بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލު ކުރަމުން.


ޢިއްޒަތްތެރި ލޮބުވެތި، ހީވާގި ކަނބަލުން.


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށްވެސް ޒީނަތްތެރި، ވަރަށްވެސް އުފާވެރި އަދި އެހާގިނަ ހިތްހަމަޖެހުންތަކެއް ލިބިގެންދާ ރީތި، ނަލަ، ޖަލްސާއަކަށް މި ޖަލްސާ ވެގެން އެބަދޭ. އަޅުގަނޑުގެ ޚިޔާލަށް އަންނަނީ އަންހެން ކަނބަލުންނަށް، މާފުކުރައްވާ، ކަނބަލުންނަށް ޚާއްޞަވެގެން ބޭއްވޭ ފުރަތަމަ އެކްސްޕޯއަށް، އާދެ، ހުނަރުވެރިކަން ދައްކާލުމުގެ ފުރަތަމަ މައުރަޒަކަށް މި މައުރަޒު ވެގެން އެބަދޭ. މިހާ ގިނަ އަދަދެއްގެ ކަނބަލުން މިކަމުގައި ބައިވެރިވެވަޑައިގަތީމަ، ކަނބަލުންގެ ޢަޒުމާއި ހިތްވަރު އަޅުގަނޑުމެންނަށް އެބަ ދައްކުވައިދޭ. އަދި ހަމައެހެންމެ، މި ރީތި ޖަލްސާ ނަލަކޮށްދެއްވުމުގެ ގޮތުން އެހާ ގިނަ އަދަދެއްގެ، އެއްބޭފުޅަކު ވިދާޅުވި 6000 އަށްވުރެ ގިނަ ބޭފުޅުން މިތާ އެބަ ތިއްބެވި ކަމަށް. ކަނބަލުން ތިއްބެވި ކަމަށް. އެހާ ގިނަ އަދަދެއްގެ ޢިއްޒަތްތެރި ޖަލީސުން ތިއްބެވުމަކީ، ތިޔަބޭފުޅުންގެ ސާބިތުކަންވެސް އަޅުގަނޑުމެންނަށް ކަށަވަރުވެގެންދާ ކަމެއް.


އާދެ، އެކްސްޕޯއެއް ބޭއްވުމަކީ، ފަސޭހަކަމެއް ނޫން. ހުނަރުތައް ދައްކާލުމަށް މި ބާއްވާ އެއްވެސް މައުރަޒަކީ ފަސޭހަކަމެއް ނޫން. އަޅުގަނޑަކީވެސް ކުރިން ކޮންމެވެސްވަރަކަށް މައުރަޒުތައް އިންތިޒާމުކޮށް، ރަސްމީ ދާއިރާއިން މައުރަޒު ބާއްވަމުން އައި މީހެއް. އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑަށް މައުރަޒު ބޭއްވުމަށް މިހާރު އެހާ ފަސޭހަނުވީމަ، އަޅުގަނޑުގެ އަންހެނުން މިހާރު މައުރަޒު ބޭއްވުމަށް ކުރިން އިސްނަންގަވައިގެން މަސައްކަތް ކުރައްވަނީ ކަމަށް.


އަޅުގަނޑު މި ފިޔަވަޅުމަތީ ހުރެގެން ޖަލްސާގައި ތިޔަބޭފުޅުންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ކުރިން، އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަސްޓްލޭޑީއާ ދޭތެރޭގައި، އަޅުގަނޑުގެ އަންހެނުންނާ ދޭތެރޭގައި، ވަރަށް އޯގާތެރި، އިޙްސާންތެރި، އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކޮށްދެއްވި ހަމަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އެކަމަނާގެ ފަރާތުން އަދި އަޅުގަނޑުގެ ފަރާތުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.


އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މި އެކްސްޕޯއަށް ތައްޔާރުވާތާ ދުވަސްތަކެއް ވެއްޖެ. މި އެކްސްޕޯއަކީ ބައިވެރިކުރެވިފައި ހުރި އެގްޒިބިޓްތަކަށް ބަލާކަމަށްވަންޏާ އެއީ ހަމައެކަނި އިންޞާފު ކުރަން ބައިވެރިކުރެވިފައި ހުރި އެއްޗިއްސެއް ނޫން. އިންޞާފު ކުރަން ބައިވެރިކުރެވިފައި ހުރި އެގްޒިބިޓްތަކެއް އެބަހުރި. އޭގެ ހުނަރުވެރިން، އޭގެ ފަންނުވެރިންގެ ޙައްޤު އިނާމު ލިބިގެންދިޔަތަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ހުރިހާ ގިންތިތަކުން އަދި ހުރިހާ ގުރޫޕްތަކުން، ނޫނީ ދާއިރާތަކުން ވަނަވަނަ ހޯއްދެވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި ތިއަށްވުރެން މުރާލި އަދި ތިއަށްވުރެން ވަރުގަދައަށް މި މަސައްކަތް، ދެން އަންނަ އެކްސްޕޯއެއްގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމަށް އަޅުގަނޑު އިންތިޒާރު ކުރަން. އުންމީދުވެސް ކުރަން.


އަދި މުޅި މައުރަޒުން އެއްވަނަ ހޯއްދެވި، ދެންމެ އެއްވަނަ ހޯއްދަވައިގެން ފަޚުރުވެރި ވަނަ އެ ގެންދެވި ފަރާތަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން. އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، އެ ކަމަނާއާ ދެންމެ ވާހަކަ ދައްކާލިއިރު، ވަރަށް ކުޑަދުވަސްކޮޅެއްވީ މި ދާއިރާގައި ޝައުޤުވެރިކަމާއެކީ މަސައްކަތް ކުރައްވާތާ. އެހެންނަމަވެސް އޭނާގެ މުރާލިކަމާއި، އޭނާގެ ފަންނުވެރިކަން ކިތަންމެ ރަނގަޅަކަށްވެސް ދައްކުވައިދެއްވައިފި. ތަފާތު އެކި ހުނަރުތައް ފެނިގެންދާ މައުރަޒަކުން، މުޅި މައުރަޒުން އެއްވަނައަށް ހޮވުމަކީ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑުމެން ދެންމެ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ޑޮކްޓަރ ފާތިމަތު މުޙައްމަދުގެ ވާހަކަފުޅު އަޑުއެހީމު. ހުރިހާ ފަންނުތަކުން ވަނަވަނަ ހޯދުމަކީ ފަސޭހަކަމެއް. އެކަމަކު އެ ހުރިހާ ފަންނުތައް އެއްކޮށްލައިގެން މުޅި މައުރަޒުން އެއްވަނަ ހޯދުން، މުޅި މައުރަޒުން ދެވަނަ ހޯދުން މިއީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މުޅި މައުރަޒުން އެއްވަނަ ހޯދުމަކީ ވަރަށް ވަރުގަދައަށް ކުރެވިފައި ހުރި މަސައްކަތެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމެއް. އަޅުގަނޑުމެންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި މައުރަޒު ފެނިގެންދާނެ.


އެއާއެކީވެސް ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ، މި މައުރަޒު އިންތިޒާމުވެގެން ދިޔައިރު، މިހާ ގިނަ ބޭފުޅުންތަކެއްގެ މިހާ ބުރަ މަސައްކަތްތަކެއް ހިނގަމުންދާތީއާއެކީ، މިރޭގެ ކުރިންވެސް އަޅުގަނޑު މި މައުރަޒަށް އެއްރޭ ޒިޔާރަތްކޮށް، ބައިވެރިކޮށްފައި ހުރި ތަކެތި އަޅުގަނޑު ބަލައިލިން. ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ ވަރަށް ވަރުގަދަ، ވަރަށް އާޓިސްޓިކް، ހުނަރުވެރި ގިނަ މަސައްކަތްތަކެއް އެބަހުރި ފެނިގެން ގޮސްފައި. މުޅި މައުރަޒަށް ބަލާކަމަށްވަންޏާ، މި މައުރަޒުގައި ދެންމެ ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތުން ސައްބީހަކަށްހާސް އެގްޒިބިޓް އެބައުޅޭ. މިއީ ކުޑަ އަދަދެއްނޫން. އަދި ބައިވެރިވެވަޑައިގެންނެވި ކަނބަލުންގެ އަދަދަށް ބަލާކަމަށްވަންޏާ ފަރުދުންގެ ތެރެއިން، ފަރުދުންގެ ގޮތުގައި 420. ގްރޫޕްތަކުގެ ތެރެއިން 90. އަދި ކްލަބް ޖަމްޢިއްޔާ، އެން.ޖީ.އޯތަކުގެ ތެރެއިންވެސް 91. ގިނަ އަދަދެއްގެ ކަނބަލުން މި މައުރަޒުގައި ބައިވެރިވެވަޑައިގެންފައިވޭ. އެހެންވެގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މި ޖަލްސާ މިހާ ފުރިހަމަވެގެންވެސް މިދަނީ. އެހާގިނަ އަންހެން ބޭފުޅުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.


އަޅުގަނޑުމެންނަށް މި މައުރަޒުގެ ތެރެއިން ފެނިގެންދާ ކަންތައްތަކުގެ ތެރޭގައި މި ކަނބަލުންގެ އެކްސްޕޯ އިންތިޒާމު ކުރެއްވި ފަރާތުން އެދިވަޑައިގެންފައި ހުރީ ކޮން ކަންތައްތަކެއްތޯ ހާސިލުކުރުމަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އެންމެބޮޑަށް ބޭނުންވެފައި އޮތްކަމަކީ އަންހެނުންގެ ހުނަރު ދެއްކުން ޝައްކެއްވެސްނެތްގޮތުގައި. އެކަމަކު އަންހެނުންގެ ހުނަރު، މުޅި ދިވެހި ރައްޔިތުންނަށާއި އަދި މި މައުރަޒަށް ޒިޔާރަތްކުރާ ބޭރުގެ މެހުމާނުންނަށް ދެއްކުމުގެ ބޭނުމަކަށްވަނީ، އަންހެނުންގެ ދައުރު ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްމިދާގޮތް ކިހާ ސާބިތުކަމާއެކީގައިތޯ ކުރިޔަށްދަނީ ދައްކުވައިދެއްވުން. އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އަޅުގަނޑުމެން ދައްކަން. އަންހެނުން އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ހަދާ ވާހަކަ އަޅުގަނޑުމެން ދައްކަން އެބަ. އަންހެނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބައެއް ކަމުގައި ހަދާ ވާހަކަ އަޅުގަނޑުމެން ދައްކަން. ހަމައެކަނި މި ދައްކަނީކީ އަންހެނުންގެ ހަވާސާވެފައި ހުރި ޙައްޤުތަކެއް ހޯދައިދޭ ވާހަކައެއް ނޫން. އެއީ އެއްބައި. ޝައްކެއްވެސްނެތްގޮތުގައި އެންމެ މުހިންމު އެއްބައި އެއީ. އެކަމަކު އެއާއެކީ، އަޅުގަނޑުމެންނަށް ފެންނަން މި ޖެހެނީ އަދި އަންހެނުންގެ ޙައްޤުތަކުން، އަންހެނުން ހަވާސާ ނުވިނަމަވެސް، އަންހެނުންނަކީ ބާރުވެރި ބަޔެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަން އެބަޖެހޭ. ޝައްކެއްވެސްނެތްގޮތުގައި މިރޭގެ މައުރަޒުން ދައްކުވައިދީފި، އަންހެނުންނަކީ ހުނަރުވެރި ބަޔެއްކަން. އަދި މިރޭ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، އަންހެނުންނަކީ ސާބިތުކަންމަތީ ތިބި ގިންތިއެއްކަން. ކަނބަލުންތަކެއްކަން.


އެހެންވީމާ، އަންހެނުންނަށް ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސަތުގައި ކަނޑައެޅިފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މި ހިތްވަރުދެނީ، އަޅުގަނޑުމެންގެ ސަރުކާރުން މި ހިތްވަރުދެނީ، ދެންމެ ޖެންޑަރ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިގޮތަށް، އަންހެނުންނަށް ލިބެންވާ ޙައްޤުތައް އެކަނި ހޯދައިދިނުމެއް ނޫން. އަންހެނުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމާއެކު، މިއަދުގެ އާބާދީގެ، މަސައްކަތުގެ އާބާދީގެ 45 އިންސައްތައަކީ އަންހެނުން ކަމުގައިވާއިރު، އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، އަންހެނުންނާއި ފިރިހެންނުންނާއި، ވަޒީފާގެ ހުރިހާ ކަމެއްގައާއި އަދި މަސައްކަތުގެ ދާއިރާގައި އަންހެން ބޭފުޅުން ކުރިމަތިލައްވާ މަސައްކަތްތަކުގައި އެއްވެސް ތަފާތެއް އޮވެގެން ނުވާނެކަމަށް. ހަމަ ހުރިހާ ކަމެއްގައި ހަމަހަމަ ފުރުޞަތުތަކެއް ލިބެންވާނެ. އަދި މަސައްކަތުގެ ދާއިރާގައި އުޅުއްވާއިރު، މި ހަމަހަމަކަން ތަރުތީބުވެގެން ދާންޖެހޭނެ. މިއީ މިއަދުގެ ސަރުކާރުގެ ސިޔާސަތު.


އަޅުގަނޑުމެން ޚާއްޞަ މަސައްކަތެއް ސަރުކާރުން މި ކުރަނީ އަންހެން ބޭފުޅުންނަށް ކަންކަމުން ޖާގަ ހޯދައިދޭން. އަންހެން ބޭފުޅުންގެ ތަޢުލީމަށް ބަލާކަމަށްވަންޏާ ޝައްކެއްވެސްނެތްގޮތުގައި، މަތީ ތަޢުލީމު ހާސިލުކޮށްގެން އަންނަ ބޮޑު ޕަސެންޓޭޖެއް މި ހޯދާފައި މިހުރީ އަންހެން ބޭފުޅުން. ފިރިހެނުންނަށްވުރެ އަންހެނުން މި ކަމުގައި ކުރީގައި މި އުޅުއްވަނީ. އަންހެން ބޭފުޅުން ކުރީގައި އުޅުއްވަނީ. އެހެންވީމާ، ސަރުކާރުގެ މަތީ މަޤާމުތަކަށް އަންހެން ބޭފުޅުންނަށް ވާޞިލުވެވެންނުޖެހޭ ހަމަ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިގެންދޭ، ވިޔަފާރިއާއި ޞިނާޢަތުގެ ދާއިރާތަކުގައި މަދުމަދުން އަންހެން އޮންޓްރޮޕްރޮނަރސް ހަރަކާތްތެރިވަމުންދާތަން. އަޅުގަނޑުމެން ދެކެން ބޭނުންވަނީ ޞިނާޢަތްތަކުގައި އަންހެން އޮންޓްރޮޕްރޮނަރުންގެ ދައުރު މިއަށްވުރެން އިތުރުވެގެން ދިޔުން. ސަރުކާރުން ޕްރޮއެކްޓިވް، ނޫނީ އިސްނަގައިގެން ކުރާ މަސައްކަތްތަކެއް މިކަމުގައި އެބަ ކުރަން. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް، އަމާޒަކަށް ހަދާފައި އެއޮތީ، ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގައި، ނޫނީ ސަރުކާރުގެ މައި، ސަރުކާރުގެ ބޮޑު ޙިއްޞާއެއް އޮންނަ ހުރިހާ ކުންފުނިތަކެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަސެންޓޭޖަކީ 40 އަށް އަންހެން ބޭފުޅުންގެ އަދަދު ހަމަޖެއްސުމަށް. މިހާރު އެމަސައްކަތް ކުރަމުންދާތާ ދުވަސްތަކެއްވެއްޖެ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިހާރު ސަރުކާރުގެ ކުންފުނިތަކުގައި އެވްރެޖްކޮށް ބޯޑުގައި 20 ޕަސެންޓަށްވުރެ ދަށެއްނުވާނެ. އަޅުގަނޑުމެންގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ މި އަމާޒަށްވެސް އަޅުގަނޑުމެން ވާޞިލުވާނަން.


ސާބިތުކަމާއެކީ އަންހެން ބޭފުޅުންގެ ހުނަރުތައް ފެނިގެންދާއިރު، އަޅުގަނޑުމެންނަށް މިމައުރަޒުން އަޅުގަނޑުމެން ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ވަރަށް ކަވި، ވަރަށް ފަންނީ، ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން، ވަރކިންގ އަވަރޒް، ހިއުމަން އަވަރޒަށް ބަލާކަމަށްވަންޏާ، މޮޅު ގަޑިއެއް ހަދާ އަރޓިޒަންއެއްގެ މަސައްކަތް ގޮތަށް ފެންނަން ހުރި މަސައްކަތްތަކެއް ފެންނަން މި މައުރަޒުގައި އެބަހުރި. މިއަށް ބާޒާރު ހޯދަން ކުރާ މަސައްކަތް ކުރާނީ ކިހިނެއްތޯ؟ އަޅުގަނޑުގެ ކުރިން، އަޅުގަނޑަށް މި ލިބުނު ޝަރަފު ލިބިވަޑައިގެންނެވީ ހަމަ އެންމެ ފިރިހެން ބޭފުޅަކަށް. އެއީ އިކޮނޮމިކް މިނިސްޓަރ ސަޢީދަށް. މުޅި މިތަނަކީ އަންހެން ބޭފުޅުންގެ ޖަލްސާއެއް. ޖަލްސާ އިންތިޒާމުވެފައި އޮތްއިރު ސަޢީދަށްވެސް މިތަނުން ގޮނޑިއެއްވެސް ލިބިވަޑައިނުގެންނެވި. ފަހަތުންފަހަތުން ގޮސް ސްޓޭޖަށް އަރައި ވާހަކަފުޅު ދެއްކެވިއިރު، އަންހެނުންގެ މި ހުނަރުވެރިކަން ޕްރޮޑަކްޓްތަކެއްގެ ސިފައިގައި ނުކުތީމަ، އަޅުގަނޑުމެން ބާޒާރު ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކެއް ކުރެވޭނީ ކިހިނެއްތޯ އެ މަނިކުފާނު ފާހަގަކޮށްދެއްވި.


މި މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ ވިސްނުމަށް ދެން ގެންނަންވީ، އަޅުގަނޑުމެން ފަންނީ މީހުންކޮޅެއް، ޤާބިލު މީހުންކޮޅެއް ތިންކާއެކު މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިދެންނެވި ކަހަލަ ގިނަވަގުތު ނަގައިގެން މިހަދާ ކަވި، ބުރަ މަސައްކަތުގެ ތެރޭގައި. ޝައްކެއްވެސްނެތްގޮތުގައި، އެ އެއްޗެއް އުފައްދަވާ ބޭފުޅަކަށް އަހަރެއްގެ ތެރޭގައި އެކަހަލަ ހައެއްކަ ނުވަތަ ޑަޒަނެއްހާ ޕްރޮޑަކްޓްކަންނޭނގެ އުފެއްދެވޭނީ. އެއީ އޭގެ ޒާތުގައި ހަމަ ވަރަށް އަގުބޮޑު އެއްޗިއްސަށް އެބަ ވާންޖެހޭ. އެހެންވީމާ، އެކަހަލަ ފަންނުތަކަކަށް އަޅުގަނޑުމެން ހިތްވަރުދޭ ކަމަށްވަންޏާ މިމައުރަޒުގެ ތެރޭގައި، އެންމެ ވަރުގަދަ ފަންނާނުން ކުރައްވާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ދަނީ އެކަހަލަ މަސައްކަތްތަކެއް. އެންމެ މަޝްހޫރު ސްވިސް ވޮޗްމޭކަރުންވެސް މިކުރާ މަސައްކަތަކީ މިކަހަލަ މަސައްކަތްތައް. އެ މަސައްކަތްތައް ދަންނަވަނީކީ ނޫން. އެކަމަކު އޭގެ ވައްޓަފާޅިއަށް ބަލާކަމަށްވަންޏާ، އޭތި މާކެޓް ކުރުމަށްޓަކައި، އެ ޕްރޮޑަކްޓެއް މާކެޓް ކުރުމަށްޓަކައި ކުރެވޭނީ މިދެންނެވި ކަހަލަ މަސައްކަތްތަކެއް. އެކަހަލަ ހުނަރުވެރި، ކަވި މަސައްކަތް ކުރައްވާ ބޭފުޅުންނަށް، އެންމެ އަގުބޮޑުކޮށް ކޮންކަހަލަ ޕްރޮޑަކްޓެއްތޯ އުފެއްދޭނީ؟ މިކަމާދޭތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އެބަ ވިސްނުންތަކެއް ވިސްނަންޖެހޭ. ރިސަރޗް ކުރަން އެބަޖެހޭ.


ދެން އޭގެ އަނެއް ގިންތިއަކަށް މިއޮތީ، ގިނަ އަދަދެއްގެ އެއްޗެތި އުފެދިގެންދާ ގިންތިއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި، ރާއްޖޭގެ ސަގާފަތުގެ ތެރެއިން، ނޫނީ ތަރަކައިގެ ތެރޭގައި މަދުވަމުން، ހީނަރުވަމުންދާ ފަންނެއް އަޅުގަނޑުމެން ދިރުވަން މަސައްކަތް އެބަ ކުރަމު. އާދެ، އަޅުގަނޑުމެންނަށް ފެނިގެންދާނެ، ކުނަލުގެ އެކި ބާވަތްތައް. ތުނޑުކުނަލުގެ އެކިބާވަތްތައް އަޅުގަނޑުމެންނަށް އެބަފެނޭ. ލިޔެލާޖެހި މަސައްކަތަކީ ހީނަރުވެފައި، އެހެންނަމަވެސް، އެކަމުގެ ތެރެއަށް މެޝިން ބޭނުންކޮށްގެން ކަންތައްތައް ކުރަން ފެށީމާ، އެ މަސައްކަތަކީ، އެ ފަންނަކީ، އިތުރު މީހުން އެ މަސައްކަތުގައި އުޅެ އަދި އިތުރު އޭގެ ޕްރޮޑަކްޓް އަޅުގަނޑުމެންނަށް ބާޒާރު ލިބޭވަރު މިންވަރަކަށް ކުރެވޭ މަސައްކަތަކަށް އެބަވޭ.


މީގެ އަހަރުތަކެއް ކުރިން ޓްރޭޑް މިނިސްޓްރީން، މިހާރު އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ތެރޭގައި، މާކްސް ދެއްވާ އުސޫލުގެ ތެރޭގައި، އެ އުފައްދާ ތަކެތީގެ ތެރޭގައި ބާޒާރު ލިބޭ މިންވަރުގެ ތަކެއްޗަކީ ކޮބައިތޯ ބަލާފައި، ބާޒާރު ލިބޭ މިންވަރަށް މާކްސް ކަނޑައެޅުއްވީ ހަމަ ސަބަބެއް އޮވެގެން. އޭގެ ބޭނުމަކަށްވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ދެގުނަ ތިންގުނަ، އެބަ ބޭރުގެ މެހުމާނުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ. އެ ޒިޔާރަތް ކުރާއިރު ދިވެހިރާއްޖެއަށް ޚާއްޞަ ކޮންމެވެސް ކަހަލަ ސްވެނިއާއެއް ދިވެހިރާއްޖެއިން ގެންދެވެން އެބަޖެހޭ. އަޅުގަނޑުމެންގެ ރިޒޯޓުތަކުގައި މި ހުންނަ ފިހާރަތަކުގައި އަޅުގަނޑުމެން ބޭނުންވާނީ ދިވެހި އުފެއްދުންތަކެއް ފެނިގެންދާން. އަވަށްޓެރި ޤައުމުތަކުންނާއި އަދި ދުރުން އިންޑޮނީޝިޔާ ހިސާބުން މިދެންނެވި ކަހަލަ، ހޭންޑީކްރާފްޓްގެ އެކިއެކި ބާވަތްތައް ހުރުމަކީ އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ކަމެއް ނޫން. ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގެ ބާޒާރަކީވެސް ހަމަ ޙަޤީޤަތުގައިވެސް މި ޝޮޕްތައް. މި ވިޔަފާރިތައް.


އެހެންވީމާ، ބާޒާރު ލިބޭ ނުވަތަ މާރކެޓަބްލް އައިޓަމްތަކެއް އުފެއްދޭނީ ކިހިނެއްތޯ އޭރު އަޅުގަނޑުމެން ވިސްނަމުން ގެންދިޔައިން. އެއީ ފަސޭހަކަމަކަށްނުވޭ. އެހެންވެގެން އެ ގިންތިއަށް މާކްސްވެސް ދެމުން ގެންދިޔައީ. އެންމެބޮޑު ކާމިޔާބީއެއް، އެ ގިންތިން ހާސިލުކޮށްފައި ހުރީ ހަމަ މިދެންނެވި ގޮތަށް ދިވެހިރާއްޖޭގެ ތަޞައްވުރު ދައްކައިދޭ، ނޫނީ ދިވެހިރާއްޖެއަށް ޚާއްޞަ ހޭންޑީކްރާފްޓް އައިޓަމްތަކެއް އުފެއްދުން. އެއީ އޭރު ވަރަށް ކާމިޔާބުކަމާއެކީ އަޅުގަނޑުމެންނަށް ހިންގުނު ކަމެއް. އެހެންވީމާ، މިހާރު މިކުރެވޭ އެކިއެކި މަސައްކަތުގެ ތެރޭގައި، މާރސް ޕްރޮޑަކްޝަނާ ހަމައަށް ދެވޭނެ މަސައްކަތްތައް، ވަކިވަކިން އަންހެން ބޭފުޅަކު އަމިއްލަފުޅަށް ގޭގައި އިންނަވައިގެން ކުރައްވާކަށް ފަސޭހަކަމަކަށް ނުވާނެ. ގިނަވަގުތުތަކެއް ނަގާނެ. މިހެން ދަންނަވާއިރުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް، ނޫނީ މުޅި ދިވެހިރާއްޖޭގެ ދައުލަތުގެ ބޮޑުބައެއްގެ ޒިންމާ އުފުއްލަވަނީ އަންހެން ބޭފުޅުން.


ހަމަ ސަޢީދު އެ ދެއްކެވި ވާހަކަފުޅަށް އަޅުގަނޑު ތާއީދު ކުރަމުން، އަޅުގަނޑުމެންގެ ޤައުމީ ހިސާބުތައް ހެދިފައި އޮންނަގޮތުން، ގޭތެރޭގައި އެ ދެވޭ ޚިދުމަތްތައް، ނޫނީ ޑޮމެސްޓިކް ވަރކަކީ ޖީ.ޑީ.ޕީ.ގެ ކޮމްޕޯނެންޓެއް ކަމަށް ނުބެލުނު ކަމުގައިވީނަމަވެސް، އަންހެން ބޭފުޅުން ގޭގައި އެ ކުރައްވާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި ރަނގަޅު ތަރުބިއްޔަތުގެ އަސާސް. ތަރުބިއްޔަތު އުނގަކުން ކުއްޖަކު ނުކުމެގެން ބޮޑުމީހަކަށް ވެގެން މި އަންނަނީ. އެކަމަކު މިއަދުވެސް ދިވެހިރާއްޖޭގެ ޙާލަތަކީ، މިއަދުވެސް ދިވެހިރާއްޖޭގެ ޙާލަތަކީ، އަންހެން ކަނބަލުންގެ ހީވާގިކަމާ ދޭތެރޭގައި އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ޙާލަތެއް.


އަޅުގަނޑުމެންގެ ދިރިތިބުމަށް އެންމެ މުހިންމު ދެ ދާއިރާއެއްގެ ގޮތުގައި ޝައްކެއްވެސްނެތްގޮތުގައި މިވަނީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ. މިއަދުވެސް ރާއްޖޭގެ ޓީޗަރުންގެ އާބާދީ ބައްލަވާ! ޓީޗަރުންގެ އާބާދީގެ ބޮޑު އިންސައްތައަކީ އަންހެން ބޭފުޅުން. ކަނބަލުން. ހަމަ އެހެންމެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުންގެ ތެރޭގައިވެސް ބޮޑު އިންސައްތައަކީ އަންހެން ބޭފުޅުން. މިއީ ދޮގެއްތޯ އިންސާނުންގެ ކުރިއެރުމަށް އެންމެބޮޑު އަސާސްގައި ހިމެނޭ ދެކަމަކީ؟ މިއާއެކީ ދެން އަންނާނީ އިޤްތިޞާދީ ފުދުންތެރިކަމާއި، ޖީބުގެ ތަނަވަސްކަމާއި، ގެޔަށް ޓީ.ވީތޯ ލާނީ ނޫނީވިއްޔާ އަވަންތޯލާނީ. މިބައިބައި އޭގެފަހުން އަންނާނީ. އެހެންވީމާ، މިހާރުވެސް ދަރިން ތަރުބިއްޔަތު ކުރުމާ ހަމައިންވެސް، ދެން އަންހެނުން މަސައްކަތަށް ނުކުމެ، އަންހެން ކަނބަލުން މަސައްކަތަށް ނުކުމެ މަސައްކަތް ކުރައްވާ ދާއިރާތަކަށް ބަލާކަމަށްވަންޏާ، މުޅި ދައުލަތަށް އެންމެ ޚިދުމަތްތެރި ދެ ދާއިރާގެ ގޮތުގައި މިއޮތީ ޞިއްޙީ ދާއިރާ. އަދި ތަޢުލީމީ ދާއިރާ. މިއީ ބިނާކުރަނިވި ދެ ދާއިރާ. މި ދެ ދާއިރާގައިވެސް އެންމެބޮޑު އަދަދެއް ހިއްސާ މި ކުރަނީ، ވަޒީފާގެ ބާޒާރުގައި އަންހެން ކަނބަލުން.


އާދެ، އަޅުގަނޑު ކުރިން ދަންނަވާލި ގޮތަށް، އަޅުގަނޑުމެން ގިނަ އަދަދެއްގެ މުދާ އުފައްދާއިރު، ނޫނީވިއްޔާ މައުރަޒުގައި ދައްކަން މި ބޭނުންވާ އެއްޗެހި ބާޒާރު ލިބޭނެ މިންވަރަކަށް އުފައްދާ ކަމަށްވަންޏާ އެބަޖެހޭ ކޮންމެވެސްކަހަލަ އޮޓޮމޭޝަނެއް މި މަސައްކަތަށް އަންނަން. ލިޔެލާޖެހި މަސައްކަތް އެހާ ކާމިޔާބުވެގެން އެދިޔައީ، ކުރީގައި އަތުން އެކުރި މަސައްކަތް މިހާރު މިކުރަނީ ލޭތުން. ލިޔެލާޖެހި އެއްޗަކަށް މި ގެންނަ ބުރުސޫރަ، ނޫނީ ބައްޓަން މި ގެންނަނީ ލޭތް މެޝިނަކުން. އެހެންވީމާ، އޭގެތެރެއަށް އޮޓޮމޭޝަން އެބައާދޭ. އެހެންވީމާ، ކުރީގައި އެތައް ދުވަހަކު އެކުރި ކަވި މަސައްކަތް މިއަދު އެއޮތީ ހަމަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ގެންނަންވާ އެގްޒިބިޓަކަށް، ނޫނީވިއްޔާ އެ ގެންނަންވާ ޕްރޮޑަކްޓަކަށް އޭގެ ބުރުސޫރަ ގެނެވިފައި. އޭގެފަހުން އޭގައި އެކިއެކި ކުލަތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ރާއްޖޭގައި އެންމެކުރިން މިކަން ކުރެވުނު ގޮތަކީ އެކުލައަކީވެސް ރާއްޖޭގައި އުފެއްދި އެއްޗެއް. މިއަދު ކުލަޔަކީ ނޫނީ ޕިގްމެންޓޭޝަނަކީ ނޫނީ ޕިގްމަންޓަކީ އަޅުގަނޑުމެން ބޭރުން އިމްޕޯޓްކޮށްގެން ގެންނަ އެއްޗެހި. ރާއްޖޭގެ އެކިކަހަލަ ގަސްގަހުގެ މުލުން ތަޅައިގެން ނެރޭ ދިޔައިން މި އުފައްދާ ޕިގްމަންޓްގައި، ކުލަޔަކީ ދާއިމަށް ހުންނަ އެއްޗެއް.


އަޅުގަނޑު ހަމަ މިރޭ ފަޚުރުވެރިކަމާއެކީ ދަންނަވާނަން ތިޔަބޭފުޅުންނަށް. އަޅުގަނޑުގެ އަތުގައި މިހާރުވެސް އެބައޮތް، އަޅުގަނޑުގެ ކާފަ، ލިޔެލާޖެހި މަސައްކަތުގައި ބޭނުންކުރެއްވި އެއްޗެއް. ކާފަ އަތުން ހައްދަވާފައި އޮތް ވިޔާކަށްޓެއް އެ ކަށްޓަކީ. އެ ކަށި މިއަދުވެސް އަޅުގަނޑުގެ އަތުގައި އެބައޮތް. އެއަށް ހަމަގައިމުވެސް 100 އެތައް އަހަރެއް ވެދާނެ. އަދިވެސް އޭގެ ކުލަޔަކަށް އެއްވެސް ބަދަލެއް ނާދެ. ހަމައެކަނި އެޔަށް އައި ބަދަލަކީ، ފަންސުރެއް ކަހަލަ ދިގު ވިޔާ ކަށްޓަކަށްވާތީ، އަޅުގަނޑުގެ ދޮށީ ދަރިފުޅު، ފިރިހެން ކުއްޖެއް، ކުޑައިރު، އޭނާ ފަންސުރެއް ކަމަށް ހީކޮށް ޝާރޕްނަރއިން އޭތި ތޫނުކޮށްލާފައި އޮތީ. އެނޫން އެއްވެސް ބަދަލެއް ނާދޭ. އެހެންވީމާ 100 އެތައް އަހަރެއް ވެފައިހުރި އެއްޗެހި، ޕިގްމެންޓޭޝަނަށް އެއްވެސް ބަދަލެއްނައިސް އަދި އޭގެ އެއްވެސްކަހަލަ ކްރެކެއް، ނޫނީވިއްޔާ ރެނދެއް މިކަހަލަ އެއްވެސް ހަލާކުވުމެއް، ޢައިބުކަމެއްނެތި ޕްރިޒަރވް އެބަ ކުރެވޭ. އެހެންވީމާ މިއީކީވެސް ފަސޭހަކަމެއް ނޫން. މިއީވެސް މޮޅު ފަންނެއް.


އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ މައުރަޒުތައް ބާއްވައިގެން، އަންހެން ކަނބަލުން ތިޔަ ކުރައްވާ މަސައްކަތުގައި ބާޒާރު ލިބޭ މިންވަރާއި އަދި މީގެތެރެއިން އިޤްތިޞާދީ ނަފައެއް ތިޔަބޭފުޅުންނަށް ހޯދައިދިނުމަށްޓަކައި، ދާއިމީގޮތެއްގައި މި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު ހިތަށްއަރަނީ މިނިސްޓަރ ސައީދު އެބަޖެހެޔޭ އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކޮށްދެއްވަން. ތިޔަ ކަނބަލުންނަށް މަސައްކަތްތަކެއް ކޮށްދެއްވަން. އެއީ މިދެންނެވި ކަހަލަ ގިނަ މޭން އަވަރޒް، ނޫނީވިއްޔާ އަންހެން ބޭފުޅުންގެ ވަގުތު، ދެން ވުމެން އަވަރޒްއެއް ނުކިޔާ. މާފުކުރައްވާތި! ގިނަވަގުތު ހޭދަކޮށްގެން މި ހަދާ ވަކިވަކި އާޓް އިފެކްޓްސް، ނޫނީ ވަކިވަކި އައިޓަމްތައް، އޭގެ މަދު އެއްޗެތިތަކެއް މި ހެދެނީ. އެހެންވީމާ، އެކަހަލަ އެންމެމޮޅު އެއްޗެތި ހަދަން، ކޮންކަހަލަ ޑިޒައިނެއްތޯ، ކޯޗެއްތޯ ހަދަނީ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. ދެން ކުރަން މިޖެހެނީ، އަޅުގަނޑުމެން ގިނަ އަދަދެއް އުފައްދައިގެން ބާޒާރު ހޯދަން މިކުރާ މަސައްކަތުގައި، ކޮންމެވެސްކަހަލަ އޮޓޮމޭޝަން ޕްރޮސެސްއެއް، އޭގެތެރެއަށް އެބަ ގެނެވެންޖެހޭ. ނުގެނެވޭކަމަށްވަންޏާ އަޅުގަނޑުމެންގެ މި ފަންނުތަކެއް ކުރިޔަކަށްނުދާނެ.


މިކަހަލަ މައުރަޒެއް ބޭއްވުމުގައި، ހީވާގި ކަނބަލުންގެ މައުރަޒު، ނޫނީވިއްޔާ އެކްސްޕޯ އޯގަނައިޒް ކުރެއްވި ބޭފުޅުންގެ އެންމެބޮޑު ބޭނުމަކަށްވަނީ، ދާއިމީކޮށް އަންހެން ބޭފުޅުންގެ މިކަހަލަ ހުނަރުތައް އަބަދު އަޅުގަނޑުމެންނަށް ފެނިގެން ދިޔުން. އަދި ހަމައެހެންމެ، ބާޒާރު ލިބޭކަހަލަ އެއްޗެހިތަކެއް އުފެދިގެން ދިޔުން. އަދި އޭގެ ނަތީޖާއަކަށްވާނީ ގޭގައި ތިޔަ ކުރައްވާ ބުރަ މަސައްކަތް ކުރައްވަމުންވެސް، އަންހެން ބޭފުޅުން ގޭގައި ތިއްބަވައިގެންވެސް އާމްދަނީ ލިބޭނޭ މަސައްކަތްތަކަކަށް މި މަސައްކަތްތައް ވެގެންދިއުން. މިހުރިހާ އެއްޗެއްގެ އާޚިރުގެ ނަތީޖާއަކީ ކަނބަލުންނަކީ ހީވާގިކަމުގެ އިތުރަށް، އަމިއްލަ ފުދުންތެރިކަމެއް ތިޔަބޭފުޅުންނަށް ޚާއްޞަވާ ކަނބަލުން ކަމުގައި ވެގެންދިޔުން.


ޝައްކެއްވެސްނެތްގޮތުގައި، މިއޮންނަ މުޙާވަރާ ބަސް އަޅުގަނޑު އަނބުރާލާފައި ބުނާނަން. [ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ހުންނާނެއޭ ހީވާގި ފިރިއެއް.] އެހެންވީމާ، އަންހެން ބޭފުޅުން އެ ކުރައްވާ މަސައްކަތަށް ހިތްވަރުދޭނެ ފިރިން ތިބޭނެ. އަދި ހިތްވަރުދޭނެ ފިރިހެނުން ތިބޭނެ. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މިމަސައްކަތް އޮޓޮމޭޓް ކުރާނެ ގޮތްތަކެއް ރާވަން. އޮޓޮމޭޓް ނުކުރެވޭ ކަމަށްވަންޏާ މިއީ ހަމަ އަޅުގަނޑުމެންނަށް މިކަހަލަ މައުރަޒަކަށް އެކަނި ނޫނީ އަޅުގަނޑުމެންނަކަށް މިކަހަލަ އެގްޒިބިޓްތަކެއް ބައިވެރިއެއް ނުކުރެވޭނެ. އެވަރުގެ ހިތްވަރެއް ނުހުންނާނެ.


އެހެންވީމާ، މިރޭގެ މި މައުރަޒުން އަޅުގަނޑުމެންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެނިގެންދާނީ ކިހާ ފަންނުވެރި ކަނބަލުންތަކެއް ރާއްޖޭގައި އެބަ ތިބިކަން. އަދި މި މައުރަޒުން މިޒަމާނުގެ ޓެކްނޮލޮޖީއާ އެއްގޮތަށް، ނޫނީ މިޒަމާނުގެ ބައްޓަމާ އެއްގޮތަށް ތަކެތި އުފައްދަން މަސައްކަތްކޮށްފައި ހުރިތަން އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. ކުރީގައި އެކުރާ މަސައްކަތް އެކުރިގޮތަށް ކުރިކަމުގައިވީނަމަވެސް، މިޒަމާނުގެ ބައްޓަމަށް އެ އެއްޗެތި ފައްތަން އެބަހުރި ގިނަ މަސައްކަތްތަކެއް ކުރެވިފައި. އަދި މި މައުރަޒަކީ، މި އެކްސްޕޯއަކީ އޭގެ ރަހަތަފާތުކަމަށް ބަލާކަމަށްވަންޏާ، ތަފާތު އެތައް ހުނަރުތަކެއް ހިމެނޭ އެކްސްޕޯއެއް. ހަވާދު ހެދުމުން ފެށިގެން، ކޭކް ޑެކަރޭޓް، އަތްތެރިމަސައްކަތް، ލިޔެލާޖެހުން، ހެދުންފެހުން، ކްރޮޝޭ. މިކަހަލަ އެތައް ތަފާތު ހުނަރުތަކެއް މި މައުރަޒުން އަޅުގަނޑުމެންނަށް ޑިސްޕްލޭވެގެން ފެނިގެން އެބަދޭ. މި ހުރިހާ ފަންނަކީ އެ ފަންނުތަކުގެ އަންހެން ބޭފުޅުން ހަމަ އެންމެ އިސް ސަފުގައި އަޅުގަނޑުމެންނަށް ފެނިގެންދާ ފަންނުތައް. ޤައުމީ ތަރިކައަކަށް ބަލާކަމަށްވަންޏާވެސް، މީގެތެރޭގައި އެބަހުރި ފަންނުތަކެއް، އަޅުގަނޑުމެން އަބަދުވެސް ހިމާޔަތްކުރަން ބޭނުންވާ ފަންނުތަކެއް.


އަޅުގަނޑުމެންނަށް އަބަދުވެސް މި ތުނޑުކުނަލާއި، ކުނަލުގެ ބާވަތްތައް މި ޚާއްޞަވެގެންދަނީ ގައްދޫއަށް. ޝައްކެއްވެސްނެތްގޮތުގައި ގައްދޫގެ މި ފަޚުރުވެރި ވަނަ އަޅުގަނޑުމެން ގައްދޫއަށް އެބަދެން. އެހެންނަމަވެސް އެއާއެކީ ހަމަ ގައްދޫ ނޫން އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެންނަށް މިކަހަލަ ކުނާތައް އެބަ ފެންނަންޖެހޭ. އުފެދެން އެބަޖެހޭ. ކުރީގައި ލިޔެލާޖެހި މަސައްކަތުގައި އަދި މިހާރުވެސް އެހެންކަންނޭނގެ އެކަންއޮތީ. ލިޔެލާޖެހި މަސައްކަތުގައި އެންމެ ޚާއްޞަ މަސައްކަތެއް ކުރާބަޔަކީ، ނޫނީ އެފަންނު އޮތީ ބ.އަތޮޅުގައޭވެސް އަޅުގަނޑުމެންނަށް ބުނެވިދާނެ. ބ.އަތޮޅުގެ ފަންނެއް އެއީ. އެހެންނަމަވެސް މިހާރު އެފަންނު އަޅުގަނޑުމެންނަށް އެބަފެނޭ، އެހެން ދިމަދިމާލުންވެސް. އެ ފަންނު އެހެން ދިމަދިމާލުން އެ ފެންނަނީ، މިދެންނެވި ގޮތަށް އޭގެތެރެއިން މެޝިންގެ މަސައްކަތް އޮޓޮމޭޓް ކުރުމުގެ ބައި އައިމަ. އެހެންވެގެން އެ ފަންނު އެހާ ފުޅާވެގެން އެދިޔައީ. ކުރީގައި ލިޔެލާޖެހި މަސައްކަތެއް ކުރުމަށްވުރެން މާ ފަސޭހަކޮށް މިހާރު ހަމަ އެ މަސައްކަތްކޮށް ނިންމާނެ.


އަޅުގަނޑު މި މައުރަޒުން ދެން ދެކެން ބޭނުންވާކަމަކީ، މި މަސައްކަތުގައި ދެމިތިއްބަވާނެ ބޭފުޅުންތަކެއް އަޅުގަނޑުމެންނަށް ފެނިގެންދިޔުން. އަޅުގަނޑުމެންގެ ތެރެއިން ނެތިގެންމިދާ ފަންނުތައް. މިހާރު އެ ފަންނުތަކުގެ އެއްޗެތި އުފައްދަވާ ބޭފުޅުން އެބަވޭ މުދައްރިސުންނަށްވާން. އެބަޖެހޭ އެ ފަންނުތައް އަޅުގަނޑުމެންނަށް ކިޔަވައިދޭން. ދެންތިބި ކުދިންގެ ޝައުޤުވެރިކަން ހޯދާނެ ގޮތެއް ހޯދަން. އެކަމަކު އެ މަސައްކަތުގައި ދެމިތިބެވޭނީ ދެންމެ އަޅުގަނޑުވެސް އަދި މިނިސްޓަރ ސަޢީދުވެސް އެ ވިދާޅުވިގޮތަށް އެ އެއްޗިއްސަކީ ބާޒާރު ލިބޭ، އުފައްދާތަނުން ވިއްކާލެވޭ އެއްޗިއްސަށް އެ އެއްޗެހި ހަދައިދެވިގެން. އެ މަސައްކަތް ކުރުމަށް ދެން އަޅުގަނޑު ބަލާނަން، އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން އަދި ޕްރައިވެޓް އެންޓަރ ޕްރައިޒް، ނޫނީވިއްޔާ ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ކިހިނެއްތޯ އަޅުގަނޑުމެން އެކަން ހާސިލުކުރާނީ؟ އެކަމަކު އެކަން ކުރުމަށްޓަކައިވެސް އަޅުގަނޑު މިދެންނެވި މުދާ އުފެއްދުމާ ހަމައިން އަންނަންޖެހޭ ދެ ބަދަލު އަޅުގަނޑު މި ދެންނެވީ. އެކަހަލަ ބަދަލުތަކެއް އައިސްގެން އަޅުގަނޑުމެންނަށް ބާޒާރު ލިބޭގޮތަކަށް އަދި އަންހެން ބޭފުޅުންނަށް ދާއިމީ ރަނގަޅު އާމްދަނީއެއް ލިބޭގޮތަކަށް މި މަސައްކަތް ކުރެވޭނީ.


ހަމައެއާއެކީ، މިއަދުގެ ރަސްމީ ތަޢުލީމުގެ މުޤައްރަރަށް އައިސްފައި ހުރި ބަދަލުތައް އަޅުގަނޑު ދަންނަވާލާނަން. ރަސްމީ ތަޢުލީމުގެ މުޤައްރަރަކީ އެއްގޮތަކަށްވެސް މިހާރު ހަމައެކަނި ފޮތުން ކިޔެވުމެއްނޫން. އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑުމެންގެ އަމާޒަކަށްވީ، އެއްވެސް ކުއްޖަކީ ތަޢުލީމީ ނިޒާމުން އަދި އޭގެފަހުން މަސައްކަތުގެ ވެށިން ބާކީވެގެންދާނެ ކުއްޖަކަށް ވެގެންނުވާނެ ކަމަށް. އެކަން ކުރުމަށްޓަކައި ތަޢުލީމީ ނިޒާމުގެ ތެރެއަށް ތަޢާރުފް ކުރައްވާފައި މިއޮތީ، މިދެންނެވި ކަހަލަ ސްޓްރީމެއް. ބީޓެކް ސްޓްރީމެއް ތަޢާރުފް ކުރައްވާފައި އެބައޮތް. ޓިވެޓުން ޚާއްޞަ ފަންނީ މަސައްކަތްތަކެއް އެބަ ދަސްކޮށްދޭ. އެހެންވީމާ ކުދިން މަތީ ގްރޭޑްތަކަށް ދިޔައިމާ ބީޓެކް ސްޓްރީމްގެ ތެރެއިން، ނޫނީވިއްޔާ ޓިވެޓުގެ ތެރެއިން ނަމަވެސް، އެކުދިންނަށް މިދެންނެވި ކަހަލަ، އެކުދިންނަށް މަތި ތަޢުލީމާ ހަމައަށް ދާން ދަތިތަކެއް ހުންނަ ކުދިންނަށް ޢަމަލީ މަސައްކަތުގައި މަސައްކަތެއް ދަސްކޮށްގެން ނުކުމެ، ސްކޫލުން ވަކިވާ ދުވަހުން ފެށިގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތަކެއް މިހާރު މިވަނީ ތަނަވަސްކޮށްދެވިފައި. އަދި އެ މަސައްކަތްތަކުގެ، ނޫނީ ހުނަރުތަކުގެ އެޕްރެންޓިސަސް ޕްރޮގްރާމްތަކެއް، ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން އިންޓަރންޝިޕްގެ އުސޫލުން އެބަ ހަމަޖައްސައިދޭ. މިއީ އަޅުގަނޑުމެންގެ ދަރިވަރުންގެ ތެރޭގައި ވަރަށް މަޤްބޫލު ޕްރޮގްރާމަކަށް މިހާރު މިއޮތީ ވެފައި. ގްރޭޑް 8، 9، 10 ގައި އުޅޭ ކުދިން، އަޅުގަނޑަށް ތަފާސް، ކުށް ކަމުގައި ނުވާކަމަށްވަންޏާ 20 ޕަސެންޓަށްވުރެ މަތީކުދިން މި ސްޓްރީމިންގައި އެބައުޅޭ.


އެހެންވީމާ، އޭގެމާނައަކީ ފޮތުގެ ތަޢުލީމުގެ އިތުރަށް، ހުނަރުތަކެއް ދަސްކުރަން ބޭނުންވާ ކުދިންތަކެއް އެބައުޅެއޭ. ހަމައެހެންމެ އުފަލާއެކީ، ހުނަރުތަކެއް ނޫނަސް މިހާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި އަދި އިތުރު ސްކިލްތަކެއް އެބައާދޭ. ލައިފް ސްކިލްސް އެބަހުރި ތަޢާރުފް ކުރައްވާފައި. ލައިފް ސްކިލްސްއަކީ ޝައްކެއްވެސްނެތްގޮތުގައި، ޚާއްޞަކޮށް ކަނބަލުންނަށް ބޭނުންވާ އެއްޗެއް. އެންމެބޮޑަށް ކަންތައްތަކުގައި އިހާނެތިކުރެވިގެން މިދަނީ އަންހެން ބޭފުޅުން. ގޭތެރޭގައި ހޫނުގަދަވި ނަމަވެސް، އެ ހޫނު ނަގަން ތިބޭ ބަޔަކީ އަންހެނުން. ވަޒީފާއެއް ނުލިބިގެން މަސައްކަތް ކުރާއިރުވެސް އެ ހޫނު ނަގަން ތިބޭ ބަޔަކީ އަންހެނުން. ކުދިން ހިތްހަމަނުޖެހިގެން ހޫނުވިޔަސް، އެ ހޫނު ތަޙައްމަލް ކުރަން ތިބޭ ބަޔަކީ އަންހެނުން. އެހެންވީމާ، މިދެންނެވިކަހަލަ ކޮންފްލިކްޓް، ނޫނީ މިދެންނެވި ކަހަލަ އަރާރުންތައް ޙައްލުކުރަން ކޮންމެވެސްކަހަލަ ހުނަރުތަކެއް މަދަރުސާކުދިންނަށް އެބަ ދަސްވާންޖެހޭ. އަދި ރަނގަޅަށް ކަންކަމުގައި މީހުންނާ ވާހަކަދައްކާނެ ގޮތްތައްވެސް އެބަދަސްވާންޖެހޭ. މިހުންނަނީ ލައިފް ސްކިލްސް. މިހުންނަނީ ކޮންމެހެން ފޮތްފޮތުން ރަސްމީ މުޤައްރަރުގެ ތެރޭގައި ކިޔަވައިދޭ އެއްޗިއްސެއް ނޫން. އެހެންނަމަވެސް، މިހާރުގެ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި މިބައިވެސް ހިމަނުއްވައިފި.


އެހެންވީމާ، މިއީ، ޝައްކެއްވެސްނެތްގޮތުގައި، ޚާއްޞަކޮށް ކަނބަލުންނަށް ބޭނުންވާނެ ހުނަރުތަކެއް. މިދެންނެވި ކަހަލަ އަރާރުންވާ ކަހަލަ ޙާލަތަކަށް ކަމަނާއަކު ހުށަހެޅުނީމާ، ހުށަހެޅޭލެއް ގިނަވާނެ، މަދުވުމަށްވުރެން. ހުށަހެޅުނީމާ، ދެން އެކަންކަމުގައި ޓެކްލްކުރާނީ، ނޫނީ އެކަންކަމާ ކުރިމަތިލާނީ ކިހިނެއްތޯ؟ އެހެންވެގެން، އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތަށް އަޅުގަނޑުމެން މިދަންނަވަނީ، އިސްލާމީ ތަޢުލީމާއި، މިކަހަލަ ލައިފް ސްކިލްތަކަކާއި، އަދި މަސައްކަތް ކުރުމުގެ ވެށްޓަށް ފަރިތަކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއެކީ މި ދެވެނީ ތަރުބަވީ ތަޢުލީމެކޭ. ހޯލިސްޓިކް ޕެކެޖެއް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ. މިހުރިހާ މަސައްކަތެއްގެ އަސާސަކަށްވާނީ، މިދެންނެވި ކަހަލަ މައުރަޒުތަކުގައި ބައިވެރިވާނެ މީހުން އިތުރުވެގެންދިޔުން. ކަނބަލުން އިތުރުވެގެންދިޔުން. އަދި މިއިން އަޅުގަނޑުމެންގެ ސަރުކާރަށް ލިބޭ އެންމެބޮޑު އަނެއް ހިތްހަމަޖެހުމަކީ، މަސައްކަތުގެ ދާއިރާއަށް ވަންނަން، ސްކޫލް ނިންމާއިރު ކޮންމެ އަންހެން ކުއްޖަކަށްވެސް ވަޒީފާއެއް ކަށަވަރުވާކަން. އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބަޔަކީ ކަނބަލުން. ކުރީ ރެއެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެންނެވިން، 100 ފިރިހެނުން ތިބިކަމަށްވަންޏާ، އަޅުގަނޑުމެންގެ އާބާދީގައި 103 ކަނބަލުން އެބަ ތިއްބެވި. އެހެންވީމާ، ވަޒީފާގެ ފުރުޞަތުތައް އެބަ ތަނަވަސްވާންޖެހޭ. މަސައްކަތުގެ ދާއިރާ އެބަ ތަނަވަސްވާންޖެހޭ.


ހަމަމިއާއެކީ، އަޅުގަނޑުމެންގެ ސަރުކާރުން، އަނެއްކާވެސް ކަނބަލުންނަށް ކަންތައްތަކެއް ކޮށްދޭންވެގެން، އަޅުގަނޑުމެން މަސައްކަތްތަކެއް އެހެރީ ކޮށްފައި. އޭގެ ތެރޭގައި ޚާއްޞަކޮށް، ބޮޑެތި އުނދަގޫތަކުގައި އުޅޭއިރު، މިސާލަކަށް، ބޮޑެތި ބަލިތަކުގައި އުޅޭއިރު، ނޫނީ މެޓަރނިޓީގެ ތެރޭގައި އުޅޭއިރު، އެއީ، ޕްރީ މެޓަރނިޓީ، ނޫނީ ޕޯސްޓް މެޓަރނިޓީގެ ދުވަސްތަކުގެ ތެރޭގައިވެސް، ގޭގައި ތިއްބަވައިގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު މިހާރު އެވަނީ ސަރުކާރުން ތަނަވެސްކޮށްދީފައި. އަދި ގޭގައި ތިއްބަވައިގެން ސަރުކާރުގެ މި ވަޒީފާތައް އެބަ އަދާކުރައްވަމުން ގެންދަވާ. ހަމަ މި ސްކިލް، އެބަޖެހޭ ގޭގައި ތިއްބަވައިގެން މަސައްކަތް ކުރައްވަމުން، މިދެންނެވި ކަހަލަ ހުނަރު ބޭނުންކުރައްވައިގެން، މަސައްކަތްތެރިކަމުގެ އުފެއްދުންތެރިކަމުގެ ޕްރޮޑަކްޓްތަކެއް ނެރުއްވަންވެސް. މިކަހަލަ އެތައްކަމެއް އަންހެން ކަނބަލުންނަށް، ނޫނީ ކަނބަލުންނަށް. މާފުކުރައްވާ، އަޅުގަނޑު މިވާހަކަ ދައްކާފައި ފައިބާއިރު، އަޅުގަނޑަށް ހަމަ އެނގޭ، އަޅުގަނޑު ދަންނަވާނަން. ނަމެއް ދަންނަވާކަށް ނެތިން. އަބަދުވެސް ބޭފުޅަކު ލިޔުއްވާނެ. ކީއްވެގެންހޭ، އަންހެން ކަނބަލުން ތިޔަ ކިޔަނީ. ކަނބަލުން ނުތިބޭނޭ ފިރިހެނެއް. އެހެންވީމާ، ކަނބަލުންނަށް ޚާއްޞަ އެތައްކަމެއް އަޅުގަނޑުމެން އެބަކުރަން.


އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، ތިޔަ ހުރިހާ ބޭފުޅުންނަށް ހިތްވަރުދޭން. އަޅުގަނޑުމެންގެ ސަރުކާރުގައި އެއްގޮތަކަށްވެސް، ކަނބަލުންނެއް ހަވާސާވެގެންނެއް ނުދާނެ. ޙައްޤުތަކުން މަޙްރޫމުވެގެންނެއް ނުދާނެ. އަދި ހަމަ އެހެންމެ، މިދެންނެވި ކަހަލަ ހުނަރާއި ވަޒީފާގެ ފުރުޞަތަކީ، އަޅުގަނޑުމެން ޕްރޮއެކްޓިވްކޮށް، ނޫނީ އިސްވެ ތިޔަބޭފުޅުންނަށް ހޯދައިދޭން ބޭނުންވާ ކަންތައްތަކެއް. މިކަހަލަ މައުރަޒުތަކެއް ރޭވިގެން އިންތިޒާމުވެގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި ތިޔަބޭފުޅުންގެ ހުނަރު ދައްކައިދޭ ކަމެއް. އަދި ތިޔަބޭފުޅުންގެ ޤާބިލުކަމާއި ސާބިތުކަން އަޅުގަނޑުމެންނަށް ފެނިގެންދާ ކަމެއް.


އަޅުގަނޑަކަށް ފަސޭހައެއް ނުވާނެ، މި އިންތިޒާމު ކުރެއްވި ފަރާތަށް ތަޢުރީފު ކުރުމެއް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ތަޢުރީފު ޙައްޤު ބޭފުޅެއް، މިއަދުގެ ފަސްޓްލޭޑީއަކީ. މި މަސައްކަތަކީ، އަދި އަންހެނުންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، އަންހެނުން ބާރުވެރިކުރުވުމަށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި އެއީ އެކަމަނާގެ ޕެޝަނެއް. އަޅުގަނޑަށް ފެނިގެން އެބަދޭ. އެއްގޮތަކަށްވެސް ގޭގައި އިންނަވާކަށް ބޭނުންފުޅެއްނުވޭ. އަދި މިކަހަލަ މައުރަޒެއްގައި ކިހާ ވަގުތަކާއި، ކިހާ މަސައްކަތްތަކެއް ދަނީ. ކޮންމެވެސްވަރަކަށް އަޅުގަނޑަށް އެ އިޙުސާސްކުރެވޭ، ކޮންމެރެއަކު މަސައްކަތް ނިންމަވާފައި ގެއަށް ވަޑައިގަންނަވާ ވަގުތު. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ބުރަ މަސައްކަތްތަކެއް. ވަރަށް ޑިޒަރވިންގ މަސައްކަތްތަކެއް ފަސްޓްލޭޑީ ފާޠިމަތު އިބްރާހީމް މި ކުރައްވަނީ. އެކަމަށްޓަކައި ހަމަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ، ފަސްޓްލޭޑީއަށް މަރުޙަބާ ދަންނަވަން. އަޅުގަނޑު ހަމަ އެދެނީ، އަދިވެސް މި މަސައްކަތުގައި، ސާބިތުކަމާއެކީ ކުރިއަށް ވަޑައިގަތުން.


ހުރިހާ އެންމެންނަކީ، ސިޔާސީ މަސައްކަތް ކުރާނެ ބައެއްނޫން. އެކަމަކު މީހުންނަށް އަޅައިލުމަކީ، އޭގެ ޒާތުގައި ސިޔާސީ މަސައްކަތް. މީހުންނަށް އަޅައިލާނީ ހަމައެކަނި ކަންތައްތަކެއް ޕްރޮމިސް ކޮށްގެނެއް ނޫން. ސަރުކާރަކާ ހަމައަށް މިހާރު ބަޔަކަށް އާދެވޭނީ ޕްލެޖްތަކެއް ކޮށްގެން. އެކަންކުރާނީ، އެކަން ކުރަން ކުރިމަތިލައިގެން ތިބޭ މީހުން. އެހެންވީމާ، އަޅުގަނޑުމެން ކަހަލަ މީހުން މިކަހަލަ މައުރަޒު ދެން އިންތިޒާމު ނުކުރެވެންޏާ، އަޅުގަނޑުމެން ޕްލެޖްތައް ކުރާނަން. އަޅުގަނޑުމެން 2018 އަށްވެސް އާ ޕްލެޖްތަކެއް މި ތައްޔާރުކުރަނީ. މިހާރު ދިވެހިރާއްޖެ ތަރައްޤީވެފައި އޮތް މިންވަރުންނާއި، އަދި ދިވެހިރާއްޖޭގެ ކަންތައްތައް ހަމަޖެހިފައި ހުރި މިންވަރުން އަޅުގަނޑުމެން ބޭނުންވޭ އަނެއްކާވެސް އާ، އެހެން އުސްމިންތަކަކަށް ދާން. އެ ޕްލެޖްތަކާއެކީ، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަޅުގަނޑުމެންގެ މިކަހަލަ ޖަލްސާތައް، މިކަހަލަ ޖަލްސާއެއް ނޫން ސިޔާސީ ޖަލްސާތަކުގައި.


އަޅުގަނޑު ބޭނުންވަނީ، ދިވެހިރާއްޖެއަކީ، ހަމަ މި ސަރަޙައްދުގައި އޮތް، އެންމެ ތަރައްޤީވެފައި އޮތް ޤައުމަށް ވެގެންދާން. އެޔާއެކީ ހަމަ ސިޔާސީ މަސައްކަތެއް ނޫނަސް، އިޖުތިމާޢީ މިކަހަލަ ކޮންމެ މަސައްކަތަކުން އަޅުގަނޑުމެން މި ރީޗްއައުޓް ކުރަނީ، މީހެއްގެ ޕެޝަނަށް، މީހެއްގެ ހާޓް އެންޑް މައިންޑް ވިން ކުރަން ކުރާ މަސައްކަތް މި ކުރެވެނީ. އެހެންވީމާ، ހާޓް އެންޑް މައިންޑް ވިން ކުރަން ކުރާ މަސައްކަތަކީ، ކަނބަލުންގެ ޙައްޤުގައި ކަނބަލުން އެމްޕަވަރ ކުރުމަށް، ކަނބަލުން ބާރުވެރިކުރުވުމަށް، އަދި ކަނބަލުންނަކީ ސާބިތުކަމާއެކީ، މަސައްކަތުގެ މަސްރަޙުގައި، ނޫނީ މަސައްކަތުގެ ވެށީގެ ތެރޭގައި ފިރިހެނުންނާ އެއްވަރަށް މަސައްކަތް ކުރެވިދާނެ ބައެއްކަމަށް ދައްކުވައިދޭން ކުރެވޭ މަސައްކަތް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ފަސްޓްލޭޑީ މެޑަމް އެ ކުރައްވާ މަސައްކަތަކީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއް. އެހެންވީމާ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ހަމަ އެ ވިދާޅުވި ވާހަކަތައް، އެކޯ ކޮށްލާފައި، ރީޓްރޭޓްކޮށްލާފައި، ފާޠިމަތު އިބްރާހީމަށް ވަރަށް އިޚުލާޞްތެރިކަމާއެކީ، މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.


އަޅުގަނޑުމެންވެސް މިހާރު މި އިންތިޒާރު ކުރަނީ، މައުރަޒު ބަލައިލުމަށް ދާ ވަގުތަށް. އެހެންވީމާ، އަޅުގަނޑު އިތުރު ވަގުތެއް ނަގާލާކަށްނެތިން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ދަންނަވަން ބޭނުންވަނީ، މިކަހަލަ މައުރަޒުތަކަކީ ޝައްކެއްވެސްނެތްގޮތުގައި، އަންހެނުންގެ ސްކިލްތައް ޑިސްޕްލޭ ވެގެންދާ މައުރަޒުތައް. އަޅުގަނޑުމެން ޤައުމީ މައުރަޒެއް ބާއްވާއިރު، އެ ބައިވެރިކުރާ އެގްޒިބިޓްތަކަށްވުރެން، މި މައުރަޒުގައި ބައިވެރިކޮށްފައި ހުރި، އެގްޒިބިޓްތަކުގެ އަދަދު އެތައް ގުނައެއް ގިނަ. ކަނބަލުންނަށް ޚާއްޞަކޮށްގެން މިއީ ފުރަތަމަ ފަހަރު، މި މައުރަޒު ބޭއްވޭ. އަޅުގަނޑު އެދެނީ، މެޑަމްމެންގެ ޓީމުން މިކުރައްވާ މަސައްކަތްވެސް ކުރިއަށްދިޔުން. އަދި އިކޮނޮމިކް މިނިސްޓްރީންވެސް މިކަހަލަ މަސައްކަތްތައް ކުރެއްވުން. މިކަހަލަ މައުރަޒުތަކެއް ޝައްކެއްވެސްނެތް ބުރަ. އެހެންނަމަވެސް، މިކަހަލަ މައުރަޒުތަކެއް އަބަދު އަބަދު ބޭއްވޭކަމަށްވަންޏާ، މި ހުނަރުތަކާއެކީ، މި ހުނަރުތައް އަޅުގަނޑުމެންގެ ތެރެއިން ފޭޑްނުވެ، މި ހުނަރުތަކަކީ، އަބަދުވެސް އަޅުގަނޑުމެންގެ ކޮންމެވެސް ބަޔަކު ދަސްކުރާ ހުނަރުތަކެއް ކަމަށްވާނެ.


އަޅުގަނޑުމެންނަށް މިރޭ މި މައުރަޒުގެ އިނާމުތަކުން ފެނިގެން ދިޔައީ، ވަރަށް ޒުވާން ކަނބަލުން، ވަރަށް ޒުވާން ޖިއްސުއްލަޠީފުން އިނާމުތައް، ވަނަތައް ހާސިލުކުރައްވައިގެން އެ ވަޑައިގަތީ. އެއީ، ޝައުޤުވެރިކަން އޮތްވަރު. އެހެންވީމާ، މި މަސައްކަތަކީ، ހަމަ ކޮންމެ ގޮތަކުންވެސް، ސަރުކާރުންވިޔަސް، ނޫނީވިއްޔާ އެހެންބަޔަކު ނަމަވެސް ކުރަންޖެހޭ މަސައްކަތެއް. އެހެންވީމާ، މި މިސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް، އިންތިޒާމު ކުރެއްވި ހުރިހާ ބޭފުޅުންނަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި އަދި މަރުޙަބާ ދަންނަވަން. އަޅުގަނޑު އިންތިޒާރު ކުރަނީ މިކަހަލަ މައުރަޒުތައް އިތުރުވެގެންދިޔުމަށް.


އިންޞާފުކުރުން. ފަސޭހަކަމެއްނޫން. މައްސަލަބޮޑުކަމެއް. އެހެންވީމާ، ފަނޑިޔާރުން އިންޞާފު ކުރައްވާއިރު، މައްސަލަ ނުޖެހޭގޮތަށް، އަދި މި މައުރަޒުގައި ތަކެތި ބައިވެރިކުރި ފަރާތްތައް ސެޓިސްފައިވާ ވަރަށް އެކަން ކުރެއްވުމަކީ ފަސޭހަކަމެއްނޫން. އަބަދުވެސް މައުރަޒެއްގައި، ހަމަގައިމުވެސް، އަޅުގަނޑުމެން ބޭއްވި މައުރަޒުތަކުގައި އެންމެބޮޑު މައްސަލައަކީ، އިންޞާފުކުރުމާ ދޭތެރޭގައި އުޅޭ މައްސަލަތައް. މައުރަޒުގެ ޖަލްސާއަށް އަޅުގަނޑުމެން އައިސް ތިބޭއިރުވެސް. އޭރު މައުރަޒު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. ރައީސް މައުމޫންގެ އިންތިޒާރުގައި ޓްރޭޑް މިނިސްޓަރު ހުންނެވިޔަސް، އަޅުގަނޑާ ހަމައަށް އަންނާނެ ކޮންމެވެސް ދިމާލެއްގެ ޝަކުވާ، އިންޞާފާބެހޭ. އެކަމަކު މައުރަޒުގެ ނަތީޖާ އިޢުލާނު ކުރަން މިހާރު ކުޑަހިނދުކޮޅަކަށް އެވަނީއޭ. އެހެންވީމާ، އިންޞާފު ކުރުމަކީ، ފަސޭހަކަމެއްނޫން. އެހެންވީމާ، މި މައުރަޒު އިންޞާފުކޮށްދެއްވި ހުރިހާ ފަނޑިޔާރުންނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކީ، ޝުކުރު ދަންނަވަން. މިއީ، ހަމަ ހިލޭސާބަހަށް ކުރެވޭ މަސައްކަތެއް. ކަނބަލުންގެ ޙައްޤުގައި، ތިޔަބޭފުޅުން ކުރައްވާ މަސައްކަތެއް.


އަޅުގަނޑު އެދެނީ، ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ހުރިހާ މަސައްކަތަކީ މިއަށްވުރެން ޖޯޝާއެކީ ކުރެވޭ މަސައްކަތްތަކަކަށް ވެގެންދިޔުން. އަދި ދިވެހި ކަނބަލުންނަށް ފާގަތި އުފާވެރި ދުވަސްތަކެއް ފެނިގެންދިޔުން.


ފިޠުރަތު ނިޔާކުރަނީ، ކޮންމެ ރެއެއްވެސް މަރުވެގެންދާނެ. އެއާއެކީ، އަޅުގަނޑުމެންވެސް ވަގުތީ މަރެއް މަރުވާނެ. އެހެންނަމަވެސް، އުންމީދުކުރަނީ، ފަތިހުގެ އަލިކަމާއެކީ، އެ އުފައްދާލާ އިރުން، އަޅުގަނޑުމެންނަށް ޖޯޝާއި ހިތްވަރު ލިބިގެން އަނެއްކާވެސް އާ ދުވަހެއްގެ ޢަޒުމާއި އިންތިޒާރުތަކާއެކީ ކުރިއަށްދާން. އަނެއްކާވެސް އެދުވަސް ނިމިގެން އެ އަނެއް ރޭ އަންނަނީ، ރޭގަނޑު މަރުވެގެންދާނެ.


އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެން ދިވެހި ކަނބަލުން ކުރައްވާ މަސައްކަތަކީ، މިދެންނެވި އުސޫލުން އަބަދުވެސް އުންމީދާއި، ފޯރިއާއި އިންތިޒާރުގައި ތިއްބަވައިގެން ކުރައްވާ މަސައްކަތްތަކެއް. ހަމަގައިމުވެސް، މި ސަރުކާރުން ތިޔަބޭފުޅުންގެ ޙައްޤުތަކެއް، ނޫނީ ތިޔަބޭފުޅުންގެ ބުރަ މަސައްކަތްތަކެއް، ނޫނީ ތިޔަބޭފުޅުންގެ ކޮންޓްރިބިއުޝަނެއް، ދައުލަތް ބިނާކުރުމުގައި، ދައުލަތުގައި މި ހިނގާ ކަންތައްތައް ކުރުމުގައި އެޕްރިޝިއޭޓް ކުރާނެ. ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، މަރުޙަބާ ދަންނަވަން، މި އެކްސްޕޯގައި ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި. އަދި ހަމަ އެހެންމެ، މި އެކްސްޕޯގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ހިތްވަރުދެއްވުމަށްޓަކައި މިހާ ގިނަ އަދަދެއްގެ ޢިއްޒަތްތެރި ޖަލީސުން މިތާ ތިއްބެވީމާ، އެކަމަށްޓަކައިވެސް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އުފާވެރި ފާގަތި ރެޔަކަށް އަޅުގަނޑު އުންމީދު ކުރަން.


އަދި އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންގެ ޙަޔާތުގައި އަމިއްލަފުޅަށް ތިޔަކުރައްވާ މަސައްކަތުގައިވެސް ހުރިހާ ކުރިއެރުމެއް ތިޔަބޭފުޅުންނަށް މާތްﷲ މިންވަރު ކުރެއްވުން. އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތަކީ، ﷲގެ ބަރަކާތާއި ރުއްސެވުން އޮތް މަސައްކަތަކަށް ވެގެންދިޔުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.