بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، މިއަދަކީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ދުވަހެއް. ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ ވިދާޅުވި ފަދައިން، މީގެކުރިން އަޅުގަނޑު ނ. އަތޮޅަށް ކުރި ޒިޔާރަތުގައި ލަންދޫއަށްވަނީ ނާދެވި. އެ ދަތުރުގައި ކަންތައްތައް ހިނގައިދިޔަގޮތް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، މިރަށުގެ ހުރިހާ ރައްޔިތުންނަށް އެކަން އެނގިވަޑައިގަންނަވާނެ. އެ ދަތުރުކުރަން ދިމާވީ ވަރަށްގަދަ އަދި ވިއްސާރަ މޫސުމެއްގައި. އެހެންވުމާއެކު، މިރަށުގެ ނެރުމަތީގެ ކަންތައްތައް ހުންނަގޮތްވެސް، ލަންދޫގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާކަށްނުޖެހޭނެ. އެހެންވުމާއެކު، އެ ދަތުރުގައި ދެފަހަރު މަސައްކަތްކޮށްގެންވެސް އޮތީ މިރަށަށް ފޭބޭވަރުނުވެފައި. އެކަމުން އަޅުގަނޑަށް ވަރަށްބޮޑު އަސަރެއްވެސްކުރި. ވަރަށްބޮޑަށް ހިތާމަކުރަންޖެހުނު. އެއީ، އަޅުގަނޑު ރާއްޖެތެރެއަށްދާ ދިޔުމުގައި، ކޮންމެ އަތޮޅަކަށް ދާއިރުވެސް، އެ އަތޮޅެއްގެ ހުރިހާ ރަށަކަށްދިޔުން އެއީ އަޅުގަނޑުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމުގައި އޮންނަނީ ހަދައިފައި. އެކަން އެހެން އޮއްވައި، ނ. އަތޮޅަށް އައިސް ނ. އަތޮޅުގެ ދެންހުރި ހުރިހާރަށަކަށް ފައިބައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރަށްރަށުގެ ހާލު އަހުވާލު ބަލައި ހެދުމަށްފަހު، އެއް ރަށަކަށް ޒިޔާރަތް ނުކުރެވި ދިޔުން އެއީ ވަރަށްދެރަ ކަމަކަށްވާތީ. ކޮންމެއަކަސް اللّـه سبحـانـه وتعـالىގެ ފަޟުލުވަންތަވެރިކަމުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، އަޅުގަނޑަށް ލަންދޫއަށް ޒިޔާރަތް ކުރެވޭގޮތް ހަމަޖެހިއްޖެ. އާދެ، މިއަދު އަޅުގަނޑު ލަންދޫއަށް މިއައީ މީގެކުރިން ނ. އަތޮޅަށް ކުރަން ފަށައިފައިވާ ދަތުރު ނިންމައިލުމަށްޓަކައި. އަޅުގަނޑުގެ ދަތުރުގެ އަސްލު ބޭނުމަކީ، ދެންމެ މިނިސްޓަރ އެ ވިދާޅުވި ފަދައިން، ރާއްޖެތެރޭގައި ހުޅުވޭ ފުރަތަމަ ހޮސްޕިޓަލް ހދ. ކުޅުދުއްފުށީގައި ހުޅުވައިދިނުމަށް ކުރާ ދަތުރެއް. އެއީ މިދަތުރުގެ މަޤްޞަދަކީ.

އާދެ، ކޮންމެއަކަސް ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުން މިގެންދާ ދަތުރުތަކަކީ، އޭގެ ސަބަބުން އަޅުގަނޑަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ސާފުވަމުންދާ ދަތުރުތަކެއް. ރާއްޖޭގެ ވެރިކަމުގެ އެންމެ އިސް މަޤާމުގައި ހުންނަ މީހަކު، ރާއްޖެތެރެއަށް ޒިޔާރަތްކޮށް ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން އެ މީހަކު ކުރަންޖެހޭނެ ކަމެއް. އެގޮތަކީ، ރާއްޖެއަކީ، ހަމައެކަނި މާލެއަށްނުވާކަން. މާލެއަކީ، ރާއްޖޭގެ ވެރިކަންކުރާ ރަށް. އެހެންނަމަވެސް، އެއީ އެއްރަށް. ވެރިކަންކުރާ ރަށުގެ ހައިސިއްޔަތުން، މާލެއަށް ޚާއްޞަގޮތެއްވެސް އޮންނާނެ. އެއީ ހުރިހާ ޤައުމެއްގައިވެސް، ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ވެރިކަންކުރާ ރަށަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަންޖެހޭ. ބޭރު ދުނިޔޭގެ ކުރިމަތީގައި އެ ޤައުމު ތަމްސީލުކޮށްދޭ ތަނަކީ، އެ ޤައުމުގެ ވެރިރަށްކަމަށްވެފައި، ސަރުކާރުގެ ބޮޑެތި ތަންތަނާއި އަދި ވިޔަފާރިއާއި އަދި އެނޫންވެސް އިޤުތިޞާދީ ބޮޑެތިމަސައްކަތްތައް ރޭވި ހިނގަމުންދާ އެންމެބޮޑު މަރުކަޒަކީ، ކޮންމެ ޤައުމެއްގައިވެސް އެޤައުމުގެ ވެރިރަށްކަމަށްވާތީ. އާދެ، އެހެންނަމަވެސް، މިދެންނެވި ނުކުތާ އެއީ ޙަޤީޤަތަކަށްވިޔަސް، ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމުގައި ވެރިކަންކުރަން އޮންނަ ރަށް ފިޔަވައި އެ ޤައުމުގެ އެހެން ރަށްރަށަށްވެސް އެތަންތާނގެ ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއްދޭނެ. ޤައުމު ކުރިއަށްދާނީ، ޤައުމުގެ ހުރިހާ ރަށްރަށެއްވެސް ކުރިއަށް ގޮސްގެން. އެގޮތުން އަޅުގަނޑުމެންގެ ރާއްޖެވެސް އިޞްލާޙުކޮށް، ކުރިއަށް ގެންދަން ބޭނުންވާތީ، ސަރުކާރުން ރާއްޖެތެރެ ތަރައްޤީ ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ.

އާދެ، މީގެކުރިން ރާއްޖެތެރެއަށް ވަނީ އެއްވެސްކަހަލަ އަހަންމިއްޔަތެއް ނުދެވި. އެއީ ހަމައެކަނި މިދިޔަ ދައުރުގައި ވެގެންދިޔަ ގޮތެއް ނޫން. އެތަކެއް ޖީލުތަކެއް ވަންދެން ރާއްޖެތެރެ އޮތީ އިހުމާލު ކުރެވިފައޭ ދެންނެވިދާނެ. އާދެ، އެކަމުގެ ސަބަބުތަކެއްވެސް ނެތިއެއްނޫން. މާކުރިން ރާއްޖެތެރެއަށް ދޭންވާ އަހަންމިއްޔަތު ނުދެވި އޮތުމުގެ ވަރަށްބޮޑު ސަބަބެއް ކަމަށްވާނެ، ރާއްޖޭގައި މުވާސަލާތުގެ ކަންތައްތައް އޮންނަގޮތް. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަނެއް. ވަރަށް ދުރުދުރުގައި އެ ޖަޒީރާތައް ހުންނަނީ. އެއްރަށަކާ އަނެއް ރަށަކާ ދޭތެރޭގައި އޮންނަނީ ކަނޑު. އަޅުގަނޑުމެން ދަތުރުފަތުރުކޮށް އުޅެންޖެހެނީ ވަރަށް ކުދި ދޯނިފަހަރުގައި. އެހެންވުމާއެކު، އެ މުވާސަލާތުގެ ކަންތައްތައް ހުންނަ ދަތިކަމެއްގެ ސަބަބުން މާލެއާއި ރާއްޖެތެރެއާ ދޭތެރޭގައި އޮންނަ ގުޅުން އެކަށީގެންވާ ދަރަޖަޔަކަށް ބަދަހިނުވެ އޮވެދާނެ. އެއީ ބައެއް ދައުރުތަކުގައި، އެކަންތައްވުމުގެ ސަބަބަކަށްވެދާނެ. އޭގެއިތުރުން އަޅުގަނޑުމެންގެ ހަނދާން ހުންނަން ފެށީއްސުރެ މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެތެރެއަށް އަޅައިނުލެވި ދިޔައީ ހަމައެކަނި އެ މުވާސަލާތުގެ ދަތިކަން ހުރި ގޮތަކުންނެއް ނޫން. އޭގެއިތުރަށް ސަރުކާރުގެ ފަރާތުން ރާއްޖެތެރެއަށް އެއްވެސްކަހަލަ ސަމާލުކަމެއް ނުބަހައްޓާތީ، އަހަންމިއްޔަތެއް ނުދޭތީ.

އެހެންވީމާ، އެ އުސޫލު މިހާރުވަނީ މުޅިން ބަދަލުވެފައި. ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިހާރު ސަރުކާރުން ރާއްޖެތެރެއަށް ދެމުންދާ އަހަންމިއްޔަތުގެ ބޮޑުކަން. ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން ހިންގަމުން ގެންދާކަން. އާދެ، ރާއްޖެތެރޭގެ ކަންތައްތަކަށް ބަލައިލާއިރު، އިޞްލާޙު ކުރަން ވެފައިވަނީ ހަމަ އެއްކަމެއް، ދެކަމެއް ނުވަތަ ތިންކަމެއް ނޫން. ހުރިހާ ކަމެއްވެސް ވަނީ ރަނގަޅުކުރަން ބޭނުންވެފައި. ރަނގަޅު ކުރަންނުޖެހޭ އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. އެހެންވީމާ، މިހާރު ސަރުކާރުން މިކުރަމުންގެންދާ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. ވަރަށްގިނަ ދުވަހުން ނޫނީ ނުނިންމޭނެ މަސައްކަތެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ދުއިސައްތައަށްވުރެ ގިނަރަށް އެބަހުރި، މީހުން ދިރިއުޅޭ. އެއިން ކޮންމެ ރަށަކަށް ވަރަށްގިނަ ކަންތައްތައް ބޭނުންވޭ. އެންމެކުޑަމިނުގައި ކޮންމެ ރަށެއްގައި، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އެކަށީގެންވާ މިސްކިތެއް ހުންނަންޖެހޭނެ. ރަށް ހިންގާ އޮފީހެއް ހުންނަންވާނެ. އަދި އަޅުގަނޑުމެންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ މެދުގައި އުފެދޭ މައްސަލަތައް، ޤާނޫނީ އަދި ޝަރުޢީގޮތުން ނިންމުމަށްޓަކައި ކޮންމެ ރަށެއްގައި ކޯޓެއްވެސް ހުންނަންޖެހޭނެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ކިޔަވައިދިނުމަށްޓަކައި، ކޮންމެ ރަށެއްގައި ކޮންމެވެސް ފެންވަރެއްގެ މަކްތަބެއް ނުވަތަ މަދަރުސާއެއް ހުންނަންޖެހޭނެ. އަޅުގަނޑުމެންގެ ޞިއްޙީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އަދި އަޅުގަނޑުމެންގެ ރަށުގައި، އެކިއެކި ރޯގާތައް ފެތުރުނަ ނުދިނުމަށްޓަކައި މަސައްކަތްތައް ކުރާނޭ ކޮންމެވެސްކަހަލަ ޞިއްޙީ ޚިދުމަތްދޭނެ ތަނެއް ހުންނަންޖެހޭނެ. މިހެންގޮސް ކޮންމެ ރަށަކަށް ވަރަށްގިނަ ކަންތައްތައް ބޭނުންވެފައިވޭ. އެހުރިހާ ކަމެއް އެއްފަހަރާ ކުރުމަކީ އެއީ އެއްގޮތަކަށްވެސް ވާނެ ކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށްކުޑަ ތަނެއް. ސަރުކާރަށް ލިބޭ އާމްދަނީއަކީވެސް މާބޮޑު އެއްޗެއް ނޫން.

އެހެންވީމާ، ސަރުކާރުން މިހާރު ގަސްދުކޮށްގެން މިގެންދާ މަޝްރޫޢުގައި އޮތީ އެބާވަތުގެ ކަންތައްތަކުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުން ގެންދިޔުން. އެ މަޝްރޫޢު ފުރަތަމަ ރޭވުނުއިރު ރޭވިފައި އޮތީ ތިން އަހަރުދުވަހުގެ ތެރޭގައި ހިންގާގޮތަށް. އެހެންނަމަވެސް، މިއަހަރުގެ ތެރޭގައި، އާދެ، 1982 ވަނަ އަހަރުގެ ތެރޭގައި، އެ ތިންއަހަރު ހަމަވާނެ. އެ ތިންއަހަރު ހަމަވާއިރު އަދި އެމަޝްރޫޢަށް އޮތީ ފުރިހަމައަށް ޢަމަލުނުކުރެވި. އޭގެ ވަރަށްބޮޑު ބައެއް ކުރިއަށް ގެންދެވިފައި އޮތްކަމުގައިވިޔަސް، ނުކުރެވިހުރި ކިތަންމެކަމެއް އެބަހުރި. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރިގޮތުން އެހެންވާންޖެހެނީ. މިސާލެއްގެ ގޮތުން ދަންނަވަންޏާ، މިރަށަށް ކަނޑައެޅިފައި އޮތްކަމަކީ، މިރަށުގެ ނެރުތެރެ ގޮއްވައި ސާފުކޮށް، ރައްޔިތުންނަށް ފަސޭހަވާނެގޮތަށް އެކަންތައް ހަމަޖައްސައިދިނުން. އެކަން އަދި އެއޮތީ ނުވެ. އާދެ، އެންމެބޮޑު ސަބަބަކީ ނެރުތެރެ ރަނގަޅުކުރުން އެއީ ވަރަށްގިނަ ރަށްރަށުގައި ކުރަން ޖެހިފައިވާ ކަމަކަށްވާކަން. އެ މަސައްކަތް ކުރަން ތިބެނީ އެއްބައެއް. ބޭނުންކުރަން ހުންނަ ތަކެއްޗަކީ ވަރަށް ޚާއްޞަ ބާވަތެއްގެ ތަކެތި. މިހާރުވެސް ސަރުކާރުން އެ މަސައްކަތް ގެންދަނީ ކުރަމުން ރާއްޖެތެރޭގައި. އާދެ، މިވަގުތު އެކަން ކުރަމުން ގެންދަނީ ފޯއްމުލަކުގައި. އެ މަސައްކަތް އެތަނުން ނިންމުމުން، އެތާ ކައިރީގައި އޮންނަ އައްޑުއަތޮޅުގެ، ސ. އަތޮޅުގެ ބައެއް ތަންތަން ހަދަންޖެހޭ. އެހެންވީމާ، އެ މަސައްކަތަށް އެމީހުންދާނެ. އޭގެފަހުގައި މާލެއަށް އަންނަ މަގުމަތީގައިވެސް އެބަހުރި ބައެއް މަސައްކަތް ކުރަން ޖެހިފައި. ދެން އަނެއްކާ އެކަހަލަ މަސައްކަތަކީ އިރުވައިގައިނޫނީ ނުކުރެވޭ ޒާތުގެ މަސައްކަތެއް. ވިއްސާރަ މޫސުމުގައި، ހުޅަނގު މޫސުމުގައި، އެކަހަލަ ކަންތައްތަކެއް ކުރެވޭކަށް ނޯންނާނެ. އެހެންވުމާއެކު، މިހާތަނަށް މިރަށަށްވެސް އެކަން ނުކުރެއްވިއޮތީ. ކޮންމެއަކަސް ސަރުކާރުން ގަސްދުކުރަނީ އެއްރަށަކަށްފަހު އަނެއްރަށެއްގައި. އެ މަސައްކަތްވެސް ކުރަމުން ގެންދަން. މިހާރު ލައްކަ ރަށުގައި ކުރެވިއްޖެ. ދެން ކުރިއަށް އޮތް ތާނގައި އަދިވެސް އެބަހުރި، ވަރަށްގިނަ ރަށްރަށުގައި، އެ މަސައްކަތް ކުރަންޖެހޭ. އެއީ މިސާލެއްގެ ގޮތުން ދަންނަވައިލީ. އެހެންވީމާވެސް އަޅުގަނޑުމެން ތިންއަހަރޭ ކީ ކަމުގައިވިޔަސް، އެ ތިން އަހަރުދުވަހުގެ ތެރޭގައި އެ މަސައްކަތުގެ ބާވަތުންނާއި ދަތިތައް ހުންނަލެއް ބޮޑުކަމުން، އެކަން ނިންމައެއް ނުލެވުނު. އަދި ނިންމައެއް ނުވެސްލެވޭނެ.

ހަމައެފަދައިން މިސްކިތްތައް މަރާމާތުކޮށް، އެކި ރަށްރަށުގައި މިސްކިތް އަލުން އިމާރާތްކޮށް ހެދުން. މިހާރު މިދެންނެވި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި، އަލުން މިސްކިތް އިމާރާތްކޮށް ހުޅުވިއްޖެ. ބައެއް އެހެން ތަންތާނގައި ހުރި މިސްކިތްތައް މަރާމާތުކޮށްވެސް ނިމިއްޖެ. މިސްކިތްތައް ހިޔާކޮށް، ނޫނީ އެކަމަށް ކުރަންޖެހޭ އެހެނިހެން އިޞްލާޙުތައް ގެނެސް، މިކަންކަން ކޮށް ނިމިއްޖެ. އެހެންނަމަވެސް، އަދިވެސް ވަރަށްގިނަ ރަށްރަށުގައި އެބަހުރި މިސްކިތް އަޅަން ޖެހިފައި ނުވަތަ މިސްކިތް މަރާމާތު ކުރަން ޖެހިފައި. އެ ރަށުގެއޮފީސް އިމާރާތް ކުރަން ޖެހިފައި ނުވަތަ އޮފީސް މަރާމާތު ކުރަން ޖެހިފައި. މިހެންގޮސް ވަރަށްގިނަ ކަންތައްތައް އަދިވެސް ނުކުރެވި އެބަހުރި. އެހެންވީމާ، މިދެންނެވި ތިންއަހަރު ދިޔަކަމުގައިވިޔަސް، އެހިސާބުން އެ މަޝްރޫޢަކަށް ހުއްޓުމެއް ނާންނާނެ. އިރާދަކުރެއްވިއްޔާ، މަޝްރޫޢު ކުރިއަށް ގެންދާނީ. ސަރުކާރުގެ ބޭނުމަކީ ރާއްޖެތެރެއަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުވައިދިނުން. ރާއްޖެތެރޭގައި އިޞްލާޙު ކުރަން ޖެހިފައިވާ ހުރިހާ ކަމެއްވެސް އިޞްލާޙު ކުރަމުން ގެންދިޔުން.

އާދެ، އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވަރަށްބޮޑު ޚިދުމަތެއް، ތަޢުލީމުގެ ޚިދުމަތް. އެއީ ތަޢުލީމަކީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތް ކަމަށްވާތީ. އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދެވޭނެ ވަސީލަތްތަކެއްނެތި ރާއްޖެތެރެ ތަރައްޤީއެއް ނުކުރެވޭނެ. މިހާރު ރާއްޖެތެރޭގައި ސަރުކާރުގެ ހަރަދުގައި ހިނގަމުންދާ ވަރަށްގިނަ މަދަރުސާ އެބަހުރި. އާދެ، އަޅުގަނޑު ހަނދާނެއް ނުނެތޭ، އެހެން ދަންނަވާއިރު، އެންމެ ފުރަތަމަ އަތޮޅު މަދަރުސާއެއް މި ދައުރުގައި ބިންގާ އެޅުނީ، އަދި ހުޅުވުނީ މިއަތޮޅުގައިކަން. އާދެ، އެއީ 1979 ވަނަ އަހަރުގެ މާޗް މަހުން އެއްވަނަ ދުވަހު. މާދަމާއަށް ބަރާބަރު ތިންއަހަރު ފުރޭނެ އެ މަދަރުސާއަށް. މަނަދޫގައި ހުޅުވުނު އަތޮޅު މަދަރުސާ ހުޅުވުނީ، އެކަމުގެ އުފާ ލިބުނީވެސް ހަމަ އަޅުގަނޑަށް. އާދެ، އެއީ ރާއްޖެތެރޭގައި އެންމެ ފުރަތަމަ އަތޮޅު މަދަރުސާއެއް ސަރުކާރުން ހުޅުވި މަދަރުސާއަކީ، އަދި ހުޅުވި ފަހަރަކީ. މިހާރު ރާއްޖޭގެ ކޮންމެއަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ މަދަރުސާއެއް އެބަހުރި. އަތޮޅު މަދަރުސާ، އޭގެއިތުރަށް، ބައެއް އަތޮޅުތަކުގައި ތަޢުލީމީ މަރުކަޒުތައް މިހާރުވަނީ ޤާއިމުވެފައި. ކުރިން ކިޔާގޮތުގައިވިއްޔާ، ކޮމިއުނިޓީ ސްކޫލް މިއަތޮޅުގައިވެސް އެބަހުރި، ނ. އަތޮޅު ވެލިދޫގައި. ކުރިން އަޅުގަނޑު މިއަތޮޅަށް ކުރި ޒިޔާރަތުގައި ވެލިދޫއަށް ގޮސް އެތަން ބަލައިލައި ހެދިން. ވަރަށް ފުރިހަމައަށް އިމާރާތް ކުރެވި، ވަރަށް ރަނގަޅަށް މަސައްކަތް ހިނގަމުންދާ ތަނެއް އެއީ. ހަމައެފަދައިން، ބޭރުގެ ބައެއް އެކުވެރި ޤައުމުތަކުގެ އެހީގައި އޭގެ އިތުރު މަދަރުސާތައްވެސް މިހާރުދަނީ އެޅެމުން، ރާއްޖެތެރޭގައި.

އެހެންވީމާ، މިހުރިހާ ގޮތްގޮތަށް ބަލާއިރު، ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް މިހާރު ކުރަމުން އެބަގެންދޭ. ހަމައެފަދައިން، ތަޢުލީމަށް ހިތްވަރު ދިނުމުގެގޮތުން އަދި އަމިއްލަ ހަރަދުގައި، އަމިއްލަ މަސައްކަތެއްގެ ގޮތުގައި ތަޢުލީމު ދިނުމުގެ ކަންތައްތައް ފަށައިގަނެގެން ހިންގަމުންގެންދާ ފަރާތްތަކަށް ހިތްވަރުދީ، އެމީހުންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ބޭނުމުގައި ސަރުކާރުން، މެދުނުކެނޑި 10 އަހަރު ވަންދެން ހިންގައިފައި ހުރި ހުރިހާ މަކްތަބުތަކަށާއި މަދަރުސާތަކަށް މިހާރުދަނީ އެހީވެދެމުން. އަށްޑިހަ އެތައް ތަނަކަށް މިހާރު ސަރުކާރުން އެގޮތުން އެހީވެދެމުން އެބަގެންދޭ. އޭގެތެރެއިން ގިނަ ތަންތަނަކީ ރާއްޖެތެރޭގެ ތަންތަން. އާދެ، މީގެ ދެތިންދުވަސް ކުރިން މިއަހަރުގެ ރައްޔިތުންގެމަޖިލިސް ހުޅުވައިދިނުމުގެ މުނާސަބަތުގައި އަޅުގަނޑު އިއްވި ޕްރެޒިޑެންޝަލް އެޑްރެސްގައި މި ވާހަކަތައް ކޮންމެވެސްވަރަކަށްވާނެ، ރައްޔިތުންނަށް ހާމަކޮށްދީފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ މަޢުލޫމާތު އަޅުގަނޑު ދިނިން. ތިޔައިގެ ތެރެއިންވެސް ވަރަށްގިނަ ބޭފުޅުން އެ އައްސަވާނެ ކަމަށް އަޅުގަނޑަށް ހީވޭ. އެހެންވީމާ، އެ އެޑްރެސްގައި ނުވަތަ އެ ތަޤްރީރުގައި ބަޔާންކޮށްފައިވާ ފަދައިން، ރާއްޖެތެރޭގެ ތަޢުލީމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. މިދެންނެވި ކަންތައްތަކުގެ އިތުރަށް، އަސާސީ ތަޢުލީމުގެ މަޝްރޫޢުވެސް މީގެ ދެއަހަރު ކުރިން ސަރުކާރުން ފަށައިގެން މިހާރު އެ ގެންދަނީ ހިންގަމުން. އެކަމަށްވެސް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ. އެހެންނަމަވެސް، އަސާސީ ތަޢުލީމަކީ ވަރަށް ބޭނުންތެރި މަޝްރޫޢަކަށްވާތީ ހިންގަމުން ގެންދަނީ. އަދި ރައްޔިތުންގެ ފަރާތުން އެކަމަށް ވަރަށް މަތިވެރި ތަރުޙީބެއްވެސް ލިބެމުންދާތީ އެކަން ކުރިއަށް ގެންދަނީ.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި އެ މަސައްކަތުގައި ބައިވެރިވާ އަމިއްލަ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން ބޭނުންވޭ. މިދެންނެވި ފަރާތްތަކަކީ، ހިލޭ އެއްވެސް މުސާރައަކާ ނުލައި، އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުން. އާދެ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެގޮތަށް ކަންތައް ހިނގަމުންދާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. ކޮންމެ ތަނެއްގައިވެސް ކިތަންމެ ކުޑަނަމަވެސް މަސައްކަތެއް އެކުރާ މީހަކު ސަރުކާރަށްނަމަ، ކޮށްދެނީ ކޮންމެވެސް މުސާރައަކަށް. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގުމުގައި، އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުން އެކަން ކުރައްވަމުން އެ ގެންދަވަނީ ހަމަ ޤައުމީ ޚިދުމަތެއްގެ ގޮތުގައި، އެއްވެސް މުސާރައެއް، އެއްވެސް ފައިސާއެއް، އެއްވެސް އުޖޫރައެއްނެތި. އެހެންވީމާ، އެއިން އެ ދައްކާ އެއްޗަކީ އަޅުގަނޑުމެންގެ ޤައުމުގައި ޤައުމުދެކެ ލޯބިވާ އަދި ޤައުމީ ޚިދުމަތް، އެއްވެސް މުޤާބިލަކާނުލައި އަދާކުރަން ތައްޔާރަށް ތިބި، ވަރަށްގިނަ ދަރިން އެބަތިބިކަން. އެއީ އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންދާނެކަމުގެ ވަރަށް މަތިވެރި ނިޝާނެއް. އާދެ، ކޮންމެއަކަސް އަސާސީ ތަޢުލީމުގެ މަޝްރޫޢަށް މިރަށުގެ ރައްޔިތުންގެ ފަރާތުންވެސް އެކަށީގެންވާ ތަރުޙީބު ލިބެމުންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އެ މަޝްރޫޢުގައި ބައިވެރިވެގެން އެ ކުލާސްތަކަށް ދިޔުމުން، އޭގެ ނަތީޖާ، އޭގެ ފައިދާ ލިބޭނީވެސް ހަމަ އެ ކުލާސްތަކުގައި ބައިވެރިވާ މީހުންނަށް. އެއިން ސަރުކާރަށް ކުރާނެ އެއްވެސް ފައިދާއެއްނެތް. ސަރުކާރަށް ލިބޭނެ އެއްޗެއް ނެތް. ހަމައެކަނި އެ ކުލާހުގައި ބައިވެރިވާ މީހަކަށް އޭގެ ފައިދާ އެ ލިބެނީ. އޭގައި އޮތީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދިނުމެއް ނޫން. ތިޔަ ހުރިހާ ފަރާތްތަކަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭގެއިތުރުން އެބަހުރި، ދީނާބެހޭ މަޢުލޫމާތު. އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ ދީނުގެ ފަރުޟުތައް. މިސާލަކަށް، ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން، ޒަކާތްދިނުން. މިކަންތައްތައް ކުރަންވީގޮތް އެނގެންވާނެ. ނަމާދުކުރަން ފުރަތަމަ ބޭނުންވާއިރު ވުޟޫކުރާނެގޮތް އެނގެންވާނެ. ހިނައިތާހިރުވާނެގޮތް އެނގެންވާނެ. ނަމާދު ޞައްޙަވާގޮތްތަކާއި، އެކަންކަން ނަމާދުގައި އެކުލެވުމުން ނަމާދު ބާޠިލުވާ ކަންތައްތަކާ، މިހެންގޮސް ނަމާދާބެހޭ ހުރިހާ ކަމެއްވެސް އޮންނަންޖެހޭނީ އަޅުގަނޑުމެންނަށް އެނގިފައި. އެހެންނޫންކަމަށްވަންޏާ، އަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމުން ކަމުގައެއްނުވާނެ.

އެހެންވީމާ، ދީނީ މަޢުލޫމާތު ދަސްކޮށްދިނުން އެއީވެސް އަސާސީ ތަޢުލީމުގައި ހިމެނިގެންވާބައެއް. އޭގެއިތުރުން ހިސާބު. ކޮންމެވެސްވަރަކަށް ހިސާބު ދަސްކުރަންޖެހޭ، ލިޔަންކިޔަން ދަންނަންޖެހޭ. އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގެ މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް އެނގެންޖެހޭ. އަޅުގަނޑުމެންގެ ޞިއްޙަތާ ދޭތެރޭގައި މަޢުލޫމާތުތަކެއް އެނގެންޖެހޭ. އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ހުންނާނީ ކިހިނެއް ޢަމަލުކޮށްގެންތޯ، ކޮބައިތޯ ހަށިގަނޑަށް ފައިދާހުރި ކާބޯތަކެއްޗަކީ، ހަށިގަނޑަށް ގެއްލުންހުރި ތަކެއްޗަކީ ކޮބައިތޯ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގެންވާނެ. ބައްޔެއް ވެއްޖެއްޔާ، ދެން ޢަމަލުކުރަންވީ ކިހިނެއްތޯ، އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ބޮޑަށް ފެތުރޭ ބަލިތަކުގެ ތެރޭގެ ބަލިތަކަކީ، ބަނޑުގެ ބަލިތައް. ބޭރަށް ހިންގުމާއި، ހޮޑުލުމާ، މިކަހަލަ ކަންތައްތައް. މިކަހަލަ ރޯގާ އެއީ އާންމުކޮށް ރާއްޖޭގައި ފެތުރިފައި ހުންނަ ރޯގާތަކެއް. އެހެންވީމާ، އެކަންކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޞިއްޙީގޮތުން އަޅަންވީ ފިޔަވަޅުތަކަކީ ކޮބައިތޯ އެނގެން ބޭނުންވޭ. މިހުރިހާ ކަމެއް ދަސްކޮށްދިނުމަށްޓަކައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަނީ. އެހެންވީމާ، އެ މަޝްރޫޢުގައި ބައިވެރިވުމުން އެއިން އެ ލިބޭ މަޢުލޫމާތާއި ފައިދާއަކީ، ހަމަ އަޅުގަނޑުމެންނަށް، މިދެންނެވީ، އެ ކުލާސްތަކަށް ހާޒިރުވާ މީހުންނަށް ލިބޭ ފައިދާއެއް.

އާދެ، ކޮންމެއަކަސް، މިދެންނެވި ގޮތުގެމަތިން ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މިހާރުކުރާ މަސައްކަތްތައް، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ މަސައްކަތްތައް ކާމިޔާބުވާނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން. އެއީ އެއްވެސް ޝައްކެއްހުރިކަމެއްނޫން. ސަރުކާރުން ކިތަންމެ ބޮޑު ހަރަދެއް ކުރި ކަމުގައިވިޔަސް، ކިތަންމެ ގިނަ ފައިސާތަކެއް ހޭދަކުރި ކަމުގައިވިޔަސް، އެއިން އެއްވެސް އެދެވޭ ނަތީޖާއެއް ނުލިބޭނެ، ރައްޔިތުން ފުރިހަމައަށް އެކަމުގައި އެއްބާރުނުލައްވާ ކަމަށްވަންޏާ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ކުލާސްތައް ބޭއްވިޔަސް، މީހުން އެ ކުލާސްތަކަށް ހާޒިރުނުވަންޏާ، ކޮބައިތޯ އެއިން ލިބޭނެ ފައިދާއަކީ؟ އެއްވެސް ފައިދާއެއް ނޯންނާނެ. ސަރުކާރުން މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި، އެ ރާވައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް، އޭގައިވެސް ރައްޔިތުން ފުރިހަމައަށް ބައިވެރިނުވަންޏާ އެއިން ލިބެނީ ކޮން ފައިދާއެއްތޯ؟ އެއްވެސް ފައިދާއެއް ނޯންނާނެ. ދޯނިފަހަރުގައި ސަރުކާރުން އިންޖީނު ބަހައްޓައިދެނީ، ވަރަށް ދިގު މުއްދަތެއްގައި އެ އިންޖީނުގެ އަގު ސަރުކާރަށް، އެ ދޯނީގެ ވެރިފަރާތުން އަދާކުރާގޮތަކަށް. ވަރަށް ފަސޭހަ ގޮތަކަށް އެކަން ކޮށްދެނީ. އެހެންވީމާ، އިންޖީނު ބެހެއްޓި ދޯނިފަހަރު މަހަށްނުދާކަމަށްވަންޏާ، އެކަމުން ވާނީ ކޮން ފައިދާއެއްތޯ؟ އެއީ އަޅުގަނޑުމެން ވިސްނަންވީ ތަންކޮޅަކީ. ސަރުކާރުން އެއްވެސް މަޝްރޫޢެއް ރާވައިގެން ކުރިއަށް ގެންދާ ކަމަށްވަންޏާ، އެ މަޝްރޫޢުގައި ހިމެނޭ މަޤްޞަދު ހާސިލުކުރުމަށްޓަކައި ރައްޔިތުން ފުރިހަމައަށް އެއްބާރުލާންވާނެ. ރައްޔިތުން އެއްބާރުލައިގެން އަޅުގަނޑުމެންގެ ކަންތައްތައް ތަރައްޤީވާނީ. އަޅުގަނޑުމެންގެތެރެއިން އެކަކުވެސް ނޭދޭނެ، މިހާރު އަޅުގަނޑުމެން މިތިބި ގޮތަށް ތިބޭކަށް އަބަދަކު. އަޅުގަނޑުމެން ބޭނުންވާނީ އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެން މިހާރު މި ދިރިއުޅޭ ފެންވަރަށްވުރެ ރަނގަޅު ފެންވަރަކަށް ދިރިއުޅެވޭގޮތް ދިމާވޭތޯ. އެއީ ކޮންމެ މީހެއްގެވެސް އެދުން. ކޮންމެ މީހަކުވެސް ބޭނުންވާނެގޮތް. އެހެންވީމާ، އެދުވަސް އެކުދިންނަށް އަޅުގަނޑުމެންނަށް ދެއްކޭނީ، އަޅުގަނޑުމެން އެދުވަސް ގެނައުމަށްޓަކައި މަސައްކަތްކޮށްގެން. އަދި ސަރުކާރުން އެދުވަސް ގެނައުމަށްޓަކައި އެކުރާ މަސައްކަތުގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވެގެން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ސަރުކާރުން އެކުރާ ހުރިހާކަމެއްގައިވެސް ރައްޔިތުން ފުރިހަމައަށް އެއްބާރުލެއްވުން. އެއީ ރައްޔިތުންގެ ފައިދާއަށްޓަކައި އެކަންތައްތައް ސަރުކާރުން ރާވައިގެން ހިންގާތީ.

އާދެ، އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް އެރަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރަން، އެރަށެއްގެ އަހުލުވެރިން އެ ކުރަމުންގެންދާ މަސައްކަތްތައް އިތުރު ހިތްވަރަކާއެކު ކުރިއަށް ގެންދިޔުމަށް. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ނުހުރުމަށް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކުވެސް ދިރިއުޅެމުން މިގެންދަނީ އެމީހަކަށް ލިބޭ އާމްދަނީއަކުން. އެމީހަކަށް އާމްދަނީ ލިބެނީ އެމީހަކު އެކުރާ މަސައްކަތަކުން. އަޅުގަނޑުމެންނަކީ މާ ފައިސާވެރި ބައެއް ނޫން. މުދަލާއި ފައިސާއާއި އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެގެން، އޭގެ ނިޢުމަތުގައި ދިރިއުޅެމުންގެންދާ ބައެއްނޫން. ކޮންމެ މީހަކުވެސް ދިރިއުޅެނީ އެމީހަކު ކުރާ މަސައްކަތުން. އެހެންވީމާ، މަސައްކަތެއް ނުކޮށް، ކިހިނެއްތޯ ދުނިޔޭގައި ދިރިއުޅެވޭނީ! ނޫޅެވޭނެ. ކޮންމެކަހަލަ މަސައްކަތެއް ކުރި ކަމުގައިވިޔަސް އެންމެ ރަނގަޅު. އެހެންނަމަވެސް، ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެ.

މިހާރު ލަންދޫގައި، މިރަށަކީ ވަރަށް ބިންރަނގަޅު ފަސްގަނޑުމޮޅު ރަށެއް. ފަލަމަޑީގެ މަސައްކަތް ކުރެވޭ. އެކި ބާވަތްބާވަތުގެ ގަސް އިންދައިގެން، އެއިން ރަނގަޅު އާމްދަނީއެއް ހޯދޭ. އަދި އޭގެއިތުރުންވެސް ރަށުގައި ތިބެގެން ރަށުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކެއް އެބަހުރި. އެކަންކަން ޖެހޭނެ އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދަވަން. ކޮންމެ ރައްޔިތަކުވެސް އެމީހަކު އެކުރާ މަސައްކަތެއް، ކުރިން ކުރަމުން އައި ގޮތަށްވުރެ ފުރިހަމަގޮތެއްގައި ކުރެވޭތޯ ބަލަންވާނެ. ކުރިން އެމީހަކަށް އެ ލިބުނު ލާރިކޮޅަށްވުރެ އިތުރު ލާރިކޮޅެއް ލިބޭތޯ މަސައްކަތް ކުރަންވާނެ. އެއީ ލާރީގެ ބޭނުމުގައެއް ނޫން. ފައިސާއަކީ އޭގެ އަމިއްލަ ޒާތުގައި ބޭނުންހުރި އެއްޗެއް ނޫން. ފައިސާގެ ބޭނުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ އެހެން ދުނިޔަވީ މުހިންމު ބޭނުންތައް ފުއްދޭކަން. އެ ބޭނުންތައް ފުއްދަން ބޭނުންވާ އެއްޗަކަށްވާތީ، ފައިސާ އަޅުގަނޑުމެން ހޯދަންޖެހެނީ. އަޅުގަނޑުމެންގެ ކުދިން މަދަރުސާއަށް ފޮނުވަން ބޭނުންވީމާ، އެކުދިންނަށް ފީ ދައްކަން އެބަޖެހޭ. އެކުދިންނަށް ހެދުން ހޯދައިދޭން އެބަޖެހޭ. ފޮތް، ފަންސުރު ހޯދައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ގެދޮރުއަޅަން އެބަޖެހޭ. އެންމެފުރަތަމަ، އެންމެކުރިން އަޅުގަނޑުމެން ކައިބޮއި އުޅެންޖެހޭ. އެއްވެސް އިންސާނަކަށް ނުކައިނުބޮއި ދުނިޔެއަކު ނޫޅެވޭނެ. އެހެންވީމާ، އެ އެއްޗެތިވެސް ލިބޭނީ ކޮންމެވެސްވަރަކަށް ލާރިކޮޅެއް ހުރެގެން. އަޅުގަނޑުމެން ދީނީގޮތުންވެސް ހަށިގަނޑު ނިވާކުރަންޖެހޭ. އެކަށީގެންވާ ގޮތަކަށް ހެދުން އަޅައިގެން ތިބެންޖެހޭ. އެހެންވީމާ، އެ ފޭރާމަށްވެސް ހަރަދުކުރަންޖެހޭ. ބަލިވެއްޖެއްޔާ ބޭސްކުރަންޖެހޭ. މިކަހަލަ ވަރަށްގިނަ ބޭނުންތަކެއް ފުއްދަން ކޮންމެ މީހަކުވެސް ޖެހޭ. އެ ބޭނުންތައް ފުއްދޭނީ، އަޅުގަނޑުމެންގެ އަތުގައި އެ ބޭނުންތައް ފުއްދޭވަރަށް ފައިސާ ހުރެގެން. ފައިސާ ލިބޭނީ މަސައްކަތް ކޮށްގެން.

އެހެންވީމާ، އެންމެފަހުންގޮސް ރުޖޫޢަވަނީ މަސައްކަތަށް. ކޮންމެ މީހަކުވެސް ޖެހޭނެ މަސައްކަތް ކުރަން. އެއްވެސް މީހަކު، މަސައްކަތެއް ނުކޮށް ހުރެގެން ނުވާނެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ދުނިޔަވީ ބޭނުންތަކަށްޓަކައި ކުރަންޖެހޭ ކަމެއްނޫން. މަސައްކަތަކީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެއް. ކޮންމެ އިންސާނަކުވެސް މަސައްކަތެއް ކުރުމާއި، އެ މަސައްކަތް ކުރުމުގެ ބޭނުންތެރިކަން، ދީނުގައި އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފައިވޭ. ސަލާންޖެހުން ނުވަތަ އެހެން މީސްމީހުންގާތަށް ގޮސްގެން، އެއްޗިއްސަށް ކިޔުން، އެއީ ދީނުގައި ރަނގަޅުކަމެއް ނޫން. އެކަން ވަނީ މަނާކުރައްވައިފައި. ޞިއްޙަތެއް ލިބިގެންވާ މީހަކު އެއީ ކޮށްގެންވާނެކަމެއް ނޫން. ކޮންމެ އިންސާނަކުވެސް ޖެހޭނީ މަސައްކަތް ކުރަން، އެ މަސައްކަތަކުން ލިބޭ އެއްޗަކުން ދިރިއުޅެން. އެންމެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެގޮތުން ރަށް ކުރިއަށްދާނީ. އަދި މުޅި ޤައުމުގައި ހިމެނޭ ހުރިހާ ރައްޔިތުން ކުރާ މަސައްކަތުގެ ސަބަބުން ޤައުމު ކުރިއަށްދާނީ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، ކޮންމެހެން ވަކި ބާވަތެއްގެ މަސައްކަތެއް ކުރައްވާކަށް ނޫން. އެމީހަކު އެކުރާ މަސައްކަތެއް ކުރަމުން ގެންދިޔުމަށް ކޮންމެ މީހަކުވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ.

އާދެ، ހަމައެއާއެކުގައި އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައްވެސް ރަނގަޅު ކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ އެއް ޤައުމުގެ އަފްރާދުން. ދިވެހިން. އެހެންވީމާ، އަޅުގަނޑުމެންނަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް އަޚުންތަކެއް. ދީނީގޮތުންވެސް އަޚުންތަކެއް. ޤައުމީ ނަޒަރުން ބަލާއިރުވެސް އަޚުންތަކެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އަޚުންގެ މެދުގައި އާދެ، އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި އޮންނަ ގުޅުން. އެކުވެރިކަމުގެ ގުޅުން. އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވުމުގެ ގުޅުން. އިޙުސާންތެރިކަމުގެ ގުޅުން. އެއްބަނޑުއެއްބަފާކަމުގެ ގުޅުން. އޯގާވެރިކަމުގެ ގުޅުން. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މެދުގައި ދެކޮޅުވެރިކަން، ޙަސަދަވެރިކަން އުފެދިގެންނުވާނެ. މިބާވަތުގެ ކަންތައްތައް ހުރިކަމަށްވަންޏާ، އަޅުގަނޑުމެން ކުރާމަސައްކަތުން އެއްވެސްފައިދާއެއް ނުފެންނާނެ. އަޅުގަނޑުމެންގެ ހާލު ދާނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް.

އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑު ދާ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދެވުމަށް. ހިސާބަކަށް ހަމަނުޖެހުންތައް ހުރުން އެކަށީގެންވޭ. އެހެންނަމަވެސް، އެކަންތައްތައް ޖެހޭނެ އަޅުގަނޑުމެން ހަނދާން ނައްތައިލަން. ކޮންމެ މީހަކުވެސް އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވާން ދަސްކުރަންޖެހޭނެ. އަޅުގަނޑުމެން ދުނިޔޭގައި އުޅެންޖެހޭ ވަކި ޚާއްޞަ ޤާނޫނުތަކެއް އެބަހުރި. ދީނީ އުސޫލުތަކެއް، އަޅުގަނޑުމެން އެއަށް ބޯލަނބަންޖެހޭ އެބަހުރި. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ މުދަލަށާއި ގެދޮރަށް ޙުރުމަތްތެރިކޮށްހިތާ ފަދައިން، އެހެން މީހުންގެ މުދަލަށާއި ގެދޮރަށް ޙުރުމަތްތެރިކޮށް ހިތަންވާނެ. ހާލުގައި ޖެހިއްޖެނަމަ، ތިމާވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ ފަދައިން، ހާލުގައި ޖެހިފައިތިބި އެހެން މީހުންވެސް ތިމާމެންގެ އެހީއަށް ބޭނުންވާނެކަން ހަނދާން ކުރަންޖެހޭނެ. މިގޮތްގޮތުން އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން އެއީ އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް ހަދަން ކޮންމެހެން ޖެހޭނެ.

އާދެ، އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ އަދި އެދުމަކީ، ލަންދޫގެ ރައްޔިތުންވެސް މިކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނަވައި، އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައިވެސް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ބޭއްވެވުން. ވެރިން ސަރުކާރުން ޢައްޔަންކޮށްފައި އެ ތިބެނީ ސަރުކާރުގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެކަންތައް ހިންގަން. އެހެންވީމާ، އެމީހުންނާ ދޭތެރޭގައިވެސް ރައްޔިތުން އެކަށީގެންވާ ރަނގަޅުގޮތަކަށް ޢަމަލުކުރައްވަންޖެހޭނެ. ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ފައިދާހުރިގޮތަކަށް ކަންތައްތައް ކޮށްދިނުން. އެހެންވީމާ، ވެރިން އެ އަންގަވާ ގޮތްތައް އެއީވެސް ރައްޔިތުންނަށްޓަކައި އަންގަވާ ގޮތްތަކަކަށްވާތީ، ވެރިންނަށް އިޙުތިރާމުކޮށް، އެމީހުންނަށް ކިޔަމަންތެރިވާންވާނެ.

އާދެ، ކޮންމެއަކަސް ލަންދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް ދައްކާ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އަދިވެސް އަޅުގަނޑު އެއްޗެއް ދަންނަވައިލަން ބޭނުންވޭ. އެއީ ތިޔައިގެ ތެރެއިން ކޮންމެވެސްވަރަކަށް ބައެއް ބޭކަލުން ހަނދާން ހުންނާނެކަންނޭނގެ، މީގެ ވަރަށްގިނަ އަހަރުތަކެއްގެ ކުރިން، އާދެ، ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރިން އަޅުގަނޑު މިރަށަށް އައިސް އުޅުނުކަން. އަޅުގަނޑާއި އަޅުގަނޑުގެ އެއްބަނޑުއެއްބަފާ އަޚް ޢަބްދުﷲ ޙަމީދު، އަޅުގަނޑުމެން ދެބެއިން މިރަށުގައި ދުވަސްތަކެއް ވޭތުކުރިން، ލަންދޫގައި. އަޅުގަނޑުމެން ވަރަށް ޅައިރު. އެދުވަސްވަރުގެ ހަނދާން އަދިވެސް އަޅުގަނޑުމެންގެ ހިތުގައި އެބައޮތް. އެހެންވީމާ، މިރަށަކީ އަޅުގަނޑުމެންގެ ހިތުގައި ވަރަށްޚާއްޞަ ރަށެއްކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އޭރުއްސުރެ މިދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑަށް މީގެކުރިން މިރަށަށް އައުމުގެ ފުރުޞަތު ލިބިފައެއްނެތް، ޢަބްދުﷲ ޙަމީދު މީގެކުރިން ވަޑައިގެންނެވި ކަމުގައިވިޔަސް. އެހެންވީމާ، އެ އުފާވެރި ދުވަސްތަކުގެ ހަނދާން އަޅުގަނޑު އާކޮށް، އެދުވަސްތަކުގެ ތެރޭގައިވެސް މިރަށުގެ މީހުންގެ ފަރާތުން އަޅުގަނޑަށާއި އަދި އަޅުގަނޑުމެންގެ ޢާއިލާއަށް، އަދި އަޅުގަނޑުމެން އައީ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ބައްޕަގެ އަރިހުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ބައްޕައަށާއި އަޅުގަނޑުމެންނަށް މިރަށުގެ ވެރިންނާއި މިރަށުގެ އަހުލުވެރިން އޭރުވެސް ބެހެއްޓެވި އޯގާތެރިކަން އަޅުގަނޑުމެން ހަނދާން އެބަހުރި. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިރަށަށް މިއާދެވުނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރުމަށްފަހު. އެހެންނަމަވެސް އެންމެފަހުން، އާދެވުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، އެއްދުވަހުން އަނެއްދުވަހަށް ރަށުގެ ކަންތައްތައް އިޞްލާޙުވެ ތަރައްޤީވަމުންދާނެ ކަމަށް އެދި އެކަމަށް ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ. ނިންމައިލުމުގެ ކުރިންވެސް، މިފަހަރުވެސް އަޅުގަނޑުމެންނަށް ތިޔަ ބެހެއްޓެވި ޚާއްޞަގޮތަށްޓަކައި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން. އާދެ، މިފަހަރު އަޅުގަނޑު މިއައީ އަޅުގަނޑުގެ މަޤާމުގެ ހައިސިއްޔަތުން. އަޅުގަނޑުގެ މި ޒިޔާރަތް ފާހަގަކުރެއްވުމަށްޓަކައި މިރަށުގެ ރައްޔިތުން އެ ތައްޔާރު ކުރައްވައިފައިވާ ތައްޔާރު ކުރެއްވުންތަކާއި އަދި ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި ޚާއްޞަ މަރުޙަބާއަށްޓަކައި ވަރަށް ތެދުވެރިކަމާއެކު ޝުކުރު އަދާކުރުމަކީ، މި ފުރުޞަތުގައި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.


والسّلام عليكم ورحمـة اللّـه وبركاته.