بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ ވިލިނގިއްޔަށް އައިމަ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާ. ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން. ތިޔަބޭފުޅުންގެ ޝުޢޫރުތައް އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ، ޖަލްސާ ހުށަހަޅުއްވައިދެއްވި އިބްރާހީމް ރަޝީދުގެ ފަރާތްޕުޅުން. އަދި އޭގެފަހުން ވިލިނގިލީގެ ރައްޔިތުންގެ ފަރާތުން ޢަލީ ޝަމީމްގެ ވާހަކަފުޅުން.

ވިލިނގިއްޔަކީ ދެކުނުގައި މިހިރަ ރަށްތަކުގެ ތެރޭގައި ވަރަށް ޚާއްޞަ ރަށެއް. އަބަދުވެސް ސަރުކާރަށް ޚާއްޞަ ރަށެއް. އަދި ޚާއްޞަ ގޮތެއްގައި ޕީ.ޕީ.އެމް. ސަރުކާރަށް ޚާއްޞަ ރަށެއް. އެހެންވީމާ، ވިލިނގިއްޔަށް އައުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ދާދިފަހުން އޮތް ޤައުމީ ދުވަހު ވިލިނގިއްޔަށް އަންނާނެ ފުރުޞަތު އަޅުގަނޑަށް ނުލިބިދިޔައީ. އެހެންވީމާ، ގއ. އަތޮޅަށް މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގެމަނަފުށްޓަށް މިކުރާ ދަތުރުގައި އަޅުގަނޑު ދުށީ ވިލިނގިއްޔަށް ޖައްސާލުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއްގެ ގޮތުގައި. ރިޔާސީ އިންތިޚާބުގެ ތެރޭގައި އަދި އޭގެކުރިން ރިޔާސީ ޕްރައިމަރީގެ ތެރޭގައިވެސް ވިލިނގިއްޔަކީ އަޅުގަނޑަށް ވަރަށްބޮޑު އެއްބާރުލުމެއް ދެއްވާފައި އޮތް ރަށެއް. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ވިލިނގިއްޔަށް އައިސް ވިލިނގިލީގެ ރައްޔިތުންނާ މި ހެނދުނުގެ ވަގުތު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ލިބުނީތީ.

އާދެ، ވިލިނގިލީގެ ރައްޔިތުންގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދި އަޅުގަނޑާ ދޭތެރޭގައި ފާޅުކުރެއްވި އިޙްސާންތެރި، އިޚްލާޞްތެރި ޝުޢޫރުތަކަށް ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުގެ އަންހެނުން މެޑަމް ފާތުންއާ ދޭތެރޭގައި ތިޔަބޭފުޅުންގެ ހިތްޕުޅުގައި ތިޔައޮތް ގާތްކަންވެސް ވަރަށް ޚާއްޞަ ގޮތެއްގައި މިއަދުގެ ޖަލްސާގައި ތިޔަ ފާހަގަކުރެއްވީ. އެކަމަށްޓަކައި އެކަމަނާގެ ފަރާތުން އަދި އަޅުގަނޑުގެ ފަރާތުންވެސް ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް އަބަދުވެސް ވާގޮތަކީ އަޅުގަނޑުމެންނަށް ކަންތައްތައް ކޮށްދޭ ފަރާތްތައް، ނޫނީވިއްޔާ ނިޢުމަތްތައް މެދުވެރިކޮށްދެއްވާ ފަރާތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާނެއް ނުހުރޭ. އަޅުގަނޑުމެންނަށް އެވަގުތު ލިބިފައި އޮތް ރިޒުޤަކާއި ރޯއްޖަކާއި ތަނަވަސްކަމަކާއެކީ އަޅުގަނޑުމެންނަށް ކުރިއަށް ދެވެނީ.

އެހެންވީމާ، އަޅުގަނޑު މިއަދު ފަށާނީ އަޅުގަނޑާ ދޭތެރޭގައި މިހާ ގާތްކޮށް ރައްޔިތުންގެ ފަރާތުން ކަންތައްތައް ކޮށްދެއްވީތީ، ވިލިނގިލީގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން. އަދި ހަމައެހެންމެ، މި އިންތިޒާމުތައް މިހާ ފުރިހަމައަށް ކޮށްދެއްވާފައި މިއޮތީ ކާފާ ފައުންޑޭޝަންގެ ފަރާތުން. އާދެ، އަޅުގަނޑަށް އެނގިގެންދިޔަ ގޮތުން ވެއްޖިއްޔާ ޣައިބުގައިވާ ތިން ބޭފުޅަކު މީގެތެރޭގައި އެބަ ހިމެނޭ. އެ ތިން ބޭފުޅުންނަށާއި، ކާފާ ފައުންޑޭޝަންގެ ހުރިހާ ބޭފުޅުންނަށާއި އަދި މި އިންތިޒާމުތައް ހަމަޖެއްސެވުމަށް، މިތަން ޒީނަތްތެރި ކުރުމާއި، ތަނުގެ ހުރިހާ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވި ޕީ.ޕީ.އެމް.ގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން.

ދެން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވިލިނގިއްޔަށް އައިސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން ބޭނުންވި ސަބަބު. ވިލިނގިއްޔަށް އައިސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން ބޭނުންވާ ސަބަބުގެ ތެރޭގައި އަޅުގަނޑު ދަންނަވާލާނަން ބައެއް ވާހަކަތައް. އަޅުގަނޑުމެންގެ ޚިޔާލަށް މިހާރު އަންނަން އެބަޖެހޭ، ދިވެހި ޒުވާނުންގެ ތެރޭގައި ހިނގާ ލޭ ތާޒާވާން އެބަޖެހޭ. ޝައްކެއްވެސްނެތް، ދިވެހި ޒުވާނުންގެ ތެރޭގައި ހިނގަނީ ލޭ. ވިލިނގިއްޔަކީ މަސްވެރި ރަށެއް. އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ހުންނަނީ ތާޒާ މަހުގެ ތާޒާ ލޭކަން އަޅުގަނޑަށް ހަމަ ޔަޤީން.

އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވިލިނގިލީގެ ހުރިހާ ރައްޔިތުންވެސް، ދޮށީ އުމުރުފުރާގެ ބޭފުޅުން، ޒުވާނުން، މެދުއުމުރުފުރާގެ ބޭފުޅުންވެސް ގަބޫލުކުރައްވަންޖެހެނީ 2013 ވަނަ އަހަރުގެ އިންތިޚާބު އަޅުގަނޑުމެންނާ ބޯމަތިވެގެން އައިއިރު، އަޅުގަނޑު ޖަލްސާތަކުގައި ވާހަކަ ދައްކަމުން، ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދެވޭތޯ ބަލަމުން އައި މެސެޖަކީ، ރާއްޖޭގެ ކަންކަން އޭރު ހުރި ޙާލަތުން ރާއްޖޭގެ ކަންކަމުގެ ޙާލަތު ބަދަލުވާން އެބަޖެހެޔޭ. ޠަބީޢީ ކަމެއް ބަދަލުވުން އެއީ. ޠަބީޢީ ކަމެއް ބަދަލު ގަބޫލުނުކުރުން އެއީ. ހަމަ ޠަބީޢީ ކަމެއް ހިތްވަރާއެކު ކުރިއަށް ދިޔުން އެއީ. އެހެންވީމާ، ޠަބީޢަތުގައި ހިތްވަރާއެކީ ކުރިއަށްދާން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ލޭހޮޅިތަކުގައި ހިނގާ ލޭ ތާޒާވާން މިޖެހެނީ. ބަދަލު އަންނަންޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެއްވެސް ކަމަކީ ތާއަބަދު އެއްގޮތަކަށް އޮންނަ ކަމެއް ނޫން. ﷲގެ ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލަންޏާ، އިރުއަރާ އޮއްސޭގޮތް އެކަނި އަޅުގަނޑުމެންގެ ޚިޔާލަށް ގެނަޔަސް އަޅުގަނޑުމެންނަށް މިކަން އެބަ ދޭހަވެގެންދޭ. ދުވާލެއް އާދޭ. އަލިކަމެއް އާދޭ. އަލިކަމުން ދިރުން އެބަލިބޭ. ތާޒާކަމެއް އެބައާދޭ. އެހެންނަމަވެސް، ހިތްހަމަޖެހުމާއި، އަރާމާއި، ރޭގަނޑުގެ ވަގުތަށް، އަނދިރިކަމަށް ޖާގަ އެބަދޭ. ޠަބީޢަތު. މިއީ އަޅުގަނޑުމެންގެ ތެރޭގައި ޙާލަތު ބަދަލުވާގޮތް. އަޅުގަނޑުމެންނަކަށް އަބަދަކު ފަސޭހައެއް ނޫން 2013އާ ހަމައަށް އޮތް ހަލަބޮލި ދިވެހިރާއްޖޭގައި، އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖޭގައި އަމާންކަމެއްނެތި، އެއްވެސް މީހެއްގެ ޙައްޤެއްނެތި، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމެއްނެތި، ބަލައިލުމެއްނެތި ތަންތަން ވީރާނާވަމުންދާކަށް. ވަރުގަދަ ވިސްނުންތަކަކާއި، ޢަޒުމުތަކަކާއި އަދި އަޅުގަނޑުމެން ގަބޫލުކޮށްގެން އީމާންކަންމަތީގައި ތިބި ދީނާ ދޭތެރޭގައި ފުރައްސާރަ ކުރަމުންދިޔަތަން ބަލާކަށް އަޅުގަނޑަކަށް ފަސޭހައެއްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ދެންނެވީ، އަޅުގަނޑުމެންގެ ޙާލަތު ބަދަލުވާން އެބަޖެހެޔޭ.

ދިވެހިންނަކީ ގަދަ ބިޔަ އިންޑިޔާ ކަނޑުގެ ރާޅުތަކުގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ނިކަމެތި ޖަޒީރާ ޤައުމަކަށްވި ނަމަވެސް، މިއީ އިންޑިޔާ ކަނޑުގެ މުތްތަކެއް ގޮތަށް ދިއްލިފައި އޮތް ލޯބި ރީތި ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ތެރޭގައި ވިއްކޭނެ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަމާއި، ޞުލްޙަވެރިކަމާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަޙުދަތު އަދި އިސްލާމްދީނަށް ތަބާވެގެން ތިބި ތިބުމަކީ، އަޅުގަނޑުމެންގެ އެންމެ މަތިވެރި ނަޞީބު ކަމަށްވާއިރު، އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވާފައި ހުރި ނިޢުމަތްތަކުގެ ބޭނުން ހިފައިގެން އަޅުގަނޑުމެން ދާން ބޭނުންވާ މަރުޙަލާއާ ހަމަޔަށް ދިޔުމަށް ޢަޒުމު ކަނޑައަޅަން. އެ ވިސްނުމާއި، އެ ތާޒާކަން އަޅުގަނޑުމެންގެ ހިތުތެރޭގައި އޮންނަންވީ. އަބަދު އެއްގޮތަށް ހުރިހާކަމެއް ދާނެކަމަކަށް އަޅުގަނޑުމެން ވިސްނާކަށްނުޖެހޭ. އެއީ ފިޠުރަތު ނިޔާކުރާ ގޮތެއްވެސް ނޫން. އަޅުގަނޑުމެންގެ ޙާލަތު ބަދަލުވާންޖެހޭނެ.

އެހެންވީމާ، ވިލިނގިއްޔަށް އައިސް އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވިލިނގިލީގައި ތިންހާހަށްވުރެ ބޮޑު އާބާދީއެއް އުޅޭއިރު، މިކަހަލަ ރަށަކަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވޭތޯ ބަލަމުން ގެންދާ ވާހަކަ. މިރަށަށް ދަތިވެފައި ހުރި ގިނަ ކަންތައްތަކެއް ޙައްލުކޮށްދެވޭތޯ ސަރުކާރުން ބަލަމުން ގެންދަނީ. އެހެން މި ދެންނެވީ ލިސްޓް ކުރާކަށެއް ނޫން. ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިހާރު ބީލަންތައް އިވެލުއޭޓްކޮށް ނިމެމުން އެދަނީ. މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް. މިއަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ މަސައްކަތް ފެށިގެންދާނެ.

ތިޔަބޭފުޅުންނަށް ދަތިވެފައި ހުރި ހުރިހާ ކަންތައްތަކެއް ޙައްލުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭ ކަމެއް. އެކަމަކު ސަރުކާރެއް ހިންގާ ބައެއްގެ ވިސްނުމާއި އަމާޒެއް އޮންނަ ގޮތަކުން މަޝްރޫޢުތައް އިސްފަސްކުރުމާއި، އަދި އިސްކަންދޭ ކަންތައްތަކުގައި ރައްޔިތުންގެ ޚިޔާލާއި ވެރިންގެ ޚިޔާލާ ތަފާތުވާ ފަހަރު އާދޭ. އެހެންނަމަވެސް، ތިންހާހަށްވުރެ މަތީގެ އާބާދީއަކަށް ބޭނުންވާ ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ވިލިނގިލީގައި ފުދެމުން މިދަނީ. ރަށްރަށް ބޮޑެތިވީމަ، ބިމުގެ ގޮތުން ބޮޑެތިވީމަ، ވިލިނގިލި ކަހަލަ ރަށަކަށް ބަލާކަމަށްވަންޏާ، މަދަރުސާ ކުދިންނަށާއި، ދޮށީ ރައްޔިތުންނަށާއި ހުރިހާ އެންމެންނަށްވެސް އެންމެ އުނދަގޫވެފައި އޮތް ކަމަކަށްވަނީ މަގުތަކުގެ ދަތިކަން. ނޫނީވިއްޔާ ވާރޭވެހި ޗަކަވެ، ނޫނީވިއްޔާ އަޑިގުޑަން ބޮޑުވީމަ އެންމެބޮޑު މައްސަލައަކަށްވަނީ. ވިލިނގިލީގައި މި ހެދެމުންދާ މަގުތަކުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ވަރަށްބޮޑުބައި އެއޮތީ ނިމިފައި. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންގެ ސަރުކާރުގައި މި އަހަރުގެ ތެރޭގައި، މި ފެށޭ އަހަރުގެ ތެރޭގައި، މި މަޝްރޫޢު އެކީ ފުރިހަމަވެގެންދިޔުން.

މިހެންގޮސް ވިލިނގިއްޔަށް ބޭނުންވާ ހުރިހާ ކަންކަމެއް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ވިސްނުން އޮތީ އަބަދުވެސް އަބަދުވެސް އަޅުގަނޑުމެން ތިބެންވާނީ ކަންކަމާ ކުރިމަތިލުންތަކާ ތައްޔާރުވެގެން ކަމަށް. ކުރިމަތިލުންތަކާ ތައްޔާރުވެގެން ދާކަމަށްވަންޏާ، އަބަދުވެސް އެންމެ އިސް ސަފުގައި ދިވެހިރާއްޖެ ގަބޫލުކުރާ ހުރިހާ އުސޫލުތަކުގެ ދިފާޢުގައި ނުކުމެ ތިބޭނީ ޝައްކެއްވެސްނެތްގޮތުގައި، ޔުނީފޯމުގައި ތިބި ޢަސްކަރިއްޔާގެ މީހުން. މިއަދު އެމީހުންނަށް މަދަދުވެރިވާން ހިތްވަރުދޭން މި ތިބެނީ ޒުވާނުން. ގައިގައި ވަރުހުރި، ހެލިފެލިވުމުގައި ދަތިކަމެއްނެތް ޒުވާނުން. އެމީހުންނާއެކީ ދޮށީ ރައްޔިތުންނާއި ހަރު މީހުންނަށް ކޮށްދެވޭ ކަންތައްތަކެއް ކޮށްދޭނެ. އެކަމަކު އަޅުގަނޑުމެންގެ ޝަރަފު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު، އަޅުގަނޑުމެންގެ ރަށަށް ޢުދުވާނެއް އައިކަމުގައިވީނަމަވެސް، ބަލިމަޑުކަމެއް އައިނަމަވެސް، އަދި ބޮޑު ތަނެއް ރޯވެގެން ކޮންޓްރޯލް ނުކުރެވިގެންދިޔަ ނަމަވެސް، މިއިން ކޮންމެ އުނދަގުލަކާއި، ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޙަޤީޤަތުގައިވެސް މިތިބީ ހަމަ ރަށްރަށުގައި ދިރިއުޅޭ ޒުވާނުން. މި ސަބަބަށްޓަކައި އަޅުގަނޑުމެންނަށް ޒުވާނުން އެހާ މުހިންމު ބަޔަކަށްވެގެން މިދަނީ. އަދި އަޅުގަނޑުމެންގެ ޖީލަށްފަހު އާރާސްތު ކުރަން އޮތް ޖީލެއްވެސް ބިނާކުރަން ތިބި ބަޔަކީ ޒުވާނުން. ހެޔޮގޮތުގައި ޒުވާނުން ތަރުބިއްޔަތުވުމަށާއި، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބު މި ދަންނަވާލީ. އެއީކީ އެއްގޮތަކަށްވެސް ދޮށީ ރައްޔިތުންނަށް، މެދު އުމުރުގެ ރައްޔިތުންނަށް، ޚިދުމަތް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުންނަށް ބޭއިންޞާފުވާކަށް ކުރާ ކަމެއް ނޫން. ކޮންމެ މަންމައެއްގެވެސް، ބައްޕައެއްގެވެސް އުފަލަކަށް، ޝަރަފަކަށް ވެގެންދާނީ، އޭނަގެ ދަރިންނަކީ ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއްގެ މަތީގައި ތިބެ، ރަށަށް ޚިދުމަތްކުރާ، ޤައުމަށް ޚިދުމަތްކުރާ ބަޔަކަށްވެގެން ދިޔުން. އަދި އެމީހުން ހޯދާ އާމްދަނީއަކުން ޢާއިލާވެސް ބެލެހެއްޓޭވަރަށް ފުދިގެންދިޔުން.

އެހެންވީމާ، މަންމައިންނާއި ބައްޕައިންނަށް ބެލިޔަސް، ސަރުކާރަށް ބެލިޔަސް، ސަރުކާރުގެ އަމާޒާއި، ދޮށީ ރައްޔިތުންގެ އަމާޒު މި އަންނަނީ ޒުވާނުންނާ ހަމައިގައި. މި ރަށަށް ބޭނުންވެފައި ހުރި ޒުވާނުންގެ ޙަރަކާތްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ ފުޓްސަލް ދަނޑުވެސް ނިމިފައި އެހެރީ. އަދި ހަމައެހެންމެ، ބަށިކޯޓާއި، ދެންވެސް ބޭނުންވާ ކަންތައްތައް ކުރިއަށް އެދަނީ. އެހެންވީމާ، ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ބޭނުންވާ ހުރިހާ ކަންކަމެއް ފުދިގެން މިދަނީ. ރަށުގެ ރައްޔިތުންނަށް ކަންތައްތަކެއް ފުދިގެން މިދަނީ.

ދެން އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ ތަކުރާރުކޮށް އަޅުގަނޑަށް ތާއީދު ލިބިގެން ހިނގައްޖެއޭ. އެހެންނަމަވެސް، އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެހެންކަމަށްވަންޏާ، ދެން ތިޔަބޭފުޅުންގެ ސުވާލަކަށްވާނީ، ރައީސް ބޭނުންވަނީ ކޮންކަމެއްހެއްޔޭ؟ ސަރުކާރަށް ބޭނުންވަނީ ކޮންކަމެއްހެއްޔޭ؟ މިއީ ދެންމެ ޢަލީ ޝަމީމްގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުން ޢަލީ ޝަމީމާއި ޢަލީ ޝަމީމާއެކީ މަސައްކަތް ކުރެއްވި ވިލިނގިލީގެ އެތައް ރައްޔިތުންނެއް ގަދައަޅައި މަސައްކަތް ކޮށްގެން ވެރިކަމަށް ގެނައި ސަރުކާރު. މި ސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުންގެ ތެރޭގައި އުންމީދުތަކެއް އޮތީމަ. މި ސަރުކާރާ ވެރިކަން ހަވާލުކުރާނީ ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންގެ އިޙްސާސްތަކެއް ހުރެގެން، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ފުއްދައިދޭނެކަމުގެ އުންމީދުތަކެއް އޮތީމަ. މިއީ އެއްގޮތަކަށްވެސް ކޮންމެހެންނެއް ޠަބީޢީގޮތުން އައި ބަދަލަކަށްވެސް ނުވެ ހިނގައިދާނެ. މިއީ ބަދަލެއް ގެންނަން ބޭނުންވެފައި ތިބި އެތައް ދިވެހި ރައްޔިތުންގެ ވިސްނުމާއި، ކެރުންތެރިކަމާއި މަސައްކަތުން އައި ބަދަލެއް.

މި ބަދަލާއެކީގައި ދެން ބަލަން މިޖެހެނީ، ރައްޔިތުންނަށް އެކަންކަން ފުއްދައިދިނުމުގައި ކިހާވަރަކަށް މަސައްކަތް ކޮށްދޭތޯ. ވިލިނގިއްޔާ ދޭތެރޭގައި ކަންތައްތައް ވަމުންދާގޮތް، މަޝްރޫޢުތައް ފުރިހަމަވަމުންދާގޮތް ކުރުގޮތަކަށް އަޅުގަނޑު މި ދަންނަވާލީ. މިއަށްވުރެ ތަފާތު ކަންތައްތައް ހިނގާކަން ވިލިނގިލީގެ ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. ހަމައެއާއެކީ ރާއްޖޭގައި އެވްރެޖްކޮށް މިވަގުތު އެންމެ މަދުމިނުން، އެންމެ ކުޑަމިނުން ދެ މަޝްރޫޢު ނުހިނގާ އެއްވެސް ރަށެއް ނެތް. ދެ މަޝްރޫޢު އެއްފަހަރާ ނުހިނގާ އެއްވެސް ރަށެއް ނެތް. ޙަޤީޤަތުގައި މަޝްރޫޢުތަކުގެ އަގު ބޮޑުވެގެންވެސް މިދަނީ އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރަން ތިބި މީހުން މަދުވީމަ. މަޝްރޫޢުތައް ގިނަވެފައި، އަޅުގަނޑުމެންގެ އަމާޒު ވަރުގަދަވެފައި، ވަކި ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫޢުތައް ނިންމަން ހަވާލުކުރީމަ، އެ މަސައްކަތް ކުރާނެ ފަރާތްތައް ނެތީމަ، ހަމަ ތަކެތި މަދުވީމަ އަގުބޮޑުވާ އުސޫލުން މަސައްކަތް ކުރާނެ މީހުން ނެތީމަ މަޝްރޫޢުތަކުގެ އަގު ބޮޑުވެގެން އުފުލިގެން މިދަނީ. އެހެންޏާ 15 މިލިއަނަށް ހެދޭ ބަނދަރު މިއަދު އަޅުގަނޑުމެންނަށް 25، 30 މިލިއަނަށްވުރެ ކުޑަކޮށެއް ހެދޭކަމަކަށްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ބަލަނީ މިއާއެކީވެސް މަޝްރޫޢުތައް ހިންގޭތޯ.

އަޅުގަނޑަށް އަންނަ އެންމެބޮޑު އެއް ކްރިޓިސިޒަމަކީ، ފާޑުކިޔުމަކީ އަގުބޮޑުކޮށް މަޝްރޫޢުތައް ހިންގާކަން. އަގުބޮޑުކޮށް މަޝްރޫޢުތައް ހިންގަންޖެހޭ ސަބަބަކީ، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުން ކަމަކަށް ބޭނުންވެފައި ތިބި ތިބުން ނިމުމަކަށް ގެނެވޭނީ އަވަހަށް މަޝްރޫޢުތައް ހިންގައިގެން ކަމަށްވާތީ. އަޅުގަނޑުމެންގެ ތެރޭގައި އުފެއްދުންތެރިކަން ހުރި މިންވަރުން، މަސައްކަތް ކުރަން ތިބި މީހުންގެ މިންވަރުން އަޅުގަނޑުމެން އެކަން ކުރެވޭ މިންވަރަކަށް ކުރަން ތިބެއްޖެ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލިހެން، ވަރަށްލަހުން ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް އާދައިގެ ޚަރަދުގައި ކޮށްކޮށް ތިބެވިދާނެ. އެހެންކަމަށްވަންޏާ އެއްވެސް ރައީސަކަށް، ރައީސްކަމުގެ ދައުރެއް، ޚިދުމަތުގެ ދައުރެއް، ޚިދުމަތުގެ ދައުރެއް ނިންމާކަށް ބޭނުންވާނީ 5 އަހަރެއް ނޫން. އެއަށްވުރެ މާ ދިގު މުއްދަތު ބޭނުންވާނެ. އެކަމަކު އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ކަންތައްތައް މާގިނަ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ފުދެންޖެހޭ ކަންތައްތައް އެއަށްވުރެ މާގިނަ. ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ކަމެއް ވާން އެބަޖެހޭ.

އަޅުގަނޑުމެން އިންދާ އަނބު ގަހެއް ފޯދިގެން އަނބު އަޅާތަން ބަލަން ތިބެންވެސް އަޅުގަނޑުމެންގެ ކެތްތެރިކަން ކުޑަ. ހަމަ އެ އުސޫލުން ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް އަވަސްކަމާއެކީ ލިބެންޖެހޭ ކަމަށް ރައްޔިތުން ގަބޫލުކުރޭ. ރައްޔިތުންނަށް މި އިޙްސާސް އަންނަންޖެހޭ ސަބަބަކީ، މާލެއާއި ހުޅުމާލެއާ، ނޫނީވިއްޔާ މާލެއާއި ޒުވާނުންގެ ވިސްނުމާ ގުޅުވާލަދޭ ފާލަމެއް އެޅިގެންދާއިރު، އެއީ ބިޔަ ބޮޑު މަޝްރޫޢު ގޮތުގައި ރައްޔިތުންގެ ކުރިމަތީގައި ފެންނަން އެއޮތީ. އެ ފެންނަން އޮތް ޚަރަދު، ހޭދަ ސަރުކާރުން ކުރެވޭ ކަމަށްވަންޏާ، ރަށްރަށުގައި މިހެން ހިންގާ މަޝްރޫޢުތައް ހިންގަން ކީއްވެގެންހޭ ލަސްކުރަންވީ؟ މި ސުވާލު ހަމަ ހުރިހާ ރައްޔިތުން އަޅުގަނޑާ ކުރައްވަންޖެހޭނެ. އަޅުގަނޑުމެންގެ މައި ހޮސްޕިޓަލް މާލޭގައި، އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތެއް އަޅާތީ އޭގެ ޚަރަދު ބޮޑުވެގެން އަޅުގަނޑާ ހަމައަށް ޝަކުވާ އާދޭ. އަދި ޕަބްލިކް ފޯރަމްތަކުގައި ޖަދަލު ކުރައްވާ. އެކަމަކު އަބަދުވެސް ހުޅުވިފައި އޮތް ފުރުޞަތެކޭ، އެއަށްވުރެ އަގުހެޔޮކޮށް އެ ފެންވަރުގައި އެކަން ކުރަން ކެރޭނެ ބަޔަކު ތިބިއްޔާ ކުރިމަތިލުން. އަޅުގަނޑުމެންގެ ސަރުކާރުގައި ހިންގޭ މަޝްރޫޢުތައް ވަރަށް ހާމަކަންބޮޑުގޮތެއްގައި އިވެލުއޭޓް ކޮށްފައި މި އެވޯޑް ކުރަނީ. އެކަމަކު އެ މަޝްރޫޢު އެވިދާޅުވާ ގޮތަށް ކުރެވިދާނެތޯ އަޖުމަ ބަލަން ބަޔަކާ ހަވާލުކޮށްގެން އަޅުގަނޑަކަށް ނުހުރެވޭނެ 2018 ނިމެންދެނެއް. ދިވެހިންގެ ކިޑްނީ ބަދަލުކުރަން، ނޫނީވިއްޔާ ދިވެހިންގެ ޑައިލިސިސް ހަމަޖައްސަން، ނޫނީވިއްޔާ ލޭގެ ހުރިހާ ތަޙުލީލުތައް ކޮށް ނިންމަން، ނޫނީވިއްޔާ އެމް.އާރު.އައި މެޝިންގަނޑެއްހާ ހިސާބު ގެނެސްލާކަށް އަޅުގަނޑަކަށް 5 އަހަރު ނިމެންދެނެއް ބަލާކަށް ނުހުރެވޭނެ. އަޅުގަނޑުމެން އެކަންކަން ބޭނުންވަނީ މިއަދު ކުރަން، ލަސްވެގެން މާދަމާ ކުރަން. މިއީ ޠަބީޢީގޮތުން އަޅުގަނޑުމެންގެ ވިސްނުން މިއަދު ހުރިގޮތް.

އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ޒުވާނުން. ޒުވާނުންނަކީ ޒުވާނުންގެ ޠަބީޢަތުގައިވެސް ކަންކަމަށް އަވަސްއަރައިގެންފައި ތިބޭ ބައެއް. ކަންކަން ފުދެން ބޭނުންވާނެ އަވަހަށް. އަޅުގަނޑުވެސް މިއައީ ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން. އެހެންވީމާ، އެ ވިދާޅުވާ ވާހަކަފުޅުގެ ތެރޭގައި ރަނގަޅު ވާހަކަފުޅުތަކެއް ހުރި ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އަޅުގަނޑުމެން ބޭނުންވަނީ މަސައްކަތް ހަލުވިކަމާއެކީ ވެގެންދާން. އެ މަސައްކަތް ހަލުވިވެގެންދާއިރު އަޅުގަނޑުމެންނަށް އެނގޭ، ހުށަހެޅިފައި އޮތް ހުށަހެޅުންތަކަށް ބަލާފައި އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ. އަޅުގަނޑަށް އަޅުގަނޑުގެ ޕާޓީގެ ބައެއް އިސްބޭފުޅުން މި ޝަކުވާ ކުރައްވާ. އެކަމަކު އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ޓީމުގެ ވިސްނުމަކީ، އަމާޒަކީ މިއޮތް ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ފުދިގެންދިޔުން. އެހެންވީމާ، އެކަންކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ރައީސް ބޭނުންވަނީ ކޮންކަމެއްހޭ؟ ރައީސް ބޭނުންވަނީ ފުރަތަމަ ކަމަކަށް، ޒުވާނުން ކުށުން ދުރުގައި ތިބި ބަޔަކަށްވެގެން ދިޔުން. ޒުވާނުންނަށް މިކުރާ ހޭދައަކީ ޙަޤީޤަތުގައި މައިންބަފައިންވެސް، ދޮށީ ރައްޔިތުންވެސް އެދޭގޮތަށް، އޭގެ ނަތީޖާ ނުކުންނަ ހޭދައަކަށްވުމަށް ހުރިހާ ރައްޔިތުންވެސް އެދޭ ކަމެއް. އަޅުގަނޑުމެންނެއް ހިތްވަރެއް ނުދޭނަން، ކުށްތަކަށް އަރައިގަންނާކަށް. މީހުންގެ ޙައްޤުތަކަށް އަރައިގަންނާކަށް. މިއީ ކުރީގައި އިސް މީހުން ހިތްވަރުދީގެން ކުރުވާފައި ހުރި ކަންތައް. އަޅުގަނޑުމެންގެ ތެރޭގައި މިކަންކަން ފެނިގެން ދިޔައީ ހަމަ ދާދި އިހަށްދުވަހުގެ ތެރޭގައި. އަޅުގަނޑުމެންގެ ހަނދާނުން މިކަން އަދި ކައްސާލާވަރެއްނުވޭ. އަދި މިފަދަ ދިވެހިރާއްޖެއަކަށް އަލުން ޖާގަދޭކަށްވެސް ނުޖެހޭ. އެހެންވެގެން އަޅުގަނޑުމެން މިކުރާ އުންމީދުތައްމަތީގައި 2018ގެ ފަހުންވެސް ތިބެން މި ޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ ކަމަކީ، ރަނގަޅު މަގުގައި ހިނގާ، ބިނާކުރަނިވި ޖީލެއްގެ ގޮތުގައި ޒުވާނުން ދިވެހިރާއްޖެ، ދިވެހި ދައުލަތް ބިނާކުރަމުން ގެންދާތަން ދުށުން. އެއީ، އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވާ ކަންކަން.

ދެން އަޅުގަނޑުމެން ބޭނުންވާ ކަންކަމުގައި، މި ރަށަށް ބަލައިލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ ކަންކަމުގެ ތެރޭގައި، ހަމަ ހުރިހާ ރައްޔިތުން ގަބޫލުކުރައްވާ، އަޅުގަނޑު މިދަންނަވާ ވާހަކަ. އަބަދުވެސް އަބަދުވެސް ތަރުތީބުން އަހަރުތައް މި އަންނަނީ. އެހެންވީމާ، 2018 އަންނާނެ، 2019 އަށްވުރެ ކުރިން. މިކަން އަޅުގަނޑުމެންގެ ޚިޔާލުގައި ގެންގުޅުއްވާ. 2018ގެ ވޯޓަށްފަހު 2019 ގައި އޮންނަ ވޯޓެއް އަންނާނެ. މިކަމުގައި އަޅުގަނޑުމެން އެބަޖެހޭ އެއްގަލަށް އަރަން. މުޅި ވިލިނގިއްޔަކީ، މުޅި ވިލިނގިލީގެ ބޮޑު އާބާދީއަކީ ރައީސް ޔާމީން ގެންނަން އަދި ޕީ.ޕީ.އެމްގެ ސަރުކާރަށް ޖާގަ ހޯދައިދޭން މަސައްކަތްކުރި ބައެއް. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ޚިޔާލު ތަފާތުވުމެއްގެ ސަބަބުން މިކަމަށް ބުރޫއަރާ ކަމެއް ކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެންގެ ޕާޓީ ބަލިކަށިވާނެ. އަދި އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން މިހާތަނަށް ކުރެވެމުންދިޔަ މަސައްކަތުގައިވެސް އަޅުގަނޑުމެންގެ ޕާޓީ ބަލިކަށިވުން ފިޔަވައި އެހެން ކަމެއްނުވޭ. އެ މަސައްކަތް ކުރެވެމުންދިޔައިރު، ބައެއް ބޭފުޅުންނަށް އެންމެ ރަނގަޅު، އެކަން ކުރަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކަމުގައިވީނަމަވެސް. މިއީ ގޯހެއް. އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބަ ގޮތް އަޅުގަނޑުމެން ދޫކޮށްލާކަށްނުޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވީމަ، އަޅުގަނޑުމެން ޚިޔާލުތަފާތުވުމާ ގުޅިގެން ދެން ނުކުމެ، އަޅުގަނޑުމެން އެއްބަޔަކާ ދެކޮޅަށް ޕާޓީ އުފެއްދި، މިހާތަނަށް ރައްޔިތުންގެ ޙައްޤުގައި ކުރި ޖިހާދު ކުރި ބަޔަކާ ގުޅިގެންނެއް އެ މަސައްކަތް ކުރާކަށް ނުޖެހޭ. އެއީ އެމީހުންގެ އުސޫލުތަކަކަށް އެ ބަދަލެއް ނާންނާނެ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ އުސޫލަށް ބަދަލު ގެންނާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ހަމަ ދިވެހިރާއްޖެއަކީ ޞުލްޙައަށް ލޯބިކުރާ، މަޞްލަޙަތާއެކީ ކުރިއަށްދާން ޢަޒުމު ކަނޑައަޅާފައި އޮތް ރައްޔިތެއް ތިބި ތަނަކަށްވާން. އެހެންވީމާ، ހަމަޖެހުން ދިވެހިރާއްޖޭގައި އޮންނަންޖެހެނީ. އިސްލާމީ ޝަރީޢަތް ދިވެހިރާއްޖޭގައި ގަބޫލުކުރެވެންޖެހޭ. ކޮންމެ ޖަޒީރާ ރަށަކުން ބަންގީގެ އަޑު އިވެން އެބަޖެހޭ. މި އުސޫލުތައްމަތީގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެން މާއްދީ ތަރައްޤީއާ ހަމައަށް މި މަސައްކަތް މި ކުރަނީ. މި އުސޫލުތައް ދޫކޮށްލާފައި ތިބި ބަޔަކާ އަޅުގަނޑުމެންގެ ތެރެއިން ޚިޔާލުތަފާތުވާ ބަޔަކު ގުޅިގެން މަސައްކަތް ކުރީމަ، މިއީކީ ވިލިނގިލީގެ ރައްޔިތުންވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން.

އެހެންވީމާ، މި ވިސްނުމުގައި ތިއްބަވާ! އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ ޕާޓީ ބައިބައިވާން ޖާގަ ދެއްވައިގެން ނުވާނެ. ޕާޓީ ބައިބައިވާން ޖާގަ ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޕާޓީއާއި އަޅުގަނޑުމެންގެ ފިކުރުނެތި ކުރާ ބަޔަކަށް މަގު ތަނަވަސްކޮށްދެއްވުން ނޫން ކަމެއް ނޫން މި ކުރެއްވެނީއެއް. އެހެންވީމާ، ރައީސް ބޭނުންވާ ދެވަނަކަމެއް މި ދަންނަވާލީ. މިކަން ކުރުމުގައި އަޅުގަނޑުމެން ހުރިހާ އެންމެން އެބަ އެކުލަވަންޖެހޭ. އެކުލަވާއިރު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، 2019ގެ އިންތިޚާބުވެސް ހުރިހާ ބަޔަކަށްވެސް ފަސޭހަވެގެންދާނެ، ވިލިނގިލީގައި ޕީ.ޕީ.އެމް.ގެ އާބާދީއަކީ ބޮޑު އާބާދީއަކަށް ވެގެންދިޔުމުން. އެ އާބާދީގެ ތެރޭގައި ދެ ފިކުރަކާ އެއްވަރަށް ބައިވެގެން ހިނގައްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތުގައި އެއްވެސްކަހަލަ އެއްވެސްކަހަލަ ކަންފުޅެއް ނެތް. އެހެންވީމާ، މި ޚިޔާލު ވިލިނގިލީގެ ރައްޔިތުން ޚިޔާލަށް ގެންނަވާ!

ވިލިނގިލީގައި އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ، އަޅުގަނޑަށް އެނގޭ، ވިލިނގިލީގައި މި ވާހަކަ ދެއްކިޔަސް، މުޅި ދިވެހި ހުރިހާ ރައްޔިތުންނަށް މި ވާހަކަ އަޑުއިވިވަޑައިގަންނަވާނެ. އެކަމަކު ވިލިނގިލީގައި މި ވާހަކަ އަޅުގަނޑު މިދަންނަވާ ސަބަބަކީ ވިލިނގިއްޔަކީ އެހާބޮޑަށް ޕީ.ޕީ.އެމް.ގެ ފިކުރަށް ތާއީދުކުރާ ރައްޔިތެއް އޮތް ތަނަކަށްވާތީ. އަޅުގަނޑުމެންގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް އަޅުގަނޑުމެން އެބަ އެއްގޮތްކުރަންޖެހޭ. އެއްގޮތްކޮށްގެން އަޅުގަނޑުމެންނަށް ވިލިނގިލިން 2019 ލިބޭނީ. އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން، ދެ ޕާޓީއެއްގައި ތިން ބަޔަށް ބައިބައިވެގެން ހިނގައްޖެ ކަމަށްވަންޏާ، 2019 އަޅުގަނޑުމެންނަށް ގެއްލިގެންދާނެ. އަދި 2019ގެ ކުރިން 2018 ގައި ތިޔަ ދައްކަވާ ވޯޓުގައިވެސް އަޅުގަނޑުމެންގެ ޖޯޝާއި ޢަޒުމާއި އަދި މިއަދު އޮތްގޮތަށް ވޯޓުގެ ނަތީޖާ ނުނުކުތުމަކީ އެކަށީގެންވާ ކަމެއް. އެއީކީއެއް އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރަން ހެޔޮވާވަރު ކަމެއްނޫން. އަޅުގަނޑުމެން އެހެން ހަދައިފި ކަމަށްވަންޏާ، އަނެއްކާވެސް ޖާގަ ލިބިގެންދާނީ އެ ބަޔަކަށް ފުރުޞަތު އަޅުގަނޑުމެން ތަނަވަސްކޮށްދޭން ބޭނުންނުވާ ބަޔަކަށް. ދިވެހިރާއްޖޭގައި ނެތް އެހާ ގިނަ އެވަރުގެ ވަރުގަދަ ޕާޓީތަކެއް. އަޅުގަނޑުމެންގެ ތެރޭގައި މައިގަނޑު ދެތިން ޕާޓީ މިއޮތީ. ދެ ފިކުރެއް މިއޮތީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވިލިނގިލީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން އެދޭ ކަމަކީ.

އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކަކާއެކީ ކުރިއަށް ދިޔުމަށް. އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންނަށާއި، ދޮށީ ރައްޔިތުންނަށާއި، އަންހެނުންނަށް، ޖިންސުއްލަޠީފުންނަށް ފުރުޞަތުތަކެއް ތަނަވަސްވެގެންދިޔުން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން އެދޭ ކުރިއެރުން، މާއްދީގޮތުން ބޭނުންވާ ކުރިއެރުންވެސް އަޅުގަނޑުމެންނަށް ލިބިގެން ދިޔުން. އަޅުގަނޑުމެން ބޭނުންވަނީ ވަކި ރަށަކަށް ނިސްބަތްވީ ކަމުގައިވީނަމަވެސް، އެއީ ދިވެހި ރައްޔިތަކަށްވާތީ، މާލެއާއި މާލެ ކައިރީގައި އޮތް ޔޫތުސިޓީގެ ޖާގަ، ވިލިނގިލީގެ ޒުވާނުންނަށްވެސް ލިބިގެން ދިޔުން. އެ ޔޫތުސިޓީގެ ޖާގަ ވިލިނގިލީގެ ޒުވާނުންނަށް ލިބިގެންދާކަމަށްވަންޏާ، ޒުވާނުން ފުރަތަމައިނުންވެސް މަސައްކަތާ ކައިރިވަނީ. ވަޒީފާގެ ފުރުޞަތާ އެމީހުންނާ ކައިރިވަނީ. އަދި ހަމައެއާއެކީ އެކި ކަންކަމުގައި ޞިއްޙީ ފަރުވާއަކަށްވިޔަސް، މަދަރުސާއަށް ކުދިން ގެންދިޔުން ކަމަށްވިޔަސް އަދި އެނޫން ކަމަކަށްވީނަމަވެސް، މާލެއާ ގާތްކޮށްދިނުމަށްޓަކައި ފާލަންވެސް އެޅިގެން މިދަނީ. އެ ފާލަން އެޅެނީކީ މާލޭގެ ރައްޔިތުންގެ ފަސޭހައަކަށް ނޫން. މާލޭގެ ރައްޔިތުންގެ ފަސޭހައަށާއި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަސޭހައަށް.

ހުޅުމާލޭގެ އާބާދީ ބައްލަވާ! ހުޅުމާލޭގެ އާބާދީގެ 80 ޕަސެންޓަކީ އެއްގޮތަކަށްވެސް މާލޭގެ ރައްޔިތުންނެއް ނޫން. އަދި ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑަކަށް ގަބޫލުކުރާކަށް އެހާ ފަސޭހައެއް ނޫން، މާލޭގެ ރައްޔިތުންނޭ ކިޔާކަށްވެސް. އަޅުގަނޑުމެން ދިވެހިންނަކީ އެއްބައެއް ދޮގެއްތޯ. އަޅުގަނޑުމެން ފޯމު ފުރާފައި ވޯޓުދޭއިރު ރައީސަކަށް ގެންނައިރު އަޅުގަނޑުމެން އެންމެން ހަމަ އެއްބައެއްގެ ގޮތުގައި ވޯޓުވެސް މިލަނީ. އެހެންވީމާ، އެ ތަފާތު އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅޭކަށް ބޭނުމެއްނުވޭ އަޅުގަނޑުމެންނެއް.

އެހެންވީމާ، މިކުރެވޭ ކޮންމެ ކަމަކީ މި ދެންނެވި ގޮތަށް ރައްޔިތުން އެދިއެދި ބޭނުންވެފައި ތިބި ކަންތައްތަކެއް ފުއްދައިދެވޭތޯ ކުރެވޭ މަސައްކަތް. މި މަސައްކަތް ކުރުމުގައި އަޅުގަނޑަށް ލިބޭ ހިތްވަރަކީ، މި ރަށްރަށަށް އައިމަ ޖިންސުއްލަޠީފުންގެ އިސްތަށިފުޅުން މި ފެންނަ ބުރުގާގެ ކުލައިން. އަބަދުވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ތާޒާ ފިނިފެންމާ ކުލަ. އަސުރުމާ ކުލަ. އެހެންވީމާ، މި އަސުރުމާ ކުލައަށް ފަނޑުކަމެއް އަންނަ އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންވެސް، އަޅުގަނޑުމެން ޕާޓީގައި ތިއްބެވި ބޭފުޅުންވެސް އެބޭފުޅުން ޕާޓީގެ ބަލިކަށިކަމަށް ކަންތައްތައް ކުރައްވާ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ތާއީދުކޮށްގެން ވާނެ ކަމެއް ނޫން. ޠަބީޢީގޮތުން އަޅުގަނޑުމެންނަށް ބަދަލު އަންނާނެ. އަބަދަކު އެއްކަމެއް އެއްގޮތަކަށް ނުހިނގާނެ. އަބަދު ފަޅު ކޮނުމަކީ އެއްގޮތަކަށް ކުރާ ކަމަކަށް ނުވާނެ. އަބަދު މަދަރުސާތައް އެއް އުސޫލަކުންނެއް ނޫން އެޅެމުންދާނީކީ. އަދި އެހެން ވިސްނުމާއި ފިކުރުގައިވެސް އަބަދު އެއްގޮތަކަށް ނޯންނާނެ. ޙާލަތު ބަދަލުވޭ. ދުނިޔެ ބަދަލުވޭ. ޠަބީޢަތު ބަދަލުވޭ. އަޅުގަނޑުމެންގެ ޠަބީޢަތަށް މި އަންނަ ބަދަލުތައް އަޅުގަނޑުމެންގެ ޒުވާނުންގެ އިޙްސާސްތައް، ކުރާ އިންތިޒާރުތައް އެބަ ދައްކައިދޭ. މި ބަދަލަށް ޖަވާބުދާރީވެވޭނީ މި ބަދަލު އެނގިގެން މަސައްކަތް ކުރަން ބޭނުންވާ ބަޔަކަށް. އަބަދު އެއްގޮތަށް ކަންތައްތައް ނޯންނާނެ ސަބަބު މި ދަންނަވާލީ.

އެހެންވީމާ، އަބަދު އެއްގޮތަށް ކަންތައްތައް ނެތުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ފިތުނައަށް ޖާގަދީ، ބައިވުމަށް ޖާގަދޭންޖެހޭ ކަމެއް ނޫން. އަޅުގަނޑު އެންމެބޮޑަށް އެދޭ ކަމަކީ، އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަވެގެން ދިޔުން. އެއްގޮތަކަށްވެސް އަސުރުން ފަސްވީމަ، އަސުރުމާ މޯޅިވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެންނުވާނެ. އަސުރުމަލުން ދިވެހި ޖައްވު މިއަދު ޒީނަތްތެރި ކުރަނީ. އެހެންވީމާ، ދިވެހި ޖައްވު އަސުރުމަލުން ޒީނަތްތެރިކުރާއިރު، ކަޅުފޮއި މޫސުމެއްތޯ، އިރުއަރާ ގަދަ ހޫނުތޯ، ތަފާތެއް އައިސްގެން ނުވާނެ. އަސުރުމާ ކުލަ ފެންނަންވާނެ އަބަދުވެސް. މި ކުލަ އަބަދު ފެންނަންވާނީ އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަކުރަން. ޕާޓީ ގަބޫލުކުރާ އިޞްޠިލާޙުތައް، ޕާޓީ ގަބޫލުކުރާ އައިޑިއޮލޮޖީ، ފިލޯސަފީ، ވިސްނުން، ފިކުރު، އެއަށް ތާއީދުކޮށްގެން. އަޅުގަނޑުމެން ތާއީދު މި ކުރަނީ އެއް ފިކުރަކަށް. ޠަބީޢީ ގޮތުން އަދި ފިޠުރަތު ނިޔާކުރާގޮތުން މީހުންނަށް ބަދަލު އަންނާނެ. އަޅުގަނޑުމެންނަކީ ދުނިޔެ ދޫކޮށްފައި ދާންވެސް ތިބި މީހުން. އަޅުގަނޑުމެންނަކީ ސިޔާސީ ޙަރަކާތުން އެކަހެރިވާންވެސް ތިބި މީހުން. އެހެންވީމާ، އަބަދު ވަކިބަޔަކާއެކީއެއް ނޫން އުޅެނީ. އެކަމަކު ފިކުރެއް އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އެ ފިކުރާއެކީ މަސައްކަތް ކުރާނީ. އެ ފިކުރަކީ ވިލިނގިލީގެ ފިކުރު. މިތަނަކީ ޕީ.ޕީ.އެމްގެ، އެއްގޮތަކުން ވެއްޖިއްޔާ ހަމަ ދެކުނުގެ ބޭހޭވެސް ދެންނެވިދާނެ. އެހާ ވަރުގަދައަށް ޕީ.ޕީ.އެމް އަށް ތާއީދު އޮތް ރަށެއް މިރަށަކީ.

އެހެންވީމާ، ވިލިނގިލީގައި މިކުރެވޭ މަސައްކަތުގެ ތެރޭގައި، ޚިޔާލު ތަފާތުވުމަށް އެއްގޮތަކަށްވެސް ޕާޓީ ބައިވުމަށް ޖާގަ ދެއްވައިގެން ނުވާނެ. އަޅުގަނޑު އެންމެ ބޮޑަށް އެދޭ ކަމަކީ ޙަޤީޤަތުގައި 2018 އަށް އަޅުގަނޑަށް މަސައްކަތް ކޮށްދެއްވުމަށްވުރެވެސް އަޅުގަނޑު އެދޭ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަން ވަރުގަދަކުރެއްވުން. ޚާއްޞަކޮށް ވިލިނގިލީގައި. އެ އެކުވެރިކަންމަތީގައި ފައިތިލަ ސާބިތުކޮށްގެން ނޫނީވިއްޔާ، ތިޔަ ވިދާޅުވި 2018 އަކުން ވިލިނގިލިން ނަތީޖާއެއް ނުދެއްކެވޭނެ. އެހެންވީމާ، އެއަށް މަސައްކަތް ކުރައްވާ. އަޅުގަނޑުމެން އެންމެންނަކީ ހަމަ އެއްބަނޑުއެއްބަފާ ބައެއް. މި ޢާއިލާއިން އެ ޢާއިލާގެ މީހުންނާ ކައިވެނިކޮށްގެން ތިބޭނީ. އެހެންވީމާ، ކީއްވެގެންތޯ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް ޚިޔާލުތަފާތުވުންތައް ދޫކޮށްނުލެވެންވީ؟ އަދި 2019 އަށް އެއްބަޔަކު އަނެއް ބަޔަކު ވާހަކަ ދައްކަން މިތަނުގައި ދަތިވެފައި ތިއްބަސް، އެމަސައްކަތްކޮށްވެސްދެވޭނީ ދެބައިމީހުންނާ ވާހަކަ ދެއްކޭ މީހަކަށް. އެ މަސައްކަތް ކޮށްދޭން އަޅުގަނޑު މިހިރީ ޢަޒުމު ކަނޑައަޅައިގެން.

އެހެންވީމާ، މިދެންނެވީ ޕީ.ޕީ.އެމް.ގެ ފިކުރަށް ތާއީދުކުރާ ކަމަށްވަންޏާ، ފިކުރަށް ތާއީދުކޮށްގެން މަސައްކަތް ކުރަމާ ހިންގަވާ! ވަކި ފަރުދުންތަކެއްގެ ފަހަތުގައި އަޅުގަނޑުމެން އެނބުރިގެންނެއް އަޅުގަނޑުމެންނަކަށް މާބޮޑު ފައިދާއެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލުކުރާ ޝަޚްޞިއްޔަތުތަކެއް ތިބޭނެ. އެކަމަކު އެ ޝަޚުޞިއްޔަތުތަކުގެ ފަހަތުގައި އަޅުގަނޑުމެންނަށް ތިބެވޭނީ، އެ ޝަޚްޞިއްޔަތުތަކުން އެ ދައްކައިދޭ ފިކުރާއި، އެ ދައްކައިދޭ މިސާލާއި، ޢަމަލުކުރާ ގޮތުން އެއީ ވަރުގަދަ ޝަޚްޞިއްޔަތުތަކެއް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭހާ ހިނދަކު. އެކަމަކު އަމާޒު ބަދަލުވެ، ވިސްނުން ބަދަލުވެ، އަޅުގަނޑުމެންގެ ފެނުމާއި، އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމާއި ފިކުރަށް ބަދަލުތަކެއް އަންނަ ކަމަށް ދައްކައިދޭ ހިސާބުން، ދެން އަޅުގަނޑުމެން އަނެއްކާވެސް އެނބުރިލާންޖެހޭނީ އަޅުގަނޑުމެންގެ ޕާޓީ އުފައްދައިދޭ ފިކުރަށް. އެހެންވީމާ، ފިކުރުގެ މަތީގައި ތިއްބެވުމަށް އަޅުގަނޑު ހަމަ އިލްތިމާސް ކުރަނީ، ވިލިނގިލީގެ ރައްޔިތުން، އަޅުގަނޑުމެންގެ ޕާޓީއަށް ތާއީދު ކުރައްވާ ރައްޔިތުންގެ އަރިހުން.

ދެން އެހެން ޕާޓީތަކާ ދޭތެރޭގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ސިޔާސީ ވެށި ވަރުގަދަ ކުރުމަށްޓަކައި އަދި ބިނާކުރަނިވި ޒުވާން، ބިނާކުރަނިވި މިޒަމާނުގެ ޑިމޮކްރަސީއެއް ދިވެހިރާއްޖޭގައި އޮތުމަށްޓަކައި ޒިންމާދާރުކަމާއެކީ ސިޔާސީ ޕާޓީތައް ހިންގަވާ! ސިޔާސީ ޕާޓީތައް ހިންގުމަކީ، މީހުންގެ މުދަލަށް ގެއްލުންދޭ ކަމެއް ކަމުގައި އަޅުގަނޑުމެން ނަހަދަމާ ހިންގަވާ! ސިޔާސީ ޕާޓީތައް ހިންގުމަކީ، އެއްގޮތަކަށްވެސް ތަންތަނުގައި ހުޅުޖެހުން ކަމަށްވެސް އަޅުގަނޑުމެން ނަހަދަމާ ހިންގަވާ! ސިޔާސީ ޕާޓީތައް ހިންގުމަކީ، ފާޅުގައި ޕާޓީން ނިންމައިގެން ބަޖެޓަށް ވޯޓް ނުދިނުން ކަމަށްވެސް އަޅުގަނޑުމެން ނަހަދަމާ ހިންގަވާ! ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ރައީސަށް ފާޑުކިޔުމަކީ، މި ރައީސް ގަބޫލުކުރާނެ ކަމެއް. އެކަމަކު ހުރިހާ އެންމެންގެ އަބުރު ކަތިލަން ވަކިން މިކަމުގެ ހުއްދަ އޮތް، ނޫނީވިއްޔާ ފްރެންޗައިޒް، ނޫނީވިއްޔާ ލައިސަންސް އޮތް، ވަކިބައެއްގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށްވެސް ނަހަދަމާ ހިންގަވާ! އެ ލިޔާ ބަޔަކަށްވެސް މީހުންގެ އަބުރު ކަތިލާއިރު، އެ މީސްމީހުންގެ އަބުރު، ނޫނީވިއްޔާ އެމީހުން އެންމެ ތާއީދުކުރާ މީހުންގެ އަބުރު ކަތިލެވިގެންދާތަން ފެނުނީމަ ގަބޫލުކުރެވޭނެ، މި އަބުރު ކަތިލުމަކީވެސް ކިހާވަރެއްގެ ކަމެއްކަން.

އެހެންވީމާ، މިކަހަލަ ސަބަބުތަކާހެދި، އެ ބައެއްގެ މައްޗަށް ދަޢުވާ އުފުލެމުންދާ ބައެއްގެ ޙައްޤުގައި އަޅުގަނޑުމެންގެ ތެރެއިން ނުކުމެ، މަދު ބަޔަކު މަސައްކަތް ކުރުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ އުސޫލެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ދިވެހިރާއްޖޭގެ އާބާދީގެ އިންސައްތައިގެ ބޮޑުބަޔަކީ މަޢުޞޫމް މީހުންކަން. މިދެންނެވި ކަހަލަ ރީތި ސިފަތަކެއް، އިސްލާމީ ސިފަތަކަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޒީނަތްތެރި ކުރެވިފައި ތިބި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުމެއް ނޫން އެއްގޮތަކަށްވެސް މަގުމައްޗަށް ނުކުންނައިރު ލޯ ހުޅުވާލަން، އަޑުއަހާލަން ނުކެރޭވަރުގެ ވާހަކަ އަބަދުއަބަދު އިވޭކަށް. އެގޮތަށް އިވޭކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވެނީ. އެއީ ކުށްހީއެއް.

އެހެންވީމާ، އެގޮތުގެ މަތީގައި އަޅުގަނޑުމެން ތިބެން ބޭނުންކަމަށްވަންޏާ، ފުރަތަމަ ގަބޫލުކުރަންޖެހެނީ އެންމެންގެ މަޞްލަޙަތަށްޓަކައި އެކުލެވިފައި އޮންނަ އުސޫލުތަކެއް އަބަދުވެސް އޮންނަކަން. އިސްލާމީ އުސޫލުތައް އަޅުގަނޑުމެންނަށް ކިޔަވައިދެއްވާ މުދައްރިސުންވެސް ގަބޫލުކުރައްވާ! އިސްލާމީ އުސޫލުގައި މިކަންކަން މި ހުންނަނީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައި. އެކަމަކު މަދަނީ ތަހުޒީބު މުޖުތަމަޢެއް ތަރައްޤީކުރާ ހިސާބުން އިސްލާމީ އުސޫލުތަކަށްވުރެ ޑިމޮކްރަސީ އަގުބޮޑުވެގެންދޭ އެބޭފުޅުންގެ ކުރިފުޅުމަތީގައިވެސް. މިއީ އަރަތެއް ދޮގެއްތޯ. އަޅުގަނޑު މިއީ މިތަނަށް އަރާ އިސްލާމީ ފިލާވަޅުތައް ނަގައިދެވޭވަރުގެ މީހެއް ނޫން. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތަކީ، އަޅުގަނޑުމެންގެ ވިސްނުމަށް އެފަހަރަކު އަންނަ ގޮތަކަށް ދީނުގައި ހުންނަ އުސޫލުތައް ބަދަލުވެގެންދާކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން މަސައްކަތް ކުރުމަކީ ހަމަގައިމުވެސް ކުރެވޭނެ ކަމެއް ނޫން.

އެހެންވީމާ، އިސްލާމްދީނުގައި މީހުންގެ އަބުރަށް، މީހުންގެ ކަރާމާތަށް އިސްކަން ދެއްވާފައި އޮންނަ މިންވަރާއި އަދި ޑިމޮކްރަސީގެ ނަމުގައިވެސް ޙުދޫދުގެ ތެރޭގައި ހުރަސްނުކުރެވޭނޭ ބައުންޑަރީތަކެއް، ފާރުތަކެއް ހުންނަކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އަދި އިސްލާމީ ތަރުބިއްޔަތު ނެތްނަމަވެސް، ތަނަވަސް ސިކުނޑިއަކުން އަމިއްލަ ވިސްނުމަށް ވިސްނިޔަސް ގިރާނުކުރެވޭ ހުރަސްތައް ހުންނާނެކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވެންޖެހޭނެ. އެއީ ފަރުދުންގެ ހަމަޖެހުމާއި، އަވަށްޓެރިންގެ އަވަށްޓެރި ގުޅުމަށް ރިޢާޔަތްކުރާ ކަމަށްވިޔަސްވެސް މިކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.

އެހެންވީމާ، އުސޫލުތަކެއްގެ މަތީގައި އަޅުގަނޑުމެން ހިނގުމަކީ، ދިވެހިރާއްޖޭގެ ރީތި، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސްދީފައި ހުރި ރީތި އުސޫލުތައް. މި އުސޫލުތައް މިއަދު އަޅުގަނޑުމެން ކޮންމެހެން ދޫކޮށްލަން މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ދިވެހިރާއްޖެ ތަހުޒީބުވެގެން ދިޔުމެއް ނޫން. ދިވެހިރާއްޖެ ތަހުޒީބުވެގެން ދިޔުމަކީ އެންމެންގެ ވިސްނުމަށް ޖާގަދީ، އެންމެން ގަބޫލުކުރާ އުސޫލުތަކެއްގެ މަތީގައި ތިބެގެން، އިސްލާމްދީންމަތީގައި ތިބެގެން އަޅުގަނޑުމެންނަށް އަންނަ މާއްދީ ތަރައްޤީ އެއީ. އަޅުގަނޑުމެންގެ ސިކުނޑިއަށް ގެންނަ ތަރައްޤީ. އަދި އަޅުގަނޑުމެން އުފާވެގެންދަނީ ދިވެހި ދަރިން ބޭރުގެ ޔުނިވަރސިޓީތަކަށް ގޮސް މަތީ ފާސްތައް ހޯދައިގެން އައިމަ. އަޅުގަނޑުމެންނަށް ހަމަޖެހުން ލިބިގެންދަނީ އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭސްފަރުވާއެއް ރާއްޖޭގައި ހަމަޖެހިގެން ދިޔުމުން. އަޅުގަނޑުމެންނަށް އުފަލަކަށްވަނީ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންކަންވެސް ރާއްޖޭގައި ފުދިގެން ދިޔުމުން. މި، ދިވެހިރާއްޖެއަށް ގެނެސްދެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. އެހެންވީމާ، މި ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދައިދިނުމުގައި، އަޅުގަނޑަށް އެންމެ ހިތްވަރު ލިބެނީ ވިލިނގިލި ކަހަލަ ރަށްރަށަށް އައިމަ، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވާ ތާއީދު. އަދި ތިޔަ ވިދާޅުވާ މަރުޙަބާ.

އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހިންގަވާށޭ، ކުރިން އަންނަނީ 2018 ކަމާ ދޭތެރޭގައި ވިސްނަމާ! 2018ގެ ފަހުން 2019 އަންނާނީ. އެހެންވީމާ، އެކަމާ ދޭތެރޭގައި ފުންކޮށް ޚިޔާލުކުރައްވާ!

ވިލިނގިލީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އެދެނީ، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން. އަދި އިރާދަކުރެއްވިއްޔާ ވިލިނގިއްޔަކީ ކުރީގައި އަޑުއުފުލާކަހަލަ ވަރުގަދަ، ޕީ.ޕީ.އެމް.ގެ އަޑުއުފުލާ ރައްޔިތަކަށް ވިލިނގިލި ބަދަލުވެގެން، އަނެއްކާވެސް އެކުވެގެން ދިޔުމަކީ އަޅުގަނޑުގެ އެންމެބޮޑު އިލްތިމާސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ އަރިހުން އެންމެ ބޮޑަށް އެދޭ އެދުން. މިކަން ކޮށްދެއްވައިފި ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، ތިޔަ އިންތިޒާރު ކުރެއްވިގޮތަށް، ތިޔަ އިލްތިމާސް، ނޫނީވިއްޔާ ތިޔަ ހުށަހަޅުއްވައިދެއްވި ގޮތަށް 2018 އަކީ ތިޔަބޭފުޅުންނާއެކީ އޮންނާނެ އަހަރެއް ކަމަށް ތިޔަބޭފުޅުން ޚިޔާލުކުރައްވާ!

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި!

والسّلام عليــكم ورحـمــة اللّـه وبـركاتـه.