بســم اللّـه الرّحمـن الرّحيــم

        ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

އާދެ، މުލަކުގެ ލޮބުވެތި ޢިއްޒަތްތެރި އުޚުތުން، އަޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، އަޅުގަނޑުމެން މިއަދުގެ މި ހޫނުގަދަ ގަޑީގައި އައުމުންވެސް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި ހަމަ އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން. 

 އާދެ، އަޅުގަނޑުމެން މ.އަތޮޅަށް ފަށްޓައިގެން މިއުޅޭ ދަތުރަކީ، މ.އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ތިޔަ ލިބިވަޑައިގަންނަވާ އުފަލުގައި ދައުލަތުގެ ފަރާތުން ބައިވެރިވުމަށް ކުރާ ދަތުރެއް. އަޅުގަނޑުމެންގެ ދަތުރު ފަށައިގެން މިއައީ ދިއްގަރުން. ދެން މިއައީ މުލަކަށް. މި ދެރަށުގައިވެސް ސާފު ރައްކާތެރި ބޯފެން ގޭގެއާ ހަމައަށް ލިބި، ރައްޔިތުންނަށް އެކަމުގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ލިބިގެން މި ދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންގެ ދިގު އިންތިޒާރުތަކަކަށް ނިމުމެއް އައި ދުވަހަކަށް މިއަދު ވެގެން މިދިޔައީ.  

ހަމައެހެންމެ، ދިއްގަރުގައިވެސް ނަރުދަމާގެ ނިޒާމު ފެށިގެން އެދިޔައީ. މުލަކުގައިވެސް އެންމެ ބޮޑު މައްސަލައަކަށް މިހާރު މިއޮތީ ނަރުދަމާގެ ނިޒާމު. ދެންމެ ވާހަކަފުޅު ދައްކަވަމުން، ތަޢާރުފުގައި އެ ވިދާޅުވި ފަދައިން، ނޫނީވިއްޔާ ޖަލްސާ ހުށަހަޅުއްވައި ދެއްވި ފަދައިން، ފަހަރުގައި ހަމަ މުލަކުގެ ރައްޔިތުންނަށް ގަބޫލުކުރެވެނީކަންނޭނގެ، މުލަކަށް އުފަންވުމަކީ ކުށެކޭ. މުލަކަށް އަންނަންޖެހޭ އެތައް ތަރައްޤީއަކުން މުލައް ވަނީ ބީވެފައި ޙަޤީޤަތުގައިވެސް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މި އިންތިޒާރުތައް، ނޫނީވިއްޔާ މި ހީތައް ނިމުމަކަށް އައީ މިއަދު. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުން ވެއްޖިއްޔާ، ދެންމެ ފެނިގެންދިޔަގޮތަށް މުލަކުގެ ނަރުދަމާގެ ނިޒާމުވެސް މިއަހަރުގެ ސެޕްޓެންބަރު މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިމިގެންދާނެ.  

އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތްތަކަކީ ރައްޔިތުންނާ ގުޅިގެން، ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަންތައްތައް ދެނެގަނެގެން މަސައްކަތް ކުރުން. އަޅުގަނޑު ހީކުރީ 40 ޞަފްޙާގެ ގަނޑުކަނޑާ ފޮތެއްގައި، ނޫނީވިއްޔާ ސްކޫލް ފޮތެއްގައި މިހުރިހާ މައްސަލަތައް ލިޔެވޭނެ ކަމަށް. އެކަމަކު ޙަޤީޤަތުގައި އެހެނެއް ނޫން. ކޮންމެ އެސެޓެއް އުފެއްދިޔަސް، ހަރުމުދަލެއް އުފެއްދިޔަސް، އޭގެ ޒާތުގައި އެ ހަރުމުދަލަކީ ދުވަސްވުމާއެކީ ޑިޕްރިޝިއޭޓްވެގެން، ހަލާކުވެގެން ނެތިދާ އެއްޗެއް. އާބާތުރަ ފިލުވުމަށްޓަކައި ކުރެވޭ މަސައްކަތް ހުންނާނެ. އެހެންނަމަވެސް، އާބާތުރަ ފިލުވޭނީ ވަކިވަރެއް ވަންދެން. ގެޔަކަށް ބެއްޔަސް، ޖެނެރޭޓަރަކަށް ބެއްޔަސް އަދި އައިސް ޕްލާންޓަކަށް ބެއްޔަސް، ދޯންޏަކަށް ބެއްޔަސް މިކަން އޮތީ މިގޮތަށް.  

މީގެކުރީގެ ސަރުކާރުން، ރައީސް މައުމޫނުގެ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޭނުންވާ އެންމެ އިބްތިދާއީ ކަންތައްތަކުން ފެށިގެން ވަރަށް ބޮޑެތި ކަންތައްތަކެއް ވަނީ ކޮށްދެއްވާފައި. އެހެންނަމަވެސް، ޒަމާން ބަދަލުވެގެންދިޔުމާއި، ދިގު ޒަމާނަކަށްފަހު، އެ އާބާތުރަ ނުފިލުވުމާއި، ނޫނީވިއްޔާ ޠަބީޢަތުގައިވެސް އެކަންކަމަށް ބޭނުންވެފައި ހުރި މިންވަރަށް އިތުރުކުރަމުން ނުދިޔައިމަ، އޭރު ޤާއިމުކޮށްދެއްވާފައި ހުރި ހަމަ ގިނަ ޚިދުމަތްތައް އެހެރީ އަލުން ބަލުން އުފަންކުރަންވެފައި. މިހާރުގެ ސަރުކާރުން މިދެންނެވި ގޮތަށް އިންވެންޓްރީއެއް ނަގާއިރު، އެހެންވީމާ، 40 ޞަފްޙާގެ ފޮތެއް ކުޑަވެގެން މިއުޅެނީ. އަލުންބަލުން ދިވެހިރާއްޖެއަށް ބޭނުންވާ މިކަހަލަ ހުރިހާ ޚިދުމަތްތަކެއް ކުރަން މިޖެހެނީ. އެހެންވީމާ، ވަރަށް ޗެލެންޖިންގ ދުވަސްތަކެއް، ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްތަކަކާ އަޅުގަނޑުމެން މި ބައްދަލު މިކުރީ. 

 މީގެކުރީގައިވެސް ސަރުކާރުތައް ހޭދަކޮށްފައިވޭ. މުއްދަތުތަކެއް ހޭދަކޮށްފައިވޭ. އެހެންނަމަވެސް، އަޅުގަނޑުމެންނާ ހަމައަށް ވާހަކަތައް މި އަންނައިރު، ތަފާސް ހިސާބު އަންނައިރު، މަދަރުސާއެއްވެސް ނެތްކަންނޭނގެ، އިތުރު ކްލާސްރޫމް ބޭނުންނުވާ. ރަށްރަށުގެ ފެނުގެ ނިޒާމު، މިއީ ހަމަ އަލަށްކަންނޭނގެ، ދިވެހިންނަށް ސާފު ބޯފެން ބޭނުންވެގެން އުޅޭކަމަށް މިވަނީ. މީގެކުރީގައިވެސް ހަމަ ސާފު ބޯފެން ބޭނުންވާންވާނެ. އެހެންނަމަވެސް، މީގެކުރީގައި ސާފު ބޯފެނަށް ބަލާކަމަށްވަންޏާ، ތަފާސަށް ބަލާކަމަށްވަންޏާ، ގާތްގަނޑަކަށް ރާއްޖޭގައި މީހުން އުޅޭ ނިސްބަތުން، އާބާދީގެ ނިސްބަތުން އެންމެ 14 ޕަސެންޓަށް ސާފު ބޯފެން ލިބެންހުރީ. ނަރުދަމާ، އަދި އެއަށްވުރެ ހާލުބޮޑުކަންނޭނގެ. އެހެންވީމާ، މިހުރިހާ ކަންކަމަކީ މިހާރު އަޅުގަނޑުމެންނަށް ބޭނުންވާ ކަންކަން.  

އަޅުގަނޑަށް އެނގޭ، ހަމަ މި ވާހަކަ ދަންނަވާއިރުވެސް، އަޅުގަނޑުމެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން އަދި މި ހިސާބުގަނޑުން މާލެއަށް ދަތުރުކުރަންވެސް ވައިގެ ބަނދަރުތައް އަޅުގަނޑުމެން އެބަ ބޭނުންވޭ. ވަރަށްގިނަ ކަންތައްތަކެއް ކުރަން މިހިރީ. ޒަމާނީ ޑިމޮކްރަސީއެއް ބިނާކުރަމުންދާއިރު، ޒަމާނީ ޑިމޮކްރަސީގައި އަޅުގަނޑުމެންގެ ވާދަވެރިން އަޅުގަނޑުމެންނަށް ހަނދާން މިކޮށްދެނީ ހަމަ އެންމެ ކަމެއް. އެ ހަނދާންކޮށްދޭ ކަމަކީ އިޙުތިޖާޖު ކުރުން. އަޅުގަނޑުމެންގެ ހަނދާނަކަށް ނާދޭ، ޒަމާނީ ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ، އެ ދައުލަތެއް ހިންގާ ޒިންމާދާރު ފަރާތުގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ކަމެއް. އަޅުގަނޑުމެން މުޒާހަރާ ކުރަމު. މުޒާހަރާ ކުރާއިރު، މުޒާހަރާތަކުގައި އެކިއެކި މީހުން ކޮށްފައި ހުންނަ ކަންކަން ކަމުނުގޮސްގެން، އެ ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން އެއްފަހަރުވެސް ހިތަށްއަރައިގެނެއް، އަޅުގަނޑުމެން މުޒާހަރާއެއްގައި ވަކި ރަށެއްގެ ނަރުދަމާގެ ނިޒާމު ނެތިގެނެއް، އަޅުގަނޑުމެން އެކަން ހަނދާންނެތިފައެއް ނުހުންނާނެ. ރާއްޖޭގައި ރަށްރަށުގައި ކަނު އަނދިރީގައި ކިޔަވާކުދިން ކިޔަވަމުންދިޔައިރު، މިކަންކަން އަޅުގަނޑުމެންނަށް މި މުޒާހަރާތަކުން އަޅުގަނޑުމެންނަށް ހަނދާންނުކޮށްދޭ. ކީއްވެގެންތޯ، އަޅުގަނޑުގެ ޒަޢާމަތުގައި، ނޫނީވިއްޔާ ޕީ.ޕީ.އެމް.ގެ މިހާރުގެ މި ޒަޢާމަތުގައި ފުރަތަމަ 24 މަސްދުވަހުގެ ތެރޭގައި، ނޫނީވިއްޔާ ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓް ޔަޤީންކޮށްދޭންޖެހެނީ؟  

މިއަދު އަޅުގަނޑުމެން މި އިއްވާ ނިދާއަކީ، ނޫނީ އުފުލަމުން މިދާ ޝިޢާރަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ހޯދައިދޭންޖެހޭނެއޭ. މި ޙައްޤުތަކަށް މަސައްކަތްނުކޮށް، އަޅުގަނޑުމެންގެ މައްސަލައަކަށްވަނީ، ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ ޝަރުޠު. އަޅުގަނޑުމެންގެ މައްސަލައަކަށްވަނީ، އެހެން ކޮންމެވެސް ތަނެއްގައި ހިނގާ އެހެން ކޮންމެވެސް ކަމެއްގެ ވާހަކަ ދެއްކުން. އަޅުގަނޑުމެންގެ ޚިޔާލަކަށް ފަހަރެއްގައިވެސް ގެނެސްދީފައެއްނެތް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވެފައި މި ހުންނަ ޚިދުމަތްތައް ނުލިބިގެން މިދަނީ ކީއްވެގެން ކަމެއް. އަދި އެކަންކަން ފޯރުކޮށްދޭން އިންތިޒާމުކުރާ، ނޫނީ ތަރުތީބުކުރާ ގޮތެއްވެސް އަޅުގަނޑުމެންނަށް އެނގިގެނެއްނުދޭ. ހަމަގައިމު އަޅުގަނޑުމެން ބަލަންޖެހޭ، ބިން ފުރިފައި ހުރި ރަށްރަށް. ދިއްގަރުން އަޅުގަނޑަށް ދިން މެސެޖަކީ މިއީ. ބިން ފުރިފައި ހުރި ރަށްރަށުން ގޯތިގެދޮރު ދޫކުރުމަށްޓަކައި ބިން އެބަ އުފައްދަންޖެހޭ. ރައްޔިތުން ގެދޮރުވެރިކުރަން އެބަޖެހޭ. ޒުވާނުންނަށް ބޭނުންވާ އެތައް ބައިވަރު ކަމެއް ލިސްޓުގައި މިހިރީ އެތައް ޞަފްޙާއެއް ފުރާލާފައި.  

މިއީ އަޅުގަނޑުމެންގެ ވާދަވެރިން، ނޫނީވިއްޔާ ޑިމޮކްރަސީގެ ވާހަކަ ދައްކަމުން އަންނަ، މިހާރުވެސް ވާހަކަ ދައްކަމުން އަންނަ، އަޅުގަނޑުމެންގެ މި ސަރުކާރާ ޚިޔާލު ތަފާތުވާ އެކި ފަރާތްތައް. އެއީ އަދި އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވަމުން ގެންދަވާ ވާހަކައަކީ މިކަހަލަ ވާހަކަ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް ޖަވާބު ނުދެވިގެން މިއުޅެނީ، އަޅުގަނޑުމެންނަށް ރަށްރަށަށް ތަރައްޤީއަށް ބޭނުންވެފައި މިހިރަ ކަންކަން ކުރުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތް؟ ހަމަގައިމުވެސް މިއަދު މުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު އެއްކަމަކަށް ވެގެންމިދަނީ، ނޫނީ އެންމެ މުހިންމު ކަމަކަށް ވެގެންމިދަނީ، ނަރުދަމާ ނިމި، ނަރުދަމާގެ ފަސޭހަކަން، އެ ލިބިގެންދާނީ ކޮންއިރަކުންހެއްޔޭ؟ މިއަދު އިރާދަކުރެއްވިއްޔާ، ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ސާފު ބޯފެން ބޭނުންވާ ހަމަ ކޮންމެ ގެއަކަށް ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިޔައީ. ޚިޔާލު ތަފާތުވުމެއްގެ ސަބަބުން ބޯފެން ބޭނުންނުވާ ބަޔަކު ތިބި ކަމަށްވަންޏާ، ދެން ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެންނަށް ދޮރުދޮރުގައި ޓަކިޖެހިދާނެ. ވަޒީފާގެ ފުރުޞަތު ހޯދައިދެވިދާނެ. އެހެންނަމަވެސް، ވަޒީފާއަށް ދިޔުމަކީ ވަޒީފާ ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭ ކަމެއް. އެހެންވީމާ، މި ސަރުކާރުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި އުފެއްދިވަރަކަށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު، ދިވެހި ތާރީޚުގައިވެސް ނޯންނާނެ އުފެއްދިފައެއް. އަޅުގަނޑު ހަމަ ޗެލެންޖްކޮށްލާފައި މި ދެންނެވީ. ވަޒީފާގެ ފުރުޞަތު އެބަ އުފެދޭ.

ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، ޒަމާނީ ޑިމޮކްރަސީއެއް އުފެއްދުމުގެ ބޭނުމަކަށްވަނީ، ޙަޤީޤަތުގައި ހުރިހާ ރައްޔިތުންނަކީ އެ ޤައުމުގެ ޙިއްޞާދާރުން ކަމުގައި ރައްޔިތުންނަށް ވިސްނައިދިނުން. ޙިއްޞާދާރުންނަށް މިވަނީ އެ ރަށަކަށް އަންނަ ތަރައްޤީގެ މަންފާ އެންމެންނާ ހަމައަށް ފޯރައިގެން ދިޔުމުން. ރައްޔިތުންނާ ހަމައަށް އެ ތަރައްޤީގެ މަންފާ ފޯރައިގެންދާނީ، ރައްޔިތުންނަކީ އެ ރަށްރަށުގައި އުފެދޭ ވަޒީފާގެ ފުރުޞަތުން އާމްދަނީއާއި ނަފާ ލިބޭ ޢާއިލާތަކެއް ބަލަހައްޓާ ބަޔަކަށްވެގެންދިޔުމުން. އަޅުގަނޑުމެން އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްގެން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ނޫނީވިއްޔާ މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މި ހަދަނީކީ އެއަރޕޯޓެއް ހަމައެކަނި އެގޮތަށް ބޭނުންވެގެނެއް ނޫން. އަނެއްކާވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ވާދަވެރިން އަޅުގަނޑު މި ދައްކާ ވާހަކައިން ކޮންމެވެސް ނުބައި ވިސްނުމަކުން ވިސްނާފައި ލިޔާނެކަން. އެހެންނަމަވެސް، މިއަދު އެއީ ޙަޤީޤަތެއް. އެ އެއަރޕޯޓް އަޅުގަނޑުމެން މި އަޅަނީ ބޮޑު ބިޔަ އެއަރޕޯޓެއް އެޅުމަށްޓަކައި. އޭގެ ބޭނުމަކީ ކޮބައިތޯ؟ އެއަރޕޯޓްގެ ސަބަބުން އެތައްހާސް ވަޒީފާތަކެއް، ދިވެހި ޒުވާން، މަސައްކަތަށް ނުކުންނަން ކެރޭ މީހުންނަށް ފަހިވެގެން އެދަނީ.

މުޅި ދައުލަތުގެ ބޭނުމަކީ، މުޅި ސަރުކާރެއްގެ ބޭނުމަކަށްވާނީ، އެ ތަނެއްގެ، ނޫނީ އެ ސަރުކާރަކުން ބަލަހައްޓަމުންގެންދާ ރައްޔިތަކަށް ބޭނުންވާ ކަންކަން ފުއްދައިދިނުން. ރައްޔިތަކަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ފުރަތަމަ މިއޮތީ ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދިޔުން. އެއީ އެންމެ ފުރަތަމަ ކަމަކީ. މި ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޝައްކެއްވެސްނެތްގޮތުގައި ޠަބީޢީގޮތުން ހުރިހާ ރައްޔިތުން ބޭނުންވާނެ ކަންކަން. އެކަމަކު އެކަންކަމުން އަގު ނެގިގެންދާ ކަމަށްވަންޏާ، އެއަށް ފައިސާ ދެއްކޭނެ މިންވަރު، އެންމެ ކުޑަމިނުން ފައިސާ ދައްކާ މީހެއްގެ ޖީބުގައި އެ ތަނަވަސްކަން ހުންނަންވާނެ. އެހެންވީމާ، ކޮންމެ މީހަކީ އާމްދަނީއެއް ލިބެންވާ މީހަކަށް އެބަ ވާންޖެހޭ. ކޮންމެ ޢާއިލާއަކީ އެންމެ ކުޑަމިނުން އެކަކު ދެމީހުންނަށް ބަރޯސާވާ ޢާއިލާއަކަށް އެބަ ވާންޖެހޭ. އެއީ މީގެތެރޭގައި އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ ޒުވާނުން ކަމަށް ހަދަންޖެހޭތީ. އެއަރޕޯޓް އެޅިގެން ދިޔައިމަ، ޝައްކެއްވެސްނެތް، ދިވެހި ދައުލަތުގެ ނަމުގައި ބޮޑު އަދަދެއްގެ ދަރަނި ނެގިގެން އެދަނީ. އެކަމަކު އެ ބޮޑު އަދަދުގެ ދަރަނި ނެގުމުގެ ބޭނުމަކަށްވަނީ، އެއަށްވުރެ ބޮޑު ނަފާއެއް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑުމެންގެ މިންވަރުން އަޅުގަނޑުމެން ކުރާ ކަންކަން ކޮށްކޮށް ތިބޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެނޭ، މީގެކުރިން ރަށްރަށް ހިކިގެންދާއިރު، ހިކެނީ ކިތައް އަހަރުންކަން. އެކަމަކު އެކަމަށް ކުރިމަތިލާނެ އެނޫން އެހެން ވިސްނުމަކާއެކީ ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، ހަމަ އެވަރު ތަންތަން، އެއަށްވުރެ ކުރު މުއްދަތުގެ ތެރޭގައި ނިމިގެން އަދި އޭގެ ފައިދާ، އޭގެ ނަފާ ހުރިހާ ރައްޔިތުންނަށް ލިބިގެން މިދަނީ.

އަޅުގަނޑުމެންގެ މިންވަރުން އަޅުގަނޑުމެން މި އެއަރޕޯޓް ހަދަން ބާއްވާ ކަމަށްވަންޏާ، އަދިވެސް އިތުރު 30 އަހަރު އޮވެދާނެ މިގޮތަށް. އެކަމަކު ރިސްކް ނަގައިގެން، ލޯނަށް ބަރޯސާވެގެން މިކަން ކުރާކަމަށްވަންޏާ، ބޮޑު ދަރަންޏެއް އަޅުގަނޑުމެންގެ ބޮލުގައި އެޅޭއިރު، އަޅުގަނޑުމެންނަށް ކަށަވަރުވެގެން މިދަނީ، އިރާދަކުރެއްވިއްޔާ، 10 އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި، މި ދަރަނި އަދާކުރުމުގެ އިތުރަށް، މިދެންނެވި ގޮތަށް ސަރުކާރަކުން، ދައުލަތަކުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވިގެންދަނީ. އަޅުގަނޑުމެން އަބަދު ދައްކާ ވާހަކައެއް. ދިވެހިރާއްޖޭގައި ޝައްކެއްވެސްނެތްގޮތުގައި، ޒަމާނުއްސުރެ އެންމެ މުހިންމު ޞިނާޢީ މަސައްކަތެއްގެ ގޮތުގައި މި އޮންނަނީ މަސްވެރިކަން. އެކަމަކު 70ގެ ކުރީކޮޅުގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޓުއަރިޒަމް އަލިވިލުނު ހިސާބުން ފެށިގެން ރާއްޖޭގެ އެންމެ ވަރުގަދަ ޞިނާޢަތަކީ، ޝައްކެއްވެސްނެތްގޮތުގައި ދެބަސްނުވެވޭނެގޮތުގައި ޓުއަރިޒަމް. މިހާރު އެއަރޕޯޓް އޮތް މިންވަރަކުން އިތުރު އެތައްހާސް ޓުއަރިސްޓުންނެއް ގެނެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑުމެންނަށް އެއަރޕޯޓުން ދޭންޖެހޭ ޚިދުމަތްތައް ދޭން އެބަޖެހޭ. އެއް ފުރާޅެއްގެ ދަށުން ހަމަ އެކަން ކުރެވޭނެ ފިޒިކަލް އެއްވެސް ގޮތެއްނެތީ. އެކަން ކުރެވޭނެ ހަމަ އެއްވެސް ގޮތެއްނެތީ. އަޅުގަނޑުމެން މެހްމާނުން ޔޫރަޕުން ފުރައިގެން، ޗައިނާއިން ފުރައިގެން 12 ގަޑިއިރު ވައިގެ މަގުން ދަތުރުކޮށްފައި މި އަންނަނީ އެއަރޕޯޓްގައި އިމިގްރޭޝަން ކިއު ދިގުވެގެން، ކަސްޓަމް ދިގުވެގެން އިތުރު 5 ގަޑިއިރު ކިއު ޖައްސައިގެން ބައިތިއްބާކަށެއް ނޫން. އެގޮތަކަށް މިހާރުގެ ޑިމޮކްރަސީ ނުހިންގޭނެ.

 އެހެންވީމާ، އެތައް އެތައް ރިޒޯޓްތަކެއް ހުޅުވިގެންދާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ހަމަ އާރޯތާނާ 22 ރިޒޯޓްގެ މަސައްކަތް އެ ނިމުނީ. އަދި މީގެކުރީގައި ފަޅުތަކާއި ރިޒޯޓް ހަދަންދީފައި ހުރި ރަށްރަށް، އަޅުގަނޑުމެން އުންމީދު މިކުރަނީ އޭގެތެރެއިން ސައްތައަކުން ބަލާކަމަށްވަންޏާ، 85 އަށްވުރެ މަތީ އިންސައްތައެއްގެ ރިޒޯޓްތައް ހުޅުވޭނެ 2018 ވަނަ އަހަރު ހުސްވުމުގެ ކުރިން. އެހެންވީމާ، ފަތުރުވެރިކަން އިތުރުވެގެން މިދަނީ. ފަތުރުވެރިކަން އިތުރުވާކަމަށްވަންޏާ، މި ޖާގަ އެބަޖެހޭ އަޅުގަނޑުމެން މި ދެންނެވި ގޮތަށް އެއަރޕޯޓުން ހޯދަން. އެހެންވެގެން އެއްހާސް މިލިއަން ޑޮލަރުގެ ލޯނުވެސް މި ނަގަނީ. ހުޅުމާލެ. ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބްރިޖް އެޅުމަކީ އެއްބަޔަކު ވަރަށް ފާހަގަކުރާ ކަމަކަށްވޭ. އެކަމަކު އެއީ ފަސޭހަކަން ދޮގެއްތޯ. އަޅުގަނޑުމެން މި ބަލަނީ ދުރު ގާތްކުރެވޭތޯ. ކީއްކުރަންތޯ އަޅުގަނޑުމެން އެކިދިމަދިމާގައި އެއަރޕޯޓް މި އަޅަނީ؟ ހަމަ ރައްޔިތުންގެ ފަސޭހައަކަށް. ރައްޔިތުންގެ ދަތުރުފަތުރަށް އުފުލަންޖެހޭ ތަކުލީފު ލުއިކުރުމަށްޓަކައި ކުރާ ފަސޭހަ މިއީ. ހުޅުމާލޭގައި މިހާރުވެސް ދިރިއުޅެމުން އެބަދޭ ސާޅީސް އެތައްހާސް ބަޔަކު. ހަމަ ދިވެހި ރައްޔިތުން ދޮގެއްތޯ އެއީ. ކީއްވެގެންތޯ އަބަދު އެމީހުން ފެރީގައި ދަތުރުކުރަންޖެހެނީ؟ އަޅުގަނޑަކަށް ނުވިސްނޭ. ސަރުކާރުގެ ފުދުންތެރިކަން ހުންނަ ކަމަށްވަންޏާ، ފުދުންތެރިކަން ހޯދައިގެންވެސް އެއަށްވުރެ ލުއިފަސޭހަކޮށް އެ ދަތުރު ކުރެވެންޖެހޭނެ. އަޅުގަނޑުމެން ޑިމޮކްރަސީގެ ނަމުގައި ވާހަކަ ދައްކާއިރު، ކީއްވެގެންތޯ މި ވާހަކަ މީގެކުރީގެ ސަރުކާރުތަކާއި ޑިމޮކްރަސީގެ އަހުލުވެރިން ކަމަށް އެ ވިދާޅުވާ ވަކާލާތު ކުރައްވާ ބޭފުޅުން ނުދައްކަވަނީ؟ އެހެންވީމާ، ހުޅުމާލޭގައި ދުއިސައްތަ އެތައް މިލިއަން ޑޮލަރެއްގެ ބްރިޖެއް އެޅެމުންދާއިރު، އޭގެ ނަފާ އަދި އޭގެ ފަސޭހަކަން ދިވެހި ރައްޔިތުންނަށް ލިބޭއިރު މިއީ މިޒަމާނުގެ ޑިމޮކްރަސީއެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތް. އެއީ އޭގެ ފިޒިކަލް މަސައްކަތްތައް. އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެން މިދަނީ. އޭގެ ފައިދާ ރަށްރަށާ ހަމައަށް މި ތިލަވެގެން މިދަނީ.

ހަމައެއާއެކީ ދެން ކުރަންޖެހޭ ކަމަކީ، މިހުރިހާ ރަނގަޅު ކަންކަމާއެކީވެސް އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އަޅާލާ ބަޔަކަށް އެބަ ވާންޖެހޭ. ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން. ދައުލަތުގެ އެހީތެރިކަމުގައި ސަރުކާރަށް ލާރި ލިބޭ ކަމަށްވަންޏާ، ކިތަންމެވަރަކަށްވެސް ﷲގެ ރަޙްމަތާއެކީ ބޭސްފަރުވާއަށް އާސަންދައަށް ޚިދުމަތް ކުރެވިދާނެ. އާސަންދައަށް ބޮޑެތި ބަޖެޓް ދެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެ އަޅާލުންތެރިކަމާއި އޯގާތެރިކަން ނެތްކަމަށްވަންޏާ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ގޮތަށް، މިހާރު ކޮންމެ ރަށަކުން ފެށިގެން ގާތްގަނޑަކަށް 45 މިނިޓްގެ ތެރޭގައި އެމްބިއު ލޯންޗެއްގެ ދަތުރުގެ ޚިދުމަތުން ޞިއްޙީ މަރުކަޒާ ހަމައަށް ބަލިމީހާ އުފުލައިދޭނެ. އެކަމަކު އެ ލޯންޗްގައި ދުއްވަން ތިބޭ މީހުންނާއި ފަޅުވެރިންނަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ އިޙްސާންތެރިކަމެއްނެތި، އޯގާތެރިކަމެއް ނެތް ބައެއް ކަމަށްވަންޏާ، އޭގެ ފަޅުވެރިންނަށް އަނެއްކާވެސް ވާންވީ އަވަށްޓެރި ޤައުމެއްގެ މީހުންތޯ؟ މިއީކީ ހޯލްސަމް، ނޫނީވިއްޔާ މިއީކީ ޕެކެޖެއް ނޫން. މި އަންނަނީ އެއްބައި. އެމީހުންގެ އެ އަޅާލުންތެރިކަން ހުންނާނެތޯ، އަޅުގަނޑުމެންގެ ބަލިމީހުންނާ ދޭތެރޭގައި؟ ނުހުންނާނެ ދޮގެއްތޯ؟

އެހެންވީމާ، ދައުލަތެއްގެ ތަނަވަސްކަން ހުރެއްޖިއްޔާ މިކަންކަންވާނެ. އެހެންނަމަވެސް، މުޖުތަމަޢެއް ބިނާކުރާއިރު، ޑިމޮކްރަސީއެއް ބިނާކުރާއިރު، މިކަހަލަ އެތައް ކަމެއް އެބަ ފުރިހަމަވާންޖެހޭ. އެހެންވެގެން އެންމެ ތުއްތު ކުދިންނަށް، ޓީޗަރު ކްލާސްރޫމަށް ވަނީމަ، ދަސްކޮށްދީފައި މި ހުންނަނީ ހުރިހާ ކުދިން ތެދުވަން. އިޙްތިރާމުގެ ބައި. އަދި ޓީޗަރާ މުޢާމަލާތު ކުރާއިރު އިޙްތިރާމާއެކީ ވާހަކަ ދައްކަން. ހަމަ މިކަން އަންނަންވާނެ ދޮގެއްތޯ، މިއަށްވުރެ ބޭރަށްވެސް. އަޅުގަނޑުމެންނަކަށް އެކަން ކުރާކަށް ދަހެއްނުވޭ. ދަސްވެފައި ހުރި ކަމަށްވަންޏާ، އެކަންކަން މިހާރު މިހިރީ ހަނދާންނެތިފައި. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. އިޙްތިރާމް ބޭނުންވާ ކޮންމެ މީހަކަށް އުނދަގޫވެގެންދޭ، އެމީހެއްގެ ކުރިމަތީގައި އިޙްތިރާމް ކުޑަކޮށް އެހެން މީހުން ކަންތައްތައް ކުރީމަ. މިއީ އިންސާނީ ވަރަށްރީތި ސިފައެއް. ހަމަ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގައި ދިވެހިވަންތަ ސަގާފީ ސިފަޔަކަށް މިކަން ވެގެން އެބަދޭ. އޭގެ މާނައަކީ އެއްގޮތަކަށްވެސް ކަންކަން ނުވީމަ، ކަންކަން ނުފުދިގެން ދިޔައިމަ، އެ ވާހަކަ ނުދައްކާށެކޭ ނޫން. އެކަމަކު އެކަންކަން ކުރުމަށްޓަކައި އޮންނަ ވައްޓަފާޅިއެއް، ގޮތްތަކެއް އެބަހުރޭ.

އެހެންވީމާ، އަޅުގަނޑުމެން ޑިމޮކްރަސީއެއްގެ ވާހަކަ ދައްކާއިރު، އަދި އަޅުގަނޑުމެން އިސްލާމީ މުޖުތަމަޢެއްގެ ވާހަކަ ދައްކާ އިސްލާމުންނޭ ބުނާއިރު، އަޅުގަނޑުމެންނަށް ހަމައެކަނި ކުރަންޖެހޭ ކަމަކީ ނަމާދުކުރުމާއި ރޯދަ ހިފުމެއް ނޫން ދޮގެއްތޯ؟ އިސްލާމްދީނުގައި އެބަހުރި، އެނޫން އެހެން އެތައް ބައިވަރު ކަންތައްތަކެއް. މުޖުތަމަޢުގެ މަޞްލަޙަތަށާއި، މުޅި މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތަށް ބަލާފައި، އެތައް ބައިވަރު ރިވެތި އަޚްލާޤީ ސިފަތަކެއް އެބަހުރޭ. އެހުރިހާ ކަމަކަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭ. އެކަންކަން ކުރީމަ، ރިވެތި އިސްލާމީ މުޖުތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކަމަށް މިވަނީ. އަދި އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ބަޔަކު ތިބޭ ތަނަކަށް މިވަނީ.

އަޅުގަނޑުމެންގެ ދޮށީ ރައްޔިތުން، ވަރަށް ޚިދުމަތްތެރިން. ވަރަށް ޚިދުމަތްތެރިން، ޝައްކެއްވެސްނެތްގޮތުގައި. ގައިގެ ބާރު ދިޔައިމަ، ދެން އެމީހުންނާ އަޅައިލެވޭނެ ގޮތެއްނެތް. އަޅުގަނޑުމެންގެ ރަށްރަށުގައިވެސް އެހެން. މާލޭގައިވެސް އެހެން. އެކަމަކު އަޅުގަނޑުމެން އެންމެ ޒުވާނުން ކަމަށް ގަބޫލުކުރާ މީހުންވެސް، އަޅުގަނޑުމެން ވިސްނަންވާނެ، އަޅުގަނޑުމެންވެސް ހަމަ އެ އުމުރަށްދާނެ. އެހެންވީމާ، އަޅައިލުންތެރިކަމާއި، އިޙްތިރާމް ކުރުމާއި، ކަންކަން ކޮށްދީފައި ތިބޭ މީހުންނަށް، ނޫނީވިއްޔާ ޚިދުމަތް ކޮށްދީފައި ތިބޭ މީހުންނަށް ކަމޭހިތައިގެން ކަންކަން ކުރުމަކީ، މިދެންނެވި ދިވެހި ރީތި ސިފަތަކާއި، އިސްލާމީ ރީތި އަޚްލާޤިއްޔާތުގެ ތެރޭގައި ހިމެނޭ ކަންކަން. މިހުރިހާ ކަމަކާއެކީ ޑިމޮކްރަސީ މި އަންނަނީ.

 ބޭރު ޤައުމުތައް ބައްލަވާ. ބޭރު ޤައުމުތަކުގައި މަދުމަދުން އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގާ ބައެއް ކަންތައް ނުހިނގައެކޭ ނޫން. އެކަމަކު ބޭރު ޤައުމުތަކުގައި ޑިމޮކްރަސީ އެކްސަރސައިޒް ކުރަނީ، ނޫނީ ޑިމޮކްރެޓިކް ރައިޓް އެކްސަރސައިޒް ކުރަނީ، މިދެންނެވި ކަހަލަ ހުރިހާ ހަމަތަކަކަށް ވިސްނައިގެން. މިދެންނެވި ހުރިހާ ހަމަތަކަށް ވިސްނައިގެން މިކަންކަން ކުރަނީ. އޭގެ މާނައަކީ އެއްގޮތަކަށްވެސް އެމެރިކާގައިވެސް އެމެރިކާގެ ރައީސާއި، އެމެރިކާގެ ރައީސް ވެރިކަންކުރާ ޕާޓީގެ އިސް މީހުންނާ ދޭތެރޭގައި، އެހެން ޕާޓީތަކުގެ ޚިޔާލުތަފާތުވުން ނެތީކީ ނޫނޭ. ޚިޔާލުތަފާތުވުން އިންތިހާއަށް. އެހެންނަމަވެސް، އިޙްތިރާމާއެކީ ކަންކަން ކުރެވޭ. އެހެންވީމާ، އެ އާދަތައް އަޅުގަނޑުމެންގެ ތެރެއަށް އަންނަންޖެހެނީ. އަޅުގަނޑުމެން ކަންކަން ކުރަން ދަސްވެސްކުރަންޖެހެނީ އެގޮތަށް. އަޑުއުފުލާނެ. އެކަމަކު ކަންކަން ނިންމާނީ އަޣުލަބިއްޔަތުން. ވޯޓާ ހަމައަށްދާން ކެރެންވާނެ. ވޯޓްލިޔަދޭން ކެރެންވާނެ. ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް، މުލަކުގައިވެސް އަދި އެހެން ރަށްރަށުގައިވެސް މިއަށް ޖާގަ ލިބެންވާނެ. ޚިޔާލުތަފާތުވާނެ. އެއީ މައްސަލައެއް ނޫން. އަދި ޚިޔާލުތަފާތުވެގެން، އެ ތަފާތުވާ ވާހަކަތައްވެސް ދެއްކޭނެ. އެހެންނަމަވެސް، އެކަންވެސް ނިމުމަކަށް އަންނަންވާނެ. އެކަން ނިންމާނީ މަގުމަތީގައި ގުޅަކުޅޭފަސްގަނޑަކު ނޫން. އެކަން ނިންމާނީ އެ ރައްޔިތަކު ބޭނުންގޮތަކަށް އޭނަ ވޯޓްލާން ޖާގަދީގެން. މީގެކުރީގައި ވޯޓްލީގޮތާ ބެހޭގޮތުން ފާޑުކިޔައި، އެކަހަލަ ވާހަކަތައް ހުރީ ދޮގެއްތޯ؟ މިއަދު ކިހިނެއްތޯ އެކަން އިޢާދަވެގެން މިއުޅެނީ؟ މިހާރު އެމީހެއްގެ ހިތަށް ފެންނަގޮތަކަށް، ވިސްނުމަށް ފެންނަ ގޮތަކަށް ވޯޓްލާން އުޅޭތީ، ވޯޓްލިޔަނުދޭން، ވޯޓް ގުނިޔަނުދޭން، ވޯޓްލިޔަނުދޭން އިޙްތިޖާޖެއް ނުކުރެވޭ ދޮގެއްތޯ. އަޅުގަނޑުމެންނަށް ފެނިފައި ހުރީ އިންތިޚާބުތަކުގައި އެކަން ވެފައިހުރިތަން. އެއީކީ ޑިމޮކްރަސީގައި އޮންނަ ސިފައެއް ނޫން. ޑިމޮކްރަސީގައި އޮންނަ ސިފައަކީ އެމީހަކު ބޭނުންގޮތަކަށް އެމީހަކަށް ވޯޓްލެވެންވާނެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިދެންނެވި ކަހަލަ ޒަމާނީ އަދި އަޅުގަނޑުމެންނަށް ހިތްގައިމު ޑިމޮކްރަސީއެއް، ޑިމޮކްރަސީގައިވެސް އުޅުމުގެ ނިޒާމެއް، އުޅުމުގެ ނިޒާމުގެ ތެރޭގައި މިއޮތީ ހަމައެކަނި ޚިޔާލުފާޅުކުރުމެއް ނޫން. އުޅުމުގެ ނިޒާމުގެ ތެރޭގައި މިހިރީ އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އެތައް ބައިވަރު ކަންކަމެއް. އޭގެތެރޭގައި އެކި ދާއިރާތަކުގެ ވާހަކަ މި ދެއްކެނީ. ޓީޗަރުންނާއި، މުދައްރިސުންނާއި، ކިޔަވާ ކުދިންނާ ދޭތެރޭގައި އޮންނަ އަޚްލާޤުގެ ވާހަކަ. އަދި ޞިއްޙީ ދާއިރާގައި ތިބޭ، ފަރުވާދޭން ތިބޭ މީހުންނާއި ޕޭޝަންޓުންނާ ދޭތެރޭގައި އޮންނަ ގުޅުން. މިކަހަލަ އެތައް ކަމެއް މިހިރީ. އެހެންވީމާ، ޑިމޮކްރަސީގައި އަޞްލުގައި އުޅުމުގެ ނިޒާމެއް. އެ އުޅުމުގެ ނިޒާމުގެ ތެރޭގައި ހުރި އެންމެ ބޮޑެތި ކަންތައްތަކަކީ، އެންމެންގެ މަޞްލަޙަތަށް ރިޢާޔަތްކޮށްގެން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ޤާނޫނުތަކެއް ފާސްކުރުން. އެއީކީ ޤާނޫނުތަކެއް ފާސްކުރިޔަ ނުދިނުމެއް ނޫން. އަބަދުވެސް ތިބޭނެ، އަޣްލަބިއްޔަތު ނެތް ބަޔަކު ހިތްހަމަނުޖެހޭގޮތް ހުންނާނެ. އެހެންނަމަވެސް، ކަންކަން ނިންމަނީ ޑިމޮކްރަސީގައި އަޣްލަބިއްޔަތާ އެއްގޮތަށް. އަދި މިދެންނެވި ކަހަލަ މައިނޯރިޓީގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއެކީވެސް ގިނަ ބަޔަކަށް ފެންނަގޮތަކަށް، ވީ އެންމެ ރަނގަޅަށް ކުރަނީ. އެކަން ކުރިޔަނުދިނުމެއް ނޫން ޑިމޮކްރަސީގެ ސިފައަކީ. އަދި ޑިމޮކްރަސީގެ އަސާސަކަށް އެބަވޭ، އެންމެންނަކީ ފުރަތަމައިނުންވެސް ހަމަހަމަ ބައެއް ކަމަށް ގަބޫލުކުރުން. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވެސް އެ ވާހަކަ ހަމަ އެގޮތަށް ބުނަނީ. ޖިނާއީ ޢަދުލުގެ ނިޒާމުގައި، ކުށެއް ކޮށްފި މީހަކީ، އެ ކުށުގެ ނިސްބަތުން ހަމަ ކޮންމެ މީހަކީ އެއްވަރުގެ އަދަބެއް ލިބެންޖެހޭ މީހެއް. މިއެއް އަޅުގަނޑުމެންގެ ތެރެއިން ވާދަވެރިންގެ ހަނދުމަފުޅަކު ނުހުރޭ. އަޅުގަނޑުމެން އެކަންވެސް ހަނދާންކުރަންވާނެ. މީހުންނަށް އަދަބު ދިނުމުގައިވެސް އަދި މީހުންނާ ދޭތެރޭގައި ކަންކަން ހިނގާ ވާހަކަ ދައްކާއިރުވެސް، މިކަންކަން ކުރަންވާނެ.

އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ ވާހަކަވެސް އެބަ ދެކެވޭ. އަބަދުވެސް އުޅޭ ކަމެއް ކޮރަޕްޝަނަކީ. އަބަދުވެސް އުޅޭ ކަމެއް ކޮރަޕްޝަނަކީ. އެކަމަކު ކޮރަޕްޝަނަކީ ދައުލަތުގެ ފަރާތުން، ސަރުކާރު ހިންގާ ފަރާތުން މައްސަލަތައް ނަގައިގެން އުފުލާ ކަމެއް ގޮތަކަށް ނޫން މިހާރު ޤާނޫނުއަސާސީގައި އެއޮތީކީ. އެއީ ސަރުކާރު ހިންގާ ފަރާތުން، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ސަރުކާރު ހިންގާ ފަރާތުން ކުރާ ކަމެއްގެ ގޮތުގައި އޮތުމަށްވުރެ މަޞްލަޙަތު ރަނގަޅުވަނީ، އެކަމަކީ މިނިވަން މުއައްސަސާއަކުން ކުރާ ކަމެއްގެ ގޮތުގައި އޮތުން ކަމަށް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ގަބޫލުކުރާތީ. މިޒަމާނުގެ ޑިމޮކްރަސީގައި އެކަން ގަބޫލުކުރަނީ އެގޮތަށް. އެހެންވީމާ، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއާ އެއްކޮށް އެކަން އެއޮތީ އެގޮތަށް އައިސްފައި. އެހެންވީމާ، ކުރީގައި ހުރި މައްސަލަތަކެއްގެ ވާހަކަ ދައްކާފައި، އޭރު ކޮރަޕްޝަނެއް ނެތޭ، ނޫނީވިއްޔާ ކަމެއް ނެތީމަ ނޫންހޭ، މިހާރު ސަރުކާރުން އެ ވާހަކަ ނުދައްކަނީ. ނޫން، އެއީ އެހެން އޮތް ކަމެއް ނޫން. މިހާރުގެ ސަރުކާރަކުން ބޭނުމެއްނުވާނެ. ހަމަގައިމުވެސް އަޅުގަނޑުގެ ޒަޢާމަތުގައި، އިސްވެ އެއްވެސް ބަޔަކާ ހަނގާކޮށް، ބަޔަކަށް އަދަބުދީ ހަދާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. އަދި ކޮރަޕްޝަންގެ މައްސަލައިގައި މިކަން އޮތްގޮތް މި ދެންނެވީ. އެއީކީ ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނޫން. މަސްއޫލިއްޔަތެއް ނޫން. އެ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މައްސަލަ ޝަރީޢަތާ ހަމައަށް ގެންދިޔުމަކީ، މި ދެންނެވި މުއައްސަސާއިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެއް ޒަމާނެއްގައި ހުރި މައްސަލަތައް ނެތީކީ ނޫން، މިއަދު އެ ވާހަކަ ނުދެކެވެނީކީ. ނޫނީވިއްޔާ ފިޔަވަޅު ނޭޅެނީ. އަދި ފިޔަވަޅު އަޅަން އޭ.ސީ.ސީ. އިން އެތައް ބައިވަރު ތަޙުޤީޤެއް ކުރުމާއި، އެތައް ބައިވަރު މައްސަލަތަކެއް ކޯޓާ ހަމައަށް ގޮސްފައިވެސް އެބަހުރި. ހަމަ ސަރުކާރުތަކުގެ ވަޒީރުން ކުރައްވާފައި ހުރި ކަންތައްތައް އޭރުވެސް އެބަހުރި ގޮސްފައި. މިހާރުވެސް ދާނެ. ދެންވެސް ދާނެ.

އެހެންވީމާ، އޮޑިޓް ރިޕޯޓްތަކުގައި ހުރި ވާހަކަތައް ނަގައިގެން، ފުލުހުންގެ ތެރެއިން ކުރާ ތަޙުޤީޤެއް، އޭ.ސީ.ސީ. އިން ކުރާ ތަޙުޤީޤަކީ އޭގައި ސަރުކާރުން އެ ބައިވެރިވާނެ ކަމެއް ނޫން. އެހެންވީމާ، އިސްވެ ސަރުކާރަކުން ކުރަންޖެހޭ ކަމަކަށްނުވާތީ، އޭރު ހުރި މައްސަލަތައް ރިޔާސީ ކޮމިޝަން ހަދައިގެން ނުނިންމަނީ. އަޅުގަނޑުގެ ޟަމީރު ގަބޫލުކުރާ ކަމެއްނޫން، ޤާނޫނުއަސާސީން ވަކިބަޔަކަށް މަތިކޮށްފައި އޮތް ކަމެއް، އަވަސްއަރުވާލާފައި ކުރުމަށްޓަކައި، ސިޔާސީ ސިފައެއް އެއަށް ގެނެސްގެން ކުރުމަށްޓަކައި، އިޚްތިޔާރު ނުލިބޭ ކަމެއްގައި، ކޮމިޝަނެއް ނަގައިގެން މައްސަލަތައް ބަލައި، މީހުން ގަން ހިންގާ ހެދުމަކީ އެއީ އަޅުގަނޑުގެ ސަރުކާރުން ކުރާނެ ކަމެއްނޫން. އެހެންވީމާ، އެކަން ކުރަންއޮތީ އޭ.ސީ.ސީ. އެހެންވީމާ، އޭ.ސީ.ސީ. އިން އެ މައްސަލަތައް ގެންދާނެ.

އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ ކަމަކީ ހަމަ ޙަޤީޤަތުގައިވެސް ރާއްޖޭގެ އެކި ހިސާބަށް ބޭނުންވެފައި ހުރި، މިދެންނެވި ގޮތަށް އާބާތުރަ ފިލުވަންވެފައި ހުރި އެސެޓްތައް އާބާތުރަ ފިލުވުން. އަލުން ބޭނުންވާ ކަންތައްތައް އިޢާދަކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތް. އިޢާދަ މިކުރެވެނީކީ ހަމައެކަނި އިޢާދަކުރަނިވި ހަކަތައެއް ނޫން. ހުރިހާ ކަމެއްވެސް މިއޮތީ އަލުންބަލުން ކުރަންވެފައި. އާ ވިސްނުމަކާއި، އާ ޢަޒުމަކާއެކީ އާ ދިވެހިރާއްޖެއަކާ ދިމާއަށް މިދަނީ. އެއީ އެހެން މިދެންނެވި ސަބަބަކީ، ރައްޔިތުންގެ ބޭނުންތައް އެހާ ބޮޑެތިވެފައި ހުރީމަ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަޤީންކޮށްދިނީ. އަދި މިދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރައެއް އެ ހުޅުވީ. އެކަމަކު އެކަންކަމަކީ ދުވަހުން ދުވަހަށް އަންނަ ބަދަލުތަކާއެކީ އަޅުގަނޑުމެންނަށް ނުކުރެވޭ ކަންކަން ކަމަށްވަންޏާ، އަނެއްކާވެސް އަޅުގަނޑުމެން ދައްކާނަން، ނޫނެކޭ 24 ގަޑިއިރުގެ ކަރަންޓް ހުރިހާ ތަނަކު ނެތޭ. އަބަދުވެސް އެބަޖެހޭ އެއަށް އިންވެސްޓް ކުރަން. ރަށްރަށުގެ ބޭނުންތައް އިތުރުވޭ. މީހުންގެ ބޭނުން އިތުރުވޭ. އާބާދުވާ ސަރަޙައްދު އިތުރުވެގެން އެބަދޭ. މިރަށުގެ ކަރަންޓަށް ބަލާކަމަށްވަންޏާވެސް، މިރަށުގެ ކަރަންޓްވެސް މިހާރު ނުފުދޭތީއާއެކީ، މިއަހަރުގެ ބަޖެޓްގައިވެސް، މިއަހަރުވެސް އެއޮތީ މި ރަށަށްވެސް 400 ކިލޯ ވޯޓްގެ ޖެނެރޭޓަރެއް ގެންނަން ނިންމާފައި. އެއަށް ފައިސާވެސް އެހެރީ ޖަހާފައި. އެހެންވީމާ، އެއްއިރެއްގައި މުލަކަށް 24 ގަޑިއިރުގެ ކަރަންޓް ޔަޤީންކޮށްދިނަސް، އޭގެ ޒާތުގައިވެސް އެ ކަރަންޓްގައި އިތުރަށް އިންވެސްޓް ނުކުރާ ކަމަށްވަންޏާ، އެ ޔަޤީންކަމެއް ނޯވޭ. އެހެންވެގެން މުލަކަށްވެސް ޖެނެރޭޓަރު މި އަންނަނީ. އަދި ދިއްގަރަށްވެސް ޖެނެރޭޓަރު އަންނަނީ. މިހުރިހާ ކަމަކީ ހައްތަހާވެސް ޚަރަދު.

އެހެންވީމާ، މި ޚަރަދުތައް ކުރުމަކީ ސަރުކާރުން ކުރާ ކަންތައް. އެހެންނަމަވެސް، މިއާއެކީ މި ޚަރަދު އުފުލާއިރު، މީގެ މަންފާ ލިބެން ތިބި ފަރާތްތަކުން، ރައްޔިތުން، އެ ރަށެއްގެ ރައްޔިތުން ސަރުކާރަށް އެކަންކަމުގައި އެއްބާރުލުން ދޭންޖެހޭނެ. ސަރުކާރުން ކުރާ ކަންކަމަކީ ރައްޔިތުންނަށް ފައިދާހުރި، ރައްޔިތުންނަށް ފަސޭހަ، ރައްޔިތުންގެ މަޞްލަޙަތަށް ކުރާ ކަންކަން ކަމަށްވަންޏާ، އެކަންކަމުގައި ހަމަ ހުރިހާ ފިކުރެއްގެ މީހުންވެސް ބައިވެރިވުމަކީ، އެ ރަށެއްގެ ރައްޔިތުންނަށް ލިބޭ ކުރިއެރުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ ވަރަށް އުފާވޭ. މުލަކުގެ ރައްޔިތުންގެ މި އުފަލުގައި ބައިވެރިވުމަށް އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީ. ﷲ މިންވަރު ކުރެއްވީތީ. އަދި އެއާއެކީ އަޅުގަނޑު އުންމީދު ކުރަން، އަދި މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ނަރުދަމާގެ ނިޒާމު ނިމިގެންދާއިރު، އެ ފަސޭހަކަން މުލަކުގެ ރައްޔިތުންނަށް ލިބިގެންދާއިރު، އެ އުފަލުގައިވެސް އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު މި އަހަރުގެ ތެރޭގައި ލިބުމަކީ އެއީ އަޅުގަނޑު އެދޭ ކަމެއް. އެ ފުރުޞަތުވެސް ﷲ މިންވަރު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އިންތިޒާރުވެސް ކުރަން.

މި ރަށްރަށުގެ ތަރައްޤީއަކީ ޙަޤީޤަތުގައިވެސް، މުލަކަކީ، މުލަކަތޮޅަކީ ޕީ.ޕީ.އެމް އަށް، އަޅުގަނޑުމެންގެ ފިކުރަށް ވަރަށްބޮޑު ތާއީދެއް އަބަދުވެސް އޮންނަ އަތޮޅެއް. އެހެންވީމާ، އެ ތާއީދު އެގޮތުގެމަތީ ދަމަހައްޓަން އަޅުގަނޑުމެން ބޭނުންވޭ. އަދި މުލަކުގެ ލޮބުވެތި ރައްޔިތުންނަށްވެސް މިއަދުވެސް ހަމަ ދަންނަވަން ބޭނުންވަނީ، މި ތާއީދު އިތުރުކޮށްދެއްވާށޭ. މި ތާއީދު އިތުރުކޮށްދެއްވަންޖެހޭ ސަބަބަކީ، ދިވެހިރާއްޖެ ކުރިއަށްދާން ބޭނުންވަނީ، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމާއެކީ. ރާއްޖެއަށް ތަނަވަސްކަން އިތުރުކުރުމާއެކީ. ރާއްޖެއަކީ އަމިއްލަ ސިފަތަކަކާއެކީ، އިސްތިޤްލާލެއްގެ މަތީގައި ތިބި، އަމިއްލަ ވެރިކަމެއްކުރާ ބައެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި، މިކަންކަން އަޅުގަނޑުމެން ކުރަންޖެހޭ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކަންކަމާ އަޅައިނުލާ މިންވަރަކުންނެއް، އަވަށްޓެރި ޤައުމުތަކަކުން، ނޫނީ ސީމެގަކުން އައިސް އަޅުގަނޑުމެންނަށް ކަންކަމެއް ނުކޮށްދޭނެ. އަޅުގަނޑުމެންގެ ކަންކަން ކުރާނީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ކަންކަންވެސް ނިންމާނީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ކަންކަން ނިންމުމުގައި ބައިވެރިވާން ނުކެރޭ މީހުން، ދެން ބޭރުގައި ތިބެގެން ދައްކާ ވާހަކައަކުން އަޅުގަނޑުމެން އެކަމަކާ މޭބޮޑުވެގެން އުޅޭ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް ހެޔޮއެދޭނީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ޢާއިލާގެ ޒިންމާ އުފުލާނީ ޢާއިލާގެ ބައްޕައާއި މަންމައާއި، ދެން ތިބި ޢާއިލާގެ މީހުން. ރަށަކީ، ރައްޔިތަކީ ހަމަ އެކަހަލަ އިޖުތިމާޢީ ސެލްއެއް. އެތައް ޢާއިލާތަކެއް މި އޮންނަނީ މިރަށުގައި.  

އެހެންވީމާ، މުލަކު މީހުންގެ މަޞްލަޙަތު އެންމެ ރަނގަޅަށް ބަލަހައްޓާނީ، އެންމެ ރަނގަޅަށް ދަންނާނީ މުލަކުގެ މީހުން. ދިވެހިރާއްޖޭގެ މަޞްލަޙަތު އެންމެ ރަނގަޅަށް ދަންނާނީ، އަދި އެންމެބޮޑު ކުރިއެރުމެއް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާނީ ދިވެހި ރައްޔިތުން. އެހެން ފަރަންޖީންނާ ގުޅިގެން ކޮންމެހެން އެކަން ކުރަން އުޅޭނެ ކަމެއްނެތް. އަޅުގަނޑުމެންގެ މަޞްލަޙަތު، އަޅުގަނޑުމެން ޙިމާޔަތް ކުރީމަ، އެއީ އަޅުގަނޑުމެން، އަޅުގަނޑުމެންނަށްޓަކައި ކޮށްދެވޭ ކަމަކަށް ވެގެންދާނީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު އަޑުއައްސަވައިލެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދިވެހިރާއްޖެއަކީ ތަރައްޤީވެފައި އޮތް، އަދި ދިވެހި ޒުވާނުންނަށް މިހާރު ދަތިވެފައި ހުރި ކަންތައްތަކާއެކީ ތަނަވަސް ރައްޔިތެއް ދިރިއުޅޭ، އަމާންކަމާއި، އިސްލާމީ ހިދާޔަތުގައި އަދި އެ މަތިވެރި ސިފަތަކުން ޖަރީކުރެވިފައި ތިބި، ޞުލްޙައަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރާއްޖެއަކަށް ދިވެހިރާއްޖެ އަބަދުމެ ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

         والسّلام عليــكم ورحـمــة اللّـه وبـركاتـه.