بسم الله الرحمن الرحيم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.


އަޅުގަނޑު ކޮޅުމަޑުލަށް މިކުރާ ދަތުރުގައި ވިލުފުށްޓަށް އައިސް، ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މިލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. ވިލުފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔަ މަރުޙަބާގެ މަންޒަރުތައް ދެކެފައި، ވަރަށް ބޮޑަށް އުފާކޮށް، ހިތުގެ އެންމެ ފުންމިނުން ވިލުފުށީގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރުމަކީ މި މަޤާމުގައި އަޅުގަނޑު އަދާކުރަން ބޭނުންވާ، ވަރަށް އުފާވެރި ވާޖިބެއް.


ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާރޒް އެ ވިދާޅުވިފަދައިން، މި ރަށަކީ މީގެކުރިން ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަމުގައި ހުންނަމީހަކު އައިސްފައިނުވާ ރަށެއް. ކޮންމެއަކަސް އެޝަރަފު އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނުކަން އެއީ އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާނެ ކަމެއް. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭފަދައިން، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި އަޅަން ބޭނުންވާ ފިޔަވަޅުތަކަކީ ކޮބައިތޯ ހޯދައި، އެފިޔަވަޅުތައް ސަރުކާރުގެ ފަރާތުން އެޅުމުގެ އިންތިޒާމުތައް ހަމަޖެއްސުން. މި ދަތުރުތަކުގެ ސަބަބުން އަޅުގަނޑަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ސާފުވަމުން އެބަދޭ. އެމަޢުލޫމާތުތަކުގެ ސަބަބުން ރާއްޖެތެރެ ތަރައްޤީ ކުރުމަށް އެކިއެކި މަސައްކަތްތައް ފެށުމުގެ މަގު ފަހިވަމުންދޭ.


އާދެ، މީގެކުރިން އަޅުގަނޑު ރާއްޖެތެރޭގެ އެކި އަތޮޅުތަކަށާއި، ރަށްރަށަށް ކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަދި ސަރުކާރުގެ ބައެއް އެހެން ވެރިންވެސް ރާއްޖެތެރެއަށް ކުރައްވައިފައިވާ ދަތުރުފުޅުތަކުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރޭގެ ކަންތައްތައް ކުރިއަރުވައި ރަނގަޅު ކުރުމަށް ސަރުކާރުގެ ފަރާތުން ޚާއްޞަ މަޝްރޫޢެއް ވަނީ ރާވައިފައި. އަދި އެމަޝްރޫޢަށް މިހާރުދަނީ ޢަމަލުކުރެވެމުން. އެމަޝްރޫޢުގައި ވަރަށްގިނަ ތަފާތު ކަންތައްތައްވޭ. ރައްޔިތުންނަށް ދަތިވެފައިވާ އެކިކަންތައްތައް ރަނގަޅުކޮށްދިނުން. މިސާލަކަށް އެކިއެކި ރަށްރަށުގެ ފަޅުކޮނުން، ނެރުގޮއްވުން، ރަށްރަށުގެ ރަށުއޮފީސްތައް ޢިމާރާތްކުރުން، ރަށުގެ އޮފީސްތައް މަރާމާތުކުރުން. ހަމައެފަދައިން، ބައެއް ރަށްރަށުގައި އަލަށް މިސްކިތް ޢިމާރާތްކުރުން، ނުވަތަ އެތަންތާނގައިހުރި މިސްކިތްތައް މަރާމާތުކުރުން. ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގުން. ވަކި މުއްދަތަކަށްވުރެ ގިނަދުވަސް ވަންދެން ހިންގައިފައިވާ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް އެހީވުން. އެހެންގޮސް ވަރަށް ގިނަ ކަންތައްތައް މިމަޝްރޫޢުގެ ދަށުން މިހާރު ހިނގަމުން އެބަދޭ.


އާދެ، ދެންމެ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް، މިރަށުގައި ރަށުއޮފީހެއް ބިނާކުރާނެ ޢިމާރާތުގެ ބިންގާ އަޅައިދިނުން. ކޮންމެއަކަސް އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން ރާއްޖެތެރެއަށް މިހާރު ސަރުކާރުގެ ފަރާތުން ވަރަށް ގިނަ އެހީތައް ލިބެމުން އެބަދޭ. އާދެ، އެއީ ރާއްޖެތެރެވަނީ ކުރިއަރުވައި ތަރައްޤީކުރަންކަން ސަރުކާރަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭތީ. އަދި އަޅުގަނޑު މިކުރާ ދަތުރުތަކުންވެސް އެކަން އަޅުގަނޑަށް އެނގޭތީ. ރާއްޖެތެރޭގެ ކަންތައްތައް ވަނީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނޭގޮތަކަށް ނޫން. އެއަށްވުރެ ހުރިހާކަމެއްވެސް ވަނީ މާދަށު ދަރަޖައަކަށް ވެއްޓިފައި. ހުރިހާ ރޮނގަކުން ބެލިނަމަވެސް، ހުރިހާ ކަމެއްވެސްވަނީ އިޞްލާޙުކުރަންވެފައި. އަދި ރާއްޖެތެރެ އެއީ ވަރަށްބޮޑު ތަނެއް، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި މިދެންނެވީ. ރާއްޖޭގައި މީހުން އުޅޭ ދުއިސައްތަ ދެރަށް އެބައޮތް. އެއިން ކޮންމެ ރަށެއްގައި ވަރަށްގިނަ ކަންތައްތައް ކުރަންވެފައި އެބަހުރި. ހަމައެކަނި އެންމެ ކަމަކަށް ބަލައިލިޔަސް އެއީ ސަރުކާރަށް އެއްފަހަރާ ކުރެވޭވަރަށްވުރެ މާބޮޑު ކަމަކަށްވޭ. މިސާލެއްގެ ގޮތުން ދަންނަވަންޏާ، މިސްކިތްތައް އެޅުން. ނުވަތަ މަރާމާތުކުރުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވުމާއެކު، މިސްކިތްތަކަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ޤަދަރެއް ބަހައްޓަންޖެހޭ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިޙުތިރާމް ކުރަންޖެހޭ ތަނެއް. އެކަން އެހެން އޮއްވައިވެސް މިވޭތުވެދިޔަ، ވަރަށްގިނަ ދުވަސްތަކެއްގެތެރޭގައި، އެތަކެއް ޖީލެއްވަންދެން، މިސްކިތްތައް އޮތީ މުޅިން އިހުމާލުކޮށްލެވިފައި. އޭގެ ނަތީޖާއަކަށްވީ، ވަރަށްގިނަ ރަށްރަށުގެ މިސްކިތްތައް ވީރާނާވެގެން ދިއުން، ހަލާކުވެގެންދިއުން. އެއްގޮތަކަށްވެސް އެތާނގައި އަޅުކަންކުރުން ކީއްކުރަންތޯ، އެހެން ކަމެއްވެސް ނުކުރެވޭހާ ދަށުދަރަޖައަކަށް އެތަންތަން ދިއުން. މި ހިތާމަވެރި ގޮތްތައް ދިމާވެފައިވަނީ، ރާއްޖޭގެ ހަމަކޮންމެ ރަށަކަށޭވެސް ދެންނެވިދާނެ. އެއްވެސް ރަށެއްނެތް މިކަމުން އިސްތިސްނާކުރެވޭ. އެހެންވީމާ، އެހުރިހާ ކަމެއް އެއްފަހަރާ ހުރިހާ ތަންތާނގައި، ސަރުކާރުގެ ފަރާތުން މިސްކިތްތައް ޢިމާރާތްކުރުން، އެއީ އެއްގޮތަކަށްވެސް ވާނެކަމެއްނޫން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެކަމުގައި ހިނގާ ހަރަދުތަކާއި، އެކަމަށް ބޭނުންވާނެ މަސައްކަތްތަކާ، މިހުރިހާ ކަމެއް. އެހެންވުމުން ސަރުކާރުން ގަސްދުކޮށްފައިވަނީ އެންމެ ފުރަތަމަ ބޭނުންވާ ތަންތާނގައި އެންމެ ފުރަތަމަ ކަންތައްތައް ކުރުން. އޭގެފަހުގައި ދެންހުރި ތަންތަނަށް ދިއުން. އެގޮތުން މިހާރު ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ސަރުކާރުގެ ފަރާތުން އަލުން މިސްކިތްތައް އިމާރާތްކޮށްވެސް ނިމިއްޖެ.


އަޅުގަނޑުގެ މިދަތުރުގައިވެސް، ހައްދުންމައްޗަށާއި ކޮޅުމަޑުލަށް އަޅުގަނޑު މިހާރު ކުރަމުންމިދާ ދަތުރުގައިވެސް ވަރަށް ގިނަ މިސްކިތްތައް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިއްޖެ. ހަމައެފަދައިން، ރާއްޖެތެރޭގެ ތަޢުލީމަށް ބެލިނަމަވެސް ވަރަށް ބޮޑަށް ތަރައްޤީކުރަން ވެފައިވާ އެއްޗެއްކަން އަޅުގަނޑަށް އެނގޭ. މިހާތަނާ ޖެހެންދެން ސަރުކާރުގެ ހަރަދުގައި ރާއްޖެތެރޭގައިހިނގާ އެއްވެސް މަދަރުސާއެއްނެތް. މިހާރު މާތްރަސްކަލާނގެ އިރާދަފުޅާއެކު، އަދި އެކަލާނގެ ފަޟުލުވަންތަވެރިކަމުން ދިވެހި ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް މަދަރުސާއެއް އެބަ ހިންގާ، ސަރުކާރުގެ ހަރަދުގައި. މިއަތޮޅުގައިވެސް އަދި މިނޫން އެހެން އަތޮޅުގައިވެސް. އޭގެއިތުރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުން ނަންދެވިފައިވާ މަދަރުސާއެއްވެސް ހިނގަމުން އެބަދޭ. މިހާތަނަށް ހުރިހާ އަތޮޅުގައި އަދި އެފަދަ މަރުކަޒުތައް ހެދިފައެއްނުވޭ. އެހެން ނަމަވެސް އެމަޝްރޫޢު ދަނީ ކުރިޔަށް. ވަރަށް ގިނަ އަތޮޅުތަކުގައި އަތޮޅު ތަޢުލީމީ މަރުކަޒު މިހާރުވަނީ ހުޅުވިފައި. އަދި އޭގެއިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ އެހީގައި ބައެއް އަތޮޅުތަކުގައި އިތުރު މަދަރުސާތައް ބިނާކޮށް މަދަރުސާތައް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައި.


އާދެ، އެހެންވުމާއެކު ކޮންމެ އަތޮޅެއްގައިވެސް ކުރިޔަށް އޮތް ތާނގައި އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ސަރުކާރުގެ ފަރާތުން ހިންގަމުން ގެންދާނެ. އާދެ، އަޅުގަނޑުވެސް އެއްބަސް، ކޮންމެ އަތޮޅެއްގައިވެސް އެއްމަދަރުސާ ނުވަތަ ދެ މަދަރުސާ ނުވަތަ ތިން މަދަރުސާ ހިންގުމުން، އޭގެ މާނައަކީ އަތޮޅުގައި ތިބި ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބުނީއަކީނޫން. އެހެންނަމަވެސް ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުން ކަންތައް ކުރެވެން އޮންނާނީ ވަކިމިންވަރަކަށް. ސަރުކާރަށް ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެމަތިން. ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކާ އެއްގޮތްވާ ގޮތުގެ މަތިން. އެއްފަހަރާ ހުރިހާކަމެއް ކުރެވޭކަށް ނޯންނާނެ. މިއީ މިހާރު ކުރެވެން އޮތްވަރަކީ. އެހެންނަމަވެސް ސަރުކާރުގެ ތަނަވަސްކަން އިތުރުވަމުންދިޔަ މިންވަރަކުން، މުސްތަޤުބަލުގައި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތުވެސް ރާއްޖެތެރޭގެ ކުދިންނަށް ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ތަޢުލީމު ފެތުރުމުގެ މަޤްޞަދުގައި އަދި ޚާއްޞަކޮށް ރާއްޖެތެރޭގެ ތަޢުލީމަށް ބާރުދިނުމުގެގޮތުން ސަރުކާރުން އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށްވެސް އެހީވަމުން ގެންދޭ. އާދެ، މެދުކެނޑުމެއްނެތި ދިހައަހަރު ވަންދެން ހިނގާފައިވާ ހުރިހާ ތަންތަނަށް، ހުރިހާ މަކްތަބުތަކަށާއި މަދަރުސާތަކަށްވެސް މިހާރު ސަރުކާރުން އެހީވެދޭ. އޭގެއިތުރުން ދިހައަހަރުނުވެހުރި ތަންތަނަށްވެސް ސަރުކާރުން އެކިބާވަތުގެ ޢިނާޔަތްތައް މިހާރުދަނީ ދެވެމުން. އާދެ، އެއީ އަމިއްލަ މަސައްކަތުން، އަމިއްލަ ހިންމަތުން ބަޔަކުމީހުން ފަށައިގަނެގެން އެކަށީގެންވާ ގޮތެއްގައި ހިންގާ ޚިދުމަތްތައް ސަރުކާރުން އެކަންތައްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން. އަދި އެކަންތައްތަކަށް ހިތްވަރު ދިނުމުގެގޮތުން. އެހެންވީމާ، މިދެންނެވި އުސޫލުގެ މަތިން ދިހައަހަރު ނުވެހުރި ކިތަންމެ ތަނަކަށްވެސް މިހާރު ސަރުކާރުގެ ބައެއް ޢިނާޔަތް ދަނީ ލިބެމުން.


އާދެ، މިރަށުގައިހުރި [މަކްތަބުލްޖިހާދު] އެއީވެސް ވަރަށް ގިނަދުވަސް ވެފައިވާތަނެއް. ވަރަށް ގިނަދުވަސް ވަންދެން މިރަށުގެ ދަރިންނަށް ޚިދުމަތް ކޮށްދީފައިވާ ތަނެއް. އެހެންވީމާ، އެއިން ދޭހަވާ އެއްޗަކީ ވިލުފުށީ ރައްޔިތުންގެ ހިތުގައި ތަޢުލީމާ ދޭތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަން. އަދި ތަޢުލީމަށް އެމީހުން ބަހައްޓާ ޤަދަރު. އެއީ ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރާކަމެއް. އެކަމަށްޓަކައި ވިލުފުށީގެ ރައްޔިތުންނަށް ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.


އާދެ، ވިލުފުށީގެ މި މަކްތަބަށް މިހާރު ސަރުކާރުން އެހީ ލިބެމުންދޭ. އެއީ ކުރިންވެސް ދެންނެވިގޮތުގެ މަތިން މެދުނުކެނޑި ދިހައަހަރު ވަންދެން ހިނގާފައިވާ އަމިއްލަ މަދަރުސާތަކަށް، މަކުތަބުތަކަށް، ސަރުކާރުން އެހީވެދޭ އުސޫލުން. އަދި އޭގެއިތުރުން އެމަކުތަބަށް ސަރުކާރުގެ ފަރާތުންވާ އެހީއެއް، ސަރުކާރާއި ބޭރުގެ ޖަމާޢަތަކާ ގުޅިގެން ލިބޭއެހީއެއް، ލިބޭގޮތަށްވަނީ ހަމަޖެހިފައި. އެއީ މަދަރުސާގެ ފެންވަރު ރަނގަޅު ކުރުމަށް. އެކަމަށް ބޭނުންވާ ތަކެތިވެސް މިހާރުވަނީ މިރަށަށް ލިބޭގޮތަށް ހަމަޖެހިފައި. މި ރަށަށް ގެނެވުނުހާ އަވަހަކަށް އެމަސައްކަތް ކުރިޔަށް ގެންދެވިދާނެ.


އާދެ، ތަޢުލީމަށް އެފަދަ މުހިންމު މަޤާމެއް ދޭންޖެހޭ ސަބަބު، ތިޔައިގެތެރެއިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެން ނުވާނެކަން ކަށަވަރު. ތަޢުލީމަކީ އެއާ ނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވެން ނޯންނާނެ ޚިދުމަތެއް. އެންމެ ފުރަތަމަ އަޅުގަނޑުމެން ބޭނުންވާނީ އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދޭން. އެއީ، ޤައުމުގެ މުސްތަޤުބަލު އަބަދުވެސް އޮންނާނީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި. މިހާރުގެ ޅަކުދިންނަކީ މަސްތަޤުބަލުގައި ވާނީ ޒުވާނުން ކަމަށް. އަދި އެމީހުންގެ މަސްއޫލިއްޔަތަކަށް ވާނެ، ދިވެހިރާއްޖެ ކުރިޔަށް ގެންދިއުން. އެހެންވީމާ، ޤައުމަށް ޚިދުމަތްކުރެވޭ ފެންވަރުހުރި ޒުވާނުންތަކެއް އުފެއްދުމަކީ މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ޤައުމީގޮތުން ބަލާއިރު އެއީ އަޅުގަނޑުމެންގެ ވާޖިބެއް. އަދި ދީނީގޮތުން ބަލާއިރުވެސް ކޮންމެ މަންމައަކާއި، ކޮންމެ ބައްޕައެއްގެ ވާޖިބެއް، އެމީހާގެ ދަރިންނަށް ދީނުގައި ކަނޑައެޅިފައިވާ މިންވަރަށް ދީނާބެހޭ މަޢުލޫމާތުތައް ދަސްކޮށްދިނުން. އަދި އެނޫން ގޮތްގޮތުންވެސް މަޢުލޫމާތު އިތުރުކޮށްދީ، އެކުދިންނަކީ ބޭނުންހިފޭ، ޤައުމަށް ފައިދާކުރާނެ، އަދި ރަށަށްވެސް ފައިދާކުރާނެ ބައެއް ކަމުގައި ހެދުން. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ވާޖިބެއްކަމަށް ވާންވާނެ އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ ފެންވަރަކަށް ތަޢުލީމު ހާސިލުކޮށްދިނުން. މިއަދު އެފުރުޞަތު އަޅުގަނޑުމެން ނަގައިލައިފިއްޔާ މުސްތަޤުބަލުގައި އެފުރުޞަތު އަނބުރާ ލިބޭކަށެއް ނޯންނާނެ. މިހާރު އެފުރުޞަތު ގެއްލިގެން ގޮސްފައިވާ، ވަރަށްގިނަ ބައެއްވެސް އެބަތިބި. އާދެ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެތެރޭގައި މިހާރު ލިޔަންކިޔަން ނުދަންނަމީހުން އެ ތިބީ. އެއީ އެމީހުން ކިޔަވާކުދިންގެ ޢުމުރުގައި ތިބި ދުވަސްވަރު އެމީހުންނަށް މަދަރުސާއަށް ދިއުމުގެ އިންތިޒާމު ހަމަޖެހިފައި ނެތުމުގެ ސަބަބުން ވެފައިވާކަމެއް. އޭރު ރާއްޖެތެރޭގައި މަދަރުސާތައް ނެތުމުން ވެފައިވާކަމެއް. މިހާރު އެމީހުންނަށްވެސް އެފުރުޞަތު އަނބުރާ ލިބިދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދޭ.


އާދެ، [އަސާސީ ތަޢުލީމު]ގެ މަޝްރޫޢުގެ ދަށުން ބޮޑެތި މީހުންނަށް ކިޔަވައިދެމުން ސަރުކާރުން މިހާރު މިގެންދަނީ، އެ ފުރުޞަތު އެމީހުންނަށް އަނބުރާ ލިބިދިނުމަށްޓަކައި. ކޮންމެއަކަސް ތަޢުލީމުގެގޮތުން ރާއްޖެތެރެ ކުރިއަރުވައި، ރާއްޖެތެރެއަށް ތަރައްޤީތަކެއް ގެނައުމަކީ ހަމަ ކޮންމެހެން މިވަގުތު ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، އަޅުގަނޑު ނަޞޭޙަތްތެރިވަނީ ސަރުކާރުން އެކުރާ މަސައްކަތްތަކުގައި ރައްޔިތުން އެއްބާރުލައްވައިގެން ރައްޔިތުންވެސް މަސައްކަތް ކުރައްވަމުން ގެންދެވުން. ކުރިންވެސް ދެންނެވިފަދައިން ކޮންމެ ރަށެއްގައި ސަރުކާރުގެ ފަރާތުން މަދަރުސާއެއް ނުހިންގޭނެ. އެހެންވީމާ، ރައްޔިތުންޖެހޭނެ އެރަށެއްގައި މަދަރުސާއެއް ހިންގެވޭތޯ ބައްލަވަން، އެކަށީގެންވާ ފެންވަރަކަށް. އެގޮތަށް އެކަށީގެންވާ މުއްދަތަކަށް ރައްޔިތުންގެ ފަރާތުން އެކަން ހިންގިއްޖެ ކަމަށްވަންޏާ، ދެން ސަރުކާރުންވެސް އެކިއެކި އެހީތަކާއި ޢިނާޔަތްތައް އެތަންތަނަށް ވެދޭނެ.


އާދެ، އަޅުގަނޑުމެން މިވަގުތު ކުރިއަރުވަން ވެފައިވަނީ ހަމައެކަނި ތަޢުލީމެއްނޫން. ސަމާލުކަން ދޭން ޖެހިފައިވަނީ ހަމައެކަނި ތަޢުލީމަކަށްނޫން. ތަޢުލީމުގެއިތުރުން އެހެން ހުރިހާ ޚިދުމަތްތަކަށްވެސް އަޅުގަނޑުމެން ވަނީ ސަމާލުކަން ދޭންޖެހިފައި. އެންމެ ބޮޑު އެއްކަމަކީ އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތް، އާދެ، އިޤުތިޞާދީ މަސައްކަތްތައް. ދިވެހިރާއްޖޭގައި އެންމެ ގިނަމީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. އެއީ މިރަށުގެ ރައްޔިތުންވެސް ކުރަމުންގެންދާ މަސައްކަތް. މިރަށަކީ މަސްވެރިކަމުގެ ގޮތުން ވަރަށްބޮޑަށް ކުރިއަރައިފައިވާ ރަށެއް. މަސްވެރިކަމުން ދިރިއުޅޭ ރަށެއް. މިރަށުގެ ރައްޔިތުންގެ އަމިއްލަ ޢިބާރާތުން ދަންނަވަންޏާ، ކަޅުބިލަމަހުގެ ލެއިން ތަތްތެޅިފައިވާ ބިމެއް މިރަށަކީ. އެހެންވީމާ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފަޚުރުވެރިވާންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެވަނީ އޭގެ މައްޗަށް ބިނާވެފައި. އެމަސައްކަތުގެ މައްޗަށް ބިނާވެފައި. ޚާއްޞަކޮށް ރާއްޖޭގެ އިޤުތިޞާދު. އަޅުގަނޑުމެންގެ ދިރިއުޅުން ވަނީ ކަޅުބިލަމަހުގެ މައްޗަށް ބިނާވެފައި. އެއީ އަޅުގަނޑުމެންނަށް ރިޒްޤު اللّـه سبحـانـه وتعـالى ދެއްވުމަށް މެދުވެރިކުރައްވައިފައިވާ އެއްޗަކީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވެ، އެ މަސްވެރިކަން ކުރިޔަށް ގެންދިޔުން އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހަދަންވާނެ.


އާދެ، އަޅުގަނޑު މިވާހަކަ މާދިގުކޮށް މިރަށުގައި ދައްކާކަށް ނުޖެހޭނެކަންވެސް އަޅުގަނޑަށް އެނގޭ. އެއީ މިރަށުގެ ރައްޔިތުންނަށް މަސްވެރިކަމުގެ ފައިދާ، އެއިން ލިބޭނެ ހުރިހާ މަންފާތަކެއް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ. ކޮންމެއަކަސް ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުން ކުރިޔަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެމަސައްކަތްތައްވެސް މި ރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. ދާދިފަހުން މަސްވެރިންގެ ދުވަހެއްވެސް ގެނެވިއްޖެ. އެއީ ކޮންމެ އަހަރަކު އެއްފަހަރު ގެނެވޭނެ ދުވަހެއް. އެދުވަސް ގެނައުމުގެ ބޭނުމަކީ، މުޖުތަމަޢުގެ ކުރިމަތީގައި މަސްވެރިންގެ ޤަދަރު އުފުލައި، އެމީހުންނަށް ދޭންވީ މަޤާމު އެމީހުންނަށް ލިބިދިނުން.


އާދެ، މީގެކުރިން ވެފައި އޮންނަ ގޮތަކީ މަސްވެރިން ހިމެނެނީ ވަރަށް އާދައިގެ ބައެއް ކަމުގައި. އެއްވެސް ބައެއް އިޙުތިރާމުކުރާ ނުވަތަ ކަމޭހިތާ ބަޔަކު ކަމުގައެއް އެމީހުން ނުހިމެނޭ. އެއީ އެއްގޮތަކަށްވެސް އެކަން ވާންވީ ގޮތެއްނޫން. މަސްވެރިންނަކީ އަޅުގަނޑުމެންގެ އިޤުތިޞާދު ބިނާކޮށްދޭ ބަޔަކީ. އެމީހުން އެކުރާ މަސައްކަތުގެ މައްޗަށް ރާއްޖޭގެ މީހުންގެ ދިރިއުޅުމާއި، ރާއްޖޭގެ ތަރައްޤީ ބިނާވެފައިވަނީ. އެހެންވީމާ، އެމީހުންނަށް މުޖުތަމަޢުގެ ފަރާތުން އަބަދުވެސް ލިބެންޖެހޭނީ ޤަދަރާއި، ތަޢުރީފާއި، ޝުކުރު. އާދެ، މަސްވެރިންނަށް ޤަދަރު ހޯދައިދިނުމުގެ ގޮތުން އެމީހުންގެ މަޤާމު މުޖުތަމަޢުގައި ފާހަގަކުރުމުގެ ގޮތުން މިދެންނެވި މަސްވެރިންގެ ދުވަސް ގެނެވުނީ. އަދި ކުރިޔަށް އޮތްތާނގައިވެސް ކޮންމެ އަހަރަކު ގެނައުމަށް ގަސްދުކުރެވިފައިވަނީ.


އާދެ، އެކަމުގެ އިތުރަށް ސީދާ މަސްވެރިކަމާ ގުޅޭ، ވަރަށްގިނަ މަސައްކަތްތައް ސަރުކާރުން ހިންގަމުން އެބަގެންދޭ. އެއް މަޝްރޫޢަކީ މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. އެއީ ތަންކޮޅެއް ކުރިއްސުރެ ހިނގަމުން އަންނަ ކަމެއް. އެކަން ގަވާއިދުން މިހާރުވެސް ކުރިޔަށް އެބަދޭ. ރާއްޖޭގައި މިވަގުތު ނުވަސަތޭކައަށްވުރެ ގިނަ އަދަދަކަށް، އިންޖީނު ބެހެއްޓި ދޯނިފަހަރު އެބަހުރި. އެއީ ރާއްޖޭގެ އިޤުތިޞާދަށް ލިބޭ ވަރަށް ބޮޑު ދިރުމެއް. ހަމައެއާއެކު މިހާރު އަނެއްކާ އިތުރަށް އިންޖީނަށް އެދޭ މީހުންނަށް އިންޖީނު ލިބޭގޮތަށްވަނީ ހަމަޖެހިފައި. މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން އިޢުލާނުކުރެއްވި ފަދައިން، އިތުރަށް އިންޖީނު ލިބޭ މީހުންނަށް، އިންޖީނު ލިބުމުގެ ދޮރުވަނީ ހުޅުވިފައި. އާދެ، ގަވާއިދުން އެކަން ހިނގަމުންދާނެ. އެހެންވީމާ، އެއީވެސް މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން އަޅާ ވަރަށް ބޮޑު، ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ. ހަމައެފަދައިން، ރާއްޖެތެރޭގައި މަސްވެރިންނަށް، ޚާއްޞަކޮށް ދަންނަވަންޏާ އިންޖީނު ދޯނިފަހަރު ދުއްވާ މީހުންނަށް ތެޔޮލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން، އެއީވެސް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމެއް. މިރަށުގައި އެތާނގީތައް މިހާރުވަނީ ބެހެއްޓިފައި. މިއަތޮޅުގެ އެހެން ބައެއް ރަށްރަށުގައިވެސް ހުންނާނެ. އެތަންތަނަށް ވަރަށް އަވަހަށް ތެޔޮ ގެނައުމުގެ އިންތިޒާމުތައް ހަމަޖެހޭނެ. އެހެންވީމާ، އޭގެފަހުން ތެޔޮލިބުމުގެ އެއްވެސް ދަތިކަމެއް ވިލުފުށީގެ ރައްޔިތުން އިހުސާސް ކުރައްވާކަށް ނުޖެހޭނެ. އަދި މިއަތޮޅުގެ އެހެންމީހުންވެސް އިހުސާސް ކުރައްވާކަށް ނުޖެހޭނެ. އާދެ، އެމީހަކު ބޭނުންވާ އަދަދަކަށް އިރާދަކުރެއްވިއްޔާ ތެޔޮލިބޭނެ އިންތިޒާމު ހަމަޖެހޭނެ.


ދެން އޮންނާނީ މަސް ވިއްކުން. އާދެ، މަސް ވިއްކުމަކީ މިވަގުތު ބޭރުގެ ބައެއް ކުންފުނިތަކާ ގުޅިގެން ސަރުކާރުން ކުރަމުންގެންދާ ކަމެއް. އަޅުގަނޑުމެންގެ މަހަކީ، ކުރިން އަޅުގަނޑުމެން އެހެދި ގޮތަށް، އެގޮތަށް މަސް ތައްޔާރުކޮށްގެން ސްރީލަންކާއަށް މިހާރު އެކްސްޕޯޓް ކުރާ އެއްޗެއްނޫން. އޭގެ ބަދަލުގައި އަޅުގަނޑުމެން މަސް ބޭރުކުރަނީ ބޭރުގެ ބައެއް ކުންފުނިތަކަށް. ރޯމަސް އެކްސްޕޯޓް ކުރަނީ. އެހެންވީމާ، އެކަންކަން ހިނގަމުންދަނީ ބޭރުގެ ކުންފުނިތަކާއި ދިވެހި ސަރުކާރާ މެދުގައި ކުރެވިފައިވާ އެގްރިމެންޓްތަކެއްގެ ދަށުން. އެގޮތުން، އެކަންވެސް ވީ އެންމެ ރަނގަޅަކަށް މަސްވެރިންނަށް ފައިދާހުރި ގޮތެއްގައި ކުރިޔަށް ގެންދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދޭ.


ކޮންމެއަކަސް މަހުގެ އަގާ ދޭތެރޭގައި ވާހަކަ ދައްކާއިރު އެކަށީގެންވާ އަގެއް މަސްވެރިންނަށް ހޯދައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރޭ. ބައެއް ފަހަރުފަހަރަށް ސަރުކާރުން އެ މަހަށް ލިބޭ އަގުން ވާގޮތަކީ، ގެއްލުންވާތީ އެ ގެއްލުން ސަރުކާރުގެ ބޮލުގައި އަޅަންވެސްޖެހޭ. ސަރުކާރުގެ ބޮލުގައި ގެއްލުން އަޅައިފައި، ރައްޔިތުންނަށް ނުވަތަ މަސްވެރިންނަށް އެއިން އެއްވެސް ދައްޗެއް އިހުސާސް ނުކުރެވޭގޮތަށް މީގެކުރިންވެސް ބައެއްފަހަރު ކަންތައް ކުރެވިއްޖެ. މުސްތަޤުބަލުގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ މަސްވެރިންނަށް ވީހާ ރަނގަޅު އަގެއް ހޯދައިދެވޭތޯ. އެއީ އެކަމަކު އެހާފަސޭހަ ކަމެއްނޫން. އެކަން އަޅުގަނޑު ބޭނުން ވިލުފުށީގެ މަސްވެރިން ރަނގަޅަށް އިހުސާސް ކުރެއްވުން، އެއީ ފަސޭހަކަމެއް ނޫންކަން. އެހެން މިދަންނަވަނީ އަޅުގަނޑުމެން މަސް މި ވިއްކަނީ ބޭރުގެ ކުންފުނިތަކަށް. އެމީހުން އެކުރަނީ ވިޔަފާރިއެއް. އެމީހުން މަސް ގަންނަނީ. އެމީހުން ގަނެގެން ގެންގޮސް، އެ ވިއްކާ ތަނަކަށް ވިއްކީމާ، އެމީހުންނަށް ފައިދާލިބޭ އަގަކަށް. ދުނިޔޭގެ މާރުކޭޓުތަކުގައި މަހުގެ އަގު ދަށަށްދާ ކަމުގައިވަންޏާ އެމީހުންނަކަށްވެސް ނޯންނާނެ މާބޮޑު އަގެއް ދީފައި އަޅުގަނޑުމެން އަތުން މަސް ގަނެވޭކަށެއް. އެއީ އަޅުގަނޑުމެންގެ ތެރެއިން އެންމެ އާދައިގެ މީހާއަށްވެސް ވިސްނޭނެކަމެއް. އެއީ، ވިޔަފާރިކުރާ މީހަކު އެއްޗެއް ގަންނާނީ، އެ އެއްޗެއް ގަނެފައި ދެން އޭނާ ވިއްކާ އަގަކަށް ވިއްކީމާ ފައިދާ ލިބޭ ގޮތަކަށް.


އެހެންވީމާ، އަޅުގަނޑުމެން މި މަސް ވިއްކާ ކުންފުނިތައް، ބޭރު ކުންފުނިތަކުންވެސް އެކަން އެކުރަނީ އެ އުސޫލުން. އެހެންވީމާ، އެމީހުންނަށް ފައިދާކުރާނެ އަގެއް އެއީ އެމީހުންނަށް އެނގޭނެ އެއްޗެއް. އަޅުގަނޑުމެން ކިތަންމެ ބޮޑަށް ބާރުއެޅިކަމުގައިވިޔަސް، އެމީހުންނަށް ފައިދާވާނެ ގޮތަކަށް ނޫނީ އެމީހުން އެކަމެއް ނުކުރާނެ. އެއީ ވިޔަފާރިއަކަށްވާތީ. އެހެންވީމާ، އެކަން ކުރުން އެއީ ހަމައެކަނި އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ. އެކަން ކުރެވޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރޭ. ހަމަ ކޮންމެ އަހަރަކުވެސް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރޭ، މަހުގެއަގު ރަނގަޅު ކުރެވޭތޯ. ބައެއްފަހަރު ރަނގަޅުކުރެވޭ. އަނެއްބައިފަހަރަށް އެދެވޭގޮތަކަށް ނުދޭ. އެއީ، އެކަމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމަކަށް ނުވާތީ. ކޮންމެއަކަސް، އަޅުގަނޑު ބޭނުންވޭ، ވިލުފުށީގެ މަސްވެރިންނަށް ޔަޤީންކޮށް އަރުވަން، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯކަން. މަސްވެރިން ފިޔަވައި ރާއްޖެތެރޭގައި ކުރެވޭ އެހެނިހެން އިޤުތިޞާދީ މަސައްކަތްތައްވެސް އެބަހުރި. އާދެ، މިރަށުގައި އޭގެ މާގިނަ މަސައްކަތްތަކެއް ކުރެވޭކަށްވެސް ނެތްކަންނޭގެ. އަންހެނުންކުރާ މަސައްކަތްތައް ހުންނާނެ، ކޮންމެވެސް ވަރަކަށް މިރަށުގައި އެ މަސައްކަތްތައް ކުރެވޭނެ، ރޯނުވެށުން ކަހަލަ. އަދި ރާއްޖެތެރޭގެ ބައެއް އެހެން ރަށްރަށުގައި އެއަށްވުރެ ގިނަ ބާވަތްބާވަތުގެ މަސައްކަތްތައް ކުރެވެންހުރޭ.


އާދެ، އަޅުގަނޑުގެ ނަޞޭޙަތަކީ، ކުރެވެންހުރި ހުރިހާ ބާވަތެއްގެ މަސައްކަތެއް ކުރަމުން ގެންދިއުން. މަސްވެރިކަމަކީ އަޅުގަނޑުމެންގެ އިޤުތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު މަސައްކަތް ކަމުގައިވިޔަސް، ހަމައެކަނި މަސްވެރިކަން އެއީ އަޅުގަނޑުމެން ކުރާ މަސައްކަތް ކަމުގައި ހަދައިގެން އަބަދު ތިބެވޭކަށެއް ނޯންނާނެ. މަސްވެރިކަން ފިޔަވައި އެހެން މަސައްކަތްތައްވެސް ކުރަންވާނެ. އެއީ ކަންދިމާވާގޮތުން، ފަހަރެއްގައި މަސްވެރިކަމަށް ހުރަހެއް އެޅޭތަންވެސް އަތުވެދާނެ. މަސް ފުދޭވަރަކަށް ނުބޭނޭ ދުވަސްތަކެއް އަތުވެދާނެ. އެހެންކަމުގައި ވެއްޖެއްޔާ، އެހެން އެއްވެސް މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާކަމަށް ނުވަންޏާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަތިތަކެއް އިހުސާސްކުރަން ޖެހިދާނެ. އެހެންވީމާ، އަބަދުވެސް މަސްވެރިކަން ކުރުމުގެ އިތުރަށް، އެހެން ކަންތައްތައްވެސް ކުރިޔަށް ގެންދެވޭތޯ ބަލަންވާނެ. މިރަށުގައި ތިބެގެން ކުރެވޭޒާތުގެ އެހެން މަސައްކަތްތައް ހުރިކަމަށްވަންޏާ، އެމަސައްކަތްތައް ރަށުގައި ތިބޭ މީހުން ޚާއްޞަކޮށް ކުރަމުން ގެންދަންވާނެ. އެކަކުވެސް މަސައްކަތެއް ނުކޮށް ހުރުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާކަމެއް ނޫން. ޞިއްޙަތު ސަލާމަތުންހުރި، އަދި މަސައްކަތް ކުރެވޭވަރަށް ބޮޑުވާ އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢު ޤަބޫލުކުރާ ކަމެއްނޫން. ކޮންމެ މީހަކުވެސް ވާންޖެހޭނެ މަސައްކަތްތެރިއަކަށް، އުފެއްދުން ތެރިއަކަށް. ކޮންމެވެސްވަރެއް އޭނާ ޙިއްޞާކުރަންޖެހޭނެ ޤައުމަށް، އިޤުތިޞާދީގޮތުން. އެހެންމީހުންގެ އެހީގައި ދިރިއުޅުން އެއީ އަޅުގަނޑުމެން މުޅިން ދޫކޮށްލަންވެއްޖެ ކަމެއް. އެއީ ދީނީގޮތުން ބަލާއިރުވެސް ރަނގަޅު ކަމެއްވެސް ނޫން. މީހުންގެ އެހީގައި ދިރިއުޅުން، މީހުންނަށް ސަލާންޖެހުން އެއީ ވަރަށްދެރަކަމެއް. އަދި މުޖުތަމަޢުގެ ކުރިމަތީގައިވެސް އެއީ މަޤުބޫލު ކަމެއްނޫން. އެހެންވީމާ، ކޮންމެ މީހަކުވެސް، އެމީހަކު މަސައްކަތް ކުރަންވީ، އެމީހަކު އެކުރާ މަސައްކަތަކުން ދިރިއުޅެވޭތޯ.


އާދެ، މިހެން ދަންނަވާއިރު، މުސްކުޅިންނާއި އަދި މަސައްކަތް ނުކުރެވޭވަރުގެ ކުޑަކުދިންނާއި، ނުކުޅެދިގެންވާ މީހުންނާ، މިކަހަލަ މީހުން ތިބޭނެ. އެމީސްމީހުން ކޮންމެހެން މަސައްކަތް ކުރަންޖެހޭނެއެކޭ ނޫން އަޅުގަނޑު މިދަންނަވަނީކީ. އަޅުގަނޑު މިދަންނަވަނީ މަސައްކަތް ކުރެވޭ ފެންވަރުގެ ޞިއްޙަތު ސަލާމަތުންހުރި ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނެއޭ. ކޮންމެވެސް މަސައްކަތެއް ކޮށްގެންނޭ ދިރިއުޅެންވާނީ. އަޅުގަނޑުމެންނަށް ލިބޭ ތަނަވަސްކަމެއް ލިބޭނީވެސް އެކުރާ މަސައްކަތަކުން. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަން. ލިބޭ އެއްޗެއް އިތުރުކުރަން.


ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް. އެއީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އަޅުގަނޑު ދަންނަވާނީ ރާއްޖެ ހިމެނެނީ އޭގެތެރެއިން ވަރަށް ރަނގަޅު ތަނެއް ކަމުގައޭ. އެހެން މިދަންނަވަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކާޑުގެ ތަކެތި، މިސާލަކަށް މިދިޔަ އަހަރުގެތެރޭގައި އެއްގޮތަކަށްވެސް އޭގެ އަގު މައްޗަކަށް ނުދޭ. ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައިވެސް ކާޑުގެ ތަކެތީގެއަގު ދިޔައީ މައްޗަށް. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ކާޑުގެތަކެތި މިހާރުވެސް ލިބެން ހުންނާނީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި އެތަކެތި ލިބެންހުންނަ އަގަށްވުރެ މާ ހެޔޮ އަގަކަށް. ހަނޑޫ، ހަކުރު، ފުށް، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް ލިބެންހުރީ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި އަދި އެނޫންވެސް ޤައުމުތަކުގައި އެ އެއްޗެތި ލިބެން ހުންނަ ވަރަށްވުރެ މާ ހެޔޮއަގަކަށް. އެއީ ކީއްވެތޯ! އެއީ ސަރުކާރުން އެކަން ހަމަޖައްސައިފައިވާ އުސޫލުން ވާގޮތެއް. މިދޭތެރެއިން ތިޔަބޭފުޅުން އައްސަވާނެ، ބޭރުގެ ފައިސާ ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ގަވާއިދުތަކެއް ހަދައި، އެ ގަވާއިދުތައް ނެރުނުވާހަކަ. އަދި ދިވެހިފައިސާ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތުގައި ބޭނުން ނުކުރެވޭގޮތަށް ވަނީ ހަމަޖައްސަވައިފައި. އެހެންހެދިއިރު އެކަން ބަލަހައްޓަވާ، ސަރުކާރުގެފަރާތް އެއީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭ. އެމް.އެމް.އޭ އަށް ބޭރުފައިސާ އާދެ، ޑޮލަރު ގަންނަ އަގަކީ 50/7 ރުފިޔާ ކަމަށް ހެދިއިރުވެސް ކާޑުގެތަކެތި އެތެރެކުރާ އަގަށް ސަރުކާރުން އެ ބަދަލުކުރާ އަގަކަށް އެއްވެސް ބަދަލެއް ނުގެނޭ. އަދިވެސް ސަރުކާރުން އެ ކާޑުގެތަކެތި އެތެރެކޮށްފައި، އޭގެ އަގުކަމަށް ބަލަނީ ދިވެހި 93/3 ރުފިޔާ. އެހެން އެހަދަނީ ކީއްވެތޯ! އެހެން އެހަދާ ސަބަބަކީ، ކާޑުގެ ތަކެތި ރައްޔިތުންނަށް ހެޔޮ އަގެއްގައި ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި. އެހެންވީމާ، ކޮންމެ ޑޮލަރަކީ 93/3 ރުފިޔާ ކަމަށް ބެލީމާ އަޅުގަނޑުމެންނަށް އެ ކާޑުގެތަކެތި އެތެރެކުރެވޭ އަގުވެސް އެބަ ދަށްވޭ. އެހެންވީމާ، ރައްޔިތުންނަށް އެ ވިއްކާ އަގުވެސް އެއީ އާދައިގެ ވަރަށް އެކަށީގެންވާ ހެޔޮ އަގެއްކަމުގައި ވަނީ ވެފައި. ޑޮލަރުގެ އަގަކީ 50/7 ރުފިޔާ ކަމަށް ކާޑުގެ ތަކެއްޗާ ބެހޭގޮތުން ހަދައިފީވިއްޔާ ކުއްލިއަކަށް ކާޑުގެ އަގު ޑަބަލްވެގެންދާނެ. އެހެނެއް ސަރުކާރަކުން ނުހަދާ. އަދި ނުވެސްހަދާނެ. އެއީ ރައްޔިތުންނަށް ވީހާ ހެޔޮއަގެއްގައި ކާޑުގެތަކެތި ލިބިދެވޭތޯ ކުރާ މަސައްކަތެއް.


އާދެ، އަޅުގަނޑު މިދަންނަވަންއުޅޭ އެއްޗަކީ، ކާޑުގެތަކެތި އެހެންހުރިކަމުގައި ވިޔަސް އެހެންތަކެތީގެ އަގުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށޭ. އެކަމަކީވެސް އަޅުގަނޑުމެންގެ ބާރު އެއަށްފޯރާ ކަމެއްނޫނޭ. އަޅުގަނޑުމެން އެހުރިހާ އެއްޗެއް މި އެތެރެކުރަނީ ބޭރު ޤައުމުތަކުން. އެތަންތާނގައި އެ އެއްޗެތި ވިއްކަން ހުންނަ އަގަށް، އަޅުގަނޑުމެންނަށް އެ އެއްޗެތި ލިބެނީ. އެ އެއްޗެތި އެތެރެކޮށްގެން ދެން އެލިބޭ އަގަކަށް މި ވިއްކަނީ. އެއީ ސަރުކާރުން ކަމުގައިވިޔަސް، އެސް.ޓީ.އޯ.ގެ ފަރާތުން ކަމުގައިވިޔަސް، އަދި އަމިއްލަ ވިޔަފާރިވެރިންވެސް، އެކަހަލަ އުސޫލަކަށް ކަންތައް މި ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެން އެ ކުރާ މަސައްކަތް އިތުރުކުރުން، އެއީ އަޅުގަނޑުމެންގެ ދިރިއުޅުން މައްޗަށް ގެންދިއުމަށްޓަކައި ބޭނުންވާކަމަކީ. މަސައްކަތް އިތުރުކޮށްގެން ލިބޭ އެއްޗެއް އިތުރުކުރުން. ސަތޭކަރުފިޔާ ލިބޭ މީހަކު އެއީ، މިހާރު ތަކެތީގެ އަގު ހުރިގޮތުން ދުއިސައްތަ ރުފިޔާ ލިބޭ މީހަކަށް ވެއްޖެއްޔާ އޭނާގެ ދިރިއުޅުން ރަނގަޅުކުރެވޭނެ. ދުއިސައްތަ ރުފިޔާ ލިބޭ މީހަކު އޭނަގެ މަސައްކަތް އިތުރުކޮށްގެން ތިންސަތޭކަ ރުފިޔާ ނުވަތަ ހަތަރުސަތޭކަ ރުފިޔާ މަހަކު ހޯދާކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި އޭނަގެ ދިރިއުޅުން ކުރިޔަށްވުރެ މައްޗަށް ޖެހިލާނެ.


އާދެ، އެއީ އަޅުގަނޑުމެންގެ ބޭނުމަކީ. ދިރިއުޅުން ކުރިޔަށް ގެންދިޔުން. އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ރަނގަޅުކުރަން. ތަނަވަސްކަން ލިބޭ ރަށްރަށުގައި ޚާއްޞަގޮތެއްގައި އަޅުގަނޑުހިތުން ފާހަގަކޮށްލައްވަންޖެހޭނެ، އެކަށީގެންވާ ރަނގަޅު ކަންތައްތައް، އެލިބޭ ފައިސާއިން ކުރެވޭތޯ. އާދެ، ވިލުފުށި އެއީ އޭގެ ރަށެއް ކަމުގައި ވެދާނެ. އެހެންކަމަށްވާތީ އަޅުގަނޑު މިހެން މިދަންނަވަނީ. ރާއްޖެތެރޭގައި އެބަހުރި މަސްވެރިކަމުގެ ގޮތުން ވަރަށް އެކަށީގެންވާވަރަކަށް ފައިސާ ލިބެމުންދާ ރަށްރަށް. ވަރަށްގިނަ މަސްދޯނިފަހަރު ހުރުމުގެ ސަބަބުން، މަސްކިރުވާ ބޯޓުފަހަރުވެސް ކައިރިތަނެއްގައި އޮތުމުގެ ސަބަބުން. އެއްވެސް ދައްޗެއްނެތި މަސްކިރުވޭތީ. ރަށަށް ވަރަށްގިނަ އަދަދަކަށް ފައިސާލިބޭ ރަށްރަށް އެބަހުރި. އެރަށްރަށުގެ ރައްޔިތުން ބައްލަވަންވާނެ، ދާއިމީ ފައިދާހުރި ކަންތައްތައް ކުރެވޭތޯ. ކޮންމެމީހަކުވެސް، އެމީހާގެ ގެދޮރު ރަނގަޅުކުރުން. މިސާލަކަށް އެއީ ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެކަމެއް. އެ ލިބޭ ފައިސާ ރައްކާކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ނުވަތަ އެ ވިޔާނުދާގޮތެއްގައި ހަރަދުކުރުމުގެ ބަދަލުގައި، ތިމާއަށާއި ތިމާގެ ޢާއިލާއަށް އެއިން ދާއިމީ ފައިދާއެއް ކުރާނެކަހަލަ ކަންތައްކުރުން. މިސާލެއްގެ ގޮތުން މި ދެންނެވީ ގެދޮރު ހެދުން. ގެ ރާނައިލައިފައި، ރީތިކޮށްލައިފައި، ކޮޓަރިތައް އިތުރުކޮށްލައި ހެދުން އެއީ، އެމީހާއަށްވެސް އަދި އެމީހާގެ ޢާއިލާއަށްވެސް ލިބޭ، ވަރަށްބޮޑު ތަނަވަސްކަމެއް. މުސްތަޤުބަލުގައި އޭނަގެ ދަރިންނަށްވެސް ލިބޭ، ވަރަށްބޮޑު ތަނަވަސްކަމެއް. އެހެންވީމާ، އެކަހަލަ ކަންތައް އެކަހަލަ މުހިންމު ރަނގަޅު އެދެވޭ ކަންކަމުގައި ފައިސާ ހަރަދުކުރުމަށްވެސް ސަމާލުކަން ދިނުމަކީ ތަނަވަސްކަން ލިބޭ ރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ ކަމެއް.


އާދެ، ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ މި ބިނާކުރަނީ އަޅުގަނޑުމެން މިކުރާ އިޤުތިޞާދީ މަސައްކަތްތައް އިތުރުކުރުމުގެ މައްޗަށް. އާދެ، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާއިރު ފަހަރެއްގައިވެސް އަޅުގަނޑުމެންނަކީ ކޮންބައެއްކަން ހަނދާން ނައްތައިލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ދިވެހިން. އެހެންވީމާ، އަޅުގަނޑުމެންގެމެދުގައި ކަންތައްތައް އޮންނަންވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން. އަދި ދިވެހިވަންތަކަމުގެ އުސޫލުތަކާވެސް އެއްގޮތްވާ ގޮތުގެމަތިން.


އާދެ، އަޅުގަނޑުމެންގެމެދުގައި އޮންނަ ގުޅުމަކީ އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް ވާންޖެހޭނެ. އެއްބަނޑުއެއްބަފާކަމުގެ ގުޅުމަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެހެންމީހުން ދެކެންވާނީ ތިމާގެ އަޚުންތަކެއްގެ ގޮތުގައި. ނުވަތަ ތިމާގެ އުޚުތުންތަކެއްގެ ގޮތުގައި. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ކަންތައްތަކަށް ރައްކާތެރިވެ، ތިމާގެ އަމިއްލަ ކަންތައްތައް ކުރިއަށްގެންދަން ބޭނުންވާފަދައިން، އެހެން މީހުންވެސް އެކަން އެހެން ހަދަން ބޭނުންވާނެކަން އިހުސާސްކުރަންވާނެ. ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާހެން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެ. ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާހެން، އެހެން މީހުންގެ މުދަލަށްވެސް ރައްކާތެރިވާންވާނެ. އެއީ އިސްލާމީ އުސޫލަކީ. އެއީ އެއްބަނޑުއެއްބަފާ ކަމުގެ އުސޫލަކީ. އަދި އެހީތެރިކަން ފޯރުވޭފަދަ ތަނަވަސްކަންހުރި މީހުން، އެ އެހީތެރިކަން ބޭނުންވާ މީހުންނަށް، އެ އެހީތެރިކަން ފޯރުވައިދޭންވެސްވާނެ. އެއްބަޔަކު އަނެއްބަޔެއްގެ ހާލު ދެކެންވާނެ، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، އޯގާތެރިކަން ބަހައްޓަންވާނެ. ކޮންމެ މީހަކުވެސް އަނެކުންނަށް ކަމޭހިތަންވާނެ. އިޙުތިރާމު ކުރަންވާނެ. އެއްވެސް މީހެއް ޢަމަލުކުރާގޮތުން އެހެން މީހަކަށް ގެއްލުމެއް ލިބޭނެގޮތް މެދުވެރިވެގެނެއް ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ކުރާ ޢަމަލެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުންވިޔަސް އެހެން މީހަކަށް ގެއްލުމެއް ވާގޮތް ދިމާވުމަކީ އިސްލާމީ އުސޫލާ ޚިލާފުކަމެއް. ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ، [المسلم أخوالمسلم]. [ކޮންމެ މުސްލިމް މީހަކީ ދެންތިބި މުސްލިމުންގެ އަޚެކޭ]. ރަސޫލާ ޙަދީޘްގައި އެބަ ވިދާޅުވޭ. އެހެންވީމާ، މުސްލިމަކީ ތިމާގެ ޢަމަލުތަކުންނާއި، ބަސްތަކުން، އެހެން މީހުންނަށް ސަލާމަތްކަން ލިބިގެންވާ މީހާއޭ. އާދެ، ތިމާ ބުނާ އެއްޗަކުން އެހެން މީހަކަށް އުނިކަމެއް، އިހާނަތްތެރިކަމެއް ނުލިބޭ މީހާއޭ. އަދި ތިމާގެ އަތްފައިން ކުރާ އެއްވެސް ކަމަކުން އެހެން މީހުންނަށް ގެއްލުމެއް ނުލިބޭ މީހާއޭ.


އެހެންވީމާ، ޙަޤީޤަތުގައި މުސްލިމުންނަކީ އެމީހުން އެކުރާ ކަންތައްތަކުގެ ސަބަބުން އެހެން ބަޔަކަށް އެއްވެސްކަހަލަ ގެއްލުމެއް، އެއްވެސް އަނިޔާއެއް، އުނިކަމެއް، ނާންނަ މީހާ. އެކަންތައްތައް އަޅުގަނޑުމެން ރަނގަޅަށް ވަޒަންކޮށް އިހުސާސް ކުރަންވާނެ. އަޅުގަނޑުމެން ވަރަށް ކުޑަކުޑަ މުޖުތަމަޢެއްގައި މި ދިރިއުޅެނީ. ވަރަށް ކުޑަކުޑަ ޖަމާޢަތެއްގެ ތެރޭގައި. ޖަމާޢަތުގައި ކިތަންމެ ކުޑަކަމެއްވިޔަސް، އޭގެ އަސަރުތައް ވަރަށް އަވަހަށް ފެތުރިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހޭނީ ކޮންމެކަމެއް ކުރާއިރުވެސް، މިކަން ކުރުމުން ޖަމާޢަތަށް އެއްވެސް ގެއްލުމެއް ލިބޭނެތޯ ނުވަތަ އެހެން މީހަކަށް އެއްވެސް ގެއްލުމެއް ލިބޭނެތޯ؟ މިކަން ކުރުމަކީ އެހެން މީހުންގެ ޙައްޤަކަށް އުނިކަމެއް އަންނާނެ ކަމެއްތޯ؟ އެގޮތަށް ވިސްނައިލުމެއްނެތި، އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ. ކުރާކަށް ނުވެސްވާނެ. އިސްލާމީ އުސޫލު ނިޔާކުރާގޮތުން، އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ވެގެން، އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު ފަތުރައިގެން ނޫނީ، އަޅުގަނޑުމެންނަށް ކުރިޔަކަށްވެސް ނުދެވޭނެ. އަދި ހަމަޖެހޭ، ބާއްޖަވެރި، އުފާވެރި ޙަޔާތެއްވެސް ނުފެންނާނެ.


އާދެ، އެހެންވީމާ އަޅުގަނޑުގެ ނަޞޭޙަތަކީ އެކަމާމެދުވެސް ވިސްނަވައި، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭފަދަ މާތް އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް އަޅުގަނޑުމެންގެ ތެރޭގައިއޮންނަ ގުޅުން ހެއްދެވުން. އަދި އެންމެންނަކީ އެކުވެރި ބަޔަކަށްވެގެން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދެވުން. އާދެ، މިވަގުތުގެ ގޮތުންވެސް މާގިނަ ވާހަކައެއް ދައްކާކަށް ތަނެއްނެތް. އެހެން ދެންނެވޭއިރު ތަންކޮޅެއް ދިގުވެސް ވެއްޖެކަންނޭގެ. ކޮންމެއަކަސް، އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ ވިލުފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި، އަދި ތިޔަ ފާޅުކުރެއްވި ތަރުޙީބުގެ ޝުޢޫރުތައް ފެނިފައި، ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ވިލުފުށީގެ ރައްޔިތުންނަށް މިއަދަށްވުރެ ތަނަވަސް ބާއްޖަވެރި މާދަމައެއް ދެއްކެވުންއެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ދުޢާކުރަމުން. ހަމައެފަދައިން، ދިވެހިރާއްޖޭގެ ވެރިންނާއި ރައްޔިތުން، ރާއްޖެ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން އެދި ދުޢާކުރަމުން.


والسّلام عليكم ورحمـة اللّـه وبركاته.