السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު މިއަދު އަޅުގަނޑު އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، މާވަށުގެ ރައްޔިތުންނަށާއި ވެރިންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދެންނެވުން.


އާދެ، އަޅުގަނޑު މިއަދު މިރަށަށް އަންނާނެކަން އެނގިވަޑައިގެންފައި އޮތުމާއެކު ރަށުގެ ރައްޔިތުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން ކުރައްވައިފައިވާ ބޮޑެތި މަސައްކަތްތައް ފެނިފައި، އެ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ އަޅުގަނޑު މި ދަންނަވަނީ ވަރަށް ޚާއްޞަ އުފަލަކާއެކު. އާދެ، މި މުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން މިރަށުގެ ރައްޔިތުންނާއި ވެރިން ކުރައްވައިފައިވާ ތަފާތު މަސައްކަތްތަކަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަހަލަ ކަންތައްތަކެއް. އަޅުގަނޑު މިކުރާ ދަތުރުތަކާ ގުޅިގެން އެބާވަތުގެ ކަންތައްތައް ކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއް ނޫން. އެއީ، އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުންނަމަވެސް ރަށުގެ ރައްޔިތުން އެހާގިނަ ވަގުތު އެބާވަތުގެ ކަންތައްތަކުގައި ހޭދަކުރައްވައި އަދި ބައެއް ފަހަރަށް ހަރަދުކުރަންޖެހޭގޮތް ދިމާވުމަކީވެސް އަޅުގަނޑަށް ރުހެވޭ ކަމަކަށްނުވާތީ. އެހެންނަމަވެސް، މިރަށުގެ ރައްޔިތުންވެސް އެކަންކަން ކުރައްވައިފައިވަނީ ސަރުކާރަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އިޚުލާސްތެރިކަމުގެ ޝުޢޫރުތައް ފާޅުކުރެއްވުމުގެ މަޤްޞަދުގައިކަމަށް ފެންނާތީ އެކަމާދޭތެރޭގައި މާބޮޑު އިޢުތިރާޟެއް އަޅުގަނޑު ނުކޮށް، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި ޝުކުރު ދަންނަވަން. ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާރޒް އެ ވިދާޅުވިފަދައިން، މިރަށަށް އަޅުގަނޑަށް މި އާދެވުނީ ހައްދުންމައްޗަށް މި ކުރާ ދަތުރުގެ އެންމެފަހު ރަށެއްގެ ގޮތުގައި. މީގެކުރިން މިއަތޮޅުގެ އެހެން ހުރިހާ ރަށްރަށަށް ވަނީ އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި. އާދެ، އެންމެފަހުން އައި ރަށް ކަމުގައިވިޔަސް މާވަށަކީ މިއަތޮޅުގައިވެސް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ރަށެއް. އެންމެފުރަތަމަ މަސްވެރިކަމުގެގޮތުން. މާވަށަކީ ޒަމާނުއްސުރެ މަސްވެރިކަމަށް ކުރިއަރައިފައިވާ، މަސްވެރިކަމަށް މަޝްހޫރުވެފައިވާ ރަށެއް. ހަމައެއާއެކު މި ރަށަކީ މިވަގުތު މިއަތޮޅުގެ މަދަރުސާ، އަތޮޅުމަދަރުސާވެސް ހިނގަމުންދާ ރަށް. އޭގެ އިތުރުން ތަޢުލީމާބެހޭ ގޮތުން މިއަތޮޅުގައި އެންމެ ކުރިއަރައިފައިވަނީ މި ރަށޭވެސް ދެންނެވިދާނެ. އެއީ މިތާނގައި ދިހަ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހިންގުމުގެ ސަބަބުން ސަރުކާރުގެ އެހީލިބޭ ދެ މަކުތަބުވެސް ހުރުމާއެކު.


އާދެ، އެގޮތްގޮތުން މި ރަށަކީ ފާހަގަކޮށްލުން އެކަށީގެންވާ ރަށެއް. ރަށުގެ ރައްޔިތުންގެ މަސައްކަތްތެރިކަން ވަރަށް ރަނގަޅަށް ފެންނަ ރަށެއް. އެމީހުންގެ މަސައްކަތްތެރިކަމުގެ ސަބަބުން ރަށަށް އިތުރު ތަނަވަސްކަމާއި ކުރިއެރުން ލިބެމުންދާ ރަށެއް. އާދެ، މިވަގުތު ސަރުކާރުން އަހަންމިއްޔަތުދޭ ބައެއް ނުކުތާތަކުގެ މައްޗަށް، މިފުރުޞަތުގައި ކިތަންމެ ކުޑަކޮށް ނަމަވެސް އަލިއަޅުވައިލުމަކީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެން. އެންމެ ފުރަތަމަކަމަކީ ރާއްޖެތެރެ ތަރައްޤީކުރުން. ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމަށް މިވަގުތު ދައުލަތުން ވަރަށް މަތީ އަހަންމިއްޔަތެއްދޭ. އެކަން އަޅުގަނޑުހިތުން ރާއްޖެތެރޭގެ ހުރިހާ އެންމެންނަށް ރަނގަޅަށް އެނގޭނެ. އަޅުގަނޑު ރައީސްކަމާ ހަވާލުވިއިރު ރާއްޖެތެރޭގެ ކަންތައްތައްވަނީ ވަރަށް އެކަށީގެންނުވާ ހިތާމަވެރި ދަރަޖައަކަށް ވެއްޓިފައި. އެއްވެސްކަހަލަ ކުރިއެރުމެއް، އެއްވެސްކަހަލަ ދިރުމެއް ރާއްޖެތެރެއިން ފެންނާކަށެއްނެތް. ތަޢުލީމުގެ ކަންތައްތައްވެސް އޮތީ މުޅިން ވަޅުޖެހިފައި. އިޖުތިމާޢީ ކަންތައްތައް އެއީ ހަމަ އެއްގޮތަކަށްވެސް ނެތް ކަންތައްތަކެކޭ ދެންނެވިދާނެ. އިޤުތިޞާދީ ކަންތައްތަކަށްވެސް ސަރުކާރުން އެހީވާންޖެހޭ މިންވަރަކަށް އެހީވަމަކުން ނުގެންދޭ. އެހެންކަމާއެކު ރާއްޖެތެރެ ކުރިއެރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު ވާޖިބު ކަމުގައި ކަނޑައެޅުމަކީ، އެ ވަގުތު ކަންތައްތައް އޮތް ގޮތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ކަށަވަރު.


އެހެންވުމާއެކު، މިހާރު ރާއްޖެތެރެ ތަރައްޤީކުރުމަށް ސަރުކާރުގެ ފަރާތުން ރާވައިގެން މި ހިންގާ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް މިހާރު އެހީލިބެމުން އެބަދޭ، ތަފާތު ކަންތައްތަކުގައި. މިސްކިތްތައް ބިނާކުރުން، މަދަރުސާތައް އެޅުން، ރަށްރަށުގައި ރަށުއޮފީސް ބިނާކުރުން، މުވައްޒަފުން އިތުރުކުރުން، ރަށުކޯޓު އުފެއްދުން، އެކި ރަށްރަށަށް ބޭނުންވާ އިތުރު ކަންތައްތައް. މިސާލަކަށް ފަޅުކޮނެ، ނެރުގޮއްވުން. މިކަހަލަ ކަންތައްތައްވެސް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުން.


އާދެ، އެއްގޮތަކުން ބަލާއިރު އަޅުގަނޑަށްވެސް ވަރަށް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ރަށެއް، މާވަށް އެއީ. ސަބަބަކީ އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އެންމެ ފުރަތަމަ އެހީއެއްގެ ގޮތުން ރާއްޖެތެރޭގެ ރަށަކަށް އެއްޗެއް ފޮނުވުނީ މިރަށަށް ކަމަށްވާތީ. އާދެ، މިދެންނެވި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެވެސް ކުރިން މިރަށުގެ އާދައިގެ ފަރުދަކު އަޅުގަނޑާ ބައްދަލުކޮށް މިރަށުގެ މިސްކިތުގެ ހާލު އޮޅުންފިލުވައިދިން. މިސްކިތަށް، މިސްކިތުގައި ޖަހާނެ ޓިނު ސަރުކާރުގެ ފަރާތުން ފޮނުވައިދިނީ 1979 ވަނަ އަހަރުގެ ތެރޭގައި، ވަރަށް ކުރީކޮޅުގައި. އެއީ މިދެންނެވި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެވެސް ކުރިން. އެހެންވީމާ، އެންމެ ފުރަތަމަ ރާއްޖެތެރޭގެ ރަށަކަށް ސަރުކާރުގެ ފަރާތުން އެހީވެދެވުނީ، މިދައުރުގައި މި ރަށަށް ކަމަށްވުން އެއީ ވަރަށް އެކަށީގެންވާ ކަމެއް.


ކޮންމެއަކަސް، އަޅުގަނޑު މިދެންނެވި ކަންތައްތައް މި މަޝްރޫޢުގެދަށުން މިހާރު ހިނގަމުން އެބަދޭ. މިރަށުގައިވެސް އޭގެ ބައެއް ކަންތައްތައް ހިނގަމުން އެބަދޭ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ އަތޮޅުގެ މަދަރުސާ. ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގަމުންދާ އަތޮޅުމަދަރުސާއެއް މިހާރު އެބަހުރި. އޭގެ ބޭނުމަކީ ރާއްޖެތެރޭގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ސަރުކާރުގެ ފަރާތުން ހޯދައިދިނުން. މީގެކުރިން އެފަދަ ފުރުޞަތުން މަޙްރޫމުވެފައި ތިބި، ވަރަށް ގިނަ އަދަދެއްގެ ކިޔަވާ ޢުމުރުގެ ކުދިން ރާއްޖެތެރޭގައި އެބަތިބި. އެކުދިންނަށް އެފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ނުވެ ނުދާނެ. ހަމައެފަދައިން، ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދޭ. އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށް އެހީވެދިނުން. އެގޮތުންވެސް މިރަށުގައި ދެން ހުރި އަނެއް ދެމަކްތަބަށް ސަރުކާރުން މިހާރު އެހީވަމުން އެބަގެންދޭ. ހަމައެއާއެކު، އަޅުގަނޑުމެންގެ އިޤުތިޞާދީ ކަންތައްތައް ކުރިޔަށް ގެންދިޔުމަށްޓަކައި ސަރުކާރުންކުރާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހޭ. އެންމެ ޚާއްޞަގޮތެއްގައި، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުންކުރާ މަސައްކަތްތައް. މަސްވެރިކަން ތަރައްޤީކުރުމުގެ ބޭނުމާދޭތެރޭގައި މާވަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު މާގިނަ ވާހަކަތަކެއް ދައްކާކަށްނުޖެހޭނެ. މިރަށުގެ ރައްޔިތުންނަކީ މަސްވެރި ބަޔަކަށްވާތީ، މަސްވެރިކަމުގެ ފައިދާ އަދި މަސްވެރިކަން ކުރިއެރުމުން ރަށުގެ ރައްޔިތުންނަށާއި މުޅި ރާއްޖެއަށް ލިބޭނެ އިޤުތިޞާދީ ފައިދާތައް މިރަށުގެ ރައްޔިތުންނަށް ވަރަށްރަނގަޅަށް ވަޒަންކުރެވޭނެ.


އާދެ، ކޮންމެއަކަސް މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. އަދި މަސްވެރިންނަށް ނުވަތަ އިންޖީނު ދޯނިފަހަރު ދުއްވާ މީހުންނަށް ތެޔޮލިބޭނެ އިންތިޒާމު ހަމަޖެއްސުން. މަހަށް ރަނގަޅު އަގެއް ހޯދައިދެވޭތޯ ބެލުން. ނިޔަމިކަމަށް އެހީވެދޭ ބައްތިތައް ރާއްޖެތެރޭގައި ޖެހުން. އަދި މި މަޝްރޫޢުގެދަށުން ރަށްރަށުގެ ފަޅުކޮނުމާއި، ނެރުގޮއްވުން. މިބާވަތުގެ ވަރަށް ގިނަ ކަންތައްތައް މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރު ކުރަމުން އެބަގެންދޭ. ދާދިފަހުން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އިޢުލާނު ކުރެވުނު ގޮތުގެ މަތިން، އާ އިންޖީނުވެސް މިހާރުވަނީ ލިބޭގޮތަށް ހަމަޖެހިފައި. އެހެންވީމާ، އެއީވެސް މަސްވެރިކަމަށް ލިބޭނެ، ވަރަށް ބޮޑު ދިރުމެއް ކަމުގައި އަޅުގަނޑު ދެކެން.


އާދެ، އެކަންކަމުން އެދެވޭ ފުރިހަމަ ނަތީޖާ ފެންނާނީ، ރައްޔިތުންގެ އެއްބާރުލުން ލިބުނު މިންވަރަކުން. އެހެންވީމާ، އެކަން މި ރަށުގެ ރައްޔިތުންވެސް ފާހަގަކުރެއްވުން އަޅުގަނޑު އެދެން. ސަރުކާރުގެ ފަރާތުން ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިން ކަމުގައިވިޔަސް އެ ދޯނިފަހަރުން މަސްވެރިކަމަށް ލިބެންޖެހޭ ދިރުމާއި، ތަރައްޤީ ލިބޭނީ އެ ދޯނިފަހަރުގައި އެކަށީގެންވާ ގޮތަކަށް މަސްވެރިކަން ކުރެވިގެން. އެހެން ދަންނަވަންޖެހޭ ސަބަބަކީ، ބައެއް ފަރާތްތަކުން މަސްވެރިކަން ފިޔަވައި އެހެން ކަންކަމަށް ދޯނިފަހަރު ބޭނުންކުރަމުން ގެންދާތީ. އެއީ އެމީހުން ސަރުކާރާ ކޮށްފައިވާ އެގްރިމެންޓާވެސް ޚިލާފުވާކަމެއް. އަދި ގަވާއިދުތަކާވެސް ޚިލާފުވާކަމެއް. އެހެންވީމާ، އެކަހަލަ ކަންތައްތައް މުޅިން ހުއްޓާލާފައި މަސްވެރިކަމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ މަޝްރޫޢެއްގެދަށުން އިންޖީނު ލިބޭ ފަރާތްތަކުން އެ ދޯނިތައް ދުއްވަންޖެހޭނީ އެގްރިމެންޓުގައި ކަނޑައެޅިފައިވާ މުއްދަތުގައި ހަމައެކަނި މަސްވެރިކަން ކުރުމަށް. އެނޫން އެހެން އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ އެމަޝްރޫޢުގެ މަޤްޞަދުތަކާވެސް މުޅިން ޚިލާފުކަމެއް. އަދި އަޅުގަނޑު ކުރިންވެސް ދެންނެވިހެން އެގްރިމެންޓާވެސް ޚިލާފުކަމެއް. ގަވާއިދުތަކާވެސް ޚިލާފުކަމެއް. އެހެންވީމާ، ސަރުކާރުން މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި މި ހިންގާ މަސައްކަތްތަކުގައި ރައްޔިތުންގެ އިޚުލާސްތެރި އެއްބާރުލެއްވުން އެއީ ވަރަށް ބޮޑަށް ބޭނުން އެއްޗެއް.


އާދެ، އިޤުތިޞާދީ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި މަސްވެރިކަން ފިޔަވައި އެހެން ކަންތައްތައްވެސް ކުރިއެރުވޭތޯ ސަރުކާރުން އެބަ މަސައްކަތްކުރޭ. ރާއްޖެތެރޭގައި ދިރިއުޅޭ މީހުން ކުރާ ތަފާތު މަސައްކަތްތައް ކުރިޔަށް ގެންދިޔުމަކީވެސް އިޤުތިޞާދީ ކުރިއެރުމުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރާނެ ކަމެއް. އެކި ރަށްރަށުގައި، ރަށުގައި މީހުން ތިބެގެން ޚާއްޞަކޮށް އަންހެނުން ކުރާ މަސައްކަތްތަކެއް ހުރޭ. އެ މަސައްކަތްތައްވެސް ވާނެ ތަރައްޤީކުރަން. އޭގެ ބޭނުމަކީ އެމަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރުން. އަޅުގަނޑުމެންގެ ހަރަދުތައްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ކޮންމެމީހަކުވެސް ކުރަންޖެހޭ ހަރަދުތައް ދަނީ ބޮޑުވަމުން. އެހެންވީމާ، އެމީހަކަށް ލިބޭ އާމްދަނީއެއްވެސް އިތުރުވެގެންނޫނީ މިހާރު އަޅުގަނޑުމެން މިއުޅޭ ފެންވަރުގައިވެސް ދިރިއުޅެވޭކަށް ނޯންނާނެ. އަދި ޚާއްޞަކޮށް އަޅުގަނޑުމެން މިހާރު ބޭނުމެއްނުވޭ، މިހާރު މިއުޅޭ ފެންވަރުގައި އުޅޭކަށް. ބޭނުންވަނީ މިހާރަށްވުރެވެސް ރަނގަޅު ފެންވަރެއްގައި ދިރިއުޅެން. އެހެންކަމަށްވަންޏާ އަދި މިހާރު އެކުރާ މަސައްކަތުގެ އިތުރަށް މަސައްކަތް ކުރަންޖެހޭނެ. މިހާރުގެ މަސައްކަތުން ލިބޭ އާމްދަނީއަށްވުރެ އިތުރު އާމްދަނީއެއް ލިބޭތޯ ބަލަންވާނެ.


އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ހުރިހާ ބާވަތެއްގެ މަސައްކަތްތައްވެސް ކުރިއަރުވައިގެން، ކުރުމަކީ އެމަސައްކަތްކުރާ ބަޔަކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެކަމެކޭ. އާދެ، ހަމައެއާއެކުގައި ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއްދިނުން އެއީ ކޮންމެހެން ބޭނުން ކަމެއް، ތަރައްޤީގެ އެންމެ ފުރަތަމަ ހަރުފަތަކީ ތަޢުލީމުކަމަށްވާތީ. އަޅުގަނޑު ހިތުން އެކަމާ ދޭތެރޭގައިވެސް މާދިގު ވާހަކަތަކެއް މިރަށުގައި ދައްކާކަށް ނުޖެހޭނެ. މިރަށުގައި ވަރަށް އެކަށީގެންވާ ގޮތަކަށް ހިންގާ ތިން މަދަރުސާ އެބަހުރި. މިއަތޮޅުގެ ބައެއް އެހެން ރަށްރަށުގައި އެފަދަ މަދަރުސާތަކެއް ނެތް. އެހެންވީމާ އެރަށްރަށުގައި އަޅުގަނޑު ވާހަކަދެއްކިއިރު، ތަޢުލީމު ކުރިޔަށް ގެންދިޔުމަށް ވަރަށްބޮޑަށް ބާރުއެޅޭތޯ ބެލިން.


އާދެ، ދެން އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނައިލަންޖެހޭކަމަކީ، އަޅުގަނޑުމެން އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، އަދި އެހެނިހެން ގޮތްގޮތުންވެސް ކުރިއަރަން މަސައްކަތްކުރާއިރު އަޅުގަނޑުމެންނަކީ ކޮންބައެއްކަން ފަހަރެއްގައިވެސް ހަނދާން ނައްތައިލައިގެން ނުވާނެޔޭ. އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރަންވާނެއޭ. އެހެންވީމާ އިސްލާމްދީނުގައި އަންގަވައިފައިވާ މަތިވެރި އުސޫލުތަކަށް ތަބާވެގެން، އެދީނުގައި އަންގަވައިފައިވާ ކަންތައްތައް ފުރިހަމައަށް އަދާކުރެވޭތޯ ބަލަންވާނެއޭ. ހަމައެފަދައިން، އެދީނުގައި މަނާ ކުރައްވައިފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބެވޭތޯ މަސައްކަތްކުރަންވާނެއޭ.


އާދެ، އިޖުތިމާޢީ ގޮތުން އިސްލާމްދީނުގައި އެކަށައަޅުއްވައިފައިވާ މަތިވެރި އުސޫލުތަކަށް ބޯލަނބަންޖެހޭނެ. އެންމެފުރަތަމަ އެންމެންގެ އެއްބަނޑުއެއްބަފާކަން. އެންމެންގެ އުޚުއްވަތްތެރިކަން. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި اللّـه سبحـانـه وتعـالى ވަނީ ލައްވައިފައި. އެކަން އަޅުގަނޑުމެން އަބަދުވެސް ދަނެގެން އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި އުޅެވޭތޯ ބަލަމާ ހިންގަވާށޭ! އެއްވެސް މީހަކު އެމީހަކު އެކުރާ ކަމަކުން ނުވަތަ ބުނާ އެއްޗަކުން އެހެން މީހަކަށް އެއްވެސްކަހަލަ ގެއްލުމެއް ނުލިބޭގޮތަށް އެމީހާގެ ޢަމަލުތަކާއި ބަސްތައް ބަހައްޓަމާ ހިންގަވާށޭ! ކޮންމެ މީހަކުވެސް ދެކެންވާނީ އެހެން މީހުންނަކީ ތިމާގެ އަޚުން ކަމުގައި. ނުވަތަ ތިމާގެ އުޚުތުން ކަމުގައި. އެހެން މީހަކަށް ގެއްލުމެއްވާނެ އެއްވެސްކަމެއް ތިމާ ކޮށްގެންނުވަނެ. ތިމާގެ އަމިއްލަ ކަންތައްތަކަށް ފަރުވާތެރިކަމާއެކު ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ކަންތައްތަކަށްވެސް ފަރުވާތެރިކަމާއެކު ރައްކާތެރިވާން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. އިސްލާމީ މުޖުތަމަޢެއްގައި ކަންތައް އޮންނަންވާނީ އެހެން. އެއްވެސްކަހަލަ ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް، ފިތުނަވެރިކަމެއް އޮވެގެންނުވާނެ. ފިތުނަވެރިކަމާއި، ދެކޮޅުވެރިކަމާއި، ރުޅިވެރިކަން އުފެދިއްޖެކަމަށްވަންޏާ އެމުޖުތަމަޢަކަށް އެއްވެސް ހާލެއްގައި ކުރިޔަކަށް ނުދެވޭނެ. އެކުވެރިކަން އެއީ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ. އެހެންވީމާ، އެކުވެރިކަން އާލާކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ. އެކުރާ މަސައްކަތަކީ ހަމައެކަނި ވަކިމީހެއްގެ ވާޖިބެއް ކަމުގައި ހަދައިގެން ނުވާނެ. އެއީ ހަމައެކަނި ވެރިކަންކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައި އަޅުގަނޑުމެން ބަލައިގެންނުވާނެ. އާދެ، ވެރިކަންކުރާ ފަރާތުން އެކަމަށް އިރުޝާދުދޭނެ. އެހެންނަމަވެސް އެކަމުގައި ބައިވެރިވާންޖެހޭނީ ހަމަ ރައްޔިތުން. ރައްޔިތުންގެ ހުރިހާ އަފުރާދުން، އެންމެން. އެންމެން މަސައްކަތް ކޮށްގެންނޫނީ ރަށުގައި އެކުވެރިކަމާއި އެއްބާރުލުމެއް ނުއުފެއްދޭނެ.


އެހެންވީމާ، އަޅުގަނޑުގެ ނަސޭޙަތަކީ މާވަށުގެ ރައްޔިތުންވެސް މިދެންނެވި ނުކުތާތަކުގެ މައްޗަށް ވިސްނަވައިގެން، މިރަށުގެ ރައްޔިތުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވުން. މިހާރުވެސް އެއީ އެއްބަނޑުއެއްބަފާ ބައެއް. އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ކަނޑައަޅަނީކީ އަޅުގަނޑެއް ނޫން. އެކަން މާކުރިއްސުރެ ކަނޑައަޅުއްވައިފައިވަނީ اللّـه سبحـانـه وتعـالى. ﷲ ވަޙީކުރައްވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ .] ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." އެހެންވީމާ، އެއީ މާކުރިއްސުރެ ކަނޑައެޅިފައިވާ ކަމެއް. އެކަން އަޅުގަނޑުމެން ގަބޫލުކުރަންވީ. އެއާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަންވީ. އެގޮތަށް އަޅުގަނޑުމެން ޢަމަލުކޮށްފިކަމަށްވަންޏާ އަޅުގަނޑުމެންނަށް މިދުނިޔޭގައި މިކުރާ މަސައްކަތްތަކުގެ ފައިދާވެސް اللّـه سبحـانـه وتعـالى ދައްކަވާނެ. އަދި އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ ފައިދާ މީގެ ފަހު ދުވަހެއްގައި، އާދެ، އާޚިރަތް ދުވަހުންވެސް اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދައްކަވާނެ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މިދެންނެވި ނުކުތާތަކުގެ މައްޗަށް، މިރަށުގެ ރައްޔިތުން ވިސްނަވާނެކަމަށް ޔަޤީންކުރަމުން. އަދި އެއްދުވަހުން އަނެއްދުވަހަށް ރަށާއި، އަތޮޅު، ތަރައްޤީކުރުމަށްޓަކައި، މި ރަށުގެ ހުރިހާ ރައްޔިތުންނާއި ވެރިން، އަދި މި އަތޮޅުގެ އެންމެހައި ރައްޔިތުންނާއި، ވެރިން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ އުންމީދުގައި.


والسّلام عليكم ورحمـة اللّـه وبركاته.