السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.


އާދެ، މިރޭގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބެއްކަމަށް ދެކެނީ ހިރިލަންދޫގެ ރައްޔިތުންނަށް މަރުޙަބާކިޔައި، ހިރިލަންދޫގެ ރައްޔިތުންނަށް ދައުލަތުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ހެޔޮއެދުންތަކާއި ޝުކުރު ރައްދުކުރުން. އާދެ އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު، ރަށުގެ ރައްޔިތުން، ވަރަށް އެކަށީގެންވާ ދަރަޖައަކަށް ރަށުތެރެވަނީ ތައްޔާރު ކުރައްވައި، ރީތިކުރައްވައި، ޒީނަތްތެރި ކުރައްވައިފައި. އަދި މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތައް ވަނީ ކުރައްވައިފައި. އެކަމުން ދޭހަވާ އެއްޗަކީ ހިރިލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚުލާސްތެރިކަމުގެ ބޮޑުކަން ކަމަށްވާތީ، އެގޮތުން އަޅުގަނޑު އެކަންތައްތައް ފާހަގަކޮށް، މިރަށުގެ ވެރިންނަށާއި، ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.


އަޅުގަނޑު މިހާރު މިއުޅެނީ ކޮޅުމަޑުލަށް ކުރާ ދަތުރެއްގައި. މި އަތޮޅުގެ، މީހުން އުޅޭ ހުރިހާ ރަށަކަށް ދިއުމުގެ މަޤްޞަދުގައި ފަށައިގެންއުޅޭ ދަތުރެއް. މީގެކުރިން ހައްދުންމައްޗަށް އަޅުގަނޑުކުރި ދަތުރު ނިންމައިފައި މި އަތޮޅަށް މިއައީ.


އާދެ، މި ދަތުރަކީވެސް އަޅުގަނޑު ރާއްޖެތެރޭގައި މީހުންއުޅޭ ރަށްރަށަށް ޒިޔާރަތް ކުރުމަށް މީގެ ތިންއަހަރު ކުރިން ފެށި ދަތުރުގެ އެއްބައި. ރާއްޖޭގައި މީހުން އުޅޭ ރަށްތަށް ގިނަކަމާއި، އަދި އަޅުގަނޑުގެ މަސައްކަތްވެސް ހުންނަގޮތުން، ތަންކޮޅެއް ގިނަދުވަސް ބޭނުންވަނީ މިހުރިހާ ދަތުރެއް ކުރަން. އެހެންވުމާއެކު މީގެކުރިން މި އަތޮޅަށް، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އައުމުގެ ފުރުޞަތު އަދި ލިބިފައިނުވަނީ. އެހެން ނަމަވެސް އޭގެކުރިން 1974ވަނަ އަހަރު އަޅުގަނޑު މި އަތޮޅަށް އައިކަން، މި އަތޮޅުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހަނދާން ހުންނާނެހެން އަޅުގަނޑަށް ހީވޭ. އަދި މި ރަށަށްވެސް އައިން. އޭރު އަޅުގަނޑު އައީ ސަރުކާރުން ފޮނުއްވި ވަފުދެއްގެ މެންބަރެއްގެ ހައިސިއްޔަތުން. މިއަދު އަޅުގަނޑު އައިސް މިހުރީ އެހެން ހައިސިއްޔަތަކުން. މިވަގުތު ދިވެހިރާއްޖޭގެ ރައީސްކަމާ ހަވާލުވެހުރި މީހާގެ ހައިސިއްޔަތުން.


އާދެ، ކޮންމެއަކަސް އަޅުގަނޑު ރާއްޖެތެރެއަށް ކުރަމުންމިދާ ދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލައި، ރާއްޖެތެރެއަށް ސަރުކާރުން އެހީވެވެން އޮންނާނެ ކަންތައްތައް އޮޅުންފިލުވައި، އެކަންކަމުގައި ވެވެންއޮތް ވަރަކުން އެހީވެދިނުން. މީގެކުރިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް އަޅުގަނޑުކުރި ދަތުރުތަކުން ފެނުނު ކަންތަކާއި، އަދި އެދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖެތެރެ ކުރިއަރުވައި، އިޞްލާޙު ކުރުމުގެ މަޝްރޫޢެއް މިހާރުވަނީ ސަރުކާރުން ރާވައިފައި. އަދި އެ މަޝްރޫޢުގެ ދަށުން މިހާރު ރާއްޖެތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އެބަދޭ. ގާތްގަނޑަކަށް ކޮންމެ ރަށެއްގައިވެސް ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަންވެފައި އެބަހުރި. ހަމަކޮންމެ ރަށެއްގައިވެސް މިސްކިތްތައް ހުންނަނީ، ނުވަތަ އެރަށުގެ މިސްކިތް ހުންނަނީ ވަރަށް ބޮޑަށް ބާވެފައި. ބައެއް ތަންތާނގައި މުޅިން ވީރާނާވެފައި. އެއްގޮތަކަށްވެސް ނަމާދުކޮށް އުޅޭވަރަށްވުރެ މާ ހިތާމަވެރި ދަރަޖައަކަށް ވެއްޓިފައި. ރަށްރަށުގެ އޮފީސްތައްވެސް ހުންނަނީ ހަމަ އެފަދަ ގޮތަކަށް. ރަށްރަށުގައި ކިޔަވައިދޭ މަކްތަބުތައް އަދި އެއަށްވުރެވެސް ދެރަހާލެއްގައި. ބައެއް ތަންތާނގައި ކިޔަވައިދޭ އެއްވެސް ތަނެއް ނުވެސްހުރޭ. އެހެންގޮސް ރާއްޖެތެރެވަނީ ހުރިހާގޮތަކުންވެސް ރަނގަޅުކުރަންވެފައި. އިޞްލާޙުކުރަންވެފައި. ތަރައްޤީ ކުރަންވެފައި. އެކަންތައްތައް ހުރިހާ ރަށެއްގައިވެސް އެގޮތަށް ހުރުމާއެކު، ސަރުކާރުން އެއްފަހަރާ ހުރިހާކަމެއް ނުކުރެވޭނެތީ، މިދެންނެވި މަޝްރޫޢުގައި ކަނޑައެޅިފައި އޮތީ އެންމެ ފުރަތަމަ އެހީއަށް ބޭނުންވާކަމަށް ސަރުކާރަށް ފެންނަ ރަށްރަށަށް އެހީވާގޮތަށް. މިސާލަކަށް މިސްކިތްތައް އިމާރާތް ކުރުމުގައިވެސް އެންމެ ބޮޑަށް މިސްކިތްތައް ބާވެ، ހަލާކުވެ، ވީރާނާވެފައިވާ ރަށްރަށުގައި އެންމެ ފުރަތަމަ މިސްކިތްތައް އިމާރާތް ކުރާގޮތަށް. އޭގެފަހުގައި ދެންހުރި ރަށްރަށުގައި އެމަސައްކަތް ކުރިޔަށްގެންދާގޮތަށް. އެގޮތުން ހިރިލަންދޫއަށްވެސް މި މަޝްރޫޢުގައި ބައެއް ކަންތައް ހަމަޖެހިފައިވޭ. އޭގެތެރެއިން އެއްކަމަކީ މި ރަށުގައި މިސްކިތެއް އާދެ، ހުކުރު މިސްކިތެއް އިމާރާތްކުރުން. އެކަން އަދިއޮތީ ނުފެށި. އެއީ މިދެންނެވި އުސޫލުގެ މަތިން މިރަށާ އަދި ނުޖެހޭތީ. އެހެން ނަމަވެސް އެ މަޝްރޫޢުގެ ދަށުން މިއަންނަ އަހަރުނަމަވެސް، އެކަންތައް އިރާދަކުރެއްވިއްޔާ ކުރެވޭނެ.


އާދެ، އޭގެ އިތުރުން މިރަށުގައި ހިނގަމުންދާ މަކްތަބަށް ސަރުކާރުން އެހީވެދިނުން އެއީވެސް އެމަޝްރޫޢުގެ ދަށުން ހިނގަމުންދާ ކަމެއް. އެއީ އަޅުގަނޑު މިދެންނެވި މަޝްރޫޢުގައި ތަޢުލީމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައިވޭ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގާގޮތަށްވަނީ ހަމަޖެހިފައި. މި އަތޮޅުގައިވެސް. މަދަރުސާ ހިނގަމުން އެބަދޭ، ކޮންމެ އަތޮޅެއްގައިވެސް. މިއަތޮޅުގެ މަދަރުސާ މިހާރު ހިނގަމުން އެބަދޭ. އެ މަދަރުސާގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ ސަރުކާރުން. އެއީ މީގެކުރިން އޮތްގޮތެއްނޫން. އެހެން ނަމަވެސް މިހާރު ތަޢުލީމުގެ ޚިދުމަތް އެއީ މުޅިރާއްޖެއަށް ފެތުރެންވާނެ ޚިދުމަތެއްކަމަށް ސަރުކާރުން ގަބޫލުކުރާތީ، ސަރުކާރުގެ ފަރާތުން މިދެންނެވި މަދަރުސާތައް ރާއްޖެތެރޭގައި ހުޅުވައި އެތަންތަން ހިންގަމުން ގެންދަނީ. އޭގެއިތުރުން އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި ކޮންމެ އަތޮޅެއްގައިވެސް ތަޢުލީމީ މަރުކަޒެއް އުފައްދައި، އެމަރުކަޒު ހިންގާގޮތަށްވެސް ވަނީ ހަމަޖެހިފައި. މިހާރު ރާއްޖެތެރޭގެ ވަރަށް ގިނަ އަތޮޅުގައި އެފަދަ މަރުކަޒުތައް ހިނގަމުން އެބަދޭ. ކުރިޔަށް އޮތްތާނގައި ދެންހުރި އަތޮޅުތަކުގައިވެސް އެފަދަ މަރުކަޒުތައް ޤާއިމުކުރެވޭނެ. އަދި އޭގެއިތުރުންވެސް ބައެއް މަދަރުސާ ސަރުކާރުން ހަދާގޮތަށްވަނީ ހަމަޖެހިފައި. ބައެއް ތަންތާނގައި އެފަދަ މަދަރުސާތައް މިހާރު ހެދެމުންވެސް އެބަދޭ.

 

އާދެ، ކޮންމެއަކަސް މިދެންނެވި އުސޫލުގެ މަތިން ސަރުކާރުން، ރާއްޖެތެރޭގައި ދިރިއުޅޭ ކިޔަވާ ޢުމުރުގެ ކުދިންނަށް ކޮންމެވެސް ފެންވަރަކަށް ތަޢުލީމު ހާސިލުކުރެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެންމެ ބޮޑަށް ސަމާލުކަން ދެވިފައިވާ ކަންތައް. އާދެ، މިދެންނެވި މަދަރުސާތަކުގެ އިތުރަށް، މެދުނުކެނޑި ގިނަދުވަސް ވަންދެން ހިންގައިފައި ހުންނަ މަކްތަބުތަކަށާއި މަދަރުސާތަކުގެ އިތުރަށްވެސް ސަރުކާރުން މިހާރު ގެންދަނީ އެހީވަމުން. އެ އުސޫލުން މިރަށުގައި ހިނގަމުންދާ މަކުތަބުލް އަންވާރަށް، ސަރުކާރުގެ ފަރާތުން މިހާރު ދަނީ އެހީ ލިބެމުން. ތަޢުލީމަކީ އަޅުގަނޑުމެން މިވަގުތު އެންމެ ބޮޑަށް އަހަންމިއްޔަތު ދޭންޖެހޭނެ ޚިދުމަތް. ތަޢުލީމަކީ އެއާނުލައި އަޅުގަނޑުމެންގެ ރާއްޖެ ކުރިޔަށްނުދާނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ އެކަންޏެއްނޫން. ދުނިޔޭގެ އެއްވެސް ޤައުމެއް ކުރިޔަށްދާނީ އެޤައުމުގެ ދަރިންނަށް އެދެވޭ ފެންވަރަކަށް، އެކަށީގެންވާ މިންވަރަކަށް ތަޢުލީމު ހާސިލުކޮށްދެވިގެން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމަކީވެސް ތަރައްޤީގެ މަގުގައި އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށްދާން ބޭނުންވާ ޤައުމަކަށްވާތީ މިއަދު އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހެނީ ތަޢުލީމަށް. އާދެ، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުމަށް. އެއީ ހަމައެކަނި ޤައުމީ ޚިދުމަތެއްނޫން. އެއީ ދީނީ ޚިދުމަތެއްވެސްމެ. ދީނުގައިވެސް އަންގަވައިފައިވަނީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިންނަށް ދީނުގެ ކަންތައްތައް ދަސްކޮށްދޭންޖެހޭނެ ކަމަށް. އެހެންވީމާ، ކޮންމެ މަންމައަކާއި، ކޮންމެ ބައްޕައެއްގެ މަސްއޫލިއްޔަތަކަށްވޭ، ދީނީގޮތުންވެސް އަދި ޤައުމީގޮތުންވެސް އެމީހުންގެ ދަރިންނަށް އެދެވޭ ފެންވަރަކަށް ކިޔަވައިދިނުން. ސަރުކާރުގެ ހަރަދުގައި މާގިނަ މަދަރުސާތަކެއް ހިންގޭކަށް ނޯންނާނެކަން، މިރަށުގެ ރައްޔިތުންނަށްވެސް ގަބޫލުކުރެއްވޭނެ.


އާދެ، އެއީ ސަރުކާރަށް ލިބޭ އާމްދަނީ އެއީ މާބޮޑު އެއްޗަކަށް ނުވާތީ. އަނެއްކާ މަދަރުސާތައް ހިންގުމުގެ ހަރަދު އެއީވެސް ވަރަށް ބޮޑު އެއްޗަކަށްވާތީ. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން އަތޮޅުތަކުގައި އެއް މަދަރުސާ، ނުވަތަ ދެ މަދަރުސާ ނުވަތަ ތިން މަދަރުސާ ސަރުކާރުގެ ހަރަދުގައި ހިނގާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އޭގެއިތުރުން ދެން ރަށުގައި ހުރި ތަންތަން އަދި ސަރުކާރުން ހަރަދުދީގެން، ހުރިހާ ހަރަދެއް ދީގެން ހިންގޭކަށްނެތް. އެހެންވީމާ، އެހެން އެކަން ހަމަޖެހެން ނެތް ރަށްރަށުގައި، އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެމަސައްކަތްވާނެ ކުރިޔަށް ގެންދަވަން. އެމަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ގެންދަވާ ކަމަށްވަންޏާ، ސަރުކާރުން އެކިއެކި ޢިނާޔަތް ލިބެމުންދާނެ. އާދެ، މިރަށުގައި އެވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނޭ. މިރަށުގެ ރައްޔިތުން މިހާރުވެސް ތަޢުލީމަށް ބަހައްޓަވާ ޝައުޤުވެރިކަމެއްގެ ސަބަބުން މިރަށުގައި ހިނގަމުންދާ، [މަކްތަބުލް އަންވާރު] ދިހަ އަހަރަށްވުރެ ގިނަދުވަހު ހިނގާފައިވާތީ ސަރުކާރުގެފަރާތުން އެހީލިބޭ މަދަރުސާއެއް އެއީ.


ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި މިދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ކަންތައްތައް ހިމެނިފައިވޭ. ބައެއް ރަށްރަށުގެ ފަޅު ކޮނުން، ނެރުގޮއްވުން. އެހެންގޮސް އެރަށްރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް. ފަޅު ކޮނުން ހަމަޖެހިފައިވާ ގޮތަކީ ރަށުގެ ރައްޔިތުން އެދުމުން، ސަރުކާރުން ހަރަދު ދީގެން ރައްޔިތުން އެކަންކުރާގޮތަށް. އެއީ އެގޮތަށް ދަތިވެފައިވާ ރަށްރަށަށް. ނެރުގޮއްވުމަކީ ރައްޔިތުންނަށް ވާވަރަށްވުރެ ބޮޑު ކަމަކަށްވާތީ އެކަންތައް ހަމަޖެހިފައި އޮންނަނީ ސަރުކާރުގެ ފަރާތުން ކޮށްދޭގޮތަށް. އެހެންނަމަވެސް، އެކަންކުރަން ތިބޭ ބަޔަކީ އެއްބަޔަކަށްވެފައި، އެކަމުގައި ގެންގުޅޭ ސާމާނުތައް އެއީވެސް އެއްބައެއްގެ ދަށުގައި ނުވަތަ ސަރުކާރުގެ އެއްފަރާތެއްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެއްޗަށްވާތީ، އެކަން ކުރެވެން އޮންނަނީވެސް ފަހަރަކު ރަށެއްގައި. މިހާރުވެސް އެމަސައްކަތް ދަނީ ކުރެވެމުން، ފޯއްމުލަކުގައި. އޭގެފަހުގައި އެހެން، ބައެއް ރަށްރަށަށް އެ މަސައްކަތް ކުރަން ފޮނުވޭނެ. މީގެކުރިން މާލޭން އުތުރުގެ އެއް އަތޮޅެއްގައިވަނީ އެމަސައްކަތްކޮށް ނިމިފައި. އާދެ، އެކަންވެސް ދަނީ ހިނގަމުން.


އާދެ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީކުރަން ބޭނުންވާއިރު އަދި ތަރައްޤީގެ މަގުގައި ފިޔަވަޅުތައް އަޅަމުންދާއިރު އެންމެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ އަނެއްކަމަކީ، އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުން. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރުން. އެރޮނގުން އަޅުގަނޑުމެން ކުރަންޖެހޭނެ އެންމެ ބޮޑު މަސައްކަތަކީ އާމްދަނީ ލިބޭކަހަލަ މަސައްކަތްތައް ކުރުން. ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަން. މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް ކުރައްވާ މަސައްކަތަކީ މަސްވެރިކަން. އެހެންވީމާ، މަސްވެރިކަން ކުރިޔަށް ގެންގޮސް މަސްވެރިކަމުން ލިބޭ އެއްޗެއް އިތުރުކުރުމަކީ އަޅުގަނޑުމެން ކޮންމެހެން މިހާރު ކުރަންޖެހޭނެކަމެއް. ސަރުކާރުގެ ފަރާތުން މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި އަދި މަސްވެރިކަމުން މަސްވެރިންނަށާއި ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ތަފާތު ގިނަ މަޝްރޫޢުތައް ރާވައިގެން އެ މަޝްރޫޢުތަކުގެ ދަށުން މަސްވެރިކަން ކުރިޔަށް ގެންދެވޭތޯ ސަރުކާރުން އެބަ މަސައްކަތްކުރޭ. އޭގެތެރެއިން އެއްކަމެއް، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. އެކަމަކީ މިހާރު ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާކަމެއް. މިހާރުވެސް އިތުރަށް ސަރުކާރަށް އިންޖީނު ލިބިފައި ހުރުމާއެކު، އަލުން އިންޖީނަށް އެދުމުގެ ދޮރުވަނީ ސަރުކާރުން ހުޅުވައިފައި. މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ފިޝަރީޒުން އެކަންވަނީ އިޢުލާނު ކުރައްވައިފައި. އަދި ގަވާއިދުން ފޯމު ފުރައިގެން، އެފޯމު މިނިސްޓްރީ އަށް ފޮނުވާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އިންޖީނު ލިބޭގޮތްވެސް ވަނީ ތަނަވަސްވެފައި.


އާދެ، އެއީ މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް. އޭގެއިތުރުން ކޮންމެ އަތޮޅެއްގައިވެސް ބައެއް ރަށްރަށުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. ކޮންމެ އަތޮޅެއްގައިވެސް ދެރަށެއްގައި ނުވަތަ ތިން ރަށެއްގައި ހުންނާނެ މިހާރު ތާނގީތައް ބެހެއްޓިފައި. ސަރުކާރުގެ ފަރާތުން ތައްޔާރުކޮށް ފޮނުވައިފައިވާ ތާނގީތައް. އެއަށް ތެޔޮ ލިބުމުގެ އިންތިޒާމު މިހާރު ދަނީ ހަމަޖެހެމުން. ބައެއް އަތޮޅުތަކުގައި ތާނގީތަކަށް މިހާރު ތެޔޮ ލިބެމުންވެސްދޭ. އަނެއްބައި އަތޮޅުތަކަށް އަދި ނުފޮނުވެނީ. އެހެން ނަމަވެސް އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިޔަށްދާނެ. އާދެ، އޭގެ ބޭނުމަކީ މަސްދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް އެމީހުން ބޭނުންވާ އަދަދަށް ތެޔޮ ލިބެން ހުރުން. މަސްވެރިކަން ކުރިޔަށް ގެންދިއުމުގެ ގޮތުން އެނޫން އެހެން ކަންތައްތައްވެސް ސަރުކާރުން ކުރަމުންގެންދޭ. އަޅުގަނޑުގެ ނަޞޭޙަތަކީ ސަރުކާރުން އެކުރާ ކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުން އެއްބާރުލެއްވުން. ރައްޔިތުންގެ އެއްބާރުލެއްވުން ނުލިބި އެއްވެސްކަމެއް ކާމިޔާބެއް ނުވާނެ. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ސަރުކާރުން އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުމަށްޓަކައި މިކުރާ މަސައްކަތްތަކުގައި ފިސާރި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު، ރައްޔިތުން ބައިވެރިވުމަކީ ހަމަކޮންމެހެން ބޭނުންކަމެއް. ރައްޔިތުންގެ އެއްބާރުލެއްވުންނެތި، އެއިން އެއްވެސްކަމެއް، އެއިން އެދެވޭ ނަތީޖާއެއް ހޯދައެއްނުދޭނެ.


އާދެ، މަސްވެރިކަން ފިޔަވައި ދެންހުރި ކަންތައްތައް އެއީވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ވާނެ ކަންތައްތަކެއް ނޫން. އިހުމާލުކޮށްލައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މަސައްކަތްތައްވެސް ވެވުނު ވަރަކުން ކުރަންވާނެ. އޭގެބޭނުމަކީ އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކުރުން. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރުން. އެހެންވީމާ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެރަށެއްގައި ކުރެވެންހުރި އެހެން މަސައްކަތްތައްވެސް ކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ބާރުއަޅަން. އެއީ ފަސްގަނޑު ރަނގަޅު ރަށެއްނަމަ، ދަނޑުހެއްދުމުގެ މަސައްކަތް ކުރުން. އެހެންނޫންނަމަ ރަށުގައި ތިބެގެން ކުރެވޭ އެހެން ބާވަތްބާވަތުގެ މަސައްކަތް ކުރަމުން ގެންދިއުން. ޚާއްޞަކޮށް، މަހަށްނުގޮސް ތިބޭ މީހުން. މަހަށް ދާނީ ރަށުގެ އެންމެންނެއް ނޫން. އެނޫން މީހުން ތިބެނީ ރަށުގައި. އެހެން ތިބޭއިރުވެސް އާމްދަނީއެއް ލިބޭ ކަހަލަ ކޮންމެސް މަސައްކަތެއް ކުރުން އެއީ ވަރަށް ބޭނުންތެރި ކަމެއް. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ މިހާރު އެދެވިގެންވާ ކަމެއްނޫން. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުވެސް ގަބޫލުކުރާކަމެއް ނޫން. ކޮންމެ މީހަކުވެސް ބަލަންވާނީ އެމީހަކު އެކުރާ މަސައްކަތަކުން ދިރިއުޅެވޭތޯ. މަސައްކަތެއްނުކޮށް އެހެން މީހުންގެ އެހީގައި ދިރިއުޅުން އެއީ ރީތިކަމެއް ނޫން. އެދެވިގެންވާ ކަމެއްވެސް ނޫން. ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހަކަށް އެކަށީގެންވާ ފެންވަރަކަށް ދިރިއުޅެވޭނެގޮތް ހަމަޖެހުން. އެކަން ހަމަޖެހޭނީ އެމީހަކު އެކުރާ މަސައްކަތްތައް އިތުރުކޮށްގެން. އަދި ތެދުވެރިކަމާއެކު މަސައްކަތްކޮށްގެން މަސައްކަތުގައި ގިނަވަގުތު ހޭދަކޮށްގެން އެމީހަކަށް ލިބޭ އެއްޗެއް އިތުރުކޮށްގެން. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ހިރިލަންދޫގެ ރައްޔިތުންވެސް އެއްވެސްމީހަކު މަސައްކަތެއްނުކޮށް ނުހުރެ، ހަމަކޮންމެ މީހަކުވެސް، ކޮންމެވެސް ބާވަތެއްގެ މަސައްކަތެއް ކުރަމުން ގެންދިއުން. އެމަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުން. އޭރުން އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށްދާނީ، ތަރައްޤީވާނީ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާނީ.


އާދެ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރާއިރު އަޅުގަނޑުމެންނަކީ މުސްލިމުންކަމާއި، އަޅުގަނޑުމެންނަކީ ދިވެހިންކަން، ފަހަރެއްގައިވެސް ހަނދާން ނައްތައިލައިގެން ނުވާނެ. އެހެންވުމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން އެއީވެސް މުސްލިމް ޖަމާޢަތެއްގެ މެދުގައި އޮންނަންވާފަދަ ގުޅުމަކަށް ހަދަންވާނެ. އެންމެން އެކުވެރިވުން، އެންމެން އެއްބާރުލުން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން، ކޮންމެމީހަކުވެސް އެހެންމީހުންނަށް ކަމޭހިތުން، އިޙުތިރާމުކުރުން، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުން، އެއްވެސްކަހަލަ މައްސަލައެއް ނުވަތަ ފިތުނައެއް އުފެދޭކަހަލަ ކަމެއް ނުކުރުން. މިގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަންވާނީ. އެއީ އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި اللّـه سبحـانـه وتعـالى ލައްވައިފައިވާތީ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ. އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި އެކަލާނގެވަނީ ލައްވައިފައި. އަދި އަޅުގަނޑުމެންނަކީ އެއްޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ، އެގޮތުންވެސް އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ﷲ ވަނީ ލައްވައިފައި. އެހެންވީމާ، އެގޮތް ފިސާރި ރަނގަޅަށް، ހަމަ ކޮންމެ މީހަކުވެސް ވަޒަން ކުރަންވާނެ، ދަންނަންވާނެ. އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން އެހެން މީހަކަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް، ގެއްލުމެއް ލިބިގެނެއް ނުވާނެ. އެއްވެސް މީހަކު ކުރާ ޢަމަލަކުންވިޔަސް އަދި ބުނާ ބަހަކުންވިޔަސް އެހެން މީހަކަށް އެއްވެސް އުނދަގުލެއް، އަނިޔާއެއް ލިބިގެނެއް ނުވާނެ. އެއީ އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައިވާތީ. ކޮންމެމީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށާއި، އަމިއްލަ މުދާތަކަށް ރައްކާތެރިވާފަދައިން، އެހެން މީހުންގެ ޙައްޤުތަކަށާއި، މުދާތަކަށްވެސް ރައްކާތެރިވާންވާނެ. އެހެން މީހުންނާ ދޭތެރޭގައި ކަންތައް ކުރަންވާނީ، އެމީހުން ތިމާޔާ ދޭތެރޭގައި ކަންތައްކުރަން ތިމާ އެދޭގޮތަށް.


އެހެންވީމާ، މިދެންނެވި އުސޫލުތަކުގެ މައްޗަށް ވިސްނަވައިގެން، އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ އަޅުގަނޑުގެ ނަޞޭޙަތެއް. ރާއްޖެތެރެއަށް އަޅުގަނޑު މިކުރާ ދަތުރުތަކުގައި، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހަމަ މިނަޞޭޙަތް ހަމަ މިގޮތަށް އަޅުގަނޑު ރައްދުކުރަން. އަޅުގަނޑު ޔަޤީންކުރަން، އަޅުގަނޑު މިދެންނެވި ގޮތުގެ މައްޗަށް ވިސްނަވައި އެއާ އެއްގޮތަށް މިރަށުގެ ރައްޔިތުންވެސް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެގޮތަށް ޢަމަލުކުރައްވަމުން ގެންދަވަންޏާ، އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވާނެ. އަދި އަޅުގަނޑުމެންނަށް ތަނަވަސްކަމާއި ބާއްޖަވެރިކަމާއި، ހަމަޖެހުމުން ފުރިފައިވާ ޙަޔާތެއް ދައްކަވާނެ.


والسّلام عليكم ورحمـة اللّـه وبركاته.