السّــلام عليــكم ورحـمــة اللّـه.

اللّـــه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އޭގެފަހުގައި މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި އެފަރާތްތަކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަން.

އަޅުގަނޑު މިކުރާ ދަތުރަކީ، ގާދިއްފުށީގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުމަށްޓަކައި ކުރާ ދަތުރެއް. މީގެކުރިން މިބާވަތުގެ އެތައް ދަތުރެއް އަޅުގަނޑުވަނީ ކޮށްފައި. މާލެއިން އުތުރުގެ ވަރަށްގިނަ އަތޮޅުތަކަށް ދެވިއްޖެ. ހަމައެފަދައިން، މާލޭގެ ދެކުނުގެވެސް ވަރަށްގިނަ އަތޮޅުތަކަށް އަޅުގަނޑަށް މިހާރު ދެވިއްޖެ. މިފަހަރު ދަތުރު ފަށައިގެން އަޅުގަނޑު މިއުޅެނީ ހައްދުންމައްޗާއި ކޮޅުމަޑުލުގެ، މީހުން އުޅޭ ރަށްރަށަށް ޒިޔާރަތް ކުރުމަށްޓަކައި. އެގޮތުން މިހާރު އެއްއަތޮޅު ނިމިގެން ކޮޅުމަޑުލަށް މިއަދު މިފެށީ. ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، އެންމެ ފުރަތަމަ ކިނބިދޫއަށް ގޮސްފައި، އޭގެފަހުން އަޅުގަނޑު މިއައީ މިރަށަށް. އާދެ، ގާދިއްފުށްޓަށް.

އަޅުގަނޑުމެންގެ ރާއްޖެތެރެ ހުރިހާ ރޮނގަކުންވެސް ތަރައްޤީކުރަން ބޭނުންވެފައިވާތީ، ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫޢެއް ހަމަޖައްސައިގެން، އެ މަޝްރޫޢުގެ ދަށުން މިހާރުދަނީ މަސައްކަތް ކުރަމުން. އެ މަޝްރޫޢުގެ ދަށުން، ރާއްޖެތެރެއަށް ބޭނުންވާ ވަރަށްގިނަ ތަފާތު ކަންތައްތައް ކުރަމުން އެބަގެންދެވޭ. އާދެ، އޭގެ އެއްކަމަކީ، މިސްކިތް ބާވެގެން ނުވަތަ ވީރާނާވެގެން ބޭނުންނުކުރެވޭ ހިސާބަށް ގޮސްފައި ހުންނަ ތަންތާނގައި، އަލުން މިސްކިތް އިމާރާތްކޮށްދިނުން. އެގޮތުން ގާދިއްފުށީގައި ދެންމެ އަޅުގަނޑު މި ހުޅުވައިދިނުމުގެ ޝަރަފު ހާސިލުކުރި މިސްކިތަކީ މިދެންނެވި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުގެ ފަރާތުން މިރަށުގައި ބިނާކުރި މިސްކިތެއް.

މިސްކިތްތަކުގެ އިތުރަށް، އެކިތަންތާނގައި މަދަރުސާ ހިންގުން، ރާއްޖެތެރޭގައި. އެއީވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވާ ކަމެއް. މިހާރު ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދަރުސާއެއް ހިނގަމުން އެބަދޭ. މިއަތޮޅުގެ، އަތޮޅު މަދަރުސާ ހުރީ ކިނބިދޫގައި. މިވަގުތު ސަރުކާރުގެ ފަރާތުން ހިންގާ މަދަރުސާތަކަކީ، މިދެންނެވި އަތޮޅު މަދަރުސާތަކާއި އަދި އޭގެއިތުރުން ކުރިން ކޮމިއުނިޓީ ސްކޫލުގެ ނަމުގައި، މިހާރު އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި އުފެދިގެން ހިނގަމުންދާ ތަންތަން. އަދި އޭގެއިތުރުންވެސް ބައެއް މަދަރުސާ، ބައެއް އަތޮޅުތަކުގައި ހުޅުވާގޮތަށް ވަނީ ހަމަޖެހިފައި. އެގޮތުން، ރާއްޖެތެރޭގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ރާއްޖެތެރޭގައި އުޅޭ، ކިޔަވާ ޢުމުރުގެ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން މިދެންނެވި މަސައްކަތްތައް ކުރަމުން މިގެންދަނީ. ހަމައެއާއެކު އަމިއްލަ މަކްތަބުތަކާއި މަދަރުސާތަކުގެ ތެރެއިން، މެދުނުކެނޑި 10 އަހަރު ވަންދެން ތަޢުލީމުގެ ޚިދުމަތް ކޮށްފައިވާ ތަންތަނަށް ސަރުކާރުގެ އެހީ ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައި.

އާދެ، އެ މަސައްކަތް ސަރުކާރުން ކުރަމުން އެ ގެންދާ ސަބަބަކީ، ތަޢުލީމަކީ، އަޅުގަނޑުމެން ކޮންމެހެން ބޭނުންވެފައިވާ އެއްޗަކަށްވާކަން. ތަޢުލީމާ ނުލައި ދިވެހިރާއްޖެއަށްވެސް އަދި އެހެން އެއްވެސް ޤައުމަކަށްވެސް ކުރިއަށް ދެވެން ނޯންނާނެތީ. އާދެ، ތަޢުލީމުގެ ދާއިރާގައި މިދެންނެވި މަދަރުސާތަކުގެ އިތުރަށް، ސަރުކާރުން މިހާރު ފަށައިގެން ހިންގާ، ވަރަށް ޚާއްޞަ މަޝްރޫޢެއް އެބައޮތް. އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢު. އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ އެއީ، ކުރިން ކަންތައްތައް ވެފައިވާ ގޮތުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ ބޮޑެތި މީހުންނަށް ކިޔަވައިދިނުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢެއް. އެ މަޝްރޫޢުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެބަތިބި، ލިޔަންކިޔަން ނުދަންނަ މީހުންވެސް. އެމީހުންގެ ޅަޢުމުރުގައި އާދެ، ކިޔަވާ ޢުމުރުގައި އެއްވެސްކަހަލަ ކިޔަވައިދޭ ތަނަކަށް ދިޔުމުގެ ފުރުޞަތު ލިބިފައިނުވާ އެތައް ބަޔަކު އެބައުޅޭ. އެހެންވީމާ، އެމީސްމީހުންނަށް އެ ގެއްލިގެންދިޔަ ފުރުޞަތު އަލުން ހޯދައިދިނުމަށްޓަކައި ސަރުކާރުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ފަށައިގެން ހިންގަމުން މިގެންދަނީ.

އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ކުރެވޭކަމަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. އެއީ ލިޔަންކިޔަންދަތުން އެއީ، ތަޢުލީމު ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމަކަށްވާތީ. އޭގެފަހުގައި، އަޅުގަނޑުމެންނަށް އެކި ރޮނގުރޮނގުން ބޭނުންވާ ޚާއްޞަ މަޢުލޫމާތުތަކެއް ދަސްކޮށްދިނުންވެސް، މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. ދީނީގޮތުން އަޅުގަނޑުމެންނަށް ބޭނުންވާ މަޢުލޫމާތު، ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން. އަދި އެނޫންވެސް ދީނީގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކާއި، އަޅުގަނޑުމެންނަށް އެނގެން ބޭނުންވާ މަޢުލޫމާތު. ދީނުގައި އަޅުގަނޑުމެން އެ މަޢުލޫމާތުތަކެއް ދަތުން ޝަރުޠު ކުރައްވައިފައިވާ މަޢުލޫމާތު ދަސްކޮށްދިނުންވެސް ހިމެނޭ. ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖެއާބެހޭ މަޢުލޫމާތު، އަޅުގަނޑުމެންގެ ތިމާވެށްޓާބެހޭ މަޢުލޫމާތު، މިއުޅެނީ ކޮންތަނެއްގައިކަން، ދިވެހިރާއްޖެއަކީ ކޮންތަނެއްގައި އޮންނަ ރާއްޖެއެއްކަން، އަޅުގަނޑުމެންގެ މާޙައުލު، އަޅުގަނޑުމެން މި ދިރިއުޅޭ ދިރިއުޅުމުގައި މުހިންމު ކަންތައްތަކަކީ ކޮބައިކަން. މިބާވަތުގެ މަޢުލޫމާތު ދަސްކޮށްދޭ މަޝްރޫޢެއްވެސްމެ އެއީ. ހަމައެފަދައިން، އަޅުގަނޑުމެން ދިރިއުޅެމުންދާއިރު ބޭނުންވާ، ބައެއް ކުދިކުދި، ހިސާބުގެ މައްސަލަތައް ޙައްލުކުރަން އެނގޭ ފެންވަރަށް ހިސާބުވެސް ދަސްކޮށްދިނުން ހިމެނޭ. ކޮންމެ މީހަކުވެސް ކޮންމެވެސްވަރަކަށް ހިސާބު ދަންނަންޖެހޭ، ކޮންމެ ކަމެއްގައިވެސް. އެއީ، ވިޔަފާރި ކަމުގައިވިޔަސް، މަސްވެރިކަން ކަމުގައިވިޔަސް އަދި އެނޫން މަސައްކަތެއް ކުރާ މީހަކު ކަމުގައިވިޔަސް، ކޮންމެވެސްވަރަކަށް ހިސާބު އެނގެން ބޭނުންވާނެ. އެހެންވީމާ، މިދެންނެވިހެން، ކޮންމެހެން އެނގެން ބޭނުންވާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގަމުން މިދަނީ.

އާދެ، މި މަޝްރޫޢު ހިންގުމުގައި މިއަތޮޅު ވަރަށްމަތީ ވަނައެއް ހޯދައިފައިވާކަން އެއީ، އަޅުގަނޑު ވަރަށްއުފާކުރާ ކަމެއް. އަދި ޚާއްޞަކޮށް، ގާދިއްފުށި އޮތީ މިއަތޮޅުން އެއްވަނައަށް އައިސްފައި. އެހެންވުމާއެކު، ގާދިއްފުށީގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ތަހުނިޔާ އަދާކުރުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިދެންނެވި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިން މި އިޝާރާތްކުރި ކަންތައްތަކުގެ އިތުރަށްވެސް ކަންތައްތައް ކުރަމުން އެބަ ގެންދެވޭ. އޭގެތެރެއިން އެއްކަމެއް، ފަޅު ދަތި ރަށްރަށުގެ ފަޅު ކޮނުން، ފަޅު ފުންކުރުން. އަދި ބައެއް ތަންތާނގެ ނެރުގޮއްވުން. ފަޅު ފުންކުރުން އޮންނަގޮތަކީ، ރައްޔިތުން އެ މަސައްކަތް ކުރާގޮތަށް އޮންނަނީ، ސަރުކާރުން ކޮއްތުދިނީމާ. ކޮންމެ ރަށެއްގެވެސް ރައްޔިތުން އެދުނީމާ، މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގެ ރައްޔިތުން އެކަމަށް އެދުނީމާ، ސަރުކާރުން ފައިސާ ދޫކުރާގޮތަށް އޮންނަނީ. މިރަށުގައިވެސް ފަޅު ފުންކުރުމުގެ މަސައްކަތް އެގޮތަށް ކުރާގޮތަށްވަނީ ހަމަޖެހިފައި. އޭގެއިތުރުން ނެރުގޮއްވުންވެސް އެބައޮތް. އެހެންނަމަވެސް، އެކަމަކީ ރައްޔިތުންނަށް ވެވޭވަރުގެ ކަމެއްނޫން. އެއީ ވަކި ޚާއްޞަ ސާމާނުތަކެއް ބޭނުންކޮށްގެން ކުރާ ކަމެއް. ޚާއްޞަ ބަޔަކަށް ކުރަން އެނގޭ ކަމެއް. އެހެންވީމާ، އެކަން ސަރުކާރުގެ ފަރާތުން ކުރަމުން އެބަގެންދޭ. މިހާރު ފޯއްމުލަކުގައި އެ މަސައްކަތް ކުރަނީ. އެތަން ނިމުނީމާ އެހެން އަތޮޅުތަކަށްވެސް ދާނެ. އަދި ފޯއްމުލަކުގެ ކުރިން އެހެން އަތޮޅެއްގައިވެސް އެ މަސައްކަތް ވަނީކުރެވިފައި. އަޅުގަނޑު މިދެންނެވިހެން އެކަން ކުރަން ތިބެނީ އެއްބަޔަކަށްވެފައި، ގެންގުޅޭ ސާމާނުތަކަކީވެސް އެކައްޗަކަށްވާތީ، އެ މަސައްކަތް ކުރެވެން އަންނަނީ ފަހަރަކު ތަނެއްގައި. އެހެންވީމާ، އެއްތަނެއް ނިމުނީމާ، އަނެއް ތަނެއްގައި އެ މަސައްކަތް ކުރާގޮތަށް އޮތީ.

އާދެ، ދެން އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެކަން އެއީ އަޅުގަނޑުމެން އެންމެންވެސް ދަންނަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން. އާދެ، މަސައްކަތްކޮށްގެން ނޫނީ މިދުނިޔޭގައި އަޅުގަނޑުމެންނަކަށް ދިރިއެއްނޫޅެވޭނެ. އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ތަނަވަސްކަމެއް ނުހޯދޭނެ. ކޮންމެ މީހަކަށްވެސް ތަނަވަސްކަން ލިބޭނީ އެމީހަކު އެކުރާ މަސައްކަތެއްގެ ފެންވަރަކުން. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް، ރައްޔިތުން އެކުރާ މަސައްކަތެއް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކުރެވޭތޯ ބަލަންވާނެ. އެއީ އެއްދުވަހުން އަނެއްދުވަހަށް ހަރަދުތައްދަނީ މައްޗަށް. އެއްޗެތީގެ އަގު ދަނީ ބޮޑުވަމުން. އެހެންވީމާ، އެ އަގުބޮޑުވާ އަގުބޮޑުވުން ފޫބެއްދޭނީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން.

މިރަށުގެ ރައްޔިތުންނަކީވެސް މަސްވެރި ބައެއް. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި މިރަށުގެ ރައްޔިތުން އިތުރަށް މަސައްކަތް ކުރައްވަންޖެހޭނެ. މިހާރުވެސް އިތުރު ދޯނިފަހަރަށް އިންޖީނު ލިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައި. އަދި އެއާއެކުގައި ރާއްޖެތެރޭގައި އިންޖީނުދޯނިފަހަރަށް ތެޔޮ ލިބޭނެ ކަހަލަ އިންތިޒާމުވެސް ސަރުކާރުން ދަނީ ހަމަޖައްސަމުން. ބައެއް ރަށްރަށުގައި މިހާރު ހުންނާނެ ތާނގީތައް ބެހެއްޓިފައި. އަދި އެނޫން ގޮތްގޮތުންވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ރައްޔިތުން އެއްބާރުލެއްވި މިންވަރަކުން. މިސާލެއްގެ ގޮތުން ދަންނަވަންޏާ، ސަރުކާރުން ކިތަންމެ ދޯންޏެއްގައިވެސް އިންޖީނު ބަހައްޓައިދެވިދާނެ، ސަރުކާރަށް އިންޖީނު ލިބިފައި ހުރި މިންވަރަކުން. އެހެންނަމަވެސް، އެއިން މަސްވެރިކަމަށް ތަރައްޤީއެއް އަންނާނީ، އެ ދޯނިފަހަރު މަހަށް ފުރަންޏާ. ދޯނިފަހަރު މަސްވެރިކަން ނޫން އެހެން މަސައްކަތެއްގައި އުޅޭކަމަށްވަންޏާ، ކިތަންމެ އިންޖީނުލީ ދޯންޏެއް ހުރި ކަމުގައިވިޔަސް، އެއިން މަސްވެރިކަމަށް ކުރާނެ ފައިދާއެއް ނޯންނާނެ.

އެހެންވީމާ، ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންވަނީ މިބާވަތުގެ ކަންތައްތަކުގައި. ސަރުކާރުން މަގުފަހިކޮށްދިނީމާ ރައްޔިތުން ކުރިއަށްދާންވީ. ރައްޔިތުންގެ އެއްބާރުލުމާއި މަސައްކަތް އޮތް މިންވަރަކުން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. މަސްވެރިކަން ތަރައްޤީވީމާވެސް އެއިން ލިބޭ ފައިދާވެސް ލިބޭނީ ހަމަ ރައްޔިތުންނަށް. އެ މަހަށްދާ ބަޔަކަށް. މަސްވެރިކަން ފިޔަވައި އަޅުގަނޑުމެންކުރާ އެހެން މަސައްކަތްތަކެއްވެސް ހުރޭ. އެ މަސައްކަތްތައްވެސް ވާނެ ކުރިއަށް ގެންދަން. އެ މަސައްކަތްތައް ކުރާބަޔަކު މިހާރަށްވުރެ ގިނަވަގުތު އެ މަސައްކަތުގައި ހޭދަކޮށްގެން، މިހާރަށްވުރެ ފުރިހަމަގޮތެއްގައި، އެމަސައްކަތް ކުރެވޭތޯ ބަލައިގެން މިހާރު އެ ލިބޭ އާމްދަނީއަށްވުރެ އިތުރު އާމްދަނީއެއް ހޯދޭތޯ ބަލަންވާނެ. އޭރުން އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށްދާނީ. އަޅުގަނޑުމެން ދިރިއުޅުމުގެކަންތައް ތަރައްޤީކުރަން މަސައްކަތްކުރާއިރު، އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާންކުރަންވާނެ. އަދި އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިންކަން.

އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ ރޫޙު އާލާކުރެވޭތޯ އެންމެންވެސް މަސައްކަތް ކުރަންވާނެ. އެއްގޮތަކަށްވެސް ދޭދޭ މީހުންގެ މެދުގައި ދެކޮޅުވެރިކަން އުފެދިގެންނުވާނެ. އެއްބަޔަކު އަނެއްބަޔަކާޖެހި، މައްސަލަ އުފެދި، ފިތުނައުފެދި، މިކަހަލަ ކަންތައްތައް ވެގެންނުވާނެ. އެއީ، އަޅުގަނޑުމެން އެހެން އުޅެންވީ އެއްވެސް ސަބަބެއްނެތް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ އަޚުންތަކެއް ކަމުގައި ވަނީ اللّـه سبحـانـه وتعـالى ލައްވައިފައި. އެހެންވީމާ، އެގޮތް އަޅުގަނޑުމެން ދަންނަންޖެހޭނެ. ދަނެގެން އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކެއް، ހުރިހާ ގުޅުންތަކެއް ބަހައްޓަންވާނީ އިސްލާމީ އުސޫލުގެ މަތިން. އެންމެންނަކީ އެއްބަނޑުއެއްބަފާ ބަޔެކޭ ބުނާ އުސޫލުގެ މަތިން. ކޮންމެ މީހަކުވެސް އެހެން މީހުން ދެކެންވާނީ، އެމީހެއްގެ އަޚުންގެ ގޮތުގައި ނުވަތަ އެމީހާގެ އުޚުތުންގެ ގޮތުގައި. އެއަށްވުރެ ދުރު އެއްވެސް މީހަކު ނެތް މުސްލިމުންގެ ތެރެއަކު. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައިވެސް ވީހާ އެކުވެރިކަމާއެކު ހުރިހާ އެންމެން އެއްބާރުލައިގެން، ތަނަވަސްކަން ލިބިފައިވާ މީހުން ނިކަމެތިންނަށް އެހީވެދީގެން އަދި ނިކަމެތިން ފިޔަވައިވެސް އެކިގޮތްގޮތުން އެހީއަށް ބޭނުންވާ މީހުންނަށް، އެ އެހީ ލިބިދެވޭފަދަ ހާލެއްގައި ތިބި ބަޔަކު އެހީވެދީގެން. ކޮންމެ ބަޔަކުވެސް އަނެއް ބައެއްގެ ހާލު ދެކިގެން ކުރިއަށް ދިޔައިމާ، ދީނުގައި އަންގަވައިފައިވާ ގޮތުގެމަތިން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންކުރާ މަސައްކަތްތަކުގެ ފައިދާ ފެންނާނީ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ގާދިއްފުށީގެ ރައްޔިތުންވެސް ވީހާ އެކުވެރި ކަމާއި ޞުލްޙަމަޞްލަޙަތާއި، ހަމަޖެހުމާއެކުގައި ރަށާއި ޤައުމު ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން. އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި މިރަށުގެ ރައްޔިތުންވެސް ކުރައްވާ މަސައްކަތްތަކުގެ ފައިދާ ވަރަށް އަވަހަށް ފެނިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުންވެސް، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފާޅުވެގެން މިދިޔަ މަރުޙަބާގެ ޝުޢޫރުތަކަށްޓަކައި އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ގާދިއްފުށްޓަށް ތަނަވަސް ބާއްޖަވެރި މުސްތަޤުބަލެއް. އަދި ގާދިއްފުށީގެ ރައްޔިތުން އެމީހުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށާއި، ރަށުގެ ކަންތައްތައް ތަރައްޤީ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ހެޔޮ ތައުފީޤު ލެއްވުން.


والسّلام عليكم ورحمـة اللّـه.