السّلام عليــكم ورحـمــة اللّـه.

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އަދި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު މަޑިފުށީގެ ރައްޔިތުން ތިޔަ ފާޅުކުރެއްވި މަރުޙަބާގެ އިޚުލާސްތެރި ޝުޢޫރުތަކަށްޓަކައި ހިތުގެ އެންމެ ފުންމިނުން މަޑިފުށީގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން.

އާދެ، ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިގެން މިއަދަށްޓަކައި ރަށުތެރެ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައިފައިވޭ. ވަރަށް އެކަށީގެންވާ ގޮތެއްގައި ހުރިހާ ކަމެއްވެސް ފުރިހަމަކުރައްވައިފައިވޭ. އެއިން ދޭހަވާ އެއްޗަކީ، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚުލާސްތެރިކަމުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް އަދިވެސް އެއްފަހަރު މިރަށުގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކާ ގުޅިގެން ރާއްޖެތެރޭގެ ރައްޔިތުން މާގިނަ ކަންތައްތަކެއް ކުރެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް ނޫން. އަޅުގަނޑު އެދެނީ، އަޅުގަނޑު ދާ ދަތުރުތަކުގެ ސަބަބުން ތަނަށް ދާއިމީގޮތެއްގައި ފައިދާކުރާނެކަހަލަ ކަންތައްތައް ކުރެއްވުން. މިސާލަކަށް، ފާލަން ހެދުން، އަދި ރަށްވެހިކަމުގެ ގޮތުން މަގުފާރުލުން ނުވަތަ މަގުތައް ރަނގަޅުކުރުން. މިކަހަލަ ކަންތައްތައް. އެއީ އޭގެ ސަބަބުން ލިބޭ ފައިދާ އެއީ، ދާއިމީގޮތެއްގައި ރައްޔިތުންނަށް ލިބޭ ފައިދާއަކަށްވާތީ. އޭގެއިތުރަށް ކުރެވޭ ބައެއް އެހެންކަހަލަ ކަންތައްތައް އެއީ ވަގުތީ ކަންތައްތަކެއް. އެކަމުގައި ވަރަށްގިނަ ވަގުތު ރައްޔިތުން ހޭދަކުރައްވައި އަދި ބައެއްފަހަރަށް ހަރަދުވެސް ކުރައްވާ. އަދި އެކަމަކީ ދާއިމީގޮތެއްގައި ހުންނާނެ ކަންތައްތަކެއް ނޫން. އެހެންވީމާ، އެބާވަތުގެ ކަންތައް ކުރެއްވުން މަދުކުރެއްވުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. ކޮންމެއަކަސް މަޑިފުށީގެ ރައްޔިތުންވެސް އެހުރިހާ ކަމެއް ކުރައްވައިފައިވަނީ އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މިރަށުގެ ރައްޔިތުންގެ ހިތުގައިވެސް އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުން ކަމަށްވާތީ، އެކަންތައްތައް އަޅުގަނޑު ގަބޫލުކުރަނީ ޝުކުރު އަދާކުރުމާއެކު.

އާދެ، އަޅުގނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ހާލުއަހުވާލު ބަލައި ހެދުން. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުންފިލުވައި، އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވެދެވެން އޮންނާނީ ކޮންކަހަލަ އެހީތަކެއްތޯ ބަލައި، އެއީ ސަރުކާރުން ވެވެންއޮތް އެހީއެއް ކަމަށްވާނަމަ، އެ އެހީވެދިނުން. މިގޮތުން އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުކުރަން ފެށީ މީގެ ތިން އަހަރުދުވަސް ކުރިން. އާދެ، 1979 ވަނަ އަހަރުގެ ކުރީކޮޅުގައި. ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ އަދަދު ގިނަކަމާއެކު އަދި ހުރިހާ ރަށަކަށް ނުދެވޭ. އެހެންނަމަވެސް، އަޅުގަނޑު ގަސްދުކޮށްފައިވަނީ ފުރުޞަތު ލިބުނުހާ އަވަހަކަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ނިންމަން. އަދި އުންމީދު ކުރެވޭގޮތުގައި، މިއަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ދިޔުމުގެ ފުރުޞަތު ލިބޭނެކަމަށް އަޅުގަނޑު ހީކުރަން.

އާދެ، އަޅުގަނޑު މީގެ ކުރިން ކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބަލައި، އަދި ސަރުކާރުގެ އެހެން ބައެއް ބޭފުޅުންވެސް ރާއްޖެތެރެއަށް ކުރައްވައިފައިވާ ދަތުރުތަކުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބަލައި، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށް މިހާރު ސަރުކާރުގެ ފަރާތުން ވަރަށްބޮޑު މަސައްކަތްތަކެއް ރާވައިގެން ހިންގަމުން އެބަގެންދޭ. އޭގެތެރޭގައި ވަރަށްގިނަ ތަފާތު ކަންތައްތައްވޭ. މިސްކިތްތައް ޢިމާރާތް ކުރުން، ރަށްރަށުގައި އޮފީސްތައް އެޅުން، ބައެއް ރަށްރަށުގެ ފަޅުކޮނުން، ނެރު ގޮއްވުން، އެހެންގޮސް ވަރަށްގިނަ ކަންތައްތައް އެ މަޝްރޫޢުގެ ދަށުން މިހާރު ހިނގަމުން އެބަދޭ. މިރަށަކީވެސް އެ މަޝްރޫޢުގެ ދަށުން އެތައް އެހީއެއް ލިބޭގޮތަށް ހަމަޖެހިފައިވާ ތަނެއް. އެންމެ ފުރަތަމަ ކަމަކީ މިސްކިތެއް ޢިމާރާތް ކުރުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު އެ މިސްކިތުގެ ބިންގާވަނީ އެޅިފައި. އަދި މަސައްކަތް ދަނީ ހިނގަމުން. އެހެންވީމާ، އެއީ ސަރުކާރުގެ އެހީގައި މަޑިފުށްޓަށް ލިބޭ އެންމެ ފުރަތަމަ ޚިދުމަތް، މިދެންނެވި މަޝްރޫޢުގެ ދަށުން. ހަމައެފަދައިން ރަށުގެ ފަޅު ފުންކުރުން އެއީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑު ދެންމެ މިރަށަށް މި ފޭބި ފޭބުމުގައިވެސް، އެކަން އިހުސާސް ކުރެވިއްޖެ ވަރަށް ރަނގަޅަށް. ރަށުގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކު ތިއްބެވީ މޫދުގައި. އެ މަންޒަރު އެއީ އަޅުގަނޑު މާ ދެކޭހިތްވާ މަންޒަރެއް ނޫން. އަޅުގަނޑު ރަށަށް ފޭބުމަށްޓަކައި ރައްޔިތުންގެ ފަރާތުން އެހާބުރަ ތަކުލީފެއް އުފުއްލަވަންޖެހުން އެއީ. އެހެންނަމަވެސް، ރަށުގެ ފަޅަކީ، ވަރަށްދަތި ފަޅަކަށްވެފައި، އެނޫންގޮތެއް ނެތުމާއެކު، އެކަންތައް އެހެން ހިނގައި އެދިޔައީ.

އާދެ، ފަޅު ފުންކުރުން އެއީ، ސަރުކާރުން މިމަޝްރޫޢުގެ ދަށުން ހަމަޖައްސައިފައިވަނީ ރަށުގެ ރައްޔިތުން ކުރާގޮތަށް، ސަރުކާރުން ހަރަދު ދިނީމާ. އެގޮތުން މިހާރު މިތަނަށްވެސް ކޮންމެވެސްވަރަކަށް ފައިސާ ވަނީ ލިބިފައި. ދެން އޮތީ ނެރު ގޮއްވުން. ނެރު ގޮއްވުމަކީ، ރައްޔިތުންނަށް ވެވޭވަރުގެ ކަމެއް ނޫން. އެއީ ވަކިބަޔަކު ވަކިވައްތަރެއްގެ ސާމާނުތަކެއް ބޭނުންކޮށްގެން ކުރާ މަސައްކަތެއް. އެހެންވީމާ، އެކަންތައް ސަރުކާރުގެ ފަރާތުން އިރާދަކުރެއްވިއްޔާ ކޮށްދޭނެ. މިހާރުވެސް ރާއްޖެތެރޭގައި އެކަންތައް ކުރެވެމުން އެބަދޭ. ވަރަށްގިނަ ރަށްރަށުގައި ނެރުގޮއްވަން ބޭނުންވެފައިވާތީ، އެކަންތައް ކުރިއަށްދަނީ މަޑުމަޑުން ފަހަރަކު ތަނެއްގައި އެ މަސައްކަތް ކުރާގޮތަށް. އަނެއްކާ އެ މަސައްކަތް ކުރެވެން އޮންނަނީވެސް ވަކި މޫސުމެއްގައި. ވިއްސާރަ މޫސުމެއްގައި އެއްގޮތަކަށްވެސް ނުކުރެވޭނެ. އެހެންވުމާއެކު، ތަންކޮޅެއް ގިނަ ދުވަހުން ނަމަވެސް، އެކަންތައް ދަނީ ކުރިއަށް. މުސްތަޤުބަލުގައި މާލަސްތަކެއްނުވެ މިރަށަށްވެސް އެ މަސައްކަތުގެ ފައިދާ ލިބޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، މިދެންނެވި މަޝްރޫޢުގައި ހިމެނޭ އެންމެބޮޑު އެއްކަމަކީ، ރާއްޖެތެރޭގެ ދަރިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދިނުން. އަދި އެކުދިންނަށް ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތު ހޯދައިދިނުން. އެގޮތުން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގުން ހިމެނޭ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒެއް ހިންގުން ހިމެނޭ. އަދި ބައެއް ތަންތާނގައި އެއަށްވުރެވެސް އިތުރަށް ސަރުކާރުގެ ފަރާތުން ހިންގާ މަދަރުސާތައް ހިންގުން ހިމެނޭ. އާދެ، ކުރިން އެއްގޮތަކަށްވެސް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ލިބިފައިނުވާ ބައެއް، ރާއްޖެތެރޭގައި ދިރިއުޅެމުންދާ ކިޔަވާ ޢުމުރުގެ ކުދިންނަކީ. އެހެންވީމާ، އެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުން އެއީ ސަރުކާރުން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން އެއް މަދަރުސާ ނުވަތަ ދެ މަދަރުސާ ނުވަތަ ތިން މަދަރުސާ ހުރެގެންވެސް އަތޮޅުގައި ތިބޭ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ކިޔެވުމުގެ ފުރުޞަތެއް ހޯދައެއްނުދެވޭނެ. އެކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، ކަންތައް ހުރިގޮތުން އަދި ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ބޮޑުކަމާއި، ސަރުކާރަށް ލިބޭ އާމްދަނީވެސް މަދުކަމުން، އެއަށްވުރެ ގިނަ އަދަދަކަށް މަދަރުސާ، އެއްވެސް އަތޮޅެއްގައި ސަރުކާރަށް ހިންގެންނެތީ. ކޮންމެ ރަށެއްގައި ސަރުކާރުން މަދަރުސާއެއް ހިންގޭކަށް ނޯންނާނެ. އެކަން އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށްވެސް ގަބޫލުކުރެއްވޭނެ.

އެހެންވީމާ، ހަދަންވީގޮތަކީ ކޮންމެރަށެއްގައިވެސް އެރަށުގެ ރައްޔިތުން އެކުވެރިވެގެން، ބައިވެރިވެގެން މަކްތަބެއް ހިންގޭތޯ ބަލަންވީ. އެގޮތަށް ތެދުވެރިކަމާއެކު މަކްތަބެއް ހިންގަމުން ދާކަމަށްވަންޏާ، ސަރުކާރުގެ އެހީވެސް ލިބޭނެ. މިހާރުވެސް ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި ހިނގަމުންދާ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުގެ ފަރާތުން އެހީވަމުން އެބަގެންދޭ. މެދުނުކެނޑި 10 އަހަރު ވެފައިވާ ތަންތަނަށް ފައިސާގެ އެހީއެއްދޭ. އަދި އެނޫން ތަންތަނަށްވެސް އެކިއެކި ޢިނާޔަތް ދެމުންދޭ. މިސާލަކަށް، މުދައްރިސެއްގެ މުސާރަ ހަމަޖައްސައިދިނުން. ނޫނީވިއްޔާ ތަނުގެ ފުރާޅު އާކޮށްދިނުން. ތަން މަރާމާތުކޮށްދިނުން. ނުވަތަ ގޮނޑި، މޭޒު، ޑެސްކުފަދަ އެއްޗެތި ހޯދައިދިނުން. މިގޮތުން ވަރަށްގިނަ އިތުރު އެހީތައްވެސް އެކަހަލަ ތަންތަނަށް ވަމުންގެންދޭ. އެހެންނަމަވެސް، އެންމެ ފުރަތަމަ ވާންވީގޮތަކީ ރައްޔިތުން އެކަން ފަށަންވާނީ. ރައްޔިތުން ފަށައިގެން އެކަށީގެންވާ މުއްދަތަކަށް އެކަން ހިންގަންވާނެ. އޭރުން ސަރުކާރުން އެހީވެވެން އޮންނާނީ. އެހެންނޫނީ އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ބަޔަކަށް ސަރުކާރުންވެސް އެހީވެދިނުމަކީ ފަސޭހަކަމަކަށް ނުވާނެ.

އާދެ، އެހެންވީމާ، ތަޢުލީމުގެ ކަންތައްވެސް މިރަށުގެ ރައްޔިތުންވެސް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިރަށުގައިވެސް ހިނގަމުންދާ މަކްތަބެއް މިހާރު އެބަހުރި. އެ މަކްތަބު ވީހާ ރަނގަޅަކަށް ކުރިއަށް ގެންދެވޭތޯ ބައްލަވަންވާނެ. އެއީ އަޅުގަނޑުމެންގެ މިތިބަ ކުދިންކޮޅަށް ތަޢުލީމު ހާސިލުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ، ވަރަށްބޮޑު ވާޖިބެއްކަން އަބަދުވެސް ހަނދާންކުރަންވާނެ. ދީނީގޮތުންވެސް އެއީ އަޅުގަނޑުމެންގެ ވާޖިބެއް. އަދި ޤައުމީގޮތުންވެސް އެއީ ވާޖިބެއް. އެކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު އަޅުގަނޑުމެން ހޯދައިނުދޭކަމަށްވަންޏާ، މުސްތަޤުބަލުގައި އެކުދިން ބޮޑެތިވުމުން އެއީ އެއްވެސް ބޭނުންހުރި ބަޔަކަށް ނުވާނެ. ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ފެންނަ ބަޔަކަށްވެސް ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނޭދޭނެ، އެމީހާގެ ކުދިންނަކީ މުސްތަޤުބަލުގައި ރަނގަޅު ދިރިއުޅުމެއް ނުފެންނަ ބަޔަކަށްވާކަށެއް. އެހެންވީމާ، އެގޮތް އަޅުގަނޑުމެން ހަނދާންކޮށްގެން މިއަދު އެ ފުރުޞަތު ގެއްލިގެންދިޔަނުދީވޭތޯ ބަލަންވާނެ.

އާދެ، ދެން އަޅުގަނޑު ބަލައިލާހިތްއޮތީ، އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް. މަޑިފުށްޓަކީ މަސްވެރިކަމުގެ ރަށެއް. މިއަތޮޅުގެ ވަރަށްގިނަ ރަށް އެބަހުރި، މަސްވެރިކަމުން ދިރިއުޅޭ. އެހެންވީމާ، އެމަސައްކަތް ކުރިއަށް ގެންގޮސް، މަސްވެރިކަމުން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުން އެއީ މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބައްލަވަންޖެހޭނެ ކަމެއް. ސަރުކާރުގެ ފަރާތުން މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދޭ. އަދި ވަރަށްގިނަ ގޮތްގޮތުން މަސްވެރިންނަށް އެހީވަމުންވެސްދޭ. އެހެންވީމާ، ސަރުކާރުން އެކުރާ މަސައްކަތްތަކުގައި ތެދުވެރިކަމާއެކު ބައިވެރިވެގެން އެ މަސައްކަތުން އެދެވޭ ނަތީޖާއެއް ހޯދޭތޯ ބެލުމަކީ، އެމަސައްކަތް ކުރާ ބައެއްގެ މަސްއޫލިއްޔަތެއް ކަމުގައިވާނެ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުންވެސް މިހާރު އެކުރައްވާ މަސައްކަތް، އާދެ، މަސްވެރިކަމުގެ މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ކުރެއްވޭތޯ ބެއްލެވުން. މަސައްކަތް އިތުރުކޮށްގެން އެ މަސްވެރިކަމުން ލިބޭ އާމްދަނީއެއް އިތުރުކުރުމުން، އޭގެ ފައިދާ ލިބޭނީވެސް ހަމަ އަޅުގަނޑުމެންނަށް ކަމަށްވާތީ. އަޅުގަނޑުމެންނޭ މިދެންނެވީ ރަށުގެ ރައްޔިތުން. މަހަށް ދާ ބަޔަކަށް، މަހަށްގޮސްގެން ލިބޭ ފައިދާއެއްވެސް އެ ލިބެނީ. އަދި އެމީހުންގެ ދިރިއުޅުން ތަނަވަސްވާނީވެސް. އެމީހުން އެކުރާ މަސައްކަތަކުން މަސްވެރިކަން ފިޔަވައި ދެން ކުރެވެންހުރި ކަންތައްތައްވެސް ހަމަ ކުރަންވާނެ. އެކި ރަށްރަށުގައި އެކިބާވަތުގެ ކަންތައްތައް ކުރެވެން ހުންނާނެ. މިރަށުގައި ހިސާބަކަށް އޮޅުއަލަ ހެއްދޭ. އެހެންވީމާ، އެ މަސައްކަތްވެސް ކުރިއަށް ގެންދިޔުން ރަނގަޅު. އަދި އެނޫންވެސް ފަލަމަޑީގެ ބާވަތްތަކާއި، ކާނާއަށް ފުދޭކަހަލަ އެއްޗެތި އަޅާ ގަސްގަހާގެހި ހެއްދޭނެކަންނޭނގެ. އެހެންވެއްޖެއްޔާ އެ މަސައްކަތްވެސް ހަމަ ކުރިއަށް ގެންދެވެންވާނެ. އެއީ އިތުރަށް މަސައްކަތް ކުރުމުން ލިބޭ އެއްވެސް ގެއްލުމެއް ނެތް. ލިބޭނީ ހައްތާވެސް ފައިދާ. މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރެއްގައި ފަރުޖެއްސޭގޮތްވެދާނެ. އިތުރު އެހެން މަސައްކަތް ކުރާކަމަށްވަންޏާ، އަދި މަހަށް ނުގޮސް ރަށުގައި ތިބޭ މީހުން، ޚާއްޞަކޮށް އަންހެނުން ކޮންމެވެސް މަސައްކަތެއް ކުރަންވާނެ. އެއީ އެމީހުން އެކުރާ މަސައްކަތެއްގެ ސަބަބުން އެމީހުންނަށް އެއްޗެއް ލިބޭނީ. ދިރިއުޅުން ތަނަވަސްވާނީ.

އާދެ، މިރަށުގެ އަންހެނުންނަކީ ވަރަށް މަސައްކަތްތެރި ބައެއްކަން، އަޅުގަނޑަށް މިއަދު މިރަށަށް އައިސް ހޭދަކޮށްލި ވަގުތުކޮޅުންވެސް އެނގޭ. އުތުރު އަވަށުގައާއި ދެކުނު އަވަށުގައި ވަރަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރައްވާ މިސްކިތްތަކެއް އެބަ ރޭނެމުންދޭ، ބިނާވަމުންދޭ. އެއިން ދައްކާ އެއްޗަކީ ރަށުގެ އަންހެނުންގެ ހީވާގިކަން، މަސައްކަތްތެރިކަން. އެހެންވީމާ، އެކަހަލަ މުހިންމު މަސައްކަތްތައް ކުރެއްވުމުގެ އިތުރަށް، އެމީހުންގެ އަމިއްލަ ދިރިއުޅުންވެސް ތަނަވަސްވާނެ، އިތުރަށް މަސައްކަތްކޮށްގެން ލިބޭ އެއްޗެއް އިތުރުކުރާ ކަމަށްވަންޏާ. އެހެންވީމާ، ހުރިހާ އެންމެންވެސް، ފިރިހެނުންވެސް، އަންހެނުންވެސް، މަސައްކަތްކުރެވޭ ޢުމުރުގެ އެންމެން، ގަދަވެ ސަލާމަތުން ތިބެވޭ އެންމެން ދިރިއުޅުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. އެއްވެސް މީހަކު މަސައްކަތެއްނުކޮށް ހުރެގެން ނުވާނެ. އެއީ ރަނގަޅު ކަމެއް ނޫން. އެހެން މީހުންގެ އެހީގައި ދިރިއުޅުން އެއީ ރީތިކަމެއްނޫން. ދީނީގޮތުންވެސް އެދެވޭ ކަމެއްވެސް ނޫން. ކޮންމެ މީހަކުވެސް ޞިއްޙަތު ސަލާމަތުން ހުރިކަމަށްވަންޏާ، މަސައްކަތް ކުރެވޭވަރު މީހަކަށްވަންޏާ، ވާނެ ކޮންމެވެސް މަސައްކަތެއް ކުރަން. އަދި ދިރިއުޅެންވާނީ އެމީހަކު އެކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން.

އާދެ، އަޅުގަނޑުމެން ބޭނުންވޭ، ދިރިއުޅުން ތަރައްޤީކުރަން. ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހެއްގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކުރަން، އެމީހެއްގެ ގެދޮރު ހަދާލަން އަދި ދަރިންނަށް ކިޔަވައިދޭން. ރަނގަޅު ފެންވަރެއްގައި ހުރިހާ ކަމެއްވެސް ގެންދަން. އެކަން އެހެންވާނީ އަޅުގަނޑުމެން އެކުރާ މަސައްކަތްތައް އިތުރުކޮށްގެން. މަސައްކަތްތައް އިތުރުކުރަމުންދާއިރު، އަދި އާމްދަނީ އިތުރުކުރުމުގެ ގޮތުން އިތުރު މަސައްކަތްތައް ފަށަމުންދާއިރުވެސް އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންވާނެ، އަޅުގަނޑުމެންނަކީ ކޮންބައެއްކަން. އަޅުގަނޑުމެންނަކީ މުސްލިމުންކަން އެންމެ ފުރަތަމަ. އެހެންވީމާ، މުސްލިމުންގެ މެދުގައި އޮންނަކަހަލަ ގުޅުންކަން އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ މުސްލިމުންގެ މެދުގައި އޮތުމަށް اللّـه سبحـانـه وتعـالى ކަނޑައަޅުއްވައިފައިވާ ގުޅުން. އެއީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. ކޮންމެ މީހަކުވެސް އެއީ އެހެން މީހުންގެ އަޚެއް. އަދި ކޮންމެ މީހަކުވެސް އެހެން މީހުން ދެކެންވާނީ ތިމާގެ އަޚުންގެ ގޮތުގައި. ނުވަތަ ތިމާގެ އުޚުތުންގެ ގޮތުގައި. ތިމާގެ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި.

އަޅުގަނޑުމެން އެންމެން މިއީ އެއް ޢާއިލާއެއްގެ ބައެއް. އެހެންވީމާ، އެއް ޢާއިލާއެއްގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ލޯބި އަޅުގަނޑުމެންގެ މެދުގައިވެސް އޮންނަންވާނެ. ހުރިހާ އެންމެންގެ މެދުގައި އޮންނަންވާނެ. ކޮންމެ މީހަކުވެސް އެހެން މީހުން ދެކެންވާނީ ތިމާގެ އަޚުންގެ ގޮތުގައި. ތިމާގެ އުޚުތުންގެ ގޮތުގައި. އެހެންވީމާ، ތިމާގެ އަޚާއަށް ގެއްލުންވާ ކަހަލަ ކަމެއް ނުވަތަ ތިމާގެ އުޚުތަކަށް ގެއްލުންވާކަހަލަ ކަމެއް އަޅުގަނޑުމެންގެ ބަހުންވިޔަސް އަދި ޢަމަލުންވިޔަސް ކޮށްގެންނުވާނެ. ކުރާ ކަމަކުންވެސް އެހެން މީހަކަށް އެއްވެސްކަހަލަ ގެއްލުމެއް، އުނިކަމެއް ލިބޭނެކަހަލަ ކަމެއް ކޮށްގެންނުވާނެ. އަދި ބުނާ ބަހަކުންވެސް އެހެން މީހަކަށް އިހާނާތްތެރިކަމެއް ރައްދުވާކަހަލަ ބަހެއް ބުނެގެނެއްނުވާނެ. ކޮންމެ މީހަކުވެސް އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުންނާ އެކުވެރިވެގެން، އެހެން މީހުންނާ ބައިވެރިވެގެން ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލަންވާނެ. އެކަހަލަ އެކުވެރިކަމުގެ ރޫޙެއް އަޅުގަނޑުމެންގެ މެދުގައި އުފައްދައިގެން ކުރިއަށްދާ ކަމަށްވަންޏާ، ވަރަށް އެދެވޭ ހަމަޖެހޭ ބާއްޖަވެރި ދިރިއުޅުމެއް އަޅުގަނޑުމެންނަށް ފެންނާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް. އެއާޚިލާފަށް އަޅުގަނޑުމެންގެ މެދުގައި އެކިއެކި ހަމަނުޖެހުން އުފެދޭ ކަމަށްވަންޏާ، އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަނެ ދެކޮޅުވެރިކަން އުފައްދައި އެކަހަލަ ކަންތައްތައް ދިމާވާ ކަމަށްވަންޏާ އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ނޯންނާނެ. އެއްދުވަހުން އަނެއްދުވަހަށްދާނީ ހުރިހާ ކަމެއްވެސް ދަށަށް.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އަޅުގަނޑުމެންނަކީ، މުސްލިމުންކަން ހަނދާންކޮށް، މުސްލިމުންގެ މެދުގައި އޮންނަކަހަލަ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އަޅުގަނޑުމެންގެ މެދުގައިވެސް އުފައްދައިގެން، އެގޮތުގެ މަތިން އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ގެންދެވޭތޯ އެންމެންވެސް މަސައްކަތް ކުރުން. އެއީ ހަމައެކަނި ވަކި މީހެއްގެ ކަމެއް ނޫން. އެއީ ހަމައެކަނި ރަށުގެ ވެރިންގެ ކަމެއް ނޫން. ވެރިންނާއި ރައްޔިތުންނާ އެދެފަރާތްވެސް ގުޅެންވާނެ. އަދި ރައްޔިތުންގެ ކޮންމެ މީހަކުވެސް ދެކެންވާނެ، އެމީހެއްގެ ވާޖިބު ކަމުގައި. އެންމެންގެ މެދުގައި ހަމަޖެހުން އުފެއްދުމަކީ، އެންމެން އެކުވެރިވެގެން މަސައްކަތްކުރާގޮތަށް ކަންތައްތައް ކުރުމަކީ، ހަމަ ކޮންމެ މީހަކުވެސް އެކަމުގައި ޙިއްޞާއެއް އަދާކުރަންވާނެ ކަމެއް ކަމުގައި ކޮންމެ މީހަކުވެސް ގަބޫލުކުރަންވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މިރަށަށް އައުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އުފާކުރަމުން. އަދި މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ފެނިގެންދިޔަ މަރުޙަބާގެ މަންޒަރުތަކަށްޓަކައި، މިރަށުގެ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު އަދާކުރަމުން. އަދި މަޑިފުށްޓަށް ހުރިހާ ގޮތަކުންވެސް މިއަދަށްވުރެ ރަނގަޅު ތަނަވަސް ބާއްޖަވެރި މުސްތަޤުބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން އެދި ދުޢާކުރަމުން.


والسّلام عليكم.