بســم اللّـه الرّحمـن الرّحيــم

 

       الحمـدللّـه ربّ العالمـين. والصّـلاة والسّـلام على سيّدنا محـمّد، خاتم الأنبياء والمرسلين وَعلـى آلـه وصحبـه أجمـعـين.

އާދެ، ކުރިންވެސް، މީގެ އަހަރުތަކެއް ކުރިން ނާލާފުށްޓަށް އަޅުގަނޑަށް އާދެވިފައި ހުރީ ހަމަ ހަވީރުގެ މި ހިތްފަސޭހަ ވަގުތު. އޭރު ދެން މިހާ ތަނަވަސް، ރީތި ބަނދަރެއް ނެތް. އެހެންނަމަވެސް، ނާލާފުށްޓަށް އައިމަ އޭރުގެ ހަނދާންތައް މިއަދުވެސް އަޅުގަނޑަށް ހަމަ ލިބެމުންދޭ. އަނެއްކާ ނާލާފުށްޓަށް ކުރާ ކޮންމެ ދަތުރަކީ، އަޅުގަނޑަށް ވަރަށް އުފާވެރިކަން ލިބޭ ދަތުރަކަށްވެގެންދަނީ. އަޅުގަނޑު ނާލާފުށްޓަށް އައިސްފައި ހުންނާނީ، އިންތިޚާބުގައި ރައްޔިތުން އަރިހަށް އައިސް، ރައްޔިތުންގެ ވޯޓުގެ ޝައުޤުވެރިކަމުގައި. ނާލާފުށްޓަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ވަރުގަދައަށް ތާއީދު ކުރައްވާ ރައްޔިތެއް އޮތް ރަށެއް. އެކަމަށްޓަކައި މިއަދުވެސް ނާލާފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި، މަރުޙަބާ މި ދަންނަވަނީ، ހަމަ އޭރު އަހަރުތަކެއް ކުރިން އަޅުގަނޑަށް ވިދާޅުވަމުން ގެންދެވި މަރުޙަބާ މިއަދުވެސް އަޅުގަނޑަށް ވިދާޅުވެދެއްވާފައިވާތީ. އެހެންވީމާ، ނާލާފުށީގެ އުޚުތުންނަށް، އަޚުންނަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ނާލާފުށްޓަށް އަޅުގަނޑު މިކުރާ ދަތުރަކީ، އަދި މ.އަތޮޅަށް މިކުރާ ދަތުރަކީ، މ.އަތޮޅުގެ ބައެއް ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވެފައި ހުރި ވަރަށް މުހިންމު އަސާސީ މަޝްރޫޢުތަކެއް ނިމުނީމަ، އެ އުފާވެރިކަން ރައްޔިތުންނަށް ލިބޭއިރު، އެ އުފާވެރިކަމުގެ ހިއްސާ ނޫނީ އެ އުފާވެރި ކަމުގައި ބައިވެރިވުމުގެ ގޮތުން ކުރާ ދަތުރެއް. ނާލާފުށްޓަށް މިކުރެވޭ ދަތުރަކީވެސް ޙަޤީޤަތުގައި ނާލާފުށި، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަންގައި ނާލާފުށީގެ ބޭފުޅުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތަށް ނާލާފުށި، މި އަޅައިނުލެވިދިޔަނަމަ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނުކޮށް ދިޔަނަމަ، ނާލާފުށި ދެބުރިވީސްކަންނޭނގެ. އެހާ ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައި އޮތް ރަށެއް ނާލާފުށްޓަކީ. އެހެންވީމާ، އަބަދުވެސް ނާލާފުށީގެ ޝަކުވާއަކަށްވެފައި އޮތީ، ރަށްގިރާ ސަރަޙައްދު ހިމާޔަށްކޮށްދިނުން. އޭރު އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ހަމަ ނާލާފުށީގެ ރައްޔިތުންގެ ތެރެއިން އަޅުގަނޑާ ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވާނެ، މިކަން ކޮށްދިނީމަ އެ ނިމުނީއޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޠަބީޢަތުގައި ހުންނަކަމަކީ، މިކަން ނިމުނީމަ އަނެއްކާވެސް ކޮންމެވެސް އެހެން ކަމެއް ބޭނުންވާނެ. އެހެންވީމާ، އެކަންކަން ހަމަ ކޮށްދެވޭތޯ އަޅުގަނޑުމެންގެ ސަރުކާރުގެ ޢަޒުމަކަށްވެފައި މިއޮތީ. ނާލާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމަ ޒުވާނުންނަށް ބޭނުންވާ ފުޓުބޯޅަދަނޑުވެސް ހަމަޖެހިގެން ދާތަން. އެހެންނޫންނަމަ، ފުޓުބޯޅަދަނޑުވެސް އެތާކު ނެތީސް.

އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތު ކުށްކަމުގައިނުވާނަމަ، މިހާރު ފުޓުބޯޅަދަނޑު ލެވެލް ކުރުމަށް އަގެއް ހޯދުމަށް ނާލާފުށީ ކައުންސިލްގައިވެސް ދަންނަވާފައި އޮތީ. އެކަށީގެންވާ އަގެއް ހޯއްދަވާފައި ސަރުކާރަށް އަންގަވަން. ޔޫތު މިނިސްޓްރީއަށް އަންގަވަން. އޭރުން ދަނޑު ލެވެލް ކުރުމުގެ މަސައްކަތްތައް ހިނގާނެކަމަށް. ފުޓްސެލް ދަނޑުގެ މަސައްކަތްވެސް އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، މިދިޔަ އަހަރު އެވަނީ އެމް.އާރް.ޑީ.ސީ. އާ ހަވާލުކުރެވިފައި. މިއަހަރުގެ ތެރޭގައި، 2017 ވަނަ އަހަރު ހުސްވުމުގެ ކުރިން ފުޓްސެލް ދަނޑުވެސް އަޅައި ނިމި. ނާލާފުށީގެ ޒުވާނުންނަށް ފުޓްސަލް ދަނޑުގައި ފުޓްބޯޅަ ކުޅެވޭނެ ގޮތްތައްވެސް ހަމަޖެހިގެންދާނެ.

ނާލާފުށީގައި ޝައްކެއްވެސްނެތްގޮތުގައި މިއޮތީ ވަރަށް ރަނގަޅު ބަނދަރެއް، ވަރަށްރީތި ބަނދަރެއް ހެދިފައި. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ ހަމަ އަޅުގަނޑު ރަށަށް އަރައިގެން އައި ހިސާބުން އެބަ ފެނޭކަންނޭނގެ، ތިމަންނަމެންގެ އެންމެ ޝައުޤުވެރިކަން މިހާރު މިއޮތީ ބޭރު ތޮށްޓަށޭ. ދެން އަޅުގަނޑަށް ހީވަނީ، މި ރަށުގައި ވެފައި މިއޮތްގޮތަކީ، ދެންމެ އަޅުގަނޑު ބަލައިލިއިރު، އާންމުކޮށް ގޮނޑުދޮށްތައް ހިމާޔަތްކުރަން ރާއްޖޭގެ އެހެން ރަށްރަށުގައި ހިނގާވަރަށްވުރެ ވަރަށްބޮޑު އިތުރު ހޭދަ މިއޮތީ ހިނގާފައި. ގޮނޑުދޮށް ހިމާޔަތްކުރަން މިރަށުގައި މިއޮތީ، ގާތްގަނޑަކަށް ދެހާހާ ކައިރި ފޫޓުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައި. 510 މީޓަރުގެ ރިވެޓްމަންޓް މިއޮތީ ޖަހާފައި. މިއީ ބޭރު ތޮށްޓަށް ބަލާކަމަށްވަންޏާ ހަމަ އާދައިގެ ރަށްރަށުގެ ބޭރު ތޮށްޓަށްވުރެން ބޮޑު އަދަދެއްގެ ދިގުމިނުގެ ރިވެޓްމަންޓް މިއޮތީ ޖެހިފައި. އެހެންވީމާ، އޭރު އަޅުގަނޑުމެން ބޭރު ތޮށްޓަށް ފޮނުވި ރިވެޓްމަންޓް މިއޮތީ، މިތަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖެހިފައިކަންނޭނގެ. ދެން އެހެންނަމަވެސް، އަޅުގަނޑުމެން ނާލާފުށީގެ ރައްޔިތުންގެ އިޙްސާސްތައް ބަލައިގަންނަން. ބަލައިގެންފައި، އިރާދަކުރެއްވިއްޔާ ހަމަ ނާލާފުށީގެ މި ނަލަ ބަނދަރުވެސް ފުރިހަމަވެގެންދާނެ ކަމަށް ނާލާފުށީގެ ރައްޔިތުން ތިޔަ ގަބޫލުކުރައްވަނީ، ބޭރުތޮށިވެސް ލެވިގެން. އެހެންވީމާ، ސަރުކާރުން ކޮންމެވެސް ގޮތްތަކެއް ނެރެންޖެހޭކަމެއް އެއީ. ދެން އަޅުގަނޑު މި ދަންނަވަނީކީ މިއަދަކު، މާދަމައަކު ނޫން. މިއަހަރުގެ ވާހަކައެއްވެސް ނޫން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ 2018 ގެ މަޝްރޫޢުތަކައިގެން، ބަޖެޓުގެ މަޝްރޫޢުތަކައިގެން އަޅުގަނޑުމެން އިށީންނައިރު، އަޅުގަނޑުގެ ހަނދާނުގައި އަބަދުވެސް ނާލާފުށްޓާއި، މ.އަތޮޅުގެ މުހިންމު ކަންތައް ހުންނާނެކަން ހަމަ ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭނެ. ޔަޤީންކުރެއްވޭނެ ދޮގެއްތޯ؟

އަޅުގަނޑުމެންގެ މަސައްކަތް މިހާހިސާބަށް އައިސް، އަޅުގަނޑުމެންގެ ދައުރުގެ 3 އަހަރު ނިމި، 4 ވަނަ އަހަރު އަޅުގަނޑުމެން ފަށައިގެން މިދަނީ. މިއަންނަ އަހަރަކީ، ޙަޤީޤަތުގައިވެސް ވަރަށް ވާދަވެރި އިންތިޚާބަކަށް އަޅުގަނޑުމެން އަނެއްކާ ކުރިމަތިލާ އަހަރެއް. އެއާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ އެކި ހިސާބުގައި ރަށްރަށަށް އައިސް، އަޅުގަނޑުމެން ކުރާ ޒިޔާރަތުގައި އަދި މާލޭގެ އެކި ހިސާބުގައި މި ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު، ވަރަށްބޮޑެތި ބަދަލުތަކެއް ގެނެވޭތޯ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމުން މަސައްކަތް ކުރަނީ. މިއީކީ އެއްގޮތަކަށްވެސް ރައީސް ޔާމީންގެ ޤާބިލުކަމެއްނޫން. ޠާރިޤު ވަރަށްހެޔޮފުޅުކަމާއެކީ، އިޙްސާންތެރި ބަސްތަކަކުން، އަޅުގަނޑަށް ހަދިޔާ އެ ކުރެއްވީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބެފައި، އަދި އަޅުގަނޑުމެންގެ ސަރުކާރު ނެތިގޮސް، އެހެން ސަރުކާރެއް އައިސްފައި، ދެން އެ ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި، ނޫނީ ތަރައްޤީއާ ދޭތެރޭގައި ގެންގުޅުއްވި ވިސްނުންވެސް، އަޅުގަނޑުމެންނަށް ފެނިތިބެ، އިދިކޮޅު ފަރާތްތައް ތިބެގެން، ސަރުކާރު ޖަވާބުދާރީކުރުވާށާއި، ސަރުކާރުން ކުރާ ދޭސީ ކަންތައްތަކަށް ފާޑުކިޔުމުގެ ތެރޭގައި އަޅުގަނޑުމެންގެ ލޯތައްވެސް އިތުރަށް ހުޅުވިގެންދިޔައީ. އޭގެތެރޭގައި ހަމަ ވަރަށްގިނަ ކަންތައްތައް ހިނގައި ގޮސްފައިވާކަން އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް އެނގޭނެ. ވަރަށްކައިރި މާޒީއެއްގެ ވާހަކަ އަޅުގަނޑު މިދައްކަނީ. އަޅުގަނޑުމެން ހަނދާންނައްތާލާކަށްވެސް ނުޖެހޭ. އަނެއްކާ އެ މާޒީން ފިލާވަޅެއް އަޅުގަނޑުމެން ހޯދާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަޖަމުކޮށްލަން، ދިރުވާލަންދަތި ބޭހެއް ކަމަށްވަންޏާ، ދެވަނަފަހަރު އެ ބޭސް ދިރުވާލާކަށް އަޅުގަނޑުމެންގެ ޝައުޤުވެރިކަމެއް ނުހުންނާނެ. އެހެންވީމާ، އޭރު އަޅުގަނޑުމެން ނެގި ފިލާވަޅުތަކުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ރަށްރަށަށް ބޭނުންވާ ތަރައްޤީ ހުރީ ކޮން ސްކޭލެއްގައިކަން.

އަޅުގަނޑުމެން މިހާރު މާލެއަށް ބަލައިލިއަސް، އަދި ރާއްޖޭގެ ރަށްރަށަށް ބެއްޔަސް، އަޅުގަނޑުމެންގެ ޓީމުން މިކުރާ މަސައްކަތަކީ، އޭރު އިދިކޮޅުގައި އަޅުގަނޑުމެން ތިބެގެން، ސަރުކާރެއް ޖަވާބުދާރީކުރުވައި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް އަޅުގަނޑުމެން ވަކާލާތުކުރަމުން ގެންދިޔައިރު، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، އަޅުގަނޑުމެންނާ ރައްޔިތުން މި އަމާނާތް ހަވާލުކުރައްވައިފި ކަމަށްވަންޏާ، މި އިތުބާރު އަޅުގަނޑުމެންނަށް ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެން މިކަންކަން އަވަސް ސްޕީޑެއްގައި ބާރުމިނެއްގައި، ހަލުވި މިނެއްގައި މިކަންކަން ކުރަންވާނޭ. އެހެންވީމާ، އަޅުގަނޑާއެކީ މި މަސައްކަތް ކުރައްވާ ޓީމު، ޚާއްޞަކޮށް ރާއްޖެތެރޭގެ، އަތޮޅުތެރޭގެ ބޮޑެތި މި މަސައްކަތްތަކުގައި މިއުޅުއްވަނީ، ހައުސިންގ މިނިސްޓަރ މުޢިއްޒު، އެނަރޖީ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު. އެ ބޭފުޅުންނާއެކީ، އެ ބޭފުޅުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، ދެން އެންމެ ގާތުން ރަށްރަށުގައި މިކަހަލަ ބޮޑެތި ޢުމްރާނީ މަސައްކަތްތަކުގައި މިއުޅެނީ އެމް.ޓީ.ސީ.ސީ. އާއި، ފެނަކައާއި، އެމް.ޑަބްލިޔު.އެސް.ސީ. އާ، މިކަހަލަ ކުންފުނިތަކެއް މިއުޅެނީ. މަޝްރޫޢު ނިމުނީމަ ހިންގުން ހަވާލުވުމާ، މިކަހަލަ ކަންތައްތަކެއް މިއުޅެނީ.

އެހެންވީމާ، ފެނަކައަކީވެސް ރާއްޖެތެރޭގައި މިހިނގާ ވަރަށްގިނަ ކަންތައްތަކުގައި ވަރަށް އިސްދައުރެއް އަދާކުރާ ކުންފުންޏެއް. ފެނަކައިގެ ޚިދްމަތްތެރިކަން، އަޅުގަނޑުމެންގެ ރަށްރަށުގައި 24 ގަޑިއިރުގެ ކަރަންޓް ޔަޤީންވެގެންދާކަން. އެސް.ޓީ.އޯ.ގެ ޚިދްމަތްތެރިކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި މިއަދު، ކޮންޓްރޯލް އަގުގައި، ފަސޭހަ އަގުގައި، އަތްފޯރާ ހިސާބުގައި، ނޫނީވިއްޔާ އަތްފޯރާވަރުގެ އަގެއްގައި ބޭސް ލިބެން ހުންނަކަން. މިއީކީ މީގެކުރިން ވެފައިހުރި ކަންކަމެއްނޫން.

އެހެންވީމާ، ވަރަށްގިނަ އާ ކަންތައްތަކެއް، އެހެންނަމަވެސް، ޝައްކެއްނެތްގޮތުގައި ރައްޔިތުންނަށް ވަރަށް އަސާސީ، ވަރަށް ބޭނުންތެރި ކަންތައްތަކެއް މިހުންނަނީ. ދެން ނުކުންނަ ސުވާލަކީ ކީއްވެގެންހޭ، އެހެންވީމާ މިކަންކަން މީގެކުރިން ނުވެދަނީ. އޭގެ ޖަވާބުވެސް ހަމަ އެ ސުވާލުހާ ވަރަށް އުނދަގޫވެސްމެ. އެކަމަކު އޭގެ ފަސޭހަ ޖަވާބެއްދޭ ކަމަށްވަންޏާ، ދަންނަވަން މިޖެހެނީ ޤުދުރަތީގޮތުން، މީހުން ދިރިއުޅެން މި ހަމަޖެހިފައި މިއޮތް، 180 ވަރަކަށް ރަށުގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރު، އަޅުގަނޑުމެން ކޮންމެ ރަށެއްގައި ބޭނުންވާ ހުރިހާ ކަމެއް ކުރުމުގައި ތަރުތީބު ކުރަންޖެހޭ ކަންތައްތަކެއްވަނީއޭ. މަދަރުސާ ހެދިޔަސް، ދެން މަދަރުސާ ވަކިހިސާބަކަށް ގޮސްފައި، ލެބެއް ހެދި ކަމުގައިވިޔަސް، އަދި އެއަށްވުރެ މައްޗަށް ގޮސްފައި، 10، 11، 12 ކިޔަވައިދޭ ހިސާބަށް ދިޔަނަމަވެސް، ޑޮކްޓަރުންނަށް ބެލިކަމުގައިވިނަމަވެސް، އަޅުގަނޑުމެން ޑޮކްޓަރުން ކަށަވަރު ކުރަމުން މިދަނީ، ޞިއްޙީ މަރުކަޒުތަކަށް ޑޮކްޓަރުން ލައިދެމުން ގެންދާއިރު، އަޅުގަނޑުމެން ހަމަޖައްސައިދެވޭތޯ އެބަ ބަލަން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްވެސް. އެހެންނަމަވެސް، މިއަތޮޅަށް ބެއްޔަސް، މުލަކުގައިވެސް އަންހެނުންނަށް ޚާއްޞަ ފަރުވާދޭ ޑޮކްޓަރުންނެއްވެސް މިރަށުގައިވެސް ނެތްކަންނޭނގެ. މިއީ ހައްތަހާވެސް ސަރުކާރެއްގެ ފަރާތުން ރައްޔިތުން ފުދެން ބޭނުންވާ ކަންތައްތައް މިހުންނަނީ. މިކަހަލަ ހުރިހާ ކަމެއްކުރަން އަޅުގަނޑުމެން އެހެން ބައެއް ނަސީބުގަދަ ޤައުމުތަކުގައި އެއްބައްރަކަށް ރަށް އޮވެފައި، އެއްބައްރެއްގައި އެންމެން އުޅޭއިރު، މިކަހަލަ އެއްވެސް އުނދަގޫކަމެއް އެމީހުންނަށް ކުރިމަތިލާކަށް ނުޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ނަސީބާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާއިރު، އަޅުގަނޑުމެންނަށް ހުރި ފަސޭހަ ކަންތައްތަކަކީ، އަޅުގަނޑުމެންނަކީ، އެއް ނަސްލެއްގެ، އެއްދީނެއްގައި، އެއްކަހަލަ ކަންތައްތަކެއް ގަބޫލުކުރާ ބަޔަކަށް ވެގެންދާތީ. އަޅުގަނޑުމެންނަށް އެހާ ނަސީބުވެރިކަން ނޫންގޮތަކަށް މި ފެންނަނީ، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވެގެން ދިޔަދިޔައިނުންގޮސް، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައިވެސް، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުން. މި ކުރަހާލާ ރޮނގު މާ ފާޅުކަންބޮޑު، އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށް ޗާޓުގައި ކުރަހަން ބޭނުންވާ ރޮނގުތަކަށްވުރެ.

މިރަށުގެ މިސާލަކީ، ހަމަ ވަރަށް ފަސޭހައިން މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު މިދަންނަވާ ވާހަކަ ގަބޫލުކުރެވޭނެ މިސާލެއް. ސަރުކާރާއެކީ މަސައްކަތް ކުރަން އަދި ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުންގެ ލާބަޔާ އެއްގޮތަށް މަސައްކަތް ކުރަން އޮންނަ ވަރުގަދަ ކައުންސިލެއް އޮވެއްޖެ ކަމަށްވަންޏާ، ރަށުގެ ބިން ދޫކުރުމާ، މިކަންކަމުގައި ޒުވާނުންގެ ބޭނުންތަކަށް އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް، ބިން ދޫކުރުމުގައި ފިސާރި ކެރިގެން، ފިސާރި އަވަހަށް މިކަންކަން ކުރާކަމަށްވަންޏާ، އެއް އަހަރުގެ ބަޖެޓުގެ ތެރޭގައި ކުރެވޭނެ ކަންކަން ހުންނާނެ.

މި ރަށަކީ އާބާދީ ކުޑަކުޑަ ރަށެއް. 500 މީހުން ކިރިޔަކިރިޔާ ހަމަވޭ، ނުވޭ. އެހާކަންހާވަރުގައި މިއުޅެނީ. އެހެންނަމަވެސް، މިރަށަށް މިހާރު މި ދެވޭ އިސްކަމަކީ، ޝައްކެއްވެސްނެތްގޮތުގައި، މި ދާއިރާގެ މެންބަރަކަށް އަޅުގަނޑު ހުރެފައި، ހަމަ ދިވެހި ރައްޔިތުންތަކެއް ތިބި ރަށަކަށްވެފައި، ރަށުގައި ދަތި ކަންތައްތަކެއް ހުރީމަ، ހަމަ އަޅުގަނޑުމެންގެ ޝައުޤުވެރިކަން މި ރަށަށް އޮތީމަ، މިކުރެވޭ ކަންތައްތައް. އެކަމަކު އަޅުގަނޑުމެން މި ދިއްކޮށްލާ ވާފަށުގައި ހިފައިގެން އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރާނެ ޓީމެއް އެބަ އޮންނަންޖެހޭ. އެހެންވީމާ، ޒުވާނުންގެ އެކިއެކި ޙަރަކާތްތަކަށްވެސް، ބިން ދޫކުރަންޖެހޭއިރު، އަޅުގަނޑުމެންގެ އެއް ފިކުރެއްގެ، އެއް ޚިޔާލެއްގެ ކައުންސިލެއް އޮންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިކަންކަން ފަސޭހަވެގެންދާނެ. އެހެން ނޫންކަމަށްވަންޏާ، އެތަކެއް މަސް ހޭދަކުރަންޖެހިދާނެ، މިކަހަލަ ކަމެއް ކުރުމުގައި.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރިމަތިވެފައި މިއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައިގެން އަޅުގަނޑުމެން މަސައްކަތް ކުރާއިރުވެސް، މިރަށުން އަޅުގަނޑުމެންގެ ޕާޓީއަށް، ޕީ.ޕީ.އެމް. އަށް، ސަރުކާރަށް މި ތާއީދު ދެއްވައިފި ކަމަށްވަންޏާ، ދެން މިރަށުގައި ކުރަންހުރި މަސައްކަތްތަކަށް ޝައްކެއްވެސްނެތްގޮތުގައި އެތައްތަނެއް ފަސޭހަވެގެންދާނެއޭ.

ސަރުކާރުން މިހާރު މިކުރާ މަސައްކަތްތަކަކީ، ޙަޤީޤަތުގައިވެސް މިދެންނެވި ގޮތަށް ރައްޔިތުންނަށް ރަށްރަށުގައި ދަތިވެފައި ހުރި އެތައް ކަންތައްތަކާ ދޭތެރޭގައި ވިސްނާފައި، އެ ކަންތައްތައް ވީހާ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭތޯ ބަލަން ކުރާ މަސައްކަތް. 3 އަހަރަކީ، އަޅުގަނޑުމެންގެ ފަހުގެ ސިޔާސީ ޙަޔާތުގައި، ފަހުގެ ސިޔާސީ ތާރީޚުގައި ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ ދުލުން ބޭރުވާ ލަފުޒެއް. 3 އަހަރުގެ ތެރޭގައި ކަންކަން ކުރުމާއި ނުކުރުން. ކަންކަމުން ދުރަށްދިޔުމާއި ނުދިޔުން. ދެމިހުރުމާއި ނެތުން. ކަންތައްތައް ފުއްދޭ މިންވަރު. މިކަހަލަ ހުރިހާ ކަމެއް ރަމްޒުވޭ 3 އަހަރުގެ ތެރޭގައި. 3 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ޝޮކް ލިބިގެން ދިޔައީ. ކަރަންޓް ޝޮކެއްތޯ، ނޫނީ ކޮންކަހަލަ ކަމެއްތޯ؟ މިކަހަލަ، ހުރިހާކަމެއްވެސް ރަމްޒުކޮށްދޭ ކަމެއް 3 އަހަރަކީ. އެހެންވީމާ، 3 އަހަރު. 3 އަހަރާ އަޅާކިޔުމަކީ، ހަމަ ވަރަށް ފަސޭހަކަމެއް. އަނެއްކާ 3 އަހަރުގެ ގުނައަކަށް 30 އަހަރު ވުމަކީވެސް އިއްތިފާޤެއް.

އެހެންވީމާ، މިކަހަލަ އިއްތިފާޤުތަކެއް 3 ގެ ތެރޭގައި، މި އަކުރުގެ ތެރޭގައި އެބަ ހިމެނޭ. އެހެންވީމާ، 3 އަހަރުގެ މާޒީއާއި، 3 އަހަރު މި ހޭދަކުރާއިރު، ރައްޔިތުންނަށް ބޭނުންވެފައި ހުރި މިހާ ގިނަ ކަންތައްތަކެއްގެ ވާހަކަ މިހާރު މި އަންނަނީ ކީއްވެގެންތޯ؟ ހަމަ ސަލާމަތް ސިކުނޑިއަކުން އެބަޖެހޭ ވިސްނާލަން. ކީއްވެގެންތޯ ކުރީގައި އޮތް 3 އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ބޭނުންނުވެފައި ހުރި ކަންތައްތަކެއް، ނޫނީ ނުފުދިފައި ހުރި ކަންތައްތަކެއް އޭރު ހުރީތޯ؟ މިހާރުގެ މި 3 އަހަރަށް މިހުރިހާ ކަމެއް ބަނޑުންޖެހިގެން މިއުޅެނީ؟ ހަމަ ކޮށްލަން ރަނގަޅު ސުވާލެއް ނޫންތޯ؟ އޭރުވެސް ހަމަ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އޮންނާނީ. ހަމަ ދައުލަތުގެ ބަޖެޓަކީ، ހަމަ 17، 18، 19 ހާސް މިލިޔަން ރުފިޔާގެ ބަޖެޓް. މިހާރަކާ މާބޮޑު ތަފާތެއްނެތް. އަދި އޭރުވެސް ދައުލަތަށް ލިބޭ އާމްދަނީގެ އަސާސަކީ، މިހާރުވެސް ދައުލަތަށް ލިބޭ އާމްދަނީގެ އަސާސް. މަސްވެރިކަމާއި ޓޫރިޒަމް ބޮޑުގޮތަކަށް. އެހެންނަމަވެސް، މިހާރު ތަފާތަކީ، މިހާރު ކުރަން ބޭނުންވާ ކަންތައްތައް ނޯޓުކުރުމާއެކީ، އަޅުގަނޑުމެން އެކަންކަން ކުރެވޭތޯ ބަލަން. އެކަންކަން ނުކޮށް، އެކަމުގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަމު. އަދި އަޅުގަނޑުމެންނެއް ދުނިޔެއާއި، ރައްޔިތުންގެ ސަމާލުކަން ހޯދާކަށް އެކަހަލަ ވާހަކަތަކެއްވެސް ނުދައްކަމު.

އަޅުގަނޑުމެން ބަލަނީ، އަޅުގަނޑުމެންގެ މިންވަރުން، ރައްޔިތުންނަށް އެކި ރަށްރަށުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، ދަތިވެފައި ހުރި ކަންތައްތައް ފުއްދައިދެވޭތޯ. އެހެންވެގެން ބޮޑެތި މަޝްރޫޢުތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުންނަނީ. މިކަހަލަ ރަށްރަށުގައި، މިސާލަކަށް، މި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި މި ޖަހާ ރިވެޓްމަންޓަކީވެސް، އާދައިގެ ކުދިކުދި ރަށްރަށުގައި ބޭނުންވެފައި ހުރި އެންމެ އަސާސީ ޚިދްމަތްތަކަށް ބަލާކަމަށްވަންޏާ، ތިން ހަތަރު މަޝްރޫޢު ހިންގޭވަރުގެ ކަންތައްތައް މި ހުންނަނީ.

ދެން މިއޮތީ މިރަށުގެ ބޭރު ތޮށި. މިރަށުގެ ބޭރު ތޮށި އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އަދި މި މަޝްރޫޢަށްވުރެން އަގު ބޮޑުވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހުރިހާ ކަންކަމެއް ވެގެންދާއިރު، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އެކި ސަރުކާރުތަކުން ދައުލަތް ހިންގާފައި ދިޔައިރުވެސް، މި ނާލާފުށީގެ ރައްޔިތުންނަކީ، މާލެއާއި ދައުލަތުގެ ބަޖެޓާ ކިހާ ކައިރީގައި، ކިހާ ދުރުމިނެއްގައި ޗާޓުގެ ތެރޭގައި ކިހާވަރަކަށް ހިމެނިފައި އޮތް ރަށެއްތޯ، ނާލާފުށީގެ ރައްޔިތުން އެބަޖެހޭ ސުވާލުކުރައްވަން. މާލެއާއި، ނޫނީ މާލޭގެ ސަރުކާރާއި ނާލާފުށްޓާ ކައިރިވާ މިންވަރަކީ، ނާލާފުށީގެ ރައްޔިތުންނާއި ސަރުކާރާ އޮންނަ އިޙްސާންތެރިކަން، ނޫނީ އޮންނަ ގުޅުން ދައްކުވައިދޭނެ ކަންކަން.

އެހެންވީމާ، މިކަންކަމަށް ވިސްނާފައި، އަޅުގަނޑުމެން ހަމަ ނާލާފުށި ގޮތަށް ދިއްގަރުވިޔަސް، މުލަކުވިޔަސް، އަދި އެހެން އަތޮޅެއްގެ އެހެން ރަށެއް ކަމަށްވީނަމަސް، ދިވެހިރާއްޖޭގައި މި ކުރެވޭތޯ ބަލާ މަސައްކަތަކީ، ރަށްރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ފުއްދައިދިނުން. މިޒަމާނުގެ މުޖުތަމަޢެއްގައި އަޅުގަނޑުމެން އުޅޭއިރު، އަޅުގަނޑުމެން މިއީކީ، ހަމައެކަނި އަޅުގަނޑުމެންގެ ރަށްރަށުގައި އެކަނި ދިރިއުޅެގެން އަޅުގަނޑުމެންގެ ރަށްރަށުގެ ކަންކަމަށް އެކަނި ފިކުރު ހުއްޓާލައިގެން ތިބި ބައެއްނޫން. ހަމަގައިމު ޤައުމުގެ އެކި ފަންނުތަކުން، އަޅުގަނޑުމެންގެ ޤައުމު ތަމްސީލުކުރާ ޒުވާނުންތަކެއް ތަމްސީލުކުރާ ރައްޔިތުންތަކެއް، ދުނިޔޭގެ ހުރިހާ ހިސާބެއްގައި އެކި ކަހަލަ ޙަރަކާތްތަކުގައި އެބައުޅޭ. އޭގެތެރޭގައި ސިޔާސީ ކަންކަމާއި، ސިޔާސަ ކަންކަމާއި، ކުޅިވަރުގެ ކަންކަމާއި، އެކިއެކި ޖަލްސާތަކާއި، ސައެންސްވެރިން ކުރާ މަސައްކަތާއި، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލާއި، ރާއްޖޭގެ ތިމާވަށްޓާ ހުރި ގުޅުމާއި، ހޫނުވާ މިންވަރާއި، ކަނޑުތަކުގެ ދިރުންހުރި މިންވަރާއި، އަދި އަޅުގަނޑުމެންގެ މަސްވެރިކަން މަދުވަމުންދާ މިންވަރާއި، މިކަހަލަ އެތައް ކަމެއްގައި އަޅުގަނޑުމެން ހަމަ ދުނިޔޭގެ ސަފުގައި އެބަ ފައިތިލަ ހަމަކުރަންޖެހޭ. އަޅުގަނޑުމެން ކުރަންޖެހޭ. އެކަންކަމަށް އަޅުގަނޑުމެން ބައިވެރިނުވާކަމަށްވަންޏާ، މިވާގޮތަކީ، ދުރު ރަށަކަށްދާން އަޅުގަނޑު ގޭދޮށުގައި ހުއްޓައި، ބަސް ނަގަން އަޅުގަނޑު ފަރުވާކުޑަވީމަ، މިވާގޮތަކީ، އަޅުގަނޑު ނާސްތާ ނަގައިގެން އަޅުގަނޑު ހިތުހުރި އިރަކު ދިޔައިމާ، އެ ބަސް އަޅުގަނޑަކަށް ނުލިބޭނެ. ދެން ނޭނގެ ކޮންއިރަކުން ކަމެއް އެތަނަށް ބަސްހުއްޓާނީކީ. އެކަހަލަ ގޮތެއް މިވަނީ.

އެހެންވީމާ، އަޅުގަނޑުމެން މިކަހަލަ ކަންކަމުގައި ބައިވެރިނުވާ ކަމަށްވަންޏާ، ދުނިޔެއެއް އަޅުގަނޑުމެންގެ އިންތިޒާރަކު އަޅުގަނޑުމެންގެ ޝައުޤުވެރިކަމަށް ހުއްޓިއެއް ނޯންނާނެ. މިވާހަކަ އަޅުގަނޑު މީގެކުރިންވެސް ތަނެއްގައި ދެއްކިން. ބަވަނަވަމުން އަންނަ އިޤްތިޞާދެއްގައި އަޅުގަނޑު އޭރު މިސާލު ގެނައިން. އެ މިސާލުވެސް ނުބައިކޮށްކަންނޭނގެ، މާނަނެގިގެން މިއުޅެނީ. އަޅުގަނޑު ގެނައި މިސާލަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުވެސް ހަލުވިކަމާއެކީ ކުރިއަށްދާންވާނޭ. އިޤްތިޞާދަށް ނިސްބަތްކޮށް، އަޅުގަނޑު ފުއްލާއެއްގެ ވާހަކަވެސް ދެއްކިން. އިޤްތިޞާދީ ދުވެއްޔަށް ނިސްބަތްކޮށް ސާރިދޯޅެއްގެ ވާހަކަ ދެއްކީވެސް. އެއީ އެހެން އެއްވެސް ވިސްނުމެއްގައެއް ނޫން.

އެހެންވީމާ، މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން ފައިތިލަ ހަމަކުރަން ބޭނުންކަމަށްވަންޏާ، ދުނިޔެއާއެކީ އަޅުގަނޑުމެން ހިނގަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ދުނިޔެއާ އެކީގައި ހިނގާނީ. އަޅުގަނޑުމެން ހިނގަން ބޭނުންނުވާ ރާސްތާއަކަށް ދުނިޔެ ގަދަކަމުން އަޅުގަނޑުމެން ނުގެންދާނެ. މިއީ ބައިނަލްއަޤްވާމީ ހުރިހާ ޖަލްސާތަކެއްގައިވެސް މިކަން އޮންނަގޮތް. މިކަން ބޭނުންވާ ކަމަކީ، ދިވެހިރާއްޖޭގައި މިކުރެވޭ މަސައްކަތްތަކުން، ފިސާރި ޤާބިލު، ފިސާރިކެރޭ، ފިސާރި ޗާލާކު ޖީލެއް ޤާއިމުކުރެވޭތޯ، ނޫނީ ބިނާކުރެވޭތޯ ބެލުން. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ބޭނުންވެފައި ހުރި ކަންކަމަށް ބޭރުގެ އެހީ ހޯދަން ވަކާލާތު ކުރުމުގައިވެސް، އެ ޤާބިލުކަން އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެ ތަމްސީލު ކުރުމުގައި، ދިވެހިންގެ ޙައްޤުތައް ހިމާޔަތްކޮށްދޭށާއި، ދިވެހިރާއްޖޭގައި އިސްލާމްދީނަކީ، މުޅި ދުނިޔޭގައިވެސް އޮތް ދެ ޤައުމުގެ ތެރެއިން އެއް ޤައުމު، ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ. އެހެންވީމާ، ކީއްވެގެންތޯ ދިވެހިރާއްޖޭގައި އިސްލާމްދީނަށް މިހާ ވަރުގަދަ ޝައުޤުވެރިކަމެއް އަޅުގަނޑުމެންގެ އޮންނަނީ؟ އަޅުގަނޑުމެން އެބަ ކިޔައިދޭންޖެހޭ. އަޅުގަނޑުމެން އެ ޖިހާދު އެބަކުރަން. އަޅުގަނޑުމެން ކީއްވެގެންތޯ، ދުނިޔޭގެ އެހެން ޤައުމުތަކުން އެބުނާ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައި، އަޅުގަނޑުމެންގެ ދީނުގައި ގަބޫލުނުކުރެވޭ ކަންތައް ދިވެހިރާއްޖޭގައި ގަބޫލުނުކޮށް އަދި ކިތަންމެ ބައިވަރު ކަންކަމަކުން އަޅުގަނޑުމެން މަޙްރޫމުވީނަމަވެސް، އަޅުގަނޑުމެން ތިބި ގޮތެއްގައި ފައިތިލަ ހަމަކޮށްގެން ތިބެނީ. ސާބިތުކޮށްގެން މި ތިބެނީ ކީއްވެގެންތޯ، އަޅުގަނޑުމެންނަށް އެބަ ކިޔައިދެވެންޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ މީހުންގެ ވިސްނުން ބަދަލުވީމާ، ނޫނީ އެމީހުން މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ހައިބަތު، ނޫނިއްޔާ ވަޒަންކުރެވިފައި ހުރިވަރު ބަދަލުވީމާ އެއީކީ، މިކަހަލަ އަސާސީ ކަންކަމާ ދޭތެރޭގައި އޭނާ ރާއްޖެ ވިއްކާލަންޖެހޭ ކަމެއްނޫން.

އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ ހުރިހާ ބޭފުޅުންނަށްވެސް މުހިންމުވާންވާނެ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގައި އޮންނަން. އަޅުގަނޑުމެންނަކަށް ގަބޫލުކުރެވިގެންނުވާނެ، ދިވެހިރާއްޖޭގައި އެހެން ދީނަކަށް ޖާގައޮތްތޯ ބަލަންވެސް. އަޅުގަނޑުމެންނަކަށް ގަބޫލުކުރެވިގެން ނުވާނެ، އަޅުގަނޑުމެން ހުޅަނގު ރުއްސާށޭ، ނޫނީވިއްޔާ ދުނިޔެ ރުއްސާށޭ ކިޔާފައި، ދުނިޔޭގެ އެހެން ތަންތަނުގައި، އެހެން ޑިމޮކްރަސީތަކުގައި އެހުންނަ މިންވަރަކަށް އިންސާނުންގެ މިނިވަންކަމެއް ދިވެހިރާއްޖެއަކު ނޯންނާނެ. އެއީ، އަޅުގަނޑުމެންގެ ދީނުގައި ހުދޫދެއްގެ ތެރޭގައި ހުރި ކަންކަމަށްވާތީ. އޭގެ މިސާލުތަކެއް ދައްކާކަށެއްނޫން ކޮންމެހެން އަޅުގަނޑު. އެކަމަކު، ވަރަށް ފަސޭހަކަމާއެކީ ދެކަމެއް އަބަދުވެސް އަޅުގަނޑުމެންނާ ޖަދަލުކުރޭ. އޭގެތެރެއިން އެއްކަމަކީ، ރާއްޖެއަށް ކީއްވެގެންތޯ އެހެން ދީންތަކަށް ޖާގަ ނޯންނަނީ، އެ ދީންތަކުގެ މީހުން ރާއްޖޭގައި އެ ދީންތަކުގައި އުޅެންވާގޮތަށް އުޅެން؟ ކީއްވެގެންތޯ ބުދު ފައްޅިތައް ހަދަން ޖާގަ ނުލިބެނީ؟ ކީއްވެގެންތޯ މޮނަސްޓްރީ ހަދަން ޖާގަ ނުލިބެނީ؟ މިކަހަލަ ކަންކަމުގައި ކިހިނެއްތޯ އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންނަށް މިހާތަނަށް ޢަމަލު ކުރެއްވިފައި ހުރީ. ކިހިނެއްތޯ؟ ހުޅަނގު ރުއްސަން، ނޫނީ ބަޔަކު ރުއްސަން އަޅުގަނޑުމެންނަށް ވާހަކަ ގެންގުޅެވިފައި ހުރީ ކިހިނެއްތޯ؟ އެހެރީ ފެންނަން ދޮގެއްތޯ؟ އެހެރީ ފެންނަން.

ދެން އޮތް އަނެއްކަމަކީވެސް  ހަމަ އެކަހަލަ ކަމެއް. އެ ބުނާ ފަރުދީ މިނިވަންކަމުގެ ތެރެއިން މި އަންނަނީ އެހެން ދީންތަކުގައި އެވަރަށް އަޅާނުލާ ކަންތައްތައް ކަންނޭނގެ. އަޅުގަނޑަށް އެހެން ދީންތަކުގެ ކަންތައްތަކެއް މާބޮޑަށް އެނގޭތީކީއެއް ނޫން. އެކަމަކު އަޅުގަނޑު ހިތްބުނާގޮތުން، އެހެން ދީންތަކުގައިވެސް ދީނީގޮތުން ހުއްދަ ނުކުރާ ކަންކަމުގެ ވާހަކަ އެ ދައްކަނީ. އެއީ ވަކި، ދިވެހިރާއްޖޭގައި މި އޮންނަ އިސްލާމްދީނުގެ ވާހަކަ އެކަންޏެއްނޫން. އެކަމަކު ޒަމާނުގެ ޑިމޮކްރަސީއާއި، މީހުންގެ ހޭލުންތެރިކަމާއި، ވިސްނުމާއި، ތަހުޒީބު ވެއްޖިއްޔާ ތަހުޒީބުގެ ތެރެއިން، މިކަހަލަ ކަންކަން ހުއްދަކުރާ ކިތަންމެ ޤައުމެއް އެބަހުރޭ. ރާއްޖޭގައި އެކަންކަމެއް ހުއްދައެއް ނުވާނެ. އެހެންވީމާ، އެ އަޅުގަނޑުމެންނަށް ކީއްވެގެންތޯ އ.ދ.ގައި ވަކާލާތު ކުރަން ދަތިވަނީ؟ ޖެނީވާގައި އަޅުގަނޑުމެންގެ މަންދޫބުންނަށް ގޮސްފައި، ކީއްވެގެންތޯ ހިއުމަން ރައިޓްސް ކޮމިޝަނުގައި އަޅުގަނޑުމެންނަށް ވަކާލާތު ކުރަން ދަތިވެގެން މިއުޅެނީ؟ ކީއްވެގެންތޯ ދިވެހިރާއްޖޭގައި ޤާނޫނުތައް މުގުރާ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު، ޤާނޫނީ އިމުގެ ތެރެއިން އަޅަން ނުކެރިގެން މިއުޅެނީ؟ ނޫނީވިއްޔާ އަޅަމުންދަނީ ކީއްވެގެންތޯ؟ އެ ޖަވާބު، ނޫނީ އެ ޖަދަލު އަޅުގަނޑުމެންނަށް ދޭން ނުކެރޭތޯ، ކެރޭތޯ؟ އެއީ އަޅުގަނޑުމެން ހަމަ ކުރަންޖެހޭ ސުވާލު.  

މި ކަންކަން ކުރަން އަޅުގަނޑުމެންނަށް ކެރެންވާނެ. އަޅުގަނޑުމެންނަށް ކަށަވަރުކޮށް ދަންނަވަން އެނގޭ އެއްޗަކީ، މިހާރުގެ މި ދިވެހިރާއްޖޭގައި މިޒަޢާމަތުގައި ހަމަގައިމުވެސް އެއްވެސް މީހަކާ ދޭތެރޭގައި، އެއްވެސް މީހަކާ ދޭތެރޭގައި ޤާނޫނާއި ޝަރީޢަތުން ބޭރުން ފިޔަވަޅެއް ނާޅާނެ. އެކަމަކު އެހެން ބުނެވެން އެބައޮތްތޯ އެހެން ސަރުކާރުތަކާ ބެހޭގޮތުން. އަދި ޚާއްޞަކޮށް އަޅުގަނޑުމެންނާ އެންމެފަހުން ވަކިވެގެންދިޔަ އަޅުގަނޑުމެންގެ އިދިކޮޅު ފިކުރުގެ ސަރުކާރާ ދޭތެރޭގައި މިހެން ބުނެވޭކަށް ނެތެއްނޫންތޯ؟ މިކަހަލަ ކަންތައްތަކެއް މި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް އޮންނަ ސުންނަތެއް ގޮތަށް މިއޮންނަނީ، ވެފައި ހުންނަ ކަންތައްތަކުން ފިލާވަޅުނަގާށޭ. ތަކުރާރުވިޔަ ނުދޭށޭ. ގޯސްކަމެއް ވެއްޖިއްޔާ ތަކުރާރުވިޔަ ނުދޭށޭ. އަޖުމަ ބެލިފައި ހުންނަ ކަންކަން އަޅުގަނޑުމެންނަށް އަޖުމަ ބެލިފައި އެހެރީ. އިތުރަކަށް އަޖުމަ ބަލާކަށް ނުޖެހޭ. އެއީ ފިކުރަކަށް، ވިސްނުމަކަށް، ދާ މިސްރާބަކަށް، އޭގެ ބަދަލެއް ނާންނާނެތީ.

އެހެންވީމާ، މިކަހަލަ ކަންތައްތަކެއް ހުރީމާ އަޅުގަނޑު މިދަންނަވަނީ، ދިވެހިރާއްޖޭގައި މިހާރު މިއޮތް ހިސާބުން އަޅުގަނޑުމެން ބޭނުންވަނީ މިއިން ހަމަ ކޮންމެ ރަށެއްގައި ބޭނުންވެފައި ހުރި، ދަތިވެފައި ހުރި އެތައް ކަމެއްގެ ވާހަކަ އިވެން. ދަތިވެފައި ހުރި އެތައް ކަމެއްގެ ވާހަކަ އަޅުގަނޑުމެން ކުރާ ކޮންމެ ޒިޔާރަތެއްގައި އިވޭނެ. މިރަށުން އެކަންޏެއް ނޫން. ބޮޑެތި ރަށްރަށުން އަދި މާގިނަ ކަންތައްތައް އަންނާނެ. އެކަމަކު މިހުރިހާ ކަންކަމަކީ މިދަންނަވާ ގޮތަށް ސަރުކާރުން ވަރަށް ބޮޑެތި ރިސްކު ނަގައިގެން، ވަރަށް ގިނަ މަސައްކަތުގެ ވަގުތު ހޭދަކޮށްގެން އަދި ސަރުކާރުގެ ވަޒީރުންގެވެސް މިދެންނެވި ޝައުޤުވެރިކަމާއި، ކެރުން ހުރެގެން މިހާރު އުފެދިފައި މިއޮތް ޖީލުން އަޅުގަނޑުމެންގެ ޙައްޤުގައި، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް ބޭރުގައިވެސް ވަކާލާތު ކުރެވިގެން ކުރެވޭ ކަންތައްތައް. އެހެންނަމަވެސް، ބައެއް މަޝްރޫޢުތައް، ބޭރުގެ އެހީހޯދައިގެން ހިންގާ ބައެއް މަޝްރޫޢުތައް، ޚާއްޞަކޮށް ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކަމަށްވަންޏާ، އަޅުގަނޑުމެން ހިތްއެދޭ އަވަސްމިނުގައި ނުދާ ސަބަބަކީ، އެ މަޝްރޫޢުތަކަކީ ބޭރުން ފަންޑިންގ އޭޖެންސީތަކުންވެސް އަދި އަޅުގަނޑުމެން ހުއްދަ ނަގަންޖެހޭ ކަންކަމަށްވާތީ. ބިލެއް އިވެލުއޭޓް ކޮށްފައި، ބިލު ނިންމިގޮތް އަޅުގަނޑުމެން ހުށަހަޅާ ހިސާބުން، އަދި އެހިސާބުން އެކަން  ނިމުނީކީވެސް ނޫން. އެ ފަންޑިންގ އޭޖެންސީވެސް އެބިޑު ގޮސްފައި އޮތްގޮތް ގަބޫލުވެސް ކުރަންޖެހޭނެ. މި ހުންނަނީ ހަމަ ލައްކަގިނަ ވަގުތުނަގާ ކަންކަން. މިކަންކަން ކުރަން އަޅުގަނޑުމެން 5 އަހަރުގެ މުއްދަތުގެ ތެރޭގައި ކަންތައްތަކެއް ކުރެވޭތޯ ބަލަނީ. 

މިއާއެކީ އަޅުގަނޑުމެންވެސް ބޭނުންވޭ، އަޅުގަނޑުމެން އިސްވެ ތިބެގެން ރައްޔިތުންނަށް ދަތިވާގޮތަށް ކަމެއް ކުރެވިފައި އޮތިއްޔާ، ލޯނެއް ނަގާފައި އޮތިއްޔާ އަޅުގަނޑުމެން މިހާރު ރައްޔިތުންގެ އަރިހުގައި މި ދަންނަވަނީ، އަޅުގަނޑުމެންގެ އެ ޤާބިލުކަން އެބަހުއްޓޭ އެ ލޯނު އަދާކުރުމުގައި. އިރާދަކުރެއްވިއްޔާ. އެއީ، ކުރިއަށްދާން ބޭނުންވާތީ އަޅުގަނޑުމެން ކުރާ ކަންކަން. ކުރިއަށްދާން ބޭނުންވެގެން އަޅުގަނޑުމެން ކުރާ ކަންތައްތައް. އެކަމަކު، އަޅުގަނޑުމެންގެ މިހާރާއި ކުރިޔާ އަޅައިކިޔާއިރު، ހަމަ އެންމެ ރަނގަޅު ދޮގެއްތޯ މިހާރުގެ ކަންކަމަށް ފާޑުކިޔާ މީހުން، އެ ފާޑުކިޔާއިރު އެ ބޭފުޅުންގެ ފިކުރުތަކަށް ތާއީދުކުރާ، މަގުމަތީގައި ހަރަކާތްތެރިކޮށް އުޅޭ މީހުންނާއި އަދި އެ ބޭފުޅުންގެ ފަންނީ ބޭފުޅުންނާއި، އެ ބޭފުޅުންނަށް ކުރެވިފައި ހުރި ކަންތައްތަކާ ދޭތެރޭގައި ކީއްވެގެންތޯ ވިސްނާވަޑައިނުގަންނަވަނީ؟ ދައުލަތުގެ ބަޖެޓު ކިހާ ހިސާބެއްގައި ދަރަނިވެރިކަމެއްގައިތޯ އޮތީ؟ ހަމަ އެއްކަލަހެން ތިންއަހަރެއްގެ ވެރިކަމެއް ނިމިގެން ދިޔައިރު، ކޮންކަމެއްތޯ ރާއްޖޭގެ މާއްދީ ފައިދާއަށް، މާއްދީ ތަރައްޤީއަށް ފެންނަން އޮތީ ކޮން ބަނދަރެއްތޯ؟ ކޮންކަހަލަ ނަރުދަމާ ނިޒާމެއްތޯ؟ އަޅުގަނޑުމެންނަށް މިއަދުވެސް އަޑުއިވިގެން ދިޔައީ މި ހުރިހާ ދުވަސްވެގެން ދިޔައިރު، ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު އެއްކަމަކަށް އަސާސަކަށް މިވަނީ ބޯފެން. ސާފު ބޯފެން ލިބުން. ގާތްގަނޑަކަށް އާބާދީގެ 14 ޕަސެންޓް. 14 ޕަސެންޓުގެ ބޮޑުބަޔަކީ މާލެ ކަންނޭނގެ. އެހެންނޫންތޯ؟ އެހެންވީމާ، ކޮބައިތޯ ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ތިބި ރައްޔިތުން؟ އެއީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުން ދޮގެއްތޯ. ހަމަ މިހުރިހާ ތަނަކަށް އެބަ އަންނަންޖެހޭ ފެނާއި ނަރުދަމާވެސް ދޮގެއްތޯ. އެހެންވީމާ، މިހެން ހުރި ކަންތައްތަކެއް ހުރި. އޭރުވެސް 17 މިލިއަނުން، 17 ހާސް މިލިއަނުން، 18 ހާސް މިލިއަނުން އަޅުގަނޑުމެން ބަޖެޓު ހަމަޖައްސަމޭ. އަދި އޭރުވެސް މިހާރު މި ދޫކުރާގޮތަށް ސީ.އެސް.އާރު. މަސައްކަތް ކުރަން ހަމަ ރަށްރަށްވެސް ދޫކުރޭ. އޭރާއި މިހާރާ ހުރި ތަފާތު ހަމަ މީގައިވެސް ދަންނަވާލާނަން. 

އޭރުވެސް ކޮށްފައިދިޔަ ކަންތައްތަކެއް، އަޅުގަނޑުމެންނަށް އެންމެ މަޝްހޫރުވެގެން އެންމެ އަޑު އިވިގެން ދިޔައީ، އެންމެ ވަރުގަދަކޮށް އަޑުއިވިގެން ދިޔައީ ދަތުރުފަތުރު ކުރުމުގެ ނިޒާމު. މިއަދު ތިޔަބޭފުޅުން ވިދާޅުވެދެއްވާ، އެ ނިޒާމު އޮތީ ކޮންތާކުތޯ؟ ފޮތެއްގައި ލިޔެވިފައިވެސް ނެތް މިއަދު. ފޮތެއްގައި ލިޔެވިފައިވެސް ނެތް. އެ ދަތުރުފަތުރު ދޭ ފަރާތްތަކެއް ނެތް. އެ ދަތުރުފަތުރު ދިނުން ޝަރުޠުކޮށް، އެ ނެގި ފަރާތްތަކަށް އެތައް ރަށަކާއި ފަޅަކާ ދީފައި އެހެރީ. މިއަދު އެއްބޭފުޅެއްގެ ވާހަކަފުޅުން އަޅުގަނޑު ހަނދާންވާގޮތުން، ބިން އެބަހުރި ދީފައި. ބިމާއި، ފަޅާއި އަދި ކަފާފައި ދީފައި ހުރި ބިންފޮއްޗާ. 300 އެތައް ޕްރޮޕަޓީއެއް އެބައޮތް ދޫކޮށްފައި މިކަހަލަ ކަންކަމަށް. މިއަދު ކުރެވޭ މަސައްކަތަކީ، މިއަދު މި ކުރެވޭ މަސައްކަތަކީ، އޭގެތެރެއިން އަނބުރާ ސަރުކާރަށް ލިބެންހުރި، އެގްރީމަންޓާ ޚިލާފުވެގެން ލިބެންހުރި ބިމާއި ރަށްރަށް އަތުލުމުގެ މަސައްކަތް. އެކަމަކު 300 ފަޅުރަށާއި ބިމާ، މިހެން ދެވިފައި ހުންނައިރު، ލައްކަގިނަ މަސައްކަތް ހުންނަންވާނެ ދޮގެއްތޯ ދިވެހިރާއްޖޭގައި ކުރެވިފައި. އެކަމަކު އެއްވެސް ތަނެއްގައި ތިޔަ ވިދާޅުވާ ދަތުރުފަތުރުގެ ނިޒާމު ހަމަނުޖެހިގެން އެމް.ޓީ.ސީ.ސީ. އިންނާއި، އެހެން ކުންފުނިތަކުން ދަތުރުފަތުރުގެ ނިޒާމްގެ ތެރެއަށްވެސް މި ވަންނަން ޖެހިގެން މިއުޅެނީ ދޮގެއްތޯ. އެކަމަކު އެހެރީ އަޅުގަނޑުމެންގެ ފަޅުތަކާއި ރަށްތަކާ. މި ވާހަކަ ދަންނަވާއިރުވެސް އަޅުގަނޑުމެން ދަންނަވަން މިއުޅެނީ ހަމަ އަޅުގަނޑުމެންގެ ސަރުކާރުގައިވެސް ފަޅުތަކާއި ރަށްތަކާ އެބަ ދޫކުރަން. އެކަމަކު އަޅުގަނޑުމެން ވަކިވެގެން ދިޔައިމާ، ދެން އަޅުގަނޑުމެންނަށް ސުވާލު ކުރައްވާ! އެ ފަޅުތަކާއި ރަށްތަކާ ދިން ބޭނުން ނުފުދިހުރި ކަމުގައިވަންޏާ އެ ސުވާލު ކުރެއްވޭނެ. 

 އަޅުގަނޑުމެން މި ސުވާލު މިކުރަނީ އެފަޅުތަކާއި ރަށްތަކާ ދީފައި، އަދި  އެ 3 އަހަރެއް ނިމި، އަދި އޭގެފަހުން 2 އަހަރެއް ނިމި، އޭގެފަހުން 3 އަހަރެއް ނިމުނީމަ. ޖުމްލަ ގާތްގަނޑަކަށް ހައެއްކަ އަށެއްކަ އަހަރު ނިމިގެން ދިޔައިމާ ސުވާލު މި ކުރަނީ، ކޮބައިހޭ ތި ނިޒާމު މިހާރު؟ އެ ނިޒާމު އެ ރޭވިގޮތަށް ހިނގާކަމަށްވަންޏާ، ރާއްޖޭގެ ރައްޔިތުންނަކަށް ދަތުރުފަތުރު ކުރާކަށް ދައްޗެއްނުވާނެ. އަޅުގަނޑުމެން އެ ދަތުރުފަތުރު ނިޒާމު އުވާލީ. ހަރަކާތްތެރިވާ ތަންތަނުގައި އެމް.ޓީ.ސީ.ސީ. އިން ހަރަކާތްތެރިވަނީ. އެކަމަކު، އެހެން ރައްޔިތުން އުޅޭ އަތޮޅުތަކާއި އަދި ރައްޔިތުންނާއި މާލެއާ ކައިރިކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރާއްޖޭގެ އެކި ސަރަހައްދުގައި ވައިގެ ބަނދަރުތައް، އަޅުގަނޑުމެންގެ ތަނަވަސްކަން ތަންދިން މިންވަރަކުން އަޅަމުން މިގެންދަނީ.  

ދެން އަޅުގަނޑަށް އެނގޭ މިވާހަކަ ދައްކާއިރުވެސް މިތާ ކައިރީގައި މިއޮތީ މުލި. މުލީގައިވެސް ހަމަ ބިން ހިއްކަމުން އެ ގެންދަނީ. އަޅުގަނޑަށް ހީވަނީ 2 އަހަރަށްވުރެ ގިނަވެއްޖެ ކަންނޭނގެ. އެކަމަކު ދެން އެއަށްވުރެ ކުރު މުއްދަތުގައިވެސް ކަންކަން ކުރެވޭ ދޮގެއްތޯ. ސަރުކާރުން ހަމަ ރައްޔިތުންކުރާ ކަންކަން އެއަށްވުރެ ކުރު މުއްދަތެއްގައިވެސް ކުރެވޭ. އެހެންނަމަވެސް، މީސްމީހުންނާ ހަވާލުކޮށްގެން ކުރާ ކަންތައްތަކުގައި ހަމަ ދަތިތައްވެސް ހުންނާނެވެސްމެ. މުލި، އެ ރަށް ބޮޑުވެގެން ދިޔައިމާ ހަމަ ލައްކަގިނަ ފަސޭހަތަކެއް އަޅުގަނޑު ހިތުން މިރަށަށްވެސް ހަމަ އޭގެ ރަނގަޅު އަސަރުތަކެއްވެސް ކުރާނެ. އެހެންވީމާ، ސަރުކާރުން މިކުރާ މަސައްކަތުގައި ރައްޔިތުންނަށް ބޭނުންހުރި ކަންތައްތައް ކުރާއިރު، ރައްޔިތުން ވިސްނައިވަޑައިގަންނަވަންވީ ރައްޔިތުންނަށް ބޭނުންތެރި ކަންތައްތަކެއް ކުރެވިފައި މިހިރީ މިހާރުތޯ، ކުރިންތޯ. އަދި ކުރިން މި ފުރުޞަތު ލިބިގެން، ފުރުޞަތުގެ ބޭނުން ނުހިފި ދިޔައިމާ، ދެން އަނެއްކާވެސް އަނބުރާ އިޢާދަވުމާ ދޭތެރޭގައި ރައްޔިތުން އެބަ ސަމާލުވާންޖެހޭ.  

އަޅުގަނޑުމެން 2018 ވަނަ އަހަރު ބަޖެޓު ހުށަހަޅާށާއި، އަދި 2018 ވަނަ އަހަރުގެ މަޝްރޫޢުތަކާ ދޭތެރޭގައި ވިސްނާއިރު، އަނެއްކާވެސް އަންނަންވީ ދިވެހިރާއްޖެ ކުރިއަށް ދިޔުމުގެ މުޅިން އެހެން މަރުޙަލާއަކަށް. އަޅުގަނޑުމެން ހީނުކުރާ ކަންތައްތަކާއެކީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ކުރިއަށް އެބަދެވޭ. އަޅުގަނޑުމެން ހުވަފެނީ ބްރިޖޭ ކިޔަމުން އައި ކަންތައްތައްވެސް އިރަދަކުރެއްވިއްޔާ ހަމަ ﷲގެ ރަޙުމަތާއެކީ ނިމެމުން އެދަނީ. ހަމަ އެތައް ބަޔަކަށް، އެތައް ހާސް ބަޔަކަށް ފަސޭހަކަން ލިބިގެން އެދަނީ.  

އަޅުގަނޑުމެންނަށް ހަމަ އެއްގޮތަކަށްވެސް ޚިޔާލަށްވެސް ނުގެނެވޭ ކަމެއް، އެއްހާސް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އަޅުގަނޑުމެންގެ ވައިގެ ބަނދަރު ބޮޑުކޮށް އަދި ބިން ހިއްކައިގެން ވައިގެ ބަނދަރު ބޮޑުކޮށް، ދުނިޔޭގައި އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓު ޖައްސާނޭކަމަކަށް އަޅުގަނޑުމެން ދިވެއްސަކު ކުރިއަކު ނުވެސްވިސްނާ. ޚިޔާލުގައިވެސް، ފިކުރުގައިވެސް ނެތް ކަންތައް މިހިރީ. އެހެންނަމަވެސް އެކަންކަން އަޅުގަނޑުމެން ކުރެވޭތޯ މިބަލަނީ ހަމަ ޒުވާނުންނަށާއި ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދިނުމަށްޓަކައި. ވަޒީފާ ހޯދައިދީ އަދި ހަމަ އެ އެއަރޕޯޓުން ލިބޭ ފައިދާއަކީ، ކުރިއަށް އޮތްތަނުގައި ޓޫރިޒަމަށްވުރެ ބޮޑަށް ފައިދާ ލިބޭ ތަނަކަށް ހެދޭތޯ ބެލުމަށްޓަކައި. އެއީ އަޅުގަނޑުމެން އެހެން ޞިނާޢަތެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތެއް. އެހެންވީމާ، ރާއްޖޭގައި ހަމައެކަނި އޮންނަންވީކީ ޓޫރިޒަމާއި، މަސްވެރިކަމާ އެކަންޏެއްވެސް ނޫން. ޓޫރިޒަމާއި، މަސްވެރިކަމާއި، އެއަރޕޯޓާއި އަދި އެހެންވެސް މި ދެންނެވިގޮތަށް މެހްމާނުންނަށް ކަންތައްތައް ކޮށްދީގެން، ޚިދުމަތް ދީގެން ކުރެވޭ އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެ. މިއީ ދުނިޔެ ކުރިއަށްދާ ގޮތަކީ.

އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ކުރަންޖެހޭ ސަބަބު މި ދަންނަވާލީ. މި ކަންކަން އަޅުގަނޑުމެން ކުރާއިރު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ހުރިހާ ކަމަކާއެކީވެސް އަދިވެސް މިކަހަލަ ރަށްރަށުގައިވެސް އަސާސީ އެތައްކަމެއް މިހިރީ ނުކުރެވިކަން. އެހެންވީމާ، އަސާސީ ކަންތައްތައް ކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އަޅުގަނޑު ހަމަ މިއަދު އިލްތިމާސް ކުރާނީ ރައްޔިތުން، ނާލާފުށިން، މުލަކުން، މުލަކު އަތޮޅުން، މުޅި ދިވެހިރާއްޖެއިން، މި ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފައި ސަރުކާރަށް މިކަންކަން ކުރުމުގެ ހިތްވަރު ދެއްވާށޭ. ސަރުކާރަށް މިކަންކަން ކުރުމުގެ ހިތްވަރު ދެއްވުމަކީ ސަރުކާރުން މިގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ތަބާވެގެން، ބައިޢަތު ހިފައިގެން، ސަރުކާރަށް ހިތްވަރުދީގެން، ކަންތައްތައް ކުރަން ޝައުޤުވެރިކަން ހުރުން. ކަންތައްތައް ހުއްޓުވަން އިސްނެގުމަކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ތަރައްޤީއަށް ކުރެވޭނެ މަސައްކަތެއްނޫން.  

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މާލޭގައި މިހާރު މިކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް މާލޭގެ ތަރައްޤީ އެބަ ފެނޭ. ރާއްޖޭގެ އެހެން ދިމަދިމާލުގެ ތަރައްޤީވެސް އެބަ ފެނޭ. އެހެން ދިމަދިމާލުންވެސް ތަރައްޤީ އެބަފެނޭ. އެހެންނަމަވެސް މަދުންނަމަވެސް އެބަހުރި، އަޅުގަނޑުމެން ތަރައްޤީކުރަން ބޭނުންވާ ދިމަދިމައިގައި މިދެންނެވި ކަހަލަ އުނދަގޫތަކާ ހެދި އަޅުގަނޑުމެން ތަރައްޤީ ކުރަން ބޭނުންވާ މިންވަރުގައި ތަރައްޤީ ނުކުރެވި. އެހެންނަމަވެސް، އެކުގައި ކުރިއަށްދާ ކަމަށްވަންޏާ ޝައްކެއްވެސްނެތްގޮތުގައި، އެ ކުރިއަށް ދިޔުމުގެ ރޫޙު ހުއްޓުވާނެ ބައެއް ނާންނާނެ. އެހެންނަމަވެސް ދަތިތަކެއް ހުރެއްޖެ ކަމަށްވަންޏާ، އެމް.ޓީ.ސީ.ސީ. އިން މަސައްކަތެއް ކުރިޔަސް، ފެނަކައިން މަސައްކަތެއް ކުރިޔަސް، ޝައްކެއްވެސްނެތްގޮތުގައި، އެ މަސައްކަތްތަކެއް އަވަހަކަށް ނުނިމޭނެ. އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖެއަށް މި ދެންނެވި ކަހަލަ ތަރައްޤީ އައުމާއެކީ، ދިވެހީންގެ އާ ޖީލެއް ބިނާވެގެންދާއިރު، އަޅުގަނޑުމެންނަށް ބޭނުންވެފައި ހުރި ކަންތައްތަކުގައި ވަކާލާތު ކުރާނެ ވަރުގަދަ އެމްބެސެޑަރުންތަކެއް، ސަފީރުންތަކެއް ހަމަ ދުނިޔޭގެ ފެންވަރުގައި ނެރުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެ. 

 ބޭރުގެ ވަރަށް ގިނަ ޤައުމުތަކުން އެހީ ހޯދަނީ، އަދި ތަރައްޤީ ކުރަނީ ދުނިޔޭގެ މިދެންނެވި ގޮތަށް ބައިނަލްއަޤްވާމީ އެކިއެކި ބޭންކާއި، އެކިއެކި ޖަމާޢަތްތަކުގައި ހުންނަ ފައިސާއިން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބައްލަވާ! އަޅުގަނޑުމެންގެ ނިސްބަތުން އަޅުގަނޑުމެންނަށް ލިބޭ އެހީ ކުޑަ. އެހެންވީމާ، އަޅުގަނޑުމެންގެ ނިސްބަތުން އަޅުގަނޑުމެންނަށް ލިބޭ އެހީ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މިދެންނެވިކަހަލަ މަސައްކަތްތަކެއް ކުރޭ. އެކަމަކު މިމަސައްކަތްތައް ކުރެވޭނީ އަޅުގަނޑުމެން ގަބޫލުކުރާ ވިސްނުންތަކެއް ހުރެގެން. އަދި އެވިސްނުންތަކުގެ މަތީގައި ހިނގަން، ސަރުކާރަށް ހިނގުމުގެ ހިތްވަރު ރައްޔިތުންގެ ފަރާތުން ދެއްވައިގެން.  

އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ އަރިހަށް އައިސް، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާއިރުވެސް ދެންވެސް ދަންނަވާލަން އޮތީ އަނެއްކާވެސް ބޭރުގެ ބަނދަރު ތޮށި ނިމޭއިރު، ބަނދަރު ތޮށި ނިމިގެންވެސް އަޅުގަނޑު ހަމަ މިރަށަށް އަންނަން އަޅުގަނޑަށް ފުރުޞަތު ލިބެންވާނޭ ދޮގެއްތޯ. އެ ފުރުޞަތު ލިބޭނީ ތިޔަބޭފުޅުންވެސް އަޅުގަނޑަށް ތާއީދު ކޮށްދެއްވައިގެން. މަސައްކަތްތަކެއް ކޮށްދެއްވައިގެން. އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާވެސް އަމާޒަކީ މިއީ. ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ކޮށްދިނުމަށްޓަކައި ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޕާޓީއަކީ އެއްގޮތަކަށްވެސް ހަލާކަކަށް، ނޫނީވިއްޔާ ހަލާކުވެގެންދާކަހަލަ ފިކުރަކަށް އެއްގޮތަކަށްވެސް ޖާގަދޭން ބޭނުންވާ ޕާޓީއެއް ނޫން. އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމާއެކީ، އަޅުގަނޑުމެން ބޭނުންވަނީ މަސްލަޙަތަށް ލޯބިކުރާ ރައްޔިތެއް އޮތް ރަށަކަށް ދިވެހިރާއްޖެ ވެގެންދިއުން. މީގެކުރީގައި ދިވެހިރާއްޖެއަކީ މިކަހަލަ ނަމޫނާ ޤައުމެއް. އަދިވެސް އަޅުގަނޑުމެންނަށް ދިވެހިރާއްޖެއަކީ އަޅުގަނޑުމެން ދެކި، ހަމަ އަޅުގަނޑުމެން ދުށް އަޅުގަނޑުމެން ލޯބިވާ ދިވެހިރާއްޖެ ކަމަށް ނުވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ.  

ކުރީގެ ސައްޔާޙުންވެސް، ނޫނީ ކުރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި، ރާއްޖެއާ ބެހޭގޮތުން ލިޔާ މީހުންވެސް ލިޔެފައި ހުރީ ރާއްޖެއާ ބެހޭގޮތުން މިދެންނެވި ގޮތަށް ވަރަށް ރަނގަޅު ވާހަކަތަކެއް. ވަރަށް ރަނގަޅު ވާހަކަތަކެއް. އެހެންވީމާ، އެއީ އަޅުގަނޑުމެން ދިވެހިރާއްޖެ އޮންނަންވީ ގޮތް. އެގޮތަށް ދިވެހިރާއްޖެ އޮތުމަކުންނެއް އަދި މީހުންގެ ޙައްޤުތަކެއް ގެއްލިގެންނުދޭ. މީހުންގެ ޙައްޤުތަކެއް ގެއްލިގެން ވަކާލާތު ކުރާކަށްވެސް ނުޖެހޭ. ދިވެހިރާއްޖޭގެ ޞުލްޙަވެރިކަމާއި މަސްލަޙަތާއި، ދިވެހިރާއްޖޭގައި ލޭއޮހޮރުން ނެތުން. އެއީކީ އެއްގޮތަކަށްވެސް ދިވެހިރާއްޖެ ޑިމޮކްރެޓިކްލީ ކުރިއަށް ނުދަނީކީ ނޫން. ޑިމޮކްރަސީގެ ނަމުގައި ކުރިއަށް ދިއުމަކީ އެއްގޮތަކަށްވެސް މިދެންނެވި ކަހަލަ ވިޔާނުދާ އާދަތައް ޤައުމެއްގެ ތެރޭގައި ހުރުމެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ވަރަށް ބަދުނަޞީބު، ވަރަށް އަނދިރި ދުވަސްތަކެއް ދިވެހި ތާރީޚުގައި. އަޅުގަނޑުމެން މާޒީކުރެވޭތޯ މިބަލަނީ، އަޅުގަނޑުމެންގެ ކުޑަކުދިންގެ ހަނދާނުން އެ ފިލުވައިލެވޭތޯ އަޅުގަނޑުމެން މި ބަލަނީ މި ދެންނެވި ކަހަލަ ހިތި، މިދެންނެވި ކަހަލަ އުނދަގޫ ދުވަސްތަކެއް. އެކަން ކުރަން އެއްބަޔަކު މަސައްކަތް ކުރާއިރު، އަނެއްބަޔަކު މަސައްކަތް ކުރާނެކަންނޭނގެ، އެކަހަލަ ދުވަސްތަކެއް އިޢާދަކުރަން. އެކަމަކު އިރާދަކުރެއްވިއްޔާ މާތްﷲ އެކަހަލަ އަނިޔާވެރި، އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެންނަށް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުންނާއެކީ މަސްލަޙަތާއި ޞުލްޙަވެރިކަމާއެކީ އަމާން ދިވެހިރާއްޖެއެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި! އަޅުގަނޑު އެދެނީ ނާލާފުށްޓަށްވެސް ތަރައްޤީ. އަދި ނާލާފުށީގެ ރައްޔިތުން އެދިވަޑައިގަންނަވާ ހުވަފެންތައް ޙަޤީޤަތަކަށްވުމަކީ އަޅުގަނޑުވެސް އެދޭގޮތް. އަދި އަޅުގަނޑާއެކީ މަސައްކަތުގައި މި އުޅުއްވާ ކެބިނެޓުގެ ވަޒީރުންވެސް، އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ އެންމެންގެވެސް އެދުމަކީ، ހަމަ ކޮންމެ ރަށަކަށްވެސް ބޭނުންވާ ތަރައްޤީ، ކޮންމެ ރަށަކުންވެސް ދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހަދައިދެވޭތޯ ބެލުން. ހުވަފެންތައް ތަޢުބީރުކުރާނެ އެކިގޮތަށް. ތަޢުބީރު ކުރެވޭނެ އެކިގޮތަށް. އަޅުގަނޑުމެންވެސް ހުވަފެން ދެކެން ބޭނުން. އެކަމަކު ހުވަފެން ޙަޤީޤަތަކަށް ހެދޭ ހުވަފެނާއި، ޙަޤީޤަތަކަށް ހަދަން އުނދަގޫ ހުވަފެންވެސް ހުންނާނެ އިނގޭތޯ ޙަސަން.

 އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަންވާނެ، އަޅުގަނޑުމެން ހުވަފެންތައް ދެކޭއިރު، ކިހާވަރެއްގެ ހުވަފެނެއްތޯ ޙަޤީޤަތަކަށް ހަދަން މިއުޅެނީ ދޮގެއްތޯ؟ އެހެންނަމަވެސް ދިވެހިރާއްޖެ ކުރިއަށްދާން މިކުރާ މަސައްކަތުގައި މި ހުވަފެނަކީ ހުރިހާ ޒުވާނުން، ހުރިހާ އުމުރުފުރައެއްގެ ދެ ޖިންސުގެ ބޭފުޅުން، އެއަށް ތާއީދު ކުރައްވަންޖެހޭ ކަމެއް. މީގައި އިސްތިސްނާއެއް އޮންނަންޖެހޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއްނުކުރެވޭ. ދެން އޮތީ މިކަންކުރުމުގައި ކޮންމެބަޔަކުވެސް ކުރަނީ، މިކަމޭ ބުނާކަމަށްވަންޏާ، އަޅުގަނޑު އޭގައި ދަންނަވާލަން އޮތީ، އެހެންކަމަށްވަންޏާ އެކަން ކޮށްފައި ހުރި ގޮތް ބައްލަވާށޭ. ކޮންމެބަޔަކުވެސް ތަރައްޤީ ކުރުމާއި، ކޮންމެބަޔަކުވެސް މިދެކޭ ހުވަފެންތައް ރައްޔިތުންނަށް ޙަޤީޤަތަކަށް ހަދައިދެންޏާ، ދެން ކުރައްވަންޖެހޭ ކަމަކީ ސުވާލު އުފައްދާލުން. ވަޑައިގެން ބައްލަވާލައްވާ! ޞަފްޙާތައް އުކާލައްވާ! އޭރު ކޮށްފައި ހުރީ ކިހިނެއްތޯ މިކަންކަން. އޭރު ކުރެވިފައިހުރީ ކިހާވަރަކަށްތޯ؟ ކޮށްފައިހުރީ ކިހިނެއްތޯ؟ އަދި އޭރު އާންމު ޙާލަތުގައި މީހުން ދިރިއުޅެމުންދިޔައީ ކިހާ އަމާންކަމެއްގެ ތެރޭގައިތޯ؟ މިއަދު މިކަންކަން ކުރަނީ ކިހިނެއްތޯ؟ މިއަދު ރާއްޖޭގައި އޮތީ ކިހާވަރެއްގެ އަމާންކަމެއްތޯ؟ ކިހާވަރެއްގެ އިތުބާރަކާއި ޔަޤީންކަމެއް މީހުންނަށް މިއަދު އެބައޮތްތޯ؟ އެ ތަފާތު. އެ ތަފާތު އަޅުގަނޑަކަށް ހިއެއްނުވޭ، އެ ތަފާތު ހޯދާކަށް އަޅުގަނޑަކަށް ހީއެއްނުވޭ އެއްވެސްގޮތަކަށް ޔުނިވަރސިޓީއަކަށް ކުލާހެއް ނަގަން ގޮސްގެނެއް، ނޫނީވިއްޔާ މަތީ ޑޮކްޓަރެއްގެ ފާސްހޯދައިގެން ކުރަންޖެހޭ ކަމެއްހެނެއް ހިއެއްނުވޭ. އެއީހަމަ އެންމެ އާދައިގެ ސިކުނޑިންވެސް ވިސްނައި ކިރައިލީމާ އަޅުގަނޑުމެންނަށް ހިތަށް އެކަން ފެނިގެންދާނެ.  

އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑު މ. އަތޮޅަށް، ނާލާފުއްޓަށް އަންނާނެ، އަނެއްކާވެސް އުފާވެރި ދަތުރަކަށް. އަޅުގަނޑު އެދެނީ ނާލާފުއްޓަށް ހުރިހާވެސް ރަނގަޅު ގޮތްތަކެއް ﷲ މިންވަރު ކުރެއްވުން. މުޅި ދިވެހިރާއްޖެއަށްވެސް އަޅުގަނޑުމެންނަށް ފާގަތި، އުފާވެރި، މުސްތަޤުބަލަކާއި، އަބަދަށްމެ އުފާވެރި ދުވަސްތަކެއް މާތްﷲ މިންވަރު ކުރައްވާށި! އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ފައިދާހުރި މަސައްކަތަކަށް ވެގެންދާނެ. ރައްޔިތުންގެ ކުރިއަށް، ކުރިމަގަށް ކުރެވޭ މަސައްކަތްތަކަކަށް ވެގެންދާނެ. އަދި މިކަންކަން ކުރުމާއެކީ އަޅުގަނޑުމެން ﷲގެ ކިބައިން ވާގިއެދެމުން، އަޅުގަނޑުމެންގެ މަސައްކަތުގައި އަނެއްކާވެސް ތަނަވަސްކަމާއެކީ ޖާގަލިބޭތޯ ރައްޔިތުންގެ އަރިހުގައި މިދަންނަވަނީ މިއަދުވެސް، އަނެއްކާވެސް އަޅުގަނޑުމެންނަށް ފުރުޞަތެއް ލިބިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންގެ ޢަޒުމަކަށްވާނީ ރައްޔިތުންގެ މަސައްކަތުގައި އަނެއްކާވެސް ކުރިއަށްދިޔުން. ވަރަށްބޮޑަށް ޝުކުރިއްޔާ ވާހަކަކޮޅު އެއްސެވީތީ.

 

                والسّلام عليــكم ورحـمــة اللّـه وبـركاتـه.