بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާ ދުވަހެއް. މ.އަތޮޅުގެ ދާއިރާއެއް ތަމްސީލު ކުރަމުން، ރައްޔިތުންގެ ޝުޢޫރުތައް، ރައްޔިތުން ބޭނުންވާގޮތަށް ހުށަހަޅައިދެމުން އަދި ދާއިރާއަށް ތަރައްޤީގެ މަސައްކަތް ގެނެސްދެވޭތޯ ބަލަމުންގޮސް ދައުރެއް ނިމި، އޭގެފަހުން އަނެއްކާވެސް މ. އަތޮޅަށް ޚިދުމަތް ކުރުމުގެ ފުރުޞަތު، އަދި ޢާންމުކޮށް މުޅި ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު، ރައްޔިތުން އަޅުގަނޑަށް ދެއްވިހިނދު މ.އަތޮޅަށް މިކުރެވޭ ޒިޔާރަތަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ވަރަށްބޮޑު އުފާތަކެއް ލިބިގެންދާ ޒިޔާރަތެއް.

އަޅުގަނޑު މ. އަތޮޅުގައި މި ދަތުރު މި ފަށަނީ އަޅުގަނޑު ތަމްސީލުކުރި ދާއިރާއަކުންނެއް ނޫން. އެހެންނަމަވެސް، މ. އަތޮޅުގެ ހުރިހާ ރަށަކީވެސް އަޅުގަނޑުމެން ޕީ.ޕީ.އެމް.އާއި އަދި އަޅުގަނޑާ ވަރަށް ގާތް ރަށްތަކެއް ހުރި ދެ ދާއިރާ މ. އަތޮޅުން މިއޮތީ. އެހެންކަމުން، ދިއްގަރަށް މިކުރާ ދަތުރުގައި އަޅުގަނޑަށް ހަމަ ވަރަށްބޮޑު އުފަލެއް ލިބިގެން މިދަނީ. އަދި ހަމައެހެންމެ، ވަރަށްބޮޑު ޝަރަފެއް ލިބިގެން ދެންމެވެސް އެދިޔައީ، ދިއްގަރު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހަނދާނީ ފިލާ ދެއްވުމުން. އަޅުގަނޑާއި އަޅުގަނޑާއެކީ މިރަށަށް ޒިޔާރަތް ކުރެއްވި އެންމެހާ މެހްމާނުން ވަޑައިގަތުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި ކުދިބޮޑު އަންހެން، ފިރިހެން އަދި މަދަރުސާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، ދިއްގަރުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، އަޅުގަނޑުގެ ދަތުރު ހަމަޖެހިފައި މިއޮތީ، އަޅުގަނޑު އެ ދާއިރާއެއް ތަމްސީލު ކުރަމުންދިޔަ ދާއިރާއަށް. މުލަކު ދާއިރާއަށް، މުލަކަށް ޒިޔާރަތް ކުރަން. ދިއްގަރަށް އަޅުގަނޑު އައިސް، ދިއްގަރުގައި ތިޔަބޭފުޅުންގެ އުފަލުގައި މި ބައިވެރިވަނީ އަޅުގަނޑަށްވެސް އެކަމުން ހަމަ ވަރަށް ބޮޑެތި އުފާތަކެއް ހާސިލުވެގެންދާތީ.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ ހުރިހާ އާބާދީތަކަށް ބޭނުންވާ މައްސަލަތަކެއް، ޙައްލު ބޭނުންވާ މައްސަލަތަކެއް ހުންނާނެ. އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި، ހަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އާބާދީ ކުޑަޔަސް، އާބާދީ ބޮޑަސް، ރަށް ކުޑަޔަސް، ރަށް ބޮޑަސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެ. އޭގެތެރޭގައި ފާހަގަކުރެވޭ އެންމެ ވަރުގަދަ ކަމަކަށްވެގެންދާނީ، ޝައްކެއްވެސްނެތްގޮތުގައި ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދިޔުން. ހަމަ މި ލިސްޓް، ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް ވިދާޅުވާއިރު، ހަމަ ލިސްޓް އިތުރުވަމުންދާނެކަން އަޅުގަނޑަށް އެނގޭ. ޢިމްރާނުގެ ވާހަކަފުޅުގައިވެސް އަޅުގަނޑުމެންނަށް އެކަން ހަނދާންކޮށްދެއްވި. އަސާސީ ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ފެނުގެ ނިޒާމު ހަމަޖެހިގެންދިޔުން. ނޫނީވިއްޔާ ރައްކާތެރި ބޯފެން، ހުރިހާ ރަށަކަށް، ހުރިހާ ގޭގެއަކަށް ލިބިގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުންނަށް ވަރަށް އުފާވެރިކަމެއް ލިބޭނެ ކަމެއް. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުންވެސް މިކުރާ ހޭދައަށް ބަލާކަމަށްވަންޏާ، ދައުލަތުގެ ބަޖެޓްވެސް ތަފާތު ގޮތްގޮތަށް ތަރުތީބު ކުރަންޖެހޭ ކަމަކަށް މިކަން ވެގެންދޭ.

އެއާއެކީ ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމުގެ ތެރޭގައި މި ހިމެނެނީ ނަރުދަމާގެ މައްސަލަ. ދިއްގަރުގައި މިއަދު ނަރުދަމާގެވެސް ޢަމަލީ މަސައްކަތް ފެށިގެންދިޔައީ. އަޅުގަނޑު، މުލަކު ދާއިރާ ތަމްސީލު ކުރަމުންދިޔައިރު، މުލަކުގެ އެންމެބޮޑު ޝަކުވާއަކަށް ވަނީ ހަމަ ޙަޤީޤަތުގައިވެސް ނަރުދަމާގެ މަސައްކަތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުލަކުގައިވެސް ނަރުދަމާގެ މަސައްކަތް ފެށިގެންދާނެ ކަމަށް އަޅުގަނޑުމެން ޔަޤީންކުރަން، އަޅުގަނޑުމެންގެ މި ދަތުރާއެކީ.

ރަށްރަށަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ދެން މިއޮތީ ކަރަންޓުގެ ފަސޭހަކަން. ދެން މިހެންގޮސް ވަރަށްގިނަ ކަންތައްތައް. ކަރަންޓުގެ ފަސޭހަކަމަށް ބަލާކަމަށްވަންޏާ، މިކޮޅުގައި އަޅުގަނޑުމެންނާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުވެސް. މިހާރު މިރަށުގައި 2014 ވަނަ އަހަރު އަލަށް އާބާދު ކުރެވުނު ހިސާބަށް ކަރަންޓުލުމުގެ މަސައްކަތް އެ ކުރެވެމުން އެދަނީ. އެމް.ވީ ކޭބަލް، ޑިސްޓްރިބިއުޝަން ކޭބަލް ލޭއައުޓް ކުރަމުން އެދަނީ. ވަޅުލަމުން އެދަނީ. އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މިއަހަރުގެ ތެރޭގައި، 2017 ވަނަ އަހަރުގެ ތެރޭގައި 250 ކިލޯވޯޓުގެ ޖަނަރޭޓަރެއްވެސް މިރަށަށްވެސް ހަމަ ގެންނަގޮތަށް ދައުލަތުގެ ބަޖެޓުން ހަމަޖެހިގެންދާނެ.

އާދެ، ރަށްރަށަށް ބޭނުންވާ މިކަހަލަ ހުރިހާ ކަމެއް ހަމަޖެހިގެންދިޔުމަކީ ޝައްކެއްވެސްނެތްގޮތުގައި، ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަކަމެއް ލިބިގެންދާނެ ކަންކަން. ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މި ފަސޭހަކަން ލިބިގެންދަނީ، ސަރުކާރުން މިކުރާ މަސައްކަތުގައި ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުމާއި، ތާއީދާއި ބައިވެރިވުން ލިބިގެން. މީގެކުރީގައި ރަށްރަށުގައި ކުރެވޭ ކަންކަމުގެ ތެރޭގައި، ކޭބަލް ވަޅުލުމާ، މިކަހަލަ ވަރަށްގިނަ ކަންކަމަކީ، އިޖުތިމާޢީ މަސައްކަތެއްގެ ގޮތުގައި ރަށްރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ ކަންކަން. މިހާރުވެސް ބައިވެރިވެވަޑައިނުގަންނަވައެކޭ ނޫން. އެކަމަކު އަޅުގަނޑުމެން ހިތާމައާއެކީ ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ކަންކަން، ވާދަވެރިކަން ބޮޑުވެގެން ދިޔަދިޔައިނުންގޮސް ރަށްރަށުގެ ހިންގުމާއި އަދި ދައުލަތް ހިންގުމުގެ ކަންކަމުގައި މި ވާދަވެރިކަން އަޅުގަނޑުމެންނަށް ފެނިގެންދާ ހިސާބުން އަޅުގަނޑުމެންނަށް މި ފެންނަނީ، ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ކަންކަން ކުރުމުގައިވެސް ސިޔާސީ ކުލަ، ސިޔާސީ ފިކުރު ފާއްދާލާ ހިސާބުން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންދަން ދައުލަތަށް އޮންނަނީ ދަތިވެފައިކަން. ސަރުކާރަށް އޮންނަނީ ދަތިވެފައިކަން.

އެހެންވީމާ، ދިއްގަރުން އަޅުގަނޑުމެންނަށް މި ވިދާޅުވި މަރުޙަބާއާއި، އަދި ދިއްގަރުގެ ކައުންސިލްގެ ރައީސް، ދިއްގަރުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށާއި، އަޅުގަނޑުމެންގެ ސަރުކާރަށް އަދި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ތިޔަ ދެއްވި ތާއީދާއި، ތިޔަ ވިދާޅުވި ބަސްފުޅުތަކުން އަޅުގަނޑަށް ހިތްވަރު ލިބޭ. އަދި އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަދިވެސް ހުރީ މި ރަށްރަށުގައި ކުރަންހުރި މަސައްކަތް އިތުރަށޭ. ދިއްގަރު މިއޮތީ ފުރިފައި. ދިއްގަރު ބޮޑުކުރަން އެބަޖެހޭ. ކުނިކޮށި މިއޮތީ ކުޑަވެފައި. ކުނިކޮށި ބޮޑުކުރަން އެބަޖެހޭ. ދެން މިހެންގޮސް ދިއްގަރުގައި ކުރަންޖެހޭ ކަންތައްތައްވެސް މަދެއްނުވާނެ. މިކަންކަން ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ބޭނުންވާނެ. ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނިއްޔާ މިކަހަލަ ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވޭނެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ބިމަށް އެކަނި ވިސްނާލި ކަމަށްވިޔަސް، ބިން ކަނޑައި، ބިން ފާހަގަކޮށް، ބިން ވަކިކޮށް، ބިން ހަވާލުކުރުން މިއޮތީ ކައުންސިލްތަކުގެ އިޚްޠިޞާޞްގެ ތެރޭގައި. އަޅުގަނޑުމެން ފުޓްސަލް ދަނޑެއް އަޅަން ބޭނުންވިޔަސް، ހަމަ މިކަން ކުރަންޖެހެނީ މިގޮތަށް. ދިއްގަރުގެ ފުޓްސަލް މުބާރާތް ފެށިގެންދާނީ މިތާ މި އެޅޭ ދަނޑުންކަން އަޅުގަނޑަށްވެސް އެބަ އެނގޭ. ރާއްޖޭގެ ގިނަ ރަށްރަށުގައި އަޅުގަނޑަށް ފަސޭހަ. އެކަމަކު އެހެން ބައެއް ދިމަދިމާގައި މިކަންކަން ކުރާއިރު، ބިން ހަވާލުކުރުމަކީވެސް އަޅުގަނޑުމެންނަށް ހަމަ ގޮންޖެހުމަކަށްވެގެން މިދަނީ. ރަށްރަށަށް ބޭނުންވާ، ޒުވާނުންނަށް ބޭނުންވާ ކަންކަން، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިނގުން ލަސްވެގެންދިޔުމުގެ އެއް ސަބަބަކަށް މިވަނީ މިކަހަލަ ވާދަވެރިކަން އުފެދިގެން، އެކަންކަން ފަހިވެގެން ނުދިޔުން.

އެ ސަބަބަށްޓަކައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށް މިއޮތީ ލޯކަލް ކައުންސިލް އިންތިޚާބުގައި، މިކަންކަމާ ދޭތެރޭގައި ރައްޔިތުން ހޭލުންތެރިވާން އެބަޖެހެޔޭ. މިއީ ކޮންމެހެން އަޅުގަނޑު ދައްކަން ބޭނުންވާ ސިޔާސީ ވާހަކައެއް ނޫން. އެކަމަކު ސިޔާސީ ވާހަކަ ނުދައްކަންޖެހޭ ސަބަބެއްވެސް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ވައްޓަފާޅިއަކީ މިއަދު އަޅުގަނޑުމެން ރާއްޖޭގެ ދުވަހުން ދުވަހުން ދިރިއުޅުމަކީ ސިޔާސީ ކުލަ، އޭގެތެރޭގައި ހިމެނިގެންދާ ކަންކަން. ސަރުކާރުން މަޝްރޫޢެއް ހިންގިޔަސް، އަމިއްލަ ފަރާތަކުން މަޝްރޫޢެއް ހިންގިޔަސް، ކޮރަޕްޝަންގެ ވާހަކަ ދެއްކި ކަމުގައިވީނަމަވެސް އަދި އާ އުސްމިންތަކަކަށްދާ ވާހަކަ ދެއްކިޔަސް، ބްރިޖް އެންމެން އަޅައި ނިންމިއިރުވެސް މިހުރިހާ ވާހަކައަކީ ސިޔާސީ ވާހަކަ. އެހެންވީމާ، ކޮންމެހެން ރަސްމީ ޖަލްސާއެއްގައި މި ވާހަކަ ދަންނަވާލުމަކީ އެއްގޮތަކަށްވެސް ސިޔާސީ ވާހަކަ ދައްކާކަށް ނުވަތަ ނުދައްކާކަށްވެސް އަޅުގަނޑު ނިޔަތްގަނެގެން ދަންނަވާ ވާހަކައެއް ނޫން.

ދަންނަވަން މިއުޅެނީ ރައްޔިތުންނަށް ކުރިއެރުން ލިބޭނީ، ރައްޔިތުން އެކަމަކަށް އެދި އެކަމެއް ބަލައިގަނެ، އަދި އެކަމެއް ލިބުނީމަ އެކަމަށް ޝުކުރުވެރިވަންޏާއޭ. އެހެންވީމާ، ކުރިއަށް އޮތް އިންތިޚާބުގެ ތެރޭގައި، ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް ދިއްގަރުން އަޅުގަނޑުމެންގެ ޕާޓީއަށް ދެއްވައިފި ކަމަށްވަންޏާ، ނޫނީވިއްޔާ ތަރައްޤީގެ ވިސްނުމަށް ތާއީދުކުރާ ބަޔަކަށް ދެއްވައިފި ކަމަށްވަންޏާ، އެއީ ދިއްގަރުގެ ކުރިމަގަށް، ދިއްގަރުގެ ތަރައްޤީއަށް ތިޔަބޭފުޅުންނަށް ކޮށްދެއްވޭނެ އެންމެހެޔޮ ކަންތައް. ﷲގެ ވާގިފުޅާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖެ އެކޮޅުން މިކޮޅު، އަރި ހުރަހަށް ތަރައްޤީ ކުރެވޭތޯ ކުރާ މަސައްކަތް. މިކުރާ މަސައްކަތުގެ ތެރޭގައި އެކިކަހަލަ ކަންކަމުގެ ވާހަކަ އަޅުގަނޑާ އިދިކޮޅު ބޭފުޅުން ދަންނަވާނެ. އެކި ވާހަކަ ދައްކާނެ. އެއީ އަޅުގަނޑު ހަމަ ބަލައިގަންނަ ކަންކަން. މަރުޙަބާކިޔާ ކަންކަން.

އެކަމަކު މިއަދުވެސް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ދިވެހިރާއްޖޭގައި ޤާއިމުކުރެވޭތޯ މި ބަލަނީ، ލައްކަ ދުވަހުގެ ހިންގުމުގެ ތަޖުރިބާއާއި، އަދި ލައްކަ ދުވަހު އެކި ސިޔާސަތުތައް ބަދަލުވެގެންދިޔުމާއި، ސިޔާސީ އިސް ބޭފުޅުންގެ ވިސްނުންފުޅަށް އައިސްފައި ހުރި ބަދަލާއި، އެބޭފުޅުންގެ ދިރިއުޅުމަށް އައިސްފައި ހުރި ބަދަލަށް ބަލާއިރު، ހަމަ އެކަންކަމުގެ ތަޖުރިބާ އެންމެ ކައިރިން ލިބިހުރި މީހަކަށްވާއިރު، އަޅުގަނޑަށްވެސް އެބޭފުޅުން ކަންތައް ކުރައްވާފައި ހުރިގޮތާއި، އަދި އެބޭފުޅުންގެ ހިތްޕުޅުގެ ތެރޭގައި، އެ އެނބުރޭ ޝުޢޫރުތައް، އެދާ މީޒާން ނޫނީ މިޞްރާބު ވަރަށް ރަނގަޅަށް އަޅުގަނޑަށް ވަޒަންކޮށްލެވޭ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކަ މި ދަންނަވަނީ. އަޅުގަނޑު ވެރިކަމަށް އައިސް، ނޫނީވިއްޔާ ވެރިކަމަށް ކުރިމަތިލިއިރު އަޅުގަނޑު ދެންނެވިން. އަދި ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންގެ ޕާޓީގެ އިސް ބޭފުޅުން އަޅުގަނޑަށް ހަނދާންކޮށްދެއްވާނެ. ވަރަށް ގިނައިން އަޅުގަނޑުމެންގެ ޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ދިއްގަރު ދާއިރާ މިވަގުތު ބަލަހައްޓަވަމުން ގެންދަވާ ކަމަށްވެސް އަޅުގަނޑަށް ޚަބަރު ލިބޭ. އަޅުގަނޑަށް ވަރަށް ގިނައިން ހަނދާންކޮށްދެއްވާނެ. އަޅުގަނޑު ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ރައްޔިތުންނަށް ދަންނަވަމުން ގެންދިޔައީ، ދިވެހިރާއްޖޭގައި ވަރަށްގިނަ ކަންތައްތަކެއް ރައީސް މައުމޫނުގެ ސަރުކާރުގައި ވަނީ ކޮށްދެއްވާފައޭ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އަދި ނުފުދި، ނުކުރެވި ހުރި ކަންތައްތައް އަދި އެއަށްވުރެ މާގިނަ. މިސާލަކަށް، ހަމައެކަނި ސާފު ބޯފެނަށް ބަލައިފި ކަމަށްވަންޏާ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯއިން ފެނިގެން އެދިޔަ، އިވިގެންދިޔަ ތަފާސަށް ބަލާކަމަށްވަންޏާ، ފުރަތަމަ ދައުރު ނިމިގެންދިޔައިރު، އޭރުގެ ދައުރުތަކުގެ ވާހަކަ މި ދެންނެވީ. ރާއްޖޭގެ އާބާދީގެ އެންމެ 14 ޕަސެންޓަށް ސާފު ބޯފެން ލިބެމުން މިދަނީ. އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ، މިހާރު މި ފަށާފައި މިހިރަ މަޝްރޫޢުތައް، މިއަހަރުގެ ނިޔަލަށް، ނޫނީވިއްޔާ މި އަންނަ އަހަރުގެ މެދާ ހަމަޔަށްދާއިރު، އަޅުގަނޑުމެން މި އުންމީދު ކުރަނީ، 50 ޕަސެންޓަށްވުރެ ބޮޑު އަދަދަކަށް ސާފު ބޯފެން ލިބިގެންދާނެ ކަމަށް. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ވަސީލަތްތައް ތަނަވަސްވެގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވަނީ މި އަދަދު އިތުރުކުރަން.

ކުނިކޮށްޓަށް ބެލިކަމުގައިވީނަމަވެސް، މިކަން މިއޮތީ މިހެން. ވަކި ކުޑަ ރަށެއް ނޫން. އެންމެބޮޑު ރަށް މާލެ. މާލޭގެ ކުނިކޮށީގެ ކަންތައް އޮތްގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގެ ކުނިކޮށީގެ އުނދަގުލާހެދި ކައިރީގެ ސްކޫލްތައް ބަންދުކޮށްފައި ހުންނަ ދުވަސްތައް އަހަރުތެރޭގައި ހުންނާނެ ގުނައިލެވޭގޮތަށް އަޅުގަނޑުމެންނަށް އެނގެން. ކުނީގެ އުނދަގުލުން، ވަހާއި މެއްސާ، މިކަންކަމުގެ އުނދަގުލުން ހަމަ ޙަޤީޤަތުގައިވެސް މިކަހަލަ ދަތިތައް އުފުލަންޖެހިފައި ހުންނަނީ. ހަމަ އެކަހަލަ އެތައް ބައިވަރު ކަންތައްތަކެއް ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހިރީ. އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ގަބޫލުކުރެވެއޭ، ރާއްޖޭގައި ޙައްލުކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް އެބަހުއްޓޭ. ހަމައެކަނި ސިޔާސީ ވާދަވެރިންގެ ޚިޔާލާއި ފިކުރު އެއްގޮތްކުރަން ކުރާ މަސައްކަތެއް ނޫން. އަދި އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރަން ދަސްކޮށްދިނުމެއްވެސް ނޫން. އަދި ތުއްތުކުދިންނަށް، އިސް މީހުންނަށް، ބޮޑެތި މީހުންނަށް އިޙްތިރާމާއެކީ އެމީހުންނާ ވާހަކަ ދައްކައި، އެމީހުންނާ މުޢާމަލާތު ކުރަން އެކަނި ދަސްކޮށްދިނުމެއްވެސް ނޫން. މި ރީތި މަދަރުސާތަކާއި ހޯލުތަކާ ހަދައިދޭއިރު، ކްލާސްރޫމްތަކުގެ ތެރޭގައި ޓީޗަރު ވާހަކަ ދައްކަވަނިކޮށް، ނިޒާމީ ނުކުތާ ނެގީމަ، މިއީ އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމެއް. އެކަމަކު ދާދި އިހަކަށްދުވަހުގެ މާޒީއަށް އަޅުގަނޑުމެން ބަލާކަމަށްވަންޏާ، މިކަންކަމަކީ އަޅުގަނޑުމެން ދައްކުވައިދީފައި ހުރި ކަންކަން. ބޭރުގެ ތަހުޒީބު ދުނިޔޭގައި މިކަންކަން ކުރަނީ މިހެނެއް ނޫން. މަދުން ކަންކަން ނުވާނެއެކޭ ނޫން.

އަޅުގަނޑު ދަންނަވަމުން ދިޔައީ، އަޅުގަނޑު މިއައީ ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ގަބޫލުކުރެވިގެން، އެ މައްސަލަތަކާ ކުރިމަތިލައި، މައްސަލަތައް ޙައްލުކުރުމުގައި ކޮންމެވެސްކަހަލަ ވިސްނުމެއް އަޅުގަނޑުގެ ހުރީމަ، އެ ފުރުޞަތު ރައްޔިތުން އަޅުގަނޑަށް ދެއްވައިފި ކަމަށްވަންޏާ، އެކަން ކުރެވޭތޯއޭ. އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް ކުރަން އައީކީ އެއްވެސް ބޭފުޅަކާ އިސްވެ ހަނގުރާމަ އިޢުލާނުކޮށްގެނެއް ނޫން. އެއްވެސް ބޭފުޅަކާ އިސްވެ މިއަދުވެސް އަޅުގަނޑު ނެތިން ޖަދަލުކުރާކަށް. އެހެންނަމަވެސް، އަޅުގަނޑު މިކުރާ މަސައްކަތުގައި، އަދި އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް ދެމުން މިގެންދާ ގެންދިޔުމުގެ ތެރޭގައި، ސިޔާސީ ވާދަވެރިން އެއްކޮޅުންނާއި ދެކޮޅުންވެސް ޖަދަލުކުރައްވާ ކަމަށްވަންޏާ، އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނެ. އެކަމަކު މިއަދުވެސް އަޅުގަނޑު ބޭނުންވާ ކަށަވަރު ބަހަކީ، އަޅުގަނޑުގެ އަމާޒު ވަރަށް ސީދާ. އަޅުގަނޑުގެ އަމާޒާއި، އަޅުގަނޑުގެ ވިސްނުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން. ރައްޔިތުންނަށް ބޭނުންވެފައި ހުރި ބޮޑެތި ޚިދުމަތްތައް ކޮށްދިނުން.

މިއަދު މި ރަށްރަށަށް އައިމަ އަޅުގަނޑުމެންނަށް ހިތްގައިމުކަން ފެނިގެން މިދަނީ، މި ރަށްރަށުގެ ނަލަކަން މިއޮތް މެންދުރުގެ އަވިބާރު ގަޑީގައިވެސް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިގެންދަނީ ރައްޔިތުންގެ މޫނުމައްޗަށް އައިސްފައިވާ ހިނިތުންވުމުން. މިއީ ދޮގެއްތޯ، އަޅުގަނޑުމެން ރަށްރަށުގައި އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ކަންކަމަކީ. އަޅުގަނޑުމެންނަކަށް މިއަދަކު ޒީނަތްތެރިއެއްނުވޭ މުޒާހަރާއެއް ކޮށްގެނެއް. އަޅުގަނޑުމެންނަށް މިއަދު ރައްޔިތުން ޒީނަތްތެރިކަން މި ދައްކައިދެނީ ކުދިންނަކީ އަޚްލާޤު ރަނގަޅު ކުދިންތަކަކަށްވެގެން. ޒުވާނުންނަކީ އިތުރުގަޑީގައިވެސް އަދި ބޭކާރުކޮށް ވަގުތު ހޭދަކޮށްނުލައި، ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކުޅިވަރު ކުޅުމާއެކީ، މުޖުތަމަޢު ބިނާކުރުމުގައި، މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ހިމެނޭ ބައެއްގެ ގޮތުގައި ހިމެނިގެން ދިޔައިމަ. ޒުވާނުންނަކީ ވަޒީފާ ހޯދައިގެން، އާމްދަނީ ހޯދައިގެން މައިންބަފައިން ބަލަހައްޓައިދޭ ބަޔަކަށްވެގެން ދިޔައިމަ. ސަރުކާރަކީ އެންމެ ނިކަމެތި މީހާއަށްވެސް އާސަންދައިގެ ތެރެއިން ޞިއްޙީ ފަރުވާ ހޯދައިދެވޭވަރުގެ ކެޕޭސިޓީ ހުރި، ނޫނީ އެވަރުގެ ތަކުލީފެއް އުފުލޭވަރުގެ ހަކަތަހުރި ތަނަކަށް ސަރުކާރު ވެގެންދިޔައިމަ.

މިއީ އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން މި ލިބޭ ކަމަކީ. އަޅުގަނޑުމެންނަށް އުފާވެރިކަމެއް ނުލިބޭ، ދިވެހިރާއްޖެއަކީ، ތިމަންނަގެ ދައުލަތަކީ ތިމަންނަގެ ޢަދާވާތްތެރިއެއް ކަމަށް، އެނަމީއެއް ކަމަށް ގަބޫލުކޮށް، ބޭރު ޤައުމެއްގެ އެސައިލަމް ނަގައިގެން، ދެން ރައްޔިތުންނަށް ޚިދުމަތް ކުރާނެ ވާހަކަތައް އިވުނީމައެއް. އަޅުގަނޑުމެންނަކަށް އެއެއް ބަލައެއްނުގަނެވޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންކަމަށްވަންޏާ، އަދި އެންމެ އިސް ޚާދިމެއްގެ ގޮތުގައި ހުރެގެން ރައްޔިތުންނަށް ޚިދުމަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން ތަޞްދީޤުކޮށްފައި، އެ މައްޗަށް ޢަމަލުކުރަން ތަންފީޛުކުރާ ޤާނޫނު ހިންގުމުގައި އަޅުގަނޑުމެންނަކީވެސް އެހެން އިންސާނުންނާއި، އެހެން ރައްޔިތުންނާ ޢުޤޫބާތުގެ ކުރިމަތީގައި އެއްވަރުގެ ޙައްޤުތަކެއް ލިބޭ، އެއްވަރުގެ އަދަބުތަކެއް ލިބެންޖެހޭ ބައެއް ކަމަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލުކުރެވިގެން. އެކަންކަން ގަބޫލުނުކުރެވޭ ކަމުގައިވަންޏާ، އެކަން ކުރާނެ ކަމެއްނެތް. ސިނގިރެޓް ބޯ މީހާ، ސިނގިރެޓް ނުބޯ ދަރިފުޅަކަށް ނަޞޭޙަތްދޭނެ ކަމެއްނެތް، ސިނގިރެޓް ނުބޯކަށެއް. ސިނގިރެޓް ނުބޯން ދަރިފުޅަށް ނަޞޭޙަތްދޭ ކަމަށްވަންޏާ، ބައްޕަ މިސާލު ދައްކައިދޭންވާނެ، ބައްޕައަކީވެސް ސިނގިރެޓް ނުބޯ މީހެއް ކަމަށް.

އެހެންވީމާ، މިކަހަލަ މިސާލުތަކުން އަޅުގަނޑުމެން ބޭނުންވަނީ ޒަމާނީ މުޖުތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި ބިނާކުރަން. އަޅުގަނޑުމެންނަށް ޒަމާނީ މުޖުތަމަޢެއް ބިނާކުރުމަށް މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން މިކުރަނީ ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ، ތަހުޒީބަށް ބޭނުންވާ ކަންކަމުގެ އިތުރަށް ހަމަ ޙަޤީޤަތުގައިވެސް ދުޅަހެޔޮ ޞިއްޙަތަކާއި، ރައްޔިތުންނަށް އުފާފާގަތިކަމާއެކީ އުޅެވޭނެ ވެށްޓެއް ޤާއިމުކުރުން. ރައްޔިތުންނަށް އިތުބާރާއެކީ، ރައްޔިތުންނަށް ޔަޤީންކަމާއެކީ އެއްވެސް ބިރުވެރިކަމެއްނެތި، މި ދިވެހި ޖައްވަށް ނޭވާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭންޖެހޭނީ، އެއްގޮތަކަށްވެސް ސިފައިންނާއި ފުލުހުންނެއް ނޫން. އެޔަޤީންކަން ދޭންޖެހެނީ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ހަމަޖެހުމުގެ ތެރެއިން. އެކަކު އަނެކަކާ އަޅާލާ އަޅާލުމުން. އެކަކު އަނެކަކަށް ކުރާ އިޙްތިރާމުން. އެހެން ނޫނީވިއްޔާ މިތަނަކީ އަބަދުވެސް ތަޅާފޮޅާ ތަނަކަށްވާނެ. އަޅުގަނޑުމެން ދެކެފީމު އެދުވަސްތައް. އެއަކުންވީ ފައިދާއެއް ނެތް. ހާސިލުކޮށްފީމު ޢިބްރަތްތަކެއް. އެ ދިމާއަކަށް އެނބުރި ދާނެ ކަމެއްނެތް. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، ރަށްރަށަށް ބޭނުންވެފައި މިހިރަ ތަރައްޤީގެ މަޝްރޫޢުތަކާއެކީ ކުރިއަށް ދެވޭތޯ ބެލުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވަގުތުގެ ތަނަވަސްކަން ނެތީމައާވެސްއެކީ. އެކަމަކު އަޅުގަނޑު ވާހަކަ ނިންމާލަމުންވެސް ހަމަ ދަންނަވާނީ، އަޅުގަނޑާއެކީ މި ވަޑައިގެންނެވި ޓީމަކީ ޙަޤީޤަތުގައިވެސް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކޮޅެއް ހިމެނޭ ޓީމެއް. މިނިސްޓަރ މުޢިއްޒު، މިނިސްޓަރ ޠާރިޤު، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނެޖިންގ ޑިރެކްޓަރ، ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ. މި ބޭބޭފުޅުންނަކީ ރާއްޖޭގެ މިދެންނެވި ކަހަލަ ޢުމްރާނީ މަސައްކަތްތަކަށް، ރައްޔިތުންނަށް ބޭނުންވާ އިޖުތިމާޢީ މިކަހަލަ ހުރިހާ ޚިދުމަތްތަކެއްގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. މި ބޭފުޅުންނާއެކީ އަޅުގަނޑުމެން މިކުރާ ޒިޔާރަތުގައި، ހަމަ ޙަޤީޤަތުގައިވެސް ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް އިތުރަށް ދެނެގަތުމާއެކީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުއްދައިދިނުމުގެ ކަށަވަރުކަން ތިޔަބޭފުޅުންނަށް އެރުވުން.

އަޅުގަނޑަށް ދެންމެ ޢިމްރާނުގެ ފަރާތްޕުޅުން އިވިގެންދިޔަ އިލްތިމާސްތައް، ލިބިގެންދިޔަ އިލްތިމާސްތައް އަޅުގަނޑު އަޑުއަހައިފީމު، ބަލައިގެންފީމު. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ބަޖެޓު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން މި އަހަރުގެ މެދަކާ ހިސާބަށްދާއިރު. މިހާރު އަޅުގަނޑުމެން މި ދައްކަނީ ހަމައެކަނި ކުނިކޮށީގެ ވާހަކައެއް ނޫން ޢިމްރާން. މިހާރު އަޅުގަނޑުމެން މި ދައްކަނީ އެކި ސަރަޙައްދުތަކަށް އެއްފަހަރާ ބޮޑެތި އެއަރޕޯޓް ގެންދާ ވާހަކަ. އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ޤާބިލުކަމާ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، ﷲގެ މިންވަރުފުޅާއެކީ ތަނަވަސްވެފައި ހުރި މިންވަރު މިއީ. މިހާރަކު ނުދައްކާނެ، އެންމެ ކްލާސްރޫމެއް އަޅާ ވާހަކައެއް. މިހާރު އަބަދުވެސް ދައްކާނީ 10 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލަކާއި، ތިން ހަތަރު ބުރީގެ އިމާރާތެއް އަޅާ ވާހަކަ. މިހާރަކު ނުދައްކާނެ އެއްގޮތަކަށްވެސް ކުނިކޮށްޓެއް އަޅާ ވާހަކައެއް. މިހާރު މި ދައްކަނީ މާލޭގައި ވެއްޖިއްޔާ އިންސިނޭޓަރުވެސް ބަހައްޓާ ވާހަކަ.

އެހެންވީމާ، މިހާރު މި ދައްކަނީ އެއްފަހަރާ، މި އަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ ހަތަރު ފަސް ދިމާއެއްގައި، ރައްޔިތުންގެ އުދުހުން ކައިރިކޮށްދިނުމާއި، ރައްޔިތުން ރައްޔިތުންނާ ކައިރިކޮށްދިނުމަށްޓަކައި އެތަންމިތަނުގައި ބޮޑެތި އެއަރޕޯޓް އަޅާ ވާހަކަ މިދައްކަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ޕްލޭނިންގ ހޮރައިޒަން ހުރިވަރު މި ދަންނަވާލީ. އެހެންވީމާ، މިކަންކަމުން އުފުލަންޖެހޭ ދަރަނީގެ ބޮޑުކަމާ ދޭތެރޭގައި ހީކަރުވާ ބަޔަކު ހީކަރުވަންވީ. އަޅުގަނޑުމެން މި ދަރަންޏާއެކީ ކުރިއަށް މިދަނީ އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ހީނުކަރުވާތީ. ކުރިއަށް ދެވޭނީ ކުރިއަށް ދިޔުމުގެ ޢަޒުމަކާއި ރޫޙަކާ ހުރެގެން. އެ ޚިދުމަތް ކުރުމުގެ ރޫޙެއްނެތި، މިކަންކަމާ ދޭތެރޭގައި ހީކަރުވާކަމަށްވަންޏާ، އަޅުގަނޑަކަށް ހިއެއްނުވޭ މިއަދުގެ ޒުވާނުން ގޮވައިގެން މެކުހަށްޖަހާ ދޯންޏެއްގައި ކައްޕިކަން ކުރާކަށް އެއިން ބޭފުޅަކު ޝަރުޠު ފުރިހަމަވާހެންނެއް.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރެއްވުން. ދިއްގަރުގެ ހުރިހާ ރައްޔިތުންނަށް، މ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަދި ޢާންމުކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އެދެނީ އުފާފާގަތިކަމާއި، ކުރިއެރުމުގެ ވިސްނުން ﷲ މިންވަރު ކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.