މި އޮފީހުގެ ދެންނެވުން ނަންބަރު 2013/05 (16 ޖަނަވަރީ 2013) އާ ޙަވާލާދީ ދަންނަވަމެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމާއި، އޮފީސްތަކުގެ މަސައްކަތްތައް ހަލުވިކުރެއްވުމުގެގޮތުން 2017 ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް، އެ ލިޔުމެއް ނިސްބަތްވާ އޮފީހަކުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، މިހާރުވެސް ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް ޤާނޫނާއި، ދައުލަތުގެ އޮފީސްތަކުން ނެރުއްވާ ގަވާއިދާއި، އުސޫލުތަކާއި، މިފަދަ ޤާނޫނީ އެހެނިހެން ލިޔުންތައް ކުރިއެކޭ އެއްގޮތަށް މި އޮފީހަށް ފޮނުއްވުމަށާއި، މިފަދަ ލިޔުންތައް ގެޒެޓުގައި ޝާއިޢުކުރައްވާނީ މި އޮފީހުންކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ކޮންމެ އޮފީހަކުންވެސް އެ އޮފީހަކުން ގެޒެޓުގައި ލިޔުންތައް ޝާއިޢުކުރައްވަން ހަމަޖައްސަވާ ބޭފުޅުންގެ ނަމާއި، މަޤާމާއި، އީމެއިލް އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރުތައް ގެޒެޓުގެ އީމެއިލް އެޑްރެހަށް ފޮނުއްވުމުން، އެ ބޭފުޅަކަށް ގެޒެޓުގެ ޕޯޓަލަށް ވަނުމަށް ޔޫސަރ ނޭމާއި، ޕާސްވޯޑް ލިބިވަޑައިގަންނަވާނެ އިންތިޒާމު މި އޮފީހުން ވަނީ ހަމަޖައްސަވާފައެވެ.

މި އިންތިޒާމުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ލިޔުންތައް، މި އޮފީހުން ގެޒެޓުގައި ޝާއިޢުކުރައްވާނެ އެންމެ ފަހު ތާރީޚަކީ، 2017 ޖަނަވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ގެޒެޓުގައި ޝާއިޢުކުރައްވަން ފޮނުއްވާ އިޢުލާންތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް، އީމެއިލުން މި އޮފީހަށް ބަލައިގަންނާނީ، 2017 ޖަނަވަރީ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގެޒެޓުގެ އީމެއިލް އެޑްރެހަކީ، [email protected] ކަމަށާއި، ގެޒެޓުގައި ތަކެތި ޝާއިޢުކުރެއްވުމާ ގުޅޭގޮތުން، މި އޮފީހުގެ ނަންބަރު 3336137 ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުމުން މަޢުލޫމާތު އޮޅުންފިލުއްވައިދޭ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.