بســم اللّـه الرّحمـن الرّحيــم


الحمـد للّـه ربّ العَـالَمِـين، وَالصّـلاة والسّــلام علـى ســيّدنا محّمد خاتم الأنبياء والمرســلين، وعلـى آلـه وصحبـه أجمـعـين.


އާދެ، ދިވެހިރާއްޖޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، ދިވެހި ހުރިހާ ޒުވާނުންނަށް ފަށްފަށުން މަރްޙަބާ ދަންނަވައި ޝުކުރު ދެންނެވުން. އާދެ، ޒުވާނުންގެ ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ، ހުރިހާ ޒުވާނުންނަށް އަދި ޒުވާނުންގެ ވުޒާރާ ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރ އިރްތިޝާމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ދަންނަވަން.


ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދާދި ދެންމެއަކު ސްޓޭޖްމަތިން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، ޒުވާނުންނަކީ ކުށްކުރާ ބައެއް ނޫންކަން ދައްކައިދިނުމުގެ ރީތި މިސާލުތަކެއް. އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ރީތި ނަން، ޝަރަފާއި ޢިއްޒަތް ހޯއްދަވައިދެއްވި ޒުވާނުންތަކެއްގެ ލާމަސީލު ޚިދުމަތުގެ ރެކޯޑު އަޅުގަނޑުމެން މިރޭ މި ފާހަގަކުރަނީ. އެހެންކަމާއެކީ، އަޅުގަނޑު އަވަސްވާނީ މި ހުރިހާ ޒުވާނުންނަށް، އާދެ، ޒުވާން ނޯޖަވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ދުވަހުގެ ތަހުނިޔާ ދަންނަވައި، އެކި ދާއިރާތަކުން ތިޔަ ހޯއްދެވި ފަޚްރުވެރި ރީތި ވަނަތަކަށް، ތިޔަ އެންމެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި ތަހުނިޔާ ދަންނަވަން.


އާދެ، ޒުވާނުންގެ ދުވަހެއް އަޅުގަނޑަށް އަމިއްލަގޮތުންވެސް ވަރަށް މުހިންމުވެގެންދޭ. ޒުވާނުންނަކީ އަޅުގަނޑުގެ ސަރުކާރުގެ އެންމެ އިސްކަންދޭ ބައެއް. ހަމައެއާއެކީ ތިން އަހަރު ފަހުން މިއަދުވެސް އަޅުގަނޑުގެ ޚިޔާލަށް މި ގެންނަނީ، އަޅުގަނޑުމެންގެ މި ސަރުކާރުގެ ޒަޢާމަތަށް ތިން އަހަރު ފުރިގެންދާއިރުވެސް، އިންތިޚާބުގައި ޒުވާނުންނަކީ ވޯޓުގެ ނަތީޖާ ބަދަލުކޮށްލި ގިންތިކަން. އެހެންވީމާ، ޒުވާނުންގެ ޙިއްޞާއަކީ އަޅުގަނޑަށް ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ދެއްވި މަތިވެރި އަގުހުރި ޝަރަފުވެރި ޚިދުމަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންކަމާއެކީ މިކަމަށްޓަކައިވެސް ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ޒުވާނުންނަށް ފަށްފަށުން ޝުކުރު ދަންނަވަނީ، އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކީ. ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ޒުވާނުންގެ ޒުވާން ތާޒާ ލޭ އަދި މި ލެއިން އުފެދޭ ޖޯޝުން ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށްދެނީ. ދިވެހިރާއްޖޭގެ މިނިވަންކަން މީގެކުރީގައި ތާރީޚުގައި އަޅުގަނޑުމެންނަށް ފެންނަންހުރި ކޮންމެ މުނާސަބަތެއްގައި، ނޫނީވިއްޔާ ކޮންމެ އިވެންޓެއްގައި އަޅުގަނޑުމެންނަށް ފެނިގެންދަނީ ދިވެހިރާއްޖޭގެ ޒުވާނުންގެ ލޭގެ ތާޒާކަން. އާދެ، ޖޯޝުން ފުރިގެންވާ ޤުރްބާނީތަކެއް އަޅުގަނޑުމެންގެ ތާރީޚުގެ އެކި ޞަފްޙާތަކުގައި ލިޔެވިފައި ހުރިކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. ދިވެހިރާއްޖޭގެ ޒުވާނުންނަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތާއި އަދި ދިވެހިރާއްޖޭގެ ކަރާމާތް ދަމަހައްޓައިދީފައިވާ ފަހުލަވާނުން.


އާދެ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނައިރު، ދިވެހިރާއްޖޭގައި ހިނގާފައި ހުރި އެންމެ މަތިވެރި ޖިހާދުތައް، އެންމެ މަތިވެރި ޤުރްބާނީތަކަށް ބަލާކަމަށްވަންޏާ، މުޙައްމަދު ތަކުރުފާނު، ބޮޑުތަކުރުފާނު، ދޮންބަންޑާރައިން. ފަހުގެ ތާރީޚަށް ބަލާކަމަށްވަންޏާ، ޝަހީދު ޙުސައިން އާދަމް. މިއިން ކޮންމެ ބަޠަލެއްގެ ޖިހާދު އަޅުގަނޑުމެންނަށް ފެނިގެންދިޔައިރު، އެއިން ކޮންމެ ބޭފުޅަކީ، އެއިން ކޮންމެ ބޭފުޅަކީ ޒުވާން ބޭފުޅެއް. އެއިން ކޮންމެ ބޭފުޅަކު ދައްކަވައިދެއްވީ ޒުވާނުންގެ ހިތްވަރާއި ޖޯޝް.


އާދެ، މިއިން ކޮންމެ ބަޠަލެއްގެ ޖިހާދުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ދިވެހިރާއްޖޭގެ ނޫކަށިފުރައިގެ ޒުވާނުންގެ ވަރުގަދަ ޖޯޝާއި މަސައްކަތުން ދިވެހިރާއްޖެއަށް ގެނެސްދީފައި އޮތް ކުރިއެރުން. އާދެ، މިނިވަންކަން ގެއްލިގެންދާއިރު، އަޅުވެތިކަމަކަށް ހުރަސްއެޅިގެން ދިޔައީ ހަމަ މިދެންނެވި ކަހަލަ ދިވެހި ގޮދާ ލޭ ހިނގާ، ތާޒާ ނޫކަށިފުރައިގެ ޒުވާނުންގެ މަތިވެރި ޤުރްބާންތަކުން.


މީގެ ފަހުގެ ތާރީޚަށް ހިންގަވާ ބަލައިލަމާ! ފަހުގެ ތާރީޚުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން މި ހޭދަކުރަނީ ނޮވެންބަރު މަހުގެ ތެރޭގައި. ނޮވެންބަރު މަހަކީ އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް ފާހަގަކުރާ މަސް. ދާދި އިހަކަށްދުވަހަކު އަޅުގަނޑުމެންގެ މިއަހަރުގެ ޖުމްހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަކުރީ. ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ބާނީއަކީ މުޙައްމަދު އަމީން. މުޙައްމަދު އަމީން ވަޒީރުކަމާ ހަމަޔަށް ވަޑައިގަތީ އުމުރުފުޅުން އެންމެ 22 އަހަރުގައި. އެންމެ 22 އަހަރުގައި، ދިވެހި ދައުލަތުގެ ވަރުގަދަ ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލަވަން ފެށްޓެވި. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސް، ނޫނީ ދެވަނަ ޖުމްހޫރިއްޔާގެ ބާނީ އިބްރާހީމް ނާޞިރު ބޮޑުވަޒީރުކަމާ ހަމަޔަށް ވަޑައިގަތީ އުމުރުފުޅުން އެންމެ 31 އަހަރުގައި. ދިވެހިރާއްޖޭގެ ޚިދުމަތުގެ ނަމޫނާތަކަށް ބަލާކަމަށްވަންޏާ، މިއީ ޒުވާނުން ދިވެހިރާއްޖޭގައި ޚިދުމަތް ކޮށްފައި ހުރި ގޮތުގެ ލާމަސީލު ރެކޯޑު އަޅުގަނޑުމެންނަށް މި ފެންނަނީ.
މިވޭތުވެދިޔަ ދެ ޖުމްހޫރިއްޔާގައި، މަޙްކަމާތައް ހިންގަވަން ތިއްބެވި ބޭފުޅުން، ނޫނީވިއްޔާ ކައުންސިލް އޮފް މިނިސްޓަރސް، ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ އުފަލާއެކީ ފާހަގަކުރަނީ، މިއަދުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި މި ތިއްބެވި ބޭފުޅުންނަކީ، އަޅުގަނޑުމެންގެ މި ދެ ޖުމްހޫރިއްޔާގައިވެސް ފެނިގެންދާނެ އެންމެ ޒުވާން ކެބިނެޓް. އަދި މިވަރުން އެކަނި ފުދުނީކީ ނޫން. އެކިއެކި މުއައްސަސާތަކުގައި، އެކިއެކި އޮފީސްތަކުގައި ހިތްވަރާއެކީ މަސައްކަތް ކުރައްވާ ދިވެހިރާއްޖޭގެ ޤައުމީ ނައު، އަމާންކަމުގެ އައްސޭރިއަށް މި ދަތުރުކުރުމުގައި އަޅުގަނޑާއެކީ ފަޅުވެރިންގެ ގޮތުގައި ތިއްބެވީ ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ތާޒާ ލެޔާއި، ލޭގެ ޖޯޝާއެކީ ދިވެހިރާއްޖެ އަމާން އޮމާން އައްސޭރިއަކަށް މި ގެންދެވެނީ، ބަނދަރަކަށް މި ގެންދެވެނީ ހަމަ ޒުވާނުން ޤައުމަށްޓަކައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާތީ.


މީގެކުރީގައި އަޅުގަނޑުމެން އަޑުއަހަނީ، ޒުވާނުންނާއި ކުށްތަކާ ގުޅިފައި އޮތް މިންވަރު. ކޮންމެހެން މި ބަޙުޘަކަށް ދާކަށްނޫން. އެކަމަކު ހަމަ އެ ޒުވާނުންގެ ތެރެއިން އަޅުގަނޑުމެން މިދެންނެވި ކަހަލަ ނޫކަށިފުރައިގެ ޒުވާނުންގެ ޖިހާދު، އަޅުގަނޑުމެންގެ ރާއްޖެ އަމާން ތަނަކަށް ހަދައިދީފައިވެސް އޮތީ. އަދި މިއަދު ދިވެހިރާއްޖެއަށް މި ދިމާވާ ގޮންޖެހުންތަކުން ކުރިއަރައި، އަދި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި، އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން މި ތިއްބެވީ. އަޅުގަނޑަކަށް ނޭނގެ ނޫކަށިފުރާ ކަމެއް. އެހެންނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި ހަމަ ޒުވާނުން.


ޒުވާންކަމުގެ ޖޯޝާއެކީ ޤައުމެއް ކުރިއަށްދާނީ. ޤައުމުގެ ދިރުމުގެ ހަކަތައަކަށްވާނީ ޒުވާނުންގެ ހިތްވަރާއި، ޒުވާނުންގެ ޢަޒުމާއި، ޒުވާނުން މަސައްކަތްކުރަން ކެރޭ މިންވަރު. ޒުވާނުން ލައްވައި މަސައްކަތް ކުރުވައިގެން، ޒުވާނުންނަށް އިތުބާރުކޮށްގެން، ޒުވާނުންނަކީ މަގުން ކައްސާލާ ބައެއް ނޫންކަމަށް، އެ އިތުބާރާއި އެ ޔަޤީންކަން އޮވެގެން، ކައްޕިއެއްގެ ދަށުގައި މަސައްކަތް ކުރާ ކަމަށްވަންޏާ، މިއަށްވުރެ ވަކި ޝަރަފުވެރި، މިއަށްވުރެ ވަކި ބާއްޖަވެރި ޓީމެއް އަޅުގަނޑަކަށް ހިއެއްނުވޭ މަސައްކަތް ކުރަން ލިބޭނެހެނެއް. އެހެންވީމާ، މިއަދުގެ ސަރުކާރުގައިވެސް މި މަސައްކަތް ކުރެވެނީ، ޒުވާނުންގެ ޖޯޝާއި، ޒުވާނުންގެ ފޯރިއާއި އަދި ޒުވާނުންގެ ކޮމިޓްމަންޓް، އަޅުގަނޑުމެން ބަލާ ކޮންމެ ދާއިރާއަކުން ލިބޭތީ.


އަޅުގަނޑުމެން ދާދި ދެންމެއަކު މި ފާހަގަކުރި އަދި އެބޭފުޅުންނަށް ޢިއްޒަތާއި ޝަރަފު މި އެރުވުނު ދާއިރާތަކުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޒުވާނުން. ޒުވާނުންގެ މި މަސައްކަތަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހި އެހެން ޒުވާނުންނަށް އަދި ދިވެހި އެހެން ރައްޔިތުންނަށް ރޯލް މޮޑެލުންތަކެއް ދައްކައިދޭ ކަމެއް. ނަމޫނާތަކެއް ދައްކައިދޭ ކަމެއް. ދަންނަވަން މިއުޅެނީ ޒުވާނުންގެ ޝަރަފުވެރި އިނާމަކާ ހަމަޔަށް ވަޑައިގަތީމަ. ޙަނާން، 22 އަހަރުގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލު ކުރެއްވި. އެންމެ 22 އަހަރުގައި ދިވެހިރާއްޖޭގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލު ކުރެއްވި. އެހެންވީމާ، ކުރިއަށް މިއޮތީ ހަމަ ވަރަށް ދިގު ހިޔަންޏެއްގެ ފަހަތުގައި ހުންނަވައިގެން ކުރައްވަންޖެހޭ މަސައްކަތްތަކެއް. ޙަނާންގެ މަސައްކަތް ބަލައިގެން، އެތައް ބައިވަރު ދިވެހި ޒުވާނުންތަކެއް، ޙަނާން ރޯލް މޮޑެލެއް ކަމަށް ދެކޭ. އެހެން ކަމަށްވަންޏާ، ޙަނާންގެ ލައިފްގައި ބާކީއޮތް ބައިގައި ވަރަށްބޮޑު މަސްއޫލިއްޔަތެއް އެބަ ހަވާލުވޭ. ރޯލް މޮޑެލްއެއްގެ ނަމޫނާ ޝަޚްސު އެބަ ދައްކައިދޭންޖެހޭ. ޙަނާންގެ ފަހަތުން ނޫނީ ޙަނާންގެ ހިޔަނީގައި ހިނގާ އެތަކެއް ކުދިންނެއްވާނެ. ދެން މިހާރު ތަންކޮޅެއް ޓުވައިލައިޓަށް ދަނީކަންނޭނގެ. އެހެންނަމަވެސް، މިކަހަލަ ރޯލް މޮޑެލުން އަޅުގަނޑުމެންނަށް މިކަހަލަ ޖަލްސާތަކުން ފެނިގެން މިދަނީ. އަޝްފާޤު، ނޫނީވިއްޔާ ކުޅިވަރުގެ ދާއިރާއިންނަމަ، ދަގަނޑޭ. ކާކުތޯ ދިވެހިރާއްޖޭގެ ރޯލް މޮޑެލެކޭ ނުބުނާނީ؟ ޝަހީދު ޙުސައިން އާދަމް. ކާކުތޯ ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި ޢަޒުމާއި، އަދި ޤައުމު ދިފާޢުކުރުމާއި، އެހެން ރައްޔިތުންނަށް ހިޔާވަހިކަމާއި، މިނިވަންކަމާއި، ދިވެހިރާއްޖެއަށް ސިޔާދަތު ގެނެސްދިނުމުގައި އޭނަގެ ފުރާނަ ޤުރްބާންވެގެންދިޔައިރު، ގައިގައި ހުރި ހުރިހާ ލެއެއް ބިމަށް އޮއްސިގެންދިޔައިރު، ކާކުތޯ އޭނަގެ ނަމޫނާ އެމިއުލޭޓް ކުރަން، ނޫނީވިއްޔާ ނަމޫނާ ނަކަލުކުރަން ބޭނުންނުވާނީ؟ ހަމަ ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެންނަށް ރަން މެޑެލް މި ގެނެސްދެނީ. ހަމަ ކުޅިވަރުގެ ދާއިރާއަށް ބަލާކަމަށްވަންޏާ، ޙަސަން ސާޢިދު، ކީއްވެގެންތޯ ރޯލް މޮޑެލަކަށް ނުވާނީ؟ ރާއްޖޭގެ ފެންވަރުގައި އަދި ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭ ބޭފުޅުން މި ތިއްބެވީ. އެތްލީޓުން، ސްޕޯޓްސްމަނުން. އަދި ސްޕޯޓްސް ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން. ރަފިއްޔާ، ދެންމެ އިނާމު އެ ގެންދެވީ. ރަފިއްޔާގެ ކުޅަދާނަ މަސައްކަތާއި އަދި މި ސަރަޙައްދުގައިވެސް ރަފިއްޔާ ފާހަގަކުރެވޭ ގޮތުން، ކީއްވެގެންތޯ ދިވެހި އެހެން ޒުވާނުން، ޒުވާން ފިރިހެން ކުދިން، ޒުވާން އަންހެން ކުދިން، ރަފިއްޔާގެ ނަމޫނާ، ނަކަލު ނުކުރާންވީ؟ އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުންގެ އިނާމު ހާސިލުކުރައްވާ ކޮންމެ ބޭފުޅެއްގެ ކޮނޑުގައި އެޅިފައި އޮންނަ މަސްއޫލިއްޔަތު އިތުރުވެގެން މިދަނީ އިނާމާ ހަމަޔަށް ވަޑައިގަތީމަ. ދެން އެންމެންވެސް ބަލަނީ، އެ ބޭފުޅެއްގެ މަސްއޫލިއްޔަތާއި، އެ ބޭފުޅެއްގެ ކޮންޓްރިބިއުޝަން ކިހާވަރަކަށް އިތުރުވަމުންދާނެތޯ؟ މިއިން އެއްވެސް މީހަކީ އާދައިގެ އިންސާނަކަށް ވެގެންވާނެ ކަމަކަށް ދިވެހި އެހެން ރައްޔިތުން ގަބޫލެއްނުކުރާނެ. މިއިން އެއްވެސް މީހަކީ ކުށެއް ކުރާނެ މީހެއް ކަމަށް، މުޖުތަމަޢުގައި، މުޖުތަމަޢު ބަލައިނުގަންނަފަދަ ސިފައެއް ދައްކަފާނެ މީހެއް ކަމަކަށް ގަބޫލެއްނުކުރާނެ. މިއިން ކޮންމެ މީހަކީ ރޯލް މޮޑެލެއް.


އެހެންވީމާ، ރޯލް މޮޑެލަކަށްވާއިރު، ނޫނީވިއްޔާ ޒުވާނުންގެ ޝަރަފުވެރި އިނާމުގެ ޙައްޤުވެރިޔަކަށްވީމަ، ދެން ހިނގަން އޮންނަ މަގުގެ ޒިންމާ، މަސްއޫލިއްޔަތު މާބޮޑުވެގެން އެބަދޭ. އަބަދުވެސް މިނިވަންކަމުގެ ވާހަކަ ދައްކާއިރުވެސް، އަޅުގަނޑުމެން ދައްކަނީ މިނިވަންކަމަކީ ބޮޑު ޖިހާދަކަށްފަހު ނަމަވެސް ހާސިލުކުރެވިދާނެ ކަމެއް. އަޅުގަނޑުމެންގެ ކެރުންތެރިކަމާއި، ހިތްވަރާއި އަދި ﷲގެ މިންވަރުފުޅު މިކަންކަމުގައި ހިމެނިގެންވާ ކަމަށްވަންޏާ، މިނިވަންކަމަކީ ހުރިހާ ރައްޔިތުންގެ ޙައްޤެއް. އެކަމަކު މިނިވަންކަން ގޮންޖެހުންތަކުގެ ތެރޭގައި، ގަދަ ކަނޑެއްގެ ތެރޭގައި ދެމެހެއްޓުމަކީ، އާދައިގެ ކަމެއް ނޫން. ސަހަލު ކަމެއް ނޫން.


އެހެންވީމާ، މިރޭ އިނާމު ހާސިލު ކުރެއްވި ބޭފުޅުންނަށްވެސް އެންމެބޮޑު މަސްއޫލިއްޔަތަކަށްވަނީ ހަމަ މިދެންނެވި ކަހަލަ މަސްއޫލިއްޔަތެއް. ކުޑަ ޙުސައިން، ޙުސައިން ޙަލީމް. ކީއްވެގެންތޯ ރޯލް މޮޑެލަކަށް އަޅުގަނޑުމެން ނުދެކެންވީ؟ ޝައްކެއްވެސްނެތްގޮތުގައި، ވަރުގަދަ ރޯލް މޮޑެލެއް. މި ބޭބޭފުޅުންނަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެނގެނީ، ކުރާ މަސައްކަތުގެ އެކްސަލަންސް ނޫނީވިއްޔާ ކުރިބޯށްޓާ ހަމަޔަށް ދިޔުމުގެ ޢަޒުމު، ހިތްވަރު އެއީ، އެބޭފުޅުން ގެންގުޅުއްވަންޖެހޭ އެއްޗަކީ. ކުރާ މަސައްކަތެއްގައި، އެ ދާއިރާއަކުން ކުރިބޯށްޓާ ހަމަޔަށް އެބަ ދެވެންޖެހޭ. މީޑިއޯކްރިޓީއަކީ ގަބޫލުކުރެވޭ އެއްޗަކަށްނުވޭ، އެ ދާއިރާއާ ހަމަޔަށްދާން. ރޯލް މޮޑެލުންނާ ހަމަޔަށްދާން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ މުޖުތަމަޢު ހިމެނިގެންވަނީ، މިކަހަލަ ލީޑަރުންނާއި، އެކްސަލަންސާ ހަމަޔަށްދާ ޒުވާނުން އަދި އެކްސަލަންސާ ހަމަޔަށް އެކި ދާއިރާތަކުން، އެއީ މިނިސްޓަރުގެ ޕެޓަށްވެގެން ނަމަވެސް، ވަޒީރުންގެ ތެރެއިންވެސް ވަޑައިގަންނަވާ ބޭފުޅުންނާއި އަދި މިކަހަލަ އެތައް ބައިވަރު ނަމޫނާ މިސާލުތަކެއް ދައްކަވައިދޭ ބޭފުޅުންތަކެއް. އެއީ އެކްސަލަންސް. ކުރިބޯށްޓާ ހަމަޔަށް ދިޔުން. ކަމެއްގެ ދާންވި އެންމެ އުސްމިނާ ހަމަޔަށް ދިޔުން.


އެކަމަކު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހިމެނޭނެ އެނޫން ފެންވަރުގެ މީހުންވެސް. އެނޫން ފެންވަރުގެ މީހުންނަށް ބަލާކަމަށްވަންޏާ، މިރޭ އަޅުގަނޑު ހަމަ ހިތްވަރުދޭން ބޭނުންވަނީ، މި އެކްސަލަންސާ ހަމަޔަށް ވަޑައިގެންނެވި ބޭފުޅުންގެ އިތުރަށް، މި ދެންނެވި ހުރިހާ ފަރާތްތަކަށް، ދިވެހި ޒުވާނުންނާއި، ރާއްޖެއަށް ދިމާވެފައި ހުރި ކަންތައްތަކާއި އަދި ބަވަނަވެފައި އޮތް ދުނިޔެއެއްގައި ރާއްޖެއާ ހަމަޔަށް، އިންޑިޔާ ކަނޑުގެ އޮއިވަރުގެ ތެރެއިން މި އަންނަ ކަންތައްތަކަށް ބަލާއިރު، ނޭދެވޭ ކަންތައްތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން އެބަޖެހޭ، ކުށަކާނުލައި މީހާގެ އުމުރުގެ ބާކީބައި ހޭދަކޮށްލާ ޒުވާނަކީ، އެކުރަނީ ޤައުމިއްޔަތަށް ވަރަށް އަގުހުރި، ވަރަށް މަތިވެރި ޚިދުމަތެއް. ކުށަށް އަރައިގަތުން އެއީ ޠަބީޢީގޮތުން އިންސާނުންނަށް ވަރަށް ފަސޭހަ ކަމެއް. އަޅުގަނޑަކަށް ނޭނގެ. އެއްގޮތަކަށްވެސް ދީނީ ވާހަކައެއް ދައްކާކަށް ނޫން. އެކަމަކު އަޅުގަނޑުމެން އިންސާނުން އުފެދިފައި މިވަނީ ހަމަ ޟަޢީފް ބައެއްގެ ގޮތުގައި. ނިކަމެތި، ސެންސިޓިވް، ކުށްތަކަށް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެވޭފަދަ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ފަސޭހަކަމާއެކީ އެ ދިމާއަށް ދާންއުޅޭ ބައެއްގެ ގޮތުގައި.


އެހެންވީމާ، ކާކުތޯ ބުނީ، ކާކުތޯ ބުނީ އެއްވެސް މީހެއްގެ ޙަޔާތުގައި، އޭނަ އިށީންނަ ހުރިހާ އިމްތިޙާނުތަކުން އޭނަ ރަންވަނަ ހޯދާނޭ، ނޫން. އެއީ ރަނގަޅު ވާހަކައެއް ނޫން. އިށީންނަ ހުރިހާ އިމްތިޙާނަކުން އެއްވެސް މީހަކު ފާސްވެފައެއް ނުހުންނާނެ. ފާސްވެފައެއް ނުހުންނާނެ. ޤައުމުތަކުގެ ވެރިން، އެބޭފުޅުންގެ އެކެޑަމިކް ރެކޯޑަށް ބައްލަވާ. އިންޑަސްޓްރީއެއްގައި ކުރިއަށް ތިބި މީހުންގެ ޕަރފޯމަންސަށް ބައްލަވާ! އެކެޑަމިކް ޕަރފޯމަންސް ބައްލަވާ! އެކަމަކު ކުރާ މަސައްކަތުގައި، ޢަޒުމާއި ކޮންވިކްޝަނާއެކީ މަސައްކަތްކުރާ ކަމަށްވަންޏާ، ކުރިބޯށްޓާ ހަމަޔަށް ވާސިލުވުމަކީ ހަމައެކަނި ފޮތުގެ ތަޢުލީމު ގިރާލައިގެން ދަސްކޮށްފައި ހުރި މީހެއްގެ ޙައްޤެއް ނޫން. އެއީ ހަމަ ކޮންމެ މީހަކަށްވެސް ހޯދިދާނެ ކަމެއް. އެހެންވީމާ، އެވްރެޖް ނޫނީވިއްޔާ އެކްސަލަންސުން އެހެން ފެންވަރުތަކުގައި މިއުޅޭ ކުދިންނާ ދޭތެރޭގައި އަޅުގަނޑު ބުނަން ބޭނުންވާ ވާހަކަޔަކީ، ތިޔައީ ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ބިނާކުރުމުގައި ހިތްވަރުހުރި، އަދި ތިޔަކުދިންގެ ހިތްވަރުން ޤައުމު ކުރިއަށްދާން ގިނަގުނަ މަސައްކަތްތަކެއް، ގިނަގުނަ ޙިއްޞާތަކެއް ދެވިދާނެ ކުދިންތަކެކޭ.


އަޅުގަނޑުގެ ފޮތުގައި ކުށެއްނެތި، ޒުވާން އުމުރުގައި ކުށެއްނެތި ރަނގަޅު އާބާދީއެއް ބިނާކޮށް، ރަނގަޅު ޢާއިލާއެއް ބިނާކޮށް، އާބާދީއަށް ކޮންޓްރިބިއުޓްކޮށް އަދި ރައްޔިތުންގެ ޚިދުމަތްތަކަށް، ދަރުމަޔަށް މަސައްކަތްކުރި ކަމުގައިވީނަމަވެސް، ކުޅިވަރުގެ ރޮނގުން ކަމަށްވިޔަސް، އުނގަންނައިދިނުމުގެ ރޮނގުން ކަމަށްވިޔަސް، މިކަހަލަ ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ބިނާކުރުމުގައި ހަމަ ފައްކާ ދިވެހި ސިފަތައް ހުރި ދިވެހި ކުއްޖަކަށްވެގެން އެބަދޭ. އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ޒުވާނުންނަކީ ކުށަށް އަރައިނުގަންނަ، އެހެން މީހުންނަށް އިޙްތިރާމްކުރާ، އެހެން މީހުންގެވެސް ޙައްޤުތަކަކާއި، ދެގެ ދޭތެރޭގައި އިންފާރެއްވާކަމާއި، އަދި އަޅުގަނޑުމެން އެކަކު އަނެކަކު ހިނގާއިރު، ދަތިނާޅުވާ ބަޔަކަށް ވެގެންދިޔުން.


އެހެންވީމާ، މިކަންކަން ކުރާ ކޮންމެ ޒުވާނަކީ އެއްވެސް ގޮތެއްގައި އެކްސަލަންސާ ހަމަޔަށް އައިސްފައި ހުރި ޒުވާނަކަށް ނުވާނެ. އެހެންނަމަވެސް، ޒުވާނުންގެ ދުވަހެއްގައި އަޅުގަނޑުމެން ފާހަގަކުރާއިރު، ޝައްކެއްވެސްނެތްގޮތުގައި، ދާއިރާތަކުން އެންމެ ވަރުގަދަ، އެންމެ ރީތި ރަން ވަނަތައް ހޯއްދަވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަމަކު އޭގެ މާނަޔަކީ ދެން އޮތް ބޮޑު އާބާދީ، ބޮޑު ނިސްބަތް އަޅުގަނޑުމެން ހަނދާންނެތެނީކީ ނޫން. އެމީހުންގެ ޙިއްޞާއަކީ ޝައްކެއްވެސްނެތްގޮތުގައި ބޮޑު ޙިއްޞާއެއް.


އަޅުގަނޑު ހަމަ ސަމާސާ މިސާލެއް ހިތަށް ގެންނާނަން. އަޅުގަނޑުމެން އެންމެންނަކީ ޑޮކްޓަރުންނަށް ވެއްޖިއްޔާ ހަމަގައިމުވެސް ބަލިމީހުންނެއް ނޫޅޭނެ ދޮގެއްތޯ. އެހެންވީމާ، ހުރިހާ އެންމެންނަކީ އެކްސަލަންސާ ހަމަޔަށްދާނެ ބައެއް ނޫން. އެކްސަލަންސާ ހަމަޔަށް ދާނެ މީހުން އުޅޭނެ. ޝައްކެއްވެސްނެތްގޮތުގައި މިއީ ލީޑަރސް. އެކަމަކު އެމީހުން ދެން ދައްކައިދޭ މިސާލުތަކަކީ، އެމީހުން ދައްކައިދޭންޖެހޭ ކަންކަމަކީ، ޝައްކެއްވެސްނެތްގޮތުގައި އެމީހުންނާ ހަވާލުވެފައި އޮތް އަމާނާތް. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި، ސަލާމަތްވެފައި ހުރި ކުއްޖަކު، ދެން އެ ކުއްޖަކީ އެ ދާއިރާއިން އެތައް ބަޔަކަށް ކައުންސެލިންގ ދީ، އެ ދާއިރާއިން ދިވެހި ވެށްޓަށް ފެތޭ ޓެކްސްޓް ފޮތެއް ލިޔެދީ، އުނގަންނައިދޭ މީހަކު އެނބުރި މަސްތުވާތަކެއްޗާ ދިމާއަށް ދިޔުން އެއީ، އަޅުގަނޑުމެން ހިތަށްވެސް ބަލައިގަންނަން ފަސޭހަކަމަކަށް ނުވާނެ. އެއީ ހިތްދަތިކަމަކަށް ވާނީ. އަޅުގަނޑުމެން މިކަހަލަ ބޭފުޅުން އެބަ ފާހަގަކުރަން. އެހެންވީމާ، އެކްސަލަންސާ ހަމަޔަށް އައުމަކީ ޝައްކެއްވެސްނެތްގޮތުގައި ބޮޑު ތަކުލީފެއް. އަދި އެ ތަކުލީފު އިތުރުވެގެންދަނީ އެގޮތުގެ މަތީގައި ދެމިހުންނަ ރޯލް މޮޑެލްއަކަށްވާތީ، ޕަބްލިކް އެކްސްޕެކްޓޭޝަން، ސޮސައިޓަލް އެކްސްޕެކްޓޭޝަން އެމީހަކާ ދޭތެރޭގައި އޮންނަ މިންވަރު އިތުރުވާތީ.


އާދެ، ޒުވާނުންނަކީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި، އަޅުގަނޑުމެންގެ މި ސަރުކާރު ގަބޫލުކުރާގޮތުގައި ވެއްޖިއްޔާ، ދިވެހިރާއްޖޭގެ މިހާރު، ދިވެހިރާއްޖޭގެ މާދަމާ އަދި ދިވެހިރާއްޖޭގެ ދެން އޮންނަ ޖީލުތަކުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާނެ މީހުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ ޒުވާނުންގެ އާބާދީ މިހާރު އޮތްވަރު. މި ޒުވާނުންގެ އާބާދީއަށް ވިސްނާ ކަމަށްވަންޏާ، ސިޔާސީ މީހުން ކުރާ މަސައްކަތުގައި، ޒުވާނުންގެ ޑިމޮގްރަފީ ނޫނީވިއްޔާ ޕޮޕިއުލޭޝަންގެ ޑިމޮގްރަފީ ޚިޔާލަށް ގެނެސްގެން ނޫނީވިއްޔާ އެއްވެސް ޕްލޭނިންގ މަސައްކަތެއް ނުކުރެވޭނެ. އަޅުގަނޑުމެން ޒުވާނުންނާ ދޭތެރޭގައި އިހުމާލުވަންޏާ، އިހުމާލުވެވިފައި އޮތީ މިދެންނެވި ކަހަލަ އެނަލައިސިސްގެ ތެރޭގައި މި ޑިމޮގްރަފީ އިންޕުޓެއްގެ ގޮތުގައި ނުހިމަނާތީ. އެކަމަކު މިއަދުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަމަށް ވާކަމަށްވަންޏާ، މީގެ މާނަޔަކީ ކުރިއަށް އޮތް، އަންނަން އޮތް އެއް ޖީލު، އެކީ ވެގެންދާނީ ހަމަ ޒުވާން އާބާދީއަކަށް. އެހެންވީމާ، ދެންވެސް އިތުރަށް އޮތް 25 އަހަރަށް، އަޅުގަނޑުމެންގެ ހުރިހާ މަޝްރޫޢުތަކެއް ބިނާވެގެންދާންޖެހެނީ ޒުވާނުންނަށް ކުރިމަގު ހޯދައިދޭން. ޒުވާނުންގެ ކަންތައްތައް އިތުރުކޮށްދޭން.


މިއަދު އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އެމީހުން މެދު އުމުރަށްދާއިރު، ނޫނީވިއްޔާ އެމީހުން ދޮށީ އުމުރަށްދާއިރު، ކޮންމެ މީހަކު، އެކެއް، ދޭއް، ތިނެއް، ހަތަރު ޒުވާން ދަރިން އުފައްދާނެ. 20 އަހަރާ ހަމަޔަށްދާންވާއިރު، އެ ޒުވާނުންތަކަކީ އަނެއްކާވެސް މިއަދުގެ ޝަރަފުވެރި މަގާމުތައް ހާސިލުކުރާނެ މީހުން. ދައުލަތް ހިންގުމުގައި، ކުޅިވަރުގެ ދާއިރާގައި، މުޖުތަމަޢަށް އެކި ރޮނގުރޮނގުން ރީތިނަން ހޯދައިދިނުމުގައި. އެހެންވީމާ، ދިވެހިރާއްޖެއަކީ މިވަގުތު އަޅުގަނޑު ދަންނަވާނީ ވަރަށް ނަސީބު ރަނގަޅު ޤައުމެކޭ. ޔޫރަޕްގެ، ނޫނީވިއްޔާ އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް ބައްލަވާ! އޭޖް އިން ޕޮޕިއުލޭޝަން. މުސްކުޅިވަމުންދާ އާބާދީއެއް އެއޮތީ. އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިއޮތީ ޒުވާން އާބާދީއެއް. ޒުވާން އާބާދީއަކީ ޒުވާން ޖޯޝް، ޒުވާން ލޭ، ވައިބްރަންސް، އިޤްތިޞާދަށް ބޭނުންވާ ކަންތައް، އިޖުތިމާޢީ ގޮތުން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ހިތްވަރާއެކީ ހިނގަން ތިބި ބަޔަކު ތިބިކަން ދައްކައިދޭ އާބާދީއެއް. އެކަމަކު މެޗޫރިޓީއަށް ގޮސްފައި، ޕްލެޓޯ ވެފައި އޮންނަ ޕޮޕިއުލޭޝަންތައް މިއޮތީ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި.


އެހެންވީމާ، މި ބަވަނަވާ ދުނިޔެއެއްގައި މިއިން އަޅުގަނޑުމެންނަށް ދައްކައިދެނީ، އަޅުގަނޑުމެންގެ ޒުވާނުންގެ މަސައްކަތް ކުރުމުގެ ހިތްވަރު ހުރިއްޔާ، ރޫޙު ހުރެއްޖެ ކަމަށްވަންޏާ، އެއްވަނަ ދުނިޔެ ބީޓް ކުރެވޭނެ ކަންތައްތަކާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވޭނެކަން. އެއީ އެ ސޮސައިޓީތައް، އެ އާބާދީތައް މެޗުއަރވަމުންދާތީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ. ދިވެހިރާއްޖޭގެ މިއަދުގެ ސަރުކާރުގެ ސިޔާސަތަކަށް ވެގެން މިއުޅެނީ ޒުވާނުންގެ ޝަހަރެއް ބިނާކުރަން؟ ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދޭން މިއުޅެނީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ، މިއަދުގެ ދުނިޔޭގައި، ޓެކްނޯލޮޖީގެ ދުނިޔޭގައި އަދި ނޮލެޖް ބޭސްޑް އިކޮނޮމީއެއްގައި ހުރިހާ މަސައްކަތަކީ ފަހުމް ކުރުމުގައި، ދަމައިގަތުމުގައި އަޅުގަނޑުމެންނަށް އެނގުންވުމުގައި، މޭރުންވުމުގައި ޒުވާނުންގެ ހަކަތަ، ޒުވާނުންގެ ވިސްނުން، އެކަންކަމުގައި ޝާޕް ކަންތައްތައް. ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައި ތިބި މީހުންނަށް، ނޫނީ ދޮށީ މީހުންނަށް އެ މަޢުލޫމާތު ހޯދުމަކީ ފަސޭހަކަމަކަށްނުވޭ. މިއަދުގެ މަޢުލޫމާތަކީ ނެޓް ބޭސްޑް މަޢުލޫމާތު. އެހެންވީމާ، މިއީ ފަރިތަމަކަމާއެކީ، ދޯޅުކަމާއެކީ މިކަމަކީ ޒުވާނުންގެ ތަރިކައެއް. މިއީ ޒުވާނުންގެ ރަސްމަގު. އެހެންވީމާ، ޒުވާނުންނަކީ މިއަދުގެ ނޮލެޖް އިކޮނޮމީގައި އެންމެ މަތިވެރި ވަޒަނަކަށް ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށް ޚިދުމަތް ކުރެވޭ ފެންވަރުގައި ތިބި މީހުން. އެހެންވީމާ، އަޅުގަނޑުމެން ދޮށީ މީހުން، ހަރުމީހުން އެބަ މިކަމަށް ޖާގަދޭންޖެހޭ. ޒުވާނުން ކުރިއަށް، އިސް ސަފަށް އެބަ ނެރެންޖެހޭ. އެއީ އެމީހުންނަކީ މި މަޢުލޫމާތު ހޯދުމާ، މިކަންކަން އަޅުގަނޑުމެންނަށްވުރެ އެތައް ގުނައެއް ފަރިތަ ބަޔަކަށްވާތީ.


މިއާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަންޖެހެނީ، ދިވެހި ސަރުކާރުން، މިއަދުގެ ދިވެހި ސަރުކާރުން ޒުވާނުންނަށްޓަކައި މިކުރާ މަސައްކަތް މިކުރަނީ ކީއްވެގެންކަން. އެއީ ދިވެހިރާއްޖެ މިއަދުވެސް، ދިވެހިރާއްޖެ މާދަމާވެސް އަދި ދިވެހިރާއްޖެ މާދަން ނޫން އަނެއް ދުވަސްވެސް އެއީ ޒުވާނުންގެ ޤައުމަކަށްވާތީ. އެހެންވީމާ، ހުޅުމާލެ 9 ހަފްތާގެ ތެރޭގައި ހިއްކިގެން، ހުޅުމާލޭގައި މިހާރު އިމާރާތް ކުރެވި، އާރާސްތު ކުރެވެމުންދާ އިންފްރާސްޓްރަކްޗަރަށް ބަލާކަމަށްވަންޏާ، އެއީ ޒުވާނުންގެ އުންމީދުތަކާއި، ޒުވާނުންގެ ދިރުމާ ގުޅިފައި ހުރި ކަންކަން. އެއީ ކޮންމެހެން ރައީސް ޔާމީން ރަނގަޅުވެގެން ކުރާ ކަންކަމެއް ނޫން. އެއީ ރައީސް ޔާމީން ކުރަންޖެހޭ ކަމެއް. އަދި އޭގެކުރީގައި ތިއްބެވި ރައީސުންވެސް ކުރައްވަން ޖެހިފައި ހުރި ކަންކަން. ހުޅުމާލޭގައި މިކުރެވޭ މަސައްކަތުގެ ތެރޭގައި، ހުޅުމާލޭގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމުގެ އިތުރަށް، އެންމެބޮޑު މަސައްކަތެއް ކުރެވެނީ، ދައުލަތުގެ ބަޖެޓުން، ސަރުކާރުގެ ޚަޒާނާއިން އެންމެބޮޑު ހޭދައެއް ކުރެވިގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި މި ހިމެނެނީ ޒުވާނުންނަށް މިއަދު އެންމެ ދަތިވެފައި އޮތް ކަންތައް. ބޯހިޔާވަހިކަން، ގެދޮރުވެރިކަން. މި ފަނަރަހާސް ފްލެޓްގެ ބޮޑުބައި މިދަނީ ހަމަ ޒުވާނުންނަށް. ދިރިއުޅުން ފަށާ ޒުވާނުންނަށް މިދަނީ. އަދި ފަނަރަހާސް ފްލެޓަކީ އަޅުގަނޑުމެންގެ ތަނަވަސްކަން މިއަދު ހުރި މިންވަރުން އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި ހުއްދަ ދީފައި، އަދި މިއަހަރާއެކީ މި ކުރިއަށްދަނީ. އެކަމަކު އިރާދަކުރެއްވިއްޔާ، އަންނަ އަހަރަކީވެސް ހަމަ މިކަހަލަ އިތުރު ފްލެޓްތަކެއް އިތުރުވާންޖެހޭ އަހަރެއް. އެއީ ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަންދާނީ. އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ، ފެނިގެންދިޔަ ރިޕޯޓް ތަކުރާރުކުރާކަށްވެސް. އަދި މިނިސްޓަރގެ ޓީމުގެ ފަރާތުން މިނިސްޓަރ ދެއްކެވި ވާހަކަފުޅު ތަކުރާރުކުރާކަށްވެސް. އެކަމަކު ކުރެވޭ މަސައްކަތުގައި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވެމުން ދިޔުމަކީ، ޙަޤީޤަތުގައިވެސް ނުބައި މަގަށް ޒުވާނުން ދިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް. ޒުވާނުންނަށް މި ސަރުކާރުގެ ކޮމިޓްމަންޓް.


އެހެންވީމާ، މިއަދުވެސް އަޅުގަނޑު ރީޓްރެރޭޓް ކޮށްލަން ބޭނުންވަނީ، އަދި އިތުރަށް އާކޮށްލަން ބޭނުންވަނީ އަޅުގަނޑުގެ ވަޢުދު. މި ސަރުކާރަކީ ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ޒުވާނުންނާއެކީ ހިނގާނެ ސަރުކާރެކޭ. މި ސަރުކާރުގެ ކަންކަން ނިންމުމުގެ ހިސާބުގައި ތިއްބެވީ ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ވިސްނުމާއި، ޒުވާނުންނަށް ދަތިވެފައި ހުރި ކަންތައްތަކާއި، ޒުވާނުންގެ އިޙްސާސްތަކަކީ، އެކަންކަމާ އަޅުގަނޑުމެންނާ ގުޅުންހުރި ކަންކަން. އެހެންވީމާ، ހުޅުމާލެއެއް ބިނާވެގެން ގޮސް، އަދި މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އެޅި، ހައްދުންމަތި ނޫން އެހެން ތަންތަނުގައިވެސް ބޮޑެތި މަގުތައް ހެދި، އަދި މާލެއާއި ތޮއްޖެހިފައި ހުރި ރަށްރަށުގައި މީހުން ނޭވާލާނެ އެކިއެކި ޕާކާއި، އެކިއެކި ހުސް ތަންތަން އުފެއްދުމުގެ ބޭނުމަކަށްވަނީ، ޒުވާނުންނަކީ ހަމައެކަނި ކޮފީ މޭޒު ކައިރީ ތިބޭ ބަޔަކަށްވުމެއް ނޫން. ޒުވާނުންނަކީ ކޮފީ މޭޒުކައިރީގައިވެސް ތިބޭ ބައެއް. އެކަމަކު އޭގެއިތުރުން، ޒުވާނުންނާއި ކުޑަކުދިން ހިތްހަމަޖެހޭ ވެށްޓެއްގައި ދިރިއުޅޭ ބަޔަކަށް އެބަ ހަދަންޖެހޭ. މީގެ ބޯނަސް، ނޫނީވިއްޔާ މީގެ ޑިވިޑެންޓް އަޅުގަނޑުމެން އެންޖޯއި ކުރާނީ 10 އަހަރު، 15 އަހަރު ފަހުން. ހަމަގައިމުވެސް ތަފާތު ބަލިތަކުން އިރާދަކުރެއްވިއްޔާ، ދެން އަންނަން އޮތް ޖީލު ސަލާމަތްވެގެންދާނެ. ކިތަންމެ ތޮއްޖެހިފައި އޮތް ތަނެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މާލޭންވެސް، ގދ. ތިނަދޫންވެސް އަދި އެހެން ބައިބޯ ރަށްރަށުންވެސް މި ދައްކަނީ ހުސް ޖާގަ އުފެއްދޭނެކަން. ހުސް ޖާގަ އުފެއްދުމުގެ ބޭނުމަކީ، މިދެންނެވިހެން ޒުވާނުންނަށް ބޭނުންވާ ވެށްޓެއް ޤާއިމުކުރުން. ކުށުން އަރައިގެންފައި އޮތް ވެށްޓެއް ޤާއިމުކުރުން. ކުށުގެ ރެކޯޑުތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ސަރުކާރުގައި އެންމެ ފުރަތަމަފަހަރު އާދައިގެ ކުށްކުށުގެ ރެކޯޑު ސާފުކޮށްފައި، ގިނަ ކުދިންނަށް ވަޒީފާ ދެވޭނެ ފުރުޞަތުތައް ތަނަވަސްކޮށްދިނިން. އެއީ ސަރުކާރުގެ ޑިރެކްޓަޑް ޑިކްޓޭޓަޑް ޕޮލިސީއެއް. އެކަމަށް އަޅައިނުލިނަމަ، އެކަން އޮންނާނީ ހަމަ ކުއްޖެއްގެ ކުށުގެ ރެކޯޑު އޮތްގޮތަށް. އެހެންނަމަވެސް، ގިނަ މަސައްކަތްތަކެއް ފުރަތަމަ އަހަރުން ފެށިގެން ކުރެވުނީ، ފުލުހުންނާ ވާހަކަ ދައްކައިގެން، އާދައިގެ ކުށްކުށުގެ ރެކޯޑު ކުދިންގެ ކިބައިން ފިލުވައިލެވޭތޯ. އޭގެ މާނަޔަކީ އެ ކުއްޖާގެ ކުށެއް ނެތީކީ ނޫން. އެކަމަކު އޭގެ މާނަޔަކީ، އެ ކުށުގެ ރެކޯޑު ސާފުކޮށްދިނީމަ، ދެން އެ ކުއްޖާއަށް ވަޒީފާ ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާކަން.


ހަމަމިއާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަނީ، މިރޭގެ މި ޕްރޮގްރާމުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ މި ސަރުކާރުގެ އެއް އަމާޒު. ޒުވާނުންގެ ޕޮލިސީ މެނިފެސްޓޯގައި، ނޫނީ މެނިފެސްޓޯގައި އޮތް ޗެޕްޓަރުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އެއް އަމާޒަކީ ޒުވާން އޮންޓޮޕްރިނިއަރުން، ޒުވާން ވިޔަފާރިވެރިން އުފެއްދުން. އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ކާމިޔާބުކަމާއެކީ ގެޓްސެޓް ޕްރޮގްރާމް ހިނގަމުން އެދަނީ. ގެޓްސެޓް ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މިހާރު ލޯންޗް ކުރެވިގެން އެދަނީ.


ހަމައެއާއެކީ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކެއް ޓުއަރިޒަމްގެ ޞިނާޢަތުން ލިބޭނެ އެއްކަމަކަށްވާނީ، ރާއްޖޭގައި ހުރިހާ ހިސާބެއްގައިވެސް ގެސްޓްހައުސްތައް ޢާންމުވެގެން ދިޔުން. އަޅުގަނޑުމެންގެ ސަރުކާރުން ގެސްޓްހައުސްތައް ޢާންމުވެގެން ފުޅާވެގެންދާކަށް ހުރަހެއްނާޅާނެ. ހަމަ ވަރަށްގިނަ ތަފާތު ރަށްރަށުގައި ގެސްޓްހައުސްތަކަށް އެދޭ ކައުންސިލްތަކަށް ގެސްޓްހައުސްއަށް އަޅުގަނޑުމެން ޖާގަދެމުން މި ގެންދަނީ. މީގެ ބޭނުމަކަށްވަނީ، އިންޓަރގްރޭޓަޑް ޓުއަރިޒަމާއި، ގެސްޓްހައުސް ވިޔަފާރީގެ ތެރެއިން ގިނަ ޒުވާނުންނަށް ކުޑަކުޑަ ރައުސްމާލެއް ހިފައިގެން، ނޫނީ އެވަރުގެ ބޮޑު އާމްދަނީއެއް ނުލިބޭ މީހުންނަށްވެސް، ޓުއަރިޒަމްގެ ޞިނާޢަތަށް ކޮންމެވެސް ފެންވަރެއްގައި ވަދެވުމުގެ ޖާގަ ތަނަވަސްކޮށްދިނުން.


ކެމްޕެއިންގެ ތެރޭގައި ވާހަކަ ދައްކަމުން އަޅުގަނޑު ބުނިން، އަޅުގަނޑުގެ އުންމީދަކަށްވަނީ 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު، އިޤްތިޞާދަށް އަންނަ އާރޯކަމާއެކީ ނުވަދިހަ ހަތަރުހާސް ވަޒީފާ އުފެދިގެން ދިޔުމޭ. އަޅުގަނޑުމެންގެ މިއަދުގެ ތަފާސް ދައްކާގޮތުން ވެއްޖިއްޔާ، ﷲގެ ރަޙްމަތާއެކީ އިރާދަކުރެއްވިއްޔާ، އިންޓަރނޭޝަނަލް އެއަރޕޯޓް ނިމި، މި ހުޅުވެންޖެހޭ ފަންސާހަކަށް ރިޒޯޓް، 2018 ވަނަ އަހަރުގެ ނިޔަލަށް، ނޫނީ އޭގެކުރިން ހުޅުވިއްޖެ ކަމަށްވަންޏާ، މި އަދަދު، އެއީ އަޅުގަނޑުމެން ހީކުރި އަދަދަށްވުރެން މާ އިތުރު އަދަދަކަށްވެގެން މިދަނީ.


ފުރަތަމަފަހަރަށް ބައިނަލްއަޤްވާމީ އެއަރޕޯޓަކީ އަޅުގަނޑުމެންގެ އަމުރު މަޢުރޫފް، ފުރިހަމައަށް ހިނގާ އެއަރޕޯޓަކަށް ވެގެންދިޔައީ ދާދި އިހަކަށްދުވަހު. ޖީ.އެމް.އާރު.ގެ ކިބައިން އަޅުގަނޑުމެން ދައްކަންޖެހޭ ފައިސާއެއް ދައްކާފައި، މުޅި އެއަރޕޯޓަކީ ދިވެހި ރައްޔިތުން ބޭނުންގޮތަކަށް، ދިވެހި ރައްޔިތުން އެދޭގޮތަކަށް ތަރައްޤީގެ ފުރުޞަތުތައް ހޯދައި، އަދި ވަޒީފާގެ ފުރުޞަތު ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރަން ބޭނުންކަމަށްވަންޏާ، ދިވެހިންނަށް ޚާއްޞަ ކުރުމުގެ ފުރުޞަތު ލިބިގެން މިދިޔައީ، މިއަށް ދައްކަންޖެހޭ ފުލް ޕޭމަންޓް އަޅުގަނޑުމެން ދައްކައި ނިންމީމަ. މިއީކީ ކުޑަކުޑަ ކަމެއް ނޫން. މިއީކީ އެއްގޮތަކަށްވެސް ކުޑަކުޑަ ކަމެއްނޫން. ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދެވި، ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާއަށް ބަލާކަމަށްވަންޏާ، މިއީ ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑު ހަމަ މިރޭވެސް ދަންނަވާނަން، ފަސޭހަކަމެއް ނޫން މިކުރީކީ.


އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، މިކަން ކުރުމުގެ ބޭނުމަކަށްވަނީ، ދިވެހި ޒުވާނުންގެ އުންމީދުތަކާ ގުޅިފައި މިހިރީ ހަމައެކަނި ބޯހިޔާވަހިކަމެއް، ގެދޮރުވެރިކަމެއް ނޫން. ގެދޮރުވެރި ޒުވާނުންނަށް އެބަ އާމްދަނީތަކެއް ލިބެން އެބަޖެހޭ. އަޅުގަނޑުމެންގެ އެއަރޕޯޓް ނިމިގެން، އެއަރޕޯޓް ހުޅުވިގެންދާއިރު، އެތައްހާސް އިތުރު ވަޒީފާތައް އުފެދިގެންދާނެ، ޚުދު އެއަރޕޯޓުން. ދެންއޮތީ އެއަރޕޯޓާ ގުޅިފައި ހުރި ޚިދުމަތްތައް. އެހެންވީމާ، ނުވަދިހަ ހަތަރުހާސް ވަޒީފާގެ އަދަދަކީ މިހާރު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އިރާދަކުރެއްވިއްޔާ، އެޗީވް ކުރެވޭނެ، ހާސިލު ކުރެވޭނެ އަދަދެކޭ. އަޅުގަނޑުމެންގެ ހިތްވަރެއް ހުންނަންވީ، އަނެއްކާވެސް ނޫކަށިފުރަޔާ ހަމަޔަށް މި އަންނަނީ. އަޅުގަނޑުމެންގެ ހިތްވަރެއް ހުންނަންވީ، ގަބޫލުކުރަންވީ، މި އުފައްދައިދޭ ވަޒީފާތަކަކީ އަހަރުމެން ނުކުމެ މަސައްކަތް ކުރަންޖެހޭ ވަޒީފާތަކެއްކަން. އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކަނބަލުން. އަންހެން ބޭފުޅުން. މި ވަޒީފާތަކަކީ ހަމަ ފިރިހެން ބޭފުޅުންގެ ވަޒީފާތަކެއް ގޮތަށް އަންހެން ބޭފުޅުން ދެކެންޖެހެނީ މިއީ އަންހެން ބޭފުޅުންގެ ވަޒީފާތަކެއް ކަމަށް. އަޅުގަނޑުމެންގެ ތެރެއަށް ހަމައެކަނި ޘަޤާފީގޮތުން އައިސްފައި ހުންނަ ޓަބޫއެއް، ނޫނީ މަނާކަމެއް މި އޮންނަނީ، އަންހެން ބޭފުޅުން ކަމަށްވަންޏާ، ވަކިކަހަލަ މަސައްކަތްތަކަށް ކުރިމަތިނުލުން. އެކަމަކު މިއަދުގެ ބައްޕައިންނާއި މަންމައިން އެބަ ވިސްނަންޖެހޭ މިއަށް ޖާގަ ހޯދައިދޭން. އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން އެބަޖެހޭ. ކުރީގައި ޘަޤާފީގޮތުން އަޅުގަނޑުމެންނަށް ޓަބޫ ނޫނީވިއްޔާ މަނާވެފައި ހުރި ބައެއްކަހަލަ ވަޒީފާތަކަށް އަޅުގަނޑުމެންނަށް އެބަ ފުރުޞަތު ލިބެން އެބަޖެހޭ. އަޅުގަނޑުމެންގެ މިއަދުގެ ޒުވާން އަންހެނުންނަށް.


އެހެންވީމާ، އަންހެނުން ކޮންސްޓްރަކްޝަން އިންޑަސްޓްރީން ނުފެންނާންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ކުރިންވެސް ބުނަން، އަޅުގަނޑަކަށް އަންޑަރސްޓޭންޑެއްނުވޭ، ހަމަ ހެލްމެޓް އަޅައިލާފައި، ޑެނިމް ޖީންސްލާފައި، އަންހެން ކުދިން ކީއްވެގެން ސުޕަރވިޜަންގައި ނޫޅެވެންވީ؟ ކީއްވެގެންތޯ ނޫޅެވެންވީ؟ އަންހެން ކުދިންނަށް ބޯޑްރޫމުން އެބަ ޖާގަ ހޯދައިދޭ، ސަރުކާރުގެ ހަމަ ޑިރެކްޓަޑް ޕޮލިސީގެ ތެރެއިން. އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީތަކަށް ބަލާކަމަށްވަންޏާ، ދެ ޔުނިވަރސިޓީ އަށް ބަލާކަމަށްވަންޏާ، ދެ ޔުނިވަރސިޓީގެ އާބާދީއަށް ބަލާކަމަށްވަންޏާ، ކްލޯސްޑް ޓު ސެވަންޓީ ޕަސެންޓް، ގާތްގަނޑަކަށް 70 އިންސައްތަ އެއީ އަންހެން ކުދިން. ހަޔަރ އެޑިޔުކޭޝަންގެ އެޗީވްމަންޓަށް ބަލާކަމަށްވަންޏާ، ބޮޑު އެޗީވްމަންޓެއް މިއޮތީ އަންހެން ކުދިންނާ ހަމައިގައި. އެހެންވީމާ، އަޅުގަނޑުމެން ކުރިން ވިސްނި ހުރަސްތައް، އެބަ އަޅުގަނޑުމެންގެ ސިކުނޑިން އެންމެ ކުޑަމިނުން ގިރާކޮށްލަން އެބަޖެހޭ. މި އުފެދޭ ވަޒީފާތަކަކީ ދިވެހި ޒުވާން އަންހެން ކުދިންގެ، ދިވެހި ޒުވާން ފިރިހެން ކުދިންގެ ޙައްޤެއް ކަމުގައި އެބަ ދެކިގަންނަންޖެހޭ. އަޅުގަނޑުމެންނަށް ކޮށްދެވޭނެ މަސައްކަތަކީ ފުރުޞަތު ހޯދައިދެވޭނީ. ފުރުޞަތުގެ ބޭނުންހިފަންޖެހޭ ބަޔަކީ ހަމަ ޙަޤީޤަތުގައިވެސް އޭގެ ޙައްޤުވެރިން، ދިވެހި ޒުވާނުން. އެހެންވީމާ، ސަރުކާރުން މިކުރާ މަސައްކަތުގައި، ﷲގެ ރަޙްމަތާއެކީ އުފެދިގެންދާނީ ނުވަދިހަ ހަތަރުހާސް ވަޒީފާއެއް ނޫން. އެއަށްވުރެ މާބޮޑު ވަޒީފާގެ އަދަދެއް އުފެދިގެންދާނެ.


އަޅުގަނޑުމެންގެ އިޤްތިޞާދަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ ހަކަތަ އެބަހުރި. އަޅުގަނޑުމެން 2018 ވަނަ އަހަރު ނިންމާފައި، ދެން ގިރާކުރާއިރު، އަނެއް ފޭސްއަށް ގިރާކުރާއިރު، އަޅުގަނޑުމެން ކުރީގައި ވިސްނީ ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، އަޅުގަނޑުމެން ގަބޫލުކުރީ ޑަބަލްވާނެ ކަމަށް. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ، އޭރު ފަސްހާހުން އޮތް ވަރަށްވުރެ، އެއަށްވުރެން އަދަދު އިތުރުވެގެންދާނެ ކަމަށް. މިހާރުވެސް ގާތްގަނޑަކަށް ހަތްހާސް، ނޫނީ އެއަށްވުރެން މަތީގައި މި ކިޔަނީ. އެހެންވީމާ، 5 އަހަރުގެ ދައުރެއް ނިމިގެން ގޮސްފައި، މިހާރު އިޤްތިޞާދީ ގޮތުން މި އިންވެސްޓްކުރާ ހުރިހާ އިންވެސްޓްމަންޓެއްގެ ބެނިފިޓް، ފައިދާ، މަންފާ ދިވެހިންނަށް ލިބެން ފެށީމަ، ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަން، ނޫނީ ޖީބަށް ވަންނަ ލާރިއަށް ބަލާކަމަށްވަންޏާ، ފަރުދަށްޖެހޭ މިންވަރު ބާރަހާސް ޑޮލަރަށްވުރެ މަތިވާންޖެހޭނެ. އެކަމަކު އެއީ އިތުރު މައްސަލަތަކެއް ކުރިމަތިނުވެ، އަޅުގަނޑުމެން ކުރިއަށްދާ ކަމަށްވަންޏާ. އެއީ އިތުރަށް މަގުމައްޗަށް ނުކުމެ، ވަޒީފާ އަދާކުރުމުގެ ބަދަލުގައި ހަޅޭއްފަޅޭއްލެވުމަކީ އަޅުގަނޑުމެން އިޚްތިޔާރުކުރާ ކަމަކަށް ނުވާކަމަށްވަންޏާ. ކޮންމެ މީހަކު މަސައްކަތް ކުރަންޖެހޭނީ ބިނާކުރަނިވި ޖީލެއް އުފައްދައިދޭ މީހަކަށްވާން. ރޯލް މޮޑެލުންތަކެއް އުފައްދަން.


އެހެންވީމާ، ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް އެބައޮތް. ޤައުމުގެ ތަރިކައިން ތަންކޮޅެއް ބޭނުންވާ ކަމަށްވަންޏާ، އެއްވެސްވަރެއް ހިފަން ބޭނުންކަމަށްވަންޏާ، އޭނަ ޤައުމަށް ދޫކޮށްލަންޖެހޭ، އޭނަ ޤައުމަށް އަދާކުރަންޖެހޭ ދަރަންޏެއް އޮންނަކަން، މިރޭވެސް އަޅުގަނޑުމެންގެ ޒުވާނުންވެސް ހަނދާންކުރަންވީ. ޙައްޤު ހޯދަން މަސައްކަތް ކުރުމަކީ ކުރަންވާނެ ކަމެއް. އެކަމަކު އެއާއެކީ ޤައުމު ބިނާކުރުމުގައި އޭނަގެ ޒިންމާއެއް އޮތްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.


އަޅުގަނޑު ހަމަ ރޯލް މޮޑެލުންގެ ވާހަކަ ދައްކާލީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އިތުރުވެގެންދާ މިންވަރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން. ބަވަނަވެގެން ދުނިޔެ އަންނައިރު، އެންމެ އުނދަގުލީ، އެންމެ އުނދަގުލީ އަޅުގަނޑުމެންނާ ހަމައަށް އިޤްތިޞާދީ ބަސް އައިސް ހުއްޓާއިރު، އަޅުގަނޑުމެންނަށް އެ ބަހަށް ނޭރިދާނެތީ. ވީ ވިލް މިސް ދަ ބަސް އޯލްޓުގެދަރ. އަޅުގަނޑުމެންނަށް ފުރުޞަތުގެ ބޭނުން ނުހިފިދާނެތީ. އިޤްތިޞާދީ ފުރުޞަތުތަކެއް އަޅުގަނޑުމެން އައިސް ޓަކިޖަހަންދެނެއް ދުނިޔެއެއް ބަލަހައްޓާކަށް ނޯންނާނެ. އަޅުގަނޑުމެން ޖެހޭނީ ފުރުޞަތުގެ ބޭނުންހިފަން. މުޅި ދުނިޔެ، އެއް ދުނިޔެއަކަށް ވެގެން މިދަނީ، އަދި މިދާ މިންވަރުން ދާކަމަށްވަންޏާ، މުޅި ދުނިޔޭގައި މޮނިޓަރީ އެއް ފައިސާ ފޮއްޗެއް އޮތުމަކީ ހަމަ އެކަށީގެންވާ ކަމެއް. ވަރުގަދަ ދެ ފައިސާ މިއުޅެނީ. އެހެންވީމާ، ކީއްވެގެންތޯ އެއް ފައިސާއަކަށް ބަދަލުނުވާންވީ؟ އެހެންވީމާ، އެއްވެސް ބޯޑަރެއްނެތި، މުދާ އެކްސްޕޯޓް ކުރުމާއި، އެއްވެސް ބޯޑަރެއްނެތި ޚިދުމަތުގެ ވިޔަފާރި ކުރުމާ، މިކަންކަމަށް ދުނިޔެ ހުޅުވައިލެވިގެން މިދަނީ. އެހެން ކަމަށްވަންޏާ، ދިވެހިންވެސް މިކަންކަމަށް އިންތިޒާރު ކުރަންވާނެ. މިކަންކަމަށް ތައްޔާރުވާންވާނެ. ފުރުޞަތު، ޖާގައިގެ ބޭނުން ހިފަން ދަސްކުރަންވާނެ.


ހިންގަވާ އަޅުގަނޑުމެންނާ ހަމައިން ފަށަމާ! ކީއްވެގެންތޯ މިއަދުވެސް އަޅުގަނޑުމެންގެ ވަޒީފާގެ ފުރުޞަތުތައް އަޅުގަނޑުމެން އަދާނުކޮށް އެހެން ފަރާތްތަކަށް މި ލިބެނީ. ސަރުކާރުން ކުރާކަށް އަބަދު ފަސޭހަކަމެއް ނޫނޭ، ބޯކޮށާ މީހުންނަކީ ދިވެހިންނަށް ހެދުން. ސަރުކާރުން އަބަދު ކުރަން ފަސޭހަކަމެއް ނޫނޭ، ވިޔަފާރިކުރާ މޭޒުގެ ކައުންޓަރުގައި އިންނަ މީހަކީ ދިވެއްސަކަށް ހެދުން. މިއީ ޤާނޫނުން ކުރަންޖެހޭ ކަންކަމެއް ނޫނޭ. އެކަމަކު ދިވެހިންނަށްޓަކައި އަޅުގަނޑުމެން އެހިސާބަށްވެސް ހިނގައްޖައިން. އެ ހިނގަންޖެހޭ އިތުރު އެއްމޭލުވެސް އަޅުގަނޑުމެން ކަޑައްތު ކުރާނަން. އެކަމަކު ކީއްތޯވާނީ މިއީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރިއްޔާ.


އަޅުގަނޑުމެންގެ ވަޒީފާތައް ހުންނާނީ އަބަދަކު ފަނަރަހާހުން، ވިހިހާހުން، ތިރީސްހާހުން މުސާރަ ލިބޭގޮތަކަށް ނޫން. އަޅުގަނޑުމެންގެ ޞިނާޢަތުގައި ހިމެނެނީ ތަފާތު ޞިނާޢަތްތައް. އެހެންވީމާ، އަޅުގަނޑުމެން ވަޒީފާ އުފެއްދީމަ، ވަޒީފާގެ ފުރުޞަތުގެ ބޭނުން ހިފުމަކީ، އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން އަޅުގަނޑުމެންނަށް ނޭދޭ ކުރިއެރުމެއް އެދޭނެ އެހެން ބަޔަކު ނޫޅޭނެ. އެހެންވީމާ، އަޅުގަނޑުމެން ޤައުމު ކުރިއަށް ގެންދަން ބޭނުންކަމަށްވަންޏާ، އަދި އަޅުގަނޑުމެން އެކިއެކި ޖިހާދުތަކުގެ ވާހަކަ ދައްކާފައި، އަދި އެކިއެކި އަބްޠާލުން ދިވެހިރާއްޖެއަށް ހޯއްދަވައިދެއްވާފައި ހުރި މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ކުރެވުނު މަސައްކަތުގެ ފަޚްރާއި ޝަރަފު، އަޅުގަނޑުމެން ކޮންމެ ޖަލްސާއެއްގައި އާލާކުރާ ކަމަށްވަންޏާ، މިއަދު މިދެންނެވި ކަހަލަ އާދައިގެ ކަމެއް ކޮށްފި ކަމަށްވަންޏާ، ދިވެހިވަންތަ ސިފަތަކެއް ދިވެހިރާއްޖޭގައި އޮންނާނެ. ދިވެހިރާއްޖެއަކީ ދިވެހިން އުފައްދާ އެއްޗެއް. ދިވެހިރާއްޖެ ބައްޓަންވާނީ ދިވެހިން ވިސްނާގޮތަކަށް. ދިވެހިން އެދޭގޮތަކަށް. ދިވެހިރާއްޖޭގެ ކުރިމަގު ނިންމާނީ ދިވެހިން. އެހެންކަމަށްވަންޏާ، ކަންކަމާ ކުރިމަތިލާ ދިވެހިވަންތަ ސިފަތަކެއް އަޅުގަނޑުމެންގެ އިޤްތިޞާދަށް، އިޖުތިމާޢީ ކަންކަމަށް އަދި އަޅުގަނޑުމެންގެ ތަރުބިއްޔަތާއި، ކުދިން ތަރުބިއްޔަތު ކުރުމަށްވެސް އަޅުގަނޑުމެން ގެނެވޭތޯ މަސައްކަތް ކުރަންވާނެ. އެންމެ ވަރުގަދަ ދިވެހިވަންތަ ސިފަޔަކަށް ވެގެން މިދަނީ އިސްލާމީ ޢަޤީދާ. އެހެންވީމާ، އިސްލާމީ ތަރުބިއްޔަތާއެކީ ދެން އަޅުގަނޑުމެން ހުޅުވަންވީ އަޅުގަނޑުމެންނަކީ މަސައްކަތް ކުރަން ކެރޭ، އިލަސްޓްރިއަސް، މަސައްކަތްކުރާހިތްވާ ބަޔަކަށްވާން މި ކުރެވޭ މަސައްކަތް އެއީ. މި މަސައްކަތް ކުރުމުގައި ރޯލް މޮޑެލުންވެސް މަސައްކަތް ކޮށްދެއްވަންވީ، އިތުރު މީހުންނަށް ވިސްނައިދޭން، މި ދިވެހިރާއްޖޭގެ ކަންކަން ކުރުމުގައި، އަހަރުމެންނަށް ލިބޭ ފުރުޞަތު، އަހަރުމެން ބޭނުންހިފަންޖެހޭ ކަމަށް.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ، ޒުވާނުންނަށް ހިތްގައިމު، ޒުވާނުންނަށް ފަސޭހަ ފުރުޞަތުތައް އިތުރުވެފައި އޮތް ދިވެހިރާއްޖެއެއް. ޒުވާނުން މަސައްކަތްކުރާ އަދި ޒުވާނުން ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރަން ބޭނުންވާ ގޮތަކަށް ޒިންމާދާރުކަމާއެކީ އަންނަން އޮތް ޖީލަށް ޕާސްކޮށްދޭނެ ދިވެހިރާއްޖެއެއް. އަޅުގަނޑުމެންގެ ސަކްސަސްގެ ޓޯޗް ހިފައިގެން، އެ ޓޯޗް އަމާނާތްތެރިކަމާއެކީ އެހެން ޖެނެރޭޝަނަކަށް، އެހެން ޖީލަކަށް ރައްކާތެރިކަމާއެކީ ފޯރުކޮށްދެވޭ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އުފެދެން އެބަޖެހޭ. ޒިންމާދާރު ބަޔަކަށްވާން އެބަޖެހޭ. ޝައްކެއްވެސްނެތްގޮތުގައި، މީގެ އަސާސަކީ ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު. ދިވެހިރާއްޖޭގައި ތަރުބިއްޔަތާއި ތަޢުލީމު ލިބޭ ދިވެހި ދަރިން މަދެއް ނޫން. އެހެންނަމަވެސް، އެ ލިބޭ ތަޢުލީމެއްގެ ބޭނުންހިފާ މީހުން މިއަށްވުރެ އިތުރުވާން އެބަޖެހޭ. އަދި ޤައުމުދެކެ ލޯބިވާން ދަންނަ މީހުން އިތުރުވާން އެބަޖެހޭ. އެންމެ ބޮޑެތި ފާސް ނަންގަވައިގެން ވަޑައިގެން އަޅުގަނޑުމެންނަށް ކިޔަވައިދެއްވާ ބޭފުޅުން ސިޔާސީ ޕޯޑިއަމްތަކަށް ވަޑައިގަތީމަ، އެބޭފުޅުންގެ ހަނދުމަފުޅަކު މިކަމެއް ނުހުރޭ. އަދި އަޅުގަނޑުމެންގެ ތެރެއިން އެންމެ ޚިދުމަތްތެރި ބޭފުޅުންވެސް ދައުރު ބަދަލުވެގެން ދިޔައިމަ، ނޫނީ މަޤާމު ބަދަލުވެގެން ދިޔައިމަ، މިކަންކަން އަޅުގަނޑުމެންގެ ޚިޔާލުގައި ހުންނަކަމެއް ނުވިސްނޭ. އަޅުގަނޑުމެންނަކީ މިއަދުވެސް ދިވެހިން. މާދަމާވެސް ދިވެހިން. ދެން އަންނަން އޮތް ޖީލެއްގައިވެސް އަޅުގަނޑުމެންނަކީ ދިވެހިން. އެހެންވީމާ، ދިވެހިރާއްޖޭގެ ތަރިކައަކީ އަޅުގަނޑުމެން ފަރުދީގޮތުން އެކަކުވެސް މި ހިނގާ ބިންކޮޅަށްވުރެން ބޮޑު ތަރިކައެއް. އަޅުގަނޑުމެންގެ އަމާނާތްތެރިކަން އޮންނަންވީ ދިވެހި ބިމަށް. އަޅުގަނޑުމެންގެ އަމާނާތްތެރިކަން އޮންނަންވީ އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތު ޙިމާޔަތް ކުރާކަށެއް ނޫން. އެހެންވީމާ، މި ވިސްނުމުގައި، މި ޢަޒުމުގައި ދާކަމަށްވަންޏާ، އަޅުގަނޑުމެން މި އުފައްދާ ދިވެހިރާއްޖެއަކީ ޙަޤީޤަތުގައިވެސް މުސްތަޤްބަލެއް އޮތް ދިވެހި ޖީލަކަށް، ދިވެހި ޒުވާން ޖީލަކަށް އުފެދިގެންދާ ހިތްގައިމު، ހިތްފަސޭހަ ދިވެހިރާއްޖެއަކަށް ވެގެންދާނެ. އަޅުގަނޑުމެން ކޮންމެ މީހަކީ ބޯހިޔާވަހިކަން ކަށަވަރުވެފައި އޮތް، އަޅުގަނޑުމެން ކޮންމެ މީހަކީ އާމްދަނީ އިތުރުވެ، އަދި މަސައްކަތް ކުރުމުގެ ޖޯޝާއި ފޯރި ހުރި، ނޫކަށިފުރައިގެ ޒުވާން ޖީލެއް އޮތް ދިވެހިރާއްޖެއަކަށް ވެގެންދާނެ.


އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ހެޔޮ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ ދިވެހިންނަށް އަދަށްވުރެ ފެހި މާދަމައެއް. ޚާއްޞަކޮށް، ދިވެހި ޒުވާން ޖީލަށް އަޅުގަނޑު އެދެނީ، ރޯޝަނީ މުސްތަޤްބަލެއް. އަދި މަސައްކަތްކުރާހިތްވާ ޖީލެއް ބިނާކުރުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ދެއްވާށި!

والسّلام عليكم ورحمـة اللّـه وبركاته.