ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަގާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓްރީ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅުންނެވެ. އަދި، ޕަރމަނަންޓް ސެކްރެޓަރީއަކީ، ސަރުކާރުގެ މަގާމުތަކުގެ އޮނިގަނޑުގައި މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރަށް ދަރަޖަކުރައްވާފައިވާ މަގާމެކެވެ.

ވީމާ، ސަރުކާރުގެ އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށާއި، ޙަފްލާތަކަށް ދަޢުވަތު ދެއްވުމުގައާއި، އެފަދަ ބައްދަލުވުންތަކާއި ޙަފްލާތަކުގައި އިށީނދެވަޑައިގެން ތިއްބެވުމުގެ ތަރުތީބު ކަނޑައަޅުއްވާއިރު، މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރުގައި ޕަރމަނަންޓް ސެކްރެޓަރީންގެ މަގާމުގައި ތިއްބެވި ބޭފުޅުންނާމެދު ކަންކަން އިންތިޒާމު ކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.