بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، الصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.

ހައްދުންމަތީގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ޒިޔާރަތެއްގައި، އަޅުގަނޑު މިހާރު އައިސް މިހުރީ މުންޑޫގައި. މުންޑޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނީ ވަރަށްވެސް ޚާއްޞަ ތަރުޙީބެކޭ ދެންނެވިދާނެ. އާދެ، އަޅުގަނޑު މިރަށަށް މިއަދު އައުމަށް ހަމަޖެހިފައިވުމާއެކު، އެކަމަށްޓަކައި ރަށުތެރެވަނީ ވަރަށްބޮޑަށް ޒީނަތްތެރިކުރައްވައިފައި. ހަމައެކަނި ރަށުތެރެއެކޭ ދެންނެވޭކަށްވެސް ނެތް. މޫދުގައިވެސް ވަރަށްގިނަ އަދަދަކަށް ދިދަ ޖައްސަވައި، ތަރުޙީބުގެ ޢިބާރާތްތައް އެތަންމިތާނގައި ދަންމަވައި، ވަރަށްގިނަގޮތްގޮތުން މި މުނާސަބަތު ފާހަގަކުރެއްވުމަށް މިރަށުގެ ވެރިންނާއި ރައްޔިތުން މަސައްކަތް ކުރައްވައިފައިވޭ.

އާދެ، އަޅުގަނޑު ވަރަށްގިނަ ރަށްރަށުގައި ބުނަން، އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުކުރާ ދަތުރުތަކުގެ މުނާސަބަތުގައި ރައްޔިތުން އެއްވެސްކަހަލަ ބުރައެއް ނުވަތަ ތަކުލީފެއް އުފުއްލެވުމަކީ އަޅުގަނޑު އެދޭ ކަމެއްނޫނޭ. ސަބަބަކީ އަޅުގަނޑު ރާއްޖެތެރެއަށް މިދަނީ ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، ރާއްޖެތެރޭގެ ރައްޔިތުންގެ ހާލު އަހުވާލު ހުރިނެތްގޮތް ސާފުކުރުމަށްޓަކައި ކަމަށްވާތީ. އަދި ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގައި އެހީވެދީ، އެމީހުންނަށް ކަންތައްތައް ލުއިފަސޭހަކޮށްދިނުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ކަމަށްވާތީ. އެކަން އެހެން އޮއްވައި، އަޅުގަނޑު އައުމުގެ ސަބަބުން އިތުރު ބުރައެއް ނުވަތަ އިތުރު އުނދަގުލެއް ރައްޔިތުންނަށް މެދުވެރިވާގޮތްވުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް އެދޭ ކަމެއްނޫން. އެހެންނަމަވެސް، މިކަންތައްތައް މިރަށުގެ ވެރިންނާއި އަދި ރައްޔިތުން ކުރައްވައިފައިވަނީ އިޚުލާސްތެރިކަމާއެކުގައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، ވެރިންނާއި ރައްޔިތުންގެ ހިތްތަކުގައި ދިވެހި ދައުލަތާ ދޭތެރޭގައި އުފެދިފައިވާ އިޚުލާސްތެރި ކަމެއްގެ ބޮޑުކަމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، މިކަމަށްޓަކައި އުފާކޮށް އަދި މުންޑޫގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.

އާދެ، މުންޑޫއަކީ ހައްދުންމަތީގެ ރަށްތަކުގެ ތެރެއިން މަސްވެރިކަމުގެ ރަށެއް. މަސްވެރިކަމުން މިރަށަށް އާމްދަނީ ލިބެމުންދާ ރަށެއް. އާންމުކޮށް، ރާއްޖޭގެ ރަށްތަކާ އަޅާބަލާއިރު، ތަނަވަސްކަމުގެ ގޮތުން ކުރިއަށް ޖެހިލައިފައިވާ ރަށެއް. އެހެންވުމާއެކު، މިރަށުގެ ރައްޔިތުން މަސްވެރިކަމަށް މިހާރު ދެއްވަމުން ގެންދަވާ އަހަންމިއްޔަތުގެ އިތުރަށް، އަދި ކުރިއަށް އޮތް ތާނގައިވެސް އަހަންމިއްޔަތު ދެއްވަންޖެހޭނެ ކަމަށް ފެނޭ. ސަބަބަކީ މަސްވެރިކަން އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤުތިޞާދު، އެ މަސައްކަތެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު މަސައްކަތް ކަމަށްވާކަން.

އާދެ، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަން، މުންޑޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. ވަރަށްގިނަ މަޝްރޫޢުތައް ސަރުކާރުން ރާވައި، އެކަމަށްޓަކައި ބޭރުން ހޯދަންޖެހޭ އެހީތައް ހޯދައި، އެ މަސައްކަތްތަކުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި ރަށްރަށަށް އިތުރު ތަނަވަސްކަން ހޯދައިދެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. އެ މަސައްކަތްތަކުގެ ނަތީޖާ އެދެވިގެންވާ ގޮތުގައި ފެންނާނީ، މަސްވެރިންވެސް އެކަމުގައި އެއްބާރުލެއްވި މިންވަރަކުން.

އާދެ، މިހާރުވެސް ސަރުކާރުން ހިންގާ އެއް މަޝްރޫޢެއް ކަމުގައިވާ މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ މަޝްރޫޢު ދަނީ ކުރިއަށް. ކުރިން އިންޖީނު ނުލިބި ތިބި މީސްމީހުންނަށްވެސް މިހާރު އިންޖީނު ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައި. ދާދިފަހުން މަސްވެރިންގެ ދުވަހުގައި މިނިސްޓްރީ އޮފް ފިޝަރީޒުން އިޢުލާނު ކުރެއްވި ފަދައިން، މިހާރު އިތުރަށް އިންޖީނަށް އެދޭމީހުންނަށް އިންޖީނު ލިބޭގޮތަށްވަނީ ހަމަޖެހިފައި. ހަމައެއާއެކު، ރާއްޖެތެރޭގެ އިންޖީނުދޯނިފަހަރު ދުއްވާ މީހުންނަށް، އެމީހުން ބޭނުންވާ އަދަދަށް ތެޔޮ ލިބޭނެ އިންތިޒާމުތައްވެސް ދަނީ ސަރުކާރުން ހަމަޖައްސަމުން. އެގޮތުން ކޮންމެ އަތޮޅެއްގައިވެސް ބައެއް ރަށްރަށުގައި ތެޔޮ ބަހައްޓާނެ ތާނގީތަކެއްވަނީ ސަރުކާރުން ހަދައިފައި، އެތަންތަނަށް ފޮނުވައިފައި. އެ ތާނގީތައް ވަނީ ހުރިހާ ރަށެއްގައި ބެހެއްޓިފައިވެސްމެ. ބައެއް ރަށްރަށަށް މިހާރު ތެޔޮ ފޮނުވަމުން އެބަގެންދެވޭ. އެހެންނަމަވެސް، ހުރިހާ ރަށަކަށް އަދި އެ ތެޔޮ ފޮނުވުމުގެ އިންތިޒާމު ހަމަނުޖެހިއޮތުމާއެކު، ހުރިހާ ރަށަކަށް އަދި ތެޔޮ ލިބޭގޮތެއްނުވޭ. ކޮންމެއަކަސް މިރަށުގެ ނިސްބަތުގައި މާބޮޑު މައްސަލައަކަށްވާނެ ކަމަކަށް ނުފެނޭ. އެއީ އަބަދުވެސް މިތާނގައި މަސްކިރާ ބޯޓުފަހަރު އޮވޭ. އެހެންވުމާއެކު، އެ ބޯޓުފަހަރުން އެދޯނިފަހަރަށް ބޭނުންވާނެ ތެޔޮ އަބަދުވެސް ލިބޭނެ އިންތިޒާމުތައްވެސް އޮންނަނީ ހަމަޖެހިފައި. ކޮންމެއަކަސް ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށްގިނަ ރަށްރަށަށް، އެކަހަލަ ފަސޭހަތައް ކުރިމަތިވެފައެއްނޯވޭ. ވަރަށްގިނަ ރަށްރަށުގެ މައްސަލައަކަށްވެފައި އޮންނަނީ ބޯޓެއްނެތުން. އެމީހުން ބާނާމަސްވެސް ކިރުވޭގޮތްނުވުން. ހަމައެއާއެކު، އެމީހުން މަހަށްދިޔުމަށްޓަކައި ބޭނުންވާ ތެޔޮވެސް ނުލިބި އޮތުން. އެހެންވީމާ، ތެލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި ސަރުކާރުން މިދެންނެވި ގޮތަށް ތާނގީތަކެއް ތައްޔާރުކޮށް، ރަށްރަށުގައި ބަހައްޓައިފައިވަނީ.

އާދެ، އެހެންވީމާ، މިރަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރާއިރު، މަސްވެރިކަން ކުރިއަށް ގެންދިޔުމަށް މާބޮޑު އިލްތިމާސެއް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ މިރަށަކީ މަސްވެރިކަމުން ދިރިއުޅެމުންދާ ރަށަކަށްވާތީ، މިރަށުގެ ރައްޔިތުންނަށްވެސް އޭގެ ބޭނުމާއި، އޭގެ ފައިދާ ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ.

އާދެ، މިހާރު ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވަނީ ހަމައެކަނި މަސްވެރިކަމެއް ނޫން. މަސްވެރިކަމަކީ، އިޤުތިޞާދީ ކުރިއެރުމަށް ބޭނުންވާ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖެ އިޖުތިމާޢީ ގޮތުން ކުރިއަށްދާން ވަނީ ބޭނުންވެފައި. އެހެންވުމާއެކު، މަސްވެރިކަން ފިޔަވައި އެހެނިހެން ވަރަށްގިނަ ރޮނގުރޮނގުންވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. އަދި ވޭތުވެދިޔަ ވިހި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެތެރެ ކުރިއަށް ގެންދިޔުމަށް އެއްވެސްކަހަލަ މަސައްކަތެއް ދައުލަތުން ކުރެވިފައި ނެތުމާއެކު، މިހާރު ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް، މި ދައުރުގައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން މަސައްކަތް ދަނީ ކުރިއަށް. އާދެ، އެ މަޝްރޫޢުގެ ދަށުން އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދިނުން ހަމަޖެހިފައިވޭ. އޭގެތެރޭގައި މިސްކިތްތައް ޢިމާރާތް ކުރުން، ބާވެފައި ހުންނަ މިސްކިތްތައް މަރާމާތު ކުރުން، ރަށްރަށުގައި ހުންނަ ރަށުއޮފީސްތައް މަރާމާތު ކުރުން، ނޫނީ ރަށުއޮފީސް އަލުން އިމާރާތް ކުރުން. ބައެއް ރަށްރަށުގެ ފަޅުކޮނުން، ނެރުގޮއްވުން. އަދި ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިންގާ މަދަރުސާއެއް ހިންގުން. ވަކި ދުވަސްތަކެއް ވަންދެން މެދުނުކެނޑި ހިނގަމުން އައިސްފައިވާ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުން އެހީވެދިނުން. އަތޮޅުއޮފީސްތަކަށާއި ރަށުއޮފީސްތަކަށް މުވައްޒަފުން ލައްވައި، އެމީހުންގެ މުސާރަ ހަމަޖައްސައިދީ، އެތަންތާނގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ހިނގަމުންދާނެ ގޮތްތައް ހަދައިދިނުން. މިބާވަތުގެ ވަރަށްގިނަ ކަންތައްތައް، މިދެންނެވި މަޝްރޫޢުގެ ދަށުން ހިނގަމުން އެބަދޭ.

އާދެ، އެއީ ތިން އަހަރުދުވަހަށް ކަނޑައެޅިފައިވާ މަޝްރޫޢަކަށްވިޔަސް، އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ކަންތައްތައް ހުރިގޮތުން، ތިން އަހަރުދުވަހުގެ ތެރޭގައި އެކަންތައްތައް ނިންމައިލެވޭވަރެއްނުވި. އެހެންވީމާ، އެ ތިން އަހަރުވި ކަމުގައިވިޔަސް، މި މަޝްރޫޢު ދާނީ ކުރިއަށް. އެއީ އެންމެ ތިން އަހަރުދުވަހުން، ކުރަންވެފައިވާ ހުރިހާ ކަމެއް ނުކުރެވޭނެތީ. މިރަށަކީވެސް ވަރަށް، ފަޅުގެ ގޮތުން ދަތި ރަށެއް. މިހިސާބުގަނޑުގެ ރަށްރަށް އެހެން އެބަހުރި. ފަޅުކޮނުން ނުވަތަ ނެރުގޮއްވުން. މިއީ ހަމަ ކޮންމެހެން ބޭނުންކަމަކަށް އޮންނަނީ ވެފައި. މިދެންނެވި މަޝްރޫޢުގެ ދަށުން މިރަށުގައި ނެރުގޮއްވުން ހިމެނިފައިވޭ. އޭގެ މަސައްކަތް އަދި ނުކުރެވި އޮތް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އެ މަސައްކަތް ކުރެވޭނެ. އެކަން ލަސްވާ ސަބަބަކީ ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށަށް އެކަންތައް ބޭނުންވާތީ. ވަރަށްގިނަ އަތޮޅުތަކުގައި ވަރަށްގިނަ ރަށްރަށް އެބަހުރޭ. ހަމަ މިރަށް މިއޮންނަގޮތަށް، އެ ރަށްރަށަށް އަރައި ފޭބުމަކީ ވަރަށް ދަތިގޮތަކަށް އޮންނަ ކަމެއް. އެހެންވީމާ، އެހެން ހުންނަ ރަށްތައް ގިނަކަމުން، އަދި އެ މަސައްކަތަކީ ވަރަށް ޚާއްޞަ މަސައްކަތަކަށްވެފައި، ވަކި ދުވަސްވަރެއްގައި ނޫނީ ނުކުރެވޭކަހަލަ މަސައްކަތަކަށްވާތީ، ތަންކޮޅެއް ދިގުލައިގެންދަނީ. މިހާރުވެސް ފުވައްމުލަކުގައި އެ މަސައްކަތް އެބަކުރެވޭ. އޭގެފަހުން ދެން ރާއްޖެތެރޭގެ އެހެން ރަށްރަށުގައިވެސް ކުރެވޭނެ. އަދި އޭގެކުރިން އުތުރުގެ އަތޮޅެއްގައިވެސް އެ މަސައްކަތް ކުރެވިއްޖެ. އެހެންވީމާ، އެކަން އެއީ އިރާދަކުރެއްވިއްޔާ ވާނެ ކަމެއް.

އާދެ، އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް، އެރަށްރަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރަން، ހަމައެކަނި އެންމެ މަސައްކަތެއްގެ މައްޗަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓައިލައިގެން ނުތިބުމަށް. އެއީ، މަސްވެރިކަން އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު، އެންމެ، އެއިން އެދެވޭ އާމްދަނީއެއް ލިބޭ މަސައްކަތް ކަމުގައިވިޔަސް، މަސްވެރިކަން ނުހުންނަ ބައެއް ދުވަސްތައްވެސް އަންނާނެ. އެހެންވުމާއެކު، ތަފާތު ގިނަ މަސައްކަތްތައް ދަސްކޮށްގެން، އެ މަސައްކަތް ކުރަމުން ގެންދިޔައްޔާނޫނީ، ކުއްލިއަކަށް އަޅުގަނޑުމެންނަށް ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހިދާނެ. އެހެންވީމާ، މިރަށުގެ ރައްޔިތުންނަކީވެސް މަސްވެރި ބަޔަކަށްވިޔަސް، ރަށުގައި ކުރެވެންހުރި އެހެން ބާވަތްބާވަތުގެ މަސައްކަތްވެސް ވާނެ ކުރައްވަން. އެ މަސައްކަތްތައް ކުރުމުން، އޭގެ ފައިދާ ލިބޭނީ ހަމަ އެ މަސައްކަތްކުރާ ބަޔަކަށް.

ހަމައެފަދައިން، ތަޢުލީމު އެއީ ވަރަށްބޮޑު އަހަންމިއްޔަތެއް އަޅުގަނޑުމެން ދޭންޖެހޭނެ އެއްޗެއް. ކުރިން މިރަށުގައި ވަރަށްގިނަދުވަސް ވެއްޖެ، މަކްތަބެއްނެތި އޮންނަތާ. އެހެން އޮވެފައި، މިވޭތުވެދިޔަ ގާތްގަނޑަކަށް ތިން އަހަރުދުވަހުގެ ތެރޭގައި އަލުން މަކްތަބެއް ހެދި، އެ މަކްތަބު މިހާރު ހިނގަމުންދަނީ. އަޅުގަނޑުގެ ނަޞޭޙަތަކީ، އެ މަކްތަބު ވީ އެންމެ ރަނގަޅަކަށް ރަށުގެ ހުރިހާ ރައްޔިތުން އެއްބާރުލައްވައިގެން ކުރިއަށް ގެންދެވުން. އެއީ އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމު ދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކަށްވާތީ. އެއީ ހަމައެކަނި ތަރައްޤީގެ މަގުގައި ކުރަންޖެހޭ ކަމެއް ނޫން. ދީނީގޮތުން ބެލިނަމަވެސް އެއީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް. ކޮންމެ ބައްޕަޔަކަށް އަދި ކޮންމެ މަންމަޔަކަށް ވާޖިބުވެގެންވާނެ، އެމީހުންގެ ދަރިންނަށް ކިޔަވައިދިނުން. އެންމެކުޑަމިނުގައި ދީނުގެކަންތައްތައް އޮޅުންފިލުވައިދިނުން. އެހެންނޫނީ އެމީހުންނަށް ދީނުގެ ކަންތައްތަކެއްވެސް ނޭނގޭނެ. ނަމާދުކުރާކަށް ނޭނގޭނެ، ރޯދަހިފާކަށް ނޭނގޭނެ. އަދި އެނޫންކަމެއް ކުރާކަށްވެސް ނޭނގޭނެ. އެހެންވީމާ، އެހުރިހާ ކަމެއްގެ ޒިންމާ އެޅޭ ބަޔަކީ މައިންބަފައިން. ދަރިން އެ ތިބެނީ ތައްޔާރަށް، ކިޔަވަން. މައިންބަފައިންގެ ކިތަންމެކުޑަ އެހީއެއް އޮތް ކަމުގައިވިޔަސް، ދަރިންނަށް ކިޔެވޭނެ.

އެހެންވީމާ، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ތަނަވަސްކަމެއް ދެއްވައިފައި އޮތުމުގެ ސަބަބުން އެބާވަތުގެ ކަންތައްތައް ކުރިއަށް ގެންދެވެން އޮއްވައި، ކުރިއަށް ނުގެންގޮސް ތިބުމަކީ ވަރަށް ނޭދެވޭ ކަމެއް. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި އަމިއްލަ މަކްތަބުތަކާއި މަދަރުސާތައް، ވަރަށް ކުރިއްސުރެ ހިނގަމުން އެބަދޭ. ވަރަށް ރަނގަޅު ފެންވަރަކަށް ބައެއް ތަންތަން ހިނގަމުންދޭ. އެތަންތަން ވެދާނެ، ފަހަރެއްގައި ބައެއް އެހެން ރަށްރަށަށްވުރެ، ތަނަވަސްކަމުގެ ގޮތުން ދެރަ ރަށްރަށް ކަމުގައި. އެހެންނަމަވެސް، އެމީހުންގެ ހިތުގައި ތަޢުލީމަށް އޮންނަ ލޯތްބެއްގެ ސަބަބުން އެކަންތައްތައް އެމީހުން ކުރިއަށްގެންދަނީ. އަޅުގަނޑުމެން މިރަށުގެ ރައްޔިތުންގެ ހިތުގައިވެސް ތަޢުލީމަށް އެފަދަ ލޯތްބެއް އޮންނަންވާނެ. އަދި ތަޢުލީމަށްޓަކައި ކޮންމެވެސްވަރަކަށް އަޅުގަނޑުމެން ޤުރްބާނީވެސްވާންވާނެ. އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދެއްވާ ތަނަވަސްކަމަކުން، އެކަލާނގެ އެންގެވި ކަމެއް ކުރުމަށް ހޭދަކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ފަސްޖެހިގެންވާނެ ކަމެއް ނޫން. އަމިއްލަގޮތުން މަކްތަބުތަކާއި މަދަރުސާތައް ހިންގާ ފަރާތްފަރާތަށް ސަރުކާރުންވެސް ގެންދަނީ އެހީވަމުން. ވަރަށްގިނަ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް މިހާރު އެކި ބާވަތްބާވަތުގެ އެހީވެދޭ. ހަމައެކަނި މެދުނުކެނޑި 10 އަހަރުވެފައި ހުންނަ ތަންތަނަކަށް ނޫން. އެނޫން ތަންތަނަށްވެސް އެކިއެކި ބާވަތްބާވަތުގެ އެހީއާއި ޢިނާޔަތް ސަރުކާރުން ދެމުންދޭ.

އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް ރަނގަޅަށް މަކްތަބުގެ ކަންތައްތައް ހިންގަވާ ކަމަށްވަންޏާ، ސަރުކާރުގެ ފަރާތުން އެހީ ލިބޭނެ. އެއްވެސް ހާލެއްގައި ތަޢުލީމަކީ ބޭނުންނެތް އެއްޗެއްކަމުގައި ހިތްތަވައިގެންނުވާނެ. އެއީ ތަޢުލީމު އެއީ އަޅުގަނޑުމެންގެ ކުދިންގެ މުސްތަޤްބަލް އޭގެ މައްޗަށް ބިނާވެފައިވާކަމެއް. އަޅުގަނޑުމެން ވިސްނަންވީ ހަމައެކަނި އަޅުގަނޑުމެންގެ މިހާރުގެ ދިރިއުޅުމަކަށް ނޫން. އަޅުގަނޑުމެން ވިސްނަންވީ މާދަމައަށް. ކުދިން ބޮޑެތިވެގެން އެމީހުން ކުރާނެ ޝަކުވާއަށް. އެމީހުންގެ މައިންބަފައިން އެމީހުންނަށް އަޅައިނުލައި، އެމީހުންގެ ތަޢުލީމަށްޓަކައި އެއްވެސް އެއްޗެއް ހަރަދު ނުކުރުމުގެ ސަބަބުން ކުދިން ބޮޑެތިވެގެން، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވާއިރު ތިބޭނީ އެއްވެސް ތަޢުލީމެއް ނުލިބި. އެދުވަހު އެމީހުން ކުރާނެ ޝަކުވާތަކަށް މިހާރު ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ވިސްނަވަންވާނެ. އަދި ކޮންމެ މީހަކުވެސް އެދޭނީ، އެމީހެއްގެ ދަރިން ބޮޑެތިވެގެން އެއީ ރަނގަޅު ބަޔަކަށްވާން. އެއްވެސް މީހަކު ނޭދޭނެ، ތަންދޮރު ނުދަންނަ ޖާހިލަކަށް، އެމީހާގެ ދަރިޔަކުވާކަށެއް. އެހެންވީމާ، އެކަންވެސް މިހާރު އަޅުގަނޑުމެން ހަނދާންކޮށްގެން މިހާރު މިތިބަ ކުދިންނަށް ކިޔަވައިނުދިނިއްޔާ، މުސްތަޤްބަލުގައި އޮންނާނީ ހިތާމަކުރަންޖެހިފައި.

އާދެ، އަޅުގަނޑު ޝައްކެއް ނުކުރަން، އަޅުގަނޑު މި ދައްކާ ވާހަކަތަކަށް މިރަށުގެ ރައްޔިތުންގެ ފަރާތުން ޢަމަލީ އިޖާބައެއް ލިބޭނެކަމާމެދަކު. އާދެ، ހަމައެއާއެކު، އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އެހެން ކަމެއްވެސް އެބައޮތް. އެއީ ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ހިސާބަކަށް ހަމަނުޖެހުން، ދޭތެރެދޭތެރެއިން އުފެދޭ. އޭގެތެރެއިން އެއްރަށެއް މިރަށް މިއީ، މުންޑޫ. އެއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެމެދުގައި އެބާވަތުގެ ކަންތައްތައް ހުރެގެނެއްނުވާނެ. ހުންނަންވީ އެއްވެސް ސަބަބެއްނެތް. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އެކަހަލަ ކަންތައްތައް އުފެދުމުގެ ސަބަބުތައް ހުރޭ. މިސާލަކަށް، ތަފާތު ދީންތަކުގެ އަހުލުވެރިން ދިރިއުޅޭ ޤައުމަކަށްވެދާނެ، ނުވަތަ ތަފާތު ބަސްބަހުން ވާހަކަދައްކާ، ތަފާތު ނަސްލުތަކުން އައިސްފައިތިބޭ ބަޔަކަށް ވެދާނެ، އެހެން ތަންތާނގެ މީހުންނަކީ. އެހެންވީމާ، އެމީހުންގެ މެދުގައި ދެކޮޅުވެރިކަން އުފެދޭނެ، ނުވަތަ ހަމަނުޖެހުން އުފެދޭނެ ސަބަބުތަކެއް އެބަހުރޭ. އަޅުގަނޑުމެންނަށް ބަލާއިރު، އަޅުގަނޑުމެންނަކީ ވަރަށް ނަޞީބުވެރި ބައެއް. އަޅުގަނޑުމެންނަކީ އެއް ދީނެއްގެ އަހުލުވެރިން. އެންމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ ރައްޔިތުން. އެންމެންނަކީ ދިވެހިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އެއްކަހަލަ ގޮތަކަށް ދިރިއުޅެމުން އައިސްފައިވާ ބައެއް.

އެހެންވީމާ، އަޅުގަނޑުމެންގެމެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަންދޭންވީ ސަބަބެއްނެތް. އަޅުގަނޑުމެން ވާންޖެހޭނީ އަޅުގަނޑުމެންގެ މާތްދީނުގައި އަންގަވައިފައިވާ ގޮތަށް، އަޚުންތަކެއް ކަމުގައި. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ.] [ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ.] ރަސޫލާ ޙަދީޘްކުރައްވަނީ، [المسلم أخوالمسلم.] [ކޮންމެ މުސްލިމަކީ ދެން ތިބި މުސްލިމުންގެ އަޚެކޭ.] އެހެންވީމާ، އަޚުންގެ މެދުގައި އޮންނަންޖެހޭފަދަ ހަމަޖެހުމާއި، އެއްބާރުލުމާއި، އެކުވެރިކަން އަޅުގަނޑުމެންގެ ކޮންމެ ޖަމާޢަތެއްގެމެދުގައިވެސް އޮންނަންވާނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ. ކޮންމެ މީހެއްވެސް ތިމާގެ އަމިއްލަ ގެދޮރަށާއި މުދަލަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ގެދޮރަށާއި މުދަލަށްވެސް ރައްކާތެރިވާންވާނެ.

މިދޭތެރެއިން މިރަށުގައި އެކަހަލަ ކަމެއް، ހަމަނުޖެހުމެއް ހިނގައިފި. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރަން. އެއިން އެލިބޭ ގެއްލުން، އެފަދަ ކަންކަމުން ލިބޭ ގެއްލުން އެއީ ވަކިމީހަކަށް ލިބޭ ގެއްލުމެއް ކަމުގައި ބެލޭކަށް ނޯންނާނެ. މިސާލަކަށް، އެކަހަލަ ކަމެއްގެ ސަބަބުން ދޯންޏެއް އަނދައިގެން ދިޔައީ. އެހެންވީމާ، އެއީ ހަމައެކަނި އެ ދޯނީގެ ވެރިފަރާތަށް ލިބުނު ގެއްލުމެއް ކަމުގައި ކިހިނެއްތޯ ބެލޭނީ؟ އެއީ އެ ދޯނި ހުރުމުން، މުޅި ރަށަށް އެލިބޭ ފައިދާއާއި، އެލިބޭ ފަސޭހަތަކުން މަޙްރޫމުވަނީ. އަދި އެ ދޯނި ހުރުމުން، އޭގެ ސަބަބުން ދިރިއުޅުމަށް ތަނަވަސްކަން ލިބޭނެ އެތައް ބަޔަކަށް، އެ ތަނަވަސްކަން ލިބޭނެ ގޮތްތައް މަނާކުރެވުނީ. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ކުރުން އެއީ ވަރަށް ނޭދެވޭ ކަމެއް. އަޅުގަނޑުމެން ކަހަލަ އިސްލާމީ މުޖުތަމަޢެއްގައި އެއްގޮތަކަށްވެސް ހުރެގެންވާނެ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި މިރަށުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން، އެއްވެސްކަހަލަ ހަމަނުޖެހުމެއް މިރަށުގައި ދެން މީގެފަހުން ނުއުފެއްދޭތޯ ބެއްލެވުމަށް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކު، އެއީ ހަމަ އެއްބަނޑުއެއްބަފާ އަދި އެކުވެރިގޮތުގައި ދިރިއުޅެން ތިބި މީހުންކަން. ކޮންމެ ޖަމާޢަތެއްގައިވެސް ނޭދެވޭގޮތަށް ޢަމަލުކުރާނީ ވަރަށްމަދު ބަޔަކު. އެހެންވުމާއެކު، މިރަށުގައިވެސް އެކަހަލަ ބަޔަކު އުޅޭކަމަށްވަންޏާ، މިއަދުން ފެށިގެން އެމީހުންގެ ޢަމަލުތައް އިޞްލާޙު ކުރުމަށް އަޅުގަނޑު ނަޞޭޙަތްތެރިވެ އިލްތިމާސް ކުރަން.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި، މިދެންނެވި ކަހަލަ އުޚުއްވަތްތެރިކަމުގެ ގުޅުމެއް އޮންނަ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާވެސް އަޅުގަނޑުމެންނަށް ފެންނާނެ. ދިރިއުޅުން ތަރައްޤީ ކުރުމަށާއި، މަޢީޝަތު ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ކުރަމުންގެންދާ ކަންތައްތަކުން ނަތީޖާތައް ލިބެމުންދާނެ. އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ދާނީ ކުރިއަށް. އެއާޚިލާފަށް އަޅުގަނޑުމެންގެމެދުގައި ފިތުނަ އުފެދި، މީހުން ބައިބައިވެ، ހަމަނުޖެހުން އަޅުގަނޑުމެންގެ މެދުގައި އޮންނަ ކަމަށްވަންޏާ، ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެ ކުރާ މަސައްކަތެއްގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ.] [ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަރައިރުންވެ، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުހަދައި ވަކިވަކިނުވާހުށިކަމެވެ. އެހެންވެއްޖެނަމަ، ތިޔަބައިމީހުން ނާކާމިޔާބުވާހުއްޓެވެ. އަދި ތިޔަބައިމީހުންގެ ބާރު ގެއްލިގެންދާހުއްޓެވެ.] ކިތަންމެ ބާރުގަދަ ޤައުމެއްވެސް، ޖަމާޢަތެއްވެސް އެމީހުންގެމެދުގައި އެކުވެރިކަން ނެތްކަމަށްވަންޏާ، އެ ބާރު ދާނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް. ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި އެމީހުންގެ ކަންތައްތައް ދަށަށްގޮސް، އެއީ އެއްވެސް ބާރެއް އާރެއް ހުރި ބައެއް ކަމުގައި ނުވާނެ. އެއީ އަޅުގަނޑުމެންގެ މާތް ދީނުގައިވެސް އަންގަވައިފައިވާ އާޔަތްތަކުންނާއި ޙަދީޘްތަކުން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗެއް. ހަމައެފަދައިން، އަޅުގަނޑުމެންގެ ވަށައިގެން ފެންނަން ހުންނަ ތަޖުރިބާތަކުންވެސް އެންމެންނަށްވެސް ރަނގަޅަށް އެނގޭނެ ކަމެއް. އެހެންވީމާ، އެބާވަތުގެ ކަންކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، އަދިވެސް އެއްފަހަރު މުންޑޫގެ ވެރިންނަށާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން. އަޅުގަނޑު އެދެނީ، އެއްދުވަހުން އަނެއް ދުވަހަށް މުންޑޫގެ ކަންތައްތައް އިޞްލާޙުވެ ތަރައްޤީވަމުން ދިޔުން. ހަމައެފަދައިން، މިއަތޮޅުގެ ރައްޔިތުންނަށްވެސް މިއަދަށްވުރެ ތަނަވަސް މުސްތަޤްބަލެއް ފެނިގެން ދިޔުން. ހަމައެއާއެކު މުޅި ރާއްޖެއަށްވެސް އަޅުގަނޑުމެން ބޭނުންވާ ފާގަތި ތަނަވަސް ދުވަސްތައް اللّـه سبحـانـه وتعـالى ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.