔައީ.


އެހެންވީމާ، މިހުރިހާ ކަމެއްގައި ތުލުސްދޫއާއި، މާލެއަތޮޅާއި އަދި މުޅި ރާއްޖެ ޝާމިލުވެގެންދިޔުމަކީ، ދިވެހިރާއްޖެ މިއަދު ތަރައްޤީގެ މިޞްރާބު ހުރި ސްޕީޑް އަދި ހުރި ދިމާ ދައްކުވައިދޭ ކަމެއް. ﷲގެ ރަޙުމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މިޞްރާބު މިހުރީކީ ވަކި އުތުރުން ދެކުނަށް އެކަންޏެއްނޫން. އިރުން ހުޅަނގަށްވެސްމެ، އަދި ހަމަ މި ތަރައްޤީ މިހުރީ ހަމައެކަނި، ތަރައްޤީގެ ފޭރާން ހެޔޮކުރާކަށްވެސްނޫން. ރައްޔިތުންގެ އުޅުމާއި، ރައްޔިތުންގެ ވިސްނުމުގެ ފޭރާންވެސް ހެޔޮކުރަން.


ދެންމެ އަޅުގަނޑުމެން އައިއިރު، މަރުޙަބާގެ ބޮޑުބެރުގެ ލަވައިގެ ތެރެއިންވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، ދިން މިސާލުތަކުގެ ތެރޭގައި ފިޠުރަތުގެ އުސޫލަކީ، ކޮބައިހެއްޔޭ؟ ފިޠުރަތުގެ އުސޫލަކީ ހަމަގައިމުވެސް، އެންމެފުރަތަމަ އިންސާނުންނަށް ﷲ މިންވަރު ކުރެއްވި އެންމެ ވަރުގަދަ ނިޢުމަތަކީ، ސިކުނޑީގެ ނިޢުމަތް. ބުއްދީގެ ބޭނުންހިފުން. ބުއްދީގެ ބޭނުންހިފާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ހަމަނުޖެހޭ މައްސަލަތައް ޙައްލުކުރަން އެނގެންވާނެ. ބުއްދީގެ ބޭނުން ހިފަން ނޭނގޭކަމަށްވަންޏާ، ޙައިވާނުންގެ ތެރޭގައި މިކަން ކުރަން އުޅޭގޮތަކީ، މުލައްދަނޑީގެ ބާރުން، ގަދަބާރުން ޝިކާރަވެގެންދާ އެއްޗެއް، ޝިކާރަވެގެން ދިޔުން. އިންސާނުންނާއި، ޙައިވާނުންނާއި ހުރި ތަފާތަކީ މިއީ.


އެހެންވީމާ، އަޅުގަނޑުމެން، އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވި އެންމެ ވަރުގަދަ ނިޢުމަތަށް ޝުކުރުކުރާ ކަމަށްވަންޏާ، ފިޠުރަތުގެ އުސޫލާ އެއްގޮތަށް އަޅުގަނޑުމެން ކަންތައްތައް ކުރަންވާނީ. އިންސާނުންނަކީ، އިޖުތިމާޢީ ބައެއް. އެއްބަޔަކު އަނެއްބަޔަކާނުލައި، އުޅެވެން އޮތް ބައެއްނޫން. އެއްރަށް އަނެއްރަށާ ގުޅިގެން ނޫނިއްޔާ، ތަރައްޤީ ކުރެވެން އޮތް ރަށެއްނޫން. އެއްބައެއްގެ އުފަލުގައި އަނެއްބަޔަކު ބައިވެރިވެގެން ނޫނިއްޔާ މުޅި މުޖުތަމަޢަށް، މުޅި އިންސާނިއްޔަތަށް، ދިވެހި އިންސާނިއްޔަތަށް އުފަލެއް ލިބުމެއް ނެތް. ހަމަ އިސްލާމްދީނުގައިވެސް މިކަންއޮތީ މިހެން ދޮގެއްތޯ! އަޅުގަނޑުމެން އިސްލާމުންނަށް ހަމަ އެންމެ މީހަކަށްވެސް ލިބޭ ކެކުޅުމަކީ، ވޭނަކީ، އަނިޔާއަކީ، މުޅި މުޖުތަމަޢު އެކަމުގައި ހިތާމަކުރާ ކަމެއްގެ ގޮތުގައި މިއޮންނަނީ. އެހެންވީމާ، ތުލުސްދޫއަށް މި ލިބޭ އުފަލުގައި، އަޅުގަނޑުމެން މި ބައިވެރިވަނީ، ތުލުސްދޫގެ އެންމެހައި ރައްޔިތުންނާއެކީ. އަދި އަޅުގަނޑުމެންގެ ޚިދްމަތް ގަބޫލުކުރައްވައި، ތުލުސްދޫގެ ރައްޔިތުން އަޅުގަނޑަށް ތިޔަދެއްވި ހަނދާނީ ފިލާގެ އަގު އަޅުގަނޑު ވަޒަން ކުރަން.


އަދި އެއާއެކީ، ހަމަ ދަންނަވަން ބޭނުންވަނީ، ތުލުސްދޫގައި މިއަދު ހަމަ ހިކިގެން މިދިޔައީ ހަމައެކަނި ބިމުގެ މައްސަލައެއް ނޫނޭ. ބިމުގެ މައްސަލަ ނިމި، ދެންމެ ކައުންސިލްގެ ރައީސް، އަނީސްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ރިވެޓްމަންޓްގެ މަސައްކަތް އެވަނީ ނިމިފައި. އަދި ހަމަ އެހެންމެ ތުލުސްދޫއަށް މުޅިން އާ ބަނދަރެއްގެ މަސައްކަތް ފެށި، ގާތްގަނޑަކަށް ދެބައިކުޅައެއްބައި މަސައްކަތް އެވަނީ ނިމިފައި. އަދި ތުލުސްދޫއަށް ބޭނުންވާ އެހެން ކަންކަމަށް ބަލާކަމަށްވަންޏާ، ތުލުސްދޫގެ ނަރުދަމާގެ ނިޒާމުގެ ވާހަކަ އަޅުގަނޑާ ހަމައަށް އައީ. ނަރުދަމާގެ ނިޒާމުގެ ބިޑް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް ހިނގާކަން އަޅުގަނޑަށް އެބައެނގޭ. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެ މަސައްކަތް ފެށިގެންދާނެ. ދެން ތުލުސްދޫގެ ރިކްއެސްޓަކަށް އައިސްފައި މިއޮތީ، ގިރާ ސަރަޙައްދު ހިމާޔަތް ކުރުން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން ވެއްޖިއްޔާ، ތުލުސްދޫގެ ގިރާ ސަރަޙައަދުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ފެށޭނެ. ސަރުކާރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާވެސް މިހުރީ ކަނޑައަޅާފައި.


ތުލުސްދޫއަކީ، ދެހާހަށްވުރެން މަތީގެ އާބާދީއަކަށްވާއިރު، ތުލުސްދޫއަށް ބޭނުންވާ އިމްރާނީ ވަރަށްގިނަ ކަންތައްތަކާއެކީ، ތުލުސްދޫގެ ބިން ބޮޑުވެގެންދާއިރު، އަދި ބޭނުންވާނެ އެހެން ކަންތައްތައްވެސް ހުންނާނެ. އޭގެތެރޭގައި އެކި ދުވަސްވަރު މިދަނީ ތުލުސްދުއަށް ބޭނުންވާ ކަރަންޓުވެސް އިތުރުކޮށްދެމުން، ޖެނަރޭޓަރު އާކޮށްދެމުން. އަދި މިހާރު ތުލުސްދޫގައި ހުރި ކަރަންޓުން ނުފުދޭތީއާއެކީ، މިހާރު މިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ޓެންޑަރ ކުރުމުގެ މަގުމަތީގައި. އޭރުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކަށް، ކައިރި މުސްތަޤްބަލަށް ތުލުސްދޫގެ ކަރަންޓުގެ ކަންތައްވެސް ހަމަޖެހިގެންދާނެ.


ދެންހަމަ މިއާއެކީ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ދެންމެ އަނީސްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށް އުފާވެރިވާކަމެއް، ނޫނީ ވަރަށް އުފާލިބޭކަމެއް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންވެސް، ރައްޔިތުންގެ ފުދުންތެރިކަން ހުރި މިންވަރަކުން ބައިވެރިވެވަޑައިގަތުން. ތުލުސްދޫގެ ކައުންސިލްގެ ފަރާތުން އިސްނަންގަވައިގެން ތުލުސްދޫގެ މިސްކިތް ނައްތާލާފައި، އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް، މިހާރު އެވަނީ ފަށްޓަވާފައި. އިރާދަކުރެއްވިއްޔާ ސަރުކާރުން މިކަމުގައި އެހީވާނަން.


ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޕްރީ ސްކޫލްގެ މަސައްކަތްވެސް މިވަނީ ނިމިފައި. އަދި ހަމަ އެހެންމެ ޕްރީ ސްކޫލްގެ މަސައްކަތް ނިމިފައި އޮތުމާއެކީ، ތުލުސްދޫއާ ގުޅުން އޮންނަ، ތުލުސްދޫއަށް ހެޔޮއެދޭ ބޭފުޅެއްގެ ވާހަކަ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ. ދެން އަޅުގަނޑަކަށް، ޙަޤީޤަތުގައި އެ ބޭފުޅާގެ ނަމެއްނޭނގެ. އަޅުގަނޑަށް އެނގެނީ ހަމައެކަނި ޓީ.ސީ ކޮއްކޮގެ ނަމުން އިނގޭތޯ. އެހެންވީމާ، ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރުވެސް، ޓީ.ސީ ކޮއްކޮ ހަމަޖައްސައިދެއްވާނެ ކަމަށް، ދެންމެ އިޢުލާނުވެގެން އެ ދިޔައީ. އަޅުގަނޑު ހަމަ ޓީ.ސީ ކޮއްކޮއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑުގެ ނަމުގައި، އަދި ތުލުސްދޫގެ ރައްޔިތުންގެ ނަމުގައިވެސް، މި މުނާސަބަތުގައި ޝުކުރު ދަންނަވަން.


މިހެންހުރި ކަންތައްތައް، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކަށް އެހީވެގެން ކުރުމަކީ، އޭގެ ޒާތުގައި ރައްޔިތުންނަށް ހުރިހާ މަންފާއެއް، މިކަންކަމުގައި ލިބިގެންދާނެ ކަންކަން. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިއޮތް ހިސާބުން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، ދިވެހިރާއްޖޭގައި ތުލުސްދޫއަށް ވެއްޖިއްޔާ، ތުލުސްދޫއަށް ދަތިވެފައި އޮތް ކަންތައްތައްތަކުގެ ތެރޭގައި އެންމެބޮޑު އިންތިޒާރެއްގައި، ނޫނީ އެންމެބޮޑަށް ދަތިވެފައި އޮތް ކަމަކަށްވެފައި އޮތީ، ތުލުސްދޫގެ ބިންފުރިގެން، ބިން އިތުރުކުރެވޭނެ ގޮތެއް ނެތިދިޔުން. އިރާދަކުރެއްވިއްޔާ ﷲ ގެ ރަޙުމަތާއެކީ، އެކަން މިއޮތީ ހަމަޖެހިގެން ގޮސްފައި.


ތުލުސްދޫގެ ރައްޔިތުން މިއަދު ވިސްނާލައްވަންވާނެ، ތުލުސްދޫއަށް ބިން ނެތިގެންދިޔައިރު، ތުލުސްދޫއަށް ބިން އިތުރުވެގެންދިޔައީ، މުޒާހަރާތަކެއް ކޮށްގެނެއްނޫން. ތުލުސްދޫއަށް ބިން އިތުރުވެގެންދިޔައީ، ތުލުސްދޫގެ ރައްޔިތުންގެ މި ޝަކުވާ، ނޫނީ މި އާދޭސް، ނޫނީ މި އިލްތިމާސް، އަޅުގަނޑުމެންނާ ހަމައަށް އައިސް، އެކަންކަން އަޅުގަނޑުމެން ދިރާސާކޮށްފައި، މިއީ ޙަޤީޤަތުގައިވެސް ތުލުސްދޫގެ ރައްޔިތުންނަށް ބޭނުންވާ ކަމެއްކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ. ކޮންމެ ސަރުކާރަކީވެސް، ރައްޔިތުންނަށް ޚިދްމަތް ކުރަން އޮންނަ ސަރުކާރެއް. ސަރުކާރުން ކަންކަން ކުރުމުގައާއި، އިސްކަން ދިނުމުގައާއި، އަދި ސަރުކާރުން ކަންކަމަށް ފައިސާ ހޯދުމުގައި، ވައްޓަފާޅީގެ ނަތީޖާ ފެނިގެން މިދަނީ އަވަހަށް ކަންކަން ކުރުމާއި، އަވަހަށް ކަންކަން ފުދިގެންދިޔުމަށް. އެހެންނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، މި ހުރިހާ ކަންކަމަކީ، އަޅުގަނޑުމެން ބޭނުންވާނެ ކަންކަން. އަޅުގަނޑުމެންގެ ރާއްޖޭގައި މިހުރިހާ ކަމެއް، ހާސިލުވެގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ދުސްތޫރީ ނިޒާމުގައި އަޅުގަނޑުމެންނަށް އިވޭ އަޑުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރެއިން ކިތައް ސިޔާސީ ލީޑަރުންތޯ، ޤައުމުގެ އިޖުތަމާޢީ ތަރައްޤީއަށް ޤައުމުގެ ރައުސްމާލު އިތުރުކުރަން، ނޫނީވިއްޔާ ރައްޔިތުންގެ ހަމަޖެހުމަށް، ޙައްޤުތައް ގެއްލިފައި ހުރި އެކި ގިންތިތަކުގެ ޙައްޤުތައް ހޯދައިދިނުމަށް ވާހަކަ މިދެކެވެނީ ކިހާވަރަކަށްތޯ އަޅުގަނޑުގެ ޚިޔާލަށް ގެންނަންވާނެ.


އަޅުގަނޑު އެ ވާހަކަ މިއަދު ތުލުސްދޫގައި މި ދަންނަވަނީ ހަމަ ސަބަބެއް އޮވެގެން. މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ދައްކާ ވާހަކައެއްގެ ގޮތުންވެސްމެ. އަޅުގަނޑުމެން އެންމެންނަކީ އިސްލާމުން. އިސްލާމީ ޤައުމުތަކަށް މި ދާދިފަހުން މިދިޔަ ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ތެރޭގައި އައިސްފައި ހުރި ކަންތައްތަކާ ދޭތެރޭގައި ކީއްވެގެންތޯ ދިވެހި އިސްލާމުން އެކަމާ ނުވިސްނަންވީ؟ ކީއްވެތޯ ފިކުރު ނުކުރަންވީ؟ ޤައުމުތަކުގައި ޤައުމުތަކުގެ ރައީސުން، އެ ޤައުމުތައް ވަރުގަދައަށް ހިންގުމާއެކީ، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، ހުޅަނގުގެ އިސްތިޢުމާރީ އެކިއެކި ފަރާތްތަކުން، އެ ޤައުމުތަކުގައި ހުރި އުސޫލުތަކާއި، ނޫނީ ޤައުމުތަކުގެ ލީޑަރުންނާ ދޭތެރޭގައި ހިތްހަމަނުޖެހިގެން، ކޮންމެވެސްކަހަލަ ބަހަނާއެއްގައި، ހަމަ ތަންތަން، މުޅި އެ ތަނުގެ ތަހުޒީބު، ބިމާ ހަމައަށް ތިރިކޮށްލިތަން. ވަކި ޤައުމެއްގެ ނަން ކިޔާނެކަމެއްނެތް. އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ، އެންމެ ބާރުގަދަ ދައުލަތްތައް، އެންމެ ކުރިއަށްދިޔަ ދައުލަތްތަކާ ދޭތެރޭގައި ކަންތައްތައް ވެފައި އޮތީ މިގޮތަށް.


ހަމައެހެންމެ، އިސްލާމީ ޙަޟާރަތުގައި، އިސްލާމްދީނުގައި، ކުރިއަށް ދިޔުމުގެ ރޫޙާއެކީ، ބާރަށް ކުރިއަށް ދިޔުމުގައި އެންމެގިނަ ޢިލްމުވެރިން، އެއްޒަމާނެއްގައި ތިބީ އިސްލާމްދީނުގައި. ހަމަ އެކަމުގައިވެސް، މިދެންނެވި ގޮތަށް ޙަސަދަވެރިކަމުގެ ތެރެއިން އެކަންކަންވެސް އަޅުގަނޑުމެންގެ އަތުން ބީވެގެންދިޔައީ. ހުޅަނގުން އަޅުގަނޑުމެން އިމްޕޯޓްކުރާ އެއްޗިއްސަކީ، އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީ ގަބޫލުކުރެވޭ ކަހަލަ އެއްޗެތި. އަޅުގަނޑުމެން އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ހިމެނޭވަރުގެ ބޮޑު ދައުލަތަކަށް، ދިވެހި ދައުލަތް ނުވިނަމަވެސް، ދިވެހި ދައުލަތުގެ ނިސްބަތުން، ހަމަ އަޅުގަނޑުމެންނަށް މި ތަކުލީފުތައް، މި އުނދަގޫތައް އެބަ އުފުލަންޖެހޭ. އެއީ، ކޮބައިތޯ! ކަންކަން ޒަމާނީ ކުރުމުގެ ނަމުގައި، ޑިމޮކްރަސީ، ނޫނީވިއްޔާ ދުސްތޫރީ އުސޫލަށް ކަންކަން ފެއްތުމުގެ ނަމުގައި. އެކަމަކު ބޭރުގެ ތަޙުލީލުކުރާ ހުރިހާ ފަރާތްތަކުންވެސް ބުނާގޮތުގައި، މި ސަރަޙައްދުގައިވެސް، އެންމެ ފުރިހަމަ ލިޔުމުން އެކުލަވައިލެވިފައި އޮތް ދުސްތޫރެއް މިވަގުތު އޮތީ ދިވެހިރާއްޖޭގައި. އަދި އެ ދުސްތޫރު އެންމެ ރަނގަޅަށް ހިނގާ ޤައުމެއްގެ ގޮތުގައި، އެކްސްޕަރޓުން މިހާރު ބުނެފައި އެއޮތީ، ހަމަ ދިވެހިރާއްޖޭގައޭ ހިނގަނީ. ދިވެހިރާއްޖޭގައި މަދުމަދުން ނަމަވެސް، އަޅުގަނޑުމެން ދެކޭހިތްނުވާ ކަންތައްތައް އެބަހިނގާ.


އެހެންނަމަވެސް، އާންމު އުސޫލުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންގެ ކަންކަމުގެ ތެރެއަށް، މިދެންނެވި ކަހަލަ އެކިއެކި ނުފޫޒު ވަނުމުގެ ބޭނުމަކަށްވަނީ، މިދެންނެވި ހަލަބޮލިކަން ދިވެހިރާއްޖެއަށް ގެނައުން. އިސްލާމީ ބޮޑެތި ދައުލަތްތަކަށް، މިކަން އަތުވެއްޖެ. އަދި އެ ދައުލަތްތައް އެ އުޅެނީ، އެ ލިބުނު ގެއްލުމުން އަރައިނުގަނެވިގެން. އެ ރަށްރަށުގައިވެސް، އެ ދައުލަތްތަކުގައިވެސް، ރަށްފުށް އޮންނާނެ. ރަށްފަށުގެ ސަހަރުތައް އޮންނާނެ. ކުދިކުދި ރަށްރަށް ހުންނާނެ. އެ ރަށްރަށުގެ މީހުންނަށް މުހިންމުވަނީ ކޮންކަމެއްތޯ؟ އެ ރަށްރަށުގައި ހަލާކުވެފައި ހުރި ބައްރުތަކުގައި އެ އުޅެނީ ގޭގައި ފާޚާނާކޮށްލާނެ ފެން ނުލިބިގެން. މުޅި ހިސާބުގައި ކަރަންޓު އެއޮތީ ކެނޑިފައި. ޑިމޮކްރަސީގެ ނަމުގައި، ނޫނީވިއްޔާ ހުޅަނގުގެ އުސޫލުތަކަށް ތާއީދު ނުކުރެވޭތީ. މިއީ އެ ޤައުމުތަކުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފެއްތޯ؟ ރާއްޖޭގެ ކަންތައްތަކުގައި މީގެ ހައެއްކަ އަހަރު ކުރިއާ ހަމައަށް، އަޅުގަނޑުމެން ޖެހިލަމާ ހިންގަވަބައްލަވަ! އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުން ހުޅުދާންވެގެން ދިޔަތަން އަޅުގަނޑުމެން ނުދެކެންތޯ؟ އަޅުގަނޑުމެންގެ ޚިޔާލުތަފާތުވެގެން އަޅުގަނޑުމެންގެ ޚިޔާލަށް ކަންކަން ކުރުމަށްޓަކައި، އެ ނަމުގައި އަޅުގަނޑުމެންގެ ތަހުޒީބުވެސް، އަޅުގަނޑުމެންނާ ބީވެގެން ހަމަދިޔަކަމަށް، އަޅުގަނޑަށް ގަބޫލުކުރެވޭ.


އެހެންނަމަވެސް، ﷲގެ ރަޙުމަތް އެއަށްވުރެ އަޅުގަނޑުމެންނަށް ބޮޑީ. ރައްޔިތުންގެ ނިންމުން އެއަށްވުރެން ބޮޑަށް ރައްޔިތުންނާ އެކީވަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭން ކުރާ މަސައްކަތް. ތުލުސްދޫ ކަހަލަ ރަށްރަށަށް، އަދި ދެން އަޅުގަނޑު މިދަތުރުގައި ޒިޔާރަތް ކުރަން އޮތް ހިންމަފުށި ކަހަލަ ރަށްރަށަށް ބޭނުންވަނީ، މި ރަށްރަށުގެ ރައްޔިތުން، މި ރަށްރަށުގެ މަސްލަޙަތު ދެމެހެއްޓުމަށްޓަކައި އަދި މި ރަށްރަށުން ލިބެންހުރި ޚިދްމަތްތައް އިތުރުކޮށްގެން، ފުޅާކޮށްގެން މި ރަށްރަށުގައި ދިރިއުޅެން. ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވަނީ. ތަޢުލީމު ކުރިއަށް ގެންދަން ބޭނުންވަނީ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ހޯދައިދޭން ބޭނުންވަނީ. ދުވަސްވީ މީހުންނާ އަޅައިލާ މުޖުތަމަޢަކަށް، މި މުޖުތަމަޢު ބަދަލުކުރަން ބޭނުންވަނީ. ދުވަސްވީ މީހުންނަށް އަޅައިލާ މުޖުތަމަޢަކަށް މުޖުތަމަޢު ބަދަލުކުރެވޭނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އަނިޔާވެރިކަމަށް ނިމުމެއް ގެނެވިގެން. އަދި އަޅުގަނޑުމެންގެ ތެރޭގައި އަނިޔާވެރިކަމެއް އުޅޭކަމަށްވަންޏާ، ޤާނޫނާ ޚިލާފު ކަންތައްތަކެއް އުޅޭ ކަމަށްވަންޏާ، ކޮންމެވެސް ބަޔަކު ފާރަވެރިވެ، ޤާނޫނާ އެއްގޮތަށް ކަންކަން ނިންމައިދޭން އެބަޖެހޭ. އެކަންކަން ދުސްތޫރީ ސަރުކާރުތަކުގައި، އެންމެ ޤަދީމީ ޒަމާނުއްސުރެ، އެކަންކަން ހަވާލުވެފައި މި އޮންނަނީ ސަރުކާރުތަކުން ކުރަން. އެހެންވެގެން ސަރުކާރުތަކުގައި، ހުރިހާ ދައުލަތެއްގައިވެސް ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރެއް އޮންނަނީ. އަދި ހަމަ އެހެންމެ ތަޙްޤީޤުކުރާ އިދާރާތަކާއި، ފުލުހުންފަދަ މުއައްސަސާތައް އުފެދިފައި ހުންނަނީ.


އެހެންވީމާ، އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީވެސް ހަމަ ބޭރު ދުނިޔޭގައި ކަންކަން ހިނގާ އުސޫލުން، އެހެންނަމަވެސް، ދިވެހި ވައްޓަފާޅިއާ ގުޅޭގޮތަށް، އިސްލާމީ އުސޫލުތަކުގެ ތެރެއިން، އަޅުގަނޑުމެން ހޯދަން ބޭނުންވާ ތަހުޒީބާއި ތަރައްޤީ ހޯދަން ކުރާ މަސައްކަތް. މި މަސައްކަތް ކުރުމުގައި ރައްޔިތުން އަޅުގަނޑުމެންނާއެކީ ކުރިއަށް ވަޑައިގަންނަވަން އަޅުގަނޑު އެދެން. ސަރުކާރަށް ކުރެވޭނީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ދެނެގަނެ، އަދި އެކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ކުރާ މަސައްކަތް. ޚިޔާލު ތަފާތުވާ ކަމަށްވަންޏާ އެކަން އޮތްގޮތް ރައްޔިތުންނާ ހަމައަށް އޮޅުންފިލުވައިދެވޭނެ.


އަޅުގަނޑުމެންނަށް މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން މިދިޔައީ، ރާއްޖެއަކީ ﷲގެ ރަޙުމަތުން އިރާދަކުރެއްވިއްޔާ ކުރިއަށްވުރެ މާބޮޑަށްވެސް އަމާން ތަނަކަށް ވެގެން ހިނގައްޖެތަން. އެއީ ފިޠުރަތުގެ އުސޫލު. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ ބައެއް. ހަމަގައިމުވެސް، އެއްބަޔަކު އަނެއްބައެއްގެ ބޮޑެތި ޙައްޤުތަކަށް އަރައިގަތުމަކީ އަޅުގަނޑުމެންގެ އާންމު އުސޫލުކަމަށް ވެގެނެއްނުވާނެ. އެހެންވީމާ، ކަންކަން ހަމަޖެހިގެން ދާއިރު، ފިޠުރަތުގެ އުސޫލާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމަށް އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް އިލްތިމާސް މި ކުރަނީ. އެކަންކަން ކުރާއިރު، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިއޮތީ، ތިޔަބޭފުޅުންގެ ރަށްރަށުގައި، ތިޔަބޭފުޅުންގެ ވެށީގައި، ތިޔަބޭފުޅުންގެ ކަންކަން ނިންމުމަށް ކައުންސިލަރުން އިންތިޚާބު ކުރުން. އެކަންކަން ކުރާއިރު، ތިޔަބޭފުޅުންގެ ތެރޭގައި އެންމެ ރަނގަޅަށް ތިޔަބޭފުޅުންގެ ކަންތައްތައް މަސްލަޙަތާ އެއްގޮތަށް ބަލަހައްޓައިދެވޭނެ ބަޔަކު އިޚްތިޔާރު ކުރެއްވުމަކީ ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތް ކަމެއް.


އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް، ރަށްރަށުން ދޭންޖެހޭ އެކިއެކި ހުއްދަ، ކައުންސިލަރުންގެ ފަރާތުން ދެއްވާއިރު، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ފިކުރުގެ ކައުންސިލަރުން، އަޣުލަބިއްޔަތު އެ ރަށްރަށުގައި ނަންގަވައިފި ކަމަށްވަންޏާ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެތައް ގުނައެއް ފަސޭހަވެގެންދާނެ. އެހެންވީމާ، އެކަމަށް އަޅުގަނޑު ހަމަ ތުލުސްދޫގެ ރައްޔިތުންގެ އަރިހުގައި ދަންނަވާލަން ބޭނުންވޭ. މިކަމާ ދޭތެރޭގައި ޚިޔާލު ބަހައްޓަވާށޭ. އަދި ތުލުސްދޫގެ ކަންކަން ނިންމެވުމުގައި، އަޅުގަނޑު މިދެންނެވި ވިސްނުމުން، ތިޔަބޭފުޅުން ވިސްނާވަޑައިގެންފައި، ސަރުކާރާއި ސަރުކާރުގެ ފިކުރަށް، އާދެ، އެއީ ތަރައްޤީގެ ފިކުރު، ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމުގެ ފިކުރު، ބޭރުގެ ނުފޫޒުތަކުން ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުމުގެ ފިކުރު. އަދި އެންމެނަށް އިޙްތިރާމު ކުރުމާއެކީ، ރާއްޖޭގައި ހަމަޖެހިގެން ކުރިއަށްދިޔުމުގެ ފިކުރާއި ވިސްނުން އެއީ. އެ ވިސްނުމަށް ތާއީދުކުރާ ބަޔަކު އިޚްތިޔާރު ކުރެއްވުމަކީ، ތިޔަބޭފުޅުންގެ އަރިހުން މިއަދު އަޅުގަނޑު ދަންނަވާލާ އިލްތިމާސް.


އަޅުގަނޑުމެން މި ކުރިޔަށްދާން މިކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގައި ތުލުސްދޫ އެކަންޏެއް ނޫން، ހުރިހާ ދިމާއެއްގައިވެސް ބޭނުންވެފައި ހުރި ކަންތައްތައް، ހަމަ އެހާމެ ގިނަ. ތުލުސްދޫގައިވެސް އަޅުގަނޑާ ހަމައަށް ދެންމެއަކުވެސް އައީ ހަމަ އިތުރު ކަންކަން. އިރާދަކުރެއްވިއްޔާ، ތުލުސްދޫގެ ފެނުގެ ކަންތައްތައްވެސް ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑު މާލެ ގޮސްފައި، އަޅުގަނޑު ބަލާނަން، ކިހާ ހިސާބެއްގައި އެކަން ކުރެވޭތޯ. އެކަމަކު އެޔާއެކީގައިވެސް އަޅުގަނޑުމެން ދަންނަވާލާނަން. މިއަހަރުގެ ބަޖެޓުގައި ޖެހިފައި ހުރި ކަންތައްތަކަށް މިއަހަރު އަޅުގަނޑުމެންނަށް އިސްކަންދެވޭނެ. އަދި އެއާއެކީ ދެން ކުރެވޭ މަސައްކަތުގައި ފެނުގެ ގިނަ މަޝްރޫޢުތަކަކީ، ބޭރުގެ އެހީ ލިބިގެން ހިންގާ މަޝްރޫޢުތަކަށްވާއިރު، ގަބޫލުކުރައްވާތި، ބޭރުގެ އެހީ ހޯދުމަކީ، އޭގެ ޒާތުގައި އެހާ ފަސޭހަކަމެއްވެސް ނޫން. އެހާ އަވަސް ކަމެއްވެސް ނޫން. ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ކުރާ ކަންކަމަކީ، އެއްދުވަހުން ނުވަތަ ދެދުވަހުގެ ތެރޭގައި އެކަމެއް ކުރަން ނިންމާފައި، ދެން މަޝްރޫޢު ރޭވުމާއި އަމަލީ މަސައްކަތް ފެށުމާ ދޭތެރޭގައި މާގިނަ ވަގުތެއް ނުނަގާ ކަންކަން. ބޭރުގެ އެހީ ހޯދައިގެން ކުރާ ކަންކަމަކީ، އެކި މަރުޙަލާތައް ސަރުކާރުން ކަޑައްތު ކުރަންޖެހޭ ކަންކަން. އެއް ތަނަކުން ހުއްދަ ނަގާފައި، އަނެއްތަނަކުން ހުއްދަ ނަގާފައި، އަދި އެންމެފަހުން ބޭރުގެ އެމީހުން އެ އެހީދޭ މަރުކަޒެއްގެ އިދާރާއަށް ކަންކަން ފޮނުވައިގެން، އެހުރިހާ ކަމެއް ނިމިގެން ނޫނީ އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުކުރެވޭނެ. އެހެން ހުރި ކަންކަން އެއީ. އެހެންނަމަވެސް، ތުލުސްދޫގެ ފަރާތުން އަޅުގަނޑަށް ތިޔަ ކުރެއްވި އިލްތިމާސް އަޅުގަނޑު ބަލައިގަންނަން. އަދި ތުލުސްދޫގެ ގެސްޓްހައުސްގެ ވިޔަފާރި އިތުރުވެގެން، ތުލުސްދޫގެ ރައްޔިތުންނަށް އެއިން ފައިދާ ލިބުމަކީ ޝައްކެއްވެސްނެތްގޮތުގައި، މުޅި ދިވެހިރާއްޖެއަށް އެކަމުގެ ފައިދާ ލިބޭނެ ކަންކަން.


އަޅުގަނޑުމެން ތަހުޒީބާއެކީ ކުރިޔަށްދާން ބަލާއިރު، ހަމަ އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ! ހަމަ އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ! ދިވެހިރާއްޖެއަށް ތަހުޒީބުގެ މަގުން ލިބޭނެ އެންމެ ކުރިއެރުމަކީ ހުޅަނގުގެ ހުރިހާ ކަމެއް އަލިފުން ޔާ އަށް ނަކަލުކުރުން ކަމުގައި. އެއީ ރަނގަޅު ވާހަކައެއް ނޫން. އެއީކީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ވާހަކައެއް ނޫން. ހުޅަނގުގެ ތަހުޒީބުގެ ތެރެއިން އަޅުގަނޑުމެން ނަކަލުކުރަންޖެހޭނީ އަޅުގަނޑުމެންނަށް ބަލައިގަނެވޭ ކަންތައްތައް. މި ފަހުގެ ހުޅަނގުގެ ތަހުޒީބު އައިސްފައި މިއޮތީ އިސްލާމީ ތަހުޒީބުގެ ތެރެއިން. ހުޅަނގުންވެސް، އިސްލާމީ ޢިލްމުވެރިންގެ ފަރާތުން އެކިއެކި މަޢުލޫމާތާއި، އެކިއެކި މާއްދާގެ ހުނަރު ހޯދާފައި އެހެރީ. އޭގެ މައްޗަށް ސައިންޓިފިކް ރިސަރޗާއެކީ އެމީހުންގެ ކަންކަން ކުރިއަށް ގޮސްފައި އެހުރީ. އޭގެތެރޭގައި އަޅުގަނޑުމެން އިސްލާމީ ދައުލަތަކަށް ގަބޫލުކުރަން ފަސޭހަ، އަދި ދިވެހިންނަށް ގަބޫލުކުރަން ފަސޭހަ ކަންތައްތަކެއް ހުންނާނެ. ގަބޫލުކުރަން އެހާ ފަސޭހަ ނޫން ކަންތައްތަކެއް ހުންނާނެ. އެކަންކަމެއް، އަޅުގަނޑުމެން ތަހުޒީބުގެ ނަމުގައިވެސް، އަދި މިނިވަންކަމުގެ ނަމުގައިވެސް، ފަރުދުންގެ ހަމަޖެހުމުގެ ނަމުގައިވެސް އަޅުގަނޑުމެންނަށް ބަލައިނުގަނެވޭނެ ކަންތައްތައް ހުންނާނެ. އެކަމަށް ވަކާލާތު ކުރުމަކީ އެއްގޮތަކަށްވެސް ޚިޔާލުފާޅުކުރުމާ ދެކޮޅުހެދުމެއްވެސް ނޫން. މީހުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމެއްވެސް ނޫން. އެހެންހުރި ބޮޑެތި ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.


ހަމަޖެހުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމެއް. އާއިލާގެ ތެރޭގައި މަންމައާއި ބައްޕައަށް އިޙްސާސް ކުރެވޭނެ، ހައެއްކަ ދަރިން ތިބޭއިރު، އެތަނުން ދެތިން ކުދިންނަކީ ބަސްނާހާ އިދިކީލިކޮށް އުޅޭ ކުދިން ކަމަށްވަންޏާ، އެކުދިންނާ ހެދި އުފުލަންޖެހޭ ތަކުލީފު، މަންމައިންނާއި ބައްޕައިންނަށް އިޙްސާސް ކުރެވޭނެ. އެކަމަކު ދަރިންވާނީ ދަރިންނަށް. ހަމަ އެކަހަލަ ޢާއިލާތަކެއް ހިމެނެނީ ތުލުސްދޫގައި. ތުލުސްދޫ ކަހަލަ ރަށްތަކެއް މި ހިމެނެނީ ދިވެހި މުޖުތަމަޢުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބައެއްގެ ތެރޭގައި ހަމަނުޖެހުން އޮތްކަމަށްވަންޏާ، އޭގެ އިޙްސާސް، އަޅުގަނޑުމެންގެ ހުރިހާ ހިސާބެއްގައިވެސް ކުރާނެ. އެހެންނަމަވެސް، ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ދެނެގަނެ، އެކަންކަމަށް އިސްކަންދީގެން، އެ ކަންކަން ކުރުން. ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގެ ތެރޭގައި، ޙައްޤުތައް ހޯދައިދިނުމަކީ، އެހެން މީހުންގެ ޙައްޤުތައް ނިގުޅިގެން ނުދާނޭ ގޮތަކަށް ޙައްޤުތައް ހޯދައިދިނުން. ޙައްޤުތައް ހޯދުމަކީ އެއްގޮތަކަށްވެސް އެއްބައެއްގެ ޙައްޤުތަކުގެ މައްޗަށް އަނެއްބައެއްގެ ޙައްޤުތައް އިސްކުރުމެއް ނޫން. އެއީ ނުބައި ވިސްނުމެއް. ބައެއް ޕާޓީތަކުން އެވާހަކަ ދައްކަވާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ދިވެހިރާއްޖޭގެ މި ބިންގަނޑަށް، މި ފަސްގަނޑަށް އަދި ދިވެހިރާއްޖޭގެ ތަރިކައާއި، ދިވެހިރާއްޖޭގެ ރައުސްމާލާ އެއްވަރުގެ ހިއްސާ އޮތް ބައެއް. ވަކި ބައެއްގެ ހިއްސާ މިތާކު ބޮޑެއް ނުވާނެ.


އެހެންވީމާ، ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދާއިރު، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަހަލަ ސިޔާސަތުތަކަށް އަޅުގަނޑުމެން ތާއީދުކުރާނެ. އަދި އެކަންކަން ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ތަރައްޤީ އަންނާނީ ރައްޔިތުންވެސް ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ކަންތައްތައް ކުރެއްވިއްޔާ. ތުލުސްދޫއިން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އެ ނަމޫނާ. މި ނަމޫނާ އަޅުގަނޑުމެންނަށް ފެނިގެންދާން ބޭނުންވޭ، ތުލުސްދޫގައި އިތުރަށް ހުރި މަޝްރޫޢުތައް ކުރިޔަށްދާއިރުވެސް. އަދި ހަމައެހެންމެ ތުލުސްދޫގައި މި ދައްކަވައިދެއްވި ނަމޫނާއަކީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ނަކަލުކޮށްގެން، އެ ނަމޫނާ ބަލައިގަނެގެން ކުރިއަށް ގެންދަންޖެހޭ ނަމޫނާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސަރުކާރުން، ދިވެހި ޒުވާނުންނަށް ކޮށްދޭ ކަންތައްތައް ހަމަ ވަރަށް ގިނައޭ. އަޅުގަނޑުމެން އެންމެ ޚާއްޞަ ބައެއްގެ ގޮތުގައި، އެންމެ ޚާއްޞަ ގިންތިއެއްގެ ގޮތުގައި މި ބަލައިގަންނަނީ ޒުވާނުން. ޒުވާނުން ބަލައިގަންނަން ޖެހޭގޮތަކީ، އަޅުގަނޑުމެން މަދަރުސާގައި ކިޔަވަން އުޅުނު ޒަމާނުގައިވެސް، އެންމެ ތުއްތު ކުދިން ފެށިގެން މަދަރުސާ ނިމޭ ހިސާބަށްދާއިރުވެސް، ކޮންމެ މުދައްރިސަކުވެސް އަދި މުޅި މަދަރުސާއަށް ތަޤުރީރު ކުރައްވާ ކޮންމެ މެހްމާނަކުވެސް ވަޑައިގެން ވިދާޅުވާނެ، ތިޔަކުދިންނަކީ މާދަމާގެ މުސްތަޤްބަލޭ. އަބަދުވެސް އަންނަން އޮތް ޖީލެއްގެ ވާހަކަ މި ދެއްކެނީ. އެހެންވީމާ، އިންވެސްޓް ކުރާކަމަށްވަންޏާ، އޭގެ ނަފާ ކުރިއަށް އޮތް މުސްތަޤްބަލުގެ ތެރޭގައި ހޯދާކަމަށްވަންޏާ، އެ ނަފާ ލިބޭ އެއްޗެއްގައި އިންވެސްޓް ކުރަން ޖެހޭނެ. ދުވަސްނުފުރި ހުރި ގަހަކަށް ކިތަންމެ ވަރަކަށް ގަސްކާނާ އެޅިޔަސް، އަޅުގަނޑުމެން ކާންބޯން ބޭނުންވާ މޭވާއެއް ނުލިބޭނެ. އެހެންނަމަވެސް ޅަނދޮޅު ޒުވާން ގަހެއްގައި އަނބުއަޅާތޯ ބެލުމަކީ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ކަމެއް. އަދި އެ ގަސް ހީނަރުވެގެން ދާކަމަށްވަންޏާ، ރަނގަޅަށް ފެންދީ އަދި އެ ގަހަށް ބޭނުންވާ އެހެން ހުރިހާ ވައްތަރެއްގެ ބޭސްދީ ހެދުމަކީ ރަނގަޅު ކަމެއް.


އެހެންވީމާ، ޒުވާނުންނަށް އިންވެސްޓް ކުރުމަކީ، މިދެންނެވި ގޮތަށް ރާއްޖޭގެ މުސްތަޤްބަލަށް އަޅުގަނޑުމެން އިންވެސްޓް ކުރުން. ޒުވާނުންގެ ކަންކަން ހަމަޖެހިގެން ދިޔުމަކީ، ގެދޮރުވެރިވެވިގެން ދިޔުމަކީ، ޒުވާނުންގެ ޙައްޤުތައް ލިބިގެން ދިޔުމަކީ އަދި ޒުވާނުންނަށް ތަޢުލީމުގެ ފުރުޞަތު ލިބިގެން ދިޔުމަކީ އެއީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ މުސްތަޤްބަލު އުޖާލާކުރަން އަޅުގަނޑުމެން ހަދާ އިންވެސްޓްމަންޓެއް.


އަޅުގަނޑުމެން މިއަދު މި ވާހަކަ ދައްކާއިރު، އެންމެ އުފާކުރަން މި ޖެހެނީ، މިދިޔަ އަހަރުގެ ޖީ.ސީ.އީ ނަތީޖާއަކީ މުޅި ދުނިޔެއަށް ބަލައިލި ކަމަށްވީނަމަވެސް، ދިވެހިރާއްޖެއިން ނަމޫނާ ދެއްކި އިމްތިޙާނު. ދިވެހިރާއްޖޭގެ ކުދިންގެ އެހާ ބޮޑު އަދަދެއް، ކޮންމެ 10 ކުއްޖެއްގެ ތެރެއިން 7 ކުއްޖަކު އެވަނީ، 5 މާއްދާއިން ފާސް ހޯދާފައި. C ފާހަށްވުރެ މަތިން ހޯދާފައި. މިއީ ދިވެހިރާއްޖެގައި އަލަށް، ފުރަތަމަފަހަރު ދިވެހިރާއްޖެއަށް ހާސިލުކުރެވުނު ނަތީޖާއެއް. އެއާއެކީ އަޅުގަނޑުމެންނަށް، ސަރުކާރަށް، ކުރަންމިޖެހޭކަމަކީ ދިވެހިރާއްޖޭގެ ކިޔަވާ ކުދިންނަށް މާލޭގައާއި، ރާއްޖޭގައާއި އަދި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުޞަތު އިތުރުކޮށްދިނުން. މިކުދިން އަޅުގަނޑުމެން، މި ސިކުނޑިތައް ތާޒާ މި ކުރަނީ އެއްގޮތަކަށްވެސް ނުރައްކާތެރި ކަންތައްތައް ކުރާކަށެއް ނޫން. މި ސިކުނޑިތަކަށް ކާނާ މިދެނީކީ އެއްގޮތަކަށްވެސް މިތަން ހަލާކުކުރާކަށް ނޫން. ޤައުމު ކުރިއަށް ގެންދަން.


އެހެންވީމާ، ކުރިއަށް ގެންދިޔުމުގެ ވާހަކަ ދައްކާ ލީޑަރުންނާއެކީ ދިވެހިރައްޔިތުން ތިއްބެވުމަކީ، މުޅި ދިވެހިރާއްޖެއަށް އާރޯކަމާއި އާރާސްތުކަން އަންނާނެ ކަމެއް. އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ އެކިކަހަލަ ކަންތައްތައް ނެތިދިޔުމަށް އިލްތިމާސްކުރާ ފަރާތްތަކަކުން ދިވެހިރާއްޖެއަށް ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ގަބޫލުނުކުރައްވާ! ދިވެހިރާއްޖޭގެ ކުރިއެރުން އޮތީ ދިވެހިން ކުރާ މަސައްކަތުން. އަޅުގަނޑުމެންނަށް އެހީތެރިވާކަށް، އަޅުގަނޑުމެން ނުކުރާ މަސައްކަތަކަށް އެހީތެރިވެދޭކަށް ބޭރުގެ ފަރާތްތަކެއް ނާންނާނެ. އަދި އަޅުގަނޑުމެންނަށް އެންމެ ގާތްކަމާއެކީ އެހީވާ ފަރާތްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޢަރަބި އިސްލާމީ ދައުލަތްތައް. އަޅުގަނޑުމެން ޢަރަބި އިސްލާމީ ދައުލަތްތަކާ ގުޅިގެން މިދަނީ އެއީ ހަމައެކަނި އަޅުގަނޑުމެންނަކީ އިސްލާމުން ކަމަށްވާތީކީވެސް ނޫން. އެ ތަހުޒީބާއެކީ އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަންވެސް އެބައޮތްވެސްމެ. އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ދީނީ ފަލްސަފާ ވަކިގޮތަކަށް ބައްޓަންވެގެންދާތީކީ ނޫން. އަޅުގަނޑުމެން ހުރިހާ އެންމެންނަކީ އިސްލާމުން. އިސްލާމްދީނަކީ އެއް ދީނެއް. ދެން އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި، ބޮޑެތި މައްސަލަތަކުގައި ތަފާތެއް ނޫޅޭ. ޚިލާފެއް ނޫޅޭ.


އެހެންވީމާ، އަޅުގަނޑުމެން އިސްލާމީ ޤައުމުތަކުގެ އުސޫލުތައް ގަބޫލުކޮށްގެން އުޅުމަކީ، ދިވެހިރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތް. އެގޮތުގެ މަތީގައި އަޅުގަނޑުމެން ކުރިއަށްދާއިރު، ރަށްރަށަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި، ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަކީ، އެއީ ސަރުކާރުގެ އެވަގުތު ހިންގަން ހުރި ރައީސަށް ކޮށްދެވޭ ކަމެއްނޫން. އެއީ ކޮންމެ ރައްޔިތަކު، އެ ރައްޔިތަކަށާއި، އޭނާގެ ޢާއިލާއަށާއި އަދި ޢާއިލާތައް ހިމެނޭ ޚާންދާންތަކަށާއި، މުޅި ރަށަށް ކޮށްދެވޭ ކަމެއް. އެހެންވީމާ، އެއީ ހަމައެކަނި މިވަގުތު ސަރުކާރު ހިންގަން ހުރީ ރައީސް ޔާމީން ކަމަށްވާތީ، ރައީސް ޔާމީން ބުނެގެން ކުރާ ކަމެއްގެ ގޮތުގައި ނަހައްދަވާ! އަޅުގަނޑުމެން ހޯދަން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެން މި ހޯދަނީ އެއީ އަޅުގަނޑުމެން އެދޭ ތަރައްޤީއަށްވާތީ.


އެހެންވެގެން ޒުވާނުންގެ އުންމީދުތަކުގައި ކުލަ ޖެހިގެންދާ ދިޔުމަކީ، އަޅުގަނޑަށް އުފާ ލިބޭ ކަމެއްގެ ގޮތުގައި މި ދަންނަވަނީ. އެހެންވީމާ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތާއި، އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓެއް. އެހެންވީމާ، މި މަސައްކަތުގައި ދިވެހި ޒުވާނުން، ދިވެހި އަންހެން ބޭފުޅުން އަދި އާންމުކޮށް މުޅި ދިވެހި ރައްޔިތުން، އަޅުގަނޑުމެންގެ ސަރުކާރާ ގުޅިވަޑައިގަންނަވަން މަސައްކަތް ކުރައްވަން އަޅުގަނޑު މިއަދުވެސް އިލްތިމާސް ކުރަން.


އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމު ހެޔޮގޮތުގައި ކުރިޔަށް ދިޔުން. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑާއެކީ ތިޔަ އެންމެ ބޭފުޅުން ކުރިއަށް ވަޑައިގެންދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމުން، ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި ތުލުސްދޫގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި އެއްފަހަރު ޝުކުރު ދަންނަވަމުން، އަޅުގަނޑު ތުލުސްދޫގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް، މުޅި ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ވާހަކަކޮޅު ނިންމާލާނަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.