بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.

ހައްދުންމައްޗަށް އަޅުގަނޑުކުރި ދަތުރު ނިމިގެން މިއަދު މިފެށީ ތިޔަބޭފުޅުންގެ މިއަތޮޅަށް، އާދެ، ކޮޅުމަޑުލަށް ކުރާ ދަތުރު. އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެނީ، ކިނބިދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި ހިތުގެ އެންމެ ފުންމިނުން ކިނބިދޫގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރުން.

އަޅުގަނޑު މިއަދު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު، އެކަމަށްޓަކައި ވަރަށް ފުރިހަމައަށް ރަށުތެރެ ތައްޔާރު ކުރައްވައިފައިވާކަން ފެންނަން އެބަހުރި. އަޅުގަނޑުމެން މި ޖަލްސާކުރާ ދަރުބާރުގެވެސް އެހާ ފުރިހަމަކޮށް ތައްޔާރު ކުރައްވައިފައި މިވަނީ. އޭގެއިތުރުން މަރުޙަބާގެ އެކިއެކި ޝުޢޫރުތައް ފާޅުކުރައްވައިފައިވާ ޢިބާރާތްތަކާއި އަދި އެނޫން ގޮތްގޮތުންވެސް ރަށުތެރެ ރީތިކުރައްވައި، ޒީނަތްތެރި ކުރައްވައިފައިވާ ފުރިހަމަކަމުގެ މިންވަރު އަޅުގަނޑުމެންނަށް، މިދަތުރުގައި އަޅުގަނޑާ އެކުގައިވި އެހެން ބޭފުޅުންނަށާއި އަޅުގަނޑަށް އިހުސާސްކުރެވޭ. ކޮންމެއަކަސް މިބާވަތުގެ ކަންތައްތައް މިހެން ހުރުމަކީ، ކޮންމެހެން އަޅުގަނޑު ބޭނުންވާ ކަމެއް ނޫން. އަޅުގަނޑު ރާއްޖެތެރެއަށް މިދަނީ ފަހަރެއްގައިވެސް ރާއްޖެތެރޭގެ ރައްޔިތުން، އަޅުގަނޑު ދާ ދިޔުން ފާހަގަކުރެއްވުމަށްޓަކައި ހަރަދުތަކެއް ކުރެއްވުމެއް ނޫން. އަދި އިތުރު މަސައްކަތްތަކެއް ކުރެއްވުމެއްވެސް ނޫން. ވަގުތުތަކެއް ހޭދަކުރެއްވުމެއްވެސް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލުން. އަދި އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައްވެސް އެއީ ކޮންކޮން މަސައްކަތެއްތޯ ހޯދައި، ދިރިއުޅުމަށް އެޅިފައިވާ ހުރަސްތަކާއި، އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަންތައްތަކާ، މިބާވަތުގެ ކަންތައްތައް ހޯދައި، އެކަންކަމުގައި ސަރުކާރުން އެހީވެދިނުން. ސަރުކާރުން ވެވެން އޮތް ވަރަކަށް އެހީވެދިނުން. އެ މަޤްޞަދުގައި އަޅުގަނޑު މި ދަތުރުތައް ފެށީ މީގެ ތިން އަހަރު ކުރިން. ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ އަދަދު ގިނަކަމާއި، އަޅުގަނޑުގެ ވަގުތުވެސް ހުންނަ ގޮތުންނާއެކު، ތިން އަހަރުވީއިރުވެސް އަދި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށްރަށަށް އަޅުގަނޑަށް މިވަނީ ނުދެވި.

ކޮންމެއަކަސް ކިނބިދޫގެ ރައްޔިތުންގެ ފަރާތުންވެސް މި ފެނިގެންދިޔަ މަންޒަރުތަކަކީ، އަދި ރައްޔިތުން ކުރައްވައިފައިވާ މަސައްކަތްތަކަކީ، ދިވެހި ސަރުކާރާމެދު މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރެއްވުމުގެ ގޮތުން ކުރައްވައިފައިވާ މަސައްކަތްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، ރަށުގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ރާއްޖެތެރެއަށް މީގެކުރިން އަޅުގަނޑުކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަދި ސަރުކާރުގެ އެހެން ވެރިންވެސް ރާއްޖެތެރެއަށް ކުރެއްވި ދަތުރުތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ކުރިއެރުވުމުގެ މަޝްރޫޢެއް މިހާރުވަނީ ރޭވި، އެ މަޝްރޫޢުގެ ދަށުން މަސައްކަތްތައް ކުރަން ފެށިފައި. އާދެ، އެ މަޝްރޫޢު ފެށުނުތާ މިހާރު ތިން އަހަރުދުވަސް ވެއްޖެ. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ ކަންތައްތައް ރާއްޖެތެރޭގައި މިހާރު ކުރެވެމުން އެބަދޭ. އޭގެ އެންމެ ކުލަގަދަ އެއް މިސާލެއް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަވެގެން އެދިޔައީ. އާދެ، މިރަށުގެ ހުކުރު މިސްކިތް [މަސްޖިދުއް ސިޔާދަތު] ހުޅުވުމުގެ ކަންތައް އެއީ އަޅުގަނޑު ދަންނަވާނީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން ފުރިހަމަ މިސާލެކޭ. މީގެކުރިން ރާއްޖެތެރޭގައި މިބާވަތުގެ ކަންތައްތަކަށް ސަރުކާރުން މާބޮޑު އެހީތަކެއް ވަމުން ގެންގޮސްފައެއްނުވޭ. ރާއްޖެތެރޭގައި ކުރާ ކޮންމެ ކަމެއް އޮންނަނީ ރާއްޖެތެރޭގެ ރައްޔިތުން ކުރާގޮތަށް. އެއީ މިސްކިތްތައް ބިނާކުރުން ކަމުގައިވިޔަސް، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުން ކަމުގައިވިޔަސް، އެއީ މަދަރުސާތައް ހުޅުވުން ކަމުގައިވިޔަސް، ތަޢުލީމު ހާސިލުކޮށްދިނުން ކަމުގައިވިޔަސް، އަދި އެނޫން ކަންތައްތައްވެސް ރައްޔިތުން އަމިއްލައަށް، ރައްޔިތުންގެ އަމިއްލަ ހަރަދުގައި ކުރާގޮތަކަށް މީގެކުރިން އޮތީ. އެކަމަކު އެއީ ހަމަޖެހޭގޮތެއް ކަމަށް އަޅުގަނޑަށް ނުވިސްނޭތީ، މިހާރު ސަރުކާރުގެ އުސޫލަކަށް ހަދައިފައިވަނީ، ސަރުކާރުން ވެވެންއޮތް އެހީއެއް މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންނަށް ވަމުން ގެންދިޔުން. އޭގައި މާލެއާއި ރާއްޖެތެރެ އެއްވެސްގޮތަކުން ތަފާތު ނުކުރުން.

އާދެ، މިހެން ދަންނަވާއިރު އަޅުގަނޑަށްވެސް އިހުސާސްކުރެވޭ، މާލެއަކީ، ރާއްޖޭގައި އަދި ރާއްޖޭގެ ވެރިކަންކުރާ ރަށްކަން. އެހެންވުމާއެކު، މާލެއަށް ޚާއްޞަގޮތެއް އޮންނަންވާނެކަން. ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ވެރިކަން ކުރާ ރަށަށް ޚާއްޞަގޮތެއް އޮވޭ. ވަކިފެންވަރަކަށް އެތާނގެ ޚިދުމަތްތަކާއި ކަންތައްތައް ހުންނަންޖެހެނީ. އެގޮތުން މާލެއަށްވެސް އެކަންތައްތައް އެހެން ހަމަޖެހިފައި އޮންނާނެ. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކަޔަކީ، އެކަން އެހެން އޮތުމުގެ އިތުރަށް ރާއްޖެތެރެ ތަރައްޤީކޮށް، ރާއްޖެތެރެ އިޞްލާޙުކޮށް، ރާއްޖެތެރޭގައިވެސް ދައުލަތުން ދޭންޖެހޭ ޚިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދިނުން އެއީ، ސަރުކާރުގެ މަސްއޫލިއްޔަތެކޭ. އެގޮތުން މިހާރު ސަރުކާރުން މިދެންނެވި މަސައްކަތްތައް ރާއްޖެތެރޭގައި ކުރަމުން މިގެންދަނީ. އެކިރަށްރަށުގައި، މިސްކިތް ނެތް ތަންތާނގައި ނުވަތަ މިސްކިތް ނެތޭ ދަންނަވާހާ ދަރަޖަޔަށް މިސްކިތްތައް ވީރާނާވެގެން ހަލާކުވެގެން ގޮސްފައިވާ ތަންތާނގައި އަލުން މިސްކިތްތައް އިމާރާތްކޮށްދިނުން. މިސްކިތް ބާވެފައިވާ ތަންތާނގައި، އެހެންނަމަވެސް އެ މިސްކިތް މަރާމާތުކޮށްގެން އަދި ބޭނުންކުރެވޭ ހިސާބުގައި ހުރި މިސްކިތްތައް މަރާމާތުކޮށްދިނުން. ރަށްރަށުގެ އޮފީސްތަކަށްވެސް ހަމަ އެގޮތަށް. މުޅިން ބާވެ ހަލާކުވެގެން ގޮސްފައިވާ ތަންތާނގައި، އަލުން ރަށްރަށުގެ އޮފީސްތައް އިމާރާތްކޮށްދިނުން. މަރާމާތަށް ބޭނުންވެފައިވާ ތަންތާނގައި އެ އޮފީސްތައް މަރާމާތުކޮށްދިނުން. އޮފީސް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އޮފީސްތަކަށް މުވައްޒަފުން ލެއްވުމާއި، މިދެންނެވީ ރަށްރަށުގެ އޮފީހަށާއި އަދި އަތޮޅުއޮފީސްތަކަށް ބޭނުންވާ އަދަދަށް ނުވަތަ މިވަގުތު އިތުރުވެވެންހުރި މިންވަރަށް މުވައްޒަފުން އިތުރުކޮށްދީ، އެމީހުންގެ މުސާރަ ހަމަޖައްސައިދިނުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފައްދައި، އެ ކޯޓު ހިންގާނެ އިންތިޒާމު ހަމަޖެއްސުން. އަދި އޭގެއިތުރުންވެސް ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް. މިސާލަކަށް، ލަފައިފުރުމުގައި ދަތިކަން އިހުސާސްކުރެވޭ ރަށްރަށުގައި ނެރުގޮއްވުން، ފަޅުފުންކުރުން، މިބާވަތުގެ ވަރަށްގިނަ ކަންތައްވެސް، މިދެންނެވި މަޝްރޫޢުގެ ދަށުން މިހާރު ހިނގަމުން އެބަދޭ.

އާދެ، ކިނބިދޫއަކީވެސް ނެރުގޮއްވަން ބޭނުންވެފައިވާ ރަށެއް. އެހެންނަމަވެސް، ކަން ދިމާވެފައިވާގޮތަކީ، ރާއްޖެތެރޭގައި ވަރަށް ގިނައިން އެބަހުރި މިކަހަލަ ރަށްރަށް. ކޮންމެވެސް އެއްދިމާއަކުން މަސައްކަތް ފެށެން އަންނަނީ. އެ މަސައްކަތުގައި ގެންގުޅޭ މެޝިން އެއީ އެންމެ އެއްޗެއް. އަދި އެ މަސައްކަތް ދަންނަ ތިބީވެސް އެއްބައެއް. އެހެންވީމާ، އެމީހުން ލައްވައި އެ މަސައްކަތް ކުރުވާއިރު، އެމީހުންނަށް އެ މަސައްކަތް ކުރެވެން އަންނަނީ ފަހަރަކު ރަށެއްގައި. މިހާރު ނެރުގޮއްވުމުގެ މަސައްކަތް ކުރަމުން އެގެންދަނީ ޏ. އަތޮޅުގައި. އާދެ، ފޯއްމުލަކުގައި. އޭގެފަހުން އިރާދަކުރެއްވިއްޔާ، އެހެން ތަންތަނަށްވެސް އެމީހުން ގޮސްގެން، އެ މަސައްކަތް ކުރަމުން ގެންދާނެ. އޭގެކުރިން ރާއްޖޭގެ އުތުރުގެ އަތޮޅެއްގައިވެސް އެ މަސައްކަތް ކޮށްފި. އެ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެއް. ވަރަށްގިނަ ދުވަހުން ކުރެވޭ ކަމެއް. އަނެއްކާ ވަކި މޫސުމެއްގައި ނޫނީ ނުކުރެވޭކަހަލަ ކަމެއް. އެހެންވީމާ، ސަރުކާރުން ގަސްދުކުރި ކަމުގައިވިޔަސް އަދި ކިތަންމެ ބޮޑަށް މަސައްކަތްކުރި ކަމުގައިވިޔަސް، އެދެވޭހާ ހަލުވިކަމާއެކު އެކަންތައް ނުދަނީ. ކޮންމެއަކަސް މިރަށަށްވެސް އެކަން ހަމަޖެހިފައި އޮތުމުން، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިރާދަކުރެއްވިއްޔާ މިރަށުގައިވެސް އެ މަސައްކަތް ހިނގާނެ.

އާދެ، ތަޢުލީމާ ބެހޭގޮތުން ހުރިހާ ރަށްރަށެއްގައިވެސް އަޅުގަނޑު ވާހަކަ ދައްކަމުން ގެންދަން. އެ ސަބަބަކީ އަޅުގަނޑުމެންގެ ކުރިއެރުމުގެ އެންމެ ފުރަތަމަ ހަރުފަތަކަށް ވަނީ ތަޢުލީމު ކަމުގައިވާކަން. އަޅުގަނޑުމެން އެކަންޏެއް ނޫން. ދުނިޔޭގެ ކޮންމެ ޤައުމެއްގެވެސް އެއްވެސް ޤައުމެއް ތަޢުލީމާ ނުލައި ކުރިޔަކަށް ނުދާނެ. ތަޢުލީމޭ ބުނުމުން އެއީ، އޭގެ މާނަޔަކީ ހަމައެކަނި މަދަރުސާތަކުގައި ކިޔަވައިދޭ ކިޔަވައިދިނުމެއް ނޫން. ފޮތްތަކުން އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތު އެކަންޏެއް ނޫން. އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ތަޢުލީމޭ އަޅުގަނޑު މިދަންނަވަނީ. ތަޢުލީމަކީ، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއްގެ މަޢުލޫމާތާއި ތަޖުރިބާ ހޯދުން. އޭގެ އެންމެ ފުރަތަމަ ގޮތަކީ މަދަރުސާއަށް ދިޔުން. އެއީ ވަކި ޢުމުރެއްގެ ކުދިންނަށް އެކަން އޮންނަނީ. އެހެންވީމާ، ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ މަދަރުސާތަކެއް ހުޅުވައިގެން ހިންގުން އެއީ ތަޢުލީމު ކުރިއަށް ގެންދިޔުމުގެ އެންމެ ފުރަތަމަ ފިޔަވަޅު. މިހާރު ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ އެއް މަދަރުސާ ހުންނާނެ. މަދުވެގެން އެއްތަން. އާދެ، 1978 ގެ ކުރިން އެކަން އޮތީވެސް އެގޮތަކަށް ނޫން. އެހެންނަމަވެސް، ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ނުވަތަ ކިޔެވުމުގެ ފުރުޞަތު އެއީ ސަރުކާރުން އެ ޢުމުރުގެ ކުދިންނަށް ހޯދައިދެވޭތޯ މަސައްކަތް ކުރަންޖެހޭނެ ފުރުޞަތަކަށްވާތީ، މިހާރު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްލައި، ރާއްޖެތެރޭގައިވެސް ސަރުކާރުގެ ހަރަދުގައި އެކިއެކި މަދަރުސާތައް ހިންގާގޮތަށް ވަނީ ހަމަޖެހިފައި.

އާދެ، ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާގެ ނަމުގައި މިހާރު މަދަރުސާއެއް ހިނގަމުން އެބަދޭ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި ވަރަށްގިނަ އަތޮޅުތަކުގައި އިތުރު މަދަރުސާތައް ހިނގަމުން އެބަދޭ. އެ މަޝްރޫޢުގެ ދަށުންވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒެއް އުފެދޭނެ. އޭގެއިތުރުން ބޭރުގެ ޤައުމެއްގެ އެހީގައި އިތުރު މަދަރުސާތަކެއް ރާއްޖެތެރޭގައި ހުޅުވެމުން އެބަދޭ. އެހެންވީމާ، ސަރުކާރުން ވަރަށްބޮޑު މަސައްކަތް އެބަކުރޭ، ވަރަށް ބޮޑެތި ހަރަދުތަކެއްވެސް އެބަކުރޭ، ތަޢުލީމު އިތުރުކުރުމަށްޓަކައި. މިދެންނެވި ކަންތައްތަކުގެ އިތުރަށް، ވަކި މުއްދަތެއް ވަންދެން އެބައެއްގެ އަމިއްލަ މަސައްކަތުން، އެބައެއްގެ އަމިއްލަ ހިންމަތާއި މިންނަތުން މަކްތަބުތަކާއި މަދަރުސާތައް ހިންގައިފައިވާ ފަރާތްތަކަށް ހިތްވަރުދީ އެހީވެދިނުމުގެ ގޮތުންވެސް ސަރުކާރުން މިހާރު އެހީތައް ދެމުން އެބަގެންދޭ.

އާދެ، މިރަށުގެ މަކްތަބު އެއީވެސް މިދެންނެވި އެހީ ލިބެމުންދާ ތަނެއް. އެ މަކްތަބަކީ މިދެންނެވި ގޮތުގެ މަތިން 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި ހިނގާފައިވާ ތަނަކަށްވާތީ. އާދެ، އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މިރަށުގައި އެފަދަ މަކްތަބެއް ހުރުމުން، އެއިން ދޭހަކޮށްދެނީ ކިނބިދޫގެ ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމާ ދޭތެރޭގައި އުފެދިފައިވާ ލޯބި. އަދި މިރަށަކީ ތަޢުލީމަށް ލޯބިކުރާ، މިރަށުގެ ކިޔަވާ ކުދިންނަށް ތަޢުލީމު ހާސިލުކޮށްދިނުމުގެ ފުރުޞަތު ހޯދައިދޭން ބޭނުންވާ ރައްޔިތެއް ތިބި ތަނެއްކަން.

އާދެ، ކޮންމެއަކަސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބަޔަކުވެސް އެބައެއްގެ ރަށުގައި މަކްތަބެއް ހިންގޭތޯ މަސައްކަތް ކުރުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އެއީ ސަރުކާރުގެ ހަރަދުގައި ކޮންމެ ރަށެއްގައި މަދަރުސާއެއް ނުހިންގޭނެ. އެކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖެއަކީ ކުޑަކުޑަ ތަނެއް. ދިވެހި ސަރުކާރަށް ލިބޭ އާމްދަނީއަކީވެސް މާބޮޑު އެއްޗެއް ނޫން. އެހެންވީމާ، ކިހިނެއްތޯ ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގާނީ. އެއީ އަދި ވާނެވެސް ކަމެއްނޫން. މިހާރު ވާންއޮތް ކަމަކީ، ސަރުކާރުގެ ހަރަދުގައި، ކުރިން މިދެންނެވި މަދަރުސާތައް ހިންގުން. އޭގެއިތުރަށް ކިޔަވައިދިނުމަށް ބޭނުންވާ މަސައްކަތް ކުރަންޖެހޭނީ، ކޮންމެ ރަށެއްގައިވެސް އެރަށުގެ ރައްޔިތުން. އެމީހުން މަސައްކަތްކޮށްގެން، އެމީހުންގެ ހިންމަތުން މަކްތަބެއް އުފައްދައިގެން އެ މަކްތަބު ހިންގަންވާނީ. އެގޮތަށް އަމިއްލަ މަސައްކަތުން މަކްތަބުތައް ހިންގާ ފަރާތްތަކަށް، އަޅުގަނޑު ކުރިން މިދެންނެވި އެހީގެ އިތުރަށްވެސް ސަރުކާރުގެ ފަރާތުން ވަރަށްގިނަ ޢިނާޔަތްތައް މިހާރު ދެމުން އެބަގެންދޭ. އެހެންވީމާ، ކޮންމެ ރަށެއްގައިވެސް އެފަދަ ތަނެއް އުފެއްދިގެން ހިނގަމުންދާ ކަމަށްވަންޏާ، އެތަންތަނަށްވެސް މިދެންނެވި ކަހަލަ ޢިނާޔަތްތައް ލިބެމުންދާނެ.

އާދެ، ތަޢުލީމަކީ އަޅުގަނޑުމެން މިވަގުތު ބޭނުންވެފައިވާ އެންމެބޮޑު އެއް ޚިދުމަތް. ތަޢުލީމު ހާސިލުކުރުމުގެ އިތުރަށް އަޅުގަނޑުމެން ބޮޑެތި މީހުން ކުރަންޖެހޭ މަސައްކަތްތަކެއްވެސް އެބަހުރި. އެއީ އަޅުގަނޑުމެންގެ ރަށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރުން. އޭގެ އެންމެބޮޑު ކަމަކަށްވާނީ އިޤުތިޞާދީ ކުރިއެރުން. ދިރިއުޅުން ތަނަވަސްވުން. ރާއްޖެތެރޭގެ ގިނަ މީހުންނަކީ މަސްވެރިކަން ކުރާ މީހުން. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައިގެން، މަސްވެރިކަމުން މިހާރު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ އިތުރަށް އެއްޗެހި ލިބޭގޮތް ހޯދުމަކީ ކޮންމެހެން ބޭނުންވެފައިވާ ކަމެއް. އާދެ، މިރަށަކީވެސް މަސްވެރިކަންކުރާ ރަށެއް. އެހެންވީމާ، މިރަށުގެވެސް އެ މަސައްކަތްކުރާ މީހުން ތެދުވެރިކަމާއެކު އެ މަސައްކަތް ކުރަމުން ގެންދިޔުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އާދެ، އަޅުގަނޑު ނަޞޭޙަތްތެރިނުވި ކަމުގައިވިޔަސް، އެކަން އެހެން ކުރައްވާނެކަން އަޅުގަނޑަށް އެނގޭ. އެއީ މަހަށްދާ މީހުންނަށް އެނގޭނެ، މަހަށް ދިޔުމުގެ ހުރި ފައިދާ. އެއިން ލިބޭ އާމްދަނީ. އެހެންނަމަވެސް، މުޅި ޤައުމުގެ ހައިސިއްޔަތުން ބަލާއިރު، މަސްވެރިކަން ކުރިއަށް ގެންދިޔުމާއި، މަސްވެރިކަން ތަރައްޤީ ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާތީ، ސަރުކާރުން އެ މަސައްކަތް ކުރަމުން އެ ގެންދަނީ އަދި އެ ހައިސިއްޔަތުން.

އަޅުގަނޑު މިރަށުގެ ރައްޔިތުންނަށްވެސް މި ނަޞޭޙަތްތެރިވަނީ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމަށް. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން ހިންގާ އެކިއެކި ބޮޑެތި މަޝްރޫޢުތައް އެއީވެސް ރާއްޖެތެރޭގެ ވަރަށްގިނަ މީހުންނަށް މިހާރު އެނގިފައި އޮންނާނެ ކަންތައްތަކެއް. ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. މިހާރު އަނެއްކާ އޭގެ އާ ފުރުޞަތެއްވަނީ އެންމެންގެ ކުރިމަތީގައި ހުޅުވި، މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން އިޢުލާނު ކުރެއްވި ފަދައިން، އިންޖީނަށް އެދޭ ފަރާތްތަކަށް މިހާރު އިންޖީނު ލިބޭގޮތްވަނީ ހޯދިފައި. އެހެންވީމާ، އެއީ މަސްވެރިކަން ތަރައްޤީ ކުރުމަށް އެޅޭ ވަރަށްބޮޑު ފިޔަވަޅެއް. ރާއްޖެތެރޭގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން އެއީވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރު ކުރަމުންގެންދާ މަސައްކަތެއް. ވަރަށްގިނަ ރަށްރަށުގައި މިހާރު ހުންނާނެ ތާނގީތައް ބެހެއްޓިފައި. އާދެ، އަދި އެ ތާނގީތަކަށް ތެޔޮ ފޮނުވުމުގެ އިންތިޒާމު މުޅިން ހަމައެއްނުޖެހޭ. އެކަންތައްވެސް ކުރަމުން އެބަދޭ. އެ ތާނގީތައް ބެހެއްޓިފައިވާ ބައެއް ރަށްރަށަށް ތެޔޮ ލިބެމުންދޭ. އަދި އެހެން ތަންތަނަށް ފޮނުވޭވަރުނުވަނީ. ކޮންމެއަކަސް އެއީވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އަދި މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަކޮށް، އިންޖީނުދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ފިލުވައިދިނުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތެއް. މަހަށް ރަނގަޅު އަގެއް ހޯދައިދެވޭތޯ ސަރުކާރުން ކުރާ މަސައްކަތްވެސްމެ. އެއީ އަޅުގަނޑުހިތުން މަސްވެރިކަމަށް ސަރުކާރުންދޭ ވަރަށްބޮޑު އެހީއެއް ކުރިއެރުވުމަށްޓަކައި. އާދެ، ރާއްޖެތެރޭގެ ގިނަ މީހުންނަކަށް ނޭނގޭނެ، އެކަމުގައި ހުރި ދަތިތަކެއް. އަޅުގަނޑުމެން މަސް މި ވިއްކަނީ ބޭރުގެ ބައެއް ކުންފުންޏަށް. އެމީހުންވެސް ގެންގޮސް އެހެން ތަންތަނަށް ވިއްކާ ހަދަނީ. ވިޔަފާރީގެ ގޮތުގައި އެމީހުން އެ މަސައްކަތް ކުރަނީ. އެހެންވީމާ، އެމީހުން މަސް އަޅުގަނޑުމެންއަތުން ގަންނާނީވެސް، ގަނެގެން އެމީހުން އެ ވިއްކާގޮތަކަށް ވިއްކީމާ، އެމީހުންނަށް ފައިދާއެއްވާ ގޮތަކަށް. އެއީވެސް ވިޔަފާރިއެއް. އެހެންވީމާ، ގެއްލުންވާ ގޮތަކަށް އެއްވެސް ބަޔަކު ވިޔަފާރިއެއް ނުކުރާނެ. އެހެން އެކަން އޮތުމުގެ ސަބަބުން މަހުގެ އަގު ވަކިހިސާބަކަށް ހިފެހެއްޓުން އެއީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. ދުނިޔޭގެ މާކެޓްގައި، މިދެންނެވީ އަޅުގަނޑުމެންގެ މަސް މިހާރު އަޅުގަނޑުމެން މި ކިރުވާ ފަރާތްތަކުން، އެއީ ޖަޕާނު މީހުންކަމުގައިވިޔަސް އަދި އެހެން ބައެއް ކަމުގައިވިޔަސް، އެމީހުން މަސް ހިފައިގެން ގެންގޮސް ވިއްކާ ތަންތާނގައި މަހުގެ އަގު ހުންނަގޮތަށް ބަދަލެއް އަތުވެއްޖިއްޔާ އެމީހުން އެބަޖެހޭ، އެމީހުން މަސްގަންނަ އަގަށްވެސް ބަދަލެއް ގެންނަން ނުވަތަ ގެނެވޭތޯ މަސައްކަތް ކުރަން. އެހެންވީމާ، ވާގޮތަކީ އެއްގޮތަކަށްވެސް ވަކިވަރަކަށް، ސަރުކާރުން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް، އެކަން އެހެން ހިފެހެއްޓޭކަށްނޯވޭ. އަޅުގަނޑުމެން އަތްދަށުގައި އޮތް ކަމެއް ނޫން އެއީކީ. އަޅުގަނޑުމެންގެ ނުފޫޒުން ބޭރުގައިވާ ކަމެއް، މަހުގެ އަގު ވަކިގޮތަކަށް ހިފެހެއްޓުން އެއީ. އެކަމަކު ސަރުކާރަށް، ބައެއްފަހަރަށް މަހުގެ އަގު ދަށަށް ދިޔުމުން އެ ލިބޭ ގެއްލުން، ބޮލުގައި އަޅައިފައިވާނަމަވެސް، އެކަށީގެންވާ ވަރަކަށް މަހުގެ އަގު ހިފެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދޭ. އާދެ، އެއީވެސް އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ ބޮލުގައި އެ ގެއްލުން އަޅައިގެން ނަމަވެސް، މަސްވެރިންނަށް އެ މަހަށް ލިބޭ އަގު ހޯދައިދިނުމަކީ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތެކޭ.

އާދެ، މަސްވެރިކަން ފިޔަވައި އަދިވެސް ރާއްޖެތެރޭގައި ކުރާ ވަރަށްގިނަ މަސައްކަތް އެބަހުރި. ޚާއްޞަކޮށް އަންހެނުން، ރަށުގައި ތިބެގެން ކުރާ އެކި ބާވަތްބާވަތުގެ މަސައްކަތް. ރޯނުވެށުން، ކުނާވިޔުން އަދި މިނޫންވެސް ކިތަންމެ ކަމެއް ކުރާނެ. އެކަހަލަ ކަންތައްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަންވާނެ. އޭގެ ބޭނުމަކީވެސް އެ މަސައްކަތްތައް އިތުރަށް ކޮށްގެން، އެ މަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރުން. ލިބޭ އެއްޗެއް އިތުރުވީމާ، އޭގެ ފައިދާ ލިބޭނީވެސް އެ މަސައްކަތްކުރާ ފަރާތަކަށް، އެ މަސައްކަތްކުރާ މީހަކަށް ނުވަތަ ބަޔަކަށް. އެއީ ފަހަރެއްގައިވެސް ސަރުކާރަށް ލިބޭނެ ފައިދާއެއް ނޫން. އަޅުގަނޑު މި ނަޞޭޙަތްތެރިވަނީ ރަށުގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ރައްޔިތުން އަމިއްލައަށް މަސައްކަތް ކުރުމުގެ މައްޗަށް ބާރުއެޅުމަށްޓަކައި. އާދެ، ކޮންމެއަކަސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން ނޫނީ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކުރެވޭކަށެއް ނޯންނާނެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށް މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެންގެތެރެއިން ކޮންމެމީހަކުވެސް ޚިޔާލުކޮށް، ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އެންމެންނަށް ފެނޭތޯ މުޖުތަމަޢުގެ ކަންތައްތައް ހަމަޖެއްސޭތޯ ބަލަންވާނެ.

އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންގެ މެދުގައި އަޅުގަނޑުމެން އަރައިރުންވާންވީ، ޚިޔާލުތަފާތުވާންވީ، ދެކޮޅުވެރިވާންވީ އެއްވެސް ސަބަބެއް ނެތް. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަހަލަ ސަބަބުތައް ހުރޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލިޔަސް އެކަން އެނގޭ. އެތަންތާނގައި ދިރިއުޅެނީ އެއްދީނެއްގެ އަހުލުވެރިންނެއް ނޫން. ތަފާތު އެތައް ދީންތަކުގެ އަހުލުވެރިން އުޅޭނެ. އެއްބަހަކުން ވާހަކަދައްކާ ބައެއް ނޫން އުޅެނީކީ. ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުން. ތަފާތު ނަސްލުތަކުން އައިސްތިބި މީހުން އެބައުޅޭ. އަދި އެނޫންވެސް އެކިއެކި ބޮޑެތި މައްސަލަތައް އެތަންތާނގައި ހުރޭ. އެހެންވުމުގެ ސަބަބުން އެމީހުންގެ މެދުގައި ހަމަނުޖެހުންވެސް ބައެއްފަހަރަށް އުފެދޭ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖެއަކީ އެގޮތުން ބަލާއިރު ވަރަށް މަތިވެރި ނަޞީބެއް ލިބިފައިވާ ތަނެއް. اللّـه سبحـانـه وتعـالىގެ ހެޔޮ ނިޢުމަތުން، އެކަލާނގެ ރަޙްމަތުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވަނީ ލައްވައިފައި. އަޅުގަނޑުމެންނަކީ އެއް ނަސްލަކުން އައިސްތިބި ބައެއް ކަމުގައިވަނީ ލައްވައިފައި. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއް ކަމުގައި ވަނީ ލައްވައިފައި. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިން ކަމުގައި ވަނީ ލައްވައިފައި.

އެހެންވީމާ، މިހުރިހާ ކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް އުފެދޭނެ ސަބަބެއް ނެތް. ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ ނަފްސަށް ޙުރުމަތްތެރިކޮށްހިތާފަދައިން، ކަމޭހިތާފަދައިން، އެހެން މީހުންނަށްވެސް ކަމޭހިތައިގެން އުޅެނިކޮށް، އެއްވެސްކަހަލަ މައްސަލައެއް ނުޖެހޭނެ. ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާހެން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވަނިކޮށް، އެއްވެސް ދެކޮޅުވެރިކަމެއް އުފެދޭކަށްނުޖެހޭނެ. ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާހެން، އެހެން މީހުންގެ މުދާތަކަށްވެސް ރައްކާތެރިވާނަމަ، އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތަނެއް ނޯންނާނެ. އާދެ، އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެއޭ، އަޅުގަނޑުމެންނަކީ މުސްލިމުންކަން. އިސްލާމްދީނުގެ ނިޢުމަތަކީ އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތްކަން. އެހެންވީމާ، އެ ނިޢުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން އަޅުގަނޑުމެން އުޅެންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައޭ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ކިނބިދޫގެ ރައްޔިތުންވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ ރޫޙެއް މުޖުތަމަޢުގައި އުފައްދަވައިގެން، އެއާ އެއްގޮތްވާ ގޮތެއްގެ މަތިން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވުން. އެއްވެސްކަހަލަ ހަމަނުޖެހުމަކަށް މުޖުތަމަޢުގައި ތަންނުދޭން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، ކިނބިދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ފެނިގެންދިޔަ މަރުޙަބާގެ ޝުޢޫރުތަކަށްޓަކައި ހިތްހެޔޮކަމާއެކު ޝުކުރު ދަންނަވަމުން. އަދި ކިނބިދޫއަށާއި ކޮޅުމަޑުލަށް އަދަށްވުރެ ތަނަވަސް ބާއްޖަވެރި މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން އެދި ދުޢާކުރަމުން.


والسّلام عليكم ورحمـة اللّـه.