بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރެޔަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ރެއެއް. ޞިއްޙީ ދާއިރާއަށް ހަމަ ވަރަށް އުންމީދުން ފުރިގެންވާ ރަނގަޅު ހަދިޔާތަކެއް ލިބިގެންދާ ރެއެއް. އަޅުގަނޑުމެންގެ ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތަށް އުންމީދުތަކެއް އާވެގެންދާ ރެއެއް. އައި.ޖީ.އެމް.އެޗުން ރައްޔިތުންނަށް މިދޭ ފަރުވާތައް އިތުރަށް ފުޅާވެގެންދާ ރެއެއް. ހަމައެހެންމެ، މުޅި ދިވެހި އުންމަތް ވަރަށް އުފާވެރިކަމާއެކީ ބަލައިގަތުން ޙައްޤު ރެޔަކަށްވެގެން މިދަނީ.

އާދެ، މިރޭ އައި.ޖީ.އެމް.އެޗް.ގައި ރަސްމީކޮށް ފަރޓިލިޓީ ސެންޓަރެއްވެސް ހުޅުވިގެން މިދަނީ. އައި.ޖީ.އެމް.އެޗަށް އަލަށް މި އުފެއްދޭ އިތުރު ސެންޓަރުތަކާއި، އަދި އާބާތުރަ ފިލުވާފައި ޒަމާނީ ޓެކްނޮލޮޖީއާއި މެޝިނަރީއާއެކީ މި ހުޅުވޭ ޑިޕާޓްމަންޓްތަކަށް ބަލާއިރު، އަޅުގަނޑު ހިތަށްއަރަނީ ހަމަ މިރެޔޭ ފަރޓިލިޓީ ސެންޓަރު އުފެދެންޖެހެނީ. ދަރިމައިވުމުގެ ޞިއްޙަތުގެ ކަންތައްތައް ފެށެން މި ޖެހެނީ. އާދެ، ޞިއްޙީ ދާއިރާއަށް މި އަންނަނީ ހަމަ އާ އިންޤިލާބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ހަމަ މުޅިން ޞިއްޙީ ދާއިރާ ރީ-ބަރތަކަށް ދާކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އިންޤިލާބީ ބޮޑެތި ބަދަލުތަކެއް، އީޖާބީ ބޮޑެތި ބަދަލުތަކެއް މި އަންނަނީ. ޝައްކެއްވެސްނެތްގޮތުގައި، މީގެ ރެސިޕިއަންޓުންނަކީ ނޫނީވިއްޔާ މީގެ މަންފާވެރިންނަކީ ދިވެހި ރައްޔިތުން. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، އައި.ޖީ.އެމް.އެޗް.ގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުން، އަދި އެންމެ އެހީތެރިކަމާއެކީ ބަލިމީހުންނަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ނަރުހުން، އެޓެންޑެންޓުން، މިހުރިހާ ބޭފުޅުންގެ އޯގާތެރިކަމާއި އެހީތެރިކަން މިކަހަލަ ރޭރޭ އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭ.

ހަމައެހެންމެ، ދިވެހި ސަރުކާރުން އެބޭބޭފުޅުންނާ ދޭތެރޭގައި އަޅައިލާނެކަމުގެ ވާހަކަ މީގެކުރިން އަޅުގަނޑުމެން ވާނީ ދަންނަވާފައި. އޭގެ ރަމްޒީ ފެށުމެއް މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަޅުގަނޑަށް ހީވަނީ މިރޭ ލިބިވަޑައިގެންނެވި ހަމަ ޙަޤީޤަތުގައިވެސް ލައިފްޓައިމް އެޗީވަރސް ސެޓްފިކެޓަކަށް، ކޮންމެ ބޭފުޅަކަށްވެސް ގެދޮރުވެރިކަމުގެ ދާއިމީ ޓައިޓްލްއެއް ލިބިވަޑައިގަތީ. މިއާއެކީ އަޅުގަނޑު އުންމީދު ކުރަނީ، މިބޭފުޅުންނަކީ އަޅުގަނޑުމެންނަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި ހަމަ ދިގު މުއްދަތަކަށް އަޅުގަނޑުމެންނާއެކީ ތިއްބަވާނެ ބޭފުޅުންނަށް ވެގެންދާނެކަމަށް.

އައި.ޖީ.އެމް.އެޗް.ގެ ލޯގޯވެސް ޝައްކެއްވެސްނެތްގޮތުގައި މިރޭ އިފްތިތާޙުވެގެން މިދިޔައީ. ވަރަށް ބަލައިގަންނަން ފަސޭހަ އަދި އައި.ޖީ.އެމް.އެޗުން މިދޭ ޚިދުމަތް ރަމްޒުކޮށްދޭ، ދަލީލުކޮށްދޭ ލޯގޯއަކަށް ވެގެންމިދަނީ. އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ދެފަރާތުގެ ދޭތެރޭގައި އޮންނަ އިތުބާރާއި ޓްރަސްޓް އެބަ ޤާއިމުވާންޖެހޭ، އިތުރުވާން އެބަޖެހޭ. ޞިއްޙީ ފަރުވާދޭ ފަރާތްތަކާއި، ޞިއްޙީ އެހީއަށް އެދި ރައްޔިތުންގެ ފަރާތުން މިކޮޅަށް ޒިޔާރަތްކުރާ މީހުންނާ ދޭތެރޭގައި މި އޮންނަ އެއްބާރުލުން ކިތަންމެ ރަނގަޅަކަށްވެސް ރަމްޒުވެގެން މިދަނީ މި ލޯގޯގެ ސަބަބުން.

އާދެ، މި ހޮސްޕިޓަލަކީ ހަމަ އަޅުގަނޑުމެން ދޭދޭ ދެ ޤައުމެއްގެ ދޭތެރޭގައި އޮތް ވަރަށް ވަރުގަދަ ހަދިޔާއެއް. އެ ހަދިޔާ އޭގެ އަމާނާތާއެކީ ހަމަ ކުރިއަށް މިދަނީ. އެއާއެކީވެސް އައި.ޖީ.އެމް.އެޗަށް އަންނަންޖެހޭ ބަދަލުތައް އިރާދަކުރެއްވިއްޔާ އަންނަމުން މިދަނީ. އައި.ޖީ.އެމް.އެޗަށް މުޅިން އާ ދިރުމެއް ލިބިގެންދާއިރު، އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތް ނިމޭނެ ދުވަހަކަށް. އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތް ނިމެންވާއިރަށްވެސް ބޭނުންވާ ބައެއް ކަންތައްތައް މިރޭވެސް ހަމަޖެހިގެން މިދަނީ. އެއްކަމެއްގެ ގޮތުގައި ހަމަ ބޮޑު ލިސްޓެއް މިތާ މިއޮތީ. އެހެންވެ އަޅުގަނޑު މިދެންނެވީ، ހަމަ ރީ-ބަރތް އޮފް އައި.ޖީ.އެމް.އެޗް. ނޫނީވިއްޔާ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ކަންނޭނގެ މި އަންނަނީ.

އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަ ބޮޑުސިންގާ ތިއޭޓަރ ކޮމްޕްލެކްސްއެއް ޤާއިމުވެގެން މިދިޔައީ. ސްޓޭޓް އޮފް ދި އާރޓް ޓެކްނޮލޮޖީ އިން މެޝިނަރީއާއެކީ މިދިޔައީ. އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ ހަމަ އެންމެ މިޒަމާނުގެ މެޝިނަރީއާއެކީ ހަމަޖެހިގެން މިދިޔައީ. އެއްފަހަރާ ހަތަރު ފަސް ސަރޖަރީ ކުރެވޭވަރުގެ ތިއޭޓަރ. އަދި މިއީ ގައިނީ ސަރޖަރީ ވޯޑުގެ ބޭރުން، މި ހަމަޖެހިގެން މިދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، މީގެ ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ.

ހަމައެއާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އައި.ޖީ.އެމް.އެޗް.ގެ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ، 25 ބުރީގެ އިމާރާތަށް ބަދަލުވެގެންދާއިރު، ނޫނީ އުފެދިގެންދާއިރު، އޭގެ ފެށުމެއްގެ ގޮތުން ފުރަތަމަ ޓޯޓަލް ލެބޯޓަރީ އޮޓޮމޭޝަން ސިސްޓަމެއް ޤާއިމުވެގެން މިދިޔައީ. އޭގައި ހަމަ ވަރަށް އިމްޕްރެސިވް. ޝައްކެއްވެސްނެތްގޮތުގައި، ފަސޭހަކަމާއެކީ، އަވަސްކަމާއެކީ ޕޭޝަންޓުންނަށް ލިބެންވާ ނަތީޖާތައް ލިބިގެންދަނީ. ހެމަޓޮލޮޖީ، އަދި މިހެންގޮސް ބައިވަރު ކަންތައްތަކުގެ ތަޙުލީލުތަކުގެ ނަތީޖާ. ވަކި މުއްދަތަކަށް އިންތިޒާރު ކުރަންޖެހޭ ކަންކަމުގެ ނަތީޖާ، ސާމްޕަލް ކަލެކްޓް ކޮށްގެން އޮޓޮމޭޝަން ޔުނިޓާ ހަމައަށް އަންނަ ހިސާބުން ފެށިގެން ހަމަ ފުލީ އޮޓޮމޭޓް ވެގެންދަނީ. ލަސްވެގެން ބައިގަޑިއިރާއި ދެގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބިގެން މިދަނީ. ދެންމެ ޑޮކްޓަރ ޢަޒީ އަޅުގަނޑަށް ހަމަ ވަކިން ކިޔާލަދެއްވި. މީގެކުރީގެ އިންތިޒާރު ކިހާ ދިގުލައިގެންދޭތޯ؟ އޭގެ ބަދަލުގައި އަޅުގަނޑުމެން މިދަނީ ހަމަ ވަރަށް މި ވަރަށް ފާސްޓް ސްޕީޑެއްގައި.

ދެން މިރޭ އަޅުގަނޑު މިތާ އިށީންއިރުވެސް އަޅުގަނޑު އަންހެނުން އަޅުގަނޑު ކައިރީ ބުނި، ކިހާ އަވަހަކަށް ވާހަކަ ނިންމާނަންހެއްޔޭ؟ އެހެންވީމާ، މިތަނުގެ ފުލީ އޮޓޮމޭޓަޑް ސިސްޓަމެއް އިންސްޓޯލްވެގެން ދާއިރު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުގެ ވާހަކަވެސް ހަމަ ފުލީ އޮޓޮމޭޓަޑް ހަމަ ފަސްޓް ގިއަރއަށް ގޮސްފައި ނިންމާލަންވެސް އެބަޖެހޭ.

ދެން އެކަމަކު އެއާއެކީވެސް އަޅުގަނޑުވެސް ހަމަ އޯވަރވެލްމްޑް އިނގޭތޯ، މި އަންނަ ބަދަލުތަކާއެކީ. ޝައްކެއްވެސްނެތްގޮތުގައި، އައި.ޖީ.އެމް.އެޗް.ގައި މިހާރު މިއޮތް ގަވަރނިންގ ބޯޑުގެ އެކްޓިންގ ގަވަރނަރ، ނޫނީވިއްޔާ ޑެޕިއުޓީ ގަވަރނަރ އާއި، ބޯޑުގައި ތިއްބެވި އެހެން ބޭފުޅުންނާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިހާރުގެ މެނޭޖްމަންޓްގެ ކޮންފިޑެންސް، ނޫނީވިއްޔާ މެނޭޖްމަންޓުން މި ދާއިރާއަށް ހުރި އޯގާތެރިކަމާއި އަޅައިލުންތެރިކަން. މި މަސައްކަތަކީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާ ކަމަށްވަންޏާ، މި އަންނަ ބަދަލުތައް އަޅުގަނޑުމެންނަށް މި ގެނެވޭ ބޭސްގައި، މި ގެނެވޭ ޓެމްޕޯގައި ގެނެވޭނެ. އަދި އެއާއެކީ މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށާއި ނަރުހުންނަށް، އެ ލިބެންވާ ޝައުޤުވެރިކަމާއި، މަސައްކަތަށް އަޅާލައިގެން ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ، ހަމަ ޙަޤީޤަތުގައިވެސް މެނޭޖްމަންޓްގެ އެވަރުގެ ހަކަތައެއް ހުރީމަ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި ބްރިގޭޑިއަރ ފަރުޙަތަށާއި، ރިޝްވާނަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ މި ދަންނަވަނީ، ތިޔަބޭފުޅުން އައި.ޖީ.އެމް.އެޗް.ގެ ކަންކަމާ ހަވާލުވެވަޑައިގެން ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް މި ވަރުގަދަ ބަދަލުތައް ފެނިގެން މިދަނީ. އަދި ހަމައެއާއެކީ އަޅުގަނޑުމެންނާއެކީ މިތާނގައިވެސް މި ތިއްބެވީ ދެ ހެލްތް މިނިސްޓަރުން. އިރޫ މި އިންނެވީ. ނާޒިމް މި އިންނެވީ. އެބޭފުޅުންވެސް މި ދާއިރާއަށް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ޝައުޤުވެރިކަމަށް ހަމަ ދެ މިނިސްޓަރުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން.

މިއީ ހަމަ ޓީމެއްގެ މަސައްކަތް. ކޮމްބައިންޑް މަސައްކަތްތަކެއް. މި މަސައްކަތްތަކުގައި އެހީތެރިވެވަޑައިގެންދެއްވާނެ. ޝައްކެއްވެސްނެތްގޮތުގައި، މިފަހަރުވެސް، 2017 ވަނަ އަހަރުގެ ބަޖެޓްގައިވެސް ގާތްގަނޑަކަށް 3.3 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއޮތީ ޞިއްޙީ ދާއިރާއަށް ތަނަވަސްކޮށްދެއްވާފައި. މިނިސްޓަރ މުނައްވަރު މި އިންނެވީ މިތަނުގައި. ހަމައެއާއެކީ އައި.ޖީ.އެމް.އެޗަށް އެބަދޭ ދެ ބިލިއަން ރުފިޔާގެ ބަޖެޓް. މިއީ އަޅުގަނޑުމެންގެ އަރނިންގ ކެޕޭސިޓީއަށް ބަލާކަމަށްވަންޏާ، ބޮޑު އަދަދެއް. ބަޖެޓުގެ ޖުމްލަ އަދަދަށް ބަލާކަމަށްވަންޏާ، 12 ޕަސެންޓް ކީ ނަމަވެސް، އަޅުގަނޑުމެންގެ އާރނިންގ ކެޕޭސިޓީއަށް ބަލާކަމަށްވަންޏާ، މިއީ ކްލޯސްޑްޓު ޓުވެންޓީ ޕަސެންޓް. ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓާ ދާދި ކައިރިކުރާވަރުގެ އަދަދު މި ހުންނަނީ.

އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މި ދާއިރާއަކީ އެންމެ ސަމާލުކަންދީގެން، އެންމެ އިސްކަމެއްދީގެން ތަރައްޤީކުރާ ނޫނީވިއްޔާ ހޭދަކުރާ ޑިޕާޓްމަންޓެއް. ނޫނީވިއްޔާ ދާއިރާއެއް. މި ދާއިރާއަށް ކުރެވޭ ކޮންމެ ހޭދައަކީ، އަޅުގަނޑުމެން ދެކެނީ އެއީ ޕޮޒިޓިވް އިންވެސްޓްމަންޓެއް ކަމަށް. އެއީ ނަތީޖާ ނެރޭ، ދުޅަހެޔޮ ޞިއްޙަތަށް އަދި މީހުންގެ ލޮންޖިލިޓީއަށް، ދިރިއުޅުމަށް ހަމަ ލިބިގެންދާ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް ފެނިގެން މިދަނީ. އެހެން ބައެއް ދާއިރާތަކުން ކުރާ މަސައްކަތަކީ ފަހަރުގައި ވެދާނެ، އޭގައި މުޤާބިލުގައި، ބަދަލުގައި ބޮޑު ފައިދާތަކެއް ނުލިބޭ، އެހެންނަމަވެސް މި ދާއިރާއަށް މިކުރެވޭ ޚަރަދަކީ ހަމައެކަނި ޞިއްޙަތަށް ބެލިކަމުގައިވިޔަސް މިހެން. ދެން ސަރުކާރުން ދެކޮޅުޖައްސާފައި ބާކީކުރާ ފައިސާއަށް ބަލާކަމަށްވަންޏާ، އާސަންދައާއި، ބޭރަށްދާ މީހުންނަށް ދާ ޚަރަދާއި އަދި ރަށުން ބޭރުގައި ބޮޑު ސާޖަރީއެއް ހަދަން ދާއިރު، ޢާއިލާއަށް އެ އަންނަ ނިކަމެތިކަން ނޫނީވިއްޔާ ޢާއިލާ މުޅިން ނުވެސް ދަންނަ ބަޔަކާއެކީ ސަރޖިކަލް ވޯޑެއްގައި ތިބޭ ތިބުން، ނޫނީވިއްޔާ އިންތިޒާރުކުރާ ކޮންމެވެސްކަހަލަ ލައުންޖެއްގައި ތިބޭ ތިބުން. އޭގެ ވަރަށްގިނަ ކަންތައްތަކަކަށް ޙައްލެއް މި އަންނަނީ ރާއްޖޭގައި، އަޅުގަނޑުމެންގެ އަމިއްލަ ރަށުގައި މިކަހަލަ ގިނަ ކަންތައްތަކެއް ލިބިގެންދާތީ. ހަމަ އެޕްރޯޗަކަށްމިވީ، އަޅުގަނޑުމެންގެ އެޕްރޯޗް ތަފާތުވީގޮތް.

އަޅުގަނޑުމެން ގަބޫލެއްނުކުރަން، އަޅުގަނޑުމެންނަކަށް ހުރިހާ ކަމެއް ކުރު މުއްދަތެއްގައި ކުރެވިދާނެ ކަމަކަށް. ޝައްކެއްވެސްނެތް، އައުޓްސްޓޭންޑިންގ ސާޖަނުން އެބަތިބި. ވަރަށްމޮޅު ޑޮކްޓަރުން އެބަތިބި. ސްޕެޝަލިސްޓުން އެބަތިބި. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ހުރިހާ ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތައް އައުމަކީ އެހާ ފަސޭހަކަމަކަށްނުވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން ގަސްދުކުރީ އެކިއެކި ބޭރުގެ ހޮސްޕިޓަލްތަކާ އަޅުގަނޑުމެން ކޮންމެވެސްކަހަލަ ޕާޓްނަރޝިޕެއް ހަދައިގެން، މި ދާއިރާތައް އައި.ޖީ.އެމް.އެޗް.ގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން. އެހެންނޫންނަމަ، އަޅުގަނޑު ހިތަށްއަރަނީ ޑޮކްޓަރ ޢަލީ ޝަފީޤުވެސް ގަބޫލެއްނުކުރައްވާނޭ، މިތަނުގައި ކާޑިއެކް ސެންޓަރެއް މިއިން ޒަމާނަކު އުފެދިދާނެ ކަމަކަށް. އެކަމަކު މިއަދު އެންމެ އެކޮމްޕްލިޝްޑް އެއްބޭފުޅަކަށް އެބަވޭ ޑޮކްޓަރ ޢަލީ ޝަފީޤު، ކާޑިއެކް ލެބެއް މިތާ ހެދުމާއެކީ. ހަމައެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި ޕަލްމަނަރީ ރެސްޕިރޭޓަރީ ހަމަ ފުލްކިޓާއެކީ ޑިޕާޓްމަންޓެއް މިތާ އެސްޓެބްލިޝް މި ކުރަނީ. ރާއްޖޭގެ ގިނަ ބަޔަކަށް ބޭރަށްދާން އެންމެ ފްރިކްއެންޓްކޮށް މި އުފެދޭ ބަލިތަކަށް، ނޫނީ ޞިއްޙީ ފަރުވާ ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން މަސައްކަތްތަކެއް މި ކުރަނީ.

ޝައްކެއްވެސްނެތް، މަދެއްކޮށެއްނޫން އެކިއެކި ދާއިރާތަކުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެކިކަހަލަ ޚިދުމަތުގައި އުޅޭ މީހުން. ދަރިމައިވަންތަ ކަމުގެ ޞިއްޙަތު. ނޫނީވިއްޔާ ދެ ޖިންސުގެ، ފަރޓިލިޓީގެ މައްސަލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް އަބަދުއަބަދު ދާ ދިޔުން. ފުރަތަމަ އެކުރާ އިޙްސާސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވެސް އުނދަގޫވޭ. އެކަމަކު އެއާއެކީވެސް މިއީ އެއް ދަތުރުން، ދެ ދަތުރުން ފުދޭ ކަންކަމެއް ނޫން. އަނެއްކާ ދާ ކޮންމެ ފަހަރަކު އެތަކެއް ދުވަސް ހޭދަކޮށްފައި މި އަންނަނީ. އެހެންވީމާ، ފަރޓިލިޓީއަށް އަޅުގަނޑުމެން ސްޕެޝަލައިޒްޑް ޑިޕާޓްމަންޓެއް ހެދިގެން ހުޅުވިގެންދާ ކަމަކީ ޝައްކެއްވެސްނެތްގޮތުގައި، މިއީކީ ވަކި އުމުރުފުރައަކަށެއް ނޫން. ހަމަ ވަރަށް ޒުވާން، ޒަވާޖީ ޙަޔާތެއް އަލަށް ފަށާ ކަޕަލްއަކަށްވެސް ހަމަ ދިމާވާ މައްސަލަތައް މި ހުންނަނީ.

ހަމައެއާއެކީ ޔޫރޯރީނަލް ޑިޕާޓްމަންޓެއް އެސްޓެބްލިޝްވެގެން މިދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި، އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓާ ހަމައަށް، ރީނަލް ޓްރާންސްޕްލާންޓާ ހަމައަށް އަޅުގަނޑުމެންނަށް ދެވޭނެކަމުގެ އުންމީދުތައް މިހިރީ.

އެހެންވީމާ، ވަރަށްގިނަ ތަފާތު ޑިޕާޓްމަންޓްތަކެއް މިރޭ އެސްޓެބްލިޝް ވެގެން މިދިޔައީ. އުފެދިގެން މިދިޔައީ. އަޅުގަނޑުމެން އުންމީދު މިކުރަނީ މިހުރިހާ ތަނަކުން މި ލިބޭ ޚިދުމަތްތައް ބަލައިގަތުމުން، އަޅުގަނޑުމެންނަކީ ޝުކުރުވެރިކަމާއެކީ މި ބަލައިގަންނަ ބަޔަކަށް ވެގެންދާނެކަން. ޝައްކެއްވެސްނެތްގޮތުގައި، ފަންކްޝަން ކުރައްވަން، ނޫނީ މަސައްކަތް ކުރައްވަން ތިއްބެވި ޑޮކްޓަރުންނަށާއި ނަރުހުންނަށް މިއީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް ވަރުގަދަ ހަދިޔާއެއް ލިބިގެން މިދަނީ. ޑޮކްޓަރުން ކިތަންމެ މޮޅަސް، ޑޮކްޓަރުން މަސައްކަތް ކުރާނެ ސާމާނާއި، އޮޕަރޭޝަން ހިންގާނެ ތިއޭޓަރ ނުލިބޭ ކަމަށްވަންޏާ، ޑޮކްޓަރުގެ މޮޅުކަމެއް، ނޫނީވިއްޔާ އޭނަގެ ފަންނުގެ ހުނަރުވެރިކަމެއް އޭނައަކަށް ނުވެސް ދެއްކެވޭނެ. އަނެއްކާ ރިފްރެޝް ކުރެވޭނެ ގޮތެއްވެސް ނޯންނާނެ. އެހެންވީމާ، ޑޮކްޓަރުންނަށްވެސް ކުރިއަށް ވަޑައިގަތުމަށް ހަމަ ހުރި ބޮޑެތި ކަންތައްތައް މިހިރީ.

އެހެންވީމާ، އަޅުގަނޑު މިރޭ ހުރިހާ ތަފްޞީލަކަށް ދާކަށްނޫން. އަޅުގަނޑުވެސް ހަމަ އޮޓޯ ގިއަރުގައި މަސައްކަތް ކުރެވޭތޯ މި ބަލަނީ. އެއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ހަމަ މި ރެސްޕިރޭޓަރީ މައްސަލަތައް ވަރަށްގިނަ. އަޅުގަނޑުމެން ތެރޭގައި މިފަހަރު ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ މި ހޮސްޕިޓަލްގައި މި ނޮން-އިންވޭސިވް ވެންޓިލޭޝަން ސިސްޓަމެއް އެސްޓެބްލިޝްވެގެން މިދިޔައީ. ހަމައެއާއެކީ ކްރިޓިކަލް ކެއަރގައިވެސް އިތުރު އެނދުތަކެއް އިތުރުވުމާއެކީ، އާ ހަމަ ބްރޭންޑް ނިއު އައި.ސީ.ޔޫ ޔުނިޓެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. 8 ބެޑުން 15 ބެޑަށް އިތުރުވެފައި އެހެރީ. ޓޯޓަލް ކްރިޓިކަލް ކެއަރ، އަޅުގަނޑަށް މިއަދު އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ގާތްގަނޑަކަށް 65 ބެޑުގެ ކެޕޭސިޓީއަކަށް މިތަން އިތުރުވެގެން މިދިޔައީ.

އެހެންވީމާ، ދެ ރަށެއްގެ އާބާދީ އެއް ސަހަރަކަށް ބަދަލުވެގެންދާއިރު، 2018އާ ހަމައަށް އަންނަންވާއިރަށް، މި އަދަދުތައް އަނެއްކާވެސް އިތުރުވެގެން އެބަދާންޖެހޭ. އެހެންނަމަވެސް، ރާއްޖޭގެ މައި ޖެނެރަލް ހޮސްޕިޓަލްގެ ގޮތުގައި އައި.ޖީ.އެމް.އެޗް ހުންނާނެތީއާއެކީ، އަޅުގަނޑުމެން އައި.ޖީ.އެމް.އެޗާ ދޭތެރޭ ކުރާ އިންތިޒާރުތައް ހަމަ ވަރަށްބޮޑު. ވަރަށް ފޮނި އުންމީދުތަކެއް، ވަރަށް ފޮނި އިންތިޒާރުތަކެއް އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބަލިވީމަކަންނޭނގެ އަޅުގަނޑުމެންނަށް އެނގޭނީ ހައު ހަމްބްލް ވީ ޝުޑް ބީ. އެހެންވީމާ، އަޅުގަނޑުމެން ފުރިހަމަ ޞިއްޙަތުގައި ތިބޭއިރުވެސް އަޅުގަނޑު ހަމަ މިރޭވެސް ހަމަ ފިނޭންސް މިނިސްޓަރަށް ދަންނަވާލާނަން. ވަރަށް ޔޫތުފުލް ޔަންގް ބޭފުޅެއް. އަޅުގަނޑުމެން ބަލިވާނެކަން ގަބޫލުކޮށްގެން މި ދާއިރާގެ ބަޖެޓް ތަންކޮޅެއް ފެސިލިޓޭޓިވްކޮށް ގެންގޮސްދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ވަރަށް އުފާވާނެ. ޝައްކެއްވެސްނެތްގޮތުގައި، މިއީ ދެން ހަމަ މި ހިއުމެނިޓީއަށް ނޫނީވިއްޔާ އިންސާނުންގެ ދިރިތިބުމަށް ކުރެވޭ އެންމެ ވަރުގަދަ އިންވެސްޓްމަންޓަކީ. ދެން އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމަކީ، ބައެއް ބޭފުޅުންނަށް ހަމަ ހެއަރ ޓްރާންސްޕްލާންޓާ ހަމައަށް ގެންގޮސްދޭން. އެކަމަކު ވީ ވިލް ބީ ދެޔަރ އިވެންޗުއަލީ. ހަމަ ދަންނަވަން މިއުޅެނީ މިއީ ހަމަ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާކަން، އެތައް ބައިވަރު އާ ސަރވިސްތަކަކާއެކީ، އަނެއް ބައި ދާއިރާތައް ވަރަށް ބޮޑަށް ހަމަ އާބާތުރަ ފިލުވާފައި، ރެނޮވޭޓް ކޮށްފައި، ހަމަ ސްޓޭޓް އޮފް ދި އާޓް، މެޝިނަރީއާއި ޓެކްނޮލޮޖީއާއެކީ އެސްޓެބްލިޝްވެގެން މިދަނީ ދޮގެއްތޯ. ހަމަ ކަމެއްނެތަސް ހަމަ އެތާ ތިއޭޓަރުގައި އޮވެލައިގެން ފަޅާލަންޖެހޭހާ ފެންވަރަށް އެކްސައިޓްމަންޓް އެބަހުރިކަންނޭނގެ ދޮގެއްތޯ ނާޒިމް. ހަމަ ވަރަށް ވަރުގަދަ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ހަމަ މީގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ. މިއަންނަ އަހަރަށް ބަލާކަމަށްވަންޏާ، މިއަންނަ އަހަރުވެސް މިހިރީ ހަމަ ވަރަށް ބޮޑެތި ކަންތައްތައް. އަދި އަޅުގަނޑުމެންގެ 25 ބުރީގެ އިމާރާތް ނިމެންވާއިރަށް، މި އަންނަ އަހަރު މި އިމާރާތަށް ބޭނުންވާ ހުރިހާ ބޮޑެތި މެޑިކަލް އިކްވިޕްމަންޓް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަޅުގަނޑުމެން ހޯދަން އަޅުގަނޑުމެން ބަޖެޓްގައި ޖަހައިފީމު. އައި.ޖީ.އެމް.އެޗް.ގެ ބަޖެޓަކީ އެހެންވެގެން އެހާ ތަނަވަސް، އެހާ އެންހޭންސްޑް ބަޖެޓަކަށް އަޅުގަނޑުމެން ހަދައިގެން މިއުޅެނީ. 25 ބުރީގެ އިމާރާތް ނިމެންވާއިރަށް، ޑައިގްނޯސްޓިކް އެކަންޏެއް ނޫން. ދެން ބޭނުންވާ ހުރިހާ ލެބާއި، އެހެން ހުރިހާ ސާމާނުތަކެއް ހަމަވެގެންދާނެ. އަދި ހަމައެހެންމެ، އާ ޑިޕާޓްމަންޓަތަކެއްވެސް އުފެދިގެންދާނެ. ޕަލްމަނަރީ ނޫނީވިއްޔާ ފުއްޕާމޭގެ ބަލިތަކާބެހޭ ކަންތައްތަކަށް ޚާއްޞަ ޑިޕާޓްމަންޓްވެސް އުފެދިގެން މިދަނީ ދޮގެއްތޯ. އެއާއެކީ މުޅި ސިސްޓަމް އޮޓޮމޭޓްވެގެން ހަމަ ދާދިޔުން މިއޮތީ.

އެހެންވީމާ، ޞިއްޙީ ދާއިރާގެ ހުރިހާ ބޭފުޅުން، ނާރސް ސްޓޭޝަނުން ފެށިގެން ޑޮކްޓަރުން އުޅުއްވާ ހުރިހާ ހިސާބަކަށް އެކިއެކި ވަސީލަތްތައް ރައްދުކޮށްދިނުމުގެ ނިޒާމުވެސް އެސްޓެބްލިޝް ވެގެން މިދަނީ. މީގެ ޓޯޓަލް ޕެކެޖަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ހަމަ އިރާދަކުރެއްވިއްޔާ މި ހޮސްޕިޓަލް، އަޅުގަނޑު އޭރު ދެންނެވިގޮތަށް މި ސަރަޙައްދުގައި ހުރި ހަމަ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުމަކީ އަޅުގަނޑުމެންގެ އުންމީދު.

މިއާއެކީ އޮތީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ބައި. ދެން ޝައްކެއްވެސްނެތްގޮތުގައި، އަބަދުވެސް އަޅުގަނޑުމެންނަށް އޮންނާނެ ޗެލެންޖަކީ މިއީ. އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މި ޗެލެންޖްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޭސްކުރަން ޖެހޭއިރު އަޅުގަނޑުމެން ހަމަ ނަސީބު ރަނގަޅޭ. ވަރަށް އީޒިލީ ޓްރެއިނަބަލް ވާރކްފޯސްއެއް ދިވެހިރާއްޖޭގައި މިއޮތީ. ޒުވާން އާބާދީއެއް. އެޑިޔުކޭޓަޑް އާބާދީއެއް. އަދި އަމުދުން ގޫގްލް އެރާގައި އުޅޭ ބަޔަކަށްވާތީއާއެކީ، އީޒިލީ ޓްރެއިނަބަލް ހަމަ ފްލެކްސިބަލް ވާރކްފޯސްއެއް މިއޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމުގެ މަސައްކަތް އޮންނާނެ. އެހެންނަމަވެސް، އަޅުގަނޑަށް ހަމަ ނައިޓްމެއަރއަކަށްވާނެ، އަޅުގަނޑަށް ގަބޫލުކުރެވޭ، އަޅުގަނޑުމެން ބޭނުންވާވަރަށް، މިސާލަކަށް، ނާރސަސް ހޯދުން. މިއީކީ އޯވަރނައިޓުން ކުރެވޭނެ ކަމެއްވެސް ނޫން.

ދެން މިއާއެކީވެސް ހަމަ އަޅުގަނޑުމެން އެއްއަތުން ހަނާއަޅައި ސާބަސްދޭ ފަދައިން ޕްރައިވެޓް ހޮސްޕިޓަލްތައް އުފެދިގެން މިދަނީ. އެކަމަކު އަނެއް އަތުން މަނާކުރަން މިޖެހެނީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރައްވާ ޚިދުމަތްތެރިން، އަޅުގަނޑުމެން ދޫކޮށްލައްވާފައި އެހެން ދިމަދިމާއަށް ދާން. އެކަމަކު މި ޑްރެއިންއަކީ އޮންނާނެ ޑްރެއިނެއް. އެހެންވީމާ މިއީ އަޅުގަނޑަށް ނައިޓް މެއަރރިޝް ކަމަކަށްވެގެން މިދަނީ. އެހެންނަމަވެސް، ޝޯޓް ޕީރިއަޑެއްގެ ތެރޭގައި މިކަން ކުރެވޭނީ ކިހިނެއްތޯވެސް އަޅުގަނޑުމެން ނޭޝަނަލް ޔުނިވަރސިޓީއާއި އެޑިޔުކޭޝަން މިނިސްޓްރީއާއެކީ މިހާރު ފެކްޓްރީއެއްގައި ވަރކްކުރާ އުސޫލުން މި މަސައްކަތް ކުރެވޭނެތޯ ބަލަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުކަމާއެކީ ފާމަސިސްޓުން ތައްޔާރުކުރެވިއްޖެ. އެހެންނަމަވެސް، ނާރސަސް ތައްޔާރު ކުރެވޭނެކަމާ ދޭތެރޭގައި އެހާ އުންމީދު ހެވެއް ނޫން. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ ދޮގެއްތޯ.

ދެން ހަމަ ފައިނަލް ޑިޕާޓިންގ ގިފްޓެއްގެ ގޮތުގައިވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރު ވަރަށް ކޮމިޓަޑޭ. ޙަޤީޤަތުގައި މިދާ ދެތިން އަހަރު ދުވަހަކީ އިރާދަކުރެއްވިއްޔާ ޞިއްޙީ ދާއިރާއަށް އެންމެ ބޮޑެތި ބަދަލުތައް އަދި އެންމެ އެދެވޭ ބޮޑެތި ބަދަލުތައް އަންނަމުންދާ ތިން އަހަރު. ހަމައެއާއެކީ ޞިއްޙީ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ކަންތައްތައްވެސް އެންމެ ބޮޑަށް ފަސޭހަކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން މީގެކުރީގައި ވިސްނުން އަޅުގަނޑުމެންގެ ހުންނަގޮތް އަޅުގަނޑުމެން ދަންނަވައި، އަޅުގަނޑަކީވެސް ހަމަ ކައުންސިލް އޮފް މިނިސްޓަރުންގެ ތެރޭގައި މީގެކުރިން ހިމެނިފައި ހުރި މީހަކަށްވާތީ، އަޅުގަނޑުމެން އޭރު ޖެހިލުންވޭ އިނގޭތޯ، ޢާންމު އުސޫލާ ޚިލާފަށް، ވަކި ގިންތިއެއްގެ މީހުންނަށް އިސްކަންދީގެން، އެޕާޓްމަންޓް ދޭން، ނޫނީވިއްޔާ ފްލެޓެއްދޭ ކަމަށްވަންޏާވެސް ބޮޑު މައްސަލައަކަށްވޭ. އަޅުގަނޑަކީ ހަމަ މިކަހަލަ ބަހުސްތައް ވިޓްނަސްކުރި މީހެއް އިނގޭތޯ. ހަމަ މީގައި ވަރަށް އުނދަގޫތަކެއްވޭ. އެހެންނަމަވެސް، އަޅުގަނޑުގެ ވިސްނުން ހަމަ ވަރަށް ތަފާތު. އަޅުގަނޑުމެން ރިޓެއިން ކުރަން ބޭނުންވާ، އިސްކަންދޭން ބޭނުންވާ ތަންތަނަށް، ދެން އަދި ބަޔަކު އެއްޗެހި ނުކިޔާނެއެކޭ ނޫން. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ ހަމަ އިސްކަންދީގެން ދެވޭނޭ. އެއީ ކޮންމެހެން ޤާނޫނެއް ބޭނުންވާ ކަމެއްވެސް ނޫން. އެހެންވީމާ، މިރޭ އަދި މިދިޔަ ލައިފް އެޗީވްމަންޓް، ސަތާރަވަރަކަށް ފްލެޓްގެ އިތުރަށް، އެނގިވަޑައިގަންނަވާނެކަންނޭނގެ، ޚަބަރުން އަޑުއައްސަވާފައި އޮންނާނެ، އަޅުގަނޑުމެން ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ ދެހާސް ފައްސަތޭކަ އެޕާޓްމަންޓް އެބަ ބިނާކުރަން. އޭގެ މައިގަނޑު ބެނެފިޝަރީޒަކަށްވާނީ ހަމަ ހެލްތް ދާއިރާ. ޑޮކްޓަރުން، ނަރުހުން، ދެން އަދި ސިފައިންނާއި ފުލުހުން މީގެތެރޭގައި ހިމެނޭނެ. އެހެންނަމަވެސް، މީގެ ހަމަ ބޮޑު ބަލްކެއް ނަގާނީ ޞިއްޙީ ދާއިރާއަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކުރެވޭ މަސައްކަތަކީ ޙަޤީޤަތުގައިވެސް މި ދާއިރާގައި ހަމަ އަޅުގަނޑުމެންގެ މިވަގުތުގެ ދިވެހި ސަރުކާރުގެ އަޅައިލުންތެރިކަން އޮތް މިންވަރު ދެއްކުމަށްޓަކައި ކުރެވޭ މަސައްކަތް.

މީގެ ހުރިހާ ހެޔޮ ނަތީޖާއެއް ލިބެން ތިބި ބަޔަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުން. އަޅުގަނޑުމެން ބޭނުންވޭ، ހަމަ މި ސަރަޙައްދުގައި ހުރި އެންމެ ރަނގަޅު އެއް ހަސްފަތާލު ގޮތަށް އަޅުގަނޑުމެންގެ ހޮސްޕިޓަލް ބަދަލުވެގެންދިޔުން. އެއީ ހަމައެކަނި ރާއްޖެއިން ބޭރަށް މީހުންދާތީ އުނދަގޫވާތީކީވެސް ނޫން. ބޭރު ފައިސާ ހޯދަން އުނދަގޫވާތީކީވެސް ނޫން. އަޅުގަނޑުމެން އެކި ދާއިރާތަކުގައި ކުރިއަށްދާއިރު، އަޅުގަނޑުމެންނަށް ލިބެންވާ ޝަރަފެއް، އަޅުގަނޑުމެންގެ ޙައްޤެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑާއެކީ މަސައްކަތްކުރާ ކައުންސިލް އޮފް މިނިސްޓަރސް ނޫނީވިއްޔާ ކެބިނެޓް ބޭފުޅުން ގަބޫލުކުރަނީ، މި ސަރަޙައްދުގައި ރަނގަޅު ހޮސްޕިޓަލެއް ގޮތުގައި އައި.ޖީ.އެމް.އެޗް. އޮތުން. އައި.ޖީ.އެމް.އެޗަށް 21 އަހަރުވެގެންދާއިރު، ހަމަ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ މުހިންމު ޑިޕާޓްމަންޓްތަކެއް އައި.ޖީ.އެމް.އެޗް.ގައި ހުންނަންވާނެ. އިޓްސް ޖަސްޓް އަ މެޓަރ އޮފް ޓައިމް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަންކަން ކުރަން ބޭނުން.

އެހެންވީމާ، މި ވިލްއާ އެކީ، މި ޢަޒުމާއެކީ އަޅުގަނޑުމެން މަސައްކަތް ކުރަނީ. ދެން އަޅުގަނޑުމެންނަށް ސީނިއަރ ޑޮކްޓަރސް، އަދި އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންވެސް ދެއްވަންވީ އެޝުއަރެންސަކީ އަޅުގަނޑުމެން މިކަންކަން ކުރަމުންދާ ކަމަށްވަންޏާ، އައި.ޖީ.އެމް.އެޗާ އޮންނަ ލިންކް އޮންނަންވާނޭ. މެޑިސިން ކިޔަވައިގެން އައިސްފައި އެއްގޮތަކަށްވެސް ދާންވީކީ އެހެން ދާއިރާގައި މަސައްކަތް ކުރާކަށެއް ނޫން. އަދި މިތަނުގައި ޚިދުމަތް ކުރައްވާ ބޭފުޅުން އެހެން ހޮސްޕިޓަލެއްގައި، ޕްރައިވެޓް ހޮސްޕިޓަލެއްގައި ޓޯޓަލީ މަސައްކަތް ކުރައްވާތަން ފެނުނީމަ އަޅުގަނޑު ހަމަ ހިތަށް ވަރަށް ތަދުވާނެ. އެއީ ފަސޭހަކަމެއް ނޫން. އިރާދަކުރެއްވިއްޔާ ހަމަ ތިޔަބޭފުޅުންނަށް ބޭނުންވާ ހުރިހާ ރެމިއުނޭޝަނަކާއި ފަސޭހަކަމެއް އަޅުގަނޑުމެން ގެނެސްދެވޭތޯ ބަލާނަން. އެކަމަކު ޓްރޭނިންގގެ ބޮޑުބައި މިދަނީ ދައުލަތުގެ ބަޖެޓުން. އެހެންވީމާ، އެނބުރި ދައުލަތަށް ހަމަ ލިބެންޖެހޭ. އެއީކީ އެއްގޮތަކަށްވެސް ބޮންޑަކުން، 5 އަހަރުން، ނޫނީ 365 ދުވަހެއްގެ ގުނައަކުން ނިންމައިލެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ޚިދުމަތް ކުރަނީވެސް އެގޮތުގައި. އަދި އަމުދުން ހިއުމެނިޓީއަށް ޚިދުމަތް ކުރުމުގައި މިކަން އަޅުގަނޑުމެން ވަކިން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ.

މިތާ އެބަ ތިއްބެވި ހަމަ އައުޓްސްޓޭންޑިންގ ސްޕެޝަލިސްޓުން. އަނެއްކާ ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ބެލި ކަމުގައިވީނަމަވެސް، ހަމަ އައުޓްސްޓޭންޑިންގ ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑުމެން އެދެނީ ހަމަ އެބޭފުޅުންގެ ޚިދުމަތް، ކުރިއަށް އޮތް ތަނުގައިވެސް އައި.ޖީ.އެމް.އެޗަށް ލިބިގެން ދިޔުން. ދެން އަޅުގަނޑުމެންވެސް ދޭތެރެދޭތެރެއިން އައި.ޖީ.އެމް.އެޗްގައި އެބަ އުޅެންޖެހޭ. މިއީ ހަމަ އޯލް ޗިލްޑްރަން އޮފް ދަ ސޭމް ގޯޑް. އެހެންނޫންތޯ. އަޅުގަނޑުމެން ބަލިވެސްވާނެ. އެހެންނަމަވެސް، މިދޭތެރެދޭތެރެއިން އަޅުގަނޑުމެން އައިސް މިތިބޭ ތިބުންވެސް، ތިޔަބޭފުޅުންގެ އަޅައިލެއްވުން އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ. ހަމަ ވެރީ ކްލޯޒްޑް ޓު މައި ހާޓް. ހަމަ އެގޮތަށް އަޅުގަނޑު އަންހެނުންވެސް މިކަން އިޙްސާސްކުރޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، މި ކެއަރ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެން ދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ފެސިލިޓީޒް ތަނަވަސްކޮށްދޭނެ. އެކަމަކު މިއީ ހިއުމެނިޓީއަށް ޚިދުމަތް ކުރުމުގެ ދާއިރާއެއް ކަމަށް ހެލްތް ސަރވިސަސްގައި މަސައްކަތް ކުރައްވާ ޑޮކްޓަރސް، ނަރސަސް، އެޓެންޑެންޓްސް، ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައި އަބަދުވެސް އޮންނާނެ.

އަޅުގަނޑު އެދެނީ ހަމަ އައި.ޖީ.އެމް.އެޗަށް ކުރިއެރުންތަކެއް. އަޅުގަނޑުމެން ޞިއްޙީ ދާއިރާއަށް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި!

والسّلام عليــكم ورحـمــة اللّـه وبـركاتـه.