بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެކަލޭގެފާނުގެ އާލުންނަށާއި ޞަޙާބީންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެންމެހައި ޢިއްޒަތްތެރިން.

السّلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދުގެ ހެނދުނުގެ މި އުފާވެރި އަދި ބާއްޖަވެރި ވަގުތު މި ފެށިގެން ދަނީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މަސައްކަތެއް. އާދެ، މި ކޮލޯކިއުމް ރަސްމީގޮތުން ފަށްޓައިދިނުމުގެ ޝަރަފް އަޅުގަނޑު ހާސިލުކުރަން. އަދި މި ފުރުޞަތު ދެއްވި ކަމަށްޓަކައި ޗީފް ޖަސްޓިސް އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށާއި، އަދި އިކޮނޮމިކް މިނިސްޓަރ އޮނަރަބްލް މުޙަންމަދު ސަޢީދަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، މިއަދުގެ މި ހެނދުނުގެ ހިތްގައިމު ވަގުތު މި ފެށިގެންދާ ކޮލޯކިއުމަށް އަޅުގަނޑުގެ ޝައުޤުވެރިކަން އޮންނަންވީ ކީއްވެތޯ އަޅުގަނޑުވެސް ހަމަ އަމިއްލައަށް ސުވާލު އުފައްދަން. އެކަމަކު އަޅުގަނޑަށް އެނގޭ، އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި ވަރަށްގިނަ ބޭފުޅުންނަށް، މި ޝައުޤުވެރިކަން އަޅުގަނޑުގެ ކިބައިގައި އޮންނަންވީ ކީއްވެގެން އެނގިވަޑައިގަންނަވާނެ.

އަޅުގަނޑު ސަރުކާރާ ގުޅި، ސަރުކާރުގައި ޚިދުމަތްކުރި ގިނަ ވަގުތުތަކެއް ހޭދަވެފައިވަނީ މި ދާއިރާގައި. ޝައްކެއްވެސްނެތްގޮތުގައި، އޭރު ކުރެވެމުންދިޔަ މަސައްކަތްތަކަކީ ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް ގެނައުމަށް ކުރެވެންހުރި މަސައްކަތްތައް. އަދި ދިވެހިރާއްޖޭގައި އަމިއްލަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ހުރި މަސައްކަތްތަކާއި، އަމިއްލަ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވެންހުރި މަސައްކަތްތަކުގައި ވަރަށްދިގު މުއްދަތެއް މިކަމުގައި ހޭދަކުރި. އަޅުގަނޑުމެން ގެނައި ބަދަލުތަކުގައި ޤާނޫނުތަކަށް އިޞްލާޙު ގެނެވިގެންދިޔަ.

އަޅުގަނޑު ދަންނަވާލާނަން ހަމަ ވަރަށް އާދައިގެ މިސާލެއް. ކިހިނެއްތޯ އޭރުގެ ކަންތައްތައް ހުރީ؟ އަދި މިހާރު ކަންތައްތައް ބަދަލުވެގެން މިދަނީ ކިހިނެއްތޯ؟ ހަމަ ވަޒަންކޮށްލެއްވުމަށްޓަކައި. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދިފައި އޮތް ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނު، ޤާނޫނު އައިސްފައި އޮތްގޮތަށް މި އިވޯލްވެގެން އައިގޮތް އަޅުގަނޑުމެން ބަލައިލީމަ، އަޅުގަނޑުމެން މި ފެށްޓި ދަތުރުގެ މަރްޙަލާތައް ބަދަލުވަމުން އައިސްފައި އޮތްގޮތް އަޅުގަނޑުމެންނަށް ސިފަކުރެވޭނެ. އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން ވެއްޖިއްޔާ، ކުރީގެ ވެރިކަމެއް ނިމިގެންދިޔައިރު، އެ ވެރިކަމުގެ ތެރޭގައި ހިމެނިވަޑައިގެންނެވި ވަޒީރަކު ބޭރުގެ ފަރާތަކާއެކީ ވިޔަފާރި ކުރައްވައި، އެ މުޢާމަލާތުގެ ތެރޭގައި އެ ވަޒީރެއްގެ އިތުބާރުނެތި، އަދި އެކަމަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ތެރޭގައި ލިޔެވިގެންދިޔަ، އެހާ ކިޔަން އަދި ބަލަން ފަސޭހަކަމަކަށްނުވެ ގޮސްފައި އެއޮތީ. އޭރު އުފެދުނު ކަމަކީ، ދިވެހިރާއްޖެއަށް ބޭރުން މިގޮތަށް އަންނަ އިންވެސްޓްމަންޓްތަކުން ދިވެހިރާއްޖޭގެ އެކިއެކި ފަރާތްތައް ސަލާމަތް ކުރުމާއި، ދައުލަތުގެ ކަންކަން ނިންމަން ތަންފީޛީ އިދާރާތަކުގައި ތިބި ވެރިން ސަލާމަތް ކުރުމަށް ހެދުނު ޤާނޫނެއްގެ ގޮތުގައި. ވަރަށް ޕްރޮޓެކްޝަނިސްޓް ނޫނިއްޔާ ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައި އޮތް ޤާނޫނެއްގެ ގޮތުގައި. އެއްގޮތަކަށްވެސް ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް އޭރު ހެދިގެން ދިޔައީކީ، ފޮރިން އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ހޯދައި، އަދި ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓަރުން ގެންނާކަށެއް ނޫން. އެއީ އޭރުގެ ޙާލަތު. އެ ޙާލަތު ބަދަލުކުރުމަށްޓަކައި ރައީސް މައުމޫންގެ ޒަޢާމަތުގައި ކުރެވެމުން އައި މަސައްކަތުގެ ތެރޭގައި، ވަރަށް އިސްކޮށް އެކި ދުވަސްވަރު މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދިޔަ.

އަޅުގަނޑުމެން ދެން މަސައްކަތް ކުރަން ފެށީ ދިވެހިރާއްޖޭގައި އޮތް ޙާލަތުން އެ ޤާނޫނުތަކަށް އިޞްލާޙެއް ގެނައުމަށް، ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް. ކުޑަކުޑަ ޤައުމެއް. ޖަޒީރާ ޤައުމެއް. އަޅުގަނޑުމެންގެ މުވާޞަލާތީ ދަތުރުފަތުރުކުރުމުގެ ކަންތައްތައް ހުރީ ވަރަށް އާދައިގެ ގޮތެއްގައި. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ! ޤާނޫނާއި ތަންފީޛީ އިދާރާތަކުގައި ހުރި މައްސަލަތަކާއި، ކޯޓުތަކުގެ ތެރޭގައި ހުރި ގޮންޖެހުންތައް އިތުރުވެގެން ގޮސްފައި ހުންނާނެ މިންވަރު. އޭރު ކުރެވުނު މަސައްކަތަކީ، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 1979ގެ 15 ވަނަ ޤާނޫނު، ފޮރިން އިންވެސްޓްމަންޓް ޤާނޫނަކީ. އެ ޤާނޫނަށް އިޞްލާޙުތަކެއް ގެނައީ ބޭރުގެ ފަރާތްތަކަށް ހިތްވަރުދޭން. މިގޮތުން މިހާރު އަޅުގަނޑުމެންނަށް ޢާންމުވެގެންމިދާ ތަފާތު އެކި ބޮޑެތި ރޯޑް ޝޯތައް، އޭރު އަޅުގަނޑުމެންގެ ވަސީލަތްތައް ތަނަވަސްވެފައި ހުރި މިންވަރުން ދުނިޔޭގެ އެކި ހިސާބުގައި ރޯޑް ޝޯތައް ވާނީ ބޭއްވިފައި. އިނގިރޭސިވިލާތުގައި، ޖަޕާނުގައި، މިހެންގޮސް އިންޑިޔާގައި ބައެއް ތަންތަނުގައި އަޅުގަނޑުމެން މި ރޯޑް ޝޯތައް ދިނިން.

އެކަމަކު މި ނުކުންނަ މައްސަލައަކީ ހަމަ އެއް މައްސަލައެއް. އަޅުގަނޑުމެން މިއަދު މި ދައްކާ ވާހަކައަކީ، އަދި މިއަދުގެ ކޮލޯކިއުމްގެ މައުޟޫޢަކީވެސް ދިވެހިރާއްޖޭގެ ވިޔަފާރިއަށް ފަހި އަދި ތަނަވަސް މާޙައުލެއް ޤާއިމުކުރުމަށްޓަކައި ކޮބައިތޯ ޝަރުޢީ ދާއިރާގެ ނަޒަރިއްޔާއިން، ޝަރުޢީ ދާއިރާއިން ކޮށްދެވޭނެ ކަންތައްތަކަކީ؟ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ޓޮޕިކަލް، މިއަދުގެ އަޅުގަނޑުމެންގެ ޙާލަތާ ގުޅޭ މައުޟޫޢެއް މިއީ. މި ކޮލޯކިއުމް ނިމިގެންދާއިރު، އަޅުގަނޑު ދެކެން ބޭނުންވަނީ، ޙަޤީޤަތުގައިވެސް މި ކޮލޯކިއުމުން ހާސިލުވާ ކަންކަން ތަންފީޛީ ދާއިރާތަކުގައި ހާސިލުވެގެންދިޔުން. އަޅުގަނޑުމެން ޚިޔާލަށް ގެންނަމާ! މިތަނުގައި އެބަ ތިއްބެވި ކޯޕަރޭޓް ލީޑަރސް. ވިޔަފާރީގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އަޅުގަނޑުމެން މުދާ އެތެރެކޮށް، މުދާ ކްލިއަރކޮށް އަދި މިކުރާ ކަންތައްތަކުގައި ދިމާވާ މައްސަލައަށް ޙައްލު ހޯދަން އަޅުގަނޑުމެން ދާންޖެހެނީ، އާރބިޓްރޭޝަންގެ ވަސީލަތްތައް ނެތުމާއެކީ، އަޅުގަނޑުމެން މި ދާންޖެހެނީ ކޯޓުގެ ނިޒާމުގެ ތެރެއަށް. ޝަރުޢީ މަރުޙަލާގެ ތެރެއަށް. ޝަރުޢީ މަރުޙަލާގެ ތެރެއަށްދާއިރު، އަދި މިތަނުގައި ލޯޔަރުންވެސް ތިއްބަވާނެކަން އަޅުގަނޑަށް އެނގޭ. ކިހިނެއްތޯ އަޅުގަނޑުމެން އަތުގައި މިހިރަ ހުރިހާ އިމްޕޯޓާބެހޭ ޑޮކިއުމެންޓޭޝަން ދިވެހިބަހަށް ތަރުޖަމާ ކުރާނީ؟ ބިލް އޮފް ލޭޑިންގ ކަހަލަ ވަރަށް ކޮމްޕްލިކޭޓަޑް އިންޓަރނޭޝަނަލް ޓްރާންސެކްޝަންގެ ބޭނުންކުރާ ޑޮކިއުމެންޓޭޝަން މިހިރީ.
ދެކަމެއް، އެއްކަމަކީ އަޅުގަނޑުމެން މި މަސައްކަތްތައް ފަށައިގެންއިރު، މި ތަރުޖަމާ ކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ތެރޭގައި ނުވެސްނެތީ. ދެވަނަ ކަމަކީ މިކަހަލަ ސޮފިސްޓިކޭޓަޑް، ހައިލީ ޓެކްނިކަލް، ނޫނީވިއްޔާ ފަންނީ ދާއިރާގެ މަޢުލޫމާތު ހިމެނޭ އިޞްޠިލާޙުތަކާއެކީ ހުންނަ ޑޮކިއުމެންޓޭޝަން ބަހަކަށް ތަރުޖަމާކުރާއިރު، އޭގެ ޕްރިސިޝަން އޭގެ އެކިއުރެސީ ގެއްލޭނެކަމާ ދޭތެރޭގައި އެއްވެސް މީހެއްގެ ޚިޔާލަކު ތަފާތެއް ނޫޅޭނެ. ޕްރިސިޝަން ގެއްލޭ ކަމަށްވަންޏާ، އެއިން ނުކުންނާނެ މައްސަލަތަކެއް. ދިވެހިރާއްޖޭގައި ފުރަތަމަ ތެޔޮ ފެނޭތޯ ކުރަން ކުރި މަސައްކަތުގެ ތެރޭގައި، ރާއްޖެއަށް މި އަންނަނީ ދުނިޔޭގެ ހަމަ އެންމެ ބޮޑެތި މަލްޓިލެޓަރަލް ނޫނީ މަލްޓި ނޭޝަނަލް ކޯޕަރޭޝަންތަކުގެ ތެރެއިން އެއް ކޯޕަރޭޝަން. ޝެލް ކޮންސޯޓިއަމުން މި އަންނަނީ ރާއްޖޭގައި ތެޔޮ ފެނޭތޯ މަސައްކަތް ކުރަން. މިވަރުގެ ބަޔަކަށް ދިވެހިރާއްޖެއިން ކޮންސެޝަންތަކެއް ދޫކޮށްލާއިރު އަދި އޭގެ ބަދަލުގައި އަޅުގަނޑުމެން ޙައްޤުތައް ހިމާޔަތް ކުރުމުގެ އިތުރުން، އަޅުގަނޑުމެން ނަފާތަކެއް، މަންފާތަކެއް ހޯދަން ކުރާ މަސައްކަތްތައް ކުރެވެން މި އަންނަނީ ހަމައެކަނި ކޮންޓްރެކްޓެއްގެ ތެރެއިން. އޭރު ޤާނޫނުތައް ހަމަޖެހިފައި އޮތްގޮތުން ހުރިހާ ކަމެއް ބިނާވެގެން މިދިޔައީ، ދެފަރާތުން އެއްބަސްވާ އަސާސްތަކެއް ހިމެނޭ ކޮންޓްރެކްޓެއްގެ ތެރެއަށް. ކޮންޓްރެކްޓެއްގެ ކަންތައްތައް ނިމިގެންދާއިރު، ނުކުންނަ މައްސަލަތައް މިޖެހެނީ ފައިސަލާކޮށް ނިންމަން، ކޮންޓްރެކްޓް ޤާނޫނާ އެއް އުސޫލުން. އެކަމަކު ކޮންޓްރެކްޓް ޤާނޫނުގައި ބުނާވަރަށްވުރެ މާ ވަރުގަދަ ޙައްޤުތަކެއް، ތެޔޮ އެކްސްޕޯޓްކޮށް، ތެޔޮ ނަގަން މަސައްކަތް ކުރާ މީހުންގެ މަސައްކަތުގައި އެބަ ހިމެނޭ. މިއީ މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަޖެހޭ ފުރަތަމަ އެ ކޮންޓްރެކްޓަށް ބާރުދޭއިރުވެސް، ކޮންޓްރެކްޓް ޤާނޫނުން ހިމާޔަތްކޮށްދޭ ކަންތައްތަކުގެ އިތުރަށް ތެލާބެހޭ ޤާނޫނެއް އުފައްދަން. ނޫނީ ތެޔޮ ނެގުމާއި، ތެލުން ޓެކްސް ނެގުމާއި، އަދި ޓެކްސް ދެއްކުމާއި ނުދެއްކުމުގައި ލަސްވެގެންދާ ކަންތައްތަކާއި އަދި ނުކުންނަ މައްސަލަތައް، ކޮންމެވެސްކަހަލަ ވިއުގައެއްގެ ތެރޭގައި ޤާނޫނީގޮތުން ފައްތަން އެބަޖެހޭ. މިކަން ނުކޮށެއް އަޅުގަނޑުމެންނަކަށް ތެޔޮ ނެގުންކަހަލަ ބޮޑެތި މަސައްކަތެއް ނުކުރެވޭނެ.

އަޅުގަނޑު ހަމަ ޚިޔާލަށް ގެނެވޭތޯ މި ބަލަނީ، އޭރު ދިވެހިރާއްޖޭގެ ޙާލަތު އޮތްގޮތް. އަދި ކީއްވެގެންތޯ މި ކޮލޯކިއުމް އަޅުގަނޑުމެންނަށް މިއަދު ޓޮޕިކަލް ނޫނީވިއްޔާ އެހާ މުހިންމު ކަމަކަށްވެގެން މިދަނީ. އެހެން ހުންނަ ސޮފިސްޓިކޭޓަޑް ޤާނޫނުތައް، ބިލްތައް ޑްރާފްޓް ކުރެވި، އެކަންކަން ނިމިގެންދާއިރު، ދިވެހިރާއްޖެއިން އޭރު ލާޒިމުވެގެންދަނީ، އެއިން ކޮންމެ ބިލެއް މަޖިލީހުން ނިމުނީމަ، އޭގެ އިނގިރޭސި ކޮޕީއެއްގައި ދައުލަތުގެ ބަންޑާރަ ނައިބު ތައްގަނޑު ޖައްސަވާފައި، ސިލް ޖައްސަވާފައި ދެއްވަން، ދިވެހިބަހުން ފާސްކޮށްފައި އޮތް ޤާނޫނާއި، ނޫނީވިއްޔާ ޤާނޫނުގެ ރަނގަޅު، ޞައްޙަ ރަސްމީ ތަރުޖަމާއެއް. މިއީ އަޅުގަނޑުމެންގެ ކަންކަން އޭރު ހުރިގޮތް. މިހާރުވެސް މާބޮޑު ބަދަލުތަކެއް އެކަންކަމަކަށް ނާދޭކަންނޭނގެ. ދެން އޭގެތެރޭގައި ހުންނަ މަފްހޫމްތަކަށް، އިޞްޠިލާޙުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ މިސާލެއް ދަންނަވާނަން. އެއްގޮތަކަށްވެސް މިއީކީއެއް އާދައިގެ ގޮތެއްގައި މިކަން ޑީލްކުރަން ދަންނަވާ ވާހަކައެއްވެސް ނޫން. ޕެޓްރޯލިއަމް ޤާނޫނުގައި ޝައްކެއްވެސްނެތްގޮތުގައި، ހަމަ ވަރަށް އެ ދާއިރާގެ ފަންނީ މަޢުލޫމާތު ހުންނާނެ. ކޮންސެޕްޓްތައް، އިޞްޠިލާޙުތައް ހުންނާނެ. ވެލްހެޑް. ޕެޓްރޯލިއަމްގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް، ހައިޑްރޯ ކާބަންގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިއީކީ އެއްގޮތަކަށްވެސް ވަޅުގެ ބޮލެއް ނޫން. އެކަމަކު ދިވެހިބަހުން ކީކޭތޯ މިއަށް ތަރުޖަމާކޮށްފައި ބުނާނީ؟ [ވެލްހެޑް]. ދެން އަޅުގަނޑުމެންނަށް ރާއްޖޭގައި ތިއްބެވި ފުންނާބު އުސް އެކިއެކި ބޭފުޅުން އަރިހަށް ތަރުޖަމާއަށް ދިޔައީމަ، އަޅުގަނޑުމެންނާ ހަމައަށް އަންނަނީ މިކަހަލަ ލަފްޒީ ތަރުޖަމާތައް. ދެން ކިހިނެއްތޯ، އެ ޤާނޫނުގައި ވަޅުގެ ބޯ ޖަހައިގެން އަޅުގަނޑު އެ ޤާނޫނު، އަޅުގަނޑުގެ ވަޒީރެއް ހުންނަވާ. އެހެންނަމަވެސް، މަޖިލީހުގައި އެމަނިކުފާނަށް އެހީތެރިވުމަށް އަޅުގަނޑުމެންނާއެކީ ފަންނީ މީހުން ގޮތުގައި ގޮސް އުޅެން. މިކަހަލަ ޤާނޫނެއް އަޅުގަނޑުމެންނަށް ފާހެއްނުކުރެވޭނެ.

ދެން މި އަންނަނީ އެއީ ކޯއްޗެއްކަން ކިޔައިދޭ އެތައް ބައިވަރު ވާހަކަތަކެއް ލިޔެފައި ހުންނަ، ޖުމްލަތަކެއް ލިޔެފައި ހުންނަ އެއްޗެހި. މިއީ އަޅުގަނޑުމެންގެ ތެރޭގައި އިޞްޠިލާޙުތައް ނެތީމަ މިވާގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ގަބޫލުކުރަން އުނދަގޫ، އެ ޤާނޫނު އޭގެ ޒާތުގައި އިނގިރޭސިބަހުން ބަލައިގަންނަން. އަދިވެސް އަޅުގަނޑުމެންނަށް އުނދަގޫވެގެން މިއުޅެނީ މިދެންނެވި ކަހަލަ އިމްޕޯޓް ޑޮކިއުމެންޓޭޝަން ކަހަލަ، އިންޓަރނޭޝަނަލް ޓްރާންސެކްޝަންސްގެ ބޭނުންކުރަން އެކި ޑޮކިއުމަންޓް އޭގެ ޒާތުގައި އިނގިރޭސިބަހުން އަޅުގަނޑުމެންގެ ކޯޓުތެރޭގައި ބަލައިގަތުމަކީ، އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ނުވަނީ. އެކަމަކު އިޞްޠިލާޙުތައް އެބަ އަންނަންޖެހޭ. އެ ޤާނޫނު، ނޫނީވިއްޔާ އެ ޑޮކިއުމެންޓޭޝަން އަޅުގަނޑުމެން ދިވެހިބަހަށް ބަދަލުނުކޮށް، އޭގެ ޒާތުގައި، އޭގެ މެރިޓްގައި ހަމަ އެ ޑޮކިއުމެންޓޭޝަން އަޅުގަނޑުމެންނަށް އެބަ ބޭނުންކުރެވެންޖެހޭ. މި ފެންވަރަށް އަޅުގަނޑުމެން ދާން އެބަޖެހޭ. މި ފެންވަރަށް ނުދެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ކުރަން މިއަދު މި ފަށްޓާ މަސައްކަތާ ހަމަޔަކަށް ނުދެވޭނެ.

ދިވެހިރާއްޖޭގެ ދައުލަތުގެ އަމާޒު ވަރަށް ސާފު، ވަރަށް ސީދާ. އަޅުގަނޑު ބޭނުންވަނީ، މި ސަރަޙައްދު ކީއްކުރަންތޯ؟ އަދި މުޅި ދުނިޔޭގައިވެސް ވިޔަފާރި ކުރުމުގައި ފަސޭހަ ދައުލަތެއް ގޮތުގައި، ފަސޭހަ ވެށްޓެއް އޮތް ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ތަމްސީލުވެގެންދިޔުން. އަދި އެއީ ހަމައެކަނި ވާރލްޑް ބޭންކުގެ ޑުއިންގ އިންޑެކްސްގައި މަތިކުރުމެއްވެސް ނޫން. އަދި މޯލްޑިވްސް ރޭޓިންގގައި އަޅުގަނޑުމެން ރޭންކް ކޮށްގެން މިއުޅެނީ، ރޭޓްކޮށްގެން މިއުޅެނީވެސް ހަމައެކަނި އޭގެ މެރިޓް އަޅުގަނޑުމެން ހާސިލުކުރުމަށްޓަކައި. މިކަންކަންވީމަ ދިވެހިރާއްޖެއަށް އަޅުގަނޑުމެން މިހާރު މިކުރާ އިންތިޒާރު، އުންމީދު، ބޭރުގެ ބައިވަރު ބޮޑެތި އިންވެސްޓްމަންޓްތައް އައުމާއި އަދި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވެގެން ދިޔައީމަ، ދިވެހިރާއްޖެއަކީ ވިޔަފާރި ކުރުމުގައި ރިސްކް ކުޑަ، ނޫނީވިއްޔާ ގެއްލުންތައް ފޫބައްދައިދެވޭ، ނޫނީވިއްޔާ ބޮޑެތި ގެއްލުން ނުވާނެކަމުގެ ކަށަވަރުކަމެއް މި ދައްކައިދެނީ މިކަހަލަ ކަންކަން ކޮށްގެން.

އަޅުގަނޑާއެކީ ޖޫނިއަރ އޮފިސަރުންގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުން މިހާރު ދައުލަތުގެ ވަރަށް ސީނިއަރ ބޭފުޅުން މިތާ އެބަ ތިއްބެވި. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެން ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި، މިކަހަލަ ކަންތައްތަކަށް އެޑްރެސް ކުރުމަށްޓަކައި ޝޯޓްކަޓެއް ނެގިން. ބައެއް ކަންތައްތައް ރަނގަޅުކޮށްފައި، އަޅުގަނޑުމެން މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ، (މީގާ) ވާރލްޑް ބޭންކްގެ އެފިލިއޭޓެއް، މީގާގައި އަޅުގަނޑުމެން މެންބަރަކަށްވީމު. އެ ކުރެވުނު މަސައްކަތަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގެ އިންވެސްޓްމަންޓަކީ ބޭރުގެ އިންވެސްޓަރުންނަށް، ބޮޑެތި އިންވެސްޓަރުންނަށް ރިސްކް ފްރީ އިންވެސްޓްމަންޓް ގެރެންޓީ އޮތް ތަނެއްކަން ދައްކައިދޭން ކުރި މަސައްކަތް. އަޅުގަނޑުމެން ކަންތައްތަކެއް ދޫކޮށްލަންޖެހޭ. އަދި އެ ދޫކޮށްލައިގެން ނޫނީވިއްޔާ މިދެންނެވި ކަހަލަ ރޭޓިންގއެއް، ނޫނީވިއްޔާ ލިސްޓް ކުރުންތަކެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެކަމަކު އެއަކުންނެއް ޙަޤީޤަތުގައި މާބޮޑު ފައިދާތަކެއް ނެތް. ހަމަ އަޅުގަނޑުމެންގެ ކްރެޑެންޝަލްސް، ދިވެހިރާއްޖޭގެ ކްރެޑެންޝަލްސް ބޭރަށް ލިޔެފައި، ދިވެހި ދައުލަތުގެ ސީވީ ފޮނުވާ ކަމަށްވަންޏާ، ޝައްކެއްވެސްނެތް، ދިވެހިރާއްޖެއަކީ މީގާގެ މެންބަރެއްގެ ގޮތުގައި ވަރަށް ކުރިއްސުރެ އޮތީ ހަމަޖެހިގެން ގޮސްފައި. އދ، ސާކް، ކޮމަންވެލްތް، ދެން މިހެންގޮސް ވަރަށްގިނަ ތަންތަނަށް.

އެކަމަކު ޙަޤީޤަތުގައި ޢަމަލީ މަސައްކަތްތަކަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހެނީ. މިކަންކަން ތަންފީޛުވެގެން މިދަނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނަންޖެހެނީ. ފްރީ ޕްރެކްޓިސް ކުރެވެން އެބަޖެހޭ. އަޅުގަނޑުމެން ކުޑަ ޤައުމަކަށް ހުރި ގޮންޖެހުންތައް މަދެއް ނޫން. ކުޑަ ޤައުމަކަށްވީތީ ހުރި ގޮންޖެހުންތަކުގެ ތެރޭގައި، މިސާލަކަށް، ތިޖާރާއާއި މާލީ ކަންތައްތައް ތަރައްޤީ ކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވެއްޖިއްޔާ، ބޭންކްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ނުހިންގާ ކަންތައް ކުރެވޭނެ ގޮތެއް ނޯންނާނެ. އެސް.އީ.ޒެޑް ޤާނޫނެއް، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނެއް، ޝައްކެއްވެސްނެތްގޮތުގައި، ބޭރުގެ ބޮޑެތި އިންވެސްޓަރުންވެސް ދިވެހިރާއްޖެއަށް ގެނައުމަށްޓަކައި އުފެއްދި ޤާނޫނެއް މިއީ. އޭގެ ބޭނުމަކަށްވެސް ވެގެން މިދަނީ، އެތައްހާސް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުން.
ދެން ގަބޫލުކުރައްވާ، އެތައްހާސް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ގެންނަ ވާހަކަ އަޅުގަނޑުމެން ހަމައެކަނި ދައްކަނީކީ ނޫން. އެކަމަކު އެއަށް މަގު އެބަ ހުޅުވެންޖެހޭ. ޤާނޫނު އެއަށް ޖާގަ އެބަދޭންޖެހޭ. ތަންފީޛު ވެގެންދާއިރު، ތަންފީޛު ވެގެންދާ ވެށްޓެއް އެބަ އޮންނަންޖެހޭ ފުރަތަމަ ޕްރީރިކްއެޒިޓެއް ގޮތަށް މިކަހަލަ ކަންތައްތަކަށް އިންވައިޓް ކުރަން. ޤާނޫނެއް ހަދާ ފާސްކުރާ ހިސާބުން އޭގެ އަނެއްދުވަހު ބޮޑެތި ބިޔަ އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އަންނަ ވާހަކައެއް ނޫން. އެކަމަކު ރާއްޖެއަށް އިންވެސްޓްމަންޓް މިޞްރާބު ޖެހުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް އެއީވެސް. އެގޮތުން ހިންގޭ ކޮލޯކިއުމެއް މި ކޮލޯކިއުމަކީ. ދެން އެތައްހާސް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްގެ ވާހަކަ ދައްކާއިރު، ހަމަ އެވެސް ހިންގަވާ، އަޅުގަނޑުމެންގެ ނަޒަރިއްޔާއިން، މިއަދުގެ ޙަޤީޤީ ނަޒަރިއްޔާއިން އެކަންވެސް ކޮންޓެކްސްޓްގައި ބުނެލަމާ! ދިވެހިރާއްޖޭގައި މި ހިނގާ ތިން އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ރޯކޯސްޓް އިކޮނޮމީއެއް އޮތްތޯ؟ އިޤްތިޞާދީ ދުވެލި ހުރީ ހަލުވިކަމާއެކީ ކުރިއަށްދާ ގޮތަށްތޯ ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައި މިދިޔަ ތިން އަހަރުގެ ތެރޭގައި އެކަނި ދައުލަތުން ހޭދަކޮށްގެން ހިންގާ މަޝްރޫޢުތައް، އެއްހާސް މިލިއަން ޑޮލަރަށްވުރެ މަތި. އެއްހާސް މިލިއަން ޑޮލަރަށްވުރެ މަތި. މިއީ ކުޑަކުޑަ އިޤްތިޞާދެއް. އަދި ދިވެހިރާއްޖެއަށް މިދިޔަ ތިން އަހަރުގެ ތެރޭގައި އިންވަރޑް އިންވެސްޓްމަންޓް، ނޫނީވިއްޔާ އެތެރެވަމުން މި އަންނަ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަލާކަމަށްވަންޏާ، ނިސްބަތުން މުޅި މި ސަރަޙައްދުގައި އެންމެބޮޑު އިންވެސްޓްމަންޓެއް އެޓްރެކެޓް ކޮށްފައި އޮތީ ދިވެހިރާއްޖެއަށް. މިހިރަ އިންވެސްޓްމަންޓްތައް ހެދި ނިމިގެންދާއިރު، ތިންހާސް މިލިއަން އެމެރިކާ ޑޮލަރަށްވުރެ، މި ތިން އަހަރު ނިމިގެންދާއިރު، މި ވަގުތުގެ ތެރޭގައި ހެދޭނަމަ، ތިންހާސް މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިންވެސްޓްމަންޓް ބޮޑުވާނެ.

އޭގެއިތުރުން މިދެންނެވީ، ރާއްޖޭގައި، ރާއްޖޭގައި މިކުރެވޭ ބޮޑެތި މަސައްކަތްތަކަށް ބަލާކަމަށްވަންޏާ، އެއްހާސް އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް މިހިރީ. އެހެންވީމާ، ކުރު ތިން އަހަރެއްގެ މުއްދަތުގެ ތެރޭގައި އަދި ތިރީސް ފަސްހާސް މިލިއަން ރުފިޔާގެ ދައުލަތުގެ ޑެފިސިޓެއް ހިފައިގެން ތެދުވާ ބަޔަކު، ދިވެހިރާއްޖޭގެ އިޤްތިޞާދު ރީވަރޓަލައިޒް ކުރަން، އިންވިގަރޭޓް ކުރަން މަސައްކަތްތަކެއް ކުރެވިފައި ހުރިކަމާ ދޭތެރޭގައި ޝައްކެއްނެތް. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ހުރިހާ ވާހަކަތަކެއް، ސިޔާސީ މީހުން ބައިނަލްއަޤްވާމީ މުޖުތަމަޢުތަކުގައި އަދި ދޭދޭ ޤައުމުތަކުގައި ދެކެވެމުންދާއިރުވެސް ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް އެޕަޓައިޓާ ދޭތެރޭގައި މީހުންގެ ޝައްކުކަމެއް ނެތް. އަދި އެ އެޕަޓައިޓް އެއްގޮތަކަށްވެސް ފުރިހަމަވެގެންދާ ތަނެއް ނުފެނޭ. އަދިވެސް އެޕަޓައިޓް އޮތްކަން އެބަ ފެނޭ. އެހެން ނޫނީވިއްޔާ މި އިންޑިކޭޓަރތަކާ އެއްގޮތަށް މޫޑީސްގެ ލިސްޓް ހުރުމާއެކުވެސް އަޅުގަނޑުމެންނަކަށް މިކަންކަމެއް ނުވާނެ.

އެކަމަކު ހުރި ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ޖަޒީރާ ޤައުމަކަށްވެފައި، އެކަހެރި ޤައުމަކަށްވެފައި އަދި އަޅުގަނޑުމެންގެ ސިޔާސީ އަދި ޑިޕްލޮމެޓިކް އަޑު އުފުލުމުގެ ޤާބިލިއްޔަތު އެހާވަރަށް ނެތީމައާއެކީ، ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ތަޞައްވުރު ބޭރަށް ސިފަވެގެންދަނީކީ ދިވެހިރާއްޖޭގެ ޙާލަތު އޮތްގޮތަކަށް ނޫން. އެ ވާހަކަތައް ދެންމެ މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވީ. އަދި ޗީފް ޖަސްޓިސްގެ ވާހަކަފުޅުގައިވެސް އެ އަލިއަޅުއްވައިލެއްވީ. އެކަންކަން އޮންނާނީ އެހެން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރެވެންދެން. އެކަމަކު މިއަދުވެސް މި ހިތަށްއަރަނީ، ސިޔާސީ ވާހަކަ ދައްކާކަށް ނޫން. އަޅުގަނޑުމެންގެ މުޅި ޤައުމަށް ފައިދާހުރި ކަންކަމުގެ ތެރޭގައި، ކޮންމެ ވިސްނުމެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެންގެ ހުރިހާ މުއައްސަސާތަކުން އަދި މަސައްކަތްކުރާ އިސް މީހުން އެބަޖެހޭކަންނޭނގެ، މުޅި ރާއްޖެއަށް މި ދެންނެވި ޝަރަފާއި ކަރާމާތް ހޯދަން ކުރަންޖެހޭ މަސައްކަތް ކުރަން.

ދިވެހިރާއްޖެ ކުޑަ ޖަޒީރާ ޤައުމަކަށްވީމަ، ހުރި ގޮންޖެހުންތަކުގެ ތެރޭގައި ހުރި ބައެއް ކަންތައް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ ވިޔަފާރިއާއި، އަޅުގަނޑުމެންގެ މާލީ ކަންތައްތައް ތަރައްޤީކުރާ ކަމަށްވަންޏާ، އަޅުގަނޑު ދެންމެ ދެއްކި ވާހަކަ، ބޭންކް މެދުވެރިވެގެން އަދި އެހެން ގޮތްގޮތުން އިންވަރޑް ރެމިޓެންސްވެސް ބޭރުން ބޮޑެތި އަދަދުގެ ފައިސާ ގެނެވޭނެގޮތް އޮންނަންވާނެ. އެކަމަކު ނައިން އިލަވަންގެ ހާދިސާއަށްފަހު، ވަރަށް ބޮޑަށް ދުނިޔޭގައި ޚާއްޞަކޮށް، އެމެރިކާ އިސްނަގައިގެން ކުރެވޭ މަސައްކަތްތަކެއް މި މަސައްކަތްތަކަކީ. ދުނިޔޭގައި ބޯޑަރ ކްރޮސްކުރާ މަނީ ލޯންޑްރިންގ ހަރަކާތްތައް ވަރަށް ފާރަވެރިކަމާއެކީ މި ބަލަމުންދަނީ. ރާއްޖެ ކަހަލަ ޤައުމުތަކަށްވެސް މީގެ އަސަރު ނުކުރާނެއެކޭ ނޫން. އަދި ޞައްޙަ ނޫން ގޮތުގައި އަންނަ ފައިސާވެސް ދުނިޔޭގެ ހުރިހާ ބޯޑަރުތަކެއްވެސް ހުރަސްކުރޭ. އެކަމަކު އެކަމާހެދި އަޅުގަނޑުމެން މިދާ ހިސާބަށް ގޮސްގެން މިކަން ކުރާ ކަމަށްވަންޏާ، ކުދިކުދި ޤައުމަށް މިއިން އުފުލަންޖެހޭ ތަކުލީފު މާބޮޑު. އަޅުގަނޑުމެންނަށް ފަންސާސް ހާސް ޑޮލަރަށްވުރެން ބޮޑު އަދަދުގެ ރެމިޓެންސެއް ހަދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބޭންކްގެ ތެރޭގައި އެ ފެށެނީ ރެޑްޓޭޕްގެ މަސައްކަތް. މިއަދު ޝަރުޢީ ދާއިރާއާ ހަމަޔަށް މިކަން އައީކީވެސް ނޫން. އަދި އިދާރީ ހިންގުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ކުރާ ކަމަކާ ހަމައަށް މިކަން އައީކީވެސް ނޫން. މިކަހަލަ އެތައް ކަމެއް އަޅުގަނޑުމެން ކުޑަ ޤައުމަކަށްވާތީ، އަޅުގަނޑުމެން ކުރަންޖެހޭ. އަދި އަޅުގަނޑުމެންނަށް މި ފެންނަނީ، ތަންފީޛީ އިދާރާތަކުން ޚާއްޞަކޮށް، އެއްވަނަ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ފަސޭހަކަމާއެކީ ދިވެހިރާއްޖެއަށް އައިސް، ދިވެހިރާއްޖެއިން ދަޢުވަތު ލިބިގެން މިކަންކަން ހިނގާގޮތް ފަސޭހަކަމާއެކީ ބަލައިލެވޭތަން. އެކަމަކު އިސްތިޤްލާލު އޮތް ޤައުމެއް. މިނިވަންކަން އޮތް ޤައުމެއް. މިހުރިހާ ކަންކަމަށް އެބަ ބެލޭ. އެކަމަކު އަޅުގަނޑުމެން ތިއަރީގައި މި ދައްކާ ވާހަކަ، ޕްރެކްޓިސްއަށް ބަލާކަމަށްވަންޏާ، މި ހިނގާ ބޮޑެތި ކޮރަޕްޝަންގެ ކަންކަމުގައިވެސް ދައުލަތުގެ ބޮލުގައި ބޮޑެތި ބަދުނާމުތައް އެޅިގެންދާއިރު، މާލީ އިދާރާތަކުން ކުރާ މަސައްކަތްތަކާ ދޭތެރޭގައި، ނޫނީ ނުކުރެވި ދޫކޮށްލެވިފައި ހުރި ކަންކަމުން ނާޖާއިޒު މަންފާ ނަގައިގެން މިކަންކަން ފަހިވެފައި މިހިރީ.

ދެން އަޅުގަނޑުމެން މި ނަގާ ރިސްކަކީ، މިކަންކަން ވެގެންދާއިރު، މާލީ އިދާރާތަކާ ދޭތެރޭގައި ރާއްޖޭގެ އެކިއެކި ކޯޕަރޭޓް ލީޑަރުން އަދި ބޭރު ދުނިޔޭގެ ޝައުޤުވެރިކަން އޮތީ ކިހާވަރަކަށްތޯ؟ އަޅުގަނޑު ނުބުނަން ދިވެހިރާއްޖޭގައި ހުންނަ ބޭންކް އެކައުންޓްތައް ސްވިސް ބޭންކް އެކައުންޓްތަކާ އެއް ފެންވަރަށް ދާންޖެހޭނެއެކޭ. އެކަމަކު އަޅުގަނޑުމެންގެ މާޗަންޓް ބޭންކްތަކުން އަޅުގަނޑުމެންގެ ޕްރައިވެޓް ޓްރާންސެކްޝަންސްގެ މަޢުލޫމާތު، މާދަމާ އެންމެންގެ ނަޒަރު ހުއްޓޭވަރުގެ މަޢުލޫމާތަށް ކޮންމެވެސް ހިސާބަކުން އެބަ ލީކްކުރޭ. އެހެންވީމާ، ކީއްކުރަންތޯ އަޅުގަނޑުމެން ކޮލޯކިއުމް ހަދައިގެން މިކަން ކުރަންވީ؟ މިއީ ވަރަށް އާދައިގެ ކުދިކުދި ކަންތައް ނޫންތޯ؟ މިއީ ކިހިނެއް ނުކުންނަންވީ މަޢުލޫމާތެއްތޯ؟ އެކަމަކު މި މަޢުލޫމާތުތަކަކީ މާދަމާވެސް މުޅި ހުރިހާ ހިސާބެއްގައި ދެކެވޭ ވާހަކަތަކަކަށް އެބަވޭ. އެހެންވީމާ، ކާކުތޯ ބޭންކަށް ފައިސާ އަޅާނީ؟ އެހެންވީމާ، ގިނަ ބަޔަކު އެބަ ޕްރިފަރ ކުރޭ، އެކިއެކި މުޢާމަލާތް ހިންގުމަށް، ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިސާނެރެ، ނަޤުދުގެ ގޮތުގައި ބަހައްޓަން. ބޭންކިންގ ސިސްޓަމްގެ ތެރޭގައި ފައިސާ ގެންގުޅުނީމަ، މިދެންނެވި ކަހަލަ ކްރެޑިބިލިޓީގެ މައްސަލަތައް މި ނުކުންނަނީ. މީހަކު މީހަކާ މުޢާމަލާތު ކުރާއިރު، އެކުރެވޭ މުޢާމަލާތުގެ ހުރިހާ ޞައްޙަ ކަމެއް ދެނެގަތުމަށްޓަކައި މިކުރެވޭ މަސައްކަތް މިކުރަނީ. އެކަމަކު ބޭންކްގެ މުވައްޒަފުންގެ ތެރެއިން މިކަހަލަ މަޢުލޫމާތު ނެރުމަކީ ފަސޭހަކަމާއެކީ މިހާރު ކުރާ ކަމެއް. ހުރިހާ ބޭންކެއްގައިވެސް. އަދި މި ހިނގާ ބައެއް ބޮޑެތި ކަންކަމުގެ ތެރޭގައި މީގެ އުނދަގޫ މުޅި ދިވެހި ދައުލަތުން އުފުލަން އެބަޖެހޭ.

އަދި ހަމަ ޝަރުޢީ ދާއިރާގެ ވާހަކަވެސް ދަންނަވާލާނަން. ޝަރުޢީ ދާއިރާގައި ހިނގާ ކަންކަމުގައި އެއްގޮތަކަށްވެސް މިއީކީ ޝަރުޢީ ދާއިރާގެ ޝަރުޢީ ދާއިރާގައި ހިނގާ ކަންކަމުގައި އެއްގޮތަކަށްވެސް މިއީކީ ޝަރުޢީ ދާއިރާގެ ކްރިޓިސިޒަމެއް ނޫން. އެކަމަކު މިއަދުގެ ޙަޤީޤަތް ގަބޫލުކޮށްގެން އަޅުގަނޑުމެން ކަންތައްތައް އިޞްލާޙު ކުރަން ކުރާ މަސައްކަތުގެ ވާހަކަ މި ދަންނަވަނީ. ދުނިޔޭގެ ކޮން ތަނެއްގައިތޯ، ކޯޓެއްގެ ތައްގަނޑު ފޯޖުކޮށްގެން، ކޯޓުން ނުކުތް މައްސަލައެއް ގޮތަށް ހަދައިގެން، ދައުލަތުގެ ވެރިކަން ކުރަން ހުންނަ މީހަކު ބަންދުކުރަން ކޯޓު އަމުރު ހިފައިގެން ނުކުންނާނީ؟ މިއީ ދުނިޔޭގެ ކޮން ޤައުމެއްގައި ހިނގާނެ ކަމެއްތޯ؟ ނަމޫނާ، ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި މިކަންވެސް ވާނެ. ވެފައި އޮތީ. އަދިވެސް ވާންވީ. އެހެންވީމާ، މި ހުންނަނީ ވަރަށް ބޮޑެތި މައްސަލަތައް. ދުނިޔޭގެ އެއްވެސް ތަނެއްގައި، އަންތިންކަބަލް. ޚިޔާލަށްވެސް ނުގެނެވޭކަހަލަ ބޮޑެތި މަސައްކަތް މި ހުންނަނީ. ބޮޑެތި ކަންކަން މި ހުންނަނީ. މިކަހަލަ ވަރުގަދަ މުއައްސަސާތަކުގައި، ޢަދުލު އިންޞާފުގެ މުއައްސަސާ ކަހަލަ، މިކަހަލަ ވަރުގަދަ މުއައްސަސާތަކުގެ ހައިބަތާއި މުޤައްދަސްކަން ނަގާލާ ކަންތައްތައް މި ހުންނަނީ. ވަރަށް ބޮޑެތި ކަންތައް ވަރަށް އާދައިގެ ގޮތެއްގައި މި ކޮށްލަނީ. މިވަރު ކަންތައް ރާއްޖޭގައި މި ހުންނަނީ ހިނގާފައި. ދެން އެވީ އެ ނެރޭ އަމުރެއް ތަންފީޛު ކުރަން، ފުލުހުންނާއި ސިފައިން ހަމަ ކޮޅުކޮޅަށް ދުވަން. އެކަމަކު މިއީ ދިވެހިރާއްޖެއެއް ކަމަކު އެންމެންގެ ލޯމަތީގައި ހިނގާ ކަންކަން މި ހުންނަނީ.

އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތް ކުރަންވީ ސެލްފް ޑިސިޕްލިން ކުރަން. މިކަހަލަ ކަންކަން ދިވެހިރާއްޖޭގައި ވާކަމަށްވަންޏާ، އަޅުގަނޑުމެން ކިތަންމެ ކޮލޯކިއުމެއް ބޭއްވިޔަސް، ދަންނަވަން މިއުޅޭ ވާހަކައަކީ، ކަންތައްތަކެއް ކުރިއަށްދާއިރު، މިކަހަލަ ވިޔާނުދާ ކަންކަމުން އަޅުގަނޑުމެންގެ ލިބެންވާ ޝަރަފާއި، ލިބެންވާ ކަރާމާތަށް އުނިކަން އަންނަ ކަންތައްތައް ގިނަވަނީ. އެހެންވެގެން ދާއިރާތަކާ ދޭތެރޭގައި ބޭރުގެ ފަރާތްތަކުގެ އިތުބާރުގެ ވާހަކަ މި ދެއްކެނީ. އެހެންވެގެން ޙަޤީޤަތުގައިވެސް އިތުބާރުގެ ވާހަކަ ދެއްކެނީ. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ސުޕްރީމް ކޯޓުގެ ބެންޗަކީ، މިއަދު ދިވެހިރާއްޖެއިން ލިބެންއޮތް ޤާނޫނީ ޝަރުޢީ ދާއިރާއިން އެންމެ ފުންނާބު އުސް، އެންމެ ހައިބަތު ހެޔޮ ބޭފުޅުންކޮޅެއް، ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ބެންޗެއް އެއީ. ވަރަށް ކޮމްޕެޓަންޓް. އެބޭފުޅުން މަސައްކަތް ކުރައްވާގޮތާ ދޭތެރޭގައި އެއްގޮތަކަށްވެސް ސުވާލު އުފެއްދޭނެ ކަންކަމެއް ނޫން. އެކަމަކު ބޭރުން މިކުރެވޭ މުޢާމަލާތްތަކުގައި، ލިޔާ ރިޕޯޓްތަކުގައި މިއަށް ސުވާލު އުފައްދާފައި، މިއީ ޝަރުޠެއް ކަމަށް މި ހަދަނީ، މިސާލަކަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުން، ނޫނީވިއްޔާ ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމު އޮތީ ތިމަންނަމެން ހިތްހަމަޖެހޭގޮތަކަށް ނޫނޭ. ކިޔާފައި އަޅުގަނޑުމެން ބައިވެރިވާ އެކިއެކި ޖަމާޢަތްތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް ފިއްތުންތައް ކުރިމަތިކުރުވަނީ. އެއީ ކޮންބައެއްތޯ؟ ކީއްކުރަންތޯ އެކަހަލަ ކަންތައް ދިވެހިރާއްޖެއާ ދޭތެރޭގައި ކުރަނީ. ނުކުރެވޭނެ. އެކަމަކު މިކަހަލަ ކަންކަމަށް ޖާގަލިބޭ ސަބަބުތައް އަޅުގަނޑު މި ދަންނަވާލީ. އެހެންވީމާ، ކުޑަ ޤައުމަކަށްވާތީ ހުރި ގޮންޖެހުންތައް ގިނައީ. ކުޑަ ޤައުމަކަށްވާތީ އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ކަންތައްތައް ވަކިން ގިނައީ. އެހެންވީމާ، އަޅުގަނޑުމެން ކޮލޯކިއުމްތައް ހަދައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާއަކަށްވާންވާނީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޝުޙުރަތު، އަޅުގަނޑުމެން ބޭރުގައި ޕޯޓްރޭ ވެގެންދާގޮތް ބަދަލުކުރުން. އޭގެ ޢަމަލީ މަސައްކަތް، އޭގެ އެޕްލިކޭޝަން އެޕްލައިކޮށްގެން ހިނގާ ތަން އަޅުގަނޑުމެންނަށް ފެންނަންޖެހޭނީ.

ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރި ދެބޭފުޅުންގެ ވާހަކަފުޅު އަޑުއަހަން އިންއިރު އަޅުގަނޑު ހިތަށްއެރި، ހާދަ މަސައްކަތެއް، ހާދަހާ ބޮޑެތި އިޞްލާޙީ ކަންތައްތަކެއް ކުރެވެމުން އެބަދެއޭ. ޗީފް ޖަސްޓިސްގެ މަސައްކަތްޕުޅު އެ ވިދާޅުވެދެއްވީ ޖުޑީޝަރީގެ ތެރޭގައި ހުރި ކަންތައްތައް. ޝައްކެއްވެސްނެތްގޮތުގައި ކޮމެންޑެބަލް. މިނިސްޓަރ ސަޢީދު އެ ވިދާޅުވެދެއްވީ، އަޅުގަނޑުމެންގެ އިޤްތިޞާދު ވައިބްރަންޓް ކުރަން، ނޫނީވިއްޔާ ފްރީމާކެޓް އެންޓަރޕްރައިޒަށް ޖާގަދޭން، ނޫނީވިއްޔާ ވިޔަފާރިއަށް ފަހި ވެށްޓެއް ޤާއިމުކުރުމަށް މި ކުރެވޭ މަސައްކަތްތައް. ޝައްކެއްވެސްނެތްގޮތުގައި، ދުނިޔޭގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ނިސްބަތުން، ނަޒަރިއްޔާއިން ބަލާކަމަށްވަންޏާ މިހިރީ ވަރަށްގިނަ މަސައްކަތްތަކެއް. ކިހިނެއްވެގެންތޯ، އަޅުގަނޑުމެންނަށް ދުނިޔޭގައި އެންމެ އިސް ސަފުގައި ވިޔަފާރީގައި އެއް ޤައުމަކީ މިވަގުތު ޗައިނާ. އަދި ޗައިނާގެ ޕޮލިޓިކަލް ނޫނީ ވިސްނާ އައިޑިއޮލޮޖީ ކޮންމެ ގޮތަކަށް ފާޑުކީނަމަވެސް، ދެބަސްނުވެވޭނެ ކަމަކީ، ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިޤްތިޞާދަކީ ޗައިނާކަން. ޗައިނާއާއެކީ، މި އޮތް ކުޑަކުޑަ ދިވެހިރާއްޖެއިން މިދަނީ ފްރީ ޓްރޭޑް ޒޯނެއް، ނޫނީވިއްޔާ ފްރީ ޓްރޭޑް އެގްރީމަންޓެއް ޤާއިމުކުރަމުން. އޭގެ މާނައަކީ ލައްކަ ގިނަ ގަބޫލުކުރެވޭ ކަންތައްތައް ދިވެހިރާއްޖޭގައި ހުރީ. އެހެން ނޫނީވިއްޔަކާ އަޅުގަނޑުމެންނަކަށް ފަސޭހައެއްނުވާނެ މިކަން ކުރާކަށް.

އެހެންވީމާ، އެ ފުރުޞަތު އަޅުގަނޑުމެންނާ ހަމައަށް ތިލަވެގެން އަންނައިރު ދެން އަޅުގަނޑުމެން މި ކުރަންޖެހޭ މަސައްކަތްތަކަކީ، އަޅުގަނޑުމެންނަށް ނުކުންނަ އެކިއެކި މައްސަލަތައް ފައިޞަލާކޮށް، ޙައްލު ކުރެވޭނެ ޑިސްޕިއުޓް ރެޒޮލިއުޝަން މެކޭނިޒަމްތަކެއް ނިމިގެންދާންވީ. ވަރަށް ބަލައިގަންނަން ފަސޭހަކަމެއް ޙަޤީޤަތުގައިވެސް މަދަނީ ކޯޓުގެ ތެރޭގައި، ކޯޓުގެ ޙުކުމަކާނުލައި، ޑިސްޕިއުޓް ރެޒޮލިއުޝަން މެކޭނިޒަމެއް ޤާއިމުވެގެން ހިނގަން ފެށިކަން. ޝައްކެއްވެސްނެތްގޮތުގައި ވަރަށް ރަނގަޅު ކަމެއް. އަދި އެއާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރޭގައި އިންޓަރނޭޝަނަލް އާރބިޓްރޭޝަނަކީ ވަރަށް މުހިންމު ކަމަކަށްވާތީއާއެކީ، އަޅުގަނޑުމެން ސިންގަޕޫރު ސަރުކާރުގެ އެހީ ހޯދައިގެން އަދި މެލޭޝިޔާ ސަރުކާރާއެކީވެސް ވާހަކަ ދައްކަމުން މިގެންދަނީ، ދިވެހިރާއްޖޭގައި ކޮންމެވެސް ފެންވަރެއްގެ ޑިސްޕިއުޓް ސެޓްލްމަންޓް ރިޒޮލިއުޝަން މެކޭނިޒަމެއް ހެދޭތޯ. އާދެ، އިންޓަރނޭޝަނަލް ޑިސްޕިއުޓް ސެޓްލްމަންޓް މެކޭނިޒަމެއް ނޫނީ އާރބިޓްރޭޝަން ސެންޓަރެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ.

އެކަމަކު މިއާއެކީ އަޅުގަނޑުމެންގެ ކްރެޑިބިލިޓީ، ޚާއްޞަކޮށް ވިޔަފާރިކުރުމުގަޔާއި، ވިޔަފާރިއަށް ހުރި ފަސޭހަތައް، ދަތިތައް ނައްތާލުމުގައި ކުރެވޭ މަސައްކަތްތައް އެބަ ފެންނަންޖެހޭ. އަދި އެއާއެކީ ޤާނޫނީ ޝަރުޢީ ދާއިރާއިން މި ލިބޭ ކުރިއެރުންތައް ތަންފީޛު ވެގެންދާ އަވަސްމިނަކީ ޝައްކެއްވެސްނެތްގޮތުގައި އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑު ޙަޤީޤަތުގައިވެސް ވަރަށް އުފާވި، މިދިޔަ އަހަރުގެ ތެރޭގައި ޗީފް ޖަސްޓިސްއާ އަޅުގަނޑު ދެއްކި ވާހަކަތަކެއްގެ ނަތީޖާއަކަށް ވެގެންދިޔައީ، އަޅުގަނޑަށް ކަށަވަރުކަން ދެއްވި، ބޭންކްތަކާއި އެހެން ފައިނޭންޝަލް އިންޓަރމީޑިއަރީޒް ތެރޭގައި ހުންނަ ބޮޑެތި ވިޔަފާރީގެ މައްސަލަތައް. މިއީ އެއްގޮތަކަށްވެސް ދޭދޭ މީހުންގެ ތެރޭގައި ނޫނީ ރިޒޯޓްތަކުގައި ހުންނަ ވިޔަފާރީގެ ބޮޑެތި މައްސަލަތަކެއް ނޫން. ފައިނޭންޝަލް އިންޓަރމީޑިއަރީޒަށް އޭގެ އިމްޕެކްޓެއް އަންނަ، އަސަރުކުރާވަރުގެ ބޮޑެތި ހުރިހާ މައްސަލަތައް، ފުރަތަމަ މަރުޙަލާގައި ކޯޓަށް ހުށަހެޅޭ ހިސާބުން ފެށިގެން ސުޕްރީމް ކޯޓުން އެންމެ ފައިނަލް ރެޒޮލިއުޝަނެއް، 5 މަސް ދުވަހުގެ ތެރޭގައި، ނޫނީ 6 މަސް ދުވަހުގެ ތެރޭގައި ދެއްވާނަމޭ ވިދާޅުވީމަ، އަޅުގަނޑު ވަރަށް އުފާވި ޙަޤީޤަތުގައިވެސް. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ވީކަމެއް ނޫން. ވާނެ ކަމެއްވެސް ނޫން. އެކަމަކު އަޅުގަނޑުމެންގެ އެ ރެޒޮލިއުޓްނަސް، އެ ވިލްޕަވަރ ހުރިކަމަށްވަންޏާ، ނުކުރެވޭނެ ކަމެއްވެސް ނޫން. ކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން އެސްޓެބްލިޝް ވާންވީ، އަޅުގަނޑުމެން ބެންޗް މާކްވާންވީ މިކަހަލަ ކަންކަމުގައި. އަޅުގަނޑުމެންނަށް މުޅި ވެށި، ނޫނީ މުޅި ނިޒާމު ބަދަލެއްނުކުރެވޭނެ. ވަގުތު ނަގާނެ. ޤާނޫނީ އޮނިގަނޑަށް ގެންނަން ހުންނަ ބަދަލުތަކަށް ބަލާކަމަށްވަންޏާ ވަގުތު ނަގާނެ. ވަރަށްގިނަ ވަގުތު ނަގާނެ. އެކަމަކު އަޅުގަނޑުމެން ކުރާ ވަކިވަކި ކަންކަމުގެ ތެރެއިން މިދެންނެވި ކަހަލަ މިސާލުތައް އަޅުގަނޑުމެން، ނޫނީވިއްޔާ މިދެންނެވި ކަހަލަ ނަތީޖާތައް ހާސިލުކުރާތަން ފެނުނީމަ، އެއީ ޝައްކެއްވެސްނެތްގޮތުގައި ބޮޑުކަމަކަށް ވެގެންދާނެ. މުހިންމު ކަމަކަށް ވެގެންދާނެ.

ދިވެހިރާއްޖޭގައި މިއަހަރުގެ ނިޔަލަށް ދާއިރު، އާ 22 ރިޒޯޓް ހުޅުވޭ ވާހަކަ، ދާދިފަހުން މިނިސްޓަރ އޮފް ޓޫރިޒަމް އެ އިޢުލާނު ކުރެއްވީ. މަސައްކަތް ހަމަ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައި އެއޮތީ. 2018 ވަނަ އަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް، 50 ރިޒޯޓްގެ މަސައްކަތް ނިމޭނެ. މި މަސައްކަތްތައް ނިމުނީމަ، އަޅުގަނޑު މިދެންނެވި ގޮތަށް އެމެރިކާ ޑޮލަރު ތިންހާސް މިލިއަނަށްވުރެން އިތުރުވެގެން ދިވެހިރާއްޖޭގައި ދަނީ. ޝައްކެއްވެސްނެތްގޮތުގައި، މައްސަލަތައް އުފެދޭނެ. މަދަނީ ވިޔަފާރީގެ މައްސަލަތައް އުފެދޭނެ. މި މައްސަލަތައް ނިންމާކަށް އަޅުގަނޑުމެންނަކަށް ބަލަހައްޓައިގެން ނުތިބެވޭނެ. 2 އަހަރު، 3 އަހަރު، 5 އަހަރު، 7 އަހަރުން 12 އަހަރަށް ދަތުރުކުރާ ތަނެއްގައި. ރަހުނުގައި ބަހައްޓަވާ މުދަލަށް ވިސްނާވަޑައިގަންނަވާ! ރަހުނުގައި ބަހައްޓާ މުދާ، 1 އަހަރު، 2 އަހަރު ވެގެންދާއިރު، އޭތި އެދަނީ ފްލީ ޑިޕްރިޝިއޭޓްވެގެން. އޭގެ އަގެއް ނެތްގޮތަށް، މާލީ އަގެއް ނެތްގޮތަށް އެއްލައިލަންޖެހޭ އެއްޗަކަށްވެގެން އެދަނީ. ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ރަހުނުގައި ބަހައްޓާނެ، އޭގެ ޑިއުރެބިލިޓީ، ނޫނީވިއްޔާ އޭގެ އަގު ވަޒަންކުރުމުގައި މާބޮޑެތި އަގުތަކެއް، ދިގު މުއްދަތެއްގައި ދެމިގެންދާކަހަލަ، އަޅުގަނޑުމެން އަތުގައި އެސެޓްތަކެއް ނުހުރޭ. މިއީ ވިޔަފާރިއަށް ހުރި އަޞްލު ގޮންޖެހުންތަކަކީ.

އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މިދެންނެވި ކަހަލަ މައްސަލަތައް ދިމާވެގެން ދިގުލައިގެން ދިޔައީމަ، މިއީ ވިޔަފާރިއަށް އެޅޭ ހުރަސް. މިއީ ކުޑަ ޤައުމަކަށްވީތީ އަޅުގަނޑުމެންނަށް އެޅޭ ހުރަސް. އަޅުގަނޑުމެން އެ ހުރަސްތައް ނައްތާލަންވީ. އަޅުގަނޑުމެންނަށް ޤާނޫނު އިޞްލާޙު ކުރެވިދާނެ. އަބަދުވެސް ޤާނޫނަކީ ހަދަންޖެހޭ ޤާނޫނެއް. އެކަމަކު ހިތްޕުޅަށް ގެންނަވާ! އަޅުގަނޑަކަށް ނޭނގެ ކިތައް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ކަމެއް. ކޯޕަރޭޓް ލީޑަރުންވެސް ހަނދުމަފުޅު ނުހުންނާނެކަންނޭނގެ. ދިވެހިރާއްޖޭގައި 1990ގެ ފަހުކޮޅުގެ އަހަރުތަކުގެ ތެރޭގައި، އޭރު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ފަހި ވެށްޓެއް ޤާއިމުކުރުމަށްޓަކައި ރައީސް މައުމޫންގެ ޒަޢާމަތުގައި އަޅުގަނޑުމެން ކުރަން ފެށި މަސައްކަތްތަކުގެ ތެރޭގައި ވަރަށްގިނަ މާލީ ޤާނޫނުތަކެއް ހުންނާނެ ފާސްކޮށްފައި. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، އަންނަ ބަދަލުތަކާ ގުޅިގެން އެއަށް އިޞްލާޙުތަކެއް އަންނަންޖެހޭ. އަދި މުޅި ޤާނޫނު އިޞްލާޙުވާންޖެހޭ ކަންތައްތައްވެސް ހުންނާނެ. އޭގެތެރޭގައި، ޕްރޮމިސަރީ ނޯޓް މިސާލަކަށް، ނޫނީވިއްޔާ ނެގޯޝިއެބަލް އިންސްޓްރޫމަންޓްސް ބޮޑު ޗެޕްޓަރެއްގެ ދަށުގައި ޤާނޫނެއް އަޅުގަނޑުމެން ހެދީ. މިލްކުވެރިކަން އެކެއްގެ އަތުން، އަނެކެއްގެ އަތުން ބަދަލުވެގެން މިދަނީ ހަމަ ކަރުދާސްކޮޅެއްގައި މީހާ ކޮށްލާ ސޮޔަށް ބިނާކޮށް. އެކަމަކު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބޭނުންކުރާނެ. ފައިސާ އުފުލައިގެން ކުރާ ޓްރާންސެކްޝަންސް ވަރަށް މަދުވާނެ. އެހެންނަމަވެސް، އެންމެ ބޮޑެތި މިލްކުވެރިކަން ބަދަލުވެގެންދާއިރު، އެތައްހާސް މިލިއަން ޑޮލަރެއްގެ މިލްކުވެރިކަންވެސް އެމީހެއްގެ އަތުގައި ހުރި ކަމަށްވަންޏާ، ބަދަލުވެގެން އެބަދޭ. މިސާލަކަށް، ޕްރޮމިސަރީ ނޯޓަކުން ނޫނީވިއްޔާ މިދެންނެވި ކަހަލަ ނެގޯޝަބަލް އިންސްޓްރޫމަންޓެއްގައި އަޅުގަނޑުމެން ކުރާ ސޮއިން. އެހެންވީމާ، ސޮޔަކީ މުހިންމު އެއްޗަކަށްވެދޭ.

ދިވެހިރާއްޖޭގައި މަދުތޯ ކުންފުނިތަކުގެ ޑިރެކްޓަރުން ބަދަލުވެގެންދާތަން ސޮއި ފޯޖުކޮށްގެން. އަބަދުވެސް ފުލުހުންގެ ފޮރެންސިކަށް ހުށަހަޅައިގެން މި ތިބެނީ މިކަންކަން ކުރަން. އަޅުގަނޑުމެންގެ މުޅި ވިސްނުމަށް އަންނަންޖެހޭ ބަދަލު މިއީ. މިކަހަލަ ކަންކަމުގައި އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންކަން މި ހުންނަނީ. އަދި އެކަންކަން ކުރީމަ ދެވަނަފަހަރު އެކަންކަން އެހެން މީހަކު ނުކުރާނެކަމުގެ ވަރުގަދަ އިންޒާރުތަކެއް އަޅުގަނޑުމެންގެ ޤާނޫނީ ނިޒާމުގެ ތެރޭގައި އެބަ އުފެދެންޖެހޭ. އެއީ ހަރުކަށިވާކަށްވެސް ނޫން. އެއީ މުޅި ދައުލަތުގެ މިދެންނެވި ކަހަލަ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި. އިތުބާރު އުފެއްދުމަށްޓަކައި. އެއީ އެއްގޮތަކަށްވެސް ހަރުކަށިވާކަށެއް ނޫން. ކީއްވެގެންތޯ؟ އެއްކޮޅުން އެ ދެނީ މީހެއްގެ މުޅި މިލްކިއްޔާތު. އަނެއްކޮޅުގައި މިއޮތީ ފޯޖުކޮށްލާފައި އޮތް ސޮއެއް. ޙިއްޞާދާރު ބަދަލުކޮށްލީ ފޯޖުކޮށްލައިގެން. އެ ބޯޑު މީޓިންގއަކީ ދުވަހަކު ހިނގި ބޯޑު މީޓިންގއެއް ނޫން. އަދި ކީއްކުރަންތޯ، ބޯޑަކަށް ނުވެސްގޮވާ. އެކަހަލަ މައްސަލަތައް ދިމާވީމަ، މިއަދުވެސް މަދުމަދުން ނަމަވެސް ރަޖިސްޓްރާރއަށް ހުށަހެޅޭނެ މިކަހަލަ މައްސަލަތައް. ދެން ރަޖިސްޓްރާރ މި ކުރަންޖެހޭ މަސައްކަތަކީ، އެ ސޮއިކޮށްފައި އޮތް މީހެއްގެ ސޮއި، ފޮރެންސިކްސް ވެރިފައިކޮށްފައި، އަނެއްކާވެސް އެއީ ނުހިނގާ ރިޒޮލިއުޝަނެއް ކަމަށް ބަލައި މުޢާމަލާތް ރޫޅާލަން މިޖެހެނީ. ދެން އަނެއްކޮޅު އެ ގޯހެއް ހެދި މީހާޔާ ދޭތެރޭގައި ކޮންމެވެސް ކަހަލަ އިދާރީ ފިޔަވަޅެއް އެޅިގެން މިދަނީ. ނޫން. އެހެނެއް ކަމަކުނުދާނެ. އަޅުގަނޑުމެން މި ދާން ބޭނުންވާ ހިސާބަށް އަޅުގަނޑުމެން ދާން ބޭނުންކަމަށްވަންޏާ، މިއީ ސީރިއަސް ކަންކަން. ބޭންކްގެ ތެރެއިން މީހުންގެ އަމިއްލަ މަޢުލޫމާތެއް ނުނުކުންނާނެ. މިއީ ސީރިއަސް ކަންތައްތައް. މިކަންކަމާ ދޭތެރޭގައި ހަރުކަށި، ހަރުދަނާ ފިޔަވަޅު އެޅެން އެބަޖެހޭ. ދިވެހިރާއްޖެ، ސްވިޓްޒަރލެންޑަށް ނުވެ ހިނގައިދާނެ. އެކަމަކު މިތަނުގައިވެސް އަޅުގަނޑުމެން ރައްކާތެރިކަމާއެކީ ހިމާޔަތް ކުރަންޖެހޭ ނިޒާމުތަކަށް އެ ދޭންވާ ޤަދަރު އަޅުގަނޑުމެން ދޭންޖެހޭނެ. އެއީ ޤާނޫނު ތަންފީޛު ކުރުމަށްޓަކައި. ޤާނޫނު ތަންފީޛު ކުރުމަކީ ހަމައެކަނި އަޅުގަނޑުމެން ލިޔާ ކޮންމެ މާއްދާއެއް، އަކުރުން އަކުރަށް ތަންފީޛު ކުރުމެއް ނޫން. އަޅުގަނޑުމެންގެ ޕްރެކްޓިސްގައި ހުންނަ މައްސަލަތައްވެސް އަޅުގަނޑުމެން ޤާނޫނުގައި ބުނާ އުޞޫލުން ތަންފީޛު ކުރުމާއެކީ އެ އިތުބާރު އެބަ ލިބެންޖެހޭ. އެހެންވީމާ، އެއީ އަޅުގަނޑުމެން ޤާނޫނު ތަންފީޛުކޮށް، މި ދާންއުޅޭ މިޞްރާބާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވޭނެގޮތް.

ރާއްޖޭގައި ކުޑަ ޤައުމަކަށްވާއިރު، އަޅުގަނޑުމެންގެ ގޮންޖެހުންތައްވެސް މަދެއް ނޫން. އެކަމަކު އެއާއެކީ، ގޮންޖެހުންތަކާއެކީ އަޅުގަނޑުމެންގެ ވިޔަފާރިއަށް، ނޫނީވިއްޔާ ވިޔަފާރީގެ ވެށްޓެއް، މާލީ އިދާރާއެއް، ނޫނީ މާލީ ވެށްޓެއް ޤާއިމުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، މިއީ ހަމަ ވަރަށް ދިގު މައުޟޫޢެއް. އަޅުގަނޑު ހުރިހާ ވާހަކަ ދަންނަވާކަށްވެސް ނޫން. އެކަމަކު އަޅުގަނޑު ވަރަށް ޕެޝަނޭޓްލީ ކުރާ މަސައްކަތެއް. އަޅުގަނޑުގެ ސަރުކާރުގެ ވަޒީފާގެ ނޫނީވިއްޔާ ޚިދުމަތުގެ ފެށުންވެސް މި ދާއިރާއާ ގުޅިފައި އޮތީމަ ހަމަ ދަންނަވާލާނަން. ކުޑަ ޤައުމަކަށްވިނަމަވެސް، ވިޔަފާރި ކުރަން ބަލާކަމަށްވަންޏާ، ބައެއް ކަންތައްތައް އެބަހުރި އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ. ފުރުޞަތު އެބައޮތްހެއްޔޭ؟ ޝައްކެއްވެސްނެތް. ދިވެހިރާއްޖެއަކީ ފުރުޞަތު ތަނަވަސްވެފައި އޮތް ތަނެއް. ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަދި ދިވެހިރާއްޖޭގައި މިހާރު އުފެދެމުންމިދާ ބޮޑެތި މަސައްކަތްތަކާ ގުޅިގެން ދިވެހިރާއްޖެއަކީ ފުރުޞަތު އޮތް ތަނެއް.

އެހެންވީމާ، ފުރުޞަތު އޮތް ތަނެއް ކަމަށްވަންޏާ، ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންވެސް، ބޭރުގެ ވިޔަފާރިތަކާ ގުޅިގެން، ނޫނީވިއްޔާ ބޭރުގެ ވިޔަފާރިވެރިންވެސް ދިވެހިރާއްޖެއަށް ނާންނަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑުގެ ޚިޔާލަކަށް ނާދޭ. އަންނާނެ. އަދި ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަންކަން އަމިއްލައަށް ރަނގަޅަށް މެނޭޖް ކުރެވޭ ކަމަށްވަންޏާ، މި އޮޕޮޗުނިޓީ، ނޫނީވިއްޔާ ވިޔަފާރީގެ ފުރުޞަތު އޮތް ތަނެއްކަމާ ދޭތެރޭގައި ދެބަސްވާނެ މީހަކު ނުހުންނާނެ.

ދެން ހުރި އިންގްރިޑިއަންޓްސްގެ ތެރޭގައި ބަލައިލަންޖެހޭ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރުކާރުގެ މެކްރޯ އިކޮނޮމިކްސް މެނޭޖް ކުރަނީ ކިހިނެއްހެއްޔޭ؟ މިއީވެސް ހަމަ ރަނގަޅު މައުޟޫޢެއް. ދިވެހިރާއްޖޭގެ މެކްރޯ އިކޮނޮމިކްސް ސްޓޭބަލް ކަމަށްވަންޏާ އަދި ސްޓްރަކްޗަރަލީ އެއަށް ރަނގަޅު ޖަވާބެއް ދެވެންޏާ، ރަނގަޅު މިޞްރާބަކަށް އެކަންކަން ގެންދާ ކަމަށްވަންޏާ، މާލީ އިދާރާތަކުން ދިވެހިރާއްޖެއަށް ރޭޓިންގ ދީފައި، އަދި ދިވެހިރާއްޖެއާ ދޭތެރޭގައި ވިސްނާ ވިސްނުން، އެހެން މީހުން ކައިރީގައި ބުނާއިރު، ރެފަރެންސަކަށް އަހާއިރު ގޯހެއްނުވާނެ. އެކަމަކު މިކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. ދިވެހިރާއްޖޭގެ މެކްރޯ ނިޒާމަކީ، އޭގެ ޒާތުގައި ދައުލަތަށް ލިބޭ އާމްދަނީ، އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ކަންކަމަށްވާންޖެހޭނެ. ދައުލަތުގެ ދަރަނި އަދާކުރަން ކޮންމެ އަހަރަކު އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ ތެރެއިން 12 ޕަސެންޓް ހޭދަކުރަމުން ގޮސްފައި، މިއަދު އަދި 20 ޕަސެންޓުން 25 ޕަސެންޓާ ހަމައަށް ދިޔައިމަ، ހަމަ ކޮންމެ މީހަކުވެސް ބުނާނެ، މިއީކީ ދެމެހެއްޓެނިވިގޮތެއްގައި އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނޭ. އަނެއްކޮޅުން އަޅުގަނޑުމެން ބަލާއިރު، ބަޖެޓުގައި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ތެރެއިން 10 ޕަސެންޓަކީ އަޅުގަނޑުމެން ޖެނެރަސްކަމުން، އަޅުގަނޑުމެން ހެޔޮކަމުން، ޞަދަޤާތްކުރާ އުޞޫލުން ދޭންނުޖެހޭ ފަރާތްތަކަށް، ޙައްޤު ނޫން ފަރާތްތަކަށްވެސް ވަކިގޮތެއް ބަލައިނުލާ ސަބްސިޑީ ދެމުންދަނީ. ބޭސްވިޔަސް، ކަރަންޓް ވިޔަސް، ކާޑުވިޔަސް، އެހެން އެއްޗެއްވިޔަސް، ކިޔެވުން ވިޔަސް. މިދޭ ކަމަށްވަންޏާ މި ބަލަނީ ހުޅަނގުގެ އެންމެ ކުރިއަރާފައި ހުރި ޤައުމުތަކުގައި، އެންމެ ވަރުގަދަ ވެލްފެއަރ އިކޮނޮމީ ހުރި ތަންތަނުގައިވެސް މިއީ ކުރެވޭ ކަންކަމެއް ނޫން.

އެހެންވީމާ، ދިވެހިރާއްޖެ ކަހަލަ އާމްދަނީ ލިބުމުގެ ވަސީލަތް މަދު ތަނެއްގައި، ކޮންމެ ބޭންކަކުންވެސް ޗެކް ލިސްޓެއް ހަދާފައި ފުރަތަމަ ކުރާ ސުވާލުގެ ތެރޭގައި އިޤްތިޞާދު މެނޭޖް ކުރެވޭހެއްޔޭ؟ މެކްރޯ އިކޮނޮމިކް އިންޑިކޭޓަރސް ކުރިއަށް އޮތީ ކިހާވަރަކަށްތޯ؟ އީޖާބީކޮށް ނޫނީވިއްޔާ ބަލައިގަނޭތޯ؟ ބަލާއިރު ސަސްޓެއިން ނުކުރެވޭވަރަކަށް ސަބްސިޑީ ދޭކަމަށްވަންޏާ، އަދި ބޭރުގެ ދަރަނި އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް، އުފައްދާ އެއްޗަކުން ނުބައްދަލު މިންވަރަކަށް ދާކަމަށްވަންޏާ މިއީ އަޅުގަނޑުމެން ރިފްރެޝް ކުރަންޖެހޭނެ ކަންކަން. އެހެން ނޫނީވިއްޔާ ވާރލްޑް ބޭންކްގައިވެސް، އައި.އެމް.އެފް.ގައިވެސް ކަޅު ޞަފްޙާތަކަށް ދިވެހިރާއްޖޭގެ ނަން އަރަންފަށާނެ. އެހިސާބުން އަޅުގަނޑުމެންނަށް މާލީގޮތުން އުފުލަންޖެހޭ ތަކުލީފުތައް މާބޮޑުވާނެ. އެއީ ދުނިޔޭގައި، އައި.އެމް.އެފް.ގައި އަޅުގަނޑުމެން ބައިވެރިވެގެން މިއުޅެނީ، އައި.އެމް.އެފް.ގައި އެހުރި ޓަރމްސް އަޅުގަނޑުމެން ގަބޫލުކުރާތީ. އެހެންވީމާ، އަޅުގަނޑުމެންގެ މާލީ ދުޅަހެޔޮކަން މިދެންނެވި މިންވަރަށް ދަށްވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މާބޮޑު ފޭސްތަކެއް ނޯންނާނެ.

ޝައްކެއްވެސްނެތް، އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ދައުލަތެއް. އެހެންނަމަވެސް، މާލީ ކަންކަމުގައި، ވިޔަފާރީގެ ކަންކަމުގައި އަޅުގަނޑުމެންނަށް ސިޔާސީ ކަންކަމުގައި މި އޮންނަ މިނިވަންކަމެއް ނޯވޭ. ވަރަށްގިނަފަހަރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ ސުވާލެއް. ޑަޒް ދަ ފްލޭގް ފޮލޯ ދަ ޑޮލަރ. އޯރ ޑަޒް ދަ ޑޮލަރ ފޮލޯ ދަ ފްލޭގް. އަޅުގަނޑު އެއްގޮތަކަށްވެސް މީގައި ރަނގަޅު ގޮތަކީ ކޮންގޮތެއްތޯ ދަންނަވާކަށް ނެތިން. އެކަމަކު މިއީ މިދެންނެވީ އީކްއޭޝަން ބެލެންސް ވެގެންދާގޮތް. އެހެންވީމާ، އަޅުގަނޑުމެންނަށް އިސްކަންދެވެނީ ދުނިޔޭގެ ވިޔަފާރީގެ ވެށީގައި މަސައްކަތް ކުރާކަމަށްވަންޏާ، އަޅުގަނޑުމެންގެ އިސްތިޤްލާލަށްތޯ؟ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށްތޯ؟ މިއީ އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވޭ ސުވާލެއް ނޫން. އަޅުގަނޑުމެންނަކީވެސް ކަންކަމުގައި ޙުދޫދެއްގެ ތެރޭގައި، ވިޔަފާރިއާއި ތިޖާރީ ކަންކަމުގައި، މާލީ ކަންކަމުގައި ބަނދެވިފައި ތިބި ބައެއް. ދިވެހިރާއްޖެއަށް ފުރުޞަތު އެބައޮތް. ދިވެހިރާއްޖޭގެ އިޤްތިޞާދަކީ މިދެންނެވި ގޮތަށް ދުޅަހެޔޮ، ރޯބަސް އިޤްތިޞާދެއް. ދެން ބަލަން މިޖެހެނީ ޤާނޫނުތަކާއި ތަންފީޛީ ބާރުގައި ކަންކަން ހުރީ ކިހިނެއްތޯ؟ ޝައްކެއްވެސްނެތްގޮތުގައި، ވަރަށްގިނަ ޤާނޫނުތަކަށް އެދެވޭ ބޮޑެތި ރަނގަޅު ބަދަލުތައް އަންނަމުން އެދަނީ. އެކަމަކު ޤާނޫނު ތަންފީޛު ކުރުމުގައި، އެޕްލިކޭޝަންގައި އެކަން އަޅުގަނޑުމެން ދައްކަން އެބަޖެހޭ. މި ކޮލޯކިއުމްގެ އެއް ބޭނުމަކަށްވާނީ، އެޕްލިކޭޝަނުން އެކަން ދެއްކުން. އަޅުގަނޑުމެން ކިހާވަރަކަށް އެޕްލައި ކުރާ ބަޔަކަށްވޭތޯ ދެއްކުން. އެހެންވީމާ، ވިޔަފާރީގެ މުޢާމަލާތްތަކުގައި، އެއީ ރާއްޖޭގެ ވިޔަފާރިވެރިން ކުރާ މުޢާމަލާތް ކަމުގައިވީނަމަވެސް.

ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ކުރާ މުޢާމަލާތްތައް މަދެއްނޫން. ހަމައެކަނި އިމްޕޯޓް އެކްސްޕޯޓަކު ނޫން. ރާއްޖޭގެ ޓޫރިޒަމް ބައްލަވާ! ރާއްޖޭގެ ޓޫރިޒަމްގެ ޞިނާޢަތަށް ބަލާކަމަށްވަންޏާ، އޭގެ ބޮޑުބަޔަކީ ބޭރު ބައެއްގެ އިންޓްރެސްޓް ޙިއްޞާގެ އިންޓްރެސްޓް. ނޫނީވިއްޔާ ސީދާ ޑިރެކްޓް އިންވެސްޓްމަންޓްގެ އިންފްރާސްޓްރަކްޗަރ. މައްސަލަ ނުޖެހިއެއް ނުދާނެ. ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި މައްސަލަޖެހޭނެ. ޙިއްޞާދާރުންގެ ތެރޭގައި މައްސަލަޖެހޭނެ. ޓޫރިޒަމް މިނިސްޓްރީއާއި ކުންފުންޏާ ދޭތެރޭގައި އެ އޮންނަ ކޮންޓްރެކްޗުއަލް އެގްރީމަންޓްގެ މައްސަލަތައް ޖެހިގެންދާނެ. އެންމެ ރަނގަޅު ގޮތަކީ މީޑިއޭޝަން. ޑިސްޕިއުޓް ރިޒޯލްވް ކުރުމުގައި. އެކަންކަންވެސް ޙައްލުނުވެގެން ދިޔައީމަ، އާރބިޓްރޭޝަން ނޫނީ ކޯޓާ ހަމަޔަށް ދަނީ. ދިވެހިރާއްޖޭގައި މަދަނީ ކޯޓުގައި، މިސާލަކަށް މިހާރު އެދިޔައީ ޑިސްޕިއުޓް ރެޒޮލިއުޝަންގައި މެކޭނިޒަމެއް ޤާއިމުކުރެވިގެން. އެހެންނަމަވެސް، އަދިވެސް އެ ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ތިން މަރުޙަލާ އަޅުގަނޑުމެން އެބަ ކަޑައްތު ކުރަންޖެހޭ. ކަޑައްތު ކުރާއިރު، މިދެންނެވި ގޮތަށް ވިޔަފާރީގެ ބޮޑެތި މުޢާމަލާތްތައް އަވަސްކަމާއެކީ އިތުބާރުހުރި ގޮތަކަށް ނިމޭ ކަމަށްވަންޏާ، އެއަށްވުރެ ރަނގަޅު ހަދިޔާއެއް ދިވެހިރާއްޖޭގެ ޖުޑީޝަރީއަކުން ދިވެހި ވިޔަފާރިވެރިންނަކަށް، ދިވެހި ދައުލަތަކަށް މިއަދަކު ނުދެއްވޭނެ. އެހެންވެގެން މި ކޮލޯކިއުމް އެހާ މުހިންމުވަނީ.

އެންމެ ވަރުގަދަ، އެންމެ ރަނގަޅު ހަދިޔާއަކަށްވާނީ ހަމަ ޙަޤީޤަތުގައިވެސް މައްސަލަތައް ނިމިގެންދާއިރު، މައްސަލަތައް ނިމިގެންދާ އަވަސްމިން. ފަނޑިޔާރުގެތަކުން މައްސަލަތައް ނިމިގެންދާއިރު، އަބަދުވެސް އަބަދުވެސް ކޮންމެވެސް އެކަކު ހިތްހަމަނުޖެހޭނެ. ދެޚަޞްމުންގެ ތެރެއިން ކޮންމެވެސް އެއް ޚަޞްމަކު ހިތްހަމަނުޖެހޭނެ. މައްސަލައެއް ނޫނޭ ދަންނަވަނީކީ ނޫން. އެކަމަކު އެހެންވެގެން ދޮގެއްތޯ، ހައިކޯޓުގެ މަރުޙަލާ އެއޮތީ. އަދި އެހިސާބުންވެސް ފުރޭނިގެންދާ ކަމަށްވަންޏާ، ސުޕްރީމް ކޯޓަށް ބަލައިގަނެވޭ ކަމަށްވަންޏާ އަދި އެހިސާބުން ސުޕްރީމް ކޯޓުވެސް އެއޮތީ. އެކަމަކު މި ތިން މަރުޙަލާއިން ނިމިގެންދާއިރު، އަޅުގަނޑުގެ ހިތުގައި ސުވާލެއް ނުކުރަން، އެ މައްސަލައާ ދޭތެރޭގައި. އެކަމަކު ހިތްހަމަނުޖެހޭ މީހުން ނުތިބޭނެއެކޭ ނޫން. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮންނަ ޙައްޤުތަކަކީ. އަދި ޖުޑީޝަރީގައި ހިނގަން އޮތް މަރުޙަލާ ބަޔާންކޮށްދީފައި އެއޮތީ. އެހެންވީމާ، އެހިސާބުން ނިމިގެންދާއިރު، އެ މައްސަލައެއް ނިންމާފައި އޮތް އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ ދޭތެރޭގައި ސުވާލެއް ނުއުފެއްދޭނެ. އެކަމަކު އަބަދުވެސް ސުވާލު އުފެއްދޭނީ، އިދާރީގޮތުން އެކަންކަން ނިމިގެންދާއިރު، ކޯޓުގެ ތެރޭގައި މި ހުންނަ ރެޑްޓޭޕް ކުޑަވެގެންދަނީ ކިހާވަރަކަށްތޯ؟

ދެންމެ ޗީފް ޖަސްޓިސްގެ ވާހަކަފުޅުގައި މީގެ ބައެއް ކަންކަމަށް އިޝާރާތް ކުރެއްވި. އެކަމަކު ކޯޓުތެރޭގައި މައްސަލަ ފައިލް ކުރުމާއި، ކޭސް ހިންގަން ފެށުމާއި، އަދި ކޭހަށް މައްސަލަ ބަލައިގަތުން ނޫނީ މައްސަލައިގައި ހުށަހެޅޭ ޑޮކިއުމަންޓެއް ބަލައިގަތުން. މިކަންކަމުގެ ތެރޭގައި މައްސަލައިގެ އަވަސްމިނާއި ލަސްމިނަށް ފަނޑިޔާރުންނަށް ކަންކަން ކޮށްދެއްވޭނެ. އެކަންކަން އަވަސްވުން އޮތީ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ވެއްޖިއްޔާ އަޅުގަނޑުމެން މި މަސައްކަތްކުރާ މިޞްރާބަށް ދިވެހި ޖުޑީޝަރީގެ ފަރާތުން ދެއްވޭނެ އެންމެބޮޑު އެއްބާރުލެއްވުމަކީ އެއީ. ދެން ވަރަށް އިޙްސާންތެރިކަމާއެކީ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ ކަށަވަރުކަން ދެއްވާފައި. މިދެންނެވި ކަހަލަ މާލީ ބޮޑެތި އިދާރާތަކަށް ގެއްލުންވާ ނޫނީ އަސަރުކުރާ ކަހަލަ ބޮޑެތި މައްސަލަތައް، މާލީ މުޢާމަލާތުގެ މައްސަލަތައް ކަމަށްވަންޏާ، ފުރަތަމަ މަރުޙަލާއިން ފެށިގެން ސުޕްރީމް ކޯޓުގެ މަރުޙަލާ ކަޑައްތުކޮށް ނިމޭއިރު، ފަސްމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް. މިއީ ދެން ހަމަ ޖާދޫ. މިއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ބަލައިގަންނަން ބޭނުންވާ ކަންކަން.

އެހެންވީމާ، މި އަވަސްމިން އެބަ އަންނަންޖެހޭ ވިޔަފާރީގެ ހުރިހާ ބޮޑެތި މުޢާމަލާތްތަކަށްވެސް. އެވަރަށް އަޅުގަނޑުމެންގެ ގިއަރު، އެއްވަނަ ގިއަރަށް ޖައްސައިގެން އަޅުގަނޑުމެންނަށް އެއްވަނަ ގިއަރުވިޔަސް، ތިންވަނަ ގިއަރުވިޔަސް، ދެން އެންމެ ބާރަށް ދުއްވާ ގިއަރަކަށް ޖައްސައިގެން، އަޅުގަނޑުމެންނަށް ގެންދެވޭ ކަމަށްވަންޏާ، މި ކޮލޯކިއުމް އެޕްލައި ކުރުމުގައި އެއީ، އަޅުގަނޑުމެންނަށް ބޭރަށް ދައްކައިދެވޭނެ މިސާލުތައް. ދިވެހިރާއްޖޭގައި އޮތް ނިޒާމުތަކާ ދޭތެރޭގައި އަބަދުވެސް އަބަދުވެސް މައްސަލަ ޖައްސާ ފަރާތްތައް ތިބޭނެ. އެކަމަކު އެއީ އެމީހުންގެ ފޭވަރިޓް ޕާސްޓައިމް. އަދި ބައެއް މީހުންނަށް ލާރި ލިބޭނީވެސް އެކަހަލަ އާޓިކަލްވެސް ލިޔެގެންކަންނޭނގެ. އެކަމަކު އެއީ މިނިވަން ދައުލަތެއް ގޮތަށް އަޅުގަނޑުމެން އޮންނައިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. އެކަމަކު އެއަކަށް ސަމާލުކަން ހުއްޓިގެން އަޅުގަނޑުމެންގެ މަސައްކަތް ހުއްޓާލަންޖެހޭ ކަންކަމެއް ނޫން. އަބަދުވެސް އެ ކްރިޓިޒަމާއެކީ ދައުލަތެއް ކުރިއަށްދާނީ. އަދި އަމުދުން ދިވެހިރާއްޖޭގެ މިދިޔަ ފަހުގެ ދިހަވަރަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖެއަށް އަޅުގަނޑުމެން ފޮރިން އިންވެސްޓްމަންޓަށްވުރެ ބޮޑަށް އެތެރެކޮށްފައި ހުރީ މިދެންނެވި ކަހަލަ ކްރިޓިސިޒަމް. އެހެންވީމާ، އެއާއެކީ އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އެކަން އަންނާނެ. އެކަމަކު ދާންވާ މިޞްރާބު އަޅުގަނޑުމެންނަށް އެނގި، އެ ސާބިތުކަން ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ދާންވާ ހިސާބަށް އަޅުގަނޑުމެން ދާނެ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ.

އެހެންވީމާ، ދިވެހި ދައުލަތުގެ މިޞްރާބަކީ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގައި ފަހި ފެހި ވެށްޓެއް ދިވެހި ވިޔަފާރިވެރިންނަށް، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ދިވެހި ވިޔަފާރިވެރިންނަށް، ޖޮއިންޓް ވެންޗަރސްއަށް އަދި ބޭރުގެ ހަންޑްރެޑް ޕަސެންޓް ފޮރިން ކެޕިޓަލެއް އޮތުން. މިކަންކަން އަޅުގަނޑުމެން އިދާރީގޮތުން ނޫނީވިއްޔާ ދައުލަތުގެ ފަރާތުން ސަރުކާރުން ޤާނޫނުތައް ހުށަހެޅުމާއި ފާސްކުރުމާ، މި ބައިބައި އަޅުގަނޑުމެން ގެންދާނަން. އެކަމަކު މީގެ މުހިންމު ކަމަކީ ހަމަ ޙަޤީޤަތުގައިވެސް މިކަންކަން އެޕްލައި ވެގެންދާގޮތް ބޭރު ދުނިޔެއަށް، ރާއްޖޭގެ ވިޔަފާރިވެރިންނަށް މި ފަސޭހަކަން ފެނިގެން ވިޓްނަސް ކުރެވިގެން ދިޔުން. އެކަންކަން އޮތީ ތަންފީޛީ ބާރެއްގެ ގޮތުގައި ޖުޑީޝަރީގެ އަތްޕުޅުމަތީގައި. އެހެންވީމާ، އެކަން އަޅުގަނޑުމެންނަށް ކޮށްދެއްވާ. އެއީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް އަދި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދުވެއްޔަށް އެންމެ ވަރުގަދަ ބަދަލެއް ގެނެސްދެއްވޭނެ އެކަމުން. ހޫ އިޒް ރޭޓިންގ، ޝައްކެއްވެސްނެތް މުހިންމު. މީގައި ޝައްކެއްވެސްނެތްގޮތުގައި މުހިންމު. އައި.އެމް.އެފް. އިން ލިޔާ ރަނގަޅު ރިޕޯޓްތައް ވަރަށް މުހިންމު. ވާރލްޑް ބޭންކުން ކުރާ ރެކޮމެންޑޭޝަންތައް، ނޫނީ ދިވެހިރާއްޖެއަށް މިދޭ ރަނގަޅު ރޭޓިންގ ވަރަށް މުހިންމު. އެކަމަކު މިހުރިހާ ކަމަކާއެކީވެސް އެންމެ ފައިނަލް އީކްއޭޝަނަކީ، އެންމެފަހުގެ ތަޙުލީލީ ނަތީޖާއަކަށްވާންޖެހޭނީ، ދިވެހިރާއްޖޭގައި ޢަދުލުގެ ނިޒާމުގެ ތެރެއިން ޙައްލު ލިބިގެންދަނީ ކިހާ އަވަސްމިނެއްގައިތޯ؟ މި ޖަވާބު އަޅުގަނޑުމެން ހޯދަން ބޭނުންވަނީ މި ކޮލޯކިއުމުން. މިކަން އެޕްލައިވެގެން ދިޔައީމަ، ދިވެހިރާއްޖެއަކީ ޝައްކެއްވެސްނެތްގޮތުގައި ވިޔަފާރިއަށް އެންމެ ފަހި މާޙައުލު، ނޫނީ އެންމެ ފަހި ވެށްޓެއް އޮތް ޤައުމު ކަމަށް ވެގެންދާނެ. އަދި އަޅުގަނޑުމެން އިތުރަށް ހަމައެކަނި ރޭޓިންގ ހަދާ މީހުން ރުއްސާކަށެއް ނޫން. އަޅުގަނޑުމެން އަމިއްލަ ފަސޭހަކަމަށްޓަކައި، އަޅުގަނޑުމެން އަމިއްލަ ޝަރަފަށްޓަކައި ފަޚްރުވެރިވުމަށްޓަކައި މިކަންކަން ދިވެހިރާއްޖޭގައި ރަނގަޅުވެގެންދާންޖެހޭ. އޭގެ ނަތީޖާއަކަށްވާނީ، އިތުރު މަސައްކަތެއް ނުކުރި ނަމަވެސް، އަޅުގަނޑުމެންގެ ރޭޓިންގ، ޑުއިންގ ބިޒްނަސް، މި ރޭޓިންގ، މިސާލަކަށް 135 ވަނައިގައި މިހާރު ރޭންކް ކުރެވިފައި އޮތިއްޔާ، ދާދި އަވަހަށް މި 60 އަށް ނޫނީވިއްޔާ 35 އާ ހަމައަށް ޖެހިގެން ދިޔުން. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި، އިކޮނޮމީ މެނޭޖްކުރެވޭގޮތާއި، އިކޮނޮމީގެ ފުރުޞަތުތައް އޮތް މިންވަރާއި، އިކޮނޮމީގެ ރޯބަސްޓްނަސްއާއި އަދި ހެދިފައި ހުރި ޤާނޫނުތަކާ، މިކަންކަމަށް ބަލާކަމަށްވަންޏާ، އަދި ކުޑަ ޤައުމަކަށްވީމަ، ކަންކަން ނިންމުމުގެ ފަސޭހަކަން ހުރި ޤާބިލުކަމަށް ބަލާކަމަށްވަންޏާ، ކޮމްޕިޓަންސަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ ކެރުންތެރިކަން ހުރި މިންވަރުން ކޮމްޕިޓަންސްއަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެ ރޭޓިންގގައި ދަށަށްދާންޖެހޭ އެއްވެސް ސަބަބެއް ނެތް. ހަމަ އޮތީ އެޕްލިކޭޝަން. އެ އެޕްލިކޭޝަންގައި އެންމެބޮޑު ބަދަލެއް ގެނެސްދެއްވޭނެ ފަރާތަކަށްވާނީ ޖުޑީޝަރީ.

އަޅުގަނޑު އެދެނީ ހުރިހާ ބައިވެރިންނަށް ވަރަށް ރަނގަޅު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް. އަދި މި ކޮލޯކިއުމްގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ތަންފީޛީ އިދާރާތަކާއި، ކޯޕަރޭޓް ލީޑަރސް މިކުރައްވާ މަސައްކަތުގައި އަޅުގަނޑުމެން ހިންގަވާ، އަޅުގަނޑުމެންގެ ޖުޑީޝަރީއަށް އިތުރަށް ހިތްވަރުދެމާ. އަޅުގަނޑުމެން ޖުޑީޝަރީގެ ކޮމްޕިޓަންސާ ދޭތެރޭގައި އަޅުގަނޑުމެންނެއް ސުވާލެއް ނުއުފައްދަން. އެހެންވީމާ، މައްސަލަތައް އަވަހަށް ނިމިގެން ދިޔުމަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިޞްރާބު ހިފަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދާ ކަމަކަށް ވެގެންދާނެ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ ކޮލޯކިއުމަށް ކާމިޔާބު. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތް، ދިވެހިރާއްޖެއަކީ ވިޔަފާރިއާއި މާލީ ކަންކަމުގައި، ހަމަ ސަރަޙައްދު ކީއްކުރަންތޯ، މުޅި ދުނިޔޭގައިވެސް ކުރިއަރާފައި އޮތް ޤައުމަކަށް ވެގެންދާތަން އެންމެހައި ބޭފުޅުންނަށް ފެނުން އަޅުގަނޑުމެންގެ އުންމީދަކީ. އިރާދަކުރެއްވިއްޔާ މި ތަޞައްވުރު ހާސިލުވެގެންދާނެ.

والسّلام عليــكم ورحـمــة اللّـه وبـركاتـه.