އިސްލާމްދީނުގެ މަތިވެރި ހިދާޔަތް، ދިވެހި އުންމަތަށް ދެއްވި ކަމަށްޓަކައި، މާތް اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، ރާއްޖެ އިސްލާމްވި ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރާއިރު، އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ރާއްޖެއަށް ގެނެސްދެއްވި، މައުލާނާ އަލްޙާފިޡު އަބުލްބަރަކާތު ޔޫސުފުލްބަރްބަރީގެ ޒިކުރާ އާކުރަމުން، އެކަލޭގެފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލެއްވުން އެދި، މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ރާއްޖޭގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަމުގައި ޚިޔާރުކުރެއްވި އައްސުލްޠާން މުޙައްމަދު ބްނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށްވެސް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރެއްވުންއެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރާދޭތެރޭގައި ވިސްނާލާއިރު، އެކަމުގެ ސިއްރަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް އަޅުގަނޑުމެންނަށް ލިބިފައިވުމެވެ. އެދީނުގެ ފަރުޟުތަކާއި ވާޖިބުތަކަށް ރައްކާތެރިވެ، އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި، ދީނީ ކަންކަމަށް ލޯބިކުރާ ކިޔަމަންތެރި ބަޔެއްގެ ގޮތުގައި ތިބުމެވެ. އިސްލާމީ މުޖްތަމަޢެއްގައި އެންމެބޮޑު އިސްކަމެއްދެނީ، ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، މުޖްތަމަޢުގެ މަޞްލަޙަތަށެވެ. މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރި ކުރެވޭނީ، އެ މުޖްތަމަޢެއްގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރި ކުރެވިގެންނެވެ. އަޅުގަނޑުމެންނަކީ، އެއްދީނަކަށް ތަބާވެގެންތިބި، އެއްބަހަކުން ވާހަކަދައްކާ މުސްލިމުންކަމުގައި ވީހިނދު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ވަރަށްމަތިވެރި ގުޅުމެކެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެންތިބި ބަޔަކަށްވާތީ، މިއީ ރާއްޖެއާދޭތެރޭ ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާކަން، އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކުރަމެވެ. ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތީތީ، ރާއްޖެއާ ދޭތެރޭ ބައެއްފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅެމުންދާކަން އެއީ، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެއެވެ. ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައެވެ. އެހެންކަމާއެކު، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވެވަޑައިގަތުމަށް، ރާއްޖޭގެ ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ގޮވާލަމެވެ.

މާތްﷲ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި މި ލޮބުވެތި ޤައުމު، އަބަދަށްޓަކައި ލައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ މިނިވަންކަމާއި އަމަން އަމާންކަން ރައްކާތެރި ކޮށްދެއްވާށިއެވެ! އާމީން.