އަންނަ އަހަރު އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ ޢިމާރާތް ނިމިގެންދާއިރު، އެ ޢިމާރާތުން ޙިދުމަތްފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަޞީލަތެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ޔޫރޯރީނަލް އެންޑް ފަރޓިލިޓީ ސެންޓަރ، ނޮން-އިންވޭސިވް ވެންޓިލޭޝަން ޔުނިޓް، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އިންޓެންސިވް ކެއަރ ޔުނިޓް އަދި ޓޯޓަލް ލެބޯޓްރީ އޮޓޮމޭޝަން ސިސްޓަމް އިފްތިތާޙްކުރުމަށްޓަކައި، މިރޭ އައި.ޖީ.އެމް.އެޗް.ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއާއި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި، އައި.ޖީ.އެމް.އެޗް. ގަވަރނިންގ ބޯޑުގެ ވައިސް ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނަރުހުންނާއި ޞިއްޚީ ދާއިރާގައި މަސައްކަތްކުރައްވާ އެހެނިހެން ބޭފުޅުންގެ ޚިދުމަތްތައް ފާހަގަކުރުމަކީ މުހިންމުކަމެކަމަށް ފާހަގަކުރައްވަމުން، އެފަދަ ޙިދުމަތްތެރިންނަށް ބޯހިޔާވަހިކަމުގެ ޔަޤީންކަން ދެއްވުމަކީ އެބޭފުޅުންގެ ޙިދުމަތުގެ އަގުވަޒަންކުރުންކަމަށް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު މިރޭ ތަޢާރަފްކޮށްދެއްވި، އައި.ޖީ.އެމް.އެޗް.ގެ އައު ލޯގޯއަށް އިޝާރާތްކުރައްވާ އެ ލޯގޯ ރަމްޒުކޮށްދެނީ އެ ހޮސްޕިޓަލުގައި ޚިދުމަތްދޭ ފަރާތްތަކާ އެ ހޮސްޕިޓަލުން ޙިދުމަތް ލިބިގަންނަ ފަރާތްތަކާ ދެމެދުގައިވާ ގާތްގުޅުން ކަމަށް ފާހަގަކުރައްވަމުން، މިރޭ ތަޢާރަފްކުރެވިގެންދިޔަ ޚިދުމަތްތަކުގެ ސަބަބުން އެ ހޮސްޕިޓަލް މެދުވެރިކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި ޕަލްމޮނަރީ-ރެސްޕިރޭޓަރީ ޑިޕާޓްމަންޓެގެ ޙިދުމަތާ ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް އައި.ޖީ.އެމް.އެޗް.ގައި ތަޢާރަފްކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިފަދަ އާ ޚިދުމަތްތައް ތަޢާރަފްކުރެވިގެންދާއިރު މި ޙިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށް ފާހަގަކުރައްވަމުން، މިފަދަ ދާއިރާތަކަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓްތައް ހަވާލުކޮށްދެއްވާފައެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒިޔާދުވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަދިޔާ ކުރައްވާ މެޑިކަލް އިކުއިޕްމަންޓްތައް ހަވާލުކޮށްދެއްވާފައެވެ.