بســم اللّـه الرّحمـن الرّحيــم

ކީރިތިވަންތަ اللّـه سبحانه وتعالى އަށް حمد ކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّــه صلى اللــّه عليه وسلّم އަށް صلوات އާއި سلام ލެއްވުއް އެދި  دعاء ކުރަން. އަދި މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

އާދެ، މަގޫދޫއަށް މިއަދަކީ، ވަރަށް އުފާވެރި ދުވަހެއް. ދިގު އިންތިޒާރުތަކެއްގެ ފޮނި ނިމުމެއް މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރާ ދުވަހެއް. ތިޔަބޭފުޅުންގެ މި އުފަލުގައި ކިތަންމެ ކުޑަކޮށް ނަމަވެސް، ހިއްސާވުމުގެ ގޮތުން. މި ޖަލްސާއަށް އައިސް ތިޔަބޭފުޅުންގެ ބަނދަރު ހުޅުވައިދޭން، އަޅުގަނޑަށް މިލިބެނީ، ތިޔަބޭފުޅުން ދެއްވާ ވަރުގަދަ ޝަރަފެއް. އެހެންވީމާ، މަގޫދޫގެ ރައްޔިތުންގެ ހިތްޕުޅުހަމަޖެހުމުގައި ސަރުކާރުން ކޮންމެވެސްވަރެއްގެ ކަންތައްތަކެއް ކޮށްދެވިފައިވާތީއާއެކީ، މަގޫދުއަށް އަޅުގަނޑުމެން މި ޒިޔާރަތްކުރަނީ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވުމަށްޓަކައި. އަޅުގަނޑުމެން މި ރަށަށް އައިމާ، މި ރަށުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ޝުކުރުވެރި މިވަނީ، ބަނދަރުމަތިން މަގޫދޫ، އަޅުގަނޑުމެންގެ އިންތިޒާރުގައި އަޅުގަނޑުމެންނަށް ތައްޔާރުވެފައި އޮތް މިންވަރު، ތިޔަބޭފުޅުންގެ ބުރަ މަސައްކަތްޕުޅު، އެކަމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، މަރުޙަބާ ދަންނަވައި ޝުކުރުވެރިވަމުން.

އާދެ، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުންގެ ފަރާތުން މިވަރުގެ ގިނަ މަސައްކަތްތަކެއް ޒީނަތްތެރިކުރުމުގެ ގޮތުން ކުރެވޭނީ، ރައްޔިތުން ވަރަށް އިންތިޒާރުކުރައްވާ ކަމަކަށް، ރައްޔިތުން ވަރަށް އެދިވަޑައިގަންނަވާ ގޮތަކަށް އިޖާބަ ލިބިގެންދިޔައިމަ. މަގޫދޫގައި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތަކުގައި ސަރުކާރުން ހިއްސާވުމަކީ ކޮންމެ ސަރުކާރެއްގެ ބޮލުގައި އެޅިފައި އޮންނަ މަސްއޫލިއްޔަތެއް. ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަމުން ގެންދާނީ، ރާއްޖޭގެ އެކި ހިސާބަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމުގައި. ކަންތައްތައް ތަރުތީބު ކުރުމުގައި ސަރުކާރުގެ ސިޔާސަތާއި، ސަރުކާރު ހިންގާ ބައެއްގެ އެޖެންޑާއާއި ފިކުރު ހުންނަ ގޮތަކުން ފަހަރުގައި ތަރުތީބުކުރުމުގައި އިސްފަސްވުން އަތުވެދާނެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރާނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ފުއްދައިދެވޭތޯ، އެ ސަރުކާރެއްގެ ތަނަވަސްކަމާއި، އާމްދަނީ ހޯދުމުގެ ވަސީލަތާއި، އަދި ފައިސާ ހޯދުމުގެ ހުނަރުވެރިކަމާއި، ޤާބިލުކަމެއް ހުރި މިންވަރަކުން.

މަގޫދޫއަށް އައުމުން، އަޅުގަނޑުމެންނަށް ލިބޭ ދެވަނަ އުފަލަކީ، މަގޫދޫގެ ރައްޔިތުން އެތަކެއް ދުވަސްވަންދެން އިންތިޒާރު ކުރައްވަމުން ތިޔަގެންދެވީ، މަގޫދޫގައި ބޮޑު ރީތި ޒަމާނީ މިސްކިތެއް ބިނާކުރެވޭތޯ. އިރާދަކުރެއްވިއްޔާ އެ އިންތިޒާރުވެސް މިއަދު ނިމިގެން މިދިޔައީ، މަގޫދޫގެ ރައްޔިތުންނަށް އެކަމުންވެސް ހިތްޕުޅު ހަމަޖެހުންތަކެއް ލިބޭގޮތަށް.

مسجد التّقوى އަކީ، ވަރަށް ރީތި ޒަމާނީ މިސްކިތެއް. ޒަމާނީ މިސްކިތެއް. މިސްކިތްތައް ރާއްޖޭގެ އެކި ހިސާބުގައި ޤާއިމުވެގެންދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި އިސްލާމީ އުއްމަތެއްގެ ރައްޔިތެއް ދިރިއުޅޭ ތަނަކުން ޝުކުރުވެރިކަމާއެކީ ބަލައިގަންނާނެ ކަމެއް. ރާއްޖޭގެ އެކި ހިސާބުގައި މިސްކިތްތައް މިހާރު އިމާރާތް ކުރެވެމުންނާއި، އަދި އާބާތުރަ ފިލުވަމުން މިދާއިރު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން ހަމަ ޝުކުރު ޙައްޤު އެހެން ފަރާތެއްވެސް އެބަވެއޭ. ހަމައެކަނި ދައުލަތް ހިންގަން ތިބި ބައެއްނޫން. މި ފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކަށް ޚާއްޞަ ޝައުޤުވެރިކަމެއް، މިވަގުތު ސަޢޫދީ ސަރުކާރުގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި، ސަޢޫދީ ރަސްގެފާނުގެ ހިތްޕުޅުގައި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ޚާއްޞަ ލޯތްބަކާއި، އިޙްތިރާމެއްގެ ސަބަބުން އެމަނިކުފާނު ގެންދަވަނީ، ވަރަށްގިނަ ހަދިޔާތައް ކުރައްވަމުން. ރާއްޖޭގެ އެކި ހިސާބުގައި ސަޢޫދީ ރަސްގެފާނު މަލިކު ސަލްމާން މިގެންދަވަނީ މިސްކިތްތައް ބިނާކޮށްދެއްވަމުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން މިއަދު، މިރަށުގައި މިސްކިތެއް ބިނާވެގެންދާއިރު، އަދި މިސްކިތް ހުޅުވިގެންދާއިރު، ސަޢޫދީ ރަސްގެފާނު މިކޮށްދެއްވާ އަގުހުރި އަގުބޮޑު ޚިދްމަތްތައް ދިވެހިރައްޔިތުންނަށް އަދި އިސްލާމްދީނަށް މިކޮށްދެއްވާ ޚިދްމަތްތައް އަޅުގަނޑުމެންގެ ހަނދާނަށްގެނެސް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ އަނެއްކާވެސް، އަޅުގަނޑުމެންނާ ރަސްގެފާނު ބައްދަލުވެ، އަޅުގަނޑުމެންނަށް އެމަނިކުފާނަށް އެދެވޭގޮތެއްގައި މަރުޙަބާ ކިޔޭނެ ދުވަހަކަށް. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި އިންތިޒާރުވެސް އަޅުގަނޑުމެންނަށް ފުރިހަމަވެގެންދިޔުމަކީ، އަޅުގަނޑުމެންގެ އެދުން.

އާދެ، ރާއްޖޭގެ އެކި ހިސާބުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ވަރަށް އޯގާތެރިކަމާއި، އިޙްސާންތެރިކަމާއެކީ، އަޅުގަނޑުގެ އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަރަށް އިޙްސާންތެރިކަމާއެކީ، ވަރަށް ހެޔޮ ބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާކުރައްވައިފި. މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީންގެ ވާހަކަފުޅުގައިވެސް ހަމަ ވަރަށްގިނަ އިޚްލާޞްތެރި ވާހަކަތަކެއް ވިދާޅުވެ ދެއްވައިފި. މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައިވެސް އަދި ޢަލީ ވަޙީދުވެސް ހަމަ ވަރަށް އިޚްލާޞްތެރި ވާހަކަފުޅުތަކެއް ދައްކަވައިފި. އަދި އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނިގެންދިޔައިރު، މިރަށުގެ ރައްޔިތުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭބޭފުޅުންވެސް ވަރަށް އޯގާތެރިކަމާއެކީ، ވަރަށް އިޙްސާންތެރިކަމާއެކީ ވަރަށް ހެޔޮ ބަސްފުޅުތަކެއް ހަދިޔާކުރައްވައިފި. އަޅުގަނޑުމެންނަށް މިކަމުން އެނގިގެންދަނީ، މިކަހަލަ ދުރުގައި ހުންނަ ކުދި ރަށްރަށަށްވެސް ތަރައްޤީ ބޭނުންވާ މިންވަރު. ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ އުންމީދުތައް ކިތަންމެ ދުރުގައި އުޅުނަސް، ކިތަންމެ ކައިރީގައި އުޅުނަސް، ކުޑަޔަސް ބޮޑަސް، އަޅުގަނޑުމެންގެ އުންމީދުތަކަކީ، ހަމަ ދާދި އެއް އުންމީދުތަކެއް. ޒުވާން ކުދިންގެ އުންމީދުތަކަކީވެސް، މާލޭގައި އުޅުނަސް ތަނަވަސް ބައްޕައެއްގެ ދަރިޔަކަށްވިޔަސް، އަދި ނިކަމެއްޗަކަށްވި ނަމަވެސް، އަޅުގަނޑުމެންގެ އުންމީދަކީ، ހަމަ ދާދި އެއް އުންމީދުތަކެއް.

އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވަށައިގެން އެނބުރޭ ވެށީގެ ތެރެއިން ފެންނަ ފެނުމުން. އަޅުގަނޑުމެންގެ ތެރޭގައި ތަނަވަސް މީހުން ކޮފީއަށް އަރާއިރު، ކީއްވެގެންތޯ، ތަނަވަސްކަން ނެތް މީހުންވެސް ކޮފީއަށް އަރަން ބޭނުންނުވާނީ؟ އަޅުގަނޑުމެންގެ ތެރޭގައި ހަމަ ފިނި ބުރުޖަހަން، ތަނަވަސް މީހުން ސައިކަލް ދުއްވާއިރު، ތަނަވަސްކަން ކުޑަކުދިންވެސް ސައިކަލް ދުއްވަންވެސް ބޭނުންވާނެ. އަޅުގަނޑުމެންގެ ތެރޭގައި ވެލިއު ސިސްޓަމެއް، ނޫނީ އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ތަރައްޤީވެގެން މިއަންނަނީ، ތަޢުލީމުގެ މައްޗަށް ބިނާކޮށް. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ވަށައިގެންވާ ވެށީގެ ތެރެއިން އަޅުގަނޑުމެންނަށް ދަސްކޮށްދޭ، ނަގައިދޭ ފިލާވަޅުތަކެއްގެ ތެރެއިން. އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭކަމަކީ، މިއަދަކީ، އަދި މިދުވަސްކޮޅަކީ، ދިވެހިރާއްޖެއަށް މިދެންނެވި ރޮނގުން ވަރަށް ޚާއްޞަ ވަނަތަކެއް ލިބި، ވަރަށް އުފާފާޅުކުރުން، ނޫނީ އުފާކުރުން ޙައްޤު ދުވަސްކޮޅަކަށްވާތީ.

މިދިޔަ އަހަރު ނިމިގެންމިދިޔަ ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާނުގައި، އާދަޔާޚިލާފު ރަނގަޅު ވަނަތަކެއް، ދިވެހިރާއްޖޭގެ ދަރިވަރުން މިވަނީ ހާސިލުކޮށްފައި. ގާތްގަނޑަކަށް %80 ކުދިން، %79 ކުދިން މިވަނީ، ހުރިހާ މާއްދާއަކުން ޖީ.ސީ.އީ. އޯ.ލެވެލް އިން ފާސްވެފައި. އަދި މިއަދު ޖީ.ސީ.އީ. އޯ.ލެވެލް އިމްޙާނުގައި ކުދިން އިށީންނަނީކީއެއް، އަޅުގަނޑުމެން ޖީ.ސީ.އީ. އިމްތިޙާނުގައި އިށީން އަދަދަކަށްނޫން. މިސާލަކަށް، އެތަކެއް އަހަރު ކުރިން އަޅުގަނޑުމެން އިށީންއިރު ވިއްސަކަށް ކުދިން ޖީ.ސީ.އީ. އިމްތިޙާނުގައި އިށީންނަނީ. މިހާރު މި އަދަދު މިވަނީ ހަ ހާހުން، ހަތްހާހުން، މިއަދަދުތަކުގެ ތެރޭގައި ގުނާލައި ހިމެނޭ އަދަދުތަކެއްގެ ގޮތުގައި. އެހެންވީމާ، މިހާ ގިނަ އަދަދެއްގެ ކުދިން، އޭގެތެރެއިން 80 ވަރަކަށް ޕަސެންޓް، ހުރިހާ މާއްދާއަކުން ފާސްވުމަކީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ނިޢުމަތެއް. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! މިއަންނަނީ ކޮންކަހަލަ ކަންތައްތަކެއްތޯ؟ ޝައްކެއްވެސްނެތްގޮތުގައި ކުދިންނާއި، މައިންބަފައިންނާއި، މުދައްރިސުންގެ ހިއްސާ މީގައި އެންމެބޮޑީ. އެކަމަކު އެއާއެކީ، އަޅުގަނޑުމެން ޚިޔާލު މިއަދު ކޮށްލަންވީ، މަގޫދޫގެ މި އުފާވެރި ރަސްމިއްޔާތުގައިވެސް އަޅުގަނޑުމެން، ޚިޔާލުކޮށްލަންވީ، އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ މިގޮތަށް އަންނަ މާއްދީ، ނޫނީ އިންފްރާސްޓްރަކްޗަރ ތަރައްޤީއެއްނޫން.

ޝައްކެއްވެސްނެތްގޮތުގައި، މިއީ ލާޒިމު ތަރައްޤީއެއް. މިއީ މުހިންމު ތަރައްޤީއެއް. މިއީ ބޭނުންވާނެ ތަރައްޤީއެއް. މި ތަރައްޤީއާ ނުލައި މިރަށްރަށުގައި މީހުންނަށް ދިރިއުޅުމަކީ، ފަސޭހަކަމަކަށް ނުވާނެ. އެކަމަކު އެއާއެކީވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އައިމަ، އަޅުގަނޑުމެންނަށް މިއަންނަ ކުރިއެރުންތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވީ. މަދަރުސާ ކުދިން ކިޔަވާއިރު، މަދަރުސާ ކުދިން ކިޔަވަމުންދާ ވަގުތު، ކްލާސްރޫމުގެ ތެރޭގައި މުދައްރިސުން ދަރުސްތައް ނަގައިދެމުންދާ ވަގުތު، މަދަރުސާ ސަރަޙައްދު ވަށައިގެން ބަޔަކު އެއްވެ ހަޅޭއްލަވަމުން މުޒާހަރާ ކުރަމުން، އަޑުގަދަކުރަމުން ދިޔައިމަ، ކިތަންމެވަރަކަށް ކުދިން ފިލާވަޅަށް ޝައުޤުވެރިކަން ހުރި ކަމުގައިވީނަމަވެސް، އެ ދެކެވޭ ވާހަކައަކާއި، އިވޭ އަޑުތަކަށް، އެކުދިންގެ ހިއްސުތައް ސަލާމަތުން ހުރިކަމަށްވަންޏާ، އިސްކަމެއް ދެވޭނެ. އަޅުގަނޑުމެން ރާއްޖޭގައި ދާދި ފަހަކާޖެހެންދެން މާލޭގައި، ވެރިކަންކުރާ މާލޭގައި މަޖީދިއްޔާއާއި، ދަރުމަވަންތަ ހިމެނޭ ސަރަޙައްދުގައި މިނޫންކަމެއް އަޅުގަނޑުމެންގެ ދަރިވަރުންނެއް ނުދެކޭ. ހަމަ ކޮންމެ ދުވަހަކު ދިރާސީ ވަގުތުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް އިވެމުންދަނީ މި އަޑުފަށްގަނޑު. ހިތްވަރުކޮށްލައިގެން، އެ ސަރަޙައްދަކީ ކިޔަވާ ކުދިންނަށް އަމާން އަދި ރައްޔިތުންގެ މަންދޫބުން ޚިޔާލުފާޅުކުރަން، ރައްޔިތުންގެ މަންދޫބުންވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް މިނިވަންކަމާއެކީ، ޚިޔާލުފާޅުކުރާ ތަނަކަށް ހެދުމަށްޓަކައި، އެ ދާއިރާ ހުސްކޮށްލަންޖެހުނީ މިދެންނެވި ސަބަބުތަކަށްޓަކައި. ހަމަ ރާއްޖޭގެ ހުރިހާ ދިމާއެއްގައި، މިކަންއޮތީ މިހެން.

އަޅުގަނޑުމެން ނިޢުމަތްތަކަށް ޝުކުރުވެރިވާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އެއްފަހަރުވެސް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތްކޮށްލަންވާނެ، މިކަމެއް ﷲ އަޅުގަނޑުމެންނަށް މެދުވެރިކުރެއްވީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ މައްޗަށް. އެކަމަކު އެކަމެއް އަޅުގަނޑުމެންނަށް އައީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނަންވާނެ. މީގެކުރިންވެސް ރާއްޖޭގައި އުޅުނީ ތޫނުފިލިކުދިން. މީގެކުރިންވެސް މައިންބަފައިންނަކީ، ކުދިންގެ ކިޔެވުމަށް އިސްކަންދޭ ބައެއް. މީގެކުރިންވެސް ދިވެހިރާއްޖެއަކީ ތަޢުލީމަށް ޝައުޤުވެރިކަން އޮންނަ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއް. ރަނގަޅު ނަތީޖާތަކެއް ހޯދަމުންއައިސް، މިދެންނެވި ކަހަލަ ގޮތަކަށް، އަޅުގަނޑުމެން ހަމަ އެންމެން އެކި ދިމާއަށް އަޅުގަނޑުމެންގެ ސިކުނޑިތައް އަނބުރާލައި، އަޅުގަނޑުމެންގެ ވިސްނުން އެކި ދިމާއަށް ބަދަލުވެގެންދިޔައީ. އެއާއެކީ އަނެއްކާވެސް ދިވެހިރާއްޖެއަށް މި އަންނަ ހަމަޖެހުމުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. ހަމަ މިހާރު މާލެއެކޭ އެއްގޮތަށް ކުދިކުދި ރަށްރަށުގައިވެސް، އަމާން ވެށްޓެއްގެ ތެރޭގައި ކިޔަވާލަން ކުދިންނަށް މި ލިބޭ ހިތްފަސޭހަ، ހިތްހަމަޖެހޭ ފުރުޞަތުގެ ތެރޭގައި ކުދިންގެ ކޮންސަންޓްރޭޝަން، ނޫނީ ކުދިންގެ ވިސްނުން މުޅިން އެކަމަކަށް ހުސްކޮށްލައިގެން ކިޔެވުމުގެ ފުރުޞަތު އެބަލިބޭ.

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އިރާދަކުރެއްވިއްޔާ މި ރަނގަޅު ނަތީޖާތައް ލިބިމުންދިޔުމަކީ، އަޅުގަނޑުމެން އުންމީދުކުރާ ކަމަކަށްވާއިރު، މިކަންކަން މިހެންވެގެން މިދަނީ، އަޅުގަނޑުމެންގެ ތެރެއަށް އަމާންކަމާއި ޞުލަޙަވެރިކަމާއި، އަދި އަޅުގަނޑުމެންގެ މަންމައިންނާއި، ބައްޕައިންނާއި، އާމްދަނީ ހޯދާ މަސައްކަތްކޮށްގެން ކުދިންނަށް އަޅާލަންޖެހޭ މީހުން ކުރަންޖެހޭ އެހެން ފިކުރެއް ނެތީމަ. އަޅުގަނޑުމެންގެ ހުރިހާ ފިކުރަކަށް ވާންވާނީ، އަޅުގަނޑުމެން އިސްލާމީ ޢަޤީދާމަތީގައި ތިބެގެން އަޅުގަނޑުމެންގެ ނަފްސުތައް، އަޅުގަނޑުމެންގެ އުޅުން ޒީނަތްތެރިކުރުމާއެކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމަށް އިސްކަންދޭން. މިކަން އަޅުގަނޑުމެންނަށް ކުރެވޭކަމަށްވަންޏާ، ދެން އަޅުގަނޑުމެންކުރާ އެހެން މަސައްކަތުގައި ﷲ ގެ ބަރަކާތް މިންވަރުކުރައްވާނެ! އެހެންވީމާ، އަޅުގަނޑުމެން އެހެންކަންކަމަށް ޣާފިލުނުވެ އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީ، އަޅުގަނޑުމެން ކަހަލަ މިކަހަލަ މައުޞޫމު ކުދިކުދި ރަށްރަށުގައި ތިބޭ ރައްޔިތުން ވިސްނާލަންޖެހޭ ކަންކަމަކީ، މި ރަށްރަށަށް ބޭނުންވަނީ، ކޮންކޮން ކަންތައްތަކެއްތޯ؟ ކިތަންމެ ރަނގަޅަކަށްވެސް މުބީންގެ ވާހަކަފުޅުގައި، މި ދާއިރާއަށް، ބިލެތްދޫ ދާއިރާއަށް ބޭނުންވެފައި ހުރި ކަންތައްތައް ވިދާޅުވެއްޖެ. މަގޫދޫއަށް ބޭނުންވެފައި ހުރި ކަންތައްތައް ވިދާޅުވެއްޖެ.

އަޅުގަނޑުމެން މިކުރާ ކޮންމެ ޒިޔާރަތަކުން، ކޮންމެ ރަށަކުން އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް އިވެމުން އެބަދޭ. ސަރުކާރުގެ ބޭނުމަކަށްވާނީ، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިހުރިހާ ކަމެއްވެސް ރައްޔިތުން އެދޭ ބާރުމިނުގައި، ރައްޔިތުން އެދޭ ގޮތަކަށް ކޮށްދިނުން. މިކަންކަން ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންނަށްވެސް ގޮންޖެހުންތަކެއް ހުންނާނެ. ފ.އަތޮޅުގައި، މަގޫދޫގައި އައިސް އަޅުގަނޑުމެން މި ވާހަކަދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ އާބާދީއަށް ބަލާއިރު، ފ.އަތޮޅަކީ އާބާދީގެ ގޮތުން އެންމެ ކުޑަ އަތޮޅު ކަމަށްވެދާނެ. ފ.އަތޮޅާއި ވ.އަތޮޅާ، މިއީ ކުދިކުދި އާބާދީ. އެކަމަކުވެސް، އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ދާކަމަށްވަންޏާ، ފ.އަތޮޅަކީ، އުފާވެރި އަދި ފ.އަތޮޅަކީ، ނަސީބު ރަނގަޅު އަތޮޅެއް ކަމަށް އަޅުގަނޑު ހަމަ މިއަދުވެސް ޖަލްސާގައި ފާހަގަކޮށްލަން ބޭނުން. އެހެން މިދަންނަވާ ސަބަބަކީ، އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑު ދަންނަވާލަން އުޅޭ ވާހަކަ، މި ދެ ދާއިރާގެ މެންބަރުންގެ ފަރާތްޕުޅުން ރައްޔިތުންނަށް ކޮންމެވެސްވަރަކަށް މީގެކުރިންވެސް އޮންނާނީ އިވިވަޑައިގެންފައި. މިއަތޮޅަކީ، ސަޢޫދީ ސަރުކާރުގެ ފަރާތުން، ނޫނީވިއްޔާ ސަޢޫދީގައި އިސްކޮށް އެ ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން، ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް އޮތް އަތޮޅެއް އެބޭފުޅުންގެ ވަރަށްބޮޑު މަޝްރޫޢެއް ފ.އަތޮޅަށް ވަނީ ރާއްވަވާފައި. ހުރިހާ ޗާޓުތަކާއި، ހުރިހާ ކުރެހުންތަކެއްވަނީ ނިންމާފައި.

އެހެންވީމާ، އަޅުގަނޑުމެން މިދިޔަ އަހަރުވެސް އިންތިޒާރު ކުރަމުން ގެންދިޔައިން، އެ ބޮޑު ބިޔަ މަޝްރޫޢު މި އަތޮޅުގައި ފެށޭތޯ. އަދި މިހާރުވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ، އެ ބިޔަ ބޮޑު މަޝްރޫޢު، އޭގެ ސަބަބުން އެތަކެއް ސަތޭކަ ވަޒީފާ އުފެދިގެންގޮސް، މުޅި މި އަތޮޅަކީ، ހަމަ އެންމެ ތަނަވަސް އަތޮޅުކަމަށް ވުމުގެ ފުރުޞަތު އޮތްވަރުގެ ވަރުގަދަ ބިޔަ މަޝްރޫޢެއް، އެ މަޝްރޫޢަކީ. މިއީ ސަރުކާރަކުން ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރަކުން އަޅުގަނޑުމެންގެ ފޯރުންތެރިކަންހުރި މިންވަރަކުން އަޅުގަނޑުމެންނަށް ހިންގޭވަރުގެ މަޝްރޫޢެއް ނޫން. މިއީ ހަމަ މުޅި ދުނިޔެއަށް ހުޅުވައިލެވޭ، މުޅި ދުނިޔޭގެ އެކި ދާއިރާގެ މީހުން ދަތުރުފަތުރުކުރާ މީހުންނާއި އަދި އެނޫން މީހުންވެސް އައިސް، އޭގެ ބޭނުންތައް ހިފޭވަރުގެ، ހަމަ ވަރަށް ނަމޫނާ، ދުނިޔޭގެ ތިން ހަތަރު ދިމާލެއްގައި ކަންނޭނގެ މިކަހަލަ ޓައުންޝިޕެއް، ނޫނީ މިކަހަލަ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް، އެކި ވައްތަރުގެ ޞިނާއަތްތައް ހިމެނޭގޮތަށް ހުރި ތަންތަން، ހަމަ ދެތިން ހަތަރު ތަނެއްކަންނޭނގެ ދުނިޔޭގައިވެސް މިއޮތީ. އެކަހަލަ މަޝްރޫޢެއްގެ ނަމޫނާއަކަށް، ނަކަލަކަށް ބިނާކޮށް، ފ.އަތޮޅަށް ތަރައްޤީގެ މަޝްރޫޢެއް، އެ ބޭފުޅުންގެ ހިތްޕުޅުގެ ތެރޭގައި މިއޮތީ. އަޅުގަނޑުމެންވެސް، ހަމަ މިކަންކަމުގައި އުންމީދު ހެޔޮ. އަޅުގަނޑުމެންވެސް ހަމަ ﷲ އަށް ދުޢާ ދަންނަވަނީ، މިކަންކަން ދިވެހިރާއްޖެއަށް ވެގެންދިޔުން. އަދި މީގެ ސަބަބުން، ފ. އަތޮޅަށް އަޅުގަނޑުމެން ނުދެކޭފަދަ ބޮޑު ތަރައްޤީ އައުން.

އެހެންނަމަވެސް މިހުރިހާ ކަމަކީ، ޙަޤީޤަތުގައިވެސް، ޙަޤީޤަތުގައިވެސް މިހުރިހާ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހަމަޖެހުމަށް ބިނާވެފައިވާ ކަންތައްތައް. މިދިޔަ އަހަރު އަޅުގަނޑު ޒިޔާރަތެއް ކުރިން. ނޫނީ މިދިޔަ އަހަރުގެ ކުރީ އަހަރު ކަންނޭނގެ އަޅުގަނޑު ޒިޔާރަތެއް ކުރިން. ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތެއް ކުރިން. އޭރުވެސް ހުރިހާ ކަމެއް ހިފެހެއްޓިފައި އޮތީ، ދިވެހިރާއްޖޭގައި ސިޔާސީގޮތުން ހަލަބޮލިކަން އޮތް މިންވަރުން ތިމަންނާމެން އިހަށް ކުޑަކޮށް މަޑުޖައްސާލައިގެން މި ތިބީއޭ. އަޅުގަނޑަކީ ރައްޔިތުންގެ ކުރިމަތީގައި މިކަހަލަ ވާހަކައެއް ދައްކާއިރު، އެއްގޮތަކަށްވެސް ދޮގު ހަދައިގެން، ނޫނީވިއްޔާ، އޮތްގޮތް ނޫންގޮތަކަށް ވާހަކަ ދަންނަވާ މީހެއް ނޫން. އޭރު އެ ބޭފުޅުންގެ ހުރިހާވެސް ކަމެއް ހުއްޓިފައި އޮތީ، ރާއްޖޭގައި އޮތް ހަލަބޮލިކަމާއި، ރާއްޖޭގެ އެކި ހިސާބުން، އެކި ދިމާގައި، ފަތުރަމުންދާ އަޑާހެދި އެބޭފުޅުންގެ މަޝްރޫޢު ހިފަހައްޓަވާލައްވާފައި އޮތީ. އަޅުގަނޑުމެންނަށް މިދިޔަ އަހަރު ހުސްވެގެން މި ދިޔައީ ދާދި އެކަހަލަ ގޮތަކަށް.  

އެހެންވީމާ، އަޅުގަނޑުމެންނަށް ހޯދާ ނިޢުމަތްތައް ހޯދުމުގައި އިސް މޭސްތިރިންނަށް ތިބީ އަޅުގަނޑުމެން. އަޅުގަނޑުމެންނަށް ހޯދާ މުޞީބާތެއް ހޯދުމުގައިވެސް އިސްވެ އެކަންކަން ކުރަން، ލިބިގަންނަން ތިބި ބަޔަކީވެސް އަޅުގަނޑުމެން. އެހެންވީމާ، ކީއްކުރަންތޯ އަޅުގަނޑުމެން މިކަންކަން މިހެން ދޫކޮށްލައިގެން ތިބެންވީ؟ އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ މައްޗަށް މެނުވީ، ﷲ ގެ ތައުފީޤެއް މިންވަރެއް ނުކުރައްވާނެ. އެހެންވީމާ، މިއަދު މިރަށުގައި މިސްކިތް ހުޅުވިގެން މިދަނީ. މިއަދު މި ރަށުގައި ބަނދަރު ހުޅުވިގެން މިދަނީ. އަދި މިއަދު މިރަށުގައި އަޅުގަނޑު އިޢުލާނު މި ކުރަނީ އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބަނދަރު ސަރަޙައްދަށް ކަރަންޓު ދިނުމުގެ ގޮތުން މިހާރު މިއޮތީ އެލް.ވީ. ޑިސްޓްރިބިއުޝަން ކޭބަލް އެޅުމުގެ މަސައްކަތް ފެށްޓިފައި. އަދި މިއަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނާފައި އެއޮތީ، އާންމުކޮށް ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި، އެންމެ ބޮޑު އެއް މައްސަލައަކަށް މިވަނީ އަދި ޞިއްޙީ މައްސަލަތަކުގެ ތެރޭގައިވެސް ފެނާއި ނަރުދަމާ ޝައްކެއްވެސްނެތްގޮތުގައި މުހިންމު. ހަމައެއާއެކީ އެއަށްވުރެ މުހިންމުކަން ކުޑަނޫން މަޝްރޫޢެއްގެ ގޮތުގައި މިއޮތީ ކުނިކޮށި. މިހާރު މި ރަށުގައިވެސް ކުނިކޮށި އެޅުމަށް ބިމެއް ކަނޑައެޅުމާއެކީ، އަންދާސީ ހިސާބުތަކެއް ހެދުމަށް މިހާރު އަޅުގަނޑުމެންވަނީ އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ކައުންސިލުގައި ދަންނަވާފައި. އަޅުގަނޑުމެން ބޭނުންވޭ އެ މަސައްކަތްތައް އަވަހަށް ނިންމަން. މިހުރިހާ ކަމެއް ވެގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، އަޅުގަނޑުމެން މިކަހަލަ ރަށްރަށުގައި އުޅޭއިރު މަޢުޞޫމް ރައްޔިތެކޭ މި ދިރިއުޅެނީ. ކީއްކުރަންތޯއޭ އެކެއް ދެ މީހެއްގެ ފިކުރަށް މުޅިތަން ހަލާކުވެދިޔަދޭންވީ؟ ކީއްކުރަން ކުރާ ކަމެއްތޯ އެއީ؟ ދެންމެ މުބީނުގެ ވާހަކަފުޅުގައި ކިތަންމެ ރަނގަޅަކަށްވެސް ވަރަށް ތަފްޞީލުކޮށް އެވާހަކަތައް ވިދާޅުވެ ދެއްވަމުން ގެންދެވި.

އަޅުގަނޑު މިއަދު މި އުފާކުރަނީ އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާއަށް މިކުރެވޭ މަސައްކަތުގެ ތެރޭގައި އެކިއެކި މަޝްރޫޢުތައް ރޭވިފައި އެހުރީ، މުދައްރިސުންގެ ފެންވަރު މަތިކުރަން. މިހާރު ރާއްޖޭގެ ހުރިހާ ދިމާއެއްގައި އަޅުގަނޑުމެން ކަނޑައަޅާފައި އެއޮތީ އެންމެ ކުޑަމިނުން، އެންމެ ދަށްމިނުން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއް ނޫން ޓީޗަރަކު ކުދިންނަށް ކިޔަވައިދޭކަށް ނޫޅޭނެ. އަދި އިރާދަކުރެއްވިއްޔާ މަޝްރޫޢެއް ރޭވިފައި އެއޮތީ 5 އަހަރެއްހާ މުއްދަތުގެ ތެރޭގައި އެންމެ ދަށްމިނުން، ޑިގްރީ ލެވެލްގެ ޓީޗަރެއް ނޫން މުދައްރިސަކު ކުދިންނަށް ކިޔަވައިދޭކަށް ނޫޅޭނެ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ. ކުދިން އެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ދައްކާ. މައިންބަފައިންގެ އޯގާތެރިކަމާއި އަޅައިލުމުން، އަޅުގަނޑުމެންނަށް އެނަތީޖާ ފެނިގެން އެބަދޭ. ރައްޔިތަކަށް، ނަސްލަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތަކީ އެ ރައްޔިތެއްގެ ތެރޭގައި ޢިލްމީ މީހުންތަކެއް ތިބުން. ރަނގަޅު މީހުންތަކެއް ތިބުން. އިސްވެ އެ ރައްޔިތަކަށް، އެ ޚިދުމަތް ކުރެވޭ ފެންވަރުގެ ޤާބިލު ބަޔަކު ތިބުން. މިއީ ފޮތު ތެރެއިން އުނގެނޭ ތަޢުލީމާއި، އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތުގެ ތެރެއިން މެނުވީ، އަޅުގަނޑުމެންނަށް ކުރެވޭނޭ ކަންކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އިންވެސްޓް މިކުރަނީ ތަޢުލީމީ ދާއިރާއަށް، މިދެންނެވި ސަބަބުތަކަށްޓަކައި. އޭގެ ނަތީޖާ، ހެޔޮ ނަތީޖާގެ އުފާވެރި ޚަބަރު އަޅުގަނޑު މި ދެންނެވީ. މިކަންކަންވުމުގައިވެސް ހަމަ ދައުލަތުން އެކަނި ހޭދަކުރިޔަސް މިކަންކަމެއްނުވޭ.

ދާދި އިހަށްދުވަހު ނޫންތޯ، ދާދި ކައިރީ މާޒީގައި ނޫންތޯ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އަޅުގަނޑުމެންގެ ތެރޭގައި މިހިރަ ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި، މާއްދާއަކަށް ކިޔަވައިދޭނޭ މުދައްރިސެއް ނެތް ކަމަށްވަންޏާ، އެހެން ހުރިހާ މާއްދާއަކުން ހުރިހާ ކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު އެ އޮންނަނީ ބަންދުވެފައި. ރަށްރަށުގައި މަދަކުންނެއްނޫން ދޮގެއްތޯ މަދަރުސާތައް ބަންދުކޮށްފަ ހުރީކީއެއް؟ މިއީ ވެދާނެ ފަހަރުގައި އެއްބަޔަކު އުފާކުރާ ކަމެއްކަމަށް. އަޅުގަނޑު މިކަހަލަ ކަންކަމާ ދޭތެރޭ ފަޚުރުވެރިއެއްނުވޭ. މިއީކީ ސިޔާސީ ޚިޔާލުފާޅުކުރުމަށް ކޮށްގެންވާނެ ކަންކަމެއްނޫން. އެއީ، އެތައް ބައިވަރު ކިޔަވާކުދިންގެ ޙައްޤުތަކަކަށް އަޅުގަނޑުމެންނަށް އެ އަރައިގަނެވެނީ.

މިއަދު އަޅުގަނޑުމެން ހުރިހާ މާއްދާއަކުން، 79 ޕަސެންޓު ކުދިން ފާސްވިއޭ ބުނީމަ، އަޅުގަނޑުމެން އުފާކުރުން ޙައްޤު. އަޅުގަނޑަކަށް ހަމަ ހިއެއްނުވޭ، ދުނިޔޭގެ މަދު ޤައުމެއްގައި ނޫނީވިއްޔާ މިވަރުގެ ނަތީޖާއެއް ލިބޭނެހެނެއް. އަދި އަޅުގަނޑުމެންގެ ކުދިން، އަޅުގަނޑުމެންގެ މާދަރީ ބަހަކުންނެއް ނޫން އަޅުގަނޑުމެން މި ކިޔަވަނީކީ. އެކަމަކު އަޅުގަނޑުމެންގެ ކުދިން ބޭރުގެ އެތައް ލައްކަ ކުދިންނަކާ ވާދަކޮށްގެން ދުނިޔޭގެ ރަންވަނަތައް ހޯދަމުން އެބަދޭ. ހަމައެކަނި ދިވެހިރާއްޖޭގެ ޓޮޕްޓެނެއް ނޫން އަޅުގަނޑުމެން މި ފަހާގަކުރަނީއެއް. ދުނިޔޭގެ އެތައްލައްކަ ކުދިންނާއެކީ ވާދަކޮށްގެން އިނގިރޭސިބަހުން، އިނގިރޭސިބަހުން އެކަނި ކިޔަވައިގެންވެސް އެ މާއްދާއިން އެކަނި އަޅުގަނޑުމެން ރަންވަނަ އެބަ ހޯދަމު. ހުރިހާ މާއްދާއަކުން ދިވެހިރާއްޖެއިން ރަންވަނަ އެބަ ހޯދާ. އެހެންވީމާ، މިއިން މި ދައްކައިދެނީ އަޅުގަނޑުމެންގެ ތެރޭގައި ކިޔެވުމަށް އޮތް އަހަންމިއްޔަތު. އަދި ކުދިންގެ ތޫނުފިލިކަން. ދެން އެކުދިންނަށް އަޅުގަނޑުމެން ހުރިހާ ދާއިރާއަކުން މަދަދުވެރިވާންވީ. އަޅުގަނޑުމެން ޤާނޫނުތައް ތަންފީޒުކުރަން ފަށައިފި ކަމަށްވަންޏާ، ދައުލަތުގެ ބޮލުގައި އަދި މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު ބަލާކަމަށްވަންޏާ، ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ އެޅިފައި އޮތް ޒިންމާ ކުޑައެއްނޫން. ދެން އަދި އެ ޒިންމާ ޤާނޫނީ ފޮތުގައި ލިޔެފައި އޮތް އޮތުން އެއްފަރާތުގައި ބާއްވަވާ.

އަޅުގަނޑުމެން ކީއްކުރަންތޯ އުފާވެރި ޖީލެއް ބިނާކުރަން މިއުޅެނީ؟ ކުދިންނަށް އުޅޭނެގޮތް ދަސްކޮށްދޭން ނޭނގެންޏާ، ކުދިންނަށް ކިޔަވައިދޭން ބޭނުންނުވާ ކަމަށްވަންޏާ، ކުދިން ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރަން ބޭނުންނޫން ކަމަށްވަންޏާ، ކޮބައިތޯ މިއިން އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ؟ އެހެންވީމާ، މިއަދު އަޅުގަނޑުމެން މި އުފާކުރާއިރު، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ މި ހަމަޖެހުމާއެކީ އަޅުގަނޑުމެންނަށް މިކަންކަން ހާސިލުވެގެން މިދަނީ. ހަމަގައިމުވެސް، މާލެއިން މިކަހަލަ ހަމަ ދިރިހުރި މިސާލުތައް އަޅުގަނޑުމެންނަށް ދެއްކެން އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވެވަޑައިގަންނަވާނެ، އަޅުގަނޑު މިދައްކާ ވާހަކަޔާ. އަޅުގަނޑުމެން އޭރުގައި މަޖިލީހުގައި ހޭދަކުރަމުން ދިޔައިރު، މުޅި ސަރަޙައްދުގައި އަބަދުއަބަދު މުޒާހަރާ ކުރުން ނޫންކަމެއް ނޯވޭ. އެހެންވީމާ ޝައްކެއްވެސްނެތްގޮތުގައި، އެ ސަރަޙައްދުގައި ހިމެނޭ މަދަރުސާތައް، މާލޭގެ ބޮޑެތި މަދަރުސާތަކުގެ ތެރެއިން ދަރުމަވަންތަ، މަޖީދިއްޔާ، މި ސްކޫލްތަކުގެ ކުދިންނަށް މީގެ އަސަރު ނުކޮށެއް ނުދާނެ. ހަމަ ރާއްޖޭގެ އެކި ހިސާބުގައި، ހަމަ މިކަހަލަ ގޮތަކަށްކަންނޭނގެ މިކަންކަން ހުރީ.

މިރަށުގެ ކަންކަމަށް ބަލާކަމަށްވަންޏާ، މިރަށަށް ބޭނުންވެފައި ހުރި ކަންތައްތައް، ޒުވާނުންނަށް ބޭނުންވާ އެކި ކަންތައްތައް އިރާދަކުރެއްވިއްޔާ ފުދިގެންދާނެ. މުބީނުގެ ވާހަކަފުޅުގައިވެސް ވިދާޅުވި، މި އަތޮޅުގެ ހުރި ހަމަ ހުރިހާ ރަށެއްގައިވެސް ފުޓްސަލް ދަނޑުތައް ހެދެމުންދާ ވާހަކަ. މިރަށުގެ ފުޓްސަލް ދަނޑުވެސް މިވަނީ އެމް.އާރް.ޑީ.ސީ. އާ މިދިޔަ އަހަރުގެ ތެރޭގައި ހަވާލުކުރެވިފައި. އަޅުގަނޑު އުންމީދު  ކުރަނީ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ދާދި އަވަހަށް ހުޅުވިގެން ޒުވާނުން ފުޓްސަލް ދަނޑުގައި ކުޅިވަރު ކުޅެމުން ގެންދާތަން ހަމަ މިރަށުގެ ރައްޔިތުންނަށް ފެނިގެންދިއުން.

އާދެ، ސަރުކާރުން ކުރާ މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި މި ދެންނެވި ގޮތަށް މާއްދީ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުން. އެއާއެކީ، ސަރުކާރުން ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެ ކަންތައްތައް ސަރުކާރަށް ރައްޔިތުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ސަރުކާރުގައި ހުންނެވި ވެރިއެއްގެ ހިންގުމަށް ފަސޭހަކޮށްދޭކަށެއް ނޫން. އެއީ، އަޅުގަނޑުމެން މިގެންނަ ތަރައްޤީއާ އެއްވަރަށް ފައިހަމަކުރުމުގެ ސަބަބުން މުޅި ރައްޔިތުންނަށް ލިބޭނެ ފައިދާއަކަށްޓަކައި. މި ރަށްރަށުގައި ޞުލްޙަވެރިކަމާއި، އަމާންކަން އޮވެއްޖިއްޔާ، އޭގެ ފައިދާ ލިބޭނީ މާލޭގައި ދިރިއުޅޭ މީހުންނަކަށެއް ނޫން.  މި ރަށުގެ ޞުލްޙަވެރިކަމާއި، އަމާންކަމުން ހިތްހަމަޖެހުން ލިބިގެންދާނި، މިރަށުގެ ރައްޔިތުންނަށް. މިރަށުގައި ހިތްހަމަނުޖެހޭ ކަންކަމާއި އަދި ރައްޔިތުން ގަބޫލު ނުކުރެވޭފަދަ ކަންތައްތައް ގިނަވެގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ރާއްޖޭގެ ސަރުކާރުގައި ލާރި ހުރެއްޖެ ކަމަށްވަންޏާ، ފުލުހުންގެ ވަފުދެއް ގެނެސް މިތަނަށް އަޅައިލެވިދާނެ. ސިފައިންވެސް ގެނެވިދާނެ. އެކަމަކު ދެމެހެއްޓެނިވި ކަމެއްގެ ގޮތުގައި އެކަން ކުރެވޭނެތޯ؟ އެއީކީ ކުރާކަށް ފަސޭހަކަމެއް ނޫން. އެއީ އަދި އެއްވެސް ސަރުކާރަކުން ކުރާހިތްވާނެ ކަމެއްވެސް ނޫން.

އެހެންވީމާ، އެބައެއްގެ ހަމަޖެހުމާ ދޭތެރޭގައި ވިސްނަން މިޖެހެނީ އެބަޔަކު. އަޅުގަނޑުމެންގެ ޢާއިލާގެ މިސާލަށް ވިސްނަވާ! އަޅުގަނޑުމެންގެ ޢާއިލާއެއްގެ ތެރޭގައި ހަމަނުޖެހުމެއް އުޅޭ ކަމަށްވަންޏާ، އެންމެ ދޮށްޓަށް ހުންނަ ކުއްޖަކީ، މިސާލަކަށް، އެންމެ ދޮށްޓަށް ހުންނަ ދަރިޔަކީ، އެހެން ކުދިންނާ ދޭތެރޭގައި މައްސަލަތަކެއް އުފެދޭ، އުޅެން، ގެންގުޅެން އުނދަގޫ ކުއްޖަކަށްވަންޏާ، މުޅި ޢާއިލާތެރެ އެދަނީ ހަލާކުވެގެން. މަންމައާއި ބައްޕަގެ ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ޖެހިއްޖެ ކަމަށްވަންޏާ، އޭގެ އަސަރު މިފޯރަނީ ހުރިހާ ދަރިންނަށް. މިކަހަލަ ޢާއިލާތަކެއް ދޮގެއްތޯ މިކަހަލަ ކޮންމެ ރަށެއްގައި މިއުޅެނީ؟ މިކަހަލަ ރަށްތަކެއް ދޮގެއްތޯ ދިވެހިރާއްޖޭގައި މިއޮތީ؟ އެހެންވީމާ، ކީއްވެގެންތޯ އެއްވެސް މީހަކަށް މި ލިބޭ ގެއްލުމަކުން އެހެން އެންމެންނަށް މީގެ އަސަރު ނުކުރާންވީ؟ އަޅުގަނޑުމެން ޞުލްޙައާއި މަސްލަޙަތަށް ލޯބިކުރަނީ، މިދެންނެވި ސަބަބުތައް ހުރެގެން. ޞުލްޙައާއި މަސްލަޙަތުގެ ތެރެއިން ކުރެވޭ ކަންތައްތައް މަދެއްނޫން.

މިހާރުވެސް އެބަ އުޅުއްވާކަންނޭނގެ، އެންމެފަހުން ރާއްޖެއަށް މި ދަތުރުކުރި  ވާރލްޑް ބޭންކްގެ ފަންނީ މާހިރުންގެ ޓީމު. ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރިގޮތަކާއި، ރާއްޖެއަށް ހުރި ގޮންޖެހުންތަކަކާއި، އަދި ސަރުކާރުގެ ހޭދައިގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދެވޭތޯ މިކުރާ ދިރާސާތަކެއް، ސަރުކާރުގެ މުއައްސަސާތަކާއި އަދި މިނިވަން މުއައްސަސާތަކާ ގުޅިގެން މި ފަރާތްތަކުން މި ކުރަނީ. މި ހުރިހާ ކަމަކާއެކުވެސް، އަދިވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި، ހަމަ ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ކުރީގައި އުޅޭކަމަށް މިފަހަރުގެ ރިޕޯޓުގައިވެސް އެއޮތީ ނިންމާފައި. މިއީ، ޝައްކެއްވެސްނެތްގޮތުގައި އުފާވެރި ކަންކަން. އަޅުގަނޑުމެން ދަރަންޏަށް ބޮޑެތި އަދަދުގެ ފައިސާ ނަގައިގެން އަޅުގަނޑުމެން ކުރާ މަސައްކަތް މި ކުރަނީ. އެކަމަކު އެއާއެކީވެސް، އެބަ ގަބޫލުކުރެވޭ، ﷲގެ ރަޙުމަތާއެކީ އެ ދަރަނި އަދާކުރުމާއެކީ ކުރިއަށް ދިޔުމުގެ ޤާބިލުކަން، މިވަގުތު އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އިގްތިޞާދުގައި އެ ހަކަތަ އެބަހުރިކަން. އެހެންވީމާ، ކީއްކުރަންތޯ މަޑު ދުވެއްޔެއްގައި ކުރިޔަށްދާން އަޅުގަނޑުމެން ތިބެންވީ؟ ހަމަ ބާރު ދުވެލީގައި ކުރިޔަށްދާންވީ ދޮގެއްތޯ؟

މިހާރު މިރަށުގައި ބަނދަރު ސަރަހައްދު މިއޮތީ ހިކިފައި. ދެން މިހާރު މިއަންނަ ރިކްއެސްޓަކީ، މިދެންނެވީ މިއީ ރައްޔިތުންގެ އުންމީދުތަކާއި އިންތިޒާރުތައް ހުރި މިންވަރު. ދެން މިރަށުގައި އެކޮޅުގައި އެއޮތް ސަރަޙައްދު އަނެއްކާ ހިއްކަން. ޝައްކެއްވެސްނެތްގޮތުގައި ސަރުކާރުން މިކަންކަން ބަލައިގަނޭ. އެކަމަކު އެއާއެކީ ސަރުކާރުން ބޭނުންވާ ކަންކަންވެސް މި ދަންނަވަނީ. ސަރުކާރުން ބޭނުންވޭ، ހަމަޖެހުން އޮންނަން. ސަރުކާރުން ބޭނުންވޭ، ޞުލްޙަވެރިކަމުގެ ތެރެއިން ކަންކަން ކުރެވެން. ސަރުކާރުން ބޭނުންވޭ، ކިޔަވާ ކުދިންނަށް އަޅައިލާ މަންމައިންނާއި ބައްޕައިން އުޅެން.  ސަރުކާރުން ބޭނުންވޭ، ދޮށީ ރައްޔިތުންނާ އިޙްތިރާމު ކުރާ ރައްޔިތެއް އެތާ އޮންނަން. ސަރުކާރުން ބޭނުންވޭ، އަމަނަށް ލޯބިކޮށްގެން، އަމަންގެ ރައްކާތެރިކަމަށް ލޯބިކުރާ ރައްޔިތެއް އެތާ އޮންނަން. ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި، ރައްޔިތުންގެ ތަރައްޤީއަށް، ރައްޔިތުންގެ ކުރިއެރުމަށް ކުރެވޭ ކަންކަމުގައި ސަރުކާރުން ބޭނުންވާނެ، ހުރިހާ ރައްޔިތުންގެ އެއްބާރުލުން. އެކަކު ދެމީހެއްގެ ޚިޔާލު ތަފާތުވުމުން، ސިޔާސީ މީހުންގެ ޚިޔާލުތަފާތުވުން، އެއީކީ މުޅި ރައްޔިތުން އެކަމަށް އެނބުރެންޖެހޭ ކަމެއް ނޫން. މިއިން ކޮންމެ ސިޔާސީ މީހަކަށް، އެ މީހަކު އަނބުރާނެ ގޮތަށް ކަނޑި އަނބުރަން ފުރުޞަތު ލިބުނު. އޭގެ ނަތީޖާތައް އަޅުގަނޑުމެން ދެކެފީމު.

އެހެންވީމާ، ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި މައްސަލަތަކެއް ހުރިއްޔާ، އެ މައްސަލަތައް ހުށަހަޅާ. އެ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން  ރަނގަޅުކުރެވޭތޯ ބަލާނަން. އެކަމަކު، ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށްވަންޏާ، މި ތަރައްޤީއާއެކީ ސަރުކާރުން ކުރިއަށްދާނެ ޖާގަ އެބަ ލިބެންޖެހޭ. މި ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ، މިދެންނެވި ގޮތަށް ޞުލްޙައަށް ލޯބިކުރާ، އަދި ތަރައްޤީއަށް އުންމީދުކުރާ، އިންތިޒާރުކުރާ ރައްޔިތަކު ތިބެގެން. ހަމައެކަނި އެއް ރަށެއްގެ، އެއްކަމެއް ފުއްދާލާފައި، ދެން ހުރި ކަންކަމުގައި އަޅުގަނޑުމެންނަށް އުނދަގޫވާ ކަމަށްވަންޏާ، އެއީ މުޅި ދިވެހިރާއްޖެ ކުރިއަށް ގެންދެވޭނެ ގޮތެއްނޫން. ދިވެހިރާއްޖޭގައި މަގޫދޫ ގޮތަށް އޮތީ ކިތައް ރަށްތޯ؟ މީހުން ދިރިއުޅޭ 180 އެތަކެއް ރަށް އެބައޮތް. 183 ރަށް އެބައޮތް. އަދި މަގޫދޫގައި ހުރި ބޭނުންތައް، އެހެން ބޮޑެތި ރަށްރަށުގައި ހުރި ބޭނުންތަކަށްވުރެ ނިސްބަތުން ކުޑަ. އެކަމަކު މި ހުރިހާ ކަމަކީ ސަރުކާރަކުން، ސަރުކާރު ހިންގަން ހުރި ފަރާތަކުން، ރައްޔިތުންނާ ހަމައަށް ގެނެސްދޭންޖެހޭ ކަންކަން. މީގެ ކުރީގައިވެސް  މި ހުރިހާ ކަމެއް ގެނެސްދީފައި ހުރިނަމަ، ރައްޔިތުންނަށާއި ސަރުކާރު ދެން ހިންގާ ބަޔަކަށް ފަސޭހަވެގެންދިޔައިސް.

އަޅުގަނޑުމެން މިކުރާ މަސައްކަތަކީވެސް ރައްޔިތުންނަށް ބޭނުންވެފައި ހުރި މިފަދަ ކަންތައްތައް ފޯރުކޮށްދިނުން. ހަމަގައިމުވެސް ދެނެއް، މަގޫދޫގައި ބަނދަރެއް ހަދާކަށް ސަރުކާރަކުން އިތުރަކަށް ވިސްނާކަށް ނުޖެހޭނެ، ކޮންމެ ސަރުކާރެއް އައިނަމަވެސް. އަދި މަގޫދޫގައި ބިން ހިއްކައި ނިމިގެން ދިޔައިމަ، ދެން އަންނަ ސަރުކާރަކުން މަގޫދޫގެ ބިންހިއްކުމާ ދޭތެރޭގައި ފިކުރުކުރާކަށް ނުޖެހޭނެ. މާލެއަކީ ވެރިކަންކުރާ ރަށަށްވާއިރު، ދެން އަންނަ ސަރުކާރަކުން މާލޭގެ ކުނި ނައްތާލާ ނިޒާމާ ދޭތެރޭގައި ވިސްނާކަށް ނުޖެހޭނެ. މާލޭގެ ކުނި އަންދާނެގޮތާ ދޭތެރޭގައި ވިސްނާކަށް ނުޖެހޭނެ. މާލޭގައި ސްކޫލްތައް އެޅި، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބްރިޖް އެޅިގެން ދިޔައިމަ، ދެން މާލޭގެ ފެރީ ސިސްޓަމް ކްލޮގްވެގެން، ނޫނީ އެ ހިސާބު ބަންދުވެގެން، މީހުންނަށް ދަތުރުފަތުރު ނުކުރެވޭނެކަމާ ދޭތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި ދެން އަންނަ ވެރިޔަކު ވިސްނާކަށްނުޖެހޭނެ. މާލޭގެ ސަހަރާތައް އެހެރީ ދެން އިތުރަށް މީހުން ވަޅުނުލެވޭވަރަށް ފުރި ބާރުވެފައި. ކޮންބަޔަކަށްތޯ މިކަމަށް އަޅައިލެވުނީ؟ މިއީ މީހުން އެންމެ ބައިބޯ، ވެރިކަންކުރާ ރަށުގެ ޙާލަތު ހުރި ގޮތުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، މިކަންކަމަށް ބޭނުންވަނީ ޙައްލުތަކެއް. މިކަންކަން ޙައްލުވެގެން ނޫނީވިއްޔާ އަޅުގަނޑުމެންނަކަށް ކުރިޔަކަށް ނުދެވޭނެ.

އެހެންވީމާ، ރާއްޖޭގައި ކުރަންހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަދިވެސް އޮތީ އިންތިހާއަށް ކަންތައް. ހަމައެކަނި އަންނަންޖެހެނީކީ މާއްދީ ތަރައްޤީއެއް ނޫން. މިއާއެކީ އަޚުލާޤީ ގޮތުން މިއަންނަ ބަދަލުތައް އަންނަންޖެހޭ. އެހެންވީމާ، އަބުރާ ބެހުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކީ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބުމަށްޓަކައި، އެކަކު އަނެކަކަށް އޯގާތެރިކަމާއެކީ މުޚާޠަބުކުރުމާއި، އިޙްތިރާމް ކުރުން ގެނައުމަކީ، އެއްވެސްގޮތަކަށް އިސްލާމްދީނަށް ލޯބިކުރާ ބަޔަކު އެކަމާ ދޭތެރޭގައި މާޔޫސްވާނެކަމެއް ނޫން. އަދި އެކަމާ ދޭތެރޭގައި ހިތްހަމަނުޖެހޭނެ ބައެއްނޫން. އަޅުގަނޑުމެން ނުޖެހޭ ނަކަލު ކުރާކަށް އަލިފުން ޔާ އަށް، ހުޅަނގުން ކުރާ ހުރިހާ ކަމެއް. ހުޅަނގުގައި ކުރާ ކަންތައްތަކުގެ ތެރެއިންވެސް އަޅުގަނޑުމެންގެ ސަގާފަތާއި ވެށްޓާއި، އަޅުގަނޑުމެންގެ އިސްލާމްދީނާ، ގަބޫލުކުރެވޭ ކަހަލަ ކަންތައްތައް އަޅުގަނޑުމެން ނަކަލު ކުރަން މިޖެހެނީ. އަލިފުން ޔާއަށް މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭ. އެއީކީ ނޫން ޑިމޮކްރަސީ. ކޮންމެ ބައެއްގެވެސް ވިސްނުން ހުންނަންވާނެ، އެބަޔަކަށް އެންމެ ރަނގަޅީ ކޮން ކަންތައްތަކެއްތޯ؟ އަޅުގަނޑުމެން ގަބޫލުކުރާ ވެލިޔު ސިސްޓަމެއް، ނޫނީ އަޅުގަނޑުމެން ގަބޫލުކުރާ އިޙްތިރާމާއި، އަޅުގަނޑުމެން އުޅެން ބޭނުންވާގޮތުގެ ނިޒާމެއް ތަރައްޤީވަނީ އޭގެ ތެރެއިން. އެ ނިޒާމު ނެތީމަ، އެ ނިޒާމުގައި އުނިކަން ހުންނާތީ، އެއަށް ޖަވާބު ދިނުމުގެ ގޮތުން ޤާނޫނުތަކެއް ހެދިގެން މިދަނީ. އެހެންނޫނީ ޤާނޫނު ހަދާކަށްވެސް ނުޖެހޭ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން މަގޫދޫއަށް، ފ. އަތޮޅަށް، އަދި މުޅި ދިވެހިރާއްޖެއަށް އިރާދަކުރެއްވިއްޔާ، ﷲ ކުރިއެރުން މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންނަށް މި ލިބޭ ނިޢުމަތްތަކުގެ މަތީގައި ތިބެގެން ޝުކުރު އަދާކުރަމުން، އަޅުގަނޑުމެންނަކީ އިތުރު ނިޢުމަތަށް އިންތިޒާރުކުރާ ބަޔަކަށް ވެގެންދިއުން. އަޅުގަނޑުމެން ބޭނުންވަނީ، އަބަދުވެސް ދިވެހިރާއްޖެއަށް ކުރިއެރުން. އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަވެރިކަމާއި، އަމާންކަން އޮތުން. އަބަދުވެސް ދިވެހިރާއްޖޭގައި އިސްލާމީ ހިދާޔަތުގައި ތިބުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. މާތް ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި!

والسّلام عليــكم ورحـمــة اللّـه وبـركاتـه.