بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އޮމަދޫއަށް އައިސް އޮމަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ، ވަރަށްވެސް އުފާވެރި ފުރުޞަތެއް. އަޅުގަނޑު މިހާރު މިއުޅެނީ ކޮޅުމަޑުލުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއްގައި.

އާދެ، މިރަށަކީ، އޮމަދޫއަކީ ކޮޅުމަޑުލުގެ ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. ރަށުގެ ރައްޔިތުންނަކީ، ވަރަށްހީވާގި މަސައްކަތްތެރި ބައެއް. ރަށަކީ ތަނަވަސް ރަށެއް. ހަމައެފަދައިން، ރަށުގެ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަޚުލާޤު ރަނގަޅު އަދި ވަރަށް ހަމަޖެހޭ އެކުވެރި ދިރިއުޅުމެއް ދިރިއުޅެމުން އަންނަ ބައެއް. އެހެންވުމާއެކު، މިރަށަށް އައުމަކީ އަދި މިރަށަށް އައިސް ރަށުގެ ވެރިންނާއި ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަކީ ވަރަށްބޮޑު އުފަލެއް އަޅުގަނޑަށް ލިބޭކަމެއް. ރާއްޖޭގެ މީހުން އުޅޭ ރަށްރަށަށް، އަޅުގަނޑު ރައީސްކަމުގެ ހައިސިއްޔަތުން މިކުރާ ދަތުރުތަކުން ލިބޭ އުފަލުގެ އިތުރަށް، އޮމަދޫއަށް އައުމުން ލިބޭ ޚާއްޞަ އުފަލެއްވެސް އެބައޮތް. އާދެ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، ވަރަށްކުރީ ޒަމާނެއްގައި، މީގެ ވަރަށްގިނަ އަހަރުތަކެއްގެ ކުރިން އަޅުގަނޑު މިރަށަށް އައިން، އަޅުގަނޑުގެ ޅަޢުމުރުގައި ވަރަށް ކުޑައިރު. އަޅުގަނޑާއި އަޅުގަނޑުގެ އަޚު ޢަބްދުﷲ ޙަމީދު، އަޅުގަނޑުމެން ދެބޭން މިރަށުގައި ދުވަސްކޮޅެއް ހޭދަކުރިން، އަޅުގަނޑުމެންގެ ބައްޕަޔާއެކުގައި. އެހެންވީމާ، ޅައިރުގެ ހަނދާންތައްވެސް މިއަދު އަޅުގަނޑަށް އިތުރުއުފާތަކެއް ގެނެސްދޭ. އެހެންވުމާއެކު، މިރަށަށް އައުމުން އަމިއްލަގޮތުން ލިބޭ އުފަލުގެ ވާހަކަވެސް ދަންނަވައިލުމަކީ، މިފުރުޞަތުގައި އަޅުގަނޑު ކޮށްނުލައި ދޫކޮށްނުލެވޭވަރުގެ ކަމެއް.

އާދެ، ކޮންމެއަކަސް ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް ބަލައިލައި، ރާއްޖެތެރޭގެ ރައްޔިތުންނަށް އެކިގޮތްގޮތުން ސަރުކާރުގެ ފަރާތުން އެހީވެދީ، ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރުމުގެ ގޮތުން، އަޅުގަނޑު މި ދަތުރުކުރަމުން ގެންދަނީ. މިހާރު ރާއްޖޭގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން ވަރަށްގިނަ ރަށްރަށަށް އަޅުގަނޑަށް ދެވިއްޖެ. ވަރަށްގިނަ އަތޮޅުތަކަށް ޒިޔާރަތް ކުރެވިއްޖެ. އެ ދަތުރުތަކުން ލިބިފައިވާ މަޢުލޫމާތާއި، ފެނުނު ކަންތައްތަކާ އަދި އަޅުގަނޑު ފިޔަވައި، ސަރުކާރުގެ އެހެން، ކަންކަމާ ހަވާލުވެ ތިއްބެވި ވެރިންވެސް ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން ލިބިވަޑައިގަންނަވާ މަޢުލޫމާތާ، މިހުރިހާ ކަންތައްތަކުގެ މައްޗަށް ބަލައިފައި، ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީ ކުރުމަށް މަޝްރޫޢެއް ސަރުކާރުން ވަނީ ރާވައިފައި. އަދި އެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތްތައް ހިނގަމުން އެބަދޭ. އޮމަދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރެވަނީ ވަރަށް ހިތާމަވެރި ދަރަޖައަކަށް ވެއްޓިފައި، ހުރިހާގޮތަކުންވެސް. އެހެންވީމާ، ރާއްޖެތެރެވަނީ އެހުރިހާރޮނގަކުން ތަރައްޤީކުރަންވެފައި. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެތެރެއަށް އެކަށީގެންވާ ސަމާލުކަމެއް ސަރުކާރުގެ ފަރާތުން ނުދީ އޮތުމުގެ ސަބަބުން ރާއްޖެތެރޭގެ ކަންތައްތައްވަނީ އެއްފަހަރާ އެއްގޮތަކަށްވެސް ރަނގަޅުނުކުރެވޭ ހިސާބަށް ދަށަށް ގޮސްފައި.

އާދެ، ކޮންމެ ރޮނގަކުން ވިސްނިޔަސް، މިއީ ހަމަ ކަންތައް އޮތްގޮތް. ތަޢުލީމުގެ ގޮތުން ބެލިޔަސް، މީގެކުރިން ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ އެއްވެސް މަދަރުސާއެއް ނެތް. މިހާރު މާތްﷲގެ ވާގިފުޅާއެކު، ކޮންމެއަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިންގާ މަދަރުސާއެއް އެބަހުރި. އަދި ބައެއްއަތޮޅުތަކުގައި އަތޮޅުތަޢުލީމީމަރުކަޒުތައް މިހާރުވަނީ އުފެދިފައި. މިއަތޮޅުގައިވެސް އާދެ، ތިމަރަފުށީގައި މިއަތޮޅުގެ ތަޢުލީމީމަރުކަޒު މިހާރު ހިނގަމުން އެބަދޭ. އޭގެއިތުރުން ބައެއް އެހެން މަދަރުސާތައްވެސް ބައެއް އަތޮޅުތަކުގައި ސަރުކާރުން ހުޅުވާގޮތަށްވަނީ ހަމަޖެހިފައި. އަދި ސަރުކާރުގެ ހަރަދުގައި އެ މަދަރުސާތައް ހިންގޭނެ. މިކަންކަން ސަރުކާރުގެ ފަރާތުން އެކުރަނީ ރާއްޖެތެރޭގެ ރައްޔިތުންނަށް ކުރާ ޚިދުމަތެއްގެ ގޮތުގައި. އަދި ޚާއްޞަކޮށް، ރާއްޖެތެރޭގައި ދިރިއުޅޭ، ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި.

އާދެ، ތަޢުލީމުގެ ބޭނުމާއި، އޭގެ މަޤްޞަދު އެއީ އެއްގޮތަކަށްވެސް މާ ދިގުކޮށް އެއާ ދޭތެރޭގައި ވާހަކަ ދައްކަން ބޭނުންވާ މައުޟޫޢެއް ނޫން. މިރަށުގެ ރައްޔިތުންނަށްވެސް އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެކަން. ތަޢުލީމަކީ ތަރައްޤީއަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ކަންތައްކަން. އަދި އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ އުފާވެރި ހަމަޖެހޭ ހަޔާތެއް ފެންނާނީވެސް އެކުދިންނަށް ތަޢުލީމު ލިބިގެންކަން. އެހެންވީމާ، މިހާރު ދައުލަތުގެ ސިޔާސަތަކީ ތަޢުލީމަށް އެންމެމަތީ އަހަންމިއްޔަތު ދިނުން. ޚާއްޞަކޮށް، ރާއްޖެތެރޭގެ ތަޢުލީމަކީ ވޭތުވެދިޔަ އެތައް ޖީލުތަކެއްގެ ދުވަސްތަކުގައި އެއްވެސްކަހަލަ ޚިދުމަތެއް އެއަށް ކުރެވިފައިނުވާ ކަމަކަށްވާތީ. އެހެންވީމާ، މިހާރު ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގެ ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތެއްދޭ. އާދެ، އޭގެ ސަބަބުން އަޅުގަނޑު ކުރިން މިދެންނެވި މަދަރުސާތައް ސަރުކާރުގެ ފަރާތުން ރަށްރަށުގައި ހިންގަމުން އެ ގެންދަނީ.

ސަރުކާރުގެ ފަރާތުން އަތޮޅުތަކުގައި މިހާރު ހިންގަމުން މިގެންދާ މަދަރުސާތައް ހިންގުމުންވެސް އަދި އެކަށީގެންވާ އަދަދަކަށް ކިޔަވާ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިދެވޭނެ ކަމަކަށް ނުފެނޭ. އެއީ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން އެއް މަދަރުސާ ނުވަތަ ދެ މަދަރުސާ ނުވަތަ ތިން މަދަރުސާ ހިންގި ކަމުގައިވިޔަސް، އަތޮޅުގެ ކިޔަވާ ކުދިންނަށް، އެ ތިން ތަނުން ނުވަތަ އެ ދެ ތަނުން ނުވަތަ އެ މަދަރުސާއަކުން ޖާގައެއް ނުލިބޭނެ. ނުވަތަ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ. އެހެންވުމާއެކު، ސަރުކާރުން އެކުރާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަފަރާތްތަކުންވެސް، އާދެ، ރަށްރަށުގެ ރައްޔިތުންގެ ފަރާތުންވެސް ވަރަށްބޮޑު މަސައްކަތްތަކެއް އަދިވެސް ކުރައްވަންޖެހޭނެ. ކޮންމެރަށެއްގައިވެސް މަކްތަބެއް އުފައްދައިގެން ހިންގުމަކީ، އެރަށުގެ ރައްޔިތުންގެ މަސްއޫލިއްޔަތަކަށް ވާންވާނެ. ރަށުގައި ތިބޭ، ތަނަވަސްކަން ލިބިފައި ތިބޭ މީހުންގެ އެހީގައި ނުވަތަ ރަށުގެ ރައްޔިތުންގެ އެހީގައި އެފަދަ ކަންތައްތައް ރާއްޖޭގައި ކުރިއަށް ގެންދެވެންވާނެ.

އާދެ، އަޅުގަނޑަށްވެސް އެނގޭ، މިރަށުގައިވެސް މަކްތަބެއް ހިނގަމުންދާކަން. އޭގެ މާނަޔަކީ މިރަށުގެ ރައްޔިތުން ތަޢުލީމަށް އަހަންމިއްޔަތު ދެއްވާކަން. މިރަށުގެ ރައްޔިތުންގެ ފަރާތުން އެކިއެކި އެހީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ލިބެމުންދާކަން. އަދި ޚާއްޞަކޮށް، ރަށުގެ ރައްޔިތުންގެ ތެރެއިން ތަނަވަސްކަން ލިބިގެންވާ މީހުންގެ އެހީވެސް އެތަންތަނަށް ލިބެމުންދާކަމުގެ ހެތްކެއް އެއީ. ކޮންމެއަކަސް އޮމަދޫއަކީ ހުރިހާ ގޮތަކުންވެސް ވަރަށް އެދެވޭ ފެންވަރަކަށް ކަންތައްތައް ހުރި ރަށެއްކަން ޔަޤީން. އޮމަދޫގެ ރައްޔިތުންނަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ހަމަޖެހޭ، އެކުވެރި އަދި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއް. ދީންވެރި ބައެއް. ޖަމާޢަތުގައި ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭ ބައެއް. އެހެންވުމާއެކު، މިރަށުގެ ރައްޔިތުންގެ ފަރާތުން މިދެންނެވި ފަދަ އިޖުތިމާޢީ ޚިދުމަތްތަކަށް ވަރަށް އެކަށީގެންވާ ސަމާލުކަމެއް ލިބޭނެކަމީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫން. މިރަށުގައި ހިނގަމުންދާ މަކްތަބު، އެމަކްތަބަށް އިތުރު އެހީތައް ރައްޔިތުންގެ ފަރާތުން ލިބޭނެކަން ޔަޤީން. އަދި ރައްޔިތުންގެ އެހީއާއި، ވެރިންނާއި ރައްޔިތުން އެކުވެގެން އެ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިރަށުގެ ދަރިންނަށް ތަޢުލީމު ހާސިލު ކުރުމުގެ މަގު މިހާރަށްވުރެ ފަހިވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، އަޅުގަނޑު ކުރިން ދެންނެވި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިރަށަށް ކަނޑައެޅިފައިވާ ބައެއް ކަންތައްތައް އެބަހުރި. އާދެ، އެއީ ވަރަށްގިނަ ރަށްރަށުގައި މިހާރު ކުރަން ޖެހިފައިވާ ކަމެއް. އެއްކަމަކީ ފަޅުތެރެ ފުންކުރުން. އެއީ، ވަރަށްގިނަ ރަށްރަށަށް ލަފައިފުރައި އުޅުމަކީ ވަރަށްދަތި ކަމަކަށްވެފައި އޮންނަނީ. ފަޅުގެ ދަތިކަމުން، ފަޅުގެ ތިލަކަމުން. އެހެންވީމާ، ފަޅުފުންކުރުން އެއީ ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި މިހާރު ކުރަން ޖެހިފައިވާ މަސައްކަތެއް. އެކަން ކުރުމަށް ހަމަޖެހިފައިވަނީ، މިދެންނެވި މަޝްރޫޢުގެ ދަށުން ރަށުގެ ރައްޔިތުން ކުރާގޮތަށް، ސަރުކާރުން ހަރަދުދިނީމާ. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް އެ މަސައްކަތް ފެށްޓެވީމާ ނުވަތަ ފަށްޓަވަން ގަސްދުކުރެއްވީމާ، ސަރުކާރުން އެކަމަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރާނެ. އޭރުން އެކަންތައް ކުރިއަށް ގެންދެވިދާނެ.

ދެންއޮތްކަމަކީ ނެރު ގޮއްވުން. އާދެ، އެއީ ރަށުގެ ރައްޔިތުންނަށް ވާވަރަށްވުރެ މާބޮޑު މަސައްކަތެއް. އެ މަސައްކަތުގައި ޚާއްޞަ ސާމާނުތަކެއް ބޭނުންކުރަންޖެހޭ. އަދި ވަކިބަޔަކަށް އެކަން ކުރެވެނީ. އެހެންވީމާ، އެކަން ސަރުކާރުގެފަރާތުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ. މިހާރުވެސް ނެރު ގޮއްވުމުގެ މަސައްކަތް ފޯއްމުލަކުގައި ކުރެވެމުން އެބަދޭ. އޭގެކުރިން ށ. އަތޮޅުގައި އެ މަސައްކަތް ކުރެވުނު. އެހެންވީމާ، އެ މަސައްކަތްވެސް ދަނީ ކުރިއަށް. ކުރެވެމުންދަނީ. އެހެންނަމަވެސް އެކަންތައްތައް ކުރަންވެފައިވާ ރަށްރަށް ގިނަކަމާއެކު، އަދި އެ މަސައްކަތް ކުރެވެނީ، އެމަސައްކަތުގެ ބާވަތުން ވަކިމޫސުމެއްގައި ކަމަށްވާތީ، ހުރިހާރަށެއްގައި އަދި އެމަސައްކަތް ނުފެށެނީ. އިރާދަކުރެއްވިއްޔާ، މިރަށަށްވެސް އެ މަސައްކަތްކުރާމީހުން އައިސް އެކަންތައް ކުރާގޮތަށް ހަމަޖެހޭނެ.

އާދެ، އަޅުގަނޑު ދެންނެވި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން މިދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ކަންތައްތައް އެބަ ހިނގަމުންދޭ. ކޮންމެއަކަސް ތަރައްޤީ ކުރުމުގެ މަސައްކަތަކީ ހަމައެކަނި ސަރުކާރުން ކުރެވޭނެ ކަމެއްނޫން. ސަރުކާރުން އެކަމާ އެހީވެވިދާނެ. ބައެއް މަޝްރޫޢު ރޭވިދާނެ، އޭގެ އެންމެ ފޮނި ނަތީޖާ ފެންނާނީ، ރައްޔިތުން އެއްބާރުލައްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދެވި މިންވަރަކުން.

އާދެ، ތަރައްޤީގެ މަގުގައި ކުރަންހުރި ކަންތައްތަކަކީ ހަމައެކަނި މިދެންނެވީކީނޫން. ތަރައްޤީގެ މަގުގައި ކުރަންއޮތް ވަރަށްބޮޑުކަމެއް، މަސައްކަތްތެރިކަން އިތުރުކުރުން. މަސައްކަތުން ލިބޭ އާމްދަނީ އިތުރުކުރުން. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އިޤުތިޞާދީ ގޮތުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރުން. އެއީ ވަރަށްބޮޑު އަހަންމިއްޔަތެއް، އަޅުގަނޑުމެންގެ ރާއްޖެ މިއަދު ދޭންވެފައިވާ ކަމެއް. ރާއްޖެއަކީ ދުނިޔޭގައިވާ ޤައުމުތަކުގެ ތެރެއިން ބޮޑު ޤައުމެއް ނޫން. ތަނަވަސް ޤައުމެއްވެސް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަކުޑަ ޤައުމެއް. އެއްވެސްކަހަލަ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކެއް ނެތް ތަނެއް. މިދެންނެވީ ތެޔޮކަހަލަ، އެކިއެކި މަޢުދަން ކަހަލަ، އެއްވެސް އެބާވަތުގެ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތެކޭ ބުނެވޭކަހަލަ އެއްޗެއް ރާއްޖެއަކު ނެތް. އަޅުގަނޑުމެންގެ ރާއްޖޭގައި ހުރިހާވެސް އެއްޗަކީ އަޅުގަނޑުމެން ބާނާމަސް ނުވަތަ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުގައި اللّـه سبحـانـه وتعـالى ލައްވައިފައިވާ ބޮޑު ނިޢުމަތް. އާދެ، އޭގެ ބޭނުން އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އެއިން ލިބޭ އެއްޗަކުން މިހާތަނަށް ދިވެހިރާއްޖެ ދިރިއުޅެފައިވަނީ ނުވަތަ ދިވެހިރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅެމުން އައިސްފައިވަނީ. ހަމައެއާއެކުގައި މިހާރުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެބޮޑު ނިޢުމަތަކީ އެއީ. އަޅުގަނޑުމެންގެތެރެއިން އެންމެގިނަމީހުން ކުރާ މަސައްކަތަކީވެސް މަސްވެރިކަމާބެހޭ މަސައްކަތްތައް. އާދެ، އެއީ ކަނޑުމަސްވެރިކަން ކަމުގައިވިޔަސް، ފަރުމަސްވެރިކަން ކަމުގައިވިޔަސް، ކެޔޮޅުކަމުދިޔުން ކަމުގައިވިޔަސް، އަދި އެނޫންވެސް މަސްވެރިކަމާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ކަނޑުގެ މައްޗަށް.

އެހެންވީމާ، މަސްވެރިކަމާބެހޭ ހުރިހާ ކަމެއްވެސް ތަރައްޤީކޮށް، ކުރިއަށް ގެންދިޔުމަކީ، އިޤުތިޞާދީ ގޮތުން ކުރިއަށް ދާ ދިޔުމުގައި، އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމެއް. އެގޮތުންވެސް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް، އޮމަދޫގެ ރައްޔިތުންނަށް ވަންހަނާވެގެނެއް ނުވާނެ. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން، ރާއްޖެތެރެއިން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން، ނިޔަމިކަމަށް އެހީވެދޭ ބައްތިތައް ރާއްޖެތެރޭގައި ބެހެއްޓުން މިހެންގޮސް ތަފާތު ކަންތައްތައް މިހާރުވެސް ކުރެވެމުން އެބަދޭ. އެހުރިހާ ކަމެއް އަދި ފުރިހަމަނުވިކަމުގައި ވިޔަސް، މަސައްކަތް ދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަމުން ލިބޭ ފައިދާތައް، ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް އިހުސާސް ކުރެއްވެން ފަށާނެ.

އާދެ، ސަރުކާރުން އެކުރާ މަސައްކަތްތަކުގައި ރައްޔިތުން ވަރަށްބޮޑަށް އެއްބާރު ލައްވަންޖެހޭނެ. އެއީ ސަރުކާރުން ކިތަންމެބޮޑު މަޝްރޫޢެއް ރޭވިޔަސް، އަދި ކިތަންމެ ގިނަ ހަރަދެއް ކުރިކަމުގައިވިޔަސް، އެއިން އެދެވޭ ނަތީޖާއެއް ފެންނާނީ ރައްޔިތުން އެކަމުގައި ބައިވެރިވެގެން އެއްބާރުލެއްވި މިންވަރަކުން ކަމަށްވާތީ. ސަރުކާރުން މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިން ކަމުގައިވިޔަސް، މަސްދޯނިފަހަރު މަހަށް ފުރައިގެން އެއިން އެއްޗެއް ލިބޭނީ. އެހެންވީމާ، ސަރުކާރުން އެކުރާ މަސައްކަތްތަކުގައި ފިސާރި ތެދުވެރިކަމާއެކު ރައްޔިތުން ބައިވެރިވުމަކީ، އެކަންކަމުން އެދެވޭ ނަތީޖާއެއް ލިބުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް.

އާދެ، މަސްވެރިކަން ތަރައްޤީކުރުމާ ދޭތެރޭގައި، މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެ. އެއީ މިރަށުގެ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް. ރަށަކީ މަސްވެރި ރަށެއް. އާދެ، އެއް މޫސުމެއްގައި މަސްވެރިކަން ވަރަށް ރަނގަޅަށް ކުރާ ރަށެއް. އެހެންވީމާ، މަސްވެރިކަން ތަރައްޤީ ކުރުމުން ލިބޭނެ ފައިދާތައް، މިރަށުގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ. މަސްވެރިކަމުގެ އިތުރަށް، މިރަށުގައި ކުރެވޭ އެހެން މަސައްކަތްތައްވެސް އެބަހުރި. އާދެ، އެންމެބޮޑު އެއް މަސައްކަތެއްކަމަށް އަޅުގަނޑަށް އެނގިފައިވަނީ ބިމުގައިކުރެވޭކަހަލަ މަސައްކަތްތައް. އެކިބާވަތުގެ އެއްޗެތި ހެއްދުން. ޚާއްޞަކޮށް، މިރުސް. މިރުސް ހައްދައިގެން މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ތަނަވަސްކަމެއް ލިބެމުންދާކަން އަޅުގަނޑަށް އެނގޭ. އެއީ ވަރަށް އުފާކުރުން ޙައްޤު ކަމެއް. އެހެންވީމާ، އެކަހަލަ މަސައްކަތްތައްވެސް އިތުރުކުރައްވައިގެން، އެއިންވެސް ލިބޭ އާމްދަނީ އިތުރުކުރެއްވޭތޯ ބެއްލެވުމަކީ، ކޮންމެހެން ކުރައްވަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއެއް އިތުރުވެގެން، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ތަނަވަސްވާނީ، އަދި ކުރިއަށްދާނީ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިރަށަކީ اللّـه سبحـانـه وتعـالىގެ ހެޔޮ ރަޙްމަތްފުޅުން، އެހެން ރަށްރަށާ އަޅައިބަލާއިރު ތަނަވަސް ރަށެއް. މަސައްކަތްތެރި، ހީވާގިބަޔަކު އުޅޭރަށެއް. އެހެންވީމާ، މިމޭރުމުން މާގިނަ ވާހަކަތަކެއް މިރަށުގައި ދައްކާކަށް ނުޖެހޭނެކަން އަޅުގަނޑަށް އެނގޭ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ދާ ހުރިހާ ރަށެއްގައިވެސް މިނުކުތާތަކުގެ މައްޗަށް އަލިއަޅުވައި ވާހަކަދައްކައި ހަދަން. މަސައްކަތްތެރިކަން އިތުރުކުރުން. ޚާއްޞަކޮށް، މަސްވެރިކަން ކުރިއަށް ގެންދިޔުން. އަދި އެނޫންވެސް އެހެން މަސައްކަތްތައް ކޮށްގެން، އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރެވޭތޯ ބެލުން. ތަޢުލީމަށް އަހަންމިއްޔަތުދީގެން، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދިނުމުގެ ފުރުޞަތު، އަޅުގަނޑުމެން އަމިއްލައަށްވެސް ތަނަވަސްކޮށްދިނުން. ސަރުކާރުން ވެދޭ އެހީތަކުގެ އިތުރަށް، އަޅުގަނޑުމެންގެ މަސައްކަތުން އެކުދިންނަށް ކިޔަވައިދެވޭތޯ ބެލުން. އަދި އެއާއެކުގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގުޅުންތައްވެސް ރަނގަޅުކުރުން. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވެފައި، އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންކަން ރައްޔިތުންނަށް ހާމަކޮށްދީ، އެކަމަށް ބާރުއެޅުން. އެރޮނގުންވެސް މާގިނަ ވާހަކަތަކެއް ދައްކާކަށެއް މިރަށުގައި ނުޖެހޭ. މިރަށަކީ އެއްގޮތަކަށްވެސް މީހުންގެ މެދުގައި މައްސަލަޖެހޭ ރަށެއް ނޫން. އެހެންވީމާ، މިރަށުގެ ރައްޔިތުންނަށް އެކަން ވަރަށް ރަނގަޅަށް މިހާރުވެސް އިހުސާސް ކުރެއްވޭ. އަޅުގަނޑުގެ އެދުމަކީ އެކަން އެގޮތަށް ދެމިއޮތުން. އަބަދުވެސް އޮމަދޫގެ ރައްޔިތުންނަކީ އެކުވެރި ބަޔަކު ކަމުގައިވުން. މިހާރުވެސް ތިޔަ ތިއްބެވި ފަދައިން، ކޮންމެ މީހަކުވެސް އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވުން. ކޮންމެ މީހަކުވެސް އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުންނަށް އިޙުތިރާމު ކުރަމުން ގެންދިޔުން. އެއްވެސް މީހަކު ކުރާ ކަމަކުން ނުވަތަ ބުނާ އެއްޗަކުންވެސް އެހެން މީހަކަށް އެއްވެސްކަހަލަ އުނިކަމެއް، ގެއްލުމެއް، އަނިޔާއެއް ލިބޭގޮތްނުވުން. އެންމެންނަކީ އެކުވެރި އުޚުއްވަތްތެރި ބައެއް ކަމުގައި އަބަދުވެސް ތިބުން. އާދެ، އެގޮތުގެ މަތީގައި މިރަށުގެ ރައްޔިތުން ދެމިތިއްބެވުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އޭރުން މިހާރަށްވުރެވެސް ބޮޑަށް ތަނަވަސްކަން ލިބި، މިހާރަށްވުރެވެސް ހުރިހާ ކަންތައްތައް ކުރިއަށްދާނެކަން ޔަޤީން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ފާޅުކުރެއްވި މަރުޙަބާގެ ޝުޢޫރުތަކަށްޓަކައި އިޚުލާސްތެރިކަމާއެކު މިރަށުގެ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަމުން. މިރަށަށް އައުމަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް ވަރަށްގިނަ ގޮތްގޮތުން އުފާ ލިބޭކަމެއް. އަދި މިރަށުގެ ރައްޔިތުންގެ ފަރާތުން އެހާ އިޚުލާސްތެރިކަމާއެކު އަޅުގަނޑަށް މަރުޙަބާ ވިދާޅުވެ، މިހުރިހާ ކަމެއް ފެނިގެން ދިޔުމުގެ ސަބަބުންވެސް އިތުރު އުފާތަކެއް އަޅުގަނޑަށް އިހުސާސް ކުރެވިއްޖެ. އެހެންވީމާ، އެކަންކަމަށްޓަކައި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. ހަމައެއާއެކުގައި އޮމަދޫގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި ހަޔާތެއް اللّـه سبحـانـه وتعـالى ދެއްކެވުން އެދި ދުޢާކުރަން. އަދި މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލެއްވުމަށާއި، އަބަދުވެސް ހެޔޮގޮތުގައި އެކުވެރިކަމާއެކު ހުރިހާ އެންމެންވެސް ކުރިއަށްދިޔުމުގެ މަގު ތަނަވަސްކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން.

والسّلام عليــكم ورحـمــة اللّـه.