السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.


އާދެ، ކޮޅުމަޑުލުގެ ރަށްރަށަށް އަޅުގަނޑު ކުރާ ދަތުރު މިއަދު ނިމުމަކަށް މިއަންނަނީ. އެންމެފަހު ރަށެއްގެ ގޮތުގައި މިހާރު އަޅުގަނޑު އައިސް މިހުރީ ބުރުނީގައި. އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް މިއަދު ދެކެނީ، ބުރުނީގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދެންނެވުން. އެއީ އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު އަޅުގަނޑުގެ އިސްތިޤްބާލަށްޓަކައި، ރަށުގެ ރައްޔިތުން ތައްޔާރު ކުރައްވައިފައިވާލެއް ފުރިހަމަކަމުން.


އާދެ، ރަށަކީ މާބޮޑު ރަށެއް ނޫން. މީސްކޮޅުވެސް މަދުރަށެއް. އެހެންނަމަވެސް، ވަރަށް އެކަށީގެންވާ ފެންވަރަށް މިއަދަށްޓަކައި ރަށުތެރެ ޒީނަތްތެރިވެފައިވާތަން އަޅުގަނޑަށްފެނޭ. އާދެ، އެކަންކަން ބުރުނީގެ ރައްޔިތުން ކުރައްވައިފައިވަނީ އިޚުލާސްތެރިކަމާއެކު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުން ކަމަށްވާތީ، އަޅުގަނޑު ވަރަށް އުފާކޮށް، ބުރުނީގެ ވެރިންނަށާއި، ރައްޔިތުންނަށް ޝުކުރު ދަންނަވަން.


އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބޭނުން އަޅުގަނޑު ހިތުން ބުރުނީގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. މަޤްޞަދަކީ ރާއްޖެތެރެއަށް ސަރުކާރުން އެހީވެވެން އޮންނާނެ ރޮނގުތައް ހޯދައި، ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީކުރުމަށްޓަކައި، އެ އެހީތައް ރާއްޖެތެރެއަށް ލިބިދިނުމުގެ އިންތިޒާމު ހަމަޖެއްސުން. މީގެކުރިން އަޅުގަނޑު ވަރަށް ގިނަ އަތޮޅުތަކަށް ދަތުރުކުރިން. ހަމައެފަދައިން، ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުގެ ވެރިންވެސްވަނީ ދަތުރުކުރައްވައިފައި. އެ ދަތުރުތަކުން ފެނުނު ކަންތައްތަކާއި، އަދި ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ މަޝްރޫޢެއް ވަނީ ރާވައިފައި. އެމަޝްރޫޢަށް ވަކި އަދަދަކަށް ފައިސާވެސްވަނީ ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި.


އާދެ، އެމަޝްރޫޢު އޭރު ރޭވީ ވަރަށް ކުއްލިގޮތެއްގައި. އެއީ ރާއްޖެތެރޭގެ ކަންތައްތައް ގޮސްފައިވާ ހިސާބުން ވަރަށް އަވަހަށް އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ފެނިގެން. އެހެންވީމާ، ވަރަށް އަވަހަށް ތައްޔާރުކުރި މަޝްރޫޢެއް އެއީ. އެމަޝްރޫޢުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެވިފައިވަނީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންތައްތައް ރަނގަޅު ކުރުމުގެ މައްޗަށް. މިސާލަކަށް މިސްކިތްތައް ހަލާކުވެ، ވީރާނާވެފައިވާ ތަންތާނގައި އަލުން މިސްކިތް އިމާރާތް ކޮށްދިނުން. އޮފީސްތައް ހަލާކުވެ ބޭނުންނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ތަންތާނގައި އަލުން އޮފީސްތައް ހަދައިދިނުން. ނުވަތަ ބޭނުންކުރެވޭވަރަށް ހުރި ނަމަވެސް، މަރާމާތަށް ބޭނުންވެފައިވާ މިސްކިތްތަކާއި އޮފީސްތައް މަރާމާތުކޮށްދިނުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފައްދައި، ޝަރީޢަތް ހިނގާނޭގޮތްތައް މެދުވެރިކޮށްދިނުން. އަތޮޅުއޮފީސްތަކާއި، ރަށްރަށުގެ އޮފީސްތަކަށް މުވައްޒަފުން އިތުރުކޮށް، އެމީހުންގެ މުސާރަ ހަމަޖައްސައިދީ، އެތަންތަން ހަލުވިކަމާއެކު ހިނގާނޭ ގޮތްތައް މެދުވެރިކޮށްދިނުން. އަދި ބައެއް ރަށްރަށުގައި ފަޅުކޮނެ، ނެރުގޮއްވައި މިބާވަތުގެ ކަންތައްކުރުން.


އާދެ، އެއީ ރާއްޖެތެރޭގެ މި ދެންނެވި ކަންތައްތައްވަނީ ވަރަށްގިނަދުވަސް ވަންދެން އިހުމާލުކުރެވިފައި ކަމަށްވާތީ، ކުއްލިއަކަށް އެކަންކަން ކުރަންޖެހިފައި އޮތުމުގެ ސަބަބުން މަޝްރޫޢުގައި އެގޮތަށް ރޭވުނީ. އެހެންނަމަވެސް ކުރަންވެފައިވާ ކަންތައްތައް ގިނަކަމާއި، އެކަމަށް ހިނގާނެ ހަރަދުގެ ބޮޑުކަމުން އެއްފަހަރާ އެ ހުރިހާކަމެއް ނުކުރެވޭ. އަދި ނުވެސްކުރެވޭނެ. އަޅުގަނޑުހިތުން ބުރުނީގެ ރައްޔިތުންނަށްވެސް އެކަން ވިސްނިވަޑައިގަންނަވާނެ. އެހެންވީމާ، ސަރުކާރުން ހަމަޖެއްސީ އެންމެފުރަތަމަ އެކަންތައްތަކުގެ ތެރެއިން އެންމެބޮޑަށް އެކަންކަން ރަނގަޅުކުރުމަށް ބޭނުންވެފައިވާ ތަންތާނގައި އެކަންތައްތައް ކުރާގޮތަށް. އޭގެފަހުން ދެންހުރި ރަށްރަށުގައި ކުރާގޮތަށް. ގާތްގަނޑަކަށް ހަމަ ހުރިހާ ރަށެއްގައިވެސް މިދެންނެވިކަހަލަ ޚިދުމަތްތައް ޖެހެނީ ރަނގަޅުކުރަން. އެހެންވީމާ، ސަރުކާރުން ވަރަށް ބޮޑު ހަރަދެއްކޮށްގެން، ވަރަށްގިނަ މަސައްކަތް ކޮށްގެން، އެކަންތައްތައް ރަނގަޅުކުރަމުން މިހާރު އެ ގެންދަނީ.


ވަރަށް ގިނަ ރަށްރަށުގައި އަލުން މިސްކިތްތައް އިމާރާތްކޮށް، އެހެން ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކޮށް، ރަށުގެ އޮފީސްތައްވެސް ހަމަ އެފަދައިން މަރާމާތުކޮށް، ނުވަތަ އިމާރާތްކޮށް، މިގޮތަށް މިހާރު މަސައްކަތް ކުރަމުން އެބަގެންދޭ. ފަޅުކޮނުމާއި، ނެރުގޮއްވުމުގެ މަސައްކަތްވެސް އެބަހިނގާ. އެކަމަކު އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އެކަންތައްތައް ގިނަކަމާއި، ހަރަދުގެ ބޮޑުކަމުންނާއި، އަދި ރާއްޖެތެރޭގައި ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުން ތަންކޮޅެއް ލަސްލަހުން އެކަންތައްދަނީ. އެހެންނަމަވެސް އަޅުގަނޑު ޔަޤީންކޮށްއަރުވަން، އެހުރިހާ ކަމެއްވެސް ހިނގަމުންދާނެ ކަމަށް. މި ރަށަށްވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ބައެއް ކަންކަން ހަމަޖެހިފައިވޭ. އެކަމުގެ ތަފުސީލު އަޅުގަނޑުގެ ފަހުން މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއަރޒް ދެއްވާނެ. އެހެންވީމާ، ކޮންމެހެން އަޅުގަނޑު އެ ވާހަކަ ނުދެންނެވިޔަސް، މިފުރުޞަތުގައި ފުދޭނެކަމަށް ދެކެން.


އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެވިފައިވާކަމަކީ ކިޔަވާ ޢުމުރުގެ ކުދިންނަށް ކިޔެވޭނެ ފުރުޞަތެއް ހޯދައިދިނުން. އާދެ، އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު ސަރުކާރުގެ ހަރަދުގައި ހިނގާ މަދަރުސާއެއް އެބަހުރި. މި އަތޮޅުގައިވެސް އެކަހަލަ މަދަރުސާއެއް އެބަހުރި. އެމަދަރުސާގެ ބޭނުމަކީ ހަމައެކަނި އެމަދަރުސާ ހުންނަ ރަށުގެ ކުދިންނަށް ކިޔަވައިދިނުމެއް ނޫން. މަޤްޞަދަކީ އަތޮޅުގެ ކުދިންގެ ތެރެއިން ވީހާގިނަ ބަޔަކަށް ކިޔަވައިދިނުން. އެހެންނަމަވެސް، ކުދިންވެސް އެމަދަރުސާ ހުންނަ ރަށަށް ގޮސްގެން، އެތާނގައި ތިބުމުގެ އިންތިޒާމުވެސް ހަމަޖެއްސުމަކީ މާ ފަސޭހަކަމަކަށް ނުވާނެތީ، އަދި އޭގެ ބޭނުން އެހާފުޅާ ދާއިރާއަކަށް ނުފެތުރި އޮތީ. މިދެންނެވި މަދަރުސާގެ އިތުރަށް، އަތޮޅު ތަޢުލީމީ މަރުކަޒެއްވެސް ވަރަށް ގިނަ ތަންތާނގައި މިހާރު ހުޅުވި، ހިނގަމުން އެބަދޭ. މިއަތޮޅުގައިވެސް، މިއަތޮޅުގެ ތަޢުލީމީ މަރުކަޒު އެބަހުރި. ތިމަރަފުށީގައި އެތަން ހިނގަމުން އެބަދޭ. އެތަން އެއީވެސް ކުރިންވެސް ދެންނެވި ފަދައިން، މުޅި އަތޮޅުގެ ކުދިންނަށް ހަދައިދެވިފައިވާ ތަނެއް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، މުސްތަޤުބަލުގައި އޭގެ ޚިދުމަތްތައް އަތޮޅުގެ އެހެން ރަށްރަށުގެ ކުދިންނަށްވެސް ލިބެމުންދާނެ ކަމަށް. އޭގެއިތުރުންވެސް ބައެއް އަތޮޅުތަކުގައި، ބައެއް ބޭރު ޤައުމުގެ އެހީގައި ސަރުކާރުން މަދަރުސާ އުފައްދާގޮތަށް ވަނީ ހަމަޖެހިފައި.


އެހެންވީމާ، މުސްތަޤުބަލުގައި ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ފަރާތުން ހިންގާ އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ހުންނާނެ. އާދެ، އެވަރަށް އަދި މަދަރުސާ ހުރިކަމުގައިވިޔަސް، އަތޮޅުގައި ތިބި ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ކިޔަވާނޭ ފުރުޞަތެއް ނުވަތަ ކިޔެވުމުގެ ޖާގައެއް އެތަނަކުން ނުލިބޭނެ. އެހެންވީމާ، ހަދަންޖެހޭނެ ގޮތަކީ ކޮންމެ ރަށެއްގައިވެސް އެރަށުގެ ރައްޔިތުންގެ ފަރާތުން މަކްތަބެއް ހިންގަވަންޖެހޭނެ، ސަރުކާރުގެ އެހީއެއް ލިބެންދެން. އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުން އެހީވާ އުސޫލެއްވެސް އޮވޭ. އާދެ، ބުރުނީގައިވެސް ވަރަށް ގިނަ ދުވަސްވަންދެން ހިންގައިފައިވާ މަކްތަބެއް އެބަހުރި. އެހެންނަމަވެސް އަދި ރަޖިސްޓަރީ ކުރިތާ ދިހަ އަހަރު ނުވާތީ އެތަނަށް ގަވާއިދުން އެ ލިބޭ ފައިސާ އަދި ނުލިބި އޮތީ. ކޮންމެއަކަސް އެދުވަސް ހަމަވުމުން އެފައިސާވެސް ލިބެމުންދާނެ. އޭގެއިތުރުން އެކަށީގެންވާ މުއްދަތަކަށް ރަނގަޅު ފެންވަރެއްގައި ހިންގާ މަދަރުސާތަކަށާއި މަކްތަބުތަކަށް ސަރުކާރުން އެކިއެކި ޢިނާޔަތް މިހާރު ދެމުންގެންދޭ، އެތަންތަނަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދިނުމުގެ ގޮތުން. މިސާލަކަށް އިމާރާތް މަރާމާތުކުރަން ބޭނުންވެފައިވަންޏާ މަރާމާތުކުރުން. ނުވަތަ މުދައްރިސަކު ބޭނުންވެފައިވަންޏާ މުދައްރިސަކު ހޯދައިދިނުން. ގޮނޑި މޭޒުފަދަ އެއްޗެތި ބޭނުންވަންޏާ އެތަކެތި ހޯދައިދިނުން. ނުވަތަ ކޮންމެވެސް ފައިސާއެއްގެ އެހީއެއް، އެކަހަލަ ޢިނާޔަތްތައް އަމިއްލަ ތަންތަނަށްވެސް ވަމުން އެބަގެންދަން. އެއީ ދިހައަހަރު ނުވެ ހުރިތަންތަން ކަމުގައިވިޔަސް. ބޭނުމަކީ ރައްޔިތުން އަމިއްލައަށް މަސައްކަތެއް ފަށައިގަނެގެން އެމީހުން އެކަށީގެންވާ ފެންވަރަކަށް އެކަންތައް ގެންދިޔުން. ދެން ސަރުކާރުން އެހީވާން ފެށިދާނެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ބަޔަކަށް ސަރުކާރުންވެސް އެހީވުމަކީ ފަސޭހެކަމަކަށް ނުވާނެ. އަދި އެއީ މަޤުބޫލު ކަމަކަށްވެސް ނުވާނެ.


އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ބުރުނީގެ ރައްޔިތުންވެސް މިރަށުގައި މިހާރު ހިނގަމުންމިދާ މަކްތަބު ވަރަށް ރަނގަޅަށް ހިންގެވޭތޯ ބެއްލެވުން. އެއީ އޭގެ ސަބަބުން މި ރަށަށް ލިބޭނެ ފައިދާއަށްޓަކައި. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ވާޖިބެއް އެމީހެއްގެ ދަރިންނަށް ކިޔަވައިދިނުމަކީ. އެކުދިންނަށް ކިޔެވޭނީ މި ޢުމުރުގައި. މިހާރު އެތިބި ޢުމުރުގައި ތިބެގެން ކިޔެވޭނީ. އެ ފުރުޞަތު ގެއްލިއްޖެއްޔާ ދެން އެފުރުޞަތު އެމީހުންނަށް ދުވަހަކުވެސް ނުލިބި ހިނގައިދާނެ. އެހެންވީމާ، އެފުރުޞަތު ގެއްލިގެންދިޔަނުދެއްވުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. މިހާރުވެސް އަޅުގަނޑަށް ފެންނަގޮތުގައި މިރަށުގެ މަކްތަބު ހިނގަމުންދަނީ ރަނގަޅަށް. ކުދިންކޮޅަށް ބަލައިލާއިރުވެސް ވަރަށް ރީތި، ސާފު ޔުނިފޯމުތަކެއްގައި މިތިބީ ވަރަށް އެކަށީގެންވާ ގޮތަކަށް. އެހެންވީމާ، އެއިން އަޅުގނަޑުމެންނަށް އެނގޭ އެއްޗަކީ މިރަށުގެ ރައްޔިތުންގެ ހިތްތަކުގައިވެސް ތަޢުލީމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައިވާކަން. އަދި މިރަށުގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ބައެއްކަން.


އާދެ، އެގޮތުން ރަށުގެ ރައްޔިތުން އަދިވެސް ކުރިޔަށް އޮތް ތާނގައި އެމަސައްކަތް އެކަށީގެންވާ ދަރަޖައަކަށް ގެންދެވުން ބޭނުންވޭ. އޭރުން ފަހުން ސަރުކާރުގެ އެހީތައް ލިބެމުންދާނެ. އާދެ، ރާއްޖެތެރެ ތަރައްޤީ ކުރަމުން ގެންދާއިރު އިޤުތިޞާދީ ތަރައްޤީއަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ. އެއީ އާމްދަނީ ލިބޭނެ މަގުތައް ހޯދައި، އާމްދަނީ އިތުރުކުރުން. އާމްދަނީ އިތުރުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކުރެވޭކަށެއް ނޯވޭ. ކިތަންމެ ބޭނުންތެރި ކަމެއްނަމަވެސް ހަރަދަކަށް ބޭނުންވޭ. ތަނެއްގައި މަދަރުސާއެއް ހަދަން ބޭނުންވިޔަސް، އިމާރާތްކުރުމުގެ ހަރަދާއި، މުދައްރިސުންގެ ހަރަދާއި، ހިންގުމުގެ ހަރަދާއި، އެކަހަލަ ކިތަންމެ ހަރަދުތަކެއް ކުރަންޖެހޭނެ. މިސްކިތެއް ހަދަން ބޭނުންވިޔަސް، އެ އިމާރާތްކުރުމުގެ ހަރަދުވެސް އެއީ ވަރަށް ބޮޑު ހަރަދަކަށްވޭ. އެހެންވީމާ، ކޮންމެކަމެއް ކުރާއިރުވެސް އެކަމަށް ބޭނުންވާ ހަރަދު ކޮންމެވެސްތާކުން ލިބެންޖެހޭ. އެ ހަރަދު ލިބޭނީ އަޅުގަނޑުމެންކުރާ މަސައްކަތްތައް އިތުރުކޮށްގެން އެމަސައްކަތުން ލިބޭ އެއްޗެއް އިތުރުވެގެން.


ރާއްޖެތެރޭގެ އެންމެގިނަމީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. މި ރަށަކީވެސް މަސްވެރިކަން ކޮށްއުޅޭ ރަށެއް. އެހެންވީމާ، މަސްވެރިކަން މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަންކުރާ މީހުންގެ ވާޖިބަކަށްވާނެ. މަސްވެރިކަން ތަރައްޤީކޮށްގެން ނޫނީ، އަޅުގަނޑުމެންނަށް އެއްވެސް ގޮތަކުން ކުރިޔަށް ދެވޭކަށެއް ނެތް. އެންމެ ބޮޑު އާމްދަނީ ލިބޭ ކަމަކީ އެއީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން މަސްވެރިކަމަށް މިދޭ އަހަންމިއްޔަތަށްވުރެ ބޮޑު އަހަންމިއްޔަތެއް ދޭންވެއްޖެ. އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވިގެން ނޫނީ އެއްގޮތަކަށްވެސް މަސްވެރިކަން ތަރައްޤީއެއްނުވާނެ. މަސްވެރިކަން ތަރައްޤީވެގެންނޫނީ އަޅުގަނޑުމެންނަށް ތަނަވަސްކަން އިތުރުވަމުންނެއް ނުދާނެ. މިހާރު މިރަށުގައިވެސް ކަންދިމާވެފައިވާ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް. ކުރިން ބައެއް އިންޖީނު ބެހެއްޓި ދޯނިފަހަރު މިރަށުގައި މަހަށްދާގޮތަށް އޮތީ ހަމަޖެހިފައި. މަހަށްގޮސްވެސް އުޅޭ. އެހެން ނަމަވެސް ކަންދިމާވިގޮތުން މިހާރު އެދޯނިފަހަރު މަސްވެރިކަމުގައި ބޭނުމެއްނުކުރެވޭ. އެހެންވީމާ، އެއީ ރަށަށް ލިބުނު ދެރަކަމެއް. ކޮންމެއަކަސް ދެންވެސް ރަށުގެ ރައްޔިތުން މަސައްކަތް ކުރަންވީ އިތުރު ގޮތްތަކެއް ހޯދޭތޯ. އިތުރު ގޮތްތައް ހޯދައިގެން މަސްވެރިކަމުގެ ކަންތައް ކުރިޔަށް ގެންދެވޭތޯ. އެނޫން ގޮތަކުން އަޅުގަނޑުމެންނަށް ކުރިޔަށްދެވޭކަށް ނޯންނާނެ. މަސްވެރިކަން ފިޔަވައި ރަށުގައި ތިބެގެން ދެންކުރާ މަސައްކަތުންވެސް އާމްދަނީއެއް ލިބުން އެކަށީގެންވޭ. އެހެންނަމަވެސް އެއީ މަސްވެރިކަމުގެ އާމްދަނީއަށް ބަލާއިރު އެއްވެސް އެއްޗަކަށްނުވޭ.


ސަރުކާރުގެ ފަރާތުން މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަމުންގެންދޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމެއް، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. އެމަސައްކަތް މިހާރުވެސް ދަނީ ކުރިޔަށް. އެއީ މިދިޔަ މަސްވެރިންގެ ދުވަހުގައި އިޢުލާނު ކުރެވުނު ފަދައިން، އިތުރަށް އިންޖީނަށް އެދޭ މީހުންނަށް އިންޖީނު ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެމީހުން ފޯމު ފުރައިގެން، ގަވާއިދުން މިނިސްޓްރީ އޮފް ފިޝަރީޒަށް ފޯމު ލުމުގެ މުއްދަތެއްވެސް ވަނީ ކަނޑައަޅުއްވައިފައި. އެހެންވީމާ، އެގޮތަށް އިތުރު ދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުންވެސް މަސްވެރިކަމަށް އިތުރު ދިރުމެއް ލިބެންވާނެ. އާދެ، އެކަމަކު އެހެން އެކަންވާނީ މަސްވެރިކަން ކުރަން ތިބި މީހުން އެކަން ފުރިހަމައަށް އަދާކޮށްގެން. ސަރުކާރުން ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިން ކަމުގައިވިޔަސް، އެދޯނިފަހަރު މަސްވެރިކަމުގައި ބޭނުންނުކުރެވޭ ކަމަށްވަންޏާ، އެއިން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ. މިހާރު މިރަށަށްވެސް ވެފައި އޮތް ގޮތް، ކުރިން އިންޖީނުލީ ދޯނިފަހަރުހުރި. އެހެންނަމަވެސް، މަސްވެރިކަމުގެ ބޭނުން ނުކުރެވޭތީ ރަށަކަށް އެއިން އެއްވެސް ފައިދާއެއް ނުލިބޭ. އެހެންވީމާ، އެގޮތަށް ވަރަށް ބޮޑަށް ވިސްނަވައިގެން، އެދޯނިފަހަރު އަބަދުވެސް އެމަޤްޞަދުގައި، ޙަޤީޤަތުގައި ސަރުކާރުން އެހާ ފަސޭހަގޮތެއްގައި، އަގު އަނބުރާ ދެއްކޭ ގޮތަކަށް ހަމަޖައްސައިފައި އޮތްކަމެއް އެއީ. އެހެންވީމާ، އެކަމުގެ ބޭނުން ކުރަންޖެހޭނީ އެކަމަށް ކަނޑައެޅިފައިވާ ގޮތަށް. އެނޫން ގޮތްގޮތަށް ބޭނުންކުރުމަކީ އެއީ ވަރަށް ދެރަ ކަމެއް. އޭގެ ސަބަބުން އޭގެ ދެރަ ލިބޭނީ މުޅިރަށަށް، ރައްޔިތުންނަށް.


އާދެ، ކޮންމެއަކަސް ދެން ކުރިޔަށް އޮތްތާނގައިވެސް އިތުރަށް ދޯނިފަހަރުގައި އިންޖީނު ބެހެއްޓިއްޖެއްޔާ އަޅުގަނޑުގެ ނަޞޭޙަތަކީ، އެ ހަމައެކަނި މަސްވެރިކަމަށް ބޭނުންކުރެއްވުމަށް. އެއިން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ އިނގޭތޯ. އެއްގޮތަކަށްވެސް ހީނުކުރައްވާތި އެއަށްވުރެ، އެހެން ކަންތައްތަކުގެ ބޭނުންކޮށްގެން ފައިދާ ބޮޑުވާނެއެކޭ. ފަހަރެއްގައި ކަންދިމާވާގޮތަކުން އެހެން ވަކި ދުވަސްވަރެއްގައި ވިޔަސް އެއީ ހަމަ ވަގުތީކަމެއް. ދާއިމީގޮތުގައި ފައިދާލިބޭނެ ކަމަކީ މަސްވެރިކަން. ފަހަރެއްގައިވެސް އަޅުގަނޑުމެން އެކަންތައް ހަނދާން ނައްތައިލައިގެން ނުވާނެ.


އާދެ، ދެން މަސްވެރިކަމުގެ އިތުރަށް ކުރެވޭ އެހެން ކަންތައްތައްވެސް ކުރަމުން ގެންދަންވާނެ. ބުރުނީގައިވެސް އެކަހަލަ މަސައްކަތް ކުރެވޭ. ދަނޑުވެރިކަމުގެ މަސައްކަތް. މިރުސް، ބަރަބޯ، ކަރާފަދަ އެއްޗެތި ހައްދާހަދައި، އެއިން އާމްދަނީވެސް ލިބޭނެ. އަދި އެނޫންވެސް ބަނބުކެޔޮ، ފަތްކެޔޮ، އެކަހަލަ އެއްޗެތިވެސް ހައްދާ. އަލަ، ކައްޓަލަވެސް ހިސާބަކަށް ހެދޭ. އެހެންވީމާ، އެބާވަތުގެ މަސައްކަތް ވީހާ އިތުރުކުރައްވައިގެން އެއިން ލިބޭ އާމްދަނީއެއް އިތުރުކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް. ޚާއްޞަކޮށް މިކަހަލަ ދުވަސްވަރެއްގައި. މަސްވެރިކަންވެސް މާފުރިހަމަޔަށް ނުކުރެވޭ ދުވަސްވަރެއްގައި. ދޯނި ނެތުމުގެ ސަބަބުންނަމަވެސް، އެކަހަލަ ދުވަސްވަރެއްގައި އެހެންހުރި މަސައްކަތަށް އިތުރު ސަމާލުކަމެއް ދެއްވަންޖެހޭނެ. އާދެ، އަޅުގަނޑު އެހެން މިދަންނަވަނީ އެމަސައްކަތްތައް ރަނގަޅަށް ކުރެއްވީމާ އެއިން ފައިދާ ލިބޭނީ ހަމަ ރައްޔިތުންނަށް ކަމަށްވާތީ. ރައްޔިތުންގެ ތަރައްޤީއަށް ލިބޭ ފައިސާއެއް އެފައިސާއަކީ. އަދި އެމީހުންގެ ދިރިއުޅުން ކުރިއެރުވުމަށް ލިބޭ އެއްޗެއް އެ އެއްޗަކީ. އެހެންވީމާ، އެކަންތައް ކޮންމެ މީހަކުވެސް ވަރަށް ރަނގަޅަށް އިޙުސާސްކޮށްގެން، އިތުރު މަސައްކަތްތައް މިހާރު ކުރަންވެއްޖެ.


އާދެ، އަޅުގަނޑުމެންގެ ތަރައްޤީއަށް އިތުރަށް މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮވޭތޯވެސް އެންމެން ބަލަންޖެހޭނެ. ހުރިހާ އެންމެންނަކީ އެކުވެރި ބައެއްގެ ގޮތުގައި، އެއްވެސް މައްސަލަތަކެއް ނުޖެހި އުޅެވޭ ބައެއްގެ ގޮތުގައި، ޖަމާޢަތެއްގެ ގޮތުގައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ހުރިހާ އެންމެންވެސް ދޭންވާނެ. ހުރިހާ އެންމެންވެސް ދެކެންވާނީ އެހެންމީހުންނަކީ ތިމާގެ އަޚުންތަކެއް ކަމުގައި ނުވަތަ އުޚުތުންތަކެއް ކަމުގައި. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ﷲ ވަނީ ލައްވައިފައި. އެއީ އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ. ހުރިހާ މުސްލިމުންނަކީ އަޚުންތަކެއް. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ދުލުން ބުނާ ޢިބާރާތަކަށް ހަދައިގެން ނުވާނެ. ޢަމަލީގޮތުން އެކަން އަޅުގަނޑުމެން ތަރުޖަމާކުރަންޖެހޭނެ. އަޚުންތަކެކޭ އެހެންބުނެފައި، އަޅުގަނޑުމެންގެ ޢަމަލުތަކާއި ބަސްތައް ހުންނަނީ އެއާ ޚިލާފަށް ކަމަށްވަންޏާ އެއީ ޙަޤީޤަތުގައި އެކަންތައް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ ކަމަކަށް ނުވާނެ. އެހެންވީމާ އެހެން ބުނާ ބުނުމާއެކުގައި، ޢަމަލީގޮތުން އެކަންތައް އެހެން އޮންނަންވާނީ. ކޮންމެ މީހަކުވެސް އެހެންމީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ. އެހެންމީހުންގެ މުދަލަށް ރައްކާތެރިވާންނާނެ. އެހެންމީހުންނަށް އެއްވެސްކަހަލަ ދައްޗެއް، އުނދަގުލެއް، އަނިޔާއެއް ލިބޭގޮތަކަށް އެއްވެސްކަމެއް ހުރެގެނެއް ނުވާނެ. އެހެން ހުރުމަކީ އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް. އެއީ އުޚުއްވަތްތެރިކަމުގެ އުސޫލާވެސް ޚިލާފު ކަމެއް. އަޅުގަނޑުމެންކަހަލަ ކުޑަކުޑަ ޖަމާޢަތެއްގައި އެއްގޮތަކަށްވެސް އޮވެގެންވާނެ ކަމެއްވެސް ނޫން.


އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޖަމާޢަތެއްގައި ދިރިއުޅޭ ބައެއް. އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުން ގެނައުމަކީ ވަރަށް ފަސޭހަކަމެއް. ހަމަކޮންމެ މީހަކުވެސް ކުޑަކޮށް ވިސްނައިލައިގެން، ހުރިހާ ކަމެއްވެސް ކުރަމުން ގެންދިޔައިމާ ރަނގަޅުވާނެ. އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުންނަށް އިޙުތިރާމުކޮށް، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ތިމާއަށް އެދޭހެޔޮ އެހެން މީހުންނަށްވެސް އެދިގެން އުޅުމަކީ އެއްގޮތަކަށްވެސް ދަތިކަމެއްނޫން. ވަރަށް ފަސޭހަކަމެއް. އެއީ ހަމައެކަނި ވަކިމީހެއްގެ މަސްއޫލިއްޔަތެއްވެސް ނޫން. އެންމެންގެ މަސްއޫލިއްޔަތު، އެންމެންގެ ވާޖިބު. ހުރިހާ ފިރިހެނުންނާއި، ހުރިހާ އަންހެނުންނާއި، ހުރިހާ ބޮޑެތި މީހުންނާއި، ޒުވާނުންނާއި، އެންމެންވެސް، ކޮންމެ މީހަކުވެސް އެކަން އެގޮތަށް އިހުސާސްކޮށް، އެމީހެއްގެ ޢަމަލުތަކާއި ބަސްތައް ބަހައްޓައިފި ކަމަށްވަންޏާ، އެކުވެރި، ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް އަޅުގަނޑުމެންނަށް ފެނިގެންދާނެކަމާމެދަކު ޝައްކެއްނެތް. އެއާޚިލާފަށް އެކި މީސްމީހުން، އެހެން މީސްމީހުންގެ ޙައްޤުތަކަށް އަރައިގަނެ، އެހެން މީހުންނަށް ދަތިކޮށް، މައްސަލަ ޖައްސައި، މިކަހަލަ ކަންތައްތައް ކުރަމުންގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަޖެހުމެއް ނޯންނާނެ. އަދި އަޅުގަނޑުމެންކުރާ މަސައްކަތްތަކުންވެސް އެއްވެސް ނަތީޖާއެއް ނުފެންނާނެ. ރަށް ކުރިޔަކަށްވެސް ނުދާނެ. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވަމުންނެއްވެސް ނުދާނެ.


އެހެންވީމާ، މިކަންތައްތަކާ ދޭތެރޭގައި ބުރުނީގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވައި، އަޅުގަނޑުގެ ނަޞޭޙަތަކީ މިއާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދެވުން. އޭރުން އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ރޯދިބަރަކާތް ލައްވާނެ. މަސައްކަތްތަކުގެ އަގު އަޅުގަނޑުމެންނަށް ފެނިގެންދާނެ. އަދި އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވެ، ތަރައްޤީވަމުންވެސްދާނެ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ އަދިވެސް އެއްފަހަރު ރަށުގެ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަމުން. ހަމައެއާއެކުގައި، މި ރަށަކީ މި އަތޮޅުން އަޅުގަނޑު ޒިޔާރަތްކުރާ އެންމެފަހު ރަށް ކަމަށްވުމާއެކު، އަޅުގަނޑާ އެކީގައި މުޅި ދަތުރުގައި އުޅުއްވި މިއަތޮޅުގެ ހީވާގި އަތޮޅުވެރިން، އަލްފާޟިލް އަޙްމަދުދީދީއަށްވެސް އަޅުގަނޑު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭނާ ވަރަށް ޚާއްޞަގޮތެއް ބަހައްޓަވައިގެން، ދަތުރުގެ ކަންތައްތައް ވަރަށް ފުރިހަމަކޮށް ހަމަޖައްސަވަމުން ގެންދެވިކަން އަޅުގަނޑު ފާހަގަކުރަން. ހަމައެފަދައިން، މި އަތޮޅުގެ ޢިއްޒަތްތެރި ދެ މެންބަރުން، އެބޭފުޅުންވެސް ވަރަށް މަތިވެރި ދަރަޖައަކަށް މިދަތުރުތަކުގެ ކަންތައްތައް ރޭވުމުގައި ބައިވެރިވެވަޑައިގެން އުޅުއްވި. އެހެންވީމާ، އެ ދެ މެންބަރުންނަށް އާދެ، އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، އަލްފާޟިލް މުޙައްމަދު ރަޝީދަށްވެސް ތެދުވެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މި އަތޮޅުގެ ހުރިހާ ރަށްރަށުގެ ވެރިންނަށާއި، ރަށްރަށުގެ ރައްޔިތުންނަށާއި، ރަށްކުރިއަރުވާ ކޮމެޓީތަކަށާއި، އަދި އަތޮޅު ކުރިއަރުވާ ކޮމެޓީއަށްވެސް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އާދެ، އަތޮޅު ކުރިއަރުވާ ކޮމިޓީގެ ފަރާތުން ރޭގައި އަޅުގަނޑަށް ވަރަށް އަގުހުރި ހަދިޔާއެއް ދެއްވި. އެއީ އަތޮޅާބެހޭ ތަޢާރުފަކާއި، ވަރަށް އަގުހުރި މަޢުލޫމާތުތަކެއްގެ މައްޗަށް އެކުލެވިގެންވާ ފޮތެއް. އެފޮތަކީ އަޅުގަނޑު އަބަދުވެސް ވަރަށް ޤަދަރުކުރާނެ ހަދިޔާއެއް ކަމަށް ދަންނަވަން. އެފޮތުގައި ހުރި މަޢުލޫމާތުތަކުން އަޅުގަނޑަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަން އަޅުގަނޑު ޔަޤީންކުރަން.