މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ސަރުކާރުގެ އިސްވެރިންނާއި ދަޢުލަތުގެ މުޢައްސަސާތައް ގުޅިގެން މިރޭ އަލިމަސް ކާނިވާ ސަރަޙައްދުގައި "ހަބޭސް 3 އަހަރު" ގެ ނަމުގައި ބޭއްވެވި ޙާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ޖަލްސާގައި ވޭތުވެދިޔަ 3 އަހަރު މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް ކުރައްވާފައިވާ ބައެއް މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިޙާދާއި، ދަޢުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ މުޢައްސަސާތަކުގެ އިސް ވެރިންނާއި، ސިވިލް ސާރވިސް މުވައްޒަފުންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ބައިވެރިވެވަޑައިގަތެވެ.