بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިރޭގެ މި އުފާވެރި ޖަލްސާގައި އެންމެ ފުރަތަމަ އަޅުގަނޑު އަދާކުރާހިތްވާ ވާޖިބަކީ، ވޭމަންޑޫގެ ވެރިންނަށާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑުގެ ހެޔޮއެދުންތައް ރައްދުކުރުން. ވޭމަންޑޫއަކީ ކޮޅުމަޑުލުގެ ވެރިކަންކުރާ ރަށް. އެގޮތުން މިރަށަށް ޚާއްޞަ މަޤާމެއް ދެވިފައިވޭ. އެހެންކަމަށްވުމާއެކު، ވޭމަންޑޫއަށް އައިސް ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރާ ޖަލްސާއަކީ އަޅުގަނޑު ދެކޭގޮތުގައި ޚާއްޞަ ޖަލްސާއެއް. އަދި ވަރަށް އުފާވެރި ޖަލްސާއެއް. އަދި ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ ވިދާޅުވި ފަދައިން، މި ޖަލްސާގައި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިން ބައިވެރިވެވަޑައިގެންނެވިކަން އެއީ އަދި މި ޖަލްސާއަށް އިތުރު ޚާއްޞަ ކަމެއް ގެނެސްދޭ ކަމެއް. ކޮންމެއަކަސް، އަޅުގަނޑުގެ ވަރަށް އުފާވެރި ވާޖިބެއް ކަމަށް ދެކެން، ވޭމަންޑޫގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރުން. އާދެ، އެއީ އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު، ރަށުގެ ކަންތައްތައް ކުރައްވައިފައިވާލެއް ފުރިހަމަކަމުން.

މިއަދު ހަވީރު އަޅުގަނޑު މިރަށަށް ފޭބީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރަށުތެރެ ބަލައިލުމުގެ ފުރުޞަތު އެވަގުތު އަޅުގަނޑަށް ލިބުނު. އާދެ، އަޅުގަނޑު ދަންނަވާނީ، މިރަށުގެ ރައްޔިތުން ކުރައްވައިފައިވާ ބޮޑެތި މަސައްކަތްތައް ފެނިފައި އަޅުގަނޑު ވަރަށް އުފާވެސްވިއޭ. އަދި ވަރަށް ދެރަވެސްވިއޭ. އާދެ، އުފާވި ސަބަބަކީ، އެ ހުރިހާ މަސައްކަތެއް ކުރައްވައިފައި އެވަނީ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚުލާސްތެރި ކަމެއްގެ ބޮޑުކަމުންކަން އަޅުގަނޑަށް އެނގޭތީ. ހަމައެފަދައިން، އެކަންތައްތައް ކުރައްވައިފައި އެވަނީ އެ އިޚުލާސްތެރި ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުންކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާވި. އަދި ރައްޔިތުންނަށާއި ވެރިންނަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކުގައި އަޅުގަނޑު ދެރަވި ސަބަބަކީ، އެ މަސައްކަތްތަކުގައި ރައްޔިތުން ހޭދަކުރައްވާނެ ގިނަ ވަގުތުތަކާއި އަދި ފަހަރެއްގައި ހިނގައިފައި ހުންނާނެ ހަރަދުތަކާއި، އެ މަސައްކަތްތަކުގެ ބޮޑުކަން އަޅުގަނޑަށް އިހުސާސް ކުރެވުނީމާ. އާދެ، މުޅި ރަށަށް، ރަށުގެ ހުރިހާ މަގުތަކަށް، އެއްކޮޅުން އަނެއްކޮޅަށް، މިސާލަކަށް، ދޮންވެލިލުން އެއީވެސް ކުޑަކަމެއްނޫން. އެކަމުގައި ރައްޔިތުން އެންމެންހެން އަޅުގަނޑު ހިތުން ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރައްވަންޖެހޭނެ. އަދި އެއަށްވުރެވެސް މާބޮޑެތި، މާއުނދަގޫ މާގިނަ މަސައްކަތްތަކެއް ކުރައްވައިފައި އެބަހުރި. އެބާވަތުގެ ކަންތައްތައް އެހެން ކުރެއްވުން އެއީ އަޅުގަނޑު މާ އެދޭ ކަމެއް ނޫން. އެއީ އަޅުގަނޑުގެ ބޭނުމަކީ ރާއްޖެތެރެއަށް ގޮސް ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް އަދި ކަންތައްތައް ހުރިނެތްގޮތް އޮޅުންފިލުވައި ސާފުކޮށް ހެދުން. ފަހަރެއްގައިވެސް އަޅުގަނޑު ރާއްޖެތެރެއަށް ދާ ދިޔުމުގެ ސަބަބުން އެއްވެސް ރަށެއްގެ ރައްޔިތުންނަށް އެއްވެސްކަހަލަ ތަކުލީފެއް އުފުއްލަވަންޖެހުން، އެއްވެސްކަހަލަ މަސައްކަތްތަކެއް ކުރައްވަންޖެހުން، އެބޭކަލުން ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތުން ކިތަންމެ ކުޑަ ހިނދުކޮޅެއް ނަމަވެސް، އެހެން ކަމަކަށް ޚާއްޞަކުރެއްވުން މިއީ، އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުންވާ ކަމެއްނޫން.

އާދެ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެތެރޭގައި އަޅުގަނޑު ދާ ދަތުރުތަކުގެ ސަބަބުން އެރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހުންނަގޮތަށް ކުރެވޭ ކަންތައްތައް އެއީ ވަރަށް އެދެވިގެންވާ އަދި ރަނގަޅު ކަންތައްތައް. މިސާލަކަށް، ރަށުގެ ފާލަން އެކަށީގެންވާ ގޮތަކަށް ހެއްދެވުން، މަގުތައް ރަނގަޅު ކުރެއްވުން، ގޭގޭ ފާރުތައް ލެއްވުން އަދި ރަށުތެރެ ސާފުކުރައްވައި، އޭގެ ފައިދާ ރައްޔިތުންނަށް ލިބޭ ކަހަލަ ގޮތަކަށް ކުރެވޭ އެހެނިހެންވެސް ކަންތައްތައް. އާދެ، އެބާވަތުގެ ކަންތައްތައް އެއީ، އެކަންކަމުން އޭގެ ދާއިމީ ފައިދާ ރައްޔިތުންނަށް ރައްދުވާނެ ކަންތައްތައް. އެހެން ވެއްޖެކަމަށްވަންޏާ އެއްވެސް މައްސަލައެއްނެތް. އަޅުގަނޑު އައުމުގެ މުނާސަބަތުގައި އެކަހަލަ ކަންތައްތައް ކުރެވޭ ކަމަށްވަންޏާ އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމަށް އަޅުގަނޑު ވަރަށް ތަރުޙީބުވެސް ދެން. އެހެންނަމަވެސް، އަޅުގަނޑު ދެންނެވި ކަހަލަ، އެހެންކަހަލަ ކަންތައްތައް ކުރެއްވުމަކީ، މާބޮޑު ފައިދާއެއް އެއިން ރައްޔިތުންނަށް ރައްދުވާނެ ކަންކަމެއް ނޫން. އެކަމަކު ހަމައެއާއެކު ދަންނަވަންޖެހެނީ، ކުރިންވެސް ދެންނެވި ފަދައިން، ފަހަރެއްގައިވެސް އަޅުގަނޑު ޝަކުވާގެ ވާހަކައެއް ދަންނަވަނީކީނޫނޭ. އެކަންތައްތައް ކުރައްވައިފައިވަނީ އިޚުލާސްތެރިކަމާ އެކުގައިކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެ މަސައްކަތްތައް އެގޮތުގައި ގަބޫލުކުރަމޭ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ވާހަކަ، ވޭމަންޑޫގެ ރައްޔިތުންވެސް އައްސަވާނެ. މިހާރު ތިން އަހަރުދުވަސް ވެއްޖެ، އަޅުގަނޑު މިދަތުރުތައް ފަށައިގެން އުޅޭތާ. އެންމެ ފުރަތަމަ ރާއްޖޭގެ އުތުރުގެ ދެ އަތޮޅަކަށް ދިޔައީ. އޭގެފަހުން ދެކުނަށް. އެހެންގޮސް މިހާރު ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެތެރޭގެ ވަރަށްގިނަ އަތޮޅުތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިއްޖެ. ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަރަށްގިނަ އަދަދެއްގެ ރަށްރަށަށް އަޅުގަނޑަށް ދެވިއްޖެ. ގާތްގަނޑަކަށް މުޅި ރާއްޖޭގައި އޮތް ރަށްތަކުގެ ހަތަރުބައިކުޅަ ތިންބައި ރަށްރަށަށް އަޅުގަނޑަށް ދެވިއްޖެއޭވެސް ދެންނެވިދާނެ.

އާދެ، ކޮންމެއަކަސް މިދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް އަޅުގަނޑު އަމިއްލައަށް، އަޅުގަނޑުގެ އަމިއްލަ ލޮލުން އެ މަންޒަރުތައް ދުށުން. އެ ރާއްޖެތެރޭގެ ހާލު އަހުވާލު، އަޅުގަނޑު ގޮސްގެން އަމިއްލައަށް އެކަންތައް ސާފުކުރުން. ރާއްޖެތެރޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުންނަ ކަންތައްތައްވެސް އަޅުގަނޑު އަމިއްލައަށް ބަލައި ހެދުން. އެއީ މާލޭގައި ހުރެގެން އެހެން ފަރާތްތައް މެދުވެރިކޮށްގެން ކިތަންމެ ރިޕޯޓުތަކެއް ގެނައި ކަމުގައިވިޔަސް، ޙަޤީޤަތުގައި ކަންތައްތައް ހުރިނެތްގޮތެއް ސާފެއްނުވާނެ. ސާފުވާނީ ހަމަ ވެރިޔަކަށް ހުންނަ މީހަކު، އެމީހަކު އަމިއްލައަށް އެތަންތަނަށް ގޮސްގެން އަމިއްލައަށް އެކަންތައްތައް ހުރިނެތްގޮތް ބަލައިގެން. އެކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ، މީގެ ތިން އަހަރުދުވަސް ކުރިން، މިދެންނެވި ދަތުރުތައް ފަށައިގެން މިއުޅެނީ. އަދި މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ނުދެވޭ. އެހެންނަމަވެސް، ރާއްޖޭގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކަންތައްތައް ހުރިނެތްގޮތް މިހާރު އަޅުގަނޑަށް އެނގޭ. ބޭނުންވާ ކަންތައްތައްވެސް އެނގޭ. އެހެންވީމާ، ކުރިން ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމުގެ މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްތައްވެސް ހިނގަމުން އެބަދޭ.

އާދެ، ވަރަށްގިނަ ރަށްރަށުގައި އެ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުން އެބަދޭ. ކިތަންމެ ކުރުގޮތަކަށް ދަންނަވައިލިނަމަވެސް، މިސްކިތްތައް މަރާމާތު ކުރުމާއި، ބައެއް ތަންތާނގައި އަލަށް މިސްކިތް އިމާރާތް ކުރުން. ބައެއް ރަށްރަށުގައި ރަށުއޮފީސްތައް މަރާމާތުކުރުން ނުވަތަ އަލުން އެޅުން. ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ މަދަރުސާއެއް ހިންގުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން. އަދި ފަޅު ކޮންނަން ބޭނުން ތަންތާނގައި ފަޅުކޮނުން. ނެރުގޮއްވަން ބޭނުންވެފައިވާ ތަންތާނގައި ނެރުގޮއްވުން. މިހެންގޮސް ވަރަށްގިނަ ކަންތައްތައް. ކޮންމެހެން އޭގެ ތަފުސީލުތައް އަޅުގަނޑު ނުދެންނެވިޔަސް އެ މަސައްކަތްތައް މިހާރު ހިނގަމުން އެބަދޭ. އާދެ، އޭގެ ބޭނުމަކީ، ރާއްޖެތެރެ ކުރިއަށް ގެންދިޔުން. ރާއްޖެތެރެ ރަނގަޅު ކުރުން. ރާއްޖެތެރޭގައި ދެވެން ހުންނަ ޚިދުމަތްތައްވެސް، އެއްދުވަހުން އަނެއްދުވަހަށް ފެންވަރު މައްޗަށް ދިޔުން. ހަމައެފަދައިން ރައްޔިތުންނަށް ދަތިވެފައިހުންނަ ކަންތައްތައް ހަމަޖައްސައިދީ، ރައްޔިތުންގެ ދިރިއުޅުމަށް ވީހާބޮޑަކަށް ތަނަވަސްކަމާއި ލުއިފަސޭހަތައް ހޯދައިދެވޭތޯ ބެލުން.

އާދެ، މިދެންނެވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދޭ. އަނެއްބައި ކަންތައްތައް އުންމީދުކުރެވޭ ވަރަށްވުރެ ތަންކޮޅެއް ލަހުން ކުރިއަށްދަނީ. އެއީ ސަބަބުތަކެއްވެސް ހުރެގެން. މިސާލަކަށް، ރަށްރަށުގެ ނެރު ގޮއްވުން އެއީ މާ ހަލުވިކޮށް ހިނގާ ކަމެއްނޫން. ވަކިބަޔަކު ކުރަންޖެހޭ މަސައްކަތެއް، ވަކި ޚާއްޞަ ސާމާނުތަކެއް ބޭނުންކޮށްގެން، ވަކި މޫސުމެއްގައި ކުރެވެނީ. އެހެންވީމާ، ފަހަރަކު ތަނެއްގައި ކުރެވޭގޮތަށް އެކަންތައް އޮންނަނީ. އެއާޚިލާފަށް އެއްފަހަރާ ކުރެވޭކަހަލަ ކަންތައްތައްވެސް އެބަހުރޭ. މިސާލަކަށް، މިސްކިތްތައް އިމާރާތް ކުރުން. އެހެން ދެންނެވި ކަމުގައިވިޔަސް، ހަރަދުގެ މައްސަލަ އޮންނަގޮތުން އެއްފަހަރާ ހުރިހާ ރަށެއްގައި އެކަންވެސް ކުރެވޭކަށެއްނޯވޭ. އެކި އަހަރުތަކަށް ބަހައިލައިގެން، ވަކި އުސޫލެއްގެ މަތިން މިގެންދަނީ. އެއީ އެންމެ ފުރަތަމަ އެ ޚިދުމަތްތަކަށް ބޭނުންވާ ރަށްރަށުގައި އެކަންތައް ކޮށްފައި، ދެން އޭގެފަހުން ކުރަންޖެހޭ ތަންތާނގައި ދެން ކުރާގޮތަށް. އެހެންވީމާ، އެކަންތައްތައް ކުރިއަށް އެބަދޭ. މިރަށަށްވެސް މިސްކިތެއް އިމާރާތް ކުރުން، މިދެންނެވި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވޭ. އެކަން އަދި މިއޮތީ ނުފެށި. އެއީ އަޅުގަނޑު ކުރިންވެސް މިދެންނެވި އުސޫލުގެ މަތިން މިއަށްވުރެ ބޮޑަށް މިސްކިތް އިމާރާތް ކުރަން ބޭނުންވެފައި ހުންނަ ރަށްރަށަށް އިސްކަންދިނުމުގެ ގޮތުން.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރަމުންދާއިރު، އެންމެބޮޑު އަހަންމިއްޔަތެއް ސަރުކާރުންދޭ ކަމަކީ ތަޢުލީމު. އަހަންމިއްޔަތު ދޭންޖެހޭނެވެސް ކަމަކީ ތަޢުލީމު. އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވާނެ ފުރުޞަތެއް ހޯދައިދިނުން. ކިޔެވުމަކީ، ވަކި އުމުރެއްގައި ނޫނީ ނުކުރެވޭކަހަލަ ކަމެއް. އެހެންވީމާ، ކިޔަވާ އުމުރުގައި ތިބޭ ކުދިންނަށް އެފުރުޞަތު މިއަދު ތަނަވަސް ނުކުރެވޭ ކަމަށްވަންޏާ، އެމީހުންނަށް އަބަދަށްޓަކައި އެ ފުރުޞަތު ގެއްލިގެންދާނެ. އޭގެފަހުން އެ ފުރުޞަތެއް އެމީހުންނަކަށް ނުލިބޭނެ. އެހެންވުމާއެކު، މިހާރު އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭންޖެހޭނެ. މިހާރު ކިޔަވައިދޭން ބޭނުންވާއިރު، ރާއްޖެތެރޭގައި އެކަށީގެންވާ ދަރަޖައަށް ހުރި ކިޔަވައިދޭ ތަންތަނެއް ނެތް. ވަރަށްގިނަ ރަށްރަށުގައި މަކްތަބެއްހާހިސާބުވެސް ނުހުރޭ. ބައެއް ތަންތާނގައި މަކްުތަބުތައް ހިނގާ. އެކަމަކު އެގޮތަށް ދޫކޮށްލައިގެން ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ސަރުކާރުން ހޯދައިދެވުނީކަމަކަށް ނުވާނެ. އެހެންވީމާ، ސަރުކާރުން ގަސްދުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކަކީ، ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން މަދަރުސާއެއް ހިންގުން. އެއީ އަތޮޅުގެ، އަތޮޅުމަދަރުސާ. އާދެ، ކޮޅުމަޑުލުގެ އަތޮޅުމަދަރުސާ ހިނގަމުންދަނީ މިރަށުގައި، ވޭމަންޑޫގައި. އޭގެއިތުރުން ކޮންމެ އަތޮޅެއްގައި ތަޢުލީމީ މަރުކަޒެއް ޤާއިމުކޮށްގެން، އެ މަރުކަޒުގެ ޚިދުމަތްތައްވެސް މުޅި އަތޮޅުގެ ދަރިންނަށް ލިބޭގޮތަކަށް ޙަޤީޤަތުގައި ރޭވިފައި އޮތީ. އެހެންނަމަވެސް، ކަންދިމާވާގޮތުން ގިނަފަހަރަށް އެ ޚިދުމަތްތައް ލިބެނީ އެރަށެއްގެ ކުދިންނަށް. އަދި އޭގެއިތުރުން ބޭރު ޤައުމުގެ އެހީގައި ސަރުކާރުން ހަދަމުންދާ މަދަރުސާތަކެއްވެސް އަތޮޅުތަކުގައި ހަދަމުން ގެންދިޔުން. މިތަންތާނގެ އިތުރަށްވެސް ރާއްޖެތެރޭގައި އަމިއްލަގޮތުން ހުޅުވައިގެން ކިޔަވައިދެމުންގެންދާ މަކްތަބުތަކަށާއި މަދަރުސާތަކަށް ވަކި އުސޫލެއްގެ މަތިން އެހީވަމުން ގެންދިޔުން.

އާދެ، އެ އުސޫލަކީ މެދުނުކެނޑި 10 އަހަރުވުމަށްފަހު، ސަރުކާރުގެ ފަރާތުން ފައިސާގެ އެހީއެއް ދިނުން. މެދުނުކެނޑި 10 އަހަރުނުވެ ހުންނަ ތަންތަނަށްވެސް ސަރުކާރުން އެކިއެކި ޢިނާޔަތް ދެމުންދޭ. މިސާލަކަށް، އިމާރާތް މަރާމާތުކުރަން ޖެހިފައި ހުރެއްޖެ ކަމަށްވަންޏާ، އިމާރާތް މަރާމާތުކޮށްދިނުން. ޓިނު އާކުރަންޖެހިފައި ހުރި ކަމަށްވަންޏާ ޓިނު އާކޮށްދިނުން. ގޮނޑި، މޭޒު، ޑެސްކްފަދަ ތަކެތި ހޯދަންވެފައިވާ ކަމަށްވަންޏާ، އެފަދަ ތަކެތި ހޯދައިދިނުން. ނުވަތަ މުދައްރިސެއްގެ މުސާރަ ހަމަޖައްސައިދިނުން. މިކަހަލަ ގޮތަކަށް ވަރަށްގިނަ ޢިނާޔަތްތައް 10 އަހަރު ނުވެހުރި ތަންތަނަށްވެސް މިހާރު ސަރުކާރުން އެބަދޭ. އާދެ، އެހެންނަމަވެސް، އެތަންތަނަށް އެ ޢިނާޔަތްތައް ދެނީ އެކަށީގެންވާ ގޮތަކަށް އެތަންތަން ހިނގަމުންދާ ކަމަށްވަންޏާ. ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރަށުގެ ރައްޔިތުން އެކަމަށް ބަހައްޓަވާ ޝައުޤުވެރިކަމެއްގެ ސަބަބުން އެ މަދަރުސާތަކާއި މަކްތަބުތައް އެކަށީގެންވާ ގޮތަކަށް، އެކަށީގެންވާ މުއްދަތަކަށް ހިނގައިފައިވާ ކަމަށްވަންޏާ، މިދެންނެވި ގޮތުގެމަތިން ސަރުކާރުން ޢިނާޔަތްދެނީ. އެނޫންގޮތަކަށް ދެވެން ނޯންނާނެކަން، އަޅުގަނޑުހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަޒަންކުރެއްވޭނެ. އެއީ އެއްވެސް މަސައްކަތެއްނުކޮށް، ކަމެއްނުކޮށް ތިބޭ ބަޔަކަށް ސަރުކާރުންވެސް އެހީވެދިނުމަކީ، ފަސޭހަކަމަކަށްނުވާނެ. އެހެންނަމަވެސް، އަމިއްލަ އިޖުތިހާދުން، އަމިއްލަ މަސައްކަތުން ކަމެއް ފަށައިގަނެގެން ވަކި ހިސާބަކަށް ގެންދިޔުމަށްފަހުގައި، ދެން ސަރުކާރުގެ ފަރާތުން އެހީތައް ލިބުން އެއީ ވަރަށް ކައިރީގައި އޮންނާނޭ ކަމެއް.

އާދެ، ތަޢުލީމަށް އަޅުގަނޑުމެން އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ސަބަބަކީ، ތަޢުލީމަކީ، ތަރައްޤީގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައިވާކަން. އެއްވެސް ޤައުމަކަށް ތަރައްޤީވެވޭނީ އެކަށީގެންވާ ފެންވަރަކަށް އެ ޤައުމުގައި ތަޢުލީމު ފެތުރިގެން ކަމަށްވާތީ. އަޅުގަނޑުމެންގެ ދަރިން މިހާރު އެތިބީ، ކުރިންވެސް ދެންނެވި ފަދައިން ކިޔަވާ ޢުމުރުގައި. އެކުދިންނަށް މި ފުރުޞަތު މިހާރު ނުލިބުނު ކަމަށްވަންޏާ، ފަހުންވެސް ނުލިބޭނެ. އެހެންވީމާ، ސަރުކާރުން ތަޢުލީމު ފަތުރަން އެކުރާ މަސައްކަތްތަކުގައި ރައްޔިތުން އެއްބާރުލެއްވުމަކީ ކޮންމެހެން ބޭނުންވާ ކަމެއް. ރައްޔިތުންގެ އެއްބާރުލެއްވުންނެތި، ސަރުކާރުން ކިތަންމެ ބޮޑު މަސައްކަތެއް ކުރި ކަމުގައިވިޔަސް، ކިތަންމެ ގިނަ ފައިސާއެއް ހަރަދުކުރި ކަމުގައިވިޔަސް، އެއިން އެއްވެސް އެދެވޭ ނަތީޖާއެއް ނުފެންނާނެ.

އާދެ، ތަޢުލީމު ކުރިއަށްގެންދަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ، އަޅުގަނޑުމެންގެ އިޤުތިޞާދިއްޔަތު ކުރިއަރުވަންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަން. ކޮންމެ ތަރައްޤީއެއްގެވެސް އަސްލަކީ، އެއްގޮތަކަށް ބަލާއިރު އިޤުްތިޞާދު ރަނގަޅުވުން. ތަނަވަސްކަން އިތުރުވުން. ތަނަވަސްކަމެއްނެތި އެއްވެސްކަހަލަ މަސައްކަތެއް ނުކުރެވޭނެ. ކިތަންމެ މާތް، ކިތަންމެ މޮޅު މަސައްކަތެއްނަމަވެސް، ކުރަން ބޭނުންވެއްޖެިއްޔާ، ކޮންމެވެސްކަހަލަ ހަރަދެއް އެކަމަށް ހިނގާނެ. އެހެންވީމާ، އެ ޚަރަދު ހޯދޭނެގޮތެއް ނުހޯދައި، އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ޚިދުމަތެއް ކުރިއަށް ގެންދެވޭކަށް ނޯންނާނެ. މިސާލެއްގެ ގޮތުން ދަންނަވަންޏާ، މިސްކިތްތައް އިމާރާތް ކުރުން. އެއީ، ވަރަށް މާތް މަޤްޞަދަކަށް ކުރާ ކަމެއް. ދީނީގޮތުން ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް. ހަމަ ކޮންމެހެން ހުންނަންޖެހޭނޭ ތަނެއް، ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ މިސްކިތަކީ. އެހެންނަމަވެސް، މިސްކިތްތައް އިމާރާތް ކުރެވެނީ ކިހިނެއްތޯ؟ ވަރަށްބޮޑު ހަރަދެއް ކޮށްގެން. އެ ހަރަދު އަޅުގަނޑުމެންނަށް ހޯދެނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން، އާމްދަނީއެއް ހޯދައިގެން. ހަމައެފަދައިން، މަދަރުސާތައް އެޅުން. އަދި ޞިއްޙީ ފަރުވާއަށްޓަކައި ހެދޭ މަރުކަޒުތައް ހެދުމާއި، އެނޫންވެސް އެފަދަ މުހިންމު ޚިދުމަތްތައް ދޭ ތަންތަން ޤާއިމުކުރުން އެއީ، ވަރަށް ބޮޑެތި ހަރަދު ހިނގާ ކަމެއް. ހަމައެފަދައިން، އެތަންތަން އުފެއްދުމުގެ އިތުރަށް، އެތަންތަން ހިންގުން އެއީވެސް އެހާބޮޑު ހަރަދުތަކެއް ބޭނުންވާނެކަމެއް. އެހެންވީމާ، އިޤުތިޞާދު ކުރިއަށް ގެންގޮސް، ލިބޭ އާމްދަނީ އިތުރުކޮށްގެން ނޫނީ އެފަދަ މުހިންމު ބޭނުންތެރި ޚިދުމަތްތައްވެސް ކުރިއަށް ގެންދެވޭކަށެއް ނޯވޭ.

އާދެ، އެހެންވީމާ، އިޤުތިޞާދަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ. ދޭންޖެހޭއިރު އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައިހުރި އެންމެ މުހިންމު މަސައްކަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ. އާދެ، އޭގެތެރެއިން އެންމެބޮޑު އެންމެ ޚާއްޞަ މަސައްކަތަކީ، މަސްވެރިކަން. މިއަތޮޅަކީ، މަސްވެރި އަތޮޅެއް. އަދި މިރަށަކީވެސް މަސްވެރިކަމުން މިރަށުގެ ރައްޔިތުން ދިރިއުޅޭ ރަށެއް. އެހެންވުމާއެކު، މިރަށުގެ ރައްޔިތުންނަށްވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ ފައިދާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ސަރުކާރުން އެކުރާ މަސައްކަތްތައްވެސް އަޅުގަނޑު ހިތުން ވަންހަނާވެގެނެއް ނުވާނެ. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމާއި އަދި މިނޫން ގޮތްގޮތުންވެސް މަސްވެރިކަން ކުރިއަށް ގެންގޮސް، މަސްވެރިކަމުން ރާއްޖޭގެ ރައްޔިތުންނަށާއި އަދި ޤައުމަށް ލިބޭ ފައިދާތައް، އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެއްވުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެ މަސައްކަތްތައް ކުރަމުން ގެންދާއިރު، ސަރުކާރުންވެސް ވަރަށް ބޮޑެތި ހަރަދުކުރޭ. އަދި އޭގެއިތުރުން، ބޭރުގެ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުން ލޯނު ހޯދައިގެން، އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ދަރަންޏަށް ފައިސާ ނަގައިގެންވެސް އެބާވަތުގެ ކަންތައްތައް ކުރިއަށް އެބަގެންދޭ. އެއީ ކަމުގެ މުހިންމުކަން ބޮޑުކަމުން. އެހެންވީމާ، އެހާ ބޮޑެތި މަސައްކަތްތައް ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާއިރުގައި، ވަރަށް ޚާއްޞަ ގޮތަކަށް ރައްޔިތުންގެ އެއްބާރުލެއްވުން އޮންނަންވާނެ. ރައްޔިތުންގެ އެއްބާރުލެއްވުންނެތި، އެކަންކަން ކާމިޔާބެއްނުވާނެ. އެއިން އެދެވޭ އެއްވެސް ފައިދާއެއް ނުފެންނާނެ. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ރައްޔިތުން އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ހައްދަވަންވާނެ. ޚާއްޞަކޮށް، މަސްވެރި ރަށްރަށުގެ ރައްޔިތުން.

އާދެ، މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ އިތުރަށް، ތަނުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ތަފާތު އެހެން މަސައްކަތްތައްވެސް ކުރިއަށް ގެންދަން، ކޮންމެ ރަށެއްގައިވެސް ކުރެވޭ އެހެން މަސައްކަތްތައްވެސް ހުންނާނެ، މަސްވެރިކަން ފިޔަވައި. އެހެންވީމާ، އެ މަސައްކަތްތައްވެސް ހަނދާން ނައްތައިނުލައި، އެމަސައްކަތްތައްވެސް ކުރިއަށްގެންދަންވާނެ. އަދި އެއްވެސްމީހަކު މަސައްކަތެއްނުކޮށް މުޖުތަމަޢުގައި ހުރެގެނެއްނުވާނެ. އެހެން ހުރެއްޖެ ކަމަށްވަންޏާ، އެމީހާއަށް އެ ދިރިއުޅެވެނީ އެހެން މީހުންގެ އެހީގައި. އެއީކީ އެދެވިގެންވާކަމެއްނޫން. އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އަދި ދީނީގޮތުން ބަލާއިރުވެސް މަސައްކަތް ކުރެވޭވަރުގެ މީހަކު، އެއްވެސް މަސައްކަތެއް ނުކޮށް، އެހެން މީހުންގެ އެހީގައި އުޅުމަކީ، ވަރަށް ނޭދެވޭ ކަމެއް. ކޮންމެ މީހަކުވެސް ބަލަންވާނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅެވޭތޯ. އަދި އެކުރާ މަސައްކަތް އެއްދުވަހުން އަނެއްދުވަހަށް އިތުރުކޮށްގެން، އެއްދުވަހުން އަނެއްދުވަހަށް އެ މަސައްކަތް ފުރިހަމަކޮށްގެން އޭނާއަަށް، އެމީހަކަށް އެ ލިބޭ އާމްދަނީ އިތުރުވަމުންދޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ. އެއީ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނޭ ފަދައިން، ދިރިއުޅުމުގެ ހަރަދުތައް، އެއްދުވަހުން އަނެއްދުވަހަށް ދަނީ މައްޗަށް. އަޅުގަނޑުމެން މިހާރު މި ދިރިއުޅޭ ފެންވަރުގައި އުޅެވޭނީވެސް މިހާރު ލިބޭ އެއްޗަކަށްވުރެ އިތުރު އެއްޗެއް ލިބިގެން. އަދި މިހާރު މިތިބަ ފެންވަރުގައި ތިބުންވެސް އަޅުގަނޑުމެން ބޭނުމެއްނުވޭ. ކޮންމެ މީހަކުވެސް ބޭނުންވާނެ، މިހާރަށްވުރެ ރަނގަޅަށް ދިރިއުޅުން ހަމަޖައްސަން. ކޮންމެ މީހެއްވެސް ބޭނުންވާނެ، އެމީހެއްގެ ގެދޮރު މިހާރަށްވުރެ ރަނގަޅަށް ހަދައިލަން، އެމީހެއްގެ ދަރިންނަށް ކިޔަވައިދޭން. އަދި އެއުޅޭ ފެންވަރުވެސް، ބޭނުންވާ ތަކެތިވެސް އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާތީ، އިތުރު ކަންތައްތައް ހަމަޖައްސަން ބޭނުންވާނެ. އެހެންވީމާ، ލިބޭ އެއްޗެއް އިތުރުކޮށްގެންނޫނީ، އެ ހުރިހާ ކަމެއް ހަމައެއް ނުޖެއްސޭނެ. ދިރިއުޅުން ތަރައްޤީ ކުރުމަކީ، ހަމަ އަޅުގަނޑުމެން އުންމީދު ކުރަންވެސްވާނެ ކަމެއް. އެއީ ފަހަރެއްގައިވެސް އަޅުގަނޑުމެން އެއްގޮތަކަށްވެސް، އެއީ އެދެވިގެންވާކަމެއް ނޫނޭ ހިތަންވީކަމެއް ނޫން. ކޮންމެ މީހަކުވެސް ހަމަ އެދެންވެސްވާނެ، އުންމީދުވެސް ކުރަންވާނެ، ދިރިއުޅުން ތަރައްޤީ ކުރުމަށް. މިހާރު އުޅެންވާ ފެންވަރަށްވުރެ މައްޗަށް ދިރިއުޅެވޭތޯ ބެލުމަށް. އެއީ ދީނީގޮތުން ބަލާއިރުވެސް އެދެވިގެންވާ ކަމެއް. ކީރިތި ޤުރްއާނުގައިވެސް އަންގަވައިފައިވަނީ، [وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا.] [އާޚިރަތަށް މަސައްކަތްކުރާއިރުވެސް ދުނިޔެއިން ކަލެއަށް ލިބެންއޮތްބައި ހަނދާން ނައްތައިނުލާށޭ.] އިސްލާމްދީނަކީ، ހަމައެކަނި އަޅުކަން ކުރުމުގެ ދީނެއް ނޫން. އަޅުކަން ކުރުމުގެ އިތުރަށް، ދުނިޔެ އިމާރާތްކޮށް، ދުނިޔެ ތަރައްޤީކޮށް، ދިރިއުޅުން ކުރިއަށް ގެންދިޔުން އެއީ، އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ މާތް މަޤްޞަދެއް. އެ މަޤްޞަދު ހާސިލުކުރެވޭތޯ އަޅުގަނޑުމެން ބަލަންވާނެ. އެހެންވީމާ، ދިރިއުޅުމުގައި ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިޔުމަށާއި، ދިރިއުޅުމުގެ ފެންވަރު ތަރައްޤީ ކުރުމަކީ ދީނީގޮތުންވެސް، ޤައުމީގޮތުންވެސް، އިޖުތިމާޢީ ގޮތުންވެސް އެދެވިގެންވާ ކަމެއް. އެކަމަށް އަޅުގަނޑުމެން އުންމީދުވެސް ކުރަންވާނެ. އެކަން އެހެން ހެދޭނީ އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރުކޮށްގެން. އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކޮށްގެން. ލިބޭ އެއްޗެއް އިތުރުވެގެން.

އާދެ، އަޅުގަނޑުގެ ވާހަކައަކީ، ކޮންމެ މީހަކުވެސް ކޮންމެވެސް މަސައްކަތެއް ކުރަންވާނެއޭ. އަދި އެމީހަކު އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބަލައިގެން، އެއިން ލިބޭ އެއްޗެއްވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެވޭތޯ ބަލަންވާނެއޭ. ހަމައެއާއެކުގައި އަޅުގަނޑު ދާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ނަޞޭޙަތްތެރިވަން، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކޮށް، އެއީ އެކުވެރިކަމާއި، އެއްބާރުލުމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް ހެއްދެވޭތޯ މަސައްކަތް ކުރެއްވުމަށް. އާދެ، އޭގެ ސަބަބު އެއްވެސް މީހަކަށް ވަންހަނާވެގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ އެއްދީނެއްގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ ރައްޔިތުން. އެހެންވީމާ، އަޅުގަނޑުމެންނަކީ ހުރިހާގޮތަކުން ބަލާއިރުވެސް އަޚުންތަކެއް. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި ދެކޮޅުވެރިކަމެއް، ފިތުނައެއް، ރުޅިވެރިކަމެއް އުފެދޭނެ ޖާގައެއް، ތަނެއް ނެތް. ސަބަބެއް ނެތް. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަކީ ނަސީބުވެރި ބައެއް. ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރު، އެތަންތަން އެހާ ނަސީބުވެރި ތަންތަނޭ ދެންނެވޭކަށްނެތް. އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކަށް ބަލައިލިޔަސް، އެއިން ކޮންމެ ތަނެއްގައިވެސް ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ. ތަފާތު ބަސްބަހުން ވާހަކަދައްކާ. ތަފާތު ނަސްލުތަކުން އައިސްފައިވާ މީހުން ދިރިއުޅޭ. އެހެންވީމާ، އެމީހުންގެ މެދުގައި އެކި ބާވަތްބާވަތުގެ ހަމަނުޖެހުން އުފެދުމަކީ އެކަށީގެންވާ ކަމެއް. އެކަމުގެ ސަބަބުތައް އެބަހުރި. އެއާޚިލާފަށް، އަޅުގަނޑުމެން ބައްލަވާ! އަޅުގަނޑުމެންގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިއެއް ނޫން އެހެން އެއްވެސް ދީނެއްގެ އަހުލުވެރިއެއް ނެތް. އަޅުގަނޑުމެންގެ ތެރޭގައި ދިވެއްސެއް ނޫން އެހެން އެއްވެސް މީހަކު ނެތް. ދިވެހިބަހުން ވާހަކަދައްކާ މީހެއް ނޫން އެހެން އެއްވެސް މީހަކުނެތް.

އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި މިހުރިހާކަމެއް މިހުރީ ހަމަޖެހިފައި. ހުރިހާގޮތަކުންވެސް އެކުވެރި، އޯގާވެރި، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަން އުފެދޭ ބާވަތުގެ ބައެއްކަމުގައި ﷲ ވަނީ އަޅުގަނޑުމެން ލައްވައިފައި. އެ މަތިވެރި ނިޢުމަތް އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވާނެ. އެހާބޮޑު ނަސީބެއް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ﷲ ދެއްވައިފައިވާކަން ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާން ނައްތައިާލައިގެން ނުވާނެ. އެހެންވީމާ، އެ ނިޢުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުންނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެއްބާރުލެއްވުމުގެ ގުޅުން އޮންނަންވާނެ. ކޮންމެ މީހަކުވެސް އަނެކުންނަށް ކަމޭހިތުމާއި، އިޙުތިރާމު ކުރުމާއި، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމާ، މިކަންކަން ހަމަ އެއްގޮތަކަށްވެސް ހަނދާން ނައްތައިލައިގެން ނުވާނެ. އެކަންކަން އެގޮތަށް ކުރަންވާނެ. އެއްވެސް ހާލެއްގައި ތިމާގެ އަމިއްލަ ބޭނުމަށްޓަކައި، އަމިއްލަ އެދުމަށްޓަކައި ތިމާގެ ކަންތައްތައް އިސްކޮށް، އެހެން މީހުންގެ ކަންތައްތައް ފަސްކޮށް، އެހެން ހަދައިގެން ނުވާނެ. އެމީހުންނަކީވެސް ތިމާކަހަލަ ހަމަ މިމުޖުތަމަޢުގެ މެންބަރެއްކަން، މި ޖަމާޢަތުގެ މެންބަރެއްކަން، ތިމާގެ އަޚެއްކަން އަބަދުވެސް ހަނދާންކޮށްގެން، އަބަދުވެސް އެދޭ ހުރިހާހެވެއް އެހެން މީހުންނަށްވެސް އެދެންވާނެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވޭ. [ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާނެއްނުވެޔޭ، އެމީހާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އެހެން މީހުންނަށް، ތިމާގެ އަޚާއަށް ހެޔޮނޭދޭނަމަ.] އާދެ، އެއީ އަޅުގަނޑުމެންނަކީ މުސްލިމް ޖަމާޢަތަކަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، މިދެންނެވި ކަހަލަ ލޯބީގެ ގުޅުން. ތިމާގެ އަމިއްލަ ނަފުސަށް އެ އެދޭ ހުރިހާ ހެވެއް، އެހެން މީހުންނަށްވެސް އެދެންވާނެ. އެހެން މީހުންނަށް ހެޔޮނޭދޭނަމަ، ތިމާ އެއީ ފުރިހަމަ މުއުމިނެއް ކަމުގައެއްނުވޭ. ރަސޫލާ އަންގަވައިފައިވާ ގޮތުން، އަދި ތިމާގެ ބަހާއި ޢަމަލުން އެހެން މީހަކަށް އެއްވެސްކަހަލަ އުނިކަމެއް، ގެއްލުމެއް، އަނިޔާއެއް ލިބޭ ކަމަށްވަންޏާ، ތިމާ ފުރިހަމަ މުސްލިމަކަށްވެސް ނުވޭ. އެއީވެސް ކީރިތި ރަސޫލާ އަންގަވައިފައިވާ ބަސްފުޅެއް. [ތިޔަބައިމީހުންގެ ތެރެއިން މުސްލިމަކު ކަމުގައިވާނީ އެމީހާގެ ދުލާއި އަދި އެމީހާގެ އަތުގެ ނުބައިން އެހެންމީހުން ރައްކާތެރިވެ ސަލާމަތްވެގެންވާ މީހާއޭ.] އެހެންވީމާ، އަޅުގަނޑުމެންކުރާ އެއްވެސް ކަމަކުން އެހެން މީހަކަށް، އެހެން މީހެއްގެ ޙައްޤަށް ގެއްލުމެއް ލިބޭ ކަމަށްވަންޏާ، އުނިކަމެއް ލިބޭ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައެއްނުވޭ. އެއީ އިސްލާމީ އުސޫލާ އެއްގޮތަށް ޢަމަލުކުރާ ބައެއް ކަމުގައެއްނުވެއޭ. ހަމައެފަދައިން، އަޅުގަނޑުމެން ދައްކާ ވާހަކައިން ނުވަތަ ބުނާ އެއްޗަކުންވިޔަސް، އެހެން މީހެއްގެ އަބުރާބެހި، އެހެން މީހަކަށް ގެއްލުމެއް ނުވަތަ ހުތުރު ނަމެއް ލިބޭފަދަ ގޮތެއް މެދުވެރިވެއްޖެއްޔާ، އެއީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައެއްނުވޭ.

އެހެންވީމާ، މިކަންތައްތަކުގެ މައްޗަށް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ. އެއާ އެއްގޮތަށް ޢަމަލުކުރަންވެސް ޖެހޭނެ. އަޅުގަނޑުމެންނަކީ، اللّـه سبحـانـه وتعـالى ލައްވައިފައިވާގޮތުގައި އަޚުންތަކެއް. އެހެންވީމާ، އަޚުންކަން ގަބޫލުކޮށްގެން، އެ އުސޫލުގެ މަތިން އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ހުންނަންވާނީ. އެކުވެރި ބައެއްގެގޮތުގައި ތިބެގެން އަޅުގަނޑުމެންކުރާ ހުރިހާ މަސައްކަތެއްގެ ފައިދާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެންނާނެ. އެކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވާނެ. އޭގެ ނަތީޖާތައް އަޅުގަނޑުމެންނަށް ދައްކަވާނެ. އެއާ ޚިލާފަށް އަޅުގަނޑުމެންނަކީ ވަކިވަކިވެ ބައިބައިވެފައިވާ ބައެއް ކަމުގައި ވެއްޖެނަމަ، ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެ މަސައްކަތުގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއާ ޚިލާފަށް އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެން ދާނީ ދަށަށް.

އާދެ، ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ގަސްދެއްނުކުރަން. މިވާހަކަތަކަކީ ރައްޔިތުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަންތައްތައް. އެހެންނަމަވެސް، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ، ކޮންމެ ރަށެއްގައިވެސް މިވާހަކަތައް ދައްކައި، ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ހެދުން. އެހެންވީމާ، އެ އަޅުގަނޑުގެ ވާހަކައިގައި މިގެނައި ނުކުތާތަކާ ދޭތެރޭގައި މިރަށުގެ ރައްޔިތުން ވިސްނަވައި، އެގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. އަޅުގަނޑު އެދެނީ، ވޭމަންޑޫއަށާއި އަދި ކޮޅުމަޑުލުގެ ރައްޔިތުންނަށް ތަނަވަސް ބާއްޖަވެރި ޙަޔާތެއް اللّـه سبحـانـه وتعـالى ދެއްކެވުން. އަދި ކޮޅުމަޑުލަށާއި ވޭމަންޑޫއަށް އިތުރު ތަރައްޤީއާއި ކުރިއެރުން اللّـه سبحـانـه وتعـالى މިންވަރުކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.