ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ބޭއްވެވި ސިލްސިލާ ޙަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްޞާކުރެއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލަވުމެއް ބާއްވަވައިފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ތިން ބޭފުޅުންވަނީ މި ޙަރަކާތްތަކުގައި ބައިވެރިވެލެއްވި ސަރުކާރުގެ އޮފީސްތަކާއި މުޢައްޞަސާތަކާއި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމާޢަތްތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބާއްވަވަން ހަމަޖެހިފައިވާ އެންމެ މުހިންމު ޙަރަކާތަކީ ހޯމަ ދުވަހުގެރޭ ބާއްވަވާ ޖަލްސާކަން ފާހަގަކުރައްވާ އެ ޖަލްސާއާބެހޭ މަޢުލޫމާތުވަނީ ނޫސްވެރިންނާ ހިއްޞާކުރައްވާފައެވެ.